އޭނަގެ ފަރާތުން މި ޚަބަރު މިޞްބާޙަށް ލިބުނުކަން އަމީނަށް އެނގިއްޖެނަމަ އަމީން އޭނަގެ ބިރު ޙަޤީޤަތަކަށް ހަދާފާނެކަމުގެ ބިރުހީވިއެވެ. އެހެންކަމުން ޔޫނުސް އަވަހަށް ސައިކަލު ސްޓާޓްކޮށްލަމުން ސައިކަލު ދުއްވާލިއެވެ. މިޞްބާޙަށް ކަންބޮޑުވުމެއްގައި ސައިކަލު ދިޔަ ދިމާލަށް ބަލަން ހުރެވުނެވެ.
**
އެތައް ދުއްވުމަކަށްފަހު ޔޫނުސް އެރޭވެސް ގެއަށް އައީ މާޔޫސްވެފައިވާ މޫނަކާއެކީގައެވެ. އޭނަ ގެއަށްވަދެ ސިޓިންގް ރޫމުގެ ބޮކި ދިއްލާލަމުން ގޮސް ސޯފާއަށް ވެއްޓިގަނެ ދެއަތުން މޫނު ފޮރުވާލިއެވެ. މަރާލި ލޮލުގެ ދޭތެރެއިން ނަޞްރާގެ ހިނިތުންވުން ސިފަވެގެން ދިޔުމުން ޔޫނުސް އިހުނަށްވުރެ ދެރަވިއެވެ. އެ ހިނިތުންވުން އޭނައަށް ދެން ދުވަހަކުވެސް ނުފެންނާނީ ހެއްޔެވެ؟ އޭނަ ޖެހޭނީ އަނެއްކާވެސް އޭނަގެ އެކަނިވެރި ޙަޔާތަށް އަނބުރާ ދާން ހެއްޔެވެ؟ އޭނަ ދެން ކޮންމެ ދުވަހަކު ގެއަށް އަންނާނީ ކާކު ދެކޭ ހިތުން ހެއްޔެވެ؟ އޭނަ އޭނައަށް ކުރިމަތިވާ މައްސަލަތައް ކިޔައިދޭނީ ކާކަށް ހެއްޔެވެ؟ އެ މައްސަލަތައް ޙައްލުކުރުމުގައި އެހީވެދޭނީ ކާކު ހެއްޔެވެ؟ ނަޞްރާއާއެކީ ވޭތުވި އެއްއަހަރު ތެރޭގައި އޭނައަށް އެކަނި ނުއުޅެވޭވަރަށް ނަޞްރާ އޭނަ ބަލިކަށިކޮށްފިއެވެ. އޭނައަށް މި ގޮތަކަށް ނުއުޅެވޭނެ ކަމަށް ޔޫނުސް އަމިއްލަ ނަފްސުގާތު ބުންޏެވެ. އޭނަ ޖެހޭނީ ހިތްވަރު ކުރާށެވެ. ނަޞްރާއަކީ އޭނައަށް ޙަޔާތުގައި ލިބުނު އެންމެ ރީތި، އަގުހުރި ހަދިޔާއެވެ. އޭނަ ކިތަންމެ ބޭނުމެއްނުވިޔަސް އޭނަ ނަޞްރާއާއި މިއަދު ނޫނިއްޔާ މާދަމާ މުޅިން ވަކިވާން ޖެހޭނެކަން ޔޫނުސް އަމިއްލަ ހިތަށް ހަނދާންކޮށްދިނެވެ. އެހެނަސް ޔޫނުސްގެ އެ ހިތަށް އުނދަގޫވަމުން ދިޔައީ ހަމައެކަނި ނަޞްރާ އޭނަ ކައިރީގައި ނުވާތީވެއެއްނޫނެވެ. ނަޞްރާ ހުރީ ކޮން ޙާލެއްގައިކަން ނޭނގިގެންވެސްމެއެވެ. ކޮންމެއަކަސް އެންމެ މޮޅު ރައްކާތެރިޔަކީ ﷲ ކަން ހަނދާންކޮށް ޔޫނުސް ނަޞްރާއަށްޓަކައި ދުޢާކުރިއެވެ.
ޔޫނުސް ސޯފާގައި އިށީންތާ އިރުކޮޅެއްފަހުން އޭނަގެ ޖިންސްގެ ޖީބުގައި އޮތް ފޯނަށް މެސެޖެއްއައެވެ. ޔޫނުސް ފޯނު ނަގައި ބަލާލިއިރު އެއީ ނަވާޒްގެ މެސެޖެކެވެ. ނަވާޒްގެ ނަން ފެނިފައި ޔޫނުސްގެ ހިތް އަވަސްވިއެވެ. އެންމެ ފުރަތަމަ ވެސް އަމީންގެ ކަންތައްތަކުގެ ވާހަކަ ބައްޕަގާތު ނުބުނެވުނުކަމުގެ މޮޔަހީވިއެވެ. ޔޫނުސް އަވަސްއަވަހަށް އެ މެސެޖު ހުޅުވައި ކިޔާލިއެވެ.
“ބައްޕަ މިރޭ ފުރަނީ. މިހިރީ ފްލައިޓްގަ. ހިތްހެޔޮ ކުރައްޗޭ. ވަރަށް ސަލާމް.” މެސެޖު ކިޔާފައި ޔޫނުސްގެ ހިތް އިހުނަށްވުރެ އަވަސްވިއެވެ. އޭނަ މާ ލަސްވުމުގެ ކުރިން ނަވާޒްގެ ނަންބަރަށް ގުޅާލިއެވެ. އެހެނަސް ފޯނު ކަންފަތުގައި ޖެއްސިތާ މާ ގިނައިރެއްނުވެ އެ ފޯނު ނިވާލެވިފައިވާކަމަށް ކިޔަން ފެށުމުން ޔޫނުސްއަށް ދެލޯ މަރާލެވުނެވެ. އަދި ނިތުގައި އެއްއަތް ޖައްސާލަމުން އިސްތަށިގަނޑު މައްޗަށް ކަހާލެވުނެވެ. ފޯނު ކަންފަތުން ނަގާލި ވަގުތު ޔޫނުސްއަށް އިނދެވުނީ އަމިއްލަ ނަފްސަށް ރުޅިވެގެންނެވެ. އެ އައި ރުޅިއާއެކީ އަމީންގެ ޙަޤީޤަތް ކޮންމެވެސް އެއްގޮތަކަށް އެންމެންގެ ކުރިމައްޗަށް ގެންނަން ޔޫނުސް ބޭނުންވިއެވެ. ގިނަ މީހުން އެއްވެފައި ތިބި ތަނެއްގައި އަމީނާއި ދިމާލަށް އެއްޗެހި ގޮވާތަން ސިފަކުރެވުމުން އެގޮތް ރަނގަޅުވާނެ ކަމުގައި ޔޫނުސްއަށް ނިންމުނެވެ. އެހެންކަމުން އޭނަ ވަގުތުން މާލެދާން ނިންމިއެވެ.
އޭގެ އަނެއްދުވަހު އަމީން އެއްވެސް މީޑިޔާއަކަށް އެންގުމެއްނެތި ނުރަސްމީކޮށް ރަށަށްއައެވެ. އަމީން އެތައް ޒަމާނަކަށްފަހު ހެވިފައިހުރެ ގެއަށް ވަތް ގޮތުން ޒާހިޔާއާއި މިޞްބާޙްގެ އިތުރުން އޭރުވެސް ރަށުގައި ހުރި ވަޙީދުވެސް ޙައިރާންވިއެވެ. އެދުވަހުގެ މެންދުރު ސުފުރާ ދޮށުގައި ވަޙީދު އެ ވާހަކަ ދެއްކިއެވެ.
“ބޭބެ ކިހިނެއްވީތަ މިއަދު މާ ބޮޑަށް އުފާވެގެން އުޅޭހެން ހީވަނީ؟ އިންތިޚާބުން ކާމިޔާބުވާ މަންޒަރު ހުވަފެނުން ފެނުނީތަ؟” ވަޙީދު އެ ސުވާލު ކުރުމުން މިޞްބާޙަށް އޭނަގެ ބައްޕައަށް ބަލާލެވުނު ވަގުތު އަދިވެސް ނުރުހުންވެފައި އިން ޒާހިޔާ އިނީ އަމީނަށް ބަލަން ބޭނުންނުވެފައެވެ.
“ހެހެހެ……މި ފަހަރު ހުވަފެނެއްނޫން. އިންތިޚާބުން ކާމިޔާބުވާނެކަން ޔަޤީންވާތީ މިހާވަރަށް މި ހެވެނީ.” އަމީން އޭނަގެ ހުރިހާ ދަތްތައް ދައްކައިގެން އިނދެ ބުނެލިއެވެ.
“އަހަންނަކަށް ހިއެއްނުވޭ ބޭބެމެނަށް އިންތިޚާބު ކާމިޔާބު ކުރެވޭނެހެނެއް. މިހާރު އަބަދުވެސް އިވެނީ ތި ޕާޓީއިން މެންބަރުން ވަކިވާ ވާހަކަ.” ވަޙީދު ބުންޏެވެ. އެއާއެކު އަމީންގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ.
“އަދި މެންބަރު ވަކިވިޔަސް އަހަރުމެންނަށް ވޯޓު ދޭނެ މީހުން މަދެއްނުވާނެ. ވަޙީދަކީ ވެސް ޕާޓީއެއްގަ އުޅޭ މީހެއްނޫން. އެކަމަކު ނަވާޒަށް ނޫންތަ ވޯޓުދޭން ނިންމައިގެން ތިހިރީ؟ މިތިބި މިޞްބާޙާއި ޒާހިޔާވެސް ވޯޓު ދޭނީ އަހަރުމެންނަށްނު؟” އަމީން އެހެން ބުނެލުމާއެކު ޒާހިޔާ ރުޅިން ރަތްވިއެވެ. އޭނަ އެއްޗެކޭ ބުނަން އުޅެފައިވެސް ކުރިމަތީގައި ހުރި ތަށި ދުރަށް ކޮއްޕާލަމުން ސުފުރާ ދޮށުން ތެދުވެ އެތަނުން ދާން ހިނގައިގަތެވެ. މިޞްބާޙަށް އެއްފަހަރު އޭނަގެ މަންމައަށް އަނެއްފަހަރު ކުރިމަތީގައި ހުރި ބައްޕައަށް ބަލާލެވުނެވެ. އެވަގުތު އަމީން ހުރީ އޭނަގެ ކަތުރުކަށިގަނޑަށް ބާރުކޮށް ބުމަގޮށްޖަހައި މިޞްބާޙަށް ނަޒަރު ހުއްޓައިގެންނެވެ.
“އަހަންނަށް ހިއެއްނުވޭ ޒާހިޔާ ދޭނެހެނެއް.” ވަޙީދު ރާގަކަށް ބުނެލިއެވެ.
“މަށަށް ވަރިހަމަ ތީގެއިން އެކަކު ނުދިނަސް. އަހަރުމެންނަށް ވޯޓު ލިބުމަށް ހުރަސް އަޅަމުން އައި އެންމެ ބާރުގަދަ މީހަކަށް މިހާ ދުވަހު ހުރީ ޔޫނުސް. އެކަމަކު މިއަދަށްފަހު ޔޫނުސްވެސް ހުންނާނީ އަހަރުމެން ކޮޅުގަ.” އަމީން ހަމަޖެހޭ ގޮތް ދައްކަމުން ބުނެލި ވާހަކައިން މިޞްބާޙްގެ ދެބުމަ ކައިރިވިއެވެ.
“ރާއްޖެ ޕްރެސްގެ ޔޫނުސްދޯ؟ އޭނަ ބޭބެގެ ކޮޅަށް ޖެހިއްޖެއްޔާ ހަމަ ބަރާބަރު. އެއީ އެންމެންގެ އިތުބާރު ލިބިފައިވާ މީހެއް. އޭ ބޭބޭ……އަޑުއެހިންތަ އެ ޔޫނުސްގެ އަންހެނުންނަށް ކޮންމެވެސް ކަމެއްވީ ވާހަކަ؟ އަހަރެން އިއްޔެގަ ދުށިން އޭނަ ވަރަށް ކަންބޮޑުވެފަ ތިމަންނަގެ އަންހެނުން ދުށިންތޯ އެންމެނާއި ސުވާލުކުރަމުން ދިޔަތަން. ކިހިނެއްތަ އޭނަގެ އަންހެނުންނަށްވީ؟” ވަޙީދު އެ ވާހަކަ ދައްކަމުން ދިޔައިރު ކަމުން ދިޔަ އަމީންގެ މޫނުމައްޗަށް ވެރިވި ނުތަނަވަސްކަން މިޞްބާޙަށް ސިއްރެއްނުވިއެވެ.
“އެ….އެނ؟ އަހަރެން އަޑުއެހިތާ މިހިރީ. ޔޫނުސްއާއި ތަންކޮޅެއް ކުރިން އެކުވެރިވީ. އިއްޔެގަ ނުވެސް ގުޅަން އޭނައަށް. އޭގެ ކުރީ ދުވަހު ވަރަށް އުފަލުން ހުރީ. ކިހިނެއްބާވީ؟” އަމީން ޔޫނުސްއަށްޓަކައި ކަންބޮޑުވެފައި ކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ.
“ނޭނގެ. މި ދުވަސްކޮޅު ކުއްޖަކަށް ގޭގަ އެކަނިވެސް ނުހުރެވޭ މީހުންގެ ދަހިވެތިކަމާހެދި. ކީއްކުރާނީ؟” ވަޙީދު ބޯހޫރުވާލަމުން ބުނެލިއެވެ. އަމީން ހޫންލައްވާލިއިރު ވެސް އޭނަގެ ނިތުން ދާ ތިކިތައް ހިއްލަން ފަށާފައިވިއެވެ. އަމީން ނޫންކަމަށް ހަދާފައި އެ ދާ ތިކިތައް ފޮހެލިތަން ފެނިފައި މިޞްބާޙްގެ ފައިމަތީގައި އޮތް އޭނަގެ އަތް މުއްކެވިގެން ދިޔައެވެ. އޭނަގެ ބައްޕަ އޭނަ ހީކުރި ވަރަށް ވެސް ނުބައިކަން އެނގުންވުމުން މިޞްބާޙްގެ ހިތް ހިތާމަކުރިއެވެ. މީހުންނަށް އަނިޔާ ކުރުމެއްނެތި ވެސް ނުހަނު ފަސޭހައިން ކާމިޔާބު ލިބޭނެކަން ބައްޕައަށް އެނގޭނެނަމައޭ ހިތަށްއެރިއެވެ. މީގެ ކުރިން ބައްޕަ ކޮންމެ ކަމެއް ކުރިޔަސް އެއީ ނުކުރާ ކަމަކަށް ހަދައި މަޢާފުކުރަން މިޞްބާޙް ނިންމައިގެން ހުއްޓަސް މިފަހަރު އެހެން ހެދޭކަށް ނެތެވެ. މިފަހަރު ގެއްލުމެއް ލިބެނީ އޭނަގެ ބޭބެއެއްގެ ގާތް މީހަކަށެވެ. އޭނައަށް އޭނަގެ ލޯ ކުރިމަތިން ބޭބެގެ އަންހެނުންނަށް ގެއްލުންވާތަން ބަލަހައްޓައިގެން ނުހުރެވޭނެއެވެ. އޭނަ ކޮންމެ ގޮތެއް ހަދާފައިވެސް މި ޙާލަތް ބަދަލުކުރަންވީ ކަމަށް އޭނަގެ ސިކުނޑި އަންގައިފިއެވެ.
އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ޔޫނުސް ދެ ޚިޔާލެއްގެ މަތީގައި ހުރެ މާލެއަށްދާން އޭނަގެ ހެދުންތައް ކޮނޑުގައި އަޅާ ދަބަހަކަށް އަޅަމުން ދިޔައެވެ. ރޭ މާލެއަށް ދިޔުމުގެ ނިންމުން ނިންމީ ކިތަންމެ ޖޯޝާއެކީގައި ކަމަށްވިޔަސް އަނެއްދުވަސްވުމުން އެންމެ ރަނގަޅު ގޮތަކީ މިއީތޯ އޭނަގެ ހިތް ސުވާލުކުރަމުން ދިޔައެވެ. ޔޫނުސް އޭނަގެ ދަބަހަށް ހެދުން އަޅައި ނިމުނުތަނާހެން ގޭގެ ދޮރުގައި މީހަކު ޓަކިދިން އަޑު އިވުނެވެ.
“ހުޅުވާފަ ހުރީ.” ޔޫނުސް ކޮޓަރިން ނިކުންނަމުން ގޮވާލިއެވެ. އެއާއެކު ގޭގެ ދޮރު ހުޅުވާލަމުން ގެއަށް ވަނީ ފުރިހަމަ ހިނިތުންވުމެއްގައި ހުރި އަމީނެވެ.
“ހާއި.” އަމީން ދިގުކޮށް ގޮވާލަމުން ދޮރު ލައްޕާލިއެވެ. ޔޫނުސްއަށް ބުމަގޮށްޖަހާލަމުން ދެއަތް މުއްކަވާލެވުނެވެ.
“ނަޞްރާ ދިޔައިމަ ގޭގެ ދޮރުވެސް ތަޅުނުލާ ހުންނަނީ. ދެން ރަނގަޅުތާދޯ؟ ކޮން ޕްރައިވަސީއެއް ޔޫނުސް އެކަނިމާއެކަނި ބޭނުންވާނީ؟” އަމީން ބުނެލި ވާހަކައިން ޔޫނުސްގެ މޫނު ރުޅިން ރަތްވެ އޭނައަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ.
“ވޮހް! އަހަރެން ވަރަށް ބޮޑަށް ބިރުގަނެއްޖެ.” އަމީން ފަހަތަށް ފިޔަވަޅެއް އަޅައި އެހެން ބުނެލަމުން ހޭންފެށިއެވެ.
“ނަޞްރާގެ ވާހަކައެއް ނެތިއްޔާ ދިޔަޔަސް ހެޔޮ.” ޔޫނުސް ކިތަންމެ ރުޅިގަދަ ވިޔަސް އޭނަގެ އަޑު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އަމީން ޗޮއްކަނޑާލިއެވެ.
“އަޅޭ…..ދާހިތެއްނުވޭ. ޔޫނުސް ކުރާނެ ކަމެއް ނޭނގިގެން އުޅޭތަން ބަލަން ބޭނުންވަނީ. ނަޞްރާގެ އަޑު އަހަން ބޭނުންތަ؟” އަމީން އޭނަގެ ފަޓުލޫނުގެ ޖީބުން ފޯނު ނަގައި ބުނެލި ވާހަކައިން ޔޫނުސްގެ މެއަށް ފިނިވިއެވެ. އަމީން އޭނަގެ ފޯނާއި އެއްއަތުން ކުޅެން ހުރިތަން ޔޫނުސްއަށް ބަލަން ހުރެވުނީ ކެތްތެރިކަން ކުޑަވެފައެވެ. އެންމެ ފަހުން އަމީން ރެކޯޑިންއެއް ޕްލޭއި ކޮށްލަމުން އޭނަގެ އަތްމަތީގައި ފޯނު ބާއްވައި ޔޫނުސްއާއި ދިމާލަށް ދިއްކޮށްލިއެވެ. ޔޫނުސް އިވޭނެ އަޑަކަށް އޭނަގެ ކަންފަތް ހުޅުވާލިއެވެ. އެންމެ ފުރަތަމަ ވެސް ނަޞްރާ ވައި އަޑަކުން ފެނަށް އެދި ގޮވާ އަޑުން ޔޫނުސްގެ ހިތަށް ކަށިތަކެއް ހެރިގެން ދިޔަ ފަދައެވެ. އިރުކޮޅެއްފަހުން އަންހެނަކު މިހިރީއޭ ބުނެ ބޮޑު ފެން އެއްޗެއް އޮއްސާލި އަޑު އިވުނެވެ. އެއާއެކު ނަޞްރާގެ ތުރުތުރު އަޅާ އަޑުއިވިފައި އޭނަ ހީކަރުވަން ފެށީކަން އެނގުނެވެ. އޭގެ މާ ގިނައިރެއްނުވެ ހަމަ ކޮންމެވެސް އަންހެނަކު މި ބޯށޭ ބުނެލި އަޑު އިވުނެވެ. ހިނދުކޮޅެއްފަހުން ނަޞްރާ ގަދައަށް ކެއްސަން ފެށިއެވެ. ކުރުވެފައިވާ ނޭވާއަކާއެކީ ކެއްސަމުން ދިޔަ އަޑު އިވިފައި ހަމަ ދެންމެދެންމެ އޭނަ ހުއްޓިދާނެހެން ހީވަމުން ދިޔައިރު ޔޫނުސްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އަމީން ދެންވެސް ރަޙުމްކުޑަ ހިނިތުންވުމަކާއެކީ އެ ރެކޯޑިންގް މަޑުޖައްސާލިއެވެ.
“ތިއްތި ރެކޯޑިންގްއެއްދޯ؟ އަހަރެންގެ ފޯނު ހަމަ މޮޅިއްޔޭ.” އަމީން އޭނަ ފޯނު ދައްކާލަމުން ހެވިފައިހުރެ ބުންޏެވެ.
“ކުޑަކޮށް ވެސް ހިތަށްނާރާތަ ތި ކުރެވެނީ ނުބައި ކަމެކޭ؟” ޔޫނުސް ކުރެހިފައިވާ އަޑަކުން ސުވާލުކުރިއެވެ.
“ނާރާ. މިއަދަށްފަހު ޔަޤީން ކުރާތި ރާއްޖެ ޕްރެސްގަ އެއްވެސް ޚަބަރެއް ނުލިޔެވޭތޯ. ދެން ވަގުތެއް ލިބުނިއްޔާ އަހަރުމެންނާ އެއްކޮޅަށް ލިޔަން މުވައްޒަފުންނަށް އަންގާލިޔަސް ހެޔޮ. ޔޫނުސްގެ ޗޮއިސް. ކޮންމެ ގޮތެއްވިޔަސް ޔޫނުސްއަކަށް ނަޞްރާ ދެނެއް ނުފެންނާނެ. ޔޫނުސް އަހަރުމެންނާއި ގުޅުނަސް އަހަރެން ބޭނުމެއްނުވާނެ އަނެއްކާ ނަޞްރާއާއި ޔޫނުސްވެގެން ދެވަނަ ރާއްޖެ ޕްރެސްއެއް އުފައްދަން.” އަމީން ބުންޏެވެ. ޔޫނުސްއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އަމީންގެ ވާހަކައިގެ މެދުތެރެއިން އޭނަ އުޅުނީ ނަޞްރާއަށްޓަކައި އަމީނާއި ގުޅެން ބޭނުންވާ ވާހަކަ ބުނާށެވެ. އެހެނަސް އަމީން އެ އިޚްތިޔާރުވެސް އޭނައަކަށް ނުދެއެވެ. އޭނަ މުޅިން ބަލިވީ ކަމަށް ހިތުގެ ކަނަކުން ގޮވާލިއިރު އަދި ހުރިހާ ކަމެއް ނުނިމޭ ކަމަށް ހިތުގެ އެއްފަޅިން އެންގިއެވެ. އަދިވެސް ނަޞްރާ ދުނިޔޭގަ އެބަހުއްޓެވެ. އަދިވެސް އޭނައަށް ނަޞްރާއާއި ހަމައަށް ދެވިދާނެއެވެ. އެދުވަހަކުން އޭނަ ނަޞްރާއާއި ވެގެން އަމީނަށް މި ދުވަހުގެ ބަދަލުދޭނީކަމަށް ހިތް ބުނި ވަގުތު ޔޫނުސްގެ ރޫޙަށް އަނެއްކާވެސް އާ ޖޯޝެއްއައެވެ. އަމީން ބާއިއޭ ބުނެ އެގެއިން ނިކުމެގެން ދިޔަތަން ޔޫނުސް ބަލަންހުރީ އިހުނަށްވުރެ ވަރުގަދަ ޢަޒުމެއްގައެވެ.
އޭގެ އަނެއްދުވަހު އަފްރާޒްވެސް އޭނަގެ ޢާއިލާ ގޮވައިގެން ރަށަށް އައިއްސިއެވެ. އެދުވަހު ނަޞްރާ ހޯދުމުގެ މަސައްކަތް ކުރީ އަފްރާޒާއި ޝަރީފާއި ޔޫނުސްވެސް ވެގެންނެވެ. ޝަރީފް ޖިޕްގައި އެއްރަށަށް ދިޔައިރު ޔޫނުސް އޭނަގެ ސައިކަލުގައި އަނެއް ރަށަށް ދިޔައެވެ. އަފްރާޒް ދެން އޮތް ރަށަށް ދިޔައީ ޒަޔާންގެ ސައިކަލުގައެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް މިއަދު ހޯދުމުގެ މަސައްކަތުގައި އުޅުނު މީހުންނަށް އެހީ ލިބެމުން ދިޔައެވެ. ޢާއްމު މީހުންނާއި ސުވާލުކުރުމުން ފުދޭވަރަކަށް މީހުންގެ ފަރާތުން ޖަވާބު ލިބުނެވެ. ތިން މީހުންނަށް ލިބުނު ޖަވާބުތަކާއި އެއްގޮތަށް ދުއްވުމުން އެ މީހުންނަށް އެންމެ ފަހުން ވަދެވުނީ ތިން ތަނަކަށެވެ. އަފްރާޒާއި ޝަރީފް އެ މީހުން ފޯރި މަންޒިލްތަކުން ނަޞްރާގެ ނިޝާނެއް ފެނޭތޯ މަސައްކަތް ކޮށްކޮށް ކާމިޔާބެއް ނުވިއެވެ. އެހެނަސް ޔޫނުސް ވަތް ފަޅު ގޭގެ ތެރެއަށް ވަންނަމުން ދަނިކޮށް އޭނަގެ ބޫޓު ދަށުގައި އެއްޗެއްވިއެވެ. އޭނަ ބަލާލިއިރު އެއީ ރިހިކުލައިގެ އަނގޮޓިއެކެވެ. ޔޫނުސް ޤަބޫލުވެސް ނުކުރެވިފައި ގުދުވެ އެ އަނގޮޓި ނަގައި ބަލާލިއެވެ. އެއީ ނަޞްރާގެ އަނގޮޓިކަން ޔަޤީންވުމުން ޔޫނުސް ވީ އުފަލާއެކީ ނަޞްރާއަށް ގޮވަން ފެށިއެވެ. އެ ފަޅު ގޭގެ އެކި ކޮޓަރިތަކުގެ ދޮރު ހުޅުވަމުން ގޮސް ހުރިހާ ދޮރެއް ހުޅުވުނު އިރު ވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ޔޫނުސް ދެރަވެފައިހުރެ އަދިވެސް އެއްފަހަރު އަތުގައި އޮތް އަނގޮޓިއަށް ބަލާލިއެވެ. އެއީ ހަމަ ނަޞްރާގެ އަނގޮޓިއޭ ހިތް ބުނި ވަގުތު ޔޫނުސް އަނދިރި ކޮޓަރިތަކަށް އަލި ކުރަމުން ނަޞްރާއަށް ގޮވަމުން ދިޔައެވެ. އެމީހުން ނަޞްރާއާއެކީ ފިލީތާއޭ ހިތަށްއެރުމުން ޔޫނުސް އަވަސްއަވަހަށް އެ ގެއިން ނިކުތެވެ. ގެ ވަށައި ވަށް ބުރެއް އެޅުނުއިރު ވެސް ޔޫނުސްއަށް އެ ވާވެފައިވާ ހިސާބުގެ ދުރުދުރުންވެސް މީހަކު ނުފެނެއެވެ. ޔޫނުސް ގެއަށް ގޮސް އަފްރާޒާއި ޝަރީފަށް އަނގޮޓި ދައްކައި ކަންވީގޮތް ކިޔައިދިނެވެ. ޝަރީފާއި އަފްރާޒް ވެސް މިއަދު އެކި މީހުން ވަރަށް ޔަޤީންކަމާއެކީ އެމީހުންނަށް މިޞްރާބު ދެއްކި ވާހަކަ ބުންޏެވެ. ކޮންމެ ގޮތެއްވިޔަސް ނަޞްރާއާއި އެންމެ ގާތް މަންޒިލަށް ދެވުނީ ޔޫނުސްއަށްކަން ތިން މީހުންނަށް ވެސް ޤަބޫލު ކުރެވުނެވެ. އެމީހުންނަށް ނޭނގުނު ކަމަކީ މިއަދު އެމީހުންނަށް މިޞްރާބު ދެއްކި އެންމެނަކީ ވެސް އަމީން ފައިސާ ދީފައި ހުރި މީހުންކަމެވެ. އަދި ނަޞްރާގެ އަނގޮޓި އެގޭގައި ބާއްވާފައި އޮތީ އެމީހުން އިތުރަށް އޮޅުވުމަށްޓަކައިކަމެވެ.
ޔޫނުސް ނަޞްރާ ހޯދުމުގެ މަސައްކަތުގައި އުޅުނަސް ރާއްޖެ ޕްރެސްގެ މުވައްޒަފުން ސައިޓަށް ޚަބަރުތައް ޝާޢިއުކުރަމުން ގެންދިޔައެވެ. މި ދުވަސްވަރު އަމީންގެ ފަރާތުން އެހާ ފާޅުކަން ބޮޑުގޮތެއްގައި ނޭދެވޭ ކަމެއް ނުފެންނާތީ އޭނަގެ ނޭދެވޭ ވާހަކައެއް ނާންނަނީއެވެ. އެހެންކަމަށްވީތީ ރާއްޖެ ޕްރެސް އެއްކޮށް ނުހުއްޓުނަސް އަމީނަށް އެއީ މާ ބޮޑު ކަމަކަށް ނުވިއެވެ.
ނަޞްރާ ހޯދުމުގެ މަސައްކަތް 3 ދުވަސްވަންދެން ކުރެވުނުއިރު ވެސް އެއްވެސް ނަތީޖާއެއް ޔޫނުސްމެނަކަށް ފެންނަ ގޮތެއްނުވިއެވެ. ނަޞްރާގެ އަނގޮޓި އެގެއެއްގެ ތެރެއިން ފެނުނު ގޭގެ ވެރި ފަރާތާއި ސުވާލުކުރުމުން އެ މީހާ ޔޫނުސްމެން އިތުރަށް އޮޅުވިއެވެ. ނަތީޖާއެއްގެ ގޮތުން ހަމަ އެ އަތޮޅުގައި ބެލި ތަންތަން ބަލަބަލައި އެމީހުންނަށް އެއްދުވަސްވަންދެން ތިބެވުނެވެ. އެދުވަހުގެ އިރުއޮއްސުނު ވަގުތު ގެއަށް އައި އަފްރާޒް ހުރީ ރުޅިން ރަތްވެފައެވެ.
“މިތާނގައެއްނެތް ނަޞްރާ! ހިނގާ މާދަމާ ކައިރީގަ ހުރި ރަށްތަކަށާއި އަތޮޅުތައް ބަލަން.” އަފްރާޒް ގޭގެ ގޭޓު ކައިރީގައި މަޑުކޮށްގެން ތިބި ޝަރީފާއި ޔޫނުސްގާތު ހަރުއަޑުން ބުނެލިއެވެ. އޭނަގެ އެ ވާހަކައަށް ވަރުބަލިވެފައި ތިބި ޔޫނުސްއާއި ޝަރީފް ހަމައެކަނި ބޯޖަހާލީއެވެ.
އެރޭގެ ޢިޝާ ނަމާދަށްފަހު ޔޫނުސް ގެއަށް ދިޔައީ ލަސް ހިނގުމެއްގައެވެ. ނަޞްރާގެ ޚިޔާލުތަކުން އޭނަގެ ސިކުނޑި ފުރިފައިވީއިރު އަދިވެސް ނަޞްރާ ނުފެންނަކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ. އޭނަ އެންމެ ހިނދުކޮޅަކަށް ވެސް ނަޞްރާ ސަލާމަތް ކުރުމަށް މަސައްކަތެއްނުކޮށް ހުންނާކަށް ބޭނުމެއްނުވެއެވެ. އެހެނަސް މިރޭ އޭނައަށް އިޙްޞާޞް ކުރެވެމުން ދިޔައީ އާދަޔާ ޚިލާފު ވަރުބަލި ކަމެކެވެ. ވާނީވެސް އެހެންތާއެވެ. ވޭތުވެދިޔަ 3 ދުވަސް ތެރޭގައި އޭނައަށް ރަނގަޅަށް ނުކެވެއެވެ. ކާ ހިތެއްނުވެސްވަނީއެވެ. ކާން އުޅޭ ކޮންމެ ފަހަރަކު ނަޞްރާ މިހާރު ހުންނާނީ ކައިގެންތޯ ހިތް ސުވާލުކުރުމުން އޭނަ ކާ އެތިކޮޅު ތަށީގައި ބާއްވައެވެ.
ޔޫނުސް ގެއަށް ދިޔަ މަގުމަތީގައި މިރޭ ރަނގަޅަށް ކައިގެން ނިދާލުމަށް ޢަޒުމް ކަނޑައެޅިއެވެ. މާދަމާ ނަޞްރާ ބަލައި ދާއިރު ބާރުގަދަކޮށް ހުރުމަށެވެ. އެހެނަސް ގެއަށްވަދެ ކޮޓަރިއާއި ހަމައަށް ދެވުމުން އޭނައަށް އެތަނަށް ވަދެވުނެވެ. މާ ގިނައިރެއްނުވެ ނަޞްރާގެ ހަނދާންތައް އާވެގެން ދިޔުމުން ޔޫނުސްގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. އޭނަ ނަޞްރާ ނުދެކޭތާ އެންމެ 3 ދުވަސްވެފައިވިޔަސް އޭނައަށް ހީވަމުން ދިޔައީ ނަޞްރާއާއި ބައްދަލުނުވާތާ އެތައް ޤަރުނައެއް ވޭތުވެފައިވީހެންނެވެ. ނަޞްރާގެ އަޑު އަހަން އޭނަގެ ކަންފަތް އެދި ގޮވަމުން ދިޔައެވެ. އެހެނަސް އެއީ ކައިރި މުސްތަޤްބަލެއްގައި ވާނެ ކަމެއް ނޫންކަން އެނގުންވުމުން ޔޫނުސްއަށް އެނދުގެ ކައިރީގައި ބިންމަތީގައި އިށީނދެވުނެވެ. ހިމޭންކަން ވެރިވެފައިވި ކޮޓަރީގެ ތެރެއިން ޔޫނުސްއަށް ހަމައެކަނި އިވެމުން ދިޔައީ އޭނަގެ ހިތް ކުރަމުން ދިޔަ ސުވާލެވެ. ނަޞްރާ ކޮބައިތޯއެވެ.
**
ހަމައެކަނި ހުދުކުލައިގެ ބޮތްކެއްގެ އަލިން އަލިވެފައިވާ ކުޑަ ގޮޅިއެއްގެ އެއްފަރާތުގައި ކުޑަ ވަކަރު މޭޒެއްވިއެވެ. އެ މޭޒުމަތީގައި ހުރީ ކުދިކުދި ބޭސްފުޅިތަކާއި ހުދުކުލައިގެ ފޮތިކޮޅުތަކެވެ. އެ ބޭސްފުޅިތަކުގެ ކައިރީގައި މެދުމިނުގެ ފަސްޓް އެއިޑް ކިޓެއްވިއެވެ. މޭޒުގެ ދަށުގައި ކުދި ބެންޑޭޖް ރޯލްތައްވެސް ހުރިއެވެ. ކުޑަ ގޮޅީގެ އަނެއްފަރާތުގެ ބިންމަތިން ފެންނަމުން ދިޔައީ އެކި ވަރުވަރުގެ ތޫނު ހަތިޔާރުތައް އުކާލެވިފައިވިތަނެވެ. އޭގެއިން ބައެއް ހަތިޔާރުތަކުގައި ލޭވެސް ހުއްޓެވެ. ކުޑަ ގޮޅީގެ މެދުގައި އޮތީ މަޑު ފިޔާތޮށި ކުލައެއްގެ ހަރުވާޅު ހެދުމެއް ލައިގެން އޮތް ނަޞްރާއެވެ. އޭނަގެ ދެލޯ މެރިފައިވީއިރު ވިހުރާލެވިފައިވާ އިސްތަށިގަނޑުވަނީ ހޭވިފައެވެ. ދެއަތް ތިލައާއި ދެ ފައިތިލައިގައި ވެސް ބެންޑޭޖް އެޅިފައިވީއިރު އޭނަގެ ކަނދުރާގައި ވެސް މަލަން އެޅިފައިވިއެވެ.
ބޭރުން ދެ ފިރިހެނަކު ވާހަކަ ދައްކާ އަޑު ކުޑަ ގޮޅީގެ ތެރެއަށް ވަނުމާއެކު ނަޞްރާގެ މެރިފައިވާ ދެލޯ ތަގުޅިވެގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލިއެވެ. މަތިން ފެނުނު އަލި ބޮކީގެ ސަބަބުން އޭނަގެ ލޯ ހުޅުވުނީ ހަނިކޮށެވެ. ނަޞްރާ އަދިވެސް އެއްފަހަރު ދެލޯ މަރާލަމުން އޭނަގެ އުޅަނބޮށި ތަޅުންމަތީގައި ވިއްދައި ތެދުވެވޭތޯ ބެލިއެވެ. އޭނަގެ އަނގައިން ނިކުތް އާހުގެ އަޑުން އޭނަގެ ދެއަތުގައި ވެސް ރިއްސިކަން އެނގެއެވެ. ނަޞްރާ ރަނގަޅަށް ސީދާ ވެލަމުން އޭނަގެ ލޯ އުނގުޅާލި ވަގުތު ބޭރުން ދެ ފިރިހެނުން ދެއްކި ވާހަކަ އޭނައަށް ސާފުވިއެވެ.
“އޭ މިހާރު އޭނަ ހޭ އަރާފާނެދޯ؟ ބަލާލަބަލަ.” ބޭރުން އެއް ފިރިހެނަކު އެހެން ބުނެލި އަޑަށް ނަޞްރާގެ ދެލޯ ބޮޑުވިއެވެ. އޭނަ ކަނާތް ފަރާތުން ފެނުނު މުށިކުލައިގެ ބާ ދޮރާއި ދިމާލަށް ބަލާލިއެވެ. އޭގެ އިރުކޮޅެއްނުވެ މީހަކު އެ ދޮރު ހުޅުވާލި ވަގުތު ނަޞްރާ އޮތީ ކުރިން އޮތް ގޮތަށް ތަޅުންމަތީގައި އޮށޯވެ ދެލޯ މަރައިގެންނެވެ.
“އަދި ހޭނާރާ.” ދޮރު ކައިރީގައި ހުރި ފިރިހެން މީހާ ބުނެލިއެވެ.
“އެހެންތަ؟ އެހެންވިއްޔާ އަދި އިރުކޮޅަކުން ކަންނޭނގެ. އާދޭ. އަހަރުމެން އަންނާނީ އޭނަ ހޭ އަރާއިރަށް.” ބޭރުގައި ހުރި ފިރިހެން މީހާ ބުނެލިއެވެ. އެއާއެކު ދޮރު ހުޅުވި ޒުވާނާ ދޮރު ލައްޕައިފިއެވެ. އެމީހުންގެ ފިޔަވަޅުތަކުގެ އަޑު ފޭދެމުން ގޮސް ގެއްލުނު ތަނާހެން ނަޞްރާ އަނެއްކާވެސް ލޯ ހުޅުވާލިއެވެ. 3 ދުވަސްވީއިރު އެ މީހުން ކަންތައް ކުރާ ގޮތް ނަޞްރާއަށް ވަނީ ރަނގަޅަށް ދަސްވެފައެވެ. އެމީހުން ގިނަ ފަހަރު އޭނަ ބާއްވަނީ ހޭ ނައްތާފައެވެ. ހޭ އަރާއިރަށް އެ މީހުން ނަޞްރާގެ ގާތަށް ގޮސް އޭނައަށް އެކި އަނިޔާތައް ކުރެއެވެ. އޭނައަށް ކާންދޭން އަންނަ އަންހެން މީހާ އޭނަގެ އަތް ބަނދެފައި ބަހައްޓައިގެން ކޮންމެ ފަހަރަކު އޭނައަށް ދޭނީ މަދު ކާ އެތިކޮޅެކެވެ. ފެނަށް އެދި ގޮވުމުން އޭނައަށް ގިނަ ފަހަރު ފެން ނުލިބެއެވެ. ލިބުނަސް ލިބެނީ އޭނައަށް ފުދޭވަރަކަށް ނޫނެވެ. ކަރު ހިއްކުމުގެ ސަބަބުން އޭނަގެ ކަރުގައި މިހާރު އަބަދުވެސް ނުފިލާ ތަދެއް ހުރެއެވެ. މި ހުރިހާ ކަމެއްގެ މައްޗަށް އެ މީހުން ޔޫނުސްގެ ވާހަކަތައް އޭނައަށް ކިޔައިދޭނެއެވެ. ޔޫނުސް ވެސް ވަނީ މިފަދަ ބަންދެއްގައި ކަމަށާއި ޔޫނުސްވެސް ދުވަސްކޮޅަކުން މަރާލާނެކަމަށްބުނެ އެމީހުން ނަޞްރާއަށް ޚަބަރުދެއެވެ. އޭގެއިން ކޮންމެ ފަހަރަކު އޭނައަށް ބާރަށް ރޮއިގަނެވެއެވެ. އޭނަ ޔޫނުސްއާއި ވާހަކަ ދައްކަން ބޭނުންވެއެވެ. ޔޫނުސްގެ ޙާލު ބަލަން ބޭނުންވެއެވެ.
މިއަދުވެސް ޔޫނުސް މަތިން ހަނދާންވުމުން އޭނަގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އޭނަ ނުރުއިމަށްޓަކައި ތުންފަތުގައި ދަތް އަޅާލަމުން ދުރަށް ނަޒަރު ހިންގާލި ވަގުތު ފެނުނު އެއްޗަކުން އޭނައަށް ޤަބޫލު ކުރަން ވެސް ދަތިވިއެވެ. ތަޅުންމަތީގައި އެ އޮތީ މޯބައިލް ފޯނެކެވެ. ޔޫނުސްއަށް ގުޅަންވީ ކަމަށް ހިތް ބުނި ވަގުތު ނަޞްރާގެ ހިތް އަވަސްވިއެވެ. އޭނަ އޭނަގެ ހަތަރެސްފައިގައި ރިހޭކަން ހަނދާން ނައްތާލަމުން އެ ފޯނަށް އަތް ދިއްކޮށް ފޯނު ނެގިއެވެ. ނޭނގޭ ސަބަބަކާހުރެ އޭނަގެ ދެލޯވެސްވަނީ ފުސްވެފައެވެ. ފޯނުގައި ހުރި ނަންބަރުތައް ފެނޭތޯ މަސައްކަތް ކުރަމުން ނަޞްރާ އޭނަގެ ރިއްސަމުން ދިޔަ އިނގިލިތަކުން ނަންބަރުތަކަށް ފިތަން ފެށިއެވެ. ޔޫނުސްގެ ނަންބަރު ޖަހައި އެ ނަންބަރަށް ގުޅާލީ ޔޫނުސްގެ އަތުގައި އޭނަގެ ފޯނު އޮންނާނެ ގޮތެއް ހައްދަވައި ދެއްވުމަށްއެދި ދުޢާ ކުރަމުންނެވެ.
**
އެނދަށް ލެނގި ބިންމަތީގައި އިށީނދެގެން އިން ޔޫނުސްގެ ފޯނު ރިންގުވާން ފެށުމުން އޭނައަށް ނަޞްރާގެ ޚިޔާލުތަކަކުން ނިކުމެވުނެވެ. އޭނަ ހަމަހޭވެރިކަމެއް ލިބުނު ފަދައަކުން އެއްލޯ މަތިން އެއްއިނގިލި ހިނގައި އޭނަގެ ޖިންސްގެ ޖީބުން ފޯނު ނެގިއެވެ. ނޭނގޭ ސަބަބަކާހުރެ އޭނަ މިފަހަރު ގުޅަނީ ކާކުތޯވެސް ނުބަލައި ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ސަލާމް ގޮވަން އުޅުނު ވަގުތު އޭނަގެ އަނގައިން ނިކުތީ ވައި އަޑެކެވެ. އެހެންކަމުން އޭނަ އިތުރު އެއްޗެކޭ ނުބުނެ އެކޮޅުން ވާހަކަ ދައްކާނެ އިރަކަށް އިންތިޒާރު ކުރިއެވެ.
“ޔޫނުސް؟” ކަންފަތުގައި ޖެހުނު އަޑަކުން ޔޫނުސްއަށް ހީވީ އޭނަގެ ހިތަށް އާ ދިރުމެއް ލިބުނީ ހެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.







i am 1st !!!!!!!!!!!!!!
the story is very nice KEEP IT UP!
Alhamdhulillah! (All praise and thanks belongs to Allah) 🙂
Vara reethi
Alhamdhulillah! 😀
Don’t kill nasra plxx thi ameen ah heyovisna dhyba?soo heart touching
hehe….balamaa vaa gotheh In Sha Allah. dhen onnaany fahu bai In Sha Allah. ebai saturday ga noony sunday ga In Sha Allah 🙂
Masha allah v reethi v vvvvvvvvvvv reethi. Jazaakillah khaira jana
Alhamdhulillah! Wa iyyaaki! 😀
Alhe Ameen mi insaanehtha???? Alhe dhn Yoonus ahhh Nasraa dhimaavaani knirakunbaa dhww
Baeh insaanun mi dhuniye ah ai sababu handhaan nethunyma ehaa ves goas vey dho? Yunus aai Nasra mihaaru gulhijje dho? dhen balamaa vaa gotheh In Sha Allah 🙂
ameen go to hell you F****** B**** ….. i hate you.. and plx nasra ah dhera gothehe nuhadhahchey…. 🙁
lov, aharumen veehaaves reethi bahun vaahaka dhekkeytho balanvaane dho rulhi ayas? 🙂 Nasra ah vaane goiy engeyne dhen anna bayakun In Sha Allah 🙂
Mi vaahakaiga atholhuthakaa rah thakuge vaahaka genesdhyfai mivany varah olhun araa gothakah.. kurydhuvahehge part gaves oi yunus saikaluga atholhuthah balamun dhhuvvi vaahaka.. kihineh evany??? Ekan rangallhu kollahchchey dhon kanbulo!
KKT, jana handhaaneh nuvey atholhuthakey liyevunu handhaane. e atholhu thereyga hoadhi vaahaka onnaany. dhen mihaathanah hama ekani saikaluga gos hoadheema engey dho eh fasgandeggai huri rahthakeggaikan mi hoadheny? komme gothevviyas olhun naaraa gothah kuriah oiy thanuga rangalhu kureveytho balaanan In Sha Allah. 🙂
ok dhen
🙂
Ragalhu dhen
🙂
V reethi i am waiting for next part
Alhamdhulillah! (All praise and thanks belongs to Allah) 🙂 Next part Sunday ga In Sha Allah. miadhuves fahu baige bodu baeh liyevijje. ekamaku adhives eba oiy fudheyvarakah bodu baeh. ekkoh nimmaafa up kuran beynunvany In Sha Allah 🙂
Reethi..
Waiting for thr next part
keep up the good work
Alhamdhulillah! Jazakillah Khairan for the support. Next part sunday ga In Sha Allah
Varah reethi mibaives 🙂 Sunday ge inthixaarugai.
hmm next part Sunday ga In Sha Allah. Alhamdhulillah! 🙂
Kihaairaku up kureveyny jana…vvv reethi story
jana koba vaahaka ? haadha varakashey inthizaaaru kuran mi jeheny mi vaahaka ah…. mi bai vex vvvvvvvv reethi… and thanks for updating such a beautiful story.. jana vaahaka ninmmalan tha thi ulheny? ohhhh dhn ehn veerun v foohi vaane. dhn noannane kanney ge esfiyaaga kiya hiyvva vaahaka eh vex… plx afreen and misbaah gulhuvaalahchey… and nasra and yoonus …. perfect couple.. <3 🙂 and plx nasra ah dhera gotheh nuha dhahchey…. yoonus go and find nasra… fast .. cmon you can do it… and e ameen ah rangalhu ladeh dhehchey… eyna ah cancer jahssaalan veenun… 🙂 my idea nice dhw… 😉 hehhehe… by the way avas kohbbarrrr… pwedeeeeessseeee…. 🙂
Jana avahah up kohdhyba plx plx
janaaaaaaaaaaaaaaaaaaaa … plx avas.. carnt wait…. plxxxxxxxxxxxxxxxxxxxxxxxxx …….. ketheh nulevey….. enmme fahu bai liyanneeeeeeeeeee thrrr???? alhey avas kohbba… plx
Jana ge ithuru vaahaka eh kiyaalan libeyne tho? Mi vaahaka nimunyma..
Plz hurry up jana… 🙁
waiting 4 next part jana….