ދޫނި ކޮށި
ދުވަހަކީ އުޑުމަތި ސާފު ހިތް ފަސޭހަ ދުވަހެކެވެ.ޖެހޭ ނަލަ ވައި ރޯޅިތަކުން ހިތްތައް ތާޒާވެއެވެ.ގޯތިތެރޭގައި ބަހައްޓާފައިހުރި ދޫނިކޮށިން ދޫނިތައް ގޮވާ އަޑު އިވުމުން އިތުރު ހިތްގައިމު ކަމެއް ލިބެއެވެ.އަކީލް އޮތީ ޖޯލިފަތީގައިި ދޫނިކޮއްޓަށް ބަލާށެވެ.މިދޫނިކޮއްޓަކީ އަކީލް ބައްޕަ ޢީދު ހަދިޔާ އަކަށް އަކީލްއަށް ދިން ދޫނި ކޮއްޓެކެވެ.މިހާރު ދޫނިކޮށީގައި ވަރަށްގިނަ ދޫނި އެބަތިއްބެވެ.މިއީ ވަރަށް ބޮޑު ދޫނި ކޮއްޓެކެވެ.
“ދަރިފުޅާ!އަކީލް” ބައްޕަ ގޮވާލި އަޑު އިވިގެން އަކީލް ބަލާލިއެވެ.އަކީލްއަށް ބައްޕަ ދޮރުން ވަންނަތަން ފެނުނެވެ.ބައްޕަ އަތުގައި ބޮޑު ފޮއްޓެއް އޮތެވެ.ބައްޕަ އައިސް އަކީލް އަށް ފޮށި ދިނެވެ.”މިއީ އަކީލްއަށް ބައްޕަ ދޭ ހަދިޔާއެއް”އަކީލް މަޑުމަޑުން ފޮށި ހުޅުވިއެވެ.އެފޮށިތެރޭގައި އޮތީ ހުދުކުލައިގެ ވަރަށް ރީތި ދޫންޏެކެވެ.އަކީލް ވަރަށް އުފާވިއެވެ.ބައްޕަގެ އެހީއާއިއެކު ދޫނި ކޮއްޓަށްލިއެވެ.ބަންގި ގޮވާއަޑުއިވުމުން އަކީލް ދިޔައީ ބައްޕައާއިއެކު ނަމާދަށް ދާން ތައްޔާރުވާށެވެ.
އަކީލް އެރޭނިދަން ދިއުމުގެ ކުރިން ދޫނިތަކަށް ކާން އެޅިއެވެ.އަދި ތާޒާ ފެންވެސް އެޅިއެވެ.އަކީލް ނިދަންއޮއްވާ ދޫނިކޮށިން ވަރަށް ބާރަށް ގޮވާއަޑު އިވުނެވެ. އެކަމާވިސްނަން އޮއްވާ އަކީލް އަށް ނިދުނެވެ.
އަނެއްދުވަހު ހެނދުނުތެދުވެ އަކީލް ދިޔައީ ދޫނިކޮށި ބަލާލާށެވެ.އޭރު މަންމައާއި ބައްޕަ ތިބީ ދޫނިކޮށި ކައިރީގައެވެ.”ދަރިފުޅާ މި ދޫނިތަކަށް ގޮތެއް ވެފަ މިތިބީ.ތިން ދޫނި މަރުވެފައިވެސް އެބައޮތް” އަކީލް ފެނުމުން މަންމަ ބުންޏެވެ.އަކީލް ދޫނިތަކަށް ބަލާލިއެވެ.ދޫނިތައް ތިބީ ވަރަށް މަޑުމަޑުންނެވެ.ބިރުގަނެފައެވެ.މަރުވެފައި އޮތް ދޫނިތައް އޮތީ ކަރު އަނބުރާލާފައެވެ.ކޮށީގައި ލޭވެސްހުއްޓެވެ.އަކީލް ވަރަށް ދެރަވެގެން ރޯން ފެށިއެވެ.މަންމަ އާއި ބައްޕަ އަކީލް އަށް ހިތްވަރުދިނެވެ.ބައްޕަ ދޫނިކޮށި އަލުން ސާފުކޮށް މަރުވެފައި ތިބި ދޫނިތައް ވަޅުލިއެވެ.
އެރޭވެސް އަކީލް ނިދަން ދިޔައީ ދޫނިތަކަށް ތާޒާ ފެނާއި ކާނާ ދީފައެވެ.އަކީލް ނިދާފައި އޮއްވާ ހޭލެވުނީ ދޫނިތައް ގޮވާއަޑަށެވެ.އަކީލް ބޭނުންވީ ދޫނިކޮށި ބަލާލަން ދާށެވެ.އެކަމަކު ދާކަށް ނުކެރުނެވެ.އަނެއްދުވަހުވެސް ހެނދުނު އަކީލް ފުރަތަމަވެސް ދިޔައީ ދޫނިކޮށި ބަލާށެވެ.އޭރު ބައްޕަ އުޅެނީ ކޮށި ސާފު ކުރާށެވެ.”ދަރިފުޅާ!ރޭގަވެސް މިއޮތީ ކޮންމެވެސް އެއްޗެއް ދޫނިކޮއްޓަށް ހަމަލާދީފަ.ފަސްދޫނި މަރުވެފައި އެބޮތް.”އަކީލް ވަރަށް ދެރަވިއެވެ.އެންމެ އޮޅުދޫނިވެސް އޮތީ މަރުވެފައެވެ.އަކީލް ދޫނި ކޮއްޓަށް ބަލާލިއެވެ. ހުރިހާ ދޫނިތައް ތިބީ ވަރަށް ބިރުންނެވެ.އެކަމަކު އަލަށް ގެނަ ދޫނި އިނީ ނިދާލާފައެވެ.އެދޫނީގެ ފިޔަތަކުގައި ލޭވެސް ހުއްޓެވެ. އަކީލް މިކަމާ ވަރަށް ވިސްނިއެވެ.
އެދުވަހު ބައްޕަ ދޫނިކޮށި ކައިރީގައި ކެމެރާ ހަރުކުރިއެވެ.އަކީލް އާއި މަންމަ އަދި ބައްޕަވެސް ހުރީ ދޫނިތަކަށް ވަނީ ކިހިނެއްތޯ ބަލަންބޭނުންވެފައެވެ.އަކީލް ނިދަން ދިޔައީ އާދައިގެ މަތިން ދޫނިތަކަށް ކާން ދީފައެވެ.އެރޭވެސް ދޫނިތައް ގޮވާއަޑު އަކީލްއަށް އިވުނެވެ.އަކީލް އޮތީ ވަރަށް ބިރުންނެވެ.އަނެއް ދުވަހު ވަރަށް ހެނދުނު އަކީލް ތެދުވެގެން ދޫނިކޮށި ކައިރިއަށް ދިޔައެވެ.ދޫނިކޮށީގައި މުޅި ޖުމުލަ ތިބީ ތިން ދޫންޏެވެ.އެއީ އެންމެ ފަހުންގެނަ ދޫންޏާއި އިތުރު ދެދޫންޏެވެ.އެހެންދޫނިތައް ތިބީ މަރުވެފައެވެ.އަކީލް ވަރަށް ބާރަށް ރޯންފެށިއެވެ.މި އަޑަށް މަންމަ އާއި ބައްޕަވެސް އައެވެ.މަންމަ އާއި ބައްޕަ އަކީލް ގޮވައިންދިޔައީ ހަރުކުރި ކެމެރާއިން ވީގޮތް ބަލާށެވެ.
އެންމެން ތިބީ ބިރުގަނެފައެވެ.ވީޑިއޯއިން ފެންނަނީ ބައްޕަ އެންމެ ފަހުން ގެނަ ދޫނީގެ ސިފަ ބަދަލުވާތަނެވެ.ބޮޑު ބިރުވެރި ސިފައަކަށް ބަދަލުވެ ދޫނިތަކުގެ ލޭބޯލާފައި ކަރު އަނބުރާލާފައި ވައްޓާލަނީއެވެ.ބައްޕަ ވަގުތުން ޕޮލިހަށް ގުޅާ އެދޫނި ހަވާލު ކުރިއެވެ.އަކީލް ބިރުގަނެފައި ހުރިވަރުން ދޫނި ގެންގުޅޭކަށް ބޭނުމެއް ނުވިއެވެ.ބާކީއިން ދެދޫނި ބޮޑުބޭބެއަށް ދިނީއެވެ.އޭގެފަހުން އަކީލް ދޫންޏެއް ނުގެންގުޅެއެވެ.
ނިމުނީ
2 Comments!
Comments are closed.

Vaahaka varah reethi varah kiyaalaahithun kiyaalevey
Jinni Kon thaakuh dhiyaee