ޤަބޫލްކުރަންދަތި ހަޤީޤަތް..؟؟ ފަހުބައި
އިޝާން ދުވެފައި ގޮސް މީހުންތައް ފަޅާލާފައި އެތެރެއަށްވަނެވެ. އޭރު ސައިކަލު ދަށުވެފައި އޮތް ސޮރުވެސް ތެދުވެއްޖެއެވެ. ނިޝްވާ އޮތީ ބަންޑުންނެވެ. އިޝާން ދެކަކޫ ޖަހާ ނިޝްވާ ތެދުކޮށްލިއެވެ. ނިޝްވާގެ އެއްވެސް ހަރަކާތެއް ނެތްއިރު ނިތްކުރިމަތިން ވަނީ ފަޅާގެން ގޮސްފައެވެ. އަދި އަތުގައި ހަންމެށިފައި ހުރި ތަންތަން ހުއްޓެވެ. ބަލާބެލުމަށް އިތުރު ގެއްލުމެއް ލިބިފައެއް ނެތެވެ. ހީވާގޮތުން ނިޝްވާ ގައިގަ ޖެހުމުގެ ކުރިން އެމީހަކު ވަނީ ސައިކަލު ބުރަކި ޖައްސާ ސައިކަލު އަނބުރާލަން މަސައްކަތް ކޮށްފައެވެ. މާބޮޑު ގެއްލުމެއް ފެންނަންނެތީ އެހެންވެކަމަށް ވެދާނެއެވެ. އިޝާން ދެތިންފަހަރަކު މޫނުގައި ޖަހާ ގޮވާލުމުންވެސް އެއްވެސް ހަބަރެއް ނުވުމުން، ނިޝްވާ ދެއަތް ދަނޑިމައްޗަށް ނަގާގެން ހޮސްޕިޓަލާ ދިމާލަށް ދުއްވާގަތެވެ. އޭރު އިޝާންގެ ލޮލަށް ދިޔައީ އެއްވެސް އިޙްތިޔާރަކާ ނުލާ ކަރުނަ ޖަމާވަމުންނެވެ. ނިޝްވާއަށް އެހެން ދިމާވީ އޭނާގެ ސަބަބުން ކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ.
**ބައި ގަޑިއިރު ފަހުން**
ނިޝްވާ ނިތްކުރިމަތިން ފަޅާގެން ގޮސްފައިވާތަނުގައި ބޭސް އަޅާފައި ވާއިރު އަތުން ހަންމެށިފައި ހުރި ތަންތަނުގައިވެސް ވަނީ ބޭސް އަޅާފައެވެ. އޭނާ އޮތީ އައި ޖީ އެމް އެޗް ގައި އެނދުމަތިކުރެވިފައެވެ. ކައިރީގައި ގޮނޑިއެއްގައި އިށީދެލާގެން އިޝާން އިންއިރު އޭނާގެ ނިތްކުރިމަތިންވެސް ވަނީ ބެންޑޭޖެއް އޮޅާފައެވެ. ބެންޑޭޖްމަތިން ލޭގެ އަސަރު ފެންނަން ހުއްޓެވެ. އޭނާ އިނީ ނިޝްވާ ހޭ އަރާނެ އިރެއްގެ އިންތިޒާރުގައެވެ. ޑޮކްޓަރ ބުނެފައިވަނީ ކުއްލި ޝޮކެއް ލިބުމުގެ ސަބަބުން ނިޝްވާ ހޭނެތުނީ ކަމަށެވެ. އިތުރު ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.
***އެއް ގަޑިއިރު ކުރިން***
އިޝާން ވާރޭތެރޭގައި ދުވެފައި ގޮސް ސައިކަލް ކައިރީ ހުއްޓި ކޮތަޅުނަގާ އެނބުރި އައި ކޮޅަށް ދުއްވާގަތެވެ. ދުވަމުންދިޔަ އިޝާން ކުއްލިއަކަށް ހުއްޓުނެވެ. އިޙްސާންމެން ގެޔަށް ވަން ދެމީހަކު ފެނުމުންނެވެ. ފަހަތުން ފެނުނަސް އޭނާއަށް އެއީ ކޮންބަޔެއްކަން އެނގުނެވެ. އެއީ އިމާދުއާއި އިލްހާމެވެ. ވާރޭ ތެރޭ ދުވެފައި ގޮސް މަގުހުރަސް ކުރިއެވެ. އެމީހުން އެތަނަށް ވަނީ ކޮންބޭނުމަކުތޯ ބެލުމުގެ ބޭނުމުގައެވެ. ދޮރު ހުޅުވާގެން އިރުކޮޅަކު ބަލަން ހުއްޓާ އިވިގެން ދިޔައީ އިޙްސާންގެ ހަޅޭކުގެ އަޑެވެ. އިޝާން އަވަސް އަވަހަށް އެތެރެޔަށް ދުއްވާގަންނަން އުޅެނިކޮށް އަތުގައި އޮތް ކޮތަޅު ދޮރުގެ ތަޅުގައި އަޅައިގަނެ ވެއްޓުނެވެ. ކޮތަޅުގައި އޮތް ވަޅި ކޮތަޅުން ބޭރަށް ވެއްޓުމުން ވަޅި ހިފާގެން ގޯޅިތެރޭން ލާފައި އެތެރެޔަށް ދުއްވާގަތެވެ.
“..ތިޅާ. ނަޢުމާއަށް ކިހިނެއް ހަދާނަމޭ ހިތާ ތިއުޅެނީ..” އިލްހާމް ވަޅިއެއް ދިއްކޮށްގެން ހުރެ ވާހަކަ ދައްކަމުން ދިޔައީ ރުޅިވެރިކަމާއެކު ބާރަށެވެ. “..ބުނަން ރަނގަޅު ވާހަކަ އެއް ދެން މީގެ ފަހުން އެ ފެމިލީ މީހަކާ ވައި އެޅުނަސް ތިޅާއަށް މިވަޅީގެ ހުރި ތޫނުކަން އަންގާލާނަން..” އިޙްސާން އިނީ އަންހެންކުއްޖެއްހެން ބިރުން ފިތްކަނޑާގެން ދާހާވަރުވެފައެވެ. ސޯފާ ބުޑަށް ޖެހިފައެވެ. މީހާ ދާ ހިތްލާ ފޯވެފައި އިން އިރު ލޮލުން ކަރުނަ އޮހެމުން ދިޔައެވެ.
“..ރަނޑެއްހެން ސޯފާ ބުޑަށް ޖެހި އިންނާނެކަމެއް ނެތް..” އިމާދުވެސް ހުރީ ވަޅިއެއް ހިފައިގެންނެވެ. ނަމަވެސް އޭނާ ބޮއެ އަމަލުވެ ހުރުމުގެ ސަބަބުން ވާހަކަ ދެއްކުނީ މަޑުމަޑުން ލަސްލަހުންނެވެ. ވާހަކަދައްކަން ކޮޅަށް ހުރެވެނީވެސް ކިރިކިރިޔާއެވެ. “..މިވަރުގެ ޅާ އެކޭ މިއުޅެނީ މީހުން ބުލެކްމެއިލްކުރަން..ވާހަކަދައްކާ ނޫނީ މިތަނުން ނެރެންޖެހޭނީ ތިޅާގެ ފުރާނަނެތް މަސްގަނޑު..” އިޙްސާން ވާހަކަ ދައްކަން އުޅެ އުޅެ އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. ދެއަތް ދެއަތާ ޖޯޑުކޮށްގެން އެދެމީހުންނާ ދިމާލަށް ބަލަމުން ދިޔައީ މާފުކުރާށޭ ބުނާ ހާލުގައެވެ. ކޮއްކޮގެ މަރުގެ ހާދިޘާ ކުރިމަތިން ސިފަވަމުންދިޔައެވެ. އެހިނދު ފަހު ވަގުތު އައިސް ޖެހިއްޖޭ ހިތް ބުނަމުން ދިޔައެވެ. ކަރުހިތްކާގަނެ ފެންބޮވަން ފެށިއެވެ. ދުނިޔޭގައި އުޅުނުއިރު ހެއްދެވި ފަރާތާމެދު ވިސްނާލަން ވަގުތު ނުލިބުނު އިޙްސާންއަށް އެފަރާތްމަތިން ހަނދުމަވާން ފެށިއެވެ. ހިތުގެއަޑިން ސަލާމަތްކޮށްދިނުމަށް އެދި ދުޢާ ކުރެވެން ފެށުނެވެ.
އިޝާންއަށް އެގެޔަށް ވަދެވުނީ އެވަގުތުއެވެ. އިޝާންއަށް ފެނުނު މަންޒަރުން ހަޅޭލަވާގަތެވެ. އިމާދު އަށާއި އިލްހާމަށް ލިބުނީ ސިހުމެކެވެ. ދެމީހުން އެކީ ފަހަތްބަލާލިއެވެ.
“..ހަމަ މިހާރު ނުކުމޭ މިތަނުން..” އިޝާން ބާރަށް ބުނެލިއެވެ.
“..ކަލޭ ނުކުމޭ މިތަނުން.. ނޫނީ..” އިލްހާމް ސޯފާ ބުޑުގައި އިން އިޙްސާން ކައިރިއަށް ޖެހި ގަނެ ފަހަތުން ކަރުގައި ވަޅި ޖެއްސިއެވެ. އިޝާން ފަހަތަށް ދެތިން ފިޔަވަޅު އަޅާލިއެވެ. އިލްހާމް އިޙްސާން އަތުގައި ހިފާ ކޮޅަށްނެގިއެވެ. އޭރުވެސް ވަޅި ހުރީ ކަރުގައި ޖައްސާފައެވެ. އެހެންކަމުން އިޙްސާންވެސް ހުރީ ގުޑިލަންވެސް ނުކެރި ދެލޯ ބޮޑުކޮށްގެންނެވެ. އިޝާން ފަހަތަށް ފަހަތަށް ގޮސް ދޮރާހަމައަށް ދެވުމުން އިލްހާމް ވަޅި ތިރިކޮށްލިއެވެ. އިޝާންއަށް ލިބުނު ފުރުސަތު ބޭނުންކޮށް ވިދާލި ވިދުވަރެއްހެން ބާރަށް ގޮސް އިލްހާމް މޭމަތީ އަޅާ ކޮށްޕާލިއެވެ. ކޮށްޕާލިލެއް ބާރުކަމުން އިލްހާމް ވެއްޓުނީ އެތާހުރި ބިއްލޫރި މޭޒުމައްޗަށެވެ. އެޔާއެކު އޭނާގެ އަނގައިން ވޭނީ އާހެއްގެ އަޑު ނުކުތެވެ. ހަމައެސިކުންތުގައި އިޝާން ފަހަތަށް އިޙްސާންގެނެސް އިލްހާމް އާ އިމާދުއާ ދިމާލަށް ވަޅި ދިއްކޮށްލުމަށް އެތަނުން ނުކުމެގެން ދިޔުމަށް ބުނެ ހަޅޭލަވާގަތެވެ. އެވަގުތު މޭޒުމަތީ އޮތް ބިއްލޫރި ބަރެއް އިލްހާމް އިޝާންއާ ދިމާލަށް ހޫރާލިއެވެ. އެކަހަލަ ކަމަކަށް ވިސްނާފައި ނެތުމުން ބަރު ޖެހުނީ އިޝާންގެ ނިތްކުރީގައެވެ. ނިތްކުރިމަތި ފަޅާގެންގޮސް ލޭތައް ފައިބައިގަތެވެ. އިޝާންގެ މޫނު މައްޗަށް އަނދިރި ވާގޮތްވިއެވެ. އަރިއަޅާލިއެވެ. މޫނު މަތިން ކުދި ކޮކާ ބުރަންފެށިއެވެ. އެގަޑީގައި އިމާދު ގޮސް އިޙްސާން ބަނޑަށް ވަޅިޖެހިއެވެ. އިޝާން ހޭނެތިގެން ވެއްޓުނީއެވެ. މިހުރިހާކަމެއް ވެގެން ދިޔައީ މަދު ސިކުންތުކޮޅެއް ތެރޭގައެވެ.
ގާތްގަނޑަކަށް 15 މިނެޓެއްހާއިރު ފަހުން އިޝާން ހޭއެރިއެވެ. ހޭއެރުމާއެކު ފުންމާގެން ތެދުވިއެވެ. ވަށައިގެން ހޯދާލިއެވެ. ލެއިން ތަތްތެޅިފައި އޮތް އިޙްސާން ފެނުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އިޙްސާން ރޯމަހެއް މަރަށް ތެޅޭހެން ތެޅެމުން ދިޔައެވެ. އިޝާން އަވަހަށް ގޮސް އިޙްސާން ނަގާ ހިއްލާލަން އުޅުނީ އަވަހަށް ހޮސްޕިޓަލަށް ގެން ދިޔުމުގެ ބޭނުމުގައެވެ. ނަމަވެސް އިޙްސާންގެ އިނގިލި މޭޒުމަތީ އޮތް އެއްޗަކަށް އިޝާރަތް ކުރަމުން ނެގުމަށް ބުނުމުން އިޝާން މޭޒުމައްޗާ ދިމާލަށް ބަލާލިއެވެ. މޭޒުމަތީ އޮތީ ސިޓީ އުރައެއް އެކަންޏެވެ. އިޙްސާން ވަރަށް އުނދަގުލުން އެ ގެނެއުއަށް އަނެއްކާވެސް އެދުނެވެ. އިޝާންއަށް އެއީ ކޯއްޗެއްކަން ނޭގުނަސް ސިޓީ އުރަ ހިފައިގެން އައިސް އިޙްސާން އުފުއްލާލިއެވެ. އެގަޑިޔަކީ އިޙްސާން ފަހުނޭވާ މިދުނިޔެމައްޗަށް ލީވަގުތެވެ. އިޝާންއަށް އިޙްސާން ހަށިގަނޑު ދޫކޮށްލެވުނީ އިޙްސާން ފަހު ނޭވާ އާއެކު އަނގައިން ބޭރުކޮށްލި ޖުމްލައިންނެވެ.
****************
“..ނިޝް އައި އޭމް ސޮރީ..” އިޝާން ނިޝްވާގެ ބޮލުގައި ފިރުމާލަމުން މަޑުމަޑުން ބުނެލިއެވެ. “..ތިހެން ތިވީ އަހަރެންގެ ސަބަބުން..” އިޝާންގެ ލޮލަށް ޖަމާވެފައިވާ ކަރުނަތަކުން ކަރުން ތިތްކެއް ނިޝްވާގެ އަތްތިލަ މައްޗަށް ވެއްޓުނެވެ. ހަމައެޔާ އެކު ނިޝްވާ އަތް ގުޑުވާލިއެވެ. އިޝާންއަށް މިތަންފެނުމުން ދެތިންފަހަރަކު ނިޝްވާއަށް ގޮވާލިއެވެ.
“..އިޝާން..” ނިޝްވާ އިޝާންއަށް ގޮވާލަމުން ދެލޯމަޑުމަޑުން ހުޅުވާލިއެވެ. ހަމައެޔާއެކު ނިތްކުރިމަތިން ފަޅާގެން ގޮސްފައިވާ ތަނުގައި އަތްލަމުން ދެލޯމަރާ ބާރުކޮށްލީ ބޮލަށް އެރި ތަދެއްގެ ސަބަބުންނެވެ.
“..ނިޝް..” އިޝާން ގޮވާލިއެވެ. ނިޝްވާ ލޯހުޅުވާލުމާއެކު ހިނިތުންވެފައި އިން އިޝާން ފެނުމާއެކު މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. އޭނާއަށް ކަންތައްވެގެން ދިޔަ ގޮތް ހަނދާނަށް އައީއެވެ.
“..ނިޝް އަހަންނެއް ނޫނޭ އެކަންކުރީކީ..” އިޝާން މޮޅިވެރި ރާގެއްގައި ބުނެލިއެވެ. “..ދޮންތަގެ ކަމެއްހެން ހީވަނީ..ދޮންތަގެ ސިއްރު ބޭޒާރުވެދާނެތީ އިމާދު އާއި އިލްހާމްކައިރީ ބުނެގެން އިޙްސާންގެ ދުވަސް ދުއްވާލީ..އެހެނަސް ދޮންތަގެ ހުރިހާކަމެއް އެނގިއްޖެ..” ނިޝްވާއަށް ލިބުނު ހައިރާންކަމާއެކު އިޝާންއާ ދިމާލަށް ބަލާލިއެވެ. އިޝާން މަޑުމަޑުން ބޯ ޖަހާލީ މި ބުނީ ހަމަ ތެދެކޭ ބުނާކަހަލަ ގޮތަކަށެވެ. ނިޝްވާގެ މޫނު މަތީ ޖެހިގެން ދިޔައީ އިތުރު ސުވާލް މާކު ތަކެކެވެ. އިޝާން މަޑުމަޑުން ކަންތައް ވެގެން ދިޔަ ގޮތް ކިޔާދޭން ފެށިއެވެ.
“..ކޮތަޅު ހިފައިގެން އަންނަނިކޮށް އެމީހުން ފެނިގެން އެމީހުން ފަހަތުން އަހަރެން ވަނީ.. މަސައްކަތްކުރިން އިޙްސާން ސަލާމަތްކުރަން.. އެކަމް އެމީހުން އަހަރެންނަށް ހަމަލާ ދިނީމަ އެކަންނުވީ…އެކަމްވެސް އަހަރުމެންގެ ބޭނުން ހާސިލްވި..ދޮންތަގެ ހަޤީޤަތް ހާމަވާ އެންމެބޮޑު ހެކި މިއޮތީ..” އަތުގައި އޮތް ސިޓީ އުރަ ދައްކާލަމުން އިޝާން ބުންޏެވެ.
“..ތީ ކޯއްޗެއް..” ނިޝްވާއަށް އިޝާންގެ ކުށެއް ނެތްކަން އެނގި ހިތްހަމަޖެހުން ނަމަވެސް ހައިރާންކަމެއް ފިލައިގެނެއް ނުދެއެވެ. “..ކީއްވެ ދޮންތައަށް އަހަރުމެން ހަޤީޤަތް ހޯދަން އުޅޭކަން އެނގެންވީ..”
“ވެދާނެ ދޮންތަ އަޑުއެހީކަމަށް އަހަރުމެން ދެއްކި ވާހަކަތައް..” ނިޝްވާ އިޝާންއަތުގައި އޮތް ސިޓީ އުރަ އަތުލިއެވެ.
**ދެމިނެޓް ފަސް***
“..މީ ތެދުކަމަށް ވަންޏާ..” ނިޝްވާ އިޝާންއާ ދިމާލަށް ބަލާލަމުން ބުންޏެވެ. އޭރު އޭނާގެ ލޮލުގައި ކަރުނަ މުތީތަކެއްހެން ވިދަމުންދިޔައެވެ.
“..އާން ނިޝް..ދޮންތަ..”
“..އިޝާން ބުނެނުދިނަސް އޯކޭ..” ނިޝްވާ އިޝާންގެ ވާހަކަ މެދު ކަނޑާލިއެވެ. “..ދޮންތަގެ އަނގައިން ހުރިހާ ވާހަކައެއް އަޑުއަހަން ބޭނުމީ..އަހަރެން ހިތެއް ނުބުނެ މީތެދެކޭ..މިހާބޮޑު އޮޅުވާލުމެއް ދޮންތަ އޮޅުވަޔެއް ނުލާނެ..” ނިޝްވާ އެނދުން ތެދުވެގެން ހިނގައިގަތެވެ.
*************
“..އައްސަލާމްއަލައިކުމް.. މިގަޑީގައި ތިބޭފުޅުންނާ ބައްދަލު މިކޮށްލީ ދާދި ދެންމެޔަކު ލިބުނު އަވަސް ހަބަރެއް ގެނެސްދިނުމަށްޓަކައި.. ގ.ޝައިން ގައި މަރާލާފައި އޮތް ޒުވާނަކު ފެނިއްޖެ..މަރާލެވިފައި ވަނީ 25 އަހަރުގެ ފިރިހެނެއްކަމަށް ވެސް މަޢުލޫމާތު ލިބޭ..” ޓީވީން އިވިގެން ދިޔަ ހަބަރުގެ ސަބަބުން ނަޢުމާއަށް ކުއްލިއަކަށް ސޯފާއިން ތެދުވެވުނެވެ. އަތުގައި ހުރި ކޮފީތަށި އަތުން ދޫވެގެން ތަށިމުށި ގަނޑުމައްޗަށް ވެއްޓި ތަޅާގެން ދިޔަ އަޑު ސިޓިންގ ރޫމް ތެރޭ ގުގުމާލިއެވެ. ބިރުވެރިކަމެއް އޭނާގެ ހިތުގައި އުފެދެންފެށިއެވެ. މޫނުމައްޗަށް ދާތިކިތައް ޖަމާވަންފެށިއެވެ. ނަޢުމާ ބާރު ހިނގުމުގައި ގޮސް ކޮޓަރިއަށް ވަނެވެ. އެދިޔަ ބާރު މިނުގައި އޭނާ ނުކުތީ ސިމް ކާޑެއް ހިފައިގެންނެވެ. ސޯފާގައި އިށީނދެ ސިމް ކާޑް ބަދަލްކޮށްލާ ނަންބަރަކަށް ގުޅާލިއެވެ. އޭރު އޭނާގެ އަތުގައި މަޑުމަޑު ތުރުތުރު ލުމެއް ހުއްޓެވެ.
“..ހަލޯ..ކިހިނެއް އޭނައަށް ތިހެދީ..” ފޯން ނެގުމާއެކު ނަޢުމާ ބުނެލިއެވެ.
“..އެ…..އީ އޭ…ނާ…އަށް އޮތް އަ….ދަ…ބު..” އިމާދު ލަސްލަހުން ބުންޏެވެ.
“..ބޮއެ ޢަމަލުވެގެން ދޯ..” ނަޢުމާ މޫނުގައިވާ ދާތިކިތައް ފޮހެލަމުން ސޯފާއިން ތެދުވިއެވެ. “..މަބުނިންތަ ކަލޭކައިރީ އޭނަ މަރާލާށޭ..މަ ބުނީ އޭނައަށް ބިރު ދައްކާލާށޭ އެއްނުން..”
“..އެންޖެލް އޯކޭ ވާނޭ..” އިމާދު އެއްވެސް ވަރަކަށް ކުރެވުނު ކަމަކާ ހާހެއް ނުވެއެވެ.
“..ކަލެޔާ ހެދި އިތުރު މުސީބާތެއްނުން މިޖެހުނީ..” ނަޢުމާ ހަޅޭލަވާގަތެވެ. ރުޅިއައިސްގެންނެވެ.
“..އެންޖެލް..މި އިންމަ ގޮލާ ރާބޮއެ އަމަލުވެގެން ހުރެކުރި ކަމެއް އެއީ..” މިފަހަރު އިވުނީ އިލްހާމްގެ އަޑެވެ. އޭނާގެ އަޑުގައި ހާސްކަން އެކުލެވިފައިވެއެވެ. “..މަށަށްވެސް އެކަން ހުއްޓުވާނެ ފުރުޞަތެއް ނުލިބުނު..” ނަޢުމާ ފޯން ކަނޑާލިއެވެ. ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް ދެން އެކަން ބަދަލުނުވާތީއެވެ.
އިޝާންމެން ޓެރަސްގައި ތިބެގެން ދެއްކި ހުރިހާ ވާހަކަތަކެއް ނަޢުމާ އަޑުއެހިއެވެ. އިޝާން ބޭނުންވީ އިޙްސާންއަކީ ވަޅި ދެކެ ބިރުގަންނަ މީހަކަށް ވުމުން ބިރު ދައްކާގެން ހުރިހާ ހަޤީޤަތެއް ހޯދާށެވެ. އެހެންކަމުން އެކަންވުމުގެ ކުރިން ނަޢުމާ ބޭނުންވީ އެކަން ހުއްޓުވާށެވެ. ބިރުދައްކާގެން އިޙްސާންގެ އަނގަ ބަންދުކޮށްލާށެވެ. ނަމަވެސް އެކަން ކުރަން އުޅުމުން ކުރިމަތިލާން މިޖެހުނީ މާބޮޑު މުސީބާތަކާއެވެ. ދެން އޭނާއަށް ޖެހޭނީ ޖަލުގެ ތޭރި ތަކުގެ ތެރޭއިންނާށޭ އޭނާގެ ހިތްބުނަމުން ދިޔައެވެ. ޝާން އާއި ޝަހީންމަތިން ވަކިން ބޮޑަށް ހަނދާންވާން ފެށިއެވެ. ދެލޮލަށް ކަރުނަ ޖަމާވެ ރޮވެންފެށުނެވެ.
*************
ނިޝްވާ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަނެވެ. އިޝާންވެސް ފަހަތުން ވަނެވެ. މޭޒުމަތީ ބޯ އަޅާލައިގެން އޮތް ނަޢުމާއަށް މީހަކު އައި ކަމުގެ ހިލަމެއްވެގެން ތެދުވެ މޫނުމަތި ފޮހެލަމުން އެނބުރުނެވެ. ނިޝްވާ ފެނުމުން އިސްޖަހާލައިގެން ހުރެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެހެނީ މިހާރު ނިޝްވާ ގޭގަ އުޅުނަސް ވާހަކަ ދައްކާހަދާ ނޫޅޭތީއެވެ. އެހެންވެ މިހާރު އޭނާވެސް ވާހަކަ ދައްކާކަށް ނޫޅެއެވެ.
“..މަޑުކޮށްބަލަ..” ނިޝްވާ މަޑުމަޑުން ބުނެލިއެވެ. ނަޢުމާ ވަގުތުން ހުއްޓުނެވެ. ނިޝްވާމެންނާ ދިމާލަށް ބަލާލިއެވެ. ނިޝްވާ އަތުގައި އޮތް ގަނޑުތައް ދައްކާލިއެވެ. އެއީ އެސިޓީ އުރަ ތެރެއިން ނެގި ގަނޑުތަކެކެވެ. ގަނޑުތަކުގެ އެއްކަން އޮތީ ލެއިން ފޯވެ ހިކިފައެވެ.
“..މީ ހަޤީޤަތް ތަ؟..” ނިޝްވާ އެގަނޑުތައް ނަޢުމާއާ ދިމާލަށް ދިއްކޮލިއެވެ. އޭނާ ހިތްބުނަމުން ދިޔައީ އެއީ ދޮގަކަށް ވާނޭކަމަށެވެ. އެހެންކަމުން އޭނާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ނަޢުމާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހާސްވެގެން ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނީ ދެއަތުން ނޫނެކޭ ބުނަމުންނެވެ.
“..މި ހަޤީޤަތް ހޭ؟..” ނިޝްވާ މިފަހަރު ބުނީ ތަންކޮޅެއް ބާރަށެވެ. ނަޢުމާއަށް ވަމުންދާގޮތްފެނި ނިޝްވާ ހިތުގައި ބިރުވެރިކަން އުފެދެން ފެށީއެވެ.
“..ނު.. ނު..” ނަޢުމާ ވާހަކަދައްކަން އުޅެ އުޅެ އަޑެއް ބޭރެއް ނުވިއެވެ. ދުލުގައި ތަޅު އެޅުވުނު ކަހަލައެވެ.
“..ދެން ކޮންހާ ގޮތްގޮތެއް ތިވަނީ…މިކަން ވެފަ އޮތްގޮތެއް އޮޅުން ފިލުވަދީ..”
ނަޢުމާ ފަހަތަށް ފަހަތަށް ގޮސް ފާރުގައި ޖެހުނެވެ. މީހާ ދާހިތްލާ ފޯވިއެވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހެން ފެށިއެވެ.
“..ކޮއްކޯ ދޮންތައަށް މާފު..” ނަޢުމާއަށް ބުނެވުނީ އެހިސާބަށެވެ. ނިޝްވާ ހަޅޭލަވާގަތެވެ.
“..ނަޢުމާ ސަލީމު ކައިރީ މަމި އަހަނީ މީ ހަޤީޤަތް ހޭ..ކަލޭހޭ އިޙްސާން މަރާލީ..” ނިޝްވާ ދަތްކުނޑި ވިކާ ގަތެވެ. ނަޢުމާ މާފަށް އެދެން ފެށުމުން އެއީ ހަޤީޤަތް ކަމަށް އޭނާއަށް ޔަޤީންވި ކަހަލައެވެ.
“..ކަލޭހޭ މަމި އަހަނީ ކަލޭހޭ.. މަށަށް ހުރިހާ ހަޤީޤަތެއް ކިޔާދޭށޭ.. މަށަށް މިހީވަނީ ރަނގަޅަށް ހޭ..” ނިޝްވާ އެތެރެ ހަށީގައިވާ ހުޅުގަނޑު ފަޅާލާފައި ނުކުންނަން އުޅޭ ކަހަލައެވެ. ނިޝްވާ ނަޢުމާ ކޮނޑުގައި ހިފާ ތަޅުވާގަތެވެ. ނަޢުމާ ރޮމުން ނިޝްވާގައިގަ އޮޅުލާގަތެވެ.
“..އަޑު ނީވެނީތަ ކަލެޔަށް..” ނިޝްވާ ނަޢުމާ ދުރައްކޮށްޕާލަމުން ހަޅޭލަވާގަތެވެ. “..އޭނ..”
“..އާން އިޙްސާން މަރާލީ އަހަރެން..” ނަޢުމާ ގިސްލަމުން ދެކަންފަތްމަތީ އަތް އަޅާލަމުން ލަސްލަހުން ބުނެލިއެވެ.
“..އެހެން ވީމާ މިވެސް ހަޤީޤަތެއް..” ނިޝްވާގެ އަޑުގައި ހަރުކަށިކަން އެކުލެވިގެންވިއެވެ. “..ބުނާށޭ..”
“..ބުނާށޭ.. ވާހަކަ ދައްކާށޭ..” ނަޢުމާ ޖަވާބެއް ނުދިނުމުން ނިޝްވާ ހަޅޭލަވާގަތެވެ. އަތުގައި ހުރި ގަނޑުތައް ނަޢުމާއާ ދިމާލަށް ހޫރާލިއެވެ. “..ބުނާށޭ..ކަލޭ އޭނަ މަރާލީ މިކަން ސިއްރު ކުރަންހޭ..” ނަޢުމާ އެއްވެސް އެއްޗެއް ނުބުނެ ކަންފަތްމަތީ އަތް އަޅާގެންހުރެ ރޮމުން ދިޔައެވެ.
“..ނަޢުމާ..ވާހަކަ ދައްކާށޭ..” ނިޝްވާ ރުޅިގަނޑު ކޮންޓްރޯލްއިން ނެއްޓެން އުޅޭކަހަލައެވެ. މީހާ ތުރުތުރު އަޅަންފެށިއެވެ. ހަޤީޤަތް ކިޔާދިނުމަށް އެދި ހަޅޭލަވަމުން ދިޔައެވެ.
“..ކަލެޔަށް މަ އަތުން އަނިޔާއެއް ނުވަނީސް ހުރިހާ ހަޤީޤަތެއް ކިޔާދީ.. ކިޔާދޭށޭ.. ނަޢުމާ ސަލީމް ވާހަކަ ދައްކާ.. ނަޢު……..މާ..”
“..އާން .. އާން.. ތީ ހަޤީޤަތް..” އެންމެފަހުން ނަޢުމާއަށް ކެތްނުވުމުން ހަޤީޤަތް ހާމަކުރަންފެށިއެވެ. “..ޝާން އަކީ ޝަހީންގެ ދަރިއެއް ނޫން.. ޝަހީން އަކީ ދަރިން ލިބޭ މީހެއްނޫން.. އެއީ ހަމަ ހަޤީޤަތް.. އިޙްސާން މަރާލީވެސް ތިކަން ސިއްރު ކުރަން .. އަޑުއިވިއްޖެތަ..” އެއްނޭވާއިން ހުރިހާ ވާހަކައެއް ބުނެލިއިރު އޭނާއަށް މާނޭވާލެވެމުން ދިޔައެވެ. އިވިގެން ދިޔަ ޖުމްލަތަކުން ނިޝްވާއަށް ހީވީ އޭނާގެ ކަންފަތް ދަށުގައި ހޮނުގުގުރިއެއް ގުގުމާލިހެންނެވެ. އޭނާއަށް ކުރެވުނު ޝައްކު ހަމަ ޔަޤީންވީއެވެ.
“..ޝާން އަކީ ޝަހީންގެ ދަރިއެއްނޫން..ތީ ޝަހީން ކުދިން ލިބޭތޯ ހެދި ޓެސްޓްތަކުގެ ނަތީޖާ..” އިޝާންގެ ކަންފަތުގައި ގުގުމާލީ އިޙްސާން މަރުމަތީ ބުނި ޖުމްލައެވެ. ނިޝްވާ އަތުގެ ހުރި ބާރެއްލާފައި ނަޢުމާގެ ކޯތާފަތް މަތީ ޖެހިއެވެ.
“..ލަދުކުޑަ ގޮތްކުޑަ އަންހެނާ..ކަލޭ ކީކޭ ހިތަށް އަރާގެން ކުރިކަމެއްތަ ތީ..” ނިޝްވާގެ ރުޅި ކޮންޓުރޯލުން ނެއްޓިއެވެ. ނަޢުމާ މޫނުމަތީ އަތުގަ ހުރި ބާރެއްލާފައި ތަޅަންފެށިއެވެ. މަންޒަރު ބަލަން ހުރި އިޝާން އައިސް ނިޝްވާ އަތުގައި ހިފެހެއްޓިއެވެ.
“..ނިޝް ކޮންޓްރޯލް ޔުއަ ސެލްފް..” އިޝާން ބާރަށް ބުނެލިއެވެ. ނަޢުމާ މޫނު މަތީ އަތްއަޅާލަގެންހުރެ ފާރުބުޑަށް ތިރިވިއެވެ. އޭރު އޭނާގެ މުޅި މޫނުން ދިލަނަގަމުން ދިޔައެވެ. ނިޝްވާ ދަތްކުނޑި ވިކާލާފައި ހުރި އިރު މާނޭ ލެވެއެވެ. ލޮލުން އަލިފާންކަނި ބުރަމުން ދިޔައެވެ. ނަފުރަތުގެ އަލިފާނެވެ. ރުޅިވެރިކަމުގެ އަލިފާނެވެ. ނަޢުމާ މޫނުމަތީ ތެޅުމުން އަތުން ނަގަމުން ދިޔަ ދިލަ އޭނާއަށް އިޙްސާސްވެސް ނުވެއެވެ. ނިޝްވާ އިޝާންގެ އަތް ފޮޅުވާލިއެވެ. ހަމަ އެސިކުންތުގައި ކައިރީގައި ހުރި ފިހިގަނޑު ނަގާ ނަޢުމާގައިގަ ޖަހަން މަޅާލިއެވެ.
“..މި މުޑުދާރު އަންހެނާގެ ދުވަސް ދުއްވާލަންވީ..” ނަޢުމާ ދެއަތް މައްޗަށް އުފުލާލިއެވެ. އޭނާގެ ލޮލޮން ބިރުވެރިކަމާ ހިތާމައިގެ އަސަރުފެނެއެވެ. ކުއްލިއަކަށް އިޝާން ފިހި ގަނޑުގައި ހިފެހެއްޓުމަށްފަހު ލުތްކެއްޖަހާ ފިހިގަނޑު އަތުލިއެވެ. ފިހިގަނޑު ދުރައް އެއްލާލުމަށް ނިޝްވާ މޫނުމަތީ ޖެހިއެވެ. ނިޝްވާއަށް ވީތަދުން މޫނުމަތީ އަތްއަޅާލެވުމާއެކު ހަމަބިމަށް ފޭބުނެވެ. ލޮލުން ކަރުނަ އަންނަން ފެށިއެވެ. އިޝާން ނިޝްވާ މޫނުމަތީ ޖެހީ އެނޫން ގޮތެއް ނެތުމުންނެވެ. އޭނާގެ ބޭނުމަކީ ނިޝްވާ ހަމަޔަކަށް އެޅުވުމެވެ. ނިޝްވާ ފަރާތުން ދޮންތައަށް ގެއްލުމެއް ލިބުމުގެ ކުރިން އެކަން ހުއްޓުވުމެވެ. އިޝާން ނިޝްވާ ގެނެސް އޭނާ ގަޔާލާ ބޮނޑިކޮށްލިއެވެ. ދެން ސިޓިންގ ރޫމްތެރޭ އިވެމުން ދިޔައީ ގިސްލުމުގެ އަޑެވެ. ނަޢުމާ އާއި ނިޝްވާގެ ގިސްލުމެވެ.
“..ކާކުގެ ދަރިއެއް އެއީ..” ނިޝްވާ އިޝާންގެ އަތުތެރެއިން ވީއްލެމުން އެހިއެވެ. އޭނާގެ އަޑުގައި ހިތާމަޔާއި ނަފުރަތު އެކުލެވިގެންވީއިރު މިހާރު މޫނުމަތިން ފެންނަން ހުރީ ފޫހިކަމެވެ. ނަޢުމާ ބޯ ހިއްލާ ނިޝްވާއާ ދިމާލަށް ބަލާލިއެވެ.
“..ކާކުގެ ދަރިއެއްހޭ އެއީ..” ނިޝްވާ ސުވާލްތަކުރާރު ކޮށްލިއެވެ.
“..އިމާދުގެ..” ޖަވާބުދިނީ ނަޢުމާއެއް ނޫނެވެ. އިޝާންއެވެ. ނަޢުމާ އަށާއި ނިޝްވާއަށް އިޝާން އާ ދިމާލަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
“..ނިޝް.. އައި އޭމް ސޮރީ.. މިވާހަކަ ކުރިން ނުބުނެވުނީމަ..” އިޝާން ބުންޏެވެ. “..މަށަށް ކުރިންވެސް އެނގިފައޮތީ.. ދޮންތަ އާއި އޭނައާ ދޭތެރޭ ގުޅުމެއް ހިނގާފައި އޮތްކަން.. އިމާދު ބުނި މަގެ ގާތު.. އެކަމް ކުރިއަކުން ނޭގެ ޝާން އެއީ އިމާދުގެ ދަރިއަކަށް ވެދާނޭ.. މިރޭ މިހުރިހާކަމެއް އެނގުނީމަ މި ވިސްނުނީ.. ނިޝްއަށްވެސް ފާހަގަވާނެ ކަންނޭގެ ޝާން ބަލާލާއިރު ހުންނާނެ އިމާދު އާ ވައްތަރުގޮތެއްވެސް..”
އެއީ މީގެ ހަތަރުމަހެއްހާ ދުވަސްކުރިންނެވެ. ރޭގަނޑުގެ ވަގުތެވެ. އިމާދު އާއި އިޝާން ތިބީ މަޒާޑާގައި ކޮފީއެއް ބޯށެވެ. އިޝާން އިނީ ކޮންމެސްވަރަކަށް ހިތްހަމަ ނުޖެހިފައެވެ. އެއީ އިމާދު ނިޝްވާ އާއި ދިމާކޮށް އަތުގަ ހިފަހައްޓާ ހެދިކަން އެނގިފައޮތީމައެވެ. އިމާދު ނިޝްވާއާ ދިމާކުރީ ނަޢުމާކަމަށް ހީކޮށްކަން އޭނާއަށް އެނގިފައި އޮތަސް އޭނާގެ ބޭނުމަކީ ކުރިއަށް އޮތްތާ އެފަދަކަމެއް ތަކުރާރުކޮށްގެން ނުވާނޭ ބުނުމެވެ. ނަމަވެސް އޭރު އިޝާންއަށް އެކަމުގެ ސަބަބުން އިތުރު ހަޤީޤަތެއް އެނގި ހިގައިދާނެކަމަކަށް ހީވެސްކުރެވިފައެއް ނުވެއެވެ.
“..އިންމަ.. މަ ޖީއެފް އާ ދެން ދިމާކޮށް ނަހަދާނެކަމަށް އުއްމީދުކުރަން..” އިޝާން ދުރުދުރުން ނޫޅެ ދިޔައީ ސީދާ މަޢުލޫއަށެވެ. އިމާދުގެ ނިތްކުރި މައްޗަށް ރޫތަކެއް އަރާގެން ދިޔައެވެ. ނަމަވެސް އިސާހިތަކު އެރޫތައް ފިލުވައި އޭނާ ހަމަޖެހިލިއެވެ. އަދި މާފަށް އެދުނެވެ.
“..އަސްލު އިޝަންޓޭ ޖީއެފް އާ ވައްތަރު ކުއްޖެއް.. މަށާ ވަރަށް ކުރިން ދިމާވެފަ އޮތީ..އެހެންވެ އޭނަކަމަށް މަ ހީކުރީ..” އިމާދު ބުންޏެވެ. “..އެންމެ ރެޔަކަށް ލިބުނު ބިޓެއް އެއީ..” އެންމެފަހުން އިވުނު ޖުމްލައިން އިޝާންގެ މޫނުމަތީ ސުވާލްމާކެއް ޖެހުނެވެ.
“..އެއީ އޭނަގެ ދޮންތަ..” އިޝާން އަވަހަށް ބުނެލެވުނެވެ. “..މެރީކޮށްގެން ކިޑެއްވެސް ހުންނާނެ..”
“..ހެހެހެ.. އައި ނޯ..” އިޝާންގެ މޫނުމަތިން ފެނުނު ހައިރާންކަން އިމާދުއަށް ފާހަގަވުމުން ކަންތައްވީގޮތް އޮޅުން ފިލުވާދޭންފެށިއެވެ. “..އެކަމެއް ހިނގީ އޭނަ މެރީކުރުމުގެ ކުރިން.. ސޯ ޑޯންޓް ވޮރީ.. ކާވެނީގެ ކުރިން އެކަހަލަ ކަންތައް ނުކުރާމީހަކު މިޒަމާނުގަ ވަރަށް މަދުވާނެއެއްނުން.. އަސްލު އަހަރުމެން ދިމާވީ މިގުން.. މިގުން ފްރެންޑް ވީ.. މަ ފުރަތަމަ އެކަމަށް އެދުނީވެސް.. އެކަމް އޭނަ ފުރަތަމަ ދެކޮޅު ހެދީ.. ދެން ފަހުން އެއްރޭ ދަންވަރު އޭނަ އަމިއްލައަށް އެކަމަށް އެދުނީވެސް.. އެއީ ވަރަށް ވިއްސާރަ ރެޔެއް.. މަ ދިޔައީ އޭނަ ބުނެގެން އޭނަ ކުރިން އުޅުނު މާފަންނުގަ ހުރި ގެޔަކަށް.. އެރޭ ދެން އަހަރުމެން ކުރި ކަމެއްކުރީ.. އޭގެ ފަހުން މަ ބުނީމަ ވެސް އެކަހަލަ ކަމެއް ކުރާކަށް އެއްބަހެއްނުވެ.. ބުނީ ކުރިން ކުރެވުނު ކަންތަކަށް މާފަށް އެދެމޭ.. ދެން އެކަހަލަ ކަމެއް ރިޕީޓް ވާކަށް ބޭނުމެއްނޫނޭ.. ގާތްގަނޑަކަށް އޭގެ މަހެއްހާފަހުން އޭނަ ކުއްލިއަކަށް ގެއްލުނީ.. ފޯނަށްވެސް ނުގުޅެ.. އޮންލައިންވެސް ނުވެ.. އޭގެ ކުރިން ކޮންމެ ދުވަހަކުވެސް އޯލް ވާނެ.. މަ އެގެ ކައިރިންވެސް ވަރަށް ހިނގިން.. އެކަމް ދިމާވާގޮތެއް ނުވި.. ދެން ދުވަސް ގަނޑަކުން ފެނުނީ އޭޑީކޭ ތެރެއިން.. އޭރު އޭނަ ބަނޑުބޮޑު.. އޭގެ ފަހުން ނުވެސްފެނޭ މަގެއްމަތިންވެސް.. ދެން އެހެންހުއްޓާ އޭގެ ހަތަރު އަހަރު ފަހުން އިޝަންޓޭ ޖީ އެފް މިފެނުނީ.. އެހެންވެ ހީ ކުރެވުނީ އެއީ އޭނަކަމަށް.. އެހެންވެ އެގޮތަށް ކަންތައްކުރެވުނީ.. އައި އޭމް ސޮރީ ފޯ ދެޓް.. އަހަރުމެން ދެމެދުގަ އެކަމެއް ހިނގީ ގާތްގަނޑަކަށް މީގެ 4 އަހަރު ކުރިން..”
“..ވަޓް.. ހަތަރު އަހަރު ކުރިންނޭ..” އިޝާންއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.
“..ޔާ ކިހިނެއްވީ.. ދެން އޭގެ ފަހުން ދިމާނުވެ އެހާދުވަސް ވީމަ ނޭގުނީ އިޝަންޓޭ ޖީއެފް އެއީ އޭނަ ނޫންކަން..”
“..އެކަމް އެމީހުން ކާވެންޏަށް މިހާރު އަށް އަހަރުވެއްޖެ.. މާފަންނުގަ އެއުޅުނީ އެމީހުން މިހާރު އުޅޭގެ ހެދި ދުވަސްކޮޅު..” އިޝާން ބުންޏެވެ.
“..އެކަމް އޭނަ ބުނީ ސިންގަލްއޭ..” އިމާދު ބުނެލިއެވެ.
“..ނިޝް އެއީ އެކަންވީ ގޮތަކީ..” އިޝާން ނިޝްވާއަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. “..ކުރިން އެވާހަކަތައް ކިޔާނުދިނީ ނިޝް އިތުރަށް ދެރަކޮށް ރުޅި ނާރުވަންވެގެން.. އޭރުވެސް އެއްގޮތަކަށްވެސް ހިތަކަށް ނާރަ މިހެންވެދާނެޔެކޭ..”
“އެއީ ތެދެއްތަ..” ނިޝްވާ ނަޢުމާއާ ދިމާލަށް ބަލާލަމުން ބުންޏެވެ. ނަޢުމާ އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ. ވާހަކަ ދައްކަން ބޭނުންވިޔަސް އޭނާގެ ދޫ އެކަމަށް ހަރަކާތްނުކުރަނީއެވެ. ހިތްވަރު ނެތީއެވެ. އޭނާއަށް ކުރެވިފައި އެވަނީ މާފް ލިބޭ ވަރުގެ ކުށެއްނޫނެވެ. އެހެނަސް އޭނާ މާފަށްވެސް އެދެން ބޭނުންވެއެވެ.
“..އެއީ ތެދެއްހޭ..” ނިޝްވާ މިފަހަރު ބުނީ ވަރަށް ބާރަށެވެ. އަޑު ބާރުކަމުން ނަޢުމާއަށް ސިހުމެއްވެސް ލިބުނުމެއެވެ. އިޝާން ނިޝްވާ އަތުގައި ބާރަށް ހިފިއެވެ. ނިޝްވާ ހަމަޔަކަށް އެޅުވުމުގެ ބޭނުމުގައެވެ.
“..ކޮއްކޯ ދޮންތައަށް މާފުކުރޭ..” ވަރަށް ހިތްވަރުކޮށްފައި ނަޢުމާ ބުންޏެވެ.
“..ކޮއް..” ނިޝްވާ ވާހަކަ ދައްކަން އަނގަ ހުޅުވާލިތަނާ އިޝާން ނިޝްވާ އަތަށް ފިތާލިއެވެ. ބާރަށެވެ. ނިޝްވާ އިޝާންއާ ދިމާލަށް ބަލާލިއެވެ.
“..ދޮންތައަށް ވާހަކަ ދައްކަން ފުރުޞަތު ދީ..” އިޝާން ބުންޏެވެ.
“..ދޮންތަ އިނގޭ މާފް ދިނުން ހައްޤުވާވަރުކަމެއްވެސް ނޫންކަން މީ..” ދެއަތުން ކަރުނަތައް ފޮހެމުން ނަޢުމާ ތެދުވިއެވެ. “..އެކަމް ދޮންތަ ކުރިކަމެއް މިކުރީ ޝަހީން އާ ވަކިވަންޖެހިދާނެތީ.. ކައިވެންޏަށް ހަތަރުއަހަރުވެގެން ދިޔައިރުވެސް ކުއްޖަކު ނުލިބުނީމަ.. ދޮންތަ ގޮސް ޓެސްޓް ހެދީ ޝަހީންއަށް ނޭގި.. ޓެސްޓް ހެދީމަ ދޮންތަގެ މައްސަލައެއް ނެތްކަން އެނގުނީ.. ޝަހީން ކައިރީ އެވާހަކަތައް ބުނާކަށް ނުކެރުނު ދެރަވާނެތީ.. ޝަހީން އަބަދުވެސް ދެކެމުން އައި ހުވަފެނެއް ބައްޕާއޭ ކިޔާލާފަ ގޮވާލާނެ ދަރިއަކު ލިބުން.. ދޮންތަވެސް ބޭނުންވޭ ކުއްޖަކު.. ދޮންތަބޭނުމެއް ނުވެ ޝަހީންއާ ވަކިވާކަށް.. ޝަހީންއާ ވަކިން އުޅޭނެ ހިތްވަރެއް ދޮންތަގަޔަކު ނެތް.. އަނެއްކޮޅުން ޝަހީންއާ ވަކިވެއްޖެނަމަ އަހަރުމެންނަށް އަޅާލާނީ ކާކު.. އާއިލާގައި އިތުރު މީހަކު ހުރީކީ ނޫން.. އެހެންވެ ދޮންތަ ބޭނުންވީ އޭނަގެ އުއްމީދުތަކުގައި ކުލަ ޖައްސަދޭން.. އެހެންވެ އިމާދު ކައިރިން އެކަމަށް އެދުނީ..”
“..ޗީ ޗީ..” ނިޝްވާ ދެލޯވަށްލަމުން ބުނެލިއެވެ. “..ތިޔަށްވުރެ މޮޅު ގޮތެއް ނުވިސްނުނީތަ.. މައްސަލަ އުޅެނީ ދޮންތަބޭގެ ދެން ކަލޭ ޖެހޭތަ ވަރިކޮށްލަފާނެތީ ބިރު ގަންނަން.. ނުވިސްނެނީތަ ދަރިން ދެއްވަނީ ކޮންފަރާތަކުންކަން.. ބޭސްކޮށް އެކަމަށް ހައްލުގެނެވޭތޯ މަސައްކަތްކުރަން ތި ސިކުނޑިއަށް ނުވިސްނުނީތަ.. އޭނ..”
“..ޝަހީން އަށް އެކަން އެނގި އޭނަ ހިތާމަކޮށް ރޮއެ ހަދާ މަންޒަރު ބަލާކަށް ކެތެއްނުވާނެ.. ބޭސްކޮށްގެން ވެސް ކުއްޖަކު ނުލިބިއްޖެޔާ އޭނަ ދޮންތަ ވަރިކޮށްލަފާނެ ދޮންތަގެ ދިރިއުޅުން ބާއްޖަވެރި ކުރަންށޭ ކިޔާފަ.. ދަރިއަކު ނުލިބެންޏާ ކާވެނީގެ އެއްވެސް ބޭނުމެއް ނެތޭވެސް.. އޭނަ އިޙްސާން ކައިރީ ބުނި އަޑުވެސް އެހިން.. އެހެންވެ މިގޮތަށް ހެދީ..” ނަޢުމާ ވާހަކަ ދައްކަމުން ދިޔައީ ގިސްލަމުންނެވެ. އޭނާހުރީ އިސްޖަހާލާގެންނެވެ. ކުރެވިފައިވާ ފާފައިގެ ސަބަބުން ލަދުންނެވެ. “..އޭރު ވިސްނާނުލެވުނީ މިކަން ފަޅާ އަރާފާނެކަމަށް.. އޭރު ނޭގެ ޝަހީންވެސް ޓެސްޓްކުރި ކަމެއް.. ޝަހީން ރާއްޖެތެރޭ ރަށެއްގައި އުޅުނު ދުވަސްކޮޅެއްވީމަ ހެދި ޓެސްޓްތަކު ނަތީޖާ ނަގަންދިޔައީ އިޙްސާން.. އެއީ ދޮންތަވެސް ޕްރެގް ވީ ދުވަސްކޮޅު.. އެހެންވެ މާލެ އައިސް ޝަހީންވެސް އެ ރިޕޯޓްތައް ބަލަން އެހާވަރަކުންނޫޅެ.. އިޙްސާންވެސް ރިޕޯޓްތައް ގެންގޮސް އެގޭގަ ބާއްވާފަ އޮތީ.. އޭގެ ތިންއަހަރު ފަހުން އިޙްސާންއަށް އެ ރިޕޯޓްތައް ފެނުނީ.. އިޙްސާންއަށް ޝައްކުވެގެން ދެން ދޮންތަ އާ ސުވާލުތައް ކުރަންފެށީ.. އެދުވަހު ދޮންތައަށް އިނގުނީ ޝަހީން ޓެސްޓްއެއް ހެދިކަންވެސް.. ތިން އަހަރުވެގެން ދިޔައިރުވެސް އެ ނަތީޖާތައް އިޙްސާން އަތުގަ އޮތްކަންވެސް.. އިޙްސާންކުރި އެއްވެސް ސުވާލެއްގެ ޖަވާބު ނުދެވި ދޮންތަ ހާސްވާންފެށީމަ އޭނައަށް ޔަޤީންވީ އެކަން.. ޝާން އަކީ ޝަހީންގެ ދަރިއެއް ނޫންކަން.. އެވާހަކަތަކާ ރިޕޯޓްތައް ދައްކާނަމޭ ކިޔާގެން އޭނާ އަހަރެން ބްލެކްމެއިލްކޮށްގެން..”
“..ގޮތްކުޑަ އަންހެނާ..” ޝަހީންގެ ބާރު އަޑު އިވިފައި އެންމެންވެސް ދިޔައީ ސިހިގެންނެވެ. އެންމެނަށް ދޮރާ ދިމާލަށް ބަލާލެވުނެވެ. ޝަހީން ހުރީ ދޮރުމަތީގައެވެ. ދެއަތް މުއްކެވި ދަތްކުނޑި ވިކާލާފައެވެ. ރުޅިއައިސް ރަތްވެފައެވެ. ނަޢުމާއަށް ހީވީ ބިރެއް ފެނުނުހެންނެވެ. އޭނާއަށް ހުރެވުނީ އަރީކާ ކޮޓަރި ދޮރުމަތީގައި ކަމުން އަވަސް އަވަހަށް ކޮޓަރިއަށްވަދެ ތަޅުލިއެވެ. ޝަހީން ބާރު ހިނގުމުގައި އައިސް ދޮރުގައި ތަޅާގަތެވެ. ނިޝްވާއަށް އިޝާންގެ އަތުގައި ހިފަހައްޓާލެވުނެވެ. ޝަހީން ފެނިފައި ގަތް ބިރެއްގެ ސަބަބުންނެވެ.
“..ނަޢުމާ ދޮރު ހުޅުވާ..” ޝަހީން ރުޅިއައިސް ދޮރުގައި ބާރަށް ތަޅަމުން ހަޅޭލަވަމުން ދިޔައެވެ. ހީވަނީ ދެންމެ ދެންމެ ދޮރުވެސް ވައްޓާލަފާނެހެންނެވެ.
“..ކަލޭ މަ އަތުން މަރުވަން ބޭނުން ނުވަންޏާ މި ދޮރު ހުޅުވާ..” ޝަހީން އެތައް އިރަކު ދޮރުގައި ތެޅުމުންވެސް ނަޢުމާ ދޮރެއް ނުހުޅުވިއެވެ. އެހެންކަމުން ޝަހީން ބާރު ހިނގުމުގައި ގޮސް ކޮޓަރިއަށް ވަދެ ތަންތަން ހާވަން ފެށިއެވެ. އަރީކާ ކޮޓަރި ތަޅުދަނޑި ފެނޭތޯއެވެ. އަލަމާރީގައި އޮތް ހުރި އަންނައުނުތައް ޓައިލްސް މައްޗަށް ވަރާލިއެވެ. ވަތްގަނޑުތައްވެސް ހުޅުވާފައި ހާވަމުން ދިޔައެވެ.
ޝަހީން ތަޅުދަނޑި ހިފައިގެން ނުކުތްތަން ފެނުމާއެކު ނިޝްވާ އިޝާންގެ ގައިތެރޭ މޫނު ފޮރުވާލިއެވެ. ބިރުންނެވެ. ދެން ކަންތައް ވެގެން ދާނެގޮތް އޭނާއަށް ސިފަވާ ކަހަލައެވެ. ޝަހީން ބާރުހިނގުމުގައި އައިސް ކޮޓަރި ދޮރު ހުޅުވާލިއެވެ. ހަމައެޔާއެކު ކޮޓަރިއަށް ވަންނަން ކުރިޔަށް އެޅި ފިޔަވަޅާއެކު ޝަހީންއަށް ހަޅޭލަވާގަނެވުނެވެ. ފެނުނު މަންޒަރަކުން ދެފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ދޯބައްޓާއެއް ފަންކާގައި އައްސާ ދަންޖެހި ހަރަކާތްނެތިފައިވާ ނަޢުމާ ފެނުމުން ހީވީ ދުނިޔެ ވަށައިގެން އެނބުރިގަތްހެންނެވެ. ނަޢުމާ ފަޔާ ދިމާލު ތިރީގައި ވެއްޓިފައި ގޮނޑިއެއް އޮތެވެ. ޝަހީންގެ ހަޅޭކުގެ އަޑަށް ނިޝްވާ ދުވެފައި ގޮސް ދޮރުމައްޗަށް އެރިއެވެ. ދެލޯ ތަންމިނަށް ހުޅުވުނެވެ. އޭނާ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިކަހަލައެވެ. ރުކެއްކަނޑާ ވައްޓާލިހެން ދެކަކޫ ޓައިލްމަތީ ޖެއްސުނެވެ. މީހާ ގަބުވެ ހުއްޓުން އެރިއެވެ. ފަހަތުން އައި އިޝާންއަށްވެސް ވީ އެހާކަންހާ ވަރެކެވެ. ޝަހީން ދުވެފައި ގޮސް ނަޢުމާ ހިއްލާލިއެވެ. ފަހަތުން އިޝާން އައިސް ނަޢުމާ ކަރަށް ވާންވެފައިވާ ގޮށް މޮހާލުމާއެކު އަތްދަނޑި މައްޗަށް ނަގާގެން ކޮޓަރިން ނުކުތީ ދުވަމުންނެވެ. އަވަހަށް ހޮސްޕިޓަލަށް ދިޔުމުގެ ބޭނުމުގައެވެ. އޭރު އޭނާގެ ލޮލުން ކަރުނަ މުތީތަކެއްހެން ވިދަމުން ދިޔައެވެ. އިޝާންވެސް ޝަހީން ފަހަތުން ދިޔައެވެ. އޭރުވެސް ނިޝްވާ އިންގޮތަށް ހުއްޓުން އަރާފައި އިނީއެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ނަޢުމާގެ ފުރާނައެއް ނެތެވެ. އޭނާގެ އެހަޤީޤަތް ޝަހީން އަށް އެނގުމުން މިދުނިޔެ ދޫކޮށް ދިޔައީއެވެ.
އިޝާން ޕޮލިހަށް ދިން ބަޔާނާއެކު އިޙްސާން މަރާލިކަމުގެ ކުށުގައި އިމާދުއާއި އިލްހާމް ހައްޔަރުކުރެވުނެވެ. އޭނާ ޕޮލިހުންނަށް ދިން ބަޔާނުގައި އޭނާއަށް ނަޢުމާ ބްލެކްމެއިލް ކުރެވެމުން ދިޔަ ސަބަބު އެނގުންކަމަކަށް ނުބުނެއެވެ. ސަބަބު ނޭގެނީސް މިދުނިޔެ ދޫކުރިކަމަށް ބުންޏެވެ. ޕޮލިހުން އިމާދު އާއި އިލްހާމްއާ ސުވާލްކުރުމުން އެނގުނީ އެމީހުން އެގެޔަށް ދިޔައީ ނަޢުމާ ބުނެގެންކަމެވެ. ނަޢުމާ ކޮންމެސް ކަމަކަށް ބްލެކްމެއިލް ކުރެވެމުން ދިޔަކަމެވެ. ދިޔައީ މަރާލަން ނޫންކަމަށާއި ބިރުދައްކާލުމަށްކަމުގައި ބުނެ ކަންތައްވީގޮތް ކިޔާދިނެވެ. އެމީހުންވެސް ބުނީ ބްލެކްމެއިލް ކުރި ސަބަބެއް ނޭގޭކަމަށެވެ.
ޕޮލިހުން ނަޢުމާގެ މަރުގެ ތަހުޤީޤުވެސް ކުރިއެވެ. ނަޢުމާ ބްލެކްމެއިލް ކުރެވެމުން ދިޔައީ ކީއްވެގެންކަން އެކަކުވެސް ބުނެފައި ނުވާތީ އެކަން އޮތީ ސިއްރެއްގޮތުގައެވެ. އެހެންކަމުން ޕޮލިހުންގެ ތަހުޤީޤު ނިމުނީ ނަޢުމާ މަރުވީ އިޙްސާންގެ މަރުގެ ސަބަބުން އޭނާ ޖަލަށްދާން ހިނގައިދާނެ ބިރު އޮވެގެންކަމަށް ވެގެންނެވެ.
ޝާން އަކީ ޝަހީންގެ ދަރިއެއް ނޫންކަން ޝަހީންއަށް އެނގުމުންވެސް އޭނާ ޝާންއަށް ބައްޕައެއްގެ ލޯބި ދިނުމަށް ހިތުގައި އަޒުމް ކަނޑައެޅިއެވެ. އެކަމުގައި ޝާންގެ އެއްވެސް ކުށެއް ނެތެވެ. ޝަހީންއަށް އެއީ އޭނާގެ ދަރިއެއް ނޫންކަމަށް ޤަބޫލްކުރަން އުނދަގުލެވެ. އެހެނަސް އެއީ ޤަބޫލްކުރަންދަތި ހަޤީޤަތެކެވެ. އެހަޤީޤަތް އެނގޭ އެންމެންވެސް އެ ޤަބޫލްކުރަން ދަތި ހަޤީޤަތް މުޅި ދުނިޔެއަށް ސިއްރުކުރީއެވެ. (ނިމުނީ)
16 Comments!
Comments are closed.





މިބައިވެސް ކަމުދާނެކަމަށް އުއްމީދުކުރަން.. މިވާހަކަ ފޫހިކަމެއްނެތި ކީ އެންމެހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަކިން ހާއްސަކޮށް ވާހަކައިން ރަނގަޅު ކުރަންޖެހޭ ކަންތައް ފާހަގަކޮށްދިން ބޭފުޅުންނަށާއި، ކޮމެންޓް ކުރެއްވި ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރަން
Pecefrt answer! That really gets to the heart of it!
ނިސްވާއަކަށް ނުޖެހޭ އެގޮތަށް ނަޢުމާއާ ދިމާއަށް ހަޅޭލަވާ އެވައްތަރަށް ވާހަކަ ދައްކާކަށް. ވަރަށް ނުލަފާ އަންހެނެއް ނިސްވާއަކީ
ހެހެ.. އަޒޫ.. ނިޝްވާގެ މިޒާޖު އެއީ.. އަސްލު ނަޢުމާ ވެސް ކަންތައް ކޮށްފައޮތީ ރަނގަޅަކަށް ނޫނެއްނުން.. އަޅުގަނޑަށް ގޯހީ ނަޢުމާ..
ހެހެހެ ފައިނަލީ ދޯ…
ވ ރީތި ހަމަ…
ނިޟާންގެ އެހެން ސްޓޯރީއަކަށް އިންތިޒާރު ކުރަން…..
ތޭންކް ޔޫ ހަދީ.. އިރާދަކުރެއްވިއްޔާ އެހެން ސްޓޯރީތައްވެސް ފެންނާނެ..
ވާއު ….. ވވވވ ނައިސް ….. ސީކްރެޓް އެނގުނީ ދޯ އެންމެ ފަހުން ….. ތެންކްސް މިހާ ރީތި ވާހަކައެއް ގެނެސް ދިނީމަ ….. 🙂
ވ ރީތި
vvvvv.nyc nishan ge ehen story ehge inthizaaruga
ތޭންކްސް އޯލް 🙂
ވަރަށް ވެސް ތަފާތު ކޮންސެޕްޓެއް!!! ވާހަކަ ވަރަށް ނައިސް!!
ތޭންކްސް ޔާން..
ވަރަށް ވަރަށް ވަރާށްވެސް ރީތި ވާހަކައެއް 🙂 . ނިޝާންގެ އިތުރު ވާހަކައެއް ދެން ފެންނާނީ ކޮންއިރަކު؟
ވަރަށް ސަޅި……..
Bad
Wow..i must say i am impressed.