Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

މަގޭ ދަރިފުޅާ… 2

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
November 2, 2015 5 Mins Read
12 Comments

އެދުވަހު ގަޑި ހިނގާލެއްވެސް ލަސް ހެން އަހަންނަށް ހީވިއެވެ. ނަމަވެސް ގަޑި ހިނގަނީ ހަމަ އެހެން ދުވަސް ދުވަހުވެސް ހިނގާ ވަރަށެވެ. އެދުވަހާ އެހެން ދުވަސްތަކާ ތަފާތެއް ނެތެވެ. ނަމަވެސް އެއީ އެހެން މީހުންނަށެވެ. އެދުވަހަކީ އަހަންނަށް ވަރަށް ތަފާތު ދުވަހެކެވެ. އަހަރެންގެ ހަޔާތުގައި އައި އެންމެ “ތަފާތު” ދުވަހެވެ.

އެހެން ދުވަސް ތަކެކޭ އެއްގޮތަށް އެދުވަހު ދޭއް ޖަހަން ދެން އަހަރެން މަސައްކަތުގައި އަވަދި ނެތި އުޅުނީމެވެ. ނަމަވެސް އެހާ އިރު ވީތަނާ އަހަންނަށް ތަފާތު އިހުސާސެއް ކުރެވެން ފެށިއެވެ. އަވަހަށް ގެޔަށް ދާން ބޭނުން ވިއެވެ. އަޔާން ނިމޭނީ ދެގަޑި ފަނަރައިގައެވެ. ނަމަވެސް އެކަމާ އަހަރެން ހާސްވާކަށް ނުޖެހޭނެއެވެ. އަޔާން ގޮވައިގެން ރީނާ ގެޔަށް އަންނާނެއެވެ. އެހެން ނަމަވެސް ހަމަ އެވަގުތު އަޔާންއަށް ގުޅާލަން އަހަރެންގެ ހިތް ބޭނުން ވާން ފެށީ ކީއްވެ ކަމެއް އަހަންނަކަށް ނޭނގެއެވެ.

އެޚިޔާލާ ދުރަށް ދާން މަސައްކަތް ކުރަމުން އަހަރެން ކުރަން އިން ކަމަށް ބޮޑަށް ސަމާލުވެވޭތޯ އަހަރެން ބެލީމެވެ. ނަމަވެސް އެއްވެސް ގޮތަކަށް މަސައްކަތާ ގަޔާވެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ދެގަޑި ފަންސަވީސް ވީތަނާ ފޯން ނަގާ ރީނާއަށް ގުޅާލީމެވެ. ނަމަވެސް ތިން ހަތަރު ފަހަރަށް ގުޅި އިރުވެސް ރީނާ ފޯނެއް ނުނެގިއެވެ.

ކީއްވެ ކަމެއް ނޭނގެއެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ގައިގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. އެވަގުތު އަހަރެން ބޭނުންވީ ކޮންމެ ގޮތަކުން ވިޔަސް އަޔާން ހުރި ތަނެއް ބެލުމަށެވެ. އަހަރެން އަވަހަށް އަޔާންގެ އާންޓީގެ ނަމްބަރަށް ގުޅާލީމެވެ. އާންޓީވެސް ފޯނެއް ނުނެގިއެވެ. ދެން އަހަރެން ގުޅީ ގެޔަށެވެ. މަންމަ ފޯން ނަގާފައި ކުޑަ އިރުކޮޅެއް ކުރިން ރީނާ ގުޅާފައި މާލެއަށް އަންނަން ފެރީއަށް އަރާ ތިބި ވާހަކަ ބުންޏެވެ. އަހަރެން އަޔާންގެ ވާހަކަ އެހީމެވެ. މަންމަ އަޔާންއާވެސް ވާހަކަ ދެއްކިން ކަމަށް ބުންޏެވެ. އަދި އޭނަ އަދިވެސް ހުރީ ދެރަ ވެފައި ކަމަށްވެސް ބުންޏެވެ.

އަހަރެން ފޯން ބޭއްވީމެވެ. ހާސްވާން ޖެހޭ ކަމެއް އެބަ އޮތް ހެއްޔެވެ؟ އަމިއްލަ ހިތާ އަހަރެން ސުވާލުކޮށްލީމެވެ. ނޫނެކެވެ. ނެތެވެ. ޖަވާބު އައެވެ. ނަމަވެސް އަހަރެންގެ ހިތްހަމައެއް ނުޖެހުނެވެ. ހާސްވާންވީ ކަމެއް ނެތް ކަމަށް ހިތުން ޖަވާބު އައި ނަމަވެސް އެކަމާ އަހަރެންގެ ވިސްނުން އެއްބަހެއް ނުވިއެވެ. ރީނާއާ އަޔާންގެ އާންޓީ ފޯން ނުނަގަނީ ކީއްވެ ހެއްޔެވެ؟

އަނެއްކާވެސް ފޯން ނަގާ ރީނާއަށް ގުޅާލީމެވެ. މިފަހަރުވެސް ރީނާ ފޯނެއް ނުނެގިއެވެ. އާންޓީއަށް ގުޅާލީމެވެ. އާންޓީވެސް ނުނެގިއެވެ.

ފުން ނޭވައެއް ލާފައި އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ. ގޮޑީގައި ލެނގިލާފައި ލޯމަރާލަމުން ބޭރަށް ނޭވައެއް ލީމެވެ. އަހަރެންގެ ދަރިފުޅާ އަވަހަށް ބައްދަލު ކޮށްދެއްވުން އެދި ދުޢާކޮށްލީމެވެ. އަދި ހިންދީ ފިލްމް “ތްރީ އިޑިއަޓްސް” ގައި އާމިރް ޚާން ބުނާހެން މޭގައި އަތް ޖައްސާލާފައި “އޯލް އިޒް ވެލް” އޭ ހިތާ ހިތާ ބުނެލީމެވެ.

އެދުވަހު ޑިޔުޓީ ނިމެން ދެން އޮފީހުގައި އަހަންނަކަށް ކެތެއް ނުވާނެއެވެ. އަޔާން ދެކިލާ ހިތުން އިތުރަށް ކެތް ނުކުރެވޭނެކަން އެނގޭތީ އެދުވަހު ބޮސް ގާތުން ހުއްދަ ހޯދައިގެން އަވަހަށް ގެޔަށް ދިޔުމަށް ނިންމީމެވެ. އަދި އަޔާން ފެނުނުހާ އަވަހަކަށް އަޔާން ގާތު މަންމަ މިހާރު މިހިރީ ރުޅި އައިސްފައި ނޫންކަމަށާ، އަޔާން ދެކެ މަންމަ ވަރަށް ލޯބި ވާކަމަށް ބުނަން ނިންމީމެވެ. ގެޔަށް ގޮސް ހަވީރު ސަޔަށް އަޔާންއަށް އެންމެ މީރު ކްލަބް ސޭންޑްވިޗް ހަދަންވެސް ނިންމީމެވެ.

އެހެން ނަމަވެސް އެހުރިހާ ކަމެއް ކުރާކަށް އަހަންނަކަށް ފުރުސަތެއް ނުލިބުނެވެ. އެޚިޔާލުގައި އިންދާ ރިންގްވި ފޯން ނެގީވެސް އަޔާންގެ ޚިޔާލުގައި އިނދެއެވެ.

“ދޮންތާ…” ފުރަތަމަވެސް އިވުނީ ރީނާގެ އަޑެވެ. ކުރިން ކުރެވުނު އިހުސާސްތައް އަނެއްކާވެސް އައިސް އަހަރެންގެ ހުރިހާ ހިއްސެއް ވަށާލިއެވެ.

“ކިހިނެއްވީ ރީނާ؟” އަހަންނަށް އެހެން އަހާލެވުނީ ފޯންގެ އަތްގަނޑުގައި ބާރަށް ހިފާލެވުމާ އެކުގައެވެ.

“ދޮންތާ…” އަނެއްކާވެސް ރީނާއަށް ބުނެވުނީ އެވަރަށެވެ. ރީނާ ރޯކަން އަހަންނަށް އެނގުނީވެސް އެހިސާބުންނެވެ.

“ރީނާ! ކިހިނެއްތަ ވީ؟ ކީއްވެތަ ތި ރޮނީ؟” އަހަންނަށް ވަރަށް ބާރަށް އަހާލެވުނެވެ.

“ދޮންތާ… އަޔާން…”

“އަޔާން ކޮބާ؟ އަހަރެން އެވަރަށް ގުޅި އިރުވެސް ރީނާ ފޯން ނުނެގީ ކީއްވެތަ؟ އާންޓީވެސް ނުނެގިއޭ ފޯނެއް… އަޔާން އަތަށް ފޯން ދީބަލަ!” ރީނާއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ އަހަރެން ވާހަކަ ދެއްކީމެވެ.

ރީނާއަށް ބާރަށް ރޮއިގަނެވުނެވެ. އެއަޑު އަހަންނަށް އިވުނެވެ.

“ހަލޯ؟ އަޔާންގެ މަންމަތޯ؟” އެހެން މީހަކު ރީނާގެ އަތުން ފޯން އަތުލާފައި އެހިއެވެ. އަހަރެން އާނއެކޭ ބުނީމެވެ. ދެން އެމީހާ ބުނި ޖުމްލައިން އަހަރެންގެ މުޅި ދުނިޔެ އަނދިރި ވެގެން ދިޔައެވެ. އަތުން ފޯން ދޫވެގެން ވެއްޓުނެވެ. އަހަރެންގެ މޫނު މައްޗަށް އަނދިރިވިއެވެ. ކައިރީގައި ތިބި އެހެން މީހުންގެ އަޑު އަހަންނަށް އިވުނެވެ. ނަމަވެސް ކީއެއްޗެއް ސާފެއް ނުވިއެވެ.

އަހަންނަށް ލޯހުޅުވާލެވުނު އިރު މަންމަ އަހަރެން ގާތުގައި އިނެވެ. މަޑުމަޑުން ހަނދާން ވިއެވެ. އަހަރެން އޮތީ ގޭގައި އަހަރެންގެ ކޮޓަރީގައިކަން އެނގުނީވެސް ތެދުވެ ވަށައިގެން ބަލާލުމުންނެވެ.

އަހަރެން އެނދުން ތެދުވެގެން ގޮސް އަޔާން ނިދާ އެނދު ކައިރީގައި ހުއްޓުނީމެވެ. ދެއަތުން އެނދުގައި ފިރުމާލީމެވެ. އޭރު ހިފެހެއްޓުމެއް ނެތި އަހަރެންގެ ލޮލުން ކަރުނަ އަންނަމުން ދިޔައވެ.

އަހަރެންގެ އަޔާން އަހަންނާ އުމުރަށް ވަކިވީއެވެ. ދެން ދުވަހަކުވެސް އަހަންނާ އަޔާން ވާހަކައެއް ނުދައްކާނެއެވެ. އެހީނލުމުގެ އަޑެއް ނީވޭނެއެވެ. އެލޯބި ވާހަކައިގެ އަޑެއް ނީވޭނެއެވެ. އަހަރެންގެ އަޔާން އަހަންނާ ވަކިވީއެވެ.

އަހަރެންގެ ދަރިފުޅު މަރުވީއެވެ.

އަޔާންމެން އައި ފެރީގައި ލޯންޗެއް ޖެހި އެކްސިޑެންޓެއް ވީއެވެ. ގިނަ ބަޔަކު މޫދަށް ވެއްޓި، އެތައް ކުއްޖަކަށް އަނިޔާ ވީ ނަމަވެސް އެހާދިސާގައި މަރުވީ އަހަރެންގެ އަޔާންއެވެ.

އަހަރެންގެ އަޔާންއެވެ. އޭނަ އެދިޔައީ އަހަރެން އޭނަ ދެކެ ރުޅި އައިސްފައި ހުރި ކަމަށް ހީކޮށެވެ. އަހަރެން އޭނަ ދެކެ ލޯބި ނުވާ ކަމަށް ހީކޮށް ހުރެއެވެ. ދެރަވެ މާޔޫސް ވެފައި ހުރެއެވެ. އޭނަ އެވަރަށް އާދޭސް ކުރި އިރުވެސް އަހަރެން އޭނަޔާ ވާހަކަ ނުދެއްކީއެވެ. އޭނަޔާ ދިމާއަށް ބަލާވެސް ނުލީއެވެ. އެންމެ ފަހުން އަހަރެން އޭނަޔާ ދިމާއަށް ބަހެއް ބުނީވެސް ނުރުހުމާ އެކުގައެވެ. އެއީ އޭނަ ހީކުރާނެ ގޮތެވެ.

އެހެން ނަމަވެސް އެއީ ކަންވީ ގޮތެއް ނޫނެވެ. އަހަރެންގެ ދަރިފުޅު ދެކެ އަހަރެން ލޯބި ވެއެވެ. ވާހަކަ ދައްކަން ބޭނުމެވެ. އެހާ ވަރަށް އޭނަ ދެރަކޮށްލެވުނީތީ މާފަށް އެދެންވެސް ބޭނުމެވެ.

މަންމަ ދަރިފުޅު ދެކެ ރުޅިއެއް ނާދެއެވެ. މަންމަ ޔާން ދެކެ ވަރަށް ވަރަށް ލޯބިވެއެވެ. އެހެން އެތައް ފަހަރަކު ބުނަން ބޭނުމެވެ. ނަމަވެސް……….

އެދުވަހު ކަންތައް ވީގޮތެއް އަހަރެން މާބޮޑަކަށް ހަނދާނެއް ނެތެވެ. ދަރިފުޅުގެ މޫނު އެންމެ ފަހު ފަހަރަށް ބަލާލި ވަގުތު އަހަރެންވެސް މަރުވާނެ ނަމައޭ ހިތަށް އެރިއެވެ. އަޔާންއާ ނުލާ އަހަރެން މިދުނިޔޭގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟ އެއީ އަހަރެންގެ ހިތުގެ ވިންދެވެ. ވިންދާ ނުލާ އެކަކުވެސް ދިރި ހުންނާނެ ހެއްޔެވެ؟

އަޔާންގެ މޫނު އެޅުމާއި އެކު އަހަރެންގެ މޫނުމައްޗަށްވެސް އަނދިރިކަން ވެރި ވެގެން ދިޔައެވެ.

ދެން ހޭލެވުނީ އަނެއް ދުވަހުއެވެ. ޑޮކްޓަރު ދިން އިންޖެކްޝަންގެ އެހީގައި އެރޭ ހަތަރުދަމު އަހަންނަށް ނިދުނީއެވެ. ނަމަވެސް ހޭލެވުމާ އެކީ އަހަރެންގެ ހިތް އަޔާންގެ ހަދާންތަކުން ވަށާލިއެވެ. ހަނދާން ވަނީ އެކުއްޖާ އެރޭ އަހަރެން ގާތު ކުރި އާދޭހެވެ. ރުއި ރުއިމެވެ.

އަހަންނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީއެވެ. އަޔާން ދެކެ އެވަރަށް ރުޅި ނާދެވުނު ނަމައެވެ. ފަހުންވެސް އެކަން އެންގުނު ނަމައެވެ. ދެރަވެ ހުރެ އަޔާން ނުނިންދެވުނު ނަމައެވެ. އެރޭ އަޔާން ނިދުމުގެ ކުރިން އަހަރެން އޭނަ ދެކެ ލޯބިވާ ވަރު ބުނެދެވުނު ނަމައެވެ. އެވަރަށް އަޔާން ރޮމުން އާދޭސް ކުރި އިރު އަހަރެން ގޮތް ދޫކޮށް އޭނައަށް ލޯބިން ވިސްނައިދެވުނު ނަމައެވެ.

“މަންމާ… ބުނެބަލަ ޔާން ދެކެ ލޯބި ވެޔޭ… ޔާން ބަސް އަހާނަމޭ… ޔާންއާ ވާހަކަ ދައްކަބަލަ މަންމާ… ޕްލީޒް…” އެއާދޭހުގެ އަޑު މުޅި އުމުރަށްވެސް އަހަރެންގެ ކަންފަތަށް އިވޭނެއެވެ. ދުވަހަކުވެސް އެއަޑު އަހަރެންގެ ހިތުން ފިލައިގެނެއް ނުދާނެއެވެ.

 

************

 

“ލީނާ… ލީނާ… ލީނާ…” މަންމަގެ އެއްވެސް ވާހަކައަކަށް އަހަރެންގެ ފަރާތުން ޖަވާބެއް ނުލިބުމުން މަންމަ ގޮވާ އަޑު އަހަންނަށް އިވެއެވެ. ނަމަވެސް އެއަޑު އިވެނީ ވަރަށް ދުރުންނެވެ.

“އަޔާން… އަޔާން… މަންމަގެ ދަރިފުޅާ…” އަހަންނަށް މަންމައާ ދިމާއަށް ބަލާލަމުން ބުނެވުނެވެ. މަންޒަރު ފުސްވާން ފެށިއެވެ. އަހަންނަށް އެއްވެސް އެއްޗެއް ސާފުކޮށެއް ނުފެނެއެވެ.

“އަޔާން… އަޔާން… އަޔާން… އަޔާން…” ހުއްޓުމެއް ނެތި އަހަންނަށް އަޔާންއަށް ގޮވެނީއެވެ.

 

“މަންމާ…؟ މަންމާ…؟” ދުރުދުރުން އަހަންނަށް އަޔާންގެ އަޑު އިވުނެވެ. ލޯހަނިކޮށްލާފައި ބަލާލީ ކުރިއަށް ވުރެން ސާފުކޮށް ފެނޭތޯއެވެ.

އަހަރެންގެ މޫނުގައި ދެއަތުން މީހަކު ފިރުމާހެން ހީވިއެވެ. އެއް އަތް ހިއްލާ އަހަރެން ލޯ ފޮހެލީމެވެ. ދެން ބަލާލި އިރު އަހަރެންގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން އިނީ އަހަރެންގެ އަޔާންއެވެ. އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. ބަލަހައްޓައިގެން އިނދެވުނީއެވެ.

ނޫނެކެވެ. އެއީ އަހަންނަށް ހީވާ ގޮތެއް ނޫނެވެ. ރަނގަޅަށް ނިދިން ހޭލެވުނެވެ. އަނދިރީގެ ތެރެއިން އަހަންނަށް ސާފުކޮށް ފެންނަން ފެށިއެވެ. އެއީ ހަމަ އަހަރެންގެ އަޔާންއެވެ. ދުރު ބަލާލިޔަސް އަޔާން ގެއްލިދާނެތީ އަހަރެން އަޔާން އުރާލީމެވެ. އަޔާންގެ މޫނަށް ބަލަން ހުރެ ގޮސް ހޮޅިބުރި ދިއްލާލީމެވެ.

“ޔާން…؟” އަހަރެން ގޮވާލީމެވެ.

“ލައްބައޭ މަންމާ… ކީއްވެތަ މަންމަ ނިދާފަ އޮވެ އެވަރަށް ޔާންއަށް ގޮވީ؟” އަހަރެންގެ ހަރަކާތްތައް ހުރި ގޮތުން ހައިރާން ވެފައި އިނދެ އަޔާން ސުވާލު ކޮށްލިއެވެ.

އަހަންނަށް މުޅިން ޔަގީން ވީ އެވަގުތުއެވެ. ރޮއެގެންފައި އަޔާން ގައިގައި ބައްދައިގަތީމެވެ.

“މަންމަގެ ދޫނީ… މަންމައަށް މާފު ކުރޭ… އައިމް ވެރީ ވެރީ ސޮރީ… މަންމަ ވަރަށް ލޯބިވޭ ޔާން ދެކެ… މަންމަ ދެން ދުވަހަކުވެސް ޔާންއާ ވާހަކަ ނުދައްކައެއް ނުހުންނާނަން… މަންމަ ވަރަށް ލޯބިވޭ ޔާން ދެކެ…” އަޔާންގެ މޫނުގައި ބޮސްދެމުން އަހަރެން ބުނީމެވެ.

“މަންމަ ޔާންއާ ރުޅިއެއް ނޫން ދޯ؟” އަޔާން އަހާލިއެވެ.

“ރުޅިއެއް ނޫން… މަންމަ ދެން ދުވަހަކުވެސް ދަރިފުޅަކާ ރުޅިއެއް ނާންނާނަން…” އަހަރެން ބުނީމެވެ. އަދި ހެއްދެވި ފަރާތަށް ޝުކުރު ކުރީމެވެ. އަހަރެންގެ އަތުތެރޭގައި އަހަރެންގެ ދަރިފުޅު ވީތީއެވެ. އެދަރިފުޅު އަހަންނަށް ދެއްވީތީއެވެ.

“ޔާންވެސް ވަރަށް ލޯބިވޭ މަންމަ ދެކެ، ދެން އެހެންނެއް ނޫޅޭނަން ދުވަހަކުވެސް، ކޮންމެ ދުވަހަކުވެސް ބަސް އަހައިގެން ކިޔަވާނަން، މޮޅު ކުއްޖަކަށް ވާނަން، މަންމަ ދެރަ ކުރެވުނީތީ ސޮރީ” އަޔާން ބުންޏެވެ.

“އޯކޭ، ޔާންއަށް މާފު ކޮށްފިން… ދެން ހިނގާ ދޯ ނިދަން؟” އަހަރެން އަޔާން ގޮވައިގެން އޮށޯތީމެވެ. އަޔާންވެސް އަހަރެން ގައިގައި ބައްދާލައިގެން އޮވެ ގިނަ އިރެއް ނުވެ ނިދިއެވެ. އެރޭ އަހަރެން އިތުރަކަށް ނުނިދަމެވެ. ފަތިސް ނަމާދު ބަންގީގެ އަޑު އިވުނީ އަހަރެންގެ ދަރިފުޅުގެ މޫނަށް ބަލަން އޮއްވައެވެ. އަހަރެން ތެދުވެ ވުޟޫ ކޮށްލައިގެން ނަމާދުކޮށް އަހަންނަށް ދެއްވި ނިޢުމަތަށް ޓަކާ ހެއްދެވި ފަރާތަށް ޝުކުރު ދެންނެވީމެވެ.

ނިމުނީ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

މަލިކާ (2)

Next

ވަކިވީ އަސަރާ މަންޒަރު… 2

Next
November 2, 2015

ވަކިވީ އަސަރާ މަންޒަރު… 2

Previews
November 2, 2015

މަލިކާ (2)

12 Comments!

  1. Mar Sha Marsha says:
    November 2, 2015 at 6:31 pm

    އިއްޔެ އަޕް ނުކުރެވުނީތީ ވަރަށް ބޮޑަށް ސޮރީ. ހީކުރަން ކަމުދާނެ ކަމަށް. ޝުކުރިއްޔާ

  2. Rish says:
    November 2, 2015 at 6:37 pm

    V v rythi… but v hithaama veri

  3. philhu says:
    November 2, 2015 at 6:48 pm

    V v reeethi

  4. Reems says:
    November 2, 2015 at 7:23 pm

    Varah reethi

  5. bulha says:
    November 2, 2015 at 7:44 pm

    Wow fantastic.

  6. mai says:
    November 2, 2015 at 8:03 pm

    v reethi .. rovihje .. hope to see a long story of ur’s masha .. ur a grt writer .. keep it up n gud luck

  7. Crazi says:
    November 2, 2015 at 8:58 pm

    Aslu hama vrh shalhi….heeves nukuraa gothakah story gendiyaey..vahaka nimun iruves vrh shauguveri kamaa ehkee kiyunee

  8. MarSha says:
    November 2, 2015 at 9:58 pm

    Thanx hurihaa kudhin… varah happy vaahaka kamudhiyaeema…

  9. Mishfau says:
    November 2, 2015 at 10:36 pm

    Beautiful story. This made me cry. Happy to have u back.

  10. shaz says:
    November 3, 2015 at 6:51 pm

    awesome…

  11. ihu says:
    November 19, 2015 at 9:43 pm

    v reethi heeves nukuraa gothakah story nimunee v habeys…

  12. xzhzaha says:
    May 3, 2016 at 5:53 pm

    rovijje.. vrh rythi :(((

Comments are closed.



All Right Reserved!