ޔަޒްދާން އޭނާއަށް ބަލައިލުމާއެކު ނުކެރިފައި ހުރެ އޭނާ ބޯޖަހާލިއެވެ. މިއީ އޭނާ ޔަޒްދާންގެ ސައިކަލު ފަހަތަށް އަރާ ފުރަތަމަ ފަހަރަށް ނުވިއަސް އޭނާ ހިތް އަވަސްވާ ގޮތްވިއެވެ. ވާރޭގެ ތެރެއަށް ނިކުމެ އޭނާ ޔަޒްދާންގެ ފަހަތުން ހިނގައިގަތެވެ. ސައިކަލު ފަހަތަށް އަރާ ހަމަޖެހިލި އިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެއެވެ.
ގެއަށް ވަދެވުމާއެކު ކޮނޑުގައި އަޅުވައިގެން އައި ދަބަސް ބިންމައްޗަށް ދޫކޮށްލިއެވެ. ބޫޓު އެއްކައިރިއެއްގައި ބެހެއްޓުމަށްފަހު ލައިގެން ހުރި ޖެކެޓް ބާލާފައި އެއްލީ ޖާވިދަށެވެ. ކަންނެތް ހިނގުމެއްގައި އައިސް ޝަޔަމް ވެއްޓިގަތީ ސޯފާއަށެވެ. މޫނުގައި އަތް އަޅައިގެން އޮވެގެން ޝަޔަމް ކުސްތަޅަނިކޮށް ޖާވިދު ފިނި ފެންތައްޓެއް ގެނެސް އޭނާއަށް ދިއްކޮށްލިއެވެ. ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އޭނާ އެއްނޭވާއިން ފެންތަށި ބޯލިއެވެ.
“އަހަރެންގެ މަންމަ ބުނީ އެއްނޭވާ އިން ފެން ބޯކަށް ނުވާނޭ.” ޝަޔަމް ދިއްކުރި ތަށީގައި ހިފަމުން އޭނާ ބުނެލިއެވެ.
“ޕުލީޒް. ދެން ބުނެބަލަ ޔޫ ގެ މަންމަ އަކީ ކާކުތަ؟” ތުންގަނޑު ނެރެގެން އިނދެ ޝަޔަމް އާދޭސްކުރިއެވެ. ޖާވިދުގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އޭނާއަށް އެނގުނެވެ. އެހެންވެ އޭނާ އެހެން ވާހަކައެއް ފެށިއެވެ. “އާހް. ވަރަށް ނިދިއައިސްފި. އެވަރަށް ބޮލުގަވެސް އެބަ ރިއްސާ.”
“މިކިޔަނީ ދޯ ދަންވަރު ދޭއް ތިނެއް ޖަހަންދެން ފިލްމު ބަލަން ނޯންނާށޭ. އެކަމަކު އަޑުއަހާނަމައެއްނު.” ޖާވިދު ރައްދު ދިނެވެ. “ސީރިއަސްލީ ޝަޔަމް. ތި އާދަ ދޫކޮށްލަބަލަ.”
“އޯކޭ އޯކޭ. އައި ޑޯންޓް ވޯންޓު ހިއަރ އެނަދަރ ލެކްޗަރ ޓުޑޭ..” ބޮލުގައި ދެއަތުން ޖަހާލާފައި ޝަޔަމް ހިނގައިގަތީ މައްޗަށް ދާށެވެ. ސިޑީގެ މެދާހިސާބަށް ދެވުނު އިރު ގޭގެ ބެލްޖަހާލި އަޑު އިވުނެވެ. ޖާވިދަށް ގޮވާފައި އޭނާ އަނެއްކާވެސް މައްޗަށް އަރަން ފިޔަވަޅެއް ނެގިއެވެ. އެހެނަސް ހުއްޓެވުނީ ބައްޕަގެ އަޑު އިވިފައެވެ.
“ބައްޕާ..” ދުވެފައި ސިޑިން ފައިބައިގެން އައިސް ޝަޔަމް އޮޅުލައިގަތީ އަޒީމްގެ ކަރުގައެވެ.
“ދަރިފުޅު.” ހެވިފައި އަޒީމްވެސް ދަރިފުޅަށް ގޮވާލިއެވެ.
“ބައްޕަ ދަތުރު ލަސްކުރީމަ ޝަޔޫ ހުރީ ވަރަށް ދެރަވެފަ. އެންމެފަހުން ސަޕްރައިޒްއެއްނު ތިދިނީ.” ޝަޔަމް ޝަކުވާކުރިއެވެ.
“ޗުއްޓީ ލިބޭގޮތްވެފަވެސް ފަހުން ލަސްވީއޭ. ހަމަ ޗުއްޓީ ލިބޭއިރަށް ބައްޕަ މިއައީ ޝަޔޫ ކައިރިއަށް.” ޝަޔަމް ދެއްކިމަގުން ކުރިއަށް ހިނގައިގަންނަމުން އަޒީމް ބުންޏެވެ.
ބައްޕަ އައުމާއެކީ ޝަޔަމްގެ ދުވަސްވެސް ބަދަލުވެއްޖެއެވެ. ބައްޕަ ގެންގޮސް ސޯފައިގައި ބައިންދާފައި އޭނާ ކޮފީ ގިރައިދިނެވެ. ޖާވިދާއި އަޒީމް ވާހަކަދައްކަން ފެށުމުން އޭނާ ހުހަށް ހުރި ކޮޓަރި ބައްޕައަށްޓަކައި ސާފުކޮށްލައިދިނެވެ.
މަންހަލް ހީކުރީ ޔަޒްދާން އޭނާ ގޮވައިގެން ދާނީ ގެއަށް ކަމަށެވެ. އެހެނަސް ސައިކަލުގައި އޭނާ ގޮވައިގެން ޔަޒްދާން ނިކުތީ ބަނދަރަށެވެ. ވާރޭވެހެމުން ދިޔަ ވަގުތު ބަނދަރުގައި އެއްވެސް މީހެއްގެ ހިލަމެއްވެސް ނެތެވެ.
“ޔަޒްދާން.” އަޑަށް ބާރުލާފައި މަންހަލް ބުނެލިއެވެ.
“ބުނީމެއްނު މިރަށެއް ނުފެނެއޭ އެހާ ރީތިކޮށެއް. މީހުން އުޅޭތީ ބޭރަށް ނިކުންނާކަށް ނުކެރެއޭ. އެހެންވެ މިރަށް ދައްކާލަން މިއުޅެނީ.” ޔަޒްދާންގެ އަޑުގައި ހިސާބެއްގެ ލާނެތް ކަމެއް ހުއްޓެވެ.
“އެކަމަކުވެސް ހެވޭ. މީހަކަށް ފެނިއްޖެއްޔާ ކީކޭތަ ބުނާނީ؟ އެންމެ މީހަކަށް ފެނުނަސް މުޅި ރަށުތެރެއަށް އެ ވާހަކަ ފެތުރޭ ސިކުންތެއްގެ ތެރޭގަ.” މަންހަލް އިނީ ހިތްހަމަނުޖެހިފައެވެ.
ބަނދަރުމަތިން ލާފައި ޔަޒްދާން އެރީ ރަށުގެ ވަށާ މަގަށެވެ. ކުއްލިއަކަށް ވާރޭ ތުނިކޮށްލުމަށްފަހު ވަރަށް ބާރަށް ގުގުރާލިއެވެ. ބިރުން އިން މަންހަލްގެ އަތް ވަށާލެވުނީ ޔަޒްދާންގެ އުނަގަނޑުގައެވެ. ދެއަތުން ބާރަށް ޔަޒްދާންގެ ޓީޝާޓުގައި ހިފާލަމުން ބޯ އަޅާލެވުނީ އޭނަގެ ބުރަކަށީގައެވެ. މަންހަލްގެ ހަރަކާތްތަކުން ޔަޒްދާންގެ ވިންދުވެސް އަވަސްވިއެވެ. ފުންނޭވާއެއް ދޫކޮށްލާފައި އޭނާ ހިންދިރުވާލިއެވެ. މަގަށް ދޭންވާ ސަމާލުކަންދެވޭތޯ އޭނާ މަސައްކަތްކުރިއެވެ.
އިރުކޮޅެއް ވުމާއެކު މަންހަލްއަށް ކުރެވުނު ކަންތައް ރެއަކާލިއެވެ. އޭނާގެ މޫނު ހުދުވެގެން ދިއުމާއެކު ސައިކަލުގައި އިނދެފައިވެސް ފަހަތަށް ޖެހެވުނު ވަރަކަށް ޖެހުނެވެ.
“ޕްލީޒް. ޔަޒްދާން ހިނގާ ގެއަށް ދާން. އަހަރެން ބިރުގަނޭ. ގުގުރާއިރު ބޭރަށް ނިކުންނާކަށް ނުވާނެ. ޕްލީޒް ހިނގާ ގެއަށް ދާން.” މަންހަލް އާދޭސްކުރިއެވެ. ސައިކަލުގެ ލޯގަނޑުން މަންހަލްގެ މޫނު ފެންނަ ގޮތަށް އަނބުރާލުމާއެކު ޔަޒްދާންއަށް މަންހަލްގެ ރަކިވެފައިވާ މޫނު ފެނިއްޖެއެވެ. ލުއި ހިނިތުންވުމެއް އެމޫނުމައްޗަށް ވެރިވެގެން ދިޔައީ އެހެންވެއެވެ.
މާބޮޑަށް ގުގުރާ ވިދަން ފެށުމުން ޔަޒްދާންވެސް ދަތުރު ކުރުކޮށްލިއެވެ. ގޭ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލިއިރު އަނެއްކާވެސް ވާރޭ ބޯކޮށްލައިފިއެވެ. ގޭގެ މައިދޮރު ހުޅުވާލާ މަންހަލް ދޮރު ހިފަހައްޓައިގެން ހުރީ ޔަޒްދާން ސައިކަލު އެތެރެއަށް ވައްދަންދެނެވެ. ދެމީހުން އެކުގައި ގެއަށް ވަންނަން އެނބުރިލުމާއެކު ސިޓިންގ ރޫމު ދޮރު ކައިރީ ހުއްޓިހުރި ޒަހީނާ ފެނުނެވެ. އޭނާގެ މޫނުމަތީގައި ކަންބޮޑުވުމާއި ހިސާބެއްގެ ހިތްހަމަނުޖެހުމެއް ހުއްޓެވެ. ‘ދައްތާ’އޭ ކިޔާ ގޮވާލުމަށްފަހު މަންހަލް އަވަސްއަވަހަށް ގެއަށް ވަދެގެން ދިޔައީ އެހެންވެއެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފުކުރެވެމުން ދިޔައިރު މާހައުލަށް ވެރިވެފައިވީ ހަމަހިމޭންކަމެވެ. ލަދުވެތިކަމުން ނަފްސު ބަނދެވިފައިވީތީ މަންހަލްއަށް އިސްވެ ކުރިމަތީ ތިބި ދެމީހުންނަށް ބަލާލުންވެސް ވެފައިވަނީ ބޮޑުކަމަކަށެވެ. ކައި ނިމިގެން އެންމެފުރަތަމަ ތެދުވީ ޒަހީނާއެވެ. ޔަޒްދާން އެކަން ފާހަގަކުރިއެވެ. ޒަހީނާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ. އަވަހަށް ކައި ނިމިގެން ދިޔައީއެވެ. ޔަޒްދާންއަށާއި މަންހަލްއަށް ތެދުވެވުނީ އެއްފަހަރަކާއެވެ. އޭނާ ޔަޒްދާންގެ ތަށި ދޮވެދޭން އުޅުމުންވެސް އަމިއްލައަށް ތަށި ދޮވެގެން ނިކުމެގެން ގޮސްފިއެވެ. ބަދިގޭގެ މަސައްކަތްތައް ނިންމާލުމަށްފަހު ކޮޓަރިއަށް އައި މަންހަލްގެ ސަމާލުކަން އަތުލައިގަތީ ޒަހީނާގެ ކޮޓަރިން ޔަޒްދާންއާއި ދެމީހުން ވާހަކަދައްކާ އަޑެވެ.
“ދަރިފުޅާ. ތި އުޅުން މަންމައަކަށް ކަމަކު ނުދޭ. މަންމައަށް އެނގެއޭ ދަރިފުޅު މަންހަލްއަށް އެހީވަނީކަން. އެކަމަކު އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއްގެ ދެމެދުގައި ވަކި އިމެއް އޮންނަންވާނެ.” ޒަހީނާ ވާހަކަދެއްކި އަޑު އިވުނެވެ.
“މަންމާ. މަންހަލް މާމަގޭގަ ނާދެވިފަ ހުރީމަ ގެނެސްދިނީއޭ.” ޔަޒްދާން ބުންޏެވެ. “އޯކޭ ޔަޒްދާންވެސް ގަބޫލުކުރަން އެއީ އެންމެ ރަނގަޅުގޮތް ނޫންކަން. އެކަމް.. ސޮރީ. ދެން އެހެނެއް ނަހަދާނަން.”
މަންހަލް ހިތަށް އެރިއެވެ. ދެމީހުން ދޭތެރޭގައި ދެކެވޭ ވާހަކައެއް ސިއްރުން އަޑު އެހުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އޭނާ އަނބުރާލީ ކޮޓަރިއަށް ވަންނާށެވެ. އޭރު ސިކުނޑީގައި އެތަށް ވަސްވާސްތަކެއް އެނބުރިގަނެފިއެވެ.
“މަންމައަށް ވަރަށް ހީވޭ ދަރިފުޅު މަންހަލްއާ ގަޔާވާހެން. ނޫންތަ؟ ދަރިފުޅަށް އެބޮތް ގޮތެއް. ދަރިފުޅު މަންހަލްއާ ކައިވެނި-” އެންމެފަހުން އޭނާއަށް އިވުނު ވާހަކައަކީ އެއީއެވެ. މޭގަނޑު ނެގިނެގިފައި ޖެހިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އެދައްކާ ވާހަކައެއް އަޑުއަހަން ބޭނުންވިއަސް އޭނާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލީއެވެ.
ދޮރުގައި ބޯޖައްސާލުމަށްފަހު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ކަމެއް ހަނދާންވި ފަދައަކުން އޭނާ ދަބަސް ނަގާ އޭގެ ތެރެއިން ގަނޑުކޮޅެއް ނެގިއެވެ. ޔަޒްދާން އޭނާއަށް ދީފައި އޮތް ފޯނުނަގާ އެނަންބަރު ކީޕެޑްގައި ޖަހާލިއެވެ. ނަންބަރަށް ޑަޔަލް ކޮށްލަމުން އޭނާ ފޯނު ކަންފަތުގައި ޖަހާލިއެވެ.
ކުނިކަހަން ދިއުމުގެ ކުރިން މަންހަލް ސިޓިން ރޫމު ފޮޅަން އުޅުނެވެ. އޭރު ހެނދުނު ހަތެއް ޖަހަން ގާތްވަނީއެވެ. ކޮޓަރިން ނިކުމެގެން ފުލުހުންގެ ރަސްމީ ޔުނީފޯމުގައި ޔަޒްދާން އަންނަތަން ފެނުނީ އެވަގުތެވެ. މަންހަލް އެއްފަރާތަކަށް ޖެހިލުމުން އޭނާގެ ގައިގައި ވައި އެޅިލާފައި ޔަޒްދާން ދިޔައީ މަންހަލްއަށް ބަލައިވެސް ނުލައެވެ.
“ސިލީ މަންހަލް. ކީއްވެތަ އޭނާ ބުނާއިރަށް މިގެއަށް އައީ؟ އާހް. އަޅެ އެންމެފުރަތަމަ ވެސް ބަސްމާއްތަ ކައިރީ ބުނެވުނު ނަމަ..” ޔަޒްދާން ގޭގެ މައިދޮރު ލައްޕާލުމާއެކު މޫނުމައްޗަށް ވައްތަރެއް ޖައްސާލި މަންހަލްގެ ހިތުގައި އޮތެވެ.
އާދައިގެ މަތިން ކުރަންޖެހޭ މަސައްކަތްތައް ނިންމާލުމާއެކު މަންހަލް ދިޔައީ ޝާނީ ބަލައެވެ. ޝާނީ ގޮވައިގެން ގެއަށް އައި މަގުމަތީން އޭނާ ފިހާރައަށް ވަނީ ބަދިގެއަށް ބޭނުންވާ ބައެއް އެއްޗެހި ގަނެލަން ޖެހޭތީއެވެ.
“ބޭޑް ނާސް.” ޝާނީ ބުނެލި އަޑަށް މަންހަލްއަށްވެސް ކުރިއަށް ބަލައިލެވުނެވެ. އޭރު ފިރުޝާ ޓޮމާޓޯ ދަޅުތަކެއް ހިފައިގެން އެމީހުން ކައިރިއަށް އަންނަނީއެވެ. އޭނާ ކުރަން އުޅޭ ކަމަށް ފިރުޝާ އެހީވެދޭނެއޭ މަންހަލްގެ ހިތް ބުންޏެވެ.
“ހައި.” އިސްވެ މަންހަލް ގޮވާލިއެވެ.
“ހައި.” ފިރުޝާ ޖަވާބުދިނީ ގަޔާނުވެފައި ހުރެކަން އޭނާއަށް އެނގުނެވެ.
“ވާހަކައެއް ބުނަން. ބޭރުގައި މަޑުކޮށްލައްޗޭ، މިދަނީ.” ކައުންޓަރަށް ފައިސާ ދައްކާފައި ފިރުޝާ ނިކުންނަން ދިއުމުން މަންހަލް ބުނެލިއެވެ.
ދެއަތަށް ކޮތަޅުތައް ނަގައިގެން މަންހަލް ނިކުތެވެ. ފިހާރައިގެ ބޭރުގައި ފިރުޝާ މަޑުކޮށްގެން ހުއްޓެވެ.
“ބުނަން ބޭނުން އެއްޗެއް އަވަހަށް ބުނޭ. އަހަރެން ޑިއުޓީއަށް ދާންޖެހޭ.” ކުރިއަށް ހިނގައިގަންނަމުން ފިރުޝާ ބުނެލިއެވެ.
“މިރަށުން މާލެއަށް ދާން ޓިކެޓު އުޅެނީ ކިހާވަރެއްގަ؟” މަންހަލް ސުވާލުކޮށްލިއެވެ.
“ގާތްގަނޑަކަށް ފަސްސަތޭކައެއްހާ ރުފިޔާ.” ފިރުޝާ ބުންޏެވެ.
“ހިއަރ އިޒް ދަ ޑީލް. އަހަރެން ރުފިޔާ ދޭނަން. ފިރުޝާ އަހަރެންނަށް މާލެދާން ވީހާވެސް އަވަހަކަށް ޓިކެޓު ނަގައިދީ.” މަންހަލް އޭނާގެ ބޭނުން ކިޔައިދިނެވެ.
“ޑީލް.” އިރުގަނޑެއް ވަންދެން މަންހަލްގެ މޫނަށް ބަލަން ހުރުމަށްފަހު ފިރުޝާ ބުނެލިއެވެ. ވަގުތުން އޭނާ ފޯނުނަގާ ކުޅެން ފެށިއެވެ.
“މިއޮތީ. އަހަރެން ރުފިޔާ ޓްރާންސްފާވެސް ކޮށްފިން. ދިއުމުގެ ކުރިން ޕޭބެކް ކޮށްދޭތި.” ގެއާއި ނުހަނު ކައިރިވެފައި ވަނިކޮށް ފިރުޝާ ބުނެލިއެވެ. “ތިންދުވަސް ފަހުން. އަންގާރަ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު މިކޮޅުން ފުރާނެ.”
“ތެންކިއު” މަންހަލް އޭނާގެ ޖިންސުގެ ޖީބުން ރުފިޔާ ނެގުމަށްފަހު ފިރުޝާއަށް ދިއްކޮށްލިއެވެ.
“ނޯ ވޮރީސް.” ފިރުޝާ ބުނެލިއެވެ. “ކީއްވެ ޔަޒްދާން ކައިރީ ނުބުނީ؟ ކީއްވެ އަހަރެން؟”
“އައި ޕްރިފަރ ނޮޓް ޓު ޑިސްކަސް އިޓް.” ވިސްނަން ހުރެފައި ދޭނެ ޖަވާބެއް ނޭނގިގެން އެންމެފަހުން މަންހަލް ބުނެލިއެވެ. އެހިސާބުން ދެމީހުން ދެދިމާއަކަށް ދާން ޖެހުނުކަމީ ނަސީބެކޭ މަންހަލް ހިތަށް އެރިއެވެ.
“މަންހަލް މާލެ ދަނީތަ؟” ޝާނީ ސުވާލުކޮށްލިއެވެ.
“ޝްޝްޝް. އެހެން ނުކިޔައްޗޭ. އެއީ ސީކްރެޓެއް. މަންހަލްއާއި ޝާނީ އަކީ ބެސްޓް ފްރެންޑްސް އެއްނު ދޯ. ފްރެންޑްސް ބުނާ ސީކްރެޓް އެހެން ކުއްޖެއް ކައިރީ ނުބުނާނެ އިނގޭ.” ޝާނީގެ ގާތަށް ތިރިވެލާފައި މަންހަލް ބުނެލިއެވެ. ނުހަނު އަވަސް އަވަހަށް ޝާނީ ބޯޖަހާލިއެވެ.
އެހެންދުވަސްތަކޭ އެއްފަދައިން މަންހަލް އެދުވަހުގެ މަސައްކަތްތައްވެސް ކުރިއެވެ. ޒަހީނާގެ ފަރާތުންވެސް މާބޮޑު ތަފާތެއް ފާހަގައެއް ނުވެއެވެ. ބައެއް ފަހަރު ޒަހީނާ ހުންނަނީ ވަރަށް އުފާވެފައޭ މަންހަލްއަށް ހީވާ ފަހަރުވެސް އައެވެ. ހެނދުނު ނިކުމެގެން ދިޔަ ގޮތަށް އެދުވަސް ފާއިތުވެގެން ދިޔައިރުވެސް ޔަޒްދާން ލޮލުކޮޅަށް ދައްކާވެސް ނުލައެވެ. އެހެންނޫނަސް އޭނާ ކައިރީގައި ހުންނާކަށް މިހާރު މަންހަލް ބޭނުމެއްވެސް ނޫނެވެ. ރޭގަނޑު ދިހައެއް ޖަހާލާކަން ހާއިރެވެ. މަންހަލް ސިޓިން ރޫމު ދޮރުކައިރީގައި މަޑުކޮށްލައިގެން ހުރެފައި އެނބުރިލީ ކޮޓަރިއަށް ދާށެވެ. އެއާއެކު އޭނާގެ މޫނު ޖެހުނީ ފާރުގައި ލެނގިލައިގެން ހަށަންބަނދެގެން ހުރި ޔަޒްދާންއާއެވެ. އަޅައިވެސް ނުލާ އޭނާ އުޅުނީ ދާށެވެ. އެހެނަސް ހުއްޓެން ޖެހުނީ ޔަޒްދާން ދައްކަންފެށި ވާހަކައަކުންނެވެ.
“ބައްޕައަކީ ސާހިލް، އުމުރުން ސާޅީސް އަށެއް. މަންމައަކީ މިޝްޔާ، ނިޔާވީ އުމުރުން ތިރީސް ފަސް އަހަރުގައި. ބޭބެ ނުހައިކް، ތޭވީސް. އެންމެ ހަގަށް މަންހަލް ނައިންޓީން.” އެހުރިގޮތަށް ހުރެފައި ޔަޒްދާން ފައްޗަކަށް އަމުނާލީ މަންހަލްގެ އާއިލާ މީހުންގެ ނަންތަކާއި އުމުރުތަކެވެ. ހައިރާންވެފައި މަންހަލް ބަލަން ހުރުމާއެކު އަނެއްކާވެސް ޔަޒްދާން ވާހަކަދެއްކިއެވެ. “ބައްޕަގެ ބޭބެ. މަންހަލްގެ ބޮޑުބެ ނޫނީ ދޮންބެ ސުހައިލް، ފަންސާސް އަހަރު. އޭނާ އިނދެގެން އުޅެނީ ނަސްރާއާ، އުމުރުން ސާޅީސް ނުވައެއް. އެންމެ ބޮޑަށް ހުރި ޔުނާންއަށް ވިހި ހަގަށްހުރި ޔޫވިންއަށް އަށާރައަހަރު. މަންމަ ފަރާތުގެ ބޮޑުބެއަކީ ހަމްދާން، އުމުރުން ސާޅީސް އަށެއް. ކުރީގެ މަޝްހޫރު ލޯޔަރެއް. މައިރާއާ ޑިވޯސްވުމަށްފަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި.”
“ވަޓް؟” އަނގަ ފުޅާކޮށްގެން ހުރެފައި މަންހަލް އަހާލިއެވެ.
“މަޑު، އަދި ނުނިމޭ. މަންހަލްގެ އެޑްރެސްއަކީ މައްޗަންގޯޅި އަމާންހިޔާ. ހޮސްޕިޓަލުން ދޫކޮށްލި ދުވަހު މަންހަލް އަހަރެން ގޮވައިގެން ދިޔައީ އެގެއަށް. މަންހަލް ބައްޕަ ފަރާތު އެންމެންގެ ރަޖިސްޓަރީވެސް އޮންނަނީ އެގޭގަ. ދެން މަންމައާއި ލޯޔަރގެ އެޑްރެސްއަކީ މައްޗަންގޯޅި ޖަވާހިރު.” މިފަހަރު ޔަޒްދާންގެ ތުންފަތް އެއްކައިރިއަކަށް ދެމުނެވެ.
“ރައިޓް. ތިތަނުގައި ގޯސް އެއްވެސް މައުލޫމަތެއް ނެތް. އެކަމަކު ޔަޒްދާންއަށް ކިހިނެއް އެނގުނީ؟” ދެބުމަ އަރުވާ ދެލޯ ބޮޑުކޮށްގެން ހުރެ މަންހަލް ވާހަކަދެއްކިއެވެ.
“އައިމް އަ ޕޮލިސް އޮފިސަރ.” މޭމަތީގައި އަތް ޖަހާލަމުން ޔަޒްދާން ބުނެލީ ފަޚުރުވެރި ކަމާއެކުގައެވެ.
“ގުޑް ނައިޓް.” ދައްކާނެ އިތުރުވާހަކައެއް ނޭނގުމުން މަންހަލް ރޭގަނޑުގެ ސަލާން ކުރުމަށްފަހު ކޮޓަރިއަށް ދާން ހިނގައިގަތެވެ.
“ސްވީޓް ސްވީޓް ޑްރީމްސް.” މަންހަލްގެ ފަހަތުން އަންނަމުން ޔަޒްދާން ބުނެލިއެވެ. އެއްއަރިއަކަށް ތުންފަތް ދަމާލަމުން މަންހަލް ފަހަތް ބަލައިލުމާއެކު އަތުން ހަނާއަޅާލާފައި ޔަޒްދާން ވަނީ އޭނާގެ ކޮޓަރިއަށެވެ.
އަންގާރަ ދުވަސް އައިސް ޖެހުނު އިރު މަންހަލް ކުރި ކަމަކީ، ފޮތެއް ގެނެސްގެން ޔަޒްދާންއަށް ‘ގުޑްބާއި’ ލެޓާއެއް ލިޔަން ދަސްކުރީއެވެ. ދިހަ ވަރަކަށް ގަނޑު ކަނޑައިގެން އެންމެ ފަހުން މަންހަލްއަށް ލިޔެވުން ސިޓީ ޑްރެސިން ޓޭބަލް މަތީގައި ބާއްވާލިއެވެ. ދަބަހަށް ހުރިހާ އެއްޗެއް އެޅުމަށްފަހު އޭނާ އެންމެފަހު ފަހަރަށް ބަދިގެއަށް ދިޔައީ ފެން ބޯންވެގެންނެވެ. އެންމެފަހު ކޯވަރު ބޯލާފައި އޭނާ ތަށި ބެހެއްޓި ވަގުތު ކޮށިއެރީ ޔަޒްދާން އައިސް އޭނާގެ އަތުގައި ހިފާލަމުން ޔަޒްދާންއާއިވީ ފަރާތަށް އަނބުރާލުމުންނެވެ. ދެލޯ އަޅާލާފައި ޔަޒްދާން އޭނާގެ ޔުނީފޯމަށް ބުރި ފެންތައް އަތުން ފުހެލިއެވެ. މާބޮޑު ކަމަކަށް ނުހަދާ އަނެއްކާވެސް އޭނާ މަންހަލްގެ އަތުގައި ހިފާލަމުން ބޭރަށް ދާން ހިނގައިގަތެވެ. އާންމުކޮށް އެގަޑީގައި ގެއަށް ނާންނަ މީހަކު މިއަދު އައިސްގެން މިއުޅެނީ ކީއްވެގެންބާއޭ މަންހަލް ހިތަށް އެރިއެވެ.
“އައި ހޭވް އަ ސަޕްރައިޒް ފޯ ޔޫ!” ޔަޒްދާންގެ އަޑުގައި ޖޯޝެއް ވިއެވެ.
މަންހަލް ގޮވައިގެން ގޮސް ޔަޒްދާން ނިކުތީ ސިޓިން ރޫމަށެވެ. އެންމެ ފުރަތަމަ މަންހަލްގެ ލޮލުގައި އަޅައިގަތީ ޒަހީނާއެވެ. އޭނާގެ ކައިރީގައި އިށީނދެ އިން އަންހެން މީހާއައި އެކުއެކީހެން ވަކިން އިން ސޯފާގައި އިން ފިރިހެން މީހާވެސް މަންހަލްއަށް ފެނުނެވެ. ބާރު ހިނގުމެއްގައި އައިސް ފިރިހެން މީހާ މަންހަލްގެ ގައިގައި ބައްދާލިއިރު އޭނާގެ ލޮލުން ކަރުނައައިސް ގިސްލެވެން ފެށިއްޖެއެވެ.
ދެމީހުންގެ ގިސްލުމުގެ އަޑު ސިޓިން ރޫމުގައި ގުގުމާލުމާއެކު ޔަޒްދާންއާއި ޒަހިނާގެ ދެލޯވެސް ފެން ކަޅިވިއެވެ. ސޯފާގައި އިން އަންހެންމީހާ ތެދުވެގެން އައިސް މަންހަލްގެ ފަހަތުން ބައްދާލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.




E kaakubaa??
Whn next??
Mi part vx varah varah reethi
Thank u Nawar! 😊🤍 Next part in engeyne ei kon baeh kan!
In Sha Allah Thursday ga 23 wana bai kiyalan libeyne!
Vara reethi mi part vess ❤️❤️
Next part Kon iraku ???
Can’t wait 😍
Manhal n yazdhaan gulhuvajjey
Please 🥺
Thank u Hanyn! Thursday ga In Sha Allah!
Yazdhan nd Manhal ah vaagotheh balama hinga dw! 😉
Varah salhi
Next part varah avahah nerehchey please 😁
Thank u No-one! In Sha Allah! 😊🤍
Vv reethi …alhe ehaa curious kohlaafa thi nimmaaly ☹️… curiously waiting for the next part
Thank u Repuzil! 😊🤍
Omggg who could that bee
Curiously waiting for the next part
Loved ittt
❤️🔥❤️🔥❤️🔥
Thank you someone! 😊🤍
Let’s see who they are! 😉
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Anehka Kon baeh baa
Yazdhaan and manhal gulhuvachey
They both are made for each other
Shayoo and javidh ves gulhuvachey
They all are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍
Thank you Cutie girl!
Cutie girl ge support libeythy v ufaa vey! 😊🤍