ހިތުގައި ވޭ ތިޔަ ނަން…6
ކުޑަ ހިނދުކޮޅަކަށް ނަމަވެސް މާއިން އޭޏާ އާއި ދުރަށް ދޭތޯ އޭނާ ނަން ހާމަ ކުރީ އެވެ. މާއިންގެ ފުށުން ސަލާމަތްވުމަށް ބޭނުންވެފައިހުރިވަރު ރީތިކޮށް އިޒާގެ މޫނުމަތިން ފާޅުވަމުންދިޔައެވެ. ލިބުނު ކާމިޔާބާއި އެކު މާއިންގެ ހިތް އުފަލުން ނަށައިގަތެވެ. އިޒާ އަށް އަދިވެސް އެއްފަހަރު ބަލައިލަމުން އޭނާގެ ކުރިމަތިން އެއްފަރާތަކަށް މާއިން ޖެހިލީ ދިޔުމުގެ ހުއްދަދޭ ފަދައިންނެވެ. މާއިން އަށް ބަލައިލުމެއްވެސް ނެތި އިޒާ އެތަނުން ދިޔައީ ލިބުނު ހަނި ފުރުސަތުގައި އޭނާގެ ކިބައިން ސަލާމަތްވާން ބޭނުންވެފައި ހުރިވަރުންނެވެ. އެހެނަސް އެއީ އެކަމުގެ ނިމުންނޫންކަން އިޒާ އަކަށް ނޭނގެ އެވެ.
♥♡ ހަވަނަ ބައި ♡♥
ގެއަށް ވަދެ ދޮރު ތަޅުލުމަށް ފަހު ކުޑަދޮރު ތަކާއި އެހެން ދޮރުތަށް ތަޅުލާފައި ހުރި ތޯ ބަލާ ޗެކު ކޮށްފައި އިޒާ ކޮޓަރި އަށް ވަދެ ކޮޓަރި ދޮރުގެވެސް ތަނޑު އުޅުވިއެވެ. ކުޑަދޮރުގެ ތަންޑުއަޅުވާ ދޮރުފޮތިގަނޑުވެސް ކަހާލިއެވެ. ހާސްކަން މުލި މީހާ ވަށާލުމާއިއެކު އިޒާ ދާހިއްލަން ފެއްޓިއެވެ. ކޮޓަރި މޭޒުމަތީގައި އޮތް އޭސީ ރިމޯޓް ނަގާ ޖައްސާފައި ހުރި އޭސީގެ ފިނި ގަދަކޮށްލާފައި ފާހާނާ އަށް ވަނީ ހޮސްޕިޓަލުން އައި ގޮތަށް ފެންނުވެރި ހުރުމުންނެވެ.
ފިނި ފެނުން ފެންވަރާލުމަށް އިޒާ އޭނާގެ ބޮލުގައި އިން ކްލޯވ ކްލިޕް ނައްޓާލިއެވެ. އަދި މޫނުގައި ހުރި މޭކަޕް ފިލުވާލާފައި މާގަނޑު ދޫކޮށްލަމުން މާގަނޑު ދަށަށް ވަނެވެ. މާގަނޑު ދަށަށް ވަދެވުމާއި އެކު އިޒާގެ ހިތާއި ސިކުނޑިން ހުރިހާ ކަމެއް ބޭރުވިކަހަލައެވެ. މާގަނޑުން ވެރެމުން ދިޔަ ފިނި ފެންތޮކިތަށް އިޒާގެ ބޮލުން ފެށިގެން ހަށިގަނޑުގެ ގުނަވަން ތަކުގައި ޖެހި ބޮލާއި ހަށިގަނޑަށް ފިނިކަން ގެނުވަމުން ދިޔައެވެ.
ފެން ވަރާލައިގެން ނުކުތް އިރު ކޮޓަރި ތެރެ ފިނިކަމުން އިޒާގެ ގައިން ހީބިހި ނަގުވާލިއެވެ. މެއާއި ހަމައިން ތުވާލި އައްސާލައިގެން ހުރި އިރު ތެތް އިސްތަށިގަނޑުން ފެންތިކި ތަޅަމުން ދިޔައެވެ. ހީކަރުވައި ގަނެގެން މީހާ ތުރުތުރު އަޅަމުން ދިޔައިރު ދެ ދަތްޕިލަ ވެސް ފަހާފޮށި ދަތްގަނޑެކޭ އެއްވަރެވެ. އޭސީގެ ފިނި މަޑުކޮށްލާފައި އިޒާ އަވަހަށް ނިދާ އެއްޗިހި ލިއެވެ. އެނދުގައި ބުރަކަށި ޖައްސާލުމާއި އެކު މިހާ ވަރުބަލިވެފައި ވީ ވަރު އިޒާ އަށް އިހުސާސް ވިއެވެ. ކައިރީ އޮތް ކަންނެޔޮލުގައި ބައްދާލަމުން އިޒާ ދެލޯ މަރާލާފައި ޝަހާދަތާއި އާޔަތުލް ކުރުސި ކިޔާލިއެވެ. ނަމަވެސް ވެފައި ހުރި ވަރުބަލި ކަމުންނާއި ނިދި އައިސްފައި ހުރިލެއް ބޮޑުކަމުން އާޔަތުލް ކުރުސި ކިޔާ ނުނިމެނީސް އިޒާ އަށް ނިދުނެވެ.
ހެނދުނު ހޭލައިގެން އިޒާ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ދާން ތައްޔާރު ވެލިއެވެ. ދުވަހަކީ އާދިއްތަ ދުވަހަށް ވެފައި އެވަގުތު ވަނީ މާލޭގެ މަގުތަށް ތޮއްޖެހިފައެވެ. ވީހާވެސް އަވަހަށް ތައްޔާރުވެލައިގެން އިޒާ ޑިއުޓ އަށް ދާން ގެއިން ނުކުތެވެ. އެވަގުތު ޑިއުޓީ އަށް އަރަން އިން ކުއްޖާ އަށް ދެވޭ ގޮތް ނުވުމުން އޭނާ އަށް ދާން ޖެހުނީއެވެ. އެހެންނެއް ކަމަކު އިޒާ އަށް އެވަގުތު އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ކަމަކަށް ނުވިއެވެ. އޭނާގެ ސިކުނޑީގައި މުޅިންހެން ވަނީ މާއިން އެވެ. ރޭގައި އެދެމީހުން ދެމެދު ހިނގި ކުޑަ ހާދިސާ އެވެ. އެހުރިހާ ކަމެއް ބޮލުތެރެއަށް ލައިގެން އުޅެން ހަދައިން އިޒާ އަށް ރަނގަޅަކަށް މަސައްކަތެއް ނުކުރެވުނެވެ.
ޑިއުޓީގައި އުޅުނު އިޒާގެ ފަރާތުން ފައުޅުވަމުންދިޔައީ ނެގިމަޑުކަމެވެ. ޑިއުޓީއަށް އައީއްސުރެ އޭނާގެ ބަސްމަދުވެފައި ހުންނަކަން އެކީ މަސައްކަތް ކުރާ ދެތިން މުވައްޒަފުން މިހާރު ފާހަގަކޮށްފިއެވެ. އެއިން ކޮންމެ މީހަކަށް ގަދަކަމުން ހިނިތުންވުމެއް ހަދިޔާކުރަމުން އެމީހުންގެ ސުވާލުތަކުން އިޒާ ރެކިގަނެއެވެ. އީނާޝް ވެސް ނެތުމާއެކު ޑިއުޓީގައި ފޫހިކަން އޭނާއަށް އިހުސާސުވަމުންދިޔައީ އިންތިހާއަށެވެ.
އިޒާގެ ޑިއުޓީގަޑި ނިމުނުއިރު ހުރީ ރޭގަނޑު އެގާރަގަޑިބައި ބާރަޖަހަން ގާތްވެފައެވެ. ބްރޭކަށް ގެއަށް ގޮއްސަ އަލުން ޑިއުޓީ އަށް އައިސްވެސް އެހާ ބުރަކޮށް އުޅެން ޖެހުމުން އިޒާގެ ހަށިގަނޑަށް ލޮޑުކަން ވެރިވެފައި ވިއެވެ. ކޮނޑުގައި އަޅުވައިލައިފައިއޮތް އަތްދަބަސް ރަނގަޅުކޮށްލަމުން އިޒާ ހޮސްޕިޓަލުން ނުކުމެ މަގުމައްޗަށް ނަޒަރު ހިންގައިލިއެވެ. ކޮންމެސް ވަރަކަށް ވިއްސާރައިގެ ކުލަވަރު އުޑުމަތިން ފައުޅުވާންހުރިއިރު ފަޒާގައިވީ ތެތްފިނިކަމެއް ހިފައިފައެވެ.
މީހުން މަދު އަނދިރި ގޯޅިގަނޑަށް އަޅައިލެވުމާއެކު އޭނާ ހިނގުން ބާރުކޮށްލިއެވެ. ރޭގެ ހާދިސާ ހަނދާން ވުމާއި އެކު އިޒާގެ ހިތުގެ ހިނގުން ބާރުވިއެވެ. ބިރުން އެ ހިތްވެސް މޭތެރޭ ފޮރުވިގަނެގެން އޮވެ ތެޅިފޮޅެމުން ދިޔައެވެ. މަގުގެ އެއްފަރާތުގައި ޕާރކް ކޮށްފައި އޮތް ކަޅުކުލައިގެ ވޭނަކާއި އަރައި ހަމަވުމާއެކު ކޮންމެވެސް މީހަކު އިޒާގެ އަތުގައި ހިފައި ކުއްލިއަކަށް ދަމައިގަތެވެ. ދެލޯބޮޑުކޮށްލަމުން ހަޅޭއްލަވައިގަންނަން އުޅުނުވަގުތު އެމީހަކު އޭނާގެ އަތްތިލަ އިޒާގެ އަނގަމަތީގައި އަޅައި ބާރުކޮށްލިއެވެ. އަދި ވޭނުގެ ފުރަގަހަށް އޭނާ ވެއްދުމާއެކު ވޭނާއި އެމީހެއްގެ ބިޔަ ހަށިގަނޑާއި ދެމެދު ގުޑިނުލެވޭނެފަދަ ގޮތަކަށް އިޒާ ހައްޔަރުކޮށްލިއެވެ.
ގަނެފައި ވީ ބިރެއްގެ ސަބަބުން އިޒާގެ ދެލޯ ކަރުނުން ފުރިގަތެވެ. ހިތް ނެގިނެގިފައި ޖެހެމުންދިޔަ ގޮތުން ހީވަނީ ދެންމެ ދެންމެ މޭތެރެއިން ނުކުމެދާނެ ހެންނެވެ. ކުދި މުތީތަކެއް ފަދައިން އިޒާގެ ނިތްކުރިމަތިން ދާތިކިތަށް ބަބުޅައިގަތެވެ. އިޒާގެ ދެލޮލުން ފޭބި ކަރުނަތަށް އެމީހެއްގެ އަތުގައި ޖެހުމާއި އެކު ކަންބޮޑުވުން އެ މޫނުމަތިން ފެނިލިއެވެ.
” ހޭއި… ރިލެކްސް މީ އަހަންނޭ… މާއިން…” މަޑުމަޑުން އިޒާގެ އަނގަމަތިން އަތް ނަގަމުން މާއިން ބުނެލިއެވެ. ހާސްވެފައި ހުރި އިޒާގެ އާއި މާއިންގެ ދެލޮލުގެ ހަތަރު ކަޅި ބައްދަލު ވީ ހިނދު މާއިން އަށް އޭނާގެ ހިތުގެ ހިނގުމް މަޑުޖެހިލި ކަމުގެ އިހުސާސެއް ކުރެވުނެވެ. އޭނާ އަށް ވިސްނާނުލާ ކުރެވުނު ކަމެއްގެ ސަބަބުން އިޒާ އިންތިހާ ދަރަޖައަށް ބިރު ގަނެއްޖެ ކަން އިހުސާސް ވުމުން މާއިން އަށް ކުއްވެރިކަން އިހުސާސް ކުރެވުނެވެ.
“ޝްޝްޝް.. ހުއްޓާލާ. ޕްލީޒް.. އައި އެމް ސޮރީ..” އިޒާގެ ކަރުނަތައް ލޯބިން ފުހެދެމުން މާއިން ބުނެލިއެވެ. މާއިންގެ އެއަމަލުން އުނދަގޫވެ އިޒާ އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. އެމޫނުމަތިން ހިނދުކޮޅެއްކުރިން ފައުޅުވަމުންދިޔަ ހާސްކަން ފިލައި ރުޅިވެރިކަން ވެރިވެގަތެވެ. މާއިންގެ ސަބަބުން އިޒާށް މަގުމަތީގައި ހިނގައިބިނގައިވެ އުޅެން މިހާރުވަނީ ދަތިވެފައެވެ. މާއިންގެ ބޭނުމެއް ކުޑަކޮށްވެސް ވިސްނައިގަންނާކަށް އިޒާ އަކަށް ނޭނގުނެވެ. ހިތުގައި ކުޑަޖެހިލުންވުމެއްވިއަސް އެކަން ފައުޅުކޮށް އަމިއްލަ ފިނޑިކަން ދައްކާކަށް އިޒާ ބޭނުމެއްނުވެއެވެ.
މާއިންގެ މޭގައި ދެއަތްވިއްދައިލަމުން އޭނާއާ ދުރަށް ކޮށްޕައިލުމަށް އިޒާ މަސައްކަތްކުރިއެވެ. ލުއިގޮތަކަށް ހީލަމުން އިޒާގެ ދެއަތުގެ ކުޑަހުޅުގައި މާއިން ހިފެހެއްޓިއެވެ. އަދި ލޯބިން އެމޫނުކޮޅަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ.
” ކަލެއާހެދި ކިހައިބޮޑު އުނދަގުލެއް.. އަހަންނަށް މިހާރު މަގުމައްޗަށް ނުކުންނަންވެސް އުނދަގުލޭ.. ކީއްވެތަ އަހަރެންގެ ފަހަތު ނެއްޓެން ނޭނގިގެން ތިއުޅެނީ؟ ކޮންކަމެއްތަ ކަލޭ ބޭނުންވެގެން ތިއުޅެނީ؟” ރުޅިވެރިކަމާއި އެކު ދަތްކުނޑި ވިކައިލަމުން އިޒާ ބުނެލީ މާއިންގެ އަތް ފޮޅުވައިލަމުންނެވެ. އޭރު އެ މޫނުމަތިން ފެންނަމުން ދިޔައީ އިޒާ ކިތަންމެ ރަނގަޅަށް ވެސް ދަންނަ މިހަކަށް ނުފެންނަ ވަރުގެ ރުޅި ވެރިކަމެވެ.
އިޒާގެ މި ޢަމަލުން މާއިން އެއްމިޔަކަނިން ހީލިއެވެ. އިހުނަށް ވުރެން ކައިރިއަށް ޖެހިލަމުން މާއިން އިޒާގެ ދެލޮލަށް ބަލައިލިއެވެ.
” އަހަރެން ބޭނުން ވަނީ ކޮން ކަމެއް ހެއްޔޭ ދޯ؟.. އަހަރެން ބޭނުންވަނީ އިޒާ އޭ ބުނެފިއްޔާ؟..” މާއިން ސީދާ އިޒާގެ ދެލޮލަށް ބަލަން ހުރެ އެހެން ބުނެލިއިރު އެ ދެލޮލުން ފެންނަމުން ދިޔައީ ލާނެތްކަމެވެ.
” ހެޔޮ ނުވާނެ.. އާދޭސް ކުރަން… އަހަރެންގެ ފަހަތުން ތިހެން ނޫޅެބަލަ… މިވީ ދެތިން ހަފްތާއެއްހާ ދުވަހު އަހަންނަށް ހަމަ ނޭވާ ނުލެވޭ… ތިހެން އަހަރެން ފަހަތުން އުޅޭއިރު އެއްވެސް އެއްޗެއް ހިތަކަށް ނާރާތަ…؟ އަހަރެންގެ ފަހަތުން ތިހެން ނޫޅެން ކިތަށް ދުވަހު ބުނީމަތަ ތި ކަންފަތަށް އަޑުއިވޭނީ…” ނުރުހުންތެރިކަމާއި އެކުވެސް އިޒާ ވާހަކަ ދެއްކި އިރު އެ އަޑުގައި މަޑުމައިތިކަން ވެއެވެ. އައިސްފައި ހުރި ރުޅިގަނޑު ކޮންޓްރޯލް ކުރަމުން އިޒާ މާއިންގެ މޫނުން ދުރަށް ނަޒަރު ހިންގާލިއެވެ.
” އެ ކީތްވެ އަހަރެން މި ސިފައިގަ ހުރީމަތަ؟… އަހަރެން މި ގޮތަށް އުޅޭތީތަ؟.. އިޒާ ބޭނުމިއްޔާ އަހަރެން ބަދަލުވެސް ވެފާނަން… އެކަމަކު އަހަންނަށް ވަގުތު ބޭނުންވާނެ.. އޭރުން ތި އެކުވެރިކަން އަހަންނަށް ލިބޭނެތަ؟” މާއިން ބުނެލި ބަސްތަކުން އިޒާ އަށް މާއިން އާއި ދިމާލަށް ބަލައި ލެވުނެވެ. އޭނާ އަށްޓަކައި މާއިން ބަދަލުވާނެ ހެއްޔެވެ؟ އެ އުޅުން ދޫކޮށްލާނެ ހެއްޔެވެ؟… އެކަމަކު ކޮން ސަބަބަކަށް ކަމެއް އިޒާ އަކަށް ނޭނގެ އެވެ. ހަމަ އެކަނި އެކުވެރިކަމަކަށް އެފަދަ ކަމެއް މި ޒަމާނުގައި މީހަކު ނުކުރާނެކަން ކަށަވަރެވެ. މާއިން ބުނެލި ބަސްތަކާިއ މެދު ވިސްނާލުމަށް ފަހު އިޒާ ގޮތެއް ނިންމި އެވެ.
” އެންމެ ރަނގަޅު… އެކަމަކު ޝަރުތެއްގެ މަތިން…” ” ކޮން ޝަރުތެއް…” އިޒާ ދައްކަމުން ދިޔަ ވާހަކަ ކަނުލާ އަޑު އަހަން ހުރި މާއިން އަށް އިޒާ ވާހަކަ ދައްކާ ނުނިމެނީސް އަހާލެވުނެވެ. އެކަމުން އިޒާގެ ތުންފަތް ދެމިލި ނަމަވެސް އެކަންތަށް ފޮރުވާލަމުން ބުނެލިއެވެ. ” އަހަރެންގެ އެކުވެރިކަން ބޭނުން ނަމަ.. ތި އުޅުމާ.. ތި ސިފަ.. އަދި ތި ގެންގުޅޭ އެކުވެރިންނާ… ތި ކުރާ ހުރިހާ ކަމެއް ހުއްޓާލާފަ ބަދަލުވޭ… އަހަރެން ވަރަށް ފޫހިވޭ ތިކަހަލަ މީހުންދެކެ.. އަދި އެއީ އަހަރެން އެކަންޏެއް ނޫން އަހަރެންގެ އާއިލާ މީހުންވެސް.. ތިކަހަލަ މީހަކު އަހަރެންގެ އެކުވެރިއަކަށް ވެއްޖެ ނަމަ އަހަންނަކަށް އަހަރެންގެ އާއިލާ އަކާ ކުރިމައްޗެއް ނުލެވޭނެ.. އެކަމަކު އަހަރެންގެ ސަބަބުން ތިކަހަލަ މީހަކު ބަދަލު ވެއްޖެ ނަމަ އަހަރެން އުފާ ވެސް ވާނެ.. އަދި އެމީހަކާ އެކުވެރި ވުން ވެސް އެއީ ގާތް ކަމެއް…” އިޒާ ބުނަން ބޭނުން ވި އެއްޗެއް ބުނެލުމަށް ފަހު އެތަނުން ދުރަށް ހިނގައި ގަތެވެ. ނަމަވެސް ތިން ފިޔަވަޅު އަޅާލާފައި ފަސް އެނބުރި ބަލާލިއެވެ.
” އަދި އެއް ވާހަކަ.. އަހަރެންގެ އެކުވެރިކަން ލިބޭނީ ވަރަށް މަދު މީހަކަށް… އަހަރެންގެ ފަހަތުން މިހާރު ތި އުޅޭހެން އުޅެން ވެއްޖެ ނަމަ… އަހަރެންގެ އެކުވެރިކަމެއް ދުވަހަކު ވެސް ނުލިބޭނެ… ތި ގޮތް ބަދަލު ކޮށްފަ ނޫނި އަހަރެންގެ ކުރިމައްޗަށް އައިސްގެން ނުވާނެ… އެދުވަހަކާ ޖެހެންދެން އަހަންނާ ދުރުގަ ހުރޭ…” ފަހު ބަސް ބުނެލާފައި އިޒާ މާއިން އަށް ފަސްދީފައި އެތަނުން ދިޔައެވެ.
އިޒާގެ ޝަރުތުއިވިފައި މާއިންގެ ހިތަށް ތަދުވެލިއެވެ. އެބުނާ ގޮތަކަށް ބަދަލުވާން އޭނާއަށް ނަގާނީ ކިހައިވަގުތެއްކަމެއް ބުނެދޭކަށް ޚުދު އޭނާއަށްވެސް ނޭނގެއެވެ. އޭނާގެ އުޅުން ބަދަލުކުރާނަމަ ކުރިމަތިލާންޖެހޭނެ ގޮންޖެހުންތަކާއި ހުރަސްތައް ހިތަށް އަރުވައިލަންވެސް ދައްޗެވެ. އެކަން ކުރަން ބޭނުންވިއަސް ފަސްޖެހެވެނީ އެހެންވެއެވެ. އެހެނަސް އިޒާގެ ކުރިމަތީގައި އެހުރިހަކަމެއް ފައުޅުކުރާކަށް މާއިން ނޭދެއެވެ. އޭނާގެ ހަގީގަތް އެނގިއްޖެނަމަ އިޒާ އެ ޝަރުތުވެސް އުވައިލައިފާނެއެވެ. އިޒާގެ ގާތްކަމަށް ހިތްއެދި ގޮވާވަރުން އިޒާ ދިޔަ ދިމާލަށް ބަލައިލަމުން އެންމެ ރަނގަޅުކަމަށް މާއިން ބުނެލިއެވެ. ހިތާއި ދެކޮޅަށެވެ. އެންމެ ހިނދުކޮޅަކުވެސް އިޒާ އާއި ދުރުގައިވުމަށް އޭނާގެ ހިތެއް ނޭދެއެވެ. ވީ އެންމެ އަވަހަކަށް އިޒާގެ ގާތަށް އެނބުރި އަންނަން އޭނާ ބޭނުންވިއެވެ. ކޮންމެފަދަ ހުރަހަކާއި ކުރިމަތިވިއަސް އެކަމާއި ކުރިމަތިލާން އަމިއްލަ ނަފުސު އެދި ގޮވައިލިއެވެ. އެލޯބި ހާސިލްކުރަން ކޮންމެފަދަކަމެއްވެސް ކުރަން މާއިން ހުރީ ތައްޔާރަށެވެ. އެކެމަށް ކިތަންމެ ވަގުތެއްނެގިނަމަވެސް ވެހެވެ.
~ނުނިމޭ~



