ކައިވެނި ކުރެވުނު ދެ ޖޯޑު ދެ ކާރަށް އެރުމާއި އެކު، ކާރު ދުއްވައިލިއެވެ. ދިހަވަރަކަށް މިނެޓުގެ ތެރޭގައި އަފާންއާއި ޒާރާއަށް އެމީހުންގެ މަންޒިލަށް ދެވުނެވެ. ކާރުން ފައިބާފައި، ގެއަށް ވަންނަން ހިނގައިގަތީ ދެމީހުން އެކީއެވެ. ޒާރާ ގޮސް އަފާންގެ ކޮޓަރި ދޮރުހުޅުވާލާފައި، އެތެރެއަށް ވަން އިރު ފެނުނު މަންޒަރަކުން ދެލޯ ބޮޑުވިއެވެ. މިރެއަށް އެ ކޮޓަރި ތައްޔާރު ކުރެވިފައިވާލެއް ނުހަނު ފުރިހަމައެވެ. މުޅި ކޮޓަރި ތެރޭގައި ފިނިފެންމާ ފިޔަތަކާއި، އުއްބަތިތައް ބަހައްޓާފައި ހުރި އިރު، އެނދުމަތީގައިވެސް މަލުގެ ފިޔަތައް ހުއްޓެވެ. އުއްބައްތީގެ ވަހާއި ފިނިފެންމަލުގެ ވަސް އެކުވެގެން ދުވި މީރު ވަހުން، ޒާރާއަށް ދެލޯ މަރައިލަމުން، ނޭފަތް އެތެރެއަށް ދަމައިލެވުނެވެ.
ސިހިފައި ޒާރާއަށް ފަހަތް ބަލައިލެވުނީ، ކޮތަރި ދޮރު ތަޅުލީ އަޑު އިވުމުންނެވެ. އޭރު އޭނާއާއި ދިމާއަށް މަޑު ހިނގުމެއްގައި އަންނަމުން ދިޔަ އަފާން ފެނި، އެ ހިތުގެ ތެޅުން އެތައް ގުނައަކަށް އަވަސްވިއެވެ. މީހާ ތުރުތުރުލާ ގޮތް ވީ ކުއްލިއަކަށެވެ. އަފާން ކުރިޔަށް އަޅާ ކޮންމެ ފިޔަވަޅަކާ އެކީ ޒާރާ ދިޔައީ ފަހަތަށް ފިޔަވަޅެއް އަޅަމުންނެވެ. އެންމެ ފަހުން ޒާރާ ގޮސް މަޑުވީ، ފާރުގައި ޖެހުމުންނެވެ. އެއާއެކު، އަފާން ޒާރާއަށް ނުދެވޭނޭހެން ފާރުގައި ދެއަތް ވިއްދައިލިއެވެ. އެއާއެކު، ޒާރާގެ މޫނުމަތިން ނުތަވަސްކަމާއި، ލަދުވެތިކަން ފެންނަން ފެށިއެވެ. މި މަންޒަރު ފެނިފައި އަފާންއަށް ހިނިތުންވެވުނީ އިޚްތިޔާރަކާ ނުލައެވެ.
“ނަމާދު ކޮށްލަމާ..؟” އަފާން އެހެން އަހައިލުމުން ޒާރާވެސް އަވަސްއަވަހަށް ބޯ ޖަހައިލިއެވެ. އަފާން ދުރަށް ޖެހިލުމުން ޒާރާ ގޮސް ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. ބޮލުގައި އޮޅާފައި އޮތް ޝޯލް ނަގަން އުނދަގޫ ވުމުން އެތަން ބަލަން ހުރި އަފާން އައިސް، ޒާރާއަށް އެހީވެދިނެވެ. ޝޯލް ނަގާ، މޭޒުމަތީގައި ބާއްވައިލަމުން، ޒާރާ އޭނާގެ ހެދުމެއް ހިފައިގެން ވަނީ ފާޚާނާއަށެވެ. އެ މަންޒަރު ބަލަން ހުރި އަފާންވެސް އޭނާގެ ކޯޓު ބާލާފައި، ޓައީވެސް ދޫކޮށްލިއެވެ. ގަމީހުގެ އަތުކުރި އޮޅައިލަމުން، ޒާރާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އެނދުމަތީ އިށީނެވެ.
އިރުކޮޅެއް ފަހުން ޒާރާ ފާޚާނާއިން ނުކުތީ ލައިގެން ހުރި ބޮޑު ވެޑިން ޑްރެސް ބަދަލުކޮށް، ކަޅުކުލައިގެ އަބާޔާއެއް ލައިގެންނެވެ. އެ މަންޒަރު ބަލަން ހުރި އަފާންއަށް ޒާރާ ކައިިރިޔަށް ދެވުނީ އިޚްތިޔާރަކާ ނުލައެވެ. އަދި ޒާރާގެ އަތުގައި އޮތްކަޅުކުލައިގެ ޝޯލް ނަގައި، ނިވާވާނޭހެން ބޮލުގައި އޮޅާލަދިނެވެ. “މާޝާ ﷲ.. އަހަރެންގެ އަންހެނުން މިހާރު މާ ރީތި..” ޒާރާގެ ނިތަށް ބޮސް ދެމުން އަފާން ބުނެލީ އެ ހެދުމުގައި ޒާރާ ފެންނަލެއް ފުރިހަަ ކަމުންނެވެ. ލަދުވެތި ހިނިތުންވުމަކާ އެކީ ޒާރާ އިސްޖަހައިލުމުން އަފާން ލުއިކޮށް ހީލިއެވެ. އެއަށްފަހު، ގޮސް ފާޚާނާއަށް ވަނީ ވުޟޫ ކުރުމުގެ ނިޔަތުގައެވެ.
އަފާން ފާޚާނާއިން ނުކުތް އިރު، ޒާރާ އިނީ މުސައްލަ މަތީގައި ނަމާދަށް ތައްޔާރު ވެއެވެ. އެހެންކަމުން އަފާންވެސް އައިސް، ޒާރާގެ ކައިރީގައި ހުއްޓުނެވެ. ދެމަފިރިން އެކީ ކައިވެނީގެ ފުރަތަމަ ރޭ ކުރާ ސުންނަތް ނަމާދު ކޮށް ނިންމައިލި އިރު، ދެ ހިތަށްވެސް ވަނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބިފައެވެ. ނަމާދުކޮށް ނިންމުމަށްފަހު، އަފާން އޭނާގެ އަތް ޒާރާގެ ނިތުގައި ބާއްވައިލަމުން، ފިރިމީހާ އަނބިމީހާގެ މައްޗަށް ކިޔުން ޚާއްސަވެގެންވާ ދުޢާ ކިޔައިލިއެވެ. އެއަށްފަހު، ޒާރާގެ އިސްޓާކީނާއި، ދޮޅި ބާލައިދީފައި، މުސައްލަ ހިފައިގެން ގޮސް އަލަމާރިއަށް ލިއެވެ.
އަލަމާރި ދޮރު ލައްޕައިލުމަށްފަހު، އަފާން ފަހަތް ބަލައިލި އިރު ޒާރާ އިސްޖަހާލައިގެން ހުރީއެވެ. މަޑު ހިނގުމެއްގައި އަފާން އައިސް، ޒާރާގެ ދަތްދޮޅީގައި ހިފާލައި، އޭނާއާ ހަތަރުކަޅި ހަމަކުރުވިއެވެ. ދެންވެސް ޒާރާގެ މޫނުމަތިން ލަދުވެތިކަން ނޫން އެހެން އެއްޗެއް ނުފެނުނެވެ. “ލަވް ޔޫ ވައިފީ.. މިހާރު ތީ އަހަރެން އަންހެނުން.. ހަމައެކަނި އަހަރެންގެ ހައްގެއް..” އެހެން ބުނެލުމަށްފަހު، އެއް މިޔަކަނިން ހިނިތުންވެލަމުން އަފާން ޒާރާ އޭނާގެ އަތްދަނޑިމައްޗަށް ނެގިއެވެ. އެއަށްފަހު، ޒާރާ އެނދުމަތީގައި ބާއްވައިލަމުން، ކޮޓަރީގެ އަލި ފަނޑުކޮށްލީ، މުޅީން އައު ދިރިއުޅުމަކަށް މަރުޙަބާ ކިޔަމުންނެވެ.
*** ** ***
މިލާންގެ ކޮޓަރިއަށް ވަން ޔައިނާއަށް ހައިރާންކަމާއެކީ ވަށައިގެން ބަލައިލެވުނީ ކޮޓަރިތެރެ އޮތް ގޮތުންނެވެ. ތަޅުންގަނޑު މަތީ ފިނިފެންމާ ފިޔަތައް އުކާލާފައި ހުރި ގޮތުން ފިނިފެންމަލުގެ ތުނި ދޫލައެއްހެން ހީވަމުން ދިޔައެވެ. އެނދުމަތީގައިވެސް ފިނިފެންމާ ފިޔަތައް އަތުރާލާފައި ހުރި އިރު، އެ ފިޔަތަކުގެ އެހީގައި “ހެޕީ މެރިޑް ލައިފް” އިނގިރޭސި އަކުރުން އަޅާފައި ހުއްޓެވެ. މުޅި ކޮޓަރިތެރޭގައި ފިނިފެންމަލުގެ ލުއިލުއި މީރު ވަސް ހިފާލާފައި ހުރި އިރު، ހިތްގައިމުކަމެއް ގެނުވަމުން ދިޔައެވެ.
ކޮޓަރިތެރޭގެރީތިކަމަސް ގެއްލިފައި ހުރި ޔައިނާއަށް ސިހުމެއް ލިިބުނީ ފާޚާނާގެ ދޮރު ލެެއްޕުނު އަޑަށެވެ. އޭރު އެނދުމަތީގައި މިލާންގެ ކޯޓާއި، ގަމީސް އޮތެވެ. އެހެންކަމުން މިލާން ފާޚާނާއަށް ވަނީ ކަން ޔައިނާއަށް އެނގުނެވެ. ހިތުގައި ބިރުވެރި ކަމުގެ ވިންދެއް ޖަހައިލީ މިލާން އަދިވެސް އޭނާ ދެކެ ހިތްހަމަ ނުޖެހިފައި ހުރިކަން އެނގުމުންނެވެ. ހިތަށް ލިބުނު ގިލަންވެރިކަމާއެކީ ޔައިނާގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި ތުންފަތުގައި ދަތް އަޅައިލަމުން އެ ކަރުނަތައް ހިންދައިލީ އޭނާ މި ކައިވެންޏަށް އެއްބަސްވީ ސަބަބު ހަނދާން ކޮށްލަމުންނެވެ. މި ކައިވެނި އޭނާ ކުރީ މިލާންގެ ރުހުން އަލުން ހޯދުމަށެވެ. ހިތްވަރު އެލުވާލައިގެން އެކަމެއް ނުކުރެވޭނެއެވެ. އަތންބެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ހުރިހާ ވާޖިބުތަކެއް ފުރިހަމައަށް އަދާކުރާނެއެވެ.
އެނދުމަތީގައި އޮތް މިލާންގެ ކޯޓާއި، ޓައީ އަދި ގަމީސް ނަގައި، ދާވަށިގަނޑަށް ލާފައި ޔައިނާ ގޮސް ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. ބޮލުގައި އޮޅާފައި އޮތް ބޮޑު ޝޯލް ނަގަން ކިތަންމެ އުނދަގޫވީ ނަމަވެސް، މިލާންގެ އެހީއަކަށް އެދޭހާ ހިތްވަރު ނެތުމުން، އުނދަގުލުން ނަމަވެސް، ޝޯލް ބޮލުން ވަކި ކޮށްލިއެވެ. އެއަށްފަހު، މޭކަޕް ރިމޫވަރގެ އެހީގައި، މޫނުގައި ހުރި މޭކަޕްތައް ފިލުވައިލިއެވެ. އަތްފައިގައި އަޅާފައިވާ ގަހަނާތައްވެސް ނެގުމަށްފަހު، އެ އެއްޗެތި ރައްކާކޮށްލިއެވެ. އެއަށްފަހު، ފޮށިން އޭނާ ނިދަންލާ އެއްޗެއް ނެގިއެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި އަތުގައި އޮތް އަތްކުރު ޓީޝާޓަށާއި ސޯޓަށް ބަލައިލަމުން އެ އެއްޗެހި ބެހެއްޓީ، މިލާންގެ ކުރިމަތީގައި އެ އެއްޗެހި ލާން ނުކުރޭނެތީއެވެ. ޔައިނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނީ އޭނާގެ ހާލަތު ހިތަށް އަރާފައެވެ. ހަލާލު ފިރިމީހާގެ ގޮތުގައި ހުރެވެސް މިއަދު އޭނާއަށް މިލާންއަކީ ދުރުހިލޭ މީހެއް ފަދައެވެ. ނެގި އެއްޗެހި އަނބުރާ ފޮށްޓަށް ލަމުން ދެން އޭނާ ނެގީ ފިޔާތޮށި ކުލައެއްގެ އަތްދިގު ޓީޝާޓަކާއި، މަޑުނޫކުލައިގެ ދޫ ހަރުވާޅެކެވެ. ހަރުގައި އަޅުވާފައި ހުރި ތުވާލި ނަގާފައި ޔައިނާ އެނދުމަތީގައި އިށީނީ މިލާން ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ.
ފާޚާނާގެ ދޮރު ހުޅުވުނު އަޑަށް ޔައިނާއަށް ފުންމައިގެން ތެދުވެވުނީ ބިރެއް ފެނުނު ފަދައިންނެވެ. އޭރު، ކަޅުކުލައގެ ޓީޝާޓަކާއި، ހަމަ އެކުލައިގެ ސޯޓެއްގައި ހުރި މިލާން ތުވާލިން އިސްތަށިގަނޑު ހިއްކަމުން ކޮޓަރިއަށް ވަދެގެން އަންނަނީއެވެ. ދާދި ދެންމެއަކު ފެންވަރާލައިގެން އައުމުން މިލާންގެ ގައިން ދުވަމުން ދިޔަ މީރު ޝަވަރޖެލްގެ ވަހުން ޔައިނާގެ ސިކުނޑިއަށް ތާޒާކަމެއް ލިބިގެން ދިޔައެވެ.
ފާޚާނާއިން ނުކުތް މިލާން ޔައިނާއަށް ބަލައިލުމެއްވެސް ނެތި، ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ކޮންމެވެސް ވަރަކަށް ތެތްކޮށް އޮތް އިސްތަށިގަނޑުން ފެންތައް ފޮޅައިލަމުން އަތުން އިސްތަށިގަނޑުގައި ފުނާއަޅައިލިއެވެ. އެއަށްފަހު، ގަޔަށް ބޮޑީސްޕްރޭކޮޅެއް ޖެހުމަށްފަހު އެނދުމަތިން ބާލީހެއް ހިފައިގެން ގޮސް އޮތީ ސޯފާގައެވެ. ފޯނު ހިފައިގެން އޮތް އިރު، އެ ނަޒަރު އެންމެ ފަހަރަކުވެސް، ޔައިނާއަށް ނުހުއްޓުމުން، ޔައިނާގެ ހިތަށްތަދުވިއެވެ. މިލާންގެ ކުރިމަތީގައި ރޮވިދާނެތީ އަވަސްއަވަހަށް ފާޚާނާއަށް ވަނެވެ.
ޔައިނާ ފާޚާނާއަށް ވަނުމުން މިލާންއަށް ސޯފާއިން ތެދުވެވުނެވެ. އެގޮތަސް ކަންތައް ކުރެވުމުން ހިތަށް ވީ އުނދަގުލާއެކު އިސްތަށިގަނޑުގައި ދެއަތުން ހިފައި ބާރުކޮށްލެވުނެވެ. ކައިެނީގެ ފުރަތަމަ ރޭ އަންހެން ކުއްޖަކު ކުރާނެ ހުރިހާ އުންމީދެއް ޔައިނާވެސް ކުރާނެއެވެ. އެ ލަދުވެތިކަމާއި ލޯބި ޔައިނާވެސް އިހުސާސް ކޮށްލަން ބޭނުން ވާނެއެވެ. ނަމަވެސް، އެކަން އެ ބަރުބާދު ކޮސްލީ މިލާންގެ ދެ އަތުންނެވެ. ނަމަވެސް މި ހުރިހާ ކަމެއްވެސް މި ވަނީ ހަމަ ޔައިނާއާ ހެދިއެއް ނޫންހެއްޔެވެ؟ އޭނާ ހުރީ ޔައިނާއަށް މުޅި ދުނިޔެވެސް ދޭން ތައްޔާރަށެވެ. އެކަން ބަރުބާދު ކޮށްލީ ޚުދު ޔައިނާއެވެ. ވީއިރު، ޔައިނާއަށް އޭނާގެ ފަރާތުން އެއްވެސް އުފަލެއް ޙައްޤު ވާންވީ ކީއްވެހެއްޔެވެ؟ އެކަމަކު… އެކަމަކު މިކަން ޤަބޫލު ކުރަން އޭނައަށް މިހާ އުނދަގޫވެގެން މި އުޅެނީ ކީއްވެބާވައެވެ؟
ފުން ވިސްނަުމަކުން އަރައިނުގަނެވިފައިވާ އިން މިލާންއަށް އިސްއުފުލައި ބަލައިލެވުނީ ފާޚާނާ ދޮރު ލެއްޕުނު އަޑަށެވެ. އޭރު ޔައިނާ ފާޚާނާއިން ނުކުމެގެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓެނީއެވެ. އަތުގައި އޮތް ބޮޑު ވެޑިން ޑްރެސް ދާވަށިގަނޑަށް ނުލެވޭނެތީ، ގޮތަކަށް ފަތް ޖަހާލާފައި، ވަތްގަނޑަކަށް ލިއެވެ. އެއަށްފަހު، އިސްތަށިގަނޑުގައި އޮޅާފައި އޮތް ތުވާލި ނަގައި، އެ މުށިކުލައިގެ ދިގު އިސްތަށިގަނޑުން ފެންތައް ފޮޅައިލިއެވެ. ހެއަރ ޑްރަޔަރ އިން އިސްތަށިގަނޑު ހިއްކަމުން ދިޔަ އިރު، އެ ފަށުވި އިސްތަށިކޮޅުކޮޅު އެ ދޮން މޫނުގައި ބީހެމުން ދިޔައީ ޖާދޫވީ ގޮތަކަށެވެ. އެ ދިސު އިސްތަށިގަނޑުން ދުވަމުން ދިޔަ ލުއިލުއި މީރު ވަސް މިލާންގެ ނޭފަތުގައި ހިފައިލުމާއެކު، ދެލޯ މަރައިލައި، ނޭފަތް އެތެރއަށް ދަމައިލެވުނީ އަމިއްލަ އިޚްތިޔާރަކާ ނުލައެވެ. މުޅި މޫނަށް އިސްތަށިތައް އެޅެމުން ދިޔަ ގޮތުން އުނދަގޫވެގެން އެ އިސްތަށިތައް އެއްފަރާތް ކުރަން ޔައިނާ އުޅުނު މަންޒަރު މިލާންއަށް ކަމުދިޔައެވެ. އެ ރީތިކަން ދެން ފެންނާނީ ހަމައެކަނި އޭނާއަށެވެ. އިތުރު އެންމެންނަށް އެ ރީތިކަން އެ ވަނީ ފަރުދާ ކުރެވިފައެވެ. ހިނދުކޮޅަކަށް ނަމަވެސް ޔައިނާއާ ދޭތެރޭގައި އެ ހިތުގައި ވީ ޝަކުވާތަކާއި ގިލަންވެރިކަން ފުހެވިގެން ދިޔައީ އެ ރީތިކަމުގެ ޖާދޫގައި އަނެއްކާވެސް މިލާން ޖެހުމުންނެވެ.
އިސްތަށިގަނޑުގައި ފުނާ އަޅައި ނިންމައިލުމަށްފަހު ވޫލްކޮޅެއްގެ އެހީގައި ޔައިނާ އެ ދިގު އިސްތަށިގަނޑު ހައްޔަރު ކޮށްލިއެވެ. އެއަށްފަހު މޫނުގައި ކްރީމްކޮޅެއް އުނގުޅައިލުމަށްފަހު، ގަޔަށް ސެންޓުކޮޅެއް ޖަހައިލިއެވެ. ރީތިވެ ނިމިގެން ޔައިނާ ބަލައިލީ މިލާންއާއި ދިމާއަށެވެ. އޭރުވެސް މިލާން އިނީ ކަޅި ޖަހައިނުލާ ޔައިނާއާ ދިމާއަށް ބަލާށެވެ. އެ ކަތި ނަޒަރުގެ ޖާދޫގައި ޖެހިފައި ޔައިނާއަށްވެސް ކުރެވުނީ މިލާން އެންމެ ލަފްޒެއް ނަމަވެސް ބުނޭތޯއެވެ. ނަމަވެސް، ކަންތައް ވީ މުޅިން އިދިކޮޅަށެވެ. މިލާންގެ ދުލުން ޔައިނާއަޓްކައި އެންމެ ލަފްޒެެއްވެސް ނުނުކުތެވެ.
“މިލާން…” ޖެހިލުންވެފައި ހުރެވެސް ޔައިނާ މިލާންއަށް ގޮވައިލީ ހިތްވަރު ކުރަމުންނެވެ. އެ ދެމެދުގައިވީ ނުތަނަވަސްކަން ކަނޑުވައިލަން ބޭނުންވެފައި ހުރެއެވެ. ޔައިނާގެ އެ ހަމަހިމޭން އަޑު ކަންފަތުގައި ޖެހުމުން މިލާންގެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެވެ. ދުވަސްގަނޑަކަށް ފަހު، އެ ދުލުން މިލާންގެ ނަން އެހާ ފުރިހަމަކޮށް ކިޔައިލުމުން ހަށިގަނޑުގައި އުތުރި އަރައިގަތީ އާދަޔާޚިލާފު އިހުސާސެކެވެ. އިޚްތިޔާރަކާ ނުލައި ސޯފާއިން ތެދުވެ، ޔައިނާއާ ދިމާއަށް ދެވުނެވެ. އެ ދެމެދަށް ވައިރޯޅިއަކަށްވެސް ނުވަދެވޭހާ ކައިރިޔަށް ހުއްޓިފައި އެ މޫނަށް ވަރަށް ފުންކޮށް މިލާން ބަލައިލިއެވެ. އެއަށްފަހު އަތުގެ ނުފުށުން އެ އޮމާން ކޯތާފަތުގައި މަޑުމަޑުން ބީހިލިއެވެ. އެއާއެކު، ޔައިނާގެ ދެލޯ މަރައިލުމުން މިލާންއަށް ލިބިގެން ދިޔައީ ފެހި ސިގްނަލެކެވެ. ޔައިނާގެ ހޫނު ނޭވާ އިހުސާސްވާހާ ކައިރިވެލުމާއި އެކު، މިލާންގެ ހިއްސުތައް ކޮޅުންލިއެވެ. ނަމަވެސް…
ނަމަވެސް، އެ ލޯބިވެތި ވަގުތުކޮޅުގެ އުފާ ލިބިގަނެވުމުގެ ކުރިން ސިކުނޑީގައި ކޮއްޓައިލި ޔައިނާއާ ޝިޔަލްގެ ތަސްވީރު އެ ވަގުތުކޮޅު މުޅީން ޚަރާބު ކޮށްލިއެވެ. މިލާންއަށް ވަގުތުން ޔައިނާއާ ދުރުވެވުނު އިރު، ހަށިގަނޑުގައި އުތުރިއަރަމުން ދިޔަ ޖަޒުބާތުތައް ހަމަޔަކަށް އެޅުވުމަށް ފުންކޮށް ދެތިން ނޭވާ ލާން ޖެހުނެވެ. ދެއަތް މުއްކުވައިލަމުން ދެލޯވެސް މަރައި ތަގުޅި ކޮށްލެވުނީ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނީތީ ހިތާހިތުން އަމިއްލަ ނަފްސަށް މަލާމަތް ކުރާ ޙާލުގައެވެ.
ކުއްލިއަކަސް މިލާން ދުރުވުމުން ޔައިނާއަށް ދެލޯ ހުޅުވައިލެވުނީ ހިތަށް ލިބުނު ގިލަންވެރިކަމާ އެކީގައެވެ. ދެއަތް މުއްކުވައިގެން މިލާން ހުރި ގޮތުން މިލާން އެ ހުރީ ވަރަށް ރުޅި އައިސްފައިކަން ޔައިނާއަށް ނަގައިގަނެވުނެވެ. ނަމަވެސް، ޖެހިލުންވެފައި ހުރެވެސް، ޔައިނާ މިލާންގެ ކޮނޑުގައި އަތް ޖައްސައިލާފައި މަޑުމަޑުން މިލާންއަށް ގޮވައިލިއެވެ.
ޔައިނާގެ އެ ބީހުން އިހުސާސްވުމާއި އެކު މިލާންގެ ރުޅި ދެގުނައަށް އިތުރުވީ ފަދައެވެ. ވަގުތުން އެ އަތް ފޮޅައިލާފައި، ޔައިނާއާ ދިމާއަށް ބަލައިލި އިރު، އެ ދެލޮލުގައި ވިދަމުން ދިޔައީީ ރުޅިވެރިކަމެވެ. ނަފްރަތެވެ. މިލާންގެ މޫނުމަތީގައި ހުރި ކުލަވަރުން ޖެހިލުންވެފައި ހުރެ ޔައިނާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. “ޚަބަރުދާރު!! ތި މުޑުދާރު ދެއަތުން ދެވަނަ ފަހަރަށް މަގޭ ގައިގަ އަތްނުލާތި!!” ރުޅިވެރިކަން އެކުލެވިގެންވީ އަޑަކުން މިލާން އެހެން ބުނީ ނިކަން ބާރަށެވެ. ސިހިގެން ގޮސް ޔައިނާގެ ދެލޯ ފެންކަޅިވެސް ވިއެވެ. ނަމަވެސް، މިވަގުތު އެއިން އެއްވެސް މަންޒަރެއް މިލާންއަށް ނުފެންނަ ފަދައެވެ. “ކަލޭ ތި ގަންނަ ގަނޑެއް ގޮސް އެ ޝިޔަލްއާ އެކީ ގަނެބަލަ.. ކޮންމެހެން ތި ދަޅައިގަ މަ ޖައްސަން އުޅޭނެ ކަމެއް ނެތް!! ފުރަތަމަ ފަހަރަށް މަށަށް ކޮށްލެވުނު ވަރުން ކަލޭގެ ހިތް އަދިވެސް ނުފުރެނީތަ؟؟” މިފަހަރު މިލާންގެ އަޑު ކުރިޔަށްވުރެވެސް ބާރުވިހެން ހީވިއެވެ. މިލާންގެ ދުލުން އެ ނުކުތް ވިހަގަދަ ބަސްތައް ރުވާފައި ދިޔަ ތީރެއްހެން ހެރުނީ ސީދާ ޔައިނާގެ މެޔަށެވެ. އެންމެ ލޯބިވާ ފަރާތުގެ ދުލުން އެފަދަ ބަސްތަކެއް އަޑު އިވުމާއި އެކު، ގިސްލަގިސްލާފައި ރޯން ފެށުނީ ހިތަށް ވީ ތަދުންނެވެ. މޫނުމަތީގައި އަތް އަޅާފައި ރޮމުން ދެކަކޫ މައްޗަށް ތިރިވި ޔައިނާއަށް ބަލައިލުމެއްވެސް ނެތި މިލާން ޔައިނާއަށް ފަސްދީފައި ދާން ހިނގައިގަތެވެ.
“އަހަރެން ދެކެ.. ތިހާ.. ރުޅި އަންނަންޏާ.. އަހަރެންނާ.. ކައިވެނި ކުރީ.. ކީއް.. ކުރަން؟؟” ގިސްލުމުގެ ތެރެއިންވެސް ޔައިނާއަށް އެ ހިތުގެ އުދާސްތައް ބޭރުކޮށްލެވުނީ އިތުރަށް ކެތް ނުވުމުންނެވެ. އެ އަޑު އިވިފައި، މިލާން ކުރިޔަށް އަޅަން އުޅުނު ފިޔަވަޅު މަޑުޖެހުނެވެ. އެއް އިރެއްގައި އެ ގިސްލުމަކީ އޭނާގެ ހިތް ފޮތިފޮއްޗަށް ކޮށައިލާ ޚަންޖަރެކެވެ. ނަމަވެސް މިއަދު އެ ގިސްލުމުގެ އަޑުން އޭނާއަށް ލިބެމުން ދިޔައީ ހިތްހަމަ ޖެހުމެކެވެ. އާލާވެގެން ދިޔައީ ބަދަލު ހިފުމުގެ ރޫހެކެވެ. އެނބުރި ޔައިނާއާ ދިމާއަށް ބަލައިލުމަށްފަހު، ބުނަން ތައްޔާރުވީ އެ ބުނާ ޖުމުލަތަކުން ޔައިނާގެ ހިތް ޒަޚަމް ކޮށްލާނޭކަން އެނގޭ ޙާލުގައެވެ.
“ކަލޭ ތިހާ އިނގެން ބޭނުން ވަންޏާ މަ ބުނެފާނަން.. މަ ކަލެއާ އިނީ ކަލޭ އަހަންނަށް ދިން ގެއްލުމުގެ ބަދަލު ހިފަން ވެގެން.. ކަލޭ ހީނުކުރައްޗޭ އަހަރެން ކޮންމެހެން ކަލެއާ އިނީ އަހަރެން ކަލޭ ދެކެ ލޯބިވާތީއޭ.. ކަލޭ ކަހަލަ އެހެން ފިރިހެނުންނާ އެކީ ހިތު ހުރިހާ އުޅޭ ގޮތްކުޑަ އަންހެނަކާ ވައި އެޅޭކަށްވެސް މަށެއް ބޭނުމެއް ނޫން.. ކަލެއަށް މަގޭ ފަރާތުން ޒައްރެއްހާ މިންވަރުގެ ހިތްހަމަޖެހުމެއްވެސް ނުލިބޭނެ.. އަހަރެންގެ އަތންބެއްގެ ގޮތުގައި އިންނަންޏާ ކަލޭ ޖެހޭނީ އަހަރެން ބުނާ ގޮތެއް ހަދައިގެން އުޅެން.. އަދި އެއް ވާހަކަ.. އިރެއްގަ ކަލެއާ ހަދާ މޮޔަވެގެން އުޅުނު މިލާން މިހާރު ކަލެއަށް މަރުވެއްޖެ.. މީގެ ފަހުންވެސް އެކަން ހަނދާން ކޮށްގެން އުޅޭތި..” ބުނަން ބޭނުންވީ ހުރިހާ އެއްޗެއް ބުނެލުމަށްފަހު، މިލާން ގޮސް ސޯފާގައި އޮށޯތީ، ރޮއެރޮއެ އިން ޔައިނާއަށް ފަރުވާލެއްވެސް ނެތިއެވެ. ކަމެއް ވީކަމަށްވެސް ހަދައިނުލާ ނިދީގެ ތެރެޔަށް ގެނބުމަށް މަސައްކަތް ކުރަމުން ދިޔަ މިލާންގެ ހިތުގެ ކަނެއްގައި އިންތިހާަށް ވޭން އަޅަމުން ދިޔައެވެ. ޔާސިރުގެ އެއްވެސް ބަހެއްވެސް މިވަގުތު އޭނާގެ ހަނދާނަކު ނެތެވެ. ކުށެއް ނެތް މައުސޫމު އަންހެން ކުއްޖެއްގެ މުޅި ދިރިއުޅުން ހަފުސް ކޮށްލެވުނު ކަމުގެ އެއްވެސް ފަރުވާލެއް ނެތެވެ. އިރެއްގައި މި ދުނިޔެމަތީގައި އެންމެ ލޯބިވީ އަންހެން ކުއްޖާ އޭނާގެ އަނތްބެއްގެ މަޤާމަށް އައި ދުވަހު އެ ހިތް ރޮއްވައިލެވުނު ކަމުގެ އެއްވެސް ފިކުރެއް ނެތެވެ. އެއަށްވުރެ ބޮޑަށް ޝައިޠާނާ ވަނީ މިލާންގެ ބޮލަށް ސަވާރުވެފައެވެ. ބަދަލު ހިފުމުގެ ރޫޙޫ ވަނީ މިލާން މުޅިން އެހެން މީހަކަށް ހަދާފައެވެ. ރިވެތި ސިފަތަކުން ޒީނަތްތެރިވެގެންވީ މިލާން މިއަދު އެ ވަނީ ރުޅިވެރިކަމާއި ބަދަލުހިފުމުގެ ރޫޙުގެ ސަބަބުން ހެޔޮ ނުބައިވެސް ވަކި ކުރަން ނޭނގޭ ވަރު ވެފައެވެ. އަންހެނެއްގެ ލޮލުން ވެއްޓޭ ކަރުނައެއްގެ ސަބަބު ކަމުގައިވާ ފިރިހެނާއަށް ލިބޭނެ ޢަޒާބާއި މެދު ކުޑަކޮށްވެސް ބިރުވެތިކަމެއް ނެތިފައެވެ.
މިލާންއާއި ދިމާއަށް ބަލަހައްޓައިގެން އިން ޔައިނާއަށް ދިޔައީ އަދިވެސް ގިސްލަގިސްލާފައި ރޮވެމުންނެވެ. އުފާވެރިކަމަށް ކުރެވުނު ކުޑަކުޑަ އުންމީދުގެ ހުޅުކޮޅުވެސް ނިވިގެން އެ ދިޔައީ ފަޅި ސިކުންތެއްގެ ތެރޭގައެވެ. އޭނާގެކުށަކީ ކޮބައިހެއްޔެވެ؟ ޝިޔަލް އޭނާގެ ފައިދާ ނާޖާއިޒް ގޮތުގައި ނެގުން ހެއްޔެވެ؟ އެކަން މިލާންއަށް އޮޅުނީއެވެ. ނަމަވެސް، އެހެނެކޭ ކިޔާފައި އެގޮތަށް ކަންތައް ކުރާކަށް މިލާންވެސް ނުޖެހެއެވެ. އުޅެން ބޭނުން ނުވާ ނަމަ މިލާން އޭނާ ދޫކޮށްލިނަމަވެސް މާ ރަނގަޅުވީހެވެ. ހާސިލްވާން ނެތް ފޮނި ހުވަފެންތަކެއް ދައްކާފައި، އޭނާއަށް ވޭނާ ތުރާލާ ދޭންވީ ކީއްވެގެން ހެއްޔެވެ؟ މިލާންގެ އަތންބެއްގެ މަޤާމުގައި ހުރެ މިގޮތުގައި ދުވަސްތައް ގުނަންވީ ހެއްޔެވެ؟ އޭނާގެ ހުރިހާވެސް މީހަކީ ބައްޕައެވެ. ބައްޕަ ވަކިވުމާއެކު މިލާންއެވެ. މިލާން އެއީ އޭނާގެ ދިރިހުރުމުގެ އުންމީދެވެ. ނަމަވެސް މިއަދު މިލާން އެ ވަނީ ބަދަލު ވެފައެވެ. ވަރަށް ބޮޑަށް ބަދަލު ވެފައެވެ. ބަދަލު ހިފުމުގެ ރޫޙުން އެ ހިތް އެވަނީ ކަޅިވެފައެވެ. މިލާންގެ ހިތް ދެން އޭނާގެ މައްޗަށް އަނބުރާލާނެ ގޮތެއް ޔައިނާއަކަށް ނުވިސްނުނެވެ. އެގޮތުގައި ކަރުނަ އޮހޮރަ އޮހޮރާ ޔައިނާ އިނީ ވަގުތު ގުނުމެއް ނެތިއެވެ.
އެތައް އިރަކު ރޮއެރޮއެ ގައިން ވަރު ދޫވާހެން ހީވާން ފެށުމުން ޔައިނާގެ ލޮލުން ކަރުނަ އަންނަލެއް މަދުވާން ފެށިއެވެ. ގައގައި ނެތް ހިތްވަރެއްލައި، އިން ތަނުން ތެދުވެ ދެފައި ދަމަމުން ކަހަލަ ގޮތަކަށް އެނދާ ދިމާއަށް މިސްރާބު ޖެހިއެވެ. އެނދުމަތީގައި އޮށޯތުމަށްފަހު، ސޯފާގައި އަރާމުކޮށް ނިދާލާފައި އޮތް މިލާންއާ ނަޒަރު ސީދާވާނެހެން މޫނު އަނބުރައިލިއެވެ. ހަމަހިމޭންކަމާއެކު ނިދާލާފައި އޮތް މިލާންގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ މައުސޫމް ކަމެވެ. ދެންމެގައި އޭނާއަށް އެ ފެނުނު ރުޅިވެރިކަމުގެ މުޅީން އިދިކޮޅެވެ.
މިލާންގެ އެ ރުޅިވެރިކަމުގެ ސިފަ ޔައިނާއަށް އެ ފެނުނީ އަދި އަލަށެވެ. ނަމަވެސް، ދެންވެސް މިލާންއާއި ދޭތެރޭގައި އެ ހިތުގައި ކިލަނބު ކަމެއް ނުއުފެދުނީ އެ ހިތުގައި މިލާންއަށްޓަކައި ވާ ލޯބީގެ ގަދަ ބާރުންނެވެ. އެއީ މިލާންގެ ކުށެއް ނޫނެވެ. ކުށްވެރިޔަކީ ޝިޔަލްއެވެ. މިލާންއަށް އެ ވަނީ ފެނުނު މަންޒަރެއްގެ ސަބަބުން ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. މިލާންގެ އެ ރުޅިވެރިކަމުގެ މާނައަކީ އެ ހިތުގައި ޔައިނާއަށްޓަކައި ވާ ލޯބި ފުހެވިގެން ދިޔުމެއް ނޫނެވެ. އޭނާއަށް އަދިވެސް މިލާންގެ ހިތް އޭނާގެ މައްޗަށް އަނބުރާލެވިދާނެއެވެ. ޔައިނާގެ ޢަޒުމު އެވަގުތު އިހުނަށް ވުރެ ގަދަވީ ފަދައެވެ. މާޒީގައި ކަންތައް ވެފައި އޮތް ގޮތުން ދެރަވެ ހިތާމަ ކުރުމެއް ނެެވެ. ބަދަލުގައި އޭނާއަށް ކުރިމަގު އުޖާލާ ކުރެވިދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް، މިއަދު އޭނާއަކީ މިލާންގެ އަނބިމީހާއެވެ. މިލާންގެ ރުހުން ހޯދުމަށް މިއަދު ކޮންމެ ކަމެއް ކުރުމުގެ ޙައްޤުވެސް އޭނާއަށް އެ ވަނީ ލިބިފައެވެ. މިލާންގެ ލޯބި ހޯދަން ގަދައަޅާ މަސައްކަތް ކުރާނެ ކަމަށް އެވަގުތު ޔައިނާ އަމިއްލަ ނަފްސަށް ވަޢުދު ވިއެވެ. ފުން ނިދީގެ ތެރެއަށް ގެނބިގެން ދާން މަސައްކަތް ކުރަމުން ދިޔަ އިރު، ޔައިނާގެ ލޮލުގައިވީ ކަރުނަތައް ނުހިކި ހުރި ނަމަވެސް، އެ ތުންފަތުގައި ކުޅެލާފައިވީ ހިތްގައިމު ހިނިތުންވުމެކެވެ.
*** ** ***
އެނދުމަތީގައި ނުނިދިގެން ދެފަރާތަށް ފުރިޅެމުން ދިޔަ ލައުރާގެ ލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ދިޔައީ އެ އެކަނިވެރި ރޭ ލައުރާގެ އެކަނިވެރިކަން ފިލުވައިދެމުންނެވެ. ޔައިނާއާއި މިލާންގެ ކައިވެނި ކުރެވިގެން އެ ދިޔައީ ލައުރާގެ ދިރިހުރުމުގެ ހުރިހާ އުންމީދެއް ފުނޑުފުނޑު ކޮށްލާފައެވެ. އެކަމާ ވިސްނަމުް ނުނިދިފައި އޮތް ލައުރާގެ ސިކުނޑިއަށް ކުއްލިއަކަށް ވެރިވެގަތީ އަޒާންގެ ފެންކަޅިވެފައިވީ ދެލޮލެވެ. ވަގުތުން މިލާންގެ ހުރިހާ ޚިޔާލެއް ހިތުން ފުހެވިގެން ދިޔަ އިރު ހަމައެކަނި އަޒާންއަށްޓަކައި އެ ސިކުނޑި ހުސްވެގެން ދިޔައެވެ. ލޮލަށް ފެންނަމުން ދިޔައީ އަޒާންގެ އެ ދެލޮލެވެ. ކަންފަތަށް އަޑު އިވެމުން ދިޔައީ އަޒާންގެ ކަރުނުން ފުރިގެންވީ އާދޭސްތަކެވެ. ފަސް އަހަރު ވަންދެންވެސް އެއްވެސް އަންހެން ކުއްޖަކު އެ ޙަޔާތަށް ނުގެނެސް އަޒާން ހުންނާނީ އޭނާ ދެކެ ހާދަ ލޯބިވާތީއޭ ހިތަށް އެރިއެވެ.
ނަމަވެސް، ދެވަނަ ސިކުންތުގައި އޭނާގެ މުޅި ވިސްނުން ބަދަލުވިއެވެ. އަޒާންއަކީ އޭނާއަށްވުރެ ހަގު ކުއްޖެކެވެ. އޭނާގެ އެންމެ ގާތް އެކުވެރީންގެ ތެރެއިން އެކުވެރިއެއްގެ ކޮއްކޮއެކެވެ. ވީ އިރު، އޭނާއާއި އަޒާން ގުޅުމުން މުޅި ދުނިޔެވެސް އޭނާއަށް މަލާމަތް ކުރާނެއެވެ. އެހެންނޫނަސް، މިވީ ފަސް އަހަރު ދުވަހުގެ ތެރޭގައި އޭނާ އަޒާން ދެކެ ނުވި ލޯތްބެއް ވަކި މިހާރު ވާންވީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ނަފްސު ދެކެ އައި ރުޅީގައި ބާލީހުގައި މޫނު ފޮރުވާލާފައި، ދެލޯ މަރައިލީ ނިދީގެ ފޮނި މީރުކަން ޙާސިލް ކުރެވޭތޯއެވެ.
ނަމަވެސް، ލައުރާ ކިތަންމެ ޤަބޫލު ކުރަން ބޭނުން ނުވި ނަމަވެސް، އަޒާން މިރޭ އޭނާގެ ހިތުގައި ކޮށްޓާލައިފިއެވެ. ލައުރާގެ ހުއްދައެއް ނެތި އެ ހިތުގެ ތެރެއަށް ދެމިގަނެފިއެވެ. ލައުރާއަށް ނޭނގުނު ކަމަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޒާން އެ ހިތް އެކުގައި މިލްކުވެސް ކުރާނޭ ކަމެވެ. މިއަދު އަޒާން ލައުރާގެ ލޯތްބަށް އެދި އާދޭސް ކުރި ފަދައިން, އޭނާވެސް އަޒާންގެ ލޯތްބަށް އެދި އާދޭސް ކުރަން ޖެހޭ ދުވަހެއް އަންނަން އޮތް ކަމެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







Nayaa… Haadhaa inthizaareh koffimey story up vaane dhuvahakah.. hykury dhn mi story nunereyne kmh…
V v happy vejje vaahaka nerefa inyma.. story kiyalafa adhi comment eh kollanan inge..😅
Dhen oiyy episode thankolheh avahah genes dhehchey
mi part vx vrh reethi maasha Allah
tysm laii..dhn oiy part vs hama veehaaves avahakah upload kureveythoa alhugandu mi masakkaiy kurany
Mi part ves v reethi when next part 🤍
ty azu..next part mihaaru vs hama liyamun mi gendhany..scl ge kankamuga maa bura koh ulhen jeheythee ehn vaki dhuvaheh bunaakah neynye
finallyyy i have been waiting for this to upload for so long mi part ves vrh reethi next part avahah up kurachey
i just love this story one of my favs cant wait for the next part keep up the work sis <3
Masha allah vrh vrh reeethi
mi vaahaka aky fahuge thaaareehegai esfiya in kiyaalevunu enme reethi vaahaka….
Dhen part thankolheh avahah genesdheyne kamah unmydhu kuran…. Gina dhuvas vanyaa kiyuntherin vaahaka kiyan foohi vaane…. Las vaa sababu bunela dhinumaky vrh muhinmu kameh….
vrh bodah shukuriyyaa azu..means a lot of to me..
vhk kiyaanulevi gina dhuvas vaa varakah kiyuntherin foohi vaane kan vs alhugandah ingey..aslu mi dheythereyn school ga maa bura koh ulhen jehuneema..hendhunaa mendhuraa haveeraa reygandu vs hama school ga ulhen jeheny..gina faharah filaavalhu thah muthaaliaa koh dhas kohlan vs libenee dhanvaru gadi ekani..alhuganduge fahu 2 aharu veema aslu kiyevumah ehn hurihaa kamakah vure bodah samaalu kan dhen..Ehnve vhk upload nukurevi gina dhuvas dhany..ekamah takaa kiyunthereenge kibain nihaayathah ma’aafah edhen..
best story i have ever read in esfiya. even this part is so beautiful. when is next part? can you upload it fast!
Dhen oi part ves kiyaalan vrh beynun
😘😘🙋❤️❤️👍👍🎉🎉🎆🎊👏👏👏👏👏😭😭😭😭😭🤣🤣🤣😍😍😍😍🙊🙊🙊🙈🙈🙈🙈🙀🙀🙀🙀😻😻😻🤦🤦🤷👧🤷