ފާތާނިކެ
ދެވަނަބައި
ވެދިޔަ ކަންތަކުގެ ސަބަބުން މުޅި ޢާއިލާގެ ވިސްނުން ބަދަލުވެގެން ދިޔައެވެ. އިސާހިތަކު މޯލްޑިވްސް ޕޮލިސް ސާވިސް އަތޮޅު ސްޓޭޝަނަށް ގުޅައި އެހަބަރު ދިނެވެ.
ޕޮލިސްސްޓޭޝަންގެ ބޭކަލުން ރަށަށް ވަޑައިގެން އެބޭކަލުންގެ މަސައްކަތް ފެއްޓެވިއެވެ. އަދި އެބޭކަލުންގެ މަސައްކަތަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ނަގައިގެން އެރަށުން ފުރައިގެން ދިޔައިރު ރަށުގެ ރައްޔިތުން އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ހަމައެހެންމެ ގިނަބަޔަކަށް ވާނުވާ ވެސް ނޭނގެއެވެ.
ދުވަސްތަކާއި ރޭތައް މާޒީއާއި އެކުވަމުން ދިޔައިރު، ފާތާނިކެގެ މަރުގެ ސަބަބުން އެޢާއިލާގެ މެންބަރުންނަށް ލިބިފައިވާ ހިތާމައާއި ހިތްދަތިކަމަށް ކޮންމެވެސްވަރެއްގެ ލުޔެއް ލިބެމުންދިޔައެވެ. ހަމައެހެންމެ އެމަރުގެ ސަބަބުން ރަށުގެތެރެއަށްވެރިވި ހިތާމައިގެ އަސަރުތައް މަޑުމަޑުން ފިލަމުން ދިޔައެވެ.
ދުވަސްތައް މާޒީއާއި އެކުވަމުންދިޔައިރު ޕޮލިހުން އެބޭކަލުންގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. ހަމައެހެންމެ އެކަމަށްޓަކައި ހޯދާންޖެހޭ މަޢުލޫމާތުތައް ހޯދަމުން މަގުފަހިކުރަމުންދިޔައެވެ. އެހެނަސް ޕޮލިހުން ފިޔަވައި އެހެން އެއްވެސްބަޔަކަށް އެކަމެއް ނޭނގެއެވެ. ހަމައެހެންމެ ޝައްކެއް ވެސް ނުވެއެވެ.
ރަށުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމާއެކު ވަގުތުތައް ފާއިތުވަމުން އައިސް ރޭގަނޑު އެގާރަޖަހާކަން ހާއިރެވެ. ކުއްލިއަކަށް ކަހަލަގޮތަކަށް ޕޮލިސްޖިޕް އައިސް ހޮޓާކައިރިއަށް މަޑުކުރުމުން އެތަނުގައި ތިބި މީހުންނަށް ލިބިގެން ދިޔައީ ހައިރާން ކަމެވެ. އެއާއެކުހެން އެންމެންގެ ހިތުގައި ވެސް ސުވާލުއުފެދިގެން ދިޔައެވެ.
ހޮޓެލް އެވޭލާ ތެރޭގައި ކޮފީބޯން އިން ނާގިތު ސިއްސައިގެން ދިޔައީ އެތަނަށް ވަދެގެން އައި ޕޮލިހުންގެ ތިން ބޭކަލުން އޭނާ ޓެސްޓްކުރާން ބޭނުން ކަމަށާއި އެބޭކަލުންނަށް އެއްބާރުލުންދޭން ބުނުމުންނެވެ. އެއީ ކީއްވެގެންތޯ އާއި އޭނާ ޓެސްޓްކުރާން ނުޖެހޭނެކަމަށް ބުނެ އެކަމާ ދެކޮޅަށް ވާހަކަދައްކާން ފެށިއެވެ.
ހޮޓާތެރެއަށް ވަދެގެންއައި ތިން ފުލުހުންގެ ތެރެއިން ފޯނުގައި ހުރި ފުލުސްމީހާ އެތާހުރި މާގަސްތައްކައިރިން ނެގި ފޯނު ފެނުމާއެކުހެން ނާގިތަށް ބަދަލެއްއައިކަން އެތަނުގައިތިބި ގިނަބަޔަކަށް ފާހަގަކުރެވުނެވެ. ހަމައެހެންމެ އެކަމުގެ ސަބަބުން ސުވާލުތައް ގިނަވެގެން ދިޔައެވެ.
ފުލުހުންގެ މީހާ އެފޯނު ނެގުމާއެކުހެން ނާގިތުގެ މޫނުމަތިން ހައިރާންކަމާއި ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދިގެން ދިޔައެވެ. ބުނާނެއެއްޗެއް ކުރާނެހަރަކާތެއް ނޭނގިފައި އެތައްއިރަކު އިނެވެ.
ޕޮލިހުންގެ ބޭކަލުން އެދުނުފަދައިން އެބޭކަލުންނާއިއެކު ނާގިތު ޕޮލިސް ސްޓޭޝަނަށް ދިޔައެވެ.
ޕޮލިހުންގެ ވާހަކަތަކާ ދެކޮޅުހަދައި އެކަމާޒުވާބުކޮށް ހަޑިހުތުރުބަހުން އެއްޗެތިކިޔަމުންދިޔަ، ނާގިތުގެ އަނގަ ބެދުނީ ޕޮލިހުންގެ ބޭކަލުން ދައްކާންފެށި ވީޑިއޯ އާއި ހަމައިންނެވެ.
ނާގިތު އައިސް ހޮޓަލަށްވަތް ހިސާބުން ފެށިގެން ނަގާފައިވާ އެވީޑިއޯގައި އޭނާ އެތަނުގެތެރޭގައި އުޅުނުހުރިހާގޮތެއް ދައްކަމުން ދިޔައެވެ. ކޮފީއެއް ގެނެސްގެން ކޮފީބޯންއިނދެ ނާގިތު ކޮންމެވެސް މީހަކަށް ފޯނުކުރިއެވެ. އޭގެ އިރުކޮޅެއްފަހުން އަހުމަދު އައިސް އޭނާ ކައިރީ އިށީންތަނާއި، އެދެމީހުން ވާހަކަތަކެއް ދެއްކުމަށްފަހު ނާގިތު ޖީބުންނަގައި އަހުމަދުއަތަށް ފޯނެއް ދިން ތަނާއި، އަހުމަދު އެފޯނު ބެލުމަށްފަހު ޖީބުން ވޮލެޓް ނެގިތަން ފެނުނެވެ. ހަމައެހެންމެ ވޮލެޓް ބަލާލުމާއެކުހެން އޭނާގެ މޫނުމަތިން މާޔޫސްކަން ފާޅުވެގެން ދިޔައެވެ. އަދި ކޮންމެވެސް ވާހަކަތަކެއް ދެއްކުމަށްފަހު ނާގިތުގެ އަތަށް ފޯނުދީފައި ޖީބަށް ވޮލެޓްލަމުން އަހުމަދު އަވަސް އަވަހަށް ގޮސް އެތަނުން ނުކުތްތަން ވެސް ފެނުނެވެ.
އަހުމަދު ތެދުވެގެން ދިޔުމުން ނާގިތު އެފޯނު އޮންކޮށްލި މަންޒަރާއި، ފޯން އޮންކޮށްލިތާ ތިންވަރަކަށް މިނިޓްތެރޭގައި ޕޮލިހުން އައިސް އެތަނަށް ވަނުމުން އެތާކައިރީ ހުރި ގަސްތަކުގެތެރެއަށް ފޯނު އެއްލާލި މަންޒަރު ވެސް އެވީޑިއޯގައި ފެންނަމުން ދިޔައެވެ. ހަމައެހެންމެ ޕޮލިހުން އެތަނަށް ވަނުމުން ނާގިތަށް ވެެގެންދިޔަގޮތް ވެސް އެވީޑިއޯގައި ވަރަށް ރަނގަޅަށް ދައްކައިދެއެވެ.
ޕޮލިހުން އައިސް ނާގިތާއި ބައްދަލުކޮށް ވާހަކަދައްކާން ފެށިތަނާއި، ފޯނެއްގައިހުރި ޕޮލިހަކު އެތަނުގައިހުރި ގަސްތަކުގެތެރެއިން ފާތާނިކެގެ ފޯނު ނަގައި ނާގިތަށް ދެއްކުމުން ނާގިތަށް ވީގޮތް ވެސް އެވީޑިއޯގައި ވަރަށް ރަނގަޅަށް ދައްކައިދެއެވެ.
އެ ވީޑިއޯ ދައްކައި ނިމުމާއެކުހެން ނާގިތު ބަލާލީ އޭނާ އެހޮޓަލަށް ދިޔައިރު އެތަނުގެތެރެއިން ފެނުނު އެއްވެސް މީހަކު މިތަނުން ފެނޭތޯ އެވެ. އެހެނަސް އޭނާ ހޮޓަލުގެތެރޭ އިންދައި އެތަނަށްދިޔަ ޕޮލިހުންގެ ބޭކަލުން ފިޔަވާ އެހެން އެއްވެސްމީހަކު އެތަނަކުން ފެންނާކަށް ނެތެވެ.
ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހި ކުރިޔަށްދެވޭނެ އެއްވެސްމަގެއް ނެތުމުން، ފާތާނިކެގެ ފޯނާއި ބެހޭގޮތުން އަދި އޭނާއާ މެދު ސައްކުކުރެވެމުންދާ ފާތާނިކެގެ މަރާ ބެހޭގޮތުން ވާހަކަދައްކާން ނާގިތު އެއްބަސްވިއެވެ. އަދި އެވާހަކަތައް ކިޔައިދޭން ފެށިއެވެ. އޭރު އޭނާގެ މޫނު މަތިން ފާޅުވަމުންދަނީ ހާސްކަމާއި ނުތަނަވަސްކަމުގެ އަސަރުތަކެވެ.
ފާތާނިކެ މަރުވުމުގެ ދެތިންދުވަސް ކުރިއެވެ. އަތޮޅުފެރީގައި ފާއިދުމާލެއިން އައިއިރު ނާގިތު ވެސް މާލެއިން އައެވެ. ފާތާނިކެއަށް ހަދިޔާއެއްކަމެއް ބުނެ އޭނާގެ މާމަދަރިފުޅު، އަދުހަމް ގަނެފައި ފޮނުވި ވަރަށްރީތި ވަރަށްމޮޅު ފޯނެއް ފާއިދުގެ އަތުން ނާގިތަށް ފެނުނެވެ. އެއާއެކުހެން އެފޯނަށް ވަރަށްބޮޑަށް ޝައުގުވެރިވެވުނެވެ. ހަމައެހެންމެ ވަރަށް ބޭނުންވިއެވެ.
މާލެފެރީން އަތޮޅުުގެވެރިކަންކުރާ ރަށަށް ގޮސް، ފާއިދުމެން ރަށަށް ދިއުމުގެކުރިން ފާއިދު ބެންކަށް ގޮސް ފާތާނިކެ އެކައުންޓުން ފައިސާ ނެގިއިރު އޭނާއާ އެކުގައި ނާގިތު ބެންކަށް ދިޔައެވެ.
ފާތާނިކެގެ އެކައުންޓުން އެއްފަހަރާ އެހާބައިވަރު ފައިސާ ނެގުމުން އެކަމާ ހައިރާންވެގެން ފާއިދުއާ ނާގިތު ސުވާލު ކުރިއެވެ.
ނާގިތުގެ ސުވާލަށް ޖަވާބުދެމުން ފާއިދު ބުނީ އޭނާ ވަރަށް އަވަހަށް އިންޑިޔާއަށް ފުރާން އުޅޭތީ އާއި، ބެންކުގައި ފައިސާ ބެހެއްޓުމަކީ ފާތާނިކެ އެއްގޮތަކަށް ވެސް ހިތްހަމަޖެހޭކަމަކަށް ނުވާތީ ހުރިހާ ފައިސާ ނެގީކަމަށެވެ. އަދި މިދިޔަމަހު ފައިސާ ނުނެގުނީ އޭނާ މާބޮޑަށް ބިޒީވެގެން ކަމަށެވެ.
ފާއިދުމެން އިންޑިޔާއަށް ފުރުމުން އެގޭގައި ދިރިއުޅެމުންދަނީ ފާތާނިކެ އެކަނިކަން ނާގިތަށް އެނގެއެވެ. ހަމައެހެންމެ އެދުވަހު ފާއިދު ގެނައި އަގުބޮޑުމޮޅު ރީތި ފޯނާއި ފައިސާތައް ވެސް ހުންނާނީ އެގޭގައިކަން ނާގިތަށް އެނގެއެވެ.
ފާއިދުމެން އިންޑިޔާއަށް ފުރީއްސުރެ ނާގިތު ބަލަމުން ފާރަލަމުންދިޔައީ ފާތާނިކެ އުޅޭގެއަށް ވަދެވޭނެގޮތަކަށާއި ވަގުތަކަށެވެ. އެހެނަސް އޭނާ ފިޔަވާ އެހެންމީހަކަށް އެކަމެއް ނޭނގެއެވެ.
ރޭގަނޑު ނުވައެއްޖަހާކަން ހާއިރެވެ. އަރުތަބޯޓް މާލެ ފުރާތީ އެބޯޓަށް ކުރުނބާ އިހަލެއް ލުމަށްޓަކައި ދިޔަ އަލީދީ އާއި ނާގިތު ބައްދަލުވީ ފާތާނިކެމެން ގެއާއި މާދުރުނޫން ހިސާބަކުންނެވެ.
ނާގިތަށް އަލީދީ ފެނުމާއެކުހެން ހާސްވެ ކަންބޮޑުވިއެވެ. އަލީދީއަށް ނުފެނި އެހިސާބުން ދެވޭނެގޮތެއް އޮތްތޯ ވެސް ބަލާލެވުނެވެ. އެހެނަސް އެފަދަ އެއްވެސް ގޮތެއް ފެންނާކަށް ނެތެވެ.
މީގެކުރިން ދުވަހަކު ވެސް އެހިސާބުން ފެނިފައިނުވާ ނާގިތު އެހިސާބުން ފެނުމުން އެކަމާ ކޮންމެވެސްވަރަކަށް ހައިރާންވެގެން އަލީދީ ސުވާލުކުރިއެވެ. އަލީދީގެ ސުވާލަށް ޖަވާބުދެމުން ނާގިތުބުނީ އަންމަޑޭއާއެކުގައި އެހިސާބަށް އައިތަނުން، ދިމާވި މީހަކު ވަރަށް އަވަހަށް އޭނާ ގެއަށް ގޮސްދޭން ބުނުމުން އޭނާ ގޮވައިގެން އަންމަޑޭ ސައިކަލްގަ ދިއުމުން އޭނާ އަންނާންދެން މަޑުކޮށްލީ ކަމަށެވެ. އޭރު ނާގިތު ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައި ނަމަވެސް އަލީދީއަކަށް އެކަމެއް ނޭނގެއެވެ.
ނާގިތާއި ވާހަކަދައްކާން ދެމިނިޓެއްހާއިރު މަޑުކުރުމަށްފަހު އަލީދީ ހިނގައްޖެއެވެ. އެއާއެކުހެން ނާގިތަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އަދި މީހާ ހަމައަކަށް އެޅުނުއިރު އަލީދީއަށް އޭނާގެ ހާލަތު ނަގައި ނުގަނެވުނީތީ އުފާކުރެވުނެވެ.
ވަގުތުތައް ފާއިތުވަމުން އައިސް ދިހައެއް ޖަހަނީއެވެ.
އުމުރުންދުވަސްވީ މީހުން ގެންގުޅެމުންދާ ހަރަދުކުޑަކުރުމުގެ ހެޔޮ ވިސްނުމުގެތެރެއިން ފާތާނިކެގެ ގޭގެ ގިނަތަންތަނުން ވަނީ ކަރަންޓް ކަނޑާލާފައެވެ. ފެންޑާތެރޭން ވެސް ފެންނަމުންދަނީ ފަނޑުއަލިކަމެކެވެ.
ވަގުތަކަށް ވިސްނައި ތައްޔާރުވެގެންހުރި ނާގިތަށް، ފާތާނިކެ ގެއިން ނުކުތްތަން ފެނުމާއެކުހެން އަވަސް އަވަހަށް ވަށައިގެން ހޯދާލުމަށްފަހު އެހިސާބުގައި އެހެންމީހަކު ނެތްކަން ޔަގީންވުމުން އެގެއާދިމާއަށް ހިނގައިގަތެވެ.
ފެންއަޅާކަހަލަ ފުޅިއެއް ހިފައިގެން ނުކުމެ ގޭގެ ކޮޅާއި ދިމާއަށް ފާތާނިކެ ހިނގައިގަތުމާއިއެކުހެން، އޭނާއަށް އެއްވެސް ހިލަމެއް ނުވާނޭހެން ނާގިތު އެގޭތެރެއަށް ވަނެވެ.
ނާގިތު އެގޭތެރެއަށްވަދެ ވަށައިގެން ހޯދާލުމާއެކުހެން އެންމެފުރަތަމަ ވެސް ނަޒަރުހުއްޓުނީ ހުޅުވާފައިވާ ދޮރަކާއި ދިމާއަށެވެ. އެއީ ފާތާނިކެގެ ކޮޓަރިކަމުގައި ނިންމައި ނާގިތު ގޮސް އެކޮޓަރިއަށް ވަނެވެ. ކޮޓަރީގައި ދިއްލާފައިވާ ބޮކީގެ ފަނޑު އަލިކަމާއި ކޮޓަރިތެރޭން އެއްވެސް އަޑެއް އިވޭންނެތުމުން ކޮޓަރިތެރޭގައި ރަސްކަން ކުރަމުން ދަނީ ހަމަހިމޭންކަމާއި މަޑުމައިތިރިކަމެވެ. ފަނޑު އަލިކަމެވެ.
ކަންތައް ކުރާނެގޮތާމެދު ވިސްނާ ފިކުރުކުރާންހުރި ނާގިތު ސިއްސައިގެން ދިޔައީ ގޭގެ ދޮރު ލައްޕާލިއަޑަށެވެ. އެއާއެކުހެން ތެޅިގަންނަމުން ވަށައިގެން ހޯދާލިވަގުތު ނަޒަރުހުއްޓުނީ އެނދުގެ ތަންދޮށަށެވެ. ވަގުތު ބޭކާރު ކޮށްލުމެއްނެތި ނާގިތު އަވަސް އަވަހަށް އެނދުގެ ތަންދޮށަށް ދެމިގަތެވެ.
ފެންފުޅިއެއް ހިފައިގެންއައި ފާތާނިކެ ކޮޓަރިއަށްވަދެ ދޮރުލައްޕައި ތަޅުލިއެވެ. އަދި އޭނާ ގެނައި ފެންފުޅި ހިފައިގެން ގޮސް މޭޒު މަތީގައި ބެހެއްޓުމަށްފަހު އެނދަށްއަރައި އޮށޯވެއްޖެއެވެ.
ވަގުތުތައް ފާއިތުވަމުން އައިސް އެގާރަޖަހަނީއެވެ. ދިހައެއް ޖަހާކަން ހާއިރު އެނދަށްއަރައި އޮށޯތް ފާތާނިކެގެ ފަރާތުން އެއްވެސް އަޑެއްބަޑެއް ނީވޭތީއާއި އޭގެފަހުން ގަޑިއެއްގެހާއިރު ވެގެންގޮސްފައިވާތީ، ފާތާނިކެ މިހާރު އޮންނާނީ ނިދާފައިކަން ޔަގީންކޮށް ނާގިތު އެނދުދަށުން ނުކުމެއްޖެއެވެ. އޭރު އޭނާގެ ދެއަތަށް ދެއަންގި ލައްވާފައިވެއެވެ.
ނުނިމޭ
5 Comments!
Comments are closed.



ވަރަށް ސަޅި. ހެހެ
ހްމްމް.. މީތި ސަޅިއޭ..
In the complicated world we live in, it’s good to find simple solutions.
It’s about time someone wrote about this.
ސީ.އައި.ޑީ