ލުޔޫނާ -2
ކާމޭޒު ކައިރި އަހަރެން ސައިބޯން އިނީ މޫޑް އޮފްވެފައެވެ. އަހަރެންގެ މޫނުމަތީގައި ނެތް ތާޒާކަމެއް ވަކި މަންމަގެ މޫނަކުންވެސް މިއަދު ނުފެނެއެވެ. ބިސްގަނޑު އަޅަން ހުރި މަންމަގެ މޫނު ފެނުމާއެކު އަހަންނަށް އެކަން ޔަގީންވިއެވެ. މަންމަގެ ދުލަކު ބަހެއް ނެތެވެ. އެހެންޏާ ހަރަކާތްތެރިވާ މަންމަގެ ހަރަކާތްތައް މިއަދު މާ ކަންނެތެވެ.
އަހަރެން މަންމައަށް ގޮވާލުމަށްފަހު ވެގެން އުޅޭގޮތް އަހާލީމެވެ. އެޔާއެކު މަންމަ އައިސް އަހަރެން ގާތު އިށީނެވެ. އަދި ވެގެން އުޅޭގޮތް މަޑުމަޑުން އޮޅުން ފިލުވައިދިނެވެ. ހަމައެވަގުތު، އަހަރެންގެ ދުލުން ބޭރުވެގެން ދިޔައީ މީގެ ކުރިން އަހަރެންގެ ދުލުން ބޭރުކޮށްފައި ނުވާހާ އިހްތިރާމް ކުޑަ ބަސްތަކެކެވެ.
“ހުރިހާ ޓިކްޓޮކެއް ބައްޕައަށް ކޮންމެސް މީހަކު ފޮނުވީދޯ؟ މަންމަ ތިހާ ހިތްވަރު ދޭއިރުވެސް، އަހަރެންގެ ކުރިމަގު ބަނަކޮށްލަން ބައްޕަ އެއުޅެނީ.. މީ އަހަރެން ކުރާހިތުން ކުރާކަމެއް. ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުގެ މުސްތަގްބަލާ ކުޅެންދޯ ބައްޕަ އެ މަސައްކަތް ކުރަނީ؟ އަހަރެން މީ މިހާރު ބޮޑުވެފަ ހުރި މީހެއް. ކުޑައިރު ގަވައިދުން ނަމާދުކޮށް ގުރުއާން ކިޔެވިއަސް، މިހާރުގެ ކުދިން އުޅެނީ އެހާ ޞާލިހްކޮށެއް ނޫނޭ.. އަހަންނަށްވެސް ގޯސްކޮށް އުޅެވެންޏާ އެނގޭނެދޯ؟ އެކަހަލަ މަގަކުން އަހަރެން ނުހިނގަން.. މަންމައަށް ކީއްވެތަ އަހަރެންގެ ދިފާއުގަ އެއްޗެއް ނުބުނެވުނީ؟ އަހަރެންވެސް އުފާކޮށް މަޖާކުރަން ބޭނުންވެއޭ! އަހަރެންވެސް ފެޝަންކޮށް އުޅެން ބޭނުންވޭ! ދެން އެހެންވީމަ،އަހަރެން މަޝްހޫރުވީމަ ބައްޕަވެސް އުފާ ކުރަންވީނު؟ މަންމަދެން ރޮއެރޮއެ އޮތީދޯ؟ އަހަރެންގެ މުޅި މޫޑް ހަރާބުވެއްޖެ. ތިވާނީ ތިކަމާ ކަމަށް… ފަންސާހާ ގާތަށް ބައްޕަ އެބައޮތް ދަންވަރު މަށަށް ގުޅާފަ… ބޯ ހަލާކު!!…. ހޫމ. ބައްޕައަށް އަހަރެން ބަލަން ބޮޑުވަންޏާ،ދެން ބައްޕަ ކައިރި ބުނޭ މިމަހު މާލެ އައިސް އަހަރެން އިންނާނެ މީހަކު ދައްކާށޭ..”
“މަންމައަކަށް ނޭނގޭ…. މިހާރު މިހުންނަނީ ވަރަށް ހާސްވެފަ.. ބައްޕަ އަޔަސް ދެން.. ދެން ނޭނގެ. މަންމައަށް ކަންނޭނގެ ހުރިހާ ހުކުމެއް އިއްވާނީ. އަތންބެއްގެ މަގާމުވެސް ދެން ލިބޭނެކަމެއް ނޭނގެ. މިކަމުގަ ނުބައިވާނީ މަންމައެއްނު. ބައްޕަ ހުރީ ވަރަށް ރުޅިއައިސްފަ.”
ހަމީދު ދެއްކި ވާހަކަތައް ލުޔޫނާއަށް ކިޔައިދެމުން މާޖިދާ ރޯންފެށިއެވެ.
“އަޅެ މަ ނޫޅެމޭ ގޯސްކޮށެއް! ދެން އަނެއްކާ ބައްޕަ ރުޅިއައިމަ މަދެންވީ މިކަން ހުއްޓަންތަ؟ ޕިސް.. ބައްޕަ ބުނާމީހަކާ މަ އިނދެފާނަން. އެކަމު ދެން ބައްޕަކައިރި ބުނާތި މަކުރާ ކަންތައްތަކާ ނުބެހެއްޗޭ. ފިރިޔަކު ހޯދަދީފަ ދުރުގަ ހުންނާށޭ ބުނޭ. އަވަހަށް މީހަކާ އިނދެގެން މިގެއިން ނުކުންނަންވީ.” އަހަރެންގެ އަޑުގައިވީ ހަރުކަށިކަމެވެ. ކޮންމެ ފަހަރަކު ބޭނުންވާ ހިސާބަށް އުދުހިފައި އައިސް އެއް ހާއްޔަކަށް ތިރިކުރާކަށް އަހަރެން މިހާރު ބޭނުމެއް ނޫނެވެ.
ދެދުވަސް ފަހެވެ. ހާމިދުގެ ބައްޕަ ކުއްލިޔަކަށް ނިޔާވުމާއި ގުޅިގެން ހުރިހާ ކަމެއް ނިންމާލުމަށްފަހު ރާއްޖެ އައީ އެއްވެސް މީހަކަށް އެކަން އިނގުމަކާ ނުލައެވެ. ހާމިދަށް ކުރިމަތިވި މިދަތި ވަގުތުގައި ދުރާއި ގާތުން ހިއްވަރު ދޭނޭ ހަމަ އެކަކުވެސް ނެތްކަމަށް ގަބޫލުކޮށް މާލެ އައީއެވެ. ލުޔޫނާގެ އުޅުމުގެ ސަބަބުން މާޖިދާއާ ހާމިދުގެ އޮތް ހަންހާރަވެތި ގުޅުމުގައި އާރެއްނެތެވެ.
ސޯފާގައި އަހަރެންގެ އިންތިޒާރުގައި އިން މަންމަ އިރުއިރުކޮޅާ ލޮލުގެ ކުޑަކޮޅުން ބައްޕައަށް ބަލާލައެވެ. އެހެނަސް ބައްޕަގެ ނަޒަރު ބޮޑަށް ހުއްޓިފައިވަނީ، ފާރުގައި އިން ގަޑިޔަށެވެ. ބައެއް ފަހަރު އަތުގައި އޮތް ފޯނަށްވެސް ބަލައިލައެވެ.
ކުއްލިޔަކަށް ދޮރު ހުޅުވާލާފައި އަހަރެން ގެޔަށް ވަނީމެވެ. ކޮނޑުގައި އަޅުވާފައިވާ ހޭންޑް ބޭގް މަންމައާ ދިމާލަށް އެއްލާލުމަށްފަހު ބައްޕަގެ ކުރިމަތީ ހުއްޓި ހަމަޖެހިލީމެވެ. ލަދު ހަޔާތް ކުޑަ ކަމާއެކު އެ ބައްޕައަށް ހިނިތުންވެލީ ބޮޑާވަމުންނެވެ.
“މީ މިހާރު އަހަރެން ލާއުޅޭ އެއްޗެއްސަކީ.. ގިނައިން އުޅެނީ ބޭރުގަ. މިހާރު އަންނަކީ ޓިކްޓޮކްގެ މަޝްހޫރު ތަރިއެއް. ރައްޓެހިން ތެރޭގަ އަހަންނަށް ހިތްވަރުދޭ އެތައްބަޔަކު އެބަތިބި. އަހަރެން މިކަމުގެ ތެރެއަށް ވަނުމުގެ އަސްލަކީ މީނދަ މާޖިދާ. އެހެންނު މަންމާ؟ މަންމަ އަހަރެން އަތުގަ ހިފައިން ދުނިޔޭގެ އުފާވެރިކަން ހޯދަދިނީ. ކިހާރަނގަޅު؟. މިއަދު ބައްޕައަށް ތިއުޅެނީ އަހަންނާ ދިމާލަށް ހިނިތުން ނުވެވިގެން.”
އަހަރެން ބޮޑާވެލީމެވެ. އަހަރެން އަޅާފައިވާ ނިވާކަން ކުޑަ ހެދުމާއި ދެއްކި މުޑުދާރު ވާހަކަތަކުން ކުއްލިޔަކަށް ބައްޕަ ތެދުވެ އަހަރެންގެ ކަންކަށިމަތީ ޖަހާލިއެވެ. އަދި ހަމަ އެވަގުތު ބައްޕަގެ އަޑު ހަރުކޮށްލުމަށްފަހު މަންމަ ވަރިކޮށްފިއެވެ. އެއީ މަންމައަށް އެންމެ އެކަށީގެންވާ އަދަބެއްކަމަށް ބައްޕައަށް ގަބޫލުކުރެވެއެވެ. އިސްލާމް ދީނަށް ޖޯކުޖަހާ ދީނާ ޚިލާފް ކަންކަން ކުރުވަން އަހަންނަށް އެދުހު ބާރު އެޅީތީއެވެ. ހޮޔޮލަފާ ޞާލިހު މަންމައަކަށް މާޖިދާއަށް ނުވެވުނީތީއެވެ.
“ލުޔޫނާ! ތި ފޯނު ދީފަ ހަމަ މިހާރު ދޭ ކޮޓަރިއަށް. ދެން ގެއިން ބޭރަށް އެންމެ ފިޔަވަޅެއްވެސް ނާޅާތި. ތިކަން ދެން ހުއްޓުވާނީ އަހަރެން. މި ހަފްތާތެރޭ ކައިވެނި ކުރަން ތައްޔާރުވޭ. ދޭ.. ގޮސް ކޮޓަރީގަ އޮވޭ” ބައްޕަގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. ބައްޕައެއްގެ ކުރިމަތީ ދަރިއެއްގެ އަޚްލާގީ ފެންވަރު އެހާ ދަށުދަރަޖައަކަށް ގޮސްފައިވާތީއެވެ.
“މާޖިދާ! އަހަރެން ކިހާ ނަސޭހަތް ދީފަ ފުރައިގެން ދިޔައީ.. އަހަންނާ ނުލާ އެދަރީގެ ޒިންމާ ނަގަން ޖެހުނީމަ ތިހުރީ އެމަންޖެ ހަލާކޮށްލާފަ. އަމިއްލަ އަތުން ނޫންތަ އަންހެން ދަރިއެއްގެ ޢިއްޒަތް ތިޔަ ވިއްކާލީ؟ މުޅިދުނިޔެއަށް އެމަންޖެ ނީލަން ކިޔާލެވޭ އިރުވެސް ނޭނގުނުދޯ؟ މަޝްހޫރުކަމާ، ގަދަރާ، ޝަރަފާ، ޢިއްޒަތާ މީ އެއްވެސް އެއްޗެއް ނޫނޭ.. އެއްފަހަރުވެސް ވިސްނާލީންތަ ދަރިންނަކީ އަމާނާތެއްކަން؟ މިއަދު އަހަންނަށް ޖަވާބުދިނަސް، މާދަމާ ޖަވާބު ދޭންޖެހުނީމަ ގެﷲ ހަޟްރަތުގަ ކީކޭ ބުނާނީ؟….. މިއަދު އަހަންނަށް މާޖިދާއާ އެއްކޮށް އުޅެން އުނދަގޫވާނެ. އަހަރެންގެ ބައްޕަ އަހަރެން ދޫކޮށް ގޮސްފި. މިއަދު އަހަރެން އެންމެ ލޯބިވީ އަތންބާ، ދެލޯ ފަދަ ދަރިފުޅުވެސް އަހަންނަށް އިހްތިރާމެއް ނުކުރި. އެހެންވެތާ ވަކިވާން މިޖެހުނީ. ދެން މިގޭން ދޭ” ހާމިދަށް ކޮށްފައިވާ އަސަރަށް ހިތްވަރު ކުރަމުން ބުނެލިއެވެ.
ހަފްތާއެއް ފަހެވެ. އާދައިގެ ހެދުމެއްގައި އެއްވެސް މޭކަޕެއް ނެތި އަހަރެން ކޮޓަރިން ނުކުތީމެވެ. ގޭގެ ސިޓިން ރޫމަށެވެ. ކައިވެނި ކުރުމަށް ތައްޔާރު ކުރެވިފައިވާ މޭޒުކައިރި އިން ގޮނޑީގައި މަޑުމަޑުން އިށީންދެލީމެވެ. އަހަރެންގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. މިއަދަކީ އަހަރެންގެ ހަޔާތުގައި ހާއްސަ ދުވަހެކެވެ. އަލަށް ކައިވެންޏެއް ކުރެވޭތީއެވެ. އެކަމަކު އަހަންނަށޑ މިއަދަކީ ހާއްސަ ދުވަހަކަށްވުރެ ބޮޑަށް ހިތާމަވެރި ދުވަހެކެވެ. އަހަރެންގެ މިބޮޑު ދުވަހުގެ ޚަބަރު އިނގޭނޭ އެއްވެސް ރައްޓެއްސެއްވެސް ނުހުންނާނެއެވެ. ފާއިތުވީ ހަފްތާގައި އަހަރެންގެ ފޯނަށް ގުޅާ ކޮންމެ ކޯލަކަށް ޖަވާބުދިނީ ބައްޕައެވެ.
“ފާއިޒް! އިށީންނަވާ ލުޔޫނާ ކައިރި.” ބައްޕަގެ އަޑަށް އަހަރެން ބަލައިލީ ޖެހިގެން އިން ގޮނޑީގައި އިށީން މީހާއަށެވެ. ސިއްސައިގެން ދިޔަ ވަގުތު އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަދި ނޭނގޭކަމަށް ހަދާލަމުން އިސްދަށަށް ޖަހާލިއެވެ. ނަމަވެސް ފާއިޒް އަހަންނަށް ބަލައިވެސް ނުލިއެވެ. އަހަންނަކީ ކިހާވަރެއްގެ ކާކުކަން ފާއިޒްއަށް ވަނީ ދާދިފަހުން އެނގިފައެވެ.
ފާއިޒަކީ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ. ރާއްޖޭގައި ދީނީ ކަންކަމުގައި ފާއިޒްގެ ނުފޫޒު ގަދައެވެ. ޝެއިޚް ފާއިޒްއޭ ބުނުމުން އޭނާއަކީ ކާކުކަން ނުދަންނަ މީހަކު ރާއްޖޭގައި މަދުވާނެއެވެ. އެހެންކަމުން އަހަރެންގެ ހިތުގެ ވިންދު ވަނީ ބާރުވެފައެވެ. ހާސްވެ ދާހިއްލާ ގޮތް ވާންފެށިއެވެ. ޖެހިލުންވެ މޭތެޅޭގޮތް ވިއެވެ. ނަމަވެސް މިއަދު އަހަންނަށް މިނޫންގޮތެއް ނެތެވެ.
ކައިވެނިކޮށް ނިމުމުން އަހަރެން އަވަސްވެގަތީ ކޮޓަރިއަށް ވަނުމަށެވެ.
ޖެހިލުންވެ ހުރެ އަތުގައިވާ ފޮށި ހިފައިގެން ކޮޓަރިއަށް ވަދެ އެނދުގައި އިށީންދެލީމެވެ. އެއީ ރަނުގެ ގޮތުގައި އަހަރެން ބޭނުންވި އެންމެ ފަހުގެ ފޯނެވެ. ބައްޕަ ފޯނު އަތުލާފައި ވުމުން އަހަރެން ރަނުގެ ގޮތުގައި ބޭނުންވީ ފޯނެކެވެ. ލޯބިނުވާ މީހަކާ ކައިވެނި ކުރެވޭތީ އަހަރެން ބޭނުންވީ އެންމެ ފަހުގެ އަގު ބޮޑު ފޯނެވެ. ލޯތްބެއް ނެތް ކައިވެންޏެއްގެ އަގު ހޯދަން އަހަރެން ބޭނުންވީ ބޮޑުއަދަދުންނެވެ. އަހަރެން ބޭނުންވި ގޮތަށް އެކަން ފުރިހަމަ ވީއެވެ.
“އަން. މިއޮތީ ހަދިޔާއެއް. މޫނު ބުރުގާއެއް. މީގެފަހުން އަހަރެންގެ އަނބިމީހާ ހުންނަންވާނީ ހުރިހާ ސޯޝަލް މީޑިޔާއަކަށް ފޮރުވިގެން. ހަމައެކަނި ތި ރީތިކަން ދައްކާނީ އަހަންނަށް. މަޝްހޫރުވާންވީވެސް ހަމައެކަނި އަހަރެންގެ ކުރިމަތީގަ. އޭރުން އަހަރެން ލުޔޫނާއަށް ތަޢުރީފު ކުރާނަން. މަޝްހޫރުވެބަލަ އަހަންނާއެކީ އަޅުކަން ކުރުމުގަ. އަހަރެން ހިއްވަރު ދީފަ އެހީވާނަން. އެދާއިރާއިން ކުރިއަރުވަން އެހީވާނަން. މި ކިޔަދިނީ އެއްގޮތް.” ޝެއިޚް ފާއިޒު ވާހަދެއްކިއެވެ.
“ދެވަނަ ގޮތަކީ، ތި ފޯނު އޮންނާނީ ޗާރޖްކޮށް ހުރިހާ އެޕެއް އަޅާފަ. ހުންނާނެ ތީގަ ވީޑިއޯތަކެއް. ފުރަތަމަ އެ ބަލާލަބަލަ. ދެން ބުނާނަން ކަންތައް ކުރަންވީ ގޮތް.” އެހެން ބުނުމުން އަހަރެން އެކަމުގައި މަސްއޫލުވީމެވެ.
ފުން ވިސްނުމެއްގެ ތެރެއަށް ގެއްލި އަހަރެން އިނީ އަތުގައިވާ ފޯނުގެ ކުލަ ސްކްރީނަށް ބަލާށެވެ. ދުރުން އަހަރެން ފެންނަ މީހަކަށް ހީވާނީ ހަމަ އެންމެ ރަނގަޅަށެވެ. އެއީ ހަމަ ރަނގަޅަށް ވެސް އަހަރެން އިނީ މާޔޫސް ކަމާއެކު މަޑު މޮޅި ވެފާކަމެވެ. ފޯނުގެ ސްކްރީން ބަލަމުން ދިޔަވަރަކަށް އަހަރެންގެ މުޅި ހަށިގަނޑަށް އުނދަގޫ ވާންފެށިކަން އަމިއްލައަށްވެސް އެނގުނެވެ. އަހަރެން ޓިކްޓޮކްގައި ކުޅެފައިވާ ބަރަހަނާކަން ބޮޑު ވީޑިއޯތަށް ފެނިފައިވެ. އަހަރެން ވައްކަޅިން ފާއިޒާ ދިމާލަށް ބަލައިލީމެވެ.
“އެހެންވީމަ ދެން ކޮންމެސް އެއްގޮތެއް ނިންމާ. މޫނު ބުރުގާ އަޅާނީތަ؟؟… މޫނު އަޅަންޏާ ތި ވީޑިއޯތައް ތީން ޑިލީޓް ކޮށްފަ އިސްލާހުވޭ. ދެން ނޫނީ ބަރަހަނާ ހެދުން ލައިން އަހަންނާއެކު ދީނީ ދަރުސްތަކަށް ދާނީތަ؟ އެގޮތް ބޭނުމިއްޔާ ލުޔޫނާގެ ތިޒާތުގެ ރައްޓެހިން އަހަރެން ދަރުސް ދޭތަންތަނަށް ގެންދަން އަހަރެން ދަޢުވަތުދެން.” ގޮތް ނިންމަން ހަވާލު ކުރީ ލުޔޫނާއަށެވެ.
“ކާކު އަހަރެންގެ ވީޑިއޯތައް ދިނީ؟ ކިހިނެއް މި ހުރިހާ އެއްޗެއް ލިބުނީ؟” ހިމޭން ކަމާއެކު ލުޔޫނާ ސުވާލު ކުރިއެވެ.
“އަހަރެންގެ ތިލޯބި އަންހެނުންގެ ބައްޕަ. ބައްޕަ މިދިޔަ ހަފްތާގަ އަހަރެން އަތަށް ލުޔޫގެ ފޯނު ހަވާލުކުރީ. އެއިން ތި ވީޑިއޯތައް ލިބުނީ. އަސްލު ލުޔޫގެ ބައްޕަ އަހަރެންގާތަށް އައީ ލުޔޫގެ މިޒާޖާ، އުޅުން ހުރިގޮތުން ދީނީގޮތުން ބައެއްކަންކަން އޮޅުންފިލުވާލާ މަޝްވަރާކޮށްލަން. އެރޭ ލުޔޫގެ ބައްޕަ ވަރަށް ރުއި.. ބައްޕަގެ އާއިލާ މީހުން ކުރިމަތީ ލަދުގަންނަން ޖެހުނީތީ.. ބައްޕަގެ ވަރަށް ގިނަ ރައްޓެހިން ލުޔޫއާ ބެހޭގޮތުން ފާޑު ފާޑުގެ މުޑުދާރު ވާހަކަ ދައްކާ، ބައްޕައާ އޮތް ގުޅުން ކަނޑާލަމުންދާ ވާހަކަވެސް ކިޔައިދިން.
ބައްޕަ އެރޭ އަހަރެން ގާތު އެރުއީތާ! އެކަމު… މިވީހާތަނަށް ދަރިޔަކަށްޓަކާ އެހާވަރަށް އަހަރެން ކުރިމަތީ ހިތާމަ ކުރި ބައްޕައެއް ދުވަހެއްގަވެސް އަހަރެން ނުދެކެން. އެހެންވެ އަހަރެން އަމިއްލައަށް މި ކައިވެންޏަށް އެދުނީ.” ފާއިޒް ލުޔޫނާއަށް އެވާހަކަތައް ކިޔައިދިނެވެ.
“ކީކޭ؟.. އަމިއްލައަށް ބޭނުންވެގެނޭ؟ އެކަމަކު، ފާއިޒްކަހަލަ ދީނީ ޢިލްމުވެރިޔަކު އަމިއްލައަށް އަހަރެންކަހަލަ ނިވާކަން ކުޑަކޮށް ފެޝަންކޮށް އުޅޭ މީހަކާ ކައިވެނި ކުރާކަށް ލަދެއް ނުގަނޭތަ؟” ލުޔޫނާގެ އަޑުގައި ވަނީ ހައިރާން ކަމާއި ހަމަހިމޭން ކަމެވެ.
“ހޫމް… ކައިވެނި ކުރާކަށް އެއްގޮތަކަށްވެސް ލަދެއް ނުގަނޭ. އިސްލާހުވާން ބޭނުންނަމަ، އަދިވެސް ވަގުތު އެބައޮތް.. ތިޔަ ފެޝަންގޮތް ދޫކޮށްލާފަ ހަށިގަނޑު ފޮރުވައިން އުޅެން ބޭނުންނަމަ މިހާރު މިއޮތީ އެވަގުތު އަތުގަ ހިފާފަ.. މިއީ ހާމިދުގެ ހިތްހަމަ ޖެހުމަށާ ލުޔޫގެ މުސްތަގްބަލަށް އަހަރެން ނިންމި ނިންމުމެއް. އެކަމަކު އަހަރެންގެ އަތންބެއްގެ ގޮތުގަ އިންހާ ދުވަހު އަހަރެންގެ އަމުރުތަކަށް އުފަލާއެކު މަރުހަބާ ނުކިޔާނަންޏާ، މިވަގުތުވެސް މިނިވަން ކޮށްދީފާނަން.” ފާއިޒް ހަގީގަތުގަވެސް އޭނާ އެންމެ ބޭނުންވާގޮތް ހާމަކުރިއެވެ.
“ދެން މިހާރު ލުޔޫ ބުނެބަލަ! ކޮން ގޮތެއް ލުޔޫއަށް އެންމެ ފައިދާ ބޮޑުވާނީ؟ ބުނި ކޮންމެ ގޮތެއްވެސް އަހަރެން ހަދާދީފާނަން. އަހަރެންގެ ހުރިހާ ޝަރުތަކާއެކު ކައިވެނި ދަމަހައްޓާނީތަ ނޫނީ ވަރިވާނީތަ؟” ފާއިޒް ވިސްނުންތެރި ކަމާއެކު ސުވާލުކޮށްލިއެވެ.
“ވަރިއެއް ނުވާނަން….. އަހަރެން ބޭނުން ވަގުތުކޮޅެއް. އަހަންނަށް ރަނގަޅު ވެވޭތޯ ބަލަން. ފަހަރެއްގަ ފާއިޒްއަކީތީ އަހަންނަށް ލިބުނު ރަނގަޅު ފުރުސަތެއް ކަންނޭނގެ. އަހަރެން ވިސްނާނަން. ހުރިހާ ގޮތަކުންވެސް ރަނގަޅުވާން. އަހަރެންގެ ސަބަބުން ބައްޕަވެސް މަންމަ ވަރިކުރީ.. އަސްލު އަހަރެން ޢާއިލާގެ އުފާވެރިކަން މިއަދު މި ގެއްލުނީ. އަހަރެން ބައްޕަ ގާތު މާފަށް އެދޭނަން….. އެކަމު އަހަންނަށް އަދި ފާއިޒްދެކެ ލޯބި ނުވެވިދާނެ.. ވަރަށް ބޮޑަށް ސޮރީ.” ލުޔޫނާވެސް އޭނާގެ ހިތުގައިވާ އުދާސްތައް ބޭރުކޮށްލިއެވެ.
“އެންމެ ރަނގަޅު. އަހަރެން ވަރަށް އުފާވެއްޖެ ﷲމާޝާ . ބައްޕަމެން ކިބައިން މާފަށް އެދިފަ، ލުޔޫގެ ފުރިހަމަ ލޯބި ލިބޭނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން. އަހަރެންގެ ދުޢާއަކީ ލުޔޫގެ މައިންބަފައިންނާ އަހަރެންގެ މައިންބަފައިން ގުޅިގެން އުޅޭ ދުވަހެއް ލިބުން… އަހަރެންގެ މަންމަމެން ވަރަށް އަވަހަށް ރާއްޖެ ގެންނާނަން.
ލުޔޫ! ހިތުން ރުހުމުން ގަބޫލުނަމަ، ތިއަތުން އިނގިއްޔެއްގަ އަނގޮއްޓި އަޅުވާލަން އަހަރެން ވަރަށް ބޭނުން.”
ލުޔޫނާ ރަކި ހިނިތުން ވުމެއް ވެރިކޮށްލަމުން ވަގުތުން އަތްތިލަ ދިއްކޮށްލިއެވެ. ލުޔޫނާގެ ފުރަތަމަ ހިނިތުންވުން ހަދިޔާ ކޮށްލުމާއެކު ފާއިޒްގެ ހިތް އުފަލުން ފޮޅުނެވެ. ފާއިޒް އުންމީދު ކުރިފަދައިން ލުޔޫނާގެ އުޅުމާ އަޚްލާގު ދާދި އަވަހަށް އިސްލާހު ކުރެވިދާނެއެވެ. ކަޅު އަނދިރީގެ ތެރެއިންވެސް ހިނދުކޮޅެއްގެ ތެރޭގައި އުންމީދީ އަލިކަމެއް ފެނުމަކީ ވެދާނެކަމެކެވެ. ބޭނުންވަނީ އަލި މަގެއް ދައްކާދޭނެ އުންމީދީ ބައެކެވެ. މަގު ގެއްލިފައިވާ ބަޔަކު ބިކަކޮށް އޮޔާދާން ދޫކޮށްލާނެ ބައެއް ނޫނެވެ.
– ނިމުނީ –
8 Comments!
Comments are closed.







Wow.. story ending is just wow.
#Keepitup
Asluves v mivahtharah ulheny tiktok ge gina meehun dho sis
Ekam emmennah faaiz kahala sheikh eh nulibidhaane hama
Ehen story eh dhen kon irakun sis ?
Hi imm
Anekkaaves thanks ingey.
Yeah mihaaruge haalathu Hama mee dho.
Heheh
Ehen story eh dho ?
Anekkaa visnaalan jeheynee thikama
Adhi pending GA evves vaahaka eh nei
Wow so nice 🤩 story please can you ehen story eh
I love you so much 💘💕💗💕💗💕💗💗😘
Awwwn!!!
Thank you ❣️❣️❣️ so much my dear.
Ehen story eh liyan eba visnaalan ingey.
Story ready veema upload kollaanan. In sha allah. Ummeedh kuran kiyaalaane kamah .
I love too 😍😍😍😍
And thanks for supporting me 😊
keevve ehaa avahah vhk nimunee
Hi aal
Ehaa avahah vhk nimuneema rangalhei noon dho?.
Aslu kuru vaahaka eh veema e hisaabun nimmaalaafa e inee dhen.
Anyways thanks for the comment dear ❤️😃❤️
Masha Allah ibrathun furigen vy rythi vhk eh.. I love this Shaleen.. Waiting for a new story of yours ❤️❤️
Thanks Nayaa for the comment.
Ehen vaahakaeh ready veehaa avahah upload kolleveyne ingey..