ބޭވަފާ
ގޭ ބޮޑު ދޮރާށި ހުޅުވާލުމާއެކު ފެނުނު މަންޒަރުން އަހަރެންގެ ހިތް ކުދިކުދި ވި ކަހަލައެވެ. ނަގަން އުޅުނު ފިޔަވަޅު މަޑުޖެހި، ފެންނަމުން ދިޔަ މަންޒަރު އަހަންނަށް ގަބޫލު ކުރަން ދަތިވިއެވެ. އަހަރެންގެ ކޯތާފަތްމަތީ ހުއްޓުމެއް ނެތި ކަރުނައިގެ ރޮނގުތައް ދެމެމުން ދިޔައެވެ. އަހަރެން އެންމެ ދެކެން ބޭނުންވާ ދުވަސް ދެން އަހަރެންނާ ބައްދަލު ނުވާނެކަން އަހަރެންނަށް އެވަގުތު އެނގުނެވެ. ގޭ ހޯލު ތެރޭގައި ގާތްތިމާގެ މީހުންނާއި ބައެއް ރަހުމަތްތެރިން ހޭލަމޭލަ ވަމުން ދިޔައެވެ. ލޮލުން އޮހޮރެމުން ދިއަ ކަރުނަތައް ފުހެލުމަށް ފަހު އެއްވެސް މީހަކަށް ބެލުމެއް ނެތި ގޭތެރެއަށް ވަނީމެވެ. ކޮޓަރިއަށް ވަދެވުމާއެކު އަޑުން އަޑުނަގާ ރޮއިގަނެވުނެވެ. ބިންމައްޗަށް ތިރިވެ އިނދެ ރޮމުން ދިޔަ އަހަރެންގެ ކުރިމަތީ ވަށާލީ މާޒީގެ ހަނދާންތަކެވެ.
އެއީ މީގެ ދެ އަހަރު ކުރިއެވެ. ގުރޭޑް ދިހައެއްގައި އަހަރެން ކިޔަވަމުން ދިޔަ ދުވަސްކޮޅު އިރުޝާމްއާއި އަހަރެން ލޯބީގެ ގޮތުން ގުޅުނީމެވެ. ނަމަވެސް އަހަރެންނާއި އިރުޝާމްގެ މެދުގައި އޮތް ގުޅުން އިރުޝާމްގެ އެދުމުގެ މަތިން އަހަރެން ސިއްރު ކުރީމެވެ. އިރުޝާމަކީ ފިރިހެންވަންތަ ކަމުގެ ފުރިހަމަ ސިފަތައް ލިބިފައިވާ މީހެކެވެ. އިރުޝާމްގެ އެ ފިރިހެންވަންތަ ކަމުގެ ސިފަތަކުގެ ސަބަބުން ހުރިހާ އަންހެނުން ވެސް އޭނާގެ އަވައިގައި ޖެހޭނެ ކަހަލައެވެ.
ސުކޫލް ނިންމާލުމަށްފަހު މަތީ ތައުލީމް ހާސިލްކުރުމަށް ޓަކައި އަހަރެން ދިޔައީ މެލޭޝިޔާ އަށެވެ. މިއަދާ ހަމައަށް ވެސް އަހަރެންގެ ހަޔާތުގެ ކޮންމެ ދުވަހަކީ ވެސް ވަރަށް އުފާވެރި ދުވަސްތަކެކެވެ. ކޮންމެ ދުވަހަކު ވެސް އަހަރެންގެ ލޯބިވާ މީހުންނާ ގުޅާ ހާލުއަހުވާލު ބަލާ ހަދަމެވެ. ދުވަސްތައް ހަފްތާތަކަކަށް ހަފްތާތައް މަސްތަކަކަށް ވަމުން ދަނީއެވެ. އަހަރެން ހަދަމުންދާ ކޯހުގެ ފުރަތަމަ އަހަރު ނިމެން ކައިރި ވެއްޖެއެވެ. އަހަރެންނާއި އިރުޝާމްއާއި ދެމެދު އޮތް ގުޅުން ހީނަރު ވަމުން ދާކަހަލަ އިހުސާސް އަހަރެންނަށް ކުރެވެން ފެށުނެވެ. ވާނީވެސް އެހެންތާ އެވެ. އަހަރެންނަށް އިރުޝާމްއާއި ވާހަކަ ދައްކާނެ ވަގުތެއް ނުވެއެވެ. އަހަރެން އިރުޝާމްއާއި ގުޅިޔަސް ޖަވާބު ނުލިބޭ ފަހަރުތައް ދިޔައީ އިތުރުވަމުންނެވެ. މިކަމާމެދު އަހަރެން އިރުޝާމްއާއި ޝަކުވާ ކުރީމެވެ. ނަމަވެސް އިރުޝާމް ބުނަމުން ދިޔައީ ، އެގޮތަށް ކަންތައް އެވަނީ އިރުޝާމް ބިޒީ ކަމުން ކަމުގައެވެ. އަދި އަހަރެންނާއި އިރުޝާމްގެ ކައިވެންޏަށް ތައްޔާރު ވަމުންދާ ކަމަށް އިރުޝާމް ބުންޏެވެ. އެހިސާބުން އަހަރެންގެ އުންމީދުތައް އިތުރުވިއެވެ. އެތައް ހުވަފެންތަކެއް ދެކެން ފެށުނެވެ. ވާނީވެސް އެހެންތާ އެވެ. ލޯބީގެ ގޮތުން ގުޅިލާމެހިފައިވާ ދެ ހިތެއްގެ އުންމީދަކަށް ވެފައިވާނީ ކައިވެނި ކުރުމެވެ.
ދުވަސްތައް އޭގެ އެންމެ ހަލުވިކަމާއެކު ހިނގަމުން ދެއެވެ. އަހަރެން ހަދަމުންދާ ކޯހުގެ ފުރަތަމަ ދެ އަހަރު ނިމިއްޖެއެވެ. އެއާއިއެކު ލިބުނު ދެ މަސް ދުވަހުގެ ޗުއްޓީއަކަށް އަހަރެން ރަށަށް ދިއުމަށް ތައްޔާރުވަމުން ދިޔައީމެވެ. އަހަރެން ރަށަށް ދާ ދުވަހަކީ އަހަރެންގެ ދޮންތަ ކައިވެނި ކުރުމަށް ނިންމާފައިވާ ދުވަހެވެ. ނަމަވެސް އަހަރެންގެ ދޮންތަ ކައިވެނި ކުރަން އުޅެނީ ކާކާ ކަމެއް ހުދު އަހަރެންނަކަށް ނޭނގެއެވެ. އެތައް ފަހަރެއްގެ މަތިން ދޮންތަ ގާތު ކައިވެނި ކުރަން އުޅެނީ ކާކާތޯ ސުވާލު ކުރުންމުން ވެސް ނުބުނެއެވެ. ކޮންމެ ފަހަރަކުވެސް ބުނަނުން ދިޔައީ އެއީ ސަޕްރައިޒެއް ކަމުގައެވެ. އަދި އަހަރެން ރަށަށް ދާ ދުވަހަކީ އިރުޝާމްގެ އުފަންދުވަސް ކަމުން ، އަހަރެން އިރުޝާމްއަށާއި ދޮންތައަށް ދޭނެ ރަނގަޅު ހަދިޔާއެއް ތައްޔާރު ކުރީމެވެ.
ރަށަށް ދާން ފުރާ ވަގުތު ކުޑަތަން ވަމުން ދިޔަވަރަކަށް އަހަރެންގެ ހިތް ދިޔައީ އަވަސް ވަމުންނެވެ. އެ ދުވަހަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ ދުވަހެކެވެ. އެތައް ދުވަހަކަށް ފަހު އާއިލާއާއި މިއަދު އަހަރެން ބައްދަލު ވާނެއެވެ. ދޮންތަގެ ކައިވެނި ހަފްލާ އޮންނާނީ ވެސް މިއަދުއެވެ. އަހަރެންގެ ލޯބިވެރިޔާގެ އުފަންދުވަހަކީ ވެސް މިއަދެވެ. ދިގު ދަތުރެއް ކުރުމަށް ފަހު އަހަރެންގެ މަންޒިލަށް އާދެވިއްޖެއެވެ. އަހަރެން ރަށަށް އައި ކަމެއް އާއިލާގެ އެއްވެސް މީހަކަށްވެސް އަދި އިރުޝާމް އަކަށްވެސް ނޭނގޭނެއެވެ. އަވަސް ފިޔަވަޅުތަކެއް ނަގަމުން ގޮސް ގެއާއި ހަމަޔަށް އާދެވުނު އިރު ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ.
ގޭ ބޮޑު ދޮރާށި ހުޅުވާލުމާއެކު ފެނުނު މަންޒަރުން އަހަރެންގެ ހިތް ކުދިކުދި ވި ކަހަލައެވެ. ގެއަށް ވަނުމަށްޓަކައި ނަގަން އުޅުނު ފިޔަވަޅު މަޑުޖެހުނެވެ. ފައި ދަށުން ބިންގަނޑު ކެހިގެން ދިޔަހެންވެސް ހީވިއެވެ. ކަރުނައިގެ ރޮނގުތައް ކޯތާފަތް މަތީގައި ދެމެމުން ދިޔައެވެ. އަހަރެން ކުރި އުންމީދުތައް ފުނޑުފުނޑު ވެގެން ދިޔައެވެ. އިރުޝާމް އަހަރެންނަށް އެހެން ހަދާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. އަހަރެންގެ ދޮންތަ އަހަރެން ދެރަވާފަދަ ކަމެއް ކުރާނެބާއެވެ. އެއްފަހަރާ އެތައްހާސް ސުވާލެއް އަހަރެންގެ ހިތް އަހަރެންނާއި ކުރަމުން ދިޔައެވެ. ގޭ ހޯލު ތެރޭގައި އެވަގުތު ކުރިއަށް ދިޔައީ އިރުޝާމްއާއި އަހަރެންގެ ދޮންތަގެ ކައިވެނި ހަފްލާއެވެ. ގާތްތިމާގެ މީހުންނާއި ބައެއް ރަހުމަތްތެރިން ދިޔައީ އެ ކައިވެނީގެ އުފަލުގައި ބައިވެރިވަމުންނެވެ. ނަމަވެސް އަހަރެންނަށް އުފާވުމުގެ ބަދަލުގައި ވެވުނީ ދެރައެވެ.
ސިއްސައިގެން ގޮސް މާޒީގެ ތެރެއިން ނިކުމެވުނީ މަންމަ އަހަރެންނަށް ގޮވާލި އަޑަށެވެ. އަހަރެން ކިތަންމެ ދެރަވެފައި ވީނަމަވެސް އަހަރެންގެ މަންމަގެ މޫނުމަތިން ފާޅުވާން ހުރީ އުފާވެރި ކަމެވެ. އަހަރެންގެ މަންމަ އުފާވެފައި އެހުރީ އެތައް ދުވަހަކަށް ފަހު އަހަރެން ފެނުނީމައެއް ނޫނެވެ. މަންމަ އެހާ އުފާވެފައި އެހުރީ ދޮންތަ ކައިވެނި ކުރީމައެވެ. އަހަރެން އެހާ ދެރަވެފައި އިނީ ކީއްވެގެން ތޯ ވެސް މަންމަ އަހަރެންގެ ގާތު އަހައި ނުލައެވެ. މަންމަ ކޮޓަރިން ނުކުމެގެން ދިއުމުން އަހަރެން ކޮޓަރި ތަޅުލީމެވެ. މީ އަހަރެންގެ ތަޤުދީރެވެ. ވިއްސިވިހާލިވެގެންދިޔަ އަހަރެންގެ ކުލަނުވި ހުވަފެންތަކެވެ. ކޮންމެ އަކަސް އަހަރެންގެ ހިތް އިރުޝާމްއަށް ނަފްރަތު ކުރެއެވެ. އިރުޝާމް އަހަރެންނަށް ބޭވަފާތެރި ވީމައެވެ.
=ނިމުނީ=
One Comment
Comments are closed.

އައު ޒުވާން(ވިސްނޭގޮތުގައި ނޫކަށިފުރައިގެ) ލިޔުންތެރިޔަކާ އަޅައިބަލާއިރު ވާހަކަ ރީތި. އިބާރާތްކުރުން ވެސް ރީތި. ތިޔަ ގޮތުގައި ކުރިޔަށް