Skip to content
އެސްފިޔަ

ދިރުމެއްނެތް ދިރިއުޅުން 8

“މަންމަމެން ފޯނު ކުރާމީހަކީ ކާކުތަ؟ އަހަންނަށް ނުވެސް އެނގޭ. މީކީ މަންމައާ ބައްޕަގެ ރައްޓެހިންވެސް އައިސްއުޅޭ ތަނެއް ނޫން ދުވަހަކުވެސް. ދެން އަނެއްކާ އަހަންނަކީ އެއްބަނޑު އެއްބަފާ އެއްވެސް މީހެއް ހުރި މީހެއްނޫން. އަހަންނާ ތިމައިގެ މީހެއްވެސް އަހަރެން ދުވަހަކުވެސް ނުދެކެން. ކުއްލިޔަކަށް ފެންނަންފެށި މަންޒަރެއްވީމަ މިއަހާލީ.” އަހަރެންގެ ސުވާލުން ބައްޕައާ މަންމައަށް ލިބުނީ ބަޔާންކުރަން ނޭނގޭފަދަ ހައިރާން ކަމެކެވެ. ޒީނިޔާ ބަލައިލީ ފަރީދުގެ މޫނަށެވެ. ފަރީދު ބަލައިލީ ޒީނިޔާގެ މޫނަށެވެ. އެއަށްފަހު މަންމައާ ބައްޕަ ތިބީ ހުއްޓުން އަރާފައެވެ. އެހެނަސް ކޮންމެސް އެއްޗެއް ވިސްނާލުމަށްފަހު ޒީނިޔާ ވާހަކަ ދެއްކިއެވެ.

“ދަ..ދަރިފުޅާ ޒި..ޒީން.” މަންމަ އަހަންނަށް ގޮވާލީ ހަމްދަރުދީގެ އަޑަކުންނެވެ.

“އެއީ..އެއީ ކާކުތޯ ބަލަނީ ކީއްކުރަން؟ ޒީން ކުރިން ދުވަހަކުވެސް ތިކަހަލަ ވާހަކައެއް ނުދައްކަމެއްނު. މަންމަމެންގެ ރައްޓެހިންނާ ބީރައްޓެހިން އެއީ މަންމަމެންގެ ކަމެއް. އެހެން ނޫނަސް ޒީން މިހާރު ކިޔަވަނީނު. އަދިވެސް އެބައޮތް ބާކީ އަހަރެއް. ޒީން އުޅެންވާނީ ކިޔެވުމައިގެން. އެހެންނޫނަސް އެއީ ކާކުތޯ، ކީއްކުރަން ގުޅާ މީހެއްތޯ، އަހަރުމެންނާ އޭނަގެ ބޭނުމަކީ ކޮބައިތޯ ނުބަލާ…. ޒީންއަށް އެނގެންވީމަ ކޮންމެސް ދުވަހަކުން އިނގޭނެ. ކިޔެވުން ނިމުނީމަ މަންމަ ދައްކަންވެފަ އޮތީ އެންމެ ވާހަކައެއް ނޫން. ބައިވަރު ވާހަކަތައް އެބަހުރި. އެކަމަކު، މިހާރު އެވާހަކަތައް ބުނިއްޔާ ދެން ދަރިފުޅުގެ ކިޔެވުން މުޅިން ހުއްޓިދާނެ. އެހެންވީމަ… އެހެންވީމަ މިބުނީ.. ދެން ތިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނާހައްޗެ.” ޒީނިޔާ ވާހަކަދެއްކީ މަޑުމައިތިރިކަމާ އެކުއެވެ. އެހިތުގައިވާ ކެކުޅުންތަކަށް ކެތްކުރަމުންނެވެ.

އޭރު ޒީނިޔާގެ ދެލޯވަނީ ހިސާބަކަށް ފެންކަޅިވެފައެވެ. އެންމެ ކައިރީގައި އިން ފަރީދު އިނީ ޒީނިޔާގެ ކޮނޑުގައި އަތްބާއްވާލައިންނެވެ. ފަރީދުމެންގެ ކުރިމަތީ ޒީން އިނީ ބުނާނެއެއްޗެއް ނޭނގިފައެވެ.

“އެވާހަކަތައް އަހަންނަށް ކިޔައި ނުދެވޭންވީ ކީއްވެހެއްޔެވެ؟އަހަރެންގެ އުމުރު ހަގީހެއްޔެ؟ ނޫނީ އަހަރެންނަކީ ބުނާއެއްޗެއް ނުވިސްނޭވަރުގެ ކުއްޖެއްހެއްޔެވެ؟ ނޫނީ އެވާހަކަތައް ނުބުނެ ސިއްރު ކުރާތީ މިހާރުވެސް އަހަންނަށް މާމޮޅަށް އެބަކިޔެވޭހެއްޔެވެ.؟ ބުނެދޭ ވާހަކައެއްގެ ސަބަބުން ކިޔެވުން ހުއްޓެން ޖެހޭހެއްޔެވެ؟ އެއީދެން އެވަރުގެ އިންގިލާބެއް ގެންނާނޭވަރުގެ ކޮން ވާހަކައެއްބާއެވެ؟ އަހަރެން ހަމަ އަންތަރީސްވަމެވެ. އަހަންނާ އޮންނަންޖެހޭ ގުޅުމަކީ ކާއްޓާއި ނާއްޓަށްވުރެވެސް ދުރުގުޅުމެއް ހެއްޔެވެ؟ އަހަންނަށް އެނގިގެން އެދެމެދުގައި ކިރިޔާ ވެސް ދުރުކަމެއް ނުވާނެއެވެ. ވީއިރު މަންމައާ އަހަރެންގެ ލޯބީގެ އަގަކީ މިދުރުކަމާއި ހަމަހިމޭންކަން ހެއްޔެވެ؟” ވަރަށް ގިނަ ސުވާލުތައް އަހަރެންގެ ހިތުގައި އުފެދުނެވެ. އެހެނަސް އެންމެ ފަހުން ވިސްނާލަން އިނުމަށްފަހު ބޮލުގެ އިޝާރާތުން އަހަރެން އާނއެކޭ ބުނަމުން އަހަރެން ކޮޓަރިޔަށް ދިޔައިމެވެ.

އެނދުގައި ހަމަޖެހިލައިން އޮށޯތުމަށްފަހު އަހަރެން އެކިވިސްނުމުގެ ތެރެއަށް ގަރަގުވަމުން ދިޔައިމެވެ. ނަމަވެސް އެއްވެސް ކޮޅަކަށް ވިސްނައިގެން އަހަންނަށް އެދެވޭ ނަތީޖާއެއް ނުނެރެވުނެވެ. ހަމައެކަނި އަހަންނަށް ގަބޫލުކުރެވެނީ އެންމެ ކަމެކެވެ. އެއީ ކުރިންވެސް ނަތޫ ބުނިހެން މަންމަމެން ކޮންމެސްކަމެއް އަހަންނަށް ސިއްރުކުރާކަމެވެ. ވިސްނާވިސްނާ އަހަރެން ހަލާކުވެދާނެއެވެ. އެހެނަސް އަހަރެންގެ މިހިތަށް ހިތްހަމަޖެހުމެއް ލިބޭނީ އަދި ހާދަ ދުވަހަކުންނެވެ. ބާރު ނޭވާއެއްލަމުން އަހަރެން އެނދުން ތެދުވެ ދަތުރަށް ތައްޔާރު ކުރަންފެށީމެވެ.

އެރޭގެ އަށްގަޑިބައިވަނިކޮށް ނަތޫ ޒީންގެ ގެއަށް އައެވެ. ދުވަސްކޮޅަކު އެގެއަށް ނައިސް ހުރުމަށްފަހުއެވެ. ޒީނިޔާގެ ހަރަކާތްތައް އެހެން ދުވަސްތަކާ އަޅާބަލާއިރު ތަފާތެވެ. ނަތޫއަށް އެކަން ފާހަގަވިއެވެ. އެހެނަސް ނަތޫއެކަމާ ވާހަކަދައްކަން ބޭނުންނުވީއެވެ. ނަތޫއަށް ވިސްނޭގޮތުން އެކަން އެހެންވުން އެކަށީގެންވެއެވެ. ޒީނިޔާގެ ކަންކަން ހުރިގޮތުން ނަތޫގެ އެއްވެސް ފަރުވާލެއްނެތެވެ. އެހެނަސް ފަރީދު އެޔާ ޚިލާފެވެ. ނަތޫއާމާ ގާތްކަމެއް ބަހައްޓާ ހީސަމާސާކޮށް ހެދިއެވެ. ބައެއްފަހަރު ނަތޫއަށް އުނދަގޫވެއެވެ. ފަރީދުގެ ޢަމަލުތައް ހުންނަގޮތުންނެވެ. ނަތޫއާ އެހާ ގާތްގޮތަކަށް ވާހަކަ ދައްކަން ފަރީދަކީ ކާކުހެއްޔެވެ؟ ޒީންގެ ދޮންބައްޕައެއްގެ މަޤާމުގައި ހުންނަ މީހަކު ޒީންގެ ރަހްމަތްތެރިންނަށް މަޖާކުރާނެހެއްޔެވެ؟

“ނަތޫ! ކޮބާ މަންޖެ މަންމަމެން ކިހިނެއް؟ ފަރީދުބެ ހިތަށް ވަރަށް އަރައޭ… ކީއްވެބާއޭ މިދުވަސްކޮޅު ނަތޫ އެހާމަދުން މިގެއަށް އަންނަނީ. ފަރީދުބެމެން ވަރަށް އުފާވާނެ ގިނަގިނައިން މިގެއަށް ވަދެލާހަދަންޏާ.” ފަރީދު ނަތޫއާ ވާހަކަދެއްކިއެވެ.

“މަންމަމެން ރަނގަޅު. އާނ…ދެން އެހާ ނާދެވޭނެއްނު.. ބޮޑަށް ބަލަނީ ގޭންވެސް ނުނިމުމެވޭތޯ. އެހެންނޫނަސް، ދެން މިދުވަސްކޮޅު މިގެއަށް އަންނަން އެހާ ބެނުންނުވާތީވެ.” ނަތޫގެ ޖަވާބު ވަރަށް ފުރިހަމައެވެ.

“އާނ ޓެސްޓުތައް ނެގީމަދޯ؟ ދެންވާނެ އަނެއްކާވެސް އަންނަން އިންގޭ. ނަތޫއާ ވާހަކަ ދައްކާލެވުނަސް ވަރަށް ހިތްހަމަޖެހޭ ފަރީދުބެ.” ފަރީދު އަނެއްކާވެސް ވާހަކަދެއްކިއެވެ.

“ބައްޕާ.. މާލެއިން އައިސް ދެން އޭނަ އަންނާނޭ އަނެއްކާ. އަހަންނަށް ހީވަނީ އެހެން ކުއްޖެއް މިގޭގަ ނެތީމަ ބައްޕަ ފޫހިވަނީހެން. ހެހެހެހެހ…. ދޯ ނަތޫ” އަހަރެންގެ ވިސްނުންތައް ނަތޫއަށް ފޮރުވަމުން މަޖާކޮށްީމެވެ.

“ނޫނޭ. އަހަންނަށް ހީވަނީ ކުއްޖެއް ނެތީމަ ނޫންހެން ފަރީދުބެ އެއުޅެނީ. ހެހެހެހެހެ…” މަޖާކޮށްލުމުގެ ނިޔަތުގައިވެސް ނަތޫބުނެލީ ހިތުގައި އޮތް ޖުމްލަތަކެވެ. އެއްވެސް މީހަކަށް ވާހަކަދައްކާނެ ފުރުސަތެއް ދިނުމަކާނުލާ ނަތޫ އަވަސް އަވަހަށް އެގެއިން ނުކުމެގެން ދިޔައެވެ.

“ނަތޫ އެދިޔައީ ފުރަން. އެޔޮއްގަޑި ޖެހެނީ. އަވަހަށް ހިނގާ އަހަރުމެންވެސް ނުކުންނަން.” ޒީންގެ ދަބަސް ހިފައިން ނުކުންނަމުން ފަރީދު ބުނެލިއެވެ.

އަހަނަނާ ނަތޫ ދޯނި ކައިރިއަށް އައިސް ތިބިއިރު ފާލަންމަތީ ކޮންމެވެސް ވަރަކަށް މީހުން ތިއްބެވެ. ނަތޫގެ ފަރާތުން އައިސްހުރި ނަތޫގެ ބައްޕައެވެ. އެއީ އެ ދޯނީގެ މާލިމީއެވެ. އަހަރެން ފުރުވަން މަންމައާ ބައްޕަވެސް އައެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަހަންނާ ނަތޫ ދޯންޏަށް އެރީމެވެ.

ފަނަރަވަރަކަށް މިނެޓްފަހުން ދޯނިތެރެއިން އިޝާލް ފެނުމުން ޒީން ސިއްސައިގެން ދިޔައެވެ. ނަތޫވެސް އެކަމާ ހައިރާން ވިއެވެ.

“އިޝާލް! މާލެ ދާން؟ ބުނެވެސް ނުލަމެއްނު. އެކަނިތަ މާލެދާނީ.”
އަހަރެން އަހާލީމެވެ.

“މިދޯނި ދާތަކަށް އަހަރެންވެސް ދާނީ… ރަން ފޮއްޓެއް ނޫނަސް، ދެން ކޮންމެތާކަށް މިދޯނިދިޔަސް ހަމަ ޔަގީނުންވެސް މިފޮށި މިފަހަރު ލައްގަނީ އަހަންނާ ޒިންއާވެސް އެކީތާ.. ހާސްވާނެކަމެއް ނެތެއްނު.” އިޝާލް އަނގަގަދަ ކަމުން ނަތޫއާ އަހަރެން ހޭންފެށީމެވެ.

“ދެން ތިބުނީ.. އެކަނިހޭ މާލެދާނީ؟ މީއަހަރެން ބައްޕަގެ ދޯނި. ބައްޕަވެސް އެބަހުރި މީގަމިރޭ. ޒީން! ތެދުވެބަލަ. ހިނގާބަލަ ދާން އަހަރެން ބައްޕައާ ވާހަކަދައްކާލަން.” ޒީންގެ އަތުގަހިފާ ނަގަން މަސައްކަތްކުރަމުން އިޝާލް މަޖާގޮތަކަށް ބުނެލިއެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Safi

    Mi vaahaka heevanee very reethivaanehen.
    Next part ge inthizaaruga mihuree.
    Thanks shaleen for the nice story

    1. Shaleen
      Safi

      Ummeedhu kuran reethivaanekamah. Inthizaaruga hunnavaa.. kuriyah huree adhi v reethi baithakei

  2. sheen

    Yeah we are waiting.
    Nice story.
    Keep it up

    1. Shaleen
      sheen

      Thanks Sheen for the comment.
      Ufaavejje shaleenge mi vhk ah comment kolleema. Dhen hama ummeedhu kuranee vhk nimendhenves sheen and ehenkudhinge faraathun ithuru comment thah libeyne kamah.
      Love you 🤟

Comments are closed.