ވަނަހާ (01)
ހެނދުނުގެ އިރު އަރައިގެން އައީ ވަރަށްވެސް ފާގަތި ކޮށެވެ. ފަތިހުގެ ވަގުތުތައް ނިމި ހެނދުނުގެ ދަންފަޅިއަށް ފެށުނު އިރު ވެރިރަށް މާލޭގެ މަގުތަކުގައި ފުދޭވަރަކަށް މީހުން ހޭލަމޭލަވެ އުޅެއެވެ.
ނިޔާޒައް ހޭލެވުނީ އޭނާގެ މަންމަ ޒިޔާނާ ނިޔާޒުގެ ކޮޓަރި ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ”ދަރިފުޅާ އޮފީހައް ދާގަޑި އެއޮއް ޖެހެނީ “ ޒިޔާނާ ދޮރުގައި ޓަކި ޖަހަމުން ގޮވަމުން ދިޔައެވެ. ނިޔާޒުވެސް އެނދުން ތެދުވެ މޯޅިއަކަށް ދެމިލުމަށްފަހު ހޭލެވިއްޖެ ކަމަށް ބުނުމުން ޒިޔާނާވެސް ނިޔާޒައް ގޮވުން ހުއްޓާލުމަށް ފަހު ސައި ހެދުމުގެ މަސައްކަތައިގެން އުޅެން ފެށިއެވެ.
ގަމީހު ގިރުވާނުގައި ޓައި އަޅުވަމުން ނިޔާޒު ނިކުމެ ކާމޭޒު ދޮށުގައި އިށީންނެވެ. އޭރު ނިޔާޒުގެ ބައްޕަ ދިޔައީ ހެނދުނުގެ ސަޔައް އިންސާފު ކުރަމުންނެވެ. ޒިޔާނާ ވެސް ނިޔާޒު ކައިރި މޭޒުމަތީ ފެންބޯތައްޓެއް ބައިންދާ ފެން އެޅުމައްފަހު ފެންފުޅި މޭޒުމަތީ ބައިންދާފައި ކާމޭޒު ދޮށުގައި އިށީންނެވެ. ”ކޮބާ ކިހާއިރަކު ފުރުން އޮތީ ދަރިފުޅުމެން“ ނިހާނު ޖޫސްތަށިން ކޯވަރެއް ދަމާލުމައްފަހު ދަރިފުޅު ނިޔާޒު ކުރެން އަހާލީ މި ހިނގާ ތާރީހުގައި އޮފީސް ކަމަކު ނިޔާޒު ރާއްޖެ ތެރެއަށް ފުރާ ކަހަލަ ވާހަކައެއް އަޑުއިވިފަ އޮތީމައެވެ. ބައްޕަ އެހެން އަހާލުމުން ނިޔާޒުވެސް އެ ދަތުރާއި ގުޅޭ މައުލޫމާތު އޭނާގެ ބައްޕައާއި ހިއްސާކުރިއެވެ. އަދި ސައިބޮއެ ނިންމާލުމަށް ފަހު މަންމަ އާއި ބައްޕަ ކައިރި ދަނީ ކަމަށް ބުނެ ގޭން ނުކުމަތެވެ.
އޮފީހައް ވަދެ ކާޑު ޖަހާލުމަށް ފަހު ނިޔާޒު އަވަސްވެގަތީ އޭނާ އުޅޭ ޑިޕާރޓްމެންޓް އިންނަ ހިސާބައް ދިޔުމަށެވެ. އަދި އެހިސާބައް ދިއުމަށް ފަހު ނިޔާޒުގެ ކެބިންގައި ޖައްސާލިއެވެ. އޭރުވެސް މޭޒު މަތީ ދެ ފައިލެއް އޮތެވެ. ނިޔާޒު އެ ފައިލްތައް ވަތްގަނޑައް ލުމައްފަހު މިރޭ އެމީހުން އއ އަތޮޅައް ކުރަން އޮތް ދަތުރާއި ގުޅޭ ޑޮކިއުމެންޓް ތަކެއްގެ މަސައްކަތް ކުރަން ފެއްޓިއެވެ.
ނިހާނު އިނީ ޓީވީއަށް ނަޒަރު ހުއްޓާލައިގެންނެވެ. އެވަގުތު ޒިޔާނާވެސް ބަދިގެތެރޭ މަސައްކަތްތައް ނިންމާލުމަށް ފަހު ފެންވަރާ ރީތިވެލައިގެން އައިސް ނިހާނު ކައިރި ސޯފާގައި އިށީންދެލިއެވެ. ”ނިހާން އަހަރެން މި އިންނަނީ ކުޑަކޮން ކަންބޮޑު ވެފަ. ނިޔާޒު އަދި ފުރަތަމަ ފަހަރަށް އޮފީސް ދަތުރެއްގަ އަހަރެމެންނާ ދުރަށް އެދަނީ ދޯ. އެހެންވެ ހަމަ ކަންބޮޑު ވަނީ“ ޒިޔާނާ އޭނާގެ ކަންބޮޑުވުން ފިރިމީހާ ނިހާނުއާއި ހިއްސާ ކުރިއެވެ. ”މާ ބޮޑަށް ފިކުރު ނުކޮއްބަލަ ޒިޔާނާ. ނިޔާޒަކީ މިހާރު 19 އަހަރު ވެފަ ހުރި ބޮޑު ކުއްޖެެއް. ގޯސް މަގަކުން ނުގޮސް އެކަހަލަ ޒިންމާދާރު ވަޒީފާ އެއްގަ އުޅޭއިރު އަހަރެމެންނާ ވަކިން ތަންތަނަށް ދާން ޖެހޭ ފަހަރުވެސް މަދެއް ނުވާނެ“ ނިހާނު މަސައްކަތް ކުރީ ޒިޔާނާގެ ނުތަނަވަސް ކަން ފިލުވާދެވޭތޯއެވެ. ”ތިކަން އިނގޭ. އެކަމަކު ވެސް ހަމަ ފިކުރު ބޮޑުވަނީ“ ޒިޔާނާ ބުންޏެވެ. ”ދެން އަޅާނުލާ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅައް“ ނިހާނު އެހެން ބުނެލުމަށް ފަހު ޒިޔާނާ އަށް ހީލިއެވެ.
ނިޔާޒު ޑޮކިއުމެންޓް ނިންމުމަށް ފަހު އެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާލިއެވެ. އަދި ކޮފީ އެއް ބޯލަން ބޭނުންވެފަ ހުރި ވަރުން ނިޔާޒު ކެބިން އާއި ޖެހިގެން އިންނަ ކެބިންގައި އިން އުމޭރު އަށް ގޮވާލާ ކޮފީއެއް ބޯލަން ދާން ބުންޏެވެ. އަދި ތެދުވެ ދާން ހިނގައިގަތް ތަނާ އައިސް ކުރިމައްޗައް އެރި މީހެެއްގެ ސަބަބުން ނިޔާޒުގެ ހިތައް ފޫހިކަން ވެރި ވެއްޖެއެވެ. އަވަހަށް ނުވާ ކަމަކަށް ނިޔާޒުގެ މޫނު އަނބުރާލިއެވެ.
(ނުނިމޭ) 02 ވަނަ ބަަޔަށް އިންތިޒާރު ކޮށްލައްވާ………
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
