ލޯގަނޑު ކުރިމަތީގައި އަމިއްލަ ސޫރަޔަށް ބަލަހައްޓައިގެން ހުރި މިލާން ހުރީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ޚިޔާލީ ކަނޑުން ބޭރުވާން އޭނާއަށް އެގުނީ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހައިލުމުންނެވެ. ވަގުތުން ފުން ނޭވާއެއް ދޫކޮށްލައި، މީހާ ހަމަޖެހިލިއެވެ. އަދި ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި އަފާން ފެނުމުން ކޮނޑުގައި ޖަހައިލާފައި، އެކުވެރިޔާއަށް ތަޢުރީފު ކޮށްލިއެވެ. އަފާންވެސް ހަމަ އެފަދައިން މިލާންއަށް ތަޢުރީފު ކޮށްލާފައި ދާން ވެއްޖެ ކަމަށް ބުންޏެވެ. އެއާއެކު، ދެން ފެނުނީ ދެމީހުން އެކީގައި ގެއިން ނުކުތް ތަނެވެ. ވެއަތުވަމުންދާ ކޮންމެ ދުވަހަކާ އެކީ މިލާންއާއި އަފާންގެ އެކުވެރިކަން ބަދަހިވުން ވެގެން ދިޔައީ ދެމީހުންނަށްވެސް ހަމަޖެހުން ގެނުވި ކަމަކަށެވެ. ކައިވެނީގެ ރަސްމިއްޔާތަށް ދިޔުމަށް ދެމީހުން ހިނގައިގަތީ ހިތް އަވަސްވެފައި، އެހެނަސް، އުފާވެފައި ހުރެއެވެ.
ކައިވެނީގެ ރަސްމިއްޔާތު އޮތީ އެރަށުގައި ޚާއަސަ ޙަފްލާތައް ބޭއްވުމަށް ހަމަޖައްސާފައިވާ ހޯލެއްގައެވެ. އެ ހޯލަށް ވަދެވުމާއެކު، ދެމީހުންނަށްވެސް އެކި ފަރާތް ފަރާތަށް ނަޒަރު ހިންގައިލެވުނީ ތަން ޒީނަތްތެރި ކުރެވިފައިވީލެއް ފުރިހަމަ ކަމުންނެވެ. އެންމެ ފުރަތަމަ ހޯލަށް ވަންނަ އިރު “މިލާން ވެޑްސް ޔައިނާ” އަދި “އަފާން ވެޑްސް ޒާރާ” ޖަހާފައިވީ ވަރަށް ރީތި ބޯޑެއް ހުއްޓެވެ. ހުދާއި ކްރީމް ކުލަ އެކުލެވޭނެހެން މުޅި ހޯލްތެރެ ޒީނަތްތެރި ކުރެވިފައިވާ އިރު ވަރަށްވެސް ފުރިހަމައެވެ. ފާރުގައި ކްރީމްކުލައިގެ ކަރޓެއިންސް ރީތި ގޮތަކަށް ދަމައިލެވިފައި ހުރި އިރު، ހުދުކުލައިގެ ފެއަރީ ލައިޓްސް އޮޅާފައި ހުރުމުން މަޑު ރަން އައްޔެއް ފާޅުވެއެވެ. ކައިވެނި ކުރެވޭ މޭޒުމަތީގައިވެސް ހަމަ އެ ދެކުލައިގެ މާތައް ވާސްއަކަށް ޖަހާފައި ހުރި އިރު، ކްރީމް ކުލައިގެ ސިލްކް ފޮތިގަނޑެއް އަޅާފައި ވެއެވެ. މެހެމާނުންނަށް ޚާއްސަ ކުރެވިފައިވީ ވަށް މޭޒުތައްވެސް ހަމަ އެފަދައިން ރީތިކުރެވިފައިވާ އިރު، މާ ވަށިގަނޑުގެ އިތުރުން އުއްބައްތިވެސް ދިއްލާފައި ހުއްޓެވެ. މާ ދުރު ނޫން ހިސާބެއްގައި އެކި ވައްތަރުގެ ކެއުންތަކާއި، ބުއިންތައް އަތުރާފައިވީ ބޮޑު މޭޒެއްވެސް ހުއްޓެވެ. އަލަތު ކައިވެނި ކުރެވޭ ދެ ޖޯޑަށް ޚާއްސަކޮށް ހަދާފައިވީ ސްޓޭޖްކޮޅު އަދި ވަކިން ފުރިހަމައެވެ. ބެކްގްރައުންޑުގައި ކްރީމްކުލައިގެ ފޮތިގަނޑެއް ބޭނުންކޮށްފައި، ހުދާއި، ކްރީމް ކުލައިގެ މައުތަކުން ޖަރީކުރެވިފައި ވުމުން ވަރަށްވެސް ފުރިހަމައެވެ. އެ ހޯލަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ސީލިންގުގައި އެލުވާފައި ހުރި ބޮޑު ޗާންދެލިޔާއިންނެވެ.
މާހިރުގެ ޢިޝާރާތަށް އަފާންއާއި މިލާން މޭޒު ކައިރިޔަށް ދިޔައެވެ. އެންމެ ފުރަތަމަ ހަމަޖެހިފައިވީ ޒާރާއާއި އަފާންގެ ކައިވެންޏެވެ. އެހެންކަމުން، އޭނާއަށް ޚާއްސަ ކުރެވިފައިވީ ގޮނޑީގައި އަފާން އިށީނެވެ. އެއާއެކު، މިލާން ގޮސް، ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. މޭޒުދޮށުގައި އިން އަފާންއަށް ދިޔައީ އިރުއިރުކޮޅާ ދޮރާ ދިމާއަށް ބެލެމުންނެވެ. އެ ހިތުގެ ރާނީ ކައިވެނީގެ ހެދުމުގައި ހާދަ ފުރިހަމަވާނޭ އަފާންގެ ހިތަށް އަރަމުން ދިޔައެވެ.
ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔަ އަފާންއަށް ނޭވާ ހިފަހައްޓައިލަން ޖެހުނީ ދޮރުން ވަދެގެން އައި ޒާރާ ފެނުމުންނެވެ. ހުދުކުލައިގެ އެ ބޮޑު ކައިވެނީގެ ހެދުމުގައި ޒާރާ ހާދަހާވާ ފުރިހަމައޭ އަފާންގެ ހިތަށް އެރިއެވެ. ހެދުމުގެ ފަސްބައި އެކި ލޭޔަރަށް ލޭސް ލާފައި ވާއިރު، ވަރަށް ބޮޑެވެ. ހެދުމުގެ މަތީބައި އެއްސާއި، ވިދުން ހުރި ލޭސްތަކަކުން ޖަރީވެފައިވާ އިރު ބަލާ ފޫހިނުވާނޭކަން ގައިމެވެ. ކުރިމަތީގައި އިން ހޫރުޕަރީއެއް ފަދަ އަންހެން ކުއްޖާއަށްޓަކައި އެތައް ތަޢުރީފުގެ ބަސްތަކެއް އެވަގުތުވެސް އަފާންގެ ހިތަށް އައެވެ. ވަގުތުން ޒާރާ ގެނެސް މެޔާލައި ބޮނޑިކޮށްލަން ބޭނުންވިއެވެ. ލޯބިވާ ވަރު ބުނެދޭން ބޭނުންވިއެވެ.
މަޑު ހިނގުމެެއްގައި އައިސް، އަފާންއާ ޖެހިގެން ޒާރާ އިށީން އިރު، އެ މޫނު ވަނީ ލަދުން އިސްޖެހިފައެވެ. އަފާންގެ ރީތިކަމަށް ތަޢުރީފު ކުރަންވެސް ބޭނުންވިއެވެ. ނަމަވެސް، ހިނދުކޮޅެއްގެ ތެރޭގައި އޭނާ މީހެއްގެ އަތންބަކަށް ވާން އުޅޭކަން ހަނދާން ވުމުން ލަދުވެތިކަމާއި، ނުތަނަވަސްކަން މުޅި ނަފްސު ވަށައިލިއެވެ. ޤާޒީ ޚުތުބާ ކިޔަން ފެށި އިރު، ދެއަތް ދެއަތާ މޮޑެމުން ދިޔަ ޒާރާ ފެނި، ކޮންމެ މީހަކަށްވެސް ޒާރާ ބިރުގަނެފައިވާ މިންވަރު ހާމަވެގެން ދާނެއެވެ. އެ މަންޒަރު ބަލަން އިން އަފާން އޭނާގެ އަތް ޒާރާގެ އަތްމަތީގައި ބާއްވައިލިއެވެ. ލިބުނު ސިހުމާއި އެކު، ޒާރާއަށް އަފާންގެ ދެލޮލަށް ބަލައިލެވުނެވެ. އެއާއެކު، އަފާން ލަސްލަހުން ދެލޯ މަރައިލުމަށްފަހު ހުޅުވައިލީ ހާސް ނުވާށޭ ބުނާ ފަދައަކުންނެވެ. އެއާއެކު، ޒާރާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔަ އިޙުސާސް ކުރެވުމާއެކު، އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އަފާންގެ އަތަށް ބާރަށް ފިތައިލަމުން ފުން ނޭވާއެއް ދޫކޮށްލީ ހަމަޖެހިލުމަށެވެ. އެއަށްފަހު ދެމީހުންވެސް ކަނުލާ، ކައިވެނީގެ ޚުތުބާ އަޑު އަހަމުން ދިޔައެވެ.
“އަނބި ޤަބޫލުކޮށްފިންތޯ..؟” ޤާޒީ އަހައިލުމާއެކު، އަފާންއާއި ޒާރާއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. “އަނބި ޤަބޫލުކޮށްފިން..” ޒާރާގެ އަތަށް މަޑުމަޑުން ފިތައިލަމުން އަފާން އޭނާގެ ބަރު އަޑުން ބުނެލިއެވެ. އެވަގުތު ޒާރާއަށް އިޚްތިޔާރަކާ ނުލައި، ރޮވެން ފެށުނު ނަމަވެސް، އެ ތުންފަތް މަތީގައިވީ ހިނިތުންވުމެކެވެ. އަފާންގެ ދުލުން ނުކުތް އެ ޖުމްލައާއި އެކީ އޭނާގެ ބަނޑުގައި ކޮކާ އުދުހޭކަހަލަ އިޙުސާސެއް ކުރެވުނެވެ. ހިތުގެ ތެޅުން އަވަސްވީ ވަރު އިޙުސާސް ކުރެވުނެވެ. އޭނާއަކީ މިހާރު މީހެއްގެ އަތންބެކެވެ. އަފާންގެ ޙައްޤެކެވެ. ޒާރާގެ ދެލޮލުން ކަރުނަ އޮހެން ފެށުމާއި އެކު، އަފާން ވަރަށް ލޯބިން އެ ކަރުނަތައް ފުހެލައިދީފައި، ޒާރާގެ ނިތަށް ބޮސް ދިނީ އެތަނުގައި މީހުން ތިބި ކަންވެސް ހަނދާން ނައްތައިލަމުންނެވެ. އިޙުސާސް ކުރެވުނު ލަދުވެތިކަމާ އެކު، ޒާރާއަށް އިސްޖަހައިލެވުނެވެ. މޭޒު ކައިރީގައި ތިބި މީހުންނާ ސަލާމް ކޮށްލުމަށްފަހު، އަފާންއާއި ޒާރާ ގޮސް ހުއްޓުނީ، އެމީހުންނަށް ޚާއްސަ ކުރެވިފައިވީ ތަނުގައެވެ.
އަފާންއާއި ޒާރާ ދިޔުމުން މިލާން އައިސް ގޮނޑީގައި އިށީނދެލިއެވެ. އިރުއިރުކޮޅާ މައި ދޮރާ ދިމާއަށް ބެލެމުން ދިޔަ އިރު އޭނާގެ ހިތުގެ ހިނގުން އަވަސްވެފައިވީ ވަރު އަމިއްލައަށްވެސް އިޙުސާސް ކުރެވެމުން ދިޔައެވެ. އަމިއްލަ ހިތަށް ވިސްނައިދޭން ކިތަންމެ ވަރަކަށް މަސައްކަތް ކުރަމުން ދިޔަ ކަމުގައިވީ ނަމަވެސް، މިލާންއަށް ދިޔައީ އެ ހިތުގެ ރާނީ ކައިވެނީގެ ބޮޑު ހެދުމުގައި ހުންނާނެ ގޮތް ދެކިލުމަށް ވަގުތު ގުނެމުންނެވެ.
މިލާންގެ އިންތިޒާރަށް ނިމުމެއް އައީ ދޮރުން ވަދެގެން އައި އެ ހިތުގެ ރާނީ ފެނުމުންނެވެ. ކައިވެނީގެ ބޮޑު ހެދުމުގައި ޔައިނާ ހާދަހާވާ ފުރިހަމައެވެ. ދެލޯ ބޮޑުކޮށްލެވުނު އިރު މިލާންއަށް އަނގަވެސް ހުޅުވައިލެވުނީ އަޖައިބުވީ ވަރުންނެވެ. މިރޭ ޔައިނާ ބުރުގާ އަޅާނެ ކަމެއް ކުރިން އޭނާއަކަށް ނޭނގެއެވެ. މީހުން ބުނަނީ ތެދެކެވެ. އަންހެން ކުއްޖެއްގެ ޙަޤީގީ ރީތިކަން ފެންނަނީ އިސްލާމީ ރިވެތި ހިޖާބުން ނިވާވެގެން ހުރުމުންނެވެ. މަޑު ހިނގުމެއްގައި ޔައިނާ އައިސް ގޮނޑީގައި އިށީން އިރުވެސް މިލާންގެ އެ ތޫނު ނަޒަރު ހުއްޓިފައިވަނީ ޔައިނާ އަށެވެ. “ވަރަށް ރީތި…” މިލާންގެ ދުލުން އެ ދެ ލަފްޒު ބޭރުވީ ހިތުގެ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. އެހެން ބުނެވުނީތީ ޚުދު މިލާންވެސް ހައިރާންވިއެވެ. އަވަސްއަވަހަށް ކަރުކެހިލަމުން ނަޒަރު ވަކި ކޮށްލީ ނުވާ ކަމަށް ހަދައިލުމަށެވެ.
ޔައިނާގެ ޙާލަކީތޯއެވެ؟ މިލާންގެ ފަރާތުން ލިބުނު ތަޢުރީފާއެކު، މިއިން ދުވަހަކު ނުލިބޭހާ އުފާ އެހިތަށް ލިބިއްޖެއެވެ. ލަދުވެތިކަމާއެކީ އިސްދަށަށް ޖަހައިލެވުނު އިރު އެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލިއެވެ. މިލާން އަދިވެސް އޭނާ ދެކެ ވަނީ ސާފު، ތެދުވެރި ލޯބިކަން ހާމަ ވެއްޖެއެވެ. ކައިވެންޏަށްފަހު، މިލާންގެ އިތުބާރު އަލުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެވަގުތު ޔައިނާ އަމިއްލަ ނަފްސަށް ވަޢުދު ވިއެވެ.
ޤާޒީ ޚުތުބާ ކިޔަން ފެށުމާއެކު، މުޅި މާހައުލު ހަމަހިމޭންވިއެވެ. ދެމަފިރިންގެ ޙައްޤތަކާއި ވާޖިބުތައް ކިޔައިދެމުން ދިޔަ އިރު ޔައިނާދިޔައީ ކަނުލައި އަޑުއަހަމުންނެވެ. މިލާންވެސް އަޑު އެހޭތޯ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑުގެ ބޮޑުކަމުން އެކަމެއް ނުވިއެވެ. “އަނބި ޤަބޫލުކޮށްފިންތޯ..؟” ޤާޒީގެ އެ ސުވާލާއި އެކު މިލާންއަށް ނޭވާ ހިފަހައްޓައިލެވުނެވެ. އޭނާ ހަމަ އާއެކޭ ބުނަންވީ ހެއްޔެވެ؟ އަމިއްލަ ދެއަތުން އަމިއްލަ ސިރިއުޅުން އަނދަވަޅަކަށް ވައްޓައިލަންވީ ހެއްޔެވެ؟ މިލާންގެ ފަރާތުން ޖަވާބެއް ނުލިބި އިރުކޮޅެއް ވުމުން ޔައިނާގެ ދެލޯ ފެންކަޅިވީ އިޚްތިޔާރަކާ ނުލައެވެ. މިއީ މިލާން ކުޅެލި ކުޅިވަރެއް ބާވައެވެ؟ އިންނާނަމޭ ކިޔާފައި، އެންމެ ފަހު ވަގުތު އެންމެން ކުރިމަތީ އޭނާ ފަޟީޙަތް ކޮށްލަން ނިންމި ރޭވުމެއް ބާވައެވެ.
“އަނބި ޤަބޫލުކޮށްފިން..” މިލާންގެ ދުލުން ނިކުތް ޖުމްލައާއި އެކު، އެތަނުގައި މީހުންގެ އަތްތިލަބަޑީގެ އަޑި ގުގުމައިލިއެވެ. ރޮވިފައި އިން ޔައިނާއަށްވެސް އިޚްތިޔާރަކާ ނުލައި ހިނިތުންވެވުނީ އެ ހިތަށް ލިބުނު ފިނިކަމެއްގެ ބޮޑުކަމުންނެވެ. އެތަނުގައި ތިބި މީހުންނާ ސަލާމް ކޮށްލުމަށްފަހު، މިލާންއާއި ޔައިނާ ގޮސް ޒާރާއާއި އަފާންއާވެސް ސަލާމް ކޮށްލިއެވެ. ޒާރާ ނުހަނު އުފާވެފައި ހުރެ، ޔައިނާ ގައިގައި ބައްދައިލީ މަރުޙަބާ ކިޔަމުންނެވެ. ޔައިނާވެސް ހަމަ އެ ގޮތަށް އެ ޢަމަލު ތަކުރާރު ކޮށްލިއެވެ. މިލާންއާއި އަފާންވެސް އެކަކު އަނެކަކަކުގެ ގައިގައި ބައްދައިލަމުން މަރުޙަބާ ކިއެވެ.
“ޔައި މިރޭ ބުރުގާ އަޅާ ކަމެއް ނޭނގޭ..” އަފާން ބުނެލިއެވެ “މަށަށްވެސް ނޭނގެ.. އެންމެ ފަހު ވަގުތު ރެޑީވެސް ވެ ނިމުނު ފަހުން ފެނުނީމަ އެނގުނީ.. އަސްލު މާ ރީއްޗޭ ބުރުގާ އެޅީމަ.. ދޯ މިލާން..؟” ޒާރާގެ އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުމުން މިލާން ހިނިތުންވެލީއެވެ. އެހެން މީހުންގެ ކުރިމަތީގައި ޕްލާސްޓިކު ހިނިތުންވުމެއް ވެރިކުރުވައިގެން ހުރި ނަމަވެސް، އެ ހިތުގައި އުފެދެމުން ދިޔަ ހައިޖާނުގަނޑުގެ ބޮޑުކަން އެނގޭނީ ހަމަ އޭނައަށެވެ. ޕާޓީ ފެށުމާއި އެކު، ދެ ޖޯޑުވެސް އެބަޔަކަށް ޚާއްސަ ކުރެވިފައިވީ ތަނުގައި ހުއްޓުނެވެ. އަންނަ މެހެމާނުންނާ އެއިން ކޮންމެ މީހަކުވެސް ބައްދަލު ކުރަމުން ދިޔައީ ހިނިތުންވުމަކާ އެކީއެވެ.
*** ** ***
ޕާޓީގައި ތަފާތު ބުއިންތައް އަތުރާލެވިފައި ހުރި މޭޒު ކައިރީގައި ހުރި ލައުރާގެ އަތުގައި ކޯކު ތަށްޓެއް ހުއްޓެވެ. ކްރީމް ކުލައިގެ އޮފްޝޯލްޑަރ ބޮޑު ހެދުމެއް ލައިގެން ހުރި އިރު ލައުރާ ވަރަށްވެސް ރީއްޗެވެ. މޫނުގައި ލުއި މޭކަޕެއް ކޮށްލުމަށްފަހު، އެ ކަޅުކަން ގަދަ ފަން އިސްތަށިގަނޑުވެސް މިނިވަންކަމާއެކީ ދޫކޮށްލާފައި ވުމުން ވަރަށް ފުރިހަމައެވެ. ނަމަވެސް، އެ ރީތި މޫނުމަތީގައި މިރޭ ހިނިތުންވުމެއް ނެތެވެ. ދެލޮލުގައިވީ ކަރުނައެވެ. ހިތުގައިވީ ޝަކުވާއެވެ. މިލާންމެނާއި ދިމާއަށް ބަލަހައްޓައިގެން ހުރި އިރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ދުވަހަކު ނުރިއްސާ ވަރަށް މިރޭ އެ ހިތުގައި އެ ރިއްސައެވެ. އެންމެ ލޯބިވާ ފަރާތް މިއަދު އެ ވަނީ އެހެން މީހެއްގެ ދާއިމީ ޙައްޤަކަށް ވެ ނިމިފައެވެ.
“ލާރާ…” ފަހަތުން އިވުނު ބަރު ފިރިހެން އަޑާ އެކީ ލައުރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަތުގައި ހުރި ކޯކު ތައްޓަށް ބާރުކޮށްލެވުނު އިރު ދެލޯވެން މަރައިލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ލައުރާ އަވަސްއަވަހަށް އެ ދެލޮލުގައިވީ ކަރުނަތައް ހިންދައިލިއެވެ. އެއްވެސް އަސަރެއް ނެތް ގޮތަކަށް ލައުރާ ފަހަތް ބަލައިލީ އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭތީއެވެ. އެ ނަމުން އޭނާއަށް ގޮވާނީ އެންމެ މީހެއް ކަމަށް ވާތީއެވެ.
“އަޒާން.. މިތާ ކީއްކުރަނީ..؟” ކުރިމަތީގައި ހުރި މީހާއަށް ބަލައިލަމުން ލައުރާ އެއްސެވެ. އެއާއެކު، އެ ޒުވާނާ ލުއިކޮށް ހީލި އަޑު އިވި، ލައުރާގެ ހިތުގެ ތެޅުންވެސް އަވަސް ވެގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނީ، އެ އަޑު ރީތި ކަމުންނެވެ. “އަހަރެންގެ ބޭބެގެ ކައިވެންޏަށް އަހަރެން އައިސްގެން ނުވޭތަ..؟” ދުރުގައި ހުރި އަފާންއަށް އިޝާރާތް ކުރަމުން އަޒާން ބުނެލިއެވެ. “އޯހ..” ބުނާނެ އެއްޗެއް ނޭނގުމުން ލައުރާއަށް ހަމައެކަނި ބުނެވުނީ އެހެންނެވެ. އެއަށްފަހު، އެ ދެމުގައި ދިޔައީ ހަމަހިމޭން ކަމުގެ ސުކޫތެކެވެ. އެ ހިމޭންކަމުން އުނދަގޫ ވުމުން ލައުރާ ކޯކު ތަށި މޭޒުމަތީގައި ބަހައްޓާފައި، ފަސް އެނބުރި ހިނގައިގަތެވެ. ނަމަވެސް، ކުރިޔަށް އެންމެ ފިޔަވަޅެއްވެސް ނޭޅެނީސް، އަޒާން އެ އަތުގައި ހިފުމުން، ހުއްޓެން މަޖުބޫރު ވިއެވެ.
“އަޒާން ކީއްތަ ތި ކުރަނީ..؟ މީހަކަށް ފެނިދާނޭ..” ލައުރާ އޭނާގެ އަތް މިނިވަން ކުރަން މަސައްކަތް ކުރަމުން ބުނެލީ ހިތްހަމަޖެހިފައި ހުރެއެވެ. “ލާރާ.. ކޮބާތަ ލާރާގެ ޖަވާބު..؟ ކިހާ ދުވަހެއް އަހަރެން ލާރާގެ ޖަވާބަކަށް އިންތިޒާރު ކުރާތާ..؟” އަޒާންގެ އަޑުގައިވީ ވޭނެވެ. “ޖަވާބު މީގެ ފަސް އަހަރު ކުރިން ދީފަ އޮންނާނީ..” ލައުރާ ބުނެލީ އެއްވެސް އަސަރެއް ނެތް ގޮތަކަށެވެ. “ތި ޖަވާބެއް ހަމަ ބަދަލެއް ނުވާނެތަ..؟” އަނެއްކާވެސް އަޒާން އަހައިލިއެވެ. “ނުވާނެ.. ދުވަހަކުވެސް ނުވާނެ.. އަޒާންގެ ލޯތްބެއް އަހަންނަކަށް ދުވަހަކުވެސް ގަބޫލެއް ނުކުރެވޭނެ..” ލައުރާގެ އަޑު ދިޔައީ ހިނދަކަށް ވުރެ ހިނދެއް ބާރުވަމުންނެވެ. “ކީއްވެތަ..؟ ކީއްވެތަ އަހަރެންގެ ލޯބި ލާރާއަށް ޤަބޫލު ނުކުރެވެންވީ..؟ އަހަރެން ލާރާއަށްވުރެ ދެ އަހަރު ކުޑަވީމަތަ..؟ ނޫނީ-” “އާނ އަޒާން.. އަޒާން ތީ ކުޑަ ކުއްޖެކޭ.. އަދި އެވެސް އަހަރެންގެ ގާތް ރައްޓެއްސެއްގެ ކޮއްކޮ.. ކިހިނެއްތަ އަހަރެން އަޒާން ދެކެ ލޯބިވާނީ..؟” ލައުރާ އަޒާންއަށް ބަލައިލިއެވެ. “އަހަރެން މީކީ މިހާރު ކުޑަ ކުއްޖެއް ނޫނޭ.. އޭރު އަހަންނަށް ސޯޅަ އަހަރަކަސް، މިހާރު އަހަންނަކީ އެކާވީސް އަހަރު ވެފަ ހުރި ބޮޑު މީހެކޭ.. އެންމެ ދެ އަހަރުގެ ތަފާތޭ ލާރާ.. އެކަން އަހަންނަށް މައްސަލައަކަށް ނުވާ އިރު، ކީއްވެތަ ލާރާއަށް މައްސަލައަކަށް ވާންވީ..؟” އަޒާންގެ އަޑުގައި ޙަޤީގަތުގައިވެސް ވޭން އެކުލެވިގެން ވިއެވެ. “އަޒާންއަށް މައްސަލައަކަށް ނުވިޔަސް އަހަންނަސް އެއީ މައްސަލައެކޭ.. އެހެންނޫނަސް މި ބުނީނު އަހަރެން އަހަރެން އަޒާން ދެކެ ލޯތްބެއް ނުވެޔޭ.. ދެން ކިހިނެއްތަ އެއްކޮށް އުޅޭނީ..؟” ލައުރާ ބުނެލިއެވެ. “ލާރާ-” “ޕްލީޒް އަޒާން.. ދެން އަހަރެން ދިޔަދީ.. މިހާރު މީހުންވެސް މިދިމާ ބަލަން ފަށައިފި..” ލައުރާ އެހެން ބުނުމުން އަޒާން ލައުރާގެ އަތުން ދޫކޮށްލިއެވެ. އެއާއެކު، އަވަސްއަވަހަށް ލައުރާ ހިނގައިގަތުމުން އަޒާންވެސް އެތަނުން ނުކުތެވެ.
ފެންކަޅިވެފައިވާ އޭނާގެ ދެލޯ ފޮރުވުމުގެ ގޮތުން އޭނާ ނިކުތީ އަތިރިމައްޗަށެވެ. ދޮންވެލިގަނޑުގެ މަތީގައި އިށީނދެލަމުން، ބުރުހަމަ ރީތި ހަނދަސް އޭނާ ބަލައިލިއެވެ. އެ ހަނދުވެސް އޭނާގެ ހިތާމައިގައި ބައިވެރިވާ ކަހަލައެވެ. ހަނދާ ދިމާއަށް ބަލަހައްޓައިގެން އިން އިރު އޭނާއަށް ލައުރާގެ މޫނު ސިފަވުމުން އިޚްތިޔާރަކާ ނުލައި ހިނިތުންވެވުނެވެ. މާޒީގެ ޚިޔާލުތަކަށް ގެއްލި ހުސްވެ، އެންމެ ފުރަތަމަ ލައުރާއާ ދިމާވި ގޮތް ހަނދާނަށް އަންނަން ފެށިއެވެ.
*** ** ***
އެއީ މީގެ ފަސް އަހަރު ކުރިއެވެ. އަޒާންއަށް އޭރު ސޯޅަ އަހަރެވެ. ލައުރާއަށް އަށާރަ އަހަރެވެ. އަޒާން ގްރޭޑު ދިހައެއްގައި ކިޔަވަމުން ދިޔަ އިރު، ލައުރާ ކިޔަވަމުން ދިޔައީ ބާރައިގައެވެ. އޭގެ ކުރިން ދުވަހަކުވެސް، އަޒާންއަށް ލައުރާ ފާހަގަ ކުރެވިފަކައި ނުވެއެވެ. އޭނާއަކީ އޭރު ފެންނަހާ އަންހެން ކުއްޖަކާ ރައްޓެހި ވަމުން ދުވާ މީހެކެވެ. އަންހެން ކުދީންގެ ހިތްތައް ކަތިލާހާ ރީތިކަމެއް ލިބިފައި ވުމުން، އެކަމާ ދޭތެރޭގައި އަޒާން ވަރަށް ފަޚުރުވެރި ވެއެވެ. އަޒާންއަކީ، އަފާންއާއި ދިމާ އިދިކޮޅެވެ. އަފާން އެތައް ފަހަރަކު ނަސޭހަތް ދީގެންވެސް، އަޒާންގެ އުޅުން ބަދަލެއް ނުވިއެވެ. ދުވަސްތައް ވޭތުވަމުންދިޔައީ އެގޮތުގައެވެ.
އަޒާންއަށް އެންމެ ފުރަތަމަ ލައުރާއަށް ތަފާތު ގޮތަކަށް ބަލައިލެވުނީ ތުނޑިމަތީގައި ލައުރާ ރޯން އިން ދުވަހަކުއެވެ. އެދުވަހު އެތަނުގައި އެއްވެސް މީހަކު ނެތެވެ. އަންހެން ކުއްޖަކު އެހާ ހިތްދަތިވެފައި ރޮނިކޮށް އޭނާ އަދި ދުވަހަކުވެސް އަޑެއް ނާހައެވެ. ލައުރާގެ އެ ގިސްލުމުގެ އަޑު އިވިފައި އަޒާންއަށް އެދުވަހު އެހާ އަސަރު ކުރީ ކީއްވެގެންކަމެއް ނޭނގުނެވެ. ކައިރިއަށް ދާން ހިތް އެދުނު ނަމަވެސް، އޭނާއަށް ނުކެރުން ވީ ލިބުނު އިތުރު ހައިރާން ކަމަކަށެވެ. އަންހެން ކުއްޖެއްގެ ކުރިމަތީގައި އޭނާ މިހާ ފިނޑިވީ ކޮން އިރަކު ހެއްޔެވެ؟ ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކުން ނުތަނަވަސްކަން ލިބުމުން އަޒާން އެތަނުން ދިޔައީއެވެ. ފުރަތަމަ ނަޒަރުން ލޯބިވެވޭ ކަމަށް އަޒާން ޤަބޫލުކުރީ އެ ދުވަހުއެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް އޭނާއަށް ޙަޤީޤީ ލޯބިވެވުނެވެ.
އޭގެ ފަހުން ލައުރާގެ ކޮންމެ ޙަރަކާތަކަށް އަޒާން ދިޔައީ ބަލަމުންނެވެ. އެތައް ދުވަހެއްގެ މަތިން ތުނޑިމަތީގައި ލައުރާ ރޯން އިންނަ ތަން ފެނި އެ ހިތަށް އަސަރު ނުކުރާ އެންމެ ފަހަރެއްވެސް ނުދެއެވެ. އޭނާ ގުޅުން ބާއްވާ ހުރިހާ އަންހެން ކުދިންނާއި ގުޅުން ކަނޑައިލީވެސް ލައުރާއަށްޓަކައެވެ. އުޅުން ރަނގަޅުކޮށް، ހަރުދަނާ މީހަކަށް ވާންވެސް ބޭނުންވީ، ހަމަ އެ ލޯބީގެ ޙައްޤުގައެވެ.
އަހަރު ނިމުމާއި އެކީ، ލައުރާވެސް އެހެން ކުދީންނެކޭ އެއްފަދައިން ރަށުން ބޭރަށް ކިޔަވަން ދާ ޚަބަރު ލިބުން ވީ އަޒާންގެ ހިތް ފޮތިފޮތިވެގެން ދިޔަ ޚަބަރަކަށެވެ. ކަށީގައި ނެތް ހިތްވަރު ލައިގެން އަޒާން އެދުވަހު ނިންމީ ލައުރާއަށް ލޯބި ހުށައަޅާށެވެ. ނަމަވެސް…
ނަމަވެސް، އެދުވަސް ވެގެން ދިޔައީ އަޒާންގެ ޙަޔާތުގައި އައި އެންމެ ހިތާމަވެރި ދުވަހަށެވެ. އަޒާން ދެކެ ކުޑަކޮށްވެސް ލޯބި ނުވާ ކަމަށް ބުނެ، ލައުރާ އެ ލޯތްބަށް ފަސްދީފައި ދިޔައީއެވެ. ސަބަބުތައް ބައިވަރެވެ. އަޒާންއަކީ އަފާންގެ ކޮއްކޮއަށް ވެފައި، އޭނާއަށް ވުރެ ކުޑަވުމެވެ. ނަމަވެސް، އަޒާންއަށް ނޭނގުނު ކަމަކީ، ޙަޤީގަތުގައި ލައުރާގެ ހިތުގައި ރަސްކަން ކުރަމުން ދިޔައީ އެހެން ފަރާތެއް ކަމެވެ. އެ ހިތުން އަޒާންއަށް ޖާގައެއް ނުލިބުނު ޙަޤީގީ ސަބަބަކީ އެއީ ކަމެވެ.
އެދުވަހަށް ފަހު މިއަދާ ހަމައަށްވެސް އަޒާންގެ ހިތުން ލައުރާގެ ނަން ފުހެނުލެވުނެވެ. އެހެން އަންހެން ކުއްޖަކާ ދިމާއަށް އެފަދަ ނަޒަރަކުން ބަލައިވެސް ނުލެވުނެވެ. ފަސް އަހަރު ފަހުންވެސް ހަމަ އެ ސުވާލު ތަކުރާރު ކުރުމުން، މިރޭވެސް އެ ލިބުނީ ހަމަ އެއް ޖަވާބެކެވެ. ނަމަވެސް، މިފަހަރު އޭނާ އެހާ ފަސޭހައިން ލައުރާ ދުލެއް ނުކުރާނެއެވެ. ލައުރާ އެހެން މީހެއްގެ ޙައްޤަކަށް ނުވާހާ ހިނދަކު އޭނާ ލައުރާ ހޯދަން މަސައްކަތް ކުރާނެއެވެ. އެއީ ޔަޤީން ކަމެކެވެ.
*** ** ***
ޚިޔާލުގެ ކަނޑުން ބޭރުވާން އަޒާންއަށް އެނގުނީ އެހިސާބުންނެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު، ފުން ނޭވާއެއް ދޫކޮށްލަމުން އަޒާން ވެލިގަނޑު މަތިން ތެދުވިއެވެ. އެނބުރި އައިކޮޅަށް ހިނގައިގަތީ މިހާރު ޕާރޓީ ނިމި، އާއިލީ ފޮޓޯ ނަގާނެކަން އެނގޭތީއެވެ.
އަޒާން ގޮސް ހޯލަށް ވަން އިރު މެހެމާނުންތައް ނުކުންނަނީއެވެ. އެންމެން ނުކުތުމުން ދެން އޮތީ ކައިވެނި ކުރެވުނު ދެ ޖޯޑުގެ ޢާއިލާ އެކީ ކެއުމަށް އިންސާފު ކުރުމާއި ފޮޓޯ ނެގުމެވެ. ކައި ނިމުމާއި އެކު، ފޮޓޯ ނަގަން ފެށުނެވެ. އެކަންވެސް ހަމަޖެއްސީ ލައުރާގެ ކުންފުނީގެ ފަރާތުންނެވެ. އެހެންކަމުން، އެތަނުގައި ލައުރާވެސް ހުއްޓެވެ.
މިލާންއާއި ޔައިނާގެ ފޮޓޯ ވަކިން ނަގަން ބުނުމުން ދެމީހުންވެސް ފަސް ޖެހުނެވެ. އެހެންނަމަވެސް، މީހުންގެ ކުރިމަތީގައި އެކަން ނުދައްކަން ވެގެން މިލާން ޔައިނާގެ އުނަގަނޑުގައި ހިފައި، އޭނާއާއި ދިމާއަށް ދަމައިލިއެވެ. މިކަމަށް ނުވިސްނާ ހުރި ޔައިނާ ގޮސް ތަތްވީ މިލާންގެ އެ ތަނަވަސް މޭމަތީގައެވެ. އެކަކުއަނެކަކުގެ ލޮލަށް ދެމަފިރިން ބަލަހައްޓައިގެން ތިބި ލޮބުވެތި ވަގުތުކޮޅު، ކެމެރާގައި ރައްކާ ކުރެވުނެވެ. ފޮޓޯ ނަގައި ނިމުމާއި އެކު، މިލާން ޔައިނާއާ ދުރުވެލިއެވެ. އެކަމުން ޔައިނާގެ ހިތަށް ކިތަންމެ އަސަރު ކުރި ނަމަވެސް، އެކަން ބާއްވަން ޖެހުނީ ހިތުތެރޭގައެވެ.
“ދަރިފުޅުމެން ދެން ދާންވީނު ގެއަށް އަރާމު ކޮށްލަން.. ބައްޕަމެން މިތަން ހަމައަކަށް އަޅުވާލާނަން..” ޝުޢައިބު އައިސް އަފާންމެން ކައިރީގައި ހުއްޓެމުން ބުނެލިއެވެ. ޝުޢައިބަށް ހިނިތުންވުމެއް ރައްދު ކޮށްލަމުން މިލާންއާއި ޔައިނާގެ އިތުރުން ޒާރާ އެތަނުން ނުކުންނަން ހިނގައިގަތެވެ. “ދަރިފުޅާ އަފާން.. ޒާއަށް ބަލައްޗޭ.. އެއީ ބައްޕަގެ ދެ ލޮލުގެ ނޫރު.. ދުވަހަކުވެސް އެ ދަރިފުޅަށް ދެރަ ގޮތެއް ނުހަދާތި..” ފެންކަޅިވެފައި ހުރެ، ޝުޢައިބު އެދުނެވެ. “ބައްޕަ ހާސްނުވޭ.. އިރާދަ ކުރެއްވިއްޔާ ޒާރާ އަބަދުވެސް ހުންނާނީ އުފަލުން.. ދުވަހަކުވެސް އެ ރީތި ދެލޮލުން ކަރުނަ ތިއްކެއް ވެއްޓުނަކަ ނުދޭނަން..” އަފާން ޔަޤީންކަން ދިނެވެ. އަދި ޝުޢައިބަށް ހިނިތުންވެލަމުން ހިނގައިގަތީ އަވަހަށް ގޮސް ޒާރާއާއި އަރާ ހަމަކުރުމަށެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







Varah rythi mi part ves next part avaha up kohla dheythi higey
Thankiu dear.. Will try my best
Masha Allah vrh reethi
Next part kon irakun??
Thankiu so much Ammmu.. Next part insha Allah Thursday ga vrh balaanan submit kohleveythoa
Varah Reethi ❤️❤️❤️❤️
Alhey avahah next part up kohdheefaanan tha please 😌❤️
Next part kiyaahithun hureveny ky noon 😁
Tyssssm darling.. Next part Thursday ga Insha Allah
mashakah neyge miah dheyne cmnt eh… meeni rovifa… keekey dhw bunaanee vs…
well vvvvvvvv reethi.. unmeedh kuran azaan ah azaan ge loabi haasil vun and alathu kaiveni kurevunu dhe joadah maruhabaa… live a happy life ppl.. bye…
Thanks Laalu <3
Masha Allah mi part vx varah reethi
Next part avah up kohlahchey
Esfiya ga mihaaru liyaa emme reethi eh vaahaka meeky
Vrh vrh vrh bodah shukuriyyaa.. Vrh vrh ufaa vejje.. Next part insha Allah Thursday ga
Awwwwnnnn…. So cute…. Vrh Vrh reethi mi part vx… When next part dear ❤️❤️❤️
Tysm dear.. Next prt mihaaru vs hama liyany mi.. Nimunuhaa avahakah submit kohlaanan
Ehkoh nuvx kiyaa mithannkolhu faahaga vegen mi cmnt kurany.. Koyaa curtains ey jahaafa eyny koahchekey hithah araigen… Manje hama dhorufohchey vx jeheyne dhw ethaa…
Hmm dhen mioh salhi plot ah faadu kiyaakah nethin😂ekms manje ah engeynu mashah nuhureveyne kan dhw ehn huhnna technical massala faahaga nukoh
Ok ehkoh kiyaafa halaalu ehchihi liyegen cmnt eh kuraanan ingey
Hoan dhn hevey.. Avahah liyan ulhen hadhaigen ekahala kanthah vs vaane.. Technical ey? Haha Klw gayaa Mee adhi hama gola eh noon.. Arn ok dhn
Ey anehkkaa vx..
ޤާޒީ އެއް ނޫން
ހަމަ
Simply
ގާޒީ..
Ballavaaaaaa
Alhugandu mi aeeee mi vhk ah comment eh kuran… Thiya beyfulhaaa mi cmnt publish kohdheyne kamuge furihama unmeedhugaiii
Dhannavan tho mi vaahakaige musahnifah alhugandu fahfashun thaureefu kuran
Maaiy kamanaa nayaa eyyyy… Thiyaeee haadhahaa vaa ufehdhuntheri liyuntheri ekey… Mi vhk kiyaa nimey konme dhuvahaku alhuganduge hithugai ethah haaas jazubaathu thakeh ufahdhaey.. Mi episode kiyumun hithah eyoh kuri asarehge bodukamaa ey… Milaan aai yainaa ah takaa mi hiy qurubaan kohfaanamey vx hithah ara eyyy.. Ekamkau kuraany fahe keeh hey.. Vhk there ah vadhe veyne nama eyyy… Dheloa fulhaa shuaibu ebuni bahakun milaan ah yaina ge bahpage vasihyai handhaanve dhera vaane kan gaimeyyy.. Aadhe alhuganduge kaiveni vx thiya haa furihama koh gendhan laura express aa havaalu kohdhehereyyy.. Ninmaalamun vx dhannavaaany alhugandah mi vhk vrh kamu gosfieyy.. Liyuntheriyaa vrh hunaruveri eve.. Masha Allah eve.. Dhen vx mi dhannavany mi khiyaalu publish kohdhevaashie..
Wassalaamu alaikumeve…
B
Buro ey.. Thivarun noolhunas cmnt publish kohdheyney.. Heyo nuvaane 😭😭.. Ey dhn arn vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh vrh bodah shukuriyyaa.. Bye bye
Masha Allah v v v eythi story eh next pat thankolheh avahah up kolladhybala plx can’t wait ehaaves rythi v dhuvahaku fahu v kiyaahithun kiyan feshunu story eh miee v salhi obiness to the max♥️ Allah thibaa ah kuri erun dhevvaa visnunthanavas koh dhevvaashi aameen
Hey kobaa story adhives up nuvaathyy ehnve 😭😭😭😭
Hey dear kobaatha story plx up kolladhybala plx can’t wait 😭😭😭
Alhey please avahah up kohdheeba
ppppplllllleeeeeeeeeeaaaaaaassssssseeeeeee 😭😭😞