” ކޮބާ މާނީ؟ ” އަހަރެން އަހާލީމެވެ. އަހަރެން ކުރި ސުވާލުން އޭނަ ތުން އަނބުރާލިތަން އަހަރެންނަށް ފެނުނެވެ.
” ވެއްޖެ. އެންމެ މަތީ ބައިގައި. ” ސާރާ ފަރުވާކުޑަކަމާއި އެކު ޖަވާބުދިނެވެ.
” މައްޗަކު ނެތް. އެއްވެސް ތާކު ނެތީމައިތާ މިއަހަނީ އެހެން… ” އަހަރެން ހިތްހަމަ ނުޖެހިފައި ބުނީމެވެ.
” އެންމެ މަތީބައިގައި ސިޑި ކައިރި އިންނަ ގެސްޓް ރޫމް އިން ވަދެވެން އިންނަ ކުޑަ ޕުލޭ ރޫމުގައިވާނެ. އަހަރެންނަށް އުނދަގޫ ނުކޮށް ގޮސް ބަލާ އަމިއްލައަށް! ” ސާރާ ރިމޯޓުން ޗެނެލްތައް ބަދަލު ކުރަމުން ދިޔައެވެ. އަހަރެން ސިކުންތު ކޮޅަކުވެސް މަޑުނުކޮށް ގޮސް އެރީ މައްޗަށެވެ. އަހަރެންގެ ފަސްފަހަތުން އަރީންވެސް އައެވެ. ސާރާ އެބުނި ކޮޓަރިއަކަށް ވަދެ ގޮސް ކޮޓަރީގެ އެތެރެއިން ވަދެވެން އިން ޕުލޭ ރޫމަށް ވަތް އިރު ފެނުނު މަންޒަރުން އަހަރެންނަށް ބަލަން ހުރެވުނެވެ.
” ދަރިފުޅު.. ތިއީ ކޮންކަމެއް؟ ” އަހަރެން އޭނަގެ ގާތަށް ތިރިވެލަމުން އަހާލީމެވެ.. އަމާނީ ކުޅެން އިން ކުޅޭ އެއްޗެހީގެ ތެރެއިން ހަތަރު މީހުން ސިފަވާ ކުޅޭ ބުދުތަކުން ބޮޑުކޮށް ހުރި ފިރިހެންމީހާއާއި ކުޑަ ފިރިހެންކުއްޖާވަނީ ކުޑަ އަންހެންކުއްޖާއާއި އަންހެންމީހާއާއި ވަކިކޮއްލާފައެވެ.
” މާނީ ބައްޕަ ބޭނުމެއް ނޫން. ބައްޕަ ދޭ! ” އަމާނީ ރުޅިއައިސްގެން އަހަރެންނާއި ދުރަށް ޖެހިލިއެވެ.
” ބައްޕަ މިއައީނުން ދަރިފުޅޫ… ” އަހަރެން އަމާނީއަށް ބަލާލަމުން ހިނިތުންވެލީމެވެ.
” ނޫން! މަންމަ ބުނީ ބައްޕަ ބޭނުމެއް ނުވެޔޯ މާނީއެއް! ބައްޕަ ހަމައެކަނި ލޯބިވަނީ ދޮންބެ ދެކެޔޯ! ” އަމާނީ އޭނަ އެންމެ ލޯބިން ގެންގުޅޭ ކުޅޭ ސާމާނުތައް ހެދުމުގެ ފަސްބަޔަށް އަޅާލައި ދުވެފައި ކޮޓަރިން ނުކުތުމުން އަރީން އޭނަގެ ފަސްފަހަތުން ދުއްވައިގަތެވެ. އަހަރެންނަށް ބިންމައްޗަށް ތިރިވެވުނެވެ. ސާރާ އަހަރެންނާއި ބެހޭގޮތުން އަމާނީގެ ގާތުގައި ފާޑު ފާޑު ވާހަކަދެއްކީތާއެވެ. އަހަރެންގެ މައްޗަށް އަމާނީ އޮތް ލޯބި ސާރާ އެއުޅެނީ އެއްކޮށް ފުނޑު ފުނޑުކޮއްލާށެވެ. އެހެންވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަމިއްލަ ދަރި ކަމުގައި ނުވިޔަސް އަމާނީދެކެ އަހަރެންގެ އަމިއްލަ ދަރިޔެއްދެކެވާހާ އިންތިހާއަށް ލޯބިވެއެވެ. ސާރާ ވެސް އަދި އަމާނީ އަހަރެންގެ އަތުން ބީވެގެން ދާކަށް ބޭނުމެއް ނޫނެވެ.
—
ރޭގަނޑު ދަންވަރުގެ ވަގުތު އަހަރެންނަށް ހޭލެވުނީ ކޮޓަރީގެ ދޮރު ހުޅުވާ އަޑަށެވެ. ކުޑަކޮށް ބޯހިއްލާ ދޮރާއި ދިމާއަށް ބަލާލި އިރު ސާރާ ދޮރުން ބޭރަށް ނިކުންނަނީއެވެ. ހައިރާންވެފައި އަހަރެން ގަޑި ބަލާލި އިރު ދަންވަރު ދެއެއް ޖަހައިފިއެވެ. މިގަޑީގައި އޭނަ އެދަނީ ކޮންތާކަށް ހެއްޔެވެ؟
“ސާރާ… ” އަހަރެން އޭނަ ނުކުތުމުގެ ކުރިން ގޮވާލީމެވެ. އޭނަ ސިހިފައި އަހަރެންނާއި ދިމާއަށް ބަލާލިއެވެ.
” މިދަނީ މާނީގެ ގާތަށް… ސަލީމް ނެތި ދިޔަ ދުވަސްކޮޅު އަރީންވެސް ނެތީމައި އޭނަ އެކަނިވެގެން އުޅުނީ… އެހެންވެ ކޮންމެ ރެއަކު އޭނަގެ ގާތަށް ނިދަން ދާން ޖެހޭ… ” ސާރާ ވާހަކަދެއްކި ގޮތުން ހީވަނީ ކަމެއް ފޮރުވަން އުޅޭ ހެންނެވެ. ނަމަވެސް މިވަގުތު ސުވާލުކޮއްގެން އަހަރެންނަކަށް އެދެވޭ ޖަވާބެއް ނުލިބޭނެއެވެ. އޭނަ އަދިވެސް އެހުރީ އަހަރެންދެކެ ހިތްހަމަ ނުޖެހިފައެވެ. އިރުއޮއްސުނު ވަގުތު އަމާނީއާއި މެދު ހިނގި ވާހަކަ ވެސް އަހަރެން ސާރާއާއި ނުދައްކާ މަޑުކުރީ އޭނައަށް ހުރިހާ ކަމެއް ރަނގަޅުކުރަން ވަގުތު ދޭން ބޭނުންވާތީއެވެ.
—
22 އޮކްޓޯބަރ 2008
” އަލްޙަމްދުލިﷲ ސާރާ ބަދަލުވީމައި… އަހަރެން ވަރަށް އުފާވޭ… ” އަހަރެން ސާރާގެ އަތުގައި ހިފާލަމުން އޭނަ ގާތްކޮއްލީމެވެ. ސާރާ ވެސް ހިނިތުންވެލަމުން އަހަރެންގެ ކޮނޑުގައި ބޯއަޅާލިއެވެ. ހަވީރުގެ ހިތްގައިމު ވަގުތު އަހަރެމެން ދެމިހުން ތިބީ އުނދޯލީގައެވެ.
” އެކަމް ސާރާ… ކީއްވެތަ މިހާރު އަރީންއާއި އަމާނީ ތަފާތުކުރަނީ؟ އަރީން ކީ ސާރާ އެއްވެސް ކަމެއް އޭނައަށް ނުކޮއްދޭ ވާހަކަ. ބުނި ކީއްވެހޯ މަންމަ ރުޅިއައިސް އެހުންނަނީ އަރީންދެކެ؟ އަހަރެންގެ ގާތުގައި އެހި މަންމަ މިހާރު އަަރީންދެކެ ލޯބި ނުވަނީހޯ؟ ” އަހަރެން ސުވާލުކުރީމެވެ. ކުރިން ކުދިންނަށް އަޅާލާހެން ސާރާ މިހާރު ހަމައެކަނި އަޅާލަނީ އަމާނީ ދެކެއެވެ. އަދި ސާރާއާއި ހިލާފަށް އަމާނީ އަހަރެންނާއި އަދިވެސް ވާހަކައެއް ނުދައްކައެވެ. އަހަރެންނާއި ސާރާ ޖެހިގެން މިއުޅޭ މައްސަލަތައް ހައްލުކޮށް ކަންކަން ރަނގަޅުކުރެވޭނީ ވާހަކަދައްކައިގެން ކަމަށްވާތީއެވެ.
” ތިހެން ހަމަ އަހަރެންނަށް ބުނެވޭނެ ދޯ؟ ސަލީމް މާނީ މިހާރު ދުރުކޮއްލައިގެން އުޅޭތީ… ” ސާރާ ޖަވާބު ދިނުމުގެ ބަދަލުގައި ވާހަކަ ބަދަލުކޮއްލިއެވެ.
” އަހަރެންނެއް ނޫންދޯ އަމާނީއާއި ދުރުވީކީ.. ސާރާ އޭނަގެ ގާތުގައި އަހަރެންނާއި ބެހޭގޮތުން ދޮގު ވާހަކަތައް ދެއްކީމައި ދޯ އޭނަ އަހަރެންނާއި ދުރުން އުޅެނީ… އަރީންއާއި މަދުމަދުން ވާހަކަ ދެއްކިޔަސް އޭނަ އަހަރެންނާއި އެއްގޮތަކަށް ވެސް ވާހަކައެއް ނުދައްކާ… ” އަހަރެން މެދު ގޯތިތެރޭގައި ކުޅެން ތިބި އަރީންއާއި އަމާނީއަށް ބަލާލަމުން ބުނެލީމެވެ.
” އަހަރެން ނުބުންޏަސް އޭނައަށް އިނގޭ ސަލީމް… އޭނައަށް އިނގޭ އަހަރެެމެން ދެމިހުން މައްސަލަ ޖެހިގެން އުޅުނުކަން. އެހެންވެ އޭނަ އެހެން އެއުޅެނީ… ދެން އެކަމަކުވެސް އަހަރެން މާނީއާއި ތިވާހަކަދައްކާނަން… ” ސާރާ ވެސް އަހަރެންނަށް ބަލާލަމުން ހިނިތުންވެލިއެވެ.
” އަރީންއާއި ވެސް އިނގޭ… އޭނައަށް އަދިވެސް ސާރާ މުހިންމޭ… އަމިއްލަ މަންމަ ހުއްޓަސް އޭނަ އަބަދުވެސް ސާރާއަށް ހާއްސަ އިސްކަމެއްދޭކަން އިނގޭތަ؟ ކުރިން ދުވަހު ވެސް އަހަރެން ގާތުގައި ބުނި ސުކޫލުން ނިމިގެން އަންނަމުން ޗޮކުލެޓެއް ގަނެދޭން. ގަނެގެން ގެޔަށް އައިއްސަ ޔުނީފޯމް ވެސް ނުބާލައި ދަބަސް އެއްލާލާފައި އޭނަ ދިޔައީ ސާރާއަށް އެ ދޭންވެގެން. އެދުވަހު ސާރާ މާނީ ގޮވައިގެން ޑޮކްޓަރަށް ދިޔަކަމެއް އޭނައަކަށް ނޭނގޭ.. ސާރާ ކޮބައިތޯ ގޮސް ބަލާފައި އައިސް ބުނީ މަންމަ ދިޔައީ ހެއްޔޯ؟ ޗޮކުލެޓު މަންމައަށް ދޭންވެގެންނޯ… މަންމައަށް ވަރަށް މީރު ވައްތަރެކޯ މިއީ… އަނެއްކާ އަރީން އެއީ ސާރާގެ ދަރިޔަކަށް ނުވިޔަސް ސާރާ އޭނަ ބަލައިގަތްހެން އަހަރެން އަމާނީވެސް ބަލައިގަތީމެއްނު… އެހެންވީމައި އިނގޭ ސާރާ… މާނީއާ ދޭތެރޭ ކަންތައް ކުރާހެން އަރީންނާއި ދޭތެރޭވެސް ކުރިންހެން ރަނގަޅަށް ކަންތައް ކުރައްޗޭ.. އަހަރެން ވަރަށް އުފާވޭ އަބަދުވެސް އެންމެން ގުޅިގެން އުޅެންޏާ.. ” އަހަރެން ނަސޭހަތްތެރިވަމުން ސާރާގެ އަތުގައި ހިފާލީމެވެ. ސާރާ ޖަވާބުދިނުމުގެ ބަދަލުގައި ނިއްެއަރުވާލިއެވެ. އަދި އުނދޯލީގެ އެފަރާތު ގަސްތަކުގެ ތެރެއަށް ބަލާލިއެވެ.
” އަދި އެއްވާހަކަ… ކޮންމެ ދުވަހަކު ރޭގަނޑު އެހާ ލަހުން ކީއްވެ މާނީ ގާތަށް ތިދަނީ؟ އޭނަ ނިދަންޏާ ނިދާ ގަޑީގައި ދިޔައީމައި އެއްނު ރަނގަޅުވާނީ…؟ އަނެއްކާ އޭނަ މާބޮޑަށް ބަލީތަ؟ ނޫނީ އެހެންކަމެއް ފޮރުވަނީތަ؟ ” އަހަރެން ހައިރާންވެފައި ސުވާލުކޮއްލީމެވެ. އަހަރެން އެނބުރި ލަންކާއަށް އައިތާ ހަފްތާއެއް ވެގެން ދިޔައިރު ކޮންމެ ރެއަކު އެއްވަގުތަކު ސާރާ އަމާނީގެ ގާތަށް ދާން ދަންވަރު ހޭލާއިރަށް އަހަރެންނަށް ވެސް ހޭލެވެއެވެ. ކޮންމެ ރެއަކުވެސް ސުވާލުކުރުމުން ބުނާނީ އަމާނީ ގާތަށް ދަނީ ކަމަށެވެ.
” ނޫ.. ނޫން.. ނުފޮރުވަން… އެއީ… އެއީ އެއްގަޑިއަކަށް މާނީއަށް ނިދިފައި ހޭލެވޭތީވެ. ދަންވަރު ދެއެއް ޖަހާއިރު އާއްމުކޮށް އެހެންވަނީ… ” އަޅައިއަޅައި ގަންނަމުން ސާރާ ޖަވާބުދިނެވެ. ސާރާގެ މޫނަށް ވެރިވި ހަސްކަން ފޮރުވަމުން ކަހަލަ ގޮތަކަށް ބުނުމުން އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. އަދިވެސް ސާރާ އަހަރެންނަށް ކަމެއް ފޮރުވާހެން ހީވަނީ ކީއްވެ ހެއްޔެވެ؟
” ފަހުން ދުވަހު ފިޒިއޯ ތެރަޕީއަށް ގޮސް ޑޮކްޓަރަށް ދައްކާލަން ދިޔައިމައި ބުނި ކުޑަކޮށް މެންޓަލް ތެރަޕީ ނަގަން ޖެހޭ ވާހަކަ. މާނީއަށް ދަންވަރު އެހެން ހޭލެވޭ ވާހަކަ ބުނީމައި. ބުނީ ހީވަނީ ކުއްލި ގޮތަކަށް ބޮޑުކަމެއް ދިމާވެ އެހެން ހޭއެރި ފަހުން އޭނަ ހިތްހަމަނުޖެހޭ ކަންކަން ދިމާވީމައި ވާގޮތެއް ކަމެއް. މިހާރު އިންނާނެ ދެން އަންނަ އާދިއްތަ ދުވަހަށް އެޕޮއިންޓްމެންޓް ހައްދާފައި މެންޓަލް ތެރަޕީ ނަގަން… ސަލީމް އެކަމާއި ހާސްނުވެބަލަ… ދެން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެކަމަށް އުއްމީދު މިކުރަނީ… ” ސާރާ އުނދޯލިން ތެދުވިއެވެ.
” އިން ޝާ ﷲ… ހިނގާ ދެން އެތެރެއަށް ދަމާ ދޯ؟ އިރުއޮއްސެން އެއުޅެނީ… ” އަހަރެންވެސް އުނދޯލިން ތެދުވީމެވެ.
—
15 ނޮވެންބަރ 2008
ލަންކާއަށް އައިތާ މަހެއް ވެގެން ހިނގައްޖެއެވެ. ރޭގެ ވަރުގަދަ ވިއްސާރައަކާއި ސާދަވިލޭރޭގެ ހަނދަށްފަހު އިރު އަރައިގެން އައި އިރު އަަހަރެން އިނީ އުނދޯލީގައެވެ. ހެނދުނު އޮފީހަށް ދިއުމުގެ ކުރިން މިއަދު ހަމަ ކޮފީއެއް ބޯލާއި ހިތްހަމަ ޖައްސާލައި ހިތުން އަހަރެން ފަތިސް ނަމާދަށްފަހު ކޮފީއެއް ހަދާލައިގެން މެދު ގޯތިތެރެއަށް ނިކުމެލީއެވެ. އަހަރެން ނަމާދުކުރަން ތެދުވި އިރު ސާރާ ނެތުމުން އޭނަ އަމާނީގެ ގާތަށް ރޭގައި ވެސް ދިޔައީކަން އެނގުމުން އޭނައަކަށް ނުގޮވަމެވެ. އެކަނިމާ އެކަނި ހެނދުނުގެ ދުންފިނިކަން މަޑުކުރަމުން ދިޔަ އިރާއި ދިމާއަށް އަހަރެން ބަލަހައްޓައިގެން އިނީ ހިތްހަމަޖެހިފައެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ﷲގެ އިރާދަފުޅުން ރޭގައި ނިދުމުގެ ކުރިން އަމާނީ އަަހަރެންނަށް އެހާ ދުވަސްފަހުން ބައްޕާއޭ ކިޔާ ގޮވާލުމުންނެވެ. އަދި އަަހަރެންގެ ގާތުން މައާފަށް އެދި އޭނަ ކުރިންހެން ބަސްއަހައިގެން އުޅޭނެ ވާހަކަ ބުނުމުންނެވެ.
ހިތްހަމަޖެހިގެންވާ ހާލު އަހަރެން މަޑުމަޑުން ކޮފީތަށި ބޮމުން ދަނިކޮށް ޖީބުގައި އޮތް ފޯނު ރިންގުވިއެވެ. ޔަޤީނެވެ. މިގަޑީގައި ގުޅާނީ އާތިކާއެވެ. އަރީން ސުކޫލަށް ދާން ހޭލިތޯ ބަލަން އޭނަ ކޮންމެ ދުވަހަކު މިހާރު ގުޅާ ހަދައެވެ. ބައެއް ފަހަރު ހީވާ ގޮތުން އޭނަ އެގުޅަނީ އަހަރެންގެ އަޑު އަހާލުމަށް ކަމަށް ވެސް ވެދާނެޔޭ ހީވާ ފަހަރު ފަހަރު ނުލާހިކު ހިނިވެސް އާދެއެވެ. އަވަސް އަރުވާލައިގެން ފޯނު ނަގައި ބަލާލި އިރު އަަހަރެން ހީކުރި ގޮތަށް ގުޅަނީ އާތިކާއެވެ.
” ގުޑް މޯނިން އާތި… ” އަހަރެން ނުހަނު ހިނިއައިސްފައި އިނދެ ޖަވާބުދިނީމެވެ.
” މޯނިން.. ކޮބާ އަރޫ ހޭލައިފިތަ؟ ” އާތިކާ އާދައިގެ މަތިން މިއަދުވެސް ކުރީ އެއްސުވާލެކެވެ.
” އަދި ނުބަލަން. ހީވަނީ މިހާރު ހޭލަފާނެހެން… އިނގޭތަ؟ މިއަދު މިއިނީ ބޭރު އުނދޯލީގައި. ކޮފީއެއް ބޯލަން… އާތި ގާތުގައި އަހަރެން ބުނި ހަނދާންވޭތަ؟ ދެމިހުން މިއުނދޯލީގައި ކޮފީބޯން ހެނދުނު ހެނދުނާ ތިބޭނެ ވާހަކަ.؟ މައްސަލައަކީ މިއަދު އާތި މިތާ ނެތްކަން. އެހެންނޫންނަމަ އެހުވަފެން މިހާރު ކާމިޔާބު ވެއްޖައީސް… ” އަހަރެން ހިނިގަނޑެއް ޖަހާލީމެވެ.
” ހޫމް ސާބަސް… އަދި ތިކަންވެސް ހަމަ ކާމިޔާބު ވެދާނެއެއްނު.. ” އާތިކާ ވެސް ހިނިގަނޑެއް ޖަހާލިއެވެ.
” ހޫމް. އިން ޝާ ﷲ އަންނަ މަހު ކާމިޔާބުވާނެކަމަށް މިބަލަނީ… މިހާރު ﷲ އިރާދަކުރެއްވީތީ ހުރިހާ ކަމެއްވެސް ރަނގަޅު. ސާރާއާއި ވެސް މިހާރު ވާހަކަދައްކާ ކަންކަން ހައްލުކޮއްފިން… އިނގޭތަ؟ ރޭގައި އަމާނީ އަަހަރެންގެ ގާތުގައި ސޮރީ ބުނެފި. ސާރާ ބުނީ މިހާރު ތެރަޕީ ނަގާތީ މަޑުމަޑުން ރަނގަޅުވާ ވާހަކަ… އެހެންވެ ކަންނޭނގެ ދޯ އެއީ… ” އަހަރެން އުނދޯލިން ތެދުވެ ކޮފީ ތަށި އުނދޯލީގައި ބަހައްޓާލީމެވެ.
” ހޫމް އެހެން ކަންނޭނގެ ދޯ.. އަލްޙަމްދުލިﷲ… ވަރަށް ސަލާމް މިކޮޅުން އިނގޭ.. އަރޫ ގާތުގައި ބުނޭ އޭނަ ސުކޫލުން އައީމައި އަހަރެން ގުޅާނަމޭ… އިހަށް ބޭއްވިއްޔޭ… ބައްޕަ އެބަ ގޮވާލައްވާ… ” އާތިކާ ފޯނު ކަނޑާލުމުން އަހަރެން މާޔޫސްވި ނަމަވެސް ވާހަކަ ދައްކާލެވުމުން ކުރިޔަށް ވުރެވެސް އިންތިހާއަށް ހިތްހަމަޖެހުނެވެ.
އަހަރެން ފޯނު އަލުން ޖީބަށް ލަމުން ކޮފީ ތަށީގައި ބާކީ ހުރި ބައި ބޯލަމުން ތަށި ހިފައިގެން އެތެރެއަށް ދާން އުޅެނިކޮށް ޖެހުނު ވައިރޯޅިއަކުން ކުނިވަސް ފާޑު ވަހެއް ނޭފަތުގައި ހަރުލިއެވެ. ވަސްގަދަކަމުން އޯކަށް ނުދެމުނީ ކިރިޔާއެވެ. އަހަރެންނަށް ދެން ބަލާލެވުނީ ވައިރޯޅި އައި ގަސްތަކާއި ދިމާއަށެވެ. އަނެއްކާ އެތާނގައި ދިރޭ އެއްޗެއް މަރުވެފައި އޮތީ ބާވައެވެ؟
ކޮފީތަށި އަލުން އުނދޯލީގައި ބެހެއްޓުމަށްފަހު އަހަރެންނަށް ގަސްތަކާއި ދިމާއަށް ހިނގައިގަނެވުނެވެ. ބޮޑު ޖަންގަންޔެއްހެން އޮތް ގަސްތަކުގެ ތިރީ ބިންމަތީގައި ވެލިތައް ނުފެންނަ ވަރަށް ވެރިފައިވާ ފަސްތަކުގެ މައްޗަށް ވެހުނު ވާރޭގެ ސަބަބުން އޭގެ މައްޗަށް އެރުމުން އެހާ ހިކިފަތް އަޑެއް ނުކިޔައެވެ. ބޮޑެތި ފަތްތަކުގައި ހަރުލާފައިވާ ފެންތިކިތައް ވަޔަށް ފައިބަމުން ދިޔައީ ވާރޭ ވެހޭ އުސޫލުންނެވެ. ނަމަވެސް އެއިން ކަމަކަށް އަހަރެން ސަމާލުކަމެއް ނެތެވެ. ވަސް އަންނަ ދިމާލެއް ބެލުމަށް ހިނގަމުން ގޮސް އޭގެ ސަބަބުހެން ހީވާ ދިމާއަށް ދެވުނީ ގަސްތަކުގެ ވަރަށް އެތެރެއަށް ދިޔަ ފަހުންނެވެ. ވެއްޔާއި ފެނާއި އެކުވެ ޗަކަ ހެދިފައިވާ ފެންގަނޑެއްގައި އެއްޗެއް އޮތްތަން ފެނުނެވެ. ރަނގަޅަށް ބަލާލުމުގެ ނިޔަތުގައި ނޭފަތުގައި އަތްއަޅާލަމުން ކުޑަކޮށް ގާތްވެލި އިރު ޗަކަ ފެންގަނޑުގެ އެއްފަރާތަކުން ފެނުނު އެއްޗަކުން އަހަރެންނަށް ދެލޯ ބޮޑުކޮއްލެވުނެވެ. ހަށިގަނޑުން ވަކިވެފައިވާ ބޮލެކެވެ. ކުޑަ އަންހެންކުއްޖެކެވެ.
” މާނީ!!!
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
Awww🥹 Jazakillah hairan dear 🤍
Vv reethi mipart ves.
Kuriah oe partah adhi maa kiyaalan vvbeynun v avahah kiyaalan libeyne kamah unmeedhu kuran
Jazakillah hairan zeena 🤍
Mihaaru upload kohlaafa vaaney ☺️