Skip to content
އެސްފިޔަ

ހިޖުރަ (ފަހުބައި)

“ޔޫނުސް؟” ކަންފަތުގައި ޖެހުނު އަޑަކުން ޔޫނުސްއަށް ހީވީ އޭނަގެ ހިތަށް އާ ދިރުމެއް ލިބުނީ ހެންނެވެ. އޭނައަށް ހިނދުކޮޅެއް ވަންދެން އެއީ ކާކުގެ އަޑެއްކަން ޔަޤީންކުރަން ދަތިވެފައި އިނދެވުނެވެ.

 

“ނަޞް….ރާ؟” ޔޫނުސްއަށް ކިޔާލެވުނެވެ. އެވަގުތު ފޯނުގެ އަނެއްކޮޅުގައި ހުރި ނަޞްރާ ދެލޯ މަރާލުމުން އޭނަގެ ކޯތާފަތްމައްޗަށް ކަރުނަތައް ފައިބައިގެންއައެވެ. ޔޫނުސްގެ އަޑު އިވުނަސް ޔޫނުސް ހުރީ އޭނައާއި ކިހާ ދުރުގައިކަން އެނގުންވީ ހިނދު ނަޞްރާގެ ދެލޯ ތަގުޅިވެ އޭނައަށް ރޮވެން އުޅުނެވެ. ނުރޯން މަސައްކަތް ކުރިއެއްކަމަކު މާ ގިނައިރެއްނުވެ ނަޞްރާއަށް ގިސްލެވެން ފެށިއެވެ. އެ ގިސްލުމުގެ އަޑު އިވިފައި ޔޫނުސްގެ މޫނުމައްޗަށް ވެސް ހިތާމަވެރިކަން ވެރިވިއެވެ. މިފަދަ ވަގުތެއްގައި ފުރަތަމަ ފަހަރަށް ނަޞްރާއާއި މިހާ ދުރުގައި ހުރެވުނީތީ ޔޫނުސްގެ ހިތަށް އުނދަގޫވިއެވެ.

 

 

“ނަޞްރާ ނުރޮއި. ނަޞްރާ ބުނެބަލަ ނަޞްރާ ތިހުރީ ކޮންތާކުކަން. އަހަރެން ބަލައި އަންނާނަން.” ޔޫނުސް ރޫރޫއަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ.

 

“އަހަންނަކަށް ނޭނގޭ އަހަރެން މިހިރީ ކޮންތާކުކަން ޔޫނުސް. އަހަރެން މިތަނަށް ގެނައިއިރުވެސް އޮތީ ހޭނައްތާފަ. އެމީހުން އެރޭ ގެއަށް އައިއްސަ ވަގުތުން ހޭނައްތާލި. އަހަންނަށް ހޭލެވުނުއިރު އޮވެވުނީ މި ކުޑަ ކޮޓަރީގަ. ހޭލެވުނުއިރު ގައިގެ އެތަން މިތަނުގަ ހުރީ ބެންޑޭޖް އަޅާފަ. ނޭނގެ އަހަންނަށް ކޮން ގޮތަކަށް ލިބުނު ޒަޚަމްތަކެއް ކަމެއް.” ނަޞްރާ ރޮވިފައިހުރެ ކިޔައިދިނެވެ. ޔޫނުސް ދެބުމަ ކައިރިކޮށްލަމުން އެއްޗެކޭ ބުނަން އުޅުނު ވަގުތު ނަޞްރާ ދެންވެސް ވާހަކަ ދެއްކިއެވެ.

 

“ޔޫނުސް ކިހިނެއްތަ؟ މި މީހުން އެބަ ބުނޭ ޔޫނުސްއަށް ވެސް އަނިޔާތަކެއް އެބަދެވޭ. އެއީ ތެދެއްތަ؟” ނަޞްރާ ސުވާލުކުރިއެވެ.

 

“ނޫން ނަޞްރާ އެއީ ދޮގު! އަހަރެން މިހިރީ ގޭގަ ސަލާމަތުން. އެކަމަކު އަހަރެން ރަނގަޅެއްނޫން. ނަޞްރާމަތިން ހަނދާންވަނީ.” ޔޫނުސް އެހެންބުނެލިއިރު އޭނަގެ ކޯތާފަތްމައްޗަށް ކަރުނައެއް ފައިބައިގެންއައެވެ.

 

“ޔޫނުސް….” ނަޞްރާ މިފަހަރުވެސް ރޮވިފައިހުރި އެއްޗެކޭ ބުނަން އުޅުނު ވަގުތު އޭނައަށް ބޭރުން ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ. އެއާއެކު އޭނައަށް ދޮރާއި ދިމާލަށް ނަޒަރު ހިންގާލަމުން ތެޅިގަނެވުނެވެ.

 

“ޔޫނުސް އަހަރެން ބާއްވަނީ ބާއި.” ނަޞްރާ އެއްނޭވާއަކުން އަވަސްއަވަހަށް ބުނެ އޭނަގެ އަތުގައި އޮތް ފޯނު ދުރުގައި ބޭއްވިއެވެ. އެވަގުތު ފޯނުގެ އަނެއްކޮޅުގައި ހުރި ޔޫނުސް އެއްޗެކޭ ބުނަން އުޅެފައި ފޯނުގެ ސްކްރީނަށް ޙައިރާންކަމާއެކީ ބަލާލިއެވެ. ފޯނު އަދިވެސް ނުކެނޑޭކަން އެނގުމުން ޔޫނުސް އަނެއްކާވެސް އޭނަގެ ކަންފަތުގައި ފޯނު ޖައްސާލިއެވެ.

 

މިފަހަރު ނަޞްރާއަށް ތަޅުންމަތީގައި ނުއޮށޯވެނީސް އެއްކަލަ ޒުވާނާ ދޮރު ހުޅުވައިފިއެވެ. ނަޞްރާ ހޭލާ އިންތަން ފެނިފައި ޒުވާނާގެ ރަތްވެފައިވާ ދަތްތައް ފެނުނެވެ.

 

“ލޯބިވާ ހޭލީތަ؟” ޒުވާނާ އެހެން ބުނެލި އަޑު ފޯނުގައި އިން ޔޫނުސްއަށް އިވިފައި އޭނަގެ ބުމަގޮށްޖެހުނެވެ. ޒުވާނާގެ ޖެހިލުންވެފައި އިން ނަޞްރާއާއި ދިމާލަށް އަޅަމުން ދިޔަ ފިޔަވަޅުތަކުގެ އަޑު އިވުމުން ޔޫނުސް ފޯނު ކަނޑާލިއެވެ. އެއަށްފަހު އަނެއްކާވެސް އެ ނަންބަރަށް ގުޅާލިއެވެ. ޒުވާނާ ނަޞްރާއާއި ފިޔަވަޅެއްހާ ދުރުގައި ހުއްޓާ ފޯނު ރިންގުވާ އަޑު އިވުނެވެ. އެއާއެކު އެ ޒުވާނާއާއި ނަޞްރާގެ ނަޒަރުވެސް އެ ފޯނަށް ހުއްޓުނެވެ. އެއީ ޔޫނުސްއޭ ހިތަށްއެރި ވަގުތު ނަޞްރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ޒުވާނާ ހިސާބަކަށް ނުރުހުންވެހުރެ ގޮސް ފޯނު ނަގައި ބަލާލިއެވެ.

 

“ކާކުތަ ގުޅަނީ؟” ދޮރުމައްޗަށް އެރި ގަމީހާއި ފަޓުލޫނު ލައިގެން ހުރި މެދު އުމުރުގެ ފިރިހެން މީހާ ސުވާލުކުރިއެވެ.

 

“ނޭނގޭ. މިއީ ފާއިޒްގެ އާ ނަންބަރު ކަންނޭނގެ. ހެލޯ؟” ޒުވާނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ޔޫނުސްއަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނެވެ.

 

“ކެނޑުނީތަ އަނެއްކާ؟ ފާއިޒް؟ ކިހިނެއްތަވީ ބޮޑު މީހާގެ އާ އަމުރެއް އައީތަ؟” ޒުވާނާ ބުނެލި ވާހަކައިން ޔޫނުސްއަށް ހީވީ އޭނައަށް ރަނުގެ ފުރުޞަތެއް ލިބުނީހެންނެވެ. އޭނަ ވަގުތުން ނަޞްރާ ދޫކޮށްލަން އަންގަން ބޭނުންވިއެވެ. އެހެނަސް އެމީހުންނަށް އޭނައަކީ ފާއިޒް ނޫންކަމަށް ޝައްކުވެދާނެތީ ޔޫނުސް އެހެން ބުނަން ޖެހިލުންވިއެވެ. ނަޞްރާ ހުރީ ކޮންތާކުތޯ ސުވާލުކުރަން އުޅެފައިވެސް އޭނަ މިއީ ފާއިޒްވިއްޔާ އެކަން އެނގޭނެއެއްނޫންތޯ ޔޫނުސްގެ ހިތް ބުންޏެވެ. އެހެން ކަމުން އޭނަ ބުނެވިދާނެ އެހެން ވާހަކައަކާމެދު ވިސްނިއެވެ.

 

“ބޮޑު މީހާ ބުނީ އަންހެން ކުއްޖާއަށް ދެން އިތުރުކަމެއް ނުކުރާށޭ. އޭނަ ކޮންމެހެން ވެސް ނުމަރާވެވޭތޯ ބަލަން އެބަޖެހެއެއްނު؟” ޔޫނުސް އޭނަގެ އަޑު ބަރު ކުރެވޭތޯ މަސައްކަތް ކުރަމުން ޖެހިލުންވުމަކާއެކީ ބުނެލިއެވެ.

 

“ކީކޭ؟! އަސްލުވެސްތަ؟ ގައިމު އިއްޔެގަ ވެސް ބޮޑުމީހާ ބުނީ އެ ކުއްޖާއަށް ވެވުނުހާ ގޯސްކަމެއް ކުރާށޭ. ޔަޤީންތަ ބޮޑު މީހާ ބުނީ ތިހެންކަން؟” ޒުވާނާ ދެއްކި ވާހަކަ އަޑުއަހަން އިން ނަޞްރާގެ ނިތަށް ރޫގިނަވިއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ޔޫނުސް އޭނައަކީ ކާކުކަން ޒުވާނާއަށް ނޭނގުނީތީ ހިތާހިތުން ޙަމްދުކުރިއެވެ.

 

“އާނ ޔަޤީން. މިހާރު އެ ޔޫނުސް ވެސް ބުނެފި އެ އަންހެން ކުއްޖާ މަރައިފިއްޔާ ބޮޑު މީހާގެ ވާހަކަ ޚަބަރުގައި ގެންނާނަމޭ.” ޔޫނުސް އޭނަގެ ބަދަލުކުރެވިފައިވާ އަޑުން ބުންޏެވެ.

 

 

“އެހެންތަ؟ އެހެންވިއްޔާ ދެން……..އެ ކުއްޖާ ހަމަ ބަނދެފަ ބައިންދަންވީ؟” ޒުވާނާ އަދިވެސް ޙައިރާންވެހުރެ ބުނެލިއެވެ. ނަޞްރާއާއި ދޮރުމަތީގައި ހުރި ފިރިހެން މީހާގެ މޫނުމައްޗަށް ވެސް ވެރިވީ ޙައިރާންކަމެކެވެ.

 

“އާނ.” ޔޫނުސް ބުންޏެވެ.

 

“އޯކޭ…..ބާއްވަނީ.” ޒުވާނާ އެހެން ބުނެލަމުން ފޯނު ކަނޑާލިއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ޔޫނުސްގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނައަށް ނަޞްރާއާއި ހަމައަށް ނުދެވެނީސް އެ މީހުންނަށް އަސްލު ފާއިޒާއި ދިމާނުވާނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި ދުޢާކުރެވުނެވެ.

 

“އެކުއްޖާއަށް އެއްވެސް ކަމެއް ނުކުރާށޭ ބުންޏޯ ބޮޑު މީހާ.” ޒުވާނާ ފިރިހެން މީހާ ގާތު ބުނެލިއެވެ. އެ އަޑު އިވިފައި ދެންމެ ގުޅީ ޔޫނުސްބާވައޭ ނަޞްރާގެ ހިތަށްއެރިއެވެ.

 

“ކީކޭ؟ އެއީ ހަމަ ފާއިޒްތަ؟” ފިރިހެން މީހާ ޒުވާނާގެ ކައިރިއަށް ޖެހިލަމުން ޒުވާނާގެ އަތުގައި އޮތް ފޯނަށް ބަލާލިއެވެ.

 

“އަހަންނަށް ހީވަނީ އޭނަހެން. ބުނި ތިމަންނަ އާ ނަންބަރެއް ނަގަނީއޭ. އޭ މި ފޯނުން ވެސް އެ ނަންބަރަށް ގުޅާފަ އެބަހުރި. ހަމަ ދެންމެއަކު. އަހަންނެއް ނުގުޅަން.” ޒުވާނާ އަންތަރީސްވެފައި ފޯނުގެ ސްކްރީނަށް ބަލަން ހުރިތަން ފެނިފައި ނަޞްރާގެ ހިތް ނުތަނަވަސްވެ ނިތުން ދާތިކިތައް ހިއްލަން ފެށިއެވެ.

 

“ކޮންތާކުތަ ފޯނު އޮތީ؟” ފިރިހެން މީހާ ސުވާލުކުރިއެވެ.

 

“ފޯނު…….މިތާ އޮތީ!” ޒުވާނާ ކުއްލިއަކަށް އެނގުންވީ ފަދައަކުން ނަޞްރާއަށް ބަލާލިއެވެ. އެއާއެކު ނަޞްރާގެ ހިތް މޭފަޅާލާފައި ނިކުމެދާނެހެން ހީވާ ވަރަށް ތެޅެން ފެށިއެވެ. އޭނަ ވަގުތުން ފިލަން ބޭނުންވިއެވެ. އެހެނަސް ބޮޑު ދެ ފިރިހެނުންގެ ކިބައިން އޭނަ ސަލާމަތް ނުވާނެކަން ޔަޤީންވުމުން ނަޞްރާއަށް އިންގޮތަށް އިނދެވުނީއެވެ. އޭނަ ބަލަބަލާ ހުއްޓާ ޒުވާނާ ފޯނު އަތުގެ ކޮޅަށް ހޫރާލަމުން ދިގު ފިޔަވަޅުތަކެއްގައި އައިސް އޭނަ އިސްތަށިގަނޑުގެ ބައެއްގައި ބާރަށް ހިފަހައްޓާލިއެވެ. އިޙްޞާޞް ކުރެވުނު ތަދެއްގެ ސަބަބުން ނަޞްރާއަށް ދެލޯ މަރާލަމުން ހަޅޭއްލެވުނެވެ.

 

“ކާކަށްތަ ކަލޭ ގުޅީ؟” ޒުވާނާ ހަރުއަޑުން ސުވާލުކުރިއެވެ. ނަޞްރާއަށް ރޮއިގަނެވުނެވެ. އޭނަގެ ފަރާތުން ޖަވާބެއް ނުލިބުމުން ޒުވާނާ އޭނަގެ އިސްތަށިގަނޑަށް އިތުރަށް ބާރުކޮށްލިއެވެ. އެއިން ނަޞްރާގެ ރުއިމުގެ އަޑު ގަދަވުން ނޫންކަމެއްނުވިއެވެ.

 

“އޭނަގެ ޢާއިލާ މީހަކަށްތާ ގުޅާނީ……..މަށަށް ފެންނަނީ މިތަނުން އެހެން ތަނަކަށް މި ކުއްޖާ ބަދަލުކުރަން. މީނަ އަހަރުމެންގެ ވާހަކަތައް އަޑުއަހައިގެން އެ މީހަކަށް މިތިބީ ކޮންތާކުކަން ވެސް ކިޔައިދީފި ކަންނޭނގެ.” ފިރިހެން މީހާ ދުރުގައި ހުރެ ރުޅިވެރިކަމާއެކީ ބުންޏެވެ. އެ ވާހަކަ އިވިފައި ޒުވާނާ ނަޞްރާގެ އިސްތަށިގަނޑު ފަހަތަށް ދަމައި ދޫކޮށްލުމުން ނަޞްރާގެ ބޯ ބާރަށް ގޮސް ތަޅުންމަތީގައި ޖެހުނެވެ. ބޮލަށްވީ ތަދާއިއެކީ ނަޞްރާގެ ލޮލުން ކަރުނަ ހިލުނެވެ.

 

“ހަމަ ރަނގަޅަށް ތިބުނީ. ބޮޑު މީހާއަށް އަންގާނީ ބަދަލުކޮށް ނިމުނީމަ. އަހަރެން ބޭނުމެއްނުވޭ އަހަރެންގެ ފޯނުގެ ސަބަބުން ޖެހުނު މައްސަލައެއް ހައްލު ނުވަނީސް ބޮޑު މީހާއަށް އަންގާކަށް.” ޒުވާނާ ބުންޏެވެ.

 

“އެކަމަކު ބޮޑު މީހާއަށް ނާންގާ ކިހިނެއް މި ކަހަލަ ރީތި ގެއެއް ހޯދާނީ؟ މި ގެ ބޭރުފުށުން ބަލާފަ މީހަކަށް ހިއެއްވެސް ނުވާނެ މިއީ މީހަކު ހައްޔަރުކޮށްގެން އުޅެފާނެ ގެއެކޭ. އެދުވަހުވެސް ޔޫނުސް އައިމަ މި ގެއަށް ބޮޑު މީހާ ގެނައި ޢާއިލާގެ މީހުންވެގެން ކިހާ ރަނގަޅަށް އޭނަ އޮޅުވާލެވުނީ؟ އަހަރުމެންނަށް އެކަނި އެކަން ކުރެވޭނެތަ؟” ފިރިހެން މީހާ ޒުވާނާއަށް ވިސްނައިދޭން އުޅޭފަދައަކުން ކިޔައިދިނެވެ. ޔޫނުސް އޭނައާއި އެހާ ކައިރިއަށް އައިސްފައި ދިޔަ ވާހަކަ އިވުމުން ނަޞްރާގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ.

 

“މާ ގިނަ ވާހަކަ ނުދައްކާ! މިރޭ ދަންވަރު ރަށުތެރެ ހިމޭންވީމަ މީނަ ހޭނައްތައިގެން އެހެން ތަނަކަށްދާނީ.” ޒުވާނާ އިތުރު ވާހަކައެއް އަޑުއަހަން ބޭނުންނުވާ ފަދައަކުން ފިރިހެން މީހާއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްފައި ބުނެލިއެވެ.

 

**

 

އެރޭގެ 2:00 ޖެހި ވަގުތު މިޞްބާޙަށް ހޭލެވުނީ ސިޓިންގް ރޫމުގައި ޓީވީ ހުޅުވާފައި ހުރި އަޑު ކޮޓަރި ތެރެއަށް އިވުމުންނެވެ. އޭނަ އެނދުގައި އޮވެ ކުޑަކޮށް ބޯހިއްލާލަމުން ޙައިރާންކަމާއެކީ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލިއެވެ. ޓީވީގެ އަޑުގަދަވެގެން ދިޔަހެން ހީވުމުން މިޞްބާޙް އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު އެއްވެސް ބޮތްކެއް ނުދިއްލާ ހުރި ސިޓިންގް ރޫމުގެ ދިގު ސޯފާގައި ޓީވީއިން ފުޓުބޯޅަ މެޗެއް ބަލަން އިން އަމީން މިޞްބާޙަށް ފުރަގަހުން ފެނުނެވެ. އަމީންގެ ގާތަށް ދިޔުމަށް މިޞްބާޙް ކޮޓަރިން ބޭރަށް ފިޔަވަޅެއް އެޅުނެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އަމީން އޭނަގެ ކަރުގައި ހިފި ހަނދާންވުމުން އޭނަގެ ޙަރަކާތްތައް މަޑުޖެހުނެވެ. އެއަށްފަހު ބައްޕަ އޭނައަށް ދިންހާ އަނިޔާތައް ހިނދުކޮޅެއްގެ ތެރޭގައި ލޯ ކުރިމަތިން ސިފަވެގެން ދިޔުމުން މިޞްބާޙް ބައްޕަ ގާތަށް ނުދާން ނިންމިއެވެ. އެހެނަސް އެއީ އޭނަގެ ބައްޕައޭ ހިތް ބުނި ހިނދު މިޞްބާޙަށް އަމީނާއި ދިމާލަށް ބަލަން ހުރެވުނެވެ. ބައްޕަ އޭނައަށް އެއްދުވަހު ދިން އަނިޔާއެއްގެ ސަބަބުން އޭނަ ބައްޕައާއި ދުރުވާންވީ ހެއްޔެވެ؟ އެ އެއްމެ ރެއެއްގެ ސަބަބުން މިހާ ދުވަހަކަށް އޭނައަށް އަޅާލައި ހެދީ ބައްޕަކަން ހަނދާން ނައްތާލަންވީ ހެއްޔެވެ؟ ބައްޕަ އެހެންނޫނަސް އެރޭ އޭނައަށް އަނިޔާ ކުރީ އޭނަ ނުބައި ކަމެއް ކުރި ކަމަށް ހީކޮށް އަދަބެއް ދިނުމުގެ ގޮތުންނޭ މިޞްބާޙްގެ ހިތް ބުންޏެވެ. ވީއިރު އޭނަ އެކަމާ ރުޅިވާންވީ ހެއްޔެވެ؟ މަންމަވެސް މިއަދު ވަނީ ބައްޕައަށް ރުޅިވެފައެވެ. އޭނަ ވެސް ބައްޕައާއި ދުރުވާން ފަށައިފިނަމަ އެމީހުންގެ ޢާއިލާ ރޫޅިދާނެއެވެ. މިޞްބާޙް އެހެންވާކަށް ނޭދެއެވެ. ދިރިއުޅުމުގެ މިހާތަނަށް އައިއިރު އޭނަގެ ސަބަބުން މަންމައާއި ބައްޕަ ބައިވަރު ކަންކަމާމެދު ޒުވާބުކޮށްފައިވެއެވެ. އޭނަ ތަނަކަށް ދާން ބޭނުންވުމުން ބައްޕަ ހުއްދަ ދީފައި މަންމަ އެކަމަށް އިންކާރުކޮށްފައިވެއެވެ. މަންމަ އޭނަ ވަޒީފާގައި ހުންނަން ބޭނުންވީއިރު ބައްޕަ ބޭނުންވީ އޭނަ ވަޒީފާއިން ކެނޑިގެން ސްކޫލަށް އަނބުރާ ދާށެވެ. ބައްޕަ އޭނަ ލައިސަންސް ނަގަން ބޭނުންވިއިރު މަންމަ އެދުނީ ލައިސަންސް ފަހުން ނެގުމަށެވެ. ބައްޕަ އަބަދުހެން ހުންނަނީ ކޮންމެވެސް އެއްކަމަކާ ހިތްހަމަނުޖެހިފައި ކަމަށްވާތީ މަންމައާއި ބައްޕަ ދެބަސްވާ ކޮންމެ ފަހަރަކު ގޭގެ ތެރޭގައި އަރައިރުމެއް އޮންނާނެއެވެ. އެފަދަ އަޑުތައް އިވޭ ކޮންމެ ފަހަރަކު ކުރިން މިޞްބާޙް ވެސް މަންމައާއި ބައްޕަގެ ދެމެދަށްވަދެ ރުޅި އިސްކޮށް ހަޅޭއްލަވައިގަނެވެ. އަދި އެވަގުތަކު އޭނައަށް ކަމުދާ ގޮތެއް ނިންމައިގެން ހުރި މީހެއްގެ ކޮޅަށް ޖެހިލައެވެ. ނަމަވެސް އެއީ އޭނަ ކަންތައް ކުރަން ޖެހޭ ގޮތެއް ނޫންކަން މިހާރު މިޞްބާޙަށް އެނގެއެވެ. އޭނަ ވާންޖެހެނީ ނަފްރަތު އިތުރު ކުރުވާ މީހަކަށްނޫނެވެ. އޭނަ ވާންޖެހޭނީ އޭނަގެ މަންމައާއި ބައްޕައަށް ވެސް ލޯތްބާއި އިޙްތިރާމް ދީގެން މައްސަލަތައް ޙައްލުކުރާ މީހަކަށެވެ. އެގޮތަށް ކަންތައް ކޮށްގެން ނޫނީ އޭނަގެ ބައްޕަވެސް ކުރާ ގޯސް ކަންތައް ނުހުއްޓުވޭނެކަމަށް މިޞްބާޙްގެ ހިތް ބުންޏެވެ. އެހެންކަމުން އޭނަ ލަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެގެން ގޮސް އަމީން އިން ސޯފާގެ ކައިރީގައި ހުއްޓިލިއެވެ. އެއްލި ކަޅިއަކުން އަމީނަށް މިޞްބާޙް ފެނިފައި އަމީން އޭނަގެ ފުރިހަމަ ހިނިތުންވުން މިޞްބާޙަށް ދެއްކިއެވެ.

 

“އަނހަ މިޞްބާ! މިޞްބާއަށްވެސް ނުނިދެނީތަ؟” އަމީން ހެވިފައި އިނދެ އަހާލިއެވެ. އެތައް ދުވަހެއްފަހުން އަމީން އޭނައާއި ލޯބިން ވާހަކަ ދެއްކުމުން މިޞްބާޙްގެ ހިތަށް އަސަރުކުރިއެވެ. ޖަޒުބާތުން ފުރިގެން ދިޔަ ހިތެއްގެ ސަބަބުން އޭނައަށް އެއްޗެކޭ ނުބުނެވުނެވެ. އެހެންކަމުން އޭނަ ކުރެވުނު ސުވާލާއިމެދު ވެސް މާ ބޮޑު ވިސްނުމެއްނެތި ބޯޖަހާލިއެވެ.

 

“އާދޭ މެޗު ބަލަން.” އަމީން ސޯފާގައި އޭނަގެ ކައިރީގައި ހުރި ތަނުގައި ދެފަހަރަކު ޖަހާލަމުން ބުނެލިއެވެ. މިޞްބާޙް ވީ އުފަލާއެކީ ހިނިތުންވެލަމުން އަމީންގެ ގާތުގައި އިށީނެވެ. އޭނަގެ ނަޒަރު ޓީވީއަށް ހުއްޓިފައިވިޔަސް އޭނައަށް މެޗަށް ސަމާލުކަން ދެވޭ ގޮތެއްނުވިއެވެ. ބައްޕަގެ ކައިރީގައި ހުރުމުން ނޭނގޭ ސަބަބަކާހުރެ އޭނަގެ ހަނދާނަށް އަންނަން ފެށީ ބައްޕަ ކޮށްދިންހާ ރަނގަޅު ކަންތައްތަކާއި އޭނަ ބައްޕައާއިމެދު ކުރި ގޯސް ކަންތައްތަކެވެ. ބައްޕަ އޭނައަށްޓަކައި ހަދިޔާތައް ގެނައުމުން އޭނަ ޝުކުރު ނުކުރި ގޮތެވެ. އަބަދުވެސް ބައްޕަގެ ފަރާތުން ގިނަގިނައިން އެއްޗެއްސަށް އެދެވުނު ގޮތެވެ. އޭނަ ބޭނުންވާ އެއްޗެއް ނުލިބުމުން އޭނަ ގޭގެ ހަމަޖެހުން ނަގާލާ ގޮތެވެ. މިއަދު ބައްޕަ މިހާ ދަހިވެތިވެފައިވަނީވެސް އޭނަގެ ސަބަބުންކަމަށް މިޞްބާޙަށް ނިންމުނެވެ. އޭނައަށް އިސްޖަހައިގެން އިނދެ ދެލޯ މަރާލަމުން ޑޭޑްއޭ ކިޔައި ގޮވާލެވުނެވެ. އަމީން މިޞްބާޙަށް ބަލާލިއެވެ.

 

“ޑޭޑް އައިމް ރިއަލީ ސޮރީ. އަހަންނަށް ޑޭޑްއާމެދު ކަންތައް ކުރެވިފައިވަނީ ރަނގަޅަކަށްނޫން. އައި ޝުޑް ހޭވް ތޭންކްޑް ޔޫ. ޑޭޑް އަހަންނަށްޓަކައި ބައިވަރު ކަންތައް ކޮށްދީފަވޭ. އެކަމަކު ބަދަލުގަ އަހަންނަށް އަދިވެސް ޑޭޑްއަށްޓަކައި މާ ބޮޑު ކަމެއްކޮށްދީފައެއްނެތް. ޑޭޑް ފަޚުރުވެރިވާނެ ފަދަ ކަމެއް އަހަންނަކަށް ނުކުރެވޭ. ކުޑައިރު ޑޭޑް އަހަރެން ސްކޫލްގަ ސްޕީޗެއް ދެންޏާ އޭތި ސްކޫލްގެ ބޭރުގަ އަޑުއަހަން ހުރެފަ އަހަރެން ގެއަށް އައިމަ ތަޢުރީފުކުރާނެ. އެކަމަކު ޑޭޑް ޕޯޑިއަމަށް އަރާފަ ހުންނަތަން އަހަންނަށް އެތައް ފަހަރަކު ފެންނައިރުވެސް އަހަރެން ތަޢުރީފެއް ނުކުރަން. އައިމް ރިއަލީ ސޮރީ.” މިޞްބާޙް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. އަމީނަށް ހީލެވުނެވެ.

 

“ހެހެ……ހާދަ ސީރިއަސްކޮށް ތިހާވަރުގެ ވާހަކައެއް ތި ދައްކަނީ؟ އަސްލު……..ޑޭޑް މިޞްބާޙަށް މަޢާފަށް އެދެންޖެހެނީ. ކަން ހިނގިގޮތް ޔަޤީންނުކޮށް އައި ރުޅީގަ ޑޭޑް މިޞްބާޙަށް އަނިޔާކުރީ. އައި އޭމް ސޮރި.” އަމީން ޙަޤީޤަތުގައި ވެސް އޭނަގެ ދަރިފުޅަށްޓަކައި ދެރަވެހުރެ މޭމަތީގައި އެއްއަތް އަޅާލަމުން ބުނެލިއެވެ. މިޞްބާޙް އަމީނަށް ބަލާލިއިރު އެ މޫނުމަތިން ފެނުނު ހިތާމަވެރިކަމުން އޭނަ އަމީންގެ ގައިގައި ބައްދާލަން ބޭނުންވިއެވެ. އެހެނަސް އޭނަ ލިބުނު ފުރުޞަތުގެ ބޭނުން ހިފިއެވެ.

 

“މަޢާފު ކުރާނީ ޝަރުތެއްގެ މަތިން. ޑޭޑް މާދަމާ އަހަންނާއެކީ ފަތިސް ނަމާދަށް މިސްކިތަށް ހިނގާ.” މިޞްބާޙް އެހެން ބުނިއިރު އަމީނަކީ އެއްވެސް ނުބައި ކަމެއް ކުރާ މީހެއްކަން އޭނަ ހަނދާން ނެތިއްޖެއެވެ. މިޞްބާޙްގެ ވާހަކައިން އަމީނަށް އަނެއްކާވެސް ހީލެވުނެވެ.

 

“ކީއްވެތަ މިޞްބާޙް ޑޭޑް މާ ބޮޑަށް މިސްކިތަށް ގެންދަން އުޅެނީ. އެތާނގަ ޖަވާހިރެއް އޮތީތަ؟” އަމީން ސަމާސާ ރާގަކަށް ސުވާލުކުރިއެވެ.

 

“ޑޭޑްއަށް މިހާރު ޤަބޫލުކުރެވުނަސް ނުކުރެވުނަސް ޖަވާހިރަކަށްވުރެ ވެސް އަގުހުރި އެއްޗެއް ލިބޭނީ ނަމާދުކުރީމަ. މާދަމާ ފަތިސް ނަމާދަށް ޑޭޑް ދިޔައިއްޔާ ނަމާދުކޮށް ނިމުނީމަ އަހަރެން ޑޭޑްއަށް ކިޔައިދޭނަން އިން ޝާ ﷲ.” މިޞްބާޙް ލުއި ހިނިތުންވުމަކާއެކީ ބުނެލިއެވެ. އަމީން ދެބުމަ އަރުވާލިއެވެ.

 

“އެހެންވިއްޔާ ދާންތާ މިޖެހުނީ.” އަމީން ބުންޏެވެ. މިޞްބާޙަށް ހީލަމުން ބައްޕަގެ ގައިގައި ބައްދާލެވުނެވެ. އަމީން ވެސް އެތައް އަހަރަކަށްފަހު ލޯބިން އޭނަގެ ދަރިފުޅުގެ ގައިގައި ހިފަހައްޓާލިއެވެ. އެމީހުން އެހެން ތިއްބާ ސިޓިންގް ރޫމުގެ ބޮކިތައް ދިއްލިގެން ދިޔައެވެ.

 

“ދެ ބަފައިން ހާދަ ލޯބިވެގެން އުޅޭ ރެއެކޭ.” ފުރަގަހުން އިވުނު ވަޙީދުގެ އަޑަށް އަމީނާއި މިޞްބާޙަށް އެކުއެކީހެން އެ ދިމާލަށް ބަލާލެވުނެވެ. އެވަގުތު ވަޙީދު ހުރީ ފުރަގަހުގައި ހުރި ކޮޓަރި ބަރީގެ ފާރުގައި ހުރި ސުވިޗް ބޯޑު ކައިރީގައެވެ.

 

“އަހަންނެއްނޫން. މިޞްބާޙް. ވަޙީދު ކީއްކުރަންތަ ނިކުމެގެން ތިއުޅެނީ؟” އަމީން ދެންވެސް ހެވިފައި އިނދެ ސުވާލުކުރިއެވެ.

 

“ފެންފޮދެއް ބޯލަންވެގެން މިއައީ. އޭ މިއީ އެއްކަލަ މެޗްތަ؟ ކިހާ ވަރެއްތަ ސްކޯރ؟” ވަޙީދު ވެސް ޓީވީ ފެނިފައި އަވަސްއަވަހަށް ސޯފާގެ ކައިރިއަށް އައިސް އިށީނެވެ. މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަން ފެށީތާ މާ ގިނައިރެއްނުވެ އެމީހުން ސަޕޯޓުކުރާ ޓީމުން ގޯލެއްޖެހުމުން ތިން މީހުން އިހުނަށްވުރެ ފޯރިގަދަވިއެވެ. އެ ފޯރީގައި އިރުކޮޅަކު އިނުމަށްފަހު އަމީން ދެން ތިބި ދެމީހުންގާތު ތިމަންނަ އެބަ އަންނަމޭ ބުނެ ދާން ހިނގައިގަތެވެ. މިޞްބާޙާއި ވަޙީދު ބަލާލިއިރު އަމީން ގޭގެ ކަނާތްފަރާތުގައި ހުރި ސިޑިން އޭނަގެ ކޮޓަރިއަށް ދިޔުމަށްޓަކައި މައްޗަށް އަރައިގެން ދަނީއެވެ. އެ ދެމީހުން މާ ބޮޑު އަޅައެއްނުލާ މެޗް ބަލަން ތިއްބެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުން ވަޙީދު ތިމަންނަ ކޮފީއެއް ބޮއިގެން އެބަ އަންނަމޭ ބުނެ ބަދިގެއަށް ދިޔައެވެ. ވަޙީދު ދިޔަތާ އިރުކޮޅެއްފަހުން މިޞްބާޙްގެ ކައިރީގައި އޮތް އަމީންގެ ފޯނު ރިންގުވާން ފެށިއެވެ. މިޞްބާޙަށް އެ ދިމާލަށް ބަލާލެވުނެވެ. ފޯނުގެ ސްކްރީނަށް އަރާފައި އޮތީ ހަމައެކަނި ނަންބަރެކެވެ.  އެހެންކަމުން އޭނަ ހިސާބަކަށް ޙައިރާންވެ އިނދެ އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އޭނަ ސަލާމް ގޮވައި ބައްޕަ ނެތް ވާހަކަ ބުނަން އުޅުނު ވަގުތު އެކޮޅުން ވާހަކަ ދެއްކިއެވެ.

 

“މަނިކުފާނު…….އެކުއްޖާ ކޮންމެވެސް އެއްގޮތަކަށް މީހަކަށް އަންގައިފި އަހަރުމެން ތިބިތަން. އެހެންވެ މިހާރު އަހަރުމެން މިތިބީ އޭނަ ހޭނައްތައިގެން ފަޅު ގެއަކަށް އައިސްފަ. މިއީ އެއްކަލަ…….ހޮޓް ކޮފީ ޝޮޕްގެ ފުރަގަހުގައި އޮންނަ ވަލުތެރޭގައި ހުރި ގެއެއް. މިއީ އަހަރެން ދަންނަ ގޮތުގަ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ފަޅުކޮށް ހުރި ތަނެއް.” އެކޮޅުން ވާހަކަ ދެއްކީ ފަޅު ގެއެއްގެ ދޮރުމަތީގައި ހުރި ނަޞްރާއާއި ބެހުނު ޒުވާނާއެވެ. ޒުވާނާގެ ފުރަގަހުން އެގޭގެތެރެ ފުޅި ބައްތިއަކުން އަލި ކުރެވިފައވާކަން އެނގެއެވެ. އޭނަ ދެއްކި ވާހަކަތައް އަޑުއަހަން އިން މިޞްބާޙަށް އިނދެވުނީ ޝޮކެއްގެ ތެރޭގައެވެ. “އެކުއްޖާ”އޭ ބުނުމުން މިޞްބާޙްގެ ހަނދާނަށް ވަގުތުން އައީ ޔޫނުސްއެވެ. ބޭބެގެ އަންހެނުންވީ ތަނެއް އޭނައަށް އެނގިއްޖެކަން އެނގުންވީ ހިނދު މިޞްބާޙްގެ ދެއަތް ފިނިވިއެވެ. އޭނައަށް އިތުރު އެއްޗެކޭ ނުބުނެ ވަގުތުން ފޯނު ކަނޑާލެވުނެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ޒުވާނާ ވީނުވީއެއް ނޭނގިހުރެ ފޯނު ކަންފަތުން ނަގާލިއެވެ. އޭނަ ހީކުރީ އަމީން އައި ރުޅީގައި އެއްވެސް އެއްޗެކޭ ނުބުނެ އެތަނަށް އަންނަން އުޅެނީ ކަމަށެވެ.

 

މިޞްބާޙް ވަގުތުން ޔޫނުސްއަށް ގުޅަން ބޭނުންވެގެން އޭނަގެ ފޯނު ބަލައި ކޮޓަރިއަށް ދިޔައެވެ. އެނދުމަތީގައި އޮތް ފޯނު ނަގައި ނަންބަރުތަކަށް ފިތަން އުޅެނިކޮށް އޭނައަށް ޔޫނުސްގެ ނަންބަރު ނޭނގޭކަން ހަނދާންވިއެވެ. އޭނަ ޗޮއްކަނޑާލަމުން ފޯނުން ރާއްޖެ ޕްރެސްގެ ސައިޓަށްވަނީ ގުޅާލެވޭނެ ނަންބަރެއް ފެނޭތޯއެވެ. އެކަން ކާމިޔާބު ނުވުމުން މިޞްބާޙް ފޯނު ތިރިކޮށް ޔޫނުސްއާއި ހަމައަށް ދެންމެ ލިބުނު ޚަބަރު ގެންދެވޭނެ ގޮތަކާއިމެދު ވިސްނިއެވެ. އިރުކޮޅެއްގެ ވިސްނުމަކަށްފަހު ކުއްލިއަކަށް އަފްރީންގެ ނަން އޭނަގެ ހިތަށް ވެރިވިއެވެ. އޭނައަށް އަފްރީންގެ ނަންބަރު އެނގެއެވެ. އެ ދުވަހު ގްރޫޕް ވޯކަށްޓަކައި ގްރޫޕްގައި ތިބި ހުރިހާ އެންމެންގެ ނަންބަރު ހޯދިއިރު އޭނަ އަފްރީންގެ ނަންބަރު ވެސް ލިޔުނެވެ. ނަންބަރު ލިބުނަސް އޭނަ ދުވަހަކުވެސް އަފްރީނަށް ގުޅާފައެއް ނުވެއެވެ. މެސެޖެއްވެސް ކޮށްފައެއްނުވެއެވެ. އެހެނަސް އޭނަ އެ ނަންބަރު ހިތުދަހެވެ. އެ ނަންބަރަށް ގުޅަން އެ ހިތް އެދެމުން ދިޔަ ވަރުންނެވެ. މިހާ ދުވަސް ވަންދެން އޭނަ އެކަން ނުކޮށް ހުއްޓަސް މިއަދު އޭނަ މަޖުބޫރެވެ. މިހާރު އޭނަ ބޭބެއާއި ބައްދަލުކުރަން ގެއިން ނިކުމެގެން ގޮއްސިނަމަ ބައްޕައާއި އެހެން މީހުންގެ ސުވާލުތައް ކުރިމަތިވާނެއެވެ. އެންމެ ރަނގަޅުވާނީ އަފްރީނަށް މެސެޖެއްކޮށްލުންކަމަށް މިޞްބާޙްގެ ހިތް ބުނުމުން އޭނަ ތުރުތުރު އަޅަމުން ދިޔަ އިނގިލިތަކުން ޔޫނުސްގެ ނަންބަރަށް އެދި މެސެޖެއް ލިޔެ ފޮނުވާލިއެވެ. އެ މެސެޖުގައި އެތައް އަކުރެއް ނުބައިކޮށް ލިޔެވިފައި ހުރިކަން އޭނައަށް އެނގުންވީ ފޮނުވި ފަހުންނެވެ. އެހެނަސް މެސެޖުން ބުނާ އެއްޗެއް އެނގޭ ވަރުވާނެކަމަށް މިޞްބާޙްގެ ހިތް ބުންޏެވެ.

 

**

 

އެނދުގެ ބާލީހަށް ބޯއަރުވައިގެން ދެފައި އެނދުން ބާލައިގެން އޮތް އަފްރީންގެ ފުރަގަހުގައި އޮތް ފޯނަށް މެސެޖެއް ލިބިގެން ދިޔުމުން ފޯނު ވައިބްރޭޓްވެ ފޯނުގެ ސްކްރީން އަލިވެގެން ދިޔައެވެ. އެހެނަސް ގަދަ ނިދީގައި އޮތް އަފްރީނަށް އެކަން ފާހަގަވީހެނެއް ހިއެއްނުވެއެވެ. އޭނަ ދޮންތަގެ ހަނދާނުގައި ރޮއިރޮއި އޮވެފައި ނިދުނީ ދެންމެއެވެ. އެކަން އޭނަގެ ދުޅަވެފައިވާ ދެލޮލުން އެނގެއެވެ. އޭނައަށް ނިދުނީ ވަކި ނިދަން އޮތްވައެއް ނޫންކަން ކޮޓަރީގައި ދިއްލާލެވިފައިވާ ބޮކިތަކާއި، އޭނަ ލައިގެން ހުރި ކުރުތާއާއި ޖިންސު ހެކިދިނެވެ.

 

**

 

އަފްރީންގެ ފަރާތުން ޖަވާބެއް ނުލިބި އިރުކޮޅެއްވުމުން މިޞްބާޙްގެ ހިތަށް އުނދަގޫވިއެވެ. އަފްރީން އޭނައާއި ވާހަކަ ނުދައްކަން ޖަވާބެއް ނުދިނީހޭ ހިތަށްއެރިއެވެ. އެހެނަސް މިއީ ވާހަކަ ނުދައްކައި ހުންނަންޖެހޭ ވަގުތެއްނޫނެވެ. އަފްރީންގެ ދޮންތަ ހުރިތަނެއް އެނގެއޭ ބުނެ މިޞްބާޙް މިއީ ކިހާ މުހިއްމު ވާހަކައެއްކަން އޭނައަށް އަންގަން ބޭނުންވިއެވެ. އެހެނަސް އަފްރީން ނުތަނަވަސް ކުރުވާކަށް މިޞްބާޙް ބޭނުމެއްނުވިއެވެ. އޭނައަށް މި ލިބުނު މަޢުލޫމާތާއި އެއްގޮތަށް ކަންތައް ކުރުމުން އަފްރީންގެ ދޮންތަ ނުފެނިވެސް ހިނގައިދާނެއެވެ. މިޞްބާޙަށް ފުން ނޭވައެއް ދޫކޮށްލެވުނު ވަގުތު އޭނައަށް ފޯނުގެ ގަޑިއަށް ބަލާލެވުނެވެ. މިއީ ކިހާ ދަން ގަޑިއެއްކަން ފާހަގަވުމުން އަފްރީނަށް މެސެޖު ނުފެންނަނީތޯ މިޞްބާޙްގެ ހިތް ސުވާލުކުރިއެވެ. އެއާއެކު އަފްރީނަށް ގުޅަން ޚިޔާލުކުރުމުން ވެސް އޭނަގެ ހިތުގެ ތެޅުން އަވަސްވެ އޭނަގެ ހުރިހާ ހިއްސެއް ހޭލިއެވެ. އޭނަ ދެ ޚިޔާލެއްގެ މަތީގައި ހުރެ ދެންވެސް ތުރުތުރު އަޅަމުން ދިޔަ އިނގިލިތަކުން އަފްރީންގެ ނަންބަރަށް ގުޅައި ފޯނު ކަންފަތުގައި ޖައްސާލަމުން ނޭވާ ހިފަހައްޓާލިއެވެ.

 

**

 

އެނދުމަތީގައި އޮތް ފޯނު ރިންގުވާން ފެށި އަޑަށް އަފްރީންގެ ދެލޯ ތަގުޅިވެގެން ދިޔައެވެ. އޭނަ އުނދަގުލާއެކީ ދެލޯ ހުޅުވާލަމުން އެނދުގައި އޮވެ ފުރަގަހަށް ނަޒަރު ހިންގާލިއެވެ. ރިންގުވަމުން ދިޔަ ފޯނު ފެނިފައި އަފްރީން ރަނގަޅަށް ތެދުވެލަމުން ފޯނު ނަގައި ބަލާލިއެވެ. ސްކްރީނުން ނޭނގޭ ނަންބަރެއް ފެނުމުން އަފްރީން ފޫހިވިއެވެ. މިވާނީ ދަންގަޑީގައި އުނދަގޫކުރާ މީހުންގެ ތެރެއިން މީހަކަށޭ ހިތަށްއެރިއެވެ. އޭނަ ފޯނު ކަނޑާލަން އުޅެފައި ވެސް ޖެހިލުންވީ ނޭނގޭ ނަންބަރަކުން ގުޅާފައި ދޮންތައާއި ގުޅޭ ޚަބަރެއް ދީފާނެއޭ ހިތާއެވެ. އެމީހުން މިފަހަރު ބިރު ދައްކަން އުޅެނީ އޭނައަށްހެއްޔޭ އަފްރީންގެ ހިތް ބުނި ވަގުތު އޭނަގެ ދެއަތް ފިނިވިއެވެ. އެހެނަސް އޭނަ ހިތްވަރު ކޮށްލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“ސް….ސަލާމް.” އަފްރީން ޖެހިލުންވުމަކާއެކީ ބުނެލިއެވެ.

 

**

 

އަފްރީންގެ އަޑު ކަންފަތުގައި ޖެހުމުން މިޞްބާޙަށް ދެލޯ މަރާލެވުނެވެ. އޭނަ ފަޅި ސިކުންތަކަށް ދުނިޔޭގައި ހިނގާ ހުރިހާ ކަމަކާމެދު ހަނދާން ނެތުނެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނަގެ ލޯ ކުރިމަތިން އަފްރީނާއި އެކީ މުޅި ޙަޔާތް ވޭތުކުރާނެ ގޮތާއިމެދު ވިސްނިއްޖެއެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނައަށް ޙަޤީޤީ ދިރިއުޅުމަށް އަނބުރާ އާދެވުނެވެ. އޭނަ އަފްރީނަށް ގުޅީ ކީއްވެކަން ހަނދާންވުމުން އޭނައަށް ދެލޯ ހުޅުވާލެވުނެވެ. އޭނަ ވާހަކައެއް ދައްކަން އަނގަ ހުޅުވާލިއެއްކަމަކު އޭނަ އެއްޗެކޭ ބުނަން ނުކުޅެދުނެވެ. އޭނަ ވާހަކަ ދައްކަން ފަށައިފިނަމަ ދައްކަން ނުޖެހޭ އެތައް ވާހަކައެއް ނޭނގުމެއްގެ ތެރެއިން ދެއްކިދާނެތީ އޭނަގެ ހިތް ބިރުގަތެވެ. އޭނައަށް މިވަގުތު މި ހުރެވެނީ ހަމައެއްގައެއް ނޫންކަން އެނގުންވީ ހިނދު މިޞްބާޙް ފޯނު ކަންފަތުން ނަގައި ފޯނު ކަނޑާލިއެވެ. އަފްރީނަށް މެސެޖު ފެންނާނެތާއޭ އޭނަގެ ހިތް ބުންޏެވެ.

 

**

 

ފޯނު ކެނޑިގެން ދިޔުމުން އަފްރީން ޙައިރާންވެފައި އިނދެ ފޯނުގެ ސްކްރީނަށް ބަލާލިއެވެ. އެވަގުތު މެސެޖެއް ލިބިފައި ހުރިތަން ފެނިފައި އޭނަ އެ މެސެޖު ހުޅުވާލިއެވެ.

 

“ސަލާމް. މިއީ މިޞްބާޙް. ޔޫނުސްބޭބެގެ ނަންބަރު ބޭނުން. އާރޖެންޓް!” ފަސް ވަރަކަށް ކުށްހުރި މެސެޖުގައި އޮތީ އެހެންނެވެ. މިޞްބާޙްގެ ނަން ފެނިފައި އަފްރީން ވެސް މިޞްބާޙްހެން ހިނދުކޮޅަކަށް ހުވަފެނީ ދުނިޔެއަކަށް ދިޔައެވެ. ދެންމެ ގުޅީ މިޞްބާޙްކަން އެނގުންވުމުން އަފްރީންގެ ހިތަށް ފޯރިއެރިއެވެ. ދެންމެ މިޞްބާޙް ވާހަކަ ނުދެއްކި ގޮތުން އޭނަގެ ހިތުގައި މިޞްބާޙަށްޓަކައި އިތުރު ޤަދަރެއް އުފެދުނެވެ. އޭނަ ވެސް ބޭކާރު ވާހަކަ ނުދެއްކުމަށްޓަކައި ހަމައެކަނި ޔޫންބެގެ ނަންބަރު ލިޔެ ފޮނުވާލިއެވެ. ފޮނުވާލިއިރުވެސް މިއީ ކޮން “އާރޖެންޓް” ކަމެއްތޯ އަފްރީންގެ ހިތް ސުވާލުކުރިއެވެ.

 

**

 

ޔޫނުސްގެ ނަންބަރު ލިބުމާއެކު މިޞްބާޙް ލަސްތަކެއް ނުކޮށް އެ ނަންބަރަށް ގުޅާލިއެވެ. އެ ދަން ގަޑީގައި ވެސް ނަޞްރާ ނުހޯދައި ނުހުރެވިގެން ތާރު މަގުން ސައިކަލު ދުއްވަމުން ދިޔަ ޔޫނުސް، އޭނަގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން މަގުގެ އެއްފަރާތުގައި ސައިކަލު މަޑުކޮށްލިއެވެ. އެއަށްފަހު ޖިންސްގެ ޖީބުން ފޯނު ނަގައި ގުޅަނީ ކާކުތޯ ބެލުމެއްނެތި ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“ސަލާމް ބޭބޭ. ބޭބޭ އަހަންނަށް އެނގޭ ބޭބެގެ އަންހެނުން ހުރިތަނެއް. ހޮޓް ކޮފީ ޝޮޕްގެ ފުރަގަހުގައި ހުންނަ ފަޅުގޭގަ.” ކޮޓަރީގެ ދޮރަށް ފަސްދީގެން ހުރި މިޞްބާޙަށް ނޭނގުނު ކަމަކީ އޭނަގެ އެ ޖުމްލަ ނިމުނުއިރު އަމީން ދޮރު މައްޗަށް އެރިކަމެވެ.

 

“މިޞްބާޙަށް ކިހިނެއް އެނގެނީ؟ ބޭބެ މިއަދުވެސް އެގޭގެތެރެ ބެލިން. އެ ގޭގައެއްނެތް އެކަކުވެސް.” ޔޫނުސް ސައިކަލު މަތީގައި އިނދެ ބުންޏެވެ.

 

“މިރޭ އެމީހުން ބޭބެގެ ވައިފް އެގެއަށް ބަދަލުކުރީ. ޑޭޑްގެ ފޯނަށް ގުޅި މީހަކު ދެއްކި ވާހަކައެއް އަހަރެން އަޑުއެހީ. ވަރަށް ހީވޭ އެތާނގަހެން ބޭބެގެ ވައިފް ހުންނާނީ.” މިޞްބާޙް އެހެން ބުނެލި ވަގުތު ދޮރުމަތީގައި ހުރި އަމީންގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެ އޭނަގެ ގޮށްމުއްކެވުނެވެ.

 

“އަސްލުވެސްތަ؟ ޖަޒާކަ ﷲ ޚައިރަން މިޞްބާޙް. ޖަޒާކަ ﷲ ޚައިރަން.” ޔޫނުސް އެހެން ބުނެލިއިރު އޭނަގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ހިލުނެވެ. މިޞްބާޙް ހޫންލައްވާލުމުން ޔޫނުސް އަވަސްއަވަހަށް ފޯނު ކަނޑައި ސައިކަލު ދުއްވާލަން އުޅުނެވެ. އެހެނަސް އޭގެ ކުރިން އޭނަ އެހެން ކަމެއް ކުރަން ބޭނުންވިއެވެ. ނަޞްރާ ހައްޔަރު ކުރި މީހުންނަށް އޭގެ އަދަބު ދޭން އިންތިހާއަށް ބޭނުންވިއެވެ. އެހެންކަމުން އޭނަ ސައިކަލުމަތީގައި ހުރެ ފުލުހުންނަށް ގުޅާލިއެވެ.

 

ފޯނު ކަންފަތުން ނަގާލި މިޞްބާޙް ހިނިތުންވުމަކާއެކީ ފަސްއެނބުރިލީތަނާހެން އޭނަގެ ހިނިތުންވުން ފިލައި ދިޔައެވެ. އަމީން ރުޅިން ރަތްވެފައި ހުރިތަން ފެނިފައި މިޞްބާޙަށް އޭނައަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. އަމީން ކުއްލިއަކަށް ދިގު ފިޔަވަޅުތަކެއްގައި އައިސް މިޞްބާޙްގެ ކޯތާފަތްމައްޗަށް ކުރީ ފަހަރަށްވުރެ ވެސް ހޫނު އެތިފަހަރެއް ވިއްލާލިއެވެ.

 

“ކަލޭ މަށާއި ލޯބިން ވާހަކަ ދެއްކީ މަށަށް ޖާސޫސްކޮށް މަގޭ ރޭވުންތައް ފޭލްކޮށްލަންދޯ؟” އަމީން އަޑުގެ ކޮޅަށް ދެއްކި ވާހަކަ އެވަގުތު ސިޑިން ފައިބަމުން ދިޔަ ޒާހިޔާއަށާއި ސިޓިންގް ރޫމުގައި އިން ވަޙީދަށް ވެސް އިވުނެވެ. އެ ދެމީހުންނަށް އަވަސްއަވަހަށް މިޞްބާޙްގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަނެވުނެވެ.

 

 

“ކަލެއާއި އެ ޔޫނުސްއާ ވެސް ގުޅުން އޮންނަނީތަ؟!” އަމީން އޭނަގެ އަޑު މުޅި ގޭގައި ގުގުމާވަރަށް ސުވާލުކުރިއެވެ. އެވަގުތު ކޮޓަރީގެ ދޮރުމައްޗަށް އެރި ޒާހިޔާގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ.

 

“ކީއްވެ ޔޫނުސްއާ ގުޅުން ނުބާއްވަންވީ؟ ކަލޭ މިޞްބާޙަށް އަނިޔާކޮށްފަ ފިލީމަ އޭނަ މަގޭ ދަރިފުޅަށް ލޭ ހަދިޔާކުރީ. ކަލޭއެއްނޫން!” ކޮޓަރި ތެރެއަށް ވަދެގެން އައި ޒާހިޔާގެ ވެސް އަޑު ގަދަވިއެވެ. ބޮޑު އަރައިރުމެއް ފެށެން އުޅޭ ކަހަލަ އިޙްޞާޞެއްވުމުން މިޞްބާޙް އޭނަގެ ކޯތާފަތަށް ތަދުވާކަން ވެސް ހަނދާން ނެތުނެވެ. އޭނަ މަންމައަށް ގޮވާލަން އުޅުނު ވަގުތު އަނެއްކާވެސް އަމީން ވާހަކަ ދެއްކިއެވެ.

 

“އޭގެ މާނައަކީ ދެން އޭނައަށްޓަކައި މަށާވެސް ހަނގުރާމަކުރަންވީއޭދޯ؟” އަމީން ދެލޯ ބޮޑުކޮށްގެން ހުރެ ސުވާލުކުރިއެވެ.

 

“އާނ ކަލޭތީ ހަމަ ހަނގުރާމަކޮށް މަރާލަންޖެހޭ މީހެއް. ކަލެއަށް ކަމެއް ކުރެވުނިއްޔާ ކުރެވޭނީ އަބަދުވެސް އެހެން މީހަކަށް ގެއްލުންވާފަދަ ކަމެއްވިއްޔަ.” ޒާހިޔާ އެހެން ބުނެލިތަނާހެން އަމީން އަނގަ ހުޅުވާލި ވަގުތު މިޞްބާޙް ވާހަކަ ދެއްކިއެވެ.

 

“މަންމާ ޕްލީޒް! ތިހެން ނުބުނޭ. ޑޭޑްވެސް އަދި ރަނގަޅުވާނެ އިން ޝާ ﷲ. ޑޭޑް……އަހަރެން ޑޭޑްއަށް ޖާސޫސެއް ނުކުރަން. ޑޭޑްގެ ފޯނަށް ކޯލެއް އައިމަ އަހަރެން ޑޭޑް ނެތް ވާހަކަ ބުނަން ފޯނު ނެގިތަނާ އެކޮޅުން ވާހަކަތައް ކިޔައިދިނީ. ޑޭޑް……ޑޭޑް ހައްޔަރުކޮށްގެން ތިއުޅެނީ މީހެއްގެ ޙަޔާތުގައި ހުރި ހަމައެކަނި ޢާއިލާ. ބޭބެ ވަރަށް ދެރަވާނެ ބޭބެގެ އަންހެނުންނަށް ގޮތެއްވެއްޖެއްޔާ. އެހާ ބޮޑު ގެއްލުމެއް މީހަކަށްދޭން ހެޔޮނުވާނެ ޑޭޑް. އެހާ ބޮޑު ނުބައެއްވާކަން އެނގިހުރެ އެކަން ޙައްލުކުރަން މަސައްކަތްނުކޮށް ހުންނަން އަހަންނަށް ހަމަ ނުކެރުން.” މިޞްބާޙްގެ ވާހަކަ ފުރިހަމަ ނުވަނީސް އަމީން ވާހަކަ ދެއްކިއެވެ.

 

“ކަލޭ ވާހަކަ ނުދައްކާ ހުރޭ!” އަމީން އެހެން ބުނެ މިޞްބާޙްގެ ޓީޝާޓުގައި ހިފަހައްޓާލިއެވެ. ޒާހިޔާ ދޫކޮށްލާށޭ ބުނެ އަމީންގެ އަތް ފޮޅުވާލި ވަގުތު ވަޙީދު ކޮޓަރިއަށްވަނެވެ.

 

“ބޭބޭ މިޞްބާޙް މިދައްކަނީ ކޮން ވާހަކައެއްތަ؟ ކާކުތަ ބޭބެ ހައްޔަރުކޮށްގެން އުޅެނީ؟” ވަޙީދު މަޑުމައިތިރި އަޑަކުން ސުވާލުކުރިއެވެ.

 

“ޔޫނުސްބޭބެގެ އަންހެނުން.” މިޞްބާޙް އެކަކަށްވެސް އެކައްޗެކޭ ވެސް ނުބުނެވެނީސް ޖަވާބުދިނެވެ. އެވާހަކަ އިވިފައި ވަޙީދުގެ ނިތުން ރޫފިލައިދިޔައެވެ. އޭނައަށް އަމީނަށް ބަލާލެވުނެވެ. އަމީން ރުޅިވެރިކަމާއެކީ ތުން ފިއްތާލިއެވެ.

 

“މިހުންނެވީ އަނެއް އިންސާފުވެރި ބޭފުޅާ. ދެން އަވަހަށް ފުލުހުންނަށް ގުޅާ. މަގޭ ދުޝްމިނުންނަށްވުރެ ވެސް ނުބައި ކަލޭމެން. މަ މިދަނީ މިގެއިން ނިކުމެގެން!” އަމީން އެހެން ބުނެލިތަނާހެން ޒާހިޔާ ދާށޭ ބުނެލިއެވެ. އެހެނަސް އަމީން ކޮޓަރިން ނިކުމެގެން ދިޔަ ވަގުތު މިޞްބާޙް ޑޭޑްއޭ ކިޔައި ގޮވަމުން ފަހަތުން ދިޔައެވެ. އަމީން ގެއިން ނިކުމެގެން ދަމުން ދޮރު ކައިރީގައި ފާރުގައި ހުރި ތަޅުދަނޑި އެލުވާ އެތިން ކާރުގެ ތަޅުދަނޑި ހިފައިގެން ދިޔައެވެ. މިޞްބާޙް ވެސް ގެއިން ނިކުތީ އޭނަގެ ސައިކަލުގެ ތަޅުދަނޑި ހިފައިގެން ދެންވެސް ބައްޕައަށް ގޮވަމުންނެވެ. އޭނަގެ ފަހަތުން ޒާހިޔާ އޭނަގާތު މަޑުކުރުމަށް އަންގަމުން ދިޔައެވެ. އެހެނަސް މިޞްބާޙް މަޑުކުރާކަށް ބޭނުމެއްނުވިއެވެ. އޭނަ ބޭނުންވީ ބައްޕަ އަނބުރާ ގެންނާށެވެ. ބައްޕައާއި އަދިވެސް ލޯބިން ވާހަކަ ދައްކަން މަސައްކަތް ކޮށްފިނަމަ ބައްޕަ ރަނގަޅުވެދާނެއޭ ހިތާއެވެ. އެހެންކަމުން އަމީން ކާރު ސްޓާޓްކޮށްލި މަންޒަރު ފެނިފައި މިޞްބާޙްވެސް އޭނަގެ ސައިކަލަށް އެރިއެވެ. އަދި އަމީން ކާރު ދުއްވާލުމުން މިޞްބާޙް އެ ކާރުގެ ފަހަތުން ދިޔައެވެ. އެވަގުތު ޒާހިޔާއާއި ވަޙީދު ކަންބޮޑުވުމެއްގައި މަންޒަރު ބަލަން ގޭގެ ދޮރުމަތީގައި ތިއްބެވެ.

 

**

 

ހަމައެކަނި ފުޅި ބައްތިއެއްގެ އަލިން އަލިވެފައިވާ ހުސް ކޮޓަރިއެއްގެ ކަނެއްގައި އޮށޯވިފައި އޮތް ނަޞްރާގެ ދެލޯ ތަގުޅިވެގެން ދިޔައީ އަނެއްކާވެސް އޭނަ ހޭއެރުމަށެވެ. ނަޞްރާއަށް އިޙުޞާޞް ކުރެވުނު ވަރުބަލިކަމެއްގެ ސަބަބުން އޭނަ މިފަހަރު ލޯ ނުހުޅުވަން ނިންމިއެވެ. އެހެނަސް މީހަކު އަތުގެ ނުފުށުން އޭނަގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލިހެން ހީވި ވަގުތު ނަޞްރާއަށް ކުއްލިއަކަށް ދެލޯ ހުޅުވައި ބަލާލެވުނެވެ. އެވަގުތު އެއްކަލަ ޒުވާނާ އޭނައާއި ނުހަނު ކައިރިން ފެނިފައި ނަޞްރާއަށް ބިރުގެންފައިވާ ހިތަކާއެކީ އަތްދަމައިގަންނަމުން ތެދުވެވުނެވެ. ނަޞްރާގެ ނަސީބު ރަނގަޅުކަމުން ކުރުފައިމައްޗަށް ތިރިވެ އިން އެ ޒުވާނާ އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރީ އެހާ ބާރަކަށްނޫނެވެ. ޒުވާނާ ހޭންފެށުމުން ނަޞްރާ ބިރުގެންފައިވާ ހިތަކާއެކީ އޭނަގެ ދެކަކޫ ކައިރިއަށް ގެނެސް ދެފައިގައި ދެއަތުން ވަށައި ފާރުގެ ކަނަށް ކުރުގެޅިލިއެވެ.

 

“މަންޖެ ހާދަ ބިރެކޭ. މިއީ ފުރަތަމަ ފަހަރުތަ ފިރިހެނަކާ ކައިރިވާ؟ ހެހެ…..ބިރުގަންނަންޖެހޭ ކަމެއްނޫން މިއީ. އަހަރެން ބައިވަރު ދުވަސްވެއްޖެ މަންޖެއާއި ކައިރިވާން ބޭނުންވެގެން ހުންނަތާ. މިރޭ މިއީ ރަނގަޅު ފުރުޞަތެއް. ގޭގަ ތިންވަނަ މީހަކު ނެތް. ލާއިގްވެސް ގެއަށް ގޮއްސި. އެހެންވީމަ އަހަރުމެން……” ޒުވާނާ ޖުމްލަވެސް ފުރިހަމަ ނުކޮށް ބިންމަތީގައި ކަކޫޖައްސައި ނަޞްރާއާއި ކައިރިވާން އުޅުނެވެ. ނަޞްރާއަށް ގޮތް ހުސްވެފައި އިނދެ ދެލޯ މަރައި ތަގުޅިކޮށްލަމުން އިސްޖަހާލެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ ޒުވާނާ ކުއްލިއަކަށް އޭނައާއި ދުރުވެގެން ދިޔަހެން ހީވުމުން ނަޞްރާއަށް ދެލޯ ހުޅުވައި ބަލާލެވުނެވެ. އެވަގުތު ކޮޅަށްހުރި ޒުވާނާގެ ޓީޝާޓުގައި ފުރަގަހުން ހިފަހައްޓައިގެން އޭނައަށް ރުޅިވެރި ނަޒަރެއް ދީގެން ހުރި ޔޫނުސް ފެނިފައި ނަޞްރާގެ މެއަށް ފިނިވިއެވެ. ޤަބޫލުކުރަން ދަތިވިއެއްކަމަކު ފަނޑު އަލީގެ ތެރެއިން ފެންނަމުން އެ ދިޔައީ ޔޫނުސްކަމަށް ބުނެ ނަޞްރާ ހިތް އުފަލުން ނަށައިގަތެވެ.

 

“ކަލޭ ތިއީ ކާކު؟” ޒުވާނާ ޔޫނުސްގެ މޭމައްޗަށް އެތިފަހަރެއް ވިއްލާލަން އުޅުނު ވަގުތު ޔޫނުސް އޭނަގެ އަނެއްއަތުން ޒުވާނާގެ މުއްކެވިފައިވާ އަތުގައި ހިފަހައްޓާލިއެވެ.

 

“ކަލޭ އަތްލާން ތިއުޅުނު އަންހެން ކުއްޖާގެ ފިރިމީހާ. ދާންއުޅޭ މިތަނުން!” ޔޫނުސް އެންމެ ފަހު ޖުމްލަ ބުނެލި ހަރު އަޑެއްގެ ސަބަބުން ޒުވާނާ ސިއްސައިގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި ފުލުހުންގެ ބަޔަކު އެގެއަށް ވަދެގެން އައުމުން ޔޫނުސް އެ ޒުވާނާގެ ޓީޝާޓުން ދޫކޮށްލިއެވެ.

 

“މިއީ އަޅުގަނޑުގެ އަންހެނުން ހައްޔަރު ކުރުމުގައި ބައިވެރިވި މީހެއް.” ޔޫނުސް ޒުވާނާއަށް ޢިޝާރާތްކޮށްލަމުން ބުނެލިއެވެ. އެއާއެކު ފުލުހުންގެ މީހަކު އައިސް އެ ޒުވާނާ ހައްޔަރުކޮށްފިއެވެ.

 

“މިއީ އެހެންނޫނަސް ކުށުގެ ރެކޯޑް އޮންނަ މީހެއް. ކޮބައިތަ އަންހެން ކުއްޖާ؟” ޔޫނުސްއާއި ވާހަކަ ދެއްކި ފުލުސް މީހާ ޒުވާނާގާތު ހަރުކަށިކޮށް ސުވާލުކުރިއެވެ. އަދިވެސް އިން ތާ އިން ނަޞްރާއަށް އަނެއްކާވެސް ދެލޯ މަރާލެވުނީ، އޭނަ އައުރަ ނިވާނުކޮށް ހުއްޓާ އެންމެން އެކީގައި އޭނައަށް ބަލަން އުޅޭހެން ހީވުމުންނެވެ. ޔޫނުސް ނަޞްރާއަށް ނުބެލިއެއްކަމަކު އޭނަ ނުތަނަވަސްވާނެކަން ޔޫނުސްއަށް އެނގުނެވެ. އެހެންކަމުން ޔޫނުސް އޭނަގެ ފުރަގަހުގައި ހުރި ނަޞްރާގެ ކުރިމައްޗަށް ހުއްޓިލަމުން ޖަވާބުދިނެވެ.

 

“އަންހެން ކުއްޖާ އެބަހުރި. އަޅުގަނޑު އޭނަ ގެއަށް ގެންގޮސްފާނަން.” ޔޫނުސް ބުނެލިއެވެ. އެއާއެކު ފުލުސްމީހާ އެންމެ ރަނގަޅޭ ބުނެ ޒުވާނާ ގޮވައިގެން އެގެއިން ނިކުމެގެން ދިޔައެވެ. ޔޫނުސް އަމީންގެ ވާހަކަ ބުނަން އަނގަ ހުޅުވާލި ވަގުތު ހުރިހާ ފުލުހުން އޭނަގެ ލޯމަތިން ގެއްލުނެވެ. އެހެންކަމުން އޭނަ ދެން އަޅާނުލަން ނިންމިއެވެ. އޭނައަށް ނަޞްރާ އަނބުރާ ލިބިއްޖެއެވެ. އޭނަ މި ނޫންކަމެއް ބޭނުމެއްނުވެއެވެ. ޔޫނުސް ފެންކަޅިވެގެން ދިޔަ ދެލޮލާއެކީ ނަޞްރާއާއި ދިމާލަށް އެނބުރިލަމުން ކުރުފައިމައްޗަށް ތިރިވެ ނަޞްރާގެ ގައިގައި ބައްދާލިއެވެ. ނަޞްރާ ރޮމުންރޮމުން ޔޫނުސްގެ މޭގައި ބޯއަޅައިގެން އޮވެ އެމީހުން ކުރިހާ ކަންތައްތަކެއްގެ ވާހަކަ ކިޔައިދިނެވެ. ޔޫނުސް އެ ހުރިހާ ކަމެއްގެ ޒިންމާ އަމިއްލަ ބޮލުގައި އެޅިއެވެ. އަމީން ނަޞްރާ ހައްޔަރު ކުރަން ޖެހުނީ އޭނަގެ ސަބަބުން ކަމަށްބުނެ އޭނައަށް މަޢާފުކޮށްދިނުމަށް އެދުނެވެ. ނަޞްރާ އެ ވާހަކައަށްފަހު އިތުރު އެއްޗެކޭ ނުބުނެ ހަމަ ރުއީއެވެ. ނަޞްރާ ރޮއި ނިމެންދެން ޔޫނުސް އޭނަގެ ގައިގައި ހިފަހައްޓައިގެން އިނެވެ. އެއަށްފަހު ނަޞްރާ ގެއަށް ގެންދިޔުމުގެ ކުރިން އޭނަ ވެފައިވާ ވަރުބައްޔަށާއި ޒަޚަމްތަކަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދިޔުމަށް ޔޫނުސް ޝަރީފަށް ގުޅިއެވެ.

 

**

 

މަތިވަމުން ދިޔަ ސްޕީޑަކާއެކީ މިޞްބާޙް ތާރުމަގުން ދުއްވާފައި ދިޔައީ އެންމެ މަތީ ސްޕީޑްގައި ދުއްވަމުން ދިޔަ އަމީންގެ ކާރާއި ހަމަކުރެވޭތޯއެވެ. ޑޭޑް މަޑުކުރާށޭ ބުނެ އޭނަގެ ހިތް އެދި ގޮވަމުން ދިޔައެވެ. ބައްޕަ ދުއްވަމުން ދިޔަލެއް ބާރުކަމުން އޭނަގެ ހިތަށް ބިރުވެރިކަމެއްވެސް ވަންނަމުން ދިޔައެވެ. ބައްޕައަށް މިހާރު މަގުން ދުއްވާ އެއްވެސް އެއްޗެއް ސާފެއްވެސް ނުވާނެއޭ މިޞްބާޙްގެ ހިތް ބުންޏެވެ. އޭނަގެ ހިތަށް ވެރިވި ނުތަނަވަސްކަމާއެކު ހިތާމަވެސް ކުރަމުން ދިޔައެވެ. ބައްޕަ އެންމެނާއި ދުރަށްދާން ޖެހޭ ވަރަށް ނުރުހުންވާންޖެހުނީ ހަމަ އޭނަގެ ސަބަބުންނޭ ހިތަށްއެރިއެވެ. އޭނަ އެ ޚަބަރު ލިބުމުން ބޭބެއަށް އެންގުމުގެ ކުރިން ބައްޕައަށް އެންގިނަމަ މާ ރަނގަޅުވީހެވެ. ބައްޕަގާތު ލޯބިން އެއީ ގޯސްކަމެއްކަމަށް ބުނެދޭން އުޅުނުނަމަ ބައްޕަ އަޑުއެހީހެވެ. ބައްޕަ ފަތިސް ނަމާދަށްދާން އެއްބަސްވިއްޔާ އެކަމަށް އެއްބަސްނުވާންވީ ސަބަބެއްނޯންނާނެއޭ މިޞްބާޙްގެ ހިތް ބުންޏެވެ. ބައްޕަ މީގެ އިރުކޮޅެއްކުރިން އޭނަގެ ގައިގައި ބައްދާލި މަންޒަރު ސިފަވެގެން ދިޔުމުން މިޞްބާޙްގެ ލޯ ކަރުނުން ފުސްވިއެވެ. މިރޭ އޭނަ ރާވައިގެން ހުރީ ހުރިހާ މައްސަލަތައް ޙައްލުކުރާށެވެ. އެހެނަސް ކަންދިމާވިގޮތުން މިރޭ މައްސަލަތައް ދުވަހަކުވެސް ގޯސްނުވާ ވަރަށް ގޯސްވެއްޖެއެވެ. އޭނަގެ ބައްޕަ ދެން ދުވަހަކުވެސް އޭނަ އެގޮތަށް ބައްދާނުލާނެތޯ ހިތް ސުވާލުކުރި ވަގުތު މިޞްބާޙަށް ނޭނގި އޭނަގެ ސައިކަލުގެ ސްޕީޑް ދަށްވެގެން ދިޔައެވެ. ބައްޕަގެ ކާރުގެ ހެޑްލައިޓް ދުރުވަމުން ދިޔަތަން މިޞްބާޙަށް ކަރުނަތަކުގެ ތެރެއިން ފެނުނެވެ. އޭގެ މާ ގިނައިރެއްނުވެ އިވުނު ބާރު އަޑެއްގެ ސަބަބުން މިޞްބާޙް ބިރުން ފިއްކަނޑައިގެން ދިޔައެވެ. އޭނަ އަވަސްއަވަހަށް އެސްފިޔަ ޖަހަމުން ކުރިމައްޗަށް ބަލާލި ވަގުތު އަނެއްކާވެސް ބާރު އަޑަކާއެކީ ބިއްލޫރިތައް ތަޅައިގެން ދިޔަ އަޑުއިވުނެވެ. ބިރުވެރިކަމުން ވަށާލެވިގެން ދިޔަ ހިތަކާއެކީ މިޞްބާޙް ނުފަރިތަ ގޮތަކަށް ސައިކަލު ދުއްވަމުން ކުރިއަށް ދިޔައެވެ. މާ ދުރަކަށް ނުދެވެނީސް މަގުގެ މެދުގައި ހުރަހަށް އޮތް ޕިކަޕެއް ފެނިފައި އޭނަ ސައިކަލު މަޑުކޮށްލިއެވެ. އެ ޕިކަޕްގެ ކުރީކޮޅު ގޮޑިވެފައި އޮތް ތަން ފެނުނު ވަގުތު އެއްލިކަޅިއަކުން މަގުގެ އެއްފަރާތުގައި ވެސް އެއްޗެއް އޮތްކަން މިޞްބާޙަށް އެނގުންވިއެވެ. އޭނަ އެ ދިމާލަށް ބަލާލި ވަގުތު އެ ވިނަގަނޑުމަތީގައި ބަނޑުންވެފައި އޮތް ކަޅުކުލައިގެ ކާރު ފެނިފައި އޭނަގެ މެއަށް ނުބައި ގޮތެއްވިއެވެ. އެއީ ކޮން ކާރެއްކަން ޔަޤީންވި ވަގުތު މިޞްބާޙް ޑޭޑްއޭ ކިޔައި ގޮވާލި ވޭނުން ފުރިގެންވި އަޑު މުޅި ޞަރަޙައްދުގައި ގުގުމައިގެން ދިޔައެވެ. އެވަގުތު އެތަނަށް ސައިކަލުތަކާއި ކާރުތައް މަޑުކުރަން ފަށައިފިއެވެ. މީހުން ކާރުގެ ވަށައިގެން އެއްވާން ފެށުމުން މިޞްބާޙްވެސް ސައިކަލުން ފައިބައިގެން ކާރާއި ދިމާލަށް ހިނގައިގަތީ ރޮވެން ކައިރިވެފައި ހުރެއެވެ. މީހުންތަކުގެ ތެރެއިން ފުރޭނެމުން ގޮސް ކާރާއި ހަމައަށް ދެވުނުތަނާހެން މިޞްބާޙް ދެކަކޫމައްޗަށް ތިރިވިއެވެ. އަދި ކާރުގެ ކުޑަދޮރުން ކާރުގެ އެތެރެ ފެނޭތޯ ބެލިއެވެ. އެކޮޅުކޮޅުން އޮތް އަމީންގެ ޒަޚަމްވެފައިވާ މޫނު ފެނިފައި މިޞްބާޙް އަޑުން އަޑު ނަގައި ރޯންފެށިއެވެ. އަދި ޑޭޑްއޭ ކިޔައި ކުޑަދޮރުގެ ކައިރީގައި ތަޅަމުން ދިޔައެވެ. މިޞްބާޙް އެތަނުން ދުރުކުރަންޖެހުނީ އެތައް މީހުން އެއްވެގެން ގަދަކަމުންނެވެ. މާ ގިނައިރެއްނުވެ އެތަނަށް އެމްބިއުލާންސްއައެވެ.

 

**

 

މިޞްބާޙްގެ ޙަޔާތަށް ތޫފާނެއް އައި ވަގުތު ނަޞްރާއާއި އޭނަގެ ޢާއިލާގެ މީހުން އުފާކުރަމުން ދިޔައެވެ. ޕްރައިވޭޓް ރޫމެއްގެ އެނދުގައި ނަޞްރާ އައިވީ ގުޅައިގެން އެނދުމަތީގައި އިންއިރު އޭނަގެ ކައިރީގައި ޔޫނުސްވެސް އެނދުމަތީގައި އިނެވެ. އަފްރީން އެތާ ވަކިން ހުރި އެނދުގައި އިށީނދެގެން އިންއިރު ޝަރީފާއި އަފްރާޒް ތިބީ އެ ކޮޓަރީގެ ކަނުގައި ވަކިން ހުރި ދެ ސޯފާގައެވެ. މި ގަޑިއަކީ އާޒް ނިދާ ގަޑި ކަމަށްވުމުން ސަދަފްވީ ގޭގައެވެ. އޭނަގެ އެންމެ ގާތް އެކުވެރިޔާ ނެތެއްކަމަކު އަފްރާޒާއި އަފްރީން އެކިއެކި ސަމާސާތައްކޮށް ނަޞްރާގެ ހިތް ފުރަމުން ދިޔައެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުޖާލާވި ހިނިތުންވުންތަކެވެ.

 

އެ އެންމެންގެ ވާހަކަތަކަށް ހުއްޓުމެއް އައީ ޔޫނުސްގެ ފޯނު ރިންގުވުމުންނެވެ. އޭނަ ފޯނު ޖީބުން ނަގައި ބަލާލިއިރު ސްކްރީނުން ދިގު ނަންބަރެއް ފެނިފައި އޭނަގެ ނިތަށް ރޫގިނަވިއެވެ. އެވަގުތު ޝަރީފް ކާކުތޯ ސުވާލުކުރިއެވެ. ހަމައެއާއެކު މި ވާނީ ބައްޕައަށޭ ޔޫނުސްގެ ހިތް ބުންޏެވެ. އޭނަ އެންމެން ގާތު އެބަ އަންނަމޭ ބުނެލަމުން އެ ކޮޓަރިން ނިކުތީ މިވަގުތު އެތާނގައި ނަވާޒްގެ ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެހެން ހީވީތީވެއެވެ. ޔޫނުސް ކޮޓަރީގެ ދޮރު ލައްޕާލަމުން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ސަލާމް ބައްޕާ.” ޔޫނުސް ލުއި ހިނިތުންވުމަކާއެކީ ބުނެލިއެވެ.

 

“އެނގިއްޖެދޯ ބައްޕަކަން؟ ބައްޕައަށް މިހާ ދުވަހު ދަރިފުޅަށް ނުގުޅާ ހުރެވުނީ ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގަ ބާއްވާފަ އޮތީތީއޭ. ހާދަ ބޮޑު ޙާދިސާއެއް ހިނގައިފިޔޭދޯ މިރޭ؟ އަމީން ކިހިނެއްތަ މިހާރު؟ ޒާހިޔާވެސް މިޞްބާޙް ވެސް ފޯނެއްނުނަގާ.” ނަވާޒް ބުނެލިއެވެ. ޔޫނުސް ޙައިރާންވިއެވެ. ބޮޑު ޙާދިސާއެކޭ ބުނުމުން އޭނައަށް ސިފަވެގެން ދިޔައީ ނަޞްރާއަށް ދިމާވި ކަންތައްތަކެވެ. އެހެނަސް…….

 

“ބައްޕާ އަމީނަށް ކީއްތަވީ؟” ޔޫނުސް އަހާލިއެވެ.

 

“ނުދެނަހުރިންތަ؟ ރާއްޖެ ޕްރެސްގަ މީގެ ގަޑިއިރެއްކުރިން އެބަހުރި ޚަބަރެއް. އަމީންގެ ކާރާއި ޕިކަޕަކާ އެކްސިޑެންޓެއްވެއްޖެޔޭ ކިޔާފަ. ފޮޓޯގަ އަމީންގެ ކާރު އޮތީ ބަންޑުން. ޔޫނުސްއަށް ޚަބަރެއްނުވޭތަ؟” ނަވާޒް ޙައިރާންކަމާއެކީ ސުވާލުކުރިއެވެ. ޔޫނުސްގެ ނިތަށް ރޫގިނަވިއެވެ. އޭނަގެ ހަނދާނަށް ކުއްލިއަކަށް އައީ މީގެ އިރުކޮޅެއް ކުރިން ހޮސްޕިޓަލަށް އެމްބިއުލާންސެއް ވެއްދި އަޑު އިވުނު ގޮތެވެ. އެއީ ކާކުކަން ބަލަން އުޅެފަވެސް އޭނަ ޚިޔާލު ބަދަލުކޮށްލި ގޮތެވެ. އަމީނަށް ހަމަ އެހާވެސް ބޮޑުވަރުވީބާއެވެ.

 

“ބައްޕާ އަހަރެން…..އަހަރެން ފަހުން އެބަގުޅަން.” ޔޫނުސް އަވަސްއަވަހަށް ބުނެ އެކޮޅުން ނަވާޒް ހޫންލައްވާލުމުން ފޯނު ކަނޑާލިއެވެ. ޔޫނުސް ވަގުތުން އޭނަގެ ފޯނުން ރާއްޖެ ޕްރެސްއަށް ދިޔައެވެ. އެންމެ ފުރަތަމަ ވެސް ފެނިގެން ދިޔައީ ނަވާޒް އެ ބުނި އެކްސިޑެންޓްގެ ވާހަކައެވެ. އެ ޚަބަރު ލިޔެފައިވަނީ މިކޮޅުގައި އުޅޭ މުވައްޒަފެކެވެ. ޔޫނުސް ވަގުތުން އެ ޚަބަރު ހުޅުވައި ފޮޓޯތައް ބަލަން ފެށިއެވެ. ފުރަތަމަ ތިން ފޮޓޯއިން ފެނުނީ ކާރު ބަންޑުން އޮތް މަންޒަރު ތިން ފަރާތަކުން ނަގާފައެވެ. ހަތަރުވަނަ ފޮޓޯގައި މިޞްބާޙް ބިމަށް ތިރިވެ ކާރުގެ ކައިރީގައި ރޯން އިންތަން ފެނިފައި ޔޫނުސްގެ ހިތަށް އަސަރުކުރިއެވެ. އޭނަ މި ވާހަކަ ވަގުތުން ނަޞްރާމެނަށް އަންގަން ބޭނުންވިއެވެ. މިޞްބާޙަކީ މިރޭ އެމީހުންގެ މޫނުމަތީގައި ވި ހިނިތުންވުންތަކުގެ ސަބަބަކަށްވީ ހިނދު މިޞްބާޙާއިއެކީ މި ޙާލަތުގައި ވުމަކީ އެންމެން ކުރަންޖެހޭނެ ކަމެއްކަމަށް އޭނަ ދެކުނީތީވެއެވެ.

 

“އަމީންގެ އެކްސިޑެންޓެއްވެއްޖެ.” ޔޫނުސް ކޮޓަރީގެ ދޮރު ހުޅުވާލަމުން ބުނެލި ވާހަކައިން އެންމެން ހިނދުކޮޅަކަށް ހިމޭންވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ ޝަރީފް ވާހަކަ ދެއްކިއެވެ.

 

“ހަމަ ރަނގަޅަށްވީ! އޭނައެއްނު އަހަރުމެންގެ ނަޞްރާ ހައްޔަރު ކޮށްގެން އުޅުނީ؟ އޭނައަށް އެ ލިބުނީ އޭނައަށް ޙައްޤުވާ އަދަބު!” ޝަރީފް ފޯރިއާއެކީ ބުނެލިއެވެ. ނަޞްރާ ބައްޕާއޭ ކިޔައި ދިގުކޮށް ގޮވާލިއެވެ.

 

“އަމީން ވެދާނެ އަހަރުމެންގެ ދުޝްމިނަކަށް. އެކަމަކު އޭނަގެ ރޭވުމުން އަހަރުމެން ސަލާމަތްކޮށްދިނީ މިޞްބާޙް. މިޞްބާޙް އަހަންނަށް ގުޅާފަ ބުނީ ނަޞްރާ ގެންދެވުނީ އެގެއަށޭ. އޭނަ ނުބުނިނަމަ އަހަރެން އެގެ އަނެއްކާ ނުބެލީސް. އެއީ ކުރިން އެތައް ފަހަރަކު ބަލާފަ ހުރި ގެއަކަށްވާތީ……..އަމީނަކީ މިޞްބާޙްގެ ބައްޕަ. އަމީނަށް ކަމެއްވުމުން އަހަރުމެނަށް މާ ބޮޑު އަސަރެއް ނުކުރިޔަސް މިޞްބާޙް ހިތާމަ އެބަކުރޭ. އަހަރެން ދެކޭގޮތުގަ އަހަރުމެންވާނެ މިޞްބާޙަށް ޝުކުރު އަދާކުރުމުގެ ގޮތުން ވިޔަސް އޭނައާއި އެކީގަވާން.” ޔޫނުސް ދެއްކި ވާހަކައިން އަފްރީނަށް އިނދެވުނީ ހިރިލަން ވެސް ނޭނގިފައެވެ. މިޞްބާޙް އޭރު އޭނައަށް ގުޅީ ކީއްވެގެންކަން އޭނައަށް މިއެނގުނީ އަދި ކިރިޔާއެވެ. މިޞްބާޙް އަމިއްލަ ބައްޕައާއި ދެކޮޅަށް ވެސް ރަނގަޅު ފިޔަވަޅެއް އެޅީތީ އަފްރީނަށް ހިތާހިތުން މިޞްބާޙާއިމެދު ފަޚުރުވެރިވެވުނެވެ. އެއީ އޭނަގެ ހިތްވަރުގަދަ މިޞްބާޙޭ ހިތަށްއެރިއެވެ. އަފްރީންގެ މޫނުމައްޗަށް ހިތާމަވެރި ހިނިތުންވުމެއް ވެރިވިއެވެ.

 

“އާނ ބައްޕާ. ޔޫނުސް އެ ބުނީ ތެދެއް. ޔޫނުސްއާއި ބައްޕަ ދޭ މިޞްބާޙްގެ ކައިރިއަށް. ޔޫނުސް…….އަހަރެންގެ ފަރާތުން ވެސް މިޞްބާޙަށް ޝުކުރު އަދާކޮށްދޭތި.” ނަޞްރާ ޔޫނުސްއަށް ބަލާލަމުން ބުނެލިއެވެ. ޔޫނުސް އިރާދަކުރެއްވިއްޔާއޭ ބުނެލަމުން ޝަރީފްގާތު އައުމަށް އެދުނެވެ. ޝަރީފް ރުޅި މޫނަކާއެކީ ޔޫނުސްގެ ފަހަތުން ދިޔައެވެ. ބައްޕައާއި ޔޫންބެ ލޯމައްޗަށް ގެއްލުމުން އަފްރީންގެ ހިތަށް އުނދަގޫވިއެވެ. އޭނަވެސް މިޞްބާޙްގެ ގާތަށް ގޮސް އޭނަގެ ހިތްހަމަ ޖައްސައިދޭން ބޭނުންވިއެވެ. އެހެނަސް ދެމީހުންގެ ހިތްވެސް ޖަޒުބާތުން ފުރިގެންވި ޙާލަތެއްގައި އޭނައަށް މާ ގިނަ ވާހަކަތައް ދެއްކިދާނެތީ އަފްރީން ޖެހިލުންވިއެވެ.

 

**

 

ޒާހިޔާއާއި މިޞްބާޙާއި ވަޙީދު އައި.ސީ.ޔޫގެ ބޭރުގައި ހުންނަ ގޮނޑިބަރީގައި އިށީނދެގެން ތިބިއިރު ތިން މީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ބަނަކަމެވެ. އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ މިޞްބާޙަށެވެ. އޭނަގެ ލޯ ރަތްވެ ދުޅަވެފައިވީއިރު އޭނަގެ އިސްތަށިގަނޑުވަނީ ހޭވިފައެވެ. ލައިގެން ހުރި ނޫކުލައިގެ އެތަން މިތަނުގައި ލޭ ހުރިއިރު އެ ގަމީހުގައި ވަނީ ރޫޖެހިފައެވެ.

 

ތިން މީހުން އައި.ސީ.ޔޫއިން ނިކުންނާނެ ޑޮކްޓަރެއްގެ އިންތިޒާރުގައި ތިއްބާ ޑޮކްޓަރު ނިކުތުމުން ތިން މީހުންނަށްވެސް އެކުއެކީގައި ތެދުވެލެވުނެވެ. ޑޮކްޓަރު އެމީހުންނަށް ބަލަން ހުރެ މާޔޫސީ ގޮތަކަށް ބޯހޫރުވާލިއެވެ.

 

“މިއަދުން ފެށިގެން އަމީންގެ އެއްފަޅީގައި ވާގިއެއް ނުހުންނާނެ.” ޑޮކްޓަރު ބުނެލި ޖުމްލައިން ޑޮކްޓަރުގެ ކުރިމަތީގައި ތިބި ތިން މީހުންގެ އިތުރުން އެމީހުންގެ ފުރަގަހުގައި ތަންކޮޅެއް ދުރުގައި ތިބި ޔޫނުސްއާއި ޝަރީފް ވެސް ހުއްޓުން އެރިއެވެ. ސިކުންތުކޮޅެއްފަހުން ޒާހިޔާ ފުން ނޭވައެއް ދޫކޮށް ވަޙީދު ޑޮކްޓަރަށް ބޯޖަހާލި ވަގުތުވެސް މިޞްބާޙް ހުރީ ހުއްޓުން އަރާފައެވެ. ޑޮކްޓަރު އެމީހުންނާއި ދުރަށް ހިނގައިގަތުމުން ވެސް ޑޮކްޓަރުގެ ޖުމްލަ އޭނަގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އޭނަގެ ލޮލަށް ސިފަވަމުން ދިޔައީ ކުޑައިރުއްސުރެ ބައްޕަ އޭނައާއެކީ އުޅުނު ގޮތެވެ. އެއްޗެހި ގޮވި ކިތަންމެ ދުވަހެއް ދިޔަޔަސް އޭނަ އެދުވަސްތައް ހަނދާނެއްނުވެއެވެ. އޭނަ ހަނދާންވަމުން ދިޔައީ ބައްޕަ ބައްޕަގެ ބުރަކަށްޓަށް ލައިގެން އޭނަ އުފުއްލި ހަނދާނެވެ. އޭނައާއެކީ ޕާކަށް ގޮސް ފުޓުބޯޅަ ކުޅުނު ހަނދާނެވެ. ބައްޕަ އޭނައާއި ސަމާސާކުރި ގޮތްތަކެވެ. އެންމެ ފަހުން މިޞްބާޙްގެ ހަނދާނަށް އައީ މިރޭ އޭނަގެ ބައްޕަ އޭނަ ބައްދާލި ގޮތެވެ. އެއީ ހަމަ ޙަޤީޤަތުގައި ވެސް ބައްޕައަށް އޭނަ ބައްދާލެވުނު ފަހު ފަހަރުތާއޭ ހިތް ބުނި ވަގުތު މިޞްބާޙްގެ ލޮލުން ކަރުނަތައް ހޯސްލާފައި އަންނަން ފެށިއެވެ. އޭނައަށް އަނެއްކާވެސް ހުރިތަނަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. ވަޙީދު މިޞްބާޙޭ ކިޔައި ގުދުވެ އޭނަގެ ދެކޮނޑުގައި ހިފަހައްޓާލި ވަގުތު ޒާހިޔާވެސް ތިރިވިއެވެ.

 

“ދަރިފުޅު ތި ރޮނީ ކީއްވެ؟ އެއީ ދަރިފުޅަށް އެތައް އަނިޔާއެއްދިން އިންސާނެއް. އޭނައަށް މިއަދު އެ އޮތީ އޭގެ ޢަޒާބު ލިބިފަ.” ޒާހިޔާ މިޞްބާޙްގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ނުރުހުންތެރިކަމާއެކީ ބުނެލިއެވެ.

 

“މްމް….މަމް…..މާ. ޑޭޑް ބުނި ތިމަންނަ މިއަދު އަހަންނާއެކީ ފަތިސް ނަމާދަށްދާނަމޭ.” މިޞްބާޙް ރޮވިފައިވާ އަޑަކުން ބުނެލި ވާހަކައިން އެތާނގައި ތިބި އެންމެންގެ ހިތްތައް ޖަޒުބާތުން ފުރިގެންއައެވެ. ޒާހިޔާއަށް ރޮވެން އުޅުނެއްކަމަކު އޭނަ ނޫންކަމަށް ހަދާލިއެވެ.

 

“އޭނަ މިއަދު ސަލާމަތުން ހުރިނަމަވެސް ނުދާނެ.” ޒާހިޔާ ޔަޤީންކަމާއެކީ ބުނެލިއެވެ.

 

“ނޫން މަންމާ. ރޭގަ ޑޭޑް އަހަންނާ ވަރަށް ލޯބިން ވާހަކަ ދެއްކީ. އަހަރެން ހުރިހާ ކަމެއް ގޯސްކުރީ. އަހަރެން އެންމެ ފުރަތަމަ ވެސް ބައްޕައަށް އެންގިނަމަ……” މިޞްބާޙްގެ ވާހަކަ މެދުކެނޑުނެވެ.

 

“އެންގިނަމަ ނަޞްރާ ދުވަހަކުވެސް ސަލާމަތް ނުކުރެވުނީސް. ހުރިހާ ކަމެއްވީ ރަނގަޅަށް. ދެންވެސް ކަންތައްވާނީ ރަނގަޅަށް އިރާދަކުރެއްވިއްޔާ.” ޒާހިޔާ ބުނެލިއެވެ.

 

“އާނ މިޞްބާޙް. ދެން މިހާ ހިސާބުން ބޭބެ ވެސް އިޞްލާޙުވާނެ އިރާދަކުރެއްވިއްޔާ. ދެރަނުވޭ.” ވަޙީދު އެހެން ބުނެލަމުން މިޞްބާޙްގެ ކޮނޑުގައި ހިފައި ހިއްލަން އުޅުނެވެ. މިޞްބާޙް ދެކޮޅު ހެދުމެއްނެތި އިސްޖެހިފައިހުރެ ކޮޅަށް ތެދުވިއެވެ.

 

“ޑޭޑް ބަލަން ހިނގާ.” މިޞްބާޙް އެހެން ބުނެލަމުން ޒާހިޔާމެނަށް ބެލުމެއްނެތި އައި.ސީ.ޔޫގެ ދޮރާއި ދިމާލަށް ދާން ފެށިއެވެ. އެ މަންޒަރު ފެނިފައި ޔޫނުސް ކުރިއަށް ޖެހިލަމުން މިޞްބާޙަށް ގޮވާލިއެވެ. މިޞްބާޙް ފިޔަވަޅުތައް މަޑުޖައްސާލަމުން ފަސްއެނބުރި ބަލާލިއެވެ.

 

“މިޞްބާޙް……އައިމް ރިއަލީ ސޮރީ. ނޭނގި ނަމަވެސް އަހަރެންގެ ސަބަބުން މިއަދު މިޞްބާޙްގެ ބައްޕަ އެ ޙާލުގަ އޮތީ.” ޔޫނުސް ދެރަވެފައިހުރެ ބުނެލިއެވެ. މިޞްބާޙް އިރުކޮޅެއްވަންދެން ޔޫނުސްއަށް ބަލަން ހުރެފައި އިޓްސް އޯކޭއޭ ވައި އަޑުން ބުނެލަމުން އައި.ސީ.ޔޫއަށް ގޮސްވަނެވެ. އޭނަގެ ފަހަތުން ޒާހިޔާއާއި ވަޙީދުވެސް ވަތް މަންޒަރު ބަލަން ހުރި ޔޫނުސްގެ މޫނުމަތިން ފެނަމުން ދިޔައީ ޙަމްދަރުދީ ކަމަށްވިޔަސް ޝަރީފްގެ މޫނުމަތިން ފެނުނީ ޙައިރާންކަމެވެ. މިޞްބާޙަކީ އޭނަ ހީކުރި ކަހަލަ ކުއްޖެއްނޫންތާއޭ އޭނަގެ ހިތް ބުނަމުން ދިޔައެވެ. ތިމާގެ އަމިއްލަ ބައްޕަ ތިމާއަށް އަނިޔާ ކުރުމުން ވެސް ބައްޕަދެކެ މިޞްބާޙް އިންތިހާއަށް ލޯބި އެބަވެއެވެ. އެއީ މި ޒަމާނުގައި ޢާއްމުކޮށް ފެންނަ މަންޒަރެއްވެސް ނޫނެވެ. ރަނގަޅު ކުއްޖެއްގެ ކިބައިގައި ނޫނީ އެފަދަ ސިފައެއް ނުހުންނާނެކަމަށް ޝަރީފަށް އަމިއްލަ ނަފްސާއި އެއްބަސްވެވުނެވެ. އެއާއެކު އޭނަ ކުއްލިއަކަށް މިޞްބާޙާއިމެދު ޙަމްދަރުދީވިއެވެ. މިޞްބާޙާއިމެދު ގޯސްކޮށް ވިސްނުނީތީވެވެސް ހިތާމަ ކުރެވުނެވެ. އޭނަ ވަޙީދުގާތު ވެސް ބުނިހާ ބަސްތައް ބަދަލުކުރަން ބޭނުމެއްނުވިއެވެ. އެހެނަސް މިއީ އެކަން ކުރުމަށް ރަނގަޅު ވަގުތަކަށް ނުވާނެހެން ހީވީތީ ޝަރީފް ހިތުތެރޭގައި އެ ވާހަކަ ބޭއްވިއެވެ.

 

އޭގެ 4 ހަފްތާފަހުން އަމީން ފުރޮޅުލީ ގޮނޑިއެއްގައި ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. އޭނަ ގެއަށް ގެނެވުނު ދުވަހުގެ ރޭ ވަޙީދު އޮތީ ފުރަން ނިންމާފައެވެ. އޭނަ ފުރަންވީއިރު ވެސް އޭނަ ސާފުކުރަން އައި މައްސަލައިގެ އިތުރު ހެއްކެއް އޭނައަށް ނުލިބުނީތީ ވަޙީދު އަމިއްލަ ނަފްސަށް ނުރުހުންވިއެވެ. ގޯހެއް ހަދާފައިވާނީ މިޞްބާޙެއް ނޫންކަން މިހާރު ވަޙީދަށް ޔަޤީން ކުރެވެއެވެ. އަމިއްލަ ބައްޕަ ވާގި ނެތުމުން ވެސް ބައްޕަ ހިތްހަމަޖެއްސުމަށްޓަކައި ބައްޕައާއި ސަމާސާ ކުރާ ކުއްޖަކު އެހާ ނުބައި ރޭވުމެއް ރާވާފާނެއެކޭ އޭނަގެ ހިތެއްނުބުނެއެވެ. ކޮންމެއަކަސް މިޞްބާޙްގެ ފަރާތުންނާއި އަމީންގެ ފަރާތުން އޭނައަށް އެނގިގެން ގެއްލުންވި މީހުންނަށް ވަޙީދު މަޢާފަށް އެދެން ބޭނުންވިއެވެ. އެކަމަށްޓަކައި އޭނަ އެރޭ މިޞްބާޙްގާތު އޭނަ ޝަރީފްމެންގެ ގެއަށް އޭނަ ގެންގޮސްދިނުމަށް އެދުނެވެ. އެއީ އަފްރީންގެ ގެކަން އެނގުންވުމުން މިޞްބާޙް ޖެހިލުންވިއެވެ. އެހެނަސް އޭނައަށް ވަޙީދަށް އިންކާރުކުރަން ނުކެރުނީ ވަޙީދުގެ ފަރާތުން ކުރިމަތިވެދާނެ ސުވާލުތަކެއްގެ ސަބަބުންނެވެ. އެހެންކަމުން މިޞްބާޙް އޭނަގެ ސައިކަލުގައި ވަޙީދު އެގެއަށް ގެންދިޔައެވެ. ވަޙީދާއެކީ މިޞްބާޙް ވެސް ދެ ޚިޔާލެއްގެ މަތީގައި ހުރެ އެގޭގެ މައިދޮރާއި ހަމައަށް ދިޔައެވެ. އެވަގުތު ގޭގެ ތެރެއިން އަފްރީން ދޮންތާއޭ ކިޔައި ގޮވާލި އަޑަށް މިޞްބާޙަށް ބޭ އިޚްތިޔާރުގައި ދޮރުމަތިން ދުރުވެސް ދޮރުގެ ކައިރ ފާރުކައިރީގައި މަޑުކޮށްލެވުނެވެ. ވަޙީދު ކިހިނެއްވީތޯ ސުވާލުކުރުމުން ތިމަންނަ ނުވަންނާނަމޭ މިޞްބާޙް ބުންޏެވެ. ވަޙީދު އެއީ ކީއްވެތޯ ސުވާލުކުރުމުން ތިމަންނަ ވަންނަން ބޭނުމެއްނުވާކަމަށް މިޞްބާޙް ބުންޏެވެ. ވަޙީދު އަޖައިބުވެފައި އޭނައަށް ބަލަން ހުރެފައި ސަލާމް ގޮވާލިއެވެ. އިރުކޮޅެއްފަހުން އެ ދޮރު ހުޅުވާލީ ޝަރީފެވެ. ވަޙީދު ފެނިފައި ޝަރީފް ހިނިތުންވުން ފަނޑުވިއެއްކަމަކު އޭނަ ވަޙީދަށް ހޫނު މަރުޙަބާއެއް ކިޔޭތޯ ބެލިއެވެ. ޝަރީފް އަފްރީނާއި އެވަގުތު އެގެއަށް ޔޫނުސްއާއެކީ ހުރި ނަޞްރާ ލައްވައި ސައި ތައްޔާރު ކުރުވިއެވެ. ނަޞްރާމެން ސައި ގެނައިއިރު ޝަރީފާއި ވަޙީދާއި ޔޫނުސް ވާހަކައިގައި ތިއްބެވެ. ވިޔަފާރީގެ ވާހަކަ ދައްކަމުން ގޮސް ވަޙީދު ކުއްލިއަކަށް ސީރިއަސްވެލިއެވެ.

 

“އަސްލު…….އާ ވިޔަފާރިއެއް ފަށާކަށް ނޫން އަހަރެން މިކޮޅަށް އައީ. މީގެ ދުވަސްކޮޅެއްކުރިން މިޞްބާޙާއި ކޮންމެވެސް އަންހެން ކުއްޖަކާ ދެމެދު ހިނގި ކަންތައްތައް އިތުރަށް އޮޅުން ފިލުވަންވެގެން. އަސްލު އެ އަންހެން ކުއްޖާ ބަރުބާދުކޮށްލަން އުޅުނީ ކާކުކަން ދެނެގަންނަންވެގެން. މިޞްބާޙް ތިމަންނަ އެއްވެސް ކަމެއް ނުކުރަމޭ ބުންޏަސް އަހަރެން އެކަމުގެ ހެކި ބޭނުންވި. މިހާރު މިޞްބާޙް އެ އުޅޭ ގޮތްވެސް ހެއްކަކަށް ފުދޭނެ ކަންނޭނގެ. އެކަމަކު……” ވަޙީދުގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ ޝަރީފް އެއްޗެކޭ ބުނަން އުޅުނު ވަގުތު އަފްރީން ވާހަކަ ދެއްކިއެވެ.

 

“އަހަރެންގެ އަތުގަ އެބައޮތް ހެކި.” ކޮޅަށްހުރި އަފްރީން ސާބިތުކަމާއެކީ ބުނެލިއެވެ. އެ އަޑު އިވިފައި ބޭރުގައި ހުރި މިޞްބާޙް ހުއްޓުންއެރިއެވެ.

 

“ކޮން ހެއްކެއް؟” ވަޙީދު ކޮށްލީ މިޞްބާޙްގެ ހިތުގައި އޮތް ސުވާލެވެ.

 

“އެރޭ މިޞްބާޙާއެކީގަ ހުރި ކުއްޖަކީ އަހަރެން. އެކަމަކު އަހަރުމެން އެއްކޮޓަރިއެއްގަ ތަޅުލެވުނީ މިޞްބާޙް ކުރި ކަމަކުންނެއްނޫން. އެއީ ސިނާންއާއި އަހަރެންގެ ކުރީގެ ބައެއް އެކުވެރިން ބައިވެގެން ކުރި ކަމެއް.” އެ ވާހަކަ އިވިފައި ވަޙީދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މިޞްބާޙަށް ވެސް ބޮޑުވެގެން ދިޔަ ދެލޮލާއެކީ ހުޅުވާލެވިފައިވާ ދޮރާއި ދިމާލަށް ބަލާލިއެވެ. އަފްރީނަށް އެނގުނީ ކިހިނެއްބާއޭ އޭނަގެ ހިތަށްއެރިއެވެ.

 

“އެކަމަކު……ޝަރީފް ބުނީ…” ވަޙީދުގެ ވާހަކަ ފުރިހަމައެއްނުވިއެވެ.

 

“އަމިއްލަ ދަރިފުޅުގެ ނަން ބަދުނާމު ނުކުރުމަށްޓަކައި އަހަންނަށް ދޮގެއް ހަދާލެވުނީ. އެރޭ އަހަރެން ސަލާމަތްކުރީ ހަމަ އަފްރީން.” ޝަރީފް އެންމެ ފަހުން ބުނެލިއެވެ. ވަޙީދު ދެންވެސް ޤަބޫލުކުރަން ޖެހިލުންވިއެވެ.

 

“ކޮބައިތަ ހެއްކަކީ ސިނާންކަން މިކަން ކުރީ؟” ވަޙީދު ހާސްވެފައިހުރި ވަރު އޮޅުންއަރާފައި އަފްރީންގާތު ސުވާލުކުރިއެވެ. އެވަގުތު ޝަރީފް ކޮން ސިނާނެއްތޯ އެހިއެވެ. އެހެނަސް އަފްރީން އެއަށް ސަމާލުކަން ދިނުމެއްނެތި އޭނަގެ ހެދުމުގެ އެއްފަރާތުގައި ހުރި ޖީބުން އޭނަގެ ފޯނު ނެގިއެވެ. އަދި ފޮޓޯއެއް ހުޅުވާލަމުން ވަޙީދު އަތަށް އެ ފޯނު ދިއްކޮށްލިއެވެ. ވަޙީދު އެ ފޯނު އަތުލައި އެއަށް ބެލިއެވެ.

 

“ތިއީ އެ ޙާދިޘާ ހިނގި ދުވަސްވަރު ސިނާނާއި އަހަރެންގެ އެކުވެރިޔާ ނައުފާއާއި ދެމެދު ބަދަލުކުރެވިފައި ހުރި މެސެޖުތައް. ތި މެސެޖުތަކުން ވަރަށް ސާފުކޮށް އެނގޭނެ އެމީހުން ރޭވި ރޭވުން. ސިނާން އަހަންނަށް މިޞްބާޙްގެ ޕްރޮފައިލްއިން މެސެޖެއް ފޮނުވުމާ، ފަލަކް އަހަރެންގެ އެހީ ހޯދަން އެގެއަށް ގެންދިޔުމާއި، މިޞްބާޙްގެ އައި.ޕެޑް ފޮރުވައިގެން ފަލަކްގެ ގޭގައި އޭތި އޮތް ވާހަކަ ބުނުމާއި، އެ ހުރިހާ ވާހަކައެއް ތިއިން އެނގޭނެ. އަހަރެން ޝުކުރުކުރަން ރާޔާއަށް ރާޔާ އަހަންނަށް ތި އެއްޗެހި ފޮނުވި ކަމަށްޓަކައި. އަހަންނަށްވެސް ދޭތެރެ ދޭތެރެއިން މިޞްބާޙަށް ޝައްކު ކުރެވެމުން ދިޔަ. އެކަމަކު މިހާރު ހަމަ ޔަޤީން މިޞްބާޙް މައުސޫމްކަން.” އަފްރީންގެ އެ ވާހަކަ އިވިފައި މިޞްބާޙަށް ހުރެވުނީ ދެލޯ މަރައި ދެބުމަ ކައިރިކޮށްގެނެވެ.

 

“އަހަރުމެންގެ ރާޔާތަ؟” ވަޙީދަށް ފޯނުން ނަޒަރު ވަކިކޮށްލަމުން އަހާލެވުނެވެ.

 

“ލައްބަ…..ރާޔާއަށް ސިނާންގެ ފޯނުން މެސެޖުތައް ފެނުނު ދުވަހު އޭނަ އަހަންނަށް އެ އެއްޗެހި ފޮނުވައިފި. ރާޔާ ބޭނުމެއްނުވި އަހަރެންގެ ހިތުގައި މިޞްބާޙާއިމެދު ޝައްކުތަކެއްވާކަށް. އެއީ….އެހެންވީމަ.” އަފްރީން އިތުރު ސަބަބެއް ބުނަން އުޅެފައިވެސް އޮޅުވާލިއެވެ. ރާޔާ އޭނަގެ ހިތުގައި މިޞްބާޙާމެދު ޝައްކުތަކެއްވާން ނޭދުނީ ރާޔާ ދެކޭ ގޮތުގައި މިޞްބާޙް އޭނަދެކެ ވަނީ ޙަޤީޤީ ލޯތްބެކެވެ. އެ ވާހަކަ އެންމެންގެ ކުރިމަތީގައި ބުނަން އަފްރީން ޖެހިލުންވިއެވެ. އޭނަގެ ނަސީބު ރަނގަޅުކަމުން އޭނަ ވާހަކަ އޮޅުވާލިކަން އެތާނގައި ތިބި އެކަކަށްވެސް ނޭނގުނެވެ. އެހެނަސް ބޭރުގައި ހުރި މިޞްބާޙް ހުރީ، ރާޔާ އެހެން ހަދަންވީ އަސްލު ސަބަބު އެނގެން ބޭނުންވެފައެވެ. އެހެނަސް އޭނަ އެކަމަށްޓަކައި ފިޔަވަޅެއް ނޭޅިއެވެ.

 

ވަޙީދު ފޯނުގައި ހުރި މެސެޖުތައް ކިޔާފައި ފުން ނޭވައެއް ދޫކޮށްލަމުން ކޮޅަށް ތެދުވިއެވެ. އެއަށްފަހު އޭނަގެ އަތުގައި އޮތް ފޯނު އަފްރީންގެ އަތަށް ދިއްކޮށްލިއެވެ.

 

“އެންމެ ރަނގަޅު. އެހެންވިއްޔާ އަހަރެން އަހަރެންގެ ދަރިފުޅު ސިނާންގެ ފަރާތުން އަފްރީނަށް ވަރަށް ބޮޑަށް މަޢާފަށް އެދެން. ހިތަށް އަރަނީ ރާޔާ އަހަރެން ކައިރީގަ ތި ވާހަކަ ނުބުނީ ކީއްވެބާއޭ. ބުނެފިއްޔާ ސިނާން އޭނައަށް އަދަބުދީފާނެތީ ކަންނޭނގެ. ކޮންމެ ގޮތެއްވިޔަސް އަހަރެން ސިނާނަށް ޙައްޤު އަދަބުދޭނަން. އެކަމުގެ ޔަޤީންކަން އަފްރީނަށް މިދެނީ. އަހަރެން ބޭބެގެ ފަރާތުން ޔޫނުސްމެނަށް ވެސް ކުރިމަތިވިހާ ދަތިތަކަށް މަޢާފަށް އެދެން. ބޭބެއަށް ދެން މިހާރު ޖެހިފައިވާ ޙާލަށްވުރެ ބޮޑު އަދަބެއް ނުލިބޭނެ ކަންނޭނގެ. މުޅި ޢުމުރު ދުވަހު އެއަށްޓަކައި މަސައްކަތް ކުރި އިންތިޚާބުގައިވެސް މިހާ ކައިރިވެފައި އޮތްވާ ބައިވެރިނުވެވޭގޮތް އެވީ. އެހެން އިންނައިރުވެސް ވަރަށް ރުޅި އައިއްސަ އަބަދުވެސް ހުންނަނީ. އެނގޭ މޫނުމަތިން.” ވަޙީދު ކިޔައިދިނެވެ.

 

“އެއީ މައްސަލައެއްނޫން ބޭބޭ. ބޭބެ އަހަރުމެންނަށް މަޢާފަށް އެދޭކަށް ވެސް ނުޖެހޭ. އަމީން އަހަރުމެންނަށް މައްސަލަތައް ކުރިމަތި ކުރުވިއްޔާ އެ މައްސަލަތައް ޙައްލުކުރީ އޭނަގެ ދަރިފުޅު. މިޞްބާޙް. މިޞްބާޙާއި ހެދި އަމީނަށް ނަފްރަތުކުރަން ނޭނގިފަ އަހަރުމެން މިތިބެނީ. އަމީނަށްޓަކައި ދުޢާވެސް ކުރެވޭ މިޞްބާޙަށް އެކަމުން އުފަލެއް ލިބޭނެކަމަށް އުއްމީދުކޮށް.” ޔޫނުސް ހިނިތުންވުމަކާއެކީ ދެއްކި ވާހަކަ އިވިފައި މިޞްބާޙަށް ވެސް ހިނިތުންވެލެވުނެވެ.

 

“ހަމަ އަސްލުވެސް. މިޞްބާޙް އެ ހުރިހާ އަނިޔާތަކަކަށްފަހުވެސް އޭނަގެ ބައްޕަދެކެ ލޯބިވޭ. އޭނަ އައިއްސަ އެބަހުއްޓޭ. މިގެއަށް ނުވަދެ ބޭރުގަ އެބަހުރި. ނޭނގެ ކީއްވެކަމެއްވެސް. މިޞްބާޙް!” ވަޙީދު ގޭގެ ހުޅުވާލެވިފައިވާ ދޮރަށް ނަޒަރު ހުއްޓާލަމުން ބާރަށް ގޮވާލިއެވެ. އެއާއެކު އަފްރީނާއި މިޞްބާޙްގެ ހިތުގެ ތެޅުން ވެސް އަވަސްވިއެވެ. އަފްރީން މިޞްބާޙް ދެކެން ކެތްމަދުވީ ވަގުތު އެތެރެއަށް ދާން ބޭނުންވިވަރުން އޭނަގެ ދެފައިގައި ރިއްސާލިއެވެ. އެހެނަސް އޭނަ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ހުރިތާ ހުރެ ވާހަކަ ދެއްކިއެވެ.

 

“ވަޙީދުބޭ އަވަހަށް އާދޭ. މިހާރު ޗެކް އިން ކުރާ ގަޑިޖެހެނީ.” މިޞްބާޙް ދޮރުމައްޗަށް އެރުމެއްނެތި ގޮވާލިއެވެ. އެއާއެކު ވަޙީދުވެސް އަތުކުރީގައި އޮތް ގަޑިއަށް ބަލައި އެއީ ވެސް ތެދެކޭ ބުނެ ދަނީއޭ ބުނެލިއެވެ. އެއަށްފަހު އެގެއިން ނިކުންނަން ދިޔައެވެ. މިޞްބާޙްގެ ސައިކަލު ދުއްވާލި އަޑަށް އަފްރީންގެ ހިތް ގެނބުނެވެ. އޭނައަށް ދެން ދުވަހަކުވެސް މިޞްބާޙް ނުފެންނާނީތޯ ހިތަށްއެރިއެވެ. ސައިކަލު ދުއްވަމުން ދިޔަ މިޞްބާޙްގެ ހިތަށް ވެސް ވެރިވީ އެފަދަ ސުވާލެކެވެ. އެހެނަސް ތަޤުދީރުގައި އެމީހުން އަދި ބައްދަލުވާން އޮތިއްޔާ ބައްދަލުވާނެ ކަމުގައ ދެމީހުންގެ ވެސް ހިތް ބުންޏެވެ.

 

***8 އަހަރު ފަސް***

 

“އަފޫ ދޮންތީ ތަންކޮޅެއް މަޑުން ދުއްވިދާނެތަ؟” ޖީޕްގެ ކުރީ ސީޓުގައި އިން 4 އަހަރުގެ އަޔާނާ ސީޓުގެ ދެފަރާތުގައި ދެއަތުން ބާރަށް ހިފަހައްޓައިގެންނެވެ. ޑްރައިވާރސް ސީޓުގައި އަޅި ކުލައިގެ ބޮޑު ޝޯލްއަކާއި ކަޅުކުލައިގެ ޖިލްބާބެއް ލައިގެން އިން އަފްރީނަށް ހީލެވުނެވެ. އޭނަ ދުއްވަމުން ދިޔައީ އެހާ ބާރަކަށް ނޫނަސް ކުއްލިއަކަށް އެކި ފަރާތް ފަރާތަށް އަނބުރަމުން ދިޔަ ގޮތުން އަޔާނާ ބިރުގަންނަމުން ދިޔައެވެ. މިއީ އަފްރީންގެ އާދައެވެ. އޭނައަށް ބޮޑުދައިތަ ކިޔާ ހަމައެކަނި ކުއްޖާ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ދުއްވަން ގެންގޮސް މިފަދަ ސަމާސާތައް ކުރުމެވެ. އަފްރީން އެންމެ ފަހުން ޖިޕް ދުއްވާފައި ގޮސް މަޑުކޮށްލީ ޔޫނުސްމެންގެ ގެ ކުރިމައްޗަށެވެ. އެގޭގެ ވަށައިގެން ހުރި ތިރި ފާރުވެސް ޒަމާނީ ފެންވަރަށް ހަދާފައި ހުރި ގޮތުން ހައިބަތު ހުރިކަމަށް ދައްކައެވެ. އަފްރީން ޖިޕުން ފައިބައިގެން ގޮސް އަޔާނާ ހުރި ސީޓުގެ ދޮރު ހުޅުވައި އޭނަ އުރާލަން އުޅުމުން އަޔާނާ ދެކޮޅު ހެދިއެވެ. އަޔާނާ ރުޅި މޫނަކާއެކީ ދެއަތް އުރާލިތަން ފެނިފައި އަފްރީން ދެރަވާކަމަށް ހެދެމުން ސޮރީއޭ ބުނެލިއެވެ. އަޔާނާ އަފްރީނަށް ބަލާލަމުން ބުނީ މަޢާފު ކުރާނީ އައިސްކްރީމެއް ދިނުމުން ކަމަށެވެ. އަފްރީން އެއްބަސްވުމުން އަޔާނާ ހެވިފައި ހުރެ އަފްރީންގެ ގާތަށް ދިޔައެވެ. އަފްރީން ގެއަށް ގޮސް ސަލާމް ގޮވާލުމުން ނަޞްރާ ދޮރުގެ ތަޅު ހުޅުވާލިއެވެ. އެއާއެކު އަފްރީން ގެއަށް ވަދެގެން ދިޔައެވެ. އަޔާނާ ފެނުމާއެކު ނަޞްރާ އަޔާނާއާއި ވާހަކަ ދައްކަން ފެށިއެވެ. އިރުކޮޅެއްފަހުން ޔޫނުސް ވެސް އައުމުން އަޔާނާ ޔޫނުސްގެ ގާތަށް ދުވެފައި ގޮސް އޭނަ އުރާލަން އެދުނެވެ. ޔޫނުސް އުފަލާއެކީ އޭނަގެ ލޯބިވާ ދަރިފުޅު އުރާލައިގެން ކޮޓަރިއަށް ދިޔައެވެ. ޔޫނުސް ލޯމައްޗަށް ގެއްލުނު ވަގުތު ނަޞްރާ ވާހަކަ ދެއްކިއެވެ.

 

“އަފޫއަށް ކަމުދާނެ ފޮތެއް ދޮންތަ އަތުގަ އެބައޮތްހެން ދޮންތައަށް ހީވަނީ.” ނަޞްރާ ބުނެލިއެވެ. އަފްރީން ކޮން ފޮތެއްތޯ އަހާލި ވަގުތު ނަޞްރާ އެތާ ސިޓިންގް ރޫމުގައި ހުރި މޭޒުމަތީގައި އޮތް ފޮތެއް ނަގައިގެން އައިސް އަފްރީނަށް ދައްކާލިއެވެ. ފޮތުގެ ބޭރުގައި “ޤުރުއާން އެންޑް ސައިންސް”އޭ ލިޔެވިފައި އޮތްތަން ފެނިފައި އަފްރީނަށް ހިނިތުންވެލެވުނެވެ. އޭނައަކީ މިއަދު މަތީ ސާނަވީ ކުލާސްތަކަށް ސައިންސްގެ މާއްދާތައް ކިޔަވައިދޭ ޓީޗަރެކެވެ. އޭނަ އެ ޙައިސިއްޔަތުން ކިޔަވައިދެނީ ހަމައެކަނި ސައިންސެއްނޫނެވެ. އެ މާއްދާތަކުގެ ތެރޭގައި ފޮރުވިފައިވާ “އާޔަތްތައް”ވެސް އޭނަ ކިޔަވައިދެއެވެ. މިހާ ހިސާބަށް އައިއިރު އޭނައަށް ކިޔަވައިދެވޭ ގޮތާއިމެދު އެހެނިހެން މުދައްރިސުންނާއި ބެލެނިވެރިން ވެސް ފާހަގަކުރަމުންދެއެވެ.

 

“ޖަޒާކަ ﷲ ޚައިރަން ދޮންތާ. ހަމަ އަސްލުވެސް ވަރަށް ކަމުދޭ…….ބައި ދަ ވޭ ދޮންތާ. އަހަރެން އާ ހެދުމެއް ބޭނުން. އަންނަ ހަފްތާގަ އިވެންޓެއް އެބައޮތް ސްކޫލްގަ. އައިޝާ ދައްތަ ފުރައިގެން ގޮއްސި. ދެން ކާކު ލައްވާ އަހަރެންގެ ހެދުން ފަހާނީ؟” އަފްރީން އަހާލިއެވެ.

 

“ޒާހިޔައްތަ އެބަހުރި އައިއްސަ. ޒާހިޔައްތަ މިހާރު ހެދުން ފަހާ.” ނަޞްރާ ހެވިފައި ހުރެ ބުންޏެވެ.

 

“ކޮން ޒާހިޔައްތައެއް؟” އަފްރީނަށް އަހާލެވުނެވެ.

 

“އަފްރީންގެ މައިދައިތަ.” ނަޞްރާ ނުހޭން މަސައްކަތް ކުރަމުން ބުނެލިއެވެ. އެ ބުނެވުނު އެއްޗެއް ނަގައިގަނެވުމުން އަފްރީންގެ މޫނު ރަތްވިއެވެ. އޭނަ ލަދުގަތެއްކަމަކު ރުޅިވެސް އައެވެ. މި ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި އޭނަގެ ޢާއިލާއާއި މިޞްބާޙްގެ ޢާއިލާއާއި ދެމެދުގައި އޮތް ގުޅުންވަނީ ބަދަހިވެފައެވެ. އެކަން ފެށުނީ ޔޫނުސް މިޞްބާޙަށް އާދަކޮށް ގުޅަން ފެށި ހިސާބުންނެވެ. އޭނައަށްފަހު ޝަރީފްވެސް ގުޅަން ފެށިއެވެ. މާ ގިނަ ދުވަހެއްނުވެ ދެޢާއިލާގެ އެންމެންވެސް އެކަކު އަނެކަކާ އެކުވެރިވިއެވެ. މިޞްބާޙާއި އަފްރީން ފިޔަވައެވެ. އެ ދެމީހުންނަށް ވެސް ދެމީހުންގެ ވާހަކަތައް ޢާއިލާ މެދުވެރިކޮށް ލިބިފައިވެއެވެ. މިޞްބާޙަކީ މިހާރު 3 ފިހާރައެއްގެ ވެރިއެއްކަން އަފްރީނަށް އެނގެނީ ޓީވީއިން ފެންނަ އިންޓަވިއުތަކަށްވުރެ ޝަރީފް މިޞްބާޙަށް ކުރާ ތަޢުރީފުތަކަކުންނެވެ. މިޞްބާޙްގެ ވާހަކަތައް ދައްކާ އަޑު އިވިފައި އަފްރީން ކިތަންމެ ބޭނުމެއްނުވިޔަސް އޭނަގެ މޫނު ރަތްވެއެވެ. އެކަން ޢާއިލާގެ އެންމެނަށް ފާހަގަވާކަން އޭނައަށް އެނގެއެވެ. އެހެނަސް އޭނަ ނުރުހުންވަނީ ފަހަކަށް އައިސް ދޮންތަމެން މާ ބޮޑަށް އޭނައާއި މިޞްބާޙް އަޅުވައިކިޔާތީވެއެވެ. އެގޮތަށް ކަންތައް ކުރުމުން އޭނައަށް ނުލިބޭނެ މީހެއްގެ ހުވަފެންތައް ދެކެދެކެ ހުންނަން ޖެހިދާނެތީ އަފްރީން ޖެހިލުންވެއެވެ. އޭނައަށް ނޭނގުނު ކަމަކީ ދެ ޢާއިލާއިން ވެސް އޭނައާއި މިޞްބާޙަށް ސިއްރުން އެދެމީހުންގެ ކައިވެނި ހަމަޖެއްސިކަމެވެ.

 

އިރު އޮއްސެމުން ދިޔަ ވަގުތު މާލޭގެ މަގަކުން ދުއްވާފައި ދިޔަ ކަޅުކުލައިގެ ކާރު މަޑުކޮށްލީ 10 ބުރީގެ ފިހާރައެއްގެ ކުރިމައްޗަށެވެ. އެ ކާރުން ފޭބީ މިޞްބާޙެވެ. މިޞްބާޙް ކާރުން ފޭބުމަށްފަހު އޭނަގެ ބޮޑު ފިހާރައަށް ނަޒަރު ހިންގާލިއެވެ. އެންމެ މައްޗަށް ބެލުމުން ނޫނީ ފުރިހަމައަށް ނުފެނޭ އެ ފިހާރަ ފެނިފައި އޭނަގެ ސިކުނޑީގައި ގުގުމަމުން ދިޔައީ އެކިއެކި ޚަބަރުތަކުންނާއި ޝޯތަކުން ދައްކާ ވާހަކައެވެ. އޭނައަކީ ވަރަށް މޮޅު ވިޔަފާރިވެރިއެއްކަމަށް ބުނެ ދައްކާ ވާހަކަތަކެވެ. އެހެނަސް މިޞްބާޙް އެ ވާހަކަތަކަށް ހެއްލޭކަށް ބޭނުމެއްނުވެއެވެ. އޭނައަށް ލިބިފައިވާ މުއްސަނދި ކަމެއް ލިބިފައިވަނީ އޭނަގެ ސަބަބުންނެއްނޫންކަން މިޞްބާޙަށް އެނގެއެވެ. އޭނައަށް ލިބިފައިވާ ކާމިޔާބީއެއް ލިބިފައިވަނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންކަން މިޞްބާޙް ހަނދާންކުރެއެވެ. މީގެ އަހަރުތަކެއް ކުރިން އޭނަ ހުރީ ސްކޫލުން ކެނޑިގެން ދާނެ ދިމާލެއް ނޭނގިފައެވެ. ބައްޕަ ބަލިވުމުގެ ސަބަބުން އޭނަ ވަޙީދުބެއަށް ބަރޯސާވާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނަ އަމިއްލައަށް ވަޒީފާއަށް ދާން ނިންމިއެވެ. އޭނަ އަނބުރާ ދިޔައީ ކުރީގައި އޭނަ މަސައްކަތް ކުރި ރިސޯޓަށެވެ. އޭނަގެ ހުނަރުވެރިކަމާއި ތެދުވެރިކަމުން އޭނަގެ މަޤާމް ދުވަހުން ދުވަހަށް މަތިވަމުން ދިޔައެވެ. އެ ވަޒީފާއިން ލިބުނު ފައިސާއިން އޭނަ ވަޙީދުގެ ޚިޔާލާއި އެއްގޮތަށް ފިހާރައެއް ހުޅުވިއެވެ. އެ ފިހާރައިން ލިބުނު ފައިދާއިން އެހެން ދެ ފިހާރަ ހުޅުވިއެވެ. މިއަދުވެސް އޭނަ ދަނީ އާ ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. އޭނަ އެކަމަށްޓަކައި ޙަމްދުކުރަނީ ހަމައެކަނި ﷲ އަށެވެ. މިފަހަރުވެސް ޙަމްދު ކޮށްލަމުން މިޞްބާޙް ފިހާރައަށް ގޮސް ވަނެވެ. ދޮރުގެ ކައުންޓަރު ދޮށުގައި އިނީ ނޫކުލައިގެ އެޕްރޯނެއް އަޅައިގެން އިން ސިނާނެވެ.

 

“ކޮބާ ކިހިނެއްތަ ސޭލްސް؟” މިޞްބާޙް ގޮސް ކައުންޓަރުމަތީގައި އަތް ބާއްވަމުން ސުވާލުކުރިއެވެ. އެވަގުތު ފިހާރައިގެ އެންމެން ފިހާރަ ބަންދުކުރަން ތައްޔާރުވަމުން ދިޔައެވެ.

 

“ހަމަ ބަރާބަރު. މިއަދު އަހަރެންގެ ލާސްޓް ޑޭ.” ސިނާން ހިނިތުންވުމަކާއެކީ އެހެން ބުނެލަމުން ކޮޅަށް ތެދުވެލިއެވެ.

 

“ވޮހް! މިއަދު ފަސްޓް އޮކްޓޯބާރދޯ؟ ކޮންގްރޭޖުލޭޝަންސް!” މިޞްބާޙް ފޯރިއާއެކީ ބުނެލިއެވެ. އެވަގުތު ސިނާން ހެމުން ހެމުން އޭނަގެ އެޕްރޯން ނަގާލިއެވެ. ވަޙީދު އޭނައަށް ދިން “ދިގުދެމިގެންދާ” އަދަބު ނިމިގެން ދިޔައީ މިއަދެވެ. ވަޙީދު އޭނައަށް އަމުރު ކުރީ ސްކޫލްގައި އުޅެމުން ވިޔަސް ވަޒީފާއަކަށް ދަމުން ވިޔަސް 7 އަހަރު ވަންދެން ފިހާރައެއްގެ ސޭޓަކަށް ހުރުމަށެވެ. އެކަން ކުރަން ފެށިއިރު ސިނާން ވަޙީދުގެ ފިހާރައިގެ ކައުންޓަރު ދޮށުގައި އިނީ ފުސް މޫނު ހަދައިގެންނެވެ. އެއަށްވުރެ ވެސް ބޮޑަށް ރުޅި އައީ ފަހުން މިޞްބާޙްގެ ފިހާރައެއްގައި ހުންނަން ޖެހުމުންނެވެ. އެހެނަސް ދުވަސްތައް ފާއިތުވަމުން ގޮސް އޭނަ އެ ވަޒީފާއަށް މުޅިން ހޭނިއްޖެއެވެ. ފަހުންފަހުން އައިސް އޭނަ މިޞްބާޙަށް ވެސް ރުޅިއެއްނުވެއެވެ. އުމުރުން ދުވަސްވުމުން ރުޅިވުމަކީ ޅަ ކުދިންގެ ކަމެއްހެން އޭނައަށް ހީވާން ފެށީތީވެއެވެ.

 

“ފައިނަލީ ތި ލަދުން ތި ސަލާމަތްވީ!” މިޞްބާޙް އެހެން ބުނެލީ ސިނާނަށް އިޙްޞާޞްވާނީ އެގޮތަށް ކަމަށް ހީކޮށެވެ. ސިނާން އޭނަގެ ކައިރިއަށް އައިސް ހުއްޓިލިއެވެ.

 

“ކޮން ލަދެއްތަ ދެން؟ އެއްވެސް ވަޒީފާއަކީ ދަށް ވަޒީފާއެއްނޫނެއްނު؟ ޓު ބީ އޮނެސްޓް އަހަރެން ރިސޯޓުގަ ހުންނަ ވަޒީފާއާ މި ވަޒީފާއާ މާ ބޮޑު ތަފާތެއް އޮތްހެނެއް އިޙްޞާޞެއް ނުކުރެވޭ. މުއްސަނދިވާން ހުވަފެންތައް ދެކޭއިރު އަހަރުމެން ހަނދާން ނައްތާލަނީ މި ކުދި ވަޒީފާތައް އަދާކުރާނެ މީހަކު ނެތިއްޔާ މުއްސަނދިންނަށް ވެސް ނުއުޅެވޭނެކަން.” ސިނާން ބުންޏެވެ. މިޞްބާޙް ހިނިތުންވުމަކާއެކީ އެއްފަހަރު ބޯޖަހާލިއެވެ.

 

“ހަމަ ރަނގަޅަށް ތިބުނީ. ހާދަ ވިސްނުންތެރި ކުއްޖަކަށްވެއްޖެއްޔޭ ކަލޯ. ހީވަނީ ހަމަ ބޮޑު މީހެއްހެން.” މިޞްބާޙް ސިނާންގެ ކޮނޑުގައި ލުއި ގޮތަކަށް ޖަހާލަމުން ބުނެލިއެވެ.

 

“25 އަހަރުވީމަ ވެސް ބޮޑު ނުވަނީތަ؟ މިޞްބާއެއްނޫންތަ ތި މުސްކުޅިވަނީ؟ ދެންވެސް މެރީކުރަން އުޅެބަލަ ބޮލުގަ ނުރަ ނުފަޅަނީސް.” ސިނާން ބުންޏެވެ.

 

“ތިކަމާ ވިސްނަންވީ.” މިޞްބާޙް ފަޓުލޫނުގެ ޖީބަށް ދެއަތް ޖަހާލަމުން ބުނެލިއެވެ.

 

“އަހަންނަށް ހީވަނީ ޒާހިޔައްތަ މިޞްބާޙް އެކޮޅަށް ގެންނަން އުޅެނީ މެރީ ކުރުވަންހެން.” ސިނާން ހިނިތުންވުމަކާއެކީ އޭނައަށް އެނގޭ ވާހަކައެއް ހީއެއްގެ ގޮތުގައި ކިޔައިދިނެވެ. މިޞްބާޙް ދެލޯ ހަނިކޮށްލަމުން ސިނާންގެ ކޮނޑަށް އަތް ވައްޓާލަމުން ނަމާދަށް ހިނގާށޭ ބުނެލިއެވެ.

 

އޭގެ ދެދުވަހެއްހާ ދުވަސްފަހުން މިޞްބާޙް ބައްޕައާއެކީ އެކޮޅަށް ދިޔުމާއެކު އޭނައާއި އަފްރީންގެ ކައިވެނީގެ ވާހަކަ އިވުމުން މިޞްބާޙަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަފްރީންގެ ވާހަކަތައް އިވިފައި ދުރަށްދަނީ ކީއްވެކަން އެނގޭކަމަށް ޒާހިޔާ ބުނުމުން މިޞްބާޙަށް މަންމަގެ ގައިގައި ބައްދާލެވުނެވެ. އަމީން ވެސް ހުރީ މި ކައިވެންޏަށް ރުހިގެންނެވެ. ފަހުން އައިސް އަމީނާއި ޝަރީފްމެންގެ ދެމެދުގައި ވެސް އެއްވެސް ހަމަނުޖެހުމެއް ނޯވެއެވެ. މިޞްބާޙްގެ ބުރަ މަސައްކަތުން އަމީންވަނީ އޭނަ ވާގި ނެތުނުތާ މަދު ދުވަސްތަކެއްފަހުން ދީނަށް ޝައުޤުވެރިކަން ބަހައްޓާ މީހަކަށްވެފައެވެ. މިޞްބާޙް އޭނައަށް ޤުރުއާނުގެ އާޔަތްތައް ކިޔައިދެމުން ދިޔަވަރަކަށް އޭނަ ތައުބާވާން ބޭނުންވަމުން ދިޔައެވެ. ބަލިވިތާ އަހަރެއްހާ ދުވަސްފަހުން އޭނަ މިޞްބާޙްގާތު އެތައް ވަރަކުން ސިފަކޮށްދީގެން އޭނަ ނަމާދު ކުރުވުމަށް އެންގިއެވެ. މިޞްބާޙަށް އަމީން ބުނި އެއްޗެއްގެ މާނަ އެނގުނު ވަގުތު އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. އަމީން ނަމާދުކޮށް ޤުރުއާން ކިޔަވަން ފެށި ފަހުން އޭނަ ގެއްލުން ދީފައިވާ އެންމެނަށް މިޞްބާޙް މެދުވެރިކޮށް މަޢާފަށް އެދުނެވެ. އޭގެ ފަހުން އަމީން އަބަދުހެން ފެންނަނީ އޭނަގެ ބައި ހިނިތުންވުމުގައި ހުންނަތަނެވެ. ޙަޤީޤީ އުފާވެރިކަން ލިބެނީ ދުނިޔޭގެ ތަނަވަސްކަމުންނެއް ނޫންކަން އޭނައަށް އެނގުންވިފަދައެވެ.

 

މިޞްބާޙާއި އަފްރީންގެ ކައިވެނި ކުރެވިގެން ދިޔައީ އެދެމެދުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވިއެވެ. ޚިތުބާގައި އަފްރީން ޖިލްބާބް ލައިގެން އިންތަން ފެނިފައި މިޞްބާޙް އަފްރީން ދެކެ އިތުރަށް ލޯބިވިއެވެ. މިޞްބާޙް ކުޑަކުދިންނަށްޓަކައި ޤުރުއާން ކުލާހެއް ހުޅުވަން އުޅޭ ވާހަކަ ޒާހިޔާ ބުނުމުން އަފްރިނަށް މިޞްބާޙް އިތުރަށް ކަމުދިޔައެވެ. ދެމީހުންނަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދިނުމުން އެ ދެމީހުންނަށް ވެސް އެކައްޗެކޭ ވެސް ބުނާކަށް ނުކެރުނެވެ. ވާހަކަ ފަށަންވީ ހިސާބެއް ނުވެސް އެނގުނީއެވެ.

 

ސިއްރުން އެކަކު އަނެކެއްދެކެ ލޯބިވަމުން ދިޔަ ދެހިތެއް ގުޅިގެން ދިޔައީ ހަނދުވަރީ ރެއެއްގައި މިޞްބާޙްގެ ގޭގައެވެ. ޕާޓީވެސް ބޭއްވިގެން ދިޔައީ އެ ގޭގައެވެ. ނަޞްރާމެންގެ ޕާޓީ ފަދައިން އަންހެނުން ގޭގެ ތެރޭގައި ތިބިއިރު ފިރިހެނުން ތިބީ ގޭގެ ފެންޑާ ތެރޭގައެވެ. ދަންވަމުން ގޮސް ހުރިހާ މެހުމާނުން ހުސްވުމުން ޢާއިލާގެ އެންމެން އެކީގައި ކެއުމަށްޓަކައި ސުފުރާ ދޮށަށް ދިޔައެވެ. މިޞްބާޙް އެންމެނަށް ބަހަނާއެއް ދައްކާލަމުން އަފްރީން ގޮވައިގެން އަތިރިމައްޗަށް ދިޔައެވެ. މިޞްބާޙާއި ޖެހޭ ނުޖެހޭ ހިސާބުގައި ހުރެ ހިނގަމުން ދިޔައިރު އަފްރީންގެ ހިތް އަވަސްވެފައިވިއެވެ. އަތިރިމައްޗަށް ފޭބި ވަގުތު މިޞްބާޙް އޭނަގެ އަތުގައި ބާރަށް ހިފަހައްޓާލި ގޮތުން އޭނަގެ ހިތް ހިނދުކޮޅަކަށް ހުއްޓުނުހެން ވެސް ހީވިއެވެ. ނޭވާ ކުރުވަމުން ދިޔަ އަފްރީނަށް ނޭނގުނު ކަމަކީ މިޞްބާޙްގެ ހިތުގައި ވެސް އެފަދަ އިޙްޞާޞްތައް ދައުރުވަމުން ދާ ކަމެވެ. މިޞްބާޙް އޭނަ ގޮވައިގެން ގޮސް ރާޅު ނުފޯރާ ހިސާބުގައި އިށީނެވެ. އެއަށްފަހު ދެމީހުންނަށް ވެސް އުޑުގައި ހުރި ފުރިހަމަ ހަނދަށް ބަލަން ހިމޭންކަމުގެ ވަގުތުކޮޅަކަށް ތިބެވުނެވެ.

 

“ސުވާލެއްކޮށްލަންތަ އަފްރީން؟” މިޞްބާޙް އަފްރީނަށް ބަލާލުމެއްނެތި އަހާލިއެވެ. އަފްރީނަށް ހޫންލައްވާލުން ނޫންކަމެއް ނުކުރެވުނެވެ.

 

“އަފްރީން އަހަރެން ކަމުގޮސްގެންތަ އަހަންނާ އިނީ؟” މިޞްބާޙް ދެންވެސް ހަނދަށް ނަޒަރު ހުއްޓައިގެން އިނދެ ސުވާލުކުރިއެވެ. އަފްރީން ވަގުތުން ޖަޒުބާތުން ފުރިގެންވި ޖަވާބެއްދޭން ބޭނުންވިއެވެ. އެހެނަސް ސަމާސާއެއްކުރަން ޚިޔާލުކުރެވުނު ވަގުތު އޭނަގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

 

“ނޫން. ޢާއިލާގެ މީހުން ބުނީމަ ދެން ޖެހޭނީ އަޑުއަހާފަ ކިޔަމަންވާންތާ. މިހާރު މާ ލަސްވެސްވެއްޖް.” އަފްރީނަށް ހެވެން އުޅުނީތީ އޭނަގެ ވާހަކަ ފުރހަމައެއްވެސް ނުވިއެވެ. އެކަން ފާހަގަވެ މިޞްބާޙަށް އަފްރީނާއި ދިމާލަށް ބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީ ވަގުތު ދެމީހުންނަށް ލަދުރަކި ގޮތަކަށް ހީލެވުނެވެ. އެއަށްފަހު އެދެމީހުންގެ ދެމެދަށް އަނެއްކާވެސް ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަމުގެ ތެރެއިން އަފްރީނަށް އެއްލިކަޅިއަކުން އެއްފަރާތެއްގައި ހުރި ކުޑަކުއްޖެއްގެ ފިޔަވަޅުތައް ފެނިފައި މިއަދު އޭނަ ކިޔެވި އެއްޗެއްގެ މަތިން ހަނދާންވިއެވެ. އޭނައާއި މިޞްބާޙްގެ ދެމެދުގައި ވާހަކަ ފެށުމަށްޓަކައި އެވާހަކަ ރަނގަޅުވާނެކަމަށް އަފްރީނަށް ނިންމުނެވެ.

 

“މިޞްބާޙަށް އެނގޭތަ؟ ﷲ ނަހީކުރެއްވި ކަމަކުން ދުރުވެގަތުމަކީ ހިޖުރައެއް.” އަފްރީން ކުއްލިއަކަށް ދެއްކި ވާހަކައިން މިޞްބާޙަށް އޭނައާއި ދިމާލަށް ބަލާލެވުނެވެ.

 

“އަސްލުވެސްތަ؟ އަހަރެން ހީކުރީ ހިޖުރަ ކުރުމަކީ އެއްތަނުން އަނެއްތަނަށް ދިޔުންކަމަށް.” މިޞްބާޙް ބުންޏެވެ.

 

“އެއީ ވެސް ހިޖުރައެއް. އެކަމަކު އަހަރުމެން ﷲ އާއި ގާތްވުމަށްޓަކައި ނުބައި ކަމެއްދޫކޮށް ހެޔޮ ކަމެއް ކުރަން ނިންމުމަކީ ވެސް ހިޖުރައެއް. އަހަރެން ހަމަ އަހަރެންގެ ދިރިއުޅުމާމެދު ވިސްނާލުމުން ހަމަ ހިތަށް އަރަނީ ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގަ ހިޖުރައެކޭ ކުރެވުނީ. ފުރަތަމަ ކަމަކަށް އަހަރެން ފިރިހެން ކުދިންނާއި ރައްޓެހިވުން ދޫކޮށްލީ، ދެން ފިލްމު ބެލުމާއި ލަވަ އަޑުއެހުން ދޫކޮށް ހެޔޮ އެއްޗެހި ދަސްކުރަން ފެށީ، ދެން އަހަރެން ގޯސް އެކުވެރިން ދޫކޮށް ރަނގަޅު އެކުވެރިން ޚިޔާރުކުރީ، ދެން އަހަރެން ގޯސް ސްޕީޗްތައް ކިޔުމުގެ ބަދަލުގަ ހެޔޮ ވާހަކަތައް ލިޔެވިފައިވާ ސްޕީޗްތައް ކިޔަން ފެށީ. ދެން………” އަފްރީންގެ ވާހަކަ މެދުކެނޑުނެވެ.

 

“އެހާ ހިސާބުން އަހަރެންގެ ހިޖުރަ ފެށުނީ.” މިޞްބާޙް ހިނިތުންވުމަކާއެކީ ބުނެލިއެވެ.

 

“އެހެންތަ؟” އަފްރީން ހެވިފައި އިނދެ ސުވާލުކުރިއެވެ.

 

“ހޫމް…..އަފްރީންގެ ސްޕީޗެއް އަޑުއަހާފަ އަހަރެން ވެސް އަހަރެންގެ ދެވިހިފުންތަކާ ދުރުވެ ޤުރުއާނާއި ބެހޭ ގޮތުން ދަސްކުރަން ފެށީ، އަންހެން ކުދިންނާއި ދުރުދުރުން އުޅެން ފެށީ، މަންމަމެންނާއި ހުތުރުކޮށް ވާހަކަ ދެއްކުމުގެ ބަދަލުގަ ރީތިކޮށް ވާހަކަ ދައްކަން ފެށީ، ބައްޕައާއި ދިމާލަށް ހަޅޭއްލެވުމުގެ ބަދަލުގަ ލޯބިދޭން ފެށީ.” މިޞްބާޙް ކިޔައިދިނެވެ.

 

“މާޝާ ﷲ. ހަމަ އަސްލުވެސް ހިޖުރައެއްހެންދޯ ހީވަނީ؟ މީގެއިން ކޮންމެ ބަދަލަކީ ވެސް އެތައް މަސައްކަތަކުން ވެވޭ ބަދަލެއް. އެއްރޭ އެއްދުވާލުން ކުރެވޭ ކަމެއްނޫން. އެއްރޭ އެއްދުވާލުން ހުރިހާ ކަމެއް ބަދަލެއް ނުވެސް ކުރެވޭނެ. ހަމަ ލަސްލަހުން ފިޔަވަޅުތައް އެޅެމުން ދާނީ. ދޮންތަ ކިޔައިދިން ދޮންތައާއި ޔޫންބެގެ ހިޖުރައިގެ ވާހަކަވެސް. ދޮންތަ ބުނީ މެރީ ކުރިފަހުން އިތުރަށް ހިޖުރަ ކުރަން ފަސޭހަވެއްޖެއޭ. އެއީ ދޮންތައާއި ޔޫންބެ އެކަކު އަނެކަކު ގޯސް ޢަމަލުތަކުން ދުރުކުރުމަށް އެކަކު އަނެކަކަށް އެހީވެދޭތީވެކަމަށް ދޮންތަ ބުނީ.” އަފްރީން ބުނެލިއެވެ. މިޞްބާޙް ދޮންވެލިގަނޑު މަތީގައި އޮތް އަފްރީންގެ އަތްމަތީގައި އަތް އަޅާލިއެވެ.

 

“އަހަރެންގެ ހިޖުރަ ފަށައިގަންނަން ވެސް އެހީވެދިނީ އަފޫ. އޭގެ ބަދަލުގަ އަހަރެންވެސް ބޭނުން އަފޫއަށް އެހީވެދޭން. އަފްރީން ބަލިކަށި ވިޔަސް މިއަތަށް ދަމަމުން ވިޔަސް ކުރިއަށް ދެވޭތޯ ބަލާނަން އިން ޝާ ﷲ.” މިޞްބާޙް ބުނެލި ވާހަކައިން އަފްރީނަށް ހިނިތުންވެލެވުނެވެ. އޭނައަށް ވެސް އިން ޝާ ﷲ އޭ ބުނެލެވުނެވެ.

 

އެރޭ އަތިރިމަތީގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު މިޞްބާޙާއި އަފްރީން ހިނގައިގަތީ އެމީހުންގެ ފިޔަވަޅުތަކުގެ ނިޝާން އަތިރި މައްޗަށް ދޫކުރަމުންނެވެ. ބީއްސަމުން ދިޔަ ރާޅުތައް އެ ނިޝާންތައް ފޮހެމުން ދިޔައީ އެމީހުންގެ މާޒީގެ ހުރިހާ ހަނދާނެއް ފޮހެ އާ ދިރިއުޅުމެއް ފެށެން އުޅޭ ފަދައަކުންނެވެ.

**ނިމުނީ**

Comments (60)

  1. samii

    yeyy me 1st..bt v sad story nimuneema 🙁

  2. Zee

    Woww jaan! The story is awsome. And the ending tooo!
    Hope to read another story of you very sooon!

  3. mai

    Masha alla vvv reethi.Jana hadha ibraitheri vaahakaekey.

  4. azmish

    MaaSha Allah….. vrh salhi vaahaka eh

  5. امنة

    masha allah. mujthamau islaah kurumai eku janage thi fannu kurieruvumah kuraa massakathugai allah barakaai lavvashi. mifadha halaakuve dheenaa dhurah higamun dhaa jeeleh islaah kurumma takai mifadha dheena rattehi munifoohi filuvun vv ragalhu. jazaakillahi khairan.ukhthy☺

  6. Kitty

    Thank you Jana story is awesome masha allah I m goin to miss this??

  7. shuhura

    V reethi adhi mikahala ehn vaahakaeh genes dheeba Jana

  8. Roo

    Adhi dhuvahakuves mi story akah comment eh nukuran… But regular koh kiyan.. Mi story aky mihaathananh Roo ah kiyunu enme reethi story… Jana you’re just amazing.. Unmeedhu kuran Jana ge mikahala reethi story eh kiyaalan libeyne kamah.. Jana ah mayy Allah barakaayy lavvaashi.. Ameen!! Lots of love.. ?❤

  9. New

    Masha allah v reethi

  10. ham

    Masha allah vara furihama jana thikuraa mase kathugai barakaai lavaashi ameen adhi mivaahaha kkiyaa hurihaakudhinaves iburatheri vaahaka ehkamugaa lavaashi. Jana jazaakallah adhives meege ehvaahaka liyachey jana hama dhyny

  11. sana

    Masha allah.. varah furihama… and a very very happy ending indeed… jazakallah khairan for this beautiful story jana… ummeedhu kuran mikahala ithuru vaahaka eh janaage faraathun libeyne kamah kuri ah oeh thanuga 🙂

  12. Luvna

    Masha allah jana.???… Alheyy vaahaka nimunytha?? In my whole life mihaa iburaitheri reethi specially dheeny vaahaka eh nukiyan.???.. But this story i dont know what to say!! Jana this is one of the best story i have read so far… Masha allah.. Jazakillah khairan jana for this beautiful story???… Jana ge ehn vaahaka eh kiyaalan libeynetha??? Mibuny adhi ehn story eh mikahal beautiful story eh.. Please jana i would love to read it.. Adhi jana mi vaahaka fothehge sifaiga nerefiyya am sure vrh gina myhunah rangalhu magu feni emyhun ge life ah changes genna nekamah.. Pls try inge jana..
    Love u and will miss yuh.. ??????…

  13. Luvna

    BEST STORY EVER???

  14. Hinnu

    Beautiful story Masha Allah…..

  15. Ammko

    Mashallah.. Vrh iburaihtheri.. Adhivex Jana mikahala vaahakaeh liyaane kamah heekuran insha Allah.. ????☺

  16. shiffffffff

    v reethi v ibraitheri

  17. Naani

    Maasha allah.. v reethi vahaka eh.. v dhera story nimunyma.. dhuvahakuvx adhi comment nukuran.. ekam miadhu last episode veema hama comment kohly vahaka reethikamun.. v bodah shukuruverivan miha reethi vahaka eh medhu nukendi genesdhinythy.. adhivx mikahala reethi ehn vahaka eh v avahah kiyalan libeyne kamah ummeedhu kuran… Jazakallahi hairan..

  18. sham

    Maasha allha..nala nala reethi furihama vaahaka e

  19. zeek

    Vaahaka v v v salhi.. Bt ninunyma v dhra vehje. Heekuran jana ge ehn stry eh kiyan libeyne kamah. Mi kahala ibrai theri. N stryge ending v v salhi. Naym aah vx v gulhey.. Thnkx janaaa ❤❤❤??

  20. mizu

    Mivaahaka vv reethi

  21. Shabee

    masha allah…vrh vrh vrh reethi story eh…mi vaahakaige emme fahu part ah cmmnt kuran hama madukohlaigen mioh hurihaa dhuvahu mihury 😉 ekamvx hurihaa part eh baraabarah kiyan…vrh interesting…vrh ibraehtheri 🙂 mihaathanah kiyunu emme rythi ehvaahaka ingey mee jana mummy 😛 heeheehee jaxakillah khairan story nimendhn genesdhinythee….nd emme fahun story ah hijra kiyunee keehve kan vx ingijje 😀 hehe… dhn ithuru vaahaka eh nugenesdheynantha? vaahaka nimunyma vrh happy vejje ehkh kiyaalan libunyma..but vrh dheravx vey 🙁 regular kh up kuraa story eh nimunyma…jana adhi jenesdheynan dhw vaahaka dhw 😮 i missed u jana mummy 😉 luv u sooooo much 😀 all da bst 🙂

    1. Shabee
      Shabee

      nd i’ll miss u 😛

  22. me

    aaaah.. m crying.. this is so much related to my life… nasra and afreen’s transformation and mine are very similar.. May Allah give me the strength to stay on the right path. Aameen.. this is the BEST love story ever jaan.. i loved every ep.. and i request to publish this story as a book so that i can have it in my bookshelf :). i want my daughters to grow up reading this. <3 baarakallah.

  23. lillygirl

    jana mi vaahaka v rythi

  24. Naash

    V v v ibrahtheri reethi vaahakae…… V v unmeedhu kuran Jana ge ehnen story kiyaalan libeyne kamah…… ?????????♡♡♡♡♡♡

  25. aishaa

    V v reethhi. Heekuran janage mikahala reethi vaahakaeh adhi kiyaalan libeynekamah…..

  26. Sham

    Vvv ryti ekam v ? sade do vaahaka nimuny ma. Hy kuran avahah niu story eh fashaane kamah

  27. shaxu

    V v reethi iburai theri vaahakaeh

  28. Anonymous

    maashaa allah, v shauguveri.. jana ah saabas.. musthagubaluga ves mi fadha ibraitheri vaahaka thakeh fennaane kamah ummeedhu kuran.. kurierumah edhen

  29. sheynn

    Maashaa allaah…v rythi ibrah theri vaahaka eh…mi vaahaka feshunyh suren nimendhn eh vex foohi kameh nethi kiyaa levun…uhmydhu kuran avas musthaqu balehga mikahala iburah theri ehn vaahaka eh kiyaalan libeyne kamah

  30. lilly white

    Masha allah.. This story is just amazing! V v v v v v reethi.. mi vaahaka feshihen nimen dhen foohi kameh nethi genes dhineema v ufaa vi. 🙂 so jazakillah khairan jana. Mivaahaka v iburaih theri… v gina filaa valhu thakeh libigen hingahje… jana ge amihlla khiyaalah the tha mi vaahaka thi liyunyy? ? V v reethi! ♡♡♡:-):-)

  31. zaary

    Vv hiygaim

  32. swyt

    mashallah
    this is one of the most amazing stry i had ever read 🙂
    love this story and hope for another story of u jana
    ❤❤❤???
    jazakillah khairan
    mifadha iburahtheri vahakathakeh janage faraathun fennane kamah umydhu kuran??

  33. inoom.

    Jana nimun vx v furihama.

  34. Rish

    Masha allah ……. v reethi furihama ibraitheri vaahaka eh… jazakallah khairan…..

  35. humey

    Masha allah v.reethi..zajakallah khaira.aslu mivaahaka kyunuiru ufedhunu suvaaluge javaabu miadhu milibuny v.ufaaveje.vaahakauge suruhee ah enan dhevuny kihinenbaaey..ekam javaabu libije..zajaakallah khaira..adhives thikaha vahakaeh genesdheyne kamah umeedhukran..allah jana thikuraa masekathuga barakailavaae ameen.

  36. Shaal

    Vv v reethi. Masha Allah . Dhen hama nimuny dhw. Janage ithuru vahakaeh kiyalan dhen hama nulibeynetha…

  37. Ira

    Masha Allah…….. The story is so beautiful jana hope to see other stories of urs……….

  38. Hajju

    Kyhve nawaz ge habareh fahun nugena e?

  39. Shara

    wow…. so nice

  40. nik

    mi vaahaka akee hurihaa gothakun v furihama faidhaa kuranivi vaahakaeh. v hinhama jehey vaahaka aa dheythery. ekamaku eh thankolhu me ah ehaa kamaku nudhiya. aee afreen marry kuree 25 yrs ga v ma. aee maa maa maa las aslu. especially wen thr is sum1 she like. ahannah ethankolhu v alhaigah. ppl have 5 yr olds at 25. kiyevei dhaane marry kuriyaa . aslu A level nimigen marry kuraa gothah hedhinama reethi vees: anyway its ok?

  41. Saana

    Masha Allah wow wow v salhi vahakah v iburahtheri

  42. ummu

    Masha Allah.. hama fashigen nimendhekah ves warah kamudhey.. mihaa hinhama jehunu dhivehi vaahaka eh nukiyey adhi.. jazakillahu khairan jana.. adhives jana ge mikahala furihama vaahaka egge inthizaaruga mihury.. ♥♥♥

  43. pinkgal

    Masha’Allah i never read such a beutiful story Jazaka’Allahkhaira n waiting for ur next religious story ❤❤

  44. jana

    Assalam’alaikum 🙂 jana dhakkan beynunvaa vaahaka thah varah baivaru. emme furathamaves jana beynunvany hurihaa kiyuntherinnah maafah edhen. mihaathanah ai iru jana ah evves kiyuntheriaku dhera vaakahala gothakah vaahaka dhekevifa othiyya e kamahttakai. hurihaa kiyuntherinves jana ah hiy heyo kurun edhen. mihen mi bunany dhen dhimaavaane dhuvaheh neygeythy. jana ah adhives faidhaa kuranivi plot thah khiyaalu kurevuniyya vaahaka thah genesdhemun dhaanan In Sha Allah 🙂
    Kudhi kudhi shakuvaathah koffa huri kiyuntherinnah vaki vakin reply kuran beynun.
    Hajju: aslu jana hury Nawaz ge vaahaka gennan vegen. ekamaku varah avas aruvaalaigen jana mi bai liyuny. up kurevunu fahun handhaanvy nuliyevey kanves. aslu Nawaaz inthikhaabun kaamiyaabeh nuvey. eyna dhen siyaasy kanthakah vannaakah beynumeh nuvi. ey eyna ekamuge thereah vanyves vaki gaumah khidhumaiy kurumuge niyathugai kamah nuvaathy.
    nik: aslu jana ahves kamaku nudhey ehen huryma. ekamaku jana emme kuryga ves khiyaalu koffai othy vaahaka nimeyny Afreen menge kaivenkamah. ekamaku liyamun dhiyairu jana beynunvi Afreen aai Misbaah ge career ves. ein ves libeyne filaavalhuthah hurythy. dhen kulliakah realize vy A level nimmafa vaguthun ehaa bodu kaamiyaabeethah nulibeynekan. ehenve aslu umuru badhalu koffa e othy 25 ah. aslu jana ves qabool kuran marry koggen ves kiyevidhaane kamah 🙂
    Alhamdhulillah! (All praise and thanks belongs to Allah) jana mihaathanah ai iru mee best story ey bunyma abadhuves bunamun ai Quranuga hunna vaahaka thakey emme reethy. baeh kiyuntherinnah qabool kuran dhathivedhaane kanneynge ehen bunyma. ekamaku aslu evaahakathah emme reethi vany e vaahaka thakun libey ibraiythah ginaveema. ibraiy hoadhan beynunvaa meehakah emme reethi vaany hama e vaahaka thah. ey e vaahaka thakun hingaa komme kameggai filaavalheh vaathy. jana ge mi vaahakain filaavalheh nulibey varah gina kanthah eba huri. ehenvyma mee best story akah nuvany 😀
    hurihaa kiyuntherinnah ves Jazakallah Khairan. thiya kiyuntheringe faraathun varah bodu hiyvvareh libunu. negative comment thah kuri kiyuntheringe faraathunves. e comment thakaky jana kiburuveri nuvumah elhunu baareh. adhi ithurah vaahaka rangalhu kuran libunu hiyvvareh. ehenvyma adhives effaharu Jazakallah Khairan.
    Mi vaahakain thiya kiyuntherinnah faidhaa eh kurikamah ummeedhu kuran. jana varah handhaan vaane thiya kiyuntheringe faraathun libunu loaibaai hiyvvaruge mathin. adhives effaharu jana vaahaka eh genesdhiniyya thiya kiyuntherinnai dhimaavaane kamah ummeedhukoh vakivelan. Salaam! 😀 <3 <3 <3

    1. sana
      jana

      Salaam 🙂

    2. Shaal
      jana

      V salaam 🙂

    3. Sav
      jana

      Maasha Allah vvvvrythi vv ‘ibraiytheri story eh. You are very talented Maasha Allah. Baarakallaah laha.. eha dhuvas fahunves mivahaka fenunythy Allah ah hamdhu kuran.. mee hama dhuniyeyge aadha. gina kudhinge life ga experience kura kanthahthakeh. gonna read all your stories.. I am actually inspired by this story.. Jazakillah khairan Jana ❤

  45. afu

    warah salhi..<3 ma sha allah..love the story..:*

  46. Lana

    Jana me faadakah haqeeqee vaahaka eh tha? Lana dhanna meehaku ulhey mi atholhuga migothah islaahu vefa.. hama same as nasra.. thafaathakee she went to Australia instead of UK…

  47. nahu

    maashaa allah. v v v v reethi mivaahaka.umeedhu kuran kuiah oithanuga ves mifadha iburaitheri reethi vaahaka thah fenaane kamah

  48. Faith

    Ma sha Allaah
    Awesome.jazakallaah khairan .v iburaitheri

  49. Ushaa

    Masha allah..
    Vrh salhi nd moral stwrii eh miii…

  50. Maya

    Mihaathanah kiyunu enme reethi vaahaka.. kon irakun aa vaahaka eh up kohdheynee.. waiting for your story???

  51. alma..

    Masha Allah varah reethi mi story….

  52. annonymous

    Maasha Allah.varah reethi mivaahaka.
    ehko kiyaa nimendhen madukohly aslu

  53. saj

    vvvvvvvvv reethi mivaahaka

  54. girl :)))

    u just made me cry.. masha allah. haadha furihama yeh <3

  55. Aikko

    Maashaa Allah. Mi vaahaka kiyamun dhiyairu hama reethikoh rovunu. Jana varah talented ingey. Keep the good work up. May Allah bless you ?

  56. confused reader

    meega liyefa ebain Ayana ei hama ekani bodu dhaitha kiyaa kujjaa kamah. but afraz ge ves kujjeh hureynu?

Comments are closed.