.. ޔަނާ ..
” ހެޕީ ނިއު އިޔާ.. ޗިއާރްސް.. ” ޔަނާގެ ތަށީގައި ޖަހާލަމުން ނީލް ބުނެލިއެވެ. ޔަނާ ބަލަންހުރީ ދުރުން ފެންނަ ސިމަކް ރާގާ އެއްވަރަށް ސަރާ ގައިގައި ހޭކޭ މަންޒަރެވެ. އެންމެ ކުޑައިރުން ސުރެ ލޯބިވާ ސިމަކްއެވެ.
” ހެހެ.. ސިމަކް އުޅޭ ގޮތެއް.. ޔަނާއަށް ވަރަށް ވަރުވޭ ދޯ..؟ ” ނީލް ބުނެލީ ގަސްތުގައި ޔަނާ ދެރަކޮށްލާށެވެ. ދެބުމަ ގޮއްޖަހައިފައި އަތުގައި ހުރި ބާރަކާއިއެކު ބޯން އިން ކޯކް ތަށި އެއްލާލީ ގަސްތަކު ތެރެއަށެވެ. ގޮނޑުދޮށަށް ހުއްޓުމެއްނެތި ޖެހޭ ފިނި ރޯޅިތައް ހީވީ ހުއްޓުން ހެނެވެ. ބަސް ހުއްޓިފައި ތިބި އެންމެންގެ މޫނުމަތިން މިހާރު ފެނިގެންދަނީ ހައިރާން ކަމެވެ. ރުޅިގަދަ ކުއްޖެއް ނަމަވެސް މިފަދަ މީހުންގިނަ ތާކު ނީލްއާއި ދިމާއަށް އެއްޗެއް ބުނެދާނެ ކަމަކަށް ނީލްވެސް ހިތަކަށް ނާރައެވެ.
” ހުރިހާ ކަމަކާ ނުބެހި ނުހުރެވޭ ދޯ.. ކައޭ ދޭބަލަ ކައޭ ކޮއްކޮ އުޅޭ ވައްތަރު ހުއްޓުވަން.. ބެހެވޭ މީހުންނާ ބެހިބަލަ.. ” ހިނދުކޮޅަކަށް ނަމަވެސް ދުނިޔެ ހުއްޓުން ކަހަލައެވެ. ތަންކޮޅެއް ދުރުން ‘ އެކޯ ‘ ވަމުން އަންނަ ކާޅެއްގެ އަޑާއި ރާޅު ބީއްސާލާ އަޑު ފިޔަވާ އަޑެއް ނީވެއެވެ. ނީލްއަށް ލަދުން އިސްޖަހާލެވުނީ ނީލްއަށް ބާރު ނުފޯރުވޭ ވަރުގެ މީހެއްގެ ވާހަކަ ޔަނާ ދެއްކުމުންނެވެ. ހަގީގަތުގައި މިރޭ މިވަރުގެ ބޮޑު ޕާޓީއެއް ނީލް ބާއްވަން ބޭނުންވީ ހަމަ އެންމެ ސަބަބަކަށް ޓަކައެވެ. އެއީ ކޮންމެހެން ނިއު އިޔާ ފާހަގަ ކުރާކަށް ނޫނެވެ. ޔަނާއަށް ޕްރޮޕޯސް ކުރުމުގެ ފޮނި އުއްމީދުގައެވެ. ނަމަވެސް ތަގްދީރު ނިޔާ ކުރިގޮތް ނިކަން ދެކިބަލާށެވެ. ވަށައިގެންވާ މީހުންނަށް ނީލް ސިއްރު ސިއްރުން ލޯ ހިންގާލިއެވެ. އެ އެންމެންގެ މޫނު މަތިންހެން ފެނިގެން ދިޔައީ ހައިރާން މާކުތަކެކެވެ. ކުރިމަތިން ފެނިގެންދިޔަ ޔަނާ ފެނި ހިންދިރުވައިލެވުނެވެ. ހީވަނީ ދެންމެ ދެންމެ ގަޔަށް ފުންމާލަ ދާނެހެނެވެ. އެ ހުރިގޮތައްހުރެ ވައި އަޅުވާލައިފައި ޔަނާ ހިނގައިގަތެވެ. ނީލް އަށް ދެލޯ މަރާލެވުނީ ހިތަށް ކުރަމުންދިޔަ އަސަރު ތަކަކުންނެވެ.
” ކީއްވެފަ އެންމެން ތި ތިބެނީ..؟ ” ހުރިހައި ކަމެއް ބެހެއްޓުމަށްފަހު ނީލް ވަށާލައިފައި ތިބި މީހުންނާއި ދިމާއަށް ބުނެލީ ތަންކޮޅެއް ބާރަށެވެ. ޔަނާ ހާސިލްވާން އޮތް ދޮރު ތާ އަބަދަށް ގެއްލުނީ ކަމަށް ވިސްނައި ނީލްވެސް އެ ހިޔާލް ދޫކޮށްލައި އެންމެން އެކީ ޕާޓީ ކުރަންފެށިއެވެ.
ރުޅިއައިސް ރަތްވެފައި ހުރި ޔަނާ ކުދި ކިޔަމުން ދިޔައެވެ. ވަގުތަކީ މެންދަމުން އަލިވެ ދެ ގަޑި ބައިކަށް ހާއިރެވެ. ދަމައިގެންހުރި ތުންގަނޑު ހީވަނީ ބިމަށް ހެރިދާނެހެނެވެ. ހިނގަމުން ހިނގަމުން ގޮސް އެޅުނީ ދުވަހަކުވެސް މީގެކުރިން ޔަނާއަށް މިރަށުން ނުފެންނަ މަގަކަށެވެ. އެމަގު ފުދޭވަރަކަށް އަނދިރި ވެފައި ގަސްބޮލެވެ. ނަމަވެސް ހަނދުވަރުގެ ސާދާ އަލިން ތަންތަން ވަކިވެއެވެ. މަގުގެ މެދާ ހަމައަށް ދެވުމާއިއެކު ހުއްޓިލެވުނީ މީހަކު ގޮވާލިހެން ހީވުމުންނެވެ. ނަމަވެސް ފަހަތް ބަލައިނުލާ ހިނގައިގަތީ ހީވި ގޮތެއްކަމަށް ހީކޮށް ދެފަރާތަށް ބޯ ހޫރުވައި ލަމުންނެވެ. ދެތިން ފިޔަވަޅު އެޅުންތަނާހެން އަނެއްކާވެސް ‘ ޔަނާ ‘ އޭ ކިޔައިފައި ގޮވާލިއަޑު ކަންފަތުގައި އައިސް ޖެހުނެވެ. ދިރޭ ސޫފީގެ އަޑު ފިޔަވައި މީހެއްގެ ހިލަމެއް ނުވެއެވެ. އަނެއްކާވެސް ނީލް ސަކަރާތް ޖަހަނީ ކަންނޭނގެއޭ ޔަނާގެ ހިތަށް އެރިއެވެ. އަޅައިނުލާ ޖެހިގެންހުރި ގޯޅިއަށް އަޅައި އެއްފަރާތުން ހިނގަންފެށިއެވެ. ވަކި ހިސާބަކަށް ދެވުނު ތަނާހެން ހޫނު ވައިގެ އިހްސާސް ޔަނާއަށް ވިއެވެ. ހީވަނީ ފާރު ތެރެއިން ފުރޭނިގެން އައިސް ޖެހުނު ވައެއް ހެނެވެ. އެ ވައިގެ ތެރޭގައި ފާޑެއްގެ ނުބައި ވަހެއް ޔަނާއަށް ދުވިއެވެ. ޝަހާދު އިނގިލިން ނޭފަތުން ނޭވާލާ ހިސާބުގައި އަޅައިގެންހުރެ ފިޔަވަޅުތައް ބާރުކޮށްލިއެވެ. ހިތް ތެޅެން ފެށިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ހިންގާލިއިރު ތިނެއް ޖަހަނީއެވެ. ވަގުތުގެ ބިރުވެރިކަން ހިތައް އަރާފައި އޮއްދާ ހިތްލަންފެށިއެވެ. ކުޑަކޮށް ދުވަމުން ކަހަލަ ގޮތަކަށް ގޯޅިތައް އަޅަމުން ގޮސް ގެ ފެންނަވަރު ވެއްޖެއެވެ. ރަށަކީ ކުޑަ ރަށެއްކަމަކު ގަންފައިވާ ބިރުން އިތުރު މަގު މަގަށްވެސް ޔަނާއަށް އެޅުނީއެވެ. އަނެއްކާވެސް ޔަނާގެ ނަމުން މީހަކު ގޮވާލިއެވެ. މިފަހަރު އެ އަޑު އިވުނީ މީހަކު ސިއްރެއް ބުނާހާ ކައިރިންނެވެ. އަންހެން އަޑެކެވެ. އެ އަޑުގައި ވޭނީ ރިހުމެއް ވިއެވެ. ޔަނާގެ ހަރަކާތްތައް ހުއްޓިއްޖެއެވެ. ދެލޯ ފެންކަޅިވީއިރު ދެފައި ހީވަނީ ބިމުގައި ތަތްލަވައިފައި ހުރިހެނެވެ. ހިތް ތެޅެނީ އޮބި ނޯންނަ ވަރަށެވެ. މޭ ފޫދުއްވާލައިފައި ހީވަނީ ނިކުމެގެން ގޮސްދާނެހެނެވެ.
ހެދުމުގެ ފަސްބައިގައި ކަނާއަތުން ހިފުނީ ބިރުންގޮހެވެ. މަޑުމަޑުން މޫނު ފަހަތައް އަނބުރާލިއެވެ. ދިހަ ވަރަކަށް ފޫޓެއްހާ ހިސާބުގައި އަންހެން ކުއްޖެއް ހުއްޓެވެ. އިސް ޖަހައިލައިގެންނެވެ. އަތުގެ އުނޅަބޯއްޓާ ހަމައަށް ފަންފަން އިސްތަށިގަނޑެއް އޮތެވެ. ހުދު ހެދުމެއް ނަމަވެސް ހުރީ ކިލައިން ހަޑިވެފައެވެ. މޫނުމައްޗަށް އިސްތަށިތައް އެޅިފައި އޮތުމުން މީހެއް ވަތްކެއް ވާވަރެއް ނުވިއެވެ. އެ ކުއްޖާގެ ފަހަތުން ދުންގަނޑެއް އަރައަރާ ހުރިއިރު އެ ދުންގަނޑުގައި އަލިކަމެއްވެއެވެ. ހޯސް ލައިފައި މޫނުގެ ކޮންމެސް ހިސާބަކުން ފައިބާ ލޭ ރޮނގު ހެދުމުގެ ވަކި ހިސާބަކަށް އެޅެމުން ދިޔައެވެ. މަޑުމަޑުން އިސް އުފުލާލީ ނުލަފާ ވައްތަރަކަށް ހެވިފައި ހުރެއެވެ. މެދުން ފަޅައިފައި ހުރި އިސްތަށިގަނޑު މޫނުމަތިން ދެފަރާތައް ކެހިގެންދިޔައެވެ. ޔަނާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ކަޅިއެއް ލޮލެއް ވަތްކެއް ނުވެއެވެ. ލޯ ހުރީ ކަޅުކުލައިގައެވެ. ނިތްކުރިމަތީގައި ބޮޑު މުށިގަނޑެއް މެދާހަމައަށް ފުންކޮށް ވަދެފައި އޮތެވެ. ދެތިން މިނެޓު އެކުއްޖާ އެހެން ބަލަން ހުރެފައި އަތް ފައި ތަޅުވަމުން ޔަނާ އާއި ދިމާއަށް ދުއްވައިގަތީ ހަޅޭ ލަވައިގަންނަމުންނެވެ. ފައިގައި ހުރި ބާރެއް ލައިފައި ޔަނާވެސް ގެއާވީ ކޮޅަށް ދުއްވައިގަންނަން އުޅުމުގެ ތެރޭގައި އިދިފުށަށް ނުވެއްޓުނީ ކިރިޔާއެވެ.
ދުވަމުން ދުވަމުންގޮސް ހުއްޓެވުނީ ގޭ ދޮރު ކުރިމަތީގައެވެ. ބާރު ބާރަށް ދޮރުގައި ތަޅަމުން ހުޅުވަބަލާށޭ ކިޔަމުން ރޮވުނެވެ. ތަޅަމުންގޮސް ފަހަތް ބަލާލި ވަގުތު އެ ކުއްޖާ މިހުރީ ޔަނާއާއި ހަތަރު ވަރަކަށް ފޫޓު ކައިރީގައެވެ. މިފަހަރުވެސް ހުރީ އިސްޖަހައިގެންނެވެ. އިރުކޮޅެއްނުވެ އެ ކުއްޖާގެ ކަނާއަތުގެ ޝަހާދު އިނގިލި ޔަނާއާއި ދިމާއަށް އިޝާރަތް ކޮށްލިއެވެ. ” ކަލޭ.. ކަލޭ އެއީ ހަމަ ކަލޭ.. ” އެ އަޑުގައިވީ ބިރުވެރިކަމެވެ. އަންހެނެއް ފިރިހެނެއް ވަކިކުރަން ނޭނގޭފަދަ އަޑެކެވެ. ވައިގަދަވާން ފެށިއެވެ. މޫސުމް ބަދަލުވާހެން ހީވިއެވެ. ބިމުގައިވާ ވެލިތައް ހީވީ މައްޗަށް އަރަން އުޅޭ ހެނެވެ. ވެއްޓިފައި ހުރި ފަތް ތައްވެސް އެކި ކޮޅުކޮޅަށް ދުވަންފެށިއެވެ. ހީވަނީ ކުޑަވަރެއްގެ ތޫފާނެއް އައިސްގެން އުޅޭހެނެވެ. އިސާހިތަކު އެ އިސްތަށިގަނޑު ނިއުޅެމުން ވައިގެ ތެރެއަށް މައްޗައް އެރިއެވެ. ބޯވައެއްގެ ފައިތަކެއް ފަދައިން އެކި ފަރާތް ފަރާތުގައި އިސްތަށިތައް މައްޗައް އަރާފައި އެހުރިގޮތަށް ހުރީއެވެ. އިރުކޮޅެއްނުވެ ވަޔަށް ދޫކޮށްލެވޭ ކޮކާ ތަކެއް ފަދައިން އެތިކޮޅު ކޮޅު ނެއްޓެމުން މައްޗަށް އަރައިގެން ދިޔައެވެ. އެއާއިއެކު މުޅި ތަން އަމާން ވެއްޖެއެވެ. އެ ހުރި ތަންތާގައި ވެލިތަކާއި ފަތްތައް ހުއްޓެވެ. އުޑުމަތި ސާފުވެފައި ސާދަ ވިލޭރޭގެ އަލިގަދަ ހަނދު ފެންނަން އިނެވެ.
ދެލޯ އުނގުޅަމުން އައި ފަހީމާ ގޭގެ މައިދޮރު ހުޅުވައިލުމާއިއެކު ޔަނާ އެތެރެއަށް ދެމިގަތެވެ. ” މަންމާ.. މަންމާ.. އޭތި.. އޭތި އަދި އަންނާނެ.. އަ.. އަހަރެންނާ ދިމާއަށް އިނގިލިވެސް ދިއްކުރި.. ކަލޭ ކަލޭ ކިޔަ ކިޔާފަ ކޮންމެސް އެއްޗެއްވެސް ބުނި.. މަންމާ އެއީ ޖި.. ޖިންނިއެއް.. އެކުއްޖާ މައްޗަށް އަރާގެން ދިޔާ ކަރުދާސް ކޮޅުކޮޅުތަކަށް ފުމެލީމަ ދާހެން.. އެތާ ހުރިއިރު ހީވަނީ ތޫފާނެއް އައިސްގެން އުޅުންހެން.. އެކަމަކު ބަލާބަލަ މިހާރު.. މަންމާ.. އަޅެ ކީއްވެތަ އެއްޗެއް ނުބުނެ ތި ހުންނަނީ..؟ ” ފަހީމާ އަށް އިތުރަކަށް ނުހިފޭއްޓުނެވެ. ހިނިގަނޑު ފަޅައިގެން ދިޔައެވެ. ގަބޫލު ނުކުރެވިފައި ހުރި ޔަނާ ދެފަރާތަށް މަޑުމަޑުން ބޯ ހޫރެން ފެށިއެވެ.
” ޖިންނިއެކޭ.. ކުއްޖެކޭ.. މައްޗަށް އެރިއްޔޭ.. ހަހަހަ.. ” ބަނޑުގައި އަތް އަޅައިގެންހުރެ ފަހީމާ މަލާމަތް ކުރަމުން ދިޔައެވެ. ” އެހެންނޭ ވާނީ ދާތާކުން އަންނާކަށް ނޭނގޭ ވިއްޔާ.. ” ވީ ދެރަޔަކުން ކޮޓަރިއަށް ވަންނަން ދިޔަ ޔަނާއަށް އަޑުއިވުނެވެ.
” އޭ ސިމަކް.. ” ” ހޭ ބުރޯ.. ކައޭ ކީއްތި ކޮއްލަނީ..؟ ” ނީލްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ” ކަމެއް ނުކުރަން މި ދެން ހަމަ އެނބުރެނީ ވައި ވެގެން.. ” ” އޭ ތިއެއް ނޫނޭ.. ކުރީރޭ ކައޭ ކީއްތަ ޔަނާއަށް ކުރީ..؟ މަ ގާތަށް ހާދަ ހިންޏެއް އައޭ.. ” ހިނިގަނޑު އޮއްބަމުން ސިމަކް ބުނެލިއެވެ. ނީލްގެ ހިތަށް ކުރާ އަސަރު އެނގޭނީ ކާކަށް ހެއްޔެވެ. ” ތި ވާހަކަ ނުދައްކާ.. އެއީ މޮޔަ ގޮލައެއް.. ހެހެ. އާން ދެން އެހެންވެތާ އެހެންމީހުންގެ އިހްސާސް ނުދަންނަނީ.. އަދި އެހެން އުޅެނިކޮށް ރަނގަޅު ބޮނޑިއެއް ބޯނެ.. ” އެ ރޭގެ ހާދިސާ ހިތައް އެރުމުން ހިތުގައި ރުޅިވެރިކަމެއް ވެރިކުރުވީ ސިމަކް އެކޭ އެއްގޮތަށް އެހެން މީހުންވެސް އެ މަލާމަތް ކުރާނެކަން އެނގޭތީއެވެ.
” އޭ ނެތްތަ ފެގެއް..؟ ” ” އަސްތާ ކައޭވެސް މިހާރު ފެގް ބޯން ފެށީތަ..؟ ” ސިމަކް އަތުގައި އޮތް ސިނގިރޭޓް ދިއްކޮއްލަމުން ބުނެލިއެވެ. ” ޔަ.. ދެން ބޯ ހަމަޖައްސާލަން ދޯ.. މީހުން ބުނޭ ވިއްޔާ މި ބޯ ހަމަޖައްސާލަން ނޫނީ ވައި ފިލުވާލަން ބޯ އެއްޗެކޭ.. ” ” އާން ގަދަ.. ތި ވިސްނޭ ކުއްޖެއް.. ” ސިމަކް ބުނެލިއެވެ. ވާނީވެސް އެހެންތާއެވެ. އެކަމުގައި އުޅޭ މީހުން ބަލާނީ އެމީހުންގެ ތެރެއަށް ރަނގަޅަށް ހުންނަ މީހާވެސް ވެއްދޭތޯއެވެ. ” ހަލޯ.. އޯކޭ.. ހޭ މަ ކެނޑީ.. މައޭ މިދަނީ މަގޮލާ މަންޖެގަނޑު ގުޅީމަ.. ކަޓާފާނެ ވިއްޔާ އެޔޮއް ފައްކާ މަންޖެ.. އަބަދުވެސް ދަނޑީގަ މަ އުޅެން ޖެހެނީ.. ކޮންމެސް ކަމަކު ގުޅާނީ.. ނުކޮށްދީފިއްޔާ ފަހު އެތިފަހަރު ހަދާލާނެ.. ޕިސް ޕިސް.. މިހާރުގެ މަންޖެމެން މިޔޮއް ތަރުބިއްޔަތު ވާ ގޮތެއް.. ” ހިނިއައިސްފައި ނީލް ފާރުގައި އަތް ވިއްދާލިއެވެ. ” ދެން މިހާރު އެޔޮއް ބަންގިވެސް ގޮވީ.. އިޝާއަށް ފަހު ފެނިލަންވާނެ.. އިނގޭ.. ” ދެ އިނގިލި ދޭތެރެއަށް ލައިފައި އިން ސިނގިރޭޓު ބުރި ތުނބުގައި ޖައްސާލަމުން ބުނެލިއެވެ. އޯކޭ އޭ ކިޔާ ސިމަކް ސައިކަލް ސްޓާޓް ކޮށްލުމާއިއެކު މުއްގަނޑަށް ފެލާލިއެވެ. އެންމެ ފަހު ފަހަރަށް އެތެރެއަށް ދުންގަނޑު ދަމާލުމަށްފަހު ބާކީ އޮތް ބައި ބިންމައްޗަށް އެއްލާލިއެވެ. އެއަށްފަހު ކުރިޔައް ހިނގައިގަތެވެ. ހޫނު ވައިރޯޅިއެއް ނީލްގެ ހަށިގަނޑުގައި ބީހިލުމާއިއެކު ނީލް ސިއްސައިގެން ދިޔައެވެ. ގަހެއްގައިވާ ފަތެއް ގޮފިގަނޑެއް ހެލިނުލާތާ މަގުމަތީގައި ހުރި ސުޕާރި ޕެކެޓެއްހާ ހިސާބުވެސް ގުޑާ ނުލައެވެ. އެ ވައިރޯޅިއެއް އެ ޖެހުނީ ހަމައެކަނި އަހަރެންގެ ގަޔަށްބާއޭ ނީލްގެ ހިތައް އަރަމުން ދިޔައެވެ.
ދެކޮޅަށް ފުރޮޅި ފުރޮޅު އޮތް ޔަނާ އަދިވެސް ހަނދާން ވަމުން ދިޔައީ ރޭގެ ހާދިސާއެވެ. ކިތަންމެ ބޮޑެތި ކަންކަމާ ކުރިމަތިލާން ކެރުނަސް މިކަންވީ ޔަނާއަށް ކުރިމަތިލާން ނުކެރޭނެ ކަމަކަށެވެ. އެހެން އޮއްވައި ނިދުނީ ކިހާ އިރަކުކަމެއްވެސް ނޭނގެއެވެ. އަޅައިގެން އޮތް ބެޑްޝީޓް ތިރިއަށް ކެހުނު ވަރަކަށް ނިދީގައި އޮތް ޔަނާ މައްޗަށް ދަމާލައެވެ. ދެތިން ފަހަރަކު އެހެން ވީތަނާ ކުޑަކޮށް ލޯ ހުޅުވައިލެވުނެވެ. ކަކުލާއި ހިސާބުގައި އޮތް ބެޑްޝީޓް ނަގާ މެޔާ ހިސާބުން ނިވާކޮށްލުމަށްފަހު އަރިމަތީގައި އޮތް ބާލީހުގައި ބައްދައިގަތް އިރު ޔަނާއަށް ލޯމެރުނެވެ. ފުން ނިންޖަކުން ނިދިފައި އޮތް ޔަނާ ސިހިފައި ހޭލެވުނީ ކުއްލިއަކަށް މީހަކު ބެޑްޝީޓަށް ދަމައިގަތުމުންނެވެ. އެވަގުތު ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ. ފަނޑު ފެހި ކުލައިގެ އަލިން ހަތަރު މޮއްގަނޑު ޖަހާފައި ފާރުމަތީގައި އިން ކުއްޖާ ފެނުމުން ޔަނާ ހަޅޭ ލަވައި ގަންނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. އެކުއްޖާ މަޑުމަޑުން ތިރިއަށް ފޭބިއެވެ. ހެޑް ބޯޑުގައި ލެނގި ލައިގެން އިން ޔަނާ ބާރަކަށް ބާލީހުގައި ބައްދައިގަނެގެން އިނެވެ. މީހާ އިނީ ތުރުތުރު އަޅައަޅައެވެ. އެ ކުއްޖާ އައިސް ހުއްޓުނީ އެނދުގެ ކޮޅުގައެވެ. ޔަނާއަށް ކުރިމައްޗަށެވެ. އިސް ޖަހައިގެން ހުރެ ހެމުން ދިޔައީ ބިރުވެރި އަޑަކުންނެވެ.
” ކަލޭ ހީކުރީ މަށަށް އަނިޔާ ކޮއްފަ ވަރަށް އުފަލުގަ ފިލައިގެން އުޅެވޭނެ ކަމަށްތަ..؟ ” ” އަ.. އަހަރެން ކޮ.. ކޮން އަނިޔާއެއް.. ކުރީ..؟ ” އަޅަ އަޅައި ގަންނަމުން ޔަނާ ވެސް ކޮއްލީ ސުވާލެކެވެ. ހިނދުކޮޅެއް ނުވެ ފުންމައިގެން އެ ކުއްޖާ އެރީ އެނދު މައްޗަށެވެ. ޔަނާ ފަހަތަށް ފަހަތަށް ޖެހި ޖެހި ހީވަނީ ހެޑް ބޯޑް ތެރެއަށް ވަދެގަންނަން އުޅޭ ހެނެވެ. އެ ކުއްޖާ ކުޑަކޮށް ޔަނާ ކުރިމައްޗަށް ގުދުވެލިއެވެ. ދުވި ނުބައި ކުނި ވަހަކުން ނޯއް ދަމާލަން ނުކެރެއެވެ.
” ކަލޭ އެރޭ އަހަރެން ގަސްދަށުގަ ނިދާފަ އޮއްވާ މޫނު މަތީގަ ތަށިން ޖެހީ.. ” ޝަހާދު އިނގިލި ދިއްކޮއްލަމުން އެ ކުއްޖާ ބުނެލީ ރުޅިއައިސްފައެވެ. ޔަނާގެ ހަތަރެސް ފައި ގަނޑުވި ކަހަލައެވެ. އެރޭ ތަށި އެއްލާލީމެވެ. ނަމަވެސް މީހެއްގެ މޫނު މައްޗަކު ޔަނާއަށް ޖެހުނު ހަނދާނެއް ނުވެއެވެ.
” އަހަރެންގެ ސޫރަ އަށްވެސް ހުތުރު.. އަހަރެންނަށް އަނިޔާ ދީފަ އެކަކަށްވެސް ނުކެރޭނެ ދުނިޔޭގަ އުޅޭކަށް.. މިއީ ކަލޭގެ އެންމެ ފަހު ނޭވާ ލާނެ ރޭ.. ” ޔަނާއަށް އިތުރަށް ގުޑައިވެސް ނުލެވުނެވެ. ހީވަނީ އެއްޗެއްގައި ބަނދެފައި ހުރިހެނެވެ. ޔަނާ ރޮއެ ރޮއެ ހަލާކުވަނީއެވެ. ހަމަ އެ ސިކުންތުގައި އެ ކުއްޖާ ފައި އެނދުގައި ނުޖެހޭނެހެން މައްޗަށް އަރަމުން ދިޔައެވެ. ކުއްލިއަކަށް ޔަނާގެ ދެފައި ކަށިމަތީގައި މީހަކު ހިފިހެން ހީވިއެވެ. ފަޔަށް ދަމައިގަތް ބާރުކަމުން ޔަނާ އެނދުމައްޗަށް ވެއްޓިގަތެވެ.
” ނޫން ނޫން.. މަންމާ ބައްޕާ.. އަހަރެން ސަލާމަތް ކޮށްދީ.. އަހަންނަށް ތަދުވޭ.. މަންމާ.. އެއްވެސް ކަމެއް އަހަރެން ނުކުރަން.. އެއީ އަހަރެން ގަސްތުގަ ކުރިކަމެއް ނޫން.. މާފްކުރޭ.. އަހަންނަށް މާފްކުރޭ.. މަންމާ….. ” ޔަނާގެ ވޭނީ އާދޭހުގެ އަޑު އެ ކޮޓަރިން ބޭރަށް ނީވޭ ކަހަލައެވެ. ހަށިގަނޑަށް ބަރު ކަމެއް ވެރިވިއެވެ. ގައި ތެރެއަށް ހީވީ މީހަކު ވަދެގެން ދިޔަހެނެވެ. ހަށިގަނޑުގެ އެތަން މިތަނުގައި ވޭން އަޅަން ފެށިއެވެ. އެތެރެހަށި ވިރޭހެންވެސް ހީވިއެވެ. އެއާއި އެކު ކޮށިއަރައިގެން ދިޔައެވެ. ކެއްސަ ކެއްސާފައި ކަރުތެރެއިން ލޭ އަންނަން ފެށިއެވެ. އަދިވެސް ޔަނާ އޮތީ އެ އޮތް ގޮތަށެވެ. އިރުކޮޅެއްނުވެ އެ ބާރު ކެނޑިއްޖެއެވެ. ޔަނާ އޮތީ ވަރުބަލި ވެފައެވެ. ފިރުކެމުން ކަހަލަ ގޮތަކަށް އެނދުން ތިރިއަށް ވެއްޓިގަތެވެ. ދޮރާ ދިމާއަށް ފިރުކި ގަންނަން އުޅެއުޅެވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. ފަހަތް ބަލާލީ ފައިގައި މީހަކު ހިފަހައްޓައިގެން ހުރިހެން ހީވުމުންނެވެ. އެނދުމަތީގައި އެކޮޅު ކޮޅުން ހަތަރު މޮއްގަނޑު ޖަހައިގެން ހުރި ކުއްޖާގެ އިސްތަށިގަނޑު އެދުމަތީގައި ހޭކި ހޭކި އޮތެވެ. ގަތް ބިރުން ހެޔަށް ގޮތްވާހެން ހީވާ ފަހަރުވެސް އާދެއެވެ. ބިރުވެރި އަޑެއް ލައްވަމުން އަނގަ ހުޅުވައިލިއެވެ. އަތް މައްޗަށް ހިތްލާލުމާއިއެކު ޔަނާއާއި ދިމާއަށް އަންނަން ފެށިއެވެ. ކުރިމަތި އޮތީ މައްޗަށެވެ. ޔަނާއަށް އެ އިން ގޮތަށް ހަމަ ތެޅެވެނީއެވެ. ޔަނާގެ މޫނާއި މޫނު ޖެހޭހާ ކައިރީގައި އެކުއްޖާ އައިސް ހުއްޓިއްޖެއެވެ. ޔަނާ އަޑުން އަޑުނަގާ ރޮމުން ދިޔައެވެ. އެ ކުއްޖާގެ މޫނު އަނބުރާލުމާއި އެކު ޔަނާގެ ހޭވެރިކަން ފިލައިގެން ދިޔައެވެ.
އިރު އެރުމާއި އެކު ފަހީމާ ތެދުވެ ފެންވަރާލައިގެން ބަދިގެއަށް ވަތްއިރު މި ފެންނަނީ ހުވަފެނެއް ބާ އޭ ހިތައް އެރިއެވެ. ޔަނާ އެ ހުރީ ސައިހަދާ ނިންމާލާފައެވެ. މޭޒު މަތީގައި ތަށިތައް އަތުރާލުމަށްފަހު ފަހީމާއަށް ގޮވާލިއެވެ. ދަރިފުޅަށް ވިސްނުނީ ކަމަށް ވިސްނާފައި ފަހީމާވެސް މާ ބޮޑަކަށް އަޅައެއް ނުލައެވެ.
ފެންވަރަން ހުރި ނީލްގެ ފޯނަށް ސިމަކް ގުޅަމުން ދިޔައެވެ. ފަސް ވަރަކަށް ފަހަރު ގުޅުންތަނާ ނީލް ފޯނު ނެގިއެވެ. އަނގައިން ބަހެއް ނުބުނެވިގެން އުޅެނިކޮށް ސިމަކް ވާހަކަ ދައްކަން ފެށިއެވެ.
” ކައޭ ވާ ރަނގަޅު.. މިހާރު އެޔޮއް މެންދުރުވީ ވިއްޔާ.. ކައޭ ބަލާ އައިސް ހުންނަތާ ކޮން އިރެއްތަ.. މަ މުޅިން ފިހެލާފިއޭ.. ބޭރަށް ކާންދާ ވާހަކަ ބުނީމަ މަ ނުވެސް ކައި މި އުޅެނީ.. މިޔޮއް ގޮހޮރު ވަޔައް ތެޅެނީޔޭ އަންނަންވީ އަވަހައް.. މަ މި ހުރީ ތިގޭ ދޮރުމަތީގަ.. ” ސިމަކްގެ ޝަކުވާގެ އަޑު އިވުމުން ނީލް އަވަސް އަވަހަށް ޓީޝާޓް ބޮލަށް މަހާލުމަށްފަހު ބޮޑީ ސްޕްރޭ ގަޔަށް ބުރުވާލިއެވެ. އަތުން ބޮލުގައި ފުނާ އަޅާލުމަށްފަހު އަތުގެ މުލައްދަނޑީގެ މެދާ ހަމައަށް ޓީޝާޓްގެ އަތް އަރުވާލިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ލޯ މަތީގައި އަވި އައިނު އަޅަމުން ބޭރަށް ނިކުތް އިރު ސިމަކް ހުރީ ގޭ ކުރިމަތީގައެވެ. އެއްފައި މައްޗަށް ހިތްލާލުމަށްފަހު ސައިކަލް މައްޗަށް އެރިއެވެ. ލަސްވެފައި ހުރި ސިމަކް ދުއްވާލީ ވަރަށް ބާރަށެވެ.
” އޭ އޭ މަޑުކޮށްލަބަލަ.. އެހެރީ ޔަނާ.. ” ފަހަތުގައި އިން ނީލް ސިމަކްގެ ބުރަކަށީގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ. ” ކިކިކިކި.. މަށެއް ނޫޅެން މަޑުކުރާކަށް ތި ދެމީހުންގެ ޑްރާމާ ބަލާކަށް.. ” ސްޕީޑް މަޑުކޮށްލަމުން ސިމަކް ބުނެލިއެވެ. ނީލް ބަލާލުމުން ޔަނާ ހީލިއެވެ. މީ އަޖާބެކޭ ނީލްގެ ހިތައް އެރިއެވެ.
” ކަލޯ އެމަންޖެ ހީލި މަށަށް.. ” ގޮނޑި މައްޗަށް ޖެއްސި ގަންނަމުން ނީލް ބުނެލިއެވެ. ” ޕިސް ޕިސް.. ހެޔޮނުވާނެ ތިވާހަކަ ނުދައްކާ.. އަނެއްފަހަރު މުޅި ރަށަށް އަނެއް އެއްޗެކޭ ކިޔާފަ ބޭޒާރު ކޮށްލަދާނެ.. އެމަންޖެވެސް ދޮގެއް ނޫނޭ އެބުނީ.. ކައޭ ކޮއްކޮ ހާދަ ބަޑި ޖައްސައޭ.. ” ” އާން އެއީ އޭނަ ވައްތަރު.. މަ ކޮއްކޮ އެއް ނޫން.. މަ އެއް ބަފާ މީހެއް.. މަ ނޫޅެން ކޮއްކޮ ކިޔާކަށް.. ” ތައްޓަށް ފެންފޮދެއް އަޅަމުން ބުނެލިއެވެ.
ދަންވަރު އެކެއް ޖަހަނީއެވެ. ޔަނާގެ ދެލޯ ތަންމިނަށް ހުޅުވިއްޖެއެވެ. ރޯމަހެއް ތެޅޭހެން އެނދުމަތީގައި ތެޅެން ފެށިއެވެ. ހީވަނީ މީހަކު ކަރަންޓު ޖައްސާ ހެނެވެ. އިރުކޮޅަކު ތެޅި ތެޅިފައި ހިމޭން ވެއްޖެއެވެ. މެރިފައި އޮތް ދެލޯ ހުޅުވާލިއެވެ. ދެލޯ ހުރީ އަނގުރު އަލިފާން ކޮޅެއް ހެނެވެ. ޔަނާގެ ސިފަ ބަދަލުވާން ފެށިއެވެ. އިސްތަށިގަނޑު ދިގުވާން ފެށިއެވެ. އަތުގައި ރޫ ޖެހެން ފެށިއެވެ. މުޅި ގައި ހުދުވެ މިހާރު މިވަނީ ޖިންނި ކުއްޖާގެ ސިފަ ޖެހިފައެވެ. ހިނގައިފައި ގޮސް ކޮޓަރި ދޮރުމައްޗަށް ހުއްޓިއްޖެއެވެ. ދޮރު ތެރޭން ފުރޭނިގެން ގޭ ސިޓިން ރޫމް ތެރެއަށް ނިކުމެ ކަޅި ދެކޮޅަށް ހިންގާލީ މީހެއްގެ ހިލަމެއް ވޭތޯއެވެ. އަނެއްކާވެސް ޔަނާގެ ސިފައަށް ބަދަލުވެއްޖެއެވެ. ކަޅުފޮއެ ރޭ ބޭރަށް ނިކުމެ ޔަނާ އެދަނީ ކޮންތާކަށްބާއެވެ..؟
ޓީވީ ބަލަން އޮތް ނީލް ގަޑި ބަލަމުން އާ ފުރުނެވެ. ގަޑިން އެއްގަޑި ބައި ވަނީއެވެ. އަވަހަށް ޓީވީ ނިވާލުމަށްފަހު އެނބުރުނު ވަގުތު ކުޑަދޮރު ކައިރީ ކުއްޖެއް ހުއްޓެވެ. ހިންދިރުވާލުމަށްފަހު މެއިގައި އަތް އަޅައިލެވުނެވެ. ބިރުވެރި އެއްޗެއް ބަލަންވެސް ބިރުގަންނަ ނީލްއަށް މިޔޮއް ފެނުން އެއްޗަކުން މިރޭގެ ނިދި ހަރާބުވީއޭ ހިތަށް އެރިއެވެ. ފަހަތައް ފަހަތައް ޖެހެމުން ކޮޓަރިއަށް ދާން އުޅެނިކޮށް އެކުއްޖާ ގޮވާލިއެވެ. ” ޔަނާ.. ” ގަބޫލު ނުކުރެވިފައި ހުރިނަމަވެސް ދުލުން ބޭރުވީ އެނަމެވެ. ” ނީލް އާދެބަ މިކޮޅަށް.. މިތާ ބޭރަށް.. ” އެހުރި ގޮތަށް ހުރެ ޔަނާ ގޮވާލިއެވެ. ހިތުގެ ތެޅުން މަޑުވިއެވެ. ޗޮކެއް ކަނޑާލާފައި އަމިއްލަ ނަފްސަށް މަލާމަތް ކޮށްލެވުނީ އެވަރުގެ ކަމަކާ ބިރު ގަތުމުންނެވެ.
” ކިހިނެއް ވީ..؟ ” އިސްޖަހާލައިގެން ހުރި ޔަނާގެ ކުރިމައްޗަށް ހުއްޓިލަމުން ސުވާލު ކޮއްލިއެވެ. ” ސޮރީ.. އައި ލަވް ޔޫ.. މަށާ ރައްޓެހިވެދާނަން ތަ؟ ” މުޅި ދުނިޔެ ރަންވިހެން ހީވިއެވެ. އަނގަމަތީގައި ނުފެންނަ ދަތެއް ނެތެވެ. ” ހޫމް.. އެ ރޭ ވެސް އަހަރެން ތިހެން އަހަން ހުރީ.. އަހަރެން ވަރަށް ލޯބިވޭ ޔަނާ ދެކެ.. ” ބައްދާލަމުން ނީލް ބުނެލިއެވެ. ” ދެން މިތާތަ ތިބެނީ..؟ އުޅޭ ކޮޓްރިއަށް ދާން.. ” ނީލް ހައިރާން ވިއެވެ. އުޑުމަތި ބަނަވެ ހިމަފޮދު ވާރޭ ވެހެން ފަށައިފިއެވެ. އިތުރު އެއްޗެއް ނުބުނެ ޔަނާ ގޮވައިގެން ނީލް ކޮޓަރިއަށް ވަނެވެ. އަނދިރި ވެފައިވާ ކޮޓަރީގެ ބޮކި ޖައްސާލަން ސްވިޗް ބޯޑަށް އަތް ދިމާ ކޮއްލުމުން ޔަނާ ނީލްގެ އަތުގައި ހިފަމުން ދޮރާލާ ނީލް ތަތްކޮއްލިއެވެ. ޔަނާވެސް ނީލްގެ ގައިގައި ތަތްވެގަތެވެ. ފުންނާބު ހިތްލާލުމަށްފަހު ނީލްގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. އަވަސް ހަރަކާތަކާއި އެކު ނީލް ލައިފައި ހުރި ގަމީހުގެ ގޮއްތަށް ނައްޓުވަން ފެށިއެވެ. ނީލްވެސް ބަލާކަށް ނުހުރެ ޔަނާގެ ހަށިގަނޑުގެ ފޮނި މީރުކަން ލިއްބައިގަތެވެ.
ފަތިހު ފޯން އެލާމް ވާ އަޑަށް ނީލްއަށް ހޭލެވިއްޖެއެވެ. ޔަނާއެއް ނެތެވެ. އަނެއްކާ މިފެނުނީ ހުވަފެނެއްބާއޭ ހިތާ އަމިއްލަ ބޮލުގައި އަތުން ޖަހާލިއެވެ.
” އޭ ބަޑީ.. ކަލޯ ސެޓުވެއްޖެ.. އަމިއްލަ އަކަށް ރޭ ދަންވަރު އައިސް މާފަށް ވެސް އެދުނު.. ދެން ނުވެގެން އުޅުން ކަންތައްވެސް މި ވީ.. ” މެއި މަތިން ދެއަތް ހުރަސްކޮއްލާ މައްޗަށް ބަލާލަމުން ނީލް ބުނެލިއެވެ. ” ކިހާ ވަރަކުން ދާނެބާ.. މާދަން ކަންނޭނގެ ބުނާނީ މަށެއް ރައްޓެއްސެއް ނުވަމޭ ކައޭގެ އަމަޔާ ރައްޓެހިވާން ދާށޭ.. ހެހެ.. އުޅޭ ދެން ނައިޓް ފިޝިން އަކަށް ދާން.. މިރޭ.. އެއްކަ ރޭ ވެސް ދާނަމޭ ބުނީމަ އެން ވެސް ހޯދިން.. ކައޭ ފަނި ހެދީމަ އެ ހުންނާނެ ފްރިޖް ތެރެއަށް ލާފަ.. މަ ހާދަ ކުރާ ހިތްވާ ކަމެކޭ.. ފަރު މައްޗަށް ދޯ ދާނީ.. މިރޭ ފަނި ނުހަދާތި.. ” ” އާން މަވެސް ފަހުން އަދި ތިހެން ކިޔަން ހަނދާން ނެތޭ.. ހޫމް.. ދެން ދާންތާ ދޯ ޖެހޭނީ.. 10 ޖަހާކަށް ހާއިރު ދޯ ނައްޓާލާނީ.. ދެމީހުން އެކަނި..؟ ” މޫނު މައްޗަށް ވައްތަރެއް ޖައްސަމުން ނީލް އަހާލިއެވެ. ” އާން ކީއްތަ ވީ..؟ އަދި ރަށު ރައްޔިތުން ގެންދަން ޖެހޭތަ..؟ ހޫމް މަށަށް އެނގިއްޖެ މިހާރު.. އެ ކިޔަނީ ޔަނާ ގެންދަން އުޅޭށޭ.. ” ” ހެހެ.. ކައޭ ވެސް ދޯ.. އޯކޭ.. އެޓް ޓެން.. އަންނާތި.. ”
ފޯރީގައި މަސްބާނަންތިބި ދެމީހުން ހޭވައްޓާފައި މަސް ބާނަމުން ދިޔައެވެ. ” އޭ.. މިރެއަށް ވާވަރު ވެއްޖެ.. ދެން ހިނގާ ދަމާ.. ޔާރައްބީ.. މިހެން ތިއްބާ އެޔޮއް އެކެއް ޖަހަނީ.. ” ” ހުވާ.. އެކަމް ހަމަ އެއްލާ ތަނުން އެބަ ގަނޭ.. ހާދަ މަޖަލޭ.. ” ނީލް ބުނެލިއެވެ. ފުޅިއަށް ކަންވާރު އޮޅާލުމަށްފަހު ސިމަކް ބާލީދި ތެރެއަށް ފުޅި ވައްޓާލިއެވެ. އުޅަށް ގަނޑުގައި ހިފާލުމަށްފަހު އެއްގަމާ ދިމާއަށް ހިނގައިގަތެވެ. ނީލް ވެސް ބާނާފައި ހުރި މަސްތަށް އަޅާފައި ހުރި ބާލީދި ހިފައިގެން ސިމަކްގެ ފަހަތުން ހިނގަމުން ދިޔައެވެ. ގޮނޑުދޮށުގެ ރާޅުޖަހާ ހިސާބުން އެ މަސްތަކަށް ހަދާނެ ގޮތަކާމެދު ދެމީހުން މަޝްވަރާ ކުރަމުން ދިޔައެވެ.
” ޗީ.. ފާޑެއްގެ ވަހެއް އެބަ ދުވާ.. ބުޅާ ސީތަ؟ ” ނޭފަތުގައި އަތް އަޅާލަމުން ނީލް އަހާލިއެވެ. ” ނޫން.. މަށަށް ވެސް އެބަ ދުވާ.. ފަރުހަކި ވަސް އެއީ.. ” ސިމަކް ދެބުމަ ގޮއް ޖަހާލަމުން ހާސްވެފައިހުރެ ބުނެލިއެވެ. މަޑުމަޑުން ކުރިއަށް ދެމީހުންވެސް ހިނގަމުން ދިޔައެވެ. ގަސް ބޯކަމުން އެތެރެ އެތެރޭން ލައިފައި ރަށުތެރެއަށް އެރޭ ގޮތެއް ނުވިއެވެ. ” އޭ ބަލާލަ.. ” ސިމަކް ނީލްގެ ގައިގައި ކޮއްޓާލަމުން ދައްކާލިއެވެ. ” ޔަނާ.. ” ވައި އަޑުން ނީލްއަށް ބުނެލެވުނެވެ. ދެމީހުންވެސް އަވަސްވެގަތީ ގަހެއް ދަށަށް ވަދެ ފިލުމަށެވެ. އެތާ އިނދެވެސް ނީލްގެ ޝަކުވާ އަކަށްވީ ޔަނާ ފެނުމުން ސިމަކް ފިލަން ބުނުމުންނެވެ. ” ޝްޝްޝް… މަޑުން އިނދެބަލަ.. މިގަޑީގަ އޭނަ ކީއްތަ އެކުރަނީ މިތާ..؟ ވަގު ހިފިޔަސް އެހެން އެއްޗެއް ހިފިޔަސް ހިފޭނީ ތިތާ މަޑުން އިނީމައެއް ނޫންތަ.. ވާހަކަ ނުދައްކަބަލަ.. ” ސިމަކް ހިތްހަމަ ނުޖެހިފައި އެހެން ބުނުމުން ނީލް މައިތިރި ވިއެވެ.
އެ ދިޔަ ގޮތަށް ގޮސް ޔަނާ ހުއްޓުނީ މޫދު ކުރިމައްޗަށެވެ. ލޮނުފެން ފައިގައި ބީހިލުމާއިއެކު ޔަނާ ކުޑަކޮށް މައްޗަށް އެރިއެވެ. ހެދުމުގެ ކުލަ ބަދަލުވެއްޖެއެވެ. މޫނުމަތީގެ ސިފަ ބަދަލު ވެއްޖެއެވެ. މިހާރު އެހުރީ އެއްކަލަ ކުއްޖާގެ ސިފައިގައެވެ. ބިމުގައި ފައި ޖެއްސުމާއިއެކު ދެއަށް ވަލިގަޑު ތެރެއަށް ވައްދާލުމަށްފަހު އެތަން ކޮންނަން ފެށިއެވެ. ވަކި ހިސާބަކަށް ކޮނެވުމާއިއެކު ހީގަތެވެ. އިންސާނެއްގެ ހަށިގަނޑު އެ ވަޅުތެރެއިން ނަގާ ބަނޑަށް އަތް ވައްދާލުމާއި އެކު ގޮހޮރުގަނޑު ދަމައިގަތެވެ. ބޮޑު އަނގައެއް ހުޅުވާލުމާއެކު އެ ތޫނު ދަތްތަކުން އެމީހާގެ ހަށިގަނޑުން ފަހަރަކު ތަނެއް ރޮލާ ކާން ފެށިއެވެ. ބަނޑު ފުރުމުން ހިންދެމިލިއެވެ. އެ ވަޅުގަނޑު ތެރެއަށް ނުކެވި އޮތް ބައި ވައްޓާލުމާއިއެކު ފަސްއަޅާ ކުރިން އޮތް ގޮތަށް ރީތިކޮށްލިއެވެ. މޫދަށް ފުންމާލުމަށްފަހު އެއްގަމާ ދިމާއަށް ހިނގައިގަތެވެ. އަޅާ ކޮންމެ ފިޔަވަޅަކާއިއެކު އެ ކުއްޖާގެ ސިފަ ޔަނާގެ ސިފައަށް ބަދަލުވަމުން ދިޔައެވެ. މި ހުރިހާ މަންޒަރެއް ބަލަންތިބި ސިމަކް އާއި ނީލް ތިބީ ބިރުންގޮސް ހަލާކު ވެފައެވެ. ” އެހެންވީމަ އެއީ ޔަނާއެއް ނޫންތާ.. އެކަމަކު އަސްލު ޔަނާ ކޮބާބާ..؟ ” ހައިރާން ވެފައިހުރެ ސިމަކް އަހާލިއެވެ. ވާނުވާގައި ނީލް ހުރީ އެއްޗެއް ބުނެވޭފަދަ ހާލަތެއްގައެއް ނޫނެވެ.
ގެއަށް ވަދެވުމާ އެކު ނީލް ވަނީ ކޮޓަރިއަށެވެ. ބޮކި ދިއްލަން އުޅެ އުޅެ ދިއްލޭ ގޮތެއް ނުވިއެވެ. އެހެން އުޅެނިކޮށް ދިއްލާލެވުނީ ނިދާ ބޮތްކެވެ. ބޮކި ދިއްލުމާއި އެކު ނީލް އަށް ހަޅޭ ލަވައިގަނެވުނެވެ. ޔަނާ އެ ހުރީ ހަތަރު މޮއްގަނޑު ޖަހާގެން ސްވިޗް ބޯޑު ކައިރީގައެވެ. ތަޅު އަނބުރާ އަނބުރާ ހުޅުވޭ ގޮތެއް ނުވިއެވެ. ޔަނާ މަޑުމަޑުން ފައިބާ ކޮޅަށް ތެދުވިއެވެ. އިރުކޮޅެއް ނުވެ ކަނާއަތް ފަރާތުން ބޮލުގެ އިސްތަށިގަނޑު ދިގުވާން ފެށިއެވެ ހެދުން ދިގުވެ ހަންގަނޑު ރޫޖެހެން ފެށިއެވެ. ކުއްލިއަކަށް އިސް އުފުލާލަމުން އަނގަ ހުޅުވައިފައި ތޫލި އަޑަކުން ހަޅޭ ލަވައިގަތެވެ. ކަންފަތް ހީވީ ދެންމެ ދެންމެ ބީރުވެދާނެ ހެނެވެ. ދެކަންފަތުގައި އަތް އަޅައިގެންހުރި ނީލްއަށަ ކުޑަކޮށް ގުދުވެލެވުނެވެ. މިހާރު އެހުރީ ދެފަޅި ދެސިފައިގައެވެ. ކަނާތު ލޯހުރީ ކަޅުކޮށެވެ. ނިތްކުރިމަތީގައި ބިއްލޫރި ގަނޑެއް ހެރިފައި ވާއިރު ހޯސްލައިފައި ލޭ ފައިބަ ފައިބާ ހުއްޓެވެ. މޭމަތީގައި ވިދެއް އިންއިރު މޭކަށިގަނޑު އިނީ ފެންނާށެވެ. ” ކަލޭ.. ކަލެޔާ ޔަނާ އާ ވެގެން މަށަށް ގޯނާ ކުރީ.. ހީވަނީތަ ކަލޭމެން އެކަންޏޭ ދުނިޔޭގަ އުޅެން ޖެހެނީ..؟ އަހަންނަށް ކުރާ ކޮންމެ އަނިޔާއެއްގެ ބަދަލަކަށް ވާނީ މަރު.. އެގޮތަށް ޔަނާވެސް އަހަރެން މަރާލީ.. ” ވާތު ފަޅީގެ ސިފަ ބަދަލުވަމުންގޮސް މިހާރު އެހުރީ ޖިންނި ކުއްޖާގެ ސިފައަށް ބަދަލުވެފައެވެ. ” ޔަ.. ޔަނާ.. ކީއްކުރީ..؟ އަ.. އަހަރެން ކީއްކުރީ..؟ ” ބިރުން އިންނަމަވެސް ހަގީގަތް އެނގެން ބޭނުންވެފައި އިންވަރުން ނީލް އަށް އަހާލެވުނެވެ. ” ޔަނާ އަހަރެން ނިދާފަ އޮއްވާ ތަށިން ޖެހީ.. ކަލޭމެން ތިބިތާ ކައިރީގަ އަހަރެން ނިދާފަ އޮތީ.. ހަނދުވަރުދޭ ރޭރޭ އަހަރެން އެކި ރަށް ރަށަށް ޒިޔާރަތް ކުރަން.. އެގޮތުން އަހަރެން މިފަހަރު މިރަށަށް އައީ.. އެންމެ ފުރަތަމަވެސް އަހަރެންނަށް ގޯނާކުރީ އޭނަ.. ކަލޭ ސިނގިރޭޓުބުރި އެއްލީ އަހަރެންގެ މެޔަށް.. އަހަރެން ގޭގަ އޮށޯވެލައިގެން އޮތީ އަރާމް ކޮށްލަން.. ކަލެޔަށް އެބަ ފެނެޔޭނުން އަހަރެންގެ މެޔަށް ވެފަ އިން ގޮތް.. ކަލޭ ފަރާތުން ބަދަލު ހިފަން އަހަރެން ބޭނުންވީ އެންމެ ފުރިހަމައަށް.. އެކަމަކު ކަލެޔަށް މިރޭ އަހަރެން ޔަނާގެ މަސް ކާން އިންދާ ފެނުނީ.. މިރޭ ލާނެ އެންމެ ފަހު ނޭވާ ކޮޅު ތި ލެވެނީ.. ” ނީލް ފުންކޮށް ނޭވާލާން ފެށުމުން އެކުއްޖާ މަލާމަތް ކޮށްލިއެވެ.
މެންދުރުންސުރެ ސިމަކް ނީލްއަށް ގުޅަމުން ދިޔައެވެ. ހަވީރު ވީއިރުވެސް ފޯނު ނުނެގުމުން ސިމަކް ބޭނުންވީ ނީލްގެ ގެއަށް ދިއުމަށެވެ. ” ދައްތާ ކޮބާ ނީލް..؟ ” ” ނޭނގެ.. މިއަދު އަދި ކޮޓަރިން ނުނިކުމޭ.. ރޭގަ މަހަށް ދިޔާމަ ވަރުބަލިވެގެން ނިދާފަ ކަންނޭނގެ.. އެހެންވެ ނުގޮވަން.. ” ހިތްކަން އަޅާފައިހުރި އެއްޗިހި ނަގަމުން ސަރީފާ ބުނެލިއެވެ. ނަމަވެސް ސިމަކް ބޭނުންވީ ނީލް އަށް ގޮވާށެވެ. ނީލްގެ ކޮޓަރިއާ ހަމައަށް ދިއުމުން ކުނިވަސް ދުވުމުން ދެތިން ފަހަރަކު އޯކާ ދެމެން ފެށުނެވެ. ތަޅު އަނބުރާލިއިރު ހުރީ ތަޅުލާފައެވެ. ” ބޭބޭ އާދެބަލަ.. ކުނިވަހެއް ނުދުވާތަ..؟ ” ކީސް ހިފައިގެން ބޭރަށް ނިކުންނަންދިޔަ ހަސަނަށް ސިމަކް ގޮވާލިއެވެ. ދެލޯ ތަންމިނަށް ބޮޑުކޮށްލަމުން ދޮރުގައި ދެތިން ފަހަރަކު ބާރަށް ޖެއްސިގަތުމުން ދޮރު ހުޅުވިއްޖެއެވެ. މުޅި ތަނަށް ކުނި ވަސްގަނޑު ފެތުރިގެން ދިޔައެވެ. ދެލޯ ކަރުނުން ފުރިގެން ދިޔައީ އެންމެ ގާތް އެކުވެރިޔާއަށް ވެފައި އޮތް ގޮތް ފެނުމުންނެވެ. ދެ ލޮލެއް ނެތެވެ. ގައިގައި ވަކިނާޅާ އެންމެ ތަންކޮޅެއްވެސް ނެތެވެ. ލެއިން އޮތީ ތަތްތެޅިފައެވެ. ހަސަނު ބިރުންގޮސް ހަޅޭ ލެވުމުން އަވަށްޓެރިން އެ ގޭ ދޮށަށް އެއްވެއްޖެއެވެ. އެންމެންވެސް ތިބީ ނީލް އޮތް ގޮތަކުން ބިރުންނެވެ. ގޭތެރެއަށް ވަދެގެންއައި ކާސިންބެގެ އަތުގައި ހިފައިގެން ސިމަކް ނިކުތީ ބޭރަށެވެ. ކާސިންބެ އަކީ އެރަށުގައި ހުރި އެންމެ މޮޅު ފަންޑިތަވެރިޔާ ކަމަށް ވާތީ އެރޭ ދިމާވި ހާދިސާ ކާސިންބެއަށް ކިޔާދިނެވެ. މި އަޑުއަހަން ކައިރީގައި މީހަކު ހުރިކަމެއް ސިމަކް އަކަށް ނޭނގެއެވެ. ހުރިހާ ވާހަކައެއް ނިންމާލުމަށްފަހު އެ ޖިންނި މަރާލާށޭވެސް ސިމަކް ބުނެލިއެވެ. އެކުއްޖާގެ ޝިކާރައަކަށް ސިމަކް ވީތާއެވެ. ދެ ލޮލުގެ ކަޅި ރަތްވެ ނުލަފާ ވައްތަރަކަށް ހީގަތެވެ.
ނީލް ވަޅުލުމުގެ ކަންތައް ނިންމާލުމަށްފަހު މިރޭގެ މަޣްރިބް ނަމާދަށްފަހު ސިމަކް ކައިރީ ކާސިންބެގެ ގެއަށް އައިސްދިނުމަށް އެދުނެވެ. އަދި އެވާހަކަ ސިއްރެއްގެ ގޮތުގައި ބޭއްވުމަށް ކާސިންބެ އެދުނީ ކަމުގެ ނުރައްކަލާއި ދޭތެރޭ ވިސްނާލާފައެވެ.
މަޣްރިބް ނަމާދަށްފަހު ސިމަކް ކާސިންބެގެ ގެއަށް ދިޔައީ ގަނެފައި ހުރި ބިރެއްގެ ބޮޑުކަމުން ހަސަނުވެސް ގޮވައިގެންނެވެ. ދިޔަ މަގުމަތީ ހަސަނު އެއްފައްޗަކަށް އެއްސުވާލެއް ތަކުރާރު ކުރަމުން ދިޔައީ ވެގެން އުޅޭ ގޮތް ނޭނގުމުގެ ސަބަބުންނެވެ. ހަސަނު ދައްކާ ވާހަކަ އަކަށް ސިމަކް އަޅާލުމެއްނެތި ސައިކަލް ދުއްވަމުން ދިޔައެވެ.
އެ ގެއަށް ވަދެވުމާއި އެކު ބޭރުތެރެއަށް ކަޅި ހިންގާލާފައި ކާސިންބެ ދޮރު ތަޅުލިއެވެ. ” އަހަރެން ބުނީމޭނުން އެއްވެސް މީހަކަށް ކިޔާ ނުދޭށޭ.. ” ހަސަނާ ދިމާއަށް ބަލަންހުރެ ކާސިންބެ ބުނެލިއެވެ. ” އަދި އެއްވެސް މީހަކަށް ކިޔައެއް ނުދެން.. ހަސަންބެ ގޮވާގެން މި އައީ އެކަނި އަންނަން ނުކެރިގެން.. އެހެން ނޫނަސް މީ ނީލްގެ ބައްޕަ ހަސަންބެ.. ހަސަންބެއަށް އެނގިގެން އިތުރު އެއްވެސް މީހަކަށް ނޭނގޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެން.. ” ސިމަކް ހަސަނަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން އެހެން ބުނީ ވަރަށް ޔަގީންކަމާ އެކުއެވެ. އެންމެ ރަނގަޅު ކަމަށް ބުނެ އަތުގެ އިޝާރާތުން ސިމަކްމެން ކައިރީ އިށީނުމަށް ބުނި ވަގުތު މުޅި ގެއިން ކަރަންޓް ކެނޑިއްޖެއެވެ. އުއްބައްތިއެއް ހޯދުމަށްފަހު ކާސިންބެ އޭގައި ރޯކޮށްލައި ސިމަކް މެންނާ ދިމާއަށް އެނބުރުން ގަޑީ ދެމީހުންގެ ހެޔަށް ގޮތް ނުވީ ކިރިޔާއެވެ. ކުރިމަތީ އެހުރީ އެރޭ ސިމަކްއަށް ފެނުނު ކުއްޖާއެވެ. ގަތް ބިރެއްގެ ބޮޑުކަމުން ތެޅިގެންފައި ދެމީހުންނަށްވެސް އެއްފަހަރާ ގޮނޑިން ތެދުވެ ދުއްވައި ގަނެވުނީ ދޮރާ ދިމާއަށެވެ. ނުލަފާ ވައްތަރަކަށް ހިނިގަނޑެއް ޖަހާލުމަށްފަހު އެކުއްޖާ ވާހަކަ ދައްކަން ފެށިއެވެ. ” އަހަރެން މަރާލާށޭ..؟ އަހަންނަށް މިހާލު ޖައްސާފަ އަދި ކަލޭމެން އިންސާނުން ހީކުރީތަ ބޭނުންހާ ގޮތެއް ހަދާލެވޭނޭ..؟ ” މިހެން ބުނިއިރު އެކުއްޖާގެ އަޑު ވަނީ ބަރުވެފައެވެ. ތަނަށް ބިރުވެރިކަން ވެރިވެގެން ދިޔައެވެ.
” ކޮ.. ކޮ.. ކޮބާ ކާސިންބެ..؟ ” ސިމަކް ހިތްވަރު ކޮށްލާފައި އަޑަށް ބާރުލަމުން ބުނެލިއެވެ. އެއޮށް ބޮޑު މީހާ ހަސަނުވެސް ވަނީ ބިރުން ފުކަކަށް ވެފައެވެ. ހިނިގަނޑެއް ޖަހާލުމަށްފަހު އެކުއްޖާ ޖަވާބު ދިނެވެ. ” އަހަރެން އޭނަވެސް މަރާލީ.. އަހަންނަށް ގޯނާއެއް ދޭން ހިތަށް އެރުވިޔަސް، އެކަހަލަ ކަމެއް ކުރަން ރޭވިޔަސް އެމީހެއްގެ ދުވަސް ދުއްވާލާނަން.. ” ގޭތެރެއަށް ޖެހުނު ބާރު ވައިގަނޑާއެކު ސިމަކް މެންގެ ކުރިމައްޗަށް އެއްޗެއް ޖެހުމުން ބަލާލިއެވެ. އެވަގުތު މުޅި ގޭތެރޭގައި ހުރި ބޮކިތައް ދިއްލި ދިއްލިފައި ނިވެމުން ދިޔައެވެ. ކަމަކު ދާކަށް ނެތެވެ. ކާސިންބެގެ ފުރާނަނެތް މަސްގަނޑު މިއޮތީ ކުރިމަތީގައެވެ. ކާސިންބެއަށް ހަދާލާފައި ވަނީވެސް ހަމަ ނީލްއަށް ހަދާލާފައިވާ ގޮތެވެ. ފެނުން މަންޒަރުން ހަސަނަށް ހޮޑު ދުއްވާލެވުނީވެސް ކާސިންބެގެ މޫނުމައްޗަށެވެ. ހޮޑު ލައިލައި މީހާގެ ގައިން ވަރު ދޫވާން ފެށިއެވެ.
” ހެޔޮނުވާނެ އަހަރެމެން ދެމީހުން ދޫކޮށްލާ.. އަހަރެމެންގެ ފަރާތުން އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ނޭނގޭނެ.. އާދޭސް ކޮށްފަ މި ބުނީ.. އަހަރެމެން ދޫކޮށްލާ.. ” ގޮތް ހުސްވެފައިހުރެ ސިމަކް އެކުއްޖާގެ ކިބައިން އާދޭސް ކުރަން ފެށިއެވެ. ބަނޑުހައި ވެފާވާ ސިންގާއެއް ފަދައިން ސިމަކް ވައްޓާލުމަށްފަހު ސިމަކްގެ ގައިމައްޗަށް ޖެހިގަތެވެ. ވީތަދުން ނޭވާލާން އުނދަގޫވެފައި ސިމަކްއަށް އޮވެވުނެވެ. އެވަގުތު ހަސަނުގެ އަތުގައި ހިފުމަށްފަހު އަތުކޮޅަށް ހޫރާލިތަން ފެނުނެވެ. ޖެހުނުގޮތަށް ހަސަނު ހަޅޭ ލަވައިގަތް އަޑު އިވުނެވެ. އޭގެ ފަހުން އަޑު މަޑު ވަމުން ވަމުން ގޮސް ހަސަނުގެ ހަބަރު ހުސްވިއެވެ. ދެން އެކުއްޖާ ސިމަކްއަށް ހަމަލާ ދިނުމަށްޓަކައި ގަމީހުގައި ހިފާ ކޮޅަށް ނެގިއެވެ. އޭރުވެސް އެކުއްޖާ ހުރީ ސިމަކްގެ ގައިގައި ހަތަރެސްފައި ތަތްކޮށްލާފައެވެ. އެހުރި ގޮތަށް ހުރެ ބޮލުގައި ދެއަތުން ހިފުމަށްފަހު ބާރަށް ފިތާލި ވަގުތު ހެޔަށް ގޮތްވިއެވެ. ދެން ވީގޮތެއް ނޭނގުނެވެ. އަނެއްކާވެސް ބާރުގަދަ ހިނިގަނޑެއް ޖަހާލުމަށްފަހު އެ ޖިންނި ކުއްޖާ ދިޔައީ ކާސިންބެގެ ފުރާނަނެތް މަސްގަނޑުވެސް ހިފައިގެންނެވެ.
އެ ރެޔަށް ފަހު ސިމަކް ވަނީ ދުނިޔެއިން މޮޔަވެފައެވެ. ވެދިޔަ ކަންތައް ވަނީ ހިތުން ފިލައިގެން ގޮސްފައެވެ. އަބަދުވެސް އިންނާނީ ކޮޓަރި ތެރޭ ކަނެއްގައި އެކަނިމާ އެކަނި ވާހަކަ ދައްކާލަ ދައްކާލައެވެ. ސިމަކްގެ ހާލާ ދޭތެރޭ ވިސްނާ ވިސްނާ ސިމަކްގެ މައިންބަފައިން ވެސް ތިބެނީ ފާޑަކަށް ގަބުވެފައެވެ. ވާނީވެސް އެހެންތާއެވެ. ހުރި ހަމައެކަނި ދަރިފުޅު ދުނިޔެއިން މޮޔަވީ ކިހިނެއް ކޮން ގޮތަކުން ކަމެއްވެސް އެދެމަފިރިން ހޯދާވަނީ ނޭނގިފައެވެ. އެ ހާދިސާއަށްފަހު ހަސަނަށްވެސް ދިމާވެފައިވަނީ ވަރަށް ދެރަގޮތެކެވެ. އެ ގޮތަށް ހަށިގަނޑުގެ އެއްފަޅި ވާ ވެފައި އޮންނަތާ މިހާރު ހަ މަހަށް ވުރެ ގިނަދުވަސް ވެއްޖެއެވެ. ވާހަކަ ދެއްކުނެއް ކަމަކު ކިޔާ ނުކިޔާ އެއްޗެއް ނޭނގެއެވެ.
އެއްރެއެއްގެ ދަންވަރެވެ. ފެން ބޮވައިގަނެގެން ފަހީމާއަށް ހޭލެވުންއިރު ފުޅީގައި ފެންނެތުމުން ނުކުތީ ފެންފުޅިއެއް ބަލައި ބަދިގެއާ ދިމާއަށެވެ. ކުޑަދޮރު ކައިރީގައި ދަމާފައިވާ ފޮތިގަނޑު ކޮޑަކޮށް ކެހިފައި ހުރިތަނުން ބޭރުގައި މީހަކު އުޅޭހެން ހީވާތީ ބަލާލިއެވެ. ބޭރުގައި ޔަނާ ހުރުމުން މަޑުކޮށްލީ މިފަދަ ގަޑިއެއްގައި ބޭރަށް ނުކުމެ ޔަނާ ކުރަނީ ކީއްތޯ ބަލާލުމަށެވެ. ޔަނާ ދަނީ ގޭ ބޭރު ދޮރާ ދިމާއަށެވެ. ކަމެއް ފާހަގަ ކުރެވިގެން ފަހީމާ ތިރިބަލާލީ ޔަނާ ފިޔަވަޅު އަޅާހެން ހީނުވާތީއެވެ. ފައިގެ ތިރިން ފެށިގެން މައްޗަށް ބަލަމުން ދިޔަވަރަކަށް ޔަނާގެ ސިފައަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވެމުން ދިޔައެވެ. ދޮރާހަމައަށް ދެވުމާއެކު ދޮރު އޭގެ އަމިއްލަ ޒާތުގައި ހުޅުވިގެން ދިޔައެވެ. ހުޅުވުންލެ ބާރުކަމުން ހީވަނީ ހުޅުތަކުން ނައްޓައިގެން ގޮސްދާނެހެނެވެ. ފަހީމާއަށް ހުރެވުނީ ކަޅިޖަހާވެސް ނުލާ އެދިމާއަށް ބަލަހައްޓައިގެންނެވެ. ބޭރަށް ނިކުމެ ނިކުމެ ހުރި ޔަނާ ފަހަތް ބަލާލި ވަގުތު ފަހީމާގެ ބޮލަށް ދިލައެއް އަރައިގަނެ އަތްފައިގެ އިސްތަށިތައް ކޮޅަށް ޖެހުނެވެ. މޫނުމަތީގައި ތިން އިންޗި ވަރަށް ވަދެފައިވާ މުށިގަނޑު ހެރިފައި އިންތަނުން ހޯސްލައިފައި ލޭ ފައިބަ ފައިބަ ހުއްޓެވެ. ބިރުވެރި ގޮތަކަށް ހެވިފައި ހުރިއިރު ދެލޯވަނީ ރަތް ކުލައަކުން ދިއްލިފައެވެ. ކުއްލިއަކަށް ޖެހުނު ބާރުގަދަ ވައި ރޯޅިއަކާއެކު ދޮރު ޖެހުނުލެ ބާރުކަމުން ފަހީމާ ސިއްސައިގެން ގޮސް އަތުގައި އޮތް ހުސްފުޅި ދޫވެގެން ދިޔައެވެ. އެވަގުތު މައްޗަށް އަރައިގެންދިޔަ އަލިގަނޑާއެކު އެކުއްޖާގޮސް ލޯމަތިން ކަޝްފު ވެއްޖެއެވެ.
( ނިމުނީ )
21 Comments!
Comments are closed.


Its Awesome Shuhakko. Keep it up. ?
Thnkxxx.. ??
Wow shalhi biruves ganefi…
Omg…birun halaak vehje..vaahaka kiyan ohva dhoruga tahkeh dhim adu ivuniimaved sihsaagen dhiya ee…vth salhi ege…keeep it up..
Varah reethi ?
Varah reethi
Keke.. Sam Mirey yanaa annaane.. Ayssa dhoruga taki dheyne.. 😛
Crazi biru gannavaalaashey biruveri vaahaka liuny.. 😀
Thnkx eyeshhhhh… ??
foni suhaa. site akah story eh upload kureveyty varah vefa dho thihunnany? thee dhn fukeh boduvaru. husves positive cmmnt kuranvy. negative cmmnt eh dheyn vejjeyya vahaka nukiyaasho i dnt care o. liyuntheriya o. idiot!
Eh ulheny kwcheh.. Bala suha ekanyeh nooney negative comments thakah ehcheh bunanyky eh.. Site thakah vaahaka up kurumaky emeehehge amilla kameh.. Kaey bappa site eh tha mi fuhpan.. Ehn meehunge kan kamaa nubehi hurey.. J viyas bodu varu.. Haha.. Lol..
So wat.. Kerenyaa nikan huhtuvabala.. Suha vaa emme ehcheh thaa bunely.. Ekan hajam nuvegen eh ulheny.. Pakapaka
Ahahahaha.. Thnkx.. Lol
kae amaa site ah vymatha heybali thivany? suha dhyfa oiy javaabu nufeneytha? thikahala fans r hedhi writers ves ladhugannan jeheny. baby girl ahvure kae vaki dheratha? kae akah noon dhw coment rahdhuvanyky? size olhigen thiulheny. size ah kandaalan jehidhaane.
Nooney Hama thibeyfulhaa bunaa ehchehvx alhugandu hama heyo hithun balaa gannaanan baby girl.. 🙂 ?
V reethi story eh
Vvvvv salhi biru veri vaahaka eh mi
Vvvvvvvvvvvv Salhi
Wow! Amazing. Varah rythi vaahaka. Ekamaku ninmumaa dheytherey ehaa hiyhama eh nujehey
Dhn faharakun rangalhuvaane.. 😉
alhe Hokaaa
All the best Suha varah salhi mi vaahaka. Adhi ah vaahaka liyanveenu
Varah reethi ingey. All the best suhaa. Varah biru ves ganehje