ޤަބޫލްކުރަންދަތި ހަޤީޤަތް..؟؟ ސޯޅަވަނަބައި
އަރީކާ ފޯން ހިފައިގެން ނިކުތްއިރު އޭނާގެ ތުންފަތްމަތީ ލުއި ހިނިތުންވުމެއް ހުއްޓެވެ. މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރު ފެނެއެވެ. އޭނާގެ ޕްލޭން ކާމިޔާބު ވީތީއެވެ. އޭނާ ކޮޓަރިން ދަމުން ފޯން ބާއްވާފައި ދިޔައީ ގަސްތުގައެވެ. ނަޢުމާ ފޯނުން ދެއްކި ހުރިހާ ވާހަކަތަކެއް މިހާރު ހުންނާނީ އެ ފޯނަށް ރެކޯޑް ވެފައެވެ. އޭނާގެ ބޭނުމަކީ ރިކޯޑްކުރި ވާހަކަތައް ނިޝްވާއަށް އިއްވުމެވެ. އޭރުން ނިޝްވާއަށް ޖެހޭނީ އޭނަ ދައްކާ ވާހަކަތައް ޤަބޫލްކުރާށެވެ. އަރީކާ ކޮޓަރިން ނިކުމެ ފުރަތަމަވެސް ބެލީ ނިޝްވާ އުޅޭތޯއެވެ.
“..ކޮކީ ކޮބާ ކުޑާ..” ނިޝްވާ ކޮޓަރީގައި ނެތުމުން ސިޓިންގ ރޫމް ސޯފާގައި ކާޓޫން ބަލަން އިން ޝާން ކައިރީ އަރީކާ އެހިއެވެ.
“..ކުޑާ އިޝާންބޭބި އެކު ބޭރުގަ..” ޝާން ޖަވާބުގައި ބުނެލިއެވެ.
އަރީކާ ބޭރު ދޮރުހުޅުވާ ބަލާލިއެވެ. ފެންނަން ނެތުމުން ދެން ބެލީ ބޭރަށްދާއިރު އަރާ ފައިވާން ހުރިތޯއެވެ. ފައިވާން ހަރުގަނޑުމަތީ ހުއްޓެވެ. އެހެންކަމުން އޭނާއަށް ޔަޤީންކުރެވުނީ ނިޝްވާ ވާނީ ޓެރަސްގައި ކަމުގައެވެ.
“..އަހަރެން މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް މެރީ ކޮށްގެން އިޝާންމެން ގެޔަށް ބަދަލުވާން..” ނިޝްވާ ވާހަކަ ދައްކަމުން ދިޔައީ އިޝާން އާއެވެ. ދެމީހުންތިބީ ޓެރަސްގެ ވަށައިގެންވާ ފާރުމަތިން އަޅާފައިވާ އެލްމުނިއަމް ހޮޅިމަތީ ބާއްވާލާގެން ދެމީހުންގެ ކުރިމަތިން ފެންނަ އިމާރާތްތަކަށް ނަޒަރު ސީދާކޮށްލާގެންނެވެ. “..ބައެއް ފަހަރު ހިތަށް އަރާ އަހަރުމެންނަށް ކާވެނި ކުރެވޭނެ ބާއޭވެސް..”
“..ކީއްވެ ތިހެން ތިބުނީ.. ކަމެއް ދިމާވީތަ؟..” އިޝާންއަށް ލިބުނު ހައިރާންކަމެއްގެ ސަބަބުން ނިޝްވާއާ ދިމާލަށް ބަލާލަމުން އަވަހަށް އަހާލެވުނެވެ.
“..ނޭގެ މިހާރަކަށް އައިސް ހުންނަނީ ހިތް ނުތަނަވަސްވެފަ..ބިރުގެންފަ.. ހުވަފެނުގަވެސް ފެނިއްޖެ އަހަންރެމެން ދެމީހުން ވަކިވަނިކޮށް..” އިޝާން ލިބުނު ހައިރާންކަން ފިލާގޮސް ހިނިތުންވެވުނެވެ.
“..އިރާދަކުރެއްވިއްޔާ އަހަރުމެން ދެމީހުންވެސް މަރު ދުވަހާހަމައަށްވެސް އެކީގަ އުޅޭނީ.. އަންނަމަހު ސަޅި ޑޭޓްއެއް ހަމަޖައްސާނީ މެރީކުރަން ދޯ..” އިޝާން ހީލަމުން ނިޝްވާއަށް ދޯ ދިނެވެ. ނިޝްވާ އުފާވެފައި އަވަހަށް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
“..ނިޝް މާބޮޑަށް ދޮންތަ ކަންތަކާ ވިސްނާތީއޭ ތިހެންތިވަނީ..”އިޝާން ބުންޏެވެ. “.. މިހާރު ދޮންތަ ކިހިނެއް.. އަދިވެސް އެހެންތަ؟..” ދޮންތަގެ ވާހަކަ ފެށުމާއެކު ނިޝްވާގެ މޫނުމަތީ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
“..ނޭގެ..” ނިޝްވާ ދިނީ ކުރު ޖަވާބެކެވެ.
“..ކަމޯން..ނިޝް.. މޫޑު ހަރާބުކޮށްނުލާބަ..” ނަޢުމާގެ ވާހަކަދެއްކުމުން ނިޝްވާގެ މޫނުގެ ކުލަވަރު ބަދަލުވިކަން އިޝާންއަށް ފާހަގަވެގެން ނިޝްވާ އަތުގައި ހިފާލިއެވެ. “..އަދިވެސް ކުރީގެ ގޮތްތަ ހަމަ..”
“..ދޮންތަބޭއަށް އެނގުންފަހުން ގެއިން ބޭރަކަށް ނުނިކުމޭ..” ނިޝްވާ ބުންޏެވެ. އިޝާން ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
“..ރަނގަޅު ވެއްޖެޔާ ރަނގަޅުތާ ދޯ..”
“..ހީވޭތަ ރަނގަޅުވާނެހެން.. ރަނގަޅުވާނެ ނަމަ މިއޮއް އޮތްހާ ދުވަހު ރަނގަޅުވީހެއްނުން..އަހަރެން އުމުރުން ވީހާ ދުވަހެއް މިވީ އޭނަ ކައިރީ އުޅި…އަހަރެން މީ އެއްބަނޑު އެއްބަފާ ކޮއްކޮ..މީހެއްދެކެ ލޯބި ވަންޏާ މަދެކެ ދޯ އެންމެ ބޮޑަށް ލޯބިވެވިފަ އޮންނާނީ…” ނިޝްވާގެ އަޑު ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުންނެވެ. “..މަ ރުޅި އައިސް އެއްޗެހި ކިޔާ ހުރިހާ ގުޅުމެއް ކަނޑާލީމަ އިސްލާހުނުވި މީހެއް.. ދޮންތަބޭ އެގޮތަށް ކަންތައް ކުރަންފެށީމަ އިސްލާހުވާނެތަ.. މަދެކެ ނުގަތް ލަދެއް ބިރެއް ދޮންތަބޭ ދެކެ ގަންނާނެތަ.. މަށަށް ހީވަނީ އެންމެ ފަހުން ވަރިވެގެން އެ ގޮތެއް ފޮތެއްނެތް އިޙްސާނާ ..” ނިޝްވާ އަޑު ބާރުވުމުން އިޝާން ނިޝްވާގެ އަތަށް ބާރަށް ފިތާލުމާއެކު ނިޝްވާގެ އަޑު ކެނޑުނެވެ. ދެމީހުން ދެމީހުންނަށް ބަލާލުމާއެކު ހަތަރު ކަޅި ސީދާވިއެވެ. އެޔާ އެކު ނިޝްވާގެ ލޮލުގައި އަދަންފެށި އަލިފާންގަނޑު ނިވުނެވެ.
“..އެހެންވެ އަހަރެން ބޭނުމީ އިޝާން އާ ވީހާވެސް އަވަހަށް މެރީކޮށްގެން މިގެއިން ދާން..” ނިޝްވާ މަޑުމަޑުން ބުނެލިއެވެ.
“..އިރާދަކުރެއްވިއްޔާ ތިދުވަސް ވަރައަވަހަށް އަންނާނެ..” އިޝާން ގަޔާލާ ނިޝްވާ ބޮނޑިކޮށްލިއެވެ. “..އަހަރެންވެސް ހީކުރީ ދޮންތަ ޗޭންޖްވާނެ ކަމަށް ނިޝް އެގޮތަށް ކަންތައްކުރަން ފެށީމަ..”
“..ދޮންތައަށް ޗޭންޖް ނުވެވުނީ އިޙްސާންގެ ސަބަބުން..” އިވިގެން ދިޔައީ އަރީކާގެ އަޑެވެ. ނިޝްވާ އިޝާންގެ އަތުތެރެއިން ވީއްލިގަތެވެ. ދެމީހުން އެކީ އަރީކާ އާ ދިމާލަށް ބަލާލިއެވެ. “..އިޙްސާން ދޮންތައަށް މަޖުބޫރުކުރަނީ އެގޮތަށް ކަންތައް ކުރުމަށް..”
ނިޝްވާގެ މޫނު މައްޗަށް ވެރިވީ ފޫހިކަމާއެކު އަރީކާއަށް ފުރަގަސްދެވުނެވެ.
“..ނިޝް އަހަރެން ދައްކާވާހަކަތައް އަޑުއަހާބަލަ…”
“..އަރީ ޕްލީޒް..” ނިޝްވާ އަރީކާ ދައްކާ ވާހަކަ އަޑުއަހާކަށް ބޭނުމެއް ނުވިއެވެ. “..ތި ސްޓޯރީތައް އަޑުއަހާކަށް ބޭނުމެއްނޫން..”
“.. ނިޝް އަރީ ދައްކަން އުޅޭ ވާހަކައެއް އަޑުއަހާބަލަ އިހަށް..” އިޝާން ހުރީ އަރީކާ އެހެން އެބުނި ސަބަބެއް އަޑުއަހަން ބޭނުންވެފައެވެ.
“..އޭނާ އެއުޅެނީ މޮޅު ސްޓޯރީއެއް އިއްވަން ވެގެން..” ނިޝްވާ ބުންޏެވެ. “..ދޮންތަ ރަނގަޅު ކަމަށް ފެންނަނީ އަރީއަށް އެކަނި..”
“..އަހަރެން ނުބުނަމޭ ދޮންތަ ރަނގަޅެކޭ..އަހަރެން މިބުނާ ވާހަކަޔަކީ ދޮންތަ ކުރާ ކަމެއް ކުރަނީ މަޖުބޫރުންނޭ.. އިޙްސާން ދޮންތަ ބްލެކްމެއިލް ކުރަނީ އޭ..” އަރީކާ އޭނާ ބުނަން އުޅޭ ވާހަކަ އޮޅުން ފިލުވައިދިނެވެ. އިޝާންއަށް އެވާހަކަތަކަކީ އާ ވާހަކަތަކެއް ކަމުން އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. ނަމަވެސް ނިޝްވާގެ ފޫހިކަންވީ އިތުރެވެ. އިޙްސާން އެގެޔަށް ވަންރޭ، އެގެޔަށް ވަނީ ކާކުކަން ނޭގޭ ކަމަށްބުނެ އަރީކާ ދޮގުހެދިކަން އެގުންފަހުން ނިޝްވާ އަރީކާއަށް ކުރަމުން އައި އިތުބާރު ވަނީ ގެއްލިފައެވެ.
“..މޮޅު ވާހަކަ ދައްކާނެކަމެއް ނެތް..އޭނަ ބްލެކްމެއިލް ކުރާނަމަ ނުބުނެ ހުންނަންވީ ކީއްވެ..ދޮންތަބޭ އަށް އެނގުނީމަ ނޫނީ އަހަންނަށް އެނގުނީމަ އެއްޗެހިކިޔާ، ގުޅުން ކަނޑާލާ ހެދި އިރުވެސް އެހެން ނުބުނަންވީ ކީއްވެ..” ނިޝްވާ އެތަނުން ދިޔުމަށް ހިނގައިގަތެވެ.
“..ނިޝް މަޑުކޮށްބަލަ..” އިޝާންވެސް ނިޝްވާ ފަހަތުން ހިނގައިގަންނަމުން ބުންޏެވެ. އަރީކާ އަވަސްއަވަހަށް ފޯނުން އޭނާ ރިކޯޑް ކުރި ކޯލް ޕްލޭ ކޮށްލިއެވެ.
“..ކަލޭ ކޯއްޗެއް ބޭނުންވެގެން މިހާރު ތި ގުޅަނީ..” އިވިގެން ދިޔަ ނަޢުމާގެ އަޑަށް ނިޝްވާ އާއި އިޝާންއަށް ހުއްޓެވުނެވެ.
“..ކަލޭ ތިބޭނުންވާ އެކައްޗެއްވެސް ދެނެއް ނުލިބޭނެ..ކަލޭކައިރީ ކިތަށްފަހަރު ބުނަންވީ.. ލަދެއްނުގަނޭނުން ހުރިހާކަމެއް އެނގުނީމަވެސް މަށަށްގުޅަން.. ކަލޭ ހަދާނެ އެއްޗެއް ހަދާ..” އިވިގެން ދަނީ ނަޢުމާ ރުޅިއައިސް ކޮންމެސް މީހަކާ ދިމާލަށް އެއްޗެހިކިޔާއަޑެވެ. އިޝާން އާއި ނިޝްވާ ހައިރާންވެފައި ހުރެ އެވާހަކަތައް އަޑުއަހަމުން ދިޔައެވެ. އިވިގެންދާ ކޮންމެ އަޑެއްދަނީ އެދެމީހުންގެ ހައިރާންކަން އިތުރުކުރަމުންނެވެ. ނަޢުމާ ވާހަކައެއް ބުނެލާފައި ދެންއިވިގެންދަނީ ވައި އަޑުތަކެކެވެ. އަނެއްކާވެސް އިވެނީ ނަޢުމާގެ ރުޅިވެރި ބަސްތަކެވެ. އެހެންކަމުން ނިޝްވާއަށް އަދި އިޝާންއަށް ވެސް އެއީ ފޯނުން މީހަކާ ވާހަކަދައްކަނިކޮށް ރިކޯޑްކޮށްފައިވާ އެއްޗެއްކަން އެނގުނެވެ.
“..ހެވޭ ވަރިކޮށްލިޔަސް..ކަލޭ ކައިރިއަށް ދެނެއް މަށެއް ނުދާނަން.. ލައްކަ ދުވަހު މަ ބުލެކްމެއިލްކޮށްގެން ގެންގުޅެވިއްޖެއްނުން.. ދެން ކޮންމެ ގޮތަކަށް ކަންތައްވިޔަސް މަށެއް ނުދާނަން.. އަޑު އިވިއްޖެތަ..” ބްލެކްމެއިލް ކުރާ ވާހަކަ އަޑުއިވުމުން ދެމީހުން ދެމީހުނަށް ބަލާލަމުން ލޯ ބޮޑުކޮށްލެވުނީ ހައިރާންވިލެއް ބޮޑުކަމުންނެވެ.
“..ވަޓް..” އިޝާންއަށް ބުނެވުނެވެ.
“..މިއީ ދެންމެ ދޮންތައަށް އިޙްސާން ކުރި ފޯން ކޯލެއް..އަހަރެން އެކޮޓަރީ ހުއްޓާ އިޙްސާންގުޅީ.. ފޯން ޑްރެސިން ޓޭބަލްމަތީ އޮއްވާ ގުޅީމަ އަހަންނަށް ނަންބަރު ފެނުނީމަ އެނގުނީ އޭނަކަން އެހެންވެ ފޯން ރެކޯޑަށް ޖައްސާފަ އަހަރެންނިކުތީ އެތަނުން..” އަރީކާ ނިޝްވާމެން ކައިރިއަށް ގޮސް ބުންޏެވެ. “..ނިޝް ޕްލީޒް ޓްރަސްޓް މީ.. އަހަރެން މި ހަދަނީ ދޮގެއްނޫން..އެކަން ޔަޤީންކޮށްދޭން މިކަން މިކުރީވެސް..އިޙްސާން ވަންރޭވެސް އެވާހަކަތައްވެސް ނިޝްއަށް ކިޔާދޭން އަހަރެން ހުރީ..އެކަމް ފަހުން ދޮންތަ އެވާހަކަތައް ނުކިޔުމަށް އެދުނީމަ ނުބުނީ..އަހަރެން އެއްވެސް މީހެއްކައިރީ ނުބުނަން ނިންމީ އަހަރެންނަކީ ގޭގަ ގެންގުޅޭ ކުއްޖެއްވީމަ އަހަރެންނަށް އަހަރެންގެ ހައިޘިއްޔަތު ވިސްނޭތީ.. ދެންފަހުން ނިޝްއަށް އެކަން އެނގުންކަން އެގުނީމަ ހުރިހާ ވާހަކަތަކެއް ކިޔާދޭން އުޅުނީމަވެސް ނިޝް އަޑު ނާހާ ބުނީމެއްނުން ދޮންތަ ދިފާޢުކޮށްފަ އެއްވެސް ވާހަކައެއް ނުދައްކާށޭ އެހެންވެ އަޅާނުލީ..” ނިޝްވާއަށް އަރީކާގެ ވާހަކަތައް ޤަބޫލްކުރެވުނެވެ.
“.. ބްލެކް މެއިލް ކުރަނީ ކޮންކަމަކަށްކަން އެނގޭތަ..” ނިޝްވާ އެހިއެވެ.
“..ނޭގެ ކޮންކަމަކަށް ކަމެއް..ދޮންތަ ބުނީ މަޖުބޫރޭ ކީއްވޭތޯ ނާހާށޭ..” އަރީކާ އޭނާއަށް އިނގޭވަރަށް ހުރިހާވާހަކަތަކެއް އޮޅުންފިލުވައިދެމުން ދިޔައެވެ. “..އިޙްސާން މިގެޔަށް ވަންރޭ ވެސް އަހަންނަށް ހޭލެވިގެން ނިކުތްއިރު ދޮންތަގައިގަ ބައްދާގަނެގެން އުޅެނީ ދޮންތަ އުޅެނީ އޭނަ ކިބައިން މިންޖު ނުވެގެން.. ދޮންތަ ރޯންވެސް ރުއި..ދެން އަހަރެން ޕޮލިހަށް ގުޅަން އުޅުނީމަ ހިފެހެއްޓީ.. ބުނި ނުގުޅާށޭ.. ދެން އިޙްސާން އައިސް އަހަރެންނާ ދިމާލަށް ބުނަނީ ތިކަހަލަ ކަމެއް ކޮށްފިޔާ ބޭޒާރުވާނީވެސް ކަލޭގެ ދޮންތައޭ..ކަލޭ ތިހީކުރާކަހަލަ މާތް އަންހެނެއް ނޫނޭ ..ދޮންތަ ކޮންމެސް ކަމެއްކޮށްގެން އުޅެނީ އެކަމުގެ ސަބަބުން ބިރުދައްކާގެން ދޮންތަ ލައްވާ އެކަން ކުރުވަމުން އެދަނީ..” ނިޝްވާ އަރީކާ ދެއްކި ވާހަކަތައް އަޑު ނޭހުނީތީ މާފަށް އެދުނެވެ. މިހާރު އޭނާގެ މޫނު މަތިން ފެންނަނީ މާޔޫސްކަމެވެ.
“..އަހަރެން ތިކަން ހޯދަފާނަން..” ނިޝްވާ އަރީކާ އަތުން ފޯން އަތުލަމުން ހިނގައިގަތެވެ. ދެވަނަ ސިކުންތުގައި އަރީކާ ގޮސް ނިޝްވާ ހިފެހެއްޓަމުން ފޯން އަތުލިއެވެ.
“..މި ދޮންތައަށް އިއްވާގެން ހަޤީޤަތް ހޯދި ދާނެހެން ހީވަނީތަ..؟ އަރީކާ ބުންޏެވެ. “..ދޮންތަ ނުބުނާނެ..ދޮންތައަށް އިންޒާރު ދީފަ އޮންނަނީ އެވާހަކަތައް ނުދެއްކުމެއް..”
“..ތެދެއް އަރީ އެބުނީ..ދޮންތަގެ ފޮޓޯ އެއް ނޫނީ ވީޑިއޯ އެއް ނޫނީ އެހެންވެސް އެއްޗެއް އޮތީކަންނޭގެ އިޙްސާން އަތުގަ..” އިޝާން އޭނާއަށް ހީވާ ހީވުމަށް ބިނާކޮށް ބުނެލިއެވެ “..އެހެންވެ އެޔެއް ލީކް ކޮށްލަފާނެތީ..ފަޅާއަރުވާލަފާނެތީ ކަންނޭގެ އެކަކަށްވެސް ހަޤީޤަތް ހާމަ ނުކުރަން އެއުޅެނީ..”
“..ވެދާނެނުން ދޮންތަބޭ އަށް ގެއްލުމެއްދޭން ބުނެގެން އުޅެނީކަމަށް..” ނިޝްވާ ބުންޏެވެ.
“..ތި ވިސްނަނީ މާ ނެރޯކޮށް..” އިޝާން ވިސްނައިދޭކަހަލަ ރާގެއްގައި ބުންޏެވެ. “..ނިޝް ތިބުނި ގޮތަށްވާނަމަ ދޮންތަ އެވާހަކައެއް ބުނާނެކަން ޔަޤީން.. ދޮންތަ ދޮންތަގެ ކަމެއް ސިއްރުކުރަން އުޅޭތީ އެވާހަކަތައް ސިއްރުކޮށްގެން އެއުޅެނީ..އަނެއްކާ އިޙްސާންވެސް ބުނިކަމަށް އެބުނީ ދޮންތަ ބޭޒާރުވާނެ ވާހަކަ..އަދި ބުނަން ދޮންތަ ބޭޒާރުވާނޭ އިޙްސާން ބުންޔަސް އެކަމަކީ ދޮންތަ ވިޔާނުދާކަމުން ވެފަ އޮތްކަމަކަށް އަހަރުމެން ވިސްނާގެން ނުވާނެ.. ވިސްނަންވާނީ ޕޮޒިޓިވްކޮށް.. ކިތަންމެ ބަޔަކަށް ފާޑު ފާޑުގެ އެއްޗެހި ބޯންދީ ހަމައިން ނައްޓުވާލައިގެން އެކަހަލަ މަޅީގަ ޖައްސާފަ އެބަހުރި..”
އަރީކާއަށް އާއި ނިޝްވާއަށްވެސް އިޝާން ދެއްކިވާހަކަތައް ޤަބޫލްކުރެވުނެވެ. އެކަމް އެމީހުންނަށް ބުލެކްމެއިލް ކުރަނީ ސީދާ ކޮންކަހަލަކަމަކަށްކަން ބުނާކަށް ނޭގުނެވެ. ތިންމީހުން ގޮނޑިތަކުގައި އިށީދެގެން ތިބެ ދެން ހަދާނެގޮތަކާމެދު މަޝްވަރާކުރަމުން ދިޔައެވެ. ދޮންތަބޭއަށް އެވާހަކަތައް އިއްވުމަށްވެސް ހިޔާލުދިނެވެ. ނަމަވެސް އެކަންކޮށްގެންވެސް ދޮންތަބޭ ޤަބޫލްނުކުރާނެކަން އެނގޭތީ އެހިޔާލް ދޫކޮށްލީއެވެ. އެހެނީ އެ އޯޑިއޯގައި އިވެނީ ހަމައެކަނި ނަޢުމާގެ އަޑެވެ. އަދިއެހެންމެ ނަޢުމާގެ އުޅުން އަރީކާ އާއި ނިޝްވާ ސިއްރުކޮށްފައިވާކަން ދޮންތަބޭއަށް އެނގުނު ދުވަހު ދޮންތަބޭ ވަނީ އެދެމީހުން ދެކެވެސް ހިތްހަމަނުޖެހި ރުޅިއައިސްފައެވެ. އޭގެ ފަހުން އެމީހުންނާވެސް މާބޮޑު ގުޅުމެއް ނޯވެއެވެ. އެހެންކަމުން އެމީހުން އޯޑިއޯ އިއްވިއަސް ދޮންތަ ދިފާޢު ކުރަން ހަދައިގެން އުޅޭ އެއްޗެއްކަމުގައިވެސް ބުނެދާނެއެވެ.
“..އިޙްސާންއަށް ގުޅާބަލަ..” އަރީކާ ވިސްނުމެއްގައި އިނދެފައި ބުންޏެވެ.
“..އެއީ ކީއްކުރަން..” އިޝާން އާއި ނިޝްވާ އެކުއެކީ ކަހަލަގޮތަކަށް އަހާލިއެވެ.
“..އޭނާގެ ކޯލް ރެކޯޑް ކުރަން..” އަރީކާ އޮޅުންފިލުވައިދިނެވެ. “..ރެކޯޑްކޮށްފަ ދޮންތަބޭ އަށް އިއްވާނީ..ފަހަރުގަ އޭނަ ބްލެކްމެއިލް ކުރީ ކޮންކަމަކަށް ކަންވެސް ބުނެދާނެ..އެއީ ދޮންތަ އޭނަ އެދުމަށް ފުރަގަސް ދިނީމަ.. އޭނަ ބޭނުންވާނީ ދޮންތަގެ އެކަމެއް ހާމަކުރަން..އެހެންވެއްޖެޔާ ކިތަންމެހާވެސް ރަނގަޅު..”
އަރީކާ ހިޔާލަށް އެންމެންވެސް ތާޢީދުކޮށް އެއްބަސްވެވުނީ އެކޯލް ނިޝްވާ ކުރުމަށެވެ. ނިޝްވާވެސް ދޮންތަގެ ދިރިއުޅުން ހަމަޔަކަށް އަޅުވައި ދިނުމުގެ ބޭނުމުގައި އެކަމާ އެއްބަސްވެ އިޙްސާންއަށް ގުޅިއެވެ. އިޙްސާންއަށް ގުޅުމުން އޭނާ ނަޢުމާ ޔޫސް ކުރަމުންދިޔައީ ބްލެކްމެއިލްކޮށްގެން ކަމަށް އެއްބަސްވިއެވެ. ފޯން ހުރީ ލައުޑް ސްޕީކާއަށް ލާފައެވެ. އެންމެންނަށް ހައިރާންކަމެއް ލިބުނީ އެހާ ފަސޭހައިން އެއްބަސްވީތީއެވެ. އަދި އެހެންމެ ހިތްހަމަވެސް ޖެހުންވެސް ލިބުނުމެއެވެ. އެއީ ފޯން ކޯލް ރިކޯޑް ކުރެވެމުންދާތީއެވެ. އިޝާން އިނީ ނިޝްވާގެ އަތާ އަތް ޖޯޑްކޮށްލާގެންނެވެ. އެކަމުގެ ސަބަބުން ނިޝްވާއަށް އިތުރު ހިތްވަރު ލިބެމުން ދިޔައެވެ. އެހެންކަމުން އޭނާ ވާހަކަ ދައްކަމުން ދިޔައީވެސް ކޮންމެސްވަރަކަށް ހަމަޖެހިލައިގެން އިނދެއެވެ. ނިޝްވާ ދެން ބޭނުންވީ ދޮންތަ ބޭޒާރުވާންޖެހޭނެ ކަމަށްބުނި ސަބަބެއް ހޯދާށެވެ. އިޙްސާންދޭނެ ޖަވާބެއް ނެގޭތީ ތެޅިތެޅި އޮތް ހިތަކާއެކު އެސުވާލުކުރިއެވެ. އެންމެންގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ހިތް ބާރު ބާރަށް ތެޅެންފެށިއެވެ.
“..ހެހެހެ..” އިޙްސާން ޖަހާލީ ހިނިގަނޑެކެވެ. “..ނަޢުމާ ބޭޒާރުވާންޖެހޭ ސަބަބު ހާމަކުރީމަ ބަދަލުގަ މަށަށް ލިބޭނީ ކޯއްޗެއް..”
“..ބުނެ ބުނޭ ކިހާވަރެއް ބޭނުންވަނީ..” ނިޝްވާ އަވަސްއަހަށް ބުނެލިއެވެ. “..ބޭނުންވަރެއް ދޭނަން..”
“..މަ ބޭނުމެއް ނޫން ރުފިޔާއެއް..” އިޙްސާން ބުންޏެވެ. “..މަށަށް ރުފިޔާ އަކީ ބިންމަތީ މިހުންނަ ވެލިފަދަ އެއްޗެއް..”
“..ދެން ކޯއްޗެއް ބޭނުންވަނީ..” އިޙްސާން ދޭނެ ޖަވާބެއް ނޭގޭ ހާލުގައި އިނދެ ނިޝްވާ އެހިއެވެ.
“..އަ ވޮންނަ ހޭވް ސެކްސް ވިތު ޔޫ..” އިވިގެންދިޔަ އަޑުގެ ސަބަބުން އިޝާންއަށް ނިޝްވާއަތަށް ބާރަށް ފިތާލެވުނެވެ. ހައިރާންވެފަ އިން ނިޝްވާއަށް އަވަސްއަވަހަށް ފޯނު ކަނޑާލުމަށްޓަކައި ފިތްތަކަށް އޮއްބާލިއެވެ. އިޝާން ގޮނޑިން ތެދުވެގެން ގޮސް އެލްމުނިއަމް ހޮޅިމަތީ އަތުން ބާރަށްޖެހިއެވެ. އޭނާއަށް އިޙްސާންގެ އެޖުމްލަ އިވުމުން ރުޅި ގަދަ ވީއެވެ. ނިޝްވާ ފަހަތުން ގޮސް އަތްބާއްވާލިއެވެ.
“..ހުންނަ ގޮތް ކުޑަކަން..” އިޝާން ދަތްކުނޑި ވިކައިގަތެވެ. އިޝާން ހަމަޔަކަށް އެޅުނީ އިރުގަނޑެއްފަހުންނެވެ.
ތިންމީހުންނަށް ނަޢުމާ ބްލެކްމެއިލް ކުރަމުންދިޔަ ސަބަބު ނޭގުނަސް ތިބީ ހިތްހަމަޖެހިފައެވެ. މިހާރުދެން ދޮންތަބޭއަށް އިޙްސާންގެ ނުބައިކަން ހާމަކޮށްދެވޭނެތީއެވެ. ދޮންތަ ކުރި ކަމެއްކުރީ މަޖުބޫރުންކަމުގައި ޔަޤީންކޮށްދެވޭނެއެވެ. އެހެނީ އިޙްސާންގެ ފޯން ކޯލާއި، އަރީކާ ރިކޯޑްކުރި ކޯލް އެކަމުގެ ހެއްކަކަށް ފުދޭނެއެވެ. ނަމަވެސް އެހިތްހަމަޖެހުން އޮތީ ކުޑަ ހިނދުކޮޅަކަށެވެ. އެމީހުން ރެކޯޑް ކުރި ކޯލު ފޯނުން ނުފެނުމުން މާޔޫސްވެ ކަރު އެލުވާލަންޖެހުނެވެ. ފޯން ކަނޑާލަން އުޅުމުގެ ތެރޭގައި ނިޝްވާ އަތުން އެ ކޯލްވަނީ ޑިލީޓްވެފައެވެ.
“..އިފް ޔޫ ވޯންޓް ދެޓް މެސެޖް މީ..އެކަން ވެއްޖެނަމަ ނިޝްވާގެ ދޮންތަ ބޭޒާރު ވާންޖެހޭ ސަބަބު ހެތްކާއެކީ ނިޝްވާއަށް ބުނެދޭނަން..” ނިޝްވާ ފޯނަށް އިޙްސާން ފޮނުވި މެސެޖް އެންމެނަށް އިވޭވަރަށް ކިޔާދިނެވެ.
“..ދެން ކިހިނެއް ހަދާނީވެސް..” ނިޝްވާ ކަންބޮޑުވިއެވެ. “..އަލުން ގުޅާފަ އެވާހަކަތައް ދައްކާފިޔާ ޝައްކުވެސް ވެދާނެ..”
ދެންވެރިވެގެންދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. އެންމެންވެސް މޮޅު ބުއްދިއެއް އާދޭތޯ ވިސްނަމުންދިޔައެވެ.
“..މެސެޖް ހިމް އެންޑް ޓެލް ދެޓް ޔޫ އާ ރެޑީ..” އިޝާން ކުއްލިއަކަށް ބުންޏެވެ. އަރީކާ އަށާއި ނިޝްވާއަށް ލިބުނީ ހައިރާންކަމެވެ.
“..އޭރުންނޯ..” ނިޝްވާ އިޝާންއާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. “..ކިހިނެއް ހަދަން ތިއުޅެނީ..”
އިޝާން އޭނާ ކަންތައްކުރަން ވިސްނުނުގޮތް ކިޔާދިނެވެ. އިޝާންގެ ވާހަކަތައް އިވުމުން ނިޝްވާގެ ހިތުގައި ނޭގޭ ބިރުވެރިކަމެއް ހިތުގައި އުފެދެންފެށިއެވެ. އެހެންކަމުން އޭނާ ފާޅުގައި އެކަމާ ދެކޮޅުހެދިއެވެ.
“..ނިޝް..އެގޮތަށް ކަންތައްކުރީމަ ދުވަހަކުވެސް ދެން އޭނަ އުނދަގުލެއް ނުޖެހޭނެ..އަދި ދޮންތަ ބޭޒާރުވާންޖެހޭ ސަބަބެއްވެސް އެނގޭނެ..” އަރީކާ އިޝާންއާ އެއްބައިވެލަމުން ބުންޏެވެ.
“..އަހަރެން ބިރުގަންނަނީ ތިކަމުން އަހަރުމެންނަށް ގެއްލުމެއްލިބިދާނެތީ..” ނިޝްވާ ހުރީ ނުތަވަސްވެފައެވެ. “..އޭނަ ޕޮލިހުންނަށް ރިޕޯޓްކޮށް އިޝާން އަހަރެންނާ ވަކިކޮށްލަފާނެ..އަހަރެން ބިރުގަނޭ..”
“..ޓްރަސްޓް މީ..އަހަރެން ނިޝްއާ ވަކިވާންޖެހޭވަރު ކަމެއް ވިޔަކަނުދޭނަން..” އިޝާން ޔަޤީންކަންދިނެވެ. ނިޝްވާ އިޝާންއަށް އިތުބާރުކޮށްފައި އެކަމާ އެއްބަސްވީ އިތުރުގޮތެއް ނެތުމުންނެވެ. ދޮންތަގެ ކުށެއް އޮތަސް ނެތަސް އެހެން ހެދުމުން އެނގިގެންދާނެތީއެވެ.
ނިޝްވާ ދެފިކުރެއްގައި ހުރެ އިޙްސާންއަށް މެސެޖްކުރިއެވެ. ދާންވީތަނަކާ ގަޑިއެއް ބުނުމަށް އެދިފައެވެ. އަދި އޭނާ އެކަންކުރުމުން އެކަން ސިއްރެއް ގޮތުގައި ބާއްވަދިނުމަށާއި، ދޮންތައަށް ދުވަހެއްގެ ކޮޅުންވެސް އުނދަގޫކޮށްގެން ނުވާނެކަމަށް ޝަރުތުކޮށްފައެވެ. އަދި ފުރަތަމަ ޖެހޭނީ ދޮންތަ ބޭޒާރުވާންޖެހޭ ސަބަބު ބުނެދީ ހެކިތަކާއެކު އޭނާއަށް ދޭންކަމަށާއި، އިޙްސާންގެ ބޭނުންފުދޭނީ އެޔަށްފަހު ކަމުގައި މެސެޖްގައި ލިޔުނެވެ.
ކޮޓަރީގައި އޮށޯވެލައިގެން އޮތް އިޙްސާން މެސެޖް ކިޔާ ނިމުނުއިރު އޭނާގެ ތުންފަތްމަތިން ފާޅުވާންހުރީ ނުލަފާ ހިނިތުންވުމެކެވެ. މަންމަ އާއި ބައްޕަ މާލޭގައި ނެތުމުން އޭނާ ބޭނުންވީ ނިޝްވާ އެގެޔަށް ގެންނާށެވެ. ހެވިފައި އޮވެ ނިޝްވާގެ މެސެޖަށް ރިޕްލައިކޮށްލިއިރު އޭނާދިޔައީ ކަންތައްކުރާނެގޮތް ސިކުނޑީގައި ރާވާލަމުންނެވެ. “..ނަޢުމާ އުޅުނުގޮތަށް ދެންޖެހޭނީ ނިޝްވާއަށް އުޅެން..” އިޙްސާން ބާރަށް ހެމުން ހަޅޭލަވަމުން އެދުން ތެދުވިޔެވެ. ހީވަނީ ބޮޑު އުފަލެއްލިބިގެން އުޅޭހެންނެވެ. އިޙްސާން ހެމުން ހެމުން ގޮސް ކޮޓަރީގައި ހުރި އަލަމާރިއެއްގެ ތެރެއިން ކެމެރާއެއް ނެގިއެވެ. އަދި އަލަމާރި ތެރޭގައިވާ ކުޑަކުޑަ ވަތްގަނޑެއް ހުޅުވާލުމަށްފަހު އޭގެތެރެއިން އޭފޯ ސައިޒް ބޮޑު ސިޓީއުރައަކާއި، ކުޑަކުޑަ ބޭސް ފުޅިއެއް ނެގިއެވެ. ދެން އޭނާ އެއެއްޗެހި ހިފައިގެން ނިކުތީ ސިޓިންގ ރޫމްއަށެވެ.
އިޙްސާން އައިސް އަލަމާރިން ކޯކް ފުޅިއެއް ނެގުމަށްފަހު ގޮސް ސިޓިންގ ރޫމްގައި ހުރި ބޮޑު ސޯފާއެއްގައި އިށީނެވެ. އަތުގައި ހުރި އެއްޗެހިތައް ކުރިމަތީހުރި ބިއްލޫރި ބޭޒުމަތީ ބެހެއްޓިއެވެ. އަދި އެއްމިޔަކަނުން ހީލަ ހީލާ އިނދެ ކޯކް ފުޅިއަށް ބޭސް ފުޅިން އެތިކޮޅެއް އަޅާލައި ތަޅުވާލިއެވެ.
“..މަށަކާ ނުކުޅެވޭނެ..މަ ކަމަކަށް އެދޭނީވެސް.. އެއްބަސްވާނީވެސް… ކުރާނީވެސް ވަރަށް ވިސްނާފަ..” އިޙްސާން އެއްއަތުން ކޯކުފުޅި ހިފައިގެންއިނދެ މޭޒުމަތީ އޮތް ސިޓީއުރަ އަނެއްއަތުން ނެގިއެވެ. އަދި ފަހަރަކު އެއްޗަކަށް ބަލަމުން ފަޚުރުވެރިކަމާއެކު ވާހަކަ ދައްކަމުން ދިޔައެވެ. “..ފުރަތަމަ ވެލްކަމް ޑްރިންކް..ދެން ސީކްރެޓް އެންޑް ދެން އަހަރެންގެ ބޭނުން..ނިޝްވާ ޤަބޫލަސް ނުޤަބޫލަސް އެކަންވާނެ..”
****************
އިރުއޮއްސި އަނދިރިވީތަނާ ވައިގަދަވެ މުޅި އުދަރެސް އެކީ ކަޅު ވިލާތަކުން ފުރާލިއެވެ. އިރުއިރުކޮޅާ ޖަހާލާ ބާރު ގުގުރީގެ އަޑުން ސިހުންގެނުވަންފެށިއެވެ. ވިދާލާ ވިދުވަރުން އުޑުމަތި އަލިވެގެންދާއިރު ހީވަނީ ދެންމެ ދެންމެ ވާރޭވެސް ވެހިގެންފާނެހެންނެވެ. މީހުންތައް އަވަސް ހިނގުމުގައި ކޮޅު ކޮޅުމައްޗަށް ހިނގަމުންދިޔައީ ވާރޭ ވެހެންފެށުމުގެ ކުރިން ގެޔަށް ވަދެވޭތޯއެވެ. މިފަދަ ރެޔެއްގައި އިޝާންއާއި ނިޝްވާ ސައިކަލުގައި ދުއްވަމުން ދިޔައީ އިޙްސާން ގެޔަށްދިޔުމަށްޓަކައެވެ. ސައިކަލު ވަށިގަނޑުގައި ހުދުކުލައިގެ ކޮތަޅެއްގައި ކަޅުކުލައިގެ ފޮތި މާސްކްތަކެއް ހުރިއިރު، އޭގެ ތެރޭގައި ވަޅިއެއްވެސް އޮތެވެ. އޭރު ގަޑިން 6:30 ހެވެ. އިޙްސާން ބުނެފައިވަނީ 06:45 ކަށް އައުމަށެވެ. ނިޝްވާ އިނީ ނުތަނަވަސްވެ ބިރުގެންފައެވެ. ހިތްއަވަސްވެ ބާރު ބާރަށް ތެޅެމުންދިޔައެވެ. އެމީހުން ރޭވިގޮތަށް ކަންތައްނުވެދާނެތީއެވެ. ނަމަވެސް އިޝާން އިނީ ވަރަށް ހަމަޖެހިފައެވެ. އޭނާއަށް އޭނާގެ ޕްލޭން ކާމިޔާބުވާނޭކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮތްކަހަލައެވެ. އެމީހުންގެ ފަހަތުން ސައިކަލެއްގައި އިތުރު ދެމީހަކުވެސް ދުއްވަމުން ދިޔައެވެ. އެއީ އެދެމީހުންގެ ރައްޓެހި ދެކުއްޖެކެވެ. ޝައިފަން އާއި ރީހާންއެވެ.
އެމީހުން ސައިކަލްގައި ގޮސް މަޑުކޮށްލީ އިޙްސާންގެ ގެ ކަމުގައިވާ ގ.ޝައިން ކުރިމައްޗަށެވެ. އެއީ ޒަމާނީ ފެންވަރަށް ހަދާލާފައިވާ 10 ބުރީގެ ޢިމާރާތެކެވެ. ސައިކަލް ޕާކްކޮށްލާފައި އެންމެންނަށް ސައިކަލުން ފޭބުނީ ހަމަ ކިރިޔާއެވެ. ވާރޭ ވެހިގެންފިއެވެ. ހަތަރު މީހުން ހިޔާވުމަށްޓަކައި ދުވެފައި ގޮސް 30 ހަކަށް ފޫޓް ދުރުގައި ހުރި ކުޑަކުޑަ ފިހާރަޔަށް ވަނެވެ. ފިހާރަޔަށްވަދެ ހަމަޖެހިލިތަނާ ހަނދާންވީ އެމީހުން ގެނައި ކޮތަޅު ބާއްވާފައި އާދެވުނުކަމެވެ. އެހެންކަމުން ނިޝްވާ ކައިރީ ބުނެލާފައި ކޮތަޅު ބަލައި އިޝާން ނުކުތީ ބޭރަށެވެ.
އިޝާން ބޭރަށް ނުކުތްތާ 15 މިނިޓް ފާއިތުވެގެން ދިޔައިރުވެސް އޭނާގެ ހަބަރެއް ނުވިއެވެ. އޭރުވެސް ވާރޭ ވެހެމުން ދިޔައެވެ. ނިޝްވާ އިޝާން ފެނޭތޯ ބޭރުވެސް ދެތިން ފަހަރަކު ބަލާލިއެވެ. މަގަކީ އިތުރު ފިހާރައެއްވެސް ހުރި މަގެއް ނޫނެވެ. އަސްކެންޏެއް ދަށުގައިވެސް ހިޔާވުމަށް މީހަކު ނެތެވެ. ނިޝްވާ ކަންބޮޑުވާން ފެށިއެވެ.
“..އިޝަންޓޭ މަޑުކޮށްގެން ހުރީ ކަންނޭގެ އެކޮޅުމަގުގަ..” ނިޝްވާ ކަންބޮޑުވެގެން އުޅޭތީ ރީހާން ބުންޏެވެ.
“..ކީއްވެ ދެން ފޯނު ނުނަގަންވީ..” ނިޝްވާ އިޝާންގެ ފޯނަށްވެސް އެތަށްފަހަރަކު ގުޅިއެވެ. ޖަވާބެއް ނުދެއެވެ.
އިޙްސާން އެގެޔަށް އައުމަށް އެދުނު ގަޑި ފާއިތުވެގެން ގޮސް 06:55 ވެގެން ދިޔައިރުވެސް އިޝާންގެ ހަބަރެއް ނުވުމުން ތިން މީހުން އެކީ ފިހާރައިން ނިކުތެވެ. ޝައިފަން އާއި ރީހާން ނިޝްވާކައިރީ މަޑުކުރުމަށް ބުނެފައި ސައިކަލްތައް ޕާކްކޮށްފައި ހުރި ދިމާލަށް ދުއްވާގަތެވެ. އޭރުވެސް ވެހެންފެށި ވާރެޔަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ދޮރުމަތީ ހުރި ނިޝްވާއަށް އިޙްސާންމެންގޭ ދޮރުމަތީ އޮތް ކޮތަޅެއް ފެނުނީ އެވަގުތުއެވެ. އެގެޔަށް ވަންނަދޮރު ހުރީ ކޮންމެސް ވަރަކަށް ހުޅުވިފައެވެ. ނިޝްވާ ވާރޭ ތެރޭ ދުވެފައި މަގު ހުރަސްކުރީ އެއީ އިޝާން ބަލާދިޔަ ކޮތަޅުހެން ހީވުމުންނެވެ. ކޮތަޅު ނަގާ ބަލާލިއިރު އެއީ ހަމަ އެކޮތަޅެވެ. އެތެރޭގައި ތިންމާސްކް އޮތްއިރު ވަޅިއެއް ނެތެވެ. ދެލޯ ތަންމިނަށް ހުޅުވި މޭމަތީ އަތް އަޅާލެވުނެވެ. ނިޝްވާ މަގުގެ ދެކޮޅުބަލާލިއެވެ. އޭރު ޝައިފަން އާއި ރީހާން ދުވެފައިގޮސް ޖެހިގެން އޮތް ގޯޅިއަޅަނީއެވެ. އިތުރު އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ނިޝްވާ ބަލާކަށް ނުހުރެ އިޙްސާން މެން ގޭ ތެރެއަށް ވަދެއްޖެއެވެ. އިޙްސާން މެން އުޅޭ އިމާރާތަށް ދެވޭނީ ހަނި ހަނި ގޯޅިއަކުން ލާފައެވެ. ބޭރު ދޮރާ އިމާރާތާއި ދެމެދު 40 ފޫޓް ދުރުމިނެއް ހުއްޓެވެ. ގޯޅީގެ ދެފަރާތުގައި ޕޮޓްތަކުގައި ތަފާތު މާގަސްތައް އިންދާފައި ހުއްޓެވެ. ގޯޅި ފެށޭހިސާބުގައި ކަޅު އަނދިރިކަންވާއިރު، ނިމޭ ހިސާބުގައި ކޮންމެސްވަރެއްގެ އަލިކަމެއް ހުއްޓެވެ. އެއީ އިމާރާތަށް ވަންނަން ހުރި ދޮރު ހުވާފައިހުރުމުގެ ސަބަބުން އެތެރޭން ބޭރަށް އެޅިފައިވާ އަލިކަމެކެވެ. ނިޝްވާ ތެޅިތެޅި އޮތް ހިތަކާއެކު ހިނގަމުން ގޮސް އިމާރާތުގެ އެތެރެއަށް ވަނެވެ. އޭރު އޭނާ ވަނީ ރަނގަޅަށްވެސް ތެމިފައެވެ. ތުރުތުރުވެސް ލަޔެވެ. ސިޓިންގ ރޫމް ތެރެޔަށް ނަޒަރު ހިންގާލިއެވެ. ހަމައެޔާއެކު އޭނާއަށް ބާރަށް ހަޅޭލަވައި ގަނެވުނީ ލެއިން ތަތްތެޅިފައިވާ އޮތް އިޙްސާން ފެނުމުންނެވެ. އޭނާ އުއްޑުން ޓައިލްމަތީ ހަރަކާތެއް ނެތިފައި އޮތްއިރު އޭނާގެ ބަނޑަށްވަނީ ވަޅިއެއް ހަރާލާފައެވެ. ދެލޯ ތަންމިނަށް ހުޅުވާފައިވާއިރު އޭނާ ލައިގެންއޮތް ވިލު ނޫކުލައިގެ ޓީޝާޓާއި ހުދު ޖީންސް ވެސް ވަނީ ލެއިން ތަތްތެޅިފައެވެ. ސިޓިން ރޫމް ތެރޭގައި ވަނީ ލޭގެ ކޯރެއް ހައްދާލާފައެވެ. ނިޝްވާގެ ހަޅޭކުގެ އަޑަށް އިޙްސާންކައިރީ ދެކަކޫ ޖަހާގެން އިން އިޝާންއަށް ކުއްލި ސިހުމެއްލިބުނެވެ. އޭނާ ފަހަތްބަލާލަމުން ކޮޅަށް ތެދުވިއެވެ. އޭރު އޭނާ ލައިގެން ހުރި ޓީޝާޓާއި ޖިންސްގައިވެސް ލޭހޭކިފައި ހުރިއިރު އަތުގައި އޮތް ސިޓީ އުރައިގެ އެއްކަން އޮތީ ލެއިން ފޯވެފައެވެ. އިޝާންގެ ނިތްކުރިމަތިން ފަޅައިގެން ގޮސްފައި ހުރިއިރު އެތަނުން ލޭގެ ކޯރެއްހެން ލޭފައިބެފައި ހުއްޓެވެ. ނިޝްވާ މޫނުމަތީ އަތްއަޅާގެން ހުރެ ހަޅޭލަވަމުން ދިޔައެވެ.
“..ނިޝް ހަމަޖެހި ބަލަ.. ހުރިހާކަމެއް އިނގިއްޖެޔޭ..” އިޝާން ބާރަށް ބުނެލިއެވެ. ނިޝްވާގެ އަޑު ވަގުތުން ކެނޑުނެވެ.
“..ހުރިހާކަމެއް އެނގުނީމަވީތަ؟ ” ނިޝްވާ ވާހަކަދައްކަމުން ދިޔައިރު އަޑުގައި ތުރުތުރު ލުމެއް ހުއްޓެވެ. “..ތީތަ ރޭވި މޮޅު ޕްލޭނަކީ..” އިޝާން އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު ނިޝްވާ އެތަނުން ނުކުންނަން ދުއްވާގަތެވެ. އިޝާން ފަހަތުން ގޮސް ގޯޅީގެ މެދަކާ ހިސާބުން ނިޝްވާގެ އަތުގައި ހިފެހެއްޓިއެވެ. އޭރު ވަނީ ވާރޭ ހުއްޓާލާފައެވެ.
“..ދޮންތަ އެއީ ރަނގަޅު މީހެއްނޫން..” އިޝާން ބުނެލިއެވެ. ނިޝްވާއަށް އިޝާން ކިޔާ އެއްޗަކާމެދު ވިސްނައެއް ނުލެވުނެވެ. އެޔަށްވުރެ ބޮޑަށް އޭނާ ހުރީ ދެރަވެ ބިރުވެސް ގެންފައެވެ.
“..މަހީނުކުރަމޭ އިޝާން ތިފަދަ ކަމެއް ކޮށްފާނެކަމަކަށް..” އިޝާންގެ އަތް ފޮޅުވާލުމަށް ފަހު އަނެއްކާވެސް ނިޝްވާ ދުއްވާގަތެވެ. އިޝާން ހުރި ފިޔަވަޅުމަތީ ހުރީއެވެ. ދެން އިވިގެން ދިޔައީ ނިޝްވާގެ ހަޅޭކުގެ އަޑެވެ. އެއަޑާ އެކުވެގެން އިތުރު މީހެއްގެ ހަޅޭކުގެ އަޑަކާއި ސައިކަލެއް ކަހާލާގެން ދިޔަކަހަލަ އަޑެއްވެސް އިޝާންއަށް އިވުނެވެ. އިޝާން ދުވެފައި މަގުމައްޗަށް ނުކުތެވެ.
“..ނިޝްވާ..” އިޝާންއަށް އަޑުގެ ނެތްތަނަށް ގޮވާލެވުނީ ވެއްޓިފައި އޮތް ސައިކަލެއް ކުރިމަތީ އޮތް ނިޝްވާފެނުމުންނެވެ. ސައިކަލު ދަށުވެފައި ފިރިހެން ކުއްޖަކުވެސް އޮތެވެ. އޭރު ކޮޅުކޮޅުމަތިން މީހުންތައް ޖަމާވަމުން ދިޔައެވެ. (ނުނިމޭ)
6 Comments
Comments are closed.
ނިޝްވާރރރރރ…… ކީއްތިކުރީ؟ ……. ވެއިޓިންގް ޓު ނޯ ދަ ހޯލް ޓްރޫތް ……. އެންޑް ވާހަކަ ވަރަށް ރީތި…….. 🙂
ޝުކުރިއްޔާ ޒައި 🙂
ގަބޫލު ކުރަށް ދަތިވާގޮތަށް ވާހަކަ ގެންނައްޗެ.ވ ރީތި
ޔާ ޝުއަރ.. ފާތުން..ތޭންކްސް
މިބައި ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ ސަޅި…….. އިޙްސާން މަރާލީ އިޝާން އެއް ނޫން ދީ ނިޝާން……
ވވވވވވވވވވވވވސަޅި