ކަނޑުފެން (ފަސްވަނަ ބައި) KanduFen (P-5)
ޒީކްގެ އަތް އުފުލާލީ އެ ފޮތިގަނޑުގެ ނިވަލުގައިވާ މީހާއާއި ހަމައަށް ވާސިލްވުމަށެވެ. ފޮތިގަނޑުން ކަޝްފުވެފައިވާ އެ ޒުވާނާ ދެކިލުމުގެ އުންމީދުގައެވެ. އެގެއާއި ދިމާލަށް އެޅި ދެ ތިން ފިޔަވަޅު ހުއްޓުނީ އަތަކުން އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. އިހްސާސްވީ ފިނިކަމެވެ.
ބޭއިޚްތިޔާރުގައި ޒީކްގެ އަތް ކޮނޑާއި ހަމައަށް ނެގުމަށްފަހު ކޮނޑުމަތީގައި އަޅާފައިވާ އަތުގެ މަތީ ބާއްވާލީ ބިރުން ހުރެއެވެ. އަތަށް ލިބުނު ފިނިކަމުން ޒީކްގެ ކަނދުރާގައިވާ ލޯލިތައް ކޮޅަށް ޖެހި މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ފަސްއެނބުރެވުނީ ހަށިގަނޑަށް ކުރަމުންދިޔަ ބުނެދޭން ނޭނގޭ އިހްސާސްތަކެއްގެ ސަބަބުންނެވެ. ދެ ބުމަ ދޭތެރެއަށް ރޫގިނަކޮށްލަމުން ހަނިކޮށްގެން ހުރި ލޮލުން އެ އަތްތިލައިގެ ވެރިޔާއަށް ބަލާލީ ޖެހިލުންވެހުރެއެވެ.
“ހިނގާ ދާން އަވަހަށް….. ވަރަށް ބަނޑުހައި…” ވެފައި ހުރި ބަނޑުހައި ހޫނު ކަމުން މަޒީން ވާހަކަ ދެއްކީ އެއް އަތުން އޭނާގެ ބަނޑުގައި ފިރުމަމުންނެވެ. މަޒީނަށް ބަލާލުމަށްފަހު އަނބުރާ އެގެއަށް ޒީކްް ބަލާލިއެވެ. މަޒީނަށް އެ މަންޒަރު ދައްކާލުމަށް އެގެއާ ދިމާލަށް އަތުގެ އިނގިލިން އިޝާރާތް ކުރަމުންނެވެ. ނަމަވެސް މިހާރު އެތަނުގައި އެ ފޮތިގަނޑު ފެންނާކަށް ނެތެވެ. ލިބުނު ހައިރާންކަމުން ނިތަށް ރޫ އަރުވާލުމަށްފަހު ތުންފަތް ޗޭކޮށްގެން ހުރެ މަޒީނާއި އެކީ ޓެންޓުތަކާ ދިމާލަށް ޒީކް މިސްރާބު ޖެހިއެވެ.
ލުއި ހިނިތުން ވުމަކާއި އެކީ މަޒީން ފަހަތުން ދިޔައިރު ޒީކަށް ފާހަގަ ކުރެވެމުން އައީ މަޒީންގެ ފިރިހެން ވަންތަ އެ ހަށިގަނޑުގެ ފުރިހަމަ ކަމެވެ. ވަޅުން ފެންއެޅުމުގެ ސަބަބުން މަޒީން ލައިގެންހުރި ޓީޝާޓް ވަނީ ހަށިގަނޑުގައި ތަތްލާފައެވެ. އެ ވަގުތު ހިތަށް ވެރިވަމުން އައީ ކުޑަ ހިނދުކޮޅެއް ކުރިން މަޒީންގެ ފިނި މަޑު އަތްތިލައިން ޒީކްގެ ކޮނޑުގައި ހިފާލުމުން އިހްސާސްކުރެވުނު ގޮތްނޭނގޭ ޖަޒްބާތެވެ. ފުރާވަރުގެ ޒީކަށް ކުރަމުން މިދާ އިހްސާސްތަކަކީ ދުވަހަކުވެސް އޭނާ ތަޖުރިބާ ކޮށްފައިވާ ކަމެއް ނޫނެވެ. ނަމަވެސް ޒީކްގެ ހިތުން މަޒީނަށް ހާއްސަ މަގާމެއް ދެވެމުން ދިޔަކަން ފާހަގަވިއެވެ.
ޓެންޓު ކައިރިއަށް ދެވުމުން މަޒީން ފޯނަށް ބަލާލިއެވެ. އޭރު ގަޑިން އިރުއޮއްސި ހައެއް ޖެހީއެވެ. އެންމެން މައިލޯ ޕެކެޓްތަކާއި ބިސްކޯދާއި ކޭކު ކެއުމުގައި އުޅުނެވެ. އޭރު ހުރިހާ އެންމެންވެސް ތިބީ ތެތް ހެދުން ބަދަލުކޮށްގެންނެވެ.
ކޮންމެ ދެ މީހަކަށް ޓެންޓެއް ދެވިފައިވާ އިރު ޒީކާއި އެކީ ޓެންޓުގެ ބައިވެރިޔަކީ ތޫބާއެވެ. ދަބަހުން ޓީޝާޓަކާއި ސޯޓުބުރިއެއް ނެގުމަށް ފަހު ތޫބާއަށް ގޮވާލިއެވެ. ޓެންޓު ތެރެއަށް ތޫބާ ބޯ ދިއްކޮށްލުމުން ހެދުން ބަދަލުކޮށްލަން ދެން ޓެންޓު ތެރޭ މަޑުކޮށްލުމަށް ޒީކް އެދުނެވެ.
ހެދުން ބަދަލުކޮށްލުމަށްފަހު ބޮލުގައި ފުނާ އަޅާލިއެވެ. އިސްތަށިގަނޑު ހިއްކާލުމަށް ނިއުޅުވާލައިގެން ނުކުތީ ތެތްހެދުން ހިފައިގެންނެވެ. އެ ވަގުތު ޓެންޓުގެ ބިއްދޮށުގައި ދަމާފައިވާ ރޯނު ތޫބާ ދައްކާލިއެވެ. ދަތުރުގެ އެހެން ބައިވެރިންގެ ހެދުންތައް އެރޯނުގައި ހިއްކަން އަޅުވާފައި ހުއްޓެވެ. ޒީކްގެ ހެދުން ރޯނުގައި އަޅުވަން ދިޔަ ވަގުތު އެ ރޯނުގައި އަޅުވައިފައިވާ މަޑު ނޫކުލައިގެ ޝޯލް ފެނުމުން އެއާ ދިމާލަށް ދެވުނެވެ.
ވައިގެތެރޭގައި ޝޯލް ހަރަކާތްވާ މަންޒަރު ފެނުމުން ހަނދާނަށް އައީ އެ ފަޅުގެ ކައިރިން ފެނުނު ހުދު ފޮތިގަނޑެވެ. އެ ފޮތިގަނޑު ވަޔާ ވިހުރެމުން ދިޔަ އިރު ފަހަތުގައި ކޮންމެވެސް މީހަކު ހުރިހެން ހީވި ހީވުމެވެ. އެ ހީވުމުގެ ތެރެއަށް ގެނބިގެން ދެވުނެވެ. ކޮނޑުގައި ހިފާލި ފިނި އަތްތިލައެވެ.
ސިހިފައި ފަހަތަށް ބަލާލެވުނީ ޒީކްގެ ކޮނޑުގައި މީހަކު ހިފާލުމުންނެވެ. “ކޮން ޚިޔާލެއްގަ؟…” މަޒީންވެސް އޭނާގެ ހެދުން ހިފައިގެން ރޯނުގައި އަޅުވަން އައިސް ހުއްޓެވެ. “ކަމެއް ނުވޭ….” ގުދުވެލާފަ ފައިގެ ކަށިމަތި އަތުގެ ނިޔަފަތިތަކުން ކަހާލަމުން ޒީކް ބުންޏެވެ.
“މަދިރި ހަފަނީ ދޯ…..” މަޒީން މިހެން ބުނުމުން ޒީކް ބޯ ޖަހާލިއެވެ.
އިރު އޮއްސި މުޅިރަށުތެރެއަށް އަނދިރިވެއްޖެއެވެ. ހެދުން ހިއްކަން އެޅުވުމަށްފަހު މަޒީނާއި ވިޝާލް އަލިފާންގަނޑު ރޯކޮށްލިއެވެ. އެންމެން އެ އަލިފާންގަނޑު ކައިރީ އިށީނދެގެން ތިބީ އެކި ކަހަލަ މަޖާ ވަހާކަތައް ދެއްކުމުގައެވެ. ތޫބާ ގާތުގައި އިށީނދެގެން ޒީކް އިނީ މައިލޯ ޕެކެޓެއް ބޯށެވެ. ވިޝާލް އައިސް އެމީހުން ގާތު އިށީނދެ ތޫބާގެ އުނގުގައި ބޯ އަޅާލިއެވެ.
“މިހާރު މަދިރިއެއް ނުހަފާނެ…. އޯކޭދޯ….” ވަރުބަލި ކަންމަތީ އޮވެ ވިޝާލް އެހެން ބުނެލީ ތޫބާގެ ކޮލުގައި ހިފާލަމުންނެވެ.
“ތި އައީ މަދިރިއަށް ބިރު ދައްކާާފަތަ؟….” ޒީކް މިހެން ބުނެލީ ސަމާސާ ކޮށްލާށެވެ.
“އާން… ތި ހެދި އެއްޗެއް ހެދީ މަޒީން… ޒީކްގެ މަދިރިފައިގަ މަދިރި ހަފާތީޔޯލަ…” ވިޝާލް މިހެން ބުނި އިރު އެހިސާބަށް މަޒީނަށް އާދެވިއްޖެއެވެ. ޒީކަށް އެ ވަގުތު މަޒީނާއި ދިމާލަށް ބަލާލެވުނެވެ. މަޒީނަށްވެސް އެ ވަގުތު ހުރެވުނީ ޒީކާއި ދިމާލަށް ބަލާށެވެ.
އިންތަނުން ތެދުވެ ޓެންޓުތަކުގެ ބިއްދޮށާ ދިމާލަށް ޒީކް ހިނގައިގަތެވެ. މަޒީންވެސް ޒީކްގެ ފަހަތުން އެހިސާބަށް ދިޔައެވެ. “ކޮންކަހަލަ ކިޔެވެއްޔެއް ކިޔެވީ އެދުރުބޭ….” ހިނގައިފައި ޒީކާ އެއްހަމަޔަކަށް މަޒީން އައުމުން މަޒީންގެ ކޮނޑުގައި ޖަހާލަމުން ޒީކް އަހާލިއެވެ.
“ހެހެހެ… ކިޔެވެއްޔެއް ނުކިޔަވަން…. މަދިރި މަދުވާނެ އަލިފާންގަނޑު ޖަހާލީމަ…. އެހެންވެ އަވަހަށް އަލިފާންގަނޑު ޖަހާލީ….” މަޒީން ހެދިގޮތް ޒީކަށް ހާމަކުރިއެވެ.
“އަސްލުވެސްތަ؟…. މަދިރި ހާދަ ގިނައޭދޯ…. މިރަށުން ދާންވާއިރަށް ހުންގަނޑެއް ނުޖެހިއްޖިއްޔާ ރަނގަޅު….” މައިލޯ ޕެކެޓް ތުނބުގައި ޖަހައިގެން އިނދެ ވާހަކަ ދައްކަމުން ޒީކް ގޮސް ހުއްޓުނީ ހޭޅިފަށުގައި ހުރި ގަސްތަކުގެ ކައިރިއަށެވެ.
މައިލޯޕެކެޓް ހުސްވެ އަޑުލައްވާލެވޭ ވަރަށް ހޮޅިން ދަމާލުމަށް ފަހު ގަސްތަކުގެ ތެރެއަށް ޕެކެޓް އެއްލާލިއެވެ. އަދި ފަސްއެނބުރި މަޒީނަށް ކުރިމަތިލިއެވެ. އެ ވަގުތު ޒީކްގެ ފުރަގަހުން އިސްތަށިގަނޑުގައި ހޫނު ވައިރޯޅިއެއް ބީހިލިކަން އިހުސާސްވުމުން ހަށިގަނޑަށް ތުރުތުރެއް ލައްވާލުމަށްފަހު އެނބުރި ގަސްތަކާ ދިމާލަށް ބަލާލީ ބިރުވެރި ސިގުނަލެއް ދޭން އުޅޭކަން އިހްސާސް ވުމުންނެވެ.
ޒީކްގެ ހަރަކާތަށް އައި ބަދަލު ފާހަގަވުމުން މަޒީން ވާހަކަ ދައްކަން ފެއްޓިއެވެ. “ކިހިނެއްވީ ޒީކް؟…. ކީއްވެ މާ ފާޑަކަށް ރަށުތެރެއަށް ތިބަލަނީ؟” މަޒީން ދައްކަމުން ދިޔަ ވާހަކަ ޒީކަށް އަޑުނީވޭ ކަހަލައެވެ. މަޑު ހިނގުމެއްގައި ގަސްތަކުގެ ތެރެއަށް ހިނގައިގަތެވެ. ޒީކް ހިފެހެއްޓުމަށް މަޒީން އޭނާގެ އަތުގައި ހިފާލިއެވެ.
އެވަގުތު އިވިގެންދިޔައީ ގަދަ އަޑުފައްގަނޑެކެވެ. ދެމީހުން ސިހުމުގެ ސަބަބުން ހަމަ ބިމުން ފައި ކެނޑުނެވެ. މަޒީންގެ ޓީޝާޓުގައި ހިފައިގެން ޒީކްގެ މޫނު މަޒީންގެ މޭތެރެއަށް ފިއްތާ ބާރުކޮށްގެން ހުރެ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ދިޔައެވެ. މަޒީންވެސް ހުރީ ބިރުން ގުޑާލަންވެސް ނޭނގިފައެވެ. ބާރުކޮށް ފިއްތައިގެން ހުރި ދެލޯ ހުޅުވާލުމަށްފަހު ގަސްތަކުތެރޭގައިވާ އަނދިރިކަމުގެ ތެރެއަށް މަޒީން ބަލާލީ ޖެހިލުންވެ ހުރެއެވެ. އޭރުވެސް ޒީކް ހަލުވިކަމާއި އެކު ތުންތަޅުވަމުން ދިޔައީ ފާތިޙާ ސޫރަތް ކިޔެވުމުގައެވެ.
އަނެއްކާވެސް ގަސްތަކުގެ ތެރެއިން ހިލަމެއްވީހެން ހީވިއެވެ. ގޮފިކޮޅުތައް ބިންދައިގެން ދިޔަ ފާޑު އަޑެކެވެ. މަޒީން ޖެހިލުންވެ ހުރެ ބުނެލިއެވެ. “ކާކު؟…. ކާކު؟….”
ޒީކްގެ ކޮނޑުގައި ހިފާ ދުރަށް ޖައްސާލިއެވެ. ނަމަވެސް އެވަގުތު ޒީކް ހުރީ މަޒީނާއި ދުރަށް ދާ ކަހަލަ ގޮތަކަށް ނޫނެވެ. ފަސްއެނބުރި ޓެންޓުތަކާއި ދިމާލަށް ބަލާލި އިރު އަލިފާންގަނޑު ކައިރީ އެންމެން މަޖާކުރަން ތިބިތަން ފެނުނެވެ. ކާކުތޯ ބެލުމަށް މަޒީން ގަސްތަކުގެ ތެރެއަށް ހިނގައިގަންނަން އެނބުރުމުން މަޒީންގެ ޓީޝާޓުގައި ޒީކް އެލިގަތެވެ.
“ނޫން.. މަޒީން ހިނގާ މިތަނުން ދާން.. އެ ވާނީ ކޮންމެވެސް ހަންޑިއަކަށް…. އަހަރެމެން ނޫނަސް ރޫހާނީ އެއްޗިސްވެސް އުޅޭނޭ… ނުގޮވާތި…. ޕްލީޒް…”
އެގަސްތަކުގެ ނިވަލުގައި ވާ އެއްޗެއް ބަލަން ނުދާން ނިންމީ ޒީކަށް ވެފައި ހުރި ގޮތް ފެނި މަޒީނަށްވެސް އެއީ އެންމެ ރަނގަޅުގޮތް ނޫންކަން ހިތަށް އެރުމުންނެވެ. ޒީކްގެ ކޮނޑުގައި ހިފާ މަޒީންގެ ހަށިގަނޑާ ގާތްކޮށްލައިގެން ޓެންޓުތަކާއި ދިމާލަށް ދާން މިސްރާބު ޖެހިތަނާ ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށިއެވެ. މަޒީން ވައި އަޑުން ބުނެލިއެވެ. “ޒީ… ނަމަ ނަމަ ފަސްއެނބުރި ނުބަލާތި…. ހިނގާ އަވަހަށް ޓެންޓުތަކާއި ދިމާލަށް…”
ޒީކުގެ އަތުގެ ތެރެއަށް މަޒީންގެ އަތުގެ އިނގިލިތައް މަހާލުމާއި އެކީ ހިނގުން ބާރު ކޮށްލިއެވެ. އޭރުވެސް ފަހަތުން އެ ފިޔަވަޅުތަކުގެ އަޑު އެއް ހަމަޔަކަށް އިވިއިވި ހުއްޓެވެ. ޓެންޓުތަކުގެ ފަަހަތުގައި ދަމާފައިވާ ރޯނުގަނޑާ ހަމަވިއިރު އެހިސާބުގައި ތޫބާއާއި ވިޝާލް ވަރަށް ގާތްގޯޅިކޮށް ތިބިތަން ފެނުނެވެ.
ޒީކްގެ ހިތް ދިޔައީ ތެޅެމުންނެވެ. އަނގަ ހުޅުވާލުމަށްފަހު އަޑުގެ ނެތްތަނަށް ތޫބާއަށް ގޮވާލިއެވެ. “ތޫ…. ތޫބާ…”
ވިޝާލްގެ ހަށިގަނޑުގައި ބައްދާލައިގެން ހުރި ތޫބާއަށް އޭނާގެ ނަމުން ގޮވާލި އަޑު އިވުމުން ތެޅިގެންފައި އެ އަޑު އައި ދިމާލަށް ބަލާލިއެވެ. މަޒީނާއި ޒީކް ތެޅެމުން ފޮޅެމުން އެމީހުންނާއި ދިމާލަށް ދުވެފައި އަންނަ މަންޒަރު ފެނުނެވެ. ރޯނުގައި ހިއްކަން އަޅުވާފައި ހުރި ހެދުންތައް އެއްކައިރި ކުރަމުން ހެދުން ތަކުން ރެކެމުން އެމީހުން އައީ ބިރެއް ފެނިގެން ހެން ހީވިއެވެ. އެވަގުތު އެމީހުންގެ ފަހަތުން އަންނަ ބިޔަ ހިޔަނިގަނޑެއް ފާޑު އެއްޗެއް ތޫބާއަށް ފެނުނެވެ. ވިޝާލްގެ އަތުގައި ހިފައިގެން ތޫބާވެސް ދުއްވައިގަތެވެ. ޓެންޓުތަކުގެ ތެރެއަށް ހަތަރު މީހުންނަށް އާދެވުނީ ދާދި އެކުއެކީގައެވެ. ޝައްފަ އާ މިންނާއަށް މި ހަތަރު މީހުން ދުވެފައި އައި މަންޒަރު ފެނި އެމީހުން ގާތަށް ދިޔައެވެ. އޭރު ޒީކާއި މަޒީނަށް މާނޭވާލެވޭ ވަރުން ވާހަކައެއް ނުދެއްކެއެވެ. އަތުގެ އިޝާރާތުން ޓެންޓުގެ ބިއްދޮށް ފަރާތް ދައްކަމުން ދިޔައެވެ. މަޒީން އިނގިލިން އިޝާރާތް ކުރި ދިމާލަށް ދިޔުމަށް މިންނާ އެޅި ފިޔަވަޅު ހުއްޓުވީ ތޫބާއެވެ.
“ނޫން… ދާނެ ކަމެއް ނެތް… އެއީ ބޮޑު ފުރޭތައެއް…. މަ ދެކުނިން…. ދަމާފަ އެެހެރަ ރޯނަށްވުރެއް އުސް….” ވަރުބަލިވެފައިވާ ތޫބާ ވާހަކަ ދެއްކީ މާނޭވާލަމުން ތަން ތަންކޮޅަށް ހުއްޓަމުންނެވެ. ނަމަވެސް އެ ހަތަރު މީހުންގެ މޫނުމަތިންވެސް ބިރުގެންފައިވާ ކަމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ.
“އެހެންވީއިރު މިހާރު ކޮބާ؟….. ތީ… ތި މީހުން އަހަރެމެން ބިރު ގަންނުވަން ދައްކާ ފްލޯކު ވާހަކަ…. ނުހެއްދޭނެ ތިހާ ފަސޭހައިންނެއް…” ޝައްފަ ހިފަހައްޓަން ވިޝާލް އެއްލި އަތް ފޮޅާލުމަށްފަހު ޓެންޓުގެ ބިއްދޮށަށް ހިނގައިގަތެވެ. ދެންތިބި އެއްވެސް މީހަކަށް ޝައްފަގެ ފަހަތުން ދާކަށް ނުކެރުނެވެ. އެންމެ ފަހުން މިންނާ ޝައްފަގެ ފަސްފަހަތުން ހިނގައިގަތެވެ. ނުކެރި ހުރެއެވެ.
ދެމީހުންނަށް ރޯނުގަނޑާ އަރާ ހަމަވިތަނާ އިވުނީ ވަލުޖަނަވާރެއް ފާޑު އެއްޗެއް ރޮއިގަތް އަޑެވެ. ސިއްސައިގެން ގޮސް މިންނާއާއި ޝައްފަ ބިންމައްޗަށް ވެއްޓުނެވެ. އެ ދެމީހުންގެ ހަޅޭކުގެ އަޑުން މުޅި މާހައުލު ގުގުމައިގެން ދިޔައެވެ.
މަޒީނާއި ވިޝާލް އެއަޑު އައި ދިމާލަށް ދިޔައެވެ. ބިރުން ތެދުވަންވެސް ނޭނގި މިންނާއާއި ޝައްފަ ބިންމަތީގައި އޮތެވެ. އެ ދެމީހުން ނަގަން މަޒީންމެން ލެފިގަތެވެ. އެ ވަގުތު އިވުނީ އަނެއްކާވެސް އެ ޖަނަވާރުގެ އަޑެވެ. މިންނާއާއި ޝައްފަ ބިރުން މަޒީނާއި ވިޝާލްގެ ގައިގައި ބައްދައިގަތެވެ.
އެ ވަގުތު ރޯނުގައި ހުރި ހެދުންތަކުގެ ތެރެއިން ހެމުން ހެމުން ނުކުތީ ލީވާނާއި އީވާނެވެ. އެމީހުން އޭރު ހީހީ ގޮސް ހަލާކު ވަނީއެވެ. ލީވާންގެ އަތުގައިއޮތް އޭނާގެ ޓެބްލެޓުގެ ސްކްރީނަށް ފިތާލިއެވެ. އެ ވަގުތު އަނެއްކާވެސް އިވުނީ އެ ބިރުވެރި ޖަނަވާރުގެ ރުއިމުގެ އަޑެވެ.
ބަނޑުގައި އަތް އަޅައިގެން ހެމުންދިޔަ ލީވާން އިސްކޮޅަށް ދެމިލާ ހަށިގަނޑު ދަމާލުމަށްފަހު ފުން ނޭވާއެއްލާން އަނގަހުޅުވާލި ވަގުތު ހޫނު އެތިފަހަރެއް އޭނާގެ އަނގަމައްޗަށް އައެވެ. ވީތަދުން “އައްދޯއި…” އޭ ބުނުމަށްފަހު ބަލާލި އިރު މޫނާއިމޫނު ޖެހޭހާ ކައިރީގައި އެހެރީ ޒީކްއެވެ. އެވަގުތު ތޫބާއާއި ވިޝާލް އަދި މަޒީން އެއް އަޑަކުން ހޭންފެށިއެވެ.
“އަސްލުވެސް… ޔޫ ޑިސާރވް ދެޓް…” މިންނާ އޭނާގެ ހަށިގަނޑުގައިވާ ވެލިތައް ފޮޅަމުން ބުނެލިއެވެ.
“ބަލާބަލަ މިހިރަ ފުރޭތައެއް….” ލީވާންގެ ފަހަތަށް ވަދެ ފިލާއިން އީވާންގެ ކަންފަތުގައި ޒީކް ހިފާ އެންމެންގެ ތެރެއަށް ނެރުނެވެ. އޭރު އޭނަހުރީ ފަނުންނާއި އެކި ފާޑުފާޑުގެ ހިކިފަތް މުޅިގައިގައި އެތަން މިތަނުގައި ތަތްކޮށްފައެވެ. ބޮލުން ފެށިގެން ފައިގެ ބޮޑުވައި އިނގިއްޔާ ހަމަޔަށް ބަލާލިއަސް މުޅި މީހާގެ ގައިގައި ހުރީ ޗަކައާއި ކިސަޑެވެ. މުސްކުޅިން ބުނެއުޅޭފަދަ ބަބުރު ކުއްޖެކޭ ތަފާތެއް ނެތެވެ.
“އެކަމަކު މަށަށް ފެނުނީ ހާދަ ބިޔަ ބޮޑު ހަންޑިއެކޭ….” އީވާންގެ ބިރުވެރި ސޫރަޔަށް ބަލަންހުރެ އާގަމަކާފައިން ތޫބާ ބުނެލިއެވެ.
“ބޮޑުވާނެއްނު… އީވާން ހުރީ އަހަރެންގެ ކޮނޑު މައްޗަށް އަރައޭ….” ލީވާން މިހެން ބުނެލީ ކުރެވުނު މޮޅުކަން ހިތަށް އަރާ ވަރަށް ފަޚުރުވެރިވެ ހުރެއެވެ. ދެފަރާތަށް ބޯ ހޫރަމުން ޒީކް ޓެންޓުތަކާއި ދިމާލަށް ދިޔައީ ތުންގަނޑު ވިކަމުންނެވެ.
“ވަރަށް މަޖާވާނެ އަސްލު ހަންޑިއަކާ ދިމާވީމަ….” ޒީކް މިހެން ބުނުމުން ލީވާންގެ ހުނުން މަޑުކޮށްލިއެވެ.
“އެ މަންޖެ ވަރަށް ނައްޓާފަދޯ އެހުރީ…. އަސްލު މަޖަލަކަށް ކޮށްލިކަމެއް…..” ލީވާން ހުރީ ޒީކަށް ވެފައި ހުރިގޮތުން އެކަމާ ވަރަށް ދެރަވެފައެވެ.
ލީވާންގެ ކޮނޑުގައި އަތް އަޅުވާލައިގެން ޓެންޓުތަކާއި ދިމާލަށް ދަމުން މަޒީން ވާހަކަ ދެއްކިއެވެ. “އަސްލު ތިމީހުން ވަރަށް މޮޅު… ކިރިޔާ މަށަށް ހާޓް އެޓޭކެއް ނުޖެހުނީ…. އެކަމަކު ތިކަހަލަ ސަމާސާ ކަމުނުދާ ބައެއް މީހުންވެސް އުޅޭނެކަން ހަނދާން ބަހައްޓާތި….”
ޓެންޓު ތެރެއަށް ވަދެ ޒީކް އޭނާގެ ދަތުރު ތަންމަތި ފަތުރާލިއެވެ. އަދި ތަންމަތީގައި ބަންޑުން ޖައްސާލުމަށްފަހު ފޯނުން ‘ފޭސްބުކް’ އަށް ވަނެވެ. ހީވީ އޮންލައިން ނުވެގެން ހުރިހެންނެވެ. އެއްފަހަރާ ފަސް މީހަކު މެސެޖް ކުރަން ފެށިއެވެ. ޒީކް އެމީހުންނާ ވާހަކަ ދައްކަން ބޭނުންނުވާތީ ލޮގްއައުޓް ވާން ދިޔަ ދަނޑިވަޅުގައި ‘ފްރެންޑް ރިކުއެސްޓެއް’ އައިސްފައިވާ ތަން ފެނުމުން މަޑުޖެހިލިއެވެ. އެއީ ކާކުތޯ ބަލާލުމުގެ ޝައުޤުވެރިކަން އުފެދުނެވެ.
އެވަގުތު ޓެންޓު ތެރެއަށް ބޯދިއްކޮށްލީ ތޫބާއެވެ. “ހެއި ހިނގާ މަސްބާނަން ދާން….” ޒީކްގެ ތުންގަނޑު ދިގުކޮށްލައިގެން ހުރީ ފޫހިކަން ދައްކާފަދަ ގޮތަކަށެވެ. އެއަށްފަހު ތޫބާއަށް ޖަވާބު ދިނެވެ. “ނޫން ނުދާނަން… އައިލް ވެއިޓް”
“އެހެންވީއްޔާ ތޫވެސް މަޑު ކުރާނީ…” ޒީކް އެކަނި ބަހައްޓާފަ ދާން ބޭނުން ނުވާތީ ތޫބާ މަޑުކުރަން ގަސްތުކުރިއެވެ. “ނޯ… ޔޫ ގާއިސް އެންޖޯއި…. މަ އޮންނާނަން އެފްބީގަ….” ޒީކްގެ އުޒުރު ހާމަކުރުމުން ތޫބާ ސުވާލެއް ކޮށްލިއެވެ. “އަނެއްކާ ހިްތހަމަ ނުޖެހިފަތަ؟ ލީވާންމެން ވަރަށް ސަކަރާތް ބޮޑުވާނެ…. ޖަސްޓް އިގްނޯ ދެމް..” ތޫބާ މިހެން ބުނުމުން ޒީކް ލުއި ހިނިތުން ވުމަކާއި އެކީ ބޯ ޖަހާލިއެވެ. ތޫބާގެ ދަބަހުން އޭނާ ބޯ އައްސާނެ ވޫލް ކޮޅެއް ނަގައިގެން ބޯ އައްސަމުން ޓެންޓުތެރެއިން ނުކުމެގެން ދިޔައެވެ. އަވަހަށް ފޯނުގެ ސްކްރީނުން ލޮކު ހުޅުވާލުމަށްފަހު ފްރެންޑް ރިކުއެސްޓް ފޮނުވި ޒުވާނާ ބަލާލުމަށް ޒީކް އަވަސްވެގަތެވެ.
“މަޒް މަޒީން” ނަމުގައި ޖަހާފައި އިން މީހާގެ ޕްރޮފައިލް ހުޅުވާލުމުން އެއީ ދަތުރުއައިސް އުޅޭ މަޒީންކަން އެނގުނެވެ. އަވަހަށް އެ ފްރެންޑް ރިކުއެސްޓް އެކްސެޕްޓް ކޮށްލިއެވެ. ފޭސްބުކްއަށް މަޒީން ލާފަ ހުރި ފޮޓޯތައް ބަލާލުމަށް ޝައުގުވެރިވެ އެބައި ހުޅުވާލިއެވެ. އެވަގުތު ޒީކަށް ފޭސްބުކްއިން މެސެޖެއް އަތުވެއްޖެއެވެ. އަވަހަށް ޗެޓްލޮގް ހުޅުވާލިއެވެ. މަޒީންކަން އެނގުމުން އަވަހަށް އޭނައާ ޗެޓްކޮށް ވާހަކަ ދައްކަން ފެށިއެވެ.
މަޒީން: {ތޭންކްސް ފޯ… އެކްސެޕްޓިންގް… :)}
ޒީކް: {ވެލްކަމް…. 🙂 }
މަޒީން: {ހެއި…. 🙁 ރުޅިއައިސްފަތަ؟..}
ޒީކް: {އީވާން ވަރަށްފޫހި މީހެއް….}
މަޒީން: {ސްމައިލް… އެންމެން މަސްބާނަން ދާން އެ އުޅެނީ….}
ޒީކް: {މަ ނުދާނަން…. ވަރަށް ޓަޔަޑް…}
މަޒީން: {ސުވާލެއް ކޮއްްލަންތަ؟…}
ޒީކް: {ހޫން… އޯކޭ..}
މަޒީން: {ބީ.އެފް އެއް ހުރޭތަ… P: }
ޒީކް: {ހެހެހެ… ނޯ… ކިހިނެއްވީ… D: }
މަޒީން: {ބީއެފްއެއް ހުރެއްޖިއްޔާ… ހިތް ހަމަނުޖެހިދާނެ ކަހަލަ ކަމަކު ބުނަންވެގެން…}
ޒީކް: {އަނެއްކާ ކޮން ކަމަކު… އެމް ކިއުރިއަސް…}
މަޒީން: {ހިނގާބަލަ މަށާއެކީ ހިނގާލަން ދާން… އައިމް ޝުއަރ ޔޫ ވިލް ލަވް އިޓް…}
ޒީކް: {މްމްމްމް… މި ވިސްނަނީ…}
މަޒީން: {ކަމްއޯން… ޕްލީސް ސޭ ޔެސް… އެންމެން ހިނގައްޖެޔޭ… އިޓްސް އޮންލީ ޔޫ އެންޑް މީ…}
ޒީކް: {އޯކޭ ގިވްމީ 10 މިނިޓްސް… }
މަޒީން: {އޯކޭ… އިންތިޒާރުގައި… އެހާ ލަސްނުކުރައްޗޭ…..}
ފޯނުން ޑޭޓާ އޮފް ކޮށްލުމަށްފަހު ބެޓެރި ލޯ ވާތީ ޒީކްގެ ޕަވާރ ބޭންކާއި ފޯނު ގުޅާލިއެވެ. އަދި އަވަހަށް ދަބަސް ހާވާލީ ރީތިވެގެން ބޭރަށް ނިކުތުމަށެވެ. މިރޭ ލާނެ ރީތި ހެދުމެއް ނަގަމުން މަޒީނަށް ކަމުދާނެ ބާއޭ ހިތަށް އެރިއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.





Nice
Vvvv reethi
Interesting….. good luck shax…. vaahaka vv kamudhey….. 🙂
V reethi vaahaka good luck shax
Vaahaka reethi golheega ovegen kiyaaleema v foohi filaa. Avahah up kuraathi. Thanks.
golhy ga onna iru ves online kon vaahaka kiyeytha bro asluves vaahaka v salhi
salhi
hehehe… salhiyey salhiyey…
anehbbaige inthixaarugai….
Nice! Lahun up vaairuves haadha kurukoshey dhw thigenesdheny☹
Komme weekehggeves monday n thursday upload kurey…. evaruves lastha…. dhen vaahaka kuru vaahaka thi dhakkaneee… i dont get that…. baraabarah liyaa iru shukuruves nukurey… habeys story…. n am v happy vaahaka baraabah upload kuraathyves..
Wow vaahaka v v v salhi…keep it up shax♡♡ waiting for next part ♡♡♡
Thank Xu…. 🙂
Intresting.anehkaa mazeen ei kiyaafa handi noon tha zeek e gendhanee.waiting for next part..wen??
Salhi obi gobi
Cant wait for the next part sissy…. v v salhi…. well done… :* 🙂
v nice <3 u
thanks
<3 Anu
Anehbaa kon irakun
Shazleen ge ‘najaa’ vaahaka ah vure….mi vaahaka (kan’du fen)….maa reethi 🙂
I love this story♥♥♥
I m waitin 4 the nxt prt 🙂
Thank Aishoo… <3 <3 next part on Thursday
V busy schedule eh ga ulhemunves mi kiyany… v v v kamudhey vaahaka… 🙂