މަންމަ
އެއިވެނީ ފަތިސްނަމާދު ބަންގީގެ އަޑެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ދެލޯ ހުޅުވައިލަމުން ވެއްޓިގަނެގެން އޮތް ސޯފާމަތިން އަހަރެން ތެދުވަން މަސައްކަތްކުރީމެވެ. ނަމަވެސް ބޮލަށް އަރައިގަތް އެނބުރުމާއެކު އިހުއޮތްތަނުގައި އަހަރެންނަށް އޮށޯވެވުނެވެ. މަޑުމަޑުން ނިތުގައި ފިރުމައިލަމުން ވަށައިގެންވި މާހައުލަށް ނަޒަރު ހިންގައިލީމެވެ. އެއާއެކު ލުއި ހިނިތުންވުމެއް އަހަރެންގެ ތުންފަތުގައި ކުޅެލިއެވެ. ފަނޑުއަލިކަމެއް ވެރިވެފައިވި ކޮޓަރީގެ އެކި ހިސާބުގައި މަސްތުގެ ހާލުގައި ނިދި ޖެހިފައިތިބި އަހަރެންގެ އެކުވެރިންނަށް ބަލައިލަމުން އަނެއްކާވެސް އޮތްތަނުން ތެދުވެވޭތޯ މަސައްކަތްކުރީމެވެ. އެވަގުތު ފައިދަށުގައި އޮތް ރަގުމަތީގައި ވެއްޓިފައިއޮތް އަހަރެންގެ ފޯނު ރިންގްވާން ފެށިއެވެ. ހިތްވަރުކޮށްފައި ފޯނު ނަގައި ބަލައިލިއިރު ސްކްރީނަށް އަރައިފައިވި މަންމަގެ ނަން ފެނި އަހަރެންގެ އަރުތެރެއިން ނުކުތީ ހިތްހަމަނުޖެހުމުގެ އަޑެކެވެ. މިއޮއްފަދަ ގަޑީގައި ގުޅަންޖެހޭ ހެއްޔެވެ. މަންމަ ވެސް އުޅެނީ އަހަރެންނަށް ޖެއްސުމެއްކުރަން ކަހަލައެވެ. ހިތްހަމަޖެހިގެން އެންމެ ވަގުތުކޮޅެއްވެސް ހޭދަކޮށްލިޔަކަ ނުދެއެވެ. މިހާރުވެސް ޔަޤީނުންވިއްޔާ އެގުޅަނީ އަހަރެން ވީތަނެއް ނޭނގިގެނެވެ. އަހަރެން މީ މިހާރު ކުރީގެ ތުއްތު ކުއްޖާ ނޫންކަން މަންމައަށް ވިސްނޭނީ ކޮންދުވަހަކުންބާއޭ ހިތަށް އަރައެވެ.
ފޯނުގެ ރިންގް ކެނޑުމާއެކު ހިތްހަމަނުޖެހިފައި ފޯނުނިއްވައިލީމެވެ. މިއޮއް މަޖާރޭގެ ނިމުން މިފަދަ ގޮތަކަށް އަންނާކަށް ނުރުހެވުނެވެ. ހަށިފުރާދޫކޮށްލި ނޭވާއާއެކު އޮތްތަނުން ތެދުވުމުގެ ޚިޔާލު ދޫކޮށްލައި އަލުން އޮށޯވެލީމެވެ. އެއާއެކު ގިނައިރުތަކެއް ނުވަނީސް ނިދީގެ ފޮނިމީރުކަމަށް ގެނބިގެންދިޔަގޮތް ވެސް ނޭނގުނެވެ. ފެންނަމުންދިޔަ ޗާލު ހުވަފެންތަކުން އުފާލިބުމުގައި އަހަންނަށް އޮވެވުނީ ކިހައި އިރަކުކަމެއް ނޭނގެއެވެ. ހޭވެރިކަންވީ އެކުގައި އުޅޭ އެކުވެރިއަކު ގޮވުމުންނެވެ. ނިދިބަރުކަންމަތީއޮވެ ދެލޯ ހުޅުވައިލަމުން އޭނާއާ ދިމާއަށް ބަލައިލީމެވެ. އެވަގުތު އަތުގެ އިޝާރާތުން ގެއަށް ދާންވީ ކަމުގައި އޭނާ ބުނެލިއެވެ. އާފުރެމުން ދެލޯ އުނގުޅަމުން އޮތްތަނުން އަހަރެން ތެދުވީމެވެ. އެއްފަރާތަށް ސޮހިފައިވި ހެދުމުގެ އަތް ރަނގަޅުކޮށްލުމާއެކު ލައިގެންހުރި ކުރު ހެދުންކޮޅަށް ދަމައިލަމުން އެކުވެރިޔާގެ ފަހަތުން އަހަރެން ވެސް ހިނގައިގަތީމެވެ.
މަގުމަތިން ހިނގައިފައި ދިޔައިރު އެތައް ބައެއްގެ ނަޒަރު އަހަންނާ އަމާޒުވަމުން ދިޔައެވެ. އެކަމުން އުނދަގޫވުމުގެ ބަދަލުގައި އަހަންނަށް ކުރުވީ ފޮނި އިހުސާސެކެވެ. އެމީހުން އެބަލަނީ އަހަރެންގެ އަންހެންވަންތަ ރީތި ސިފައިގެ ސަބަބުން ކަމުގައި ވިސްނުމުންނެވެ. އަހަރެންފަދަ އަންހެންކުއްޖަކު ބޭނުންނުވާނީ ކާކު ހެއްޔެވެ. އަމިއްލަ ހިތަށް އަރައިފައިބަމުންދިޔަ ޚިޔާލުތަކުން ހިނިތުންވެވުނެވެ. ހިނގުން ލަސްކޮށްލެވުނީ އެ ނަޒަރުތަކުން ލިބެމުންދިޔަ އުފައުވެރިކަން ހިނދުކޮޅަކަށް ނަމަވެސް ދިގުދެމިގެންދާން އެދެވުނު ވަރުންނެވެ.
ގެއަށް އައިސް ވަތްއިރު ސިޓިންގްރޫމްގެ ސޯފާގައި އިނށީދެލައިގެން އިސްޖެހިފައި މަންމަ އިނެވެ. ރަނގަޅަށް ބަލައިލުމުން މަންމަ ބަލަމުންދިޔައީ އަތުގައި އޮތް ފޯނަށްކަން ވިސްނުނެވެ. ނުލަފާ ގޮތަކަށް އަހަންނަށް ހީނލެވުނީ ސަބަބު ރަނގަޅަށް ވިސްނުމުންނެވެ. އަޅައިވެސްނުލާ ހިނގުން ބާރުކޮށްލުމާއެކު އަހަރެން މިސްރާބުޖެހީ ކޮޓަރިއާ ދިމާއަށެވެ.
“ދަރިފުޅު.. ތިއައީތަ..” ކުއްލިއަކަށް މަންމައަށް އަހަރެންގެ ހިލަންވުމުން އިންތަނުން ތެދުވެފައި ނުހަނު ލޯބިން އަހައިލިއެވެ. ވީފޫއްސާއެކު މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލަމުން އެނބުރި މަންމައަށް ބަލައިލީމެވެ. “ކިހިނެއްވީ.. އަހަރެން ގެއަށް އައިސްގެން ނުވަނީތަ..” ހަށަންބަނދެލުމާއެކު ނިތްއަރުވައިލަމުން އަހަރެން އަހައިލީމެވެ. “ނޫން.. މަންމަ އެހެންނެއް ނުބުނަމެއްނު.. ދަރިފުޅު ގޭގައި ނެތީމަ ރޭއްސުރެ މަންމައަށް ލޮލުފިޔަ ޖަހައިނުލެވޭ” ހިތްދަތި ގޮތަކަށް މަންމަ ބުނެލިއެވެ. އެއަޑުއަހައިފައި ޗޮކެއް ކަނޑައިލަމުން އަހަންނަށް ބާރަށް ހީނގަނެވުނެވެ. “އެއްކަލަ މަންމަ.. ފާޑުފާޑުގެ މޮޅެތި ސްޓޯރީތަށް ޖައްސަންފެށީއޭ ދޯ.. ބަލަ އަލައްތަ އަހަރެން ރޭގަނޑު ގެއަށް ނައިސް މިހުރީ.. ހަމަ ފެންނައިރަށް ކޮންމެވެސް ފަތިވަރުތަކެއް އަމުނާނެ.. މަންމައާހެދިއޭ ގޭގަ މަޑުކުރާހިތްވެސް ނުވަނީ.. ބޮޑު އުނދަގުލަކަށްވެއްޖެ މިކަން ވެސް.. އަދި ބުނެފިއެއްނު ލޮލުފިޔަވެސް ޖަހައިނުލެވުނޭ.. ހަދާ ދޮގު.. އަހަރެން ނެތިއްއޭ ކިޔާފަ މަންމަ ވަކި ނުނިދާ ހުރެދާނެތަ.. ތިކަހަލަ އެއްޗެހި ކިޔަސް އަހަރެންގެ ހިތަށް ކުޑަވެސް އެއްޗެއް ނާރާނެ..” އަހަރެންގެ ބަސްތަކުން މަންމަގެ ހިތަށް އަސަރުކުރީ ނޫންކަމެއް ނޭނގެއެވެ. އިސްޖަހައިލުމާއެކު ގިސްލަގިސްލައިފައި މަންމަ ރޯންފެށިއެވެ. އެކަމުންވެސް އަހަންނަށް ލިބުނީ އިތުރު ބޮލު ރިހުމެކެވެ. މަންމަ ވެސް ހީވަނީ ކުރާނެ ކަމެއް ނެތިގެން ހިންދީ ޑްރާމާއެއް ކުޅޭން އުޅޭ ހެނެވެ.
“ދަރިފުޅަށް އިހުސާސު ނުވިއަސް… މާތް ރަސްކަލާނގެ ދެނެވޮޑިގެންވާނެ… ދަރިފުޅާމެދު މަންމަ ވިސްނާ ފިކުރުކުރާ މިންވަރު..” ގިސްލަމުން ކަހަލަ ގޮތަކަށް މަންމަ ބުނެލިއެވެ. “ތިޔަ ހާސަރުތައް އަޑުއަހާނެ ވަގުތެއް ނެތް.. ވަރަށް ވަރުބަލި..” ދެފަރާތަކަށް ބޯހޫރައިލުމާއެކު ޕިސް ޖަހައިލަމުން އަހަރެން ބެލީ އަވަހަށް އެތަނުން ސަލާމަތްވެވޭތޯއެވެ. ގިސްލައިފައި ރޮމުންދިޔަ މަންމައަށް ބަލައިލުމެއްނެތި ހަލުވި ފިޔަވަޅުތަކެއްގައި އައިސް ކޮޓަރިއަށް ވަންނަމުން ދޮރުޖެހީމެވެ. ކުޑަވިއަސް ހަމަޖެހުމެއް އަހަންނަށް ލިބުނީ ދެނެވެ. މޫނަށް ވައްތަރުޖައްސައިލަމުން މަންމަ ބުނި ވާހަކަތައް މަލާމާތެއްގެ ސިފައިގައި ދުލުން ބޭރުކޮށްލަމުން އައިސް އެނދުމައްޗަށް ވެއްޓިގަތީ ހަގީގަތުގައިވެސް ވަރުބަލިވެފައިވީ ވަރުންނެވެ.
އޭގެ ދެ ދުވަސް ފަހެވެ. ރޭގަނޑުގެ މަޖާނެގުމަށް އެކުވެރިންނަށް ގެއަށް އައުމަށް އަހަރެން ދައުވަތު ދިނީމެވެ. ގޭގައި އަހަންނާއި މަންމަގެ އިތުރުން އެކަކުވެސް ނޫޅެއެވެ. އެހެންވެ ބޭނުންހާ ސަކަރާތެއް އެތަނުގައި ޖެހެއެވެ. މި ނޫނަސް ކިތަންމެ ރެއަކު އެފަދައިން އެކުވެރިންނަށް ދައުވަތު ދީގެން ގެއަށް ގެންނަމެވެ. މަންމަ އެކަމާ ކިތަންމެ ނުރުހުމެއް ފައުޅުކުރިއަސް އަހަރެންގެ ފަރުވާލެއް ނެތެވެ. އެގެއަކީ ހަމައެކަނި މަންމަގެ ގެއެއް ނޫން ވިއްޔާއެވެ.
“ކޮބާ މިގޭ އުޅޭ ނޯކަރު ދައިތަގަނޑު” ގެއަށް ވަންނަމުން އަހަރެންގެ އެކުވެރީންގެ ތެރެއިން އެކަކު އަހައިލިއެވެ. އޭނާ އެ ދައްކަނީ އަހަރެންގެ މަންމަގެ ވާހަކަކަން ވިސްނިގެން އަހަރެން ހީނގަތީމެވެ. “އެ ދައިތަ އުޅޭނީ ކޮޓަރިކޮޅުގައެއްނު” ކަޅިމައްޗަށް ހިންގައިލަމުން އަހަރެން ބުނީމެވެ. “މީތި އަޅާނެ ތަށިކޮޅެއް ގެނެސްދޭށޭ ބުނެބަލަ” ސޯފާތަކުގައި އިނށީންނަމުން އަތުގައި އޮތް ފުޅި ދައްކައިލައިފައި ވިހަ ހިނިތުންވުމަކާއެކު އަނެއް އެކުވެރިޔާ ބުނެލިއެވެ. ހިނިތުންވުމާއެކު އިންތަނުން ތެދުވެގެން އައިސް މަންމަގެ ކޮޓަރީގައި ޓަކި ޖަހައިލަމުން ހަމަމިހާރު ހުޅުވާށޭބުނެ އަހަރެން އަމުރުކޮށްލީމެވެ. އިރުކޮޅެއްގެ ހިމޭން ވަގުތުކޮޅަކަށްފަހު ކުޑަކުޑަކޮށް މަންމަ ދޮރުހުޅުވައިލިއެވެ.
“އާދެބަލަ ބޭރަށް.. އަހަރެންގެ އެކުވެރިން އައިސް އެބަތިބި.. އެމީހުން ބޭނުންވާހާ ޚިދުމަތެއް ފޯރުކޮށްދެން ޖެހޭނެ..” އަމުރުވެރި ރާގަކަށް އަހަރެން ބުނީމެވެ.
“މަންމަ މިއިނީ ޤުރުއާން ކިޔަވާލަން.. އެހެން ނޫނަސް މިއަދު މިއުޅެނީ ވަރަށް ބަލިވެ.. ހެނދުނުއްސުރެ ބޮލުގަ ރިއްސާވަރުން.. އެހެންނޫންނަމަ ދަރިފުޅު ބުނި ކޮންމެ ކަމެއް މަންމަ…”
“އޭތް.. ކޮންހާ ބޭކާރު ވާހަކައެއް ތިދައްކަނީ.. މިތާ އުޅެންޏާ ޖެހޭނީ އަހަރެން ބުނާހާ ގޮތެއް ހަދަން.. އެހެންނޫނީ ގެއިން ނެރެ އެއްލާލަފާނަން.. ފާޑުފާޑުގެ ބަހަނާ ނުދައްކާ ހަމަ މިހާރު އާދޭ..” އެކުވެރިންނަށް މަންމަގެ ވާހަކަތައް އަޑުއިވި އަހަރެންގެ ޤަރަދު އެމީހުން ކުރިމަތީ ވެއްޓިދާނެތީ އަހަންނަށް ދަތްކުނޑިވިކައިލެވުނެވެ.
“ތީ މި މަންމަ ބަނޑުއަޅައި ވިހޭ ދަރިތަ.. ތިހައި ބޮޑު ބަދަލެއް އައީ ކީއްވެ.. އެކަނި ހާލައިގެން މީހުނަށް ގުލާނުކޮށްދެމުން މަންމަ ދަރިފުޅު ބަލައި ބޮޑުކުރީ ކޮންފަދަ ހާލެއްގަ.. ދުވަހަކުވެސް އަޑުހަރުކޮށް ދަރިފުޅާ ދިމާއަށް މަންމަ އެއްޗެއް ބުނިންތަ.. މިއަދު އަމިއްލަ ފައި މައްޗަށް ތެދުވެވުމުން މަންމައާ މެދު ތިފަދައިން ކަންތައް ކުރަނީ މަންމަގެ ކޮން ކުށެއް އޮވެގެން..” މޭގައި އަތްއަޅައިލުމާއެކު މަންމަ ރޯންފެށިއެވެ. މިވެސް ވަރުގަދަވެއްޖެ ކަމެކެވެ. އެއްޗެއް ބުނާއިރަށް އަމުދަކުން ރޯންޖެހޭ ހެއްޔެވެ. ބޮލަށް އުނދަގޫވެގެން ދޮރުގައިހިފައި ފަހަތަށް އަހަރެން ކޮށްޕައިލީމެވެ. ރުޅި އައިސްފައި ހުރިވަރުން ހެދޭ ނުހުދޭ އެއްވެސް އަހަންނަށް އިހުސާސު ނުވެއެވެ. ދޮރު އެދިޔަ ބާރުމިނުގައި ފަހަތުގައި ހުރި މަންމަގެ ބޮލުގައި ޖެހިފައި މަންމަގެ ނިތްމަތި ފަޅައިގެން ދިޔައެވެ. އެވަރުންވެސް އަހަރެންގެ ހިތަށް ރަހުމެއް ނުވަނެވެ. އައްދޯއޭ ކިޔައި މަންމަ ހަޅޭއްލަވައިގަތީ ވީ ތަދުންކަން ނޭނގެއެވެ. ދެންވެސް އަހަރެންގެ ހިތަށް އެއްވެސް އެއްޗެއް ނޭރިއެވެ. ނިތުގައި ހިފަހައްޓައިލައިގެން މަންމަ ހުއްޓައި، އަނެއްއަތުގައި ހިފައި ދަމައި ކޫއްތަމުން ކަހަލަ ގޮތަކަށް އެކުވެރިންގެ ތެރެއަށް މަންމަ ނެރެފީމެވެ. އަދި އެމީހުނަށް ބަދިގެއިން ފެންބޯ ތަށިތައް ތަބަކެއްގައި އަތުރައިލައިގެން ގެނައުމަށް ބުނީމެވެ. ގޭގައި އެފަދަ ރެއެއް ހޭދަވާނަމަ އެއީ އަބަދުވެސް ފަދައެވެ. އެކުވެރިން ކުރިމަތީގައި އަހަންނަކީ ކިހައި ކެރޭ މީހެއްކަން ދައްކަން ބޭނުންވެއެވެ. މަންމަ ދަށްކޮށްލައި އަހަރެންގެ ބާރުވެރިކަން އަންގައިދޭން ބޭނުންވެއެވެ. އެމީހުންގެ ޚިދުމަތުގައި މަންމަ ބެހެއްޓުމުން އެލިބެނީ ހާދަހައި ބޮޑު ހިތްހަމަޖެހުމެވެ. އެމީހުންގެ މެދުގައި އަހަރެންގެ މަޤުބޫލުކަން އެކަމުން އިތުރުވެއެވެ. އަހަރެންގެ ބަހަށް މަންމަ ކިޔަމަންވާތަން ފެނި އެމީހުން އަތްޖަހައި ހޭންފެށިއެވެ. އަދި ތަޢުރީފުގެ އެތައް ބަހެއް އިއްވައިލިއެވެ. “އަސްލުވެސް ޝެލީން ވަރެއް ނުވާނެ ހަމަ” އެތަނުން އެކުވެރިއަކު ކޮށްލި ތަޢުރީފަށް ދެން ޖެހިގެން އިން އެކުވެރިޔާ ބުނެލިއެވެ.
ދަންވި ވަރަކަށް އަހަރެމެންގެ މެދުގައި ފޯރިގަނޑު ހިފައިލިއެވެ. ސަކަރާތާއި މަޖަލުގައި ވަގުތުތައް ހޭދަވަމުން ދިޔައިރު އެއްފަރާތުގައި ނިކަމެތި ނޯކަރެއް ފަދައިން ހުއްޓިގެން ރޮވިފައި އަހަރެންނަށް ބަލަން މަންމަ ހުއްޓެވެ. ރޭ ދެބައި ވުމުން ބޭރަށް ގޮސްލާން ހިނގާށޭ އެތަނުން އެކަކު ބުންޏެވެ. އެންމެން އެއްބަސްކިޔައި ތިބިތަނުން ތެދުވަމުން ގޭތެރެ ސާފުކުރުމަށް މަންމަ އަށް އަހަރެން އަމުރުކޮށްލީމެވެ. ކުރިއަށް އަޅައިލިފިޔަވަޅާއެކު ކުއްލިއަކަށް އަރިއަޅައިލައިގެން މަންމަ ވެއްޓިއްޖެއެވެ. އަހަރެން ގާތަށް އަރައިގަތް ރުޅީގައި ކުދިކިޔައި ގަނެވުނެވެ. “މިވެސް ޖެހިފައޮތް ބޮޑު އުނދަގުލެއް.. އާރޓްގަނޑުވެސް އެހާ ބޮޑުވާނެ.. މި މުސީބާތުން ސަލާމަތްވާނެ ނަމައޭ ހިތަށް އަރާ.. ހަމަޖެހިލައިގެން ނޭވައެއްލިޔަކަ ނުދޭނެ.. ހިތަށް އަރާ މަރުވާނީ ކޮންދުވަހަކުންބާއޭ..” އަހަރެން ބުނި ބަސްތައް ކުރިއަށް އަތް ދިއްކޮށްލި މަންމައަށް އިވުނުކަން ޔަގީންވީ ދަރިފުޅާއޭ ކިޔައި ރޮއެގަތުމުންނެވެ. އަޅައިވެސްނުލާ އެކުވެރިން ގާތުގައި ދާން ހިނގާށޭބުނެ އަހަރެން މިސްރާބުޖެހީ ގެއިން ނުކުތުމަށެވެ. އަހަރެންގެ ފަހަތުން އެމީހުންވެސް މަލާމާތުގެ ހުނުމާއެކު ނުކުމެގެން އައީ މަންމަ އެތަނުގައި އެއޮތް ހާލަށް އެކަނި ދޫކޮށްލައިފައެވެ.
އެފަހުން ހަފްތާއެއް ވަންދެން އެކުވެރިއެއްގެ ގޭގައި އަހަރެން މަޑުކުރީ ގެއަށް ދާހިތް ނުވެގެނެންނެވެ. އެންމެ ހައިރާންވީ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެންމެ ފަހަރަކުވެސް މަންމަ އަހަރެން ވީތަނެއް ބެލުމަށް ނުގުޅުމުންނެވެ. އެކަމަކު އެއީ މާބޮޑު ކަމަކަށް އަހަރެން ނުހަދަމެވެ. އަހަންނަށް ރަނގަޅީވެސް އެގޮތަށް އުނދަގޫކުރަން މަންމަ އަހަންނަށް ނުގުޅީވިއްޔާއެވެ.
ޖެހިގެން އައި ދުވަހު މެންދުރެއްހާއިރު އަހަރެން ގެއަށް އައީމެވެ. ގޭތެރެއިން އަޑެއް ބަޑެއް ވެސް ނީވުމުން ލިބުނީ އިތުރު ހައިރާންކަމެކެވެ. އެހެންނާ ހުޅުވައިފައިހުންނަ ރޭޑިއޯގެ އަޑެއްވެސް މިއަދު ނީވެއެވެ. މުޅިގެއަށް ބުނެދޭން ނޭނގޭފަދަ ފަޅުކަމެއް ވެރިވެފައިވީ ކަހަލައެވެ. ކީއްވެކަމެއް ނޭނގެއެވެ. ގޭތެރަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކުވެސް އަހަރެންނަށް ކުރުވީ އުނދަގޫ އިހުސާސެކެވެ. މުޅި ގޭތެރެ ސާފުކޮށްލައިފައި އޮތްއިރު ހިރަފުސްކޮޅެއްހައި ހިސާބުވެސް ފެންނާކަށް ނެތެވެ. ގޭތެރަށް ބަލަމުން އައިސް އަހަރެން ސިއްރު ސިއްރުން މަންމަގެ ކޮޓަރީގެ ތަޅުގައިހިފައި އަނބުރައިލީމެވެ. އެތެރަށް ހުޅުވިގެންދިޔަ ދޮރުން ކޮޓަރިތެރަށް ބަލައިލިއިރު އެތަނުގައި ރަސްކަންކުރަމުންދިޔައީ ކަނު އަނދިރިކަމެވެ. ހިތުގައި އުފެދެމުންދިޔަ ސުވާލުތައް އެއްފަރާތް ކޮށްލަމުން އައިސް ސިޓިންގްރޫމްގައި ހުއްޓުނު ވަގުތު ސަލާމް ގޮވައިލަމުން ޖެހިގެން ހުރި ގޭގައި އުޅޭ ދައްތައެއް ވަނެވެ.
“ކިހިނެއްވީ.. ތިޔަ ހޯދަން އައި މީހާ ގެއަކު ނެތް..” ސަލާމުގެ ޖަވާބު ދިނުމުގެ ބަދަލުގައި ރުންކުރު ގޮތަކަށް އަހަރެން ބުނީމެވެ. އަހަރެންގެ ޖަވާބު އަހައިފައި ހިތިގޮތަކަށް އެދައްތަ ހިނިތުންވެލިއެވެ.
“ޝެލީން ނުބުންޏަސް އަހަންނަށް ވަރަށް ރަނގަޅަށް ތިކަން އެނގޭ.. ދުނިޔޭގަ ނެތްއިރު.. މިގޭގަ އަމުދުން ނުހުންނާނެއްނު.. އެންމެ ފަހުން ޝެލީން ބޭނުންވި ކަންތައްވީނު.. ޝެލީންއަށް އުނދަގޫކުރާކަށް ދެން އެނިކަމެތި މަންމައެއް ނާންނާނެ.. އަހަރެން އަމުދަކުން މިގެއަށް މިއައީ މި ސިޓީ ޝެލީންއަށް ހަވާލުކޮށްދެން ޝެލީންގެ މަންމަ އެދިފަ އޮތީމަ.. އެއީ އެފަކީރުގެ އެންމެ ފަހު އެދުމަށްވީތީ އެކަން ފުރިހަމަކޮށްދެން.. މަރުވަމުންވެސް އެފަކީރު އެދިޔައީ ކަލޭ އެހައި އިހާނެތިކޮށް ކަންތައްކުރުމުންވެސް ކަލެއަށް ހިތްހެޔޮކަށް މަޢާފުކޮށްދީފައޭ.. މައިމީހާގެ ހިތްހަލާލު ނުލިބި ދަރިއަކަށް މަރުމަތީވެސް ޝަހާދަތްނުކިޔިދާނެތީ.. ދެންވެސް އެއްޗެއް ވިސްނޭނެނަމަ އެއްނު.. މިހާ ނުލަފާ މީހަކު އުޅޭ ގެއަކަށް އަހަންނަށް ވެގެންވާނަމަ ދުވަހަކުވެސް ނުވަންނާނަން..” އަތުގައި އޮތް ސިޓީ ސޯފާތަކުގެ މެދުގައި ހުރި ކުޑަ މޭޒުމަތީގައި ބާއްވަމުން ދައްތަ ބުނެލިއެވެ. އޭނާގެ އަޑު ކުރެހުނުގޮތުން ރޮނީކަން އަހަންނަށް ވިސްނުނެވެ. ދައްތަގެ ދުލުން ނުކުތް ކޮންމެ ލަފުޒަކުން އަހަރެންގެ ހިތަށް އެހައި ބޮޑަށް އަސަރުކުރީ ކީއްވެގެންކަމެއް ނޭނގެއެވެ. ބަސްހުއްޓިފައި އަހަރެން ހުއްޓައި ގެއިން ނުކުމެގެން ދައްތަ ގޮއްސިއެވެ. ހިންދިރުވައިލަމުން މޭޒުމަތީގައި އޮތް ސިޓީއަށް އަހަންނަށް ބަލައިލެވުނެވެ. ލަސްހިނގުމެއްގައި އައިސް ސޯފާގައި އިނށީނުމާއެކު ސިޓީ ނަގަން އަތް ހިއްލައިލީމެވެ. އަތްތިލަ ތުރުތުރުލަމުންދިޔަކަން ވެސް އަހަރެންނަށް ރެއަކައިލީ ދެނެވެ. ދެޚިޔާލެއްގައި އިނދެފައި އަހަރެން ސިޓީ ހުޅުވައިލައި ކިޔަންފެށީމެވެ.
“މަންމަގެ ލޯބިވާ ޝެލީނަށް،
ދަރިފުޅު ލިބޭންއުޅޭ ކަމުގެ ޚަބަރު މަންމަ އަށް ލިބުނު ދުވަހަކީ މަންމަގެ ޙަޔާތުގައިވެސް އައި އެންމެ އުފާވެރި އެއްދުވަހެވެ. އެ ދުވަހުން ފެށިގެން ރެޔާއި ދުވާލު މަންމަގެ ލޯބިވާ ކުޑަކުޑަ ދަރިފުޅު ދުށުމުގެ އިންތިޒާރުގައި ވަގުތުތައް ގުނަން ފެށީމެވެ. ކެތްތެރިކަމެއްނެތި އިންތިޒާރުކުރަން ފެށީމެވެ. މާބަނޑު ދުވަސްވަރަކީ ކިތަންމެ ވޭނަކާއި ބުރައެއް އުފުލަން ޖެހުނު ދުވަސްވަރެއް ނަމަވެސް އެއްވެސް ޝަކުވާއެއްނެތި މަންމަ ކެތްތެރިވީމެވެ. ހަމައެކަނި ތިޔަ ލޯބިވާ ދަރިފުޅުގެ ހައްޤުގައެވެ. ދަރިފުޅަށް ކުޑަވެސް ގެއްލުމެއް ލިބުމަށް ނޭދެވޭތީއެވެ. ތިއީ އެކަނިވެރި މި މަންމަގެ ޙަޔާތަށް އާރޯކަން ގެނުވައިދިން ފަރާތެވެ. ދުނިޔެއާ ކުރިމަތިލުމަށް ލިބިދިން މަންމަގެ އެންމެ ބޮޑު ހިތްވަރެވެ.
އެންމެ ފުރަތަމަ ދަރިފުޅު މި ދުނިޔެއަށް ނޭވާ ލީ ދުވަހު މި މަންމަގެ ހިތް އުފަލުން ފޮޅުނެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރަށް ފޮނި ނިމުމެއް އަތުވެއްޖެކަމުގެ އިހުސާސުން މަންމަގެ ހިތް ފުރުނެވެ. ތުއްތު ދަރިފުޅު އެންމެ ފުރަތަމަ އުރައިލެވުނު ވަގުތު މަންމަ ސިފަކޮށްދޭނީ ކިހިނަކުން ހެއްޔެވެ. އެ ޚާއްސަ ވަގުތުކޮޅު އަދިވެސް މިދެލޯކުރިމަތިން ސިފަވާ ކަހަލައެވެ. އެކަނި ހާލައިގެން ދަރިފުޅު ބަލައިބޮޑު ކުރުމީ ފަސޭހަ ކަމަކަށް ނުވާނެކަން އެނގުނު ނަމަވެސް މަންމަގެ އެއްވެސް ފަރުވާލެއް ނެތެވެ. ދަރިފުޅަށްޓަކައި ކިތަންމެ ބޮޑު ބުރައެއް އުފުލާން ޖެހުނަސް، އެއްވެސް ޝަކުވާއެއްނެތި ހިތުން ރުހުމުން އެބުރައެއް އުފުލާނަމެވެ. މަންމަގެ ދެލޮލުގެ ކޮއެ ފަދައިން ލޯބިވާ ދަރިފުޅަށްޓަކައި އެވަރުގެ ކަމެއް ނުކޮށްދެވެންވީ ކީއްވެހެއްޔެވެ. މަންމަގެ ހިތުގެ ފިނިކަންކަމުގައިވި ދަރިފުޅުގެ ހައްޤުގައި ދުނިޔެވީ ކޮންމެ އިމްތިޙާނަކަށް ކެތްތެރިވާނީ އުފަލުން ހުރެއެވެ.
އެތައް ރޭގެ ނިދި މި މަންމަ ޤުރުބާންކުރީ ދަރިފުޅަށްޓަކައެވެ. ތިޔަ މައުސޫމު ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު ދުވާލުގެ ބުރަކަންމަތިން މަންމަ ހަނދާންނެތެނީ ބަސްބުނާހައި ހިނދުކޮޅެއްގެ ތެރޭއެވެ. އެންމެ ފުރަތަމަ މަންމާއޭ ކިޔައި ގޮވައިލި ދުވަހު އުފަލުން ގޮސް މިދެލޮލުން ކަރުނަ ނީރާލިއެވެ. އެފަދަ ކޮންމެ ވަގުތުކޮޅެއްގެ ހަނދާންތައް މަންމަގެ ހިތުގައި ފުހެވުމެއް ނުވާނެފަދައިން ރައްކާކުރީމެވެ. މާޒީގެ އެ އުފާވެރި ދުވަސްތައްމަތިން ދަރިފުޅު ހަނދާން އެބަ ހުރިހެއްޔެވެ؟ މަންމަގެ އަތުގައި ހިފައިގެން ކިޔަވަން ސްކޫލަށް ދިޔަ ދުވަސްތައްމަތިން ހަނދާންވޭ ހެއްޔެވެ؟ ފުރާފުރިހަމަވެ ޒުވާނަކަށް ވުމުންވެސް، ތަފާތެއްނެތި ލިބެނުންދިޔަ މަންމަގެ އޯގާތެރި ޚިދުމަތްތައްމަތިން ހަނދާންވޭ ހެއްޔެވެ؟ ބަލިވެ އެނދުމަތިވެފައި އޮތް ކިތައް ރޭ މި މަންމަގެ ނިދި ދަރިފުޅަށްޓަކައި ޤުރުބާންކުރިންކަން އެނގޭ ހެއްޔެވެ؟ ލޯބިން ދަރިފުޅުގެ ގައިގައި ފިރުމައި ހޭހަންކޮށްދިނުމުގައި މަންމަގެ ހުރިހައި ވަގުތެއް ހުސްކުރިކަން އެނގޭ ހެއްޔެވެ؟ ކިތަންމެ ކުޑަ ކަމަކާ ދަރިފުޅު ދެރަވެ ފިކުރު ބޮޑުވިއަސް މަންމަގެ ހިތުގެ ހަމަޖެހުން ގެއްލޭކަން ދަރިފުޅަށް އިހުސާސުވޭ ހެއްޔެވެ؟ ކުޑަވެސް ގެއްލުމެއް މަންމަގެ ހިތުގެ އެއްބައިކަމުގައިވި ދަރިފުޅަށް ލިބޭން ނޭދޭކަން އެނގޭ ހެއްޔެވެ؟ ދަރިފުޅު ހިތުޖެހޭނެފަދަ ކުޑަކަމެއްވިއަސް މަންމަގެ ފުށުން ނުކޮށްވޭތޯ މަސައްކަތް ކުރިކަން ދަރިފުޅަށް ވިސްނޭނެ ނަމައެވެ. މަންމަގެ ހިތުގައި ތަކުރާރުކޮށް ޖެއްސި ނަމަވެސް މިހިތުގައި ދަރިފުޅާމެދު ކުޑަވެސް ޝަކުވާއެއް ނެތްކަން އެނގޭނެ ނަމައެވެ. މަންމަ ދަރިފުޅުދެކެވާ އަމިއްލަ އެދުމެއްނެތް ލޯބީގައިވި ތެދުވެރިކަމާ ސާފުކަން ފެންނާނެ ނަމައެވެ. މި ހިތް ދަރިފުޅުގެ ލޯތްބާއި، އޯގާތެރިކަމާ، ގާތްކަމަށް ފެންބޮވައިގަނެފައިވި މިންވަރު އިހުސާސުވާނެ ނަމައެވެ. ދުނިޔޭގައި މަންމަ ލޯބިވާންހުރި ހަމައެކަނި ފުރާނައަކީ ތިއީކަން ވިސްނޭނެ ނަމައެވެ. ދަރިފުޅު ފިޔަވައި މިއޮއް ބޮޑު ދުނިޔޭގައި މަންމަގެ ހަމަ އެކަކުވެސް ނެތެވެ.
ބަދަލުވީ ކޮންކަމެއްކަމެއް ޚުދު މަންމަ އަށް ވެސް ބުނެދޭކަށް ނޭނގެއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަންމައަށްވީ އެންމެ ރަނގަޅަށް ހެޔޮތަރުބިއްޔަތެއްގެ މަތީގައި ބޮޑުކުރުމަށް މަސައްކަތް ކުރީމެވެ. މަންމަ އަށް އެނގުނު މިންވަރުން ދީނުގެ ކަންކަން އުނގަންނައި ދިނީމެވެ. އެހެނަސް ޒުވާން އުމުރަށް އެޅުމާއެކު އެ ތަރުބިއްޔަތު މަތިން ހަނދާންނެތިއްޖެއެވެ. މަންމަ ކޮށްދިން ހުރިހައި ޚިދުމަތެއް އެއްވެސް އަގެއް ނެތް އެއްޗެއްކަމުގައި ވެއްޖެއެވެ. މަންމަގެ ދުލުން ބޭރުވާ ކޮންމެ ބަހަކީ ދަރިފުޅަށް ބުރައަކަށް ވެއްޖެއެވެ. ލޯބިވާ ދަރިފުޅާއެވެ. މަންމަ ދިން ކޮންމެ ނަސޭޙަތެއްދިނީ ދަރިފުޅަށް ހެވަކަށެވެ. ދެދުނިޔޭގައިވެސް ބާއްޖަވެރިއަކު ކަމުގައި ދަރިފުޅު ވުމަށް މި މަންމައަށް އެދުވެވުނު ވަރުންނެވެ. ތަކުރާރުކޮށް މަންމަގެ ހިތް ކުރަމުންދިޔަ ދުޢާއަކީ އެއީއެވެ. ދަރިއެއްގެ ގައިގައި ކުޑަވެސް ކޫރުމެއް އެޅެން ނޭދޭއިރު، އަލިފާންކަންޏެއްގެ މިންވަރުވިއަސް ޖެހުމަށް ރުހެވޭނީ ކިހިނަކުން ހެއްޔެވެ.
މާޒީވި އެއްވެސް ކަމެއްގައި މަންމަ ދަރިފުޅު ކުށްވެރިކުރާކަށް ނެތީމެވެ. ދަރިފުޅު ދިން ކޮންމެ އަނިޔާއަކަށްވުރެ ބޮޑަށް މި މަންމަ ދަރިފުޅުދެކެ ލޯބިވަމެވެ. މަންމަގެ ސަބަބުން ދަރިފުޅަށް ކުޑަވެސް ތަކުލީފެއް ޖެހޭކަށް ނޭދެމެވެ. ދަރިފުޅާއެވެ. ނޭނގުމެއްގެ ތެރޭގައި ވިއަސް މަންމައަށް ދަރިފުޅު ހިތުޖެހޭފަދަ ކަމެއް ކުރެވިފައިވާނަމަ މަންމައަށް މަޢާފުކޮށްދެއްޗެވެ. ދަރިފުޅާމެދު މަންމަގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތެވެ. އަބަދުވެސް މަންމަގެ ދުޢާ އަކީ ދަރިފުޅަށް ދެދުނިޔޭގައިވެސް ހެޔޮގޮތް މިންވަރުކުރެއްވުމެވެ. އަދިވެސް ވަގުތު ފާއިތެއް ނުވެއެވެ. މަންމަގެ ލޯބިވާ ދަރިފުޅާއެވެ. ޢަމަލުތައް އިސްލާޙުކޮށް އަވަހަށް ތައުބާ ވާށެވެ. އޭރުން މާތް ރަސްކަލާނގެ ދަރިފުޅުގެ ފާފަތައް ފުއްސަވާނެތެވެ.
ވަކިވެ މިދަނީވެސް ދަރިފުޅަށް ހިތްހެޔޮކުރާ ޙާލުއެވެ. ޖަންނަތުން މަންމަގެ ލޯބިވާ ދަރިފުޅާ ބައްދަލުވާނެ ކަމުގެ ފޮނި އުއްމީދުގައެވެ. މާތް ﷲ ދަރިފުޅަށް ހެޔޮރަޙުމަތްލައްވާށިއެވެ. އާމީން..
އަބަދުވެސް ދެގޮތެއްނުވެ ދަރިފުޅުދެކެ ލޯބިވާ މަންމަ”
ސިޓީ ކިޔައި ނިމުނުއިރު ހަމަ ރަނގަޅަށް ވެސް އަހަންނަށް ރޮވިއްޖެއެވެ. މިކުރެވުނީ ކީއްބާވައޭ އަހަރެންގެ އަމިއްލަ ނަފުސާ ތަކުރާރުކޮށް ސުވާލުކުރެވެމުން ދިޔައީ ބޭއިޚުތިޔާރުގައެވެ. ސިއްރެއް ފަދައިން މަންމަގެ ނަން ދުލުން ބޭރުވި ވަގުތު، ޖެހިގެން ހުރި ގެއިން ޖަހަމުންދިޔަ މަދަޙަ އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ސަމާލުވެވުނީ ކީއްވެކަމެއް ނޭނގެއެވެ. އަހަރެން މީ އެހެންނާ އެފަދަ އެއްޗެއް އަޑުއެހި މީހެއްވެސް ނޫނެވެ. ސިޓީ ގެނެސް މޭގައި ޖައްސައިލުމާއެކު އަހަންނަށް ތުންފަތުގައި ދަތްއަޅައިލެވުނީ އިވެމުންދިޔަ މަދަޙައިގެ އަސަރުގަދަ ބައިތުތަކުންނެވެ.
“ނުވަމަސް ދުވަހުގެ ގަދަ ވޭނުގާ.. ދުޅަވެސް ހެޔޮނުވެ ފައިތިލަމަތިން.. ކުޑަވެސް ލޮޅުމެއްވެ ނުދީ އެކޮޔަށް.. މޮޔަވާވަރު ވެފަވާ، އޯއޯ މަންމާ..
މުޅި ދުނިޔެ ނިދާ ފައިތިލަ އޮބުނަސް.. ޅަފުރާނަ އުނގަށްލައިން ބަލަބަލާ.. އަޑަކަށް އިވެނީ ކެނޑިނޭޅި އިވޭ.. ނާނާ ކިޔުމުގެ އަޑު، އޯއޯ މަންމާ..
އެކި ރޭރޭ އެކި އެކި ޙާލުގާ.. ހިތް ތުރުތުރުލާ އޮވެ ސާލުގާ.. ރައްކާތެރިކޮށް ފިރުމާ ދެއަތުން.. ހިތްވަރުގަދަ ލޮބުވެތި، އޯއޯ މަންމާ..
ނޭދޭ ކުޑަވެސް އަނިޔާއަކަށް.. ގޭދޮށު މީހުންގެ ޝިކާރަޔަކަށް.. ފިނިކަން ލިބެނީ ބެލުމުން އެކޮޔަށް.. ލޮލުފިޔަ ޖެހުމެއްނެތި، އޯއޯ މަންމާ..
އެދިދާނޭތޯ ދުނިޔޭގަވެސް.. ނެތިދިއުމަށްފަހު އާޚިރުގަވެސް.. މައި ލަގޮނޑި އަބަދު އެދިއެދި ހުރެއޭ.. ދެދުނިޔެ ލިބުމަށް މަށަށް، އޯއޯ މަންމާ..
އެކިވަގުތު ހަނދާނަށް އާދެޔޭ.. އެފަކީރުގެ ނިކަމެތި ޙާލުތައް.. ކަރުނައިން ފުރިދޭ މިދެލޯ މަގޭ.. ޛިކުރާ ކުރުމުންފަހެ، އޯއޯ މަންމާ..
ނޭދޭނެ ޢަޛާބެއް ލިބުމަކަށް.. އަލިފާން ކަންޏެއްވެސް ޖެހުމަކަށް.. ވީއިރު މަންމާ ރޮއެފާ މަބުނަން.. ހާނާށެ މަ ދީނަށް، އޯއޯ މަންމާ..
ނުލިބޭނެ ފަލާޙާ ކާމިޔާބު.. ނުލިބިއްޖެ ހިނދަކު ރުހުމެއް މަންމަގެ.. ކުރެވުނު ކުށަކަސް ބުނެވުނު ބަހަކަސް.. މާފަށް އެދި ގޮވަމޭ، އޯއޯ މަންމާ..”
އަލީ ރަމީޒުގެ އަސަރުގަދަ އަޑުން އިވެމުންދިޔަ މަދަޙައިގެ ކޮންމެ ބައިތެއް އަހަރެންގެ ހިތް ތޮރުފައި ފޫއަޅުވަމުން ދިޔަކަހަލައެވެ. ކުޑައިރުއްސުރެ މަންމައާ އެކު ވޭތުވެދިޔަ ކޮންމެ ހިނދުކޮޅެއް، ރޯލު ލަސްކުރެވިފައިވި ފިލްމެއްގެ މަންޒަރުހެން އަހަރެންގެ ދެލޯ ކުރިމަތީގައި ސިފަވަމުންއައި ކަހަލައެވެ. ބައްޕައަކާ ނުލައި އެ މަންމަ އެކަނިމައި އެކަނި އަހަރެން ބަލައި ބޮޑުކުރި ގޮތެވެ. ބޭނުންވެއްޖެ ކޮންމެ އެއްޗެއް އަހަންނަށް ހޯދައިދިނުމަށް އެފަކީރު ތެޅުނު ޙާލެވެ. އަހަންނަށްޓަކައި ކޮންމެ ހިނދަކު މަންމަ ވީ މަތިވެރި ޤުރުބާނީއެވެ. ނަމަވެސް ބޮޑުވެ އަމިއްލަ ފައިތިލަ މައްޗަށް ތެދުވެވުމުން އެ ލޮބުވެތި މަންމައާ މެދުގައި އަހަރެންނަށް ކަންތައް ކުރެވުނީ ކޮންފަދައަކުން ހެއްޔެވެ. ގޭގައި ގެންގުޅޭ ނޯކަރަކަށްވުރެ މަންމަގެ ދަރަޖަ އަހަރެން ކުރިމަތީގައި ދަށްވީއެވެ. އެކުވެރިންގެ ނުބައި ނަސޭހަތްތަކަށް ހެއްލި އެމީހުންގެ މަލާމާތުގެ އަމާޒުފަތްގަނޑަކަށް މަންމަ ހެދުނީއެވެ. މަންމަގެ ބަހަށްވުރެ އެހެން މީހުންގެ ބަސް އިސްކުރެވުނީއެވެ. ދުނިޔޭގައި ހުރެ މަންމައަށް ޚިދުމަތްކޮށްދިނުމަށް ލިބުނު ފުރުސަތުތަކާއި ވަގުތުތައް އެހެން ކަންކަމުގައި ހުސްކޮށްލެވުނީއެވެ. ނުވިތާކަށް ލޯބިން އަހަރެންގެ ގައިގައި ފިރުމި ދެއަތުގައި ހިފައި އަނިޔާކުރެވުނީއެވެ. އެންމެ ފަހު ސުކުންތުކޮޅުގައި އަހަންނަށް އެދި މަންމަ ދިއްކޮށްލި އަތުގައި ހިފުމުގެ ބަދަލުގައި ފުރަގަސްދެވުނީއެވެ. އެހެނަސް ނިކަން ދެކިބަލާށެވެ. އެހައި ނުބައިކޮށް އެ މައިމީހާމެދު ހިތުމުން ވެސް، އަހަންނާ ވަކިވެ އެދިޔައީ އަހަރެންގެ މައްޗަށް ހިތް ހެޔޮކޮށްފައެވެ. ލޯބިވެތި ބަސްކޮޅެއް ދޫކޮށްފައެވެ. އެންމެ ފަހު ވަގުތުވެސް ހެޔޮ ނަސޭހަތްދީ ހެޔޮ ދުޢާކުރާ ހާލުއެވެ. ލޯތްބާއި ކުލުންވެރިކަމުގައި މަންމައާ އެއްހަމަވާނެ ހެއްޔެވެ. އާޙް.. ދުވަހަކުވެސް އެ ޚިދުމަތުގެ އަގު އަދާކުރެވޭނެ ހެއްޔެވެ. އޭގެ ބަދަލު ދެވޭނެހެއްޔެވެ. ސުވަރުގެ މައިމީހާގެ ފައިތިލަދަށުގައި ލެއްވީ ސަބަބެއް ނެތިއެއްނޫންކަން ޔަޤީނެވެ.
އަޑުނެތްތަނަށް ރޮވެމުންދިޔަކަން ވެސް އަހަންނަށް އިހުސާސު ނުވެއެވެ. މަންމައަށް ކެނޑިނޭޅި ގޮވަމުން ގިސްލައިރޮމުން ދިޔައިރު، އަހަރެންގެ މުޅި ހަށިގަނޑު ތުރުތުރުލަމުން ދިޔައީ ހިތުގައި އަޅަމުންދިޔަ ގަދަ ވޭނަށް ކެތްނުވެގެންކަން ޔަޤީނެވެ. ގިސްލެވެމުންދިޔަލެއް ބޮޑުކަމުން އަހަރެންގެ އަޑުވެސް ހިނދޭގޮތްވިއެވެ. އެވަރުންވެސް އަހަންނަށް ރުއިން ހުއްޓައެއްނުލެވުނެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވެމުން ދިޔައީ އިންތިހާއަށެވެ. މޭފިތިގެންދިޔަފަދަ އިހުސާސަކާއެކު ނޭވާލުމަށް ދަތިވީ ވަގުތު ނުހަނު ގާތުން ކޮންމެވެސް މީހަކު އަހަރެންގެ ބުރަކަށީގައި ފިރުމަމުން ވާހަކަދެއްކި އަޑުއިވުނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އަހަރެން މަޑުމަޑުން ހަމައަކަށް އެޅެން ފެށުމުން އެއީ ކާކުތޯ ބަލައިލީމެވެ. ކަންބޮޑުވެފައި އަހަރެންގެ ގާތުގައި އިނީ ސިޓީ ހިފައިގެން ގެއަށް އައި ދައްތައެވެ. ކިހިނެއްވީތޯ އޭނާ އަހައިލީ ހާސްވެފައި އިނދެއެވެ. އަހަންނަށް ޖަވާބެއް ނުދެވުނެވެ. އެވަގުތު މޭގައިޖައްސައި ބޮނޑިކޮށްލެވިގައި ސިޓީ އެ ދައްތަގެ ލޮލުގައި އަޅައިގަތެވެ. ވީގޮތް އޭނާއަށް ފަހުމްވީ ކަންނޭނގެއެވެ. ހިނދުކޮޅަކަށް ދައްތަ ހިމޭންވެލިއެވެ.
“ޝެލީން ތިރޮނީ ހެޔޮވިސްނުން ލިބިގެންކަމުގަ ވަނީނަމަ، ދައްތަ އެކަމާ އުފާކުރަން..” ކަރުނުން ތެމެމުންދިޔަ އަހަރެންގެ ކޯތާފަށް ފުހެލައިދެމުން ދައްތަ ބުންޏެވެ.
“ބޭރު ޖޯލީގައި އިންދައި މިގޭތެރެއިން މާ ބާރަށް ރޯއަޑުއިވޭތީ ވީގޮތެއް ބަލައިލާން ދައްތަ ވަނީ..” ބަހެއްނުބުނެ ގަބުވެފައި އަހަރެން އިންނަން ފެށުމުން ދައްތަ އޮޅުންފިލުވައި ދިނެވެ.
“މަ.. މަ.. މަނ.. މަން.. މަންމަ.. ކޮ.. ކޮބާ..” އަހަންނަށް ވާހަކަދެއްކުނީ ނުހަނު އުނދަގުލުންނެވެ. އަހަރެންގެ ސުވާލާއެކު ފުންނޭވައެއް ދޫކޮށްލަމުން ދައްތަ އަހަންނަށް ބަލައިލިއެވެ.
“ޝެލީން.. ކުރިންވެސް ދައްތަ ބުނިހެން މަންމަ ނިޔާވެއްޖެ.. މިހާރު ދެތިން ދުވަސް ވެއްޖެ.. ޝެލީނަށް މީހެއްގެ ފަރާތުންވެސް ނޭނގުނުތަ.. މަންމަ ނިޔާވީ ވަރަށް ބަލިކޮށް އުޅުމަށްފަހު.. ޝެލީނަށް ނޭނގުނަސް މަންމަ.. މަންމަ ދިޔައީ ކެންސަރުބައްޔާ ހަނގުރާމަ ކުރަމުން.. ކުއްލިއަކަށް މަންމަގެ ހާލު މާބޮޑަށް ސީރިއަސްވީ.. އެ ދުވަހު ދައްތައަށް މަންމަ ގުޅުމުން ހޮސްޕިޓަލަށް ގޮވައިގެންދިޔައީ.. ޑޮކްޓަރުން ވަރަށް މަސައްކަތް ކުރި.. އެކަމަކު..” އެހިސާބަށް ބުނެލުމަށްފަހު މަޑުމަޑުން ލޮލުން ފައިބަމުންދިޔަ ކަރުނަތައް ދައްތަ ފުހެލިއެވެ.
އެނގުނު ހިތި ހަޤީގަތުން އަހަރެންގެ ހިތަށް އިތުރަށް ދަތިވުން ނޫންކަމެއް ނުވިއެވެ. މަންމަ އެހާލުގައި އުޅުނުއިރުވެސް އަހަންނަށް އެކަން ފާހަގަނުވީތީ އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. އެފަދަ ބަލިހާލެއްގައި ވަނިކޮށް އޭގެ މައްޗަށް އަހަންނާހެދި މަންމަ ކުރާ ހިތާމަތައް އިތުރުވީއެވެ. އަހަރެންގެ ކޮނޑުގައި ހިފައިލަމުން ހިތްވަރުކުރަން ދައްތަ ބުނެލިއެވެ. އަދި ދެންވެސް ލަސްނުކޮށް ތައުބާ ވުމަށް ނަސޭހަތްތެރިވިއެވެ. ކަރުނައިގެ ތެރެއިން ދައްތައަށް ބަލައިލަމުން އަހަރެން އެދުނީ މަންމަގެ މަހާނަ ހުރި ތަނަށް އަހަރެން ގެންގޮސް ދިނުމަށެވެ. ބޯޖަހައިލަމުން އިންތަނުން ދައްތަ ތެދުވިއެވެ.
އަހަރެން ކުޑަކޮށް ހަމައަކަށް އެޅުމުން އަހަރެން ގޮވައިގެން ރަށުގައި ހުރި ސަހަރާއަށް ދައްތަ އައެވެ. ކަންކުރަންވީ ގޮތް އަހަންނަށް އޮޅުންފިލުވައި ދިނުމަށްފަހު މަންމަގެ މަހާނަ ކައިރިއަށް ގެނެސްދިނެވެ. އަނގަމަތީގައި އަތް އެޅުމާއެކު އަހަންނަށް ރުއިން ކޮންޓްރޯލްކުރުން ދަތިވިއެވެ. އެހެނަސް ހިތްވަރުކުރަމުން ތަކުރާރުކޮށް މަންއަށް ހެޔޮ ރަޙްމަތްލައްވައި ފާފަ ފުއްސެވުން އެދި ތަކުރާރުކޮށް ދުޢާ ކުރީމެވެ.
އެ ދުވަހަށްފަހު އަހަރެންގެ އުޅުން މުޅީން ބަދަލުވީއެވެ. ކުރީގެ އެކުވެރިން އެއްކޮށް ދޫކޮށްލުމަށްފަހު ފުރިހަމަ ޙިޖާބުން ޙިޖާބުވެ ލައިއުޅޭ އަންނައުނުތައް ވެސް މުޅީން ބަދަލުކޮށްލީމެވެ. ފުރިހަމަ ތައުބާއަކުން ތައުބާވުމަށްފަހު މަންމަ ދިން ތަރުބިއްޔަތުގައި ހިފީމެވެ. މަންމައާ މެދު ކަންތައްކުރެވުނު އިހާނެތިގޮތާމެދު ދެރަވެ ހިތާމަކުރާ ޙާލު އަބަދާއި އަބަދު މަންމައަށްޓަކައި ހެޔޮ ދުޢާކުރުން މަތީގައި ދެމިހުރީމެވެ.
މިއަދު އަހަރެންވެސް މީ މަންމަ އެކެވެ. މާބަނޑު ވީއްސުރެ ދަރިއަކަށްޓަކައި މަޔަކު އުފުލާ ބުރަ އާއި ވޭން ނުހަނު ރަނގަޅަށް މިއަދު ވިސްނިއްޖެއެވެ. ދެލޮލުގެ ކޮއެ ފަދަ ދަރިފުޅާމެދު ވިސްނައި ފިކުރުކުރެވޭވަރު އަމިއްލަ އަށް އިހުސާސު ކުރެވިއްޖެއެވެ. މައެއްގެ ލޯތްބާއި ޤުރުބާނީއަކީ ކޮބައިކަން އެނގިއްޖެއެވެ. ވަކިވެ ދިޔަ ލޯބިވާ އަހަރެންގެ މަންމަ މަތިން ހަނދާންނެތޭ އެންމެ ސުކުންތުކޮޅެއް ވެސް ފާއިތުވެ ނުދެއެވެ. އެއީ ހަޤީގަތުގައި ވެސް ޚިދުމަތުގެ ރަން ތަރިއެވެ. ލޯތްބާއި ކުލުނުގެ ވެރި ކަމަނާއެވެ. ދުވަހަކުވެސް އެ ހެޔޮކަމުގެ ބަދަލެއް ނުދެވޭނެއެވެ. ލޯބިވާ މަންމާއެވެ. ޖަންނަތުގައި މަންމައާ އެކު ވުމީ، މަންމަ ފަދައިން އަހަރެންގެ ވެސް ހިތުގެ ދުޢާކަމުގައި ވެއްޖެއެވެ.
(ނިމުނީ)
– ޚިދުމަތުގެ އަދަދު ކުރެވޭނެތޯ.. އަގު އޭގެ އަދާކުރެވޭނެތޯ.. އަބަދަށް ގުނިޔަސް އަދަދެއް ނުވެޔޭ.. ޚިދުމަތުގެ އެ ރަންތަރި، އޯއޯ މަންމާ..
އެދެމޭ އަހަރެންވެސް އިނދެލުމަށް.. ޖަންނަތުގައި މަންމަގެ އުނގުތެރޭ.. ކުރަމޭ މަ ދުޢާ ލިބުމަށް ޖަންނަތު.. އަހަރެންގެ ތި ލޮބުވެތި، އޯއޯ މަންމާ.. –
2 Comments!
Comments are closed.







I am so sad about this story but my mom also dead
I am so sad 😢😭
We need you with new story
Plx come bck sooo