ދެވުނީ ވޭނޭ 24
ރައުފާނަށް އަރީންގެ ކަނދުރާއިން އަތް ދޫކޮށްލެވުނީ އަރީންގެ ދެލޯ މެރުމުންނެވެ. އަރީނަކީ ނޭވާގެ މައްސަލަ ހުންނަ މީހެއް ކަން ނޭނގެންޏާ އޭނާ އެހާ ފަސޭހައިން ދުލެއް ނުކޮށްލާނެތާއެވެ. ރައުފާނު އަރީން ނޭވާލާތޯ ނޭފަތުކުރީ އިނގިލި ޖައްސާލިއެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލެވި އަނގަމަތީގައި އަތް އަޅާލެވުނީ އަރީން ނޭވާނުލާކަން އެނގުމުންނެވެ. އޭނާ އަވަސް އަރުވާލަމުން އެނގުނު ގޮތަކަށް ސީޕީއާރް ދޭން ފެށިއެވެ. ވަރަށް މަސައްކަތުން އަރީންގެ ނޭވާ ހަމައަކަށް އަޅުވާލެވުނީ ހަ މިނެޓް ފަހުންނެވެ.
“ނުކުމޭ!” މިފަހަރު ރައުފާނުގެ އަޑު އައީ މަޑުމަޑުންނެވެ. އަރީން ވަރަށް މަސައްކަތުން ބުރަކަށި ސީދާކޮށްލިއެވެ. ބިމުގައި އޮތް އޭނާގެ ދަބަސް ނަގައިފައި އޭގެ ޒިބު ކަހާލަމުން އެތެރޭގައި އޮތް ޕްލާސްޓިކް ފައިލު މުށިގަނޑު މައްޗަށް ވައްޓާލައިފިއެވެ. “އަ…ހަރެން ޝަހު…ދުގެ ކޭސް ދޫ…ދޫކޮށްލައިފިން. މިހާރު އެނ…އެނގިއްޖެ އެއީ ކުއްވެރިޔާކަން. އެކަމު އޭނާ ކުށަށް އެއްބަސް ނުވާނެތީ މިހެން ހަދަން ޖެހުނީ. މިއީ ރައުފާނަށް… ދެން އަހަރެން… އަހަރެން ގެނައި އެއްޗެއް… މި ތަކެތި ބޭނުން…ކޮށްގެން ކޯޓުގަ ރައުފާނުގެ ކު…ކުށެއް ނެތްކަން ސާބިތު…ކުރެވޭނެ.” އަރީން ތުރުތުރު އަޅަމުން ދިޔަ ޙާލު ބުނެލިއެވެ.
އަރީންގެ ވާހަކަތައް އިވިފައި ރައުފާނަށް ކުށްވެރިއެއް ފަދައިން އިސްޖަހާލެވުނެވެ. “ސޮރީ. އަހަރެން ހީކުރީ…” ރައުފާނު ފެށިއެވެ. “އެނގޭ ރައުފާނަށް އެހެން ކަން އަމަލުކުރެވޭނެކަން. އެއީ މައްސަލައެއް ނޫން. ބަދަލުގައި އަހަރެން ރައުފާނަށް އެހީވީކަން އެއްވެސް މީހަކަށް ނާންގާތި. ދެން ދަނީ.” އަރީން މުށިގަނޑު މަތީގައި އަތް ވިއްދާލައިފައި ކޮޅަށް ތެދުވިއެވެ. ރައުފާނު މުށިގަނޑު މަތީގައި ހުރި އެއްޗެހި ނަގައިފައި މޭޒެއްގެ މައްޗަށް ލިއެވެ. “މަޑުކޮށްލަބަ. އަތް މިހުރީ ކުޑަކޮށް ފިހިފައެއްނު. އަހަރެން ބޭސް އަޅައިދީފާނަން.” އަރީން ދާން އުޅެނިކޮށް ރައުފާނު އޭނާ ހުއްޓުވިއެވެ. އަރީން އޭނާގެ ފަހަތުން ގޮސް ވަނީ ބަދިގެއެއް ކަހަލަ ތަނަކަށެވެ.
“އަހަރެން ދުވަހަކު ވެސް އަންހެން ކުއްޖަކަށް ގެއްލުމެއް ނުދެން. އެނގޭ އަހަރެންނަކީ މަސްތުވާތަކެއްޗަށް ދެވިހިފައިފައި ހުރި މީހެއް ކަން. ކުށުގެ ރެކޯޑެއް އޮތް މީހެއް ކަން. އެކަމަކު ދުވަހަކު ވެސް އަހަރެން އަންހެން ކުއްޖަކާ ފޮށިފައެއް ނުވާނެ. މީހަކު މަރާލައިފައެއް ވެސް ނޯންނާނެ. އެއީ އަހަރެންގެ ބައްޕައޭ ކިޔުނު މީހާ ކަހަލަ މީހަކަށް ވާން ބޭނުން ނުވާތީ. އެއީ އަހަރެންގެ ދޮންތަ… ދޮންތަގެ ހަށިވިއްކައިގެން ލާރި ހޯދި މީހެއް. ނުވީތާކަށް ބައްޕަ ވެސް…” އަރީންގެ އަތުގައި ބޭސް އަޅައިދެމުން ދިޔަ ރައުފާނު އޭނާގެ ޙަޔާތުގެ ސަފުހާތަކެއް ނިއުޅުވާލިއެވެ.
“އަދިވެސް ތަދުވޭތަ؟” އަރީންގެ އަތުގައި ބެންޑޭޖް އޮޅާލަމުން ރައުފާނު އެހިއެވެ. އަރީން ބޯ ހޫރާލިއެވެ. އެއަށްފަހު ދަބަސް ކޮނޑުގައި އަޅުވާލަމުން ނުކުންނަން ހިނގައިގަތެވެ. “ތިއީ އަޒާޔާ ޒިޔާދު މަރާލި ކަމަށް ތުހުމަތު ކުރެވުނު ކުއްޖާ ދޯ.” ރައުފާނު ބުނެލި އެއްޗަކުން އަރީނަށް ހުއްޓެވުނެވެ. “އަހަރެންނަށް އެނގޭ އެ މައްސަލައިގެ އަސްލު ކުއްވެރިއަކީ ތި ކުއްޖާ ނޫންކަން. މި ޒަމާނުގައި ބާރާއި ނުފޫޒުގަދަ މީހުން ބޭނުން ކަމެއް ކުރޭ. ކުރާ ހާ ކަމެއްގަ ހަނާވާން ޖެހެނީ އަހަރެމެން ކަހަލަ މީހުން. މި ހިސާބުގައި ހިނގާ މިފަދަ ކަންކަމުގެ ފަހަތުގައި ގިނަފަހަރު ތިބޭ އެއްބަޔަކީ ބްލޫ ވޯޓާސް. އެރޭ ތި ކުއްޖާ އުޅުނު އެޕާޓްމަންޓުން ނުކުމެ ބެލްކަނިން ފުންމި މީހުން މަސައްކަތް ކޮށްދިނީ އެ މީހުންނަށް ކަން ޔަޤީން. އެއީ އެ ތަނުން އެކަކަކީ އެކަހަލަ ބޮޑެތި ޖަރީމާތަކުގެ ފަހަތުގައި ހުންނަ މީހެއް. އެކަމަކު މިހާތަނަށް ވެސް އަހަރެންނަށް އެއީ ކޮން ފިރިހެނެއްކަމެއް އެނގިފައެއް ނެތް.” ރައުފާނު ވަރަށް ރަނގަޅަށް ތަފްސީލު ކޮށްލަދިނެވެ. އެއީ އަރީން އެނގެން ބޭނުންވެގެން ‘ގޭނުނު’ އިރު ވެސް ނުހޯދުނު މަޢުލޫމާތެކެވެ.
އެ އިމާރާތުން ނުކުމެގެން އަރީން މިސްރާބު ޖެހީ ރޯޝަނީ ގެއަށެވެ. ފައިމަގުގައި ދާން އިޚްތިޔާރު ކުރި ސަބަބެއް ވެސް އެނގޭނީ ހަމަ އޭނާއަށެވެ. އަރީނަށް ގެއަށް ދެވުނީ ނުވައެއް ޖެހުމަށެވެ. ހަމަ ވަނުމާއި އެކުހެން އާފިޔާ ގޮވާލައިފިއެވެ. “ކާން ވީނުން. މިއަދު މިހުރީ މަންމަ ރީއްކޮއަށް އެންމެ މީރު ބިރިޔާނީގަނޑު ކައްކާލައިފަ.” އާފިޔާ އަރީންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “ލައްބަ މަންމާ. މި އަންނަނީ ހެދުން ބަދަލުކޮށްލައިގެން.” އަރީން ހިނިތުންވުމެއް ރައްދުކޮށްލައިފައި ގޮސް މައްޗަށް އެރިއެވެ.
ރޭގަނޑުގެ ކެއުމަށް ޒަވިއަން ނާންނާތީ އަރީނަށް ހަމަޖެހިލައިގެން ކާލެވުނެވެ. އޭނާ އާފިޔާމެންނާއި މަޖާ ވާހަކަތައް ދައްކާ ހެދިއެވެ. އަރީން އަނބުރާ ކޮޓަރިއަށް ވަން އިރު ވެސް ޒަވިއަން އަންނާކަށް ނޫޅެއެވެ. އޭނާ ވޯޑްރޯބުން ޒަވިއަން އާންމުކޮށް ނިދަން ލާ ކަހަލަ ޓީޝާޓަކާއި ސޯޓެއް ނަގާ ވޯޑްރޯބުގެ ދޮރުގައި އަޅުވާލިއެވެ. އަރީން ނިދަން އެރީ ބޮކި ނިވާލައިފައެވެ. މިފަހަރު ސޯފާގައި ހަމަޖެހިލީ ބޯފޮއްޗެއްގެ ނިދާ ހެދުމެއްގައެވެ. ބުރުގަލެއްގެ މަތިން ބޯ ސްކާފެއް ވެސް އެޅިއެވެ. އެ ކޮޓަރީގައިވީ ފިނިކަމުން ސަލާމަތް ވެވޭނެ ގޮތަކީ އެއީ ކަމަށް ވާތީ އެވެ. އޭނާ ގަސްތުކޮށްގެން ހުރީ ޒަވިއަން އައުމުން ނިދާށެވެ.
ޒަވިއަން އައިސް ގެއަށް ވަން އިރު ބާރަ ވެސް ޖަހައިފިއެވެ. އޭނާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ ސޯފާގައި ކުރުގެޅިގެން ނިދައިފައި އޮތް އަރީނެވެ. ދެވަނަ ސިކުންތުގައި އޭނާ މޫނު އަނބުރާލައިފައި ގޮސް ވޯޑްރޯބާއި ދިމާލަށް ދިޔައެވެ. އެ ތަނުގެ ދޮރުގައި އަޅުވާލެވިފައިވާ ޓީޝާޓާއި ސޯޓު ނަގައިފައި އޭނާ ވަނީ ފާޚާނާއަށެވެ.
ނިދަން ތައްޔާރުވެގެން ޒަވިއަން އެނދުގައި އިށީނެވެ. އޭސީ ރިމޯޓު ނަގައި ސޯޅައަށް ލައިފައި ގޮސް މޭޒު މަތީގައި އޮތް ފޯނު ނަގައިގެން އައެވެ. އެ ވަގުތު އޭނާއަށް އަރީންގެ ބެންޑޭޖް ކޮށްލެވިފައިވީ އަތް ފެނި ދެލޯ ހަނިކޮށްލެވުނެވެ. އެ ދިމާލަށް ގޮސް އޭނާ އެ އަތުގައި ހިފާލިއެވެ. ހީވީ ގަނޑުފެން ކޮޅެއްގައި އަތްލެވުނު ހެންނެވެ. ފަރުވާކުޑަ ނަޒަރެއް ދެމުން އެ އަތް ދޫކޮށްލައިފައި ގޮސް އޭނާ އެނދަށް އަރާ އޮށޯތެވެ. ފޯނުން އެލާމު ޖައްސައިފައި ސައިޑް ޓޭބަލް މައްޗަށް ލައިފައި އޭނާ ދެލޯ މަރާލިއެވެ.
އެލާމުވާ އަޑަށް ޒަވިއަން ތެދުވި އިރު އަރީން އިނީ އިސްޓާކީނަށް އަރާށެވެ. އެލާމު އޮފް ކޮށްލުމަށް ފަހު އޭނާ ގޮސް ވަނީ ފާޚާނާ އަށެވެ. އޭރު އަދި ފަތިސް ނަމާދަށް ބަންގި ނުގޮވައެވެ. އަރީން އަވަހަށް ގޮސް ޒަވިއަން ނިދި އެނދުގެ ތަންމަތި އަޅާލިއެވެ. ދެން ކޮޓަރި ފޮޅާލުމަށް ފަހު އޭނާ މުސައްލަ އަޅާލިއެވެ. އެއީ ފާޚާނާއިން ޒަވިއަން ނުކުތް ވަގުތެވެ. އެ ސޮރު އެހާ ވަރަކަށް އަޅައެއް ނުލައެވެ. ކޮޓަރިން ނުކުމެގެން ދިޔައީ ފަތިސް ނަމާދަށެވެ.
“އެފިކްސް! ހުކުރު ދުވަހުގެ ރޭ އަށްގަޑި ތިރީސް ހަތެއްގައި ހުޅުމާލެ ސެންޓްރަލް ޕާކު ހުރި ސަރަހައްދުގައި ހިނގި އެކްސިޑެންޓާއި ގުޅޭ ގޮތުން ހޯދި މައުލޫމާތު ދީބަލަ.” އިޙުސާނު އޭނާގެ ކެބިނުން ނުކުމެފައި ބުނެލިއެވެ. “ސޫމޯ އަތުގައި އެ އެއްޗެހި ވީ. ބްރޯ އެ ރިޕޯޓާއި އެއްޗެހި ނަގައިފައި ދީބަލަ.” އަފާފް ސުމައްޔާގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ސުމައްޔާ ތެދުވެ ޕެެން ޑްރައިވަކާއި ފައިލެއް ނަގައިފައި އިޙުސާނަށް ދިއްކޮށްލިއެވެ. އެ ސޮރު ނުސިޔާނު ގޮތަކަށް ހީނލާފައި ކުއްލިއަކަށް އެ އެއްޗެހިނުގައި ހިފާ ދަމައިގަތެވެ. ސުމައްޔާ އަށް ދެތިން ފިޔަވަޅު ކުރިއަށް ދެވުނީ އެ ބާރަށެވެ. ދެލޯ އަޅާލައިފައި އޭނާ ގޮސް އަނބުރާ ގޮނޑީގައި އިށީނީ އިތުރު ޙަމަލާއެއް އަތުވެދާނެކަމުގެ ބިރަށެވެ.
“އޭތް. އަހަންނަށް ހޯދިއްޖެ އެ ކަލޭގެ އުޅޭ ހައިޑްއައުޓެއް. ބަލާ. މާފަންނުގެ ހިސާބަކުން. ދެ މީހަކު ބަލާލަން ދާން ވީނުން. އިއްސޭ ރަނގަޅު ވާނެ މި ކަހަލަ ކަންކަމަށް.” ޒައިން ފުންމައިގެން ތެދުވަންނަމުން ބުނެލިއެވެ. “އަހަރެން މި ތަނަށް އާ ވީމަ އަންޑައެސްޓިމޭޓް ކުރަނީތަ؟ ތި މީހުންނަށް ނޭނގުނަސް ދިއްދޫގައި އުޅުނު އިރު ކްރައިމް ސީނު އިންސްޕެކްޓް ކޮށް އަންޑަރކަވާ މަސައްކަތްތައް އެންމެ ސްމޫތްކޮށް ނިންމަނީ އަހަރެންނޭ. އަހަރެން ބޭނުން ދާން.” ސުމައްޔާ ރައްދުގައި ބުނެލިއެވެ.
“އެހެންވީމާ ކަލޭމެން ދެމީހުން ދިޔައިމަ ވީނުން. އަހަރެމެން ތިން މީހުން އެކްސިޑެންޓުގެ ކަންކަން ނިންމާލާނަން.” ޒައިން ބުނެލިއެވެ. “ރޯމާ ދުވާލު ގޮސްގެން ކަމަކު ނުދާނެ. ތަންކޮޅެއް ދަން ކޮށްލާފަ ދޭ. އެންޑް ފުލުސް ޔުނީފޯމު ނުލާ އަންޑަރކަވާ އެއް ގޮތަށް ދޭ.” އަފާފް ޚިޔާލެއް ދިނެވެ. “މައްސަލައެއް ނެތް. މިރޭ އެނގިދާނެތާ މި ޗުއްޕަރު ފަތަފޮޅިގަނޑުގެ ހުރި ހިތްވަރެއް.” އިޙުސާނު މަލާމާތުގެ ކަޅިއެއް ސުމައްޔާ އަށް އެއްލިއެވެ.
“ކަލޯ މަޑުކޮށްބަލަ. މަވީ މި ގޮލާއާއި އެއްކޮށް ދާންތަ؟ އޭ ނޯ. އެފިކްސް އަންނަން ވީނުން.” ސުމައްޔާ އަށް އޭނާ އަށް ދާން ޖެހޭނީ އިޙުސާނާއި އެކު ކަން ރެއަކާ ލުމުން ވަގުތުން ދެކޮޅު ހަދާލައިފިއެވެ. “އޮހޯ! އަމިއްލަ އަކަށްނު އިއްސޭ އާއި އެކު ދާން ބުނީ. މަށަކަށް ނުދެވޭނެ.” އަފާފް ރައްދުގައި ބުނެލިއެވެ. މިހެން ބުނުމުން ސުމައްޔާ ތުން ހަދާލައިފައި ވިޔަސް މައިތިރިވެގެން އިނީ ދެން ޚިޔާލު ބަދަލު ނުކުރެވޭނެކަން އެނގޭތީއެވެ.
ހެނދުނުގެ ނާސްތާ ނަގައިގެން އަރީން އޮފީހަށް ދާން ތައްޔާރު ވާން ފެށިއެވެ. މަޑު ނޫކުލައިގެ ގަމީސް ހެދުމަކާއި ކަޅުކުލައިގެ ބެލްސެއްގައި ހުރި އިރު ވަރަށް ރީތިކަމަށް ދައްކައެވެ. ގަދަ ނޫކުލައިގެ ޝޯލްއެއް ރީތި ގޮތަކަށް އޮޅާލެވިފައިވާ އިރު ކުރެވިފައިވަނީ ލުއި މޭކަޕެކެވެ. ކަޅުކުލައިގެ ދިގު ކޯޓެއް ލައިފައި އަރީން ސެންޓު ޖަހާލިއެވެ.
މިއަދު އޭނާއަށް އެހެން ކްލައިއެންޓަކާ ބައްދަލުކުރަން ޖެހިފައިވުމުން އަވަސްކޮށްލީ އަދި އިތުރު ކަމެއް ކުރަން ޖެހޭނެތީއެވެ. މިފަހަރު ކްލައިއެންޓެއް ނެގީ އަރީން އަމިއްލައަށް ކުޑަ ދިރާސާއެއް ކޮށްލައިފައެވެ. އެންމެ ފުރަތަމަ ވެސް އޭނާ ބެލީ އެއީ ބްލޫ ވޯޓާސް އަށް ނިސްބަތްވާ މީހެއްތޯ ނޫންތޯއެވެ.
ކޮނޑުގައި ދަބަސް އަޅުވާލަމުން އަރީން އެ ކޮޓަރިން ނުކުތެވެ. ތިރިއަށް ގޮސް ބޫޓަށް އަރައިފައި އޭނާ ބޭރަށް ނުކުތް އިރު ނުވަގަޑި ސުންމިނެޓެވެ. ލޯވްން ތެރޭގައި ހިނގާލައިފައި ދަމުން އަރީން ލީވާނަށް ގުޅާލިއެވެ. “ކޮން ތާކުން ބައްދަލުކޮށްލަންވީ؟” އަރީން އެހިއެވެ.
“މި ވަގުތު ބޭރަށް ދެވޭކަށް ނެތް. ސޮރީ. އަހަރެން މި ހުރި ތަނަށް އާދެވިދާނެތަ؟ މި ހުރީ ޑައިމަންޑް ސްކައި އެޝޫރަންސްގެ މައި އިމާރާތުގައި. އައިސްފައި މެސެޖް ކޮށްލާ.” ލީވާން ބުނެލިއެވެ. ފޯނު ކަނޑާލައިފައި އޭނާ ކުރި މަސައްކަތްތައް ރައްކާކުރެވިފައިވީ ޕެންޑްރައިވް ޕްލާސްޓިކް ކޮތަޅަކަށް ލިއެވެ. އެއަށްފަހު އޭނާ އަށް ކުރަން ޙަވާލުކުރެވިފައިވާ މަސައްކަތުގައި މަޝްޣޫލުވެލިއެވެ.
އަރީން ތިން ވަނަ ފިޔަވައްސަށް ދިޔައީ ޓެކްސީއެއް ގައެވެ. އެ ކާރު ޑައިމަންޑް ސްކައި އެޝޫރަންސްގެ ކުރިމައްޗަށް ހުއްޓާލަމުން އަރީން ފޭބިއެވެ. އެ އިމާރާތް ފެނިފައި އެކަނި ވެސް އޭނާގެ އަތްފައި ފިނިވެއްޖެއެވެ. ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ. ފުންނޭވާއެއް ލުމަށް ފަހު އޭނާ ލީވާނަށް މެސެޖެއް ކޮށްލިއެވެ. އެއާއެކު އޭނާގެ ފޯނަށް ލީވާން ރައްދު މެސެޖެއް ފޮނުވިއެވެ.
އަރީން ގޮސް އެ އިމާރާތުގެ ތެރެއަށް އެކުހެން ގިނަ ބައެއްގެ ކަތި ނަޒަރު އަމާޒުވެގެން ދިޔައެވެ. ތުންފަތުގައި ދަތް އަޅާލަމުން ގޮސް އޭނާ ގޮސް ހުއްޓުނީ ރިސެޕްޝަން ކުރިމައްޗަށެވެ. “ޒަވިއަންގެ ޕީއޭ ލީވާނާއި ބައްދަލުކޮށްލަން.” އަރީން އިސްވެ ވާހަކަ ދެއްކުމުން އެ ތަނަކުން ސޮރަކު އެދުނީ އޭނާގެ ފަހަތުން އައުމަށެވެ. “މި ލިފްޓުން އެންމެ މަތީ ފުލޯ އަށް ދޭ.” އެ ފިރިހެން ކުއްޖާ އަރީން ގެންގޮސް ލިފްޓަށް އެރުވިއެވެ.
އެންމެ މައްޗަށް ދާން ފިތަށް އޮބާލުމާއި އެކު ކޯޑެއް ނުވަތަ ފިންގަރ ޕްރިންޓެއް ޖަހަން އަރައިފިއެވެ. އަރީން އޭނާގެ ފޯނު ބަލައިގެން ލީވާން ފޮނުވި ކޯޑު ޖެހިއެވެ. ލިފްޓު މައްޗަށް އަރަން ފެށީ ދެނެވެ. އެ ހުޅުވުމާއި އެކު އޭނާ މިސްރާބު ޖެހީ އެތަނުގައި ހުރި ތަނަވަސް ޝާހީ ވައްތަރެއް ޖަހާ ކެބިނަށެވެ.
ކެބިންގެ ބިއްލޫރި ބިތާއި ދިމާލަށް އަންނަމުން ދިޔަ އަރީން ފެނިފައި ލީވާން ތެދުވިއެވެ. އެ ކެބިންގެ ބޭރާއި ވާ ގޮތަށް ހުންނަ ބިއްލޫރި ބިތަކީ ވަންވޭ ގްލާސް އިން ހަދައިފައިވާ އެއްޗަކަށް ވުމުން ބޭރުގައި ހުންނަ މީހަކަށް އެތެރެއެއް ނުފެންނާނެއެވެ. އެހެނަސް އެތެރޭގައި ހުންނަ މީހަކަށް ވަރަށް ސާފުކޮށް ބޭރު ފެންނާނެއެވެ.
ލީވާން ކެބިންގެ ދޮރު ހުޅުވާލީ އަރީން އައިސް އަރާ ހަމަވުމުންނެވެ. “އާދޭ އެތެރެއަށް. އިހަށް މައުލޫމާތުތައް ހުންނާނީ ލޮކް ކޮށްފަ. އެކްސެސް ވާނެ ގޮތް ބުނެދޭން ޖެހޭނެއްނު.” ލީވާން އަރީން ވަންނަން ތަން ދެއްކިއެވެ. އަރީން ހިންދިރުވާލަމުން އެތެރެއަށް ފިޔަވަޅެއް އަޅާލީ ޒަވިއަނަށް އޭނާ ފެނިއްޖެނަމަ ވެދާނެ ގޮތަކާއި މެދު ވިސްނާލަމުންނެވެ.
ކެބިންގެ ތެރެއަށް ވަން އަރީން ފެނި ޒަވިއަނަށް ދެލޯ ހަނިކޮށްލެވުނެވެ. ކުރަން އިން މަސައްކަތް ހުއްޓާލައިފައި ތެދުވެއްޖެއެވެ. އޭނާ އަވަސް ފިޔަވަޅުތަކެއްގައި އައިސް އަރީނާއި އަރާ ހަމަކޮށްފިއެވެ.
ޒަވިއަން އައިސް އަރީނާއި އަރާ ހަމަކުރުމުން އެ އަންހެން ކުއްޖާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ދެން އޭނާ ކޮށްފާނެ ކަމެއް ވެސް އަންދާޒާ ކޮށްލަން ދައްޗެވެ. އޭނާއަށް ދެލޯ ދެ ކާށި ކިބައަށް ހަދާލެވުނީ އޭނާއަށް ކިރިޔާ ވެސް ތަސައްވުރު ނުކުރެވޭނެ ވަރުގެ ގޮތަކަށް ޒަވިއަންގެ ޢަމަލުތައް ހުރުމުންނެވެ. ފަހަތުގައި ހުރި ލީވާނަށް ވެސް ހުރި ފިޔަވަޅު މަތީގައި މަޑުކޮށްލަން މަޖުބޫރުވިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.







I have exams next week. I’ll be able to submit next part earliest on Thursday. Sorry for the delay. Hope u understand 😊😊
Its okayyy loveeee
Shukran Ilovashu🤭 ✨✨
We all Understand 😁
Shukran Maafia. So happy cuz yall understand it
Oh hei…mi part hama habeys ingey… 🐥 Keep it up 💕
Shukran iyerrnnn ✨✨
Loved this part!
Such a relief! Areen’s fine 😊
So raufaan ain’t that bad right?
Soomoa aa isse dhemeehun dhiyama maa fakka vaane ehnu!
Adhi dhanee ves reygadu dhan kollafa! 👀 Waiting for their this drama😂 it’s gonna be epic I swear!!!
Isse soomoa ah kiss eh dheefiyaa rangalhu😜
Mi zavian gandu kuree kon kameh baa? Gaimu areen ah gellumeh dheyn ulhuniyaa leevaan huri fiyavalhu mahchaku nuhunnane!
So maybe a kiss😂 but so not likely to happen!
When next?
Lyssssm💗
Yhh, raufaan isn’t that evil.
Hehe, e dhmeehun dhiyaiyya aan drama bodu vaane 😂😂
Zavian kuri kameh engidhaane thaa dhen oiy bai kiyaaleema
Shukran Your fav bab ✨✨
Lyt darl 💕💕
Mi part ves vrh reethi MA! 💗
Shukran Anonymous ✨✨
Mi part ves Vrh Reethi Masha allah…… ☺️❤️
Curiously waiting for next part……
Whn next….?????
Luv u….. And Take care……❤️☺️
IA next Thursday ga submit kohlaanan
Shukran Alaika_22 ✨✨
Lyt darl 💕💕
howsss yuuu???
vrhvrh reethii mi episode vess
masha allah
whens next part sis?
gud luck for ur examss ingeyy
lysm …..
Alhamdhulilah, I’m good.
IA next Thursday
Shukran ellie ✨✨
Lyt darl 💕💕