Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ފަންސަތިރީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
October 10, 2015 8 Mins Read
45 Comments

“ދެން އެހާ ކުރީގެ ހަނދާނެއް ނުވެސް ހުންނާނެތާދޯ؟ އެކަމަކު އަހަރެން ހަނދާން އެބަހުރި. ޔޫ ވާ މައި ޗައިލްޑްހުޑް ކްރަޝް!” އަޙްސަން ހެވިފައިހުރެ ބުނެލިއެވެ. އޭނަގެ ފުރިހަމަ ހިނިތުންވުން ފެނިފައި އަފްރީން އުނދަގުލެއްވެގެން އުޅޭ ފަދައަކުން ދުރުބަލަން ފެށިއެވެ. އެތެރެއަށް ދާންވީއޭ ހިތަށްއެރިއެއްކަމަކު އިސާހިތަކު ބައްޕަ އައިސްދާނެއޭ ހިތް ބުންޏެވެ. އަފްރީނަށް މަގުގެ ވާތް ފަރާތަށް ބަލާލެވުނީ ޖިޕެއްގެ ނިޝާނެއް ފެނޭތޯއެވެ. އޭނައަށް ނޭނގި ހުއްޓާ  އަޙްސަން ލަސް ފިޔަވަޅުތަކެއްގައި އޭނަ ގާތަށް އަންނަން ފެށިއެވެ. އަޙްސަން އަފްރީނާއި އެއްފިޔަވަޅު ދުރުގައި ހުރެ އަފްރީންގެ ކޮނޑުގައި އަތް އަޅާލަން އުޅުނު ވަގުތު އޭނަގެ މުލައްދަނޑީގައި މީހަކު ބާރަށް ހިފަހައްޓާލިއެވެ. އަޙްސަން ނުރުހުންތެރިކަން ވެރިވެގެން ދިޔަ މޫނަކާއެކީ އެއްފަހަރު އޭނަގެ މުލައްދަނޑީ ހިފަހައްޓައިގެން ހުރި އަތަށް އަނެއްފަހަރު އެ އަތުގެ ވެރިޔާއަށް ބަލާލިއެވެ. އޭނަގެ ކުރިމަތީގައި ހުރީ ރުޅިން ރަތްވެފައިހުރި މިޞްބާޙެވެ.

 

“އަމިއްލައަށް ދާނީތަ؟ ނޫނީ ގެއަށް ލައިދޭންވީތަ؟” މިޞްބާޙް ދެދަތްޕިލަ ޖައްސައިގެން ހުރެ ބުނެލިއެވެ. އޭނަގެ އަޑަށް އަފްރީނަށް ސިހުންވެފައި އެފަރާތަށް ބަލާލެވުނެވެ. އަފްރީނަށް ހީކުރެވުނީ މިޞްބާޙް ވާހަކަ ދެއްކީ އޭނައާއި ކަމަށެވެ. އެހެނަސް އެއީ ކުށްހީއެއްކަން އެނގުނީ މިޞްބާޙް އަޙްސަނާއި ދިމާލަށް ބަލަހައްޓައިގެން ހުރިތަން ފެނުމުންނެވެ. އެ ދެމީހުންގެ މޫނުމަތީގައިވެސް ވީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އަޙްސަން ކުއްލިއަކަށް އޭނަގެ އަތް ދަމައިގަތް ގޮތުން އަފްރީން ސިހުންވިއެވެ.

 

“ކަލެއަށް ކޮންކަމެއް؟ އަހަރެން މި ވާހަކަ ދައްކަނީ އަހަރެންގެ ދުވަސްވީ އެކުވެރިޔަކާ.” އަޙްސަން ބުމަގޮށްޖެހިފައިހުރެ މިޞްބާޙާއި ދިމާލަށް ބުނެލިއެވެ.

 

“ވާހަކަ ދެއްކިޔަސް ގަޔަށް އަތްލާކަށް ނުޖެހޭނެ!” މިޞްބާޙް އިހުނަށްވުރެ ހަރުއަޑަކުން ބުންޏެވެ. އަޙްސަންގެ މޫނުމައްޗަށް ވެރިވީ އޭނަގެ ބޮލުގައި ދޮގު އިލްޒާމެއް އެޅުވުނުފަދަ އަސަރެކެވެ. އޭނަ އަފްރީނާއި ދިމާލަށް ބަލާލިއެވެ.

 

“އަފް….އަފޫ ބަލާލަބަލަ. އަހަރެން އަފޫ ގަޔަށް އަތްލިންތަ؟” އަޙްސަން މައުސޫމް މޫނަކާއެކީ ސުވާލުކުރިއެވެ. އަފްރީންގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ. ދެންމެ މިވީގޮތެއް އޭނައަށް ނަގައިގަނެވުނީ އަދި ކިރިޔާއެވެ. މިޞްބާޙް ދެންމެ އަޙްސަންގެ އަތުގައި ހިފައިގެން ހުރިތަން ސިފަވުމުން މިޞްބާޙް އެ ބުނަނީ ތެދެއްކަން އަފްރީނަށް ޔަޤީންކުރެވުނެވެ.

 

“ގަޔަށް އަތްނުލިޔަސް މާ ރަނގަޅު ގޮތަކަށްނޫން އަޙްސަން ވާހަކަ ދެއްކީ.” އަފްރީން ސާބިތުކަމާއެކީ ބުނެލިއެވެ. އަޙްސަންގެ ދެ ބުމަ ކައިރިވިއެވެ.

 

“އަފޫ އަހަރެން…….” އަޙްސަންގެ ވާހަކަ ފުރިހަމައެއްނުވިއެވެ.

 

“ދާން އުޅޭށޭ!” މިޞްބާޙް އަޑުގެ ކޮޅަށް އެހެން ބުނެލި ވަގުތު އަފްރީން ސިއްސައިގެން ދިޔައެވެ. މިޞްބާޙްގެ ހަރު އަޑު މުޅި ތަންގަނޑަށް ގުގުމައިގެން ދިޔަހެން ހީވިއެވެ. އެ އަޑަށް މަގުމަތިން ހިނގާފައި ދިޔަ ބަޔަކާއި އެގޭގެ ކުރިމަތީގައި ހުރި ފިހާރައިގެ ތެރޭގައި ތިބި މީހުންގެ ނަޒަރުތައް އެ ދިމާލަށް ހުއްޓުނެވެ. ފިހާރައިގެ ފާރަށް ލެނގި ފޯނު ހިފަހައްޓައިގެން ހުރި ޒުވާނާވެސް ސީދާވެލައިފިއެވެ.

 

“މިޞްބާޙް ކިހިނެއްތަވީ؟” ގޭގެ ދޮރު ހުޅުވާލަމުން ދޮރުމައްޗަށް އެރި ޒާހިޔާ ދުރުގައިހުރެ ސުވާލުކުރިއެވެ. އެއާއެކު ގޭޓު ކައިރީގައި ތިބި ތިން ޒުވާނުންނަށް ވެސް އެ ދިމާލަށް ބަލާލެވުނެވެ.

 

“މާ ބޮޑު ކަމެއްނުވޭ މަންމާ.” މިޞްބާޙް ޒާހިޔާއަށް ބަލަހައްޓައިގެން ހުރެ ޖަވާބުދިނެވެ. އަޙްސަން ރުޅިވެރިކަމާއެކީ އެއްފަހަރު މިޞްބާޙަށް އަނެއްފަހަރު އަފްރީނަށް ބަލާލަމުން މަގާއި ދިމާލަށް ނަޒަރު ހިންގާލިއެވެ. އޭނައަށް ހުއްޓިފައިވާ ލޯތަށް ފެނިފައި އަޙްސަން ތުންފިއްތާލިއެވެ. އޭނަ ފިހާރައާއި ދިމާލަށް ބަލަން ހުއްޓާ އެތާނގައި އަދިވެސް ފޯނު ހިފަހައްޓައިގެން ޒުވާނާއާއި އޭނަގެ ލޯ ބައްދަލުވިއެވެ. އަޙްސަން ހިނގައިގަތުމަށް ބޮލުން ޢިޝާރާތް ކުރަމުން އަމިއްލައަށް ވެސް ކުރިއަށް ހިނގައިގަތެވެ. މިޞްބާޙާއި އަފްރީނަށް އެކުއެކީގައި އަޙްސަނަށް ބަލާލި ވަގުތު އޭނަ އެމީހުންނަށް ފަސްދީފިއެވެ. އަޙްސަންގެ ފަހަތުން ފޯނު ހިފައިގެން ހުރި ޒުވާނާވެސް ދިޔައެވެ. ނަމަވެސް އޭނަ މަގުގެ އަނެއްފަރާތުން ދިޔަގޮތުން އޭނައަކީ އަޙްސަންގެ “އެކުވެރިއެއްކަން” އެކަކަށްވެސް ނަގައިނުގަނެވޭނެއެވެ.

 

މިޞްބާޙް އަޙްސަން ދާތަން ބަލަން ހުރެފައި އަފްރީނާއި ދިމާލަށް ބަލާލިއެވެ.

 

“ދެންވެސް އެކަނި ބޭރުގަ ނުހުންނަން ދަސްކުރާތި.” މިޞްބާޙް ސީރިއަސްކަމާއެކީ ބުނެލިއެވެ. އަފްރީނަށް މިޞްބާޙާއި ދިމާލަށް ބަލާލެވުނެވެ. މިޞްބާޙްގެ މޫނުމަތީގައިވި އަސަރަކުން އަފްރީން ހުއްޓުން އަރާ ގޮތްވިއެވެ. އެ މޫނުން ފެނުނީ ރުޅިވެރިކަން ކަމެއް ނޫނީ ކަންބޮޑުވުން ކަމެއް އަފްރީނަކަށް ނޭނގުނެވެ. އެނގުނުހާވެސް ކަމަކީ މިޞްބާޙް ދެންމެ އެ ބުނެލި ބަސްތަކަކީ މިޞްބާޙް އޭނައާމެދު އަޅާލާތީ ބުނި ބަސްތަކެއްކަމެވެ. އެ ޚިޔާލު ހިތަށް ވަނުމުން އަފްރީންގެ ހިތް އުފަލުން ފުރުނެވެ. އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވާން އުޅުނު ވަގުތު ޖިޕެއްގެ އަޑު އިވުނެވެ. އަފްރީން އެ ދިމާލަށް ބަލާލި ބައްޕަގެ ހުދުކުލައިގެ ޖިޕް އެ ގެއާއި ކައިރިވަމުން ދިޔަތަން ފެނުނެވެ. އަފްރީން އަނެއްކާވެސް ފަސްއެނބުރި ބަލާލިއިރު މިޞްބާޙް ފެންނާކަށް ނެތެވެ. އޭނައަށް ބޭއިޚްތިޔާރުގައި ފެންޑާއާއި ދިމާލަށް ބަލާލެވުނު ވަގުތު މިޞްބާޙް ޒާހިޔާ ގާތު އެއްޗެކޭ ބުނަމުން ގެއާއި ދިމާލަށް ހިނގާފައި ދިޔަތަން ފެނުނެވެ. ޖިޕް އަފްރީންގެ ކުރިމައްޗަށް މަޑުކޮށްލުމުން އަފްރީން ގަދަކަމުން ކަހަލަ ގޮތަކަށް މިޞްބާޙާއި ނަޒަރު ވަކި ކުރިއެވެ. އެއަށްފަހު ޖިޕްގެ ވަށައިގެން ގޮސް އެއަށްއެރިއެވެ. ބައްޕަ ލަސްވީތޯ ސުވާލުކުރުމުން އަފްރީން ނޫނެކޭ ބުނީ ދެންމެ ކަންތައް ވީގޮތް ކިޔައިދޭން ބޭނުންނުވެގެނެއްނޫނެވެ. މިޞްބާޙަށް މާ ބޮޑަށް ތަޢުރީފު ކުރެވިދާނެތީ އޭނަ ޖެހިލުންވީއެވެ. އަފްރީނަށް ގެއަށް ދިޔަ ދަތުރުމަތީގައި މުޅިން ވެސް އިނދެވުނީ މިޞްބާޙްގެ ޚިޔާލުތަކުގައެވެ.

 

**

 

ސިނާންގެ ގޭގެ ސިޓިންގް ރޫމުގައި ތިބީ އޭނައާއި އަޙްސަނާއި އޭނަގެ އެހެން އެކުވެރިއެއްކަމަށްވާ ނިހާދެވެ. ސިނާން ސިޓިންގް ރޫމުގެ ދިގު ސޯފާގައި އިނީ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި އޮތް ފޯނުން ޕްލޭއި ކުރެވިފައިވީ މިރޭ މިޞްބާޙްގެ ގޭގެ ކުރިމަތީގައި ހިނގި ކަންތައްތަކެވެ. އަޙްސަނާއި ނިހާދު ވަކިން ހުރި ދެ ސޯފާގައި ޖެހިލުންވެފައި ތިބިއިރު ވީޑިޔޯ ބަލަން އިން ސިނާން ހުރީ ރުޅިން ތުރުތުރު އަޅައަޅައެވެ. ވާހަކަ ދެއްކިޔަސް ގަޔަށް އަތްލާކަށް ނުޖެހޭނެއޭ މިޞްބާޙް ބުނެލިތަން ފެނިފައި ސިނާން ދަތްކުނޑި ވިކަމުން ދިޔައެވެ. މިޞްބާޙް ހަޅޭއްލެވި މަންޒަރު ބެލިއިރު ސިނާން ހީވީ ރުޅިން ގޮސް ފަޅައިގެން ހިނގައިދާނެހެންނެވެ. ވީޑިޔޯ ކުރިއަށް ދަމުން ގޮސް އަޙްސަން ދުރަށް ހިނގައިގަތްތަން ފެނިފައި ސިނާން ކުއްލިއަކަށް ފޯނު ނަގައި ކޮޅަށް ތެދުވެ ބިއްލޫރި މޭޒުމައްޗަށް އެ ފޯނު ޖަހާލިއެވެ. ބިއްލޫރި ތަޅައިގެން ދިޔަ އަޑުފަތްގަނޑަށް އަޙްސަނާއި ނިހާދަށް ތެދުވެވުނެވެ.

 

“އެ މިޞްބާޙް އެއްޗެކޭ ބުނާއިރަށް ކަލޭމެން ޖެހޭތަދާން؟” ސިނާން އޭނަގެ ދެ އެކުވެރިންނަށް ބަލާލަމުން ސުވާލުކުރިއެވެ.

 

“އެންމެން އަހަރެންނާއި ދިމާލަށް ބަލަން ތިބީ. އެކަހަލަ ވަގުތެއްގަ….” އަޙްސަން ދައްކަން ފެށި ވާހަކަ މެދުކެނޑުނެވެ.

 

“އަހަރެން ބުނެފަ އޮތީ ކީކޭތަ؟ އޭނަ ހައްލާލައިގެން މީހުން ނުތިބޭ ތަނަކަށް ގެންދާނިއްޔޭ.” ސިނާން ހަރުއަޑުން އެއްޗެހި ގޮވިއެވެ. އަޙްސަނާއި ނިހާދު ކުށްވެރިން ފަދައިން ދުރުހޯދަން ފެށިއެވެ.

 

“އޭނަ ހައްލާލުމަކީ އެހާ ފަސޭހަކަމެއްނޫން.” އެހެން ބުނެލީ ގޭގެ ހުޅުވާލެވިފައިވާ ދޮރުމައްޗަށް އެރި ނައުފާއެވެ. ސިނާން އެދިމާލަށް ބަލާލިއިރު ނަޝާވެސް ނައުފާގެ ފަހަތުން އައިސް ނައުފާގެ ކައިރީގައި ހުއްޓިލައިފިއެވެ.

 

“އެއީ ކީއްވެ؟ އޭނައަކީ އަންހެން ކުއްޖެއްވިއްޔާ ރީތި ފިރިހެން ކުއްޖަކު ދަޢުވަތު ދިނީމަ އަންނާނެއެއްނު؟” ސިނާން ވާހަކަ ދެއްކިއިރު ނައުފާއާއި ނަޝާ ގޭގެތެރެއަށް ވަދެގެން އައިއްސިއެވެ. އަދި ތަޅައިގެން ގޮސްފައިވާ މޭޒާއި ތަންކޮޅެއް ދުރުގައި ހުއްޓިލިއެވެ.

 

“އަހަރުމެން އޭނަ ހައްލަން މިއުޅެނީ އަދި ރަނގަޅު ގޮތަކަށް ނޫންކަންނޭނގެ. މިއީ މިއަދު އެގޭގަ ދެކެވުނު ވާހަކަތައް.” ނަޝާ އެހެން ބުނެލަމުން އޭނަގެ އަތުގައި އޮތް ފޯނުން ރިކޯޑިންގް ޕްލޭއި ކޮށްލަމުން އަތްމަތީގައި ފޯނު ބާއްވައި ކުރިއަށް ދިއްކޮށްލިއެވެ. ފޯނުން މިއަދު ނަޝާއާއި އަފްރީނާއިމެދު ދެކެވުނު ވާހަކަތައް އިވެން ފެށިއެވެ. އެންމެން ވެސް ކަނުލައި އެއަށް އަޑުއަހަން ތިއްބެވެ. އަފްރީން އަޙްސަންމެންގެ މެސެޖުތަކުގެ ވާހަކަތައް ކިޔައިދިން ގޮތުން ސިނާން އެމީހުންނަށް ލޯއަޅާލިއެވެ. އޭނަ ރިކޯޑިންގް ނިމުނީ ކަމަށް ހީކޮށް އެމީހުންނާއި ދިމާލަށް އަނެއްކާވެސް އެއްޗެހި ގޮވަން އުޅުނު ވަގުތު ދެންވެސް އަފްރީން ވާހަކަ ދެއްކި އަޑު އިވުނެވެ.

 

“މިޞްބާޙް ތަފާތުވަނީ އެހެންވީމަ. ކޮންމެ ކޮންމެ މީހަކަށް ވެސް ތަޢުރީފު ކުރެވިދާނެ. ފޮނިފޮނި ބަސްތައް ބުނެލެވިދާނެ. އަގުބޮޑު ހަދިޔާތަކެއް ދެވިދާނެ. އެކަމަކު ޤަދަރު ކުރުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއްނޫން.” އަފްރީން އެހާ ހިސާބަށް ބުނެލިތަނާހެން ނަޝާ އޭނަގެ އަތުގައި އޮތް ފޯނުން ރެކޯޑިންގް މަޑުޖައްސާލިއެވެ.

 

“އޭނަ ބޭނުންވަނީ އޭނައަށް ޤަދަރުކުރާ މީހަކު.” ނަޝާ ބުނެލިއެވެ.

 

“ފޫހިވާ ޒާތެއްގެ ކުއްޖެއް ހުވާ! ދެން މަ ކޮންތަނަކުންތަ އޭނައަށް އެ ޤަދަރެއް ކުރާ މީހަކު ހޯދަނީ؟ މި ދެމީހުންނާމެދު އޭނަ ދެކޭގޮތް މުޅިން ސަކަރާތްވެއްޖެ. މަ އަނބުރާ ދާންޖެހޭ ދުވަސްވެސް ކައިރިވަނީ.” ސިނާން ރުޅިވެރިކަމާއެކީ ހުތުރު ބަހެއް ކިޔާލަމުން ސޯފާގައި އިށީނެވެ. އެއަށްފަހު ދެއަތް ޖޯޑުކޮށް ނިތުގައި ޖައްސާލިއެވެ. އެ ހުރިހާ އެންމެންގެ މެދަށް ހިމޭންކަމެއް ވެރިވިއެވެ.

 

“އަހަރެން ޚިޔާލެއްދެންތަ؟” ހިމޭންކަން ނަގާލީ ދެއަތް އުރާލަމުން ވާހަކަ ދެއްކި ނައުފާއެވެ.

 

“ކޮން ޚިޔާލެއް؟” ސިނާން އިސްއުފުލާލަމުން އަހާލިއެވެ. ނައުފާ ވަގުތުން އޭނަގެ ޚިޔާލު ކިޔައިދޭންފެށިއެވެ. ސިނާނާއިއެކި ދެންތިބި އެންމެންވެސް ޝައުޤުވެރިކަމާއެކީ ނައުފާގެ ވާހަކަ އަޑުއަހަމުން ދިޔައެވެ. ނައުފާގެ ވާހަކައިގެ މެދުތެރެއިން ސިނާނަށް އެއްމިޔަކަނުން ހިނިތުންވެލެވުނެވެ. ވާހަކަ ނިމުނުތަނާހެން އޭނަ ކޮޅަށް ތެދުވެލަމުން އަތްތިލަ ބަޑި ޖަހަން ފެށިއެވެ.

 

“ޖަސްޓް ވާވް ނައު! ވާވް!” ސިނާން ހެވިފައިހުރެ ނައުފާއަށް ތަޢުރީފުކުރިއެވެ. ނައުފާ ފޮނިގޮތަކަށް ކޮނޑު އަރުވާލިއެވެ.

 

“އައި ނޯ އައިމް އޯސަމް. ދެން ތިހާވަރު ނުވިޔަސް ހެޔޮ. އަހަރެން ބޭނުންވަނީ އެ އަފްރީން މިޞްބާޙާއި ދުރުވާން. ހިތުން އެބައުޅޭ މިޞްބާޙްގެ ލޯބިވެރިޔާ ކަމަށް ހެދިގެން. އެ އަފްރީން ކަރުނަ އަޅާތަން ބަލަން ބޭނުންވެގެން ހުންނަތާ އެތައް ދުވަހެއްވެއްޖެ. އޭނައަށް ލިބިފައިހުރި މޮޅުކަމަށްޓަކައި މާ ފޮނިވެގެން އޭނަ އެއުޅެނީ. ނަސީބެއް މިހާ ދުވަސް ވަންދެން ސިނާން އަހަރެންގެ ކްލޯޒް ފްރެންޑެއްގެ ގޮތުގަ ހުރިކަން. އަސްލުވެސް ވަރަށް އުފާވި ސިނާން މަސައްކަތް ކުރަނީ އަހަރެން ވެސް ބޭނުންވާފަދަ ކަމަކަށްޓަކައިކަން އެނގުނު ދުވަހު.” ނައުފާ ލުއި ހިނިތުންވުމަކާއެކީ ބުނެލިއެވެ.

 

“ހެހެހެ…….އަހަރެން ވެސް އުފާވޭ ތިކަހަލަ ބްރިލިއެންޓް ކުއްޖަކު އަހަންނާ އެކީ ހުރީތީ. ހާސްނުވޭ. ތި މާސްޓާރ ޕްލޭން ކާމިޔާބު ކުރެވޭނެކަން ޔަޤީން.” ސިނާންގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.

 

އެ ދުވަސްފަހުން ސިނާން މިޞްބާޙްގެ ގެއަށް ގިނަގިނައިން އަންނަން ފެށިއެވެ. މިޞްބާޙާއި ދުވަހަކުވެސް ވާހަކަ ނުދައްކާ ވަރަށް ދައްކަން ފެށިއެވެ. މިޞްބާޙް އެކަމާމެދު ސުވާލުކުރުމުން ސިނާން ބުނީ އޭނަގެ ހުރިހާ އެސައިންމެންޓެއް ނިމުނީކަމަށެވެ. މިޞްބާޙް އަދި އެއް އެސައިންމެންޓް ނުނިމި އޮތެއްކަމަކު އޭނަ ސިނާން އަންނައިރަށް ސިނާނާއިއެކީ ވަގުތު ހޭދަ ކުރެއެވެ. ސިނާނާއެކީ ސައިކަލުންނާއި ކާރުން ރަށު ވަށައި ދުއްވައި ހެދިއެވެ. ކާރު ދުއްވަން ދިޔަ ފުރަތަމަ ދުވަހު ސިނާން ކާރަށް އެރީ ސީޑީއަކާއިއެކީގައެވެ. މިޞްބާޙް ކާރު ދުއްވަން ފެށި ފަހުން ސިނާން އޭނައަށް އެންގުމެއްނެތި އެ ސީޑީ އަޅުވާލިއެވެ. އޭގެ އިރުކޮޅެއްފަހުން އިނގިރޭސި ލޯބީގެ ލަވައެއް ކިޔަން ފެށުމުން މިޞްބާޙަށް އެހެން ކަހަލަ ގޮތެއްވިއެވެ. ލަވަ އަޑުއެހުމަކީ ރަނގަޅު ކަމެއްނޫންކަން އެނގުނުފަހުން އޭނަ ލަވައެއް އަޑުއަހާފައެއް ނުވެއެވެ. އަޑުއަހާ ހިތެއް ނުވެސްވަނީއެވެ. ޤުރުއާނުގެ އާޔަތްތަކުގެ ފުންކަން އޭނަގެ ހިތަށް އެނގުނު ފަހުން އޭނައަށް ލަވަތަކުގެ ބަސްތައް ތިލައެވެ. އެހެންކަމުން އެއްވެސް ލަވައަކުން އޭނަގެ ހިތަށް ފުރިހަމަ ހަމަޖެހުމެއް ލިބޭގޮތެއް ނުވެއެވެ. މި ވަގުތު ވެސް އިވެމުން ދިޔަ ލަވައިން އިވެމުން ދިޔައީ ފިރިހެން ކުއްޖަކު އޭނަގެ ހިތުގައި އަންހެން ކުއްޖާއަށްޓަކައިވާ ލޯބި ކިޔައިދޭ ގޮތެވެ. އެ ލޯތްބާއި ނުލާ ނުއުޅެވޭނެ ކަމަށާއި އެ އަންހެން ކުއްޖާ ޙަޔާތުގައި ނުވިނަމަ މުޅި ޙަޔާތުގެ މާނައެއް ނޯންނާނެ ކަމުގައި ބުނަމުން ދިޔަ ވާހަކަ އަޑުއަހަން މިޞްބާޙަށް އިނދެވުނީ ދެބުމަ ކައިރި ކޮށްގެންނެވެ. ޙަޔާތުގެ މަޤްޞަދަކީ އަންހެން ކުއްޖަކާއެކީގައި ވުން ކަމުގައި ވަންޏާ މީހަކަށް ދުވަހަކުވެސް އުފަލެއް ނުލިބޭނެއެވެ. އަދި އެހެން މީހަކަށް ޙަޤީޤީ އުފަލެއް ހޯދައިދޭކަށްވެސް ނޭނގޭނެއެވެ. ﷲ އަށްވުރެ ބޮޑަށް އެހެން މީހެއް އަދި އެއްޗެއްދެކެ ލޯބިވުމަކީ އަމިއްލަ ހިތަށް ދެވޭނެ އެންމެ ބޮޑު ގެއްލުމެވެ. މިޞްބާޙް ފުން ވިސްނުމެއްގެ ތެރޭގައި އިންދާ ސިނާން ވާހަކަ ދެއްކިއެވެ.

 

“އޭ މި ލަވަ ސަޅިވާނެ ދޯ މިޞްބާއާ އަފްރީންގެ ވެޑިންގަ ޖަހަން؟” ސިނާން ހެވިފައި އިނދެ ސުވާލު ކުރިއެވެ.

 

“ނޫން. ވަރަށް ހަޑި މި ލަވަ. ލަވައެއް ނުޖަހާނެ އަހަރުމެން ވެޑިންގަ އިން ޝާ ﷲ. އަހަންނަށް ވަރަށް ފޫހި މިހާރު ހުރިހާ ލަވަތައްވެސް.” މިޞްބާޙް ލުއިގޮތަކަށް ސިނާނަށް ބަލައި ލަވަ ނިއްވާލަމުން ބުނެލިއެވެ. ސިނާންގެ ހިނިތުންވުން ފަނޑުވެގެން ގޮސް އެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. އޭނަ ހީކުރީ ލޯބީގެ ލަވައެއް ޖެހުމުން މިޞްބާޙް އަފްރީންގެ ޚިޔާލުތަކަށް ގެއްލޭނެ ކަމަށެވެ. އެހެނަސް ކަންތައް މިވީ އެހެންނެއްނޫނެވެ. މިޞްބާޙް ކުޑަކޮށް ވެސް “ހުވަފެން ދެކެން” ފެށިހެނެއް ހިއެއްނުވެއެވެ. ސިނާނަށް ވަގުތުން ވިސްނެންފެށީ ދެން ހަދާނެ ގޮތަކާއިމެދުގައެވެ.

 

އެރޭވެސް ސިނާންގެ އެދުމަށް މިޞްބާޙް އޭނައާއެކީ ކާރު ދުއްވަން ދިޔައެވެ. ދުއްވަން ފެށިތާ މާ ގިނައިރެއް ނުވެ ސިނާން އާ ސީޑީއެއް ލައްވާލިއެވެ. މި ފަހަރު ކިޔަން ފެށީ ލޯބީގެ ލަވައަކަށްވުރެ ފޯރިގަދަ ލަވައެކެވެ. އަންހެނަކު ކިޔާފައިވާ އެ ލަވައިގައި ނުސީދާ ގޮތަކަށް ހުސް ދެކެވިފައިވީ ހާމަކަން ބޮޑު ގޮތެއްގައި ދައްކަން ނުޖެހޭ ވާހަކަތަކެކެވެ. ލަވައިގައި އަސްލު ދެކެވެމުން ދިޔައީ ކޮން ވާހަކައެއްކަން އެނގުންވީ ހިނދު މިޞްބާޙަށް ކުއްލިއަކަށް ކާރުގެ ބުރަކި ޖައްސާލެވުނެވެ. އެ މަގުގައި އެހެން ދުއްވާ އެއްޗެއް ނެތީ އެ ދެމީހުންގެ ނަސީބަކަށެވެ. މިޞްބާޙް ވަގުތުން ލަވަ ނިއްވާލިއެވެ. އަދި ހިސާބަކަށް ނުރުހިފައި އިނދެ ސިނާން ގާތު މިއީ ގޯހެއް ކަމުގައި ބުނެލިއެވެ. ސިނާން އިރުކޮޅަކު އިނދެފައި އޯކޭއޭ ބުނެލަމުން ހިމޭންވެލިއެވެ. އެއަށްފަހު މިޞްބާޙް ކާރު ދުއްވާލުމުން ސިނާން ދެން ލަވަ ޖަހާކަށް ނުއުޅުނެވެ.

 

އެރޭގެ ފަހުން ވެސް މިޞްބާޙަށް ސިނާންގެ ފަރާތުން އެކިއެކި ފާޚިޝް ޢަމަލުތައް ފެންނަމުން ދިޔައެވެ. އޭނަގެ ގެއަށް އަންނައިރު ހުތުރު މަންޒަރުތައް ހުންނަ ފޮތްތަކާއި ފިލްމުތައް ހިފައިގެން އައިސް ސިނާން އޭނައަށް ދެއްކުމުން މިޞްބާޙަށް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވެނީ ކިރިޔާއެވެ. މިޞްބާޙް އަޖާއިބުވިއެވެ. ސިނާނަށް ކުއްލިއަކަށް ކިހިނެއްވީބާއޭ ހިތަށްއެރިއެވެ. އެހެނަސް ސިނާނަށް އަދި ނުވިސްނެނީއޭ މިޞްބާޙްގެ ހިތް ބުންޏެވެ. މީގެ ދުވަސްތަކެއްކުރިން ޚުދު އޭނަވެސް ވީ އެފަދަ އަނދިރިގަނޑެއްގެ ތެރޭގައެވެ. އެ އަނދިރިގަނޑުން އޭނައަށް ނިކުމެވުނީ އޭނަ އުނގެނެމުން ދިޔަ އެއްޗަކާމެދު ވިސްނަން ފެށި ފަހުންނެވެ. ސިނާނަށް ވެސް ވިސްނައިދޭނީއޭ ހިތައި މިޞްބާޙް އެއްރެއަކު ސިނާން އޭނަގެ ގެއަށް ގެނެސް ޤުރުއާނުގައިވާ ވާހަކައެއް ކިޔައިދޭން ނިންމިއެވެ. ސޫރަތުލް ޤަޞަޞްގައިވާ މޫސާ ޢަލައިހިއްސަލާމްގެ ވާހަކަ ފެށިއިރު ވެސް ސިނާން އިނީ ފޫހިވެފައެވެ. ވާހަކައިގެ މެދުތެރެއިން ސިނާން އާފުރަން ފެށުމުން މިޞްބާޙްގެ ހިތްވަރު އެލޭ ގޮތްވިއެވެ. އެހެނަސް އޭނަ ސިނާން ޝައުޤުވެރިވާފަދަ ގޮތަކަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރިއެވެ. މިޞްބާޙް ކިތަންމެ ބޭނުންވިއެއްކަމަކު ވާހަކަ ނުނިމެނީސް ސިނާން ތިމަންނަ ނިދި އައިއްސިއޭ ބުނެ ގެއަށް ދިޔައެވެ. ސިނާން ދިޔަތަން މިޞްބާޙަށް ބަލަން އިނދެވުނީ ދެރަވެފައެވެ. ސިނާން ދުވަހަކުވެސް ރަނގަޅު ނުވާނެ ކަމުގައި ހިތުގެ ކަނަކުން ގޮވާލިއެވެ. ނަމަވެސް އޭނަ ކެތްތެރިކަމާއެކީ ލޯބިން ހެޔޮ ނަޞޭޙަތެއް ދެމުން ގެންދިޔައިއްޔާ އެއްދުވަހު ސިނާން އަޑުއަހާފާނެ ކަމަށް އަމިއްލަ ހިތަށް ވިސްނައި ދެމުން މިޞްބާޙް އެރޭ ނިދާލިއެވެ.

 

ސިނާނަށް އެއްވެސް ވަރަކަށް ރުޅިވެރިކަން ނުދެއްކުމުގެ ޢަޒުމުގައި ހުރި މިޞްބާޙްގެ ކެތްތެރިކަން ކޮޅުންލީ އެއްދުވަހު ސިނާން އޭނަގެ ޕްރޮފައިލަށް ވަދެ ކޮށްފައި ހުރި ކަމެއް ފެނުމުންނެވެ. ސިނާން އޮތީ އޭނަގެ ނަމުގައި އަފްރީންދެކެ ވަރަށް ލޯބިވާކަމަށް ބުނެ ވަރަށް ހުތުރު ވާހަކަތައް ސިފަ ކުރެވިފައިވި މެސެޖެއް އަފްރީނަށް ފޮނުވާފައެވެ.

 

“ވަޓް އިޒް ދިސް ސިނާން!” ސިނާން އޭނަގެ ކޮޓަރިއަށް ވަތްތަނާހެން މިޞްބާޙަށް ކިޔަވާ މޭޒުދޮށުން ތެދުވެ ހަޅޭއްލަވައިގަނެވުނެވެ.

 

“ޔޫ އާރ ވެލްކަމް ބްރޯ. މިހާރު އަފްރީންއަށް އެނގޭނެ ބްރޯ އަފްރީންދެކެ ލޯބިވާވަރު.” ސިނާން ހެވިފައިހުރެ ބުންޏެވެ.

 

“ލޯބިވާ ވާހަކަ ނުބުނެ ހުރީ ސަބަބަކާ ލައިގެން. އެހެން ނޫނަސް ލޯބިވާ ވާހަކަ ބުނެވޭނެ މިއަށްވުރެ ރީތި ގޮތްތައް ހުރޭ. ސިނާން……ސީރިއަސްލީ، ކޮންމެ ކަމަކަށް ވެސް ވަގުތަކާއި ތަނެއް އޮންނާނެއެއްނު؟” މިޞްބާޙަށް ދެންވެސް ވާހަކަ ދެއްކުނީ ހަރު އަޑުންނެވެ. ސިނާން އަނގަޔަށް ގޮތެއް ހަދާލަމުން ދެކޮނޑު އަރުވާލިއެވެ. މިޞްބާޙް އަނެއްކާވެސް އެއްޗެކޭ ބުނަން އުޅުނު ވަގުތު ބޭރުން ޒާހިޔާ ސިނާނަށް ގޮވާލިއެވެ. ސިނާން މިޞްބާޙަށް ހިނިތުންވުމެއް ދައްކާލަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. މިޞްބާޙް އޭނަގެ ނިތުގައި އެއްއަތުން ޖަހާލަމުން އެ އަތް ލަސްލަހުން މޫނުގައި ހާކަމުން ތިރިއަށް ގެނައެވެ. އަދި ޖެހިލުންވުމަކާއެކީ ކިޔަވާ މޭޒުމަތީގައި ހުރި ލެޕްޓޮޕް ސްކްރީނަށް ބަލާލިއެވެ. އެއާއެކު އޭނަ ރޯން ބޭނުންވިއެވެ. އޭނަ ކިތަންމެ ޤަބޫލުކުރަން ބޭނުމެއް ނުވިޔަސް އެ މެސެޖު އެ އޮތީ އަފްރީނަށް ފޮނުވިފައެވެ. އެ މެސެޖު އަނެއްކާވެސް ކިޔާފައި އޭނައަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. މިހާރު އަފްރީން އޭނައާއިމެދު ދެކޭނީ ކިހިނެއްބާއޭ އޭނަގެ ހިތަށްއެރިއެވެ.

 

**

 

އެދުވަހު ހެނދުނުއްސުރެ އަފްރީން އުޅުނީ ޝަކީލާމެން ގެއިން އައި އެގޭގަ އުޅޭ ކުޑަ ދެކުދިންނާއި އެކީގައެވެ. ޗުއްޓީ ދުވަސްކޮޅު ވުމުން އެކުދިން ފޫހި ފިލުވާލުމަށްޓަކައި އަފްރީން ކައިރިއަށް އައީއެވެ. އަފްރީން މުޅި ދުވަހު އެކުދިންނާއެކީ ކުޅެކުޅެފައި ރޭގަނޑުވީއިރު އޭނައަށް ހުރެވުނީ ވަރުބަލިވެފައެވެ. ރޭގަނޑު ކައިގެން އެކުދިން ދިޔަތަނާހެން އަފްރީން ނިދަން ބޭނުންވިއެވެ. އެހެނަސް އޭނައާއި ބައްދަލުކުރަން އެރޭ އާ މެހުމާނެއް އައެވެ.

 

“ނަޝާ!” ދޮރުމަތީގައި ހުރި ނަޝާ ފެނުމާއެކު އަފްރީންގެ މޫނުމައްޗަށް ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމެއް ވެރިވިއެވެ. ނަޝާވެސް އަފޫއޭ ކިޔައި ގޮވާލީ ލުއި ހިނިތުންވުމަކާއެކީގައެވެ. އަފްރީން ނަޝާ ގެއަށް ވައްދައި އޭނަ ސިޓިންގް ރޫމުގެ ސޯފާގައި ބޭންދިއެވެ. އަދި ދެމީހުންނަށް ކޮފީ ހަދައިގެން ގެނެސް ސޯފާގައި އިށީނދެ ނަޝާއާއެކީ ކޮފީ ބޯމުން ވާހަކަ ދައްކަން ފެށިއެވެ. ސްކޫލްގެ ވާހަކައިން ފެށުނު ވާހަކަ މެދުކަނޑާލަމުން ނަޝާ ކުއްލިއަކަށް ސީރިއަސްވެލިއެވެ.

 

“އަފޫ އަހަރެން މިއައީ އަފޫގާތު ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެގެން.” ނަޝާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ.

 

“ކޮން ވާހަކައެއް؟” އަފްރީންގެ ހިނިތުންވުން ވެސް ފަނޑުވިއެވެ.

 

“އަފޫ ދެނަހުރިންތަ ސިނާން މިކޮޅުގަ އެބަހުރިކަން؟” ނަޝާ ބުނެލިއެވެ. ސިނާންގެ ނަން އިވުމުން އަފްރީން ހުއްޓުން އެރިއެވެ. ކޮންމެ ފަހަރެކޭވެސް އެއްފަދައިން ސިނާންގެ ހުރިހާ ހަނދާނެއް އެއްފަހަރާ ސިކުނޑިއަށް ވެރިވާން އުޅުނު ވަގުތު އަފްރީނަށް ބޯހޫރުވާލެވުނެވެ. އޭނަގެ އެ ޙަރަކާތުން ނަޝާއަށް އޭނަގެ ޖަވާބުވެސް ލިބުނެވެ.

 

“އޭނަ އެބަހުރި. އޭނަ އައީ ބޮޑު ރޭވުމަކާއެކު. އަފޫ ބަދުނާމު ކުރުމުގެ ރޭވުން. އޭނަ ހުރީ އަދިވެސް އަފޫއަށް ވަރަށް ރުޅި އައިސްފަ. އެންމެން ކުރިމަތީގަ އަފޫ ތިމަންނަ ދޫކޮށްފަ ދިޔައިއްޔޭ ކިޔާފަ. ރެއާއި ދުވާލު އޭނަ އެކި ރޭވުންތައް ރާވަނީ އޭނަގެ އެކުވެރިންނާއެކު. އެ އެކުވެރިންގެ ތެރޭގަ ހިމެނޭ……..މިޞްބާޙް ވެސް.” ނަޝާ އެންމެ ފަހަކަށް ބުނެލި ނަމުން އަފްރީނަށް ދެލޯ ބޮޑުކޮށްލަމުން ނަޝާއާއި ދިމާލަށް ބަލާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 20

Next

ކަނޑުފެން (ފުރަތަމަ ބައި) KanduFen (part-1)

Next
October 12, 2015

ކަނޑުފެން (ފުރަތަމަ ބައި) KanduFen (part-1)

Previews
October 10, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 20

45 Comments!

  1. aish says:
    October 10, 2015 at 7:46 pm

    Vv reethi

    1. jana says:
      October 10, 2015 at 9:38 pm

      Alhamdhulillah! (All praise and thanks belongs to Allah) 🙂

  2. aish says:
    October 10, 2015 at 7:46 pm

    Vv reethi

    1. jana says:
      October 10, 2015 at 9:39 pm

      Alhamdhulillah! 🙂

  3. risha says:
    October 10, 2015 at 7:49 pm

    its beautiful …masha Allah

    1. jana says:
      October 10, 2015 at 9:39 pm

      Alhamdhulillah! 😀

  4. Azu says:
    October 10, 2015 at 8:01 pm

    Masha allah v reethi mi bai ves. Jazaakillah khaira jana

    1. jana says:
      October 10, 2015 at 9:40 pm

      Alhamdhulillah! Wa iyyaaki! 😀

  5. Rishme says:
    October 10, 2015 at 8:05 pm

    V v rythi.. maashaa Allah..

    1. jana says:
      October 10, 2015 at 9:40 pm

      Alhamdhulillah! 😀

  6. shaa says:
    October 10, 2015 at 8:13 pm

    Hoooooon … dhn hus ehvahaka eh …. v foohi mihar

    1. jana says:
      October 10, 2015 at 9:44 pm

      hmm…sinan ge reyvumuge vaahaka dhekeveythaa maa gina dhuvas vejje dho? hehe….varah avahah ebai nimeyne. vaahaka ves nimen fudheyvarakah kairivejje 🙂

  7. kai says:
    October 10, 2015 at 8:15 pm

    Aslu vx dhn mihar haadha foohsey … jana mihar dhn thiulheny story kuriyah gendane gotheh neygigentha .. hus haasar

    1. jana says:
      October 10, 2015 at 9:46 pm

      hehe…kai ah qabool kurevunas nukurevunas jana mihaaru ves othy vaahaka nimeyne goiy rangalhah raavaafa. mihaaru mihingaa kanthahthakakyves vaahakaige nimumah varah muhimmu kanthahthah. vaahaka nimendhen kai kiyaaliyya engeyne gulhigen dhaa goiy In Sha Allah 🙂

  8. kitty says:
    October 10, 2015 at 8:22 pm

    v rythi masha allah thi sinaan menn haadha goahey whn next part?

    1. jana says:
      October 10, 2015 at 9:47 pm

      hmm sinan men varah goas. next part Monday ga In Sha Allah 🙂

  9. ummu says:
    October 10, 2015 at 9:31 pm

    Masha Allah.. ♥♥ warah kamudhey kuriyah dhaa goi.. keep up the good work.. mihaa rythi vaahaka eh genesheythy shukuriyya.. jazakillahu khairan

    1. jana says:
      October 10, 2015 at 9:52 pm

      Alhamdhulillah! Wa iyyaaki! <3 <3

  10. mai says:
    October 10, 2015 at 9:42 pm

    Alhe misbah ahdhera gotheh nuhadhahahchey.mishinanumen guropah landeh dgeebala.heyoehchehvisney varuge.

    1. jana says:
      October 10, 2015 at 9:52 pm

      hmm dhen balamaa hinga mai In Sha Allah. hehe……. 😀

  11. Meera says:
    October 10, 2015 at 10:25 pm

    Nw v salhi vahaka. Vara kiya hivey. Keep it up. Mi part ga yoonus men koba??
    Avaha up kurachey

    1. jana says:
      October 10, 2015 at 10:51 pm

      Alhamdhulillah! 😀 Meera mihaaru vaahaka nimen kairivaathy Nasra menge bayaai Afreenge bai gulhigen dhaane. Afreenge baiga jehey massalakun Nasra menge baiga ves massala ginavaane. adhi Nasra menge baiga hinga kamakun Afreen ge baiga oiy massala halluvaane. complicated dho? hehe….jana ah saafukoh genesdhinumuge thaufeegu dhevvumah edhi Allah ge hazratugai edhen. Ameen!
      dhen oiy bai Monday ga In Sha Allah. 🙂

  12. aminath says:
    October 10, 2015 at 10:56 pm

    wahaka nimen kairi wanee?nooooo… i want to keep reading ur story…lahun ingey nimmanee 😛 maasha allah varah reethi mi vaahak

    1. jana says:
      October 11, 2015 at 9:24 am

      hehehe…..aminath, jana ah mulhi umuru dhuvahu eh vaahaka eh liye liye nuhureveyne ehnu dho? nimumeh nethiyya fahun foohi vedhaane 😉 Alhamdhulillah! (All praise and thanks belongs to Allah) 🙂

  13. rymaa says:
    October 10, 2015 at 11:30 pm

    Dhn thihaa rythi vegen emmen ulheyvar ge rythi story eh noon hen hyvanyy… v vv hadi &vv foohi

    1. Zee says:
      October 11, 2015 at 3:34 am

      Why?
      Masha Allah its a very beautiful story!
      Good work jan

    2. zeek says:
      October 11, 2015 at 6:27 am

      Mi stry mi hama best. Dhn myga dheeny vaahaka hurymatha hadi vegen thi ulheny?? Huh. E dhogu janaa mi stry hama v salhi

    3. jana says:
      October 11, 2015 at 9:28 am

      rymaa jana ves beynunvey hadi vaan jehunu sababu engen. ey mihaathanah jana ah vaahakaige varah gina kanthahthah rangalhu kurevunu kiyuntheringe khiyaaluthakun. ehenvyma beynunvey rymaa ge khiyaaluves. 🙂 abadhuves bunaahen hadi vany vaahakaige plot kamuga vanya jana ah kureveyne kameh neh. ey massala eh noon. emmen russumaky ey kureveyne kameh noon kan jana ah engey. ekamaku rymaa mihaathanah vaahaka kiyaafa othiyya vaahakain faidhaa eh kurikamah ummeedhu kuran. Jazakillah Khairan!
      Zee and zeek: Alhamdhulillah! (All praise and thanks belongs to Allah) Jazakumullah Khairan for the support 🙂

  14. zai says:
    October 10, 2015 at 11:56 pm

    Sinaan mennah heyo visnun dhehvaashi..aameen btw mibaivex v salhiiii

    1. jana says:
      October 11, 2015 at 9:30 am

      Alhamdhulillah! 🙂

  15. humey says:
    October 11, 2015 at 8:40 am

    Zana jazakallah khairn..v. vahaka v nice mashaallah

    1. jana says:
      October 11, 2015 at 9:30 am

      Alhamdhulillah! Wa iyyaaki! 🙂

  16. NEVERMIND says:
    October 11, 2015 at 12:49 pm

    🙂

    1. jana says:
      October 11, 2015 at 1:38 pm

      😀

  17. Luvna says:
    October 11, 2015 at 1:20 pm

    Jazaakallah kiyaany firihenun nah. Anhenun kiyaany jzaakillah khairan. The story is awsome. Waiting for another episode. This story is filled with morals. And for the ones who dont like to watch dheenee dharus you can watch nouman ali khan and mufti menks funny vedios. Its very funny and intersting. And filled with messages. Thankyou for writing such a beautiful story jana.???????

    1. jana says:
      October 11, 2015 at 1:41 pm

      hmm luvna. jana ves Hijra ge fb post thah feshy NAK adhi Mufti Menk ge funny videos thakun. e balaafa kiyuntherin dharus thakah shauquveri kureveytho balanvegen. dhen mihaaru baeh comment thakun heevey ekan kudakoh kaamiyaabu kureveyhen. Alhamdhulillah! Jazakillah Khairan Luvna 🙂 😀 😀 <3

  18. jana says:
    October 11, 2015 at 1:46 pm

    FB Post:

    To those of you that think you’ve heard a line in a song that was deep, you dont know how deep words can get if you havent studied an ayah of the Quran.
    To those of you that think that a movie that you watched was epic, you dont know how epic a story can get if you havent heard a story as it is told in the Quran.
    To those of you that think you’ve read a beautiful love story, you dont know what a beautiful love story is if you haven’t heard a story in which two people love each other for the sake of Allah alone. (eg: stories from the time of Prophet (SAW) )
    To those of you that think you have a love in your life that you cant live without, you dont know what such a love is, if you haven’t learned how to love Allah.
    Sincerely, somebody who has been there, done that.

  19. jana says:
    October 11, 2015 at 1:47 pm

    FB Post:

    “I never knew love, until I pleased Allah. I never knew heartbreak, until I displeased Him.”
    A statement that i saw from somewhere a long time ago and its still close to my heart.

  20. Anonymous says:
    October 11, 2015 at 1:48 pm

    dhen jana mihaaru comment baiga hurihaa kameh thi kiyaidheny nun. vaahakaiga dhen vaane gothaa hurihaa ehcheh.. ?
    Ma ves kurin gabool eh nukuran loabiveri eh gengulhumaky goas kameh kamakah.. ekamaku mi vaahaka kee fahun eba egey ey kohgen vaane kameh noon kan.. ??
    Ekamaku havaa nafsah thabaa vaakah nuves vaaney mi insaanaa.. avaigai jehi magun fassan thimaa gendhaane shaithaanaa.
    ??????

    1. jana says:
      October 11, 2015 at 4:13 pm

      hehe…..kudakoh kiyaidheneema ey ithurah kiyaa hiyvaany anonymous 😛
      Ma Sha Allah. varah ufaavejje mi vaahakaige sababun rangalhu gothakah khiyaalu badhaluvythy. ey hama Allah ge iraadhafulhun. Alhamdhulillah! 😀
      hehe…..salhi baitheh (y)

  21. jana says:
    October 11, 2015 at 4:14 pm

    FB Post:

    I’m not able to find the lecture that i watched in which the story of Musa (AS) is described as it is in Suratul Qasas. But i found the notes on that lecture. Here you go 🙂

    https://divinespeechblog.wordpress.com/2012/12/29/nouman-ali-khans-story-night-musa-as-part-i/

  22. yooha says:
    October 11, 2015 at 7:24 pm

    jana?r u a doctor?how many years r u?

    1. jana says:
      October 11, 2015 at 9:23 pm

      no i’m not a doctor 😛 mithaanga age nubuneveyne. sorry 🙂

  23. sana says:
    October 11, 2015 at 9:47 pm

    Varah reethi vaahaka eh! Varah baivaru ehchehi dhas vehje.. jazaakallah khairan jana 🙂

  24. humey says:
    October 12, 2015 at 10:29 pm

    Zana kobaatha vaahaka..up koadhyba..plx…plx

Comments are closed.

Next Episodeހިޖުރަ (ސަތިރީސްވަނަ ބައި)←


All Right Reserved!