ހިނދުކޮޅެއް-ފަހުބައި
“ކިހިނެއްތަ ނުވަނީ؟ އާލާ ފެނިފަ އަހަރެން ހަމަ އަސްލުވެސް މޮޔަ ވެއްޖެ. ލަވް އެޓް ފަސްޓް ސައިޓް އެއީ އަސްލުވެސް ތެދެކޭ…” ޔަޒްދާން ވާހަކަ ދައްކާ ދައްކާ އޮއްވާ އަހަރެން ފޯނު ކަނޑަލީމެވެ. އިރުކޮޅަކު މޭ މަތީ ފޯނު ބާވާލައިގެން އޮތުމަށްފަހު ފޯނުނަގާ ޔަޒްދާނަށް މެސެޖެއް ލިޔުނީމެވެ. އަހަރެން މިއީ މީހެއްގެ އަނތްބެއްކަމާއި އަހަރެންގެ ފަހަތުން ނޫޅުމަށް އެދުނީމެވެ. މެސެޖް ފޮނުވިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޔަޒްދާންގެ ޖަވާބު ލިބުނެވެ. މީހަކާ އިނދެގެން އުޅުނަމަވެސް މައްސަލައަކީ ކޮބައިތޯ ޔަޒްދާން އެހިއެވެ. އަހަރެންގެ ހިތުގާ ޔަޒްދާންގެ މައްޗަށް އުފެދުނީ އިތުރު ފޫހިކަމެކެވެ. ނަންބަރު ބްލޮކް ކޮށްލުމަށްފަހު ފޯނު ނިއްވާލީމެވެ. އިތުރަށް އެކަމާމެދު ވިސްނަން އަހަރެން ބޭނުމެއް ނޫނެވެ. ދެލޯ މަރާލުމަށްފަހުު ބާލިހުގައި މޫނު ފޮރުވާލީ ނިދުމަށެވެ.
ފަތިސް ނަމާދު ކޮށްގެން ދެން އަހަންނަކަށް ނުނިދުނެވެ. އިއްޔެއަށްވުރެއް މޫސުން ރަނގަޅުވާނެކަމަށް ލަފާކޮށްފައި އޮތުމުން ނުވައެއް ޖަހާއިރަށް ފުރާ ގޮތަށް އޮތީ ހަމަޖެހިފައެެވެ. ދަބަސް ތައްޔާރު ކޮށްލުމަށްފަހު ފޯނު ހިފައިގެން ގޯތިތެރެއަށް ނިކުމެލީމެވެ. ރޭހަތަރުދަމު ވެހުނު ވާރޭގެ ފިނިކަމާއި ފަތިހުގެ ފިނިކަން އެކުވެ ފަޒާ ތެރޭގައިވީ އާދަޔާ ހިލާފު ފިނިކަމެކެވެ. ހިމޭންކޮށް އޮތް ޖައްވުގެ ތެރެއިން ޖެހިލި މަޑުމަޑު ވައިރޯޅިއާއެކު އަހަރެންގެ ދަތްދޮޅި ރޫރޫ އަޅައިގަތެވެ. މެޔާ ދިމާލުގައި އަތް ހުރަސްކޮށްލެވުނެވެ. ފިނިން ހަށިގަނޑު ރައްކާތެރި ކުރުމަށެވެ.
އަނދިރިކޮށް އޮތް ގޯތިތެރެއިން ލާފާ މަގުމައްޗަށް ނިކުމެލީމެވެ. ގުުދުރަތުގެ ފިހި ލަސްލަހުން ހަރަކާތްތެރިވަމުން އިރުއަރަން އުޅޭކަމުގެ ނިޝާންތައް އުޑުމަތިން ދައްކަމުން ދިޔައެވެ. މަޑު އޮރެންޖު ކުލަ ފާއްދަމުން ދާ އުޑަށް ބަލަމުން އަހަރެން ނިކުތީ އިއްޔެ ވަހިއްތައާއެކު ތިބި ޖޯލިފައްޗާ ދިމާލަށެވެ. އެހިސާބަށް އިރުއަރާ މަންޒަރު ކިތަންމެ ރީއްޗަށްވެސް ފެންނާނެއެެވެ. ޖޯލިފައްޗާހަމައަށް އަރާ ހަމަވިއިރު އަހަންނަށް ލިބުނީ ހައިރާން ކަމެވެ. ނިތްކުރިމަތީ އަތްބާވާލައިގެން ވަހިއްތަ އެތަނުން ޖޯއްޔެއްގައި އޮތެވެ.
“ވަހިއްތާ.” ވަހިއްތަ އޮތް ޖޯއްޔާ ޖެހިގެން ހުރި ޖޯލީގައި އަހަރެންގޮސް އިށީނީމެވެ. އަހަރެން ގޮވާލުމުން ހޫމް އަޅުވާލަމުން ވަހިއްތަ މޫނު އަނބުރާލީ އަހަންނާ ދުރަށެވެ. ވަހިއްތަގެ އަޑުގައިވީ ކުރަކި ކަމުން ވަހިއްތަ ރޮނީކަން އަހަންނަނަށް ސިއްރެއް ނުވިއެވެ.
“ވަހިއްތަ ރަނގަޅުތަ؟” އަަހަރެން އަހާލީމެވެ.
“ދައްތަ އަބަދުވެސް ރަނގަޅޭ. އެކޮއެ ކޮން އިރަކު ފުރަނީ؟” ނޫންކަމަށް ހެދެމުން ބުރުގަލުން ވަހިއްތަ ދެލޯ ފޮހެލިއެވެ. އަހަރެން އިނީ ވަހިއްތަގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލާށެވެ.
“މިއަދު ނުވައެއް ޖަހާއިރު ފުރަން. ވަހިއްތައާ ދިމާނުވެދާނެތީ ދެރަވެފަ މި ހުންނަނީވެސް. ނަސީބަކުން މި ދިމާވީތާ.” ފުން ނޭވާއެއް ދޫކޮށްލަމުން އަހަރެން ޖަވާބު ދިނީމެވެ. ވަހިއްތަގެ ހިތަށް އުދަނގޫކުރަމުންދާ ކަމަކީ ކޮބައިތޯ ހޯދުމަށް އަހަރެންގެ ހިތް ތެޅިފޮޅެނީއެވެ. ނަމަވެސް ކެތްތެރިވެލީމެވެ. އަހަންނަށް ކުރެވޭ ސުވާލަކުން ވަހިއްތައަށް އިތުރު ހިތްދަތި ކަމެއް ލިބޭކަށް ނޭދެމެވެ.
“އާން ހަމަ ނަސީބެއް ދިމާވިކަން. ދައްތަ އަންނަން ވަރަށް ގިނައިން މިތަނަށް. ހިތަށް ހަމަޖެހުމެއް ލިބެނީ މިކަހަލަ ތަނަކަށް ނިކުމެލީމަ. ރޭގަވެސް…” ވާހަކަ ދައްކަމުން ގޮސް ވަހިއްތަ ހުއްޓަލިއެވެ. ނޭފަތް އެތެރެއަށް ދަމާލުމަށްްފަހު ދެއަތުން މޫނު ފޮރުވާލިއެވެ. މަޑުމަޑުން ގިސްލުމުގެ އަޑު އިވެމުންދިޔައެވެ. އަހަރެންގެ ދެލޯވެސް ކަރުނުން ފުސްކޮށްލިއެވެ.
“ވަހިއްތަ. ހުއްޓާލާ.” ވަހިއްތަގެ ބޮލުގައި ފިރުމާލަމުން އަހަންނަށް ބުނީމެވެ. ހިއްވަރު ދޭން ބުނާނެ އިތުރުރު އެންމެ ލަފްޒެއްވެސް އަހަރެންގެ ދުލަކަށް ނައެވެ.
“ހިތުގައި ފޮރުވައިގެން އުޅުމަށްވުރެއް މީހަކާ ހިއްސާކުރީމަ ހިތަށް ފަސޭހަވާނެ.” އިރުގަނޑެއް ވަންދެން މޫނު ފޮރުވާލަިއިގެން އިނުމަށްފަހު ވަހިއްތަ މޫނުން އަތް ނެގިއެވެ. ލޮލުން ފައިބާފައި ހުރި ކަރުނަތައް އަތުން ފޮހެލަމުން މީހާ ހަމައަކަށް އަޅުވާލިއެވެ. އަހަންނާ ދިމާއަށް ބަލާލުމަށްފަހު ފަނޑު ހިނިތުންވުމެއް ދިނެވެ.
“ކިޔާދެން ކިތަންމެހާވެސް ބޭނުން. އެކަމަކު ފަށާނީ ކިހާ ހިސާބަކުން ކަމެއްވެސް ނޭނގެ.” އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްލަމުން ކަނޑުގެ ސަތަހައިގެ މައްޗަށް ކާވަތެއްހާ ވަރަށް ފެންނަން ހުރި އިރަށް ވަހިއްތަ ބަލާލިއެވެ. އެދޮލުގައި އެއްވެސް ދިރުމެއް ނެތެވެ.
“އަހަންނަކަށް ނޭނގެ ޔަޒްދާން ކިހިނެއް ބެލުނީމަ ކަމެއް އެއުޅުން އިހްތިޔާރު ކުރީ.” ޔަޒްދާންގެ ނަން އަޑުއިވުމާއެކު އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ހަމަ އެ ޔަޒްދާން ހެއްޔެވެ؟ އަހަރެންގެ ހިތާ ސުވާލުކޮށްލެވުނެވެ.
“ޔަޒްދާން..؟” އަހަންނަށް މަޑުމަޑުން ކިޔާލެވުނެވެ.
“ދަންނަން ދޯ އެސޮރު؟” ވަހިއްތަ އަހަންނާ ވީ ފަރާތައް އެނބުރުމަށްފަހު އަހާލިއެވެ. ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގުނެވެ.
“މަސްތުވާތަކެއްޗަށް ގޮސް ހުސްވެފަ އެ ހުންނަނީ. ދެވެން އޮތް ރަނގަޅު ތަރުބިއްޔަތެއް ދައްތަ ދިނިން. ކިޔަވާދެވެން އޮތް އެންމެ މައްޗަކަށް ދައްތަ ހުރީ ކިޔަވާދެން ބޭނުންވެފަ. އެކަމަކު ޔަޒްދާން އިތުރަށް ކިޔަވާކަށް ބޭނުމެއް ނުވި. އެހާ ރަނގަޅު ނަތީޖާއަކާއެކު ދިހައެއް ނިންމާފަވެސް ޔަޒްދާން ބޭނުންވީ ރިސޯޓަށް ދާން. އޭރު ވަރަށް ލޯބިވާނެ ދައްތަދެކެ. ބުނި މަންމައަށް ރުފިޔާ ހޯދަދޭށޭ ދާން މިއުޅެނީ.” ކުރީގަ ހަނދާންތައް އާވުމާއެކު ލޮލުން ފޭދެމުން ދިޔަ ކަރުނަ ތަކުގެ ތެރެއިން ވަހިއްތަ ހީލިއެވެ.
“ހުރިހާ ކަމެއް ބަދަލުވީ ރިސޯޓަށް ދިޔަ ހިސާބުން. ރިސޯޓުން ވައްކަން ކޮށްގެން ރިސޯޓުން ކަނޑާލީމަ ދެން އައީ ރަށަށް. އޭރު މީހާ ހުރީ މަސްތުވާތަކެތީގަ ޖެހި ހަލާކުވެފަ. ރަށަށް އައިސްފަވެސް ކުރަން ފެށީ އެކަންތައް. ކިހާ ވަރަކަށް ނަސޭހަތް ދޭނީ. ކިހާ ވަރަކަށް.” އަޑު ބެދުމާއެކު ވަހިއްތައަށް އިތުރަށް ވާހަކައެއް ނުދެއްކުނެެވެ. ވަހިއްތަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަހަރެންގެ އަތުން ފޮހެދިނީމެވެ. ވަހިއްތަގެ ބޯ ގެެނެސް އަހަރެންގެ ކޮނޑުގައި ބާވާލުމަށްފަހު ބޮލުގަައި ފިރުމާލީމެވެ.
“މިހިރީ ރޭގަ ކޮށްލިވަރު.” އަހަރެންގެ ކޮނޑުން ތެދުވެ ކަނާއަތް އޮޅާލުމަށްފަހު އަތުގެ ހިކަނދިމަސްގަނޑު ވަހިއްތަ ދައްކާލިއެވެ. އަހަންނަށް އަނަގަމަތީ އަތް އަޅާލެވުނެވެ. ހިކަނދިމަސްގަނޑުން ތަންގަނޑެއް ހުރީ ނޫފައި ގަތްފައެވެ. އެއަތުގައި ލެވިފައިވާ ލަކުނުތައް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ފާރު ހިކި މިއަދު ލަކުނައް ބަދަލުވެފައި ވި ނަމަވެސް ވަހިއްތަގެ ހިތުގައި ލެވިފައިވާ ލަކުނުތައް ފަސޭހަ ނުވާނެކަން އަހަންނަށް ޔަގީނެވެ.
“ރޭގަ ނޭނގެ ކޮންކަމަކާ ކަމެއް ރުޅިއައިސްފަ ހުރީކީ. އެހެންޏާ ރުޅި އަންނާނީ ދައްތަ އެ ސޮރަށް ރުފިޔާ ނުދީގެން. އަތުންފައިން މަސައްކަތެއް ނުކޮށް ދައްތައަތުން ރުފިޔާ އަތުލައިގެން އެ ކުރާ ކަމެއް އެކުރަނީ.” އޮޅާލެވިފައިވާ ހެދުމުގެ އަތް ތިރިކޮށްލުމަށްފަހު އެ އަނިޔާތައް ފޮރުވާލިއެވެ. އަހަންނަށް އިސްޖަހާލެވުނެވެ. މަޔަކަށް ދަރިއެއްގެ ފުށުން މިފަދަ އަނިޔާއެއް ލިބިދާނެ ކަމަށް އަހަންނަށް ގަބޫލުވެސް ނުކުރެވެއެވެ. އަހަންނަށް ނުފެނުނު ނަމަވެސް އެ ހަށިގަނޑުގައި އަދި ކިތައް އަނިޔާގެ ނިޝާން ހުންނާނެ ބާއޭ ހިތަށް އެރިއެވެ.
“ދައްތަގެ ޔަޒްދާންތަ ރީނދޫ ކުލައިގެ ސައިކަލެއްގެ އުޅެނީ؟” އަހަން ނާހަން ހުރެފަވެސް އަހަރެން އަހާލީމެވެ. ވަހިއްތަ ބޯ ޖަހާލީ އާނއެކޭ ބުނާފަދަ ގޮތަކަށެވެ. އަހަރެންގެ ހިތަށްވީ އުނދަގޫ ގޮތެކެވެ. ގަބޫލު ނުކުރެވިފައިވާ އިނދެވުނެވެ.
“ރޭ ފަހުން ނިދާކަށްވެސް ނާދޭ.” ވަހިއްތަ ދެ ލޯ ފޮހެލިއެވެ. އެ ދެލޮލުން ކަރުނަ ހުސްނުވާފަދައެެވެ. ޔަޒްދާންގެ ހަގީގީ ކުލަ އިނގުމުން އަހަރެންގެ ހިތުގައި އޮތް ފޫހިކަން ދެގުނަ ވިއެވެ. މައިމީހާއަށް އެހާ ރަހުމް ކުޑަވެވޭނީ ހިތެއް ނެތް އިންސާނަކަށެވެ. ޔަޒްދާގެ އަމަލްތަކާމެދު އަހަރެން ހައިރާންވަމެވެ.
“ދައްތަ ތި މައްސަލަ ރިޕޯޓެއް ނުކުރަންތަ؟ ތިހާ އަނިޔާ ލިބޭއިރު ތިހެން ހުންނާކަށް ނުވާނެ.” އަހަރެން އެހެން ބުނުމާއެކު ވަހިއްތަ ދެއަތް ހޫރާލީ ނޫނެކޭ ބުނަމުންނެވެ. ދެލޯ ބޮޑުކޮށްލައިގެން ވަހިއްތަ އިންއިރު އެ ލޮލުގައިވީ ހާސްކަމެވެ.
“ނޫން ނޫން. ރިޕޯޓް ނުކުރާތި. ދައްތަ ކެއްތެރި ވާނަން. ހުރިހަމައެކަނި ދަރިފުޅު ދުރަށް ގެންދިޔައިމަ މިހިތަށް އަދި މާތަދުވާނެ. މާ އެކަނި ވެރިވާނެ. މިހާރުވެސް އެ ދަރިފުޅު ލޮލަށް ފެނިލާ ކަމަށްޓަކައިވެސް ދައްތަ އުފާކުރަން.” ވަހިއްތަގެ ދެލޯ އަނެއްކާވެސް ތެތްމާލިއެވެ. ވަހިއްތަގެ ލޮލުން ފައިބަމުންދާ ކޮންމެ ކަރުނަ ތިއްކެއްވެސް އެ ވާހަކަތަށް ސިއްރުކޮށްދިނުމަށް އާދޭސް ކުރާފަދައެވެ. އަހަރެންގެ ދެއަތުގައި ވަހިއްތަ ހިފާލިއެވެ. މުޅި އުމުރަށްވެސް އެވާހަކަތަށް ސިއްރު ކޮށްދިނުމަށް އެދުނެވެ.
” ވަހިއްތާ. ދުއާ ކުރޭ. ވަހިއްތަގެ ދަރިފުޅަށް ރަނގަޅު މަގު ދައްކަވާތޯ ދުއާ ކުރޭ. އިރާދަ ކުރެއްވިއްޔާ އަދި ރަނގަޅުވާނެ.” ވަހިއްތަގެ މޫނަށް އަހަރެން ބަލާލީމެވެ. އަހަރެންގެ ވާހަކަތައް ގަބޫލުކުރާށޭ ބުނާފަދަ ގޮތަކަށް އަހަރެން ބޯޖަހާލީމެވެ. ކަރުނައިގެ ތެރެއިން ހީލަމުން ވަހިއްތަވެސް ބޯޖަހާލިއެވެ.
އަހަރެން ގެއަށް ދާން ހިނގައިގަތީ އާސިމާ ދައްތަ ގުޅުމުންނެެވެ. ވަހިއްތައާ ވަދާއީ ސަލާމް ކުރުމަށްފަހު ގެއަށް އައިސް ވަތްއިރު އަހަރެންގެ އިންތިޒާރުގައި އާސިމާދައްތަ ސައި ހަދަައިގެން އިނެވެ. އަހަރެން ފެނުމާއެކު ސައި ބޯން އައުމަށް ގޮވާލިއެވެ. އެކަނި ވެލަން ބޭނުންވެފައި ހުރުމުން އަހަރެން ފުރަތަމަ ދިޔައީ ކޮޓަރިއަށެވެ. އެނދުމައްޗަށް އުއްޑުން ވެއްޓިގަންނަމުން ދެލޯ މަރާލީމެވެ. ބޮލަށް ފާޑަކަށް ހުރީ ބަރުވެފައިއެެވެ. ނަފްސަށް ވެރިވެފިވީ ގިލަންވެރިކަމެވެ.
އިރުކޮޅަކު އެހެން އޮތުމަށްފަހު ފާހަނައަށް ވަދެ މޫނު ދޮވެލައިގެން ނިކުތީމެވެ. ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ހިތުގައިވީ އުދާސްކަމަށް ފަރުވާއެއް ލިބޭނީ އަހަރެންގެ މަންމައާ ވާހަކަ ދައްކާލެވުމުނެވެ. މަންމަގެ އެ ލޯބިވެތި އަޑު އިވުމުންނެވެ. އެނދުމަތީ އޮތް ފޯނު ނެގީ މަންމައާ ގުޅުމަށެވެ. ފޯނަށް އައިސްފައިވާ ދެ މެސްޖް އަހަންނަށް ފެނުނީ ދެނެވެ. ހައިރާން ކަމާއެކު މެސެޖް ހުޅުވާލީމެެވެ.
“މީޓް މީ އައުޓް ސައިޑް. އައި އޭމް ވެއިޓިންގް.” ފުރަތަމަ މެސެޖް ކިޔާލުމުންވެސް އެއީ ކާކުގެ މެސެޖެއްކަން އަހަންނަށް އިނގުނެވެ. މޫނުމައްޗަށް ފޫހި ވައްތަރެއް ޖައްސާލެވުނީ ބޭއިހްތިޔާރުގައެވެ. ދެން އޮތީ ޔަޒްދާންގެ މެސެޖެއްކަން އަންގައިދިނުމަށް ފޮނުވާފައި އޮތް މެސެޖެކެވެ. ޔަޒްދާނާ ބައްދަލުކުރަން ދިއުމުގެ ހިޔާލެއްވެސް އަހަރެން ނުކުރަމެވެ. މެސެޖްތަކަށް ޖަވާބެއްވެސް ނުދެމެވެ.
ފުރަން ތައްޔާރުވެގެން ނިކުތުމުން އަހަންނާއެކު އާސިމާ ދައްތަވެސް އަހަރެން ފުރުވަން އައެވެ. އަހަންނަށް ކުޑަނަވެސް ހިތްހަމަ ޖެހުމެއް ލިބުނެވެ. ގެއިން ނިކުތްިއރު ޔަޒްދާން ބޭރުގައި ހުންނާނެކަމަށް އަހަންނަށް ހީކުރެވުނެވެ. ނަމަވެސް އެއީ ކުރެވުނު ކުށްހީއެކެެވެ. ޔަޒްދާން ފެންނާކަށް ނެތެވެ. ވަށައިގެން ހޯދައިލެވުނީ ޔަޒްދާން ހުރެދާނެ ކަމުގެ ބިރަށެވެ. ހިނދުކޮޅެއްގެ ތެރޭގައި ހިނގައިދިޔަ ކުޑަކުޑަ ކަމަކުން މިހާ ބޮޑު ބިރެއްގެ ތެރެއަށް ވެއްޓިދާނެ ކަމަށް ލަފާވެސް ނުކުރެވެއެވެ.
“އާލާ.” ޔަޒްދާންގެ އަޑު ފަހަތުން އިވުމުން އަހަރެންގެ ފިޔަވަޅުތައް މަޑު ޖައްސާލެވުނެވެ. ލަސްލަހުން ފަހަތް ބަލާލިއިރު ޔަޒްދާން ހިނގާފާއައިސް އަހަރެމެންނާ އަރާ ހަމަ ކުރަނީއެވެ. ޔަޒްދާންގެ މޫނުމަތީވީ ޝުއޫރުތައް ތަރުޖަމާކުރަން އަހަރެން ނުކުޅެދުނެވެ. ޔަޒްދާން އައިސް އަހަރެންގެ ކުރިމަތީ ހުއްޓިލިއެވެ. އަހަރެމެން ދެމީހުންނަށް ބަލާލުމަށްފަހު އާސިމާދައްތަ މަޑުކޮށްލީ ތަންކޮޅެއް ދުރުގައެވެ.
“އަހަރެން އިގްނޯކޮށްފަ ތިހެން ނުފިލޭނެ.” ޔަޒްދާން ދިނީ އިންޒިރާކެވެ. އަހަރެންްގެ ހިތަށް އެ އިންޒާރުން އަސަރެއް ނުކުރިއެވެ.
“ރީއްޗަށް ބުނީމަ ގަބޫލުނުކުރެވެނީ ކީއްވެގެންތަ؟” ޔަޒްދާނާ ހަތަރުކަޅި ހަމަކޮށްލަމުން އަހަރެން އަހާލީމެވެ. އަހަރެންގެ އަޑުގައިވީ ނުރުހުން ފޮރުވާކަށް އަހަރެން މަސައްކަތެއް ނުކުރަމެވެ.
“އާލާ އާ ހެދި އަހަރެން މޮޔަވެއްޖެ.” ޔަޒްދާންގެ ލޮލުން އަހަންނަށް އެއްވެސް އެއްޗެއް ދެނެއެއް ނުގަނެވުނެވެ. ނަޒަރު ވަކިކޮށްލަމުން އެހެން ދިމާއަކަށް އަހަރެން ބަލާލީމެވެ.
“ނުވަމަސް ވަންދެން ބަނޑުގައި އުފުލާ އެންމެ ތުއްތުއިރުއްސުރެ ބަލާ ބޮޑުކުރި މަންމަދެކެ ވާން ނޭނގުނު ލޮއެބެއް ދެންމެ ފެނުން މީހެއްދެކެ ވެއްޖެއޭ ބުނީމަ ހައިރާން ވެއްޖެ.” އަހަރެން ޔަޒްދާނާ ދިމާއަށް ބުނީމެވެ.
“އާލާ.” ހަރުކަށިކަމާއެކު އަހަރެންގެ ނަަމުން ގޮވާލަމުން އަހަރެންގެ ހިކަނދި މަސްކަނޑުގައި ޔަޒްދާން ހިފާލިއެވެ. ޔަޒްދާން އަތްފޮޅާލަމުން އަހަރެން ދުރަށް ޖެހިލީމެވެ.
“އުމުރު އެމީހަކާ އެކު ހުސްކުރި މީހަކު ދެކެ ލޯބި ނުވެވުނުއިިިރު އަދި އިތުރު މީހެއް ދެކެ ލޯބި ވެވޭނެތަ؟ އަހަރެންދެކެ ތިިހާ ލޯބި ވަންޏާ ހެޔޮނުވާނެ އެ ނިކަމެތި މަންމައަށް ލޮއެބާ އަޅާލުންދީ. ޔަޒްދާން އެހެން އަންހެނެއް ދެކެ ލޯބިވުމުގެ ކުރިން ފުރަތަމަ މަންމަދެކެ ލޯބިިވާ ދަސްކުރޭ ޕްލީޒް. ޝީ ނީޑްސް ޔޫ.” ހަރުކަށި ކަމާއެކު ވާހަކަ ދައްކަން ފަށާފަވެސް އަހަރެންގެ އަޑު މަޑުވިއެވެ. ރުޅި އަންނަން ބޭނުންވިއަސް އެވަގުތު އަހަންނަށް ރުޅިއެއް ނާދެވުނެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމަށްފަހުވެސް ޔަޒްދާން ހިމޭންވިއެވެ. އަހަންނަށް ވާހަކަ ދައްކަން ފުރުސަތު ލިބުނެވެ.
“މިިހާރު ޔަޒްދާންގެ މަންމަ އެއިނީ މުސްކުޅިވެ ގައިބާރު ދެރަވެފަ. އެންމެ ކުޑަކިމުން މިހާރު އެ މަންމައަށް އޯގާވެ އަޅާލަން ވެއްޖެއްނު. މިއޮށް ހުރިހާ ދުވަހުވެސް ޔަޒްދާން ކަންތައްކުރީ ޔަޒްދާން ބޭނުންވި ގޮތަކަށް. ޔަޒްދާނަށް އިނގޭތަ އެ މަންމަ ޔަޒްދާނަށްޓަކައި އޮއްސާ ކަރުނަ؟ އިނގޭތަ ޔަޒްދާނަށް އެ މަންމަގެ ހިތުގާ ކިތައް ފަހަރަށް ޖެއްސުނުކަން؟ ޔަޒްދާން ވިސްނަބަލަ. އެއްވެސް މީހަކު އަބަދު ދުނިޔެއަކު ނުހުންނާނެ. މަރުވާނެ. ޔަޒްދާން މަންމައާއެކު ހޭދަކުރާން އެންމެ ފަހު ދުވަހަށް މިއަދުވެސް މާދަމާވެސް ވެދާނެ. ދަރިއަކަށް މައިމީހާގެ ހެޔޮދުއާ ހާދަ ބޭނުންވެއޭ.އެހެންނޫނީ ދިރިއުޅުމުގައި ހަގީގަތުގަ ކާމިޔާބުވާނީ ކިހިނެއް؟ ޔަޒްދާންމެންނަށް ރަނގަޅު ކިތަންމެ ކުއްޖަކުވާނެ. މީހެއްގެ އަނތްބެއްގެ ފަހަތުން ދުވުމުގެ ބަދަލުގަ އާދޭސްކޮށްފަ މިބުނަނީ ރަނގަޅު ދިރިއުޅުމެއް ފަށައިގެން ރަނގަޅަށް އުޅޭ. ދެމީހެއްގެ ދޭތެރެއަށް ވަދެފަ ދެމީހުންގެ ދިރިއުޅުން ހަލާކު ކޮށްލައިގެން ވަކި އުފާވެރި ދިރިއުޅުމެއް ނުލިބޭނެ.” އަހަރެންގެ އަޑު ކުރެހުނެވެ. ލޮލުތެރޭ ގިނަވަމުން ދިޔަ ކަރުނަތައް އިސްފިޔަ ތަޅުވާލަމުން ހިންދާލީމެވެ.
“މި ދެއްކި ހުރިހާ ވާހަކައަކަށް ޔަޒްދާން ވިސްނާނެ ކަމަށް ހީކުރަން. އައި ނީޑް ޓު ގޯ” ޔަޒްދާނަށް ފުރަގަސްދެމުން ހިނގައިގަތް އިރު އަހަަރެންވެސް ހުރީ ފެންކަޅިވެފައެވެ. ޔަޒްދާން އިތުރު އެއްޗެކޭ ބުނޭތޯ އަހަރެން މަޑެއްވެސް ނުކުރަމެވެ.
އާސިމާ ދައްތައަށް ސަލާމްކުރުމަށްފަހު ލޯންޗަށް އެރީމެވެ. ސީޓުގައި ލައްގަނެލަމުން ދެލޯ މަރާލެވުނެެވެ. މައެއްގެ ހިތުގެ ވޭނީ އަޑު އަހަރެންގެ ކަންފަތުގެ ތެރޭގައި އަދިވެސް ގުގުމާފަަދައެެވެ. ހިތަށްވަނީ ފުންއަސަރުތަކެއް ކޮށްފައެވެ. އަހަރެންގެ ދިރިއުޅުމުގައި މިވަރުގެ ކަމަކާ ދުވަހަކުވެސް ކުރިމައްޗެއް ނުލަމެވެ. ހިނދުކޮޅެއްގެ ތެރޭގައި ކުރިމަތިލާން ޖެހުނީ ތުފާނަކަށެވެ. ލޯ މަރާލައިގެން އޮތްއިރު ލޮލުގެ ހިމަކޮޅުން ކަރުނަތައް ހުއްޓުމެއްނެތި ފައިބަމުންދިޔައެވެ. ހިތްފުރެންދެން ރޯލަން ބޭނުންވިއެވެ. ފަޅުން ނިކުމެ ދަތުރުގެ އަސްލު މަންޒިލަށް ލޯންޗު ދަތުރު ކުރަން ފެށިއެވެ. ފަސް އެނބުރި އަހަރެން އެރަށާ ދިމާއަށް ބަލާވެސްް ނުލަމެވެ. އެރަށުން އަހަންނާ ދިމާވި ހުރިހާ ކަމެއް އަހަރެން ބޭނުމީ ހަނދާން ނައްތާލާށެވެ. އަހަރެންގެ ހިތުގެ ހަމައެކަނި އެދުމަކީ އެ ނިކަމެތި މަންމަގެ ހިތަށް ހިނދުކޮޅަކަށްނަމަވެސް އުފާވެރި ކަމެއް ލިބުމެވެ.
-ނިމުނީ-
2 Comments!
Comments are closed.

ރީތިކޮށް ލިޔެފައިވާ އަސަރު ހުރި ރީތި ކުރު ވާހަކައެއް. ލިޔުންތެރިޔާއަށް ފަށްފަށުން ޝުކުރިއްޔާ
yazdhaan rangalhu ve aalaa aai marry kuri nama vrh salhi vees but ok