Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އުއްމީދު 1

Minhaaa Level 110 Stories
February 5, 2023 6 Mins Read
1 Comment

ކޮންމެ މީހަކީވެސް ހަޔާތުގައި ތަފާތު ކަންތައްތަކަކާ ކުރިމަތިލާން ޖެހޭނެ މީހެކެވެ. އަބަދު އޮއްގޮތަކަށް ހުރިހާ ކަމެއް ނޯވެދާނެއެވެ. ބައެއްފަހަރު ކަންތައްތަކާ ކުރިމަތި ލާން ޖެހޭނީ އެކަމަށް އެއްގޮތަކަށްވެސް އުއްމީދު ކޮށްގެން ހުންނަ ދަނޑިވަޅެއްގަ އެއް ނޫނެވެ. ބައެއް ކަންކަމަކީ މީހާ އެކަމާ ކިތައްމެ ތައްޔާރު ނޫން ނަމަވެސް ކުރިމަތިނުލާ ނުވާނެ ކަންކަމެވެ. މިއީ ދުނިޔޭގެ އާދައެވެ. ހިތާމަތަކާ އުފާތަކެވެ. ތަފާތު މީހުން މިކަންކަމާ ކުރިމަތިލަނީވެސް ތަފާތުކޮންނެވެ. މާ ބޮޑަށް މާޔޫސްވުމުން ބައެއް މީހުން ހިތްވަރުދޫކޮށްލައެވެ. ދިރިއުޅެން އުނދަގޫ ނަމަވެސް އަނެއްބައި މީހުން ކުރިޔަށް ދަނީ ކުޑަ ނަމަވެސް އުއްމީދެއް އޮންނާތީއެވެ.

****

ދުވަހަކީ އާދަޔާޚިލާފަށް ބަނަކޮށް އޮތް ދުވަހެކެވެ. ޖެހެމުން ދިޔަ ވައިދިޔައީ ފަހަރަކަށްވުރެ ފަހަރެއް ގަދަވަމުންނެވެ. އެއަށްފަހު އޮއްސާލި ވާރޭ އަވަހަށް ހުއްޓަފާނެ ހެނެއް ހިޔެއްނުވެއެވެ. ހަމައެޔާއެކު ދޭތެރެ ދޭތެރެއިން އެޖަހާ ބާރު ގުގުރީގެ އަޑުން މުޅިތަން ގުގުމާލައެވެ. ނަން މައްޝޫރު ބޮޑު ވިޔަފާރަވެރިޔާ އަލީ އާމިރުގެ ގެ ކަމަށްވާ “ރަބީޢު” އަކީ ތަނަވަސްކަންބޮޑު ތަނެކެވެ. ގޭގެ ދޮރޯށިން ފަށައިގެން ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ މުއްސަނދިކަމުގެ މިސާލެވެ އަގުބޮޑެތި ފަރްނީޗަރުގެ އިތުރުން ގެ ވަށައިގެން ހައްދާފައިވާ މާ ބަގީޗާއަކީވެސް އެތައް ރުފިޔާއެއް ހަރަދު ކޮށްގެން ބަލަހައްޓާ ތަނެއް ކަން ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ އެއީ އާންމުކޮށް ރާއްޖޭގައި ނުހެދޭ ވައްތަރުތަކުގެ މާމެލާމެލީގެ ވަހުން މުޅިތަން އިތުރަށް ހިތްގައިމު ކުރުވައެވެ. މިއީ އާމިރުގެ މަންމަ ބަލްޤިސް ޚާއްސަ އިސްކަމެއް ދީގެން ބަލަހައްޓުވާ ތަނެކެވެ. ބަލްޤިސް އަކީ އުމުރުން ދުވަސްވީ ނަމަވެސް އަދިވެސް ވަރުގަދަ ޝަހުސިއްޔަތެއްގެ ވެރިއެކެވެ. ފިރިމީހާ ނިޔާވިފަހުން ހަތަރުދަރިން ބަލާބޮޑުކުރީ އެކަނި މާ އެކަންޏެވެ. އެކުދިންނަށް ރަނގަޅު ތައުލީމެއް ހޯދައިދިނުމަށް ރެޔާ ދުވާލު މަސައްކަތް ކުރިއެވެ. އެންމެ ދޮށްޓަށްހުރި އަލީ އާމިރު އާއިލާ ވިޔަފާރިއާ ހަވާލުވީ މަންމަގެ އެދުމުގެ މަތިންނެވެ. އާމިރު އާ ޖެހިގެން ހަގަށް ހުންނަ އަނަސް އަކީ ޑަކުޓަރެކެވެ. އެއާ ޖެހިގެން ހުންނަ އަހުސަންވެސް އޭނަ ބޭބެއާއެކީ އުޅެނީ ވިޔަފާރީގެ ކަންކަމުގައެވެ. އެންމެ ހަގަށް ހުންނަ ބަލްސަމް ވެސް މީހަކާ އިނދެގެން ފިރިމީހާ އާއެކީ ދިރިއުޅެނީ އޭނާގެ މަންމަ ކައިރީގައެވެ. އެއީ ބަލްޤިސް ވެސް ބޭނުންވި ގޮތެވެ. އާއިލާ ހުރިހާ ކުދިން އެއްފުރާޅެއްގެ ދަށުގައި އުޅުމެވެ. އޭގެ އިތުރުން ގޭގަ ހުރިހާކަމެއްވެސް ނިންމާނީ ބަލްޤިސްއެވެ. ބަލްޤިސްގެ ބަހަކީ ފަހުބަހެވެ. ބައެއްފަހު ހިތްހަމަނުޖެހުނު ނަމަވެސް ހުރިހާ ކުދިންވެސް މަންމަގެ ނިންމުންތަކަށް ކަމޭހިތައެވެ.

އާންމުގޮތެއްގައި ހިމޭންކޮށް އޮންނަ “ރަބީޢު” ގެ އޮތީ މުޅިން ހަލަބޮލި ކޮށްލާފައެވެ. ފަސް އަހަރު ފަހުން ކިޔެވުން ނިންމާލުމަށްފަހު އަހުސަން ހުރި ހަމައެކަނި އަންހެން ދަރިފުޅު އަނބުރާ ގައުމަށް އަންނަނީއެވެ. މީގެ ތިރީސް އަހަރު ކުރިން އަހުސަން އާއި ރާބިޔާގެ ކައިވެންޏަށް ދެކުދިން ލިބިފައިވާއިރު އެންމެ ދޮށްޓަށް ހުންނަ އަމީރާ ބޭނުންވީ ބޮޑުބޭބެ ފަދައިން ޑަކުޓަރަކަށް ވާށެވެ. އެހެންކަމުން ބަލްޤިސް ގެ ހުއްދައާއެކު އެހެން ޤައުމަކަށް ކިޔަވަން ބަދަލުވީ މަންމަ ރާބިޔާވެސް ގޮވައިގެންނެވެ. އެއީ އެކަނި އެ އާއިލާގެ އަންހެން ކުއްޖެއް ބޭރުގައި ކިޔަވަން ހުރުމަކީ ބަލްޤިސް ގަޔާވާ ކަމަކަށް ނުވީމައެވެ. އަލީނާ އާ ޖެހިގެން ދެން ހުންނަ އާލިމްގެ އުމުރުން އަދި އެންމެ ސަތާރަ އަހަރެވެ. މިއަހަރަކީ އޭނަގެ ގުރޭޑު ބާރަ ކިޔަވާ އިސްކޫލު ތައުލީމީ ހަޔާތް ނިންމާ އަހަރެވެ.

“ސާބަހޭ ދެން ތި މާ ޓުކުރި ނަގާ މަގޭ ބޮލަށް އަޅާލަބަލަ..” ފަހަރަކު ހަރުފަތެއް ގިރާ ކުރަމުން އައި އާލިމް އާ އަޅައިގަތީ ގެ ޒީނަތްތެރިކުރަން އުޅޭ ޚާދިމަކާއެވެ. “އާލިމް..” ގޭގެ އިސް ޚާދިމާ ހަބީބާ އާލިމް އަށް ގޮވާލިއެވެ. ހަބީބާ އަކީ “ރަބީއު” ގޭގައި އެންމެ ދުވަސްވީ ޚާދިމާއެވެ. މީގެ އިތުރުން ރާބިޔާ އަށް ވަގުތު ނުވުމުގެ ސަބަބުން އާލިމް ބަލާ އުޅުނީ މުޅިންވެސް ހަބީބާއެވެ. އެހެންކަމުން އާލިމް އަބަދުވެސް ހަބީބާއަށް އިހުތިރާމް ކުރެއެވެ. ތެދުތެދަށް ބުނަންޏާ އުފަން މަންމަ އަށްވުރެ ބޮޑަށް ހަބީބާ އާލިމް ގެ އިތުރުން ގޭގެ އެހެން ކުދީންނާވެސް ގާތެވެ. “ހަބީބައްތަ ބަލާބަލަ.. ހީވަނީ ދެން ބަލްޤިސް މާމަގެ އިތުރު ދަރިއެއް ނެތީހެން.. އަހަރުމެން މީހަކަށް ފިނިފެންމަލެއް ހާ ހިސާބުވެސް ނުލިބޭ. އެކަމް ބަލާ.” ހަބީބާ ފެނުމުން ހަބީބާ ކުރިމަތީ ހުއްޓި ހުރެ ކުޑަކުއްޖެއް ހެން ޝަކުވާ ކުރަންފެށިއެވެ. “އާލިމް..” “ނޫން ހަބީބައްތާ.. ހަބީބައްތަ ބުންޏަސް މަޑަކުން ނުހުރެވޭނެ.. އެއަމީރާ އެ ވަކި ކާކުތަ.. އޭނަ އަންނާތީ ކިތައް މާބޮނޑި.. ބަލްޤިސް މާމަގެ ބަގީޗާ ގަ ހުރިމަލަށް ވުރެ ގިނަ ވާނެ މިގޭތެރޭގަ މިހާރު މިހުރި އެއްޗެހި…. އެވެސް ދެން ކޯއ..” ހަބީބާ ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ އާލިމް ވާހަކަ ދައްކަމުން ގެންދިޔައެވެ. “އާލިމް..” މިފަހަރު އެއިވުނީ ހަމަގައިމުވެސް ހަބީބާގެ އަޑެއް ނޫނެވެ. ކަރުތެރޭގައި ހީވީ ނުކުންނަން އުޅުން ބަސް ތާށިވިހެންނެވެ. މުޅި މީހާ ގެ ކުލަވަރު ބަދަލުވިއެވެ. އޭރު ކުރިމަތީ ހުރި ހަބީބާ ކުރަމުން ދިޔަ އިޝާރާތް އާލިމް އަށް ފަހުމުވާ ގޮތްވިއެވެ. މަޑުމަޑުން ފަހަތަށް އެނބުރުނު އިރު މޭގަނޑު އަނގަޔަށް ނައިސް އޮތީ ހަމަ ކިރިޔާއެވެ. “ބަލްޤިސް މާމާ” ފާޑަކަށް ލުއި ހިނިގަނޑެއް ޖަހާލާފައި އެއްއަތުން ބޯކަހަމުން އޭނާ މާމައަށް ގޮވާލިއެވެ. ބަލްޤިސް ގެ ސީރިއަސް މޫނު ފެނިފައި އަވަހަށް އިސް އޮބާލީ އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެންނެވެ. “މަދަރުސާ ކިޔެވުން ފެށެނީ ކޮންދުވަހަކުން؟..” އެހުރި ގޮތަށް ހުރެ ބަލްޤިސް ކޮށްލި ސުވާލުން އާލިމް ކުޑަކޮށް ސިހުނެވެ. ކިޔެވުން ފެށޭ ދުވަހެއް ޚުދު އޭނާ އަކަށްވެސް ނޭނގެއެވެ. ކައިރީ ހުރި ހަބީބާއަށް ނަޒަރު ހިންގާލީ ކުޑަ އެހީއެއްނަމަވެސް ލިބޭތޯއެވެ. “ވަރަށް އަވަހަށް ހެން ހީވަނީ… އަދި ޓައިމްޓޭބަލް ނުލި…” “މާދަމާ….. ޓައިމްޓޭބަލް ނެރުނުތާ ކޮނދުވަހެއް” އާލިމްގެ ވާހަކަ މެދުކަނޑާލުމަށްފަހު ބަލްޤިސް ވާހަކަދެއްކިއެވެ. “އޯ…… ނޭ..ގުނީ”. “މިފަހަރު ކިޔެވުމަށް ފަރުވާތެރިވާތި..”. “ލައްބަ ބަލްޤިސް މާމާ..” އެއާކު ބަލްޤިސް ކުޑަކޮށް ބޯ ޖަހާލުމަށްފަހު ސިޑިން ތިރިޔަށް ފައިބަން ފެށިއެވެ. އަދި ވަކިހިސާބަކަށް ގޮސް ހުއްޓުމަށްފަހު ގޭގައި އުޅޭ އެހެން ޚާދިމަކަށް ގޮވާލިއެވެ. “ޖައުފަރު.. އާލިމް ކޮއްކޮ އަށް ފިނިފެންމާބޮނޑިއެއް ތައްޔާރުކުރޭ..” އެހެން ބުނުމަށްފަހު އެތަނުން ނިކުންނަން ބަލްޤިސް ހިނގައިގަތެވެ. ދެލޯ ބޮޑުކޮށްގެން ބަލްޤިސް އާ ދިމާލަށް ބަލަހައްޓައިގެން އާލިމް އަށް ހުރެވުނީ ހުޅުވާލެވުނު އަނގަ ބަންދުކުރަންވެސް ނޭނގިފައެވެ. ސިއްސައިގެންގޮސް ފަހަތައް އެނބުރެވުނީ މީހަކު ހޭއަޑު އިވިގެންނެވެ. އޭރު ހެމުން ހެމުން ލިޔާނާ އެދިމާލަށް އަންނަނީއެވެ. ލިޔާނާއަކީ އަނަސްގެ އެންމެ ހަގު އަންހެން ދަރިފުޅެވެ. އަނަސްގެ ތިން ކުދިން ހުންނަ އިރު، ލިޔާނާ އާ ޖެހިގެން ދޮށްޓަށް ހުންނަނީ ސައުވީސް އަހަރުގެ ލައިލާއެވެ. އެޔާ ޖެހިގެން ދެން ހުންނަނީ އުމުރުން ފަންސަވީސް އަހަރުގެ އަރުހަމްއެވެ. “ކިތައް މާ ބޭނުންވެގެން ތިއުޅެނީ؟..” ހެމުން ހެމުން އައި ލިޔާނާ އާލިމްގެ ކޮނޑުގައި އެއް އަތުން ޖަހާލަމުން ސުވާލުކޮށްލިއެވެ. އެއާއެކު ދެކޮޅަށް ބޯ ހޫރުވަމުން ހަބީބާ އެތަނުން ދިޔައެވެ. “އަދި ހިނކަންޖެއްހެން އެބަ ހެޔެއްނު…. ބޮލުގަ ނުޖަހަނީސް ފެއްސޭ މިތަނުން” ލިޔާނާއާ ދިމާލަށް ދެލޯ އަޅާލުމަށްފަހު ތިރިޔަށް ހިނގައިގަތެވެ. ލިޔާނާވެސް ހެމުން ހެމުން އާލިމް ފަހަތުން އޭނަ އާ ދިމާކުރަމުން ދިޔައެވެ. ލިޔާނާ އާއި އާލިމް އަކީ އެއްއުމުރެއްގެ ދެކުދިން ކަމަށްވުމުން ދެމީހުން އަބަދުވެސް އުޅޭނީ އެކުއެކީއެވެ. އެކަކު އަނެކަކާ އެހާވަރަށް ދިމާވެސް ކުރެއެވެ.

“ލައިލާ އަކަށްވެސް ނޭނގެ ދޯ މިޔަށްވުރެ ރީތިކޮށް ކޮޓަރިތެރެ ބާއްވާކަށް. މިހާރު ތީ ދެން ކުޑަ ކުއްޖެއް ނޫނެއްނު. އޭ ދެން ތެދުވަން އުޅޭ.. އަނެއްކާ ބަލްޤިސް މާމަ އައިމަ ހުންނާނެ ރީތިވެފަ” ދޮށީ އަންހެން ދަރިފުޅު ކޮޓަރީގައި އުކާފަ ހުރި އެއްޗެހި ނަގަމުން ޝީރީނާ ވާހަކަ ދެއްކީ އޭނާގެ އެންމެ ދޮށީ އަންހެން ދަރިފުޅާއެވެ. އޭރު ލައިލާ އަދިވެސް އެނދުން ތެދުވެވޭ ވަރެއް ނުވެއެވެ. “ދެން މަންމާ.. އަޅުގަނޑު އެސައިމެންޓް ނިންމީއޭ ރޭގަ..” މޯޅިއަކަށް ދެމިލުމަށްފަހު އެނދުން ތެދުވި ލައިލާ އޭނަ މަންމަ ކައިރީ ބުންޏެވެ. “ދެން މިހާރު ނިދިއްޖެއެއްނު އެކަމް.. އަވަހަށްދޭ ފެންވަރައިގެން ނިކުންނަން.. މިއަދު އަމީރާމެންވެސް އާދެއެއްނު… އަމީރާ އަންނަ ގަޑީ އެންމެން ހަމަނޫނިއްޔާ ބަލްޤިސް މާމަ ހިތްހަމައެއް ނުޖެހޭނެ… އަވަހަށްދޭ….” ކޮޓަރީގަ ހުރި އެއްޗެހި ހަމައަކަށް އަޅުވަމުން ޝީރީނާ ވާހަކަ ދައްކަމުން ދިޔައެވެ. މަންމަގެ ބަހަށް ބޯޖަހަމުން ލައިލާ ފާހަނާއާ ދިމާލަށް މިސްރާބު ޖެހިއެވެ. ތާޒާވެލައިގެން ނިކުއިން އިރު ކޮޓަރި އޮތީ ފަޅަށެވެ. ދެކޮނޑު އަރުވާލުމަށްފަހު ރީތިވާ މޭޒު ކުރިމަތީ ހުއްޓިލުމަށްފަހު މޫނުގަ ކްރީމް ކޮޅެއް ހާކާލުމަށްފަހު ފުށްކޮޅެއް ޖަހާލިއެވެ. އެއަށްފަހު ތުންފަތުގައި ލިޕް ބާމް ކޮޅެއް ހާކާލުމަށްފަހު އެސްފިޔައިގަ މަސްކަރާ ހާކައިލިއެވެ. ލައިގެންހުރި މަޑުފެހި ކުލައިގެ ދޫ ކުރުތާ ގަޔަށް ހެޔޮވަރުކޮށްލުމަށްފަހު ހެދުމާ ގުޅޭނެހެން ހަމައެކުލައިގެ ދޯބައްޓާއެއް ކަރުގައި އަޅުވާލުމަށްފަހު ކަޅުކަންގަދަ ދިގު އިސްތަށިގަނޑު ހާމައަށް ދޫކޮށްލިއެވެ. ގަޔަށް ސެންޓުކޮޅެއް ބުރުވާލުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. “އައްދެ އައްދޭ… މާ ނަލަ ހެދިލައިގެން ކޮންތާކަށް؟” ކޮޓަރިން ނިކުންނަމުންދިޔަ ލައިލާ ފެނުމުން ބޭރަށްދާން ނިކުއިން އަރުހަމް އޭނަ ކޮއްކޮއާ ދިމާނުކޮށްލާ ނުހުރެވުނެވެ. “ބޮޑު ކޮޓަރިއަށް….. ބަލްޤިސް މާމަ އެންމެނަށް ހާޒިރުވާން އަންގާފައޮތްކަމެއް ނޭނގޭތަ….. އަރުހަމްބެ ތިދާން އުޅޭތާކަށް ދެވެން ނެތްވާހަކަ ވަރަށް ހިތާމަޔާއެކު ދަންނަވަން” މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން ލައިލާވެސް އޭނަ ބޭބެ އާ ދިމާކޮށްލިއެވެ. “އަދި މިއުޅުނީ މައި ބޭބް އާ އެކީ ޑޭޓަކަށް ދާންކަމަށް….. ކޮންތަނެއްގަ ރޯވެގެންތަ މިއުޅެނީ……” ޕިސް ތަޅާލުމަށްފަހު އަރުހަމް ވާހަކަ ދެއްކިއެވެ. ” މިއަދު މިގޭ އަމީރާ ވަޑައިގަންނަވަނީއެއްނު. ބޮޑުދޮންބެ ވެއްޖެ އެމީހުން ބަލައި ގޮސް.. އެންޑް ބައި ދަ ވޭ…… ބޭބް ނަންބަރު ކިތަކެއްތަ އަރުހަމްބޭ” ހިނިގަނޑެއް ޖަހާލުމަށްފަހު ލައިލާ އަރުހަމް އާ ސުވާލު ކޮށްލީ އޭނާގެ ބޭބެގެ ގޮތް ރަނގަޅަށް އެނގިހުރެއެވެ. “ތިނެއް.. ތިޔެއް ނޫނޭ…. އަމީރާއާ ސަލާން ކުރަން އަހަރުމެން ނުދިޔަޔަސް ވަރިހަމަ ވާނެ….. އިއްފާން ހުރިއްޔާ އޭނަގެ ހިތް ފުރޭނެ” މިހެން ބުނުމާއެކު ދެމީހުންގެ ހިނިގަނޑުވެސް ފަޅައިގެންދިޔައީ އެއްފަހަރާއެވެ. ދެމީހުން ދެމީހުނަށް އޭތި މީތި ކިޔަމުން ބޮޑުކޮޓަރިއަށް އާދެވުނު އިރު ބަލްޤިސްގެ އިތުރުން ހުރިހާ ކުދިންވެސް އެތާ ތިއްބެވެ. ހަމައެކަނި މަދުވަނީ އާމިރުގެ ދޮށީ ދެފިރެހެން ކުދިންނެވެ. އެންމެ ހަގަށް ހުންނަ އުމުރުން ތޭވީސް އަހަރުގެ މަނީހާ އިނީ ލިޔާނާއާ ޖެހިގެން ސޯފާގައި އިށީނދެލައިގެންނެވެ. ބަލްޤިސް އިރުކޮޅުކޮޅާ ގަޑިއަށް ބަލާލިއެވެ. ވެހެމުން ދިޔަ ވާރޭ އަދިވެސް ހުއްޓާކަށް ނޫޅެއެވެ. ކުއްލިއަކަށް ހެދި ވިއްސާރަޔަކުން ބަލްޤިސްގެ މޫނު އިނީ ސަކަރާތްވެފައެވެ. ބަލްޤިސްގެ އަންހެން ދަރިފުޅު ބަލްސަމްވެސް އޭނަ މަންމަ ޔާ ޖެހިގެން އިން ސޯފާގައި މޫނު ކުނިކޮށްގެން އިނީ އެއްޗެކޭ ބުނަން ނުކެރިފައެވެ. އެހާ ރީތި ފިލްމެއް އަޅުވައިގެން އިންދާ ވިއްޔާއެވެ. ބަލްސަމް އާ ޖެހިގެން އިން އޭނާގެ ހުރި ހަމައެކަނި ދަރިފުޅާ ދިމާލަށް ބަލާލިއެވެ. ” މާހިރާ ތި މޫނުގަ ފުއްކޮޅެއް ޖަހައިގެން ބޭރަށް ނިކުންނާށޭ ކިތައް ފަހަރު ބުނާނީ..” އެއަށްފަހު މޫނު އިތުރަށް ކުނިކޮށްލުމަށްފަހު އަންހެން ދަރިފުޅު ކަންފަތްދޮށުގަ ސިއްރުސިއްރުން ބުނެލިއެވެ. އެއާއެކު މާހިރާގެ މޫނުން ފެނުނީ މާޔޫސްކަމެވެ. ގައިގެ ހަމުގެ ކުލަ ގޭގެ އެހެން ކުދިން ފަދައިން އަލިކޮށް ނުހުންނާތީ އެވާހަކަ އަބަދުވެސް އޭނަގެ މަންމަ ދައްކާނެއެވެ. ހަށިގަނޑު އަލިކުރަން ތަންތަނުން އަގުބޮޑެތި ކުރީމްތަކާ އެއްޗެހި ގެނެސްގެން ގަދަކަމުންވެސް މާހިރާ މޫނުގައި އެ އެއްޗެހި އުނގުޅުވާނެއެވެ. ކިތައްމެ ހިތްހަމަނުޖެހުނު ނަމަވެސް މަންމަވެ އެއްޗެކޭ ނުބުނެ ހުންނަނީއެވެ.

“އާޝިޔާ…. އައިދިން އާ އިއްފާން އާ ކޮބާ…… ހުރިހާ ކުދިންވެސް އަންނަންވާނޭ ބުނީމެއްނު” ބަލްޤިސް ވާހަކަ ދެއްކީ އާމިރުގެ އަންހެނުންނާއެވެ. “އައިދިން މިހުރީ ބަލްޤިސް މާމާ…. އިއްފާން ދިޔަތަނެއް ނޭނގެ” ގޭގެ ބޮޑުދޮރުން ދުވަމުން ކަހަލަ ގޮތަކަށް ވައިން އައިދިން ބަލްޤިސް އަށް ގޮވާލަމުން ބުންޏެވެ. “ދެން މިއޮށް ވިއްސާރައިގަ މިކުދިން ކޮންތާކަށް ދާކަށް… ގައިމު އާމިރު އާ އަހުސަންވެސް އަންނަން އުޅޭނެ އަމީރާމެން ގޮވައިގެން….. އެހާ ދުވަސްފަހުން ގޭ އެންމެން އެއްތަންވާއިރު ހުންނަން ވާނެ ދޯ…. އައިދިން. އެސޮރަށް ގުޅާބަލަ” ބަލްޤިސް ވާހަކަދެއްކީ ކުޑަކޮށް ހިތްހަމަ ނުޖެހި ހުރެއެވެ.

***

ވެހެމުން ދިޔަ ބޯ ވާރޭ ތެރޭ ކާރުދުއްވަމުން ދިޔަ އިއްފާން އަދިވެސް އިތުރަށް ދުވެލި ބާރުކޮށްލިއެވެ. ރައްޓެހިންތަކަކާއެކީ ބޭރުގައި އުޅުމުގެ ތެރޭގައި ބަލްޤިސް މާމަގެ ވާހަކަ ހަނދާނުން ކައްސާލީއެވެ. ގެއަށް ދާތަނުން ކަންތަކާ ޖެހުނީއޭ ހިތައްއެރިއެވެ. އެހެންވެ އޭނަ ބޭނުންވީ ވީހާވެސް އަވަހަކަށް ގެޔަށް ދެވޭތޯއެވެ. ރިންގުވަމުން ދިޔަ ފޯނަށް އިއްފާނު ނަޒަރު ހިންގާލިއެވެ. އޭރު އޭނަގެ ބޭބެ އައިދިން ގުޅަނީއެވެ. ލަސްވެގެންކަން މާކުރިންވެސް އިއްފާން އަށް އިނގުނެވެ. ޖެހިގެން އޮތްމަގަށް އަޅާލަން އުޅުނު އިއްފާން ސިއްސައިގެން ދިޔައީ ކާރު ކުރިމައްޗަށް ދުވެފައި އެ މަގަށް ނިކުއިން މީހަކު ހުއްޓުމުންނެވެ. ކާރު ހުއްޓުނީ ހަމަކިރިޔާއެވެ. ދެލޯ ބޮޑުކޮށްލުމަށްފަހު ކުރިމަށްޗަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނީއެވެ. ކާރު ކުރިމަތީ ހުރީ އިސްކޮޅުން ކުރު އަންހެންކުއްޖެކެވެ. ލައިގެން ހުރި ގަދަ ރަތްކުލަޔަށްދާ ކުރުތާ ވާރޭގެ ސަބަބުން ވަނީ ގައިގައި އެއްކޮށް ހިފާފައެވެ. އިސްތަށިގަނޑު ފަހަތައް ދޫކޮށްލެވިފައިވާއިރު ކަންފަތުގައި ދެއަތް އަޅާ ބާރުކޮށްލައިގެން ހުރީ އިސްދަށަށް ޖަހައިގެންނެވެ. އޭރު މުޅިމީހާ ފިނިން ރޫރޫ އަޅަމުންދިޔައެވެ. ސިހުމެއްގައި ހުރި އިއްފާންއަށް ހަމަހޭވެރިކަމެއް ވުމުން އަވަހަށް ކާރުން ފޭބީ އެކުއްޖާއަށް އެއްވެސް އަނިޔާއެއްވިތޯ ޔަގީން ކުރުމަށެވެ. “އާ ޔޫ އޯކޭ؟….” ވާރޭ ތެރެޔަށް ނިކުއިން އިއްފާން އެ އަންހެން ކުއްޖާ ކުރިމަތީ ހުއްޓިލަމުން ސުވާލު ކޮށްލިއެވެ. އިއްފާންގެ އަޑު އިވުމުން ސިއްސައިގެން ގޮސް މައްޗާށް ބަލާލި ހިނދު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އިއްފާންގެ ލޮލުން ފެންނަމުން ދިޔައީ ހައިރާންކަމެވެ. މިއޮށް ވިއްސާރައިގަ އެކަނި މާއެކަނި ކީއްކުރަނީ ހެއްޔެވެ. ހަމައެޔާއެކު އެ އަންހެން ކުއްޖާ ގެ ދެލޮލުން ފެންނަމުން ދިޔައީ ހިތާމައެވެ. ނަމަވެސް ކީއްވެގެންހެއްޔެވެ؟

 

ނުނިމޭ…

Share Article

Follow Me Written By

Minhaaa

Level 110 Stories

Other Articles

Previous

އުމުރައް ވެސް ލޯބިވިން – އެގާރަ ވަނަ ބައި

Next

ފުރަތަމަ ލޯބި (އެއްވަނަ ބައި)

Next
February 7, 2023

ފުރަތަމަ ލޯބި (އެއްވަނަ ބައި)

Previews
January 31, 2023

އުމުރައް ވެސް ލޯބިވިން – އެގާރަ ވަނަ ބައި

One Comment

  1. Mm says:
    February 5, 2023 at 5:13 pm

    Vaahaka reethivaane kamah ummeedhu kuran

Comments are closed.



All Right Reserved!