ދެވުނީ ވޭނޭ 20
ލީވާންގެ ޖަވާބަކަށް އިންތިޒާރުކުރަން ލޮލުފިޔަ ޖަހާ ނުލާ އަރީން އިނެވެ. ބުނާ ކަހަލައެވެ. އެ ކްލިޕްތަކުގެ ސައްޙަކަން ކަށަވަރުކޮށްފައި މެނުވީ ނުނިދާނަމެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އައީ ބާރަ ގަޑި ސާޅީސް ފަހެއް ވުމުންނެވެ. އެ ހިތް ނުބައި ގޮތަކަށް ތެޅިލީ ލީވާން ފޮނުވި މެސެޖު ފެނުމުންނެވެ. އަތް ތުރުތުރު ލަމުން ދިޔަ ޙާލު ލީވާން ފޮނުވި ކްލިޕްތަކުން ފުރަތަމަ އެއްޗަށް ކްލިކްކޮށްލިއެވެ.
އެއިން ފެނިގެން ދިޔައީ އަރީނަށް ޝަހުދު ދިން ކްލިޕްތަކާއި ޚިލާފު މަންޒަރެކެވެ. އެއިން ވަގުތަކަށް ދައްކަނީ ވެސް ރޭޕްގެ ޙާދިސާ ހިނގިކަމަށް ބެލެވުނު ވަގުތެވެ. ޝަހުދު ހުރި ކަމަށް ބުނި ބިޒްނެސް ރޫމް ތެރޭގައި ހުރީ އާދައިގެ މެނޭޖަރެކެވެ. އަރީން ދެވަނަ ކްލިޕް ހުޅުވާލައިފިއެވެ. އެއިން ފެނުނު މަންޒަރަކުން އޭނާއަށް ބާލީހުގައި ބާރަށް ބައްދައިގަނެވުނެވެ. ދެލޯ އުނގުޅާލައިފައި އަނެއްކާވެސް ބަލައިލީ ޤަބޫލުނުކުރެވިގެންނެވެ.
އެ ކްލިޕުން ފެނިގެން ދިޔައީ ރޭޕްގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ބްލޫ ވޯޓާސްގެ ހޮޓެލުން ޝަހުދު ނުކުމެގެން ދާ މަންޒަރެވެ. ދަނީ ރޭޕްގެ ޝިކާރައަކަށްވެ މަރާލެވުނު އަންހެންކުއްޖާގެ ފަހަތުންނެވެ. އަރީންގެ ހިތް ޝައްކާއި ވަހުމުން ފުރިއްޖެއެވެ. ޝަހުދު އެ އަންހެން ކުއްޖާގެ ފަހަތުން ދުވެފައި އެ ދިޔައީ ކީއްވެގެން ހެއްޔެވެ؟ ޝަހުދު ހުރީ މާލޭގެ ބްލޫ ވޯޓާސްގެ ހޮޓެލެއްގައި ކަމަށް ބުނެ އޭނާގެ އަތަށް ފޭކް ކްލިޕްތަކެއް ދިނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ އަސްލު ކަލްޕްރިޓަކީ ޝަހުދު ހެއްޔެވެ؟
“ނޫން. މިހެން ފެންނަ ކުޑަކުޑަ ކްލިޕަކަށް ބަރޯސާވާކަށް ނުވާނެ.” އަރީން ލެޕު ލައްޕާލިއެވެ. އެ އެއްޗެހި ބަހައްޓާފައި އޭނާ ދެން އޮށޯވެލީ ނިދާށެވެ. އެހެނަސް އޭނާގެ ސިކުނޑީގައި ފިލްމެއް ހެން ރޯލު ވަމުން ދިޔައީ ލީވާން އޭނާއަށް ފޮނުވި ކްލިޕްތަކުގެ މަންޒަރުތަކެވެ. އެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައީ ކުށްވެރިޔާ އަކީ ޝަހުދު ކަމަށެވެ. އޭނާ ކެނެޑާގައި މަސައްކަތް ކުރި އިރު ވެސް ކުށްވެރިއަކު ދިފާޢުކޮށް ދޮގު ވާހަކަތަކެއް ނުދައްކައެވެ.
އަރީން އެ ކޭސް ދޫކޮށްލަން ބޭނުންވިއެއް ކަމަކު ބަރުދަނެއް ނެތް ކަންތައްތަކެއްގެ މައްޗަށް ކޭސް ދޫކޮށްލަން ބުނާކަށް ނުކެރުނެވެ. ދެކޮޅަށް ކިރިކިރި ހުއްޓާ ފުރަތަމަ އަޑުއެހުން އޮންނަ ދުވަސް އައިސް ޖެހިއްޖެއެވެ. ކައިވެނީގެ ތައްޔާރީތައް ވެސް ވަަރަށް ފޯރީގައި ކުރިއަށް ދަނީއެވެ. އެހެނަސް ހުރިހާ ކަމެއްގައި މަސައްކަތް ކުރަނީ ދެ އާއިލާގެ މެންބަރުންނެވެ. އަރީނާއި ޒަވިއަން އެކަން ކުރިއަށް ގެންދަނީ ކިހިނެއްތޯ ވެސް ބަލައިވެސް ނުލައެވެ. ނުވީތާކަށް ޒަވިއަން އަދިވެސް ހުރީ އުޒްބެކިސްތާނުގައެވެ.
“ދަރިފުޅާ. މިހާރަކަށް އައިސް ހާދަ މާޔޫސްވެފަ. ކިހިނެއްވީ؟” ގާތްނުވެފައި އިން ކަހަލަ ގޮތަކަށް ސޭންޑްވިޗް ކާން އިން އަރީނާއި ދިމާލަށް ޔަނާލް ބަލައިލީ ކަންބޮޑުވެފައި ހުރެއެވެ. “އަނެއްހެން ކަމެއް ނުވޭ. ފާޑެއްގެ ކްލައިއެންޓަކާ އެއްކޮށް މަސައްކަތް ކުރަން ޖެހޭތީ. މިއަދު އެބައޮތް މައްސަލައިގެ ފުރަތަމަ އަޑުއެހުން.” ސޭންޑްވިޗް ކޮޅެއް އަނގަޔަށް ލައި ހަފާލަމުން އަރީން ބުނެލިއެވެ. “އޭގެ މައްޗަށް ކައިވެނި ކުރަން ޖެހޭ ދުވަސް މިއޮތީ. މާދަން ރީން ވެސް މި ގެއިން ދާނެ.” ޔަނާލް އަރީންގެ ބުރަކަށީގައި ފިރުމާލިއެވެ.
“މަންމާ! އެ ގެއަށް ބަދަލު ވިއެއް ކަމަކު މިގެއަށް ޒިޔާރަތް ކުރެވިދާނެއްނު.” އަރީން ބުނެލިއެވެ. އެ މައުޟޫއަށް ވާހަކަ ދައްކަން އަރީން ބޭނުމެއް ނުވެއެވެ. ޒަވިއަންގެ ނަން އިވިފައި ވެސް އޭނާ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އެ ވަރުގެ މީހަކާއި ކައިވެނި ކޮށްފިނަމަ އޭނާ އުޅެން ޖެހޭނެ ޙާލެއް ތަސައްވުރުކޮށްލަން ދައްޗެވެ. ޒަވިއަންގެ އަތްދަށުން މަރުނުވިއްޔާ ރަނގަޅެވެ. އޭނާ ބޭނުންވަނީ ކައިވެނި ނުކުރާށެވެ. އެ ކައިވެނި ހުއްޓުވާށެވެ. އެހެނަސް އޭނާގެ މަންމަގެ އެދުމާއި ދެކޮޅު ހަދަން ނުކެރުނީއެވެ. ހިސާބަށް ވުރެ ފިނޑީއެވެ. ދެން ކުރެވޭނެ ކަމެއް ނެތެވެ.
ސައިތަށި ބޯލައިފައި އަރީން ތެދުވެއްޖެއެވެ. “ދަރިފުޅާ. އެކުވެރިންނަށް ކާޑުތައް ދޭންވީނުން. މިހުރީ. އެހެން މީހުންނަށް ޑިޖިޓަލް އިންވިޓޭޝަން ފޮނުވައިފިން. ޚާއްސަކޮށްލަން މިގޮތަށް ކާޑު ދޭ ގޮތަށް މި ހެދީ.” ކޮޓަރިން ކާޑުތަކެއް ހިފައިގެން އައިސް ޔަނާލް އަރީނަށް ދިނެވެ. އެ ކައިވެނީގެ ކާޑުތައް ކިތަންމެހާ ވެސް ފުރިހަމައެވެ. އޭނާ އޭގައި ހިފައިފައި ދަބަހުގެ ކުޑަ ޒިބަކަށް ލިއެވެ. ދެން ތެދުވެގެން ގޮސް ބޫޓަށް އެރިއެވެ. އެޕާޓްމަންޓުން ނުކުމެފައި އޭނާ ހިނިތުންވުމެއް މޫނުމައްޗަށް ގެނައެވެ.
ލިފްޓުން ތިރިއަށް ފޭބުމަށް ފަހު އަރީން މަޑުކޮށްލީ ބަސް ސްޓޮޕުގައެވެ. އޭރު ލޯވް ފާރމަށް ދާން ޖެހޭ ގަޑި ޖެހެން ބާކީ ގަޑިއިރެއްހާ ވަގުތު އޮތެވެ. ފުދޭ ވަރަކަށް ގިނަ ވަގުތު އޮތުމުން އޭނާ ގަސްތުކުރީ ކާޑުތައް ދީފައި ލޯވް ފާރމަށް ދާށެވެ. އަރީން ބަހަކަށް އަރާ ހަމަޖެހިލިއެވެ. މަންޒިލަކަށްވީ ޑައިމަންޑް ސްކައި ހޮޓެލެވެ.
ހޮޓެލުގެ ފަސްވަނަ ފުލޯއަށް އަރައިފައި އެތަނުގެ ނަންބަރުތައް ބަލަމުން އަރީން އެތަނުގައި ބުރެއް ޖަހާލިއެވެ. ރޫމް ނަންބަރ ތޭރަ ފެނުމުން އޭނާ ބޭރުގައި އިން ބެލް އަށް އޮބާލިއެވެ. އިރުކޮޅެއް ފަހުން ދޮރު ހުޅުވާލައިފައި ނުކުތީ ދޮންދޮން އަންހެން ކުއްޖެކެވެ. އޯވާ ސައިޒް ޓީޝާޓަކާއި ޓްރައުޒާއެއްގައި ހުރި އިރު ބްލޮންޑް އިސްތަށިގަނޑު އޮތީ ދޫކޮށްލައިފައެވެ. “ރީންންން” ލިލީ އަރީންގެ މެދު ހަށީގައި ބައްދާލަމުން އެ ނަން ކިޔާލީ ފުލޯގެ އުޅުނު އެހެން މީހުންނަށް ވެސް އިވޭނެ ވަރަށް ބާރަށެވެ. އެ ތަނުގައި ތިބި މީހުންގެ ނަޒަރު އަމާޒުވެފައި ހުރި ކަން އެނގުމުން ރަކިވެފައި އަރީން ލިލީގެ އަތުގައި ހިފާ ދަމާލަމުން އެތެރެއަށް ވަނެވެ.
ލިލީއަށް ކާޑު ދީފައި އަރީން އެ ތަނުން ނުކުތީ ދިހަ ވަރަކަށް މިނެޓު ފަހުންނެވެ. އޭނާ އެ ހޮޓެލުން ނުކުތް އިރު ނުވަގަޑި ބައި ވަނީއެވެ. އަރީން އެންމެ މިނެޓެއް ވެސް ލަސްނުކޮށް ދެން މިސްރާބު ޖެހީ ފުލުސް ސްޓޭޝަނަށް ދިއުމަށެވެ.
ފުލުސް އޮފީހަށް ދެވުމުން އަރީން ބަހުން ފޭބިއެވެ. އެ އިމާރާތް ފެނުމާއި އެކު އޭނާ އަށް ތުންފަތުގައި ދަތް އަޅާލެވުނީ އަޒާޔާގެ މަތިން ހަނދާން ވުމުންނެވެ. މާދަމާގެ ކައިވެނި ހަފްލާ އެންމެ ދެކެން ބޭނުންވި މީހަކީ އަޒާޔާ އެވެ. އެހެނަސް އަނިޔާވެރި ވަކިތަކެއް ދަށުވުމުން އޭނާއަށް އެ ފުރުސަތު ނުލިބުނީއެވެ. ދެރައީ އަދިވެސް އެ ހިތާމަވެރި ހާދިސާގެ ފަހަތުގައިވީ ޙަޤީޤީ ކުށްވެރިން އިންސާފުގެ އަލިކަމަށް ނުގެނެވޭތީއެވެ. އެހެން މީހުންގެ ނަޒަރުގައި ކުށްވެރިއަކީ އަރީން ކަމަށް ވާތީއެވެ.
“ސޫމޯ! މީހަކު އެބަހުރި ބައްދަލުކުރަން އައިސް.” ކްރައިމް ޔުނިޓް ފަހަކަށް ވަންނަމުން އަފާފް ބުނެލިއެވެ. “އަނެއްކާ ކާކު؟ ބިޓުތަ؟” ޒައިން ލާނެތް ރާގަކަށް އެއްސެވެ. “ނޫނޭ. ތިހެން ނުކިޔާ. އޭރުން އިއްސޭ ދެރަ ވާނެއްނު. އެ ސޮރު ފަކީރަށް އެހެން ހަދަން ހެޔޮ ނުވާނެއްނު.” އަކްމަލް ޒައިންގެ ބުރަކަށިމަތީ އަޅުވާލަމުން ބުނެލިއެވެ. “އަނގަމަޑުން ލައިގެން ތިބޭ. މަ ނުހުންނާނެ ބިޓެއް ކީއްކުރަން އެކްސް އެއް ވެސް. ކަލޭމެން ކުރާނެ އެހެން މަސައްކަތެއް ނެތީތަ؟” ސުމައްޔާ އެމީހުންނަށް ލޯ އަޅާލައިފައި ގޮނޑިން ތެދުވެ ހިނގައިގަތެވެ. “އޯހް. ސޯ ވަން އެންޑް އޮންލީ އިއްސޭއަށް. ގެޓު” ޒައިން ރައްދުގައި ބުނެލިއެވެ. ސުމައްޔާ ނުކުތުމުގެ ކުރިން ޒައިނަށް އަލިފާނުގެ ނަޒަރެއް ދިނެވެ.
“ރީން މި ތަނަށް އައީ ކީއްކުރަން؟” އަރީން ފެނުމުން ސުމައްޔާ ހައިރާން ވިއެވެ. އަރީން އޭނާގެ އަތުގައި އޮތް ކައިވެނީގެ ކާޑު ސުމައްޔާ އަތަށް ދިނެވެ. “ރީން. ތި ޚިޔާލު ހަމަ ބަދަލު ނުކުރަނީތަ؟ ޑޯންޑް. މިކަން ނުކުރާތި.” ސުމައްޔާ ބޯހޫރާލަމުން އަރީންގެ އަތުގައި ހިފާ ތަޅުވާލިއެވެ. “ނޫނޭ. އާދޭ. ބްރައިޑްސް މެއިޑްގެ ސާމާނު ތި ގެއަށް ފޮނުވި ވާހަކަ މަންމަ ބުނި. ސުމީ ބޭނުން އޮފީސް އެކުވެރިން ކޮޅެއް ގެނަޔަސް އެންމެ ރަނގަޅު.” އަރީން ހިނިތުންވުމަކާއި އެކު ބުނެލިއެވެ. ސުމައްޔާ އަނގަޔަށް ގޮތެއް ހަދާލީ އަރީނަކީ ކިޔަމަންތެރިވުމުގައި ގޮތުގައި ހިފަހައްޓާނެ މީހެއް ކަން އެނގޭތީއެވެ.
“ދެން ދަނީއޭ. ޓެންގަ ލޯވް ފާރމްގައި ހުންނަންޖެހޭ.” އަރީން އެހެން ބުނެފައި ދެން އެނބުރުނީ ލޯވް ފާރމަށް ދާށެވެ. މޯޅިވެފައިވާ މަލެއްހެން ހުރެ ސުމައްޔާ އެތެރެއަށް ވަނެވެ. “ކޮން ކަމަކު އައި ކުއްޖެއް ތަ؟” ސުމައްޔާ ވަނުމާއި އެކު އަފާފް އެހިއެވެ. “އެއީ އަހަރެންގެ ބެސްޓީ އަރީން. މާދަން ރޭ އެކުއްޖާގެ ކައިވެނި އޮތީމަ އިންވިޓޭޝަން ދޭން އެ އައީ. އެފިކްސް ހިނގާބަލަ ދާން. ޒޮންބީ އާ އެޕަލް ވެސް އާދެވެންޏާ އާދޭ.” ސުމައްޔާ ގޮނޑިއަށް ވެއްޓިގަންނަމުން ބުނެލިއެވެ.
“އައްދޭ! ހަމަޖެހިބަލަ. އަހަރެމެން ދާނަމޭ ދޯ.” އަކްމަލް އުޅުނީ ސުމައްޔާ ދެރަ ވެފައި ހުރި ހެން ހީވުމުން ހެއްވާލެވޭތޯއެވެ. “ގުރޫޕް އެހެން މީހުންނަށް ދާން ކިޔާފަ އަހަރެން ގާތު ދާނަންހޭ ވެސް ބުނެނުލައެއްނު. ފޮންޏޭދޯ!” އިޙުސާނު ސުމައްޔާގެ ބޮލުގައި ފުއްޓައްކެއް ޖަހާލިއެވެ.
“ހަހް. ކަލެއަށް ދައުވަތު ދޭން ޖެހެނީ މަށަށްތަ؟ ގައިމު ތިޔަކީ ޒަވިއަންގެ ބެސްޓީ އޯ. ވާހަކަ ދައްކާއިރު ހީވަނީ ހަމަ އެއްކަމެއް ވެސް ނޭނގޭހެން.” ސުމައްޔާ ކަޅި އަނބުރާލަމުން ބުނެލިއެވެ. “މަގޭ ބެސްޓީއޭ.” އިޙުސާނު ސިހުނުވަރުން އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
“އާއެކޭ.” އަނގަޔަށް ވައްތަރެއް ޖައްސާލައިފައި ސުމައްޔާ އޭނާގެ މަސައްކަތަށް އެނބުރުނެވެ. އިޙުސާނު އެންމެ ސިކުންތެއް ވެސް ބޭކާރު ނުކޮށް އޭނާގެ ކެބިން ތެރެއަށް ވަނެވެ. މޭޒުމަތީގައި އޮތް އޭނާގެ ފޯނު ނަގައިފައި ވަޓްސްއަޕުން ޒަވިއަންގެ ނަންބަރަށް ގުޅާލިއެވެ. ޒަވިއަން ފޯނު ނުނެގުމުން ލީވާނަށެވެ. “ތެދެއް ޒެވް މާދަން މީހަކާ އިންނަނިއްޔޭ.” ލީވާން ފޯނު ނެގުމުން އިޙުސާނު އެއްސެވެ. “އާނ. ޒެވް ނުބުނޭތަ؟ އެއްކަލަ އަރީން އާ ކައިވެނި ކުރަނީ. އެރޭންޖްޑް މެރިއެޖެއް.” ލީވާންގެ ޖަވާބު އައީ އެހެންނެވެ.
ޝައިނާއަށް ދަޢުވަތު ކާޑެއް ދީފައި އަރީން ގޮސް ވަނީ އޭނާގެ ކެބިނަށެވެ. މޭޒުމަތީގައި ތަރުތީބު ކުރެވިފައިވާ ކަރުދާސްތަކާއި ޕެންޑްރައިވް އަށް ބަލާލަމުން އޭނާ ފުން ނޭވާއެއް ލިއެވެ. ‘އެ’ މައްސަލައިގެ އަޑުއެހުން ފެށެން ހަތަރު ގަޑިއިރަށް ވީއެވެ. ނުދާން ބޭނުންވިޔަސް ކުރާނެކަމެއް ނެތެވެ. އަރީން އޭނާގެ ގޮނޑީގައި އިށީނދެ ލެޕު ހުޅުވާލިއެވެ. އިސާހިތަކު އޭނާ މަސައްކަތުގެ ތެރެއަށް ގެނބިގެން ދިޔައެވެ.
“ރީން! އަދިވެސް ނުދަންތަ؟” އަރީންގެ ކެބިން ތެރެއަށް ބޯ ދިއްކޮށްލަމުން ޝައިނާ އެހިއެވެ. އޭރު އަރީން އިނީ ލެޕަށް ގެއްލިފައެވެ. އޭނާ ބޭނުންވަނީ އެ ކޭސްގެ އަސްލު ޙަޤީޤަތް ހޯދާށެވެ. ލީވާން ފޮނުވި ކްލިޕްތައް ތެދުކަމަށް އޭނާއަށް ޤަބޫލުކުރެވެއެވެ. އެ ކަހަލަ ވީޑިއޯތައް ފެނުމުން އޭނާއަށް ސިފަވަނީ އަމިއްލަ ދޮންބެއެވެ. އެތައް ޒަމާނެއް ކުރިން އޭނާގެ ވިސްނުން ކިލަނބުކޮށްލި ކްލިޕްތަކެވެ.
“ރީން!” ޝައިނާ އަނެއްކާވެސް ގޮވާލިއެވެ. މިފަހަރު ތަންކޮޅެއް ބާރަށެވެ. “ސޮރީ. ކުރިން ނީވުން.” އަރީން އެސްފިޔަ ޖަހާލަމުން އެ ވީޑިއޯ ނިވާލައިފިއެވެ. ދަބަސް ކޮނޑުގައި އަޅުވާލަމުން އޭނާ ތެދުވިއެވެ. އޭރު ދޭއް ޖަހަން ހަތް މިނެޓެވެ. އަވަސް އަރުވާލަމުން އޭނާ ނުކުމެ ލޯވް ފާރމްގެ ކާރަކަށް އެރިއެވެ. އަރީން އެއަށް އެރުމާއި އެކު ޑްރައިވަރު ބާރު ސްޕީޑުގައި އެ ކާރު ދުއްވާލިއެވެ.
ކޯޓު ރޫމަށް އަރީން ވަނީ ޝަހުދާއި އެކުގައެވެ. ބަރާބަރު ދޭއްޖެހުމަށެވެ. އޭރު އެއްފަރާތުގައި ރައުފާނު ހުއްޓެވެ. ލޯޔަރެއް އޭނާ ދިފާޢު ކުރާކަށް ނެތެވެ. ލޯޔަރެއް އައްޔަނު ކުރެވޭ ވަރަށް ވުރެ މާލީގޮތުން ދެރައީއެވެ. އެހެނަސް އޭނާގެ ކިބައިން ފެންނަމުން ދިޔައީ ޢަޒުމެވެ. އެ މޫނު މަތީގައި ވަނީ ރުޅިވެރިކަމުގެ ސާލެކެވެ. އޭނަގެ ތޫނު ނަޒަރު އަރީނަށް އަމާޒުވެފައިވާކަން އެނގުމުން އަރީނަށް ހިންދިރުވާލެވުނެވެ. އެހެނަސް އަރީން ހާސްވެފައި ހުރިކަމެއް ބޭރު ފުށަކުން ފާހަގައެއް ނުވެއެވެ.
ކޯޓު އަޑުއެހުން ފެށުމާއި އެކު އެ ތަނުގެ މާޙައުލު ހޫނުވެގެން ދިޔައެވެ. އަރީން ދިޔައީ ވިސްނުންތެރިކަމާއެކު ޝަހުދު ދިފާޢުކުރަމުންނެވެ. ޝަހުދު ވެސް އިނީ އަރީންގެ ކުޅަދާނަކަން ފެނި އަޖައިބުވެ އަންތަރީސްވެފައެވެ. އެ އަޑުއެހުން އޭނާގެ ކޮޅަށް ނިމޭނެކަން ޔަގީންވާ ޙާލުގައެވެ. އެހެނަސް ވަކި ހިސާބަކުން އަރީން ނެގި މަޑުވީ ޝަހުދު ދިން ކްލިޕްތައް ދައްކަން ބުނުމުންނެވެ. އޭނާ ބޭނުންވީ އެ ނުދައްކާށެވެ. އަރީންގެ މި ޢަމަލުތަކުގެ ސަބަބުން އެ އަޑުއެހުން ނިމުނީ އެއްވެސް ކޮޅަކަށް މޮޅެއް ނުލިބިއެވެ.
ޝަހުދު އަރީންގެ އަތުގައި ހިފައިގެން ގޮސް އެ ކޯޓުން ބޭރަށް ނުކުތެވެ. މަގުމައްޗަށެވެ. ޝަހުދުގެ މޫނުމަތީގައިވާ ހިތްހަމަނުޖެހުމުގެ ކުލަވަރުން އަރީން ބިރުން ވިރިއްޖެއެވެ. “ކަލޭ އަށް ހާސް ހާހުން ރުފިޔާ ދިނީ އަހަރެން ބުނާ ގޮތެއް ހަދާށޭ. ކީއްވެގެންތަ އެ މުހިންމު ކްލިޕްތައް ނުދެއްކީ؟” ޝަހުދު އަޑަށް ބާރުލައިފައި ވާހަކަ ދެއްކި އިރު އެ ދެލޮލުން އަލިފާން ކަނި ބުރައެވެ. އަރީން ބިރުން ހަލާކުވެއްޖެއެވެ. އޭނާ އެއްލި ކަޅިއަކުން ދެން ފެނުނީ ރައުފާނެވެ. އޭނާގެ ރުޅިވެރި ނަޒަރު ވެސް އަމާޒުވެފައިވަނީ ހަމަ އަރީނަށެވެ. މި ދެން އޭނާގެ ޒަމާން ދިޔައީ އޭ ހިތަށް އެރިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







Masha Allah mi part ves nahh reen ah dhera gotheh nuhadhahchey😩 reen ge wedding ehme dheken beynun vi azaaya ah efurushathu vs nulibuny dhw so sad 😭 zavian vs dhen gaboolu kohbala reen noonakan ekan kury Alheyyy
Curiously waiting for the next part when’s next
Lyyy ♥️
IA next Tuesday ga submit kohlaanan.
Shukran Nai_73 for ur unwavering support ✨✨
Lyt darl 💕💕
Hey Rosie posy!!
Varah reethi mi part maashaa Allah!!
Sumayya and ihsaan aa ves dhimaa kurun varakah ovey dhw😂😂LMAO
I suspect shahudh 👀💀
When next?
Lyssm
IA next Friday ga submit kohlaanan.
Shukran Your fav bab ✨✨
Reen e case ge mystery solve kurahchey. Be truthful as a lawyer
Hithah aranee wedding ga vaanee kihineh baaey. Mi part vs vrh reethi! ☺️
Whn nxt?????
IA she’ll do what’s best.
Let’s see wedding ga vaa gotheh, stay tuned.
IA next Friday ga submit kohlaanan.
Shukran Anonymous ✨✨
Omg areen kaaveni kuran eulhenee laaaaiii zavian kihinehbbaa hadhaanee fakeerah 😭😭
Btw obsessed with this story
When next part ?
Yhhh, zavian aa marry kurany. Let’s see how her life changes.
IA maadhan submit kohlaanan.
Shukran Defnot_maan ✨✨
haiiii.. im obsessed w this storyy
Shukran onlyy fan of ashuu ✨✨
Awwwnnn…. Mi part ves Vrh Reethi…. I suspect shahudh bec he is acting wierd 👀
Whn nxt…….??????
Luv you 💋🤞🏻
IA next Tuesday ga submit kohlaanan. (Kurin ba eh comments ga Friday ey bunevifa iny olhumakun 😞)
Shukran Yaakko_22 ✨✨
Lyt darl 💕💕