ބޭވަފާތެރި ވުމުން ޔާރާ 21، 22 އަދި 23 ވަނަބައި
21 ވަނަބައި
______
ފަހަތަށް ވެއްޓެން ދިޔަ ވަގުތު ނަޒްޔަކް އީނާގެ ގައިގައި ހިފަހައްޓައިލިކަން އެނގުނެވެ. އީނާގެ ލޯމަތިން އަދިވެސް ކޮކާފިޔަ ބުރާހެން ހީވެއެވެ. ނަޒްޔަކްގެ އެހީއާއިއެކު އީނާ އެތަނުގައި އިން ގޮނޑިބަރިއެއްގައި ބޭންދިއެވެ. ކަންފަތް ކައިރިން ޑޮކްޓަރުގެ ވާހަކަތައް އިވެމުންދާފަދައެވެ. ކަންފަތުގައި ދެއަތް އަޅާލެވުނުއިރު އީނާއަށް ރޮވިއްޖެއެވެ. “ދަރިފުޅާ!.. މަންމަ މިދައްކާ ވާހަކަ އަޑުއަހާބަލަ..” އަސްމާ އީނާގެ ގާތުގައި އިށީނދެލިއެވެ. “ޑޮކްޓަރުން އުންމީދު ކަނޑާލިޔަސް ﷲގެ ރަހްމަތުން އުންމީދު ކަނޑާލާ ބަޔަކު ކަމުގައި އަހަރެމެން ވެގެން ނުވާނެ!” އަސްމާ ބުނެލިއެވެ. “ހުރިހާ އެންމެންނަށްވެސް އަނގައިން ތިހެން ބުނެލަން ފަސޭހަ ވާނެޔޭ.. އެއްވެސް މީހަކަށް ކެތެއް ނުވާނެ އެމީހަކު އެންްމެ ލޯބިވާމީހާ އެހާލުގައި އޮންނަތަން ދެކޭކަށް.. މަންމައަށް ކެތްވާނެތަ ޖައުޝްގެ މަޤާމުގައި ބައްޕަ އޮތްނަމަ..” ގިސްލެވެމުން އީނާއަށް ބުނެލެވުނެވެ. “ދަރިފުޅާ.. ހިތާމައިގެ ވަގުތު އަޑުވީއްލާ ރުއިމެއް ނޯވޭ.. ދެންވެސް ހެޔޮދުއާ ކޮށްބަލަ ގިނަގިނައިން.. މަންމައަށްވެސް އެނގެޔޭ ދަރިފުޅުގެ ހިތަށް ކުރާނެ އަސަރުތައް..” އަސްމާ ބެލީ އޭނާގެ ދަރިފުޅަށް ލޯތްބާއެކު ވިސްނައިދެވޭތޯއެވެ. އެހެނަސް އީނާ އިނީ މީހެއްގެ ވާހަކައެއްވެސް އަޑުއެހޭފަދަ ހާލަތެއްގައެއް ނޫނެވެ.
** **
“އީނާ…” އައިމިނަތު އީނާގެ ގާތުގައި އިށީނދެލަމުން ލޯތްބާއެކު ގޮވާލިއެވެ. “ދަރިފުޅާ.. ޑޮކްޓަރު ދެންމެ ބުނުއްވީ މޫނު ދެކެލަން ބޭނުން މީހުން އެތެރެެއަށް ވަންނާށޯ!” އައިމިނަތު ބުނެލިއެވެ. “ނިޔާވީތަ؟” އީނާއަށް އަހާލެވިއްޖެއެވެ. “ނޫން ދަރިފުޅާ.. ﷲ ގެ ރަހްމަތުން އެދަރިފުޅު އަދި މިދުނިޔޭގައި އެބައޮތް.. އެކަމަކު ކޮންމެ ވަގުތަކުވެސް ހަމަ ހިތުގެ ވިންދު ހުއްޓިދާނެޔޯ..” އައިމިނަތު ބުނެލިއެވެ. ކޮންމެ ގޮތަކަށްވިޔަސް އަޑުއިވުނީ އީނާ އަހަން ބޭނުންވި ވާހަކަތަކެއް ނޫނެވެ. ހިތާއިވީ ދިމާލުގައި އީނާއަށް ބޭއިޚްތިޔާރުގައި އަތްއަޅާލެވުނީ ހިތަށް ތަދުވާން ފެށުމުންނެވެ.
……………………
އައިމިނަތުގެ އެހީއާއި އެކުގައި އައިސީޔޫގެ ދޮރާއި ދިމާލަށް ހިނގައިގަތެވެ. އޭރު ނަފްސަށް އިހްސާސްވަމުން ދިޔައީ ބުނެދޭން ނޭނގޭ ފަދަ އިހްސާސްތަކެކެވެ. ހަށިގަނޑު ފިނިވެ ތުރުތުރު އަޅަން ފެށިއެވެ. ވަދާއީ ސަލާމުގެ ވަގުތު އައިސް ޖެހުނީކަން އެނގުމުން އެހިތް ރޯލިއެވެ. ލަސް ފިޔަވަޅުތަކެއްގައި އީނާއަށް އައިސީޔޫއަށް ވަދެލެވުނެވެ. ކުދި ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް އޭނާ އެންމެ ދެކެން ބޭނުންނުވާ މަންޒަރު ދެކެން ޖެހޭނެކަން އެނގުނެވެ.
……………..
އައިސީޔޫގެ ހަ އެނދުގެ ތެރެއިން ޖައުޝްގެ އެނދު ފާހަގަކުރަން އީނާއަށް އެނގުނެވެ. މެޝިނުގަތިގެ ބީޕްގެ އަޑުން އީނާގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. ހުދު ބެޑްޝީޓެއް އަޅާފައިއޮތް ޖައުޝްގެ ސޫރަ ފެނުމާއެކު އީނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހަށިގަނޑު ފިނިވެ ހީތުރުތުރު އަޅާލިއެވެ. ދެލޮލަށް އިޚްތިޔާރަކާއި ނުލައި ކަރުނަ ޖަމާވިއިރު އެނދުގައި އޮތީ އޭނާ ލޯބިވި ޖައުޝް ބާވައޭ ހިތަށް އެރިއެވެ. ގައިގެ އެތަން މިތަނަށް ހޮޅިތައް ގުޅާފައި ހުރިއިރު މޫނުމަތީގައިވެސް ޒަޚަމްތަކެވެ. އެތައް ތަނެއް ފިހިފައި ހުރިއިރު މީހާގެ ސިފަވެސް ވަކިކުރަން ދައްޗެވެ. އީނާގެ އަތް ނެގުނީ އިޚްތިޔާރަކާއި ނުލައެވެ. އެ މޫނުގައި އީނާގެ ކަނާއަތުން ފިރުމާލެވުނު ވަގުތު އީނާއަށް ރޮއެގަނެވުނެވެ. “ޖައުޝް؟ ކީއްވެ..” އީނާގެ ތުންފަތް ފޫޢަޅުވާލަމުން ނުކުތީ އެލަފްޒެވެ. އެވަގުތު ޖައުޝްގެ ކަޅި ހަރަކާތް ކޮށްލިހެން އީނާއަށް ހީވިއެވެ، “ވަރަށް ލޯބިވޭ.. އަބަދުވެސް ވާނަން.. މިގޮތުގައި އަންނަންދެން އިންތިޒާރުގައި ހުންނާނަން..” އީނާ ބުނެލިއެވެ. އަދި ޖައުޝްގެ މޫނުގައި ބޮސްދެމުން އައިސީޔޫން ނުކުންނަން ހިނގައިގަތެވެ.
……………..
އީނާއަށް ހިތްވަރު ކޮށްލެވުނީ އައިސީޔޫން ނުކުމެވެންދެނެވެ. އެއާއެކު އޭނާގެ ބަޑި ފަޅައިގެން ގޮސްފިއެވެ. ހުރިތަނަށް ތިރިވެވުމާއެކު އޭނާއަށް ހަޅޭލަވައިގަނެވުނީ މޮޔައަކު ފަދައިންނެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓިފައިވިޔަސް ފަރުވާލެއް ނުވާފަދައެވެ. އީނާ ލަސް ހިނގިމެއްގައި ހޮސްޕިޓަލު ބޭރަށް ނުކުންނަން ހިނގައިގަތެވެ. އެވަގުތު ޖައިޝާ އީނާގެ ފަހަތުން އަންނަން އުޅުނެވެ. އީނާ އެކަމަށް އިންކާރު ކުރިނަމަވެސް ޖައިޝާގެ މޫނުން ހާސްކަން ފާޅުވެލިއެވެ. “އަހަރެންނަށް އެކަނިވެރި ވަގުތުކޮޅެއް ދީބަލަ.. ފަހުން ދެރަވާން ޖެހޭފަދަ ކަމެއް އަހަރެން ނުކުރާނަމޭ” އީނާގެ އެތަކެއް އާދޭހަކަށްފަހު ޖައިޝާ އީނާ ދިޔުމަށް ދޫކޮށްލިއެވެ.
………………
އޭނާއަށް ހިނގަމުން ހިނގަމުން ގޮސް ވަދެވުނީ ހޮސްޕިޓަލުގައި ކުޑަކުދިން ތިބެން ހަދާދައި ހުންނަ ތަނަކަށެވެ. އެތަނަށް އޭނާއަށް ނަޒަރު ހިންގާލެވުނެވެ. އަންހެން ކުއްޖެއް ހިނިތުންވެލަމުން އީނާއަށް ހަނާއަޅާލިތަން ފެނުނެވެ. އީނާ ދެޚިޔާލެއްގައި ހުރެފައި އެދިމާލަށް ހިނގައިގަތެވެ. “އިށީނދެލިޔަސް އޯކޭތަ؟” އީނާ އަހާލިއެވެ. އެއަޑުގައިވި ކުރަކިކަން އެ އަންހެންކުއްޖާއަށް ފާހަގަވެގެން ދިޔައެވެ. “އޮފްކޯޒް..” އެކުއްޖާ ހިތްހެޔޮ ގޮތަކަށް ބުނެލިއެވެ. އީނާ ފަރުވާތެރިކަމާއެކު އެމޫނަށް ނަޒަރު ހިންގާލިއެވެ. އެއީވެސް އައިސީޔޫ ކައިރިން އީނާއަށް ވަރަށް ގިނައިން ފެންނަ ކުއްޖެކެވެ. އެކުއްޖާގެ ދެލޮލުގައިވެސް އުދާސްކަމާއި ވޭން ވާތީ އޭނާ ދުއްޓެވެ.
………………………
“އައިމް ސާރާ.. ތިއީ ވަރަށް ގިނައިން އަހަރެންނަށް އެތަނުން ފެންނަ ކުއްޖެއް.. ކޮންކަމެއް ދިމާވެގެން ތިއުޅެނީ..” އެކުއްޖާ ބުނެލިއެވެ. “އައިމް އީނާ… އަހަރެން އިންނަން ވެގެން އުޅުނު ކުއްޖާގެ ފްލައިޓް ގޮވީ..” އީނާއަށް ބުނެލެވުނެވެ. “ހިތްވަރުކުރޭ.. އަވަސް ޝިފާއަކަށް އެދެން.. ޝަފާކަﷲ” އެކުއްޖާ ބުނެލިއެވެ. “ސާރާއަށް ކޮންކަމެއް ދިމާވެގެން ތިއުޅެނީ..” އީނާ ބުނެލިއެވެ. އެވަގުތު އެތަނަށް ލޯބިލޯބި ކުޑަ އަންހެން ކުއްޖެއް އައެވެ. ހަމަ ސާރާގެ ކޮޕީއެއް ފަދައެވެ. “މަންމީ.. ކޮއްކި ފެންބޮވަނީ…” އެކުއްޖާ މައުސޫމު ގޮތަކަށް ބުނެލިއެވެ. އީނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ސާރާ ދަބަހުން ފެންފުޅިއެއް ނެގުމަށްފަހު އެކުއްޖާއަށް ފެންދިނުމުން އަނެއްކާވެސް އެނބުރި ކުޅެއް ހިނގައްޖެއެވެ. “އެއީ އަހަރެންގެ ދަރިފުޅު ޝައިހާ.. އަހަރެންގެ ފިރިމީހާއާއި މައިންބަފައިން އަދި އަހަރެމެން ދަތުރުކުރަމުންދިޔަ ކާރު އެކްސިޑެންޓްވީ.. ﷲ ގެ ރަހްމަތްފުޅުން އަހަރެމެން ދެމައިން ސަލާމަތްވި.. މަންމައާއި ބައްޕަ ނިޔާވި.. ފިރިމީހާވެސް ކޯމާއެއްގައި އޮންނަތާ ދެމަސް ވެއްޖެ..” އަސަރާއެކު ސާރާ ކިޔައިދިނެވެ. އެހެނަސް އެ ދެލޮލުގައި ތަފާތު ވިދުމެއް ވިއެވެ. އީނާއަށް ވިސްނާލެވުނެވެ. ގައިމު ސާރާއަކީ އޭނާއަށްވުރެ މާގިނަ ކަންކަން ތަހައްމަލް ކޮށްފައިޥާ ކުއްޖެކެވެ. އެހެނަސް އެގޮތުގައި އަބަދުވެސް ހިނިތުންވެލައިގެން އިންނަނީ ކިހިނެއް ހެއްޔެވެ؟ “ސާރާ އަބަދު ތިހާ ހިތާމައިގައި އުޅޭއިރުވެސް ހިނިތުންވެލައިގެން ތިއިންނަނީ ކިހިނެއް؟” ހައިރާންކަމާއެކު އީނާއަށް އަހާލެވިއްޖެއެވެ. އެވަގުތު ސާރާ ލުއިކޮށް ހީނލިއެވެ. “ސިއްރަކީ ނަމާދާއި ދުއާ.. އަހަރެން އަބަދުވެސް ކެތްތެރިކަމަށް އެދި ދުއާކުރަން… ހިތަށް ހަމަޖެހުން ދެއްވުމަށާއި ހިތާމަތައް ލުއިކޮށްދެއްވުމަށް..” ސާރާގެ ޖަވާބު އިވުމާއެކު އީނާއަށް ހިނިތުންވެލެވުނެވެ. “ޝައިހާ އާދޭ.. މަންމި މިސްކިތަށް ދާން މިދަނީ..” ސާރާ ގޮވާލިއެވެ. “އަހަރެންވެސް ދާނަން..” އީނާ ބުނެލިއެވެ.
…………………
ނަމާދު ކޮށްލެވުމުން އީނާގެ ހިތަށް ހަމަޖެހުން ލިއްބައިދިނެވެ. ސާރާގެ ދަބަހުން ފޯނު ނަގަމުން ޤުރުއާން ކިޔަވަން ފެށުމުން އީނާވެސް އެގޮތަށް އަމަލުކުރަން ފެށިއެވެ. “އީނާއަށް އެނގޭތަ ޤުރުއާނަކީ ޝިފާއެކޭ.. އެހެންވީމަ އަހަރެމެން ޖެހޭނެ ގިނަގިނައިން ޤުރުއާން ކިޔަވަން..” ސާރާ ބުނެލިއެވެ. ޤުރުއާން ކިޔެވުމަށްފަހުވެސް ދުޢާ ކުރުމުގައި ދެކުދިން އެތައް އިރަކު ތިއްބެވެ. ނަމާދު ކޮޓަރީގައި ދެގަޑިއެއްހާއިރު ތިބެފައި ދެކުދިން އެތަނުން ނުކުތެވެ. “ކޮބާ މިހާރު އެނގިއްޖެތަ ހިތަށް ހަމަޖެހުން ލިބުމުގެ ސިއްރު؟ އައި ނޯ ޔޫ ފީލް ބެޓާ ނައު..” ހިނިތުންވުމަކާއެކު ސާރާ ބުނެލިއެވެ. އީނާވެސް ހިނިތުންވެލަމުން ސާރާގެ ވާހަކައާއި އެއްބަސްވެލިއެވެ.
………………………….
އީނާ ލަސްވެގެން ތިބި އެންމެންގެ މޫނުމައްޗަށް ހަމަޖެހުމެއް ގެނުވީ އީނާ އެތަނަށް އައުމުންނެވެ. “ކޮންތާކުން ތިއައީ.. މަންމަ ވަރަށް ހޯދައިފިން..؟” އަސްމާ ބުނެލިއެވެ. “ނަމާދު ކޮޓަރިން..” ހިނިތުންވެލަމުން އީނާ ބުނެލިއެވެ. އީނާއަށް އައިސްފައިވި ބަދަލުފެނި އަސްމާއަށް ހަމްދު ކޮށްލެވުނެވެ. “ފަހުން ޚަބަރެއް ލިބުނުތަ؟” އީނާ އަހާލިއެވެ. “ވަރަށް ބޮޑުތަން ރަނގަޅު ކަމަށްވަނީ.. އަތްތަންތަން ކުޑަކޮށް ހަރަކާތް ކުރެޔޯ މިހާރު.. އެކަމަކު ހެޔެއް ނާރާ އަދި..” އަސްމާ އޮޅުން ފިލުވައިދިނެވެ. “އަލްހަމްދުﷲ…” އީނާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ.
…………………….
ދާން ދެކޮޅު ހަދަހަދާފައިވެސް އީނާއާއި އަސްމާ ގެއަށް ދާން މިސްރާބު ޖެހިއެވެ. ކޮޓަރިއަށް ވަދެ އެނދު ފެނުމާއެކު ވަރުބަލިކަމުގެ އިހްސާސް މިފަހަރު އީނާއަށް ކުރެވުނެވެ. އެނދުގައި އޮށޯވެލުމާއެކު ހިތް އެދުނީ ޖައުޝްގެ ސޫރަ ދެކެލުމަށެވެ. ފޯނުގައި ހުރި ބައެއް ފޮޓޯތައް ބަލަމުން ދިޔައިރު އީނާގެ ތުންފަތުގައި ހިތި ހިނިތުންވުމެއް ކުރަހާލެވިފައި ވިއެވެ. “ޕްލީޒް ކަމް ބެކް ސޫން.. ކާންޓް ވެއިޓް ޓު ސީ އެންޑް ހަގް ޔޫ..” އީނާއަށް ބުނެލެވުނެވެ. މާޒީގެ އެކި ޚިޔާލުތަކަށް ގެއްލިފައި އޮއްވާ އީނާގެ ލޮލަށް ނިދި ސަވާރުވާން ފެށިއެވެ. ދެލޯ މެރުނީ އީނާއަށް ނުވެސް އެނގި އޮއްވައެވެ.
……………………
އީނާއަށް ހޭލެވުނީ ފޯނުގެ ރިންގުގެ އަޑަށެވެ. ސިހިފައި ފޯނު ބަލާލިއިރު ގުޅަމުން ދިޔައީ ޖައިޝާއެވެ. ފޯނު ނަގަން އުޅެނިކޮށް ކެނޑުމާއެކު ޗޮކެއް ކަނޑާލަމުން އަނެއްކާވެސް ޖައިޝާގެ ނަމްބަރަށް ގުޅިއެވެ. “އަވަސް އާދެބަލަ ހޮސްޕިޓަލަށް..” ޖައިޝާގެ ޖުމްލަ ނުނިމި އުޅެނިކޮށް ބެޓެރި ޗާޖު ގޮސްގެން އީނާގެ ފޯނު ނިވިއްޖެއެވެ. ލަސްނުކޮށް އީނާ ފާހާނާއަށްވަދެ ތާޒާ ވެލައިގެން ނުކުތެވެ. “އާދޭ ސައިބޯން..” އަސްމާ ގޮވާލިއެވެ. ބަނޑުހައިކަން އިހްސާސް ކުރެވެމުން ދިޔައީތީއާއި އެކުގަވެސް އީނާ ސައިބޯން އިށީނެވެ. ނަމަވެސް ދެރޮއްޓާއި މަސްހުނި ކޮޅެއް ކެއުމަށްފަހު އަރުން އެއްޗެއް ނުދިރުނެވެ.
…………………
ޓެކްސީއެއްވެސް ނުލިބުމާއެކު އީނާ ހޮސްޕިޓަލަށް ދިޔައީ ހިނގާފައެވެ. އަވަސް ހިނގުމެއްގައި އައިސީޔޫއަށް ދެވުނުއިރު އެންމެންގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ. “ކިހިނެއްވީ؟ ހުރިހާ ކަމެއް ރަނގަޅުތަ؟” އަވަސްވެފައިވީ ހިތަކާއެކު އީނާއަށް އަހާލެވިއްޖެއެވެ. “ނޫން.. ދެންމެގައި ހޭއަރަން އުޅުމުގެ ތެރޭގައި އަނެއްކާވެސް ޖައުޝްއަށް ޝޮކެއް ޖެހުނީ…” ޖަވާބުދިނީ ނަޒްޔަކެވެ. އެހެނަސް އީނާގެ މޫނުމަތިން ހިތާމަވެރިކަމެއް ފާޅެއް ނުވިއެވެ. އޭނާ މިސްރާބުޖެހީ ނަމާދު ކޮޓަރިއާއި ދިމާލަށެވެ. ﷲ އާއި ދޭތެރޭ އެހިތުގައި ފުރިހަމައަށް ޔަގީންކަން އޮތެވެ.
…………………….
ނަމާދުކޮށް އަވަދިވެގެން އޭނާ އަނެއްކާވެސް ދިޔައީ އައިސީޔޫއަށެވެ. “އެއްވެސް ޚަބަރެއް ލިބިއްޖެ؟” އީނާ އަހާލިއެވެ. “ޙޫމް.. ހާލު މިހާރު ރަނގަޅު.. އިންޖެކްޝަނެއް ޖަހާފައި އޮތީ.. އިންޝާﷲ މެންދުރު ވާއިރަށް ހޭއަރާނެ ކަމަށް ޑޮކްޓަރު ވިދާޅުވީ..” ހިނިތުންވުމަކާއެކު ޖައިޝާ ބުނެލިއެވެ. އެވަގުތު އަނެއްކާވެސް މާތްﷲ އަށް ހަމްދު ކޮށްލެވުނެވެ.
……………….
މެންދުރު ވަގުތު ޖެހެން ގާތްވެފައިވީއިރު ވަގުތުގެ ހިނގުންވެސް ލަސްވަމުންދާހެން އީނާއަށް ހީވާން ފަށައިފިއެވެ. ޖައުޝްއާއި ބައްދަލްކޮށްލަން އެހިތް އެދެމުން ދިޔައީ އިންތިހާއަށެވެ. ކެތްކުރަން އޭނާއަށް ދަތިވަމުން ދިޔައެވެ. ޖައުޝް އޭނާ ފެނުމުން ކަން ކުރާނީ ކިހިނެއް ބާވައޭ ހިތަށް އެރިއެވެ. އިރުކޮޅަކުން ޑޮކްޓަރު ނުކުމެ ހޭއެރިކަމުގެ އުފާވެރި ޚަބަރު ދިނެވެ. އީނާ އެންމެ ފުރަތަމަ ވަންނަން ބޭނުންވިޔަސް ޖައުޝްގެ މައިންބަފައިންނަށް ފުރުސަތުދޭން އޭނާ ބޭނުންވީއެވެ. ގައިމު އީނާއަށްވުރެ އެދެމީހުން އެދެމީހުންގެ ދެލޮލުގެ ނޫރު ދެކެލަން ބޭނުންވާނެ ތާއެވެ.
…………………….
ޖައުޝްގެ މައިންބަފައިން ނުކުތުމާއެކު އީނާ ވަދެލުމަށް އައިމިނަތު އެދުނެވެ. ހުރިހާ އެންމެންގެ މޫނުތަކުގައިވި ހިނިތުންވުން ފެނި ހުރިހާކަމެއް ރަނގަޅުކަން ޔަގީނާއި ގާތަށް އޭނާއަށް ހީވިއެވެ. ޖައުޝްޢާއި ބައްދަލްކުރެވެން އުޅޭކަން އެނގުމާއެކު އެހިތަށް އުފާވެރިކަމެއް ލިބުނެވެ. އާދަޔާއި ޚިލާފު ޖޯޝެއް އޭނާއަށް ލިބިފައިވާ ފަދައެވެ. “ދެން ދޭބަލަ އަވަހަށް.. ދޮންބެ އޮންނާނެ އިންތިޒާރުގައި..” ލާނެތް ގޮތަކަށް ޖައިޝާ ބުނެލިއެވެ. އީނާގެ ބުރަކަށީގައި ކޮއްޕާ އަޅާލުމާއެކު އީނާ ކުރިއަށް ހިނގައިގަތެވެ. އޭރު އެތުންފަތުގައި ރަކި ހިނިތުންވުމެއް ކުޅެލާފައިވިއެވެ. ކައިރިކައިރީގައި ފިޔަވަޅުތައް އަޅަމުންގޮސް އޭނާ އައިސީޔޫއަށް ވަނެވެ. އަމިއްލަ ނަފްސު ހަމަޖައްސާލަމުން އޭނާ ޖައުޝްގެ އެނދާއި ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފިޔަވަޅުތައް މަޑުޖެހިލީ ބީރައްޓެހި ނަޒަރަކުން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އޮވެއެވެ. “ޖައުޝް އައި މިސްޑް ޔޫ ސޯ މަޗް.. ވައި ޑިޑް ޔޫ ލީވްމީ؟” އީނާ ގޮސް ޖައުޝްގެ އެނދުކައިރީ ހުއްޓިލަމުން ބުނެލިއެވެ. “ތިއީ ކާކު؟ ނޭނގުނު؟” ޖައުޝް ބީރައްޓެހި ގޮތަކަށް ބުނެލިއެވެ. އެއާއެކު އީނާގެ ހިނިތުންވުން ފަނޑުވިއެވެ. ޖައުޝްގެ މޫނުގައި ފިރުމާލަން ނެގި އަތް ތިރިވެ މީހާ ހުއްޓުން އެރިއެވެ.
……..
22 ވަނަބައި
________
އީނާއަށް މުޅި ދުނިޔެ އަނދިރިވިހެން ހީވިއެވެ. ލޮލަށް ޖަމާވެގަތް ކަރުނަތައް ހިންދާލަމުން ތުންފަތުގައި އީނާއަށް ދަތްއަޅާލެވުނެވެ. “ނުދަންނަންތަ؟ ޖައުޝް ލޯބިވި އީނާއޭ މިއީ.. ކައިވެނި ކުރަން އުޅުނު އަންހެން ކުއްޖާއޭ މިއީ!” އީނާއަށް ބުނެލެވުނެވެ. “ކާކުހޭ އީނާއަކީ؟ އަހަރެން ނުދަންނަމޭ އީނާ ކިޔާ މީހެއް.. ތިއީ ކާކު އެހެންނޫނަސް މިތަނަށް ވަދެ ހުންނަން..” ޖައުޝް ބުނެލިއެވެ. އެއަޑުގައިވެސްވީ އާދަޔާއި ޚިލާފު ބީރައްޓެހި އަސަރެކެވެ. އީނާއަށް ރުއިމުގެ އަޑު ބޭރުވެދާނެތީ އަނގަމަތީ އަތްއަޅާލެވުނެވެ. ހިތަށް ކުރި އަސަރުން އެތަނުގައި ހުރުމަށްވެސް އޭނާގެ ހިތް ނުރުހުނެވެ. ފަސްއެނބުރި ބަލައިލުމއްނެތި އީނާ އެތަނުން ނުކުންނަން ހިނގައިގަތެވެ. “އީ…” ހިނގަމުންދިޔަ އީނާގެ ފައިގައި ކަސްތޮޅު އެޅިގެން ދިޔައީ ފަހަތުން އިވުނު އަޑަކުންނެވެ.
ޤަބޫލު ނުކުރެވިފައި އީނާއަށް ފަސްއެނބުރި ބަލާލެވުނެވެ. “ޖައުޝް؟…” ކަރުނައިގެ ތެރެއިން އީނާއަށް ހިނިތުން ވެލެވިއްޖެއެވެ. އަނެއްކާވެސް އޭނާއަށް ޖައުޝް އޮތް އެނދާއި ދިމާލަށް ދެވުނެވެ. “މަގޭ ލޯބި ޕްރިންސެސް މަތިން އަހަރެން ހަނދާން ނެތޭނީ ކިހިނެއް؟” ހީނލަމުން ޖައުޝް ބުނެލިއެވެ. “ސީރިޔަސްލީ ޖައުޝް… އަހަރެން ހީކުރީ އަސްލަށް ކަމަށް..” އީނާއަށް ބުނެލެވުނެވެ. އީނާ ތުންފިއްތާލި ގޮތުން ޖައުޝް ކައިރިއަށް ހިނިއައެވެ. “ޖައުޝް އެކަމް ހާދަ އަނިޔާއެއް ވެފައޭ.. ތަދުވޭ ދޯ؟” އީނާއަށް ބުނެލެވުނެވެ.
“ނޫން.. ތިޔަ ލޯބި ދެއަތުން އަހަރެންގެ ގައިގައި ފިރުމާލީމައި ހުރިހާ ތަދަކާއި ވޭނެއް ފިލައިގެން ގޮސްފި..” ޖައުޝް ބުނެލިއެވެ. “އީ ހާސްނުވޭ.. އަހަރެން އަދި ލޭޒަރ ސާޖަރީއެއް ހަދައިގެން މި ލަކުނުތަކާއި ޒަޚަމްތައް ހަށިގަނޑުން ފިލުވާނަން..” ޖައުޝް ބުނެލިއެވެ. “ނޫން.. ކޮންމެހެން އެކަން ކުރާނެކަމެއް ނެތް.. އަހަރެން ލޯބިވީ ޖައުޝްގެ ސޫރަ ދެކެއެއް ނޫން.. ތި މާތް އަޚުލާގާއި މާތް ސިފަތަކުފގެ ދެކެ” އީނާ ބުނެލިއެވެ. “އައި ލަވްޔޫ..” ޖައުޝްއަށް ބުނާނެ އެއްޗެއް ނޭނގުމުން އެހެން ބުނެލެވުނެވެ. “ލަވްޔޫ މޯ..” އީނާ ބުނެލިއިރު އެތުންފަތުގައިވީ ރަކި ހިނިތުންވުމެކެވެ.
“އަހަރެންނާއި ގާތަށް ޖެހިލަބަލަ” ޖައުޝް ބުނެލައިފިއެވެ. ލަދުރަކިކަމެއް އީނާގެ މޫނުން ފާޅޫވެލި ނަމަވެސް ޖައުޝް ބުނި ގޮތަށް ކަންކުރިއެވެ. “އައި ލަވްޔޫ..” ޖައުޝް ބުނެލިއެވެ. “ލަވްޔޫ މޯރ ދެން އެނީތިން” ޖައުޝްގެ ކަންފަތް ދޮށުގައި އީނާ ބުނެލިއެވެ. “އަހަރެންގެ ހަށިގަނޑޫގައި ހޭ ނެތް ނަމަވެސް އީގެ ކޮންމެ ލަފްޒެއް އަހަރެންގެ މިކަންފަތަށް އިވުނު… ” ޖައުޝް ބުނެލިއެވެ. އީނާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. “ޝޫޝް.. ކްރައި ބޭބީ ރޯވަރުގެ އެއްޗެއް އަހަރެންނަށް ބުނެވިއްޖެބާ…” ލާނެތް ރާގަކަށް ޖައުޝް ބުނެލިއެވެ. “ދޭން…” ޖައުޝްގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން ރާގުލާފައި އީނާ ބުނެލިއެވެ.
އައިސީޔޫގެ ދޮރު ހުޅުވާލަމުން ނަރުހެއް އަންނަތަން ފެނި ޖައުޝްއާއި އީނާއަށް ދުރުވެލެވުނެވެ. ޖައުޝްއަދި ނަރުސް ކައިރިއަށްވެސް ހިނިއައި ނަމަވެސް ތުންފތަށް ވެރިވާން އުޅުނު ހިނިތުންވުން ފޮރުވާލީއެވެ. މިވަގުތަށް ޖައުޝްއާއި ވަކިވާން ޖެހިއްޖެކަން އީނާއަށް އެނގުނެވެ. “ޖައުޝް.. އައި ހޯޕް ޔޫއާރ އޯކޭ.. ވަގުތު ހަމަވެއްޖެ އެކަމަކު އަދި ފައިވް މިނިޓްސް ދެވިދާނެ..” ނަރުހުގެ މޫނުމަތިން ލާނެތްކަން ފެނިލިހެން އީނާއަށް ހީވެލިއެވެ. އެއާއެކު އެދޮން މޫނު ރަތްވެގެން ދިޔައެވެ. “ތެންކްސް..” ލަދުރަކި ހިނިތުންވުމަކާއެކު އީނާ ބުނެލައިފިއެވެ. “އަހަރެން ބޭނުމެއް ނޫން ވަކިވާކަށް.. އެކަމްވެސް އަދިވެސް ބައެއް މީހުން އެބަތިބި ޖައުޝްއާއި ބައްދަލްކުރަން އައިސް” ހިނދުކޮޅަކަށް އީނާގެ މޫނުން މާޔޫސްކަން ފާޅުވީ ލޯތްބާއި ދުރަށް ދާން ޖެހޭތީއެވެ. ހިނދުކޮޅަކަށްވެސް ވަކިވާން ބޭނުން ނުވިޔަސް މިވަގުތަށް އެކަން އެގިތަށް ކުރުމަށް މަޖުބޫރެވެ.
އައިސީޔޫން ނުކުތްއިރު އީނާގެ މުޅި މޫޑު ވަނީ ބަދަލުވެފައެވެ. މޫނުމަތިން އުޖާލާކަން ފެންނަން ހުރިއިރު ތުންފަތުގައިވެސްވީ ތާޒާ ހިނިތުންވުމެކެވެ. އޭނާ ހިނގައިގަތީ ޕާކާއި ދިމާލަށެވެ.
ޕާކަށް ދެވުނުއިރު މިއަދުވެސް ހަމަ އެއިންތަނުގައި ސާރާ އިނެވެ. އެހެނަސް އެހެން ދުވަސްތަކަށްވުރެ މިއަދު އެމޫނުމަތީގެ އުފާވެރިކަން ބޮޑުހެން އީނާއަށް ހީވެލިއެވެ. “ހެއި.. ވަރަށް ހެޕީވެފައިހެން ހީވަނީ މިއަދު..” އީނާ ބުނެލިއެވެ. “ލައްބަ.. ވަރަށް އުފާވެފައި މީނދީ.. އަހަރެންގެ ހަޒް މިއަދު ހޭއަރައިފި އަލްހަމްދުﷲ.” ސާރާ ބުނެލިއެވެ. “އަލްހަމްދުﷲ” އީނާއަށްވެސް ބުނެލެވުނެވެ. “އަހަރެންގެ ލޯބިވާވެސް މިއަދު ހޭއަރައިފި..” އީނާ ބުނެލިއެވެ. ދެމީހުންވެސް އެކަކު އަނެކަކަށްޓައި އުފާކުރިއެވެ.
އަނބުރާ ހޮސްޕިޓަލަށް ވަންއިރު ޖައުޝްވަނީ ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވިފައެވެ. އާއިލާގެ ބައެއް މީހުން ޖައުޝްއާއި ބައްދަލްކުރަން ވަދެފައިވީތީ އީނާ ބޭރުގައި މަޑުކޮށްލިއެވެ.
އެންމެން ނުކުތުމާއެކު ކޮޓާރިއަށް އީނާ ވަނެވެ. ހިނިއައިސްފައި އީނާއާއި ދިމާލަށް ބަލަހައްޓައިގެން އޮތް ޖައުޝްފެނި އީނާގެ ފިޔަވަޅުތައް ހުއްޓުނެވެ. “ކަމް ހިއަރ..” ޖައުޝް ބުނެލިއެވެ އެއަޑުގައިވީ އަސަރަކުން އީނާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. “އަހަރެން ކައިރިއަށް އެނދަށް އަރާބަލަ..” ޖައުޝް ބުނެލިއެވެ. ފަސްޖެހިފައި ހުރެވެސް ޖައުޝްގެ އެދުމާއި ދެކޮޅު ހަދަން ނުކެރުނީތީ އީނާ ޖައުޝްގެ ކައިރީގައި އޮށޯތެވެ. “ވަރަށް އަވަހަށް އަހަރެމެންގެ ކައިވެނި ކުރެވޭނެ އިންޝާﷲ.. ދެން މާތްﷲ ފިޔަވައި އެއްވެސް ބާޜަކަށް އަހަރެމެން ދެމީހުންގެ ދޭތެރެއަކަށް ނުވަދެވޭނެ އިންޝާﷲ..” ޖައުޝްގެ ބަރު އަޑު އީނާގެ ކަންފަތުގެ ތެރެއަށް ފުރޭނިގެން ދިޔުމާއެކު ހަށިގަނޑުގައި ތުރުތުރުލުމެއް ދުވެލިއެވެ. “ކޮން ދުވަހަކުންތަ؟ އަހަރެން އިންތިޒާރު ކޮށްކޮށް ވަރުބަލިވެއްޖެ..” އީނާއަށް ބުނެލެވިއްޖެއެވެ. އެހިތް ބޭޤަރާރު ވަމުންދިޔައީ ޖައުޝްގެ ލޯތްބަށެވެ.
“މާދަމާ އަހަރެން ދޫކޮށްލާނެ ހޮސްޕިޓަލުން.. އެހެންވީމަ އޭގެ ވީކެއް ފަހުން..” ޖައުޝް ބުނެލިއެވެ. ދެން ދިޔައީ ހަމަހިމޭންކަމުގެ ސިކުންތު ކޮޅެކެވެ. “ސޮރީ…!” އީނާގެ ތުންފަތް ފޫއަޅުވާލަމުން އެލަފްޒު ނުކުތެވެ. “ކޮންކަމަކަށް؟..” ޖައުޝް ސުވާލުގެ ނަޒަރަކުން އީނާއަށް ބަލާލިއެވެ. “އެދުވަހު ޖައުޝްގެ ވާހަކަ ޤަބޫލު ނުކުރެވުނީތީ.. ޖައުޝްއާއި ދިމާލަށް އެހާ އެއްޗެހި ގޮވުނީތީ.. ޖައުޝްދެކެ އެހާ ރުޅިއާދެވުނީތީ.. މިހުރިހާ ކަމަކަށް އަހަންނަށް މައާފް ކޮށްދެއްޗެ.” އީނާގެ އަޑު ކުރެހުނެވެ. އީނާގެ ލޮލުން އޮހޮރެމުންދިޔައީ ހިފެހެއްޓުމެއްނެތް ކަރުނައެވެ. “ޝޫޝް.. ދެން ތި ކަރުނަތައް ތި ދެލޮލުން ނުއޮހޮރާތި.. އަހަރެންގެ ހިތުގައި އީނާއާއި ދޭތެޜޭ އެއްވެސް ބުރަކަމެއް ނެތޭ.. އަހަރެން އީއަށް މައާފް ކޮށްފީމޭ..” ޖައުޝް ބުނެލިއެވެ. އީނާ ޖައުޝްގެ ގައިގައި ބައްދާލިއެވެ. “އައުޗް..” ޖައުޝްއަށް ބުނެލެވެނެވެ. “ސޮރީ.. ތަދުވިދޯ” އީނާގެ މޫނުމަތިން ހާސްކަން ފެނިލިއެވެ. “އިޓްސް އޯކޭއޭ..” ޖައުޝް ލުއިކޮށް ހީނލިއެވެ.
ގެއަށް ރޭގަނޑު އައިސް ނިދަން އޮށޯތެވެ. އޭރު އީނާގެ މޫނުން ތަފާތު ވިދުމެއް ފާޅުވަމުން ދިޔައެވެ. އެރޭ އީނާ ހޭދަކިރަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމާއި އެކުގައެވެ. ކިތައްމެ ދުރުގައި ޖައުޝް ވިޔަސް އެކަލާނގެ ޖައުޝްއަށް ބައްލަވާވޮޑިގެންވާނެކަން އީނާއަށް އެނގުނެވެ. މާތްﷲ އާއި ދޭތެރޭއޮތް އިތުބާރު ވަރުގަދަވެއްޖެއެވެ. ވީއުފަލުން އެކަލާނގެއަށް ހަމްދު ކޮށްލަމުން އެއުފާވެރިކަން އަބަދަށް ލެހެއްޓެވުމަށްއެދި ދުޢާ ކޮށްލެވުނެވެ. ޖައުޝޤގެ ލޯބިވެތި ހަނދާންތަކާއި ސަމާސާތައް ލޮލު ކުރިމަތީގައި ފިލްމެއްހެން ކުޅެވެމުން ދިޔައިރު މައުނަވީ ހިނިތުންވުމެއް އެތުންފަތުގައި ކުޅެލާފައި ވިއެވެ. “އައި މިސްޔޫ ސޯ މަޗް.. މާދަން ވެސް ތިރީތި މޫނު ފެންނާނެ ކަމަށް ހީކުރަން..” ދެލޯ މަރާލިއިރު އީނާގެ ހިތުގައި ވިއެވެ.
އޭގެ އަނެއްދުވަހު ޖައުޝް ހޮސްޕިޓަލުން ދޫކޮށްލާތީ އީނާ އުޅުނީ ޖައުޝްމެންގެ ގޭގައެވެ. ކޮންމެވެސް ވަރަކަށް ގޭތެރެ ރީތި ކޮށްލާ ހެދިއެވެ. ފުދޭވަރަކަށް ގިނަދުވަހު މީހުން ދިރި ނުއުޅޭތީ ތަކެތީގައި ހިރަފުސް ހުއްޓެވެ. އީނާގެ އަމިއްލަ އަތުން ލޯތްބާއެކު ޖައުޝްއަށް ކޭކެއް ވެސް އެޅިއެވެ.
އިރުކޮޅެއްފަހުން ގޭގެ ދޮރުގައި ޓަކި ޖަހާލިއެވެ. “ދޮންބެ ކަންނޭނގެ.. އީ ދޭބަލަ ހުޅުވަން..” ޖައިޝާ ތުވާލިކޮޅުން އަތްފުހެމުން ބުނެލިއެވެ. އީނާ ގޮސް ދޮރުހުޅުވާލިއެވެ. އެއާއިއެކު އެމޫނުމަތިން ފާޅުވީ އުފާވެރިކަމެވެ. “ސަޕްރާއިޒް..” ހީނލަމުން ޖައުޝް ބުނެލިއެވެ. އީނާއަށް ޖައުޝްގެ ގައިގައި ބައްދާލެވުނެވެ. ދެތިން ލޭޒަރ ސާޖަރީޢަށްފަހު އިހުގެ ސޫރަ އަނެއްކާވެސް ޖައުޝްއަށް ލިބިފައިވެއެވެ. އިހުނަށްވުރެވެސް ހަރުދަނާވެފައި ‘ހެންޑްސަމް’ ކަމަށް ދައްކައެވެ. “އާދޭ އެތެރެއަށް” އީނާ ބުނެލިއެވެ. ޖައުޝްގެ ފަހަތުން ޖައުޝްގެ މައިންބަފައިންނާއި އީނާގެ މައިންބަފައިންވެސް ވަނެވެ. “ދަރިފުޅުތަ މިއޮށް ބޮޑުގެ ސާފުކޮށްފައި މިއޮތީ” ފަރާތް ފަރާތަށް ބަލައިލަމުން އައިމިނަތު ބުނެލިއެވެ. ހިނިއައިސްފައި ހުރެ އީނާ ބޯޖަހާލިއެވެ. “ސާބަސް ދެން.. އަހަންނަށް ޔަގީނޭ ޖައިޝާ މިތާނގައި އިނަސް އީނާއަށް އެހީ ނުވާނެކަން” އައިމިނަތު ޕިސްޕިސް ޖަހާލަމުން ބުނެލިއެވެ. “ނޫނޭ.. އަޅުގަނޑުމެން ދެމީހުންވެގެން ރެޑީކުރީ..” އީނާ ބުނެލިއެވެ. “ޖައުޝް ދެން ދޭ ކޮޓަރިއަށް.. އީނާ ދަރިފުޅުވެސް ދެން ދޭ ޖައުޝްއާއި އެކީގައި..” އައިމިނަތު ބުނެލިއެވެ. ހިނގުމުގައި ކޮންމެވެސް ވަރަކަށް ދަތިތަކެއް ހުރުމުން ޖައުޝްގެ އަތުގައި ހިފައިގެން ކޮޓަރިއަށް ދިޔައީ އީނާއެވެ.
ކޮޓަރީގެ ދޮރު ލައްފާލެވުމާއިއެކު ޖައުޝްގެ ނަޒަރު ހުއްޓުނީ އީނާއަށެވެ. އީނާއަށް ލަދުވެތިކަމާއިއެކު އިސްޖަހައިލެވުނީއެވެ. މަޑުމަޑުން އީނާއާއި ގާތަށް ޖައުޝް ފިޔަވަޅު އަޅަމުން ދިޔައެވެ. އީނާގެ ނޭވާ ޖައުޝްގެ މޫނަށް އެޅޭހާ ހިސާބުގައި މަޑުކޮށްލުމަށްފަހު ނިތުގައި ބޮސްދިނެވެ. ޖައުޝްގެ ތުންފަތުގެ ހޫނުކަން އިހްސާސް ވެލުމާއެކު އީނާއަށް ދެލޯ މަރާލެވުނެވެ. ތުންފަތުގައި ދަތްއަޅާލެވުމާއި އެކު ޖައުޝްގެ ނަޒަރު ހުއްޓިގެން ދިޔައީ ފިޔާތޮށިކުލަ އަރަމުންދިޔަ އީނާގެ ތުނިތުނި ތުންފަތަށެވެ. “ޖައުޝް” އީނާގެ ތުންފަތް ފޫއަޅޫވާލަމުން ވައިއަޑުން އެލަފްޒު ނުކުތެވެ. އިތުރަށް ދެމީހުން ގާތްވެލުމާއެކު އީނާގެ އަތް ޖައުޝްގެ ކަނދުރާއަށް ދަތުރުކުރިއެވެ. ފުންނާބު ހިއްލާލަމުން ޖައުޝްގެ ތުންފަތުގައި ބޮސްދިނެވެ. އީނާގެ އެއަމަލަށް ރުހުމާއެކު ޖައުޝް އިޖާބަދިނެވެ. ދެމީހުންގެ ނޭވާ ގުޅުނުވަގުތު އެމަންޒަރު ފިލްމެއްގެ މަންޒަރެއް ފަދައިން ސްލޯ މޯޝާން ކޮށް ފެންނަމުން ދިޔައެވެ. ދެމީހުންގެވެސް ނޭވާ ކުރުވެލުމާއެކު އެކަކު އަނެކަކާއި ދުރަށް ޖެހިލެވުނެވެ. “އައި ލަވްޔޫ..” ޖައުޝްގެ އަޑުގައިވީ މަސްތީ ކަމެވެ. “ލަވްޔޫ މޯ..” އީނާވެސް ފުންވެފައިވީ ނޭވާއަކާއިއެކު ބުނެލިއެވެ. ލަދުރަކި ހިނިތުންވުމަކާއެކު އަވަސް ހިނގުމެއްގައި އީނާ ޖައުޝްގެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭރު ޖައުޝްގެ މޫނުމަތީގައިވީ ލާނެތް ކަމެވެ.
1 ހަފްތާ ފަސް
ލޯގަނޑު ކުރިމަތީ އީނާ އިށީނދެލައިގެން އިންއިރު ވަށައިގެން މޭކަޕް އާޓިސްޓުން ހަރަކާތްތެރި ވަމުންދާތަން ފެންނަމުން ދިޔައެވެ. މޭކަޕް އާޓިސްޓުން އެމީހުންގެ މަސައްކަތް ނިންމުމަށްފަހު ތަންދޫކޮށް ދިޔައެވެ. އީނާ ފުރިހަމަ އިސްކޮޅަށް ތެދުވެލިއެވެ. ފަސްބަޔަށްފުޅާ ކައިވެނީގެ ހުދުހުދު ހެދުން ދުރުދުރަށް ދާންދެން ފެތުރިފައި އޮތެވެ. ހެދުމުގެ މޭމަތީގައި ރޭނދާ ގަނޑަކާއިއެކު މިނާ ފުށްތަކެއް ހަރުކުރެވިފައި ވިއެވެ. އާންމުކޮށް މޭކަޕް ނުކުރާ އީނާ މިއަދު ހުރީ ނުހަނު މޭކަޕް ކޮށްލައިގެންނެވެ. އަތުގައި ރީތި ސްޓައިލަކަށް ހީނާފަތް އަޅާލާފައި ހުއްޓެވެ. ލޯގަނޑުން އީނާގެ ސޫރަ ފެނިލުމާއެކު ފުރިހަމަ ހިނިތުންވުމެއް އެތުންފަތުގައި ދުވެލިއެވެ. މިއަދަކީ ޖައުޝްއާއި އީނާގެ ކައިވެނި ކުރެވޭ ދުވަހެވެ. ޖައުޝްގެ ހައްގަކަށް ވާން މާގިނައިރެއް ދެން ނެތްކަން އެނގުމާއެކު އެ ހަށިގަނޑުން ހީބިހި ނަގާލިއެވެ. “އީނާ..” ކޮޓަރި ދޮރު ހުޅުވާލަމުން އެތެރެއަށްވަން ނައުރީން ބުނެލިއެވެ. ނުވަމަހަށްދާ ބޮޑު ބަނޑާއެކު ނައުރީންވެސް ނުހަނު ރީތިކަމަށް ދައްކައެވެ. “ތައްޔާރުތަ؟ އެންމެން އެބަތިބި ތިރީގައި..” ނައުރީން ބުނެލިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން އަސްމާ އެތެރެއަށް ވަނެވެ. “ދަރިފުޅާ.. ތިއުޅެނީ ކައިވެންޏެއް ކުރެވެންކަން ހަނދާން ކުރާތި.. ކައިވެންޏެއް ކުރެވުމުން އެތައް ކަމެއް ބަދަލުވާނެ.. ކުރިން އުޅެވުނުހާ ގޮތްގޮތަކަށް ނޫޅެވޭނެ.. ފިރިމީހާއަށް ކިޔަމަންވާން ޖެހޭނެ.. ފިރިމީހާގެ އާއިލާއަކީ އަމިއްލަ އާއިލާ ކަމުގައި ދެކިގެން އުޅެން ޖެހޭނީ.. މަންމަމެންނާއި ދުރަށް ދެވުނަސް ދީނުގެ އެއްވެސް ކަމަކަށް ފަރުވާކުޑަ ނުކުރާތި.. މަންމަ އަބަދުވެސް ދަރިފުޅުދެކެ ވަރަށް ލޯބިވޭ.. ހެޔޮލަފާ ސޯލިހު އަންބަކަށް ވާތި..!” އަސްމާގެ ދުލުން ނުކުތީ ހެޔޮ ނަސޭހަތެވެ. އެދުލުން ކުރެވެމުން ދިޔައީ އެދަރިފުޅަށްޓާކައި ހެޔޮ ދުއާއެވެ. ތުން ފިއްތާލަމުން އީނާ ބޯޖަހާލިއެވެ. ދެލޮލުގެ ކައިރީ ހުރި ކަރުނަތައް ހިންދާލަމުން ހިނިތުންވެލިއެވެ. އަދި އެދެމީހުންނާއި އެކުގައި ކޮޓާރިން ނުކުންނަން ހިނގައިގަތެވެ. އޭރު އޭނާގެ ހިތް ހީވަނީ މޭ ފަޅާފައި ނުކުންނަން އުޅޭހެންނެވެ.
……..
23ޭ ވަނަބައި
________
ބޭވަފާތެރި ވުމުން ޔާރާ – 23
9k 25 July 30, 2021
64+އ-
Rainlover
ކުރީގެ ޢަދަދުތައް ▼
ޖައުޝްގެ ޙާލަކީ ތޯއެވެ. އެހިތުގެ މަލިކާ ދެކެލުމަށް އެހިތް ކެނޑިނޭޅި ދިޔައީ އެދެމުންނެވެ. އެ ރީތި ސޫރަ ދެކެލުމަށް އެހިތް ބޭޤަރާރު ވަމުން ދިޔައެވެ. މިއަދަށްފަހު އީނާއަކީ އޭނާގެ ހައްގެއްކަން ހަނދާން ވެލުމާއެކު ތުންފަތަށް ލުއި ހިނތުންވުމެއް ވެރިވިއެވެ. ކަޅު ކުލައިގެ ކޯޓު ފަޓުލޫނާއި ހުދު ގަމީހުގައި ޖައުޝް ފެންނަނީ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ގޮތަކަށެވެ. ފުދޭވަރަކަށް ދިގުވެފައިވާ އިސްތަށިގަނޑު ރީތި ސްޓައިލަކަށް ހުރިއިރު ތުނބުޅި މަތިމަސްވެސް ރީތި ވަރަކަށް ހުއްޓެވެ.
ކުއްލިއަކަށް ސިޑިން ތިރިއަށް ފައިބަމުން އަންނަ އީނާ ޖައުޝްގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު ވަށައިގެންވާ މާހައުލުގައި ހިނގަމުންދިޔަ ހުރިހާކަމެއް ޖައުޝްއަށް ހުއްޓިގެން ދިޔަފަދައެވެ. ކައިވެނީގެ ހުދު ހެދުމުގައި އީނާ ހީވަނީ އުޑުން ފައިބައިގެން އައިސްފައި ހުރި ހޫރުޕަރީއެއް ހެންނެވެ.
ކަޅި ޖަހައި ނުލާ އީނާއަށް ބަލަހައްޓައިގެން ހުރި ޖައުޝް ފެނި އީނާއަށް ލަދުން އިސްޖަހައިލެވިއްޖެއެވެ. ޖައުޝްގެ ރީތިކަމާއި ފިރިހެންވަންތަކަން ފެނި އޭނާގެ ހިތުގައި ހަސަދަވެރިކަމެއް ވެސް އުފެދިގެން ހިނގައްޖެއެވެ. އަންހެންކުދިން ލޯތަކުން ޖައުޝް ސަލާމަތް ކޮށްދެއްވުމަށްއެދި އީނާއަށް ދުއާކޮށްލެވުނެވެ.
“ކޮބާ.. ބޭރުގައި އެބައޮތް ކާރު.. ދަރިފުޅުމެން ދޭ އަރަން..” އަސްމާ ގޮވާލިއެވެ. އެދެމީހުން ކާރަށް އެރުމާއެކު ކާރު މިސްރާބުޖެހީ ދަރުބާރު ގެއަށެވެ. ދަރުބާރުގެ ރަންނަބަނޑޭރި މާލަމަށް އީނާގެ އަތުގައި ހިފާލައިގެން ވަން ޖައުޝް ފެނުމާއެކު އެންމެންނަށްވެސް މާޝާﷲ ބުނެލެވުނެވެ. އެދެމީހުން ހީވަނީ އެކަކު އަނެކަކަށްޓަކައި ހައްދަވާފައި ތިބި ދެމީހުން ހެންނެވެ. ކައިވެނި ކުރެވެން ތައްޔާރު ކޮށްފައި ހުރި ދިގު މޭޒުގައި އެންމެން އިށީނދެލިއެވެ. ހުރިހާ އެންމެން ހަމަވުމާއެކު ޤާޟީ ޚުތުބާ ފެށިއެވެ. އެއާޢެކު މާހައުލު އެއްކޮށް ހިމޭންވެގެން ދިޔައެވެ. ޚުތުބާ ކިޔަމުން ދިޔައިރު އޭގައި ކިޔަމުންދާ ކޮންމެ އެއްޗެއް ދެމީހުން ކަނުލާ އަޑުއަހަމުން ގެންދިޔައެވެ. “އަނބި ޤަބޫލު ކޮށްފިންތަ؟” ޤާޟީ އަހާލިއެވެ. “އަނބި ޤަބޫލު ކޮށްފިން” ޖައުޝްގެ ފިރިހެންވަންތަ އަޑުން އެހެން ބުނެލުމާއެކު އީނާއަށް އުދުއްސައި ގަނެވުނުހެން ހީވިއެވެ. އާދަޔާއި ޚިލާފު އުފާވެރިކަމެއް މުޅި ހަށިގަނޑުގައި ދުވެލިއެވެ. ހިތްހަމަޖެހުމުގެ ފުން ހުވާސެއް ދޫކޮށްލެވުނެވެ. މިހުރިހާ ދުވަހު ކުރަމުންދިޔަ އިންތިޒާރު ނިމި އައު ހަޔާތެއް ފެށުނީއެވެ. އެހަޔާތް ދެން އެހައި އޮމާންކޮށް ދާނެކަމަށް އީނާއަށް ހީކުރެވުނެވެ. މީހެއްގެ އުނދަގޫ ދެން ނުޖެހޭނެޔޭ އީނާގެ ހިތް ބުނެލިއެވެ. ނަމަވެސް ދެންމެ ދެންމެ އެދިރިއުޅުމަށް ވިހަލާން ތައްޔާރުވެފައި އޮތް ނާގަ ހަރުފައެއް އޮތްކަން އެއިން އެކަކަށްވެސް ނޭނގެއެވެ. އެހެނީ އެހަރުފަ ވިހަލާނީ ކިހިނެއް ކޮންއިރަކު ކަމެއް ނޭނގޭތީއެވެ.
އެއަށްފަހު ކުރެވުނު ދުއާއަށްފަހު ޤާޟީން މާލަން ދޫކޮށް ދިޔައެވެ. އާއިލާ އެންމެން އެކަނިވުމުން ދެމަފިރިން ތިބެން ހަދާފައި ހުރި ކުޑަކުޑަ ސްޓޭޖުގައި ދެމަފިރިން ހަމަޖެހުނެވެ. އެންމެ ފުރަތަމަ އެދެމަފިރިންނަށް މަރުހަބާ ކިޔުމަށް އައީ ނައުރީންގެ ދެމަފިރިންނެވެ. ދެއެކުވެރިންނަށް ވެސް ރޮވުނެވެ. އެކުވެރިޔާވެސް އައު ހަޔާތެއް ފެށުމުން ނައުރީން އުފާކުރިއެވެ. އެތަކެއް ނަސޭހަތަކާއި ހެޔޮ ދުއާ ނައުރީންގެ ފުށުންވެސް އެދެމަފިރިންނަށް ލިބުނެވެ. އީނާގެ މައިންބަފައިންވެސް މަރުހަބާކިޔެވެ. އަދި ކޮންމެ ދިރިއުޅުމެއްގައިވެސް މައްސަލަތައް ޖެހޭނެކަމާއި ދެމަފިރިން ވާހަކަ ދައްކައިގެން މައްސަލަތައް ޖެހޭނީ ހައްލުކުރަންކަން ބުނެދިނެވެ. އަދި ދެމަފިރިންގެ ދެމެދުގައި ހިއްސާ ކުރެވެންނުވާ ކަމެއް ނޯންނާނެކަން ބުނެދިނެވެ.
ހަފްލާ ނިމިގެން ދިޔައިރު 11:30 ވެއްޖެއެވެ.ދެމަފިރިންވެސް ވަރުބަލިވެފައި ވުމާއެކު އެތަނުގައި ހުރި އުނދޯއްޔެއްގައި އިށީނދެލިއެވެ. އެއާއެކު ޖައުޝްއަށް އީނާގެ މޫނަށް ބަލާލެވުނެވެ. “ލޯބިވޭ އަނބިމީހާ..” ޖައުޝް ބުނެލިއެވވެ. “މާބޮޑަށް ލޯބިވޭ ފިރިމީހާ..” އީނާވެސް ބުނެލައިފިއެވެ. އެދެމީހުން ކެއުމަށްފަހު އާއިލީ ފޮޓޯ ނެގިއެވެ. ހުރިހާ ކަމެއް ނިންމާލެވުނުއިރު 11:45 ހިނގައިފިއެވެ.
ޕާޓީ ނިމުމުން ޖައުޝްއާއި އީނާ ދިޔައީ ނަޒްޔަކްގެ ދެމަފިރިންގެ ފަރާތުން ހަމަޖައްސައިދިން ރިސޯޓަށް ދިޔުމަށްޓަކައި ޖެޓީޢަށެވެ. އެންމެންނާއި ސަލާމްކޮށް ހަދައި ލޯންޗު އައުމުން އެމީހުން ފުރިއެވެ. ގާތްގަނޑަކަށް ވިއްސަކަށް މިނެޓްގެ ދަތުރަކަށްފަހު ރިސޯޓަކަށް ދެވުނެވެ. ކްރޮސްރޯޑް މޯލްޑިވްސް ރިސޯޓުގެ ފާލަމަށް ލޯންޗް ގާތްކުރުމާއެކު ޖައުޝްގެ އަތްދަނޑި މައްޗަށް އީނާ އުފުލާލިއެވެ. އަދި ދުވަމުން ގޮސް ދޮންވެލިގަނޑު މަތީ ބެހެއްޓިއެވެ. “ތިހުރީ އަހަރެމެންގެ ރޫމް.. ރޫމަށް ދާނީތަ އިހަށް މިތާ މަޑުކޮށްލާނީތަ؟” ޖައުޝް އަހާލިއެވެ. “މަޑުކޮށްލަން ބޭނުމީ..” އީނާ ބުނެލިއެވެ. އަދި ފައިވާން އަތަށް ނަގައިގެން ދޮންވެލިގަނޑު މަތީ ހިނގަން ފެށިއެވެ. “މޫދަށް އެރޭނަންތަ؟” ޖައުޝް އަހާލިއެވެ. “އާނ މޮޔަ ނުގޮވާ.. ކާކު މިގަޑީގައި މޫދަށް އެރޭނީ..” އީނާ ގޮވާލިއެވެ. “އަހަރެމެން ދެމީހުންނެއްނު..” ޖައުޝްވެސް އެއާއި ވިއްދާ ބުނެލިއެވެ. ދޮންވެލިގަނޑު މަތީ އީނާ ދުވާތަން ފެނި ޖައުޝްއަށް ހެވިފައި ބަލަހައްޓައިގެން ހުރެވުނެވެ. އީނާ އެހެން އުޅޭއިރު ހީވަނީ ކުޑަކުޑަ ކުއްޖެއް އަލަށް ތަނަކަށް އާދެވިގެން އުޅޭހެންނެވެ.
ދުވެދުވެ ހުރި އީނާގެ ފަހަތުން ޖައުޝްވެސް ދުއްވައިގަތުމާއެކު އީނާގެ ދުވުން ބާރުކޮށްލިއެވެ. ޖައުޝްގެ އަތުނުވާން ދުއްވައިގަތް އީނާ އެންމެފަހުން ވަރުބަލިވެގެން ދުވުން ހުއްޓާލިއެވެ. “ކޮބާ މިއޮތި އަތުވެފައި..” ޖައުޝް ފުންނޭޥާތަކެއް ލަމުން ބުންޏެވެ. “އަތެއް ނުލެވުނު ދޯ އަސްލު.. އަހަރެން ދުވުން ހުއްޓާލީމަ ދޯ އަތުވީ..” ދޫ ނެރެލަމުން އީނާ ބުނެލިއެވެ. “ވަރިހަމައޭ.. ކޮންމެ ގޮތަކުންވެސް ތިއޮތީ އަތުލެވިފައި.. ދެނެއް ނުދެވޭނެ.. ޔޫ އަރ އޮންލީ މައިން..” ފަހު ދެޖުމްލަ ބުނެލިއިރު ޖައުޝްގެ އަޑުގައިވީ އަސަރަކުން އީނާއަށް ދެލޯ މަރައިލެވިއްޖެއެވެ. އަތްދަނޑި މައްޗަށް އީނާ ލައިގެން ޖައުޝް ކޮޓަރިއަށްވަދެ ޑޯންޓް ޑިސްޓާރބް ބޯޑް އަޅުވައިލިއެވެ.
އެމީހުންގެ ކޮޓަރިކައިރީ ހުރި ކްލަބުގައި އިން ލޫނާގެ ލޮލުގައި އެމަންޒަރު ނުހަނު ރީތިކޮށް އަޅައިގަތެވެ. އޭނާ ބޯންއިން ރާތަށިވެސް ދުރަށް ޖައްސާލެވުނެވެ. ލިބުނު ސިހުމުން އަނގައިގައި ހުރި ރާތަށް ބުރައިގެން ދިޔައެވެ. “ވަޓް ދަ..” ލޫނާއަށް ބުނެލެވުނެވެ. އެއީ އޭނާ މަސްތުގެ ހާލުގައި އިނުމުން ފެނުނު މަންޒަރެކޭ ހިތާ އެތައް ފަހަރަކު ގައިގައި ޖެހުނެވެ. އެހެނަސް އަމިއްލަ ހަށިގަނޑަށް ތަދުވުން ނޫން ކަމެއް ނުވިއެވެ. އެއީ ހަގީގަތެއްކަން އެނގުމާއެކު އެންމެ ސިކުންތަކުވެސް އެދެމަފިރިން އެކުގައި ތިބުމަކަށް އޭނާގެ ހިތެއް ނުއެދުނެވެ. އައި ރުޅިން ފޯނުނަގައި ނަމްބަރަކަށް ގުޅާލުމަށްފަހު ހަދަންވީގޮތް ލޫނާ ކިޔައިދިނެވެ. އޭރު އެމޫނުމަތީގައި ވިހަ ހިނިތުންވުމެއް ވިޔަސް ފެނުނު މަންޒަރުން އޭނާގެ މުޅި މޫޑު ޚަރާބު ވެއްޖެއެވެ. ބާރު ހިނގުމެއްގައި ކްލަބުން ގޮސް ނުކުތްއިރު ބައެއް މީހުންގެ ނަޒަރުތައް ލޫނާއަށް އަމާޒުވެފައި ހުއްޓެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާ އޭނާ ކްލަބުން ނުކުތެވެ. އޭރު އެދެލޮލުގައި ކަރުނައިގެ އަސަރު ވެލިހެން ހީވިއެވެ.
އީނާ ބިންމަތީގައި ބަހައްޓާލުމާއެކު ނުވެސް އެނގިތިބެ ދެމީހުންގެ އަންނައުނު ހަށިގަނޑާއި ވަކިވެގެން ދިޔައެވެ. “މަޑުކުރޭ.. ފެންވަރާލަން ބޭނުން އަހަރެން..” އީނާ ބުނެލިއެވެ. “ދެމީހުން އެކީ ފެންވަރާނީ.. އޭރުންނެއްނު އަވަސްވެސް ވާނީ..” ޖައުޝް ލާނެތް ގޮތަކަށް ބުނެލިއެވެ. “ދެން ޖައުޝްވެސް..” ލަދުން އީނާއަށް އިސްޖަހައިލެވުނެވެ. ފާހާނާއަށް ވަދެ ދެމީހުން އެކުގައި ފެންވަރަން ފެށިއެވެ. ފެންވަރައި ނިމުމާއެކު އީނާ އުރާލައިގެން ގެންގޮސް ޖައުޝް އެނދުމަތީ ބާއްވާލިއެވެ. ދެން ދެހަށިގަނޑު އެކުވެ އެދެމެދުގައި ބަސްމޮށުންތެރި ކަމަކާއިނުލައި އެތަކެއް ވާހަކައެއް ދެކެވުނެވެ. އެކަމުން އަވަދިވިއިރު ގަޑިން 3 ޖަހައިފިއެވެ. ވަރުބަލިކަމާއެކު ޖައުޝްގެ އަތްމަތީ އޮއްވައި އީނާގެ ދެލޯ މެރުނެވެ. މެރެމެމުން ދިޔަ ޖައުޝްގެ ދެލޮލުގެ ތެރެއިން ހިތްހަމަޖެހުން ފާޅުވަމުން ދިޔައިރު އެތުންފަތުގައިވެސް ވީ ލުއި ހިނިތުންވުމެކެވެ. އީނާ އޭނާގެ ގަޔާއި ގާތްކޮށްލަމުން ޖައުޝްވެސް ދެލޯ މަރާލީ ވެފައިހުރި ވަރުބަލިންނެވެ.
ހަފްތާއެއް އެރިސޯޓުގައި ހޭދަކުރުމަށްފަހު އެދެމަފިރިން މާލެދާން ފުރިއެވެ. އެދެހިތަށްވެސް އޭރު ބުނެދޭން ނޭނގޭ ފަދަ އުފަލެއް އިހްސާސްވެފައި ވިއެވެ. ހުރިހާ ދުވަހުގެ ފޮނި އިންތިޒާރު ނިމުމަކަށް އައުމުގެ އުފާވެރިކަން އެދެހިތުގައި ވިއެވެ. އޭޑީކޭ ހޮސްޕިޓަލުން ޖައުޝްގެ ވަޒީފާ ގެއްލިގެން ދިޔުމާއެކު ހެން އަމިއްލަ ކްލިނިކަކުން އޭނާއަށް ވަޒީފާ ލިބިގެން ދިޔައެވެ. ޖައުޝްއާއި އެއް ތަނެއްގައި މަސައްކަތް ކުރަން ބޭނުންވާތީ އީނާވެސް އޭޑީކޭ ވަޒީފާ ދޫކޮށްލުމަށްފަހު ބަދަލުވީ ކްލިނިކަށެވެ.
ހޮނިހިރު ދުވަހަކީ އީނާގެ އޮފް ދުވަސް ކަމުން އީނާ ހުރީ ބަދިގޭގައި ކައްކާށެވެ. އޭރު ޖައުޝްވީ ކްލިނިކްގައެވެ. ކުއްލިއަކަށް ދޮރުގައި ބެލްއަޅާލި އަޑުއިވި އީނާގެ ނިތަށް ރޫޖަމާވެލިއެވެ. މިގަޑީގައި އޭނާ ހޯދަން ދެން އަންނާނީވެސް ކާކު ބާވައޭ ހިތަށް އަރަމުން އީނާގޮސް ދޮރު ހުޅުވައިލިއެވެ. “ކީއްކުރަންތޯ؟” އީނާ އަހާލައިފިއެވެ. “މީ.. މިގޭގެ ފާހާނާ އަޅުގަނޑަށް ބޭނުން ކޮށްލެވިދާނެތޯ؟” އެމީހާ އަހައިލިއެވެ. ފައިން ފެށިގެން ބޮލަށް އީނާ ބަލައިލިއެވެ. ބަލާބެލުމަށް ވާނީ އީނާމެންނާއި އެއްވަރެކެވެ. މޫނުމަތިން ހިތްހެޔޮ ކަމެއް ހުއްޓެވެ. ކޮނޑުގައި ދަބަސް އަޅުވައިގެން ހުރިއިރު ދެންމެ ތަނަކުން އައި މީހަކާއި ވައްތަރެވެ. “އަޅުގަނޑު އަންނަމުން ބުކް ކުރި ރޫމް ހުންނަ ގެސްޓް ހައުސް އަދި ނުހުޅުވާތީ ވަރަށް ބޮޑަށް ފާހާނާއަކަށް ދާންވެގެން..” އޭނާ ބުނެލިއެވެ. އީނާއަށް ހަދާނެ ގޮތް ހުސްވިއެވެ. ކައިވެންޏަށްފަހު އެދެމަފިރިން ބަދަލުވީ އެއްކޮޓާރީގެ އެޕާޓްމެންޓަށެވެ. ދެމަފިރިން ދިރިއުޅޭ ކޮޓަރި ފިޔަވައި އިތުރު ކޮޓަރިއެއް އެގޭގައި ނުހުންނާނެއެވެ. އޭނާ ދެމަފިރިންގެ ކޮޓަރިއަށް ވައްދާކަށް ބޭނުމެއް ނޫނެވެ. އެހެނަސް އެހީވާންވެސް ބޭނުމެވެ. އެންމެފަހުން އީނާ އެނުދަންނަ ޒުވާނާއަށް އެހީވާން ނިންމިއެވެ. “އޭނދީ ކޮޓަރި.. އެތެރޭގައި އިންނާނެ ފާހާނާ.. އަހަރެން މިހާރު މިދަނީ ބަތްތެލި ދުންގަންނާތީ..” އަވަސް ރާގެއްގައި އީނާ ވާހަކަ ދެއްކިއެވެ. “ޝުކުރިއްޔާ ވަރަށް ބޮޑަށް..” އޭނާ ހިނގައިގަންނަމުން ބުނެލިއެވެ. އީނާމެންގެ ކޮޓަރިއަށް ވަންނަން ދިޔަ ވިއާމްގެ ތުންފަތުގައި ނުލަފާ ހިނިތުންވުމެއް ކުޅެލިއެވެ. ހީކުރިވަރަށްވުރެ ފަސޭހައިން އޭނާގެ މަގްސަދު ހާސިލްވެދާނެޔޭ އޭނާގެ ހިތަކު ނެތެވެ.
ވިއާމް ކޮޓަރިއަށް އަވަސް އަވަހަށް ވަދެ ދޮރު ލައްޕާލަމުން ދަބަހުން ނެގީ ކުޑަކުޑަ ކެމެރާއެކެވެ. އެއީ މީހަކަށް ފާހަގަވެސް ކުރަން އުނދަގޫ ވާވަރުގެ ކެމެރާއެކެވެ. ވިއާމް ބޭނުންވީ ކޮޓަރީގައި އިން ގަޑީގެ ކައިރީގައި އެހަރު ކުރުމަށެވެ. އެންމެ ފާހަގަކުރަން އުނދަގޫ ތަނަކަށް ވާނީ އެތަންކަން އެނގޭތީއެވެ. އަދި އެތަނުން މުޅި ކޮޓަރީގެ ‘ވިއު’ ނުހަނު ސާފުކޮށް ފެންނާތީމެ އާއިވެސް އެކުގައެވެ. ދިގު އިސްކޮޅެއް ލިބިފައިވުމާއެކު އެކަން ކޮށްލުމަށް ވިއާމްއަކަށް މާ އުނދަގުލެއް ނުވިއެވެ. ހަރުކޮށް ނިންމާލުމަށްފަހު ދަބަހުން ނެގި ޓެބްލެޓަކާއި އެކެމެރާ ކަނެކްޓް ކޮށްލިއެވެ. އެއާއެކު އެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. މިހާރު އެކޮޓަރީގެ ތެރޭ ހިނގާ ހުރިހާކަމެއް އޭނާއަށާއި ލޫނާއަށް ފެންނާނެއެވެ. ފިޔަވަޅުތަކެއްގެ އަޑު އިވުމާއެކު އަވަސް އަވަހަށް ދަބަސް އަޅުވާލަމުން ނުކުންނަން ހިނގައިގަތެވެ. “ޝުކުރިއްޔާ ވަރަށް ބޮޑަށް.. ތި ހެޔޮކަން ދުވަހަކުވެސް އަހަރެންގެ ހަނދާނުން ނުފިލާނެ.. އަން މިއޮތީ ދެން ކުޑަކުޑަ ހަދިޔާއެއް..” ޖީބުން ފަންސާސް ރުފިޔާ ނަގަމުން އީނާއަށް ވިއާމް ދިއްކޮށްލިއެވެ. “ހެހެ.. އެކަން މިކޮށްދިނީ ހިލެޔޭ.. ދެން އެއީ އެވަރުގެ ކަމެއްވެސް ނޫނެއްނު..” ފާޑަކަށް ހުރެ އީނާ ބުނެލިއެވެ. ވިއާމް ގޮސް ދޮރު ލައްޕާލުމާއެކު އީނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަވަސް އަވަހަށް ގޮސް ކޮޓަރިއަށްވަދެ ހުރިހާ އެއްޗެއް ހަމަތޯ ބެލިއެވެ. އެއްވެސް އެއްޗެއް މަދުވެފައި ނެތުމުން ހަމަނޭޥާއެއް އީނާއަށް ލެވުނެވެ.
“ތެންކިޔު ވިއާމް… މިއޮތީ 10000 ރުފިޔާ.. ދުވަހަކުވެސް ތިކަން ހަނދާން ނުނެތޭނެ..” ލޫނާ ބުނެލިއެވެ. ފައިސާ ފެނުމާއެކު ވިއާމްގެ ތަލިން ކުޅު ހިކިގެން ދިޔައެވެ. “ފައިސާއަށް ބޫތުކައިފަ..” ލޫނާއަށް މަޑުމަޑުން ކިޔައިލެވުނެވެ. “ހަހަ.. ލޫނާއަށް ލިބޭނެ ލަނޑުވެސް ވަކި ކުޑައެއް ނުވާނެ..” ވިއާމް މަޑުމަޑުން ކިޔާލައިފިއެވެ. “ބޭޒާރުވެ ފަޟީހަތް ވާނީވެސް ހަމަ ލޫނާ..” ހިތާހިތުން ވިއާމް ކިޔައިލިއެވެ. އަދި ލޫނާގެ ގެއިން ނުކުންނަން ހިނގައިގަތެވެ. “ޕުއަރ އީނާ.. ދެން ކަލޭ ރޯންޖެހޭ ދުވަސް އޮތީ ވަރަށް ކައިރީގައި..” ލޫނާ ވިހަ ހިނިތުންވުމަކާއެކު ބުނެލިއެވެ. އަދި އޭނާގެ ލެޕްޓޮޕުން ފެންނަމުންދިޔަ އީނާގެ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ލޫނާއަށް ބާރުގަދަ ނުލަފާ ހިނިގަނޑެއް ޖަހައިލެވުނެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Mi bai thah vx vrh reethi, masha Allah.. keep it up♥️