Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ހިނދުކޮޅެއް

ner Level 1
July 4, 2023 4 Mins Read
0 Comments

ދަބަސް މެޔާލާ ބޮނޑިކޮށްލައިގެން އިން އިރު ހިތް ނެގިނެގިފާ ޖެހެމުން ދިޔައީ އެންމެ ބާރު މިނުގައެވެ. ދެފަރާތައް ހެލެމުން ދިޔަ ލޯންޗު ހީވަނީ ދެންމެ ދެންމެވެސް ބަންޑުން ޖަހާލަފާނެހެންނެވެ. މެޔާ ދިމާލުގައި އަތް އަޅާލައިގެން އިން އިރު އަހަންނަށް ބެލެމުންދިޔައީ މާސިންގާ ކަނޑަށެވެ. ރުޅިގަދަވެފައިވާ ރާޅުތަކުގެ ހަމަލާތައް ލޯންޗަށް އަމާޒުވަމުންދިޔައީ އެއްވެސް ރަހުމެއްނެތިއެވެ. ތުނިތުނި ކޮށް ވެހެމުންދިޔަ ހިމަފޮދު ވާރޭއިން  އަހަަރެންގެ ހިތަށް އިތުރު ބިރުވެރިކަމެއް ގެނެސް ދެމުން ދިޔައެވެ. ހިތާހިތުން ހިކިފަސްތަނަކަށް ރައްކާތެރިކަމާއެކު ދެވޭތޯ ދުއާ ކުރެވުނު އަދަދެއްވެސް ނޭނގެއެވެ.

މަޑު ދުވެލީގައި ލޯންޗުއައިސް ރަށެއްގެ ފަޅުތެރެއަށް މަޑުކޮށްލިއެވެ. ވާޓަރު މައްޗަށް އަވަހަށް ފުންމާލުމަށްފަހު ދެތިން ނޭވާ ފުންކޮށް ދޫކޮށްލެވުނެވެ. ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނީ އަދި ކިރިޔާއެވެ. ލޯންޗު މާލެއިން ފުރިތާ މާގިނައިރެއް ނުވަނީހެން އިންޖީނަށް މައްސަލައެއް ޖެހި ލޯންޗު ހުއްޓުނީއެވެ. ކަނޑު މެދުގައި އެއްވެސް ރަށެއް ނުފެނި ހޭދަވީ އެވަގުތު ކޮޅަކީ އަހަރެންގެ ދިރިއުޅުމުގައި އައި އެންމެ ބިރުވެރި ވަގުތު ކޮޅެވެ. ފިނިހަކަ ދުވެލީގައި އެތަށް އިރަކުންނަމަވެސް މިރަށަށް އާދެވުނު ކަމީ ލެއްވި ރަހްމަތެކެވެ. ލޯންޗުގެ ފަޅުވެރި ކުދިންކޮޅު އިންޖީނު ހެދުމަށް އުޅޭތަން ބަލަން ހުރުމަށްފަހު ދަބަހުން ފޯނު ނަގާ މަންމައަށް ގުޅާލީމެވެ.

“މަންމާ” ފޯނުނެގުމަށްފަހު މަންމައަށް ގޮވާލީމެވެ. ހަމަޖެހޭކަން ދައްކަން މަސައްކަތް ކުރަމުން މަންމައާ ވާހަކަ ދެއްކީ މަންމަ ހާސް ކުރުވަން ބޭނުން ނުވާތީއެވެ.

“ކޮބާ ދެވުނީތަ؟” މަންމަ ސުވާލުކޮށްލިއެވެ.

“ނޫން އަދި ނުދެވޭ. އެކަމު މިހާރު މިހުރީ މާޅޮހުގަ” ބަނދަރުމަތީ ލަކުނޑިން ކަނޑާނަގައިގެން ލިޔެފައިވާ މާޅޮހުގެ ނަން ބޯޑަށް ބަލާލަމުން އަހަރެން ބުނީމެވެ. އެއާއިއެކު މާޅޮހަށް މަޑުކުރީ ކީއްވެތޯ މަންމަ ސުވާލު ކޮށްލިއެެވެ. ވީގޮތް މަންމައަށް އޮޅުފިލުވަ ދިނީމެވެ.

“އަނެއްކާ މޫސުން ގޯސްވާނެ ވާހަކަ އެގޮވަނީ.” މަންމަގެ އަޑުގައިވީ ކަންބޮޑުވުމެވެ. އަަހަރެންވެސް ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެެ. އެހާވަރުން މިދަތުރު ނާންނަން އުޅުނީވެސް މޫސުން ގޯސްކޮށް އުޅޭތީއެވެ. އެވަރުންވެސް އޮފީހުން ކުރުނުކުރުމުން އެންމެފަހުން ހަތިޔާރު ބަހައްޓަން ޖެހުނީ އަހަންނަށެވެ.

“އެހެންވެއޭ ނާންނަން އުޅުނީވެސް އެކަމުވެސް ދޯ.” ކަނޑުމައްޗަށް ބަލި ނޫނަސް ކަނޑު ގަދަވެއްޖެނަމަ އަހަރެންވެސް ބިރުގަނެއެވެ.

“ކިހާއިރަކަށް ތި ރަށުގަ މަޑުކުރަނީ؟ މަންމަގެ ކުރީގެ ރައްޓެއްސެއް ހުންނާނެ ތިރަށުގަ. މަންމަ އަކަށް ނަންބަރެއް ނޭނގެ އެކަމަކު. ތި ރަށު މީހެއް ކައިރީ ދަރިފުޅު އަހާލަބަލަ ނަލަގެ އާސިމާ ދަންނަންތޯ.” ފަޅުކޮށް އޮތް ބަނދަރުމައްޗަށް ބަލާލީމެވެ. މީހަކު ފެންނަންހުރިތޯއެވެ. ޖެހެމުންދިޔަ ވައިރޯޅިތައް ބާރުވަމުންދާކަމުގެ އިހްސާސް އަހަންނަށް ކުރެވެއެވެ. އުޑުމަތީ ގިނަވަމުންދިޔަ ވިލާތަކުން ވާރޭގެ އިންޒާރު ދެމުންދިޔައެވެ. ތުންފަތުގައި ދަތް އަޅާލުމަށްފަހު ދެން ހަދަންވީ ގޮތަކާމެދު ވިސްނާލީމެވެ. ވާރޭ އޮއްސާލަންވާއިރަށް ހިޔާވެލާނެ ތަނެއް ހޯދުން އަހަންނަށް މަޖުބޫރެވެ.

އިންޖީނު ހެދުމުން އަހަންނަށް ގުޅުމަށް އެދުމަށްފަހު ރަށުތެރެއަށް ހިނގައިގަތީމެވެ. ދެދުވަހަށް ކުރެވޭ ދަތުރެއްކަމުން ކޮނޑުގައި އަޅުވާފައި އޮތް ދަބަސްވިޔަފާ އިތުރު އެއްޗެއް އަހަންނެއް ނުގެންނަމެވެ. މަޑުމަޑުން ހިނގާފައި ކުރިއަށްދިޔައިމެވެ. ތަރައްޤީގެ ކުލަތައް ފުދޭވަރަކަށް ގަދަ ރަށެކެވެ. އަހަންނަށް އެންމެ ކަމުދިޔައީ ގޭގޭ ވަށާފާރުން ބޭރަށް ބޯދިއްކޮށްފައިވާ ބޯގަންވިލާ ގަސްތަކެވެ. ހިމަ ދިގު އެމަގަށް އެކީ އެކައްޗަކަށް ހިޔާއަޅާލަދީފާވަނީ ބޯގަންވިލާ ގަސްތަކުންނެވެ. އާޝޯޙުވެފައި ބަލަން ހުރެވުނެވެ. އަހަރެންގެ ލޮލުގައިި ގެއެއްގެ ފާރުކައިރީ ސައިކަލެއްގެ މަތީ އިން ޒުވާނާ އަޅާގަތީ އެގޮތަށް ހުއްޓައެވެ. އެ ޒުވާނާގެ ގާތަަށް ދިއުމަށް ހިނގައިގަތީމެވެ.

“އެސްކިއޫޒް. މިރަށުކުއްޖެއްތަ؟” ކައިރީ ހުއްޓިލަމުން އަހަރެން އަހާލީމެވެ. އަހަރެންގެ އަޑު އިވުމާއެކު އަތުގައި އޮތް ފޯނުން ނަޒަރު ވަކި ކޮށްލަމުން އޭނާ އަހަންނަށް ބަލާލިއެވެ.

“ޔެސް. ކިހިނެއް ހަދާލަދެންވީ؟” އަތުގައި އޮތް ފޯނު ނިއްވާލުމަށްފަހު ޖިންސު ޖީބު ތެރެއަށް ލުމަށްފަހު ސައިކަލުގެ މަޑިމަތީ އޭނާގެ ރަނގަޅަށް ހަމަޖެހިލިއެވެ. އަހަންނާ ދިމާލަށް ބަލަހައްޓައިގެން އިނީ އޭނާގެ ފުރިހަމަ ސަމާލުކަން އަހަންނަށް ދީގެންނެވެ.

“މިރަށު ނަލަގެ އާސިމާ ދަންނަންތަ؟ އެގެ ހުންނަތަނެއް ބުނެދީފާނަންތަ؟” އަހަރެން ބުނީމެވެ.

“މިތާ ވަރަށް ކައިރީ ހުންނާނީ. އަރާ ސައިކަލަށް ގެންގޮސްދީފާނަން.” ފުޅާ ހިނިތުންވުމަކާއިއެކު އޭނާ ބުނެލިއެވެ.

“ނޫނޭ އެ ގެއަށް ދާ މަގު ކިޔާދިނީމަ އެވަރުން ފުދޭނެ.” އަވަސް އަވަހަށް އަހެރެން ބުނީމެވެ.

“މީނަ ގޯޅިން ލާފަ ދާއިރު ހުންނާނެ ދަނބުކުލައިގެ ފާރެއް ހުރި ގެއެއް. އެއީ އެގެ.” އަަހަރެންގެ ކަނާއަތް ފަޅިއަށް އޮތް ގޯޅިއަށް އިޝާރާތްކުރަމުން އޭނާ ކިޔައިދިނެވެ.

“ލިފްޓެއް ދޭން އުޅުނީމަވެސް ގަބޫެލެއް ނުކުރިވިއްޔަ. އަަވަހަށް ދެވުނީހެއްނު.” ޝަކުވާގެ ރާގަކަށް އެޒުވާނާ ކިޔާލިއެވެ.

“ހިނގާލާފަވެސް ދެވޭނެ. އަހަންނަށް ލަހެއް ނުވޭ.ތެންކިޔޫ އެނީ ވޭސް.” އޭނާ ބަލަހައްޓައިގެން އިން ގޮތުން އުނދަގޫވެފައި އަހަރެން ދުރަށް ހިނގައިގަތީމެވެ.

ޒުވާނާ ބުނިފަދައިން އެގެ ހުރީ އެތާ ކައިރީގައެވެ. ބަށި ދަނބުކުލައިގެ ވަށާފާރު ހުރި ގެއަށް އަހަރެން ވަނީ އެއީ މަންމަގެ އެކުވެރިޔާގެ ގެކަން ޔަގީންކުރާ ހާލުގައެވެ. ވަރަށްވެސް އާދައިގެ ގޮތަކަށް ހުރި އެގޭގެ ސިޓިންގްރޫމު ދޮރުކައިރީ މަޑުކޮށްލުމަށް ސަލާމް ގޮވާލީމެވެ. އެތެރެއިން ސަލާމް ބަލައިގަތް އަޑު އިވުނެވެ. ނަމަވެސް މީހަކު ފެންނާކަށް ނެތެވެ. އަހަރެން ދޮރުކައިރީ އެއްފަރާތުގައި މަޑު ކޮށްލީމެވެ.

“ކީކުރާ ކުއްޖެއް؟” ބޮލަށް ބުރުގާ މަހަމުން ދޮރުން ބޭރަށް ބޯދިއްކޮށްލީ ސާޅިހުގެ އަހަރުތައް ގުނަމުންދާވަރުގެ އަންހެނެކެވެ. އެއީ މަންމަ އެކިޔާ އާސިމާކަމަށް އަހަރެން ނިންމީމެވެ.

“އާސިމާ ދައްތަ އުޅޭތަ؟” އަހަރެން އަހާލުމާއެކު ހައިރާންކަމެއް އާސިމާ ދައްތަގެ މޫނުން ފެނުނެވެ.

“މީ އާސިމާ. ތީ ކޮންކުއްޖެއް؟” އަހަންނާ ދިމާލަށް ފަރުވާތެރިކަމާއެކު އާސިމާ ދައްތަ ބަލާލިއެވެ.

” ނުހާގެ ކުއްޖެއްތަ؟ އޭނައާ ހާދަ ވައްތަރޭ؟” ޔަގީން ނުވެ ހުރިފަދަ ގޮތަކަށް އާސިމާ ދައްތަ އަހާލިއެވެ. އަހަރެންގެ މަންމަ ފެނިފަ ހުރި މީހަކަށް އަހަރެން ފެނިގެން މިއީ ކާކުގެ ދަރިއެއް ކަމެއް ނޯޅޭނެއެވެ. އެހާވެސް އަހަރެން މަންމައާ ވައްތުރުވާނެއެވެ. އަހަރެން މިއި ހުރިގޮތަށް ހުރި ދެވަނަ މަންމައެވެ.

“ހާދަހާ ވައްތަރޭ. އާދޭ އެތެރެއަށް ކޮބާ މަންމަ؟” އަހަރެން ބޯ ޖަހާލުމާއެކު އާސިމާ ދައްތަ ދެވަނަ ފަހަރަށްވެސް މަންމައަކީ ނުހާތޯ އެހިއެވެ. އުފާވެފައި ހުރި މިންވަރު އާސިމާ ދައްތަގެ މޫނުން ކިތަންމެ ރީއްޗަށްވެސް އިނގެއެވެ.

“މަންމަވީ މާލޭގަ.” މަންމަގެ ހާލު އޮޅުންފިލުވަދިނީމެވެ. އަހަރެން މިރަށަށް އަންނަންޖެހުނު ސަބަބުވެސް ކިޔާދިނީމެވެ. އާސިމާ ދައްތަގެ ފަރާތުން އިނގުނު ގޮތުގައި އަހަރެންގެ މަންމައާއި އާސިމާ ދައްތައަކީ ކުރީގައި އެއްކޮށް ކިޔަވަން އުޅުނު ދެ އެކުވެރިންނެވެ. ކިޔަވާނިމިގެން އާސިމާ ދައްތަ މިރަށަށް ބަދަލުވިފަހުން ދެމީހުންނަށް އެކަކު އަނެކަކު ގެއްލުނީއެވެެެ. އަހަރެންގެ އަތުން ނަންބަރު ހޯދައިގެން މަންމައަށް އާސިމާާ ދައްތަ ގުޅާލިއެވެ.

އެގޭގެ އަހަރެން ބޭނުން ދުވަހެއް ވަންދެން ހުރެވޭނެކަމަށް އާސިމާ ދައްތަ ބުނީ އުފަލުން ހެރެއެވެ. އެގޭގައި އުޅެނީ އާސިމާ ދައްތަ ގެ އިތުރުން އާސިމާ ދައްތަގެ ފިރިމީހާއާއި އެމީހުންގެ ދެ ކުދިންނެވެ. އަހަރެން ހުންނަންވީ ކޮޓަރި ދެއްކުމުން ކޮޓަރިއަށް ވަދެ  ތަޒާވެލީމެވެ.

ވާރޭ ތިކިތަކުގެ ހަމަލާތައް ދޫކޮށްލީ އަހަރެން ކާން އިންދައެވެ. ކަޅުސަޔާއި ހަނޑޫމާ އަހަންނަށް ކަމުދިޔައެވެ. ވާރޭވެހޭ ދުވަހަކާ އެންމެ އެކަށީގެންވަ ކެއުމެެވެ. ކައިގެން ކޮޓަރީގައި ޖައްސާލިތަނާ އަހަންނަށް ނިދުނީއެވެ. ދެން ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅީ އަހަރެންގެ މަންމައެވެ. މަންމަގެ މިސްވެފައިވާ ތިން ކޯލް އަަހަންނަށް ފެނުނީ އެވަގުތުއެވެ. އަވަސްއަވަހަށް ފޯނަށް ޖަވާބު ދިނީމެވެ.

ނިދުނީކަމަށް މަންމަގާތު ބުނަމުން ހަށިގަނޑު ދަމާލީމެވެ. ނިދުމުގެ ސަބަބުން މީހާ ހުރީ ކަންނެތްވެފައެވެ. ދެގަޑި ބައިކައްހާއިރު ޖައްސާލި މީހާއަށް މި ހޭލެވުނީ ހައެއް ޖަހަން ކައިރިވެފައިވަނިކޮށެވެ. ދުވަހުގެ ފިނިކަމާއި ދަތުރުގެ ވަރިބަލިކަމުން އަހަންނަށް އެހާ ގަދައަށް ނިދުނީއެވެ.

ކުޑަގޮތަކަށް ތައްޔާރުވެލައިގެން ކޮޓަރިން ނިކުތްއިރު ގޭތެރެ އޮތީ ފަޅަށެވެ. އިންޖީނު ހެދުނު ނަމަވެސް ކަނޑު ގަދަކޮށް އުޅޭތީ ނުފެރޭނެ ވާހަކަ އަންގާފާ އޮތުމުން އަހަންނަށް ލިބުނީ ބަޔާން ކުރަންދަތި ހިތްހަމަޖެހުމެކެވެ. އާސިމާ ދައްތަ އޭނާގެ އެންމެ ދޮށީ ކުއްޖާ ސްކޫލުން ބަލައި ދަނީ ހަވީރު ކަމަށް މިއަދު ބުނި މަތިން ހަނދާންވުމުން އާސިމާ ދައްތަ ހޯދަން ނޫޅެ އަހަރެން ނިކުމެލީ މަގުމައްޗަށެވެ. އޭރު ވާރޭ ހުއްޓާލާފާ ވީނަމަވެސް އުދަރެސް އޮތީ އަދިވެސް ކަޅު ކޮށެވެ. ޖެހޭ ވައިރޯޅިތައް ބާރެވެ. ފަޒާގައިވީ ފިނިކަމަވެ. ދެއަތް ދެއަތާ އުނގުޅަމުން އަހަރެން ހިނގައިގަތީ ކުރިމަތިން ފެންނަން އޮތް ގޮނޑުދޮށާ ދިމާލަށެވެ. އާސިމާ ދައްތަމެންގެ އާ އެއީ ގާތް ގަނޑަކަށް ހަތަރު ވަރަކަށް ގޭގެ ދުރުމިނެވެ.

އިރުއޮއްސެމުންދިޔަ ވަގުތު ނަމަވެސް އުޑުމަތި ބައްދާފައިވާ ކަޅުވިލާތަކުގެ ސަބަބުން ގުދުރަތުގެ އެ ހިތްގައިމު މަންޒަރު ދެކިލުމުގެ ނަސީބެއް ނުލިބުނެވެ. ދެއަތުން ޝޯލުގައި ހިފަހައްޓާލަިއގެން ހުރެ ހޭޅިކަައިރިން ކުރިއަށް ހިނގަންފެށީމެވެ. ޖެހެމުންދިޔަ ބާރު ވައި ރޯޅިތަކުން ހީވަނީ މީހާ އުއްދުއްސައިގެން ދާހެންނެވެ. ރުޅިގަދަވެފައިވާ ކަނޑު ފެނުމުން އަހަރެން އިތުރަށް ބިރު ގަނެއްޖެއެވެ. ރާޅު ބޮޑުވެފައިވާ ވަގުތެއްކަމުން ގޮނޑު ރާޅުތައް ފަސްގަނޑަށް ބިންދަމުން ދިޔައީ ނުރައްކާތެރި ގޮތަކަށެވެ. ބައެއްފަހަރު ލޮނުގަނޑު ހޭޅިއާ ހަމާލަށް ވެސް އާދެއެވެ.

ހޭޅީގައި ހުރި ބޮޑު ދިއްގާ ގަހެއްގައި އެލުވާފައި ހުރި ޖޯލިތަކުގެ ތެރެއިން ޖޯއްޔެއްގައި ގޮސް އިށީނީމެވެ. މަޑުމަޑުން ފައިން ޖޯލި ހެއްލަމުން ވަށައިގެން ބަލާލީމެވެ. ހިތްފަސޭހަ މާހައުލެކެވެ. ވާރޭ ވެހި ހުއްޓާލާފައިވުމުން ފާޒާގައި ހިފައިފާވާ ތެތްފިނިކަމާއި އެކު ދުވަމުންދިޔައީ ހިތްގައިމު ވަހެކެވެ.  ވާރޭގެ ތިކިތައް ފަތްްތަކުގައި ހަރުލާފައިވަނީ އަޖައިބެއްފަދަ ގޮތަކަށެވެ. ވާރޭ ވެހިފައި އޮތުމުން ބިންމިތީ ހުރި ފަތްތައްވަނީ ވެއްޔާ އެއްވެ ޗަކަސްވެފައެވެ. އަހަންނަށް މި މާހައުލު ކަމުދިޔައެވެ. މިފަދަ ޤުދުރަތީ ތަނެއްގެ އުފާ ހާސިލްކުރުމުގެ ފުރުސަތު ލިބޭނީ ވަރަށްވެސް މަދުފަހަރުކުއެވެ.

އެލުވާފައި ހުރި ޖޯލި ތަކާ އިންވެގެން ކަހަލަ ގޮތަކަށް އެއްފަރާތުގައި ޖޯލި ފައްޗެއް ހުއްޓެވެ. އަހަރެން އެތަނަށް އައިއރުވެސް އެތަނުން ޖޯއްޔެއްގައި މުސްކުޅި އުމުރުފުރައިގެ ދައްތައަކު އިނެވެ. ޖޯލީ ހެއްލަމުން ދިޔައިރު އެދައްތައަށް ދޭތެރެއަކުން ބަލާލެވެއެވެ. ފުސްވެފައިވާ އުދަރެހަށް ބަލަހައްޓައިގެން އެހެން އިންނަތާ ކިތައްމެ އިރެއް ވެދާނެކަން އަހަންނަށް ޔަގީނެވެ. އެ ދައްތަގެ މޫނުގައިވީ ޝުއޫރުތައް ދެނެގަންނަން އަހަންނަށް އުނދަގުލެއްނުވިއެވެ. ދެފައި ބިމުގައި ޖައްސާލުމަށްފަހު ހެއްލަމުން ދިޔަ ޖޯލި ހުއްޓާލީމެވެ.

އިރުކޮޅަކު ވިސްނަން އިނުމަށްފަހު އެ ދައްތަ ކައިރީ ޖެހިގެން ހުރި ޖޯލީގައި ގޮސް އިށީނީމެވެ. ފަރުވާތެރިކަމާއެކު އެ ދައްތަގެ މޫނަށް އަހަރެން ބަލާލީމެެވެ. ރޫޖެހި ވާން ގޮސްފައިވާ ހަންގަނޑެކެވެ. ހިކި އަނަރޫފަވެފައިވާ ތުންފަތެވެ. ވަޅުޖެހި ވިދުން ގެއްލިފައިވާ ދެލޮލެވެ. އުނގުގައި އޮތް އެ ދައްތަގެ އަތުގައި މަޑުމަޑުން ހިފާލުމާއެކު ސިހިފައި އެ ދައްތަ އަހަންނާ ދިމާއަށް ބަލާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ner

Level 1

Other Articles

Previous

ވަކިވީ ލޯބިން 8

Next

ރާނީ 5

Next
July 4, 2023

ރާނީ 5

Previews
July 4, 2023

ވަކިވީ ލޯބިން 8



All Right Reserved!