Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެކުވެރިޔާ

Asad Level 110 Stories
November 25, 2015 6 Mins Read
14 Comments

އަހަރެންގެ ނަޒަރު ހުއްޓިފައި ހުރީ ބޭރުން ވެހެމުންދާ ބޯ ވާރޭއަށެވެ. އަހަރެން ބަލަން ހުރި ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ވާރޭގެ ބޮޑުތިކިތައް އައިސް ޖެހި، ކިލާފަނިތަކެއްހެން ވާރޭގެ ތިކިތައް ތިރިޔަށް ދުވެދުވެ ހުއްޓެވެ. އަހަރެން ވައަތުން ބިއްލޫރިގަނޑަށް ވެރިވެފައިވާ ފުސްކަން ފޮހެލީމެވެ. އިސާހިތަކު އަތަށް އޮހިގެން ދިޔައީ ތެތް ފިންޏެކެވެ. ގައިން ހީބިހި ނަގައިގަތެވެ. އަހަރެންގެ ލޯ މައްޗަށް އެދުވަހުގެ މަންޒަރުތައް ސިފަވެ، ކުލަޖެހެން ފެށިއެވެ. އަހަރެންގެ ލޮލުން ކަރުނަ ނީރާލިއެވެ. އަހަރެންނަށް ބޭއިޚްތިޔާރުގައި ފޮތިގަނޑަށްލައި ނިވާކޮށްފައިވާ އަތް ހަރަކާތްކުރެވެން އުޅެވުނެވެ. އެހެންނަމަވެސް އެ އަތަކުން އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. އަތުގެ ބާރެއް ނެތްތަނުގައި އަތުގެ ނާރުތަކުގައި އެއްވެސް ވިންދެއްނެތެވެ. އަހަރެންގެ ކަނާއަތް ކޮނޑުހުޅުން ވައުވީ ހަމަ މިކަހަލަ ވާރޭ ވެހުނު ދުވަހެއްގައެވެ.

ވެހޭ ވާރޭގައި މާލޭގެ ހަލަބޮލި މަގުތަކަށް އިތުރު ދިރުމެއް ގެނެސްދީ ބަރުގޮނުގެ އަޑުން މުޅި ޖައްވު ގުގުމާލައިފައި ހުއްޓެވެ. އަހަރެންގެ ޚިޔާލުތައް ބަރުގޮނުތަކާއެކު ޖައްވަށް އަރަމުން ދިޔައެވެ. މާޒީގެ ސޮފުޙާތައް މަޑުމަޑުން އުކެން ފަށައިފިއެވެ. އެދުވަހުގެ ސިއްރުތައް އަލުންބަލުން އަހަރެންގެ ސިކުޑިއަށް ވެރިވާން ފަށައިފިއެވެ. ހިތުގައި އެޅިފައިވާ ކޫރުތައް އާވާން ފަށައިފިއެވެ. ވޭނުގެ ރަހަ ދުލުކުރިން ފެވެން ފަށައިފިއެވެ.

“އަރުހަމް… މަޑުކޮށްބަލަ…” އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ އަޑެވެ. ފާރިޝްގެ އެކުވެރި އަޑެވެ. ފާރިޝް އަހަރެންނަށް ގޮވަމުންގޮވަމުން އައިސް އަހަރެންނާ އަރާ ހަމަކުރިއެވެ. ފާރިޝަށް މާނޭވާލެވެމުންދެއެވެ. އަހަރެން މަޑުކޮށްލައިގެން ހުރީ ފާރިޝް ބުނަން އުޅޭ އެއްޗެއް އަޑުއެހުމަށެވެ. އެހެންނަމަވެސް ފާރިޝް ދެއަތުން ކަކުލުގައި ހިފަހައްޓައިލައިގެން ރުކޫޢު ކުރާ ހާލުގައި ނޭވައިލާން ގުދުވެ އޮތީއެވެ.

“އޯކޭ… ނޭވާލާ ނިމުނީމަ މަށަށް އަންގާލަ…” އަހަރެން ދާން އޮތް މަންޒިލަށް ދިއުމަށްޓަކައި އަހަރެންގެ ފިޔަވަޅުތައް މަޑުމަޑުން އަޅަން ފެށީމެވެ. “ދެން… ބުނަންވީނުން.. ތިބުނާ ވާހަކައެއް… ދެން މިވަރަށް ކެތްކުރެވޭނީ. މިހާރުވެސް މާ ލަސްވެއްޖެ.” އަހަރެން އަޅަން ފެށި ފިޔަވަޅުތައް ހުއްޓުމަކަށް ގެނައީ ފާރިޝް ބުނަން އުޅޭ ވާހަކަ އަޑުއަހަން ބޭނުންވާލެއް ބޮޑުކަމުންނެވެ.

“އޭ… އަރުހަމް… އެއްކަލަ އަސްމާއާ މަ ޓޯކް ކޮށްފީމޭ… އެނާވެސް އޯކޭއޯ… އެކަމް މީޓް ކުރެވޭނީ…” ފާރިޝްގެ ނޭވާ ހަމައަކަށް އަޅުވަމުން އަހަރެންނާ ވާހަކަ ދެއްކިއެވެ. “މީޓް… ކުރެވޭނީ…” އަހަރެންގެ ތުންފަތަށް މަޑުމަޑުން ބުނަން ނޭނގޭ ކަހަލަ ހިނިތުންވުމެއް ވެރިވާން ފެށިއެވެ. “މީޓް… ކުރެވޭނީ… ދެތިން ދުވަސް ފަހުންނޯ…”

“މައްސަލައެއް ނެތޭ ހަތަރުދުވަސް ފަހުން ވިޔަސް. އަހަރެން ފުރަތަމަވެސް އަހާނީ ލޯބިވޭހޭ؟” އަހަރެންގެ ހިތުގައި އޮތްގޮތަށް ބުނީމެވެ.

“ހާދަ އަވަހަކަށް؟” ފާރިޝްގެ މޫނުމަތީ ކުލަވަރު ބަދަލުވިއެވެ.

“ކިހިނެއްވީ؟”

“މާ އަވަސްވީމަ. އަސްމާ ކަހަލަ ކުއްޖަކު ސެޓްވާނީ ދުރުދުރުން އުޅެގެން އެނގޭ.” ފާރިޝް ހިނިގަނޑު އެތެރެއަށް އޮއްބައިލިކަން އެނގުނީ، ފާރިޝްގެ އަނގައަށް ހަދައިލި ގޮތަކުންނެވެ.

“މަ ބޭނުން މަ ވަޒީފާ… އަލުން އަނބުރައި. މަވެސް ޖެހޭ ނަވާޒު ކަހަލަ ޒިންމާދާރު މީހަކަށް ވާން…” އަހަރެން ވާހަކަ ދެއްކީ އަހަރެން ކުރީގައި މަސައްކަތްކުރި ކުންފުނީގެ އިސްމީހާ، ނަވާޒާއެވެ.

“މައްސަލައެއް ނެތް. މަށަށް އެނގޭ އޭރުވެސް އަރުހަމް އަންނާނެކަން. މަވެސް ތިކަހަލަ ޒިންމާދާރު ރަޙްމަތްތެރިންނަށް އަބަދުވެސް މަރުހަބާ ކިޔާނަން. މިއަދު ފުޑް ބެންކަށް އަންނާތި އެއްޗެއް ކާލަން…”

ނަވާޒުގެ ވީރާނަވެފައިވާ އެކުވެރިކަން ޢިޔާދަ ކުރަން ބޭނުންވެފައި ހުރިކަން އަހަރެންނަށް އިޙްސާސް ކުރެވުނެވެ. އަހަރެންވެސް ބޭނުން ވަނީ އައު ފެށުމަކުން ފަށައިށެވެ. ބަގީޗާގައި މާތައް މިލާ މޯޅިވެ އަލުން ފަރިވާ ބީދައިންނެވެ.

“މައްސަލައެއް ނެތް… މިއަދު ޓޫގައި…” އަބަދުވެސް ނަވާޒު އެންމެ ގިނައިން ހުސްކުރާ ގަޑި އަހަރެން ބުނެލީމެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ ބާރުމިނުގައެވެ. އަހަރެންގެ ހިތް މަޑަކުން ނޯވެއެވެ. ހިތުގެ ތެޅުން ބާރުވެފައިވެއެވެ. ވިންދުތައް އޮބިނޯވެއެވެ. ނޭވައިގެ ހިނގުން ދައުރުވަމުން ދަނީ ގޭސް ފުޅިއަކުން ގޭސް ލީކުވާހާވެސް ބާރުމިނުގައެވެ. އަސްމާއާ ވާހަކަ ދައްކާހިތުން ހުރެވެނީއެއްނޫނެވެ. މިހާރު ދެތިން ދުވަސްވެސް ފާއިތުވެގެން ހިނގައްޖެއެވެ. އެހެންނަމަވެސް މިކުރާ އިންތިޒާރުގައި ފޮނި ރަހައިގެ ޒައްރެއްގެ މިންވަރެއްވެސް އަރުތެރޭގައި ނުލައެވެ. ކޮންމެވެސް ކަމަކާހެދި ބައްދަލުވުން ފަސްވަނީއެވެ.

އަހަރެން ފާރިޝަށް ފޯނުކޮށްލީމެވެ. ބާރުބާރަށް ތެޅެމުންދާ ހިތަށް ފަރުވާއެއް ލިބޭތޯއެވެ. ޚިޔާލުތަކުން ފުރި ބަރުވަމުންދާ ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ.

“ހަލޯ!”

“އޭ މޭން. މަ އަނެއްކާހެންވެސް އަހަރެންމެންގެ ކުންފުންޏާ ގުޅިއްޖާން. މާދަން ނުކުންނަންޖެހޭ.”

“ވަޓް. ވަރަށް އުފާވެއްޖެ ޖަސްޓް ލައިކް އޯލްޑް ޓައިމްސް ދޯ؟” ފާރިޝަށް ލިބުނީ ޝޮކެކެވެ.

“މަ ބުނީ… ކޮބައި އަސްމާ. ޚަބަރެއްނުވޭތަ؟ މަށަށް ކެތެއްނުވާނެ ޑޫޑް.” އަހަރެންގެ އަސްލު ސުވާލުތައް ފާރިޝަށް ހުށައެޅީމެވެ.

“ނޭނގެ.” ފާރިޝްގެ އަޑުގައި ހުރީ ނިކަމެތިކަމެކެވެ. “އޭ މަދެން ކެނޑީއޭ.”

“އޯކޭ.” އަހަރެން ފޯނު ބޭއްވީ ފާރިޝް މާ ފަރުވާކުޑަކޮށް ވާހަކަ ދެއްކީމައެވެ.

ފާރިޝް ފޯން ބޭއްވީ އަވަހަށެވެ. ކޮންމެވެސް ކަމެއް ގޯސްވުމުން ކަމަށްވެސް ވެދާނެއެވެ. އަހަރެން ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ފަސްކޮށްލީ ފާރިޝަށް ވަގުތު ދިނުމުގެ ބޭނުމުގައެވެ. އަސްމާދެކެ އިންތިހާއަށް ލޯބިވީ ކަމުގައިވީ ނަމަވެސް އަހަރެންނާއި ފާރިޝްއާ ދެމެދުގައި ވަނީ ފޫ ދުއްވައި ނުލެވޭނެ ވަރުގެ ރަޙްމަތްތެރިކަމެކެވެ.

އޮފީހަށް ވަނުމަށް ހުޅުވައިލި ދޮރާއެކު އަތްތިލަބަޑީގެ އަޑާއި ކަށިގަނޑުގެ އަޑުފަދަ މަރުޙަބާގެ އަޑުތަކުން މުޅި އޮފީސް ގުގުމަން ފެށިއެވެ. ނަވާޒްގެ އަންނާރު އޮށްތަކެއްފަދަ ދަތްތައް ހުރީ ހާމައަށް ފެންނާށެވެ. އަހަރެންގެ ގާތަށް ހުއްޓި ވަރުގަދައަށް އަތް ޖޯޑްކޮށްލައި ސަލާންކޮށްލިއެވެ.

“މަރުޙަބާ! އަރުހަމް.”

“އަހަރެން ހިޔެއް ނުކުރަން ނަވާޒް، މިގޮތަށް…” އަހަރެން އޮފީސްތެރެ ހޯދައިބަލައިލީ ފާރިޝްއާ އަސްމާ ފެނޭތޯއެވެ.

“މިކީނުން. އަރުހަމް ދިއުމުން މިކުންފުންނަށް ހާދަ ބޮޑު ގެއްލުމެއް ލިބުނޭ.” ނަވާޒު ހުރީ ހިނިތުންވެލައިގެންނެވެ.

ބިން ފަންގިފިލާގައި ހުރިހާ މުއަށްޒަފުން ބެނާތަކާއި ހަންފަދަތަކެތި ހިފައިގެން ތިބީ ހަމަ އަހަރެންނަށް މަރުޙަބާ ކިޔާށެވެ. އަހަރެން ހުރީ  ޤަބޫލުކުރަން ދަތިވެފައެވެ. ހިތަށް ވެރިވެގެންދިޔައި ބުންނަން ނޭނގޭ އުފާވެރިކަމެކެވެ. އަހަރެންނަށް ބޭއިޚްތިޔާރުގައި ތުންފަތުގައި ކުޅުކޮޅެއް ހާކައިލެވުނެވެ. އޮފީހުގެ އެކި ދިމަދިމާ ބަލަމުން އަހަރެން ނަވާޒުއާއެކު ހިނގައިގަތީމެވެ.

“ކޮބައި ފާރިޝް؟”

“އޭނާ މަސައްކަތްކުރާނީ ވިހިވަނަ ފަންގިފިލައިގަ. އެވެސް ފާހަގަކޮށްލެވޭ ސްޓާފެއް.” ނަވާޒުގެ ޖަވާބު ކުރުވެފައި ސާދާއެވެ.

އެ އެންމެންގެ ތެރެއިން އަހަރެންގެ އެންމެ ދުވަސްވީ އެކުވެރިޔާ އަހަރެންނަށް މަރުޙަބާ ކިޔަން އައިސް ހުރިތަން އަހަރެންނަށް ނުފެނުނީ ކީއްވެހެއްޔެވެ؟ އެނެއްކާ އަހަރެންނަށް ދެއްކުނު ވާހަކައަކުން އޭނާ ހިތްހަމަނުޖެހުނީބާވައެވެ. ނޫނީ ފާރިޝަށް ހިތާމަވެރިކަމެއް ދިމާވީބާވައެވެ. އަހަރެންގެ ހިތަށް އަރަމުންދިޔަ ޖަވާބު ނޭނގޭ ކޮންމެ ސުވާލަކުން ހިތަށް އިތުރުވަމުން ދިޔައީ ނުތަނަވަސްކަމެވެ.

“އަރުހަމްގެ ކުރީގެ މަޤާމް މިފަހަރުވެސް ހަމަ އަރުހަމަށް މިދެނީ. އަހަރެން އުޅުނިން ފާރިޝް އެ މަޤާމަށް ގެންނަން. އެކަމަކު އެއީ އެހާ ރަނގަޅު ބަދަލަކަށް ނުފެންނާތީ ރިސްކް ނުނެނގީ.”

“ހުމް.” އަހަރެން ބަލަމުން ދިޔައީ ވިހިވަނަ ފަންގިފިލައިން ފާރިޝްގެ ހިލަމެއްވޭތޯއެވެ. ނަވާޒު ދައްކަމުން ދިޔަ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ހޫމް އަޅުވަމުންނެވެ.

ފުރަތަމަ ދުވަހު އޮފީހުގައި އިތުރު މަސައްކަތްތަކެއް ނުކޮށް އިންނަމަވެސް އަހަރެންގެ ސިކުނޑިއަށް ބަރުކަން އިޙްސާސް ކުރެވެމުންދިޔައެވެ. އެނދުގެ އެއްފަރާތުގައި ބާލީހެއް ލައްކޮށްލައި އޮށޯވެލީމެވެ. ބޭއިޚްތިޔާރުގައި އަހަރެންގެ ކަނާއަތު މުޅަށްދަނޑި ނިތްކުރިމައްޗަށް ނެގުނެވެ. ކަނާއަތުން ބޮލަށް އިތުރުވަމުން ދިޔައީ ލުއިކަމުގެ ބަދަލުގައި ބަރުކަމެކެވެ. ފާރިޝްގެ މައްސަލައަކީ ކޮބައިބާވައެވެ؟ އަސްމާވީ ކޮންތާކުބާވައެވެ؟ އަހަރެންނަށް އެއްވެސް ސުވާލެއްގެ، އެއްވެސް ޖަވާބެއް އެނގިފައެއް ނެތެވެ. އަހަރެންގެ ބޯ މައްޗަށް މަޑުމަޑުން ނިދިވެރިވަމުން ދިޔައެވެ.

“އަހަރެމެން އޮފީހުގެ ޓެރެސް ހުންނާނެ ހަދަން ފަށައިފަ. ކޮންސްޓުރަކްޝަން ކޮންޕެނީއެއްވީމަ އެކަން އެއީ ވަރަށް ފަސޭހަކަމެއް.” އަހަރެންނާއި ނަވާޒު އިނީ ރެސްޓޯރެންޓެއްގައި ކޮފީއެއް އިންސާފުކޮށްލައިށެވެ.

“ތި ގޮތް ރަނގަޅުވާނެ. އޭރު އަހަރެމެނަށް ނުޖެހޭނެ ކޮފީއެއް ހޯދަން ބޭރަށް ދާކަށެއް ދޯ؟” އަހަރެން ކޮފީތަށި މޭޒުމަތީގައި ބަހައްޓަމުން ބޭރު ބަލައިލީމެވެ.

ޢިމާރާތްތައް އުސްވެފައި ކިތަންމެ ގިނަކަމުގައިވީނަމަވެސް، އެތަންތަން ވީރާނަވެ ހަލާކުވާނެ ދުވަހެއް އަންނާނޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. ޢިމާރާތްތައްވެސް އެއްވެސް ޖެހިލުމެއްނެތި ދޭހާ އަތްވެއްގައި ވެހޭހާ ވާރޭގައި ހިތްވަރާއެކު އެދުވަހެއްގެ އިންތިޒާރުގައި ތިބެނީއެވެ.

“ފާރިޝް.” އަހަރެން އޮފީހަށް ވަންނަން ދިޔައިރު ފާރިޝް ފައިލެއް ހިފައިގެން ބޭރަށް ނުކުންނަނީއެވެ.

“އޭ ބުރޯ ވަރަށް ބިޒީ މިގަޑީގައި، ލޭޓަރ.” ފާރިޝްގެ ޖުމުލަ ފުރިހަމަކޮށް ނިންމައިލީ އަހަރެންގެ އަނގައިން ބަހެއް ނުބުނެވޭނެ ގޮތަށް ތަޅުލައިފައެވެ.

ފާރިޝް ވާހަކަ ދެއްކި ގޮތުން އަހަރެންނާ ފާރިޝްއާ ދެމެދުގައިވާ ރަހްމަތްތެރިކަމުގެ ގުޅުމަށް ހީނަރުކަން އައިސް ވީރާނާވެފައިވާކަން ވަރަށް ފުރިހަމައަށް ދޭހަވެއެވެ. އަހަރެންނަށް އަހަރެންގެ ލޯބިވެރިޔާ ނުލިބުނު ތަނުގައި އަހަރެންގެ އެންމެ ދުވަސްވީ ރަހްމަތްތެރިޔާވެސް ގެއްލިގެން ދަނީއެވެ.

ވާނުވާ ނޭނގި ދެތިން ދުވަހެއް ފާއިތުވެގެން ހިނގައްޖެއެވެ. އަހަރެން އެކަނިވެރިވެ މާޔޫސްވަނީއެވެ. ވާނުވާ ނޭނގި ސަރާސަރު ބޮޑު ކަނޑަކަށް ބެހިގެން ދަނީއެވެ. ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދަނީއެވެ. އަހަރެންނަށް ކުރާނެ ކަމެއް ނޭނގި މިހުރެވެނީ ދެއަތްއުރައިލައިގެން ހަތަރު އުދަރެސް ފެނުޖެހިފައެވެ.

އަހަރެން މޭޒުމަތީގައި ގަލަން ބޭއްވީމެވެ. ނިތްކުރިއަށް ޖަމާވަމުން ދިޔަ މިލަތައް އަތުގެ ނުފުށުން ފޮހެލީމެވެ. މޫނުމަތީގައި ދެއަތްއަޅައި ގޮނޑީގައި ގަދަޔަށް ލެނގިލީމެވެ. ކުއްލިއަކަށް އަހަރެންގެ ފޯނުވާން ފެށިއެވެ. އަހަރެންގެ އަތުކުރީ ގަޑިއަށް ބަލައިލީމެވެ. ގަޑިން މެންދުރު ބާރަ ޖަހަން ދެތިން މިނެޓް ހުއްޓެވެ. ހޮނިހިރުދުވަސްކަމުން އޮފީހުގެ މާހައުލަށް ވެރިވެފައިވަނީ މަޑުމައިތިރި ކަމެކެވެ. އޮފީހުގެ އިތުރުން އެއްވެސް މީހަކު ނެތްކަން އެނގެނީ ފޯނުގެ ވައިބުރޭޓްގެ އަޑުން މާހައުލުގެ މަޑުމައިތިރިކަން ގެއްލުވައިލާތީވެއެވެ.

“ހަލޯ… ފާރިޝް… ކީއްކޭ؟”

“ނުގަޑިއެއްތަ އަރުހަމް.” ފާރިޝް ވާހަކަ ދެއްކީ ހަމަޖެހިލައިގެން ހުރެއެވެ.

“ނޫނޭ. ހަމަ ރަނގަޅު ގަޑިއެއް މިއީ…” ފާރިޝްހުރި ތަނުގައި ގަދަޔަށް ވައިޖެހޭތީވެ، ފޯނުން ވައިގެ އަޑު އިވިއިވި ހުއްޓެވެ.

“އާދެބަލަ. ކޮފީ ބުރޭކް ފުލޯއަރ…” އަހަރެން އެއްޗެކޭ ބުނަން އުޅެނިކޮށް ފާރިޝް ފޯނު ބޭއްވިއެވެ.

އަހަރެންގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ފާރިޝް އެންމެފަހުން އަހަރެންނާ ވާހަކަ ދެއްކީއެވެ. އަހަރެން ކުރަން ހުރި މަސައްކަތްތައް ފަސްކޮށްލުމަށްފަހު އެންމެ މަތީ ފުލޯއަރ އެރުމަށްޓަކައި ފިޔަވަޅުތައް ބަހައްޓަން ފެށީމެވެ.

“އަންޑަރ ކޮންޓުރެކްޝަންގެ” ޓޭޕު ފަށް ހިއްލާލުމަށްފަހު މަތީ ފުލޯއަރ ސިޑިން އަރަން ފެށީ ސިކުޑިއަށް ޖަމާވަމުންދިޔަ ސުވާލުތަކަށް ފުރަގަސްދެމުންނެވެ. އަހަރެން އެންމެ ފުރަތަމަވެސް ބަލައިލީ ފާރިޝް ފެނޭތޯއެވެ. އެކަމަކު ފާރިޝްގެ ހިލަމެއް ނުވެއެވެ. ފާރިޝް މިއުޅެނީ ކޮން ސަކަރާތެއް ޖަހަން ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.

އަހަރެން އިސްއުފުލާލައި އުޑުމަތި ބަލައިލީމެވެ. މުޅިތަނުގައިވަނީ ފަޑުއަލިކަމެއް ފެތުރިފައެވެ. އިރުގެ މައްޗަށް މަޑު ދުވެއްޔެއްގައި ދުވަމުންދިޔަ ކަޅުވިލާތަކުން އިރުގެ އަލިކަން ފަޑުވެ، މާހައުލަށް އަނދިރިކަން ވެރިކުރުވަނީއެވެ. އަހަރެން އިސްދަށަށް ޖަހައި ނާއުއްމީދުގައި މަސައްކަތަށް ދިއުމަށްޓަކައި އެނބުރިލި ވަގުތެވެ. މީހަކު އަހަރެންގެ ކަނާއަތު ކޮނޑު ހުޅުގައި ބާރު އެތިފަހަރެއް ބެހެއްޓިއެވެ.

“އާ…ހަ…” އަހަރެން ދިޔައީ ވިއްސައިގެންނެވެ. އަހަރެންގެ އަނގައިން ބޭރުވީ ވޭނީ އާޚްގެ އަޑެވެ. ލޯ މައްޗަށް ފުސްވެގެންދިޔައެވެ. އިސާހިތަކު އަހަރެންގެ ލޮލުން ކަރުނަ ނީރައިލީ ވީ ދަތެއްގެ ބޮޑުކަމުންނެވެ. އަހަރެންނަށް ހިންދިރުވައިލެވުނެވެ. ތުންފަތުގައި ދަތްއެޅުނީ އަޑުންއަޑުލައި ރޮވެން ބޭނުން ނުވާތީވެއެވެ.

“ހައް… ހައް… ހާ…” ފާރިޝް އަހަރެންނާ ދުރުގައި ހުރެގެން ލާނެތް ގޮތަކަށް ހެމުން ދިޔައެވެ. އޭނާގެ އަތުގައި ޗޮކްލެޓް ކުލައިގެ ބޭސްބޯލް ބެޓެއް އޮތެވެ.

އަހަރެންގެ ކަނާއަތުގައި އެއްވެސް ބާރެއްނެތެވެ. ޖެހިލެއް ބާރުކަމުން ކަނާއަތް އައްސިވީއެވެ. ހިއްލައިލަން މަސައްކަތްކޮށްކޮށް އިނދެވުނީއެވެ.

“ތީތަ އެކުވެރިންނަކީ؟” އަހަރެންނަށް ހަޅޭލަވައިގަތެވުނީ ބޭއިޚްތިޔާރުގައެވެ.

“އާނ… އާނ… އަހަރެންމީ އަރުހަމްގެ އެކުވެރިޔާ…” ފާރިޝް ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. “އަހަރެން. އަރުހަމަށް ނުކޮށްދެނީ ކޮންކަމެއް.”

“އަހަރެންނަކަށް ނޭނގޭ ފާރިޝް ތިދައްކައި ވާހަކައެއް.” އަހަރެން އިނީ ކަނާއަތުގައި ހިފަހައްޓާލައިގެންނެވެ.

“އަޑު އަހާބަލަ އަރުހަމް. ފުރަތަމަ އަހަރެން ލޯބިވާ އަސްމާ ބޭނުން ވެގެން އަހަރެން ގާތުގައި އެހީ.”

“އަހަރެންނަކަށް ނޭނގޭ ފާރިޝް ލޯބިވަނީ އަސްމާދެކެ ކަމެއް.” އަސްލުވެސް އަހަރެންނަކަށް ނޭނގެއެވެ.

“އެކަމަކު އަހަރެންގެ… އަހަރެންގެ އަތުން އަހަރެންނަށް ލިބެން އުޅުނު މަޤާމްވެސް ޖަހައިގަތީ.” ފާރިޝްގެ ލޮލުން ކަރުނައިގެ ރޮނގެއް ތިރިއަށް ފައިބަމުން ދިޔައެވެ. “އަހަރެންނަށް ލިބެން އުޅުނު ކާމިޔާބު އަހަރެންގެ އަތުން ފޭރިގަތީ. ތީތަ އެކުވެރިންނަކީ؟”

“ފާރިޝް. ހަމަޖެހިބަލަ. އަހަރެންނަށް ތިކަންކަން އެނގުނުނަމަ. އަހަރެންގެ ގާތުގައި ތިކަންކަން ކިޔައި ދިންނަމަ.” އަހަރެން މަޑުމަޑުން ދެފައި މައްޗަށް ތެދުވީމެވެ. އަހަރެން ވައަތުން ކަނައަތުގެ ކޮނޑުހުޅުގައި ބާރަށް ހިފަހައްޓައިލީމެވެ. އޭރުވެސް ފާރިޝްއަށް ރޮވެނީއެވެ.

“އާނ… ކަލޭ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލީ… އަހަރެންނެއް ދެނެއް މަޑަކުން ނުހުންނާނަން.” ފާރިޝްގެ އަތުގައި އޮތް ބޭސްބޯލް ބެޓް އަތަށް ހެޔޮވަރުކޮށްލިއެވެ.

ވާރޭގެ ކަނިތައް ފާރިޝްގެ ބުޅި އިސްތަށިގަނޑު ތެންމަމުން ދިޔައެވެ. ފާރިޝް ލައިގެން ހުރި ކޯޓު ފަޓުލޫނު ހުރީ ރީއްޗަށް ތެމިފައެވެ. ފާރިޝް މަޑުމަޑުން އަހަރެންގެ ގާތަށް ފިޔަވަޅުތައް އަޅަމުން އައިސް ދުއްވައިގަތީ ނިކަން ބާރަށެވެ. ފާރިޝް އައި ބާރުމިނުގައި އައިސް ބެޓް އަހަރެންނާ ދިމާއަށް މަޅައިލިއެވެ.

އަހަރެންގެ ލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ. ހުށިޔާރުކަމާއެކު އަހަރެން ތަޅަން މައްޗަށް ވެއްޓިގަތީ ފާރިޝްގެ ހަމަލައިން ސަލާމަތްވުމަށްޓަކައެވެ. އަހަރެންނަށް އެއްވެސް ގެއްލެމެއް ނުލިބެއެވެ. އެހެންނަމަވެސް ފާރިޝް ދުވެލީގެ ބާރުކަމުން ނުހިފެހެއްޓިގެން ޢިމާރާތުން ވެއްޓެން ވެއްޓެން ފާރިޝް ހުއްޓެވެ.

ފާރިޝް ބެލެންސް ކަޓައިގެން ވެއްޓެން ދިޔަ ވަގުތާއި އަހަރެން އެއްލިއަތުން ފާރިޝްގެ އަތުގައި ހިފުނު ވަގުތުވީ އެއްވަގުތަކަށެވެ. އަހަރެންނަށް ގަދަކަމުން ހިންދިރުވައިލެވުނެވެ. އޭރު ވާރޭގެ ކަނިތައް ހަލުއިވެ ވިއްސާރަ ބޯކުރަމުން ދިޔައެވެ.

އަހަރެންގެ އޮށޯވެ އޮތުމުން ފާރިޝް ހިފަހައްޓާލައިގެން އޮވެވުނީ ވަގުތުކޮޅެއް ވަންދެންނެވެ. ކަނާއަތުގައި އެއްވެސް ބާރެއް ނެތުމުން އަހަރެންނަށް ފާރިޝް ޢިމާރާތުގެ މައްޗަށް ނަގަންވީ ދަތި ކަމަކަށެވެ. އިސާހިތަކު ވައަތުގެ ވާހި ދޫވަން ފެށިއެވެ. އަސްސިވާން ފެށިއެވެ.

“އަރުހަމް. އަހަރެންނަށް މާއަފްކުރޭ.” އަހަރެންގެ އަތުގައި އުފެދުނު ރިހުން ފާރިޝަށް އެނގުނު ކަހަލައެވެ.

“ހޯލްޑް އޮން ބުރަދަރ.” އަހަރެން ނިންމީ ފާރިޝް މައްޗަށް ނަގާށެވެ. ނޫނީ ފާރިޝާއެކު ޢިމާރާތުން އެކީ ވެއްޓޭށެވެ.

“އައި އެމް ސޮރީ.” ފާރިޝް އަހަރެންގެ އަތް ދޫކޮށްލުމުން އަހަރެންނަށް ތަހައްމަލް ކުރަންޖެހުނީ އިތުރު ބުރައެކެވެ.

“ނޯ… ނޯ… ތިހެން ނުބުނޭ އެކުވެރިޔާ… ފާރިޝް… ފާރިޝް…” އެހެންނަމަވެސް އަހަރެން ހިތްވަރުކުރަމުން ދިޔައީމެވެ. މަޑުމަޑުން ފާރިޝްގެ އަތްދޫވަމުންދިޔައީ ވެހެމުން ދިޔަ ވާރޭގެ ސަބަބުންނެވެ.

“އަސްމާ ނަންބަރު އޮންނާނެ އަހަރެންގެ ކަނބަޑުގައި. އޭނާ ބުނީ ޝީ ލަވް ޔޫއޭ މޯރ ދެން މީ. ޓޭކް ކެއަރ އޮފް ހަރ ފޮރ މީ.” ފާރިޝް އަހަރެންނާ ދިމާއަށް ހިނިތުންވެލިއެވެ.

އަހަރެންގެ ލޮލުން ނީރައިލި ކަރުނަޔާއެކު ފާރިޝްގެ އަތް އަހަރެންގެ އަތުން ދޫވިއެވެ. “ފާރިޝް.” އަހަރެންނަށް ހަޅޭލަވައިގަތެވުނީ ބޭއިޚްތިޔާރުގައެވެ.

އެކަމަކު އިތުރަށް ފާރިޝް ހިފަހެއްޓޭނެ އެއްވެސް އެއްޗެއް ނެތެވެ. ފާރިޝް ވިހިވަނަ ފަންގިފިލައިން ވެއްޓޭތަން ބަލަން އަހަރެންނަށް އޮވެވުނީއެވެ. ލޮލުން ކަރުނަތަ ހެސް ކިޔާފައި ދައުރުވަމުންދިޔައީ މޫނަށް ވެއްޓެމުން ދިޔަ ވާރޭ ތިކިތަކާއެކުގައެވެ. އަހަރެން ލޯ މަރައިލީމެވެ. އެއީ އެ މަންޒަރު ދެކޭނެ ހިތްވަރެއް އަހަރެންގެ ގައިގާ ނެތުމުންނެވެ.

އަހަރެން ލޯ ހުޅުވައިލީ މީހަކު އަހަރެންގެ ކޮނޑުގައި އަތް ބޭއްވުމުންނެވެ. ބޭރުން ވެހެމުންދިޔަ ވާރޭ ހުރީ ތުނިކޮށްލައިފައެވެ. އަހަރެން ނޫން ކަމަށް ހަދައިފާ ލޮލުން ވެއްޓެން ހުރި ކަރުނަ ތިކި ފޮހެލީމެވެ. އަސްމާ ހުރީ ހިނިތުންވެލައިގެންނެވެ. އަހަރެން އަސްމާގެ މޫނަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތުގެ ފަހަތަށްލައި ރަނގަޅުކޮށްލަދިނީމެވެ. އަސްމާގެ މޫނުމަތީގެ ކުލަވަރު އިހުނަށްވުރެއް އުޖާލާކަމަށް ދައްކައެވެ. އަހަރެންނަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ.

އަހަރެންދެކެ އަސްމާވަނީ ތެދުވެރި ލޯތްބެކެވެ. ފާރިޝް އަހަރެންދެކެވީ އެކުވެރިކަމުގެ ޢާއިލީ ލޯތްބެކެވެ. މީހަކަށް ނޭނގުނު ކަމުގައިވީ ނަމަވެސް އަސްމާއަކީ އަހަރެންނާ ފާރިޝްއާ ދެމެދުގައިވާ އެކުވެރިކަމުގެ ހެއްކެކެވެ. މިހާރު ހުރި ހަމައެކަނި ހަޤީޤީ އެކުވެރިޔާއެވެ.

Share Article

Follow Me Written By

Asad

Level 110 Stories

Other Articles

Previous

..ހާދައޭ ބޭނުމީ ކަލާ.. (ހަތަރުވަނަ ބައި)

Next

ހިތުގެވެރިޔާ********

Next
November 25, 2015

ހިތުގެވެރިޔާ********

Previews
November 25, 2015

..ހާދައޭ ބޭނުމީ ކަލާ.. (ހަތަރުވަނަ ބައި)

14 Comments!

  1. Ammu says:
    November 25, 2015 at 6:29 pm

    Nice. Keep it up

  2. Red Rose says:
    November 25, 2015 at 6:36 pm

    Haadha dhuvaheh kohfa ey asad ge story eh kiyaalan mi libuny. Kyhvetha mihaaru asad ge stories up nukurany.
    Mi story ves varah rythi.
    Keep it up

  3. lam says:
    November 25, 2015 at 6:49 pm

    nice story

  4. Asad says:
    November 25, 2015 at 11:24 pm

    Thank You @Ammu @Red Rose @lam
    midhuvaskolhu kudakoh busy “mahyithu” neremuge maskathuga. eba liyan kuru vaahakaeh. up kuraanan nimuneema in sha allah.
    🙂

  5. bubbles says:
    November 25, 2015 at 11:25 pm

    Vaanuvaa eh neygunu

  6. aathi says:
    November 26, 2015 at 7:35 am

    Nice story asad ;)..

  7. Asad says:
    November 26, 2015 at 1:27 pm

    visnaigen kiyaaleema egidhaane hehe. @bubbles thank you for reading. hope u will wait for next story.
    Thank you aathi. 🙂

  8. anonymous says:
    November 26, 2015 at 3:45 pm

    Good to see you back in the site!

  9. Lynaaaaaaa says:
    November 26, 2015 at 7:16 pm

    I love it

  10. Asad says:
    November 27, 2015 at 12:40 am

    Thank You @anonymous @Lynaaaaaa.
    Hope u guys will wait for next story.
    Please give a like to the facebook page on /http://maawahi.blogspot.com
    Thank You all.

  11. jboat says:
    November 27, 2015 at 10:07 am

    nice one bro…keep it up 🙂

  12. Ryn says:
    November 27, 2015 at 6:21 pm

    nyc 🙂 gd lck

  13. Queen says:
    November 27, 2015 at 8:25 pm

    Nice and heart touching story. Hope to another story of yours. Keep up the good work.

  14. Asad says:
    November 28, 2015 at 9:00 am

    Thank You Jboat bro. Ryn and Queen.
    Will upload a new one soon in sha allah.

Comments are closed.



All Right Reserved!