ލޯބިން ބުނެލަން…… (4)
” އޯކޭ!” ބޯޖަހާލަމުން އޭނާ އެއްބަސްވިއެވެ. އެހިނދު، އާލިޔާގެ ބޮޑު ދެލޯ ދިއްލިގެން ދިޔަ މަންޒަރުން އޭނާގެ ހިތް ފުރި ބަންޑުންވި ފަދައެވެ. ” އާލިޔާ ބުނީމަ ދެން..” ކޮނޑު އަރުވާލަމުން، ވަރަށް މަޑުމަޑުން އޭނާ ބުނެލިއެވެ. އެވަގުތު، އާލިޔާ އޭނާގެ މޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. ދެމީހުންގެ ކަޅި ހަމަވެގެން ދިޔަ ވަގުތު އެދެމެދުގައި ތަފާތު އިހުސާސުތަކެއް އުފެދިފައިވާކަން ހަމަ ކޮންމެ މީހަކަށް ވެސް ނަގައިގަނެވޭނެއެވެ.
****
ސަމީރުއަށް ނިދިން ހޭލެވުނީ، އިރުގެ ރަން ދޯދިތަކުން އޭނާގެ މޫނަށް ކުރަމުން ދިޔަ ގޯނާތަކުގެ ސަބަބުންނެވެ. ރޭގެ ބުރަ މަސައްކަތުން ލިބުނު ވަރުބަލިކަމުން އަރައިނުގަނެވި އުޅެނިކޮން ތެދުވާން ޖެހުމަކީ، އޭނާއަށް ފަސޭހަ ކަމަކަށް ނުވިނަމަވެސް، ކައިރީގައި އޮތް ފޯނު ނަގައި ހޮޅުވާލީ ގަޑިން ވީ ވަރެއް ބަލައިލުމަށެވެ. ފޯނުގެ ސްކްރީނުން ފެންނަންހުރި ގަޑި ކިޔާލުމާއެކު އޭނާގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. އަވަސް އަވަހަށް ތެދުވެ، ފުންމައިގަނެވުނީ އެ ހަށިގަނޑުގައި ވަރުބަލި ކަމެއްގެ ކަންފުޅެއްވެސް ނެތް ހެން ހީވާ ފަދައަކުންނެވެ. ގަޑިން ހަ ގަޑި ބައިވަނީއެވެ. ހޭލާކަށް ލަސް ގަޑިއެއް ނޫނެވެ. ނަމަވެސް، 5 ޖެހުމުގެ ފަހުން ހޭލުމަކީ އޭނާގެ އާދަޔާއި ޚިލާފު ކަމެކެވެ. ކަންނެތްކަމުގެ ސިފައަކީ، ކާމިޔާބު މީހެއްގެ ކިބައިގައި ހުރުން އެއްވެސް ގޮތަކުން ރަނގަޅު ސިފައެއް ކަމުގައި އޭނާއެއް ނުދެކެއެވެ.
ވިޔަފާރިއާއި އާއިލާގެ މައްސަލަތަކާއި ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރެއިން އަމިއްލަ ނަފުސަށްޓަކައި އޭނާ ހުސްކުރާ އެންމެ މުހިންމު ވަގުތަކީ، ފަތިހުގެ ވަގުތެވެ. މަންމަގެ ފަރާތުން ދަސްވެފައިވާ ކަމެކެވެ. ފަތިސް ނަމާދަކީ ކާމިޔާބުގެ ތަޅުދަނޑިއޭ މަންމަ އަބަދުވެސް ބުނާނެއެވެ. އޭނާގެ ކޮންމެ އުފާވެރި ކަމެއްގެ ފަހަތުގައިވާ މޭސްތިރިއަކީ އެ މަންމައެވެ. އެއީ އޭނާގެ ފުރާނައެވެ.
ނަމާދުކޮށްލައިގެން، އޭނާ ޖިމަށް ދާން ތައްޔާރުވެލިއެވެ. އާދައިގެ މަތިންނެވެ. އެއީ ކޮންމެ ދުވަހެއްގެ އޭނާގެ ތާވަލަށް ވީމައެވެ. ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ މީހަކަށް ވުމުގެ އަމާޒު އޭނާގެ ލޭގެ ތެރޭގައި ހަރުލެއްވިފައި ވާތީއެވެ. ތާކުން ތާކު ނުޖެހޭ ދިރިއުޅުމެއް އުޅުމަށް އޭނާ އިންތިހާއަށް ނުރުހެއެވެ. އޭނާގެ އެ ފުރިހަމަ ދިރިއުޅުން ގަޑުބަޑު ކުރަން މަސައްކަތްކުރާ އެއްވެސް މީހަކަށް އޭނާ އެ ފުރުޞަތެއް ނުދޭނެއެވެ.
****
“މާމަ ދިއައީ؟” ކާގެއަށް ވަދެގެން އައި ޝާވިންއާ އާލިޔާ ސުވާލުކޮށްލިއެވެ. ޖަވާބުގައި ޝާވިން ބޯޖަހާލިއެވެ. ” މަސައްކަތް ފަށަން ވީނު. ކީއްކުރަންވީ ފުރަތަމަ؟” އޭނާ ސުވާލުކޮށްލިއެވެ. ” ޑެކަރޭޝަންސް ހުންނާނެ ކޮޓަރީގަ. އާދޭ ބަލާ ދާން.” ކޮޓަރިއާއި ދިމާލަށް މިސްރާބު ޖަހަމުން އާލިޔާ ބުނެލިއެވެ. ކޮޓަރިއަށް ވަދެ އާލިޔާ އިޝާރާތް ކޮށްލީ ބިންމަތީގައި ހުރި ދެ ފޮށިގަނޑަށެވެ. އެކި ކަހަލަ ވިދާ ތަކެއްޗާއި އެލުވާ ބޮކިތަކާއި ފުއްޕާހަން ޕެކެޓުތަކަކުން އެ ފޮށިތައްވަނީ ބަރާވެފައެވެ. “ވަރަށް ބަރުވާނެ. އަހަރެން ހިފާނަން އެކަތީގަ އާލިޔާ އަނެއް ފޮށީގަ ހިފާ.” ޝާވިން ބުނެލިއެވެ. “ޝާވިންއަށް ކިހިނެތް އިނގެނީ ބަރުވާނެކަމެއް؟” ” ބަލާލާފަ އެނގޭނެ ދޯ!” ޝާވިން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
ދެމީހުން އެއްފަހަރާ ތިރިވެ ފޮށިގަނޑުނަގަން އުޅުނެވެ. އެ ހިފައިގެން ބާރު ބާރަށް ތެދުވަން އުޅުނު އާލިޔާގެ ނިއްކުރި ގޮސް ޖެހުނީ، ޝާވިންގެ ދަތްދޮޅީގައެވެ. “އާހް! ކިރިޔާ ދަތްކޮޅު ނުފޭބީ!” ޝާވިން ހަޅޭއް ލަވައިގަތެވެ. “ސޮރީ!” ރޮވިފައި އަޑަކުން ހެމުން، ނިއްކުރީގައި އަތްކާތަމުން އާލިޔާ ބުނެލިއެވެ. “އެހެންނޭ ވާނީ އަވަސް އަރުވަން އުޅެންޏާ!” ޝާވިން ދަތްދޮޅީގައި ހިފަހައްޓައިގެން ހުރެ ބުނެލިއެވެ. އޭރުވެސް އާލިޔާގެ ހިނިގަނޑު މަތަނުވެއެވެ. އިށީނދެގެން އިންތަނުގައި އިނދެގެން އެފަކީރު ހީހީ ހަލާކު ވަނީއެވެ. ނޭވާއަކު އެއްފަހަރު “ސޮރީ” އޭ ބުނެއެވެ. ނަމަވެސް، ޝާވިންގެ މޫނަށް ބަލާފައި އޭނާއަށް ހަމަ ހެވެނީއެވެ. ޝާވިން އަނގަ ހަދައިގެން ހުރި ގޮތުންނެވެ.
” ހައްހާ! ވަރަށް މަޖަލެއްނު.” ފޮށިގަނޑު ނަގަން އާލިޔާގެ ގާތަށް ގުދުވެ، އޭނާ މަޑުމަޑުން ބުނެލިއެވެ. ދެމީހުންގެ މޫނު ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި އޮވެއެވެ. ޝާވިންގެ އެ ގާތްކަމުން، އާލިޔާގެ އޭނާގެ ހުނުންގަނޑު މަތަކުރަން މަޖުބޫރު ކުރުވި ފަދައެވެ. ހުނުމުގެ ސަބަބުން ކުރުވެފައިވާ ނޭވާ އިތުރަށް ކުރުވެގެން ދިޔައެވެ. ބާރުބާރަށް ލެވެމުން ދިޔަ ނޭވާއާއިއެކު އޭނާގެ ހިތްވެސް ބާރުބާރަށް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އެހެން އޮވެފައި ޝާވިންގެ މޫނުމައްޗަށް ވެރިވެގެން ދިޔަ ހިނިތުންވުމުގެ ސަބަބުން އޭނާއަށް ހިނދިރުވާލެވުނެވެ. ކަރުހިއްކައިގެންފައިވާ މީހެއް ފަދައިންނެވެ. “ދެންވެސް ތެދުވަންވީނު؟ ނޫނީ ތިތާ އިންނަނީތަ؟” ފޮށިގަނޑު އަތަށް ނަގައި ހަށިގަނޑު ސީދާކޮށްލަމުން ޝާވިން އޭނާގެ އެއް އަތް އާލިޔާއާ ދިމާއަށް ދިއްކޮށްލިއެވެ.
އެއަތަށް ނަޒަރެއް ހިންގާލުމަށްފަހު އާލިޔާ އޭނާގެ އަތުގައި ހިފާލިއެވެ. އާލިޔާގެ ފިނިފިނި އަތްތިލަ އޭނާގެ އަތްތިލައިގައި ޖެހުމާއިއެކު އޭނާއަށް އެ އަތަށް ބާރުކޮށްލެވުނެވެ. އަދި މަޑުމަޑުން އާލިޔާ ބިންމަތިން ނަގައި ދިނެވެ. ވަގުތުން އެއަތުން ދޫކޮށްލީ އެފަދައިން ހުންނަން އާލިޔާ ހިތްހަމަ ނުޖެހިދާނެހެން ހީވާތީއެވެ. ފޮށިގަނޑު ހިފައިގެން ދަމުން އޭނާ ފަސް އެނބުރި އާލިޔާއާ ދިމާއަށް ބަލާވެސް ނުލައެވެ. ނަމަވެސް، އާލިޔާވެސް އޭނާގެ ފަހަތުން އަނެއް ފޮށިގަނޑު ހިފައިގެން އަންނަކަން އޭނާއަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ.
ޕާރޓީއަށް ތަން ތައްޔާރުކުރުމުގައި އަވަދި ނެތި އުޅުނު އިރުވެސް އެދެމީހުންގެ މެދުގައި މާބޮޑު ވާހަކަތަކެއް ނުދެކެވެއެވެ. އެއްވެސް ވަރަކަށް ވާހަކައެއް ނުދެކެވެއޭ ބުންޏަސް ހެޔޮވާނެއެވެ. ޝާވިންއަށް ހުރެވުނީ އޭނާއަށް އެވަގުތު ކިޔުނު އެއްޗެއްސާއި ދެމީހުންނަށް ވެސް ތިބެވުނު ކައިރިމިނުގެ ސަބަބުން ލަދުގަނެފައެވެ. އާލިޔާ ވިސްނާނެ ގޮތަކާއިމެދު ހީކޮށްފައެވެ. އާލިޔައަށް ހުރެވުނީ ޝާވިންގެ އެ ޢަމަލުތަކުން ނަގާނެ މާނައެއް ނޭނގިފައެވެ. ޝާވިން އޭނާއަށް ދިއްކުރި އަތަކީ އެކުވެރި ކަމުގެ އަތެއްތޯ ނޫނީ އިތުރު އެހެން އިޝާރާތެއްތޯ މޭރުން ކުރަން ނޭނގިފައެވެ. ވާނީވެސް އެހެންތާއެވެ. އެ ވަގުތުތަކުގެ ތެރޭގައި އޭނާއަށް ކުރެވުނު ކޮންމެ އިހުސާސަކީ ދުވަހަކުވެސް ކުރެވިފައިނުވާ އިހުސާސެކެވެ. އެ އިހުސާސްތަކުން މާނައެއް ހޯދައިގަންނަން އޭނާއަށް ފަސޭހަވާނީ ވެސް ފަހެ ކިހިނަކުން ހެއްޔެވެ؟
އާލިޔާ ވިސްނައިގެން ހުރީ ޕާރޓީގެ ކޭކު ބަލާދާއިރު ޝާވިން ގޮވައިގެން ދާށެވެ. އެކަމަކު ކަން ވީގޮތާއި މެދު ލަދުން އޭނާއަކަށް ޝާވިން ގާތުގައި އެވާހަކަ ބުނާކަށް ނުކެރުނެވެ. އެންމެފަހުން، އޭނާ ނިންމީ އަމިއްލައަށް ކޭކު ބަލާދާށެވެ. ބޭކަރީން ޑެލިވަރ ކޮށްދެވިދާނެކަމަށް ވެސް އޮތީ ބުނެފައެވެ. ނަމަވެސް، ކޭކު ގެންނައިރު ކަމެއް ދިމާވެގެން ވެސް އެ ހަޑިވާކަށް އޭނާ ބޭނުމެއް ނޫނެވެ. ވަގުތު އޮއްވައި ބޭކަރީއަށް ގޮސް ކޭކު އަޅާފައި އިނީ ރީތިކޮށްތޯ ބަލައި، ކަމެއް ގޯސް ވިޔަސް ރަނގަޅު ކުރެވޭނީ އޭނާ ދިޔައީމަތާއެވެ. ނަސީބަކުން އަދި މާމަ އަނބުރާ އަންނަ ގަޑިއެއް ނުވެސް ޖެހެއެވެ. ހިތާ ހިތުން އާލިޔާ އެ ދުޢާ ކުރަނީ، އޭނާ ރާވައިފައިވާ ގަޑީގެ ކުރިން މާމަ ނާދޭތޯއެވެ. މާމައާއިއެކު ލިލީ ފޮނުވީވެސް މާމަ އަވަހަށް އަޔަ ނުދޭން ބުނެފައެވެ. އަންނަންޏާ އަވަހަށް އޭނާއަށް އެންގުމަށްވެސް ނަޞޭހަތް ދީފައެވެ. މާމަގެ ހިތް ބަދަލުވާ ގޮތެއް ހަމަ އެކަކަށް ވެސް ކަނޑައަޅަން ނޭނގޭނެތީއެވެ.
ބޭކަރީއަށް ދެވުމާއެކު ކޭކު ނެގުމަށް އާލިޔާ އަވަސް ވެގަތެވެ. ކޭކު އަޅާފައި އިނީ އޭނާ ބުނި ގޮތަށްތޯ ބަލަން ފޮށީގެ މަތި ނެގުމާއެކު ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައީ، އޭގެ ފުރިހަމަ ކަމުންނެވެ. އޭނާ ފޮނުވި ފޮޓޯ އާ ކުޑަވެސް ތަފާތެއް ނެތެވެ. ކޭކަށް ގޮތެއް ވެދާނެތީ މަޑުމަޑުން ހިނގާފައި ގޮސް ކޭކު ކާރުގެ ތެރެއަށްލިއެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ، ކޭކު ފޮށި ހިފައިގެން އަންނަން ހަދައިގެން ފޯނު އެތެރޭގައި ބާއްވާފައި އާދެވުން ކަމެވެ. އެތެރެއަށް ވަދެ ކައުންޓަރު މަތީ އޮތް ފޯނުން ގަޑި ބަލައިލިއެވެ. ގަޑިން 5 ޖަހަނީއެވެ. 5:30 ވުމުގެ ކުރިން އޭނާ ކޮންމެހެން ވެސް ގެއަށް ދާން ޖެހޭތީ، ބާރު ބާރަށް ދުވެފައި ބޭކަރީން ނުކުތެވެ.
ކެފޭއިން ނުކުމެގެން ކާރަށް އަރަން ހިނގާފައި ދިޔަ ސަމީރުގެ ގައިގައި ކުއްލިއަކަށް އައިސް މީހަކު ޖެހިގަތެވެ. އެމީހަކު ދިޔައީ އެދިޔަ ގޮތަށް ވެއްޓޭށެވެ. ނަމަވެސް، އޭގެ ކުރިން އޭނާ ސަމީރު ލައިގެން ހުރި ބްލޭޒަރ ގެ އެއް އަތުގައި ހިފިއެވެ. އެއަންހެން ކުއްޖާ ވެއްޓުނުއިރު ވެއްޓުނީ އޭނާގެ ބްލޭޒަރ ގެ އަތް ވެސް ހިފައިގެންނެވެ. ކޮނޑާ ހިސާބުން ވީދާލައިފައެވެ. ” ވަޓް ދަ ހެކް! ބަލައިގެން ހިނގަން ނޭނގެނީތަ؟” ވަގުތުން އައި ރުޅީގައި ސަމީރަށް ބުނެވުނެވެ. ޕޭވމަންޓް މަތީގައި އިށީންދެގެން އިން އަންހެން ކުއްޖާ އިސް އުފުލާވެސް ނުލާ ބަލަން އިނީ އޭނާގެ އަތަށެވެ. އެ އަތުން ތަންގަނޑެއް މެށިފައި އޮތެވެ. ސަމީރު އެއަންހެން ކުއްޖާއަށް އަތްދިއްކޮށްލިއެވެ.
“ސޮ-” އެއަތުގައި ހިފަމުން ސަމީރުގެ މޫނަށް ބަލައިލި އާލިޔާ ވަގުތުން އަތް ދަމައިގަތެވެ. އަދި ރުޅިވެރިކަމާއެކު ކޮޅަށް ތެދުވިއެވެ. ” ބޭފުޅާއަށް ވެސް ހިނގިދާނެއެއް ނޫންތޯ ބަލައިގެން!” ދެލޯ ކަވިކޮށްލަމުން އާލިޔާ ބުނެލިއެވެ.
” ބައްލަވާ އަޅުގަނޑު ހިނގީ ބަލައިގެން. ހިފިނުހުރެވިގެން ވެއްޓުނީ ކަމަނާ!” ފޫހި ރާގަކަށް ބުމައަރުވާލަމުން ސަމީރު ބުނެލިއެވެ. “ހަހް.. ފައިން. އަދި ޖެހޭދޯ ނަގަން އަތް ދިއްކުރަން؟” އަމިއްލަ ނަފުސަށް އިވޭވަރަށް އާލިޔާ ބުނި ވާހަކައަށް ސަމީރު ރައްދުދިނެވެ. ” އަހަރެން އަތް ދިއްކުރީ ބްލޭޒަރގެ އަތް ބޭނުން ވެގެން. އަކަމަކު ތިހާ ބާއްވަން ބޭނުމިއްޔާ އޯކޭ! މި ބްލޭޒަރ ވެސް އެއްކޮން ގެންދޭ!”
” އޯހް ޕްލީޒް! ޓޭކް ޔުއަރ ތިންގ.. ބޭނުން ވެގެނެއް ނޫން ވިއްޔަ މީހުން މީހުންގެ ކުރިމައްޗަށް އެރެނީ” ވީދިފައިވާ އަތް ސަމީރުއާ ދިމާލަށް އެއްލަމުން އާލިޔާ ހިނގައިގަތެވެ. ފަހަތަށް ބަލާލުމެއް ވެސް ނެތި ގޮސް ކާރަށް އަރައި ދުއްވާލިއެވެ. ގޮސް ވެއްޓުނު ގޮތުން، އޭރުވެސް ފައިގައި ވަރަށް ގަދަޔަށް ރިއްސަމުން ދިޔައެވެ. އަތްތިލައިން މެށިފައި އޮތް ހިސާބުންވެސް ލޭހިލި، ދިލަ ނަގަމުން ދިޔައެވެ. އަތުގައި އޮތް ފޯނު ވެއްޓިދާނެތީ، ހަދާލި ގޮތަކުން އަތްތިލަ ޕޭވމަންޓްމަތީގައި ގޭނުނީއެވެ.
އޭނާ ބެލީ އަޅަމުން ދިޔަ ވޭނާއެކު ވެސް އަވަހަށް ގެޔަށް ދެވޭތޯއެވެ. އާލިޔާ ދިޔުމުގެ ކުރިން މާމަ ގެއަށް ގޮސްފިއްޔާ ދުވަސް ދިޔައީއެވެ. ރޭވި ހުރިހާ ރޭވުމެއް ފެނަށްވީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Aaliyaa and Shaavin v gulhey
They both are made for each
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih
Love you❤️😍
thank you for the support cutie girl. aslu vrh dhera vey lahun up kuran jeheythi, but kiyevumuge sababun mihen vany. in sha allah next part vrh avahah up kolla dheynan.