
ދޭން އެދޭ ފަރުވާޔަކީ …

ފަޅުވެފައިވާ ހިތުތެރޭ ލޯބީގެ ވޮށް ދިއްލިއްޖެޔޭ
މުޅި ހަޔާތް އެ އަލިން ދެވަނަ ފަހަރަށް ފުރާނަ އެޅިއްޖެޔޭ
ސިއްރު އަތަކުން ވަކިއަޅާ ވީދާ އިރާލި ހަޔާތް މަގޭ
ހިއްވަރާއެކު ފޮތިއަޅައި މަލަމުން ޖަރީވެ ނިމިއްޖެޔޭ
ވަޅުޖަހައި ސަންދޯކުގައި އޮތް ހިތުގެ އުއްމީދުގެ ހިޔަނި
މޮޅިވެ އިނދެ ހެދި ބާގަނޑުން ފުޅަލީގެ ބޭރު ފެނިއްޖެޔޭ
ދިޔަވެ ކުރިޔަށް ނުދެވި އޮތް ކުޑަކުޑް ހަޔާތުގެ ބޮއްކުރާ
ނިޔަނެތިވި ތިން ލަފްޒަކުން އައްސޭރި އަށް ބީހިއްޖެޔޭ
ހޫނު ތިޔަ ނޭވާގެ ބީހުމުގައި ވަނީ ފަރުވާ ކަމުން
ހޫނުގައި އައްސިވި މިހިތް ދިރިގެން އަލުން ތެދުވެއްޖެޔޭ
ވޭންތަކާ އަނިޔާތަކުން ކުރަލާފަވާ އެހަނދާން ތަކަށް
ދޭން އެދޭ ފަރުވާޔަކި ތި އަތުގަ ހިފުން ކަމު ވެއްޖެޔޭ
Comments (3)
Comments are closed.
ވ ނަލަ.. މާނަ ފުން ޅެމެއް
Meaningful… love it
ޅެން ރީތި! ވައިލެޓުގެ ޅެންވެރިކަމަށް ފަނޑުވުމެއް ނެތް ބަހާރު މޫސުމެއް އެދެން