“ކުޑަކޮށް އެއްޗެއް ކާލާނީދޯ މަންމާ… ބަލާބަލަ މިހިރީ މަންމައަށް އެންމެ މީރުކޮށް މުރަނގަތޮޅީގައި ކިރުގަރުދިޔަ ކައްކާފައޭ…” މޭޒުމަތީގައި ހުރި ތަށިތަކުގެ މަތިތައް ނަގަމުން އަހަަރެެން ދެވަނަ ފަހަރަށްވެސް މަންމައާއި ވާހަކަދެއްކީމެވެ. މަންމައަށް މޮޑެފައިހުރި ބަތްތަށި ހިފައިގެން މަންމައާއި ކައިރިއަށް ޖެހިލަމުން ބަތްސަމްސާ ދިއްކޮށްލުމާއިއެކު މަންމަގެ ފަރާތުން ފެނުނީ އަހަރެން ހީވެސްނުކުރާފަދަ އަމަލެކެވެ. އަހަރެންގެ އަތުން ބަތްތަށި ދޫވެ ވެއްޓުނުގޮތަށް އެކިދިމަދިމާލަށް ބަތްފުށްތައް ބުރައިގެންދިޔައިރު އަހަންނަށް ހުރެވުނީ ހުއްޓުން އަރާފައި ގެންނާނޭ ހަރަކާތެއްނޭންގިފައެވެ. އަހަންނާއި ދިމާލަށް މަޅާލެވިފައިހުރި މަންމަގެ އަތްތިލައާއި ދިމާލަށް ނަޒަރު ހުއްޓާލިގޮތަށް އަހަންނަށް ހުރެވުނީ ކުއްލި ސިހުމެއްގައެވެ.
“އަޝްވާ…” ދުވެފައި އައިސް ކޮޓަރިތެރެއަށް ވަތް ސައިއްތަގެ ހާސްކަމުން ފުރިގެންވީ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނީ އެގޮތުގައި ހުއްޓައެވެ. ލޮލުގައި ލެވެމުންދިޔަ ކަރުނައިގެ ފަށަލައިގެ ތެެރެއިން ހާސްވެފައި ހުރެ އަހަންނާއި ދިމާލަށް އަންނަމުން ދިޔަ ސައިއްތަގެ މޫނު ފެނުނީ ފުސްކޮށެވެ. އެކަމަކު އެ މޫނުމަތީން ފާޅުވަމުންދިޔަ ކަންބޮޑުވުމުގެ އަސަރު ނަގައިގަނެވިގެން ދިޔުމާއިއެކު އަހަރެން ކުރަމުންދިޔަ ހުރިހާ ހިތްވަރެއްހެން ދޫވެގެންދިޔަ ކަހަލައެވެ. ސައިއްތަ އަހަންނާއި ގާތަށް އަޅާލި ފުރަތަަމަ ފިޔަވަޅާއިއެކު މޫނުމަތީގައި އަތްއަޅާލިގޮތަށް ރޮއެގަންނަމުން އަހަންނަށް ކޮޓަރީން ބޭރަށް ދުއްވައިގަނެވުނެވެ. އޭރު ކޮޓަރީގެ ދޮރުމަތީގައި ހިނގާދިޔަ ހުރިހާކަމެއް ދެކެން ބައްޕަ ހުއްޓެވެ. އެވަގުތު ބައްޕަގެ ނަޒަރު އަހަރެންގެ މޫނަށް ހުއްޓިގެންދިޔަސް އަހަންނަށް ބައްޕައާއި ކުރިމަތިލާނެހާ ހިތްވަރެއްނުކުރެވުނެވެ. ދުވެފައިކަހަލަގޮތަކަށް ސިޑިން އަރައިގެން ކޮޓަރިއާއި ދިމާލަށް ދެވުނީ އަމިއްލަ ނަފްސާއި ކަރުނަތައް ހިފަހައްޓާނެހާ ބާރުވެރިކަމެއް ހަށިގަނޑުގައި ނެތުމުންނެވެ.
ކޮޓަރިއަށް ވަތްގޮތަށް އެނދާއި ދިމާލަށް ތިރިވަމުން ބާރުބާރަށް ރޮއެގަނެވުނުއިރު އަހަންނަށް ހީވި އަހަރެންގެ އެތެރެހަށި ރޫޅެމުންދިޔަހެންނެވެ. އެންމެންގެ ނަފްރަތާއިއެކުވެސް ނެތް ހިތްވަރު ނެރެގެން އަހަރެން އުޅެންވީ ކިހާ ދުވަހަކު ހެއްޔެވެ؟ އެހާ ހިތްވަރު އަހަންނަށް ކުރެވޭނީ ކިހާދުވަހެއްވަންދެން ބާވައެވެ؟ އަހަންނަށް ޔަޤީންވަނީ އަހަރެންގެ އަމިއްލަ ނަފްސުގެ ހިތްވަރުނެތި ކެތްތެރިކަން ކޮޅުންލާނޭ ވަގުތެއް އަންނާނޭކަމެވެ. އެތައް އަހަރެއްފަހުން އަމިއްލަ ފަސްގަނޑަށް އައުމަށް ނިންމުނީތީ އެކަމާއި ހިތާމަކުރާކަށް އަހަރެން ބޭނުމެއްނުވެއެވެ. އެކަމަކު އަހަރެން މިފަސްގަނޑަށް އެނބުރި މިއައީ ކާކަށްޓަކައި ހެއްޔެެވެ؟ އަހަންނަށް ދުވަހަކު މައާފުނުދޭން ނިންމައިގެން ހުރި މައިމީހާއަށްޓަކައި ހެއްޔެވެ؟ ނޫނީ އަހަރެންގެ މޫނުވެސް ދެކެން ބޭނުންނުވާ އަހަރެންގެ ހިތުގެވެެރިޔާއަށްޓަކައި ހެއްޔެވެ؟ އަހަރެންގެ ޒަމީރުވެސް ތަކުރާރުކޮށް އަހަންނާއި އެ ސުވާލުތައް ކުރަމުންދިޔަކަހަލައެވެ.
ޢާޝާލްގެ ބަދަލުގައި އަަހަރެން މިދުނިޔެއާޢި ވަކިވެގެންދިޔަނަމައެވެ. މިއަދު އަހަރެން ނެތުމުގެ ފަޅުކަން އިޙުސާސްކުރާނެ އަދި އެ ހިތާމަކުރާނޭ އެއްވެސް ފަރާތެއް މި ފަސްގަނޑުގައި ހުރިކަމަކަށް އަހަންނަކަށް ޤަބޫލެއްްނުކުރެވެއެވެ. އަހަންނަކީ އެންމެންނަށް ބުރައަކަށްވެފައިވާކަހަލައެވެ. އަމިއްލަ ގެދޮރުގައި އަހަރެން މިވަނީ ބީރައްޓެއްސަކަށްވެފައެވެ. ބައްޕައާއި ސައިއްތަ ނޫނީ މިގޭތެރޭގައި އަހަންނާއި ހެޔޮހިތުން އަނގައިން ބުނެލާނޭ މީހަކު ނެތެވެ. އަހަންނަށް ރުހުމުގެ ނަޒަރުން ބަލާލާ އޯގާތެރިވާނޭ މީހަކު ނެތެވެ.
ޢީޝްގެ ގާތުގައި އެނދުމަތީގައި އޮށޯވެލައިގެން އޮތްއިރު އަހަރެންގެ ހިތަށް އެފަދަ އެތައް ނޭދެވޭ ހިޔާލުތަކެއް އަރާފައިބަމުންދިޔައެވެ. ފަހަަކަށް އައިސް މާޔޫސްވާ ކޮންމެވަގުތަކުހެން އެފަދަ ހިޔާލުތަކުން އަހަރެންގެ ސިކުނޑި ފުރިގެންދެއެވެ. ދިރިހުރުމާއިމެދު އުންމީދު ކަނޑާލެވުނީ ކިތައްފަހަރަކުކަމެއްވެސް ނޭނގެއެވެ. ބޭރުފުށުން ހިތްވަރުގަދަކަން ދައްކާލައިގެން އުޅުނަސް މިއަދު އަހަރެންވެސް ވަނީ އެހެންމީހެއްގެ އޯގާތެރިކަމަކަށް ބޭނުންވެފައެވެ. ޢާޝާލްގެ ކުއްލި ވަކިވުމުން ލިބުނު ހިތްދަތިކަމާއި ހަޔާތުގައި ހިނގާދިޔަ ހުރިހާކަމެއްހެން ހިއްސާކުރާނޭ ފަރާތަކަށް އަހަރެންގެ ހިތްއެދެއެވެ.
“ދަރިފުޅު ނެތްނަމަ މަންމި ކިހިނެތް ކެތްކުރާނީ؟ ތީ މަންމިގެ ފުރާނަ…” އަހަރެންގެ ހިތާމަތައް ތުއްތު އީޝްއަށްވެސް އިޙުސާސްކުރެވުނީ ކަހަލައެވެ. އެ ތުއްތު އަތްތިލަ އަހަރެންގެ ކަރުނުން ފޯވެފައިވީ ކޯތާފަތްމަތީގައި ބާއްވާލައިފިއެވެ. އެވަގުތު ހިތަށް ފިނިވެލައިގެންދިޔަގޮތުން އަހަރެންގެ ހިތާމަތައްމަތީންވެސް ހިނދުކޮޅަކަށް ހަނދާންނެތުނުކަހަލައެވެ. އެތުއްތު ފުރާނަ އަތުގެތެރެއަށް ގެނައިގޮތަށް މޭގެތެރެއަށް ބޮޑިކޮށްލެވުނެވެ. ޢީޝްގެ ހައްޤުގައި ނޫންނަމަ އަހަންނަށް މިދަރަަޖައަށް ކެތްތެރިނުވެވުނީސް ކަންނޭނގެއެވެ. އަހަރެން މާޔޫސްވާ ކޮންމެ ވަގުތަކު އެތުއްތު ހަަރަކާތްތަކުން އަހަންނަށް ހިތްވަރު ދޭ ކަހަލައެވެ. އެނބުރިދިޔުމަށް އަހަރެންގެ ނަފްސު ބާރުއަޅާ ކޮންމެފަހަރަކު އީޝްގެ ތުއްތު މޫނުކޮޅު ފެނުމުން އަހަރެންގެ ހިޔާލު ބަދަލުވެގެންދެއެވެ. އިތުރު ހިތްވަރަކާއިއެކު ދުނިޔެއާއި ކުރިމަތިލާން އަހަރެންގެ ހިތް އަހަންނަށް ބާރުއަޅައެވެ.
އޭގެ ފަހުން ތިންދުވަސް ފާއިތުވެގެންދިޔައިރުވެސް އެރޭވެގެންދިޔަ ކަންތަކުގެ ވާހަކަ އެކަކުވެސް ނުދައްކައެވެ. ސައިއްތައާއި ބައްޕަވެސް އަހަރެންގެ ގާތުން އެއްވެސް ކަމެއް އޮޅުންނުފިލުވަން ނިންމައިގެން ތިބީ އެ މައުޞޫއުއަށް އަހަންނާއި އިތުރަށް ވާހަކަދައްކަން ބޭނުންނުވީތީ ކަންނޭނގެއެވެ. މަންމަގެ ލޯތްބާއި ގާތްކަން ނޫން އެއްޗެއް އިހުސާސްނުކުރެވި ބޮޑުވެގެން އައުމަށްފަހު މަންމަގެ ފަރާތުން ފުރަތަމަފަހަރަށް އެފަދަ އަމަލެއް ފެނުމުން އަހަރެން ހިތުގައި ޖެހޭނެވަރު ބައްޕަމެންނަށް އިޙުސާސްކުރެވުނީ ކަހަލައެވެ. އަހަރެންވެސް ބޭރުފުށުން އެއްވެސް އިހުސާސެއް ދައްކާލުމެއްނެތި އެއްވެސް ކަމެއްނުވާކަމަށް ހަދައިގެން ގޭތެރޭގެ ކަންތައްތަކުގައި އަވަދިނެތި އުޅެމުންދިޔައީމެވެ. ގޭގެ ކަންތައް ނިންމާލުމަށްފަހު ލިބޭ ހުރިހާ ހުސްވަގުތެއްހެން އީޝްއާއިއެކީ ހޭދަކުރަމުންދިޔައީ އަމިއްލަ ނަފްސަށް އެކަނިވެރިވެލާނޭ ފުރުސަތެއްދޭން ބޭނުންނުވާތީއެވެ. ވިސްނާއި ފިކުރުމަށް ސިކުނޑިއަށް ތަންދޭން އަހަރެން ބޭނުންނުވާތީ އަހަންނަށް ފެނުނު އެންމެ ރަނގަޅުގޮތަކީ އެއީއެވެ.
ފަތިހު ހޭލާގޮތަށް އަހަރެންގެ ދުވަސް ފަށަނީ ފަތިސްނަމާދުންނެވެ. އެއާއިއެކު ބަދިގެއަށް އައިސް ސައިތައްޔާރުކޮށް ގޭދޮށް ކުނި ކެހުމަށްފަހު މެންދުރު ބަދިގެއަށް ވަންނަންވަންދެން އަހަރެންގެ ވަގުތުތައް ހުސްކުރެވިފައި އޮންނަނީ ޢީޝްއަށެވެ. ހުރިހާކަމެއް ނިންމާލުމަށްފަހު ޢީޝް ގޮވައިގެން ކޮޓަރިއަށް ވަންނަ ގޮތަށް އޮވެވެނީ ބޭރަށް ނިކުންނަން ބޭނުންނުވެފައެވެ. ގޭތެރެއަށް އަބަދުހެން ވެރިވެފައި އޮންނަ ފަޅުކަމުން އަހަންނަށް އުނދަގޫވެއެވެ. ކޮޓަރީގެ ހަތަރުފާރުން ބޭރުވާ ކޮންމެ ފަަހަރަކުހެން ކުރީގެ ހަނދާންތަކާއި ޢާޝާލްގެ ފަނޑުވުމެއްނެތް ހަނދާންތަކުން އަހަރެން ފެންކަޅިކޮށްލައެވެ.
އެރޭގެ ފަހުން ކުރިއެކޭވެސް އެއްފަދައިން މަންމަގެ ހުރިހާކަމެއްހެން ބަލަހައްޓަމުންދިޔައީ ސައިއްތައެވެ. އަހަރެން ކޮންމެ އިރަކަށް މަންމައަށް ކާއެއްޗެހި ތައްޔާރުކުރިޔަސް ކޮޓަރިއާއި ހަމަޔަކަށް ނުދަމެވެ. ސައިއްތަ މަންމައަށް ކާންދީފައި ނިކުންނަން ދެން އަހަރެން އިންނަނީ ސިޓިން ރޫމްގައި މަޑުކޮށްލައިގެންނެވެ. މަންމައަށް ކާންދޭން ނުދިޔަޔަސް ކޮންމެރެއަކުހެން ޢީޝް ނިދަންވުމުން ރީތިކޮށްލައިގެން އަހަރެން މަންމަގެ ކޮޓަރިއަށް ދަމެވެ. އީޝްއަށް ނިދެންދެންވެސް ގިނަ ރޭރޭ އަހަރެން އިންނަނީ މަންމަ ކައިރީގައެވެ. ބަހެއްބުނުމެއްނެތި މަންމަގެ ކައިރީގައި އިންނައިރު އަހަރެންގެ ލޮލުގެތެރެއިން ހިމޭން ކަރުނަތައް ނީރައެވެ. އަހަރެންގެ ހިތް އެ ހިމޭންކަމުން މިންޖުވާން ބޭނުންވާންވެގެން ރޮއެއެވެ. މަންމައާއި ވާހަކަދައްކަން ބޭނުންވެފައި ހުއްޓަސް އެރެއަށްފަހު އަހަރެން ވަށައިގެން ހިމޭންކަމުގެ ފަށަލައެއްލެވިފައިވާކަހަަލައެވެ. އަނގައިން ބަހެއް ނުބުނެވި މަންމަގެ މޫނަށް ބަލަހައްޓައިގެން އިނުން ނޫންކަމެއް އަަހަންނަކަށް ނުކުރެވެއެވެ. އެވަގުތުތަކުގައި މަންމަގެ ސަމާލުކަން އަހަންނަށް ނުލިބުނަސް މަންމަގެ ދެލޯ ޢީޝްއަށް ހުއްޓިފައި ހުންނަ ގޮތުން އަހަންނަށް ހިތްހަަމަޖެހުމެއްލިބެއެވެ. އަހަރެން އުންމީދުކޮށްގެން ހުރީ ޢީޝްގެ ތުއްތު ހަރަކާތްތަކުން މަންމައަށްވެސް ހިތްވަރު ލިބޭނެކަމަށެވެ.
“ދަރިފުޅު އަދިވެސް ނިދާކަށް ނުދަންތަ؟ ކާފަގެ ދޮންކަނބުލޮއަށްވެސް މިއޮތީ ނިދިފައެއްނު…” އެރޭ ތަންކޮޅެއް ދަންވަންދެން ބޭރުގައި އުޅެފައި ބައްޕަ ގެއަށްއައިރުވެސް އިރާކޮޅު އައިގޮތަށް އަހަންނަށް އިންދެވުނީ މަންމަ ކައިރީގައެވެ. ފާރުގައި ލެގިލައިގެން އެނދުގެ އެއްކަނެއްގައި އިންއިރު އަހަރެންގެ އުނގުތެރޭގައި ޢީޝް އަރާމުކޮށް ނިދާލާފައި އޮތެވެ. ބައްޕަގެ އަޑުއިވުމާއިއެކު ލޮލުން އައިސްފައިހުރި ކަރުނަތައް ފުހެލިގޮތަށް ހިނިތުންވެލަމުން އަަހަރެން ބައްޕައާއި ދިމާލަށް ބަލާލީމެވެ. އެވަގުތު ބައްޕަ އަހަންނަށް އެހީވާންވެގެން އައިސް އަހަރެންގެ އަތުގެތެރެއިން ޢީޝް ނަގަމުން އަހަރެންގެ އެއްއަތުގައި ހިފަހައްޓާލިއެވެ. ގިނައިރުތަކެއްވާންދެން ފާރަށް ލެގިލައިގެން އިނދެ އިނދެ އޭރު އަހަރެންގެ ބުރަކަށީގައިވެސް ރިހެމުންދިޔައެވެ. އުނދަގުލާއިއެކު އެނދުމަތީން ތެދުވަމުން އީޝް އުރާލީމެވެ. އިތުރަށް މަޑުކޮށްލުމެއްވެސް އަހަރެން ކޮޓަރީން ނިކުމެގެންދިޔައިރު ކޮޓަރީގެ ދޮރު ލެއްޕިގެންދިޔަ އަޑާއިއެކު އެތެރެއިން ބައްޕަ މަންމައާއި ވާހަކަ ދެއްކި އަޑު އިވުނެވެ.
“ސުދާ.. ގޮތްދޫނުކުރިޔަސް ތީ ތަންކޮޅެއް ބޮޑުވަރު ކަންނޭނގެ… އެއްޗެކޭ ނުބުނަންކަމަށް އަހަރެން މިހުންނަނީ… އެކަމަކު ސުދާގެ ހިތަށް ކެތްވާކަމޭ ހިތަށް އަރަނީ…. ސުދާ އަނގައިން ބުނޭތޯ ކިތައް ރޭކަން އިނގޭތަ އަޝްވާ މިކޮޓަރި ދޮށަށް އައީ… ކުރީންވެސް ސުދާ ހިތްހަމަނުޖެހިފައި ހުރިކަން އިނގޭތީ އެފަކީރުވެސް ދުރުދުރުން އެއުޅުނީ… ސުދާ އެންމެ ފަހަރަކުވެސް އަޝްވާގެ ހިތަށް ކުރާނޭ އަސަރަކާއިމެދު ވިސްނާލަބަލަ… އަހަރުތަކެއްފަހުން އަޝްވާއަށް އެނބުރި އަހަރެމެން ކައިރިއަށް އާދެވުނީ ހުރި ހަމައެކަނި ކޮއްކޮގެ މަރުދެކެން… އެދަރިފުޅުގެ ހިތަށް ކިހާ އަސަރެއްކުރާނެ… މިއަދު އަހަރެމެންގެ ގިނަ ދަރީންތަކެއް ތިބީކީ ނޫން… ތިގޮތަށް ކަންތައްކޮށްގެން އަޝްވާވެސް އަަހަރެމެންނަށް ގެއްލެންތަ ސުދާ ބޭނުމީ…” ހަރުކަށިކަމާއިއެކު މަންމައާއި ވާހަކަދެއްކިއިރު ބައްޕަގެ އަޑުގައި ހިތްދަތިކަމެއްްވިއެވެ. އެވާހަކަތަކަށް މަންމަ ރައްދުދިން އަޑެއްނީވުނެވެ. އެއާއިއެކު ބައްޕަ ވާހަކަ ހުއްޓާލީ ވަރުބަލިވެގެން ކަންނޭނގެއެވެ.
މަންމަގެ ޖަވާބަށް އިންތިޒާރުކޮށްގެން ހުރި އަހަރެންގެ ލޮލުންވެސް ކަރުނަތައް ނީރާލިއެވެ. މަންމަގެ ނުރުހުމާއި އަހަންނާއިމެދު ބަހައްޓާ ދުރުހިލޭގޮތުގެ ސަބަބުން އެތައް އަހަރެއްފަހުން ގެއަށް އައުމަށްފަހުވެސް އަހަންނަށް އަމިއްލަވަންތަކަމުގެ ކުޑަވެސް އިހުސާސެއްނުކުރެވެއެވެ. އަމިއްލަ ވަޒަނާއި ގެއާއި އާއިލާ މެންބަރުންނާއި ރައްޓެހީންވެސް އަހަންނަށްޓަކައި ބީރައްޓެހިންނަށް ވެފައިވާފަދައެވެ.
އާޝާލް ނިޔާވިފަހުން ދެހަފްތާ ފާއިތުވެގެންދިޔައިރު ސައިފްވެސް ހަމަޔަކަށް އެޅި މަޑުމަޑުން ކޮޓަރިތެރެއިން ނިކުމެ މީހުންނާއި ވާހަކަދައްކާ އުޅެން ފަށައިފިއެވެ. ފަހުންފަހުން އައިސް ޢީޝްވެސް ގިނަވަގުތު ހޭދަކުރަމުންދިޔައީ ސައިފްއާއިއެކީގައެވެ. ކުރީން ޢީޝް އަހަރެންގެ ކޮޓަރީގައި ނިންދަވާހެދިޔަސް ފަހުން ޢީޝްގެ ހުރިހާކަމެއްހެން ކޮށްދެމުންދިޔައީ ސައިފްއެވެ. އަހަރެންގެ ކޮޓަރީގައި ޢީޝްއަށް ނިދިފައި އޮންނަ ރެއަކުވެސް ސައިފް ގެއަށް އައުމާއިއެކީގައި ސައިއްތަ ޢީޝް ބަލައިއަންނާނެއެވެ. ސައިއްތަ އެގޮތަށް ކަންތައްކުރަނީ ސައިފް އެދިގެންކަން އަހަަންނަށް އިނގެއެވެ. އެހެންމީހުން އީޝް އުރައިގެން އުޅޭ ވަގުތުތަކުގައި ސައިފް އީޝްއާއި ގާތްވެލާ ސަކަރާތްޖެހިޔަސް އަހަރެންގެ ކުރިމަތީގައި ކަންކުރާގޮތް ތަފާތެވެ. އަހަރެންގެ ކުރިމަތީން ގެއަށްވަދެގެންދާއިރު އެންމެ ފަހަރަކުވެސް އަހަންނާއި ދިމާލަށް ބަލައެއްނުލާނެއެވެ. އޭގެ އިތުރުން އަަހަންނަށް ފާހަގަވީ ސައިފް އެއްވެސް ވަރަކަށް އަހަންނާއި ވާހަކަނުދައްކަން މަަސައްކަތްކުރާކަމެވެ. އަހަރެން ހުންނަވަގުތުތަކުގައިވެސް ޝުޢާ ނޫނީ ސައިއްތައަށް ގޮވައިގެން ނޫނީ ކުރަން ބޭނުންވާކަމެއްނުކުރެއެވެ. އަހަރެން ހުންނަތަނަކަށް އާދެވުނަސް ސަލާމަތްވާނޭ ފަދަ ވަގުތަކަށް ސައިފް ބަލަބަލާ ހުންނަ ކަހަލައެވެ. ކިތަންމެ ނުވާކަމަށް ހެދިގެން ހުއްޓަސް އަހަންނަށް އެހުރިހާކަމެއް ފާހަގަކުރެވެއެވެ. އެކަމާއިމެދު ވިސްނުން ހިންގެއެވެ.
މެންދުރުފަހު އީޝް ނިންދަަަވަން ތައްޔާރުކުރަން އަހަރެން އުޅުނު ވަގުތެވެ. ހޫނު ފެނުން އީޝް ފެންވަރުވާލައިގެން ނިކުމެ ކަފަ ހެދުންކޮޅެއް ލައްވާލާ ރީތިކޮށްލުމަށްފަހު އަހަރެން އުޅުނީ ޢީޝްގެ ބުއްފުޅި ތައްޔާރުކުރުމަށެވެ. ޢީޝްގެ ކިރުދަޅާއި ހޫނުފެން ތަރުމޯޒު ކަބަޑު މައްޗަށް ނެގުމަށްފަހު ހޯދަހޯދާވެސް ޢީޝްގެ ބުއްފުޅިއެއްނުފެނުނެވެ. އަހަރެން އެކަނި ޢީޝް ގެންގުޅުނުއިރު ކޮޓަރިތެރެއިން ހުރިހާއެއްޗެއް ފެންނަން ހުއްޓަސް ސައިފް އީޝް ގެންދަންފެށި ފަހުން ކޮޓަރިތެރެއިން ހުރިހާ އެއްޗެއް ފެންނަން ހުރުމަކީ ނުވާނޭކަމެކެވެ. އަަހަރެން ނިންމައިގެން ހުރީ ވަގުތެއް ލިބުމުން ހިންދުއާއިއެކީ ބޭރަށް ނިކުމެ އީޝްއަށް ބޭނުންވާ ސާމާނުތައް ކޮޓަރިއަށް ހަމަކޮށްލާށެވެ. އެކަމަކުވެސް ބޭރަށް ނިކުންނަ ހިތްނުވެފައި އަހަންނަށް ހުރެވުނީއެވެ.
ސައިއްތަވެސް ގޭގައި ނެތްވަގުތެއްކަމުން އަހަންނަށް ހަދާނޭގޮތެއް ނޭނގިފައި ވިސްނުމެއްގައި ހުރެވުނެވެ. ސައިފްގެ ކުރިމައްޗަށްދާކަށް އަަހަރެންގެ ނަފްސުވެސް ތައްޔާރެއްނޫނެވެ. ބާލީސްމަތީގައި ޢީޝް ބާއްވާލުމަށްފަހު ނިންދަަވަން އުޅެވުނީ އެވަގުތައް އޮތް އެންމެ ރަނގަޅުގޮތަކީ އެއީކަމަށް ޤަބޫލުކުރެވުމުންނެވެ. އެކަމަކު ބުއްފުޅި ބޭނުންވެެގެން އީޝް ރޯގޮތްދައްކާލުމުން އަހަންނަށް ގަދަކޮށްލައިގެންނެއް ނީދެވުނެވެ. އެނދުމަތީގައި ޢީޝް ބާއްވާލުމަށްފަހު ދޮރާއި ދިމާލަށް ހިނގައިގަނެވުނީ ހިތާއި ދެކޮޅަށެވެ.
ޢާޝާލްގެ ކޮޓަރީގެ ދޮރުގައި ޓަކިދިންއިރު ދިރޭރަހަކޮޅެއްފަދައިން އަހަރެންގެ އަތްފައިވެސް ފިނިވެ، ހިތްވެސް ތެޅެމުންދިޔައެވެ. ދެވަނަ ޓަތްކާއިއެކު ސައިފް އައިސް ދޮރުހުޅުވާލުމާއިއެކު އަަހަރެންގެ މޭގައި ފިނިފިނި ވައިރޯޅިއެއް ބީހިލިކަހަލައެވެ. އިސްޖަހާލައިގެން ހުރެފައި އިސްއުފުލާ ބަލާލެވުމާއިއެކު އަހަރެންގެ ދެކޯތާފަތް ރަތްވެގެންދިޔައެވެ. ހާމަޔަށްހުރި އެހަށިގަނޑަށް ނުބަލަންވެގެން އަހަންނަށް އަނެއްފަރާތަށް މޫނު އަނބުރާލެވުނެވެ. އެވަގުތު ސައިފްގެ މޫނުމަތީން ހައިރާންކަން ފާޅުވިހެން ހީވިއެވެ. ޓީޝާޓްލުމެއްނެތި ހުސްގަޔާއި ހުރެގެން އައިސް ދޮރު ހުޅުވާލީ ފަހަރެއްގައިވެސް އަހަރެންކަމަށް ހީކޮށްގެންނެއް ނޫން ކަންނޭނގެއެވެ.
“މީ.. މީ… އީޝްގެ ބުއްފުޅި ހޯދަން….” ފުރިހަމަ ހަތަރުއަހަރަށްފަހު ސައިފްއާއި ވާހަކަދައްކަން ޖެހުމުން އަހަރެން މުޅިން ފިނިވިއެވެ. ސައިފްގެ ކުރިމަތީގައި ދުލަށް ބަސްތައް އަމުނާލުމަކީ ހީކުރިވަރަށްވުރެވެސް އުނދަގޫކަމަކަށްވިއެވެ. އަހަރެންގެ ބަސްތައް ފުރިހަަމަނުކުރެވެނީސް ސައިފް ދޮރުފަތުން އަތްދޫކޮށްލިގޮތަށް ކޮޓަރިތެރެއަށް ވަދެގެންދިޔައެވެ. އިރުކޮޅެއްގެތެރޭގައި އައިސް އަހަންނާއި ދިމާލަށް ބުއްފުޅި ދިއްކޮށްލިއިރު އެންމެފަހަރަކުވެސް އަހަންނާއި ދިމާލަށް ސައިފް ބަލައެއްނުލިއެވެ.
“ސައިފް…” އަހަރެންގެ އަތަށް ބުއްފުޅި ދިއްކޮށްލުމަށްފަހު ދޮރު ލެއްޕުމަށް ސައިފް ތަޅުގައި ހިފާލުމާއިއެކު އަހަންނަށް ގޮވާލެވުނެވެ. އެވަގުތުކޮޅު އެހާ އަވަހަށް ނިމުމަކަށް އަންނާކަށް އަހަރެންގެ ހިތަކަށް އެއްބަހެއްނުވެވުނެވެ. އަހަރެން ސައިފްއާއި ދައްކަން ބޭނުންވާ ހާދަ ގިނަ ވާހަކަތައް އެބަހުއްޓެވެ. އެއިން އެއްވެސް ވާހަކައެއް ދައްކާނޭ ފުރުސަތެއް އަހަންނަށް ނުލިބޭނީ ހެއްޔެވެ؟ އެންމެފަހު ފަހަރަށްވެސް އެ ބާރުގަދަ އަތުގެ ހިމާޔަތް އަހަންނަށް ނުލިބޭނޭ ބާވައެވެ؟
އެވަގުތު ސައިފް އިސްއުފުލާ އަަހަންނާއި ދިމާލަށް ބަލާލިއެވެ. ވަރުބަލިކަމާއި މާޔޫސްކަމުން ދިރުންނެތިކޮށްލައިފައި އެދެލޮލުން ވޭނެއްގެ އަސަރު ފާޅުވާފަދައެވެ. އެ ފުންދެލޮލުގެ ތެރެއަށް ފީނައިގަނެ އެ ހިތުގައިވާހާ އެއްޗެއް ދެނެގަންނަން އަހަރެންގެ ހިތް އެވަގުތުކޮޅު އެދުނެވެ. ނަމަވެސް ސިކުންތުކޮޅަކަށްވެސް އެވަގުތުކޮޅު ދެމިގެންނުދަނީސް ސައިފް އަތުހުރި ބާރުލާފައި ދޮރު ޖަހާލިއަޑު ގޭގައި ގުގުމައިގެންދިޔައެވެ. އަހަންނަށްވެސް ސިހިފައި ފަހަތަށް ފިޔަވަޅެއް ނެގުނުއިރު ޢީޝްގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހިގެންދިޔައެވެ.
“ތިޔަ ހިތް އަދު ނަސީބުގައި ނެތްއިރު…
ކީއްވެބާ އިންތިޒާރުކުރެވެންވީ…
ކީއްވެހޭ ލޯބި ދެން މަށަށް ވެވުނީ…
ކީއްވެހޭ ހިތް އެކީ މިހެން ދެވުނީ….”
އެރޭ އީޝް ނިންދަވާލުމަށްފަހު ގޯތިތެރެއަށް ނިކުމެ ކޮފީތައްޓެއް ހިފައިގެން މޭޒުކައިރީގައި އިންއިރު ޓީވީން އަންނަމުންދިޔަ ލަވައެއްގެ ބައިތުތައް އަހަރެންގެ ކަންފަތާއި ހަމަޔަށް ފޯރަމުންދިޔައެވެ. އަހަރެންގެ ހިޔާލުގައި އޭރުވެސް ވީ މިއަދު ހިނގާދިޔަ ހާދިސާއެވެ. ދެއަތުން ކޮފީތަށި ގެނެސް ނިއްކުރިމަތީގައި ޖައްސާލަމުން ދެލޯ މަރާބާރުކޮށްލެވުނީ އެ ހިޔާލުތަކާއި ދުރަށްދާން ބޭނުންވީވަރުންނެވެ. ފުރިހަަމަ ހަތަރު އަހަރަށްފަހު ސައިފްއާއިމެދު މިރޮނގުން ވިސްނާކަށް އަހަރެން ބޭނުމެއްނޫނެވެ. ހަތަރު އަހަރުކުރީން އަމިއްލަ އާއިލާއާއި ދުރަށް އަހަރެން ފުރައިގެން ދިޔައީވެސް މި އިޙުސާސްތަކާއި ދުރަށް ދާން ބޭނުންވީ ވަރުންނެވެ. މުޅިއުމުރަށް ހިތުން މިލޯބި ފުހެލަން ބޭނުންވީތީއެވެ. އެކަމަކު އެނބުރިއައުމާއިއެކު އަހަންނަށް ޔަޤީންވީ އެންމެކަމެކެވެ. ސައިފްދެކެ އަހަރެން މިވާ ލޯތްބަށް ކުޑަވެސް ބަަދަލެއްނާންނަކަމެވެ. އަހަރެންގެ ހިތުގައި ސައިފްގެ ލޯބި ކުރިލާ ހެދިފައިވަނީ އޭގެ މޫތައް ލުހިގެން ނާންނެހާ ވަރުގަދަކޮށްކަމެވެ.
“އޭތް… މިތާދޯ މީނީ… އަދިވެސް މީނަގެ މިއާދަ ހުއްޓޭކަށް ނޫޅޭދޯ…” ދާދި ކައިރިން ހިންދުގެ އަޑުއިވިގެންދިޔުމާއިއެކު އަހަރެންގެ ނިއްކުރިމަތީގައި އަތްއަޅައި ފަހަތަށްވާގޮތަށް ކޮއްޕާލިގޮތުން އަހަރެން ސައިފްމަތީން ނުހަނު ހަނދާންވިއެވެ. އެއާއިއެކު ދެލޯ ތެމޭގޮތްވިޔަސް އަހަރެން ކަރުނަތައް ހިންދާލިގޮތަށް ހިނިތުންވެވޭތޯ މަސައްކަތްކުރީމެވެ.
“ކިހިނެތްވެފައި ތީނީ…” އަހަރެންގެ އާދަޔާ ހިލާފު ހިމޭންކަން ހިންދުއަށްވެސް ފާހަގަކުރެވުނީ ކަހަަލައެވެ. އަހަރެންގެ ކުރިމައްޗަށްވާ ގޮތަށް އިން ގޮނޑީގައި އިށީންގޮތަށް އަހަރެންގެ މޫނަށް ފަރުވާތެރިކަމުގެ ނަޒަރެއްދެމުން ހިންދު ސުވާލު ކުރިއެވެ.
“ކަމެއްނުވޭ… ކުޑަކޮށް ބޮލުގައި ރިއްސަނީ…” ހަޤީގަތް ސިއްރުކުރިޔަސް އަހަރެން ހެދީކީ މުޅިން ދޮގެކޭ ނުބުނެވޭނެއެވެ. އާޝާލްގެ ވަކިވެދިޔުމަށްފަހު އަހަރެންގެ ހިތާއި ބޮލުގައި މިވީ ރިހުން ފިލައިގެންދާނޭ ވަގުތެއް ނާދެއެވެ.
“އަނެއްކާވެސް ކަންކަމާއި މާބޮޑަށް ވިސްނަނީދޯ… އެހެންވެ ބޮލުގައި ރިއްސާގޮތްގޮތް ތިވަނީ…” އަަހަރެން ނިއްކުރިމަތީގައި ފިރުމައިދެމުން ހިންދު ވާހަކަދެއްކިއިރު އެއަޑުގައި އަހަރެންގެ މައްޗަށް ކަންބޮޑުވުން އެކުލެވިގެންވިއެވެ.
“ނޭނގެ… ހަމަ ދެރަވަނީ… އަހަރެން ކިހާ އެކަނިވެރި… ކާކު އަހަންނަށް އަޅާލަން ހުރީ… ޢާޝާލްވެސް ދިޔައީ… އަނެއްކޮޅުން މަންމަވެސް އަހަންނާއި ވާހަކަަދައްކަނީކީނޫން… ސައިފްވެސް ހީވަނީ ދުރުހިލޭމީހެއްހެން…. ކުރީން އަހަރެމެން އުޅުނީ ކިހާ އެއްކޮށް… އެކަކު އަނެކަކަށް ކިޔައިނުދޭ އެއްވެސް ވާހަކައެއް ނޯންނާނެ… އަހަރެން ހިޔެއްނުކުރަން ސައިފް އެހާބޮޑަށް އަހަރެން ދުރުކޮށްލާނޭ ކަމަަކަށް… އާޝާލްއާއި ކައިވެނިކުރިޔަސް ގާތްއެކުވެރިންގެ ގޮތުގައި އެގުޅުން ދެމިއޮންނަން އަހަރެން ހާދަ ބޭނުންވިޔޭ…” ލޮލުން އޮހެން ތައްޔާރުވަމުންދިޔަ ކަރުނަތައް ހިންދުއަށް ފޮރުވަންވެގެން އަހަރެން މޭޒުމަތީގައި ބޯއަޅާލީމެވެ. އެކަމަކު އަހަރެންގެ އަޑާއި ކޮންމެ ހަރަކާތެއްގައިވާ ބޭގަރާރުކަމާއި ހިތްދަތިކަން ހިންދުއަށްވެސް ސިއްރުނުވާނޭކަން އިނގެއެވެ.
“އޭނަ އަޝްވާ ބޭނުންވަނީ އެންމެ ގާތްއެކުވެރިޔާގެ ގޮތުގައެއްނޫނޭ… އެކަން އަޝްވާއަށްވެސް އިނގެއެއްނު… އަދި އަޝްވާވެސް…” ހިންދު ވާހަކަދެއްކީ އަަހަންނަށް ކަމެއް ހަނދާންކޮށްދޭފަދަ ގޮތަކަަށެެވެ. ވަކި ހިސާބަކުން ހިންދު އެވާހަކަތައް މެދުކަނޑާލީ މިހާރު އަހަރެމެން ދެމީހުންގެވެސް ހާލަތާއިމެދު ވިސްނާލާފާހެން ހީވެއެވެ.
“ސުދާއްތައަށް ވަރަށް ވަގުތު ބޭނުންވާނެ… އަޝްވާވެސް ޖެހޭނެ އެކަން ޤަބޫލުކުރަން… އެގޮތަށް އަންގާލުމެއްނެތި އަޝްވާ ފުރައިގެން ދިޔުމުން އެންމެން ހާދަ ހާސްވިއޭ… ސުދާއްތަ ކިހާވަރަކަށް ހޯދަން އުޅުނު… އަހަންނާއިވެސް ސުވާލުކުރާވަރުން ފަހުން އަހަންނަށްވެސް މިގެއަށް އަންނަން ނުކެރުނު…. ޢާޝާލްވެސް ވަަރަށް މެއިލްކޮށް ގުޅާ ހެދި… ފޭސްބުކާއި އިންސްޓާގްރާމް އެކައުންޓްތައްވެސް ޑީއެކްޓިވޭޓްކޮށްފައިހުރީމަ އަޝްވާ ވީތަނެއް ލަފާކޮށްލަންވެސް އަހަރެމެންނަަަަކަށް ނޭނގުނު… އެންމެންނަށްވެސް ހީކުރެވުނީ އަޝްވާއަށް ބޮޑުކަމެއްވީކަމަށް… އަހަރެންގެ ހިތެއްނުބުނޭ ސައިފްވެސް އަޝްވާ ހޯދަން ނޫޅޭނެއެކޭ… އަހަރެން ކައިރިއަކު ސައިފް ނާހާ… އޭރުވީ ކަންތަކާއި އަހަރެންދެކެ ހިތްހަމަނުޖެހިފައި އަދިވެސް ސައިފް އެ ހުންނަނީ… އަހަންނާއި ދިމާލަށް ބުނި އަޝްވާއާއި ދެމީހުން ހުރިހާކަމެއް ސިއްރުކޮށްގެން ވީ މޮޅެއް އެބައޮތްހޭ؟” ހިންދު އެހުރިހާ ވާހަކައެއްދައްކަމުންދިޔައިރު މޭޒުމަތީގައި ބޯއަޅާލިގޮތަށް ހިމޭންކަމާއިއެކު އަަހަންނަށް އަޑުއަހަންއޮވެވުނީއެވެ. ހިންދު އެބުނިގޮތަށް އަަހަރެން ދިޔަތަނެއް އެއްވެސް މީހަކަަށް ނާންގަމެވެ. ފުރައިގެންދާން ނިންމިއިރު އެކަން އޮތީ ހިންދުއަށްވެސް ސިއްރެއްގެ ގޮތުގައެވެ. މަންމަމެންނަށް އަހަރެން ލިޔުނު ނޯޓުގައިވެސް މާބޮޑު ތަފްސީލެއް ނުލިޔުނީ އެއްވެސް މީހަކު އަަހަރެން ހޯދަން މަސައްކަތްކުރަން ބޭނުންނުވީތީއެވެ. އެގޮތަށް ކުރު ނޯޓުކޮޅެއް ދޫކޮށްލުމަށްފަހު އަންގާލުމެއްނެތި އަހަރެން ފުރައިގެންދިޔުމުން އެންމެން ހާސްވެ ކަންބޮޑުވާނޭވަރު އިހުސާސް މިކުރެވުނީ އެހެން މީހެއްގެ ދުލުން އެވާހަކަތައް އިވުމުންނެވެ.
“އަހަރެން އަޝްވާއަކާއި ސުވާލެއްނުކުރާނަން… އަހަންނަށް އިނގޭ އަޝްވާ ފުރައިގެންދިޔައީ ކީއްވެގެންކަން… އަަހަރެން ބުނާނީ ދެންވެސް ކަމެއްދިމާވާ ފަަހަރަކު އެގޮތަށް ކަންތައްނުކުރާށޭ… އަޝްވާގެ ލޯބިވާމީހުން މިތިބީ މިތަނުގައި… އަޝްވާގެ ކައިރީގައި…” އަހަރެންގެ ބޮލުގައި ފިރުމައިދެމުން މަޑުމައިތިރިކަމާއިއެކު ހިންދު ވާހަކަދެއްކީ އަހަންނަށް ވިސްނައިދޭފަދައަކުންނެވެ. އެވަގުތު ކަމެއް ހަނދާންވެގެންދިޔުމާއިއެކު އަހަަންނަށް ހިންދުގެ އަތް ދުރަށް ޖައްސާލަމުން ވަގުތުން ހަށިގަނޑު ސީދާކޮށްލެވުނެވެ.
“ހިންދު… އޭރުވެގެންދިޔަ އެއްވެސް ކަމެއްގެ ވާހަކަ ޢާޝާލްއަށް ކިޔައިދިނިންތަ؟” މިވޭތުވެދިޔަ ދުވަސްތަކުގައި ހޮސްޕިޓަލުގައި އޮވެގެން އާޝާލް ދެއްކި ވާހަކަތައް މަތީން އަހަރެން ހުރީ މުޅީންހެން ހަނދާންނެތިފައެވެ. ނަމަވެސް ހަނދާންވެގެން ދިޔުމާއިއެކު އެކަމުގެ ހަޤީގަތް ހޯދަން އަހަރެން އެންމެ ސިކުންތެއްވެސް ލަހެއްނުކުރަމެވެ.
“ނޫން… އަޝްވާ ތިހެން އަހާއިރުވެސް އިނގެންވާނެއެއްނު އަހަރެން ނުބުނާނެކަން… ކީއްވެ ތިހެން ތިއެހީ؟” ހިންދުގެ ފަރާތުން ލިބުނީ އަހަރެން ކުރީންވެސް އުންމީދުކޮށްގެން ހުރި ޖަވާބެވެ.
“ނޭނގެ… އަހަަންނަށް ހަމަ ހީވަނީ އާޝާލްއަށް ހުރިހާކަމެއް އިނގެޔޭ… އަހަންނަށް ވިސްނާވިސްނާވެސް ނޭނގުނު އިނގެންވީ ގޮތެއް…” ޢާޝާލްގެ ދުލުން އިވުނު އެޖުމްލަތައް އަހަރެންގެ ހިތުން އަދިވެސް ފިލައިގެން ނުދެއެވެ. އަހަރެންގެ އެކަނިވެރި މިހަޔާތާއި ހިތާމަތަކުގެ ޒިންމާ އާޝާލް އުފުލުމަކީ އަހަރެން ބޭނުންވީގޮތެއްނޫނެވެ. އަހަރެން ބޭނުންވީ އެއްވެސް ކަމެއް ނޭނގިހުރެ ޢާޝާލް އުފާވެރި ހަޔާތެއް ވޭތުކުރާތަން ދުށުމަށެވެ.
“އަޝްވާ މާ ބިރުން އުޅޭތީ ހީވިގޮތަކަށްވާނީ… އާޝާލްއަށް އެކަން އިނގޭނޭ އެއްވެސްގޮތެއް ނޯންނާނެ… ހަމަ ގައިމުވެސް އަހަންނެއް ނުބުނަން… އަހަންނަކަށް ހިޔެއްނުވޭ ސައިފްވެސް ބުނާނެހެނެއް… ސައިފްއަކީ ގޯސްމީހެއްނޫން… ހަމަ ގައިމުވެސް އެއީ އާޝާލްއަށް ގޯސް ފިރިއެކޭ ނުބުނެވޭނެ…” ހިންދު އަހަރެން ހިތްހަމަޖައްސައިދީ ކުށްހީތަކުން ދުރުކޮށްދޭން އެތައް ވާހަކައެއް ދެއްކިއެވެ. އެއްްބަނޑު އެއްބަފާ ކޮއްކޮއަށްޓަކައި ނަމަވެސް އަހަރެން ކުރި ހިތްވަރަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނޭ ކަމެއްނޫންކަން ހަނދާންކޮށްދިނެވެ. އަދި މިޒަމާނުގައި އަމިއްލަ އުފާތައް ފަހަތަށްލުމަށްފަހު އެގޮތަށް އެހެން މީހެއްގެ އުފަލަށްޓަކައި ގުރުބާންވާނޭ މީހުން މަދުވާނެކަން ބުނެދިނެވެ. އަދި އަހަރެން ހިތްވަރާއި ޢާޝާލްދެކެ ވީ ލޯތްބާއިމެދު ޢާޝާލްވެސް ޝައްކުނުކުރާނެކަމާއި އަަހަންނާއިމެދު އާޝާލްވެސް ފަހުރުވެރިވާނެކަން އަހަންނަށް ވިސްނައިދިނެވެ. އެބަސްތަކުން އަހަރެންގެ ހިތަށް ކުޑަ ތަސައްލީއެއް ލިބުނެވެ.
ހިތުގައިވީ އުދާސްތަކާއި ހިޔާލުތައް އެހެން މީހަކާއި ހިއްސާކޮށްލެވުމުން ނޫން ކަމެއްވެސް ނޭނގެއެވެ. އެތައްރެއަކަށްފަހު އަހަަންނަށް އެރޭ ހަމަ ޖެހިލައިގެން ހަމަ ނިދި ލިބުނެވެ. އެއްވެސް ބިރުވެރިކަމެއްނެތި އަދި ހުވަފެނެއްވެސް ނުފެނި ދަަންވަރުވަންދެން އަހަންނަށް ނިދާލެވުނެވެ. ގިނައިރުތަކެއްވާންދެން ނިދުމަށްފަހު ދަންވަރު ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. ކޮޓަރީގައި ހުރި ފެންފުޅި ހުސްވެފައި ހުރުމުން ނިދާހެދުންމަތީން ދިގު ޖެކެޓެއް މަހާލައިގެން ފެންފުޅި ހިފައިގެން އަަހަރެން ތިރިއަށް ދާންވެގެން ކޮޓަރިން ނިކުތްއިރު މުޅި ގޭތެރެވެސް އޮތީ އަނދިރިކޮށެވެ. ސިޑިން ފައިބައިގެން ކާކޮޓަރިއާއި ދިމާލަށް ދަނިކޮށް މަންމަ ކޮޓަރިއާއި ދިމާލަށް ސައިއްތަ ދާތަން ފެނުނެވެ.
“ސައިއްތާ…” އަހަރެން ހުރި ފިޔަވަޅުމަތީގައި ހުއްޓިލަމުން ސައިއްތައަށް ގޮވާލީމެވެ.
“އަޝްވާ… ކަނބުލޮ އަދިވެސް ނުނިދަންތަ… ސުދާ ބޮލެއްގައި ރިއްސާތީ އުޅޭތީވެ ބާމުކޮޅެއް ހާކާލަދޭންކަމަށް ދައްތަ މިދަނީ…” ސައިއްތަ އަހަރެންގެ ކައިރިއަށް އަންނަމުން ވާހަކަދެއްކީ ވައިއަޑަކުންނެވެ. އަހަރެން ފެންނަ ހިސާބުގައި ހުއްޓާވެސް މަންމަ އެހެން މީހުންގެ ފަރާތުން އެހީތެރިކަން ހޯދައިގެން އުޅޭގޮތުން އަަހަންނަށް އުނދަގޫކަމެއް އިޙުސާސް ކުރެވުނެވެ. ސައިއްތަގެ އަތުން ބާމުފުޅި ނަގަމުން އަހަރެން އެކަން ކޮށްދޭނެކަމަށް ބުނެވުނީވެސް އަހަރެން ހުއްޓާ ދުރުމީހަކު މަންމަގެ ކަންތައްކޮށްދޭން ހުންނަތަން ދެކެން ބޭނުންނުވާތީއެވެ. އަހަރެން އެހެން ބުނުމުންވެސް ސައިއްތަ އިރުކޮޅެއްވާންދެން އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ދެހިޔާލެއް ގައި ކަހަލަގޮތަކަށެވެ. ކުރީދުވަހު ކަންތައްވީގޮތުން އަަހަރެންގެ އަތަށް އެވަރުކަމެއްވެސް ކުރަންދޭން ސައިއްތަ ބޭނުންނުވީއެވެ. ނަސީބަކުން އެވަގުތު މަތީބައިން ޢީޝް ރޯލި އަޑުއިވުމުން ސައިއްތަ އިތުރު އެއްޗެކޭ ބުނުމެއްނެތި ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.
ކުޑަކޮށް ހުޅުވިފައިހުރި ކޮޓަރީގެ ދޮރުފަތް ފޭކޮށްލަމުން އަހަރެން ކޮޓަރިތެރެއަށް ވަތްއިރު ދޮރަށް ފުރަގަސްވާގޮތަށް އެނދުގައި އޮށޯވެލައިގެން މަންމަ އޮތެވެ. ކޮޓަރިއަށް ވެރިވެފައިވާ މަޑުފެހިކުލައިގެ ނިދާ ބޮކީގެ އަލިކަމުން މަންމަ އޮތީ ނިދާފައިކަމެއް ނޫނީ ހޭލާކަމެއް އަހަންނަކަށް ބުނާކަށް ނޭނގުނެވެ. ނަމަވެސް ދޮރު ހުޅުވުނު އަޑަށްވެސް ބަލާނުލާ އޮތްގޮތުން އަހަންނަށް ބޮޑަށް ހީވީ މަންމައަށް ނިދިޖެހިފައި އޮތީ ހެންނެވެ. އެނދުގެ މަންމަ އޮތް ފަރާތުން އެނދަށް އަރާ އަަަހަރެން އެނދުގެ ފަނޑީގައި ލެގިލީމެވެ. ބާމުފުޅީން ބާމުކޮޅެއްނަގަމުން އެއްއަރިއަކަށް އޮތް މަންމަގެ ނިއްކުރިމަތީގައި ހާކާލީއިރު އަހަރެންގެ ލޮލުން ކަރުނަތިއްކެއްގެ ފައިބައިގެންދިޔައެވެ. މަންމަގެ ހަށިގަނޑުގައި އެގޮތަށް އަތްޖައްސާލުމުގެ ފުރުސަތު އަހަންނަށް މި ލިބުނީ ހާދަހާ ދުވަހެއް ފަހުންނެވެ. އަހަންނަކީ މަންމަމެންގެ ހިދުމަތައް ރޭދުވާ ހުސްކުރަން ވައުދުވެގެން ހުރި ދަރިފުޅެވެ. ދިރި ހުރިހާ ދުވަހަކު އަހަރެންގެ މި ކޮނޑުމަތީގައި މަންމަމެންގެ ހުރިހާ ޒިންމާއެއްހެން އުފުލަން އަހަރެން ވައުދުވީމެވެ. ވީއިރު މަންމަމެން ދޫކޮށްލާފައި އެހެން ވަޒަނަކަށްދާން އަހަރެން ވިސްނީވެސް ކީއްވެގެން ހެއްޔެވެ؟
“މަންމާ… އަހަންނަށް މައާފުކުރޭ… އަހަަންނަށް އިނގޭ އަހަަންނަށް ކަންތައްކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން… މަންމަމެން ހިތުގައި ޖެހޭނެވަރު އަަހަންނަށް އިހުސާސްވެސްނުކުރެވޭ… މަންމައާއި ބައްޕަ އަދި ކޮއްކޮއަށް އަަަހަރެންގެ އެހީތެރިކަން އެންމެ ބޭނުންވީ ވަގުތު އަަހަންނަށް ނުހުރެވުނުކަން އިނގޭ… އަހަންނަކީ މަންމަމެންގެ ކުށްވެރިއެއް… މަންމަ ބޭނުން އަދަބެއް އަހަންނަށް ދީ… އެކަމަކު އަހަރެން ދުރުކޮށްނުލާ…. މަންމަ ބޭނުންނަަަމަ އަހަރެން އެނބުރާ ގޮސްފާނަންމެ…” މަންމައާއި ދިމާލަށް ކުޑަކޮށް ގުދުވެލުމަށްފަހު އަހަންނާއި ގާތަށް އޮތް މަންމަގެ ކަނާއަތްތިލަ ނަގާ ތުންފަތުގައި ޖައްސާލައިގެން އިނދެ އަަހަރެން ހިތުގައިވީ ވާހަކަތައް ބޭރުކުރަން ފެށީމެވެ. އެތެރެހަށީގައި އުފެދެމުންދިޔަ ގިސްލުމާއިއެކު ލޮލުގައި ހުރި ކަރުނަތައް އޭގެ މަޤާމުގައި ދެމިހުރީ އިރުކޮޅެއްވާންދެންނެވެ. ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރިޔަސް އެކަން ކާމިޔާބެއްނުވިއެވެ. ކޮންމެ ލަފުޒަކާއިއެކު ހިތުގައި ހަރުލާފައި ހުރި ހުރިހާ ރިހުމަކާއި ވޭނެއް އެތައް އަހަރެއްފަހުން ބޭރުވާންފެށިކަހަލައެވެ.
”މަންމައާއިމެދު ނުވިސްނާތީ… މަންމަމެންދެކެ ލޯބިނުވާތީކީ ނޫން އަހަރެން ދިޔައީކީ… އަހަންނަށް ކެތްނުވީ… ޢާޝާލްގެ ފިރިއެއްގެ ގޮތުގައި ސައިފް ހުންނަތަން ދެކެން އަހަންނަށް ކެތްނުވީ… މަންމަ ބުނީމެއްނު… ބުނީމެއްނު… އާޝާލްގެ ބަދަލުގައި ސައިފްގެ ކައިވެނިކުރެވޭނީ ޢަޝްވާއާއި ކަމަށޭ ހީކުރީ… އެކަކަށް ނޭނގުނަސް އަހަރެން އުންމީދުކޮށްގެން ހުރިގޮތަކީ އެއީއޭ… ލޯތްބަކީ ކޯއްޗެއްކަން އިނގުމުގެ ކުރީންވެސް އަހަރެން ސައިފްދެކެ ލޯބިވިން… އެކަމަކު ޢާޝާލް ސައިފްދެކެ ލޯބިވާކަން އިނގުމުން އަހަރެން ދުރަށްދިޔައީ… މަންމާ… އަހަންނަށް އިނގޭ ކޮއްކޮއަކީ ހިތުގެ ބަލިކުއްޖެއްކަން… ކޮއްކޮ ގިނަ ދުވަހު ދުނިޔޭގައި ހުންނާނީ ހިތްހަަމަޖައްސައިގެން ގެންގުޅުނީމަކަން… ޢާޝާލް ބުނެގެން އަހަރެން މިހުރިހާކަމެއް ސިއްރުކުރީ… މަންމަމެން ވިސްނާނެކަން އިނގޭތީވެ… އަހަަރެން ބޭނުންވީ ސައިފްގެ ލޯބި ކޮއްކޮއަށް ހޯދަދޭން… ފަހަރެއްގައިވެސް މި ހުރިހާ ކަމެއް އަނެއްކޮޅަށް ފުރޮޅިގެންގޮސް މިހެންވާނޭކަމަކަށް އަހަރެން ހިޔެއްނުކުރަން.. ކޮއްކޮއަށް މިކަން އިނގޭނެކަަމަށް ހިޔެއްނުކުރަން… މަންމާ…” އެންމެ ފަހު ޖުމްލަތައް އަަހަރެން ފުރިހަަމަކުރީ ގަަަަދަކަމުންނެވެ. އެއާއިއެކު ހިމޭން ގިސްލުމެއްގެ ތެރެއަށް ނަފުސު ގެނބިގެންދިޔަކަަހަލައެވެ. މިހުރިހާ ދުވަހެއްވަންދެން އަހަރެންގެ ހަށިގަނޑުގައި ގަނޑުވެފައިހުރި ކަރުނަތައް ވިރިގެން ކޯތާފަތްމައްޗަށް ފައިބައިގެންދިޔައިރު އެކަރުނަތައް ހުއްޓުވާކަށް އަހަރެން އެއްވެސް މަސައްކަތެއްނުކުރަމެވެ. ފުރަތަަމަ ފަހަރަށް ހިތްފުރެންދެން ރޯލުމަށް އަމިއްލަ ނަފްސަށް ފުރުސަތުދޭން އަހަރެން ބޭނުންވިއެވެ.
ޢާޝާލްގެ ބަލި އަހަންނަށް އިނގުނީ އަހަރެން ދެމީހުން އެކުގައި މާލޭގައި ކިޔަވަން ތިބިއިރުއެވެ. އެދުވަހުވެސް މަންމަމެންނަށް އެކަން އަންގަން އަހަރެން ބޭނުންވިއެވެ. އެކަމަކު އަހަރެން ހުއްޓުވީ ޢާޝާލްއެވެ. ބަލައިގެން އުޅެފިނަމަ އާޝާލްގެ ފުރާނައަށް ނުރައްކަލެއްނެތްކަމުގެ ޔަޤީންކަން ޑޮކްޓަރުން ދީފައި އޮތުމުންނާއި އަދި މަންމަމެން ހާސްވާނޭކަން އިނގޭތީވީ އާޝާލް އެކަން ސިއްރެއްގެ ގޮތުގައި ބާއްވަން ބޭނުންވީއެވެ. ހަމައެކަނި ދެދަރީން ތިބުމުން އަހަރެމެން ދެބެންނަށް ކުޑަކަމެއްވިޔަސް މަންމަމެން ހާސްވާވަރު އަަހަންނަށް ހުރީ ފެނިފައެވެ. އެހާ ފަސޭހައިން އެކަމަށް އެއްބަސްވެވުނީ އެހެންވެގެންނެވެ. އޭގެ ބަދަލުގައި އާޝާލްގެ ހުރިހާކަމެއްހެން އެންމެ ގާތުން ބެލުމަށް އަހަރެން ޝަރުތުކުރީމެވެ. އަދި ކޮއްކޮ ހިތްއެދޭ ކޮންމެކަމެއް އެގޮތަކަށް ކޮށްދިނުމަކީ އަހަރެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމުގައި ހެދީމެވެ. ސައިފްގެ ލޯބި ބޯލާލައި ޖެހުމަށްފަހު ޢާޝާލްއަށް ވެދުންކުރީވެސް އެ އުސޫލުގެ ތެރެއިންނެވެ. އެއްވެސްކަމެއް ދުނިޔެދާ ތާއަބަދަށް ސިއްރުވެފައެއް ނޯންނާނެއެވެ. އަހަންނަށް ވިސްނާނުލެވުނު ތަންކޮޅަކީ ހަޤީގަތް ފާޅުވެގެންދާދުވަހުން އާޝާލްއަށް ލިބުނު އުފާތަކާއި ނުބައްދަލުވާވަރަށް އާޝާލް ހިތާމަކުރަން ޖެހޭނެކަމެވެ. އަހަރެންގެ ހައްޤެއް ހޯދައިގަނެވުމުން އާޝާލް އެކަމާއި މުޅިއުމުރަށްވެސް އަމިއްލަ ނަފްސު ކުށްވެރިކުރާނެކަމެވެ.
ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު އަހަރެންގެ އަތުގެތެރޭގައި އޮތް މަންމަގެ އަތްތިލަ ހަރަކާތްކޮށްލިހެން ހީވިއެވެ. ވަގުތުން އަަހަންނަށް އިސްއުފުލާ ބަލާލެވުނުއިރު ކަރުނުން ފުރެމުންދިޔަ ދެލޮލުން މަންމަ އަހަންނާއި ދިމާލަށް ބަލަހައްޓައިގެން އޮތްގޮތުން އަހަރެން ސިހުނެވެ. މަންމައަށް އަޑުއިވުނީ އަހަރެން ދެއްކި ވާހަކައިގެ ކިހާ މިންވަރެއްކަމެއް އަަހަންނަކަށް ނޭނގުނެވެ. އެކަމަކު މަންމަގެ މޫނުމަތީން ފާޅުވަމުންދިޔަ އަސަރުތަކުން އެވާހަކަތައް ފަހުމްވާވަރަށް މަންމަ އަޑުއަހައިފިކަން އަހަންނަށް ޔަޤީންކުރެވުނެވެ. ލިބިގެންދިޔަ ސިހުމާއިއެކު މަންމަގެ އަތުން ދޫކޮށްލެވުނުގޮތަށް އަހަންނަށް ވަގުތުން އެނދުން ތެދުވެވުނެވެ. މަންމަގެ މޫނަށް ބަލާލެނެހާ ހިތްވަރުނެތިގެން ފަސްއެނބުރި ދޮރާއި ދިމާލަށް ހިނގައިގަތުމާއިއެކު އަހަރެންގެ ފައިދަށުން ބިންގަނޑުވެސް ކެހިގެން ދިޔަަކަހަލައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.

Vvv reethi Mi part vs… Knirakun tha aneh part kiyaalan libeynee.. V avahah aneh part kiyaalan dhehcey plxx😩
Thank you. Insha Allah mirey submit kohlaanan
Hii all. Hope you liked this part. I will be submitting the next part tonight
So Maadhan libeyne dhw kiyaalan
Mihaaru next part fehnan eba in
When is next part
This story is nice
My mom also like this.my dad was sad with me
Because me always sad
Thank you. Hope you find your happiness soon
When is next part
Now uploaded