ހިތް ނުރުހެނީއޭ…
އަހަރެންނާއި ޒައިދު އެންމެ ފުރަތަމަ ދިމާވީ އަހަރެންގެ ރަށުގައި ކުޅެވުނު ފުޓުބޯޅަ މުބާރާތެއްގެ ތެރެއިންނެވެ. އޭނާ އަހަރެންގެ ރަށަށް އައީ ފޮޓޯގްރާފަރެއްގެ ގޮތުންނެވެ. އޭނާގެ މަސައްކަތަކީ ފޮޓޯނެގުމެވެ. ޒައިދު އައިސް މަޑުކުރަން ހަމަޖެހިފައިވަނީ އަހަރެންގެ ގޭގައި ހުންނަ ކުއްޔަށް ދޫކުރާ ކޮޓަރީގައެވެ. ކެއުން ހަމަޖެހިފައި ވަނީ ތަންކޮޅެއް ދުރުގައި ހުންނަ ގެއަކުންނެވެ. ނަމަވެސް ކުރިއަކުން އަހަރެނަށް އެކަމެއް ނޭނގެއެވެ. ކުރިން ބުނިފަދައިން އަހަރެންނާއި ޒައިދު އެންމެ ފުރަތަމަ ދިމާވީ ފުޓުބޯޅަ މުބާރާތުގެ ތެރެއިންނެވެ.
އަހަރެން އެ ދުވަހު މުބާރާތް ބަލަންދިޔައީ އަހަރެން އުޅޭ އަވަށް އެދުވަހު މެޗު ކުޅެން ހަމަޖެހިފައިވާތީ ސަޕޯޓުދިނުމަށެވެ. އަހަރެންނާއި އަހަރެންގެ އެކުވެރި ސަނާ އާއިއެކު މެޗު ފެށެން ހަމަޖެހިފައިވާ ގަޑިއަށްދިޔައީމެވެ. މެޗު ފެށިގެން ކުރިއަށްދިޔައެވެ. ފޯރިދިޔައީ ހައްތަހާ ގަދަވަމުންނެވެ. ކުއްލި އަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ބޮޑު ކެމެރާ އެއް އަތަށް ލައިގެން އަހަރެންގެ ފޮޓޯނަގަމުން ދިޔަ ޒުވާނެކެވެ. ބަލާލާން ރީއްޗެވެ. ވަރަށް “ފިޓު” ހަށިގަނޑެކެވެ. ނަމަވެސް އޭގެ މާނަ އަކީ އަހަރެންގެ ރުހުމާއި އާއި ނުލައި އަހަރެންގެ ފޮޓޯނަގަން އިޒުނަ ލިބުނީއެކޭ ނޫންދޯއެވެ؟ ވަރަށް ލަދުވެސްގަތެވެ. ނަމަވެސް އޭނާ ހުރީ ތަންކޮޅެއް ދުރުގައިކަމުން އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. މެޗު ނުނިމެނީސް ސަނާ ކުއްލިއަކަށް ގެއަށް ދާންޖެހުމުން ދިޔައީއެވެ. އަހަރެން އެކަނިވީއެވެ. މެޗު ނިމުނީ އަހަރެންގެ އަވަށް މޮޅުވެގެންނެވެ. އެހެންކަމުން ލަސްނުކޮށް އަހަރެން ގެއަށް ދާން މިސްރާބުޖެހީމެވެ. ލަސްވެއްޖެ ނަމަ ފަހަރުގައި މަންމަ ރުޅިއަތުވެދާނެތީއެވެ. ގެއަށްދާން އަހަރެން ފުޓުބޯޅަ ދަނޑުން ނިކުތި އިރު މަޢުރިބު ނަމާދު ބަންގި ވެސް ގޮވަނީއެވެ.
“އޭތް އޭތް” ފަހަތުން މީހަކު ގޮވާހެން ހީވެގެން އަހަރެން ފަސްއެނބުރި ބަލާލީމެވެ. ކުރިމަތީ ގައި ހުރީ އަހަރެންގެ ފޮޓޯނެގި ޒުވާނާއެވެ. އަހަރެން އެއްޗެއް ބުނަންތަން ނުދީ އޭނާގެ ވާހަކަފެށިއެވެ. “ސޮރީ އަސްލު ތީނަގެ ހުއްދަނެތި ފޮޓޯނެގުނީތީ ގަސްތުގައެއް ނޫން.. މި ބުނީ ތީހަމަ މޮޑެލް ކުރަން ވަރަށް ސަޅި ބޮޑީ އެއް.. އޫފްސް ސޮރީ.. އަހަރެން އަސްލު ގޮވީ މާފަށް އެދެންވެގެން ބޭނުން ނަމަ އަހަރެން އެ ފޮޓޯތައް ޑިލީޓް ކޮށްފާނަން” އޭނާގެ ވާހަކަ ނިމުނުން އަހަރެން އެނބުރިދާން ހިނގައިގަތީމެވެ. “އަދި މަޑުކޮށްބަލަ ޕެރަޑައިސްގެ އެނގޭތަ؟ އަހަރެން ދިޔައީ ސިހިގެންނެވެ. ސަބަބަކީ އެއީ އަހަރެން އުޅޭ ގޭގެ ނަން ކަމަށްވާތީއެވެ. އަހަރެން އަވަސް އަވަހަށް އެގެ ހޯދަނީ ކީއްކުރަންތޯ ސުވާލުކުރީމެވެ. “އެއީ އަހަރެން ހުންނަން ކައުންސިލުން ހަމަޖެއްސިގެ، އަހަރެން މިރަށަށް އާވީމަ ދާން ނޭނގިގެން ކުޑަ އެހީއެއްވިއްޔާ ޝުކުރުވެރިވާނަށް” އަހަރެންނާއި އެކު އަންނާށޭ ބުނެ ގެއަށް ދިޔުމަށް ހިނގައިގަތީމެވެ. ދިޔަ މަގުމަތީގައި އޭނާ ވަރަށް ވާހަކަދެއްކިއެވެ. ރަށުގައި އޭނާ ހިތްހަމަޖެހޭ ސިފަތައް ހުރުމުން އެކަމަށް ތަޢުރީފު ކޮށް ވާހަކަދެއްކިއެވެ.
މާގިނައިރު ތަކެއް ނުވެ ގެއަށްދެވުނެވެ. “ތޭންކްސް އަހަރެންނަށް އެހީވެދިނީމަ.. އޯ ސޮރީ އަދި އަހަރެންގެ ނަން ވެސް ނުބުނެވޭ ދޯ އަހަރެނަށް ކިޔަނީ ޒައިދު” ހީވީ އަހަރެންގެ ހިތުގައި އޮތް ސުވާލު ފެނިގެން ޖަވާބުދިންހެނެވެ. ނޭނގޭ ސަބަބަކާއި ހުރެ އޭނާ ފެނުނީއްސުރެ އަހަރެން ހުރީ އޭނާގެ ނަން ހޯދަން ބޭނުންވެފައެވެ. “ތި ކުއްޖާގެ ނަން ނުބުނާނަންތަ؟” އަހަރެންގެ ހިޔާލުތަކުން ބޭރަށް ނުކުމެވުނީ އަނެއްކާވެސް ޒައިދު ވާހަކަދެއްކުމުންނެވެ. “އަހަރެންނަށް ކިޔަނީ އީޝަލް” އެހެން ބުނުމަށް ފަހު ގޭތެރެއަށް ވަނުމަށް އަހަރެން މިސްރާބު ޖެހީމެވެ. “ތީ މިގޭ ކުއްޖެއްތަ؟” ޒައިދު އެއްސެވެ. މަޑުމަޑުން އާނއެކޭ ބުނުމަށް ފަހު އަހަރެންގެ ކޮޓަރިއަށް ގޮސްވަނީމެވެ. ކޮޓަރި އަށް ވަދެވުމާއެކު އިތުރު ކަމެއްނުކޮށް އަހަރެން އަވަހަށް އެނދުމަތީގައި އޮށޯވެތީމެވެ. ދެ ގަޑިއިރެއްހާއިރު ކޮޅަށް
ސަޕޯޓުކުރަން ހުންނަށް ޖެހުމުން އަހަރެންގެ ފަޔަށާއި ހަށިގަނޑަށް ވަނީ ލޮޑުކަން އިހުސާސްވެފައެވެ.
އަނެއް ދުވަހު އަހަރެނަށް ހޭލެވުނީ މަންމަ ވަރަށް ބާރަށް ދޮރުގައި ތަޅާތީއެވެ. ނިދިމޫނަކާއެކު އަހަރެން ގޮސް ދޮރުހުޅުވީމެވެ. “ދަރިފުޅާ ދޭބަލަ މިސޮރު ގޮވައިގެން ސަނާމެންގެ ގެއަށް މިސޮރުގެ ސައިގެ ކަންތައް އޮތީ އެގޭގައި” މަންމަ ބުންޏެވެ. ފަހަތުގައި ހިނިތުންވެފައި ޒައިދު ހުއްޓެވެ. އަހަރެން އާނއެކޭ ބުނުމަށް ފަހު ފެންވަރަން ފާހާނަ އަށް ވަނީމެވެ. ފެންވަރަން ވަދެހުރެ އަހަރެންނަށް ވިސްނެމުން ދިޔައީ ފާއިތު ސައުވީސް ގަޑިއިރު ތެރޭގައި ހިނގަމުންދާ އާދަޔާޚިލާފު ކަންކަމާއިމެދުގައެވެ. ހަފުތާ އެއްވަންދެން ކުއްޔަށް އަހަރެމެން ގެއަށް މެހެމާނުނެއް އަންނަ ވާހަކަ މަންމަ އިއްޔެ ބުންޏެވެ. ނަމަވެސް އެއީ ޒައިދު ކަމަށް ހީކުރާނީ ކާކުހެއްޔެވެ؟ އަނެއްކޮޅުން ޒައިދުގެ ކެއުމުގެ ކަންތައް ހަމަޖެހިފައި ވަނީ ސަނާގެ ގެއިންކަމުގައި ވީއިރު އެވާހަކަ ސަނާ އަހަރެންގެ ގާތުނުބުނީ ކީއްވެހެއްޔެވެ؟ ސަނާ އާއި އަހަރެންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ކުޑަ ނަމަވެސް ކަމެއް ހިނގައިފި ނަމަ އެންމެ ފުރަތަމަ ޙަބަރުދޭނީ އަހަރެންނަށެވެ. މަންމަ އަވަސްކުރާށޭ ބުނެ ގޮވާލުމުން އަހަރެންގެ އަވަހަށް ތައްޔާރުވެގެން ނިކުތީމެވެ. އޭރު ޒައިދު އިނީ ކެމެރާ ހިފައިގެން ޖޯލީގައެވެ. އަހަރެން ނުކުތުމުން ސަނާމެންގެ އަށް ދާން ހިނގައިގަތީމެވެ. ދިޔަމަގުމަތީ ގައިވެސް ޒައިދު އުޅުނީ ފޮޓޯނަގާށެވެ. އެގެއަށް ދެވުމުން އަހަރެނަށް ޒައިދު ޝުކުރުއަދާކުރިއެވެ. އަދި ސައިބޮއެ ނިމެންދެން މަޑުކުރުމަށް އެދުނެވެ. އެހެންކަމުން އަހަރެން އެގޭ ޖޯލީގައި މަޑުކުރީމެވެ.
އިރުކޮޅެއްނުވެ ސަނާ ވެސް އައެވެ. “އޭ ސޮރީ އިނގޭ ޔޫ އެކަނި ކޮށްފަ އިއްޔެ އަންނަށް ޖެހުނީމަ، މަންމަ ކުއްލިއަކަށް ޒައިދު މީގެއަށް ކާން އަންނާނެ ވާހަކަ ބުނީމަ ކުޑަކޮށް ޝޮޕިން ވެސް ކޮށްލަންވެފަ ހުރީމަ ދިޔައީ، ހައްވައްތަ ބަލިވެ އުޅޭތީދޯ ތިގެއިން ކެއުން ހަމަނުޖެހުނީ ނޫން ނަމަ ޔަގީންތާ ކޮންމެ މީހެއްވެސް ކާން ފޮނުވަނީ ތިގެއަށްކަން ހައްވައްތަގެ ހަވާދު ރިހަގަނޑު އެއީ ހަމަ މަރެއް، އަޅެ އީޝް ވެސް ހައްވައްތަ ގޮތަށް ކައްކަން ދަސްކުރިނަމަ” ސަނާ ބުންޏެވެ. ސަނާ އަކީ އެހެން މީހުން ގާތު މަޑުން ހުންނަ ކުއްޖެއް ވިޔަސް އަހަރެންގެ ކައިރީގައި ނިކަން އަނގަ ގަދަވާނެއެވެ.
މާގިނަ އިރެއް ނުވެ ޒައިދު ސައިބޮއެ ނިމުމުން ގެއަށް ދިޔައީމެވެ. މިގޮތަށް ހަތަރު ދުވަސް ފާއިތުވެއްޖެއެވެ. ޒައިދު ފުރަން ތިން ދުވަހަށްވީއެވެ. އޭރު އަހަރެންގެ ހިތުގައި ޒައިދު އަށްޓަކައި ލޯތްބޭ މިކިޔާ ޖަޒުބާތު މަޑުމަޑުން އުފެދެމުންދިޔައެވެ. އެކަން އަހަރެނަށް އިނގެއެވެ. އިހުސާސްވެއެވެ. ނަމަވެސް ގޮތްނޭނގޭ ބީރައްޓެއްސެއްގެ އަތްމައްޗަށް އަހަރެންގެ ނާޒުކު ހިތް ދޫކޮށްލަން ސިކުނޑި އެއްބަހެއް ނުވިއެވެ. ނަމަވެސް މި ދައްކަނީ ހިތާއި ލޯބީގެ ގުޅުމެއްގެ ވާހަކައެވެ. އެކަމަށް އެއްވެސް އިންސާނަކަށް ބާރުފޯރުވޭނެހެއްޔެވެ؟ އެހެންކަމުން ޒައިދުއަށް ލޯބި ހުށައަޅަން އަހަރެން ނިންމީމެވެ. ނަމަވެސް ބޮޑު ސުވާލަކީ ޒައިދު އަހަރެން ދެކެ ލޯބިވޭބާއެވެ؟ މިވީ މަދު ދުވަސްކޮޅުގައި އޭނާ އަހަރެންނާއި އެފަދަ މޭރުމަކުން ވާހަކަ ދައްކާފައެއްނުވެއެވެ. ވީ ހިނދު ބުނެވޭ ބަހެއްގެ ސަބަބުން އޮތް ގާތްކަން ވެސް ގެއްލިއްޖެ ނަމަ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ އެފަދަ ޚިޔާލުތަކެއްގައި ހުއްޓައި އެންމެ ފަހުން ޒައިދު ފުރާ ދުވަސް އައިސް ޖެހިއްޖެވެ. ފުރުވަން އަހަރެން ދިޔައީމެވެ. ސަނާ އާއި ސަނާގެ މަންމަ ވެސް ދިޔައެވެ. ރަށުގައި ހަދާ ބައެއް ކަހަލަ ހަދިޔާ ވެސްދިނެވެ. ޒައިދު އާއި އަހަރެން ފަހު ފަހަރަށް ސަލާންކޮށްލީމެވެ. އެވަގުތު އަހަރެންގެ ހިތުގެ ތެރޭގައި ހިނގަމުން ދިޔަ ޖަޒުބާތުތައް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތްރަސްކަލާނގެއެވެ. ނުދާށޭ ބުނަން ހިތް ހާދަވަރަކަށް އެދުނެވެ. ނަމަވެސް އެ ލަފުޒުތައް ދުލާ ހަމަ އަށް ނުފޯރީއެވެ. އޭނާ އަށް އަހަރެން ވީ އެހީ އަށް އޭނާ ޝުކުރުއަދާކުރިއެވެ. އަހަރެންނަށް ކުރެވުނުހާ ވެސް ކަމަކީ ގަދަކަމުން ހިނިތުންވެލުމެވެ. އޭނާ ފަސްއެނބުރި ދިޔައީއެވެ. އެނބުރި ބަލާލާތޯ ހުރެވުނީ ކިހާ އިރަކުކަމެއް ނޭނގުނެވެ.
މިއަދަށް ޒައިދު ފުރައިގެން ދިޔަތަން ބަރާބަރު އެއް މަސް ދުވަސްވީއެވެ. އަހަރެން އިނީ ޒައިދުގެ ހަނދާންތައް އާކުރަން ކޮޓަރީގައެވެ. ކުއްލިއަކަށް ދޮރުހުޅުވާފައި ސަނާވަނެވެ. އޭނާ ހުރީ ވަރަށް އުފަލުންނެވެ. “މަށަށް ކޮންގްރާ ކިޔާބަ” ސަނާ ބުންޏެވެ. އަހަރެން އިނީ ވާނުވާގައެވެ. އޭނާ ބުނިގޮތަށް އަހަރެން އޭނަ އަށް މަރުހަބާ ކީމެވެ. އަދި ސަބަބު ވެސް އެހީމެވެ.” އަހަރެން މިއުޅެނީ މީހަކާ އިންނަށް އަންނަ މަހު” އެހެން ބުނުމަށްފަހު ސަނާ އަހަރެންގެ އަތަށް ދިއްކޮށްލީ މަޑު ނޫކުލައެއްގެ ކާޑެކެވެ. އަހަރެން އެ ކާޑު ހުޅުވާބަލާލީމެވެ. އޭގައި އޮތް ނަންފެނި އަހަރެންނަށް ގަބުވެފައި އެތަށްއިރަކު އިނދެވުނެވެ. “ޒައިދު ވެޑްސް ސަނާ” އެ ޖުމުލަ ތަކުރާރުކޮށް އަހަރެން ހިތާ ހިތުން ކިޔާލީމެވެ. “މީ ކޮންއިރަކު ވީ ކަމެއް؟” ގަދަކަމުން ހިނިތުންވަމުން އަހަރެން އެހީމެވެ. “ޒައިދު ފުރަން އޮތް ރޭ އަހަރެންނަށް ޕްރޮޕޯސް ކުރި އަހަރެން ވަގުތުން ޔެސް ބުނީ، ޒައިދު އަކީ އަހަރެން ބޭނުންވި ކަހަލަ ހިތްހެޔޮ ރަނގަޅު މީހެއް އެކަމު ހިތަށް އެރީ އާއިލާ އެންމެނާ ވާހަކަދައްކާފައޭ އީޝް ކައިރީ ވެސް ބުނާނީ. މަންމަ ވެސް ބައްޕަ ވެސް ބޭނުންވީ އަވަހަށް މެރީ ކުރަން ޒައިދު ވެސް ބޭނުންވަނީ އެގޮތް.” ސަނާ ހިނިތުންވުން ވެ ހުރެ އެވާހަކަ ކިޔާދިނެވެ. ސަނާ ދިޔުމުން އަހަރެން ވަރަށް ރުއީމެވެ. އަހަރެންގެ ފުރަތަމަ ލޯތްބެވެ. އަނެއްކޮޅުން މިހާރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ވާން އުޅޭ ފިރިމީހާއެވެ. ހައްތަހާ ވެސް ތަޤުދީރުގެ ރޭވުމެވެ. ސަނާ އެއް އަހަރެން ކުށްވެރި އެއް ނުކުރަމެވެ. ގޯހީ އަހަރެންނެވެ. އަހަރެންނަށް 7 ދުވަހުގެ ދިގު މުއްދަތެއް ލޯބި ހުށައަޅަން ލިބުނެވެ. ނަމަވެސް ފިނޑިކަމުން ނުވީއެވެ. އަހަރެން ޒައިދު ދެކެ ލޯބިވާ ވާހަކަ ފަހަރުގައި ބުނި ނަމަ ހާލަތު މިއަދު ތަފާތުވުން ވެސް އެކަށީގެންވެއެވެ.
ޒައިދު އާއި ސަނާގެ ކައިވެނީގެ ކަންކަމުގައި އަހަރެން ވެސް ހިތްކުދިކުދި ވެފައިވާ ހާލު ބައިވެރިވެގެން އުޅުނީމެވެ. އަހަރެންގެ ފުރަތަމަ ލޯބި އޮތީ އަހަރެން ހިތުގެ ތެރޭގައި ފޮރުވިފައިވާ ބޮޑު ސިއްރެއްގެ ގޮތުގައެވެ. އަހަރެންނެއް އެދެ ލޯބިވެރިން ވަކި ކުރަން މަސައްކަތެއް ނުކުރާމެވެ. ދުނިޔޭގައި ހުރެ އަހަރެން މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެދެމީހުން އުފަލުގައި އުޅޭތަނެވެ.
މިއަދަކީ އޭގެ ފަސް އަހަރުފަހެވެ. ސަނާ އާއި ޒައިދުގެ ލޯބި ލޯބި އަންހެން ކުއްޖެއް މިހާރު އޮވެއެވެ. ވަރަށް ގިނައިން އަހަރެމެން ދިމާވެސްވެއެވެ. ޒައިދު ފެންނަ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ އަހަރެމެން ދިމާވި ގޮތް ލޯކުރިމައްޗަށް ސިފަވެއެވެ. އޭނާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް އުފާވެއެވެ. އަދި ނޭނގޭ މަޑު ރިހުމެއް ވެސް ހިތުގައި އުފެދެއެވެ. ނަމަވެސް އޭނާ އަކީ އަހަރެންގެ މީހެއްކަމުގައި ނުވިޔަސް އޭނާ ފެނުމުން އެ ލިބޭ ހިތްހަމަޖެހުން ވެސް އަހަރެންނަށް އުފަލުގައި ދިރިއުޅެން ފުދެއެވެ. ލޯތްބަށްޓަކައި މީހުން މަރުވާ ވާހަކަ ވަރަށް ގިނައިން އިވެއެވެ. ނަމަވެސް ލޯބިވާ މީހެއް ނުލިބޭ ހާލަތުގައި ވެސް ދިރިހުރުން އެއި ކިހާވޭން ހުރި ކަމެއްކަން މިހާރު ދަސްވެއްޖެއެވެ. އަހަރެން އަދިވެސް މި ހުރީ ހުސްކޮށެވެ. އިތުރު މީހެއް އަހަރެންގެ ހަޔާތަށް ގެންނަށް އަހަރެން މަސައްކަތެއް ވެސް ނުކުރަމެވެ. ނުވެސް ކުރާނަމެވެ. ސަބަބަކީ އިތުރު މީހެއް އަހަރެންގެ ހަޔާތަށް އައުން އެއީ އަހަރެންގެ ހިތް ރުހޭ ކަމަކަށް ނުވާތީއެވެ. އަހަރެންގެ ހިތަކީ ޒައިދު އަމާނާތެކެވެ. މުޅި ޢުމުރަށް ވެސް އެކަން އޮންނާނީ އެހެނެވެ.
9 Comments!
Comments are closed.



Mi vaahaka ves v Reethi masha allah
Curiously waiting for next story
Keep it up
Thank you so much 😊❤️
Beautiful i like it
Nice
Thank you so much 😊❤️
ވަރަށް ރީތި މި ވާހަކަ
Thank you so much 😊❤️
ލިޔުމުގެ ފެންވަރު ރަނގަޅު. ވާހަކަ ވެސް ރީތި
Vrah reethi keep it up 👍🏻👏🏻👏🏻