Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (ތޭވީސްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
October 8, 2024 8 Mins Read
10 Comments

ދެމީހުންގެ ގިސްލުމުގެ އަޑު ސިޓިން ރޫމުގައި ގުގުމާލުމާއެކު ޔަޒްދާންއާއި ޒަހިނާގެ ދެލޯވެސް ފެން ކަޅިވިއެވެ. ސޯފާގައި އިން އަންހެންމީހާ ތެދުވެގެން އައިސް މަންހަލްގެ ފަހަތުން ބައްދާލިއެވެ.

“ދޮންބެ.” ދެމީހުން ދުރުވެލުމާއެކު މަންހަލް ގޮވާލިއެވެ.

“މަންހަލް.” ފަހަތުގައި ހުރި ނަސްރާ އައިސް މަންހަލް ގައިގައި ބައްދާލިއެވެ.

“ކިިހިނެއް ދޮންބޭބެގެ ކުޑަދޫންޏާ؟ ކޮންތާކު މިހުރިހާ ދުވަހަކު ތިއުޅުނި؟” މަންހަލްގެ ބޮލުގައި ފިރުމާލަމުން ސުހައިލްއަށް ހުރިހާ ސުވާލުތަކެއް ކޮށްލެވުނީ އެއްފަހަރާއެވެ.

“ބައްޕައާއި ދޮންބެ ކޮބާ؟” ކަރުނަތަކުގެ ތެރެއިން މަންހަލްއަށްވެސް ސުވާލުކުރެވުނެވެ. ނަސްރާއާއި ސުހައިލް އެކަކު އަނެކަކަށް ބަލައިލިއެވެ.

“ބައްޕަ؟ ބައްޕައާއި ދޮންބެ ކޮބާ؟ ކީއްވެ ބައްޕަ ނުގެނައީ؟” ސުހައިލް އާއި ނަސްރާއަށް ބަލަމުން މަންހަލް ސުވާލުކުރިއެވެ. ދެމީހުންވެސް އިސްޖަހާލީއެވެ. “ދޮންބޭ. ދޮންބެދައްތާ؟ ބައްޕައާއި ނުހައިކް ދޮންބެ ކޮބައިހޭ؟”

“ސާހިލް.” ސުހައިލްގެ ލޮލުން އަނެއްކާވެސް ކަރުނަ ހިލުނެވެ. މަންހަލްއަށް ވިސްނުނީ އެންމެ ގޯސްކޮށެވެ. ދެލޯ ބޮޑުކޮށްލަމުން އޭނާ ކޮޅަށް ތެދުވިއެވެ.

“ސާހިލް. ރާއްޖެ ދޫކޮށް ދިޔައީ ނުހައިކް ގޮވައިގެން. މަންހަލް ގެއްލުނުތާ ހަފްތާއެއްވެސް ނުވާނެ. އޭގެފަހުން އޭނާގެ ހަބަރެއް ނުވޭ.” ސުހައިލްއަށް ކިޔައިދޭން އުނދަގޫވި ހިނދު ނަސްރާ ބުނެލިއެވެ. މަންހަލްއަށް ސޯފާގައި އިށީނދެވިއްޖެއެވެ. މޫނުމަތީގައި ދެއަތް އަޅާލުމާއެކު ލޮލުން ހޫނު ކަރުނަތައް ފައިބަން ފެށިއެވެ. ނަސްރާ މަންހަލްގެ ގައިގައި ބައްދާލައިގެން އިނެވެ.

“ދެން ބުނެބަލަ. މަންހަލް ކިހިނެއްތަ؟” ސުހައިލް އިސްޖަހާލައިގެން އިންނަން ފެށުމުން ނަސްރާ ސުވާލުކޮށްލިއެވެ.

“ރަނގަޅު. ދޮންބެދައްތަ ކިހިނެއް؟ ޔޫވިންއާއި ޔުނާން ކޮބާ؟” ހިތްވަރުކުރަމުން މަންހަލް ޖަވާބު ދިނެވެ.

“ދޮންބެ ދައްތަމެންވެސް ރަނގަޅޭ. ޔޫވިން ކިޔަވާ ނިމެންދެން އެންމެން އެއްކޮށް މެލޭޝިޔާއަށް ހަމަ ބަދަލުވިތަނާހެން މިކުއްޖާ ދޮންބެއަށް ގުޅީ.” ދުރުގައި ހިނިތުންވެފައި ހުރި ޔަޒްދާންއަށް އިޝާރާތްކުރަމުން ނަސްރާ ބުނެލިއެވެ. “އެހެންވެ އާދެވުނު އެންމެ އަވަހަކަށް މިއައީ. ދޮންބެ އުޅުނީ މަންހަލް ގޮވައިގެން ދާން. އެކަމަކު ދެން ކައިވެނި ކުރަންޏާ ނުގެންދެވޭނެތާ.”

“ކައިވެނި؟” ދެލޯ ބޮޑުކޮށްލާފައި މަންހަލްއަށް ކިޔާލެވުނެވެ. އޭނާގެ އަވަސް ނަޒަރު ދަތުރު ކޮށްލީ ޔަޒްދާންއަށެވެ. އެއްއަތުން އިސްތަށިގަނޑުގެ ތެރެއަށް އަތްވައްދާލަމުން ޔަޒްދާން ދުރުބަލައިލިއެވެ.

ތަބަކަކަށް ޖޫސް ތަށްޓަކާއި ބިސްކޯދު ޕެކެޓުތަކެއް އަޅައިގެން ޒަހީނާ އައީ އެވަގުތެވެ.

“ދޮންބެ ބުނާނެ އެއްޗެއް ނެތް. ގޮތް ނިންމާނީ މަންހަލް.” ގަދަކަމުން ހިނިތުންވެލަމުން ސުހައިލްވެސް ވާހަކައިގައި ބައިވެރިވިއެވެ.

“ނަސްރާމެންނަށްވެސް ޔަޒްދާންއާއި މަންހަލް އެކަކު އަނެކަކަށް ބަލާގޮތް ފެނިއްޖެއްޔާ ބުނާނެ އާނއެކޭ، ދެމީހުންވެސް އެވަރަށް އެކަކު އަނެކަކުދެކެ ލޯބިވެއޭ.” ޔަޒްދާންއާއި މަންހަލް ލަދުގަންނަވާލުމުގައި ޒަހީނާ މިފަހަރުވެސް ކުރި ހޯދިއެވެ. ސުހައިލްއާއި ނަސްރާއަށްވެސް ޒަހީނާގެ ވާހަކަތަކުން ހެވުނެވެ. ރަކިވެފައި ހުރެ ޔަޒްދާން މާހައުލު ދޫކޮށްގޮސް ކޮޓަރިއަށް ވަނެވެ.

“ދޮންބެމެން ކޮންތާކު ތިބެނީ؟” މަންހަލް އަވަސްވެގަތީ މައުޟޫ ބަދަލުކޮށްލެވޭނެ ގޮތެއް ހޯދޭތޯއެވެ. ވާހަކަތަކުން ރެކެގެން ޔަޒްދާން ދުރަށް ދިޔައަސް އޭނާގެ ދެފަރާތުގައި ދޮންބެމެން އެބަތިބި ވިއްޔާއެވެ.

“ޔަޒްދާން މާމަ ގޭގައޭ ދޯ ބުނީ.” ޒަހީނާއަށް ދޯ އެއްލަމުން ސުހައިލް ބުނެލިއެވެ.

“އާން. މިއޮއް އައީއެއްނު މަރިޔަން.” އެވަގުތު އެތެރެއަށް ވަދެގެން އައި މަރިޔަންއަށް އިޝާރާތްކޮށް ޒަހީނާ ބުނެލިއެވެ. މަންހަލް ފެނުމާއެކު މަރިޔަންގެ ކުރިން ހިނގާފައި އައި ޝާނީ ދުވެފައި އައިސް މަންހަލްގެ އުނގަށް ވެއްޓިގަތެވެ.

މަރިޔަން އައުމާއެކު ޖޫސް ބޮއެގެން ސުހައިލްމެން ދިޔައީ އެގެއަށެވެ. ކުރަންވެފައި ހުރި ކަންތައްތަކެއް ނުނިމެއޭ ކިޔާފައި މަންހަލް ގޭގައި މަޑުކުރީ ޔަޒްދާން ފެނުނީމާ އޭނާއާ ދިމާއަށް އެއްޗެހި ކިޔާލާނަމޭ ހިތައެވެ.

ފޯނު ހިފައިގެން ލަމްހާ އިނީ ކުއްޖަކަށް މެސެޖު ކުރަން ވެގެންނެވެ. ރުޅިގަދަވެ ހުރެ ފިރުޝާ އޮފީހަށް ވަނީ ލަމްހާ އެހެން އިންދައެވެ.

“މަށަށް ދޯކާދީފަ އޭނާ ފިލައިފި. ނަސީބެއްނު އެގަޑީގަ ރުފިޔާ ދިންކަން. އެހެންނޫންނަމަ މަގޭ އަތުން ފަސްސަތޭކަ ރުފިޔާ ދިޔައީސް.” ފިރުޝާ އައިސް ގޮނޑިއެއްގައި އިށީނެވެ.

“އޭނާ ފުރީތަ؟” ފޯނުން ނަޒަރު ވަކިކޮށްލުމެއްނެތި ލަމްހާ ބުނެލިއެވެ.

“ނުފުރައޭ. އަށްގަޑި ބައިވީއްސުރެ މަގޭ މިހުންނަނީ ބަނދަރަށް ނިކުމެ އޭނާ އާދޭތޯ. ލޯންޗު ފުރައިގެން ގޮސްފި. އޭނާއެއް ނުދޭ.” ފިރުޝާ ހުރީ ނުހަނު ބޮޑަށް ހިތްހަމަނުޖެހިފައެވެ.

“މަގޭ އޭރުވެސް ބުނީމެއްނު އެއީ އޭނާއާ ޔަޒްދާންއާ ވެގެން ޖައްސާލި ގޭމްއެކޭ.” ލަމްހާ ޗޮކެއްކަނޑާލަމުން ބުނެލިއެވެ.

“އޭރުން ޔަޒްދާންއަށް ވާނީ ކޮން ފައިދާއެއްތަ؟” ފުންނޭވާއެއް ދޫކޮށްލަމުން ފިރުޝާ ބުނެލިއެވެ.

“ގޮސް ޔަޒްދާން ކައިރީ އަހާބަލަ. މަށަށްތަ އެނގޭނީ؟” ލަމްހާ އިނީ ވާހަކަދައްކާ މޫޑުގައެއް ނޫނެވެ.

“މަ ބުނާނަން ޔަޒްދާން ކައިރީ އެވާހަކަ. ހެޔޮ އޭނާ މަ ދެކެ ރުޅިއަޔަސް.” ގޮނޑިއަށް ލެނގިލާ ދެލޯ މަރާލަމުން ފިރުޝާ ބުނެލިއެވެ.

“ފިރޫ ރޯންފެށީމަ އަނެއްކާ މަގޭ ޖެހޭނީ ޔޫ މައްސަލާ ކުރަން އުޅެން. ސޯ ޕްލީޒް ސްޓޮޕް އިޓް. ފިރިހެނަކަށް އޭނާ އެކަންޏެއް ނޫނޭ ދުނިޔޭގަ އުޅެނީ..” ފިރުޝާއަށް ބަލައިލަމުން ލަމްހާ ބުނެލިއެވެ.

“އަހަރެންގެ ނިންމުމެއް ބަދަލެއް ނުވާނެ. ޔަޒްދާން މީހަކާ އިންނަންދެން އަހަރެން އޭނާ ފަހަތުން ދުވާނަން. އާދޭސްވެސް ކުރާނަން.” ފިރުޝާ ފަހުގެ ނިންމުން އިއްވާލިއެވެ. ދެފަރާތަށް ބޯހޫރުވާލަމުން ލަމްހާ އަނެއްކާވެސް އޭޏާގެ ނަޒަރު ފޯނަށް ހުއްޓާލިއެވެ.

މުޅި ދުވަހުވެސް ފިރުޝާ ހުރީ މޫޑު ހަރާބުވެފައެވެ. ޑިއުޓީ ނިންމާފައި ގެއަށް ދާންވެގެން ނިކުތްވަގުތު ޔަޒްދާން ސައިކަލުގައި އަންނަތަން ފިރުޝާއަށް ފެނުނެވެ. އަތުން ހަނާ އަޅާލީމާ ޔަޒްދާން އޭނާއާ އަރާހަމަކޮށްފައި މަޑުކޮށްލިއެވެ.

“މަންހަލް މިއަދު މާލެ ދާންވެގެން އުޅުން. ތިހެން ހުއްޓާ މަންހަލް ޔަޒްދާން ދޫކޮށްފަ ދާތަން ފެންނާނީ. އަހަރެންނަށް އެނގުނީމަ މިބުނެލީ.” ބުނަންބޭނުންވި ވާހަކަ ބުނުމަށްފަހު ފިރުޝާ ހިނގައިގަތެވެ.

“އަހަރެންނަށް އެނގޭ. އެހެންނޫނަސް މިއަދު ފުރަން އޮތްއިރު ކީއްވެ ކުރިން ނުބުނީ؟ އަހަރެން ދޫކޮށްފަ ދަންދެން މަޑުކުރީތަ؟” ފިރުޝާއާއި އެއްވަރަކަށް ދުއްވަމުން ޔަޒްދާން ސުވާލުކުރިއެވެ.

“މަންހަލްއާއި ދެމީހުން ކުރިކަމެއްތަ މިއީ؟” ފިރުޝާ ހިތްހަމަ ނުޖެހިފައިހުރެ އަހާލިއެވެ.

“އުހުން. އަހަރެން ބުނެގެންނެއް ނޫން. އެކަމަކު މިދިޔަ ދުވަސްކޮޅު މަންހަލް ކޮންފިއުޒްވެފަ ހުރީމަ ނެގެން އުޅުން ޑިޒިޝަންއެއް.” ޔަޒްދާން އޮޅުން ފިލުވައިދިނެވެ. “އިރާދަކުރެއްވިއްޔާ މަންހަލް ދުވަހަކުވެސް އަހަރެން ދޫކޮށްފާ ދިޔަ ނުދޭނަން. ފިރުޝާ އެކަމާ ހާސްނުވާތި.”

ޔަޒްދާން ބާރަށް ސައިކަލު ދުއްވާލިއެވެ. އޭނާގެ ހަނދާނަށް އައީ ޝާނީ އޭނާގެ ގާތުގައި މަންހަލް ފުރަން އުޅޭ ވާހަކަ ބުނި ދުވަހެވެ. ހިޔާލުތަކުގައި އިނދެ އޭނާ ގޭގެ މަގަށް އެޅިއިރު ގޭގެ މައިދޮރުން ނުކުތް މަންހަލް އޭނާއަށް ފެނިއްޖެއެވެ. ކައިވެނީގެ ކުރިން ދެމީހުން އެކުގައި ސައިކަލަށް ނާރަން މަންމަގެ ގާތުން ވަޢުދުވެފައި ވީތީ ޔަޒްދާން ގޮސް ގެ ކައިރީގައި ސައިކަލު މަޑުކޮށްލިއެވެ. އޭރު މަންހަލް ހަށަން ބަނދެލައިގެން ދުރުގައި މަޑުކޮށްގެން ހުއްޓެވެ. އަވަސް ހިނގުމެއްގައި ޔަޒްދާން ގޮސް މަންހަލްއާއި އެއްވަރުކުރިއެވެ.

“ކޮން ކައިވެންޏެއް؟” މަންހަލް އަހާލިއެވެ. “ޔަޒްދާންންން. އަހަރެން ކައިރީ ނުވެސް ބުނެލާ. ނޭނގޭތަ ކުއްލިއަކަށް ދައްތަ އެހެން ބުނީމަ އަހަރެން ކިހާ ހާސްވާނެކަމެއް؟ ކައިވެނި ކުރާ ދުވަހު އަހަރެން ގާތުގައި ބުނަންތަ މަޑުކުރީ؟”

“އަޅެ އަހަރެން ހީކުރީ ދައްތަމެން މަންހަލް ކައިރިއަށް ގެނެސްދިނީމަ މަންހަލް ވަރަށް އުފާވާނެކަމަށް. އަހަރެން ހަމަ ފެންނައިރަށް އައިސް ތެންކިއުއޭ ބުނާނެކަމަށް. އެކަމަކު އެހެނެއްނުވިތާ ދޯ.” ޔަޒްދާން ތުންފިއްތާލިއެވެ.

“އެއަށްވުރެ ބޮޑު ކަމެއްވީމަ އެވާހަކައެއް ނުދެއްކޭނެ އެއްނު. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނޭ. އެއީ އުމުރު ދުވަހު އެކުގައި އުޅުމަށްވެވޭ ވަޢުދެއް.” މަންހަލްގެ އަޑުގައި ކަންބޮޑުވުން އެކުލެވިފައި ވިއެވެ.

“މަންހަލް. މަންހަލްވެސް އަހަރެންނަށް ނޭނގޭ ގޮތަށް މާލެދާންވެގެންނު އުޅުނީ.” ޔަޒްދާން ބޭނުންވީ މިހާތަނަށް ހިނގާފައި ހުރި ހުރިހާކަމެއް ދެމީހުން ވާހަކަދައްކައިގެން ހައްލުކުރާށެވެ.

“ކިހިނެއް ޔަޒްދާންއަށް އެނގުނީ؟” މަންހަލް ހައިރާންވެފައި އަހާލިއެވެ. އޭނާ މާލެދާން އުޅޭ ވާހަކަ ފިރުޝާއާއި ބަސްމާއްތަ ފިޔަވާ އެހެންމީހަކަށް ނޭނގޭނެއެވެ. ހަމަގައިމުވެސް ބަސްމާއްތައަށް ޔަޒްދާންގެ ގާތު އެވާހަކައެއް ނުބުނެވޭނެއެވެ. އޭނާ އަތުގައި ޔަޒްދާންގެ ނަންބަރެއް ނޯންނާނެ ވިއްޔާއެވެ. ދެން ހުރީ ފިރުޝާއެވެ. އޭނާ ޔަޒްދާންގެ ގާތުއެވާހަކަ ބުނަންވީ ކީއްވެބާއޭ މަންހަލް ހިތަށް އެރިއެވެ.

“ޝާނީ ބުނީ އަހަރެންގެ ގާތު. އޭނާ ނުބުނި ނަމަ މިހާރު މަންހަލް އަހަރެންގެ ގާތުގައި ނުހުންނާނޭ! އަހަރެންނަށް އެނގޭ މަންހަލްއަށް އެރޭ އަހަރެންނާ މަންމައާ ދެމެދު ދެކެވުނު ވާހަކަތައް އަޑުއިވުނުކަންވެސް. އެހެންވެ މަންހަލް އެގޮތަށް ކަންތައް ކުރަން ބޭނުންވީ. މަންހަލް ހީކުރީ އަހަރެން މަންހަލް ފޮނުވާލާނީ ކަމަށްތަ؟” ޔަޒްދާންގެ އަޑުގައި ޝަކުވާވިއެވެ. އެއަޑުގައިވި އަސަރުން މަންހަލްގެ ހިތަށްވެސް ހަމްދަރުދީ ވެރިވިއެވެ.

“އަހަރެން… އަހަރެންނަކަށް ނޭނގުނު ހަދަންވީ ގޮތެއް. އަހަރެން ބޭނުންނުވީ އަހަރެންގެ ސަބަބުން ޔަޒްދާންގެ ހަޔާތަށް އަނދިރިކަން ވެރިވާކަށް. ހިތަށްއެރީ އަހަރެންގެ ސަބަބުން މިހާރު ޔަޒްދާން ވަރަށް ގިނަ ބުރަތަކެއް އުފުލައިފިއޭ. އެތައް ހޭދައެއްވެސް ކޮށްފި. އައި ކާންޓް ޕޭ ޔޫ ބެކް. އެހެންވެ އިތުރު ތަކްލީފެއް ޖައްސުވަން ބޭނުންނުވީ. އެންޑް، ފަހުންވީ ކަންތައްތަކުގެ ސަބަބުން އަހަރެން… ބިރުގަނޭ.” މަންހަލްގެ އަޑު ފޭދިގެންއައެވެ.

“ކީއްވެ މަންހަލް އަހަރެންގެ ހަޔާތަށް ވެރިވާ އަނދިރިކަމަކަށް ވާންވީ؟ ބުނެބަލަ މަންހަލް! ކިތަންމެ ދެރަވެ ކަންބޮޑުވެފައި ހުއްޓަސް މަންހަލް ފެނިއްޖެއްޔާ އަހަރެންގެ ހުރިހާ ކަންބޮޑުވުމެއްފިލާ. މަންހަލްގެ ހުރިހާ ކަމެއް އަހަރެން ކޮށްދިނީ ނުހަނު އުފަލާއެކު ކުރާހިތުން. މަންހަލް ގަބޫލުކުރޭ، އަހަރެން ހުރިހާ ހިނދަކު އަހަރެން ލޯބިވާ މީހަކަށް އަނިޔާއެއް ނުލިބޭނެ.” ޔަޒްދާންގެ އަޑުގައި ޔަގީންކަން ވިއެވެ.

“ޔަޒްދާން! ލޮތްބަކީ އަހަރެންނަށް ވަރަށް ބީރައްޓެހި ނަމެއް. ހަގީގަތުގައި ލޯބިވާން އަހަރެން ބިރުގަނޭ. ދުޝްމަނުންނާ ހަނގުރާމަކޮށް ލޯބިވެރިންނަށް ކާމިޔާބު ލިބިފައި ހުރީ އަހަރެން ކިޔާ ވާހަކަތަކުގައާއި ބެލި ފިލްމުތަކުން. އަހަރެންގެ ލޮލަށް ފެނިފައިވީ ހަގީގަތަކީ އެއީއެއްނޫން.” އިސްޖަހާލާފައި މަންހަލް ބުނެލިއެވެ. އެއަށްދޭނެ ޖަވާބެއް ޔަޒްދާންއަކަށް ނޭނގުނެވެ.

“ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ޔަޒްދާން! ބަރާބަރު ބާރަ އަހަރުފަހުން އަހަރެންނަށް އަހަރެންގެ އާއިލާގެ ބަޔަކާ ބައްދަލުވުމުގެ ފުރުސަތު ހޯދައިދިނީތީ. އަހަރެންގެ އާއިލާއެއް އޮންނަކަން އަހަންނަށް އިހުސާސްކޮށްދިނީތީ. އައި ކާންޓް ތެންކިއު އިނަފް!” ހިމޭންކަމުގެ ސިކުންތުކޮޅަކަށްފަހު މަންހަލް ވާހަކަދެއްކިއެވެ. އޭނާގެ ދެލޮލުން ޝުކުރުވެރިކަން ފާޅުވާން ހުއްޓެވެ. މަންހަލް އެނބުރި ކުރިއަށް ހިނގައިގަތެވެ.

“ވަރަށް ބޮޑަށް ސޮރީ ކުރިން މިހެން ނުބުނެވުނީމަ. އަހަރެންނަށްވުރެ ކުރިން އެހެންމީހެއްގެ ފަރާތުން މިވާހަކަ އެނގުނީމަވެސް ސޮރީ.” ޔަޒްދާން ވާހަކަދެއްކި އަޑަށް މަންހަލް ފަހަތްބަލައިލިއެވެ. “ކ. މާލެ، މައްޗަން ގޯޅި އަމާންހިޔާ، އާއިޝަތު މަންހަލް. އަހަންނާ ކައިވެނިކުރާނަންތަ؟”

މަންހަލްގެ ދެލޯ ބޮޑުވިއެވެ. އޭނާގެ ކުރިމަތީގައި ހުރި ޔަޒްދާންއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ. އޭރު އެމޫނު ލޭކޮޅަކަށް ވެއްޖެއެވެ. މަޑުމަޑުން އޭނާގެ އެސްފިޔަތައް ތިރިކޮށްލިއެވެ.

“ވިސްނާލާފަ ޖަވާބެއް ދޭނަން.” ތުންފަތުގައި ދަތްއަޅާލާފައި މަންހަލް ބުނެލިއެވެ. ޔަޒްދާންއަށް ފުރަގަސް ދީފައި މަޑުދުވުމެއްގައި އަނެއްކާވެސް މަންހަލް ކުރިއަށް ހިނގައިގަތެވެ. ހިނިތުންވެފައި މަންހަލްދިޔަ ދިމާއަށް ބަލަން ޔަޒްދާންއަށް ހުރެވުނެވެ.

މަންހަލް އައިސްވަނީ ނަސްރާމެން އުޅޭ ކޮޓަރިއަށެވެ. އޭރު ނަސްރާ އުޅުނީ ހެދުންތައް އަލަމާރިއަށް ލުމުގައެވެ.

“ހާދަ ލަދުގަނެފަ. ކިހިނެއްވީ؟” މަންހަލްގެ މޫނު ރަތްވެފައި ހުރިކަން ނަސްރާ ފާހަގަކުރިއެވެ.

“ދައްތާ. އަހަރެންނަކީ ދައްތަނަމަ ކިހިނެއް ހަދާނީ؟” ގޮދަޑީގައި އިށީންނަމުން މަންހަލް ސުވާލުކުރިއެވެ. އެންމެ ކުޑައިރުގައި  ދެވަނަ މަންމައެއް ފަދައިން ނަސްރާ އޭނާ ގެންގުޅުމުން އެދެމެދުގައި އޮތް ގުޅުން ވަރުގަދައެވެ. ދުވަސްތަކަކަށް ފަހު ދިމާވުމުންވެސް މަންހަލްއަށް ދައްތައަށް އިތުބާރު ކުރެވޭނެކަން ޔަގީންވެއެވެ.

“ނަމާދު ކުރާނީ. އިސްތިޚާރާ ނަމާދު ކުރާނީ.” ފުރަތަމަ މަންހަލް އިޝާރާތްކުރީ ކޮންކަމަކަށްކަން ދެނެގަންނާން ނަސްރާއަށް އުނދަގޫވިއެވެ. އެހެނަސް މަންހަލްގެ މޫނުމަތިން ފެނުނު ކުލަވަރުން އޭނާއަށް އެސުވާލު ގުޅުވާލެވުނީ ޔަޒްދާންއާއެވެ. އެހެންވެ ނަސްރާ މަންހަލްގެ ގާތުގައި އިށީންނަމުން ބުނެލިއެވެ.

“ދެން ކިހިނެއް ހަދާނީ؟ އަހަރެން އަދި ކުޑައެއް ނޫންތަ ކައިވެނި ކުރާ އުމުރަށްވުރެ؟” މަންހަލް ހީވަނީ ސުވާލުގޯންޏެއް ހިފައިގެން އައިސް އިންހެންނެވެ.

“މަންހަލް. ރަނގަޅު މީހަކާ ދިމާވީމާ ކައިވެނިކުރަންވީ. ކައިވެނި ކުރާކަށް ވަކި އުމުރެއް ނޯވޭ. އިސްލާމް ދީނުގައިވެސް އޮންނަނީ އަވަހަށް ކައިވެނިކުރަން އަންގަވާފަ. ދެން މިހާރު ކުދިން ދައްކާނެ ބަހަނާއަކީ ކިޔެވުމާއި ވަޒީފާ ހޯދުން. ރަނގަޅު މީހެއް ވެއްޖެއްޔާ ކިޔަވާނެ ފުރުސަތު ހޯދައިދޭނެ. ވަޒީފާއަށް ދާންބޭނުންވިއަސް އެކަމަށް ހުއްދަ ދޭނެ. ކައިވެނިކުރުމުގެ ކުރިން މިސުވާލުތައް ފިރިހެން ކުއްޖާއަށް ކުރުމަކީ މުހިންމުކަމެއް ކަމަށް ދައްތަ ދެކެނީ. ހަމައެގޮތަށް ދައްތަ ގަބޫލުކުރަނީ އަންހެން ކުއްޖެއްވެއްޖެއްޔާ ދަރިންބަލަން ޖެހޭނެ ކަމަށް. ދަރިންނަށް އެންމެ ބޭނުންވާނީ މަންމަގެ ލޮތްބާއި އަޅާލުން.” ނަސްރާ އޮޅުން ފިލުވައިދިނެވެ. ނަސްރާ ބުނެލި ފަހު ޖުމްލަތަކުން މަންހަލްގެ ހިތަށް އަސަރުތަކެއް ކުރުވިއެވެ. އިސްޖަހާލައިގެން އިރުކޮޅެއްވަންދެން އޭނާއަށް އިނދެވުނެވެ.

“މާ އަވަސް އަރުވާލާފަ ކައިވެނި ކުރެއްވިއްޖެއްޔާ؟ ވަރިވާން ޖެހިއްޖެއްޔާ؟” މަންހަލް އެންމެކަންބޮޑުވާ ސަބަބުވެސް ނަސްރާއަށް ކިޔައިދިނެވެ.

“ދެމީހުން ވަރިވާން ދިމާވާނެ އެކަކު އަނެކަކުގެ މިޒާޖު ތަފާތުވީމަ. ދެމީހުން ބޭނުންވާ ގޮތް ތަފާތުވީމަ. އެކަކަށް ކަމުދާއެއްޗެއް އަނެކަކަށް ކަމުނުދިޔައީމަ. އެހެންވީމަ ކައިވެނި ކުރުމުގެ ކުރިން ދެމީހުން އެކަކު އަނެކަކު ދަސްކުރުން މުހިންމު. ދިރިއުޅުމުގައި މައްސަލަ ޖެހޭނެ، އެކަމަކު ކާމިޔާބު ދިރިއުޅުމެއް އުޅެވޭނީ އެކަކު އަނެކަކާ ޒުވާބު ނުކޮށް މަޑުމައިތިރިކަމާއެކު ވާހަކަދައްކާ މައްސަލަ ހައްލުކޮށްގެން. މިހާރުގެ ކުދިން ބުނާ ގޮތުންނަމަ ކޮމިއުނިކޭޝަން އާއި މިއުޗަލް ޓްރަސްޓްވެސް އޮންނަން ވާނެ. ސާހިލްއާއި މިޝްޔާއާއި ދެމީހުންގެ ފަރާތުން ދައްތައަށް ފެނުނު އެންމެރަނގަޅު ސިފަ ބުނަންތަ؟ ދައްތަ ގަބޫލުކުރާ ގޮތުގައި އެދެމީހުންނަށް އެކުގައި އުޅެވުނީވެސް މިސަބަބަށްޓަކައި. އެކަކު އަނެކަކަށް އެދެމީހުން ވަރަށް އިތުބާރުކުރާނެ. ދެމީހުން ދުރުކުރުވަން ޝަފްނާ އެހާ މަސައްކަތް ކުރިއިރުވެސް އޭނާ އަބަދުވެސް ސާހިލްއަށް އިތުބާރުކުރާނެ.” ނަސްރާ މަންހަލްއަށް ނަސޭހަތްދިނެވެ.

“ދައްތައަށް ހީވޭތަ ޔަޒްދާން ރަނގަޅުހެން؟” އިސްދަށަށް ޖަހާލަމުން މަންހަލް ބުނެލިއެވެ.

“ދައްތައަށްވުރެ ބޮޑަށް އެނގޭނީ މަންހަލްއަށް. ހަމަގައިމުވެސް ދައްތައަށް ކަމުދިޔަ އޭނާ ދޮންބެއަށް ގުޅީމަ. މިކޮޅަށް އަންނަން ލޯންޗު ޓިކެޓް ނަގައިދިނީވެސް އޭނާ. ދެން ދޮންބެއަށްއެހާ އިހުތިރާމްވެސް ކުރޭ. އެއްކަލަ ގަޑީގަ މަންހަލް ކައިވެންޏޭ ބުނި ގޮތުން ދައްތައަށް ހީވަނީ މަންހަލްއަށް ކައިވެނީގެ ވާހަކަ އޭރު ނޭނގެނީހެން. ދައްތަ އަޑުއެހިން އަންހެންކުއްޖާއާ އިންނަން އަހާއިރު ވަލީވެރިޔާގެ އިޒުނަ ހޯދައިގެންނޭ ދެމީހުން ގުޅެންވާނީ. އެހެންވީމަ މިވަގުތު މަންހަލްގެ ވަލީވެރިޔެއްގެ ގޮތުގައި ހުރީ ދޮންބެތާ. އެކަމުގައި ދޮންބެގެ އިޒުނަ ހޯދީމަވެސް ދައްތަ ހިތްހަމަޖެހިއްޖެ. މިހާރު މަންހަލް ގާތުގައި ބުނެފި ދޯ؟” ނަސްރާ ކިޔައިދިނެވެ. މަޑުމަޑުން މަންހަލް ބޯ ޖަހާލީއެވެ.

ދޮރު ހުޅުވާލާފައި ސުހައިލް ވަނީ އެވަގުތެވެ. މަޑުހިނގުމެއްގައި އޭނާއައިސް މަންހަލްގެ ގާތު އިށީނެވެ. ސުހައިލް ނަސްރާއަށް ބަލައިލިއެވެ. ނަސްރާ ބޯޖަހާލީއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ސުހައިލް ވާހަކަފެށިއެވެ.

“މަންހަލް ދޮންބެއަށް ކިޔައިދީބަލަ. ކިހިނެއްތަ މަންހަލްއަށްވީ؟ އެގަޑީގަ އެންމެން ތިބީމައާއެކު ދޮންބެ މިވާހަކަތައް ނުދައްކާ މަޑުކޮށްލީ.” ސުހައިލް ބުންޏެވެ. ހިންދިރުވާލަމުން މަންހަލްއަށް އިސްޖަހާލެވުނީއެވެ. ސުހައިލް ދެވަނަ ފަހަރަށް އޭނާއަށް ގޮވާލުމާއެކު ހިތުގައި ޖެހުނު ވަރުން މަންހަލްއަށް ރޮވެން ފެށުނީއެވެ. މިދިޔަ ބާރަ އަހަރުތެރޭގައި ވީހުރިހާ ކަމެއް އޭނާގެ ލޮލު ކުރިމަތީ ‘ފްލޭޝްބެކް’ ވެގެން ދިޔައީއެވެ.

އެއާޕޯޓް ތެރެއިން ނިކުމެގެން އައި އަންހެން ކުއްޖާއަށް ގިނަ ފިރިހެން ކުދިންނެއްގެ ނަޒަރު އަމާޒުވިއެވެ. އޭނާ ލައިގެން ހުރީ ފެހިކުލައިގެ އަތްދިގު ގަމީހެކެވެ. ތިރިއަށް ލާފައިހުރީ ކަޅުކުލައިގެ ސްކިނީ ޖީންސްއެކެވެ. ގިނަ މީހުންގެ ނަޒަރުގައި އަޅައިގަތީ ކަނދުރާއާ ހަމައަށް އަރާ އޭނާގެ ބްލޯންޑް އިސްތަށިގަނޑެވެ. އޭނާގެ ތުނި ތުންފަތުގައި ގަދަ ރަތްކުލައެއް ޖެއްސިފައިވާއިރު މޫނުމަތީގައި ވަނީ ގަދަޔަށް މޭކަޕް ކުރެވިފައެވެ. އަޅައިގެން ހުރި އަވި އައިނު ނަގުމަށްފަހު އޭނާ އިސްތަށިގަނޑު ރީތިކޮށްލިއެވެ. އެއްފަރާތަކުން އަޅުވާފައި އިން ކަޅުކުލައިގެ ހޭންޑްބޭގް ނަގާ ރިންގުވަމުން ދިޔަ އޭނާގެ ފޯނު ކަންފަތުގައި ޖައްސާލިއެވެ.

“ހެލޯ މަންމާ. ކޮބާތަ؟ މިހާރު މިތަނުގައި ހުރެ ހުރެ ލޮޑުވެއްޖެއޭ.” އޭނާ ޝަކުވާކުރިއެވެ. ދިވެހިން ވާހަކަދެއްކި އަޑުއިވި ކައިރިން ދިޔަ އެތައް ބަޔަކު އޭނާއަށް ވަރަށް ބެލިއެވެ.

“މަންމަގެ މީޓިން ހަމަ މިނިމުނީ. ބައްޕަ ފޮނުވައިފިން. މިހާރު ދެވިދާން ބައްޕައަށް.” އެކޮޅުން ވާހަކަދެއްކި އަންހެން މީހާ ބުނެލިއެވެ. އަނގައިން އަޑެއް ލައްވާލާފައި އޭނާ ފޯނު ކަނޑާލިއެވެ. އަތުން ގެނައި ލުގޭޖް ދަމަމުން އޭނާ މިސްރާބު ޖެހީ އެއާޕޯޓުން ނިކުންނާށެވެ.

ނަސްރާއާއި ސުހައިލްއާ ވާހަކަދައްކަން އިނދެފައި ޔޫވިންމެންނާއި ވީޑިއޯ ކޯލްކުރުމަށްފަހު، މަންހަލް ގެއަށް އައިއިރު ހަވީރު ހަތަރެއް ޖަހައިފިއެވެ.

އެހެން ރޭތަކާއި ޚިލާފަށް އެރޭ މަންހަލް މެންދަމުން އަލިވެ ތިނެއް ޖެހިއިރު ތެދުވިއެވެ. މުޅި ދުނިޔެ ނިދާ ހިމޭންވެފައިވި ވަގުތުގައި އޭނާ އިސްތިޚާރާ ނަމާދުކުރިއެވެ. އޭނާއަށް އެންމެ ހެޔޮގޮތް ހިންމަވައިދެއްވުމަށް އެދި މާތްﷲގެ ހަޒްރަތަށް ދުޢާ ދެންނެވިއެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައީ ނުހަނު އަވަހަށެވެ. ޔަޒްދާން އިންތިޒާރުކުރީ މަންހަލްގެ ޖަވާބެއް ލިބޭނެ އިރަކަށެވެ. މަންހަލް އުޅުނީ ޖަވާބެއް ދޭން އުނދަގޫވެގެންނެވެ. އެދުވަހު ޔަޒްދާންއަށް ޖަވާބެއް ދޭން މަންހަލް ހުރީ ގަސްތުކޮށްގެންނެވެ. އާދައިގެމަތިން ގޭގެ ބައެއް މަސައްކަތްތައް ނިންމާލުމަށްފަހު ޝާނީ ބަލައި މަންހަލް ދިޔައެވެ. އޭރު ހަތްގަޑި ބައިވެސް ނުވާތީ މަރިޔަން އަދި އޮފީހަށްނުދާނެކަން މަންހަލްއަށް އެނގެއެވެ. މަރިޔަންގެ ކޮޓަރިއަށް ވަންނަން ދިޔަ ވަގުތު ސުހައިލްއާއި ނަސްރާ ވާހަކަދެއްކި އަޑު މަންހަލްގެ ސަމާލުކަން ދަމައިގަތެވެ. ރުފިޔާގެ ދަތިކަމުގެ ވާހަކަ އެމީހުން ދައްކަމުން ދިޔައިރު މަންހަލްއަށް ކުޑައިރުކޮޅެއް ވަންދެން އެވާހަކަތައް އަޑުއަހަން މަޑުކޮށްލެވުނެވެ. ދެން އެމީހުންނަށް ފެނިލުމެއް ނެތި އަވަހަށް ޝާނީ ގޮވައިގެން އައީ ގެއަށެވެ. އޭރު އޭނާގެ ސިކުނޑިއަށް އަނެއްކާވެސް އިތުރު ބަރުކަމެއް ލިބިއްޖެއެވެ.

ގެއަށްގޮސް އެންމެ ފުރަތަމަވެސް ގަލަމަކާއި ފޮތެއް ހިފައިގެން މަންހަލް އިށީނީ ޑްރެސިން ޓޭބަލް ކުރިމަތީގައެވެ. ވަރަށް ވިސްނަމުން އޭނާ ފޮތުގައި އެއްޗެހިތަކެއް ލިޔުނެވެ. އެތަށް އިރެއް ވަންދެން އޭނާ އެގަނޑަށް ބަލަން އިނދެ ކިޔެވެ. ދެން ފޮތެއްގައި ކުލަޖައްސަން އެނދުމަތީގައި އޮތް ޝާނީއަށް ގޮވާ ގެނެސް އޭނާއަށް އެގަނޑުކޮޅު ހަވާލުކުރުމަށްފަހު ޔަޒްދާންއަށް ގެންގޮސް ދިނުމަށް އެދުނެވެ.

“ހަމަ ކިރިޔާ ދެވުނީ. ދޮންބެ ގެއިން ނިކުންނަނިކޮށް ޝާނީ ގޮވީމަ މަޑުކޮށްލީ.” އިރުކޮޅެއްފަހުން ދުވެފައި ކޮޓަރިއަށް އައި ޝާނީ ބުނެލިއެވެ. ހިނިތުންވުމާއެކު މަންހަލް ޝާނީ ކޮލުގައި ހިފާލިއެވެ.

މެންދުރު ހޫނުވެގެން އައިވަގުތު މަންހަލް އުޅުނީ ޒަހީނާ ބުނެގެން ހެދުމެއްގެ ރޮދި މޮހާށެވެ. ކުއްލިއަކަށް ސިޓިންރޫމަށް އައި ޝާނީ މަންހަލްއަށް ގަނޑުކޮޅެއް ދިއްކޮށްލިއެވެ. ހައިރާންވެފައި އޭނާ ޝާނީއަށް ބަލައިލިއެވެ. ޝާނީ ގޭގެ މައިދޮރާށި ކައިރިއަށް ހިނގާފައި އައި ޔަޒްދާން އޭނާއަށް ދައްކާލިއެވެ. ގެއިން ނިކުންނަން ދަމުން އޭނާ މަންހަލްއަށް ބަލައިލާފައި އެއްލޯ މަރާލިއެވެ. ޒަހީނާ އައުމާއެކު އޭނާއަށް ހެދުން ދީފައި، ރަކިވެގެން މަންހަލް ގަނޑުހިފައިގެން އައިސް ވަނީ ކޮޓަރިއަށެވެ. އަވަސްއަވަހަށް ގަނޑު ހުޅުވާ ކިޔަމުން ދިޔަ ވަރަކަށް މަންހަލްގެ މޫނަށް ހިނިތުންވުން ވެރިވަމުން ދިޔައެވެ.

ދުވަހަށް ކުރަންޖެހުނު ކަންތައް ނިންމާލުމަށްފަހު ހަވީރު ފިންޏަށް ޝާނީ ގޮވައިގެން މަންހަލް ދިޔައީ އިރު އޮއްސޭ މަންޒަރު ބަލައިލުމަށެވެ. ދޮންވެލި ފަސްގަނޑުގައި ޝާނީ ކުޅެން ދޫކޮށްލާފައި މަންހަލް އިނީ ތަންކޮޅެއް ދުރުގައި އިށީނދެގެންނެވެ.

“ހައި..” މަންހަލްއަށް ގޮވާލަމުން ކައިރީގައި އިށީނީ ފިރުޝާއެވެ.

“ހެލޯ.” މަންހަލްވެސް ރައްދުދިނެވެ.

“މެރީ ކުރަންތަ ތިއުޅެނީ؟” ފިރުޝާ އަހާލިއެވެ. އޭނާއަށް އެޚަބަރު ލިބުނީ ކިހިނެއްބާއޭ މަންހަލް ހިތަށް އެރިއެވެ. މަންހަލްގެ ހިމޭންކަން ފާހަގަވެ ފިރުޝާ ވާހަކަދެއްކިއެވެ. “ލޯބިވާ މީހެއްގެ ވާހަކަތައް ކޮންމެވެސް ގޮތަކަށް ހޯދޭނެ ދޯ.”

“އަހަރެން މެރީކޮށްފިއްޔާ ފިރުޝާ ކިހިނެއް ހަދާނީ؟” މަންހަލް ސުވާލުކޮށްލިއެވެ.

“ކަންބޮޑު ނުވޭ. އަހަރެން މަންމަ ކައިރިއަށް ރަށަށް ދާން މިއުޅެނީ. އެކޮޅުން ޖޮބަށް ފޯމުވެސް ލައިފިން. މިހެން ގޮތްދޫނުކޮށް އުޅުނަސް އަހަރެން ދުވަހަކުވެސް ދެމީހުންގެ ދޭތެރެއަކަށް ނުވަންނާނަން. އަހަރެންގެ މަންމަ އުޅުން ހާލު އެންމެގާތުން ފެނުނީވެސް އަހަންނަށް. ވީއިރު އެހެން އަންހެނަކު އަހަރެންގެ ސަބަބުން އެވޭން ތަހައްމަލު ކުރާކަށް ނޭދެން. ބިލީވް މީ، ތިދެމީހުން ދޭތެރެއަށް އަހަރެންނެއް ނުވަންނާނަން.” ފިރުޝާ ހިނިތުންވެލާފައި ބުނެލިއެވެ.

“މީގެ ކުރިން އަހަރެން ދެކުނީ އަސްލު ފިރުޝާއެއް ނޫން. އެކަމަކު މިހާރު ތިއީ ފިރުޝާ.” މަންހަލްވެސް ހިނިތުންވެލިއެވެ.

“އޯލް ދި ބެސްޓް. ޔަޒްދާންއަކީ ރަނގަޅު މީހެއް. މީގެކުރިން އެއްވެސް އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުން މީހެއް ނޫން. މަންމައަށް އިހުތިރާމް ކުރާ ވީވަރަކުން ދީނަށް ފަރުވާތެރިވެގެން އުޅޭ މީހެއް. ޔަޒްދާންއަށް ރަނގަޅަށް ކަންތައް ކޮށްދޭތި. ބާއްޖަވެރި ހަޔާތަކަށް އެދެން.” އެއަޑުގައި ފޮރުވިފައިވި ހިތްދަތިކަން މަންހަލްއަށްވެސް ފާހަގަވިއެވެ. އެހެންވިއަސް ރިވެތި ގޮތުގައި އޭނާ ގޮތްދޫކުރީތީ މަންހަލް އުފާވިއެވެ.

މަންހަލްއާއި ފިރުޝާ ސަލާންކޮށްލިއެވެ. ދެމީހުން އެކަކު އަނެކަކުގެ ނަންބަރު ފޯނުގައި ސޭވްކުރިއެވެ. ފިރުޝާ ދިއުމުގެ ކުރިން މަންހަލް އޭނާގެ ގައިގައި ބައްދާލިއެވެ. އެވަގުތު އެހިސާބަށް އެރުނު ލަމްހާއަށްވެސް އެމަންޒަރު ފެނުނެވެ. ފުންނޭވާއެއް ދޫކޮށްލާ އޭނާ ހިނިތުންވެލިއެވެ. ފިރުޝާ ލަމްހާގެ ގާތަށް ދިއުމާއެކު ދެމީހުން އެކުގައި ދިއުމަށް ހިނގައިގަތެވެ. ފިރުޝާ އާއެކު ލަމްހާވެސް މަންހަލްއަށް ހަނާއަޅާލިއެވެ. އެކުވެރިޔާއަށްޓަކައި އޭނާ އުފާވެފައި ހުރިކަން އެމޫނުމަތިން ފާޅުވާން ހުއްޓެވެ.

ގެއަށް ދިއުމަށްފަހު މިފަހަރުވެސް މަންހަލް އުޅުނީ ފޮތާއި ގަލަމާއި ނަގައިގެންނެވެ. ގަނޑުގައި އެއްޗެހިތަކެއް ލިޔުމަށްފަހު ގަނޑުކަނޑާލިއެވެ. އެފަދައިން ފަސް ވަރަކަށް ފަހު ތަކުރާރުކުރުމަށްފަހު އެންމެފަހުން ފޮތް ލައްޕާލިއެވެ. ދެން ކަމެއް ހަނދާންވި ފަދައަކުން އޭނާ ތެދުވިއެވެ. ލޯގަނޑު ކުރިމައްޗަށް ގޮސް ހުރެގެން ކަމަކަށް ތައްޔާރުވާ ފަދައިން އޭނާ ފުންކޮށް ނޭވާލާން ފެށިއެވެ.

ރޭގަނޑުގެ ކެއުން އެދުވަހު ހަމަޖެހިފައިވީ އަފީފާމެންގެ ގޭގައެވެ. އެންމެން ސުފުރާ މަތީގައި ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. ސުހައިލްއާއި މަންހަލް ލޮލުން އެއްޗެހިތަކެއް ކިޔެވެ. ދެން އެއަށްފަހު މަންހަލް އިސްދަށަށް ޖަހާލިއެވެ.

“މުހައްމަދު ޔަޒްދާން!” ސުހައިލް ގޮވާލިއެވެ. “މަންހަލް ގޮތެއް ނިންމައިފި!”

ކައިރިހުރި ފެންތަށި ނަގާ އޭނާ ފެންފޮދެއް ބޯލިއެވެ. އެންމެންނަށްވެސް ނޭވާ ހިފަހައްޓާލެވުނެވެ. ސުހައިލް ބުނާނެ އެއްޗެއް ބެލުމަށް އެންމެންވެސް ތިބީ ކެތްމަދުވެފައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 19

Next

ނަފްސަށްޓަކައި.

Next
October 8, 2024

ނަފްސަށްޓަކައި.

Previews
October 6, 2024

ޙަޤީޤަތް ހޯދުމޭ 19

10 Comments!

  1. Cutie girl says:
    October 8, 2024 at 8:57 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Yazdhaan and manhal marry kuruvaa avahah
    They both are made for each other
    Shayoo and javidh ves gulhuvachey
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

    1. Anonymous says:
      October 8, 2024 at 9:41 pm

      Thank you Cutie girl! 😊🤍

  2. Repunzil says:
    October 8, 2024 at 2:26 pm

    Woww …… finallyyyy…yazhaan and manhal marry kurany…🤩🤩🤩…but ehaa curious koh nimmaa ves thily ☹️
    Curiously waiting for the next part

    1. Aayaa Aayaa says:
      October 8, 2024 at 9:43 pm

      Thank u Repunzil! 😊🤍

  3. Anonymous says:
    October 8, 2024 at 3:07 pm

    Whoaaaaahhhhhhh.
    Vvvvvv vrh reethi mi part ves
    Manhal AA yazdhaan AA kon vaahaka eh tha mi dhakkanee note pass kohgen 🤣🤣
    Anyways Masha allahhh and good luck ❤️‍🔥❤️‍🔥❤️‍🔥

    1. Aayaa Aayaa says:
      October 8, 2024 at 9:46 pm

      Thank you Anonymous! 😊🤍
      Marry kurumuge kurin manhal Yazdhaan aa kuran beynun vi suvaalu thah ganduga liyegen e pass kury! 😉

  4. Someone says:
    October 8, 2024 at 6:25 pm

    Woooooooow so surprised 😮
    Anonymous is right Kon vahaka ea tha e note ga othy
    Next part please 😍🥰
    Masha Allah ❤️ vv reethi mi part vess ❤️

    1. Aayaa Aayaa says:
      October 8, 2024 at 9:48 pm

      Thank you Someone! 😊🤍
      Marry kurumuge kurin manhal Yazdhaan aa kuran beynun vi suvaalu thah ganduga liyegen e pass kury 😉

  5. Shiura says:
    October 15, 2024 at 6:52 pm

    V interesting

    1. Aayaa Aayaa says:
      October 19, 2024 at 5:18 am

      Thank u Shiura! 😊🤍

Comments are closed.

Next Episodeއިންސާފް (ސައުވީސްވަނަ ބައި)←


All Right Reserved!