ލިބިގެންދިޔަ ސިހުމާއިއެކު މަންމަގެ އަތުން ދޫކޮށްލެވުނުގޮތަށް އަހަންނަށް ވަގުތުން އެނދުން ތެދުވެވުނެވެ. މަންމަގެ މޫނަށް ބަލާލެނެހާ ހިތްވަރުނެތިގެން ފަސްއެނބުރި ދޮރާއި ދިމާލަށް ހިނގައިގަތުމާއިއެކު އަހަރެންގެ ފައިދަށުން ބިންގަނޑުވެސް ކެހިގެން ދިޔަަކަހަލައެވެ. ވަގުތުން އިސްއޮބާލެވުނީ ދޮރުމަތީގައި ހުއްޓިލައިގެން ހުރި ބައްޕަގެ މޫނަށް ބަލާލާނެހާ ހިތްވަރުވެސް ނުކުރެވިގެންނެވެ. އެ ތޫނު ނަޒަރު އަހަންނަށް އަމާޒުވެފައި ހުރިގޮތުންވެސް އިތުރަށް ބައްޕައަށް އޮޅުން ފިލުވައިދޭންޖެހޭ އެއްޗެއް ނެތްކަން އަހަންނަށް އިނގުނެވެ. ގަތްލަދާއިއެކު ބިންގަނޑު ފަޅާފައި އަޑިއަށްދާނެނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. ވަގުތުން ކޮޓަރީން ނިކުންނަންވެގެން ދުއްވައިގަނެވުނެވެ. ކޮއްކޮ ނެތްދުނިޔެއެއްގައިވެސް ކޮއްކޮގެ ފިރިމީހާގެ މައްޗަށް ހިތުގައި ބަދަލުވުމެއްނެތި ދެމި އޮތް ލޯބި ފާޅުކުރުމަކީ އަހަރެން ކުރަން ބޭނުންވީކަމެއްނޫނެވެ.
އޭގެ ފަހުން ދެދުވަސްވީއިރުވެސް އަހަރެން އުޅުނީ އެއްވެސް މީހެއްގެ ކުރިމައްޗަށް ނާރާ ފިލަފިލައިގެންނެވެ. ކޮންމެހެން ކޮޓަރިން ބޭރަށް ނިކުންނަންޖެހޭ ވަގުތުތަކުގައިވެސް އަހަރެން ކޮޓަރީން ބޭރުވަނީ ބައްޕަ ބޭރުގައި ނޫޅޭކަން ޔަޤީންކޮށްފައެވެ. އެވަގުތުތަކުގައި ވެސް ކުރަންޖެހޭކަންކަން އަވަސްއަވަސްކޮށް ނިންމާލުމަށްފަހު އަވަހަަށް ކޮޓަރިއަށް ވަދެވޭތޯ އަހަރެން ބަލަމެވެ. އީޝް ގޮވައިގެން ގިނަވަގުތު އުޅޭތީވެ އަހަންނަކަށް ވަގުތު ދިގެއްނުވެއެވެ. ޢީޝްގެ ތުއްތު ހަރަކާތްތަކަށް ދެކެމުން އެތުއްތު ފުރާނައާއި ވާހަކަދައްކަން އޮތުމުން އަހަރެންގެ ވަގުތު ދާގޮތެއް ނޭނގެއެވެ.
އިރު މެދު ޖެހި މެންދުރުވަމުން އައި ވަގުތެވެ. ހޫނުގަދަކަމުން ކޮޓަރީގެ ހަތަރުފާރުންވެސް އާވި ނިކުންނަމުންދާފަދައެވެ. ކޮޓަރީގެ ބިޔަ ކުޑަދޮރުތައް ހުޅުވާލާފައިހުރިއިރުވެސް ކޮޓަރިތެރެއަށް ވައިރޯޅީގެ ހިލަމެއްނުވެއެވެ. ފަންކާގެ ފިޔަ ވަކިނުވާވަރަށް އެނބުރެމުންދިޔަޔަސް އެ ފިނިކަމުގެ މައްޗަށްވެސް ހޫނުކަން އަތްގަދަކޮށްފައިވިއެވެ.
ޢީޝްއަށް ނިދިފައި އޮތް ވަގުތެއްކަމުން އަހަރެން ފާޚާނައަށް ވަނީ މެންދުރު ނަމާދުކުރުމުގެ ކުރީން ފެންވަރާލަންވެގެންނެވެ. ލަައިގެން ހުރި އެއްޗެހި ދާވަށިގަނޑަށްލުމަށްފަހު މާގަނޑުދަށަށް ނުވެސް ވަދެވެނީސް ކަންފަތުގައި އީޝްގެ ރުއިމުގެ އަޑު ޖެހުނުހެންހީވެއެވެ. ދެވަނަފަހަރަށްވެސް އެއަޑު ޖެހުމާއިއެކު ޓީޝާޓްލަމުން ތިރިން ތުވާލި އަނދެލިގޮތަށް އަހަރެން ފާޙަނައިން ނިކުތީމެެވެ. އޭރު މަންމަ އެނދުގައި އިށީންނަމުން އީޝް ނަގަނީއެވެ. އަހަރެން ހައިރާންވާގޮތްވިއެވެ.
“ދަރިފުޅު ދޭ ފެންވަރައިގެން އަންނަން… މަންމަ މިމަންޖެ ކައިރީގައި މަޑުކުރާނަން…” އަހަރެން ފެނުމާއިއެކު ހިނިތުންވެލަމުން މަންމަ ވާހަކަދެއްކިގޮތުން ވަކީން ބޮޑަށް އަހަރެން ހައިރާންވިއެވެ. ހިނދުކޮޅަކަށްވެސް މިއީ ހޭލާހުއްޓާ އަހަންނަށް ފެންނަ ހުވަފެނެކޭ ހީކުރެވުނެވެ.
“އަދިވެސް ހުރީތަ؟ ދޭބަލަ..” ޢީޝް އުރާލަމުން އަހަންނާއި ދިމާލަށް އެނބުރިލިގޮތަށް މަންމަ އެންގިއެވެ. އެއަޑަށް އަހަރެން ހޭވެރިކަންވެގެން ދިޔައިރު ވަގުތުން ފާހަނަތެރެއަށް ދެމިގަތީމެވެ. އަލުން ގޮސް މާގަނޑުކައިރިއަށް ހުއްޓުނަސް އަހަންނަށް މާގަނޑުދޮށުގައި މަޑުކޮށްލެވުނީ އެންމެ ފަސްމިނެޓަށެވެ. ކުޑަކޮށް ގައިދޮވެލިގޮތަށް ގައިން ރަނގަޅަށް ފެންވެސް ހިއްކުމެއްނެތި ހެދުން ލައިގެން ނިކުމެވުނީ މަންމަ ގޮސްދާނޭކަމުގެ ބިރުހީވިވަރުންނެވެ. އަހަރެން ފާހަނައިން ނިކުތްއިރުވެސް މަންމަ އެނދުމަތީގައި އިށީދެލައިގެން އިނެވެ. ކުރިއަށް ފިޔަވަޅެއްވެސް ނަގަން ނޭނގިފައި އަހަންނަށް ހުރެވުނީ މަންމައާއި ކުރިމަތިލާނޭ ގޮތެއް ނުވިސްނިފައެވެ.
“ދަރިފުޅު.. އާދެބަަލަ… މަންމަ އަޝްވާއާއި ވާހަކަދައްކަން ބޭނުމޭ…” ކުޅުމުގައި މަސްއޫލުވެގެން އޮތް ޢީޝް އެނދުމަތީގައި ބާއްވާލަމުން މަންމަގެ ގާތަށް އައުމަށް އަަހަންނަށް އިޝާރާތްކުރިއެވެ. ލަސްލަހުން މަންމައާއި ގާތަށް ފިޔަވަޅުތައް ނަގަންފެށިއިރު އަހަރެންގެ ފަޔެކޭ ހިލަވެފައިވީ ގާގަނޑެކޭ އެއްވެސް ތަފާތެއްނެތެވެ. ކުރިއަށްދެވުނީ ނުހަނު އުނދަގުލުންނެވެ.
“ކީއްވެ މިދިޔަ ދެތިންރޭ މަންމަ ކައިރިއަށް ނައީ… މަންމަ އިންތިޒާރުކުރީން އަޝްވާ އަންނާނެކަމަށް… ނައީމަ އަމިއްލައަށް މިހިސާބަށް އަންނަން މިޖެހުނީވެސް… އަޝްވާ ބޭނުންވީވާހަކަތައް ދައްކާފައި ދިޔައިމަ ނިމުނީއެއްނޫނެއްނު… މަންމަ ދައްކަން ޖެހޭ ވާހަކަވެސް އެބަހުއްޓޭ…” އަހަރެން ޖެހިލުންވެފައި ހުއްޓާ އަހަރެންގެ އަތުގައި ހިފާ ގެނެސް ކައިރީގައި ބައިންދަމުން މަންމަ ވާހަކަދެއްކިއެވެ. އެވާހަކަތަކުން މަންމަ ހުރީ ހިތްހަމަޖެހިފައި ނުވަތަ ނޫންކަމެއްވެސް ނިންމާކަށް އަަހަންނަކަށް ނޭނގުނެވެ.
“މަންމައަށް މައާފުކުރާތި ދަރިފުޅާ… އިނގޭ މިދިޔަ ދުވަސްތަކުގައި އަޝްވާގެ ހިތުގައި ޖެއްސުނުކަން… އެކަމަކު އަޝްވާގެ ކުއްލި އެނބުރިއައުން ނަގައިގަނެވޭފަދަ ހާލެއްގައެއްނޫން މަންމަ ހުރީކީ… އަންގާނުލާ އަޝްވާ އެގޮތަށް ދިޔައިމަ މަންމައަށް ވީގޮތެއް ނޭނގެ.. މިވޭތުވެދިޔަ ހަތަރުއަހަރުތެރޭގައި މަންމަގެ މިހިތަށް ހަމަޖެހުމެއްނުލިބުނު… އެހުރިހާކަމެއްގެ ތެރެއިން ޢާޝާލްވެސް ބަލިވީ… މަންމައަށް ހަމަ ހަދާނޭގޮތް ހުސްވި… އަބަދުވެސް މަންމަމެންނާއި ގާތްކޮށް އުޅުނު ދަރިއަކީ ތީ… ދަރިފުޅު ދުނިޔޭގައި ހުރިކަމެއްވެސް ނުވަތަ ނެތްކަމެއްވެސް މަންމަމެންނަކަށް ނޭނގެ…” އިރުކޮޅެއްވާންދެން އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިނދެފައި މަންމަ ވާހަކަދެއްކިއިރު އެއަޑު ކުރެހިގެންދިޔައެވެ. ވަކިހިސާބަކުން މަންމައަށް ރޮވެން ފެށުމާއިއެކު އަހަންނަށްވެސް މަންމަގެ ގައިގައި ބައްދައިގަނެވުނެވެ.
“މަންމާ… އަހަންނަށް މައާފްކުރޭ…” އެތަށްދުވަހެއްފަހުން މަންމަގެ މައިވަންތަކަމުގެ ހޫނުކަން އިޙުސާސްވުމުން އަހަރެންގެ އިޙުސާސްތައް ކޮޅުންލީފަދައެވެ.
“ނޫން… ދަރިފުޅު ނުޖެހޭނެ މައާފަށް އެދޭކަށް… މަންމަ އަޝްވާ ކުށްވެރިއެއްނުކުރަން… އެކަމަކު އަޝްވާ ކަންތައްކުރީކީ ރަނގަޅަކަށް ނޫން… ކީއްވެ އެންމެ ފަހަރަކުވެސް މަންމަ ކައިރީ ނުބުނީ… މަންމަ ޢާޝާލްދެކެ ލޯބިވާވަރަށް އަޝްވާދެކެވެސް ލޯބިވެޔޭ… ދަރިފުޅުގެ އުފާވެސް މަންމަމެންނަށް މުހިންމު… މަންމައަށް ޔަޤީން އާޝާލްއަށް އިނގުނުނަމަވެސް އަޝްވާގެ އުފާތަކަށް މަރުހަބާކިއިސްކަން… ކީއްވެ އަންގާނުލާ ދުރަށް ދިޔައީ… މަންމަމެންމީ ދަރިފުޅާއި ދުރުބައެއްނޫނެއްނު…” އަހަރެންގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ފުހެލަދިނުމަށްފަހު މަންމަ އަަހަރެންގެ ދަތްދޮޅިދޮށަށް އަތް ލައްވާލާ އަހަރެންގެ އިސްއުފުލުވާލިއެވެ.
“މަންމަ އެންމެ ދެރަވީ އަޝްވާ ހުރިހާކަމެއް ސިއްރުކުރީމަ… ކަމެއް ދިމާވާހާ ފަހަަރަކު އެކަމަކާއި ދުރަށް ފިލަންދުވުމަކީ ހައްލެއް ނޫނެއްނު ދަރިފުޅާ… މަންމަ ހީކުރީ އަޝްވާއަކީ ހުރިހާކަަމަކާއިވެސް ކެރިގެންކުރިމަތިލާނޭ ކުއްޖަކަށްވާނެކަމަށް…” މަންމަގެ ގަޔާއި ކައިރިކޮށްލައިގެން އިނދެ އަހަރެންގެ ބޮލުގައި ފިރުމައިދެމުން މަންމަ ވާހަކަދެއްކިއެވެ. އޭރުވެސް އަހަންނަށް ރުއިން ނޫން ކަމެއްނުކުރެވެއެވެ. އެއުނގުގެތެރެއަށް ހުރިހާ ހިތާމަތަކެއް ބަންޑުންކޮށްލަން އަހަރެންގެ ހިތް ކެތްމަދުވެފައިވާ ކަހަލައެވެ.
“މަންމާ… އަހަންނާއި ހެދި ޢާޝާލް… ޢާޝާލް…” ގިސްލަމުން އަަހަންނަށް ފުރިހަމަކުރެވުނީ ޖުމްލައިގެ އެއްބައެވެ. އެވަގުތު މަންމަ ބޯ ހޫރާލިތަން ފެނުނެވެ.
“ނޫން… ތިހެން ނުބުނޭ… އެއީ ކޮންމެ މީހަކަށްވެސް އަންނާނޭ ދުވަހެއްކަން ދަރިފުޅުވެސް ޖެހޭނެ ޤަބޫލުކުރަން… އެކަމުގެ ޒިންމާ ދަރިފުޅު އުފުލާކަށް ނުޖެހޭނެ… ޢީޝްއަށް ބަލިވެއިނީއްސުރެވެސް އާޝާލް އުޅުނީ ވަރަށް ބަލިކޮށް… އޭރުވެސް ދެމީހުންގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ކުޑަކަމަށް ޑޮކްޓަރުން ބުނެފައި އޮތީ… ޢާޝާލްއަށް އެކަން ނޭނގުނަސް ސައިފްއަށް އެކަން އިނގޭނެ… އެންމެފަހުވަގުތާއި ހަމަޔަށްވެސް މަންމަމެންނަށްވެސް އެކަން ސިއްރުކޮށްގެން ސައިފް އުޅުނީ…” މަންމަ އަަހަރެންގެ ހިތްހަމަޖައްސައިދިނުމަށް ވާހަަކަދައްކަމުންދިޔައިރުވެސް އެއަޑުންވެސް މަންމައަށް އަސަރުކޮށްފައިވީވަރު ހާމަކޮށްދިނެވެ. އެތަށްދުވަހެއްފަހުންވެސް އެއީ މަންމަގެ ދޫމައްޗަށް ގެންނަން ފަސޭހަ ވާހަކަތަކަކަށް ނުވާނެކަން އަހަންނަށް އިނގެއެވެ. ކިތަންމެދުވަހެއް ފާއިތުވެގެންދިޔަޔަސް އާޝާލް ނެތުމުގެ ފަޅުކަން އަހަރެމެން އެކަކުގެ ހަޔާތުންވެސް ފިލައިގެން ނުދާނެއެވެ.
“ދެން ހުއްޓާލާ… މަންމަވެސް ހިތްވަރުކުރަން ދަސްކުރީނު… މިއަދު މަންމަމެންގެ ހުރިހަމައެކަނި މީހަކީ ދަރިފުޅު… މަންމަ މެންގެ ހެޔޮދުއާތަކުން ނޫނީ މިއަދު ޢާޝާލްއަކަށް މަންފާއެއްނުކުރާނެ… ދަރިފުޅުވެސް ޖެހޭނެ ކޮއްކޮއަށްޓަކައިވެސް ކެތްތެރިވާން…” މަންމަ އަހަރެންގެ ބުރަކަށީގައި ފިރުމާލަދެމުން އަހަރެންގެ ލޮލުގައިވީ ކަރުނަތައް ފުހެލަދިނެވެ. ލަސްލަހުން އަހަރެންގެ އަތްތިލައަށް ފިތާލަމުން މަންމަ އަހަރެންގެ މޫނަށް ނަޒަރު ހުއްޓާލިއިރު އެ ދެލޮލުގައިވީ އާދޭހެވެ. މަންމަމެންނަށްޓަކައިވެސް ދިރިއުޅުމުގެ މަޤްސަދު ދޫކޮށްލުމެއްނެތި ކުރިއަށްދިޔުމަށް އަހަރެން ގާތުން އެދުނު ކަހަލައެވެ.
ލަސްލަހުން ތުންފަތްމަތީގައި ހިނިތުންވުމެއް ކުރަހާލަމުން އަހަރެން މަންމަގެ މޫނުގައި އަތްތިލަ ޖައްސާލީމެވެ. އަހަރެންގެ ހިތްވަރުނުކުރާހާ ހިނދަކު މަންމަމެންގެ ހިތްވަރުވެސް ބަލިވަމުންދާނެކަން އަހަންނަށް އިނގެއެވެ. ލޯބިވާ މީހުންގެ ވަކިވުން ކިތަންމެ ހިތްދަތިވެ ހިތުންފޮހެލަން ދަތިވިޔަސް އަހަރެމެން ދިރިތިބީންނަށް އޮތީ ކެތްތެރިވުމެވެ. ދިރިއުޅުމައިގެން މަޑުމަޑުން ކުރިއަށްދިޔުމެވެ. މާޒީގައި ހިފަހައްޓައިގެން ތާއަބަދު ތިބުމަކަށް އިންސާނާގެ އުމުރުވެސް ތަނެއް ނުދެއެވެ.
އަހަރުގެ މެދުތެރެއަށް އައިރު ހުޅަނގު މޫސުމް ފެށި ދުނިޔެމަތީން ވިއްސާރައިގެ ކުލަވަރު ދައްކަން ފަށައިފިއެވެ. އަބަދުހެން ބަނަވިލާތަކުން އުޑުމަތި ބައްދާލާފައި އޮންނައިރު ވައިރޯޅިތައް ހިމޭންވެފައި އޮންނަ ވަގުތެއް ނާދެއެވެ. އިރުއޮއްސިގެން އައިރުވެސް އުޑުމަތި އޮތީ ކަޅުވިލާތަކުން ބައްދާލާފައެވެ. ޖެހެމުންދިޔަ ވައިރޯޅިތައް ބާރުވަމުންދިޔަގޮތުން ގޯތިތެރޭގައި ހައްދާފައިވާ ގަސްތައްވެސް މުލުން ލުހެލަފާނެހެން ހީވެއެވެ. ދަންވަރުގެ ވަގުތު ގާތްވަމުންދިޔަވަރަަކަށް ތޫފާނުގެ އަސަރު ގަދަވަމުންގޮސް ކޮންމެ ވަގުތަކުވެސް ވާރޭ ވެހިގަނެފާނެ ކަހަލައެވެ.
ބާރުވަމުން އައި ވައިރޯޅިތަކާއި އެއްވަރަކަށް ގަސްތަކުގައިވީ ފަތްތައް ހަރަކާތްކުރަމުންދިޔަ މަންޒަރު ދެކެން އަހަރެން އެނދުމަތީގައި އިށީދެލައިގެން އިންއިރު ގާތުގައި އީޝް ލޯބިކޮށް ނިދާލާފައި އޮތެވެ. މަންމަމެންވެސް ބޭރުގައިވީ ރެއެއްކަމުން އާޝާލްގެ ކޮޓަރީގެ ޢީޝް ނިންދެވުމަށްފަހުވެސް އަހަންނަށް އެކޮޓަރީގައި މަޑުކޮށްލައިގެން އިނދެވުނީ އެކަނި ކޮޓަރިއަށް ދާން ނުކެރިފައެވެ. މަންމަމެން ގާތްތިމާގެ މީހަކަށް ގޮވާލަން ގޮސްފައިވުމުން އަހަރެން އިންްތިޒާރުކުރަމުންދިޔައީ މަންމަމެން އެނބުރި ގެއަށް އަންނާނޭ އިރަކަށެވެ. އެނދުގެ ހެޑްބޯޑަށްލެގިލައިގެން އިނދެ ފޯނަށް ނަޒަރު ހުއްޓާލައިގެން ނިންޖަށް ބަރުވަމުންދާ އެސްފިޔަތައް މެރުނަނުދިނުމަށް ހިތްވަރުކުރަމުންދިޔަސް އަަހަންނަށް އެގޮތުގައި ކެތްކޮށްލެވުނީ ކުޑައިރުކޮޅެއްވާންދެންނެވެ. އެސްފިޔަތަކަށް ބަރުވެގެންދިޔުމާއިއެކު އަތުން ފޯނު ދޫވެ، ތަންމަތީގައި ބުރަކަށި ޖެހިގެންދިޔައީ ކޮންއިރަކުކަމެއް އަހަންނަކަށް ނޭނގުނެވެ.
ފުންނިންޖެއްގެ ތެރެއަށް ގެނބެމުންދަނިކޮށް އަަހަންނަށް ހޭލެވުނީ ކޮޓަރިތެރޭގައި މީހަކު އުޅެމުންދާ އަޑަށެވެ. ލަސްލަހުން ލޯ ހުޅުވާލަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިޔަސް ކޮޓަރިތެރެއަށް ވެރިވެފައި އޮތް ފަނޑުއަލިކަމުގައި ކާކުކަން ދެނެގަންނާކަށް ނޭނގުނެވެ. އަހަންނަށް ބޮޑަށް ހީކުރެވުނީ މަންމަމެން އައީކަމަށެވެ. ނިދީގެ އަސަރު އެކުލެވިގެންވީ ދެލޯ ބޮޑަށް ހުޅުވާލައިގެން ދޮރާއި ދިމާލަށް ބަލަހައްޓައިގެން އޮއްވާ ހަމަހިމޭން ފިޔަވަޅުތަކެއްގައި ކޮންމެމީހަކު އަހަރެން އޮތް ދިމާލުން އެނދާއި ގާތްވިހެން ހީވިއެވެ. އެވަގުތު ނޭފަތުގައި ޖެހިގެންދިޔަ ފިރިހެންވަންތަ ސެންޓްގެ ވަހާއިއެކު ދާދި ކައިރިން ސައިފްގެ މޫނު ފެނުމުން އަހަންނަށް ފުންމައިގެން ކަހަލަގޮތަކަށް އެނދުންތެދުވުނެވެ. އެވަގުތުކޮޅުގައި އަހަރެންގެ ނިއްކުރި ސައިފްގެ ނިއްކުރިމަތީގައި ޖެހިގެންދިޔުމާއިއެކު ނަގައިގަތްދިލައިން އަނގައިން އަޑެއް އިއްވާލެވުނެވެ. ނަމަވެސް ސައިފްގެ ފަރާތުން ތަފާތުކަމެއް ނުފެނުނެވެ. އޭނަ ނުހަނު ފަރުވާތެރިކަމާއިއެކު ބޮޑު އެނދުމަތީން އީޝް ނެގިގޮތަށް މޭގައި ލައްކޮށްލައިގެން ހުރެ އަހަންނާއި ދިމާލަށް ބަލާލުމެއްވެސްނެތި ކުޑައެނދާއި ދިމާއަށް ދާންފެށިއެވެ.
“މީ… އީޝް ނިންދަވާފައި މަޑުކޮށްލައިގެން އިންދާ ނިދުނީ…” ސައިފް ހިތްހަމަނުޖެހިފައި ހުރިހެން ހީވެގެން އަހަރެން އޮޅުން ފިލުވައިދޭން އަވަސްވެގަތީމެވެ. އަހަރެންގެ ވާހަކަތަކަށް ސައިފް ޖަވާބުދިނީ މަޑުމަޑު ހޫމްއަކުންނެވެ. އީޝް ތަންމަތީގައި ބާއްވާލުމަށްފަހު ކުޑަ އެނދުގެ ކައިރިފަށުގައި ދެއަތްތިލަ ވިއްދާލައިގެން ހުރިއިރު އޭނަގެ ހުރިހާ ސަމާލުކަން ދެވިފައިހުރީ އެނދުގައި ނިދާލާފައި އޮތް އީޝްއަށެވެ. އިރުކޮޅެއްވާންދެން އެހެން ހުރުމަށްފަހު ލައިގެން ހުރި ކަޅުކުލައިގެ ގަމީހުގެ ގޮށްތައް ނައްޓަމުން ސައިފް ފާޙަނައާއި ދިމާލަށް ހިނގައިގަތްއިރު އަހަންނަކީ އެތަނުގައި ހުރި މީހެއްކަމަކަށްވެސް ހަދައެއްނުލިއެވެ.
“ސައިފް…” އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގެންދިޔުމާއިއެކު އެނަމުން ގޮވާލެވުނެވެ. އަހަންނާއި ކުރިމަތިނުލާންވެގެން ސައިފް އާއުކުޅެއް ހޯދައިގަނެގެން އުޅޭ ކަހަލައެވެ. މިހުރިހާ ދުވަހު އަހަންނަށް ފެނުނީ އެ ރުޅިވެރިކަމާއި ނަފްރަތެވެ. މިހާރު ދުރުކަމާއި ހިމޭންކަމުންވެސް އަހަރެންގެ ކެތްތެރިކަން އިމްތިހާނު ކުރަން ފެށީއެވެ.
“ހޫމް…” ސައިފްގެ ފަރާތުން އަަހަރެން އުންމީދުކުރިފަދަ އަޅާލުމެއްނުފެނުނެވެ. ފަސްއެނބުރިބަލާލުމެއްނެތި މަޑު ހޫމްއަކުން އަހަންނަށް ޖަވާބުދިނީ ދުރުހިލޭމީހަކަށްވެސް ޖަވާބުދާރީވާފަދައަކުންނެވެ.
“ސައިފް ކީއްވެ އަހަންނާއި ވާހަކަނުދައްކަނީ؟” ސައިފްގެ އެއަޅާލުންކުޑަކަމާއި ދުރުހިލޭކަމުން ހިތަށްކުރި އަސަރަކުން ހަމަ ވިސްނުމުގެ ބާރުން ސިކުނޑި އެއްފަރާތްވެގެންދިޔަ ވަގުތުކޮޅަކަށްފަހު އަހަންނަށް ހުރެވުނީ ސައިފްގެ ކައިރީގައެވެ. އަހަންނާއި ފުރަގަސްދީގެންހުރި ސައިފްއަށް އެސުވާލު އަމާޒުކުރިއިރު އަހަރެންގެ އަޑުގައި ހިތްދަތިކަމަށްވުރެ ބޮޑަށް ރުޅިވެރިކަން އެކުލެވިގެންވިއެވެ.
“އިތުރަށް އަހަރެމެން ދައްކަން އޮތީ ކޮން ވާހަކައެއް އަޝްވާ..” ޖަވާބުނުލިބޭނެހެން ހީވި ހިމޭން ދިގު ސުކޫންތުތަކަކަށްފަހު ސައިފް ޖަވާބުދިންއިރު އެއަޑުގައިވީ މަޑުމައިތިރިކަމާއިއެކު ރިހުމެއްގެ އަސަރުވެސްވިއެވެ. އެއާއިއެކު ލަސްލަހުން އަހަންނާއި ދިމާލަށް އެނބުރިލިއިރު އެމޫނުމަތީގައިވީ ތަފާތު އަސަރެކެވެ. އެދެލޮލުން އެކަނިވެސް އެތައް ވާހަކައެއް އަހަންނަށް ބުނެދިން ކަހަލައެވެ.
“ސައިފް ކޮންމެ ވާހަކައެއް ދެއްކިޔަސް އަހަރެން އަޑުއަހާނަމޭ…” ސައިފްގެ ކޮންމެ އަދާއަކުންވެސް އުށްކޮޅެއްފަދައިން އަހަރެންގެ ހިތްވިރިގެންދިޔަކަހަލައެވެ. ލަސްލަހުން ކުރިއަށް ފިޔަވަޅެއް އަޅާލެވުނީ ސައިފްގެ ގާތުގައި ހުންނަން ބޭނުންވީވަރުންނެވެ. ކަޅުކުލައިގެ ގަމީހަކާއި ޖީންސްގައި ހުރިއިރުވެސް ސައިފް ހާދަ ރީއްޗެވެ. އެންމެ ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތް މޮޔަކޮށްލި ރީތިކަމެވެ. މިވީހަތަރު އަަހަރުތެރޭގައި އެފިރިހެންވަންތަކަން އިތުރަށް ފުރިހަމަވެފައިވާކަހަަލައެވެ. ބޯވެފައިވާ ތުނބުޅިއާއި ހިސާބަށް ދިގުވެފައިވާ އިސްތަށިގަނޑުގެ ސަބަބުން ކުރިއާއި ތަފާތުކަމަކަށް ދައްކައެވެ.
“އަހަންނަށް އިނގޭ އަޝްވާއާއި ޢީޝް ދުރުނުކުރެވޭނެކަން… އަދި މިވަގުތު އީޝްއަށް އަޝްވާ ބޭނުންވާނޭވަރު އަަހަންނަށް އިޙުސާސްވޭ… އެކަމަކު އަޝްވާގެ ތިއެހީތެރިކަމާއި ހަމްދަރުދީއަކަށް އަހަރެން މިއަދު ބޭނުމެއްނުވޭ…” އަހަރެންގެ ތޫނު ނަޒަރު ފާހަގަކުރެވިގެން ކަންނޭނގެއެވެ. ލަސްލަހުން ދެލޯމަރާލަމުން އަހަންނާއި ދުރަށް ފިޔަވަޅެއް އަޅާލިގޮތަށް ސައިފް އަހަންނަށް ފުރަގަސްދިނެވެ. އެ ބަސްތަކުން އަހަރެންގެ ދުލުގައިވީ ބަސްތަކާއި ހުރިހާ ހިއްސެއްހެން ގަނޑުކޮށްލަމުންނެވެ.
“އަހަރެން ބޭނުމެއްނުވޭ އަހަރެން ފެންނަ ހިސާބަށް އަޝްވާ އަންނާކަށް… މިއީ އަހަރެން އަޝްވާގެ ފަރާތުން އެދޭ އެދުމެއްކަމުގައި ހީކުރޭ… އަަހަންނަކަށް ފަސޭހައެެއްނޫން އަޝްވާ ފެންނަ ފަށުގައި އުޅޭކަށް… އާޝާލް ނެތުމުގެ ފަޅުކަަަމަކަށްވުރެ އަޝްވާ އަހަރެންގެ ކުރިމަތީގައި އުޅޭތީ އަހަންނަށް އުނދަގޫވޭ… އަޝްވާގެ މަންމަމެންނަށްޓަކައި ނޫންނަމަ އަހަރެން މިގެއިން ދާނެތާ ކިތަންމެދުވަހެއް…” އަހަންނަށް ފުރަގަސްދީގެން ހުރެ ސައިފް އިއްވާލި ކޮންމެ ބަހަކާއިއެކު އަހަރެންގެ މޫނުމައްޗަށް އެތައް ކުލައެއް އަރައިފައިބައިގެން ދިޔައެވެ. މިހުރިހާ ދުވަސްވެގެންދިޔައިރުވެސް ސައިފް އަަހަރެންގެ ކުރިމައްޗަށް އަންނަން ބޭނުންނުވީ އެއީ ފަސޭހަކަމަކަށް ނުވާނެއަތީކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. އަހަންނަށް ހީކުރެވުނީ އަަހަންނަށް ކަންތައް ކުރެވުނުގޮތާއިމެދު ހިތްހަަމަނުޖެހުނުވަރުން އަހަންނާއި ކުރިމަތިލާންވެސް ސައިފް ބޭނުންނުވީކަމަށެވެ. އެވަގުތުކޮޅު ހިތަށް ފަހުމުވެގެންއައި ހަޤީގަތާއިއެކު އަހަރެން ނޭވާލާންވެސް ހަނދާންނެތުނުކަހަލައެވެ.
“ސައިފް… އަދިވެސް… އަހަރެންދެކެ…” ހިތަށް ލިބުނު ސިހުމާއިއެކު ނޭނގިހުއްޓާ އެ ސުވާލުތައް ދުލުން ބޭރުވެގެންދިޔައިރު ސައިފްގެ ފަރާތުން އަަހަރެން އުންމީދުކުރަމުންދިޔައީ ކޮން ޖަވާބެއްކަމަކަށްކަން ޚުދު އަހަންނަކަށްވެސް ނޭނގުނެވެ.
“ތިސުވާލުގެ ޖަވާބުދިނުން މުހިންމުތަ؟ އަހަންނަކީ އަދިވެސް އަޝްވާގެ ޅިޔަނެއްނު… އެހެންނު… އެކަމަކު އެހީތީ ބުނަން ބޭނުން… އަހަރެން މިއަދުވެސް ތިސުވާލަށް ދޭން އޮތް ޖަވާބަކީ މީގެ ހަތަރުއަހަރުކުރީންވެސް އަޝްވާއަށް އަހަރެން ދިން ޖަވާބު…” އަހަރެންގެ ސުވާލަށް ނުހަނު ފާޅުކަންބޮޑުގޮތެއްގައި ސައިފް ޖަވާބުދިންއިރު އެއަޑުގައި އެހެން ފަހަރުތަކާއި ހިލާފަށް އަހަރެންގެ ގައިންވެސް ހީބިހިނަގުވާލާ ކަހަަލަ ސާބިތުކަމެއްވިއެވެ. އެއާއިއެކު އަހަންނަށް ލަސްލަހުން ފަހަތަށް ފިޔަވަޅު ނަގަން ފެށުނެވެ. ވަކިހިސާބަކުން އަހަރެންގެ ފިޔަވަޅުތައް ސޯފާއާއި ހަމައިން ހުއްޓިގެންދިޔުމާއިއެކު ސޯފާއަށް ތިރިވެވުނުގޮތެއްވެސް ނޭނގުނެވެ. ބޭރުގައި އުފެދިފައިވާ ތޫފާނަށްވުރެ އަހަރެންގެ ސިކުނޑިއާއި އެތެރެހަށީގައި އުތުރިއަރަމުން އަންނަ ތޫފާން ވަރުގަދަވެފައިވާކަހަލައެވެ.
މަދު މިނެޓްތަކަކަށް އަހަރެމެން ދެމީހުންގެ ދެމެދުގައި ވާހަކަދެކެވުމެއްނެތި ހަމައެކަނި ހަމަހިމޭންކަމުގައި ވަގުތު ފާއިތުވެގެން ދިޔައެވެ. ކުޑަދޮރާއި ދިމާލަށް މޫނު އަނބުރާލިގޮތަށް ވެހެމުންދިޔަ ބޯވާރޭއަށް ނަޒަރު ހުއްޓާލައިގެން އަހަރެން ސޯފާގައި އިންއިރު ކޮޓަރީގެ ފާރުގައި ލެގިލިގޮތަށް ހަށަމްބަދެލައިގެން ސައިފް ހުރީ އަހަރެންގެ ކޮންމެ ހަރަކާތެއް ދިރާސާކުރާކަހަލަ ގޮތަކަށެވެ. އެ މޫނުމަތީގައިވީ އަސަރުތައް ދެނެގަންނާކަށް އަހަންނަކަށް ނޭނގުނެވެ. ދެމީހުންގެ ދުލުންވެސް ދައްކާނޭ ވާހަކަ ހުސްވެފައިވާކަހަލައެވެ.
“އެހެންވީމަ… ސައިފް ދޯ ޢާޝާލްއަށް އަހަރެމެންގެ ވާހަކަތައް ކިޔައިދިނީ… ކީއްވެ އެގޮތަށް ކަންތައްކުރީ؟ އަހަރެން ފަހަރެއްގައިވެސް ހިޔެއްވެސް ނުކުރަން ސައިފް އެހާ މޮޔަކަމެއްކޮށްފާނެކަމަކަށް… އެއީ އަހަރެންގެ ކޮއްކޮއޭ…” ލޮލުން އޮހެމުންދިޔަ ކަރުނަތަކާއިއެކު އަހަރެން ބުނަމުންދިޔަ ލަފުޒުތައް ނިމިގެންދިޔައީ އަހަރެން ރޮއްވާލަމުންނެވެ. އަހަރެންގެ ސިކުނޑީގައި އެތައް ދުވަހެއްވާންދެން އުފެދިފައިވާ ޝައްކާއި ވަޙުމުތަކަށް އެވަގުތު ދިރުން ލިބިގެން އައި ގޮތެއް ބުނާކަށްވެސް އަހަންނަކަށް ނޭނގުނެވެ. ސައިފްގެ ފާޅު އިޤްރާރާއިއެކު ބޭނުންނުވިޔަސް އަަހަރެންގެ ވިސްނުން ދަތުރުކުރީ އެންމެ ނުބައި މިސްރާބަށެވެ. އަހަންނަށް އަމިއްލަ ނަފްސުވެސް ވިސްނައިދިނީ އަހަރެންގެ ކުރިމަތީގައި އެއްބަސްވީގޮތަށް އެވާހަކަތައް ޢާޝާލްގެ ކަންފަތާއި ހަމަޔަށް ގެންދަންވެސް ސައިފް ފަަސްނުޖެހޭނޭކަމެވެ. ސައިފްއާއިމެދު ރަނގަޅަށް ވިސްނަން އެވަގުތު އަހަރެންގެ ސިކުނޑިވެސް ބޭނުމެއްނުވިއެވެ.
އެބަސްތަކާއިއެކު ސައިފްގެ ހަށިގަނޑު ސީދާވެގެންދިޔައިރު އަހަންނާއި ދިމާލަށް ބަލާލީ ގަބޫލުކުރަން ދަތި ނަޒަރަކުންނެވެ. އެ ނަޒަރުގައި ހައިރާންކަމާއި އެއްވަރަށް ރުޅިވެެރިކަންވެސް އެކުލެވިގެންވިއެވެ. “ހުރިހާކަމެއްކުރުމަށްފަހު އޭނައާއި މަތިކުރަން ނޫޅެށޭ” ބުނާފަދަ ނަޒަރެކެވެ. އަހަރެން ހީކުރިގޮތާއި ހިލާފަށް ސައިފް އަމިއްލަ ނަފްސު ދިފާއުކުރަން އަހަންނާއި ދެކޮޅަށް އެއްޗެކޭ ބުނާކަށް ނޫޅުނެވެ. އޭނަ ބަހެއްވެސް ނުބުނެ އަދި އަހަންނާއިދިމާލަށް ބަލާލުމެއްނެތި ލަސްފިޔަވަޅުތަކެއްގައި ރީތިވާ ބަޔަށް ވަދެގެން ދިޔުމާއިއެކު އަހަންނަށް ހައިރާންކަމާއިއެކު ބަލަހައްޓައިގެން އިނދެވުނެވެ. އަހަންނަށް ހީކުރެވުނީ އަހަންނާއި ކުރިމަތިލާން ބޭނުންނުވެގެން ސައިފް ދިޔައީކަމަށެވެ.
ދެވަނަ ފަހަރަށް ލޮލަށް ގިނަވެގެން އައި ކަރުނަތަކާއިއެކު އަހަރެން އިސްއޮބާލަންޖެހުނެވެ. އެވަގުތު ފަތުއަޑު ކިޔާފައި އަހަރެންގެ މޫނާއިދިމާލަށް އެއްޗެއް އައިކަމުގެ އިހުސާސާއިއެކު އަހަންނަށް އިސްއުފުލާލެވުނެވެ. އަހަންނަށް ހަރަކާތެއް ނުގެނެވިގެން އުޅެނިކޮށް ސައިފް ދުރުގައި ހުރެފައި އަހަރެންގެ މޫނާއި ދިމާލަށް ހޫރާލި ބޯ ފޮތް ފަތުއަޑު ކިޔާފައި އައިސް އަހަރެންގެ ނިއްކުރިމަތީގައި ޖެހިފައި ޓައިލްމައްޗަށް ވެއްޓުނު އަޑު އިވުނެވެ. ނިއްކުރިމަތީން ނަގައިގަތް ދިލައާއިއެކު ނިއްމަތީގައި ފިރުމާލަމުން ޓައިލްސްމައްޗަށް ވެއްޓުނު ފޮތާއި ދިމާލަށް ބަލާލެވުމާއިއެކު އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައެވެ. އަހަރެންގެ ވަށައިގެންވީ ދުނިޔެ އެނބުރިގަތަސް އަހަރެންގެ ހިތަށް އެހާ ބޮޑު ސިހުމެއް ނުލިބޭނެއެވެ.
“މިފޮތް.. މިފޮތް… ކިހިނެތް؟” އެއްފަހަރު ޓައިލްސްމަތީގައި އޮތް ފޮތާއި ދިމާލަށް ބަލާލުމަށްފަހު އަނެއްފަހަރު ސައިފްގެ މޫނަށް ބަލާލިއިރު ދިރޭރަހަކޮޅެއްފަދައިން އަހަރެންގެ ހިތްތެޅެމުންދިޔަކަހަަލަ އިޙުސާސެއްކުރެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.

Hii all. Hope you will like this part. Next part will be uploaded after the weekend
Vvvv reethi Mi part vs.. Knirakun aneh part kiyaalan libeynee… Plxx avahah aneh part kiyaalan dhehcey 😩
Thank you… next part now submitted
Mi vaahaka v reethi.. keep going naira ☺️
Thank you. varah ufaa vehjje kamudhiyaima
Wow. Hama rovey mi vhk kiyaifa. Vvv salhi. Ekam dhen oiy part thankolheh dhigu kolla dhehchey. Anyway vhk hama v habeys.
Thank you so much. trying my best to keep the parts long