Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައުފެއްދުންތެރި ލިޔުން

ލުޔޫނާ -1

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
November 28, 2022 4 Mins Read
4 Comments

ފުން ވިސްނުމެއްގެ ތެރެއަށް ގެއްލި އަހަރެން އިނީ އަތުގައިވާ ފޯނުގެ ކުލަ ސްކްރީނަށް ބަލާށެވެ. ދުރުން އަހަރެން ފެންނަ މީހަކަށް ހީވާނީ ހަމަ އެންމެ ރަނގަޅަށެވެ. އެއީ ހަމަ ރަނގަޅަށް ވެސް އަހަރެން އިނީ މާޔޫސްކަމާއެކު މަޑުމޮޅިވެފާކަމެވެ. ފޯނުގެ ސްކްރީން ބަލަމުން ދިޔަވަރަކަށް އަހަރެންގެ މުޅި ހަށިގަނޑަށް އުނދަގޫ ވާންފެށިކަން އަހަންނަށްވެސް އެނގުނެވެ. ހަމަގައިމުވެސް ފޯނު އަހަރެންގެ ލޮލަށް ދައްކަމުން ދިޔަ އެއްޗަކަށް ވުރެ ބޮޑަށް އަހަރެންގެ ސިކުނޑި އަހަންނަށް ވިސްނައިދެމުން ދިޔައީ މާޒީއެވެ.

އެންމެ ކުޑައިރުއްސުރެ މަންމައާ ބައްޕަގެ އޯގާތެރި ފިރުމުންތަކުން އަހަރެން ބޮޑުވަމުން އައީ އަނިޔާއަކީ ކޮން އެއްޗެއް ކަންވެސް ނޭނގިއެވެ. އެ ދެ މީހުންގެ ހިމާޔަތުގެ ދަށުން އަހަރެން ބޮޑުވަމުން އައިއިރު އަހަރެންގެ ހަށި ފާރަވެރިން ނަކީވެސް އެއީއެވެ.
މާ ނާޅާ ގަސްތަކެއްގެ ބަގީޗާއެއްގައި ފޮޅެމުން އައި ހަމައެކަނި މަލަކީ އަހަރެންނޭވެސް ބުނެވިދާނެއެވެ. ވީއިރު މަންމައާއި ބައްޕައަށް އަހަރެން އެހާ ހާއްސަ މަލެއްގެ ސިފައިގާ ފޮޅެމުން އަންނަތަން ފެނި އަހަންނަށް ދެމުންދިޔައީ އަމަށަކު ލޯތްބެއް ނޫނެވެ. އެމީހުންނަށް ދެވެން އޮތް އެންމެ ފުންމިނުން އަހަންނަށް ލޯބިދެމުން އައީ އެންމެ ފުރިހަމަ ގޮތުގައެވެ.

މަންމަމެންގެ ތަރުބިއްޔަތުގައި އަހަންނަށް ދީން ދަސްކޮށްދިނެވެ. އެމީހުންނަށް ވީވަރަކުން އަމަލީ ތަރުބިއްޔަތު ދެމުން ދިޔައެވެ. އެއީ އަހަރެންވެސް އެންމެ ގަޔާވާ ކަންކަމެވެ. ދީނުގެ ރީތި އުސޫލުތަކާ ގަވައިދުތަކަށް މަޑުމަޑުން އަހަރެންގެ ލޯހުޅުވެން ފެށިއެވެ. އެކަމުގައި ސާބިތު ކަމާއެކު ދެމިހުރެވޭތޯ އަހަރެން ބަލަމުން ދިޔައިމެވެ. މަންމައަށް ވުރެ ބޮޑަށް އަހަންނަށް ދީނީ ވާހަކަތަކާ ނަސޭހަތްތަކުން
ހިތްފުރާލަދެނީ ބައްޕައެވެ.

އަހަރެން އޭލެވެލް ހަދަމުންދިޔަ އެންމެ ފަހު ދުވަސްކޮޅެވެ. ބައްޕަ ފަރާތު ކާފައަށް ކެންސަރަށް ފަރުވާކުރުމައްޓަކާ ރާއްޖެއިން ބޭރަށް ބައްޕަ ދާންޖެހުނީ ވަކި މުއްދަތެއް ނޭނގޭހާ ދުވަހަށެވެ. ރާއްޖެ ދޫކޮށް ފުރުމުގެ ކުރިން ބައްޕަ އަހަންނަށް ދިނީ އަންހެން ދަރިޔަކަށް ދޭން އެންމެ އެކަށީގެންވާ ނަސޭހަތްތަކެވެ. އަހަރެން އެކަން ގަބޫލުކުރީމެވެ.
އަދި އަބަދުވެސް ބައްޕައަށް ފެންނާނީ ހަމަ މިހާރުވެސް ތިފެންނަ ލުޔޫނާ ކަމަށް ބުނެ ހިނިތުން ވެލީމެވެ.

ބައްޕަ ފުރައިގެން ދިޔަފަހުން ފަސްމަސް ހަމަވެއްޖެއެވެ. އަހަރެން ގަވައިދުން ކުރަމުން ދިޔަ ބައެއް ކަންކަން އަހަރެންގެ ހަޔާތުން ދުރަށްދާން ފަށައިފިއެވެ. ނޫނެކެވެ. އެކަންކަން އަހަރެންގެ ހަޔާތުން ދުރަށް ދިޔައީކީ ނޫނެވެ. އަހަރެންގެ ހަޔާތުން އެކަންކަން ދުރުކުރަންފެށީ ޚުދު އަހަންނެވެ. ނަމާދަށް ފަރުވާ ކުޑަކުރެވެން ފެށުނެވެ. ޤުރްއާނަކީ އަހަރެން ކިޔަވާހިތްވާ އެއްޗަކަށް ނުވިއެވެ. ކުރީގަ އަހަރެންގެ އަތުގައި ނުހިފާ އެތައް ރައްޓެހިންނެއް އަހަރެންގެ ދެއަތުގައި އެއްފަހަރާ ހިފާ ކޮޅަށް ނަގަން ފެށިއެވެ. އަހަރެންގެ ފޯނަކީ އަހަރެންގެ ހުރިހާ ގުނަވަނެކޭވެސް ބުނެވިދާނެއެވެ. އެއީ އަހަރެންގެ އަމިއްލަ ހަށިގަނޑަށް ބަލާހާ ފަރުވާތެރި ކަމާއެކު އަހަރެން ބަލަމުންދާ އެއްޗެކެވެ. ފޯނުގެ އަވައިގާ ހަމަ ރަނގަޅަށްވެސް އަހަރެން ޖެހެންފެށީ ރައްޓެހިންނާއެކު ގިނަވަގުތު ބޭރުގައި އުޅެވެންފެށި ހިސާބުންނެވެ.

މަންމަގެ ފުރިހަމަ އެއްބާރުލުން އަހަންނަށް ލިބެމުން ދިޔައީ ކައިރީގައި ބައްޕަނެތި އަހަރުމެންނަށް ލިބެންފެށި ހަނި ފުރުސަތުގައެވެ. ބައްޕަ އަހަރެން ދެކެ ލޯބިވެއެވެ. އެހެނަސް އެއީ ހަގީގީ ލޯބިކަމަށް އަހަރެން ގަބޫލެއް ނުކުރަމެވެ. ސަބަބެއް ނެތި އެއް ނޫނެވެ. އެކަމަކު މަންމަގެ ލޯބި ހަގީގީ ލޯބީގެ ސިފައިގައި އަހަންނަށް ފެންނަން ފެށީ މިސަބަބުތަކާ ހެދިއެވެ. ބައްޕަ މަނާކުރި އެތައް ކަމެއް ކުރުމުގެ ހުއްދަ އަހަންނަށް ހޯދައިދިނީ މަންމައެވެ. އަހަރެން ލަމުން ދިޔަ ދިގު ހެދުންތައް ކުރުކޮށްލުމަށްފަހު ފެޝަނަށް ލޯބި ކުރުމަށްޓަކައި އަހަރެންގެ ލަދު ކަނޑުވާލިއެވެ. އަހަރެން ދީނީ ކަންކަމަށް މާބޮޑަށް ފަރުވާ ބަހައްޓާތީ އެކަން ކޮންމެސް ވަރަކަށް ލުއިކޮށްލުމަށް ބުނީވެސް މަންމައެވެ. އަހަންނަށްވެސް ކިހާ ފަސޭހަހެއްޔެވެ؟ މަންމަގެ ފަރާތުން ނުލިބޭ ހިތްވަރަކަށް މަސައްކަތް ކުރަން އުޅުމަކީ ބޭކާރު ކަމެއްކަން އަހަންނަށް ވިސްނައިދިނީ އަހަރެންގެ އަމިއްލަ ނަފްސުވެ. އެޔާއެކު އަހަރެން ފަރުވާތެރިކަމާއެކު ކުރަމުން ދިޔަ އެތައް އަޅުކަމެއް މަޑުމަޑުން ދޫކޮށްލާ ހަވާ ނަފްސަށް ތަރުހީބު ދެމުން އުޅެން ފެށީމެވެ.

ބައްޕަ ދިޔަތާ އަހަރެއް ވީއެވެ. ގުޅައިގެން ނޫންގޮތަކަށް ވާހަކައެއް ނުދެއްކެއެވެ. ވައިބާއިން ވީޑިއޯ ކޯލް ހަދާލަން ވަރަށް ގިނައިން ބައްޕަ ގުޅައެވެ. އެކަމަކު އަހަރެން ގިނަފަހަރަށް ބަލަނީ އެ ކޯލަށް ޖަވާބު ނުދެވޭތޯއެވެ. އަހަރެންގެ ސިފަ މިހާރު ބައްޕައަށް ފެނިއްޖެނަމަ ބުނާނެ އެއްޗެއް އަހަންނަކަށްވެސް ނޭނގެއެވެ. އަހަންނަކީ ކުރީގެ މާތް ލުޔޫނާ އެއް ނޫނެވެ. ކަންފަތް ވަނީ ތިން ތަނުން ތޮރުފާފައެވެ. ނޭފަތް ޒީނަތްތެރި ކުރުމުގެ ގޮތުން އަބަދުވެސް ނޭފަތުގައި ގަހަނާއެއް ލައްވަމެވެ. ކުރީގެ އެ ކަޅުފަން އިސްތަށިގަނޑު މިހާރު މިވާނީ ބުޅިކޮށްފައެވެ. ތުންފަތުގައިވާ ގުދުރަތީ ކުލައިގެ މައްޗަށް ކޮންމެ ދުވަހަކު އިތުރު އެހެން ކުލަތައް އަހަރެން އަރުވައެވެ. އަހަންނަކީ ދޮން ކުއްޖެއްކަމުން ގިނަ ފިރެހެނުންގެ ނަޒަރު އަހަންނާ ދިމާލަށް ހުއްޓެނީ ޖާދޫއެއް ފަދައިންނެވެ. ކަކުލަށްވުރެ ތިރިޔަށް ހުންނަ އެއްވެސް އެއްޗެއް އަހަރެން ނުލަމެވެ. ހަށިގަނޑުގެ ވަނާތައް އެނގޭފަދަ ބާރު ޓޮޕްކޮޅުތަކުން އަހަރެންގެ އަސްލު މުޅިން ބަދަލުވެއްޖެއެވެ. އެއީ މަންމަ އަހަންނަށް ދަސްކޮށްދިން ފެޝަނެވެ. މަންމަގެ ހިތްހަމަ ޖެހުމަކީ އަހަންނަކީ އެންމެ ރީތި ކުއްޖާކަމަށް މުޅި ރާއްޖެ އާއިއެކު ދުނިޔެ ގަބޫލު ކުރުމެވެ.

އެއަށްފަހު އަނެއްކާވެސް ދުވަސްތަކެއް ވޭތުވެއްޖެއެވެ. އަހަރެންގެ އަޚްލާގް ހައްދުފަހަނައަޅާ ދާންފެށީ ބާރު ދުވެލީގައެވެ. އަހަރެންގެ އަމިއްލަ ނަފްސަށް ވިސްނުމަށް ވުރެ ބޮޑަށް އަހަރެން ވިސްނަމުން އައީ ހަވާނަފްސްގެ ކުރިއެރުމަށެވެ. އެއީ މިވަގުތު އަހަންނަށް މަޝްހޫރުވެވެން އޮތް ގޮތަކީ އެއީ ކަމަށް ވާތީއެވެ. މަންމަގެ ފުރިހަމަ އެއްބާރުލުމާއެކު އަހަރެން ސޯޝަލް މީޑިއާގައި ތަރިއެއް ފަދައިން ބަބުޅަން ފެށީމެވެ. ބަޔަކު ދައްކާ ވާހަތަކަށްވުރެ ބޮޑަށް އަހަރެން ވިސްނީ އަހަރެންގެ ވަގުތީ ކުރިއެރުމަށެވެ.

“މިއުޒިކަލީ” ގައި އަހަރެންގެ ފަރި ހަރަކާތްތަކުގެ ވީޑިއޯ ތައް ޕޯސްޓްކުރަމުން ދިޔައިމެވެ. ދުވާލަކު އެތައް ފޮލޯވާރސްއެއް ލިބި ހިތަށް ފިނިވާ ވަރަށް ހާރޓް ރިއެކްޓްތައް ލިބެމުން ދާންފެށިއެވެ. މީގެ އިތުރުން ނިމުނީއެއް ނޫނެވެ. އެތައް ބައެއްގެ ލޮލުގައި އަހަރެންގެ ހަށިގަނޑަކީ އެމީހުން އަޅާ އައިނެއް ފަދައިން ވިއެވެ. އެހެންކަމުން މަޝްހޫރުވުން އެއީ އަހަންނަށް އުނދަގޫ ކަމަކަށް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ގިނަ މީހުންނަށް އަހަންނަކީ ކާކުކަން އެނގެން ފެށިއެވެ.

އަނެއްކާވެސް ކުޑަ ދުވަސްކޮޅެއް ފަހެވެ. މިއުޒިކަލީގެ އެޕް “ޓިކްޓޮކް” އަށް ބަދަލުވީއިރުވެސް އަހަންނަކީ ހަމަ ސްޓާރެކެވެ. ފޭނުންގެ ތެރޭގައި އަހަންނާއި މެދު މަޝްހޫރުކަން ބޮޑުވި ވަރަކަށް އަހަންނަށް އުނދަގޫ ވާންފެށިއެވެ. މާލޭގެ ހަލަބޮލި މަގުތަކުން ފެންނަ އެތައް މީހެއްގެ ނަޒަރު އަހަންނަށް ހުއްޓެންފެށިއެވެ. މަދުބަޔަކު މަލާމާތް ކުރަން ފެށިއެވެ. ގިނަ މީހުން އަހަންނަށް ތައުރީފް ކުރަން ފެށިއެވެ. ބައެއްގެ ތަޢުރީފުގެ ބަސްތަކަށް ވުރެ ބޮޑަށް އަހަރެން ފިކުރު ބޮޑުވާނީ އަހަންނާ ދޭތެރޭ ނެގެޓިވްކޮށް ވިސްނާ މީހުން އަހަރެންގެ ހިތަށް ހަރާލާ ވިހަ ގަދަ ބަސްތަކުންނެވެ. އެހެނަސް، ބައެއް ފަހަރު އެކަންކަމުން ދުރުވާން އަހަރެން މަސައްކަތް ކުރަނީ ޓިކްޓޮކްގެ އެހެން ފަންނާނުން އަހަންނަށްދޭ ހިތްވަރު ގެ ސަބަބުންނެވެ.

އަހަރެންގެ މަޝްހޫރު ކަމާއި މަގްބޫލުކަން އިތުރު ކުރުމުގެ ގޮތުން އިންސްޓާރ އެކައުންޓުން އިތުރު ފޮލޯވާސް ހޯދުމަށް ޓިކްޓޮކް ވީޑިއޯސް އަޕްލޯޑް ކުރަން ފެށީމެވެ. ފޭނުންގެ މަގްބޫލުކަން ހޯދުމަށްޓަކައި މިހާރަކަށް އައިސް އަހަރެން ލަނީ ކަރު ބޮޑުކޮށް ހުންނަ، ބަނޑުން އެއްބައި ފެންނަވަރުގެ ޓޮޕްކޮޅެވެ. ގިނަ ފޭނުންގެ ރިކުއެސްޓަށް ބަލާ އަހަރެން ލަނީ ކަކުލުން މައްޗަށް ހުންނަ ބާރު ސްކާރޓް ކޮޅާއި ސޯޓުކޮޅެވެ. އެގޮތުގައި އަހަންނަށް ނަށަން ފަސޭހައެވެ. ގުނަވަންތަކާ ވަނާތައް އެކިގޮތްގޮތަށް ހަރަކާތް ކުރަންވެސް ފަސޭހައެވެ. އަދި އެކަން އަހަންނަށްވީ ވަރަށް ސަޅި ކަމަށެވެ. އެގޮތުގައި އަހަރެން ފެންނަ އިރު މަންމަގެ ތުންފަތުގައި ފުޅާ ހިނިތުންވުން ދުވެލަ ދުވެލާ ހުންނަނީ ހަމަ ގައިމުވެސް އަހަރެންގެ މަޝްހޫރު ކަމާ މެދު ފަޚުރުވެރި ވާތީއެވެ.

ހަފްތާއެއް ފަހެވެ. ހެނދުނު ހޭލިއިރު ސާޅީސްހަ ފަހަރަށް އަހަރެންގެ ފޯނަށް ބައްޕަގެ މިސްކޯލްތައް އައިސްފައި އޮތެވެ. އަހަރެން ފަރުވާކުޑަ ގޮތަކަށް ފޯނު އެނދުމަތީގައި ބާއްވަމުން ފާޚާނާއަށް ވަދެ ރީތިވެލީމެވެ. ބައްޕަގެ މިސްކޯލް ތަކުގެ ސަބަބުން އަހަރެން މޫޑް އެދުވަހު ޚަރާބުވިއެވެ. ކުރިޔަށް ޕްލޭން ކޮށްފައިހުރި ކަންކަން މަތިން ވެސް ފޫހިވެ ނިމިއްޖެއެވެ.

ކާމޭޒު ކައިރި އަހަރެން ސައިބޯން އިނީ މޫޑް އޮފްވެފައެވެ. އަހަރެންގެ މޫނުމަތީގައި ނެތް ތާޒާކަމެއް ވަކި މަންމަގެ މޫނަކުންވެސް މިއަދު ނުފެނެއެވެ. ބިސްގަނޑު އަޅަން ހުރި މަންމަގެ މޫނު ފެނުމާއެކު އަހަންނަށް އެކަން ޔަގީންވިއެވެ. މަންމަގެ ދުލަކު ބަހެއް ނެތެވެ. އެހެންޏާ ހަރަކާތްތެރިވާ މަންމަގެ ހަރަކާތްތައް މިއަދު މާ ކަންނެތެވެ.
އަހަރެން މަންމައަށް ގޮވާލުމަށްފަހު ވެގެން އުޅޭގޮތް އަހާލީމެވެ. އެޔާއެކު މަންމަ އައިސް އަހަރެން ގާތު އިށީނެވެ. އަދި ވެގެން އުޅޭގޮތް މަޑުމަޑުން އޮޅުން ފިލުވައިދިނެވެ. ހަމައެވަގުތު، އަހަރެންގެ ދުލުން ބޭރުވެގެން ދިޔައީ މީގެ ކުރިން އަހަރެންގެ ދުލުން ބޭރުކޮށްފައި ނުވާހާ އިހްތިރާމް ކުޑަ ބަސްތަކެކެވެ.

– 2 ވަނަ ބަޔަށް އިންތިޒާރު ކޮށްލާއްވާ —

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ޙާލަތު (ފަހުބައި)

Next

ލުޔޫނާ -2

Next
November 28, 2022

ލުޔޫނާ -2

Previews
November 27, 2022

ޙާލަތު (ފަހުބައި)

4 Comments!

  1. Imm says:
    November 28, 2022 at 8:40 pm

    Mi part v salhi hama.
    Next part v reethi vaanekamah ummeedh kuran
    V zamaanaa gulhey vaahaka eh dhow sis..
    Vaahaka nineynee kihineibbaa

    1. Shaleen says:
      November 28, 2022 at 11:12 pm

      Thanks imm.
      Ufaavejje comment libuneema ingey.
      Dhen kiyaaleema ingidhaanethaa dho mi vhk kamudhanyaa..
      Again thanks 👍

  2. younge says:
    November 29, 2022 at 4:54 am

    I love this story next also nice 💕♥️💗💕♥️💗💕🙂💕♥️

    1. Shaleen says:
      November 29, 2022 at 9:20 am

      Thanks younge ❤️❤️❤️
      V ufaavejje story kamudhiyaima
      Again thanks 😃

Comments are closed.

Next Episodeލުޔޫނާ -2←


All Right Reserved!