ފިނި ހިތް 14
ޖެހިގެން އައި ދުވަހު ނާސްތާކޮށްގެން ލިހުވާންގެ އާއިލާގެ އިތުރުން ކިރާއާއި ލަޔާން މިސްރާބުޖެހީ އައިރާމެން ގެއަށެވެ.މިއަދަކީ އޭނާއާއި އާރާޝްގެ ޙިތުބާ ކުރެވޭ ދުވަހެވެ.
އެއީ ހަމައެކަނި އާއިލާއާއި ގާތް މީހުނަށް ދަޢުވަތު ދެވިގެން ބާއްވާ ކުޑަ ޙަފްލާއެކެވެ.10:00 ޖެހިއިރު ކިރާ އާއި އައިރާ ތިބީ އައިރާ މާލެއިން އައި އިރު ގެނައި ހުރިހާ ހެދުންތަކެއް އެނދުމަށްޗައް އަޅައިގެން މިއަދު ލާނީ ކޮން ހެދުމަކާއި ދޭތެރޭ ބަހުސްކުރާށެވެ.
“އައި ތިންކް ޔޫ ޝުޑް ވެއަރ ދިސް”ފަރުބަދައެއްހެން އެނދުމަތީގައި ފުނިޖެހިފައި ހުރި ހެދުންތަކުގެ ތެރެއިން ކިރާ ނެގީ މަޑު ފިޔާތޮށިކުލައިގެ މާމެއިޑް އަބާޔާއެކެވެ.އެ ހެދުމުގަައި ވިދުމެއް ހުރެފައި ތިރީ ކައިރިފަށް ހަމަ އެކުލައިގެ ލޭސް ފޮތިން ޖަރީކޮށްފައިވުމުން އޭނާއަށް ކަމުދިޔައެވެ.އެކަހަލަ އާދަައިގެ ހަފްލާއަކަށް ލާން ރަނގަޅުވާނެއޭ ކިރާގެ ހިތައް އެރިއެވެ.”ބަޓް އިޓްސް ޓޫ ޕްލެއިން.އައި ނޯ ދިސް އިޒް އަ ޕާޓީ ޑްރެސް ބަޓް ނޮޓް އަޕް ޓު ސްޓޭންޑަރޑްސް”އައިރާ ހެދުން ލައިގެން ލޯގަނޑު ކުރިމަތީ ހުރެ ފަރާތްފަރާތައް އެނބުރެމުން ބުންޏެވެ.”އައި ނޯ.އައި ހޭވް އޭން އައިޑިއާ”ކިރާ މިހެން ބުނެ އޭނާގެ އަތް ދަބަހުގެ ތެރެއިން ނެގީ ކަޅާައި ރަން ކުލައިގެ ގޫޗީ ބެލްޓެކެވެ.އޭނާ އޭތި އައިރާގެ ހެދުމުގެ މަތިން އުނަގަނޑުގައި އަޅުވާލުމަށްފަހު އެނދުމަތީގައި ތިބި ޝޯލްތަކުގެ ތެރެއިން ރޯޒް ގޯލްޑް ކުލައިގެ ޝޯލްއެއް ނަގައި އައިރާގެ ބޮލުގައި ޒާތަކަށް އޮޅާލިއެވެ.އެއަށްފަހު ހަމަ އެކުލައިގެ ލޭސްފޮތީގެ ޝޯލްއެއް އެ ޝޯލް މަތިން ގެނެސް އެޅުވިއެވެ.”ވާއު.ކިޓީ ޔޫ ސޭވްޑް ދަ ޑޭ.ދީޒް ގޯ ސޯ ވެލް ޓުގެދަރ.ހީވަނީ ހަމަ މި ހެދުމާއެއްކޮށް ބޭނުން ކުރަންވެެގެން އަހަރެން ވަކިން ގަތް އެއްޗެހި ހެން”އައިރާ އޭނާ ހުރިގޮތާއި މެދު ހިތްހަމަޖެހިފައި ކިރާއަށް ބުންޏެވެ.”އޮފްސީ.ޔޫނޯ އައި އޭމް އަ ފެޝަނީސްޓާ”ކިރާ މޭގައި ޖަހާލަމުން ބުނުމާއެކު އައިރާއަށް ހެވުނެވެ.
ގަޑިން 11 ޖެހިއިރު އާރާޝްގެ އާއިލާއާއި ލިހުވާންމެންގެ އިތުރުން ޝާހިދާއާއި ޝަރީފު ތިބީ އައިރާމެން ގޭގެ ސިޓިން ރޫމުގައި އައިރާގެ އިންތިޒާރުގައެވެ.ފަސްވަރަަކަށް މިނިޓު ފަހުން ގޭގެ މެދުގައި ހުރި ބޮޑު ސިޑިން އައިރާއާއި ކިރާ ފައިބާތަން ފެނުނެވެ.އެތާތިބި އެންމެންގެ ނަޒަރު އައިރާއަށް ހުއްޓިފައިވީ ނަމަވެސް ސޯފާގެ ކަނެއްގައި އިން ޔޫވިންގެ ނަޒަރު ހުއްޓުނީ ފަައިތިލައާއި ހިސާބަށް އަންނަ ލޭސްފޮތީގެ ގަދަނޫކުލައިގެ މެކްސީއެއްގަައި ހުރި ކިރާއަށެވެ.މޫނުމަތީގައި ލުއި މޭކަޕެއް ކުރެވިފައިވާއިރު ހަމަ އެކުލަައިގެ ޝޯލްއަކުން އިސްތަށިގަނޑުވަނީ ނިވާ ކުރެވިފައެވެ.އެ ހިމަ އުނަގަނޑުގައި ރިހި ކުލައިގެ ބެލްޓެއް އަޅާލެވިފައިވާއިރު ބުރުގާގެ މަތިން ނިތްކުރިއާއި ވީ ދިމާލުންވެސް ވަނީ ރިހި ކުލަައިގެ ހިމަ ބޭންޑެއް އަޅާފައެވެ.އެއްއަތުން އެ ފަހަތައް ދިގު ހެދުމުގައި ހިފައިގެން އަނެއް އަތުން އައިރާގެ އަތުގައި ހިފައިގެން ސިޑިން ފައިބަމުން ދިޔައިރު ޔޫވިންއަށް އެ މަންޒަރުން ސިފަކުރެވުނީ ފިލްމުތަކުން ފެންނަ ޝާހީ އާއިލާތަކުގެ އަމީރާއިން ބޮޑެތި ހެދުންތައް ލައިގެން އުޅޭގޮތެވެ.އެއީ އެ ހެދުމުގައި ހުރި ކިރާގެ ކޮންމެ ހަރަކާތެއް އެފަދަ ކަނބަލުންގެ ހަރަކާތްތަކާއި އެއްގޮތްވުމުންނެވެ.
ކައިވެނީގެ އަޤުދުގައި ހިމެނޭ ދެ މީހުން އަނގޮޓި ބަދަލުކުރުމަށްފަހު ދެން އޮތީ ފޮޓޯ ނެގުމެވެ.ގޭތެރޭގައްޔާއި ގެއިން ބޭރުގައި އެކި ގޮތްގޮތައް ފޮޓޯ ނަގައި ނިމުނު އިރު ހުރީ މެންދުރު އަނބުރައި 12 ޖަހާފައެވެ.މެންދުރު ނަމާދަށް ބަންގި ގޮވުމާއެކު ހުރިހާ ފިރިހެންވެރިން ނަމާދަށް މިސްކިތައް ގޮސްފައި އައުމުން ޝާހިދާ ކުރިންވެސް ބުނެފައިވާ ގޮތައް އެންމެން މެންދުރު ކެއުމަށް އިންސާފުކުރީ އެ ގޭގައެވެ.
ކައި ނިމުމާއެކު ކިރާމެން ދިޔައީ ދަތުރަށް ތައްޔާރުވާން ފުރުމުގެ ކުރިން އެމީހުންގެ ދަބަސްތައް ބަލައި ރީތިވުމަށެވެ.ކައިރި ރަށަކަށް އޯވަރނައިޓަކަށް ދާތީވެ ލަޔާން ގެނެސްދިން ކުޑަ ދަބަހަކަށް ދެމީހުންގެ އަންނަައުނުތައް އަޅައި އޭނާއަށް ބޭނުންވާ އެހެނިހެން އެއްޗެހިވެސް އަޅައި ޕެކްކުރަން ފެށިއެވެ.އެއަށްފަހު އޭނާ ވަނީ ފެންވަރާށެވެ.
ފެންވަަރާލައިގެން އޭނާ ލީ ނޫކުލައިގެ ހޫޑީއަކާއި ކަޅުކުލައިގެ ސްވެޓް ޕޭންޓްސްއެކެވެ.އެއަށްފަހު ކަޅުކުލައިގެ ވަށްބުރުގާއަކުން އޭނާގެ މެރޫން ކުލައިގެ ދިގު އިސްތަށިގަނޑު ނިވާކޮށްލިއެވެ.އޭނާ ތައްޔާރުކުރި ދަބަސް ހިފައިގެން ބޭރަށް ނުކުތް އިރު ޔަޝްމާ އޭނާ ހަވީރު ސަޔަށް ތައްޔާރުކުރި އެއްޗެހި ބަންދުކޮށްފައިވާ ފޮށިގަނޑު ހިފައިގެން ނުކުތެވެ.އެއިރު ޝަރާއާއި ޔޫލް ތިބީ ބޭރު ޖޯލީގައެވެ.ޔޫލް އޭނާއާއި ޖެހިގެން ހުރި ޖޯލީގައި އިން ލަޔާންއަށް އަތުގައި އިން ޓެބްލެޓުން އޭނާ ބަލަަން އިން ވީޑިއޯއެއް ދައްކަމުން ދިޔައިރު ޔަޝްފާ އަދި ނުނުކުމެއެވެ.”މި ސޮރު މިހާރު ލަޔާންއާއި ވަރަށް ދޯޅު ވެއްޖެދޯ”ގޭތެރެއިން ނުކުމެގެން އައި ޔަޝްމާ ބުނުމާއެކު ލަޔާންވެސް އާނއެކޭ ބުނެ ޔަޝްމާގެ އަތުން ފޮށިގަނޑު ނަގައިގެން ގޮސް ދޮރޯށިން ބޭރަށް ނުކުމެ ޝަރީފު ފޮނުވި ޕިކަޕަށް އެރުވިއެވެ.
ޔޫވިން ފެންނަން ނެތުމުން ކިރާ ކިތަންމެ ވަރަކަށް އެ ސުވާލު ކުރަން އުޅުނެއް ކަމަކު ދޫ ހަރަކާތެއް ނުކުރިއެވެ.ނަސީބަކުން ގޭތެރެއިން ނުކުމެގެން އައި ޔަޝްފާ އެހެން އެހުމާއެކު ޖަވާބުދިނީ ޔޫލްއެވެ.ކާފައާއި ކުޑަބެ ތިބީ ދޯނިދޮށުގައި ކަމަށް ބުނަމުންނެވެ.ޔަޝްފާ އެހެންހެއްޔޭ ބުނެ ގޭ ދޮރޯށިން ނުކުތުމާއެކު ފަހަތުން ދެން ތިބި މީހުންވެސް ހިނގައިގަތެވެ.
ޕިކަޕުގައި އެ މީހުންނަށް އެ ރަށުގެ ބަނދަރާއި ހަމަޔަށް އާދެވުނުއިރު އާރާޝްގެ އާއިލާއާއި އައިރާމެން ތިބީ ދޯންޏަށް އަރައެވެ.އެއިރު ޔޫވިން އާއި ލިހުވާން ދޯނީގެ ދިރުނބާކޮޅުގައި ތިއްްބެވެ.ދޯނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރި ޔޫވިންގެ އިސްތަށިގަނޑު ވަޔާއި ވިހުރެމުން ދިޔައިރު އިރު އިރުކޮޅާ ނިތްމައްޗައް ވެއްޓެމުން ދިޔަ އިސްތަށިތައް އެއްފަރާތް ކޮއްލައެވެ.ކަޅުކުލައިގެ ހޫޑީއެއް ލައިގެން ހުރި އިރު ތިރިން ލައިފަައިވަނީ ހަމަ އެ ކުލައިގެ ކަށިމައްޗާއި ހަމަޔަށް އަންނަ ޖީންސް ސޯޓެކެވެ.ޕްރާޑާ ބްރޭންޑްގެ އަވިއައިނަކުން އޭނާގެ ދެލޯ ފޮރުވާލެވިފައިވާއިރު ޔޫވިންއާއި ޓަރކިޝް ސީރީޒް ތަކުން ފެންނަ މަޝްހޫރު އެކްޓަރު ޗަން ޔަމާންއާއި ވައްތަރުގޮތެއް ހުއްޓެވެ.ލަޔާންގެ އެހީއާއެކު ޕިކަޕުން ބޭލި ޔޫލްއަށް ޔޫވިން ފެނުމާއެކު ކުޑަބޭ އޭ ކިޔައި ތޮށިގަނޑު މައްޗައް އަރައި އެ ދިމާލަށް ދުއްވައިގަތެވެ.އެއަޑަށް އެއްލި ނަޒަރަކުން ބާރު ދުވެލީގައި ދޯންޏާއި ދިމާލަށް އައި ޔޫލް ފެނުމުން ޔޫވިން އައި ގޮތައް އައިސް ޔޫލް އުރާލައިގެން އަވަހަށް ދޯންޏަށް އެރުވީ އޭނާ މޫދަށް ވެއްޓިދާނެތީއެވެ.
ލިހުވާން ފޯނެއް އައުމުން ދުރަށް ދިއުމުން ޔޫވިންގެ އެހީތެރިކަމާއެކު ފަހަރަކު މީހަކު ދޯންޏަށް އަރަމުން ދިޔައެވެ.ކިރާއާއި ޖެހުމާއެކު ޔޫވިން ހާސްވެފަައި ހުރެ ކިރާއަށް އޭނާގެ އަތް ދިއްކޮށްލީ އެ އަތުގައި ކިރާ ހިފާނޭ ކަމުގެ އުއްމީދުގައެވެ.ނަމަވެސް ކިރާ ކަންތައް ކުރީ އޭގެ އިދިކޮޅަށެވެ.ފުދޭވަރަކަށް ވައިގަދަވުމާއެކު ދޯނި ދެފަރާތައް ރޯލްކުރަމުން ދިޔަ ނަމަވެސް ކިރާ ދިރުނބާކޮޅުގައި އެއްފައި އެޅުމަށްފަހު ރެއިލިންގެ އެހީގައި ދޯންޏަށް އަރައި އަނެއްފައި ދޯނީގެ ތެރެއަށް ލިއެވެ.އެޔާއެކު އޭނާގެ ތުންފަތްމައްޗައް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.ކެބިން ކްރޫއަކަށް ވުމުން އެފަދަ އުޅަނދުތަކަށް އަރައި ފަައިބާނެ ގޮތްތަކުގެ ތަމްރީނު އޭނާއަށް ވަނީ ލިބިފައެވެ.އެ މަންޒަރު ފެނި ޔޫވިންގެ ހިތައް މާޔޫސްކަން ވެރިވި ނަމަވެސް އޭނާ އެކަމެއް ނުދައްކައެވެ.
އެންމެން އެރުމާއެކު އާރާޝްގެ ކާފަ ހަސީނު ދޯނި ދުއްވާލަނީ ކަމަށް ބުނުމުން ކޮޅަށް ތިބި މީހުން އަވަސްވެގަތީ އިށީނުމަށެވެ.ކިރާ ދޯނީގެ ކަނާތް ފަޅިއަށް ބަލައިލިއިރު އައިރާއާއި އާރާޝްގެ އާއިލާ މީހުން އެތާ އިށީނދެގެން ތިބުމުން ހުސްޖާގައެއް ނެތެވެ.ވާތްފަޅީގައި ޔަޝްމާއާއި ޔަޝްފާގެ އިތުރުން ޝަރާއާއި ޔޫލް އެއްހަމައެއްގައި އިށީނދެެގެން ތިބިއިރު ލަޔާން،ލިހުވާން އަދި ޔޫވިން ތިބީ ބޭރުގައެވެ.ޔަޝްމާމެން ގާތުގައި އިށީނދެއްޖެނަމަ އޮޅިގެންވެސް ޔޫވިން އައިސް އޭނާގެ ގާތުގަައި އިށީނދެފާނެ ކަމުގެ ބިރު އޮތް ނަމަވެސް އައިރާމެން ތިބި ދިމާލުން މީހެއް ކައިރީ ތެދުވަން ބުނާކަށް ނުކެރޭނެތާއެވެ.އެތާނގައި ގިނައީވެސް އާރާޝްގެ އާއިލާގައި ހިމެނޭ އޭނާ ނުދަންނަ މީހުންނެވެ.އަނެއްކޮޅުން ޔަޝްމާ އަމިއްލަޔަށް އޭނާގެ ގާތުގައި އިށީންނަން އެދުމުން އިހުތިރާމް އަދާކުރުމުގެ ގޮތުން ކިރާއަށް އެގޮތައް ޢަމަލުކުރަން މަޖުބޫރުވިއެވެ.އެނޫން އިތުރުގޮތެެއް ނެތްތާއެވެ.
ދޯނި ދުއްވާލުމާއެކު ކިރާ ބުރުގާގެ ދަށުން ކަންފަތައް އެއަރޕޮޑްސް ޖަހައިގެން ދެލޯ މަރައިލިއެވެ.ޔަޝްފާ މޭނުބައި ކުރާހެން ހީވެގެން ޔަޝްމާގެ އުނގުގަައި ބޯ އަޅާލައިގެން އޮތް އިރު އަނެއްފަރާތުގަައި އިން ޝަރާ ދިޔައީ އޭނާގެ ފަައި މޮޑެދެމުންނެވެ.އެއިރު ޝަރާ ގާތުގައި އިން ޔޫލް ކޯމަސް ބެލުމަށްޓަކައި ބޭރަށް ނުކުމެ ރެއިލިން ކައިރީ ހުރި ލަޔާންގެ އުރަށް އަރައި ހުއްޓެވެ.ދެ ގަޑިއިރުގެ ދަތުރަކަށްފަހު ދޯނި އައިސް ބީއްސާލީ ފެހިކަން ގަދަ ފަޅުރަށެއްގެ ދޮންވެލިގަނޑަށެވެ.އެޔާއެކު އެންމެން ފޭބުމަށް އަވަސްވެގަތެވެ.އެންމެން ފައިބަމުން ގޮސް ކިރާއާއި ޖެހުމުން މިފަހަރުވެސް އޭނާ ބެލީ މީހެއްގެ އެހީތެރިކަމަކާައި ނުލާ ފޭބޭތޯއެވެ.ނަމަވެސް ޔޫވިން އެކަމަށް ހުރަސް އެޅީ ދޯނިން ފައިބަން އައި ކިރާ ލުއި ފަތްކޮޅެއްހެން އޭނާގެ އަތްދަނޑި މައްްޗައް ނަގަމުންނެވެ.ކުއްލިޔަކަށް ޔޫވިން އެހެން ކަންތައް ކުރުމުން ކިރާއަށް ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ.އެހެނަސް ހައިރާންކަން އެކުލެވިގެންވީ ނަޒަރަކުން އޭނާ ޔޫވިންއަށް ބަލައިލުމާއެކު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ.އެޔާއެކު ބޭއިޙްތިޔާރުގައި ކިރާގެ މޫނު ރަތްވެގެން ދިޔައިރު ޔޫވިންގެ ތުންފަތްމައްޗައް ވެރިވީ ރީތި ހިނިތުންވުމެކެވެ.ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ.އެވަގުތު ކިރާއަށް ވުރެ ކުރިން ފޭބި އެންމެން ރަށުތެރެއަށް އަރަން މިސްރާބުޖަހާފަައި ތިބުމުން އެ މަންޒަރު އެއިން މީހެއްގެ ލޮލުގައި އަޅައެެއްނުގަތެވެ.އެންމެ މީހެއް ފިޔަވައެވެ.ޔޫވިން ދޯނިން ފުންމާލުމާއެކު ކިރާ ވަގުތުން އޭނާގެ އަތްދަނޑިމަތިން ފޭބިއެވެ.ވެދިޔަ ކަންތަކާއި މެދު އަޅާނުލައި ރަށުތެރެއަށް އަރަން މިސްރާބު ޖެހުމާއެކު އެއްލި ކަޅިއަކުން އެތާހުރި ރުކެއްގައި ލެނގިލައިގެން ހުރި ލަޔާން ފެނުނެވެ.ލަޔާންގެ މޫނުމަތީގައިވީ ހިތްހަމަނުޖެހުމުގެ އަސަރު ފެނުމުން ލަޔާންއަށް އެ މަންޒަރު ފެނުނީކަން ކިރާއަށް ނަގައިގަނެވުނެވެ.އެޔާއެކު އޭނާ ދެފަރާތައް ބޯ ހޫރައިލީ އެއްޗެކޭ ނުބުނުމަށް އެދި ލަޔާންއަށް އިޝާރާތްކުރުމުގެ ގޮތުންނެވެ.
އެ ރަށަކީ އަބަދުވެސް މީހުން ޕިކްނިކްއާއި އޯވާނައިޓް ހަދަން ގޮސް އުޅޭ ރަށަކަށް ވުމުން ފާހާނައާއި ދެ ކޮޓަރީގެ ގެޔެއްގެ އިތުރުން ދަރު އުދުން ބޭނުންކޮށްގެން ކައްކައި ކެވޭނޭ އިންތިޒާމު ހަމަޖެއްސިފަައި ހުއްޓެވެ.ކަރަންޓު ޖެނެރޭޓަރަކާއި ބޭނުން ވަގުތަކު ފޯނު ޗާޖު ކުރެވޭނެ ގޮތައް ކަރަންޓު ބޯޑު ތައްވެސް ހުއްޓެވެ.ދަބަސްތައް އެއްކޮޓަރީގައި ބެހެއްޓުމަށްފަހު އެ މީހުން ބޭރަށް ނުކުތެވެ.ޔޫވިންއާއި އާރާޝްވެގެން ދޯނީގައި ހުރި ފެންކޭސްތަކާއި ކައްކަން ގެނައި ސާމާނުތައް ގެނައުމުން އަންހެންވެރީން އަވަސްވެގަތީ 4:30 ވާން ގާތްވެފައި ވުމުން ސަައި ތައްޔާރުކުރުމަށެވެ.
ހަވީރު ޔޫލް ކިޔަާވަރުން ޔަޝްފާއާއި ލަޔާން އޭނާ ގޮވައިގެން މޫދަށް އެރުނެވެ.ޝަރާ ދޯނިން ފޭބުމާއެކު ބޯއަނބުރާތީ އޭނާއަށް އެވަގުތު އޮތީ ނިދިފައެވެ.ކިރާ އާއި އައިރާަގެ އިތުރުން އާރާޝް ސައިބޯން ތިބެ ރަށުތެރެ ބަލައިލަން ދާން އުޅޭ ވާހަކަ ބުނުމުން ޔޫވިންވެސް އެމީހުންނާއި ބައިވެރިވާން އެދުނެވެ.އެޔާއެކު ކިރާ ވަގުތުން އެކަމަށް އިންކާރުކޮށް ޔޫވިން އެމީހުންނާ އެއްކޮށް ނުގެންދިއުމަށްޓަކައި އެކި އެކި ބަހަނާތައް ދައްކަން ފެށިއެވެ.އޭނާ ގެއްލިއްޖެއްޔާމުން ޔޫލް އޭނާ ހޯދަންވެގެން ރޯނެ ކަމާއި މޫދުގަައި ޔޫލްއާ އެއްކޮށް ކުޅެން ޔޫވިން ނެތިއްްޔާމުން ޔޫލް ދެރަވާނެއޭ ބުނެ ދެން ތިބި ދެމީހުނަށް ޝައްކުނުވާނޭ ފަދައިން ޔޫލްއާއި ގުޅުވަމުން އެފަދަ ތާކުންތާކު ނުޖެހޭ ބަހަނާތައް ދައްކަމުން ދިޔަ ނަމަވެސް ޔޫވިން ހުރީ ގޮތުގައެވެެ.”ޔޫ މެންނަކަށް ނޭނގޭނެ.އަހަރެން އެ ގޭގަ އުޅޭތީވެ އިނގެނީ ޔޫލް ޔޫވިންއާއި ކިހާ އެޓޭޗްޑް ކަން.ޔޫވިން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ލޯމަތިން ގެއްލިއްޖެއްޔާ މުޅި ގޭތެރެ ހޯދަމުން ދުވާނެ”ކިރާ ބުންޏެވެ.އެޔާއެކު ޔޫވިން މޫނު އަނެއްފަރާތައް އަނބުރައިލީ ކިރާއަށް އޭނާ ހިނިއައިކަން ނުދެއްކުމަށްޓަކައެވެ.
“އެހެންތަ.އެކަމަކު ފެންނަ މަންޒަރުން އަހަންނަށް ހީވަނީ ޔޫލް އެޔަށްވުރެ މާ ބޮޑަށް ލަޔާންއާއި ހެން އެޓޭޗްޑް ވީ”އާރާޝް އަތުގައި ހުރި ކަޅުސައިތައްޓަށް ފުމެމުން ބުނީ މޫދާއި ދިމާލަށް އިޝާރާތް ކޮށްލަމުންނެވެ.އެއިރު މޫދުގައި އަސްދޫނި ރިންގެެއް ތެރޭގައި އިން ޔޫލް ތަންކޮޅެއް ފުނުގައި އޮތް ލަޔާންއާއި ދިމާލަށް އޭނާގެ އަތުން ފެންތައް ބުރުއްސަމުން ދިޔައިރު ލަޔާންވެސް ހަމަ އެފަދައިން ކަންތައް ކުރަމުން ދިޔައެވެ.މުޅި މާހައުލުގައި ހިފާލާފައި ވަނީ އެ ދެމީހުންގެ ހުނުމުގެ އަޑެވެ.އެ މަންޒަރު ފެންނަ މީހަކަށް އާރާޝް އެ ބުނި ވާހަކަ ދޮގުނުކެރެވޭނެކަން ޔަޤީނެވެ.
“އަޅޭ.ޔަޝް އާއި ލަޔާން އެތީބީ ޔޫލް ކައިރީ މޫދުގަ.ޝަރާއްތަ އެ އޮތީ ބޭސްކަައިގެން ނިދާފަ.ދޮންބެ ވީ އައްޑޫގަ.ކައި އެންޑް އީޝް އާ ނޮޓް ހިޔަރ.ދެން ތި ދެމީހުންނާ އެއްކޮށް ކިރާވެސް ރަށުތެރެ ބަލަން ދިޔައީމަ މަ އިންނަންވީ މިތާ ޕޮޓޭޓޯއަކަށް ވެގެން ހަސީނުބެ ކިޔައިދޭ ގޯސްޓް ސްޓޯރީތައް އަޑުއަހަން ބޮޑެތި މީހުން ކައިރީ.ވަރަށް ފައްކާ ކަލޭމެން”ޔޫވިން ނުސީދާކޮށް އެ ބުނީ އޭނާ ޒުވާންވެފައި ބޮޑެތި މީހުންނާ އެއްކޮށް އެކަނިކޮށްފައި ދިއުމުން އޭނާ ފޫހިވާނޭ ވާހަކައެވެ.ކޮންމެއަކަސް މިފަހަރު އެ ބިންދާަލީ އިންކާރުނުކުރެވޭ ވަރުގެ ޕޮއިންޓެއްކަން އެނގި ކިރާގެ ދުލުގައި ތަޅު އެޅުވުނެވެ.ދެން ބުނަންވީ ކީކޭ ކަމާމެދު ވިސްނަން އިންދައި އާރާޝް އެމީހުން ދާނީ ޔޫވިންވެސް ގޮވަައިގެން ކަމަށް ބުނުމުން ކިރާއަށް ޖެހުނީ ހިތާއި ދެކޮޅަށް ނަމަވެސް އެކަމަށް އެއްބަސް ވާށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Aslu Kira v loabivey yoovin dheke ehbas nuvan eulheni
Heyonuvaane Kira and yoovin gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍
Layaan and Yasfa ves v gulhey
E kudhin gulhuvachey