ކައިރީގައި އެހެނަސް ދުރުގައި..2
ރާއިދުގެ އަތުގައި ހިފާލައިގެން ބީޗްއިން ނިކުންނަން ދިޔަ ނައުރީންގެ ފިޔަވަޅުތައް މަޑު ޖެހުނީ ކުރިމަތިން ފެނުނު ސޫރައިގެ ސަބަބުންނެވެ.. “މާއިޝް”…
ތިން އަހަރުގެ ދިގު އިންތިޒާރަކަށްފަހު އެ ސޫރަ ފެނުމުން ނައުރީންގެ ހިތަށް ކުރަމުންދިޔައީ ތަފާތު އިހުސާސް ތަކެކެވެ.. ތިން އަހަރަށްފަހު ވެސް އެ ފިރިހެންވަންތަކަމަށް ބަދަލެއް އައިސްފައެއްނުވެއެވެ.. ހަމަ އެ ރީތި ޖާދުވީ ދެލޮލެވެ.. އިސްކޮޅުން ދިގު އެ ފިރިހެންވަންތަ ހަށިގަނޑެވެ.. ތުނިކޮށްފަޅާފައި ހުރި ތުބުޅިން މާއިޝްގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.. ލާފައިވާ ގަމީސް ވާރޭގެ ސަބަބުން ގައިގައި ހިފާލާފާވާއިރު އެ ކަސްރަތީ ހަށިގަނޑުވަނީ ހާމަވެފައެވެ..
“ނައޫ”މާއިޝްއަށްވެސް ނައުރީން ފެނުމުން ލިބުނީ ކުއްލި ސިހުމެކެވެ. އެހާ ދުވަސް ފަހުން މިފަދަ ގޮތަކަށް ދިމާވެދާނެކަމަށް ފަހަރެއްގައިވެސް މާއިޝް ވިސްނާފައެއް ނެތެވެ. ދެމީހުން ހަތަރުކަޅި ހަމަވި ހިނދު މާޒީގެ ހިތި ޞަފްހާތައް އަލުން ހުޅުވުންފަދަ އިހްސާސެއް ކުރެވުނެވެ.. ވާންވީ އުފާ ކަމެއް ނޫނީ ވާންވީ ދެރަ ކަމެއް ދެމީހުންނަށްވެސް ނޭގޭ ފަދައެވެ.. އެތައް ވާހަކައެއް ދައްކަން ހުރި ނަމަވެސް އަނގައިން ބުނުމަށް މިއަދު ދެމީހުންވެސްވަނީ ނުކުޅެދިފައެވެ.
“ރީން ދޮންތީ.. ހަމަ މިހާރު ހިނގާގެއަށް ދާން!..”ރާއިދު ހިތްހަމަނުޖެހިފައި ހުރި ވަރު އޭނާގެ ހަރުކަށި އަޑުންވެސް ހާމަވަމުންދިޔައެވެ.. ނައުރީނަށް އެއްވެސް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ނައުރީންގެ އަތުގައި ހިފާ ދަމަމުން ގޮސް ކާރަށް އަރާ ދުއްވާލިއެވެ. މާއިޝްއަށް ހޭވެރިކަންވީ ދެނެވެ.. ނަމަވެސް ދުވެފައި ދިޔަ އިރު ކާރު ފަސްދީ ދަނީއެވެ.. އަނެއްކާވެސް ނައުރީން ގެއްލުމުގެ އިހަސާސް ކުރެވި މަޑު އާހެއްގެ އަޑު ނިކުތެވެ..
“ރާއި.. ދެންމެވީ އެއްވެސް ކަމެއްގެ ވާހަކަ މަންމަމެނަށް ސިއްރު ކޮށްދީ.. އެއީ މިހާރު އަހަރެންގެ މާޒީ..” އާދޭހުގެރާގެއްގައި ނައުރީން ރާއިދު ގާތު އެދުނެވެ.. ހިތްހަމަ ނުޖެހި ނަމަވެސް ރާއިދު އެކަމަށް އެއްބަސްވީ މަސްލަހަތައް ވިސްނާފައެވެ..
ގެއަށް ގޮސްވަދެވުމާއެކު މަންމަގެ ނުރުހުމުގެ ބަސްތަކާއި ނައުރީންއަށް ކުރިމަތި ލާންޖެހުނެވެ..”އަޅޭ އަހަރެން ކިތައްފަހަރު ބުނަންވީ އެކަނި ބޭރަށް ނުދާށޭ.. ބުނާ އެއްގޮތެއްވެސް ނައުރީންއަކަށް ނުހެދޭ..” މަންމަ ރައިހާނާ ރުޅިއައިސް އެއްޗިހި ކިޔަންފެއްޓިއެވެ.. އެއީ އާދައެވެ.. އުމުރުން 22 އަހަރުވީ އިރުވެސް އަމިއްލައަށް އެވެސް ކަމެއް ކުރުމުގެ އިޙްތިޔާރު ނައުރީންއަށް ލިބިފައެއްނުވެއެވެ.. އަމިއަލައަށް ކަމެއް ކޮށްފިނަމަ މަންމައާއި ބައްޕަ އަދި ރާއިދުގެވެސް ނުރުހުމާ ކުރިމަތިލާންޖެހެއެވެ.. މަންމަ ކިޔާނެ އެއްޗެއް ކިޔުމަށް ފުރުސަތު ދީގެންހުރި ނައުރީންގެ ސިކުނޑީގައި އެނބުރެމުންދަނީ މީގެ އިރުކޮޅެއް ކުރިން ދިމާވި ހާދިސާއެވެ.
“ސޮރީ މޮމް..” މަޑުމައިތިރި ކަމާއި އެކު އެހެން ބުނުމަށްފަހު ނައުރީން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަވަސް ގޮތަކަށް ހަރުގަނޑުގައި އަޅުވާފައިން ތުވާލި ނެގުމަށްފަހު ފާހަނައަށް ނައިރީންވަނީ ހިތުގައިވާ ތޫފާނަށް ފިނި ކަމެއް ލިބޭތޯއެވެ.. ފެންމާގަނޑު ދަށުގައި ހުރި އިރުވެސް އެ ރީތި ބޮޑު ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެތައް އިރަކު އެ ގޮތުގައި ހުރުމަށްފަހު ނައުރީން ފާހަނައިން ނިކުމެ ނިދާ ހެދުން ލުމަށްފަހު އެނދުގައި ޖައްސާލިއެވެ.. ނަމަވެސް އަނެއްކާވެސް މާޒީގެ ހަނދާންތަށް އޭނާވށާލިއެވެ.. މަޑު މަޑު އެ ހިޔާލުތަކަށް ގެބެމުންދިޔައެވެ..
**4 އަހަރު ކުރި**
އަހްމަދިއްޔާ އިންޓަރ ނޭޝަނަލް ސްކޫލުގެ މައި ގޭޓް ކައިރީގައި ހުއްޓި ހުރި ނައުރީންގެ މޫނުމަތިން ހާސްކަމުގެ އަސަރު ފެންނަން ހުއްޓެވެ. އޭނާ ހުރީ ބައްޕަ ރިއާޝް އޭނާ ބަލާ އަންނާނެ އިރެއްގެ އިނތިޒާރުގައެވެ.. އޯލެވެލް އިމްތިހާން ފެށިފައިވުމުން ނައުރީންއަށް މިހާރު ސައްވީސް ގަޑި އިރުވެސް މަދުވެފައިވާ ފަދަ އެވެ.. އޭނާހުރީ މާދަމާ އޮތް އިމްތިހާނަށް ތައްޔާރުވުމަށް އަވަހަށް ގެއަށް ދިއުމަށް ބޭނުންވެފައެވެ.. “ހޭއި ނައުރީން ބަލާ އަންނަންދެން ދޯ ތިހުރީ” އިވުނު ފިރިހެންވަނަތަ އަޑެއްގެ ސަބަބުން ސިހިފައި ނައުރާއަށް ފަހަތް ބަލާލެވުނެވެ.. އާއެކެވެ.. އެއީ ކުޑައިރުން ފެށިގެންވެސް އެ ފަރާތަކަށް ނައުރާގެ ހިތްއެދި ގޮވި ފަރާތެވެ.. މާއިޝްއެވެ.. މާއިޝް ގެ ސުވާލަށް ޖަވާބު ދޭން ބޭނުންވި ނަމަވެސް ހިމޭންކަން އިޚްތިޔާރު ކުރީ ބައްޕައަށް އެ މަންޒަރު ފެނިއްޖެ ނަމަ ވާނެ ގޮތް އެނގޭތީއެވެ.. ކުއްލިޔަކަށް އެޅި ކާރުގެ ބަރުގޮނާއެކު ސިހިފައި ނައުރާ އަވަހަށް ގޮސް ކާރަށް އެރިއެވެ. އަދި ސިއްރުން މާއިޝްއަށް އަވަސް ނަޒަރެއް ދިނެވެ. އޭރުވެސް މާއިޝް ހުރީ އެ ހުރި ގޮތަށް ނައުރީންއަށް ބަލާށެވެ..
“އެ ކާކު؟” ބައްޕަގެ ހަރުކަށި އަޑާއެކު ނައުރީންގެ ހިތުގެ ހިނގުން އަވަސްވިއެވެ..”އެއީ ކްލާސް ކުއްޖެއް ހަމަ އެއް ޓެސްޓއެއް ނިންމާފަ އައީމަ އެތާ ހުރީ.. އަޅުގަނޑު ނުަދައްކަން ވާހަކައެއް ޕްރޮމިސް..” ނައުރާ އަވަސްއަވަހަށް ކިޔާ ނިންމާލިއެވެ.. ނަސީބަކުން ބައްޕަގެ އިތުރު ސުވާލެއް އޭނާއަށް ކުރިމަތި އެއް ނުވިއެވެ..
*****
ހިޔާލީ ދުނިޔޭގައި އޮތް ނައުރީންއަށް އެ ޚިޔާލުތަކުން ނިކުމެވުނީ ފޯނު ރިންގުވީ އަޑަށެވެ.. ފޯނުގެ ސްކްރީނަށް އަރާފައި އިން ނަން ފެނި ނައުރީންގެ މޫނު ބަނަވެ ތަބީއަތު ގޯސްވިއެވެ..
_ނުނިމޭ_
