އަހަރެން ފޯނު އަލުން ޖީބަށް ލަމުން ކޮފީ ތަށީގައި ބާކީ ހުރި ބައި ބޯލަމުން ތަށި ހިފައިގެން އެތެރެއަށް ދާން އުޅެނިކޮށް ޖެހުނު ވައިރޯޅިއަކުން ކުނިވަސް ފާޑު ވަހެއް ނޭފަތުގައި ހަރުލިއެވެ. ވަސްގަދަކަމުން އޯކަށް ނުދެމުނީ ކިރިޔާއެވެ. އަހަރެންނަށް ދެން ބަލާލެވުނީ ވައިރޯޅި އައި ގަސްތަކާއި ދިމާއަށެވެ. އަނެއްކާ އެތާނގައި ދިރޭ އެއްޗެއް މަރުވެފައި އޮތީ ބާވައެވެ؟
ކޮފީތަށި އަލުން އުނދޯލީގައި ބެހެއްޓުމަށްފަހު އަހަރެންނަށް ގަސްތަކާއި ދިމާއަށް ހިނގައިގަނެވުނެވެ. ބޮޑު ޖަންގަންޔެއްހެން އޮތް ގަސްތަކުގެ ތިރީ ބިންމަތީގައި ވެލިތައް ނުފެންނަ ވަރަށް ވެރިފައިވާ ފަސްތަކުގެ މައްޗަށް ވެހުނު ވާރޭގެ ސަބަބުން އޭގެ މައްޗަށް އެރުމުން އެހާ ހިކިފަތް އަޑެއް ނުކިޔައެވެ. ބޮޑެތި ފަތްތަކުގައި ހަރުލާފައިވާ ފެންތިކިތައް ވަޔަށް ފައިބަމުން ދިޔައީ ވާރޭ ވެހޭ އުސޫލުންނެވެ. ނަމަވެސް އެއިން ކަމަކަށް އަހަރެން ސަމާލުކަމެއް ނެތެވެ. ވަސް އަންނަ ދިމާލެއް ބެލުމަށް ހިނގަމުން ގޮސް އޭގެ ސަބަބުހެން ހީވާ ދިމާއަށް ދެވުނީ ގަސްތަކުގެ ވަރަށް އެތެރެއަށް ދިޔަ ފަހުންނެވެ. ވެއްޔާއި ފެނާއި އެކުވެ ޗަކަ ހެދިފައިވާ ފެންގަނޑެއްގައި އެއްޗެއް އޮތްތަން ފެނުނެވެ. ރަނގަޅަށް ބަލާލުމުގެ ނިޔަތުގައި ނޭފަތުގައި އަތްއަޅާލަމުން ކުޑަކޮށް ގާތްވެލި އިރު ޗަކަ ފެންގަނޑުގެ އެއްފަރާތަކުން ފެނުނު އެއްޗަކުން އަހަރެންނަށް ދެލޯ ބޮޑުކޮއްލެވުނެވެ. ހަށިގަނޑުން ވަކިވެފައިވާ ބޮލެކެވެ. ކުޑަ އަންހެންކުއްޖެކެވެ.
” މާނީ!!! ” ފެނުނު މަންޒަރުން އަހަރެންގެ ފައިން ވަރު ހުސްވެގެން ބިންމައްޗަށް ތިރިވެވުނެވެ. ދުވަހަކުވެސް ލޮލުން އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް އަހަރެން އުއްމީދެއް ނުކުރަމެވެ. އަމާނީ އެއީ އަހަރެންގެ ދަރިޔަކަށް ނުވިޔަސް އެކުއްޖާއަށް ކުޑަވެސް އަނިޔާއެއް ލިބުމަކަށް އަހަރެން ދުވަހަކުވެސް ނޭދެމެވެ.
” ދަ.. ރި…ފުޅާ.. ދަރިފުޅާ… މާނީ… ކާކު… ކާކު ދަރިފުޅަށް… މިހެން ހެދީ… ހެދީ…؟ ” އަހަރެންގެ އަނގައިން ވާހަކަދެއްކުނީ ވެސް ތުރުތުރު އަޅާ ހާލުގައެވެ. ބިންމަތީގައިވި ޗަކާގައި ދެފައި ހާކަމުން އަހަރެން ގޮސް ދަރިފުޅުގެ ބޯ ކައިރީގައި މަޑުކޮއްލީމެވެ. އެހާ ލޯބިން އަބަދުވެސް ހިނިތުންވުމާއިއެކު ކުޑައިރުއްސުރެ ބަލާ ބޮޑުކުރި ދަރިފުޅު އެއޮތީ ޗަކަފެންގަނޑުގައެވެ. ހިނިތުންވުމެއް ނެތެވެ. ދެލޯ ބޮޑުވެފައިވާ އިރު މުޅި މީހާވަނީ ލޭ ހުސްވެގެން ގޮސް އެކަށް ހުދުވެފައެވެ. ލައިގެން އޮތް ފެހިކުލައިގެ ހެދުން ކަރާއި ދިމާއިން ލެއިން ފޯވެފައިވާ އިރު ދެން ހުރީ ހުސް ޗަކައެވެ.
” ބައް..ޕާ… މާނީއަށް ކީ..ކީއްވެފައި؟ ” އަހަރެންނަށް ސިހިފައި ބަލާލެވުނީ ފަހަތުން އިވުނު އަރީންގެ އަޑަށެވެ. ދެލޯ ކަރުނުން ފުރި ބަންޑުންވެގެން ފައިބަމުން ދިޔަ އިރު އޭނަގެ ދެލޯ ހުއްޓިފައިވަނީ އަމާނީއަށެވެ. އަހަރެންނަށް ވަގުތުން ތެދުވެ އަރީންގެ ދެލޯ ފޮރުވުމަށް ދުއްވައިގަނެވުނެވެ. އަރީންއަށް ކުރިން ވީހެން ޝޮކެއް ލިބޭކަށް އަހަރެން ނޭދެމެވެ.
” ކޮއްކޮ ކުޅެނިކޮށް ވެއްޓިފައޭ އެއީ.. ދަރިފުޅު ދޭބަލަ ގެޔަށް! ” އަހަރެން އޭނަ އަމާނީއާ ދުރަށް އަހަރެންނާއި ދިމާއަށް އަނބުރާލަމުން ބުނީމެވެ.
” ނޫން. ބައްޕަ ކީއްވެ ދޮގު ހަދަނީ؟ މާނީ މަރުވެފައެ..އްނު އެއޮތީ… އަރޫ މިއީ މިހާރު ކުޑަކުއްޖެއްނޫނޭ! ” އަރީން އަހަރެން ކޮއްޕާލުމަށް ގެޔާއި ދިމާއަށް ދުއްވައިގަތެވެ. އަަހަރެންނަށް ވެސް އޭނަގެ ފަސްފަހަތުން ދުއްވައިގަނެވުނީ ސާރާ ކޮބައިތޯ ބަލާށެވެ. ރޭގައި ސާރާ އަމާނީ ގާތަށް ނިދަން ދިޔައްޔާ މިހެން ވާންވީ ކިހިނެތް ހެއްޔެވެ؟ ސާރާއަކީ އަހަރެންނަށްވުރެ ނުހަނު ނިދި މަޑު މީހެކެވެ. އަމާނީ މީހަކު ވަގަށް ނަގައިގެން ގެންދަންޔާ ސާރާއަށް ހޭލެވޭނެއެވެ.
” ސާރާ! ” އަމާނީގެ ކޮޓަރިއަށް ވަތް އިރު ކޮޓަރި ތެރޭގައިވަނީ ހަމަހިމޭންކަމެވެ. އަރިމަތީގައި ހުރި ސުވިޗުން ބޮކި ޖައްސާލި އިރު ކޮޓަރިތެރެވަނީ ހުސްކޮށެވެ. ރީތިކޮށް ނުކޮށް އޮތް އެނދުމަތިން މީހަކު އެތާނގައި ރޭ ނިދާފައި އޮތްކަން ހާމަވެއެވެ. ސާރާވަނީ ކޮންތާކަށް ބާވައެވެ؟
—
ފުލުހުންނަށް ގުޅައި އެމިހުން އައިސް ތަހުޤީޤުތައް ކުރަމުން ދިޔަ އިރުވެސް ސާރާގެ ޙަބަރެއް ނުވެއެވެ. ގޭގެ އެތައް ތަނެއް ހޯދާ ބެލި އިރު ވެސް އޭނަ ފެންނާކަށް ނެތެވެ. އަރީންވެސް އަނެއްކާ ބޮޑު ޝޮކެއް ލިބި ހޮސްޕިޓަލުގައި އެޑްމިޑް ކުރަން ޖެހުނީއެވެ. އަނެއްކާ މިއީ ސާރާގެ ރޭވުމެއް ބާވައެވެ؟ ސާރާ ކުއްލިއަކަށް ހަމަ މިއަދު ގެއްލޭނީ އެހެންވީމައިތާއެވެ. ނޫނެވެ. އަމާނީ އެއީ އޭނަގެ އަމިއްލަ ދަރިޔެއް ވިއްޔާއެވެ. ސިކުނޑީގައި މުޅިންވެސް ފުނި ޖެހެމުން ދިޔައީ ސުވާލުތަކެވެ.
ހިތްނުތަވަސްވެ ދެން ހަދަންވީ ގޮތެއް ނޭނގުމުން އަހަރެންނަށް ގުޅާލެވުނީ އާތިކާއަށެވެ. ތިން ހަތަރު ފަހަރު ގުޅުމުންވެސް އޭނަގެ ޙަބަރެއް ނުވިއެވެ. އަހަރެންނަށް ދެލޯ މަރާލައި އަރީން އޮތް އެނދުގެ ކައިރީގައި އިން ގޮނޑީގައި އިނދެ ފާރުގައި ބޯޖައްސާލެވުނެވެ.
===
އަރީންއަށް ފޮތް ލައްޕާލެވުނު އިރު ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ގާތުގައި އިން މަލަކްވެސް ދެލޮލުން ކަރުނަ އޮހޮރެމުން ދިޔަ ހާލު އަރީން ގާތްކޮއްލިއެވެ. އެހާ ކުޑައިރު އަރީންއަށް އިހުސާސްކުރަން ޖެހުނު ހިތްދަތިކަން އަދި ކިރިޔާ އޭނައަށް އެއެނގުނީއެވެ.
” އައި އޭމް ސޮރީ މަލަކް… މިކަހަލަ ވަގުތެއްގައި މަލަކް ހިތްހަމަ ޖައްސައިދޭން އަހަރެން ހުއްޓާ އަހަރެން މަލަކްއަށްވުރެ ބަލިކަށިމިވީ… ” އަރީން މަލަކްގެ ގައިގައި އޮޅުލައިގަތެވެ.
” ނޫން ތިހެން ނުބުނޭ… އެތައް ފަހަރަކު މިސްކެރިޖްވީ އިރުވެސް އަރީން ތިހެން އަހަރެން ދޫނުކޮއްލައި ހުރީމައި، އެވަރުންވެސް އަހަރެން ހިތްހަމަޖެހެއޭ… އިން ޝާ ﷲ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ… މާނީގެ ހަޤީޤަތްވެސް ހޯދޭނެ… ” މަލަކް އަރީންގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ.
” ދެން ނެތް ދޯ އިތުރު އެއްޗެއް ތިފޮތުގައި..؟ ” ކުޑަކޮށް އަރީން ހަމަޖެހިލުމުން މަލަކް އަހާލިއެވެ.
” ހޫމް… ދެން ނެތް ފޮތް ހަރުގައި ވެސް އިތުރު ފޮތެއް. ހީވާ ގޮތުން ބައްޕަ މާބޮޑަށް ހިތުގައި ޖެހުނީމައި އެއްވެސް އެއްޗެއް ނުލިޔެވުނީ ކަންނޭނގެ.. ދެން އަމަލް ގާތުގައި އަހަން ޖެހޭނީ ހަޤީޤަތް… ” އަރީން ފޮތް ކުޑަ ކޮފީ ޓޭބަލް މަތީގައި ބާއްވާލަމުން ތެދުވިއެވެ. އަދި މަލަކްގެ ގާތުގައި އަމަލްއަށް އެބަ ގުޅަމޭ ބުނެ އޭނަ ނުކުމެލީ ބޭރަށެވެ.
—
އިރުއޮއްސި އަނދިރިކަން ވެރިވި އިރު އަރީން ހުރީ ގުރީން ޝެލް މެންޝަންގެ ދޮރުމަތީގައެވެ. ދާދި ގާތުގައި އަމަލް ހުރި އިރު އަމަލްއާއި ޖެހިގެން އާދަމްއާއި މުސްކުޅި ފިރިހެނަކު ހުއްޓެވެ. ދެނަމާދު ވަގުތުގައި އެންމެން އެކީ މެންޝަންގެ އެތެރެއިން ވަތް އިރު ވަނީ އަނދިރިކަމެވެ. އެތައް ދުވަހަކު މީހަކު ނޫޅޭ ދުވަސްވެފައިވާ ގެޔެއްހެން ހިރަފުސްގަނޑު ބޯވެފައި ހުއްޓެވެ. ފަރުނީޗަރުތައް ވެސް އިދިފުށަށާއި އެކި ގޮތް ގޮތަށް ހުރުމުން ހީވަނީ ކުޑަ ނަގޫރޯޅިއެއް އެތެރެއަށް އަރާފައިވާ ހެންނެވެ.
” އަރީން އެކަނި މަޑުކޮށް ކަލެމެން ދެކުދިން ބޭރުގައި މަޑުކުރިއްޔާ ރަނގަޅުވާނީ… ” މުސްކުޅި ފިރިހެންމީހާ ދިވެހިން އެހެން ބުންޏެވެ. އޭނަގެ ބަހަށް ތާއީދުކޮށް އަމަލްއާއި އާދަމް އަނެއްކާ ބޭރަށް ނުކުތެވެ. އެމީހާ އަރީންގެ ގާތުގައި ތިރީގައި މަޑުކުރުމަށް ބުނުމަށްފަހު ގެ ވަށައިގެން ރަނގަޅަށް ބަލައި އޭނަ ތިރިއަށް ފޭބިއެވެ.
” މިގޭގައި އެބަ އުޅޭ ރޫޙާނީ އެއްޗެއް… ބޮޑަށް ލަފާކުރެވެނީ މިމެންޝަން މިއިން ބޮޑު ބިމުގަޔާއިއެކު… ކުޑަކުއްޖެއްގެ ސިފައިގައި ފެނުނަސް އެއީ ޅަ ޖިންނިއެއް ނޫން… ވަރުގަދަ ސިހުރެއްގެ ދަށުގައިވާ އުމުރުން ދުވަސްވީ ވަރުގަދަ ޖިންނިއެއް… ނައްތާލަން ވެސް ވަރަށް އުނދަގޫވާނެ.. އެކަމަކު ސިހުރު ނައްތާލަން ފަސޭހަވާނެ މަގެއް އެބަ އޮތް. އެއީ އެކަމުގެ ހަޤީޤަތް މަށަށް އެނގުން… ސިހުރު ހަދަން ޖެހުނީ ކާކަށް ނޫނީ ކޯޗަކަށްކަން، ސިހުރު ހަދަން ޖެހުނު ބޭނުން، އަދި އެކަން ކުރި މީހަކު ވެސް އެނގުމުން ނޫނީ ވަރަށް އުނދަގޫވާނެ ނައްތާލަން… އަދި ސިހުރު އޮތްތަން ވެސް.. ކޮއެ ބުނީ ކޮއެއަކަށް އެކަމުގެ ހަޤީޤަތެއް ނޭނގެޔޭ ދޯ؟ އަދި އެކަން އެނގޭނެ އިތުރު މީހަކުވެސް ދުނިޔޭގައި ނެތޭ؟ ” މުސްކުޅިވެފައި ޤަފޫރު އަރީން ކުރެ އަހާލިއެވެ. އޭނަ އެއައީ އަރީން އަމަލްއަށް ގުޅައިގެން ގޭގައި ހިނގާ ދިޔަ ކަންތައް ކިޔާ ދިނުމުން އެކަމުން ސަލާމަތްކޮއް ދިނުމަށް އެދި އަމަލް ގާތުގައި ކުރި އާދޭހަށެވެ. އަމަލްގެ އުމުރާއިއެކު އޭނަ ދަންނަ އެތައް ބަޔަކު އުޅޭތީ ޤަފޫރުބޭ މާލެއިން ލަންކާއަށް މެންދުރުގެ ފުލައިޓުން ގެނުވީއެވެ.
” ލައްބަ… ” އަރީން ޤަފޫރުބޭގެ ސުވާލުތަކަށް ޖަވާބުދިނެވެ.
” އެހެންވީމައި ހިނގާ އެންމެ ފުރަތަމަ އަމާނީ މަރުވެފައި އޮއްވާ ފެނުނުކަމަށް ބުނާ ގަސްތަކުގެ ތެރެއަށް… ” ޤަފޫރުބޭ ދޮރުން ނިކުންނަން ހިނގައިގަތެވެ.
” އެކަމަކު މިވަގުތު އެހާ އަނދިރިކޮށް އޮތް އިރު؟ އެތަނަށް ބަޔަކު ނުވަންނަތާ ވެސް އެހާ ދުވަސްވެދާނެ. ހިނގަންވެސް އުނދަގޫވާނެ ކަންނޭނގެ…” އަރީން ކަންބޮޑުވެފައި ބުނެލިއެވެ.
” ތިހެންވެސް ވެދާނެ. އެކަމަކު ހިތްވަރެއް ހުރެގެން މިމެންޝަން މިއުޅޭ އެއްޗަކުން ރަނގަޅުކުރެވޭނީ… ކޮއެ ބޭނުމިއްޔާ މަޑުކުރެވިދާނެ. އެކަމަކުވެސް ބޭބެއަށް ވަރަށް މުހިންމު މީހެއްގެ އެހީ. ހާއްސަކޮށް މިގެއާއި ގުޅުން ހުރި މީހެއްގެ… ” ޤަފޫރުބޭ ބުންޏެވެ. އަރީން ކުޑަކޮށް ވިސްނާލުމަށްފަހު އެންމެ ރަނގަޅޭ ބުނުމުން އަތުގައިވި ޓޯޗު އަތަށް ބޮޑަށް ހެޔޮވަރު ކޮއްލަމުން މެންޝަން އިން ނުކުތެވެ. އޭނަގެ ފަސްފަހަތުން ޤަފޫރުބެ ދަމުން ދިޔަ އިރު އާދަމްއާއި އަމަލް ކާރު ކައިރީގައި ހުރެފައި އަރީންގެ ގާތަށް އަންނަން ފެށުމުން ޤަފޫރުބެ އެކަން މަނާކުރިއެވެ. އަަދި މަޑުކުރުމަށް ބުނެ ގޮސް ދެމިހުން ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައެވެ.
އެތަކެއް ބައިވަރު ފަތްތަކުން ފުރިފައިވާތީ އޭރު ކުރީގައި ވަދެވެން އޮތް މަގު އޮތީ މިހާރު އޮތީ ފޮރުވިފައެވެ. އެބޮޑު ޖަންގަލީ ފަދަ ގަސްތަކުގެ ތެރޭ ޓޯޗުގެ ފަނޑު އަލިކަމުގައި އަރީން ކުރީގައި ހުރެގެން ފައިން ބައެއް ފަތްތައް އެއްކައިރި ކުރަމުން ހިނގަމުން ދިޔައެވެ. މުޅި މާހައުލު ވަށައިގެންވަނީ ހަމަހިމޭންކަމެވެ. ފަނިފަކުސާތަކާއި އެހެނިހެން ދިރޭ އެއްޗެހި ވެސް އެމާހައުލުދެކެ އިންތިހާއަށް ބިރުން އުޅޭ ކަހަލައެވެ. ދެންމެ ދެންމެ އެއްޗެއް ފެނި ގޯނާކޮއްފާނެތީ ބިރުން ހުރި އަރީން ދިޔައީ ކުރުސި ކިޔަވަމުންނެވެ. ނަމަވެސް އޭނައާއި ހިލާފަށް ޤަފޫރުބޭ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ސީރިއަސްކަމާއި ކެރޭ ކަމެވެ.
” މިއީ އެތަން… ” މަހާނެއް ފާހަގަވާން އިން ތަނަކު އަރީން މަޑުކޮއްލަމުން އެތަން ޤަފޫރުބެއަށް ދައްކާލިއެވެ. ޤަފޫރުބެ އާނއެކޭ ބުނެ ބޯޖަހާލަމުން ވަށައި ހޯދާލައި ރައްކަލަށް އޭނަ ގެނައި ކޮތަޅުން ވެލިކޮޅެއް ވަށްބުރަކަށް އަޅާލިއެވެ. އަދި އަރީންގެ ގާތުގައި އެވަށްބުރަށް އޭނައާއި އެކު ވަނުމަށް ބުންޏެވެ.
” ބުނަން… ވަގުތު ގޮތުންނާއި ތަނުގެ ގޮތުން އަހަރެމެން ބައްދަލުކުރަން ބޭނުންވާ އެތީގެ އިތުރުން އިތުރު އެއްޗެއް ގޯނާ ކުރަން އުޅެފާނެ… ދަންނަ މީހެއްގެ ސިފައިގައިވެސް ފެނިދާނެ… ނަމަނަމަ ވަށްބުރުން ބޭރަށް ދުއްވައި ނުގަންނާތި… މިއީ އަހަރެމެންގެ ރަށްކަލަށް ކިޔަވާފައި އަޅާފައިވާ ވަށްބުރެއް… ” ޤަފޫރުބެ އެހެން ބުނަމުން ޤުރުއާނުގެ އާޔަތްތަކެއް ކިޔަވަން ފެށިއެވެ.
ޤަފޫރުބޭ ޤުރުއާން ކިޔަވަން ފެށުމުން ހީވީ މުޅި އެތަނަށް ނަގޫ ރޯޅިއެއް އަރައިގެން ދިޔަ ހެންނެވެ. ބަލިކަށިވެފައިވާ އެތަކެއް ގަސްތަކެއް މުލުން ލުހި ވެރިފައިވާ އެތަކެއް ފަތްތަކެއް ވަޔަށް ވަށްބުރަކަށް އެނބުރެމުން ދިޔައެވެ. ދެން ފެނުނީ އެރޯޅިގަނޑު އަރީންމެންނާއި ދިމާއަށް އަންނަމުން ދިޔަ މަންޒަރެވެ. ޤަފޫރުބޭ ކިޔަވަމުން ދިއުމުން ފަހަރަކަށްވުރެ ފަހަރެއް އެރޯޅީގެ އަޑާއި ބާރު ގަދަވަމުން ދިޔަކަން ފާހަގަވިއެވެ. ނަމަވެސް އަރީންމެން އެއާއި ދިމާއަށް ދަމައިގަނެވޭ ވަރެއް ނުވެއެވެ. ދެން ފެނުނީ އެރޯޅީ ކުއްލިއަކަށް ގެއްލުނުތަނެވެ. އެއާއެކު ތެތް ތިކިތަކެއް އައިސް އަރީންގެ ގަޔަށް ޖެހުނެވެ. ހުސް ލެޔެވެ. ދެން އިވުނީ ދަރުތަކެއް މައްޗަށް ބޮޑު ޓުރެކްޓަރެއް އެރުމުން ބުރިބުރިވާ ފަދަ އަޑުތަކެވެ.
” ދޮންބޭ… މާނީ ސަލާމަތްކޮއްދީބަލަ… ” ފަހަތުން އިވުނު އަޑުން އަރީންއަށް ސިހިފައި ބަލާލެވުނެވެ. ދެލޯ ފެންކަޅިވެފައިވާ އަމާނީ ފެނުމުން އެދިމާޔަށް އޭނައަށް ހިނގައިގަންނަން އުޅެވުނެވެ. ނަމަވެސް އޭގެ ކުރިން ހަމަހޭވެރިކަން ވެރިވެ އޭނަ ދެލޯ މަރާލިއެވެ.
” ތިއީ ބޭކާރު ކަމެއް! މިސިހުރު ބާތިލް ކުރަން ނޫޅޭތި! ” ދެން އިވިގެން ދިޔައީ ކަންފަތް ފަޅައިގެންދާނެހާ ބަރު ބިރުވެރި ކުރަކި އަޑެކެވެ. އެއާއެކު ކުރިން އިވުނު އަޑުތައް ވެސް ހުއްޓި އަނެއްކާ މާހައުލަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ.
” ބާތިލް ކުރެވޭނީ ވެސް މިއީ ކީއްކުރަން ހެދި ސިހުރެއްކަން އެނގިގެނެއްނު. މަށެއް ނޫޅެމޭ އަދި މިސިހުރު ބާތިލް ކުރާކަށް. ” ޤަފޫރުބޭގެ އަޑު އެއެއްޗެއްގެ އަޑާއި އަޅާ ބަލާއިރު އެއްޗަކަށް ނުވިޔަސް އެއަޑުގައި ކެރޭކަންވެއެވެ.
” ހަޤީޤަތް އެނގުނަސް ބާތިލް ކުރާކަށް ނުކެރޭނެ. އެއަށްވުރެ އަހަރެން މާބާރު ގަދައޭ… ” އެއެއްޗެއް ހިނިގަނޑެއް ޖަހާލިއެވެ. އަރީން ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް މަޑުމަޑުން ދެލޯ ހުޅުވާލެވުނެވެ. ކުރިމަތީގައި މޫނާއި ޖެހޭ ނުޖެހޭ ހިސާބުގައި ހުރި ބިރުވެރި ސޫރަ ފެނި ގަތް ބިރުން ބޭއިޙްތިޔާރުގައި އޭނައަށް ދުރަށް ޖެހެވުނު ވަގުތު ވަށްބުރުން ބޭރު ވެވުނެވެ. ވަގުތުގެ ބޭނުން ހިފައި އޭތި އަރީންގެ ގައި ތެރެއަށްވަނެވެ. ޤަފޫރުބޭގެ މޫނުމަތިން ވަގުތުން ބިރުވެރި ގަނެފައިވާ މިންވަރު ފާހަގަވެގެން ދިޔައެވެ. އަދި އަރީން ލޯމަތިން ނުގެއްލެނީސް އަރީންގެ އަތުގައި ހިފާ ދެލޯ މަރާލިއެވެ.
*** ފޮރުވިފައިވާ ހަޤީޤަތް ***
13 މާރޗް 2006
މޫނުފޮރުވަން މާސްކެއް އަޅައިގެން ހުރި އެއަންހެންމީހާގެ ދެލޯ އަމާޒުވެފައިވަނީ ސަލީމްއަށެވެ. އަދި އޭނަގެ ގާތުގައި ހީ ސަކަރާތްް ޖަހަމުން ދިޔަ ހަތްއަހަރުގެ އަރީންއާއި ހަތަރު އަހަރުގެ އަމާނީއަށެވެ. ހާއްސަކޮށް އަމާނީއަށެވެ. މިއީ އެމިހުން މެންޝަންއަށް ބަދަލުވިތާ ދެވަނަ ދުވަހެވެ. މެންދުރު ފަހުގެ ވަގުތު ޕާޓީގެ ކަންކަމަށް ތައްޔާރުވާން އެތައް ބަޔަކު މެދު ގޭގައި އުޅެމުން ދިޔައެވެ. އެމިހުންނާއި މަސްހުނިވެގެން އަޅައި ނުގަންނާނެ ފަދަ ގޮތަކަށް ސަލީމްމެން ފެންނާނެހެން އެމިހުންގެ އަމަލުތަކަށް ނުހަނު ފަރުވާތެރިކޮށް ބަލަމުން ދިޔައީ ކަމެއް ސިކުނޑީގައި ރާވަމުން ދިޔަ ފަދައިންނެވެ. ކަމެއް ނުކޮށް ބަލަން ހުރި މީހަކަށް އެއަންހެންމީހާގެ އަމަލުތައް ހަމަ ޔަޤީނުން ވެސް ފެންނާނެއެވެ.
” ކޮބާ ކޭޓަރިންގެ ކަންތައް ހަވީރުވާން ވާއިރަށް ނިމޭނެތޯ؟ ” ސަލީމް އެއަންހެންމީހާ ހުރި ދިމާއަށް އަންނަން ފެށުމުން އެއަންހެންމީހާ އެހެން މީހުންގެ ފަސްފަހަތުން ނުފެންނާހެނެން އަވަހަށް އެގެއިން ނިކުންނަން ދުއްވައިގަތެވެ. ނަމަވެސް ގޭޓުން ނުކުމެ ފަހަތް ބަލާލި އިރު އަރީން ހުރީ އޭނައަށް ބަލަހައްޓައިގެންނެވެ. މާސްކުގެ މަތިން ހަމައެކަނި ފެންނަން ހުރި ދެލޯ ހަނިކޮއްލަމުން އޭނަ އެމެންޝަންއާއި ފުދޭ ވަރަކަށް ދުރަށް ދުއްވައިގަތް ތަނާ ކުރިމަތިން އައި ކާރެއްގައި ނުޖެހެން ވެގެން އޭނަ އަރިއަޅާލައިގެން ވެއްޓި ގޮސް ޖެހުނީ އަޑިކޮށް އިން ދިމާލެއްގައި އިން ގަހެއްގައެވެ. ވީތަދާއިއެކު ވަގުތުން ފައިގައި އޭނައަށް ހިފަހައްޓާލެވުނެވެ. އަދި އެހީއަކަށް އެދި ދެކޮޅު ހޯދާ ބަލާލި އިރު އޭރު އައި ކާރު ގޮސް އޮބާލައިފިއެވެ. އަދި އަވަސް އަވަހަށް ޖީބުގައި އޮތް ފޯނު ނަގާ އެންބިއުލާންސްއަށް ގުޅާލިއެވެ.
—
14 ނޮވެންބަރ 2008
ދަންވަރު ތިނެއް ޖަހަނީއެވެ. ގަދަ ނިދީގައި އޮތް ސާރާއަށް ތެދުވެވުނީ ވަރަށް މަޑުމަޑުން އަމާނީ ރޯއަޑަށެވެ. ދެލޯ ކުޑަކޮށް އުނގުޅާ ބަލާލި އިރު ސިފަ ވަކިނުވާ މީހަކު އަމާނީގެ އަނގައިގައި އަތް އަޅައިގެން އޭނަ އުރައިގެން ކޮޓަރިން ނުކުންނަނީއެވެ. ސާރާ މަގޭ ދަރިފުޅޭ ކިޔާ އެނދުން ތެދުވެގެން އެމީހާގެ ފަހަތުން ނުކުންނަން ދިއުމުން އެމީހާ ވަގުތުން ދުއްވައިގަތެވެ. ސާރާ ވެސް އޭނައަށް ދުވެވުނު އެންމެ ބާރަކަށް ދުވަމުން ދިޔައެވެ. މެންޝަން އިން ނިކުމެގެން އެމީހާ ގޮސްވަނީ މެންޝަންގެ އުނދޯލީގެ އެފަރާތުގައިވާ ގަސްތަކުގެ ތެރެއަށެވެ. ރޭގަނޑުގެ ދަންވަރުގެ ވަގުތާއި އެކު ސާރާއަށް އެހިސާބުން ފިޔަވަޅު މަޑުކޮއްލެވުނެވެ. ނަމަވެސް އަނެއްކާ ވެސް ދުއްވައިގަނެވުނީ ލޯބިވާ ދަރިފުޅު އަބަދުމެ އަބަދަށް ލޯމަތިން ގެއްލިދާނެތީއެވެ. ބުރުހަމަ ހަނދުވަރުގެ އަލީގައި އޭނައަށް ވުރެ ކުރިން އެމީހާ ބާރަށް ދުވަމުން ދިޔައީ އޭނައަށް އަތުނުވާ ވަރަށެވެ. ނަމަވެސް އޭނައަށް އެމީހާ ގެއްލޭހާ ވަރެއް ނުވެއެވެ. ގަސްތަކުގެ ވަކި ހިސާބަކަށް ދިޔަ ތަނާ ކުރިޔަށްވުރެ މާހައުލު އަލިވާން ފެށިއެވެ. ޖަންގަލި ފަދަ ބިޔަ ގަސްތަކުގެ ވަކި ހިސާބެއް ހުސްކޮށް އޮތް އިރު އެތާ ތެރޭގައި ސާރާއަށް ފުރަގަސްދީގެން އަންހެނަކު އަލިފާން ޖަހައިގެން ކޮންމެވެސް ނޭނގޭ ބަހުރުވަޔަކުން ކިޔަވަން އިނެވެ. އޭރު އަމާނީ ގޮވައިގެން އައި މީހާ އަމާނީ ބިންމަތީގައި ބާއްވަނީއެވެ. އަދި އަލިފާންގަނޑު ކައިރީގައި އިން އަންހެންމީހާ ވަގުތުން އަމާނީގެ އަތްފައި ބަންނަން ފަށައިފިއެވެ. ސާރާ އެހިސާބަށް ދާން އުޅެނިކޮށް އަމާނީ ގޮވައިގެން ދުވެފައި އައި މޫނު ފޮރުވައިގެން ހުރި ފިރިހެންމީހާ ސާރާގެ ކުރި ބައްދައިފިއެވެ.
” ދޫކޮއްލާ އަހަރެންގެ ދަރިފުޅުގެ ގައިން… ” ސާރާގެ އަޑަށް އެއަންހެންމީހާ އޭނައާއި ދިމާއަށް އެނބުރުނެވެ. ބޯހާވާއިގެން އިން އެމީހާގެ މޫނުން ފެންނަމުން ދިޔަ ކުޑަ ތަންކޮޅު އަލިފާނުގެ އަލީގައި ވަރަށް ރަނގަޅަށް ސާރާއަށް ފެނުނެވެ.
” އާތިކާ! ” ސާރާއަށް ދެލޯ ބޮޑުކޮއްލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Jazakillah hairan🤍
Wow kihineh mivee mulhin aashokh vejje
Aathika mivee dhe moonulee fahkaa niyadhura kah dho, saaraa mivee aslu heekuri henneh noondho thikamuga aathikaa feyssi iloshin (dharifulhu،) aathikaage naslu fana nuvaaneba? Mivaahaka yakee vv thafaathu vv reethi vaahaka eh heeve nukuraa gothakah thi badhalu vv salhi
Hehe lets see dhw… jazakillah hairan dear 🤍
Waiting for the next…….
🤍