އެކަށް ވަޅުވަދެފައިވާ ދެލޯ ހުޅުވާލެވުނެވެ. ފެނުނު އަލިކަމުން ދެލޯ ވަގުތުން މަރާލުމަށްފަހު އަނެއްކާވެސް ލަސްލަހުން ދެލޯ ހުޅުވާލެވުނެވެ. އޮވެވުނީ ހޮސްޕިޓަލުގެ އެނދެއްގައެވެ. މުޅި މީހާގެ ގައިގައި މެޝިންތައް ގުޅާފައިވެއެވެ. އިވެމުން ދިޔަ ބީޕް އަޑުތަކަށް ހޭނެމުން ވަށައި ހޯދާލެވުނެވެ. އަލިކަން ވެރިވެފައިވާ އެކޮޓަރީގައި އިތުރު މީހެއް ނެތެވެ. އެއްވެސް ކަހަލަ ލިޔެ ކިޔުމެއްވެސް ނެތެވެ. މުޅިން ވެސް ބީރައްޓެހި މާހައުލެކެވެ. މަޑުންމަޑުން ދެއަތް އެނދުގައިވި ފަޑީގައި ވިއްދާ ތެދުވެވުނު އިރު ބޮލުގައި ބުނެދޭން ނޭނގޭ ކަހަލަ ރިހުމެއްވެއެވެ. އިށީނދެލެވޭތޯ މަސައްކަތް ކުރަމުން ދަނިކޮށް ބަނޑާއި ދިމާއިން ފުއްޕާފައިވާތަން ފެނުމުން ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އަނެއް އަތަށް ބޮޑަށް ބާރުލަމުން ހުސްކޮށް އޮތް ކަނާތް ނަގައި ބަނޑުމަތީގައި އަތް ބާއްވާލެވުނެވެ. ދެން ހީވީ އެއްޗެއް ހަރަކާތް ކުރި ހެންނެވެ. ހީވީ އެއްނޫނެވެ. ޔަޤީނެވެ. ބަނޑުގައިވާ ކޮންމެވެސް އެއްޗެއް އެބަ ހަރަކާތް ކުރެއެވެ. ކޯޗެއް ކަމެއް ނޭނގޭ ހާލު އޭނަ އިންދާ ދޮރުން ވަނީ ނަރުސް ޔުނީފޯމުގައި ހުރި އަންހެންކުއްޖެކެވެ. ޔޫރަޕަށް ނިސްބަތްވާ އެއަންހެންކުއްޖާ އޭނަ ފެނުމާއި އަވަސް އަވަހަށް ޑޮކްޓަރަށް ގޮވަމުން އޭނަ ނުކުތެވެ. މިވަނީ ކީއްކަން ނޭނގޭ ހާލު އޭނަ ދޮރާއި ދިމާއަށް ބަލަބަލާ ހުއްޓާ ދުވެފައި ޑޮކްޓަރ އޭނަ ބަލައި ޗެކް ކުރަން ފެށިއެވެ. ދެލޮލަށް އަލިއަޅުވާ ކަޅި ދާ ވަރުވެސް ބަލަން ފެށުމުން ރުޅިގަދަވެގެން އޭނަ ޑޮކްޓަރ ދުރަށް ކޮއްޕާލެވުނެވެ. އެހެނަސް އެކަމުން ޑޮކްޓަރގެ ހިތްވަރު އެލުވާނުލާ ޗެކްކޮށް، ނަރުސްކުއްޖާގެ ގާތުގައި ކޮންމެވެސް އެއްޗެކޭ ބުނެ ނުކުމެގެން ދިޔައީއެވެ. ނަރުސް އަންހެންކުއްޖާ އޭނައަށް ބަލާލައި ހިނިތުންވެލަމުން މެޝިންތައް ނައްޓާލަދީ އޮށޯވެލުމަށް ބުނެ އޭނަ ވެސް ނުކުތީ ބޭރަށެވެ.
” ޝީ އިޒް އެވޭކް… ” ބޭރު ދޮރު ކައިރީގައި ހުރި ޒުވާނާގެ ގާތުގައި އެހެން ބުނެލަމުން ނަރުސްކުއްޖާ ހިނގައިގަތީ އޭނަގެ ކައުންޓަރާއި ދިމާއަށެވެ. އެޒުވާނާ އަވަސް އަވަހަށް އެތެރެއަށް ވަނެވެ. އަދި އެނދުގައި އޭނައާއި ދިމާއަށް ބަލަހައްޓައިގެން އަންހެންކުއްޖާއާއި ދިމާއަށް އޭނައަށް ހިނގައިގަނެވުނީ ހިތް އަވަސްވެފައިވާ ހިތަކާއި ގެންނެވެ.
” އަނާޔާ… ސޮރީ… ނާޔާ ވަރަށް ބޮޑަށް ސޮރީ އެހެން ހެދުނީމައި… ” ފެންކަޅިވެފައިވާ ދެލޮލާއި އެކު އެޒުވާނާ އެނދުގައިވާ އަންހެންކުއްޖާގެ ބޮލުގައި ފިރުމާލަމުން ނިތައް ބޮސްދިނެވެ.
” ކާކު؟ ” އަންހެންކުއްޖާގެ އަޑުގައިވީ ބީރައްޓެހިކަމެވެ.
” މިއީ އަހަންނޭ… މިއުވާން… އަހަރެން މިއީ ނާޔާގެ ފިރިމީހާއެއްނު.. މިބަނޑުގައިވާ ދަރިފުޅުގެ ބައްޕައެއްނު.؟ ” ސުވާލުން ފުރިފައިވާ ގޮތަކަށް މިއުވާން އެހެން ބުނެލަމުން އަނާޔާގެ ބަނޑުގައި އަތް ޖައްސާލިއެވެ. ދެންމެ ބަނޑުގައި ތޮޅުނު އެއްޗަކީ އެދެމިހުންގެ ދަރިފުޅުކަން އެނގުމުން އަނާޔާއަށް ދެލޯ ބޮޑުކޮއްލެވުނެވެ.
” ނޫން.. އަހަރެން އަދި މީހާކާއި ނީންނަން… ދަރިޔަކުވެސް ނުލިބޭ އަދި… ސުކޫލް ނުނިމިގެން އުޅެނިކޮށް މިހެނެއް ނުވާނެ… ” އަނާޔާގެ ދެލޮލުގައި ކަރުނަތައް ގިނަވެގަތެވެ.
” ނާޔާ… ހަމަޖެހިބަލަ… ކީކޭތަ ތިކިޔަނީ؟ ސުކޫލް ނިމުނުތާ މިހާރު ކިތައް އަހަރު މިވީ؟ ފަސް އަހަރުވެއްޖެ ނާޔާ… މިއަދު ތިއީ އަހަރެންގެ އަންހެނުން. ތިބަނޑުގައި ތިވަނީ އަހަރެމެން ދެމިހުންގެ އަލަތު ދަރިފުޅު. ” މިއުވާން ވިސްނާދެމުން އަނާޔާގެ ކަރުނަތައް ފުހެލަ ދޭން އުޅުނެވެ.
” ނޫން… ދުރަށް ދޭ..! ” އަނާޔާ ހަޅޭލަވައިގަތުމުން މިއުވާންއަށް ޖެހުނީ ދުރަށް ޖެހޭށެވެ. ކޮންމެ ގޮތެއް ވިޔަސް އަނާޔާއާއި ގާތްވާން މަސައްކަތް ކޮއްފިއްޔާ ބަނޑުގައިވާ ދަރިފުޅަށް ގެއްލުން ވެސް ލިބިދާނެއެވެ. ވުމާއެކު އޭނަ އެތަނުން ނުކުތެވެ. އެކޮޓަރިއާއި ދުރަށް ދާން ކިތަންމެ ބޭނުން ނުވި ނަމަވެސް އޭނައަށް ހިނގައިގަނެވުނީ ޑޮކްޓަރގެ ކޮޓަރިއާއި ދިމާއަށެވެ. ވަމުންދާ ގޮތުގެ ހަޤީޤަތް އެނގޭނީ އޭރުންކަމަށް ވާތީއެވެ.
މިއުވާން ނިކުތުމުން އަނާޔާ އެނދުން ތެދުވިއެވެ. ބަނޑުގައި ހިފަހައްޓާލައިގެން އޭނަ ތެދުވެ ހިނގައިގަތީ ބޭރު ފެންނަން ހުރި ކުޑަދޮރާއި ދިމާއަށެވެ. ގައިގައި އަޅަމުން ދިޔަ ވޭން ކިތަންމެ ބޮޑު ނަމަވެސް އޭނަ އޮށޯވެ އޮންނާކަށް ބޭނުމެއް ނޫނެވެ. އަނެއްކޮޅުން ބަނޑުގައިވާކަމަށް އެބުނާ ދަރިފުޅު އުނދަގޫ ކުރާތީ ވެސް އޮށޯވެ އޮންނާކަށް ބޭނުމެއް ނުވެއެވެ. ވަށައިގެން ބޮޑު އާރކްއެއްހެން ހަރުކޮއްފައިވާ ކުޑަދޮރުގެ ކުރިމަތީގައިވާ ފޮތިގަނޑު އެއްކޮށް ކަހާލައިފިއްޔާ މުޅި ކޮޓަރިތެރޭގައި ދުވާލު ބޮކި ނުދިއްލިޔަސް އަލިވާނެއެވެ. އެހާ ވެސް ބޮޑުކޮށް ހަރުކޮއްފައިވާ އެކަޅުކުލައިގެ ކުޑަދޮރުން މުޅި އެއްފާރު ފުރާފައިވެއެވެ.
ބަނޑާއި ދިމާއަށް ބަލާލުމަށްފަހު މަގުމަތިން ދުއްވަމުން ދިޔަ އެއްޗިއްސަށް އޭނައަށް ބަލަހައްޓައިގެން ހުރެވުނަސް ވިސްނެމުން ދިޔައީ ދެންމެ އިރުކޮޅެއް ކުރިން ހޭއެރިފަހުން ކަންތައްތައް ވަމުން ދިޔަ ގޮތެވެ.
—
” ކިހިނެތްތޯ އަހަރެންގެ އަންހެނުންނަށްވީ؟ ” މިއުވާން ޑޮކްޓަރ ރޫމްގައި އިން ގޮނޑީގައި އިށީނދެލިއެވެ.
” ޕޭޝެންޓް އަދިވެސް ވެއްޓުނު ގޮތެއް ނުކިޔާ ދެމޭނުންތޯ؟ ” ޑޮކްޓަރ އާތިކް ޖަވާބު ދިނުމުގެ ބަދަލުގައި ކޮއްލީ ސުވާލެކެވެ. މިއުވާން އެއަކަށް ރައްދެއް ނުދިނެވެ. ދެން ވެސް ކުރީ ކުރިން ކުރި ސުވާލެވެ.
” މިއުވާން… އަހަރެން ތިވާހަކަވެސް ބުނެދޭނަން.. އެކަމަކު އަހަރެން ކުރި ސުވާލަށް ފުރަތަމަ ޖަވާބެއް ދީބަލަ… ކީއްވެގެންހޭ އަނާޔާ ވެއްޓެން ދިމާވީ..؟ އަަހަރެން މިވަގުތު މިއީ ޑޮކްޓަރެއް ކަމުގައި ވިޔަސް އަހަރެން މިއީ މިއުވާންގެ ގާތް ރައްޓެއްސެއް ދޯ؟ އެކަމަކު ޑޮކްޓަރުގެ ހައިސިއްޔަތަކުން ނޫން އަހަރެން މިހާރު މިއަހަނީ… އެހެންވީމައި ރީތިކޮށް ބުނޭ؟ ގޭގައި ސިޑި ހުއްޓާ ވެސް އަންހެނުން ނުވަ މަހަށް އެޅުނު ފަހުން މައްޗަށް ނުދާން އޭނައަށް އަމުރުކުރީ ޙުދު މިއުވާންއެއްނު…؟ އަނެއްކާ އެވަގުތު މިއުވާން ހުރީ ވެސް ގޭގައި… މިއުވާން ގަސްތުގައި އޭނައަށް އަނިޔާއެއް ދީފައިވާކަން އެނގިއްޖެއްޔާ އަހަރެން ވެސް މަޑަކުން ނުހުންނާނަން.. ސާފުވެއްޖެ؟ ” އާތިކް ފުންނޭވާއެއް ދޫކޮއްލަމުން މިއުވާންއަށް ބަލާލީއެވެ.
” ޕުލީޒް އާތިކް… އަހަރެންނަށް ނުވިސްނާ އޭނަ ކޮއްޕާލެވުނީ… އެކަމަކު މިހާރު ނާޔާ ރަނގަޅެއްނު. ބޭބީ ވެސް…؟ ޕުލީޒް… ޕުލީޒް… މިވާހަކަ އެއްވެސް ބަޔަކަށް ނާންގައްޖޭ.. ” މިއުވާން އާދޭސްކުރާ ފަދަ ރާގަކަށް ބުނެލިއެވެ.
” ކީއްވެގެން؟ ތިއީ އަހަރެން ދަންނަ މިއުވާންއެއް ނޫން މިހާރު… ކިހިނެތްވެ މީހާ ތިހާ ބަދަލުވީ؟ ” އާތިކްގެ މޫނުމަތިން ފެނިގެން ދިޔައީ މާޔޫސްކަމެވެ. މިއުވާންއަށް ދެލޯ މަރާލެވުނެވެ. ކުރީގެ ހަނދާންތައް އާވެ އެމަންޒަރުތައް ފެންނަމުން ދިޔައީ އިއްޔެވީ ކަމެއް ހެންނެވެ.
—
ދެއަހަރު ކުރި
މުޅި މާހައުލު ވަނީ އެއް އަޑަކުން ފުރިފައެވެ. އަލަށް ކައިވެނި ކުރެވުނު ދެމަފިރިންނަށް އެތައް ބަޔަކު ތައުރީފު އޮއްސަމުން ދިޔައީ އުފަލުން ފުރިގެންވާ ބަސްތަކުންނެވެ. ހަވީރުގެ ފިނީގައި އަގުބޮޑު މާހައުލެއްގައި ކުރެވުނު މިކައިވެންޏަކީ އެތަކެއް ބަޔެއް ދުށް އުއްމީދެކެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ކައިވެނި ކުރެވުނީ މަޝްހޫރު މުއްސަންޖެއްކަމަށްވާ ހުސައިން ޝާކިރުގެ ތިބި ފަސް ދަރީންގެ ތެރެއިން އެންމެ ހަގަށް ހުރި ފިރިހެން ދަރީގެ ކައިވެންޏެވެ. ޝާކިރުއެކޭ އެއްފަދައިން ޝާކިރުގެ ވިޔަފާރީގައި އެންމެ ބޮޑަށް ހިއްސާވާ މިއުވާން ހުސައިން ޝާކިރުއަކީ ޝާކިރު އެންމެ ލޯބިވާ ފިރިހެން ދަރިވެސްމެއެވެ. އަދި ކައިވެނި ކުރެވުނު އަންހެންކުއްޖަކީ މަޝްހޫރު ސިޔާސީ މެންބަރެއް ކަމަށްވާ ހުސްނީ ވާހިދުގެ ހުރި ހަމައެކަނި ދަރިޔެވެ. ކައިވެނިކޮއްފައިވާ ޝާކިރުގެ އެހެން ދަރިންނާއި ހިލާފަށް މިކައިވެނި ހާއްސަވެގެން ދިޔައީ މިސަބަބުތަކާއި ހުރެއެވެ.
” ދަރިފުޅާ އަނާޔާ… ބަސްއަހައިގެން އުޅެއްޖޭ… ފިރިމީހާއަށް ކަމޭ ހިތާ އޭނަގެ ކަންކަމުގައި އެހީތެރިވެދެއްޗޭ… އެއްވެސް ކަމެއް ބޭނުންވެއްޖެޔާ މަންމައަށް ގުޅާ އިނގޭ…އެކަމަކު ދަރިފުޅާ… ދަރިފުޅު ތިދަނީ މަންމައާއި އެތައް މޭލު ދުރަށޭ… މިހެން ވާނެނަމަ މަންމަ ދަރިފުޅު ނުވެސް ދެވީމުސް… ” ދެލޮލުން ކަރުނަ އޮހޮރޭ ހާލު ވެސް ހިނިއައިސް ހުރި ޔުސްރާ ލޯބިވާ ދަރިފުޅު އަނާޔާގެ އަތުގައި ހިފާލިއެވެ. އަނާޔާ ވެސް ފެންކަޅިވެފައިވާ ދެލޮލުން މަންމައަށް ބަލާލަމުން ބައްދާލިއެވެ. އޭރު ދާދި ގާތުގައި ހުސްނީ ވެސް ދެމައިންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރީ ހިތްހަމަޖެހިފައިވާ ހާލުގައެވެ. އެރޭންޖް މެރިޖްއަކަށް ނުވިޔަސް އަނާޔާއާއި މިއުވާން ކައިވެނި އެކުރީ ލޯބިވާތީއެވެ. އަދި މިއުވާންއަކީ އޭނަ ހިތްހަމަޖެހޭ މީހުންނަަށް އިޙްތިރާމްކޮށް ޤަދަރުކުރާ ޒުވާނަކަށްވުމުން ކައިވެންޏަށް އޭނަ އެއްބަސްވީ އެންމެ ފުރަތަމަ މިއުވާން އެދުނު އެދުމަށެވެ.
” އަހަރެން މިދަނީ އެއްކޮށެއް ނޫނެއްނު. މިއުވާންގެ ބިޒްނަސް އެކޮޅުގައި ނިމުނުހާ އަވަހަކަށް އަންނާނަމޭ.. ބައްޕާއާއި ދެމިހުންނަށް ކޮންމެ ދުވަހަކުވެސް ގުޅާނަމޭ… ” އަނާޔާ ޔުސްރާއާއި ދުރުވެލަމުން ހިނިތުންވެލިއެވެ.
” ކޮބާ ދަރިފުޅާ.. ވަރަށް ބޮޑަށް މަރުޙަބާ އިނގޭ.. މިމަންމައަށާއި ބައްޕައަށްވެސް ވެސް ގުޅައްޗޭ…” މިއުވާންގެ މަންމަ އަޝްވާއާއި ޝާކިރުވެސް ހިނިތުންވުމަކާއި އެކީ އެދެމައިން ގާތުގައި މަޑުކޮއްލާ އެހެން ބުނެލުމުން އަނާޔާ ބޯޖަހާލަމުން ހިނިތުންވެލިއެވެ.
” ކޮބާ؟ ދަމާ؟ ” އެމިހުންގެ ވާހަކަތައް ހުއްޓާލަން ޖެހުނީ މިއުވާން އައިސް ދެމައިންގެ ގާތުގައި މަޑުކޮއްލުމުންނެވެ. އަދި އޭނަ އަތް ދިއްކޮއްލުުމުން އަނާޔާ އެއަތުގައި ހިފިއެވެ. ދެމަފިރިން ކާރަށް އަރަން ދެން ކައިވެނީގައި ބައިވެރިވި އާއިލާގެ މެންބަރުން ބަލަހައްޓައިގެން ތިބީ ފެންކަޅިވެފައިވާ ހާލުއެވެ. އިހަކަށް ދުވަހު ކަހަލަ ގޮތަކަށް ބިންމަތީގައި ފިރުކެމުން ދިޔަ ލޯބިވާ ދަރިފުޅު މިހާރު ބޮޑުވެ މީހަކާއި އިނދެގެން ދިއުމުން ދެމަފިރިންގެ މައިންބަފައިންވެސް ތިބީ ހިތްހަމަޖެހިގެންވާ ހާލުގައެވެ.
” ރެޑީ ފޯ އަވަރ ނިއު ޑެސްޓިނޭޝަން؟ ” މިއުވާން ކާރު ދުއްވާލުމުން އަނާޔާއާއި ދިމާއަށް އެނބުރި އަތް ދިއްކޮއްލިއެވެ.
” އޮފް ކޯޒް… އަހަރެން ވަރަށް އުފާވެއްޖެ އެތަކެއް ދުވަހެއްގެ ދިގު އިންތިޒާރަކަށްފަހު މެރީ ކުރެވުނީމައި. ” އަނާޔާ މިއުވާންގެ އަތުތެރެއަށް އޭނަގެ އަތްލިއެވެ.
” އައި ލަވް ޔޫ ނާޔާ.. އައި ލަވް ޔޫ ސޯ މަޗް މައި ވައިފް.. ” މިއުވާން އެހެން ބުނެލަމުން އަނާޔާގެ އަތަށް ބޮސްދިނެވެ. ފުރަތަމަ ފަހަރަށް އަނާޔާއާއި ދިމާއަށް ވައިފްއޭ ބުނުމުން އަނާޔާ އިނީ ރަކިވެފައެވެ. އެ ދޮންދޮން ދެކޮލަށް މަޑު ފިޔާތޮށި އަރައިގެން ދިޔަ ވަގުތު ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މިއުވާން ވެސް ހީލިއެވެ.
ނުނިމޭ
ގިނަ ކިޔުންތެރިން ބޭނުން ވި ގޮތަށް އަޅުގަނޑުގެ ފުރަތަމަ ލޯބީ ވާހަކަ މިއޮތީ ފަށައިދީފައެވެ. އަދި ބައެއް ކިޔުންތެރިން ބޭނުންވި ހެން ބިރުވެރި ވާހަކައެއްވެސް އިން ޝާ ﷲ ވަރަށް އަވަހަށް ގެނެސްދޭނަމެވެ. އަޅުގަނޑު އާއްމު ގޮތެއްގައި ލޯބީގެ ވާހަކަ ލިޔެ ނަހަދާތީވެ އެހެން ލިޔުންތެރިންގެ ވާހަކަތަކާއި އެއްގޮތަށް އެހާ ފުރިހަމަ ނުވެދާނެއެވެ. ވުމާއެކު ކިޔުންތެރިން މިވާހަކައިގެ ޕާރޓްތައް ކިޔައި ރަނގަޅު ކުރަން ޖެހޭ ނުވަތަ އިތުރު ކުރަންޖެހޭ ކަންކަން ކިޔައިދީ، ކިޔުންތެރިންގެ އެހީއާއިއެކު މިވާހަކަ ފުރިހަމަޔަށް ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ. އުއްމީދުކުރަނީ ކިޔުންތެރިންނަށް މިވާހަކަ ކަމުދާނެކަމަށެވެ. ހިޔާލެއް އޮވެއްޖެނަމަ ކޮމެންޓެއް ކޮއްލައްވާށެވެ.
6 Comments!
Comments are closed.


Varah reethi feshun.
Jazakillah hairan fizaa 🤍🤗
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
Anaaya and miuvaan v gulhey
Haadha dhera gothekey evee Anaaya ah
I appreciate your hard work
Love you ❤️😍
Awww jazakillah hairan cutie girl
Love you too
☺️🤗🤍
Reethi Masha Allah
Jazakillah hairan 🤗🤍