ހިނދުކޮޅެއް 2
އިރުކޮޅަކު ވިސްނަން އިނުމަށްފަހު އެ ދައްތަ ކައިރީ ޖެހިގެން ހުރި ޖޯލީގައި ގޮސް އިށީނީމެވެ. ފަރުވާތެރިކަމާއެކު އެ ދައްތަގެ މޫނަށް އަހަރެން ބަލާލީމެެވެ. ރޫޖެހި ވާން ގޮސްފައިވާ ހަންގަނޑެކެވެ. ހިކި އަނަރޫފަވެފައިވާ ތުންފަތެވެ. ވަޅުޖެހި ވިދުން ގެއްލިފައިވާ ދެލޮލެވެ. އުނގުގައި އޮތް އެ ދައްތަގެ އަތުގައި މަޑުމަޑުން ހިފާލުމާއެކު ސިހިފައި އެ ދައްތަ އަހަންނާ ދިމާއަށް ބަލާލިއެވެ.
“ދައްތާ ކިހިނެއް؟” ރޫެޖެހިފައިވާ އެ އަތުގައި ފިރުމާލީމެވެ.
“ދައްތަ ހަމަ ބަރާބަރު. އެ ކޮއެ ކިހިނެއް؟ މި ރަށު ކުއްޖެއް ނޫންދޯ؟” ލުއި ހިނިތުންވުމަކާއެކު އަހަރެންގެ މޫނަށް އެ ދައްތަ ބަލާލިއެެވެ. ވާހަކަ ދެއްކިއިރު އަޑުގައިވީ މަޑުމައިތެރި ކަމެވެ.
“އަޅުގަނޑުވެސް ރަނގަޅު. ރަނގަޅަށް ދައްތައަށް ތި ހީވީ. މި ރަށު ކުއްޖެއް ނޫން.” އަހަރެން މި ރަށަށް މަޑުކުރަންޖެހުނީ ކީއްވެގެން ކަން ކިޔާދިނީމެވެ. އަހަރެންގެ ވާހަަކަ އަޑުއަހަން އިންއިރު އެ ދައްތަގެ ތުންފަތްމަތީވީ ހިނިތުންވުން ފަނޑުވަމުން ދިޔައެވެ.
“މިހާ ކަނޑު ގަަދައިރު ހެޔޮނުވާނެ ކަނޑު މައްޗަށް އަަރަންވެސް.” އަަހަރެންގެ މޫނުން ނަޒަރު ވަކިކޮށްލަމުން އެ ދައްތަ މޫދާ ދިމާލަށް ބަލާލިއެވެ.
“އެވަރަށް ބުނާއިރުވެސް އަޑުނާހާތީ މައްސަލައަަކީ.” އެ ދައްތަގެ ލޮލުގައި ވީ ރިހުން ގުޅިފައިވަނީ ކަނޑާއޭ އަހަރެންގެ ހިތް ބުނެލިއެވެ. މޫދާ ދިމާލަށް ބަލަހައްޓަައިގެން އިންއިރު އެ ދޮލުލުގެ ތެރޭގައި ވީ އިންތިހާ ދަރަޖައިގެ ހިތްދަތި ކަމެވެ. މަޑުމަޑުން އެ ދައްތަގެ އަތަށް ފިއްތާލީމެވެ.
“ދައްތަގެ ފިރިމީހާ ވެސް ގެއްލުނީ މިކަހަލަ ދުވަހެއްގަ. އެވަރަށް ނުދާށޭ ބުނީމަ ވެސް ވަދާ ނިކުމެ އުޅެނިކޮށް ގެއްލުނީ. ދެން ލިބުނީ ފުރާނަ ނެތް މަސްގަނޑު.” އަހަރެންގެ ހިތުގައި ވީ ސުވާލަށް އެ ދައްތަ ޖަވާބު ދިނެެވެ. އެ ދޮލުން ކަރުނައިގެ އަަސަރު ފެންނަން ނެތަސް އެ ހިތް ރޮމުންދާ ވަރު އަހަންނަށް އިހްސާސްވިއެވެ.
“ދައްތަ އެކަނިތަ ތިއުޅެނީ؟” އަހަރެން އަހާލީމެެވެ.
“ނޫނޭ. ދައްތަގެ ހުންނާނެ ދަރިއަކުވެސް. ދައްތަ އެ ދަރިފުޅަށް ބަލިވެ އިންދާ ދައްތަގެ ފިރިމީހާ މަރުވީ.” މާޒީގެ ސޮފްހާތައް އަހަރެންގެ ކުރިމަތީ އެ ދައްތަ ނިއުޅާލީ ދެކިފަަރިތަ އެކުވެރިޔަކަށް ކިޔާދޭ އުސޫލުންނެވެ. މީހުން ބުނެ އުޅެނީ ތެދެއްކަން އެ ވަގުތު އަހަންނަށް ގަބޫލުކުރެވުނެވެ. ގިނަފަހަރު ހިތުގެ ތެރޭ ފޮރުވައިގެން ގެންގުޅޭ ހިތްދަތި އިހްސާސްތައް ކިޔާދެވޭނީ ނުދަންނަ ބީރައްޓެެއްސަކަށެވެ.
“ދެން ދައްތަގެ ދަރިފުޅު ކޮބާ؟” އަހަރެން އަހާލުމާއެކު ފަނޑު ހިނިތުންވުމެއް އެ ދައްތަގެ ތުންފަތް މައްޗަށް ވެރިވިއެވެ.
“ދަރިއެއް ހުރެމެ ދަރިއެއްގެ ލޮއެބާ އަޅާލުުމުން ބާކީވެފައިވާ މީހެއް ދައްތައަކީ. ބަފަޔަކާ ނުލާ ބަލާ ބޮޑުކުރީމަވެސް މުސްކުޅިވި ދުވަހު އެކަމެއް ހަނދާނެއް ނެތް.” އަސަރާއެކު އެ ދައްތަ ބުނެލިގޮތުން އަަހަރެންގެ ހިތަށްވެސް އަސަރު ކުރިއެވެ. ދެން ދިޔައީ ހިމޭން ކަމުގެ ވަގުތު ކޮޅެކެވެ. އަހަންނަށް އިތުރަށް ދައްކާނެ ވާހަަކައެއް ނޭނގުނެެވެ. އިސްޖަހާލައިގެން އިންއިރު ވިސްނެމުން ދިޔައީ އަހަރެންގެ މަންމައާ މެދުއެވެ. މަންމަ މަތިން ނިހާޔަތަށް ހަނދާންވެއެވެ.
“އުޅޭ ގެއާ ދިމާއަށް ދަމާ. ބަންގި ގޮވަން އެއުޅެނީ.” ޖޯލިން ތެދުވެ ލައިގެން ހައުސްކޯޓް ހެދުމަށް ދަމާލަމުން އެ ދައްތަ ބުނެލިއެވެ. އަަހަރެވެސް ޖޯލިން ތެދުވެ ދައްތަ ގެ ފަހަތުން ހިނގައިގަތީމެެވެ.
އަހަރެމެން އިށީނދެގެން ތިބި ޖޯލިތަކާ ދިމާލުގައި ގަސްތަކުގެ ތެރެއިން މަގުމައްޗަށް ނިކުމެވޭނެ މަގެއް އޮތެވެ. މީހުން އާއްމުކޮށްވެސް ބޭނުންކުރާ މަގެއް ކަން އަންގައިދެނީ ބިމުގައި ފަޅާފައިވާ ވިނަގަސްތަކުގެ ތެރެއިން ގުދުރަތީ ގޮތުން ހެދިފައިވާ ހިމަދިގު މަގަކަށް ވާތީއެވެ. ބޮޑެތި ދިއްގާ ގަސްތަކާއި ހިރުނދު ގަސްތައް ދެފަރާތުގައި ހުރުމުން އެހިސާބު ފެންނަނީ ފެހި ކޮށެވެ. އެމަގުންލާފާ ކުރިއަށްދިއަރު މަގުގެ ދެފަޅީގައި ހެދިފައި ހުރި ރުވާ ގަސްތަކުގެ ފަތްތަކުގައި އަތްޖައްސާލީމެވެ. ބޯކޮށްހެދިފައި ހުރި މިރިހި ގަސްތަކުން ދެތިން މިރިހިމާ ވެސް ބިނދެލީމެވެ. އެ މަލުގެ ފިޔަތައް އެތުރިފައިވާ ގޮތުންނާއި ކަރުގަނޑުގެ ފުރިހަމަ ކަމުން އަހަރެން އަޖައިބުވިއެވެ.
އެ ދައްތައާއެކު ގޮސް ނިކުމެވުނީ އާސިމާ ދައްތަގެ ގޭ ހުންނަ މަގަށެވެ. ގޮނޑުދޮށާ އެންމެ ކައިރީގައި ހުރި ގޭގެ ފާރު ކައިރީ މަޑުކޮށްލަމުން އެއީ އެ ދައްތަގެ ގެ ކަމުގައި ބުނެލިއެވެ.
“ކޮންތާކު އެ ކޮއެ އުޅެނީ؟” އަތުން އާސިމާ ދައްތަގެ ގެ އަހަރެން ދައްކާލީމެވެ. އެ ދައްތަ މަޑުމަޑުން ބޯ ޖަހާލިއެވެ.
“ދައްތައަށް ކިޔަނީ ވަހީދާ. ވަރަށް އުފާވެއްޖެ ދިމާވީމަ. ފުރުމުގެ ކުރިން ފެނިލަންވާނެ.” ފުޅާ ހިނިތުންވުމަކާއެކު ވަހިއްތަ ބުނެލިގޮތުން އަހަންނަށްވެސް ހެވުނެވެ. ވަހިއްތަ ކައިރީ ދަނީ ކަމުގައި ބުނުމަށްފަހު ހިނގައިގަންނަމުން ވަހިއްތަ ގެ ގެއަށް ބަލާލީމެވެ. ތެޅިގަލުން ތިން ފޫޓެއްހާ އުސްމިނަށް ރާނާފައިވާ ވަށާފާރުގައި އެއްކޮށްހުރީ ސިމެންތި ޖަހާނުނިމެއެވެ. ދޮރުވަށްޓެއް ލާފާ ނެތުމުން ގޯތި ތެރެ ރީއްޗަށް ފެނެއެވެ. ކުޑަ ފެންޑާއަކާ ދެކޮޓަރިގަނޑެއް ގޯތީގެ މެދެއްހާ ހިސާބުގައި ހުއްޓެވެ. ބަދިގެ ހުރީ ގެއާ އިންވެގެން ތަންކޮޅެއް ދުރުގައެވެ. އިހުގެ ގޮތްގަނޑު ކިތަންމެ ރީއްޗަށްވެސް ފެންނަން ހުއްޓެވެ.
ކުރިއަށް ހިނގައި ގަންނަމުން އިސްޖަހާލީމެވެ. ވަހިއްތަ ދެއްކި ވާހަކަތަށް ސިނކުޑީގައި ބުރުޖަހަމުން ދިޔައެވެ. ފިކުރުތަކުން ނަފްސު ބަނދެވިފައި ހުރުމުން ދެވުނީ މަގުގެ މެދުންކަންވެސް އަހަންނަށް ރޭކާނުލިއެވެ. ހަމަބިމަށް މީހާއަށް އާދެވުނީ ސައިކަލެއްގެ ބަރުގޮނުގެ އަޑު ނުހަނު ކައިރިން އިވުމުންނެވެ. ސިހުނު ވަރުން އަހަންނަށް ތެޅިގަނެވުނެވެ. އަތުގައި އޮތް ފޯނު ވެއްޓި ބިމުގައި ޖެހުނު ގޮތުން ސްކްރީނުގެ މަތީ ކައިރިން ރެނދުލިއެވެ. ފޯނުނަގާ އަތުގެ ތެރެއަށް ލުމަށްފަހު އަހަރެންގެ ގައިގާ ޖެހޭނުޖެހޭ ހިސާބުން ދިޔަ ސައިކަލަށް ފަސްއެނބުރި ބަލާލީމެވެ. އެއީ ކުރިން އަހަންނާ ހެނދުނު ބައްދަލުވި ޒުވާނާއެވެ. އަހަރެން ބަލާލިއިރު ގޮނޑުދޮށާ ދިމާއަށް ސައިކަލުގައި އޭނާ ދަނީއެވެ. ފިޔަވަޅުތައް އަވަސްކޮށްލަމުން އާސިމާ ދައްތަގެ ގެއަށް އަހަރެން ގޮސްވަނީމެވެ.
އިޝާ ނަމާދަށްފަހު ގެއިން ނިކުމެލީ ފިހާރެއަށް ދިއުމަށެވެ. އާސިމާ ދައްތަ ގާތުން ދާންވީ މަގު އޮޅުންފިލުވައިގެން ގެއިން ނިކުތްއިރުވެސް މަގު އޮޅިދާނެ ކަމުގެ ބިރު އަހަރެންގެ ހިތުގައި އޮތެވެ. އެ ގެއާ ކައިރި ހިސާބެއްގައި ފިހާރެއެއް ނެތްކަމީ އަަހަރެންގެ ބަދުނަސީބުކަމެވެ. ތުނިތުނިކޮށް ވެހެމުން ދިޔަ ވާރޭއިން ހިމާޔަތް ވުމަށް ނަގައިގެން ހުރި ކުޑައިގައި އަހަރެން ހުރީ އެއް އަތުން ހިފަހައްޓައިގެންނެވެ. ލައިގެން ހުރި ކަޅު އަބާޔާ ހެދުން އަނެއް އަތުން ހިފަހައްޓަގެން ހުރިއިރު ވައިގެ ހަމަލާތައް ކުޑައަށް އަމާޒުވަމުންދިޔައެވެ. ބިންމަތީ ހެދިފައިވާ ފެންގަނޑު ތަކަށް ނާރާ ދެވޭތޯ މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބެއް ނުވެއެވެ.
“ރައިޑެއް ދެން ތަ؟” ސައިކަލުގައި އައިސް އަހަރެންގެ ކައިރީ މަޑުކޮށްލީ އެ ޒުވާނާއެވެ. ރެއިން ކޯޓަކުން މީހާ ހުރީ ނިވާވެގެންނެވެ. ކޯޓުގެ ހޫޑް ބޮލުން ނައްޓުވާފައި ހުރުމުން ވާރޭގެ ތިކިތައް އޭނާގެ އިސްތަށިތައް ތެތްކުރަމުން ދިޔައެވެ.
“ނޯ ތޭންކްސް. އައިލް ބީ ފައިން.” ދެފަރާތަށް ބޯހޫރުވާލަމުން އަހަރެން ކުރިއަށް ހިނގައިގަތީމެވެ.
“ދެން އެއްފަހަރު އަރާލިއަސް ކޮބާ މައްސަލައަކީ؟ އޮހް ބައިދަވޭ އައި އޭމް ޔަޒްދާން. ކޮންނަމެއް ކިޔަނީ؟” ޔަޒްދާން އަމިއްލައަށް ތައާރަފްވެލިއެވެ. ހަމައެކަނި ހިނިތުންވުމަކުން އަހަރެން ފުއްދާލީއެވެ.
“ނަން ނުބުންޏަސް އިނގެއޭ ނަން. އާލާ އެއްނު ކިޔަނީ.” ސިހުނު ނަމަވެސް އަހަރެން އެއްޗެކޭ ނުބުނަމެވެ. މިފަދަ ޒަމާނެއްގައި މީހެއްގެ ނަން ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެއޭ އަހަރެންގެ ނަފްސަށް ވިސްނައިދިނީމެވެ. ފަޔަށް ބާރު ލަމުން ހިނގުން އަވަސްކޮށްލީމެވެ. އަހަރެން ހުރީ ފާޑަކަށް ބިރުގަނެފައެވެ.
“އޭ ދެން ހަމަ އަނގައިން ނުބުނެ ދަނީތަ؟ ތިހާ ލޯބި ކުއްޖެއް ތިހެން ހެދީމަ ހާތަ ހިތުގަ ޖެހެއޭ.” އެއްއަތުން މޭގައި އަތް އަޅާލަމުން ޔަޒްދާން ބުނެލިއެެވެ. އޭރު އަހަންނަށް ހުރެވުނީ ފިހާރެއާ ހަމައަށް އާދެވިފައެވެ. އަތުގެ އޮތް ކުޑަ ފިހާރެ ދޮރު ކައިރިއަށް ވައްޓާލަމުން އަވަސްއަވަހަށް ފިހާރޭގެ ތެރެއަށް ދެމިގަތީމެވެ. މެއާ ދިމާލުގާ އަތް އަޅާލިއިރު ހިތުގެ ހިނގުން އަވަސްވެފައިވާ މިންވަރު އިހްސާސްވިއެވެ. ނަފްސު ހަމަޔަކަށް އަަޅުވާލަމުުން އަހަރެން ގަންނަން އައި ސާމާނުތައް ނެގުމަށްފަހު ކައުންޓަރު މަތީ ބެހެެއްޓީމެވެ.
ފައިސާ ދެއްކުމަށްފަހު ފިހާރެެއިން ނިކުތްއިރު ޔަޒްދާންގެ ކިބައިން ސަލާމަތްވެވުނީކަމަށް ހީކުރެވުނެވެ. ވަށައިގެން ބަލާލިއިރު ޔަޒްދާން ފެންނަން ނެތުމުން ހިތްހަމަ ޖައްސާލީމެވެ. ނަމަވެސް އަހަންނަށް ލިބުނީ ހިނދުކޮޅެއްގެ ހިތްހަމަޖެހުމެކެވެ. ކުރެވުނީ ކުށް ހީއެެކެވެ. ބަރު ގޮނު އަޅަމުން އަހަރެންގެ ކައިރިއަށް ސައިކަލުގައި އައިސް ޔަޒްދާން މަޑުކޮށްލިއެވެ.
“މަތަ ތި ހޯދީ؟” ޔަޒްދާންގެ އަޑުގައިވީ ޖެއްސުމުގެ ރާގެވެެ. އެ ލޮލުގައި ވިދަމުންދިޔައީ ލާނެތްކަމެވެ. ޖަވާބެއް ނުދީ ކުރިއަށް ދާންފެށުމުން ޔަޒްދާން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“ހެނދުުނު އެހާ ލޯބިން ވާހަކަ ދައްކާފަ މިހާރު ކިހިނެއްވީ؟” ދެބުމަ އަރުވާލަމުން ޔަޒްދާން އަހާލިއެވެ. ދެންވެސް އަހަރެން ހިޔާރުކުރީ ހިމޭންކަމެވެ. އަހަންނާ އެއްވަރަށް ސައިކަލުގައި ޔަޒްދާން އައެވެ. ކުރިން ޔަޒްދާންގެ އެހީތެރިކަމަށް އެދެވުނީތީ މޮޔަހީވިއެވެ. މިގޮތަށް ފަހަތު އަޅުވާލަފާނެއޭ އަހަރެންގެ ހިތަަށްވެސް ނާރައެވެ. އަންދާޒާވެސް ކޮށްނުލެވެއެެވެ.
“މަ ސިންގަލްއޭ. ދެން ހިނގާބަލަ ދުއްވާލަން ދާން. ރުޅި އަންނާނެ މީހަކު ނުހުންނާނެ.” ޔަޒްދާން އަނެއްވެސް އޭނާއާއެކު ސައިކަލު ދުއްވާލަން ދިއުމަށް އެދެންފެށިއެވެ. އަހަރެން ކެތްކޮށްލައިގެން ހުރި ނަމަވެސް އެތެރެ ހަށި އަނދަނީއެވެ. އަހަރެންގެ ކެތްތެރިކަން އެންމެފަހުން ކޮޅުންލީ އަހަރެންގެ އަތުގައި ޔަޒްދާން ހިފުމުންނެވެ.
“ގައިގަ އަތްނުލާ.” ޔަޒްދާންގެ އަތް ފޮޅާލަމުން އަހަރެން ބުނީމެވެ. ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ.ދެބުމަ ގޮށްޖަހާލެވުނީ ބޭއިހްތިޔާރުގައެވެ.
“އޫޫޫ ރުޅި އައީތަ؟” ލުއި ހިނިގަނޑެއް ޔަޒްދާން ޖަހާލިއެވެ. ދެވަނަ ފަހަރަށްވެސް ޔަޒްދާން އަހަރެންގެ އަތުގައި ހިފާލިއެވެ.
“ގައިގަ އަތް ނުލާށޭ ބުނީމަ އަޑެއް ނީވޭތަ؟” ހިނގުން ހުއްޓާލުމަށްފަހު ޔަޒްދާނާ ދިމާލަށް ބަލާލީމެވެ.
“އަޑު އިވުނަސް އަޑު އިވޭކަމަށް ހަދާކަށް ބޭނުމެއް ނޫނޭ.” ޔަޒްދާންގެ ވާހަކަ ހުރި ގޮތުން އަހަރެން ހިތްހަަމަ ނުޖެހުނެވެ.
“ޔަޒްދާން ޕްލީޒް އަހަރެންގެ ފަހަތުން ނައިސްފާނަންތަ؟” ޔަޒްދާންގެ ޖަވާބަކީ ކޮބައިކަން އިނގޭއިރުވެސް އަހަރެން އެދުނީމެވެ.
“ކިހިނެއް ތިހާ ލޯބި ކުއްޖެއްގެ ފަހަތުން ނުގޮސް ހުންނާނީ؟” ޔަޒްދާން ކޮންމެ އެއްޗެކޭ ކިޔަސް އިތުރަށް އެއްޗެކޭ ނުބުނަން އަހަރެން ނިންމީމެވެ. އާސިމާ ދައްތަމެންގެއާ ހަމައަށް އާދެވެދެން ޔަޒްދާން އަހަރެންގެ ފަހަތުން އައެވެ.
ފިހާރެއިން އައި ގޮތަށް އަހަރެން ހުރީ ނިދާލަން ބޭނުންވެފައެވެ. ޔަޒްދާންގެ ކަންތަކާ ބޯ ގޮވާފައިި ހުރުމުން ސިކުނޑިއަށް ހަމަޖެހުމެއް ލިބުމަށް އަހަރެން ހުރީ ނިހާޔަތަށް ބޭނުންވެފައެވެ. ނަމަވެސް އެނދުގައި ދެފަރާތައް ފުރޮޅި ފުރޮޅި ވަރުބަލި ވީއިރުވެސް އަހަންނަކަށް ނުނިދުނެވެ. އެތައްއިރަކު އެގޮަތަށް އޮއެވުނެވެ. ފޯނުގައިވެސް އަތްލާ ހިތެއް ނުވިއެވެ. ސީލިނގަށް ނަޒަރު ހުއްޓާލައިގެން އަހަރެން އޮތީމެެވެ. ކައިރީގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށީ އެގޮތަށް އޮއްވައެވެ. ބަންޑުން އޮތް ފޯނު ނަގާ ބަލާލީމެވެ.
ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. މިފަދަ ދަންގަނޑިއެއްގައި ނުދަންނަ ނަންބަރަކުން ގުޅަންފެށުމުން އަހަރެން ޖެހިލުންވިއެވެ. ދެކޮޅަށް ސިނކުޑި ކިރެމުންދިޔައެެވެ. އެންމެ ބުއްދިވެރި ގޮތަކީ ކޮބައިކަން ނިންމަން އަހަންނަށް އުނދަގޫވިއެވެ. ފޯނު އަތަށް ލައިގެން ބަލަހައްޓައިގެން އިންދާ ކޯލް ކެނޑިޖެއެވެ. އަޅައިނުލާ ނިދަންވެގެން ދެލޯ މަރާލިތަނާ އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. ގުޅީ ހަމަ އެ ނަންބަރުންނެވެ. އިތުރު ވިސްނުމަކަށް ނުގޮސް ފޯނު ނަގާ ކަންފަތުގައި ޖަހާލީމެވެ.
“ހާއި ބިއުޓިފުލް.” އެކޮޅުން ވާހަކަ ދެއްކީ ފިރިހެނެކެވެ. ފުދޭވަރަކަށް ޒުވާން އަޑެކެވެ. ނަމަވެސް އަހަރެން ދަންނަ އަޑެއް ނޫނެވެ.
“ކޮންބޭފުޅަކު ހޯދަންތޯ ތި ގުޅާލެއްވީ؟” އަހަރެން އަހާލީމެވެ.
“ހޯދަން ބޭނުންވި ބޭފުޅާ ތި ވާހަކަ ދައްކަނީ.” ލުއި ހިނގަނޑެއް ޖަހާލަމުން އެކޮޅުން ޖަވާބު ދިިނެވެ.
“ނަންބަރު ބަލާލަފަ އަލުން ގުޅާލަން ފެނޭ.” އަހަރެން ބުނީމެވެ.
“އާލާ އެއްނު ތީ. އަހަރެން މި ގުޅި އާލާ ހޯދާށޭ.” ގުޅީ ކާކުކަން އަހަންނަށް ވިސްނުނީ ދެނެވެ. ގުޅީ ޔަޒްދާނެވެ. އަހަރެންގެ ނަންބަރު ހޯދި ގޮތަކާމެދު ހިތުގައި ސުވާލު އުފެދުނެވެ.
“ތީ ކާކު؟” ޔަޒްދާންކަން އެނގިހުރެވެސް އަހަރެން އަހާލީމެވެ.
“ނޭނގިގެންތަ ތި އެހީ ހަމަ؟” ޔަޒްދާންވެސް ކުރީ ސުވާލެކެވެ.
“ތި އަޑު އަހާލާ ތިތުންނޭ މި ގުޅީ. ވާހަކަ ނުދައްކާނަންތަ؟” ޖަވާބެއް ނުދީ އަހަރެން ހުރުމުން ޔަޒްދާން އަހަރެންގެ ނަމުން ގޮވާލިއެވެ.
“ޔަޒްދާން ކިހިނެއްވެގެންތަ ތިިއުޅެނީ؟” އެންމެފަހުން ހަރުކަށިކަމާއެކު އަހަންނަށް އަހާލެވުނެވެ.
“ކިހިނެއްތަ ނުވަނީ؟ އާލާ ފެނިފަ އަހަރެން ހަމަ އަސްލުވެސް މޮޔަ ވެއްޖެ. ލަވް އެޓް ފަސްޓް ސައިޓް އެއީ އަސްލުވެސް ތެދެކޭ…..” ޔަޒްދާން ވާހަކަ ދައްކާ ދައްކާ އޮއްވާ އަހަރެން ފޯނު ކަނޑަލީމެވެ.
އިރުކޮޅަކު މޭ މަތީ ފޯނު ބާވާލައިގެން އޮތުމަށްފަހު ފޯނުނަގާ ޔަޒްދާނަށް މެސެޖެއް ލިޔުނީމެވެ. އަހަރެން މިއީ މީހެއްގެ އަނތްބެއްކަމާއި އަހަރެންގެ ފަހަތުން ނޫޅުމަށް އެދުނީމެވެ. މެސެޖް ފޮނުވިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޔަޒްދާންގެ ޖަވާބު ލިބުނެވެ. މީހަކާ އިނދެގެން އުޅުނަމަވެސް މައްސަލައަކީ ކޮބައިތޯ ޔަޒްދާން އެހިއެވެ. އަހަރެންގެ ހިތުގާ ޔަޒްދާންގެ މައްޗަށް އުފެދުނީ އިތުރު ފޫހިކަމެކެވެ. ނަންބަރު ބްލޮކް ކޮށްލުމަށްފަހު ފޯނު ނިއްވާލީމެވެ. އިތުރަށް އެކަމާމެދު ވިސްނަން އަހަރެން ބޭނުމެއް ނޫނެވެ. ދެލޯ މަރާލުމަށްފަހުު ބާލިހުގައި މޫނު ފޮރުވާލީ ނިދުމަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

.ވާހަކަ ވަރަށް ވެސް ޝައުގުވެރި.ސިފަކުރުންތައް ރީތި. ލިޔުމުގެ ފެންވަރު ވެސް ޖުމުލަ ގޮތެއްގައި ބުނާނަމަ ވަރަށް ރަނގަޅު
yazdhaan akee waheedhaa ge dhari dhw
vrh salhi
kon irakun next part nukunnanee waiting ingey