Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުރުވާހަކައުފެއްދުންތެރި ލިޔުންއެހެނިހެންމަޖާ

އެދަތުރު

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
January 30, 2025 9 Mins Read
4 Comments

ނޯޓް : މިއީ އަޅުގަނޑުގެ ފުރަތަމަ ފިކްޝަނަަލް ވާހަކަ ކަމަށްވުމުން ކޮންމެވެސް ވަރަކަށް ކުށް ހުރެދާނެއެވެ. ފިކްޝަނަލް ވާހަކައެއްކަމުން މި ވާހަކަގައި އާދަޔާ ހިލާފު އެތައް ކަމެއް ހިމެނޭނެއެވެ.

ފަތިހުގެ ހިތްގައިމު ވަގުތެވެ. ޖައްވުގައި ހިފައިލާފައިވާ ތެތް ފިނިކަމުން ހީކަރުވާހައެވެ. ކޮވެއްޔާއި އެހެނިހެން ދޫނި ސޫފާސޫފީގެ އަޑުން މުޅި މާހައުލުވަނީ އެއްއަޑުކޮށްލާފައެވެ. ފިނިފެންމާ ގެއިން އިވިގެން ދަނީ ކުޑަކުދިންނާއި ބޮޑެތި މީހުން ހޭލައިގެން އުޅޭއަޑެވެ. ފިރެހެނުންނާއި ފިރެހެންކުދިން މިސްކިތަށް ނަމާދަށް ފޮނުވައިލާ އަންހެންވެރިން ގޭގައި ނަމާދު ކުރިއެވެ. އެއަށްފަހު ތައްޔާރުވާން ފެށީ ކައިރީގައި އޮތް ފަޅު ރަށެއް ކަމަށްވާ އަސްދޫއަށް ދަތުރުދާށެވެ. އަންހެންވެރިން ދިޔައީ ގެންދާ އެއްޗެހި ތައްޔާރު ކުރަމުންނެވެ. ފިރެހެންވެރިން އެތަކެތި ލާންޗަށް އެރުވުމައިގެން އުޅުނެވެ.

އޭރު ކޮޓަރިއެއްގައި ދެ އަންހެންކުދިން ތިއްބެވެ. ޝަފާ އާއި އާރާ ދިޔައީ ދަތުރަށް އެކުދިން ގެންދާ ތަކެތި ދަބަހަށް އަޅަމުންނެވެ. ” ސާބަހޭ ޝަފައްތާ ހާދަ ބައިވަރު ހެދުމެކޭ ތިގެންދަނީ.. އަޅެ އޯވަރ ނައިޓްއަކަށްނުން މި ދަނީ.. ދެން ކީއްކުރާ ހެދުންބޮޑިއެއްތަ؟ ” ސާދަ އަހަރުގެ އާރާ ފަނަރަ އަހަރުގެ ޝަފާއާއި ދިމާލަށް ބުންޏެވެ. މި ދެކުދިންނަކީ ދެބެންގެ ދަރި ކުދިންނެވެ. ” އަބަދުވެސް ކޮންމެ ކަމަކަށްވެސް ތައްޔާރުވެގެން ހުންނަންވާނީ.. ފަޅުރަށެއްވިއްޔާ ޖިންނިންވެސް އުޅޭނެ.. ” ބިރުވެރި ރާގަކަށް ވައި އަޑުން އާރާ ބިރުގަންނުވާލުމަށްޓަކައި ޝަފާ ބުންޏެވެ. ” ދެން ތިބުނަނީ ޖިންނިން ޝަފައްތަގެ ހެދުންތައް ނަގާތީއޭތަ އެހާވަރަށް ހެދުން ގެންދަނީތި؟.. ” އާރާ ހިނިއައިސްފައި ބުންޏެވެ.

” މަންމަމެން ބުނީ ދެމީހުން އަވަސް ކުރާށޯ ނޫނީ ދެމީހުން ނުލާޔޯ ދާނީ.. ” ޒާކިން ބުންޏެވެ. އެއާއިއެކު އާރާއާއި ޝަފާ އެއްއަޑަކުން ނޫނެކޭ ކިޔާ އަވަސް ކުރަންފެށިއެވެ. ދެމީހުން ތައްޔާރުވެގެން ނުކުތްއިރު އެންމެން ތިބީ ތައްޔާރުވެގެންނެވެ. ފަހަރަކު މީހެއް ލާންޗަށް އަރަމުން ގާތްގަޑަކަށް މުޅިއެކު ވިހި މީހުންނާއިއެކު ލާންޗު ދުއްވާލިއެވެ. ލާންޗް ތެރެއިން އިވެމުންތިޔައީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހުނުމުގެ އަޑެވެ. އާރާއާއި ޝަފާ ދިޔައީ އެކުދިންގެ ދެބެންދެދަރި ކޮއްކޮމެނާއި އެކު ކުޅެ ސަކަރާތް ޖަހަމުންނެވެ. ޒާކިން އާއި އޭނާގެ ބައްޕަ ދިޔައީ ކަނޑަށް ދޮށިއުކަމުންނެވެ. ޝަފާގެ ބައްޕަ ދިޔައީ ލާންޗު ދުއްވަމުންނެވެ.

މަޖަލާއި ސަކަރާތުގައި ތިއްބައި ލާންޗު އަސްދޫއަށް ލެފިއެވެ. ފެހިކަންގަދަ ގަސްތަކެއް ހުރިއިރު، ރީތި ހުދު ދޮންވެލި ފަސްގަނޑުގައި ކަކުނިތައް ދިޔައީ ދުވަމުންނެވެ. މަޑު ނޫކުލައިގައި އޮތް މޫދަށް ކޮންމެ މީހަކުވެސް އެރޭހިތްވާނެކަން ޔަގީނެވެ. އަސްދޫއަށް ކިރިޔާ ކައިރިކޮށްލި ތަނާހެން ޒާކިން މޫދަށް ފުންމައިލިއެވެ. ޒާކިން ފެންޖަހަން ފެށުމުން ޝަފާމެން ހަޅޭއްލަވަމުން އަވަހަށް ލާންޗުން ފައިބައި ރަށަށް އެރިއެވެ. އެކުދިން ދަބަސްތަށް ހިފިއިރު އެކުދިންގެ މައިންބަފައިން އައީ ކައްކާ ސާމާނު ހިފައިގެންނެވެ. ޒާކިންގެ ބައްޕަ ބޭނުނު މަސްތައް ހިފައިގެން އައިސް އެތާހުރި މަސްކަނޑައިގައި ބެހެއްޓިއެވެ.

ޝަފާ އާއި އާރާ އެކުދިންގެ ކޮއްކޮމެން ގޮވައިގެން ގަހެއްގެ ބުޑުގައި އިށީނެވެ. ގަސްފެނުމުން 8 އަހަރުގެ ލައިކާ ގަހައްއަރަން ފެށިއެވެ. އެއީ މަދު ގަހެއްކަމުން އޭނަ ގަހަށް އަރައި މަދު ބިނދެގެން ކާންފެށިއެވެ. ” ލައީ އެއްލަބަ މަދެއް.. ” ޔައިނީ ގޮވައިލިއެވެ. ޔައިނީ ގޮވައިލުމާއިއެކު ލައިކާ އަތުގައި ހުރި މަދުތައް ފޮރުވައިލިއެވެ. ޔައިނީ ތުންދަމާލިއެވެ. ޒާކިންއަށް މިތަން ފެނުމުން ގަހަށް އަރަން ފެށިއެވެ. އޭނަ މަދު ބިނުމަށްފަހު ޔައިނީމެންނަށް އެއްލިއެވެ.

މެންދުރު ވަގުތުވުމުން ނަމާދުކޮށްގެން މަންމަމެން ކާންގޮވުމުން ހުރިހާ ކުދިން ދިޔައީ ކާށެވެ. ކައި ނިމުމުން އިރުކޮޅަކު އަރާމުކޮށްލަން ތިބުމަށްފަހު، ޒާކިން ފައިގަ ތަޅާ ކުޅެން ކިޔަން ފެށުމުން އެކުދިން ފައިގަތަޅާ ކުޅެން ދިޔައެވެ. ފޯރިގަދަކަމާއިއެކު ކުޅެމުން ގޮސް ކުއްޖަކަށްފަހު ކުއްޖެއް ބަލިކުރަމުން ދިޔައެވެ. އެންމެފަހުން ގޮޅި ތެރޭގައި ހަމައެކަނި ހުރި ކުއްޖަކަށްވީ ޒާކިންއެވެ. ޝަފާ އާއި އާރާ ޒާކިން ބަލިކުރުމަށްޓަކައި ބޯޅަ ޖަހަން ފެށިއެވެ. ޔައިނީ އާއި ލައިކާ ގުނަން ފެށިއެވެ. ” ޒަކޫ މޮޅުވެއްޖެއްޔާ ގެނައި ހުރިހާ މާޝްމެލޯއެއް ޒަކޫއަށް އެނގޭ.. ” ޒާކިން ބޯޅައިން ރެކެމުން ބުންޏެވެ.

އެއާއިއެކު ހަ އަހަރުގެ އައިލީ ނޫނެކޭ ކިޔާ ހަޅޭ ލަވައިގަތެވެ. ” ދޮންތާ، ޝަފައްތާ ޒަކޫބެ ބަލިކޮށްލަބާ.. ” އައިލީ ކިޔަން ފެށިއެވެ. ޔައިނީ އާއި ލައިކާ ގުނަމުން އެގާރައޭ ބުނިވަގުތު ޝަފާ ޖެހި ބޯޅައިން، ޒާކިންގެ ފައިގައި ޖެހި ޒާކިން ބަލިވިއެވެ. އައިލީ އަތް ޖަހަމުން ފުންމަން ފެށިއެވެ. ” ޔޭޔޭ.. ޒަކޫބެ ދެރަވީމަ ޒަކޫބެއަކަށް މާޝްމެލޯ ނުލިބޭނެޔޯ.. ހަހާ.. ” އައިލީ ހެމުން ބުންޏެވެ. ” ހެވޭ ހެވޭ.. ” ޒާކިން ތުން ދަމާލަމުން ބަލި ގަބޫލުކުރިއެވެ. އަސުރު ބަންގި ގޮވުމުން ހުރިހާ ކުދިން ނަމާދުކޮށްލިއެވެ. ނަމާދުކޮށް ނިމުމުން މޫދަށް އެރޭ ސްވިމިން ސޫޓް ލައިގެން ހުރިހާ ކުދިން ދިޔައީ މޫދަށް އެރޭށެވެ.

ޝަފާ މޫދަށް ފައިބަން އުޅެނިކޮށް ކަޅުކުލައިގެ ފިޔައެއް އޭނަގެ ކުރިމައްޗަށް ވެއްޓުނެވެ. ދެން މަގެއް ފަދައިން ފިޔަތައް ވެއްޓެންފެށިއެވެ. ޝަފާ މަޑުމަޑުން އެ ފިޔަތައް ފަހަތުން ހިނގައިގަތެވެ. ހަމަ އެވަގުތު އާރާ ސްވިމިންސޫޓް ލައިގެން އައިސް މޫދުގެ ފެންގަނޑުގައި ފައި ޖައްސާލި ތަނާހެން ފާޑެއްގެ ނޫކުލައިގެ އަލިގުޅައެއް އޭނާ ފައި ކައިރިން ފާޅުވިއެވެ. އެ އަލިގުޅަ ގާތުން ކުދި ކުދި އެހެން އަލިގުޅަތައް ފާޅުވާން ފެށިއެވެ. އެ އަލިގުޅަތަކުގެ މިސްރާބު ހުރީ ދޮންވެލިފަސްގަނޑުން ގޮސް، ގަސްތަކުން ފުރިފައި ހުރި ވަލަށްށެވެ. އާރާވެސް އެ އަލި ގުޅަތައް ފަހަތުން ހިނގައިގަތެވެ.

ދެކުދިން ބައްދަލުވެގެން ދިޔައީ ގަސްތަކުން އުފެދިފައިވާ ކުޑަ ހޮހަޅައެއްފަދަ ތަނެއްގެ ކުރިމަތިންނެވެ. އޭރު ޝަފާއަށް ފެނުން ފިޔަތައް އެތާތެރެއިން ފެންނަމުން ދިޔައެވެ. ހަމައެހެންމެ އާރާއަށް ފެނުނު އަލިގުޅަތަށްވެސް އެތަނަށް ވަދެގެން ދެއެވެ. އެ މަގު އޮތީ ދެކަފިވެފައިކަމުން ފިޔަތައް އެއްމަގެއްގައި އޮތް އިރު އަލިގުޅަތައް ވަނީ އަނެއް މަގުގައެވެ. ” އާއްކޯ؟ ކިހިނެތް މިތަނަށް އައީ؟ ” ޝަފާ އާރާ ގާތު އަހައިލިއެވެ. ” އެ އަލިގުޅަތަކަށް ފޮލޯ ކުރީމަ މިތަނަށް އާދެވުނީ.. މީ ކޮންތަނެއް؟ ” އާރާ އެތަނަށް ބަލައިލަމުން އަހައިލިއެވެ. ” ޝަފައްތައަކަށްވެސް ނޭނގެ.. އެކަމް ހިނގާބަ ވަންނަން.. ދިސް މައިޓް ބީ އެން އެޑްވެންޗަރ ” ޝަފާ ޝައުގުވެރި ރާގަކަށް ބުންޏެވެ.

” އައި ޑޯންޓް ނޯ.. ފާޑަކަށް ބިރުވެރިއެއްނުން.. ” އާރާ ބޯކަހައިލަމުން ބުންޏެވެ. ” ކަމްއޯން.. ޑޯންޓް ބީ އަ ސްކޭޑީކެޓް އާރީ.. ” ޝަފާ ހިނިއައިސްފައި ބުންޏެވެ. އާރާ ފަހަތުން އަންނާނެކަން އެނގިހުރެ ޝަފާ އެތަނަށް ވަދެގެން ދިޔައެވެ. އާރާވެސް އިރުކޮޅަކު އެތާ ހުރެހުރެފައި ވަދެއްޖެއެވެ. ޝަފާ އޭނައަށް ފެނުނު ކަޅުކުލައިގެ ފިޔަތައް ފަހަތުން ހިނގައިގަތެވެ. އާރާވެސް ދުޔައީ އޭނައަށް ފެނުނު ކުޑަ އަލިގުޅަތައް ފަހަތުންނެވެ.

ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔަތަނާހެން ޝަފާއަށް ރީދޫކުލައިގެ ޓޭޕް އަޅައިފައިވާ ސަރަހައްދަކަށްދެވުނެވެ. ޝައުގުވެރިކަމާއިއެކު ތަންތަން ބަލަމުން އެ ޓޭޕްތައް މަތިން އޭނަ ދިޔައެވެ. އެވަގުތު ހަނިކޮށް ހުރި ކަޅުކުލައިގެ ގޭޓެއް އޭނައަށް ފެނިގެން ދިޔައެވެ. އެ ގޭޓުން އެތެރެއަށް ވަދެވުން އިރު ގޮޑިއެއްގައި ކަޅުކުލައިގެ ހިލިހިލާޖަހައި އައްސާފައި ހުރި ފިރެހެން ކުއްޖެއް އޭނަގެ ލޮލުގައި އަޅައިގަތެވެ. އެކުއްޖާގެ ބޮލުގައިވަނީ ރާއްޖެއިން ނުފެންނަ ފަދަ އަޅިކުލައިގެ ދަޅައަޅައަޅާ ހުރި ފަން އިސްތަށިކޮޅެކެވެ. އެކުއްޖަ އިނީ އިސްޖަހައިގެން ކަމަށްވުމުން ޝަފާއަކަށް އެކުއްޖަގެ މޫނެއް ނުފެނުނެވެ. ކުއްލިއަކަށް ކަޅުކުލައިގެ ކާޅެއް އައިސް އެކުއްޖާގެ ކޮނޑުގައި ޖެއްސިއެވެ.

” ތީ ކާކު؟ ” ޝަފާ އެކުއްޖާއާ ފަސްފޫޓު ދުރުގައި މަޑުކޮށްލަމުން އަހައިލިއެވެ. ” އަހަރެންނަށް ކިޔަނީ ސައިލެސް.. އަހަރެން ޝަފާ މިތަނަށް ގެނައީ އަހަރެންގެ ހިލިހިލާ ނައްޓައިދޭން.. ” ސައިލެސް ބުންޏެވެ. ” ޝަފާ މިތަނަށް އަމިއްލައަށް އައީ ގެނައީކީއެއްނޫން.. ” ޝަފާ ހަށަންބަނދެލަމުން ބުންޏެވެ. ” އަހަރެންގެ ކާޅު ޝަފާ މިތަނަށް ގެނައީ.. އޭގެ ފިޔަތައް ފަހަތުން ޝަފާ މިތަނަށް ތިއައީ.. ” ސައިލެސް ޝަފާ ބުނި ވާހަކަ ރަނގަޅުކޮށްދިނެވެ. ” ޝަފާ ކީއްކުރަން ސައިލެސްގެ ހިލިހިލާ ނައްޓައިދޭންވީ.. ތި ކަހަލަ އެއްޗެއް މީހަކު ގައިގަ ޖަހާނީ ވަރަށް ނުރައްކާތެރިވީމަ.. ” ޝަފާ ބުންޏެވެ.

” ވަރަށް ނުބައި މީހެއް އަހަރެންގެ ގައިގައި މި އެއްޗެހި ޖަހާފަ ދިޔައީ.. މިޗޭނުތަށް ނެއްޓޭނީ ހަމައެކަނި ޝަފާއަށް.. ޕްލީޒް ހެލްޕް މީ… ” ސައިލެސް އާދޭހާއިއެކު ބުންޏެވެ. ސައިލެސް އެހެން ބުނުމުން ޝަފާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ” ކިހިނެތް ތީތި ނައްޓަން ހަދަންޖެހޭނީ؟ ” ދެ ފިކުރެއްގައި ހުރެފައި ޝަފާ އަހައިލިއެވެ. ” މެފެސްޓޯ ގެންގޮސްދޭނެ މިތަނުގަ ހުންނަ ދޮރެއްގެ ކައިރިއަށް.. އެތަނުން ފެންނާނެ ރަތްކުލައިގެ ޖެމްއެއް ކަހަލަ އެއްޗެއް.. އޭތި ހިފައިގެން އައިސް ހިލިހިލާގައިއިން ލޮކްއަށް ލައްވާނީ.. ” ސައިލެސް ކަންތައް ކުރަންޖެހޭ ގޮތް ކިޔައިދިނެވެ. އޭރުވެސް އޭނަ އިނީ އިސްޖަހައިގެންނެވެ.

” މެފެސްޓޯއަކީ ކޯއްޗެއް؟ ” ޝަފާ އަހައިލިއެވެ. ” އަހަރެންގެ ކާޅަށް ކިޔާ ނަން.. ” ސައިލެސް ބުންޏެވެ. ” ކީއްވެ އިސްޖަހައިގެން ތިއިންނަނީ؟ ” ޝަފާ އަހައިލިއެވެ. ” މޫނު ނުދައްކާކަށްނުން.. ” ސައިލެސް ހަމަޖެހިލާފައި ބުންޏެވެ. ” އެއީ ކީއްވެ؟ ” ޝަފާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. ” ދައްކާނަން ޝަފާ އެ ޖެމް ހޯދާފިއްޔާ މާގިނަ ސުވާލުތައް ނުކޮށް.. ” ސައިލެސް ބުންޏެވެ. ޝަފާ ބޯޖަހައިލަމުން ސައިލެސް ބުނިގޮތަށް ކަންތައް ކުރަން ފެށިއެވެ.

އާރާ އަލިގުޅަތަށް ފަހަތުން ދިޔަވަގުތު ކުއްލިއަކަށް ފާޑެއްގެ އެއްޗެއް ހަޅޭލަވައިގަތް އަޑު އިވުނެވެ. އެއާއިއެކު ބިންގަނޑަށް ވަރުގަދަ ގުޑުމެއް އެރިއެވެ. ކުއްލިއަކަށް ކަޅާއި ކަނޑުނޫކުލައިގެ ބޮޑު ދުންގަނޑެއްހެން ހުރި އެއްޗެއް އާރާގެ ކުރިމައްޗަށް އެރިއެވެ. އޭތި މޫނެއްގެ ސިފަވާހެންވެސް ހީވެއެވެ. އޭގެ ދެލޯ ހުރީ ހުދު ކުލައިގައެވެ. އޭތި އަނގަ ހުޅުވައިލައި މަޑުނޫކުލައިގެ އެއްޗެއް އާރާއާއި ދިމާލަށް ދޫކުރަން އުޅެނިކޮށް، ކަނޑިއެއް ހިފައިގެން ހުރި ފިރެހެން ކުއްޖެއް އޭނާގެ ކުރިމައްޗަށް އެރިއެވެ.

އެކުއްޖާގެ އިސްތަށިކޮޅު ހުރީ އަޅިކުލައިގައެވެ. އެކުއްޖާގެ ދެލޯ ހުރީ ކަނޑު ނޫ ކުލައިގައެވެ. ބައެއްފަހަރު އޭނަގެ ދެލޯ ނޫކުލައިގެ މަޑު އައްޔަކުން ދިއްލޭހެންވެސް ހީވެއެވެ. އޭނަ އެ ކަނޑި ކުރިމައްޗަށް ނަގައިގެން ހުރުމުން އެ ނޫކުލައިގެ އަލިތައް ދެޔައީ ކަނޑީގައި ޖަހިފައި ދެކޮޅުންނެވެ. އެ ފިރެހެން ކުއްޖާ ވަރަށް އުނދަގުލުންގޮސް އޭގެ މެޔަށް ކަނޑި ހަރައިލުމާއި އެކު ފާޑެއްގެ އަލިގަނޑެއް އަރައި އޭތި ލޯމަތިން ގެއްލިގެން ދިޔައެވެ.

” އެއީ ކޯއްޗެއް؟ ތީ ކާކު؟ ” ހާސްވެ ބިރުގަނެފައިހުރެ އާރާ އަހައިލިއެވެ. ” އެއީ މިތަނުގައި އުޅޭ ނުބައި ޖިންނިތަކުގެ ތެރެއިންވާ އެއްޗެއް.. އަހަރެންނަށް ކިޔަނީ ޒޭވިއާރ.. ތީ ކާކު؟ ކިހިނެތް މިތަނަށް ތިއައީ؟ ” ޒޭވިއާރ އާރާ ގާތު ސުވާލުކޮށްލިއެވެ. ” އާރާ ކިޔަނީ.. ފާޑެއްގެ ބްލޫ ލައިޓްތަކަކަށް ފޮލޯ ކުރީމަ މިތަނަށް އާދެވުނީ.. އޯ މައި ގޯޑް.. އޭގެ ބައިވަރު އެއްޗެހި މިތާ އުޅޭނެތަ؟ އާރާގެ ކަޒިންއެއް ވެސް އެބަ އުޅޭ މިތާ.. ” ހާސްވެފައި އާރާ ސުވާލުކޮށްލިއެވެ. ” އާން އުޅޭނެ.. އާރާގެ ކަޒިން ހޯދަން ދާން ހިނގާ މިކަހަލަ ތަންތަނުގަ އެކަނި އަންހެންކުދިން އުޅޭކަށްނުވާނެ.. ” ޒޭވިއާރ ބުންޏެވެ.

ޒޭވިއާރ އާއި އާރާ، ޝަފާ ހޯދަން ދާން ހިނގައިގަތެވެ. އާރާއަށް ދިޔައީ ޒޭވިއާ ހިފައިގެން ހުރި ކަނޑިއާއި ދިމާލަށް ބެލެމުންނެވެ. އެ ކަނޑި ދިޔައީ ހަނދުވަރުގެ މަޑު އަލީގައި ދަޅައަޅަމުންނެވެ. ރޭގަނޑުގެ އަނދިރީގައި ޒޭވިއާރ ދިޔައީ ފަރިތަ ކަމާއިއެކު ވަލުގައި ހިނގަމުންނެވެ. އާރާ ޒޭވިއާރގެ މޫނަށް ބަލައިލި ވަގުތު ދެލޯ މަޑު ނޫ ކުލައަކުން ދިއްލޭތަން ފެނުނެވެ. އާރާގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. އަވަސް އަވަހަށް ޒޭވިއާރ އާއި ދުރަށް ދުއްވައިގަތެވެ. އާރާ ދިޔައީ ޝަފާއަށް ގޮވަމުންނެވެ. ކުއްލިއަކަށް އައިނައިތަނެއް ނޭނގި ޒޭވިއާރ އާރާގެ ކުރިމައްޗަށް އެރިއެވެ. އާރާ ހަޅޭއްލަވައިގަތެވެ.

” އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް.. ހަޅޭއް ނުލަވަބަލަ.. ” ޒޭވިއާރ އަމާންދޭ ފަދައިން އަތް މައްޗަށް ނަގާލަމުން ބުންޏެވެ. ” ތީ.. ތީ ވެސް އިންސާނެއް ނޫން ދޯ.. ” ތުރުތުރުއަޅާ އަޑަކުން ބިރުން ހުރެ އާރާ އަހައިލިއެވެ. ” އާރާ ބިރުނުގަނެބަލަ.. އާން އަހަރެން މީ އިންސާނެއްނޫން.. އެކަމަކު އަހަރެން އާރާއަށް ކަމެއް ނުކުރާނަން.. ” ޔަގީން ކަމާއިއެކު ޒޭވިއާރ ބުންޏެވެ. ” ތީ ވެސް އެކަހަލަ ޖިންނިއެއްތަ؟ ” އާރާ ބިރުންހުރެ އަހައިލިއެވެ. ” އަހަރެން މީ އެކަހަލަ ޖިންނިއެއް ނޫން، އަހަރެން އިންސާނުންނަކަށް އެއްވެސް ދެރައެއް ނުދެން.. އަހަރެން ބޭނުންވަނީ އާރާއަށް އެހީވާން.. އަނިޔާއެއް ދޭކަށެއް ނޫން.. ” ޒޭވިއާރ ޔަގީންކަމާއިއެކު ބުންޏެވެ. އާރާ ކުޑަކޮށް ހަމައަކަށް އެޅިލިއެވެ. ” އާރާގެ ކަޒިން ހޯދަން ދާން ހިނގާ.. ޓްރަސްޓް މީ.. ޔޫއާރ ސޭފް ވިތް މީ.. ” ޒޭވިއާރ ބުންޏެވެ. އާރާ މަޑުމަޑުން ބޯޖަހައިލަމުން ޒޭވިއާރ އާއިއެކު ހިނގައިގަތެވެ.

މެފެސްޓޯގެ ފަހަތުން ޝަފާ ހިނގައިގަތެވެ. އެ ކަޅުކުލައިގެ ކާޅު ޝަފާ ގެންދިޔައީ ކަޅުކުލައިގެ ދަނގަޑުދޮރަކާއި ދިމާލަށްށެވެ. އެ ދޮރުގައި ސައިލެސް ބުނި ފަދައިން ރަތްކުލައިގެ ދިއްލިދިއްލިއިން ޖެމްއެއް ޝަފާއަށް ފެނިގެން ދިޔައެވެ. ޝަފާ އޭގައި އަތްލުމާއިއެކު އޭތި ޝަފާގެ އަތަށް ވެއްޓުނެވެ. މެފެސްޓޯ އެޖެމް ޝަފާ އަތަށް ލިބުމުން އުފާ ފާޅުކުރާ ފަދައަކުން ‘ ކާކާ ” ލައްވައިލިއެވެ. ޝަފާ ދިޔައީ ސިއްސައިގެންނެވެ. އެ ކާޅާ ދިމާލަށް ލޯއަޅައިލުމުން އޭތި އުނދުހިފައި ސައިލެސް ހުރި ދިމާލަށް ދާން ފެށިއެވެ. ޝަފާވެސް މެފެސްޓޯ ފަހަތުން ސައިލެސް ހުރި ތަނަށް ދާން ހިނގައިގަތެވެ. ސައިލެސްއަށް ޝަފާއައިކަން އެނގުމުން އެއްމިޔަކަނުން ހީލިއެވެ.

” އަހަރެންގެ މޭ ކައިރި އިން ހިލިހިލާގެ ލޮކްއަށް ތި ޖެމް ލައްވާލާ.. ” ސައިލެސް ބުންޏެވެ. ޝަފާ ސައިލެސް ބުނި ފަދައިން އަމަލުކުރިއެވެ. ކުއްލިއަކަށް އިވިގެން ދިޔައީ ބާރު ގަދަ އަޑުފަށްގަޑެކެވެ. ދެން ސައިލެސްގެ ހަށިގަނޑުގައި ޖަހާފައި ހުރި ހިލިހިލާތަށް ނެއްޓި އެ ރަތްކުލައިގެ ޖެމް އޭނަގެ މޭތެރެއަށް ވަދުނެވެ. ހިލިހިލާ ނެއްޓުމުން ސައިލެސް ގޮޑިން ތެދުވިއެވެ. އެވަގުތު އޭނަގެ ބުރަކަށި ފަޅާލާފައި ވާލުގައި ހުންނަ ފަދަ ކަޅު ފިޔަގަނޑެއް ނުކުމެގެން ދިޔައެވެ. ގަދަ ކަޅުކުލައިގައި ހުރި އެ ފިޔަގަނޑު ހުރީ ވަރަށް ވަރުގަދަކޮށް ބިޔަކޮށެވެ. އެ ފިޔަގަނޑު ހުރީ ‘ޑްރެގެން’ގެ ފިޔަގަނޑު ހުންނަ ފަދަ ގޮތަށްށެވެ. ސައިލެސްގެ ދެލޯ ފެނި ޝަފާއަށް ހީވީ އޭނަ ލާން އުޅުނު ނޭވާ ކަރުގަ ތާށިވިހެންނެވެ. ސައިލެސްގެ ދެލޮލުގެ ކަޅި ހުރީ ގަދަ ރަތް ކުލައިގައެވެ. އޭނަގެ ދެލޯ ދިޔައީ ރަތް ކުލައިން ދިއްލެމުންނެވެ.

ސައިލެސް ޝަފާ އާއި ދިމާލަށް ފިޔަވަޅު އަޅަން ފެށުމުން ޝަފާއަށް ފަހަތަށް ފިޔަވަޅު އެޅެން ފެށުނެވެ. ” އަހަރެންދެކެ ބިރުންތަ؟ ” އެއްމިޔަކަނުން ހީލަމުން ސައިލެސް އަހައިލިއެވެ. ” ތީ ކޯއްޗެއް ” ބިރުންހުރެ ޝަފާ އަހައިލިއެވެ. ” ހަމަ ނޭންގިގެންތަ ތި އަހަނީ؟ ” ބޯ އަރިކޮށްލަމުން ސައިލެސް އަހައިލިއެވެ. ” ޖިންނި؟ ” ޝަފާ ހިތާހިތުން ބުންޏެވެ. ޝަފާ ހިތާހިތުން ކުރުސި ކިޔަވަން ފެށިއެވެ. އާރާ ބިރުގަންނުވަން މިއަދު ހެނދުނު ޖިންނީގެ ވާހަކަ ދެއްކުނު މޮޔަ ހިތަށް އެރިއެވެ. ސައިލެސް ހޭންފެށިއެވެ. ” ރިލޭކްސް.. އަހަރެން ނޫޅެން ޝަފާ ކާލާކަށް.. އަހަރެންނަށް އެހީވެދިން ކުއްޖަކަށް އަހަރެން ކީއްކުރަން ގެއްލުމެއް ދޭންވީކީއެއް.. ހިނގާ މިތަނުން ދާން.. އަހަރެން މިނިވަންވިކަން އެނގިއްޖެއްޔާ އެމީހުން އަހަރެން ހޯދާނެ.. ” ސައިލެސް ބުންޏެވެ.

” ކޮންބައެއް؟ ” ޝަފާ ބިރުންހުރެ އަހައިލިއެވެ. ” އަހަރެންގެ ދުޝްމަނުން.. ތިކުއްޖާގެ ބަހުރުވައިން ނަމަ، އެނިމީސް.. ހިނގާ ދެންވެސް އަވަހަށް ދާން.. ” ސައިލެސް ބުންޏެވެ. ” އާރީވެސް ދިޔައީ އަލިކޮޅުތަކެއް ފަހަތުން.. ” ޝަފާ އާރާ މަތިން ހަނދާންވުމުން ބުންޏެވެ. ” އާރާ ހުރީ ސޭފްކޮށް، އަހަރެންގެ ކޮއްކޮ އާރާއާއެކު ހުރީ.. ހިނގާ އެމީހުން ކައިރިއަށް ދާން.. ” ސައިލެސް އެހެން ބުނުމުން ޝަފާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަދި ސައިލެސްގެ ފަހަތުން ހިނގައިގަތެވެ. ކުޑައިރުކޮޅަކު ވަލުތެރޭ ހިނގައިލިފަހުން ޒޭވިއާރ އާއި އާރާ ފެނުނެވެ. ޝަފާ އަވަހަށް އައިސް އާރާ ގައިގައި ބައްދާލިއެވެ. ” އަހަރެން ހީކުރީ ދޮންބެ އެމީހުންގެ ހައްޔަރުގަކަމަށް ހުރީ..” ޒޭވިއާރ ސައިލެސް އާއި ދިމާލަށް ބަލައިލަމުން ބުންޏެވެ. ” ޝަފާ އަހަރެން މިނިވަންކޮށްދިނީ.. އެ ޖެމް ދޮރުގަ ހަރުކޮށްފަ ހުންނައިރު އިންސާނަކަށް ނޫނީ އޭގައި އަތެއް ނުލެވޭ.. ” ސައިލެސް ޒޭވިއާރ އާއި ދިމާލަށް ބުންޏެވެ.

ސައިލެސް އާއި ޒޭވިއާރ، ޝަފާމެންގެ ޓެންޓްތައް ހުރި ދިމާލަށް ދާން އުޅެނިކޮށް ފާޑެއްގެ ނުލާއި ދަނބުކުލައިގެ ދުންތަކެއް އެމީހުން ވަށައިގެން ބައްދާލިއެވެ. ސައިލެސް، ޝަފާ އޭނަގެ ފަހަތަށްލިއިރު، ޒޭވިއާރ، އާރާ އޭނަގެ ފަހަތަށްލިއެވެ. އަދި ކަނޑި ނަގައި އަންހެންކުދިންތައް ރައްކާތެރި ކުރުމަށް ތައްޔާރުވެލިއެވެ. އާރާ ހުރީ ޝަފާގެ އަތުގައި ބާރަށް ހިފައްޓައިގެންނެވެ. ދުންގަނޑު ސާފުވެ ފާޑެއްގެ އެއްޗެއް ފާޅުވެގެން ދިޔައެވެ. އޭގެ ދެލޮލުން ހީވަނީ ހުދުކުލައިގެ އަލިފާންކަނިބުރާހެންނެވެ. ކަނޑު ނޫކުލައިގެ މޫނު ހުރިގޮތުން އެއީ އާރާއަށް ފެނުނު އެތި ފަދަ އެއްޗެއްކަން އާރާއަށް އެނގުނެވެ. ނަމަވެސް އޭގައި ސައިލެސްގެ ފިޔަގަނޑު ފަދަ ފިޔަގަނޑެއްވެއެވެ. އެ ފިޔަގަނޑު ހުރީ ކަނޑު ނޫކުލައިގެ ފައިދިގު މަކުނު، ވާ ފުރާހެން އެކި ތަންތަނަށް ނޫ ކުލައިގެ ވާ ފުރާފައެވެ.

” މިރޭ ކަލޭމެންނާ، ކަލޭމެނަށް އެހީވި ދެ އިންސީންގެ ދުވަސް ދުއްވާލާނަން..” ބިރުވެރި ބަރު އަޑަކުން އޭތި ބުންޏެވެ. ޝަފާއާއި އާރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ” ކަލޭ ތިގޮތުގައި ހުންނަ ނަމަ މިރޭ މީ ކަލޭގެ އެންމެ ފަހު ރެއަށް ކަމަށް ބަލާ.. ” ސައިލެސް ބުންޏެވެ. ސައިލެސް އެހެން ބުނުމާއިއެކު އޭތި ސައިލެސްއާ ދިމާލަށް ޖެހިގަތެވެ. ސައިލެސް އޭނާގެ ފިޔަގަނޑުގައި ވައި އަޅުވައިލަމުން މައްޗަށް އުދުއްސައިގަތެވެ. އޭތިވެސް ސައިލެސްގެ ފަހަތުން މައްޗަށް އުދުއްސައިގަތެވެ. ޒޭވިއާރ، އާރާއާއި ޝަފާ ބޮޑުގަސްގަނޑެއްގެ ފަހަތަށްލައި ފޮރުވައިލިއެވެ. ޒޭވިއާރވެސް އޭތީގެ ފަހަތުން މައްޗަށް އެރިއެވެ. ބާރުގަދަ އަޑުތައް އިރުއިރުކޮޅަކާ އިވެމުން ދިޔައެވެ. އަދި އެ ޖިންނިއާއި ސައިލެސްމެން ޖެހިގަންނަ ކޮންމެ ފަހަރަކު އަލިގަނޑެއް އަރައިގެން ދެއެވެ.

ފަތިސް ނަމާދު ބަންގި ގޮވި ވަގުތު ބަލިވެފައިހުރި އެ ނުބައި ޖިންނި، ބާރުގަދަ އަޑެއް ގޮވައި އަލިތަކެއް ފަދައިން ބުރައިގެން ދިޔައެވެ. ސައިލެސް އާއި ޒާވިއާރ ތިރިއަށް ފޭބިއެވެ. އާރާ އާއި ޝަފާ ފިލާ ހުރިތަނުން ނުކުތުނެވެ. ” ދެން ހިނގާ ދާން.. އާރާމެންގެ މަންމަމެން ހޯދާނެ މިހާރު.. ” ޒޭވިއާރ ބުންޏެވެ. އާރާ ހާ ފުރެމުން ބޯޖަހައިލިއެވެ. އެރޭ އެއްވަރަކަށްވެސް ނުނިދާ ހުރުމުން އާރާއާއި ޝަފާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ހުރިހާ ކުދިން އެއްކޮށް ޓެންޓްތައް ހުރި ދިމާލަށް ދިޔައެވެ.

” މި އޮތީ އަހަރެން ޝަފާއަށް ދޭ އެއްޗެއް.. ” ޝަފާގެ އަތުތެރެއަށް އެއްޗެއް ލައިދެމުން ސައިލެސް ބުންޏެވެ. އެއީ ކުޑަ ފުޅިއަކަށްލާފައިވާ ކަޅުކުލައިގެ ވިދާ ފިޔައެކެވެ. އެ ފިޔަ ހުރީ އެފުޅީގެ މަތި އަދި ތިރީގައި ނުޖެހިއެވެ. އޭތި ވަނީ ކަރުގައި އަޅާ ފަށެއް ފަދައިން ހަދާފައެވެ. ޝަފާ ހައިރާންވެފައި ހުރެ އޭގައި ހިފިއެވެ. ” ޝުކުރިއްޔާ.. ” ޝަފާ ހީލަމުން ބުންޏެވެ. ” ޝަފާއަށް ނުރައްކަލެއް ދިމާވެއްޖެނަމަ މި ފަށުފުލުގަ ފިރުމާލާފަ އަހަރެންގެ ނަން ހިތައް އަރުވައިލީމަ އަހަރެން އަންނާނަން.. އަހަރެންގެ ހަނދާނަކަށް މިފަށް ބާއްވާ..” އެއްލޯ މަރައިލަމުން ސައިލަސް ބުންޏެވެ. ” ސީ ޔޫ ސޫން ޑާރލިން ” ސައިލެސް އެހެން ބުނުމަށްފަހު ގެއްލުނެވެ.

” މި އޮތީ އަހަރެން އާރާއަށް ދޭ ހަދިޔާއެއް.. ” ޒޭވިއާރވެސް ފަށެއް ދެމުން ބުންޏެވެ. އެ ފަށު ފުލުގައިވަނީ ކުޑަކުޑަފުޅިއެކެވެ. އެ ފުޅި ތެރެ ހުރީ ރެދަންލާފައި ހުރި ފަދައިންނެވެ. އެފުޅިތެރޭ ހުރި ތަކެތި ނޫކުލައިން ކުދި ރެދަން ފުއްތަކެއް ފަދައިން ދިއްލެމުން ދިޔައެވެ. ” ވާއު ވަރަށް ރީތި ތެންކިޔޫ.. ” އާރާ ހީލަމުން ބުންޏެވެ. ޒޭވިއާރ ހީލިއެވެ. ” އަހަރެންގެ މަތިން ހަނދާންވަންޏާ މީގަ ފިރުމާލާ.. މީތި އާރީގެ ކަރުގައި އޮންނަ ހިނދު ނުރައްކަލެއް ކުރިމަތިވެގެން އާރީ އުޅޭނަމަ އަހަރެންނަށް އެނގޭނެ.. އަހަރެން ހުންނާނީ އާރީގެ ކުރިމަތީގަ.. ” ހީލަމުން އާރާގެ ކަރުގައި ފަށް އަޅުވައިލަމުން ޒޭވިއާރ ބުންޏެވެ. ” އަންޓިލް ވީ މީޓް އަގައިން މައި ލޭޑީ.. ” ހީލަމުން ޒޭވިއާރ ބުންޏެވެ. އަދި އޭނަ އާރާގެ ކުރިމަތީގައި ގެއްލިގެން ދިޔައެވެ.

ޝަފާ އާއި އާރާ އެކަކު އަނެކަކަށް ބަލައިލަމުން ހީލިއެވެ. ކުއްލިއަކަށް އެކުދިންގެ ބައްޕަމެންގެ ކަންބޮނޑުވެފައިވާ އަޑުން އެކުދިންނަށް ގޮވާ އަޑުއިވެންފެށިއެވެ. ދެކުދިން އަވަހަށް ދުވެފައި އެކުދިންގެ ބައްޕަމެންނާއި ދިމާލަށް ދިޔައެވެ. ” ކޮންތާކު އުޅެ އުޅެފަ ތިއައީ؟ އިއްޔެ ހަވީރުން ފަށައިގެން ބައްޕަމެން ހާސްވެގެން މި ހޯދަނީ ދެކުދިން ގެއްލިގެން.. ބައްޕަމެން ހީކުރީ ދެ ކުދިންނަށް ކަމެއްވީ ކަމަށް.. ” ހާސްވެފައި ހުރެ އާރާގެ ގައިގާ ބައްދާލަމުން އާރާގެ ބައްޕަ ބުންޏެވެ. ޝަފާ ބައްޕަވެސް އައިސް ޝަފާ ގައިގަ ބައްދާލިއެވެ.

” ސޮރީ ބައްޕާ ވަލަށް ފިލާ ކުޅެން ވަދުނީމަ ގެއްލުނީ.. ދެން އަނދިރިވީމަ ކުޑަކޮށް އަލިވަންދެން އެތާ އެކޮޅުގަ ހުރި ގެއެއްގަ މަޑުކޮށްގެން ހުރީ.. ” ޝަފާ ދޮގު ހެދިއެވެ. އެކުދިންނަށް ވީ ކަންތަކުގެ ވާހަކަ ބުންޏަސް އެކަކުވެސް ގަބޫލު ނުކުރާނެކަން އެނގޭތީއެވެ.  ” ދެންވެސް އެކަނި ތަންތަނަށް ނުދައްޗޭ.. މަންމަމެން ރޮއެ ނަގަނީ މިހާރުވެސް.. ” ޝަފާ ބައްޕަ ބުންޏެވެ. ޝަފާ އާއި އާރާ، ޝަފާ ބައްޕަ ބުނި ވާހަކައަށް އެއްބަސްވުމުގެގޮތުން ބޯޖަހައިލިއެވެ. ދެކުދިން ޓެންޓުތަކާއި ދިމާލަށް ދިޔުމުން އެންމެން އެކުދިން ވަށައިލާ ވީގޮތް ސުވާލު ކުރަން ފެށިއެވެ. ޝަފާ އޭނަ ބައްޕައާއި ދިމާލަށް ބުނި ވާހަކަ އެންމެން ގާތު ބުންޏެވެ.

އިރުކޮޅެއްފަހުން ލާންޗަށް އެއްޗެހިތައް އަރުވައި އެންމެނާއިއެކު ލާންޗު ރަށަށް ދާން ފުރިއެވެ. އާރާއާއި ޝަފާ ފަހު ފަހަރަށް އެ ރަށާއި ދިމާލަށް ބަލައިލިއެވެ. އޭރު އެ ރަށުގެ ގޮނޑުދޮށުގައި ސައިލެސް އާއި ޒޭވިއާރ، ދެކުދިންނަށް ހަނަ އަޅަން ތިއްބެވެ. އެއާއިއެކު ޝަފާއަށާއި އާރާއަށް ދެކުދިންގެ ކަރުގައި އޮތް ހަދިޔާގައި ހިފައިލެވުނެވެ. ” މިތަނަށް އާއިރު ނޭންގެ މި ދަތުރު މިހާ އިންޓްރެސްޓިން ވާނެ ކަމެއް.. ” ޝަފާ އާރާއާއި ދިމާލަށް ބުންޏެވެ. ” އިންޓްރެސްޓިން؟ މި ޓްރިޕް މީ އެޑްވެންޗާރއެއް.. އަވާ ލިޓްލް ސީކްރެޓް.. ”  އާރާ ޝަފާއަށް ބަލައިލަމުން ކުޑަވާ އިނގިލި ނަގައިލަމުން ބުންޏެވެ. ޝަފާ އާރާގެ ކުޑަވާ އިނގިލީގައި ހިފާ ‘ޕިންކީ ޕްރޮމިސް’ ކޮށްލިއެވެ. ” އަވާ ލިޓްލް ސީކްރެޓް.. ” އާރާ ބުނިފަދައިން ޝަފާ ބުންޏެވެ.

(ނިމުނީ)

💜🦋މި ވާހަކައަކީ އަޅުގަނޑުގެ ކަޒިންސްތަކަށް އެކުދިންނަށް ކިޔޭނެ ފަދައިން އެކުދިންގެ އުމުރާ ގުޅޭ ގޮތަށް ލިޔެފައިވާ ވާހަކައެކެވެ.💜🦋

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ވާނަން އުމުރަށް 06

Next

ފަންވަރު 05

Next
January 31, 2025

ފަންވަރު 05

Previews
January 30, 2025

ވާނަން އުމުރަށް 06

4 Comments!

  1. shihaamaa ali shihaamaa ali says:
    January 30, 2025 at 11:59 am

    heyy butterfly
    ma sha allah mi story vrh reethi and interesting

    1. Maash Butterflyyyyy says:
      February 1, 2025 at 8:56 am

      Heyy shiherr..
      Thank you I’m glad u like it💜🦋

  2. Vempire girl says:
    January 30, 2025 at 1:03 pm

    Maashaa Allah mi vaahaka vx varah varah reethi…

    1. Maash Butterflyyyyy says:
      February 1, 2025 at 8:57 am

      Thank you Vampire girl… I’m glad u like it💜🦋

Comments are closed.

Next Episodeއެދަތުރު – 02←


All Right Reserved!