ދުވަސްފެށުނީ ހަމަ އެހެންދުވަސްތަކެކޭވެސް އެއްފަދައިންނެވެ.އިރުއަރަން ތިރީހަކަށް މިނެޓުވެފައިވެއެވެ. އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ ޚަދީޖާ އިނީ އޭނާގެ އާދައިގެމަތިން ފަތިސް ނަމާދުން ފޭބިގޮތަށް މުސްހަފް ހިފައިގެން ގުރުއާން ކިޔަވާށެވެ.ދެން އޭނާ އިން ތަނުން ތެދުވާނީ ޟުހާ ނަމާދުކުރުމަށެވެ.
އާދައިގެމަތިން މުސްހަފްގެ ދިހަވަރަކަށް ޞަފުހާ ކިޔަވާލުމަށްފަހު ޟުހާ ނަމާދުކޮށް އަދި ހެނދުނުގެ ޒިކުރުވެސް ކޮށްލުމަށްފަހު ސިޓިންރޫމަށް ނިކުތެވެ.އެވަގުތު އަރަމުންދާ އިރުގެ އަލިން ސިޓިންރޫމުތެރެ ދިއްލާލުމަށް، ދެފަރާތަށް ދަމާފައިވާ ދޮރުފޮތިގަނޑު ޚަދީޖާ ކަހާލިއެވެ.އެއާއެކު އިރުގެ އަލި ފުރޭނިގެން އައިސް ކުޑަދޮރުތަކުގެ ބިއްލޫރިތަކަށް އެޅި މުޅި ސިޓިންރޫމުތެރެ ދިއްލާލިއެވެ.
ދޮރުފޮތި އައްސާލުމަށްފަހު ޚަދީޖާ ދެން ހިނގައިގަތީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު، އުމުރުން ތިރީސް އަހަރުގެ އާނިމް ކޮބައިތޯ ބަލައިލާށެވެ.އާނިމްގެ ކޮޓަރިދޮރުމައްޗަށް ހުއްޓިލުމަށްފަހު ތަޅުގައި ހިފާލަން އުޅެފައިވެސް ޚަދީޖާ ހުއްޓިލިއެވެ.އެއީ އޭނާ ކިތަންމެ ވަރަކަށް ތަޅުގައި ހިފިއަސް ނޫނީ ދޮރުގައި ޓަކިދިނަސް، އާނިމް ދޮރުނުހުޅުވާނެކަން އިނގޭތީއެވެ.މިގަނޑިއަކީ އާނިމްގެ ނިދާވަގުތެވެ.އަނެއްކޮޅުން އޭނާ ދެން ތެދުވާނީ ހަވީރުވެގެންގޮސް އިރުއޮއްސެން ކައިރިވުމުންނެވެ.
އާނިމްގެ ކޮޓަރިދޮރުމަތީގައި ހުރެލުމަށްފަހު ޚަދީޖާ ހިނގައިގަތީ އެޕާޓުމަންޓަށް ވަންނަން އިންނަ ދޮރާ ދިމާލަށެވެ.އެއީ އާނިމް ގޭގައި އުޅޭތޯ ޔަގީންކުރުމަށެވެ.ހަވީރު ތެދުވެގެން ގެއިން ނިކުންނަ އާނިމް އަބަދުވެސް ގެއަށް ވަންނަނީ އަނެއްކޮޅުން އިރުއަރަން ކައިރިވީމައެެވެ.އޭނާގެ ކަމަކީ ބޭރުތެރޭގައި އެނބުރުމެވެ.ބައެއްފަހަރު ގެއަށް އެއްގޮތަކަށް ނުވަދެވެސް ދެތިން ދުވަސް ހިނގައިދާނެއެވެ.
އެޕާޓުމަންޓު ދޮރުމަތީގައި އާނިމްގެ ފައިވާން ހުރިތަން ފެނުމުން އޭނާ ގޭގައި އުޅޭކަން ޚަދީޖާއަށް އެނގުނެވެ.އެހެންކަމުން މަޑު ހިނގުމުގައި ޚަދީޖާ ގޮސް ސޯފާގައި އިށީންދެލިއެވެ.އަދި އޭނާގެ ހަޔާތާއި އަދި ހުރި ހަމައެކަނި ދަރިފުޅު ކަމުގައިވާ އާނިމާ ދޭތެރޭ ވިސްނާލިއެވެ.
**********
ޚަދީޖާއަކީ ވަރަށް ނިކަމެތި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ.އޭނާގެ އާއިލާގައި ތިބެނީ މައިންބަފައިންގެ އިތުރުން އެއްބަނޑު އެއްބަފާ ދައްތައަކާއި ފިރިހެން ކޮއްކޮއެކެވެ.ރާއްޖެތެރޭ ރަށަކަށް އުފަން ޚަދީޖާ އުޅުނީ އޭނާގެ އާއިލާއާއެކު ފަން ޖިފުޓިގަނޑެއްގައެވެ.އެޒަމާނުގެ އެހެންވެސް މީހުންނެކޭ އެއްފަދައިން ، ޚަދީޖާގެ އާއިލާއިންވެސް ދިރިއުޅުނީ ފަންވިނދެގެންނާއި ރޯނު ވަށައިގެން އާމްދަނީ ހޯދައިގެންނެވެ.
އެޒަމާނަކީ ތަރައްގީ ޒަމާނެއް ނޫންކަމުން، ޚަދީޖާ ދިރިއުޅޭ ރަށުގައި އެއްވެސް ފިހާރައެއް ނުހުރެއެވެ.އެހެންކަމުން އެރަށުގައި ދިރިއުޅޭމީހުން ވިޔަފާރިކުރަން ދާންޖެހެނީ، ރަށާ ޖެހިގެން ހުންނަ ރަށަށެވެ.އެޒަމާނުގައި ދަތުރުފަތުރުކުރުމަކީ ފަސޭހަކަމަކަށް ނުވެއެވެ.ބޮއްކުރަލުގައި ފަލިޖަހައިގެން ބޭނުންވާ މަންޒިލަށް ވާސިލްވާން އެތައް ވަގުތުތަކަކާއި އެތައް ތަކުލީފުތަކެއް އެރަށުގައި އުޅޭމީހުން އުފުލަންޖެހެއެެވެ.ކިތަންމެ ތަކުލީފެއް އުފުލަން ޖެހުނަސް، ދިރިއުޅެވޭނީ ޒަރޫރީ ބޭނުންތައްވެސް ފުއްދައިގެން ކަމުން އެމީހުން ދިރިއުޅުނީ އެކަމަށް ކެތްތެރިވެގެނެވެ.ދަތުރުކުރުމަކީ ފަސޭހަކަމަކަށް ނުވާތީ، ދަތުރަކު ދާފަހަރަކުވިއްޔާ ކޮންމެ މީހަކުވެސް އެނބުރި ރަށަށް އަންނަނީ މަހަކަށް ބޭނުންވާ ވަރަށް ހުރިހާ ސަމާނެއްވެސްް ހޯދައިގެނެވެ.ކާޑުގެ ބާވަތްވިއަސް އަދި ރީތީވާ ސާމާނަކަސް މެއެވެ.
ޚަދީޖާގެ އާއިލާއިންވެސް ވިޔަފާރިކުރަންދަނީ ރަށާ އެންމެކައިރި އޮންނަ ރަށަށެވެ.އެޒަމާނުގައި ބޮއްކުރާ ގެންގުޅެނީ ފުދޭވަރަކަށް ތަނަވަސް އާއިލާތަކުންނެވެ.ޚަދީޖާގެ އާއިލާއަކީ ތަނަވަސްބައެއް ނޫންކަމުން އެމީހުންގެ އަތުގައި ބޮއްކޮރުލެއް ނޯވެއެވެ.އެހެންކަމުން، އެމީހުން ދަތުރުދަނީ މީހެއްގެ ބޮއްކުރަލެއް ކުއްޔަށް ހިފައިގެނެވެ.ލިބޭ ކުޑަ އާމްދަނީއިން ދަތުރަށްވާ ފައިސާ ބޮއްކުރަލުގެ ވެރިޔާއަށް ދިނުމަށްފަހު ، ބާކީވާ ފައިސާއިން ވިޔަފާރިކުރާއިރު ، ގިނަފަހަރު އޮންނަނީ ބޭނުންވާ ގިނަ ސާމާނު ނުގަނެވިފައެވެ.ނޫނީ ގަންނަ ސާމާނުން ނުފުދިފައެވެ.އެހެންނަމަވެސް ކޮންމެވެސް ގޮތަކުން ފޫބައްދާލައިގެން ، އޭރެއްގައި މިންވަރުކުރެއްވި ގޮތަކަށް ރުހިގެން އެމީހުން އުޅެމުންދިޔައެވެ.
*********
އެދުވަހަކީ ޚަދީޖާާގެ އާއިލާއިން ވިޔަފާރިކުރަން ދާން އުޅުނު ދުވަހެކެވެ.އެހެންފަހަރުތަކުގައި ވިޔަފާރި ދަތުރުދަނީ ޚަދީޖާގެ ބައްޕައެވެ.ނަމަވެސް އެދުވަހަކީ އެންމެންވެސް ދާން އުޅުނުދުވަހެކެވެ.ޚަދީޖާ ބަލިވެއުޅޭތީ އޭނާ ގޭގައި ބެހެއްޓުމަށްފަހު ، ޚަދީޖާގެ މައިންބަފައިން، ދެން ތިބި ދެބެން ގޮވައިގެން ފުރިއެެވެ.
އެމީހުން ފުރިއިރުވެސް މޫސުމް އޮތީ ވަރަށް ރީތިކޮށެެވެ.ނަމަވެސް ހާލަތު ބަދަލުވާކަށް ސިކުންތެއްވެސް ނުނަގާނެތާއެވެ.ވިޔަފާރިކޮށްގެން ޚަދީޖާގެ އާއިލާއިން ރަށަށް އެނބުރި އަންނަން ބޮއްކުރަލަށް އަރާ ނައްޓާލިތަނާ ކުއްލިއަކަށް ވައިގަދަވެ މޫސުމް ގޯސްވާން ފެށިއެވެ.މޫސުމް ގޯސްވެ ކަނޑުވެސް ގަދަވުމުގެ ސަބަބުން ފަލިޖެހުން ވީ ޚަދީޖާގެ ބައްޕައަށް ބޮޑު ބުރައަކަށެވެ.ކޮޅިގަނޑެއްގައި ޖެހި ބޮއްކުރާ ބަންޑުން ޖަހާލީއެވެ.އެއާއެކު އެންމެންތައް ކަނޑަށް ވެއްޓުނީއެވެ.
ދަތުރުދިޔަ ޚަދީޖާގެ އާއިލާގެ ޚަބަރެއްނުވެ ގިނައިރުވުމުން، ބަލިހާލުގައި ވިޔަސް ޚަދީޖާ ބަނދަރާ ދިމާލަށް ނިކުތެވެ.އެދުވަސްވަރަކީ ފޯނުވެސް ގެންގުޅޭ ދުވަސްވަރެއް ނޫނެވެެ.އެހެންކަމުން އާއީލާގެ ޚަބަރެއްްނުވާ ކޮންމެ ސިކުންތެއް އޭނާ ހާސްކޮށްލައެވެ.އާއިލާގެ ޚަބަރެއްނުވާތާ ދެތިން ގަނޑިއިރުވުމުން ރަށުގެ ބޮޑުންގެ ސަމާލުކަމަށް އެކަން، ޚަދީޖާ ގެނުވިއެވެ.އެއާއެކު ޚަދީޖާގެ އާއިލާ ހޯދަން ރަށުގެ މީހުން ބޮއްކުރާތަކުގައި ދަތުރުފެށިއެވެ.
އެތައްއިރެއްގެ ހޯދުމަށްފަހު، ޚަދީޖާގެ އާއިލާއިން ދަތުރުކުރި ބޮއްކުރާ ބަންޑުންޖަހާލާފައި އޮއްްވާ ، ހޯދަން ނިކުތް ބަޔަކަށް ފެނުނެވެ.އެހެންނަމަވެސް މުޅިތަން ހޯދުނުއިރުވެސް އާއިލާގެ އެކަކުވެސް އެމީހުންނަށް ފެންނަވަރު ނުވުމުން ، އެޚަބަރުދޭން އެމީހުން ރަށަށް އެނބުރި ދިޔައެވެ.އެވަގުތު ދަތުރުކުރި މީހުންގެ ތެރެއިން އެހެންބަޔަކަށް ޚަބަރު ހުސްވެފައިވާ ޚަދީޖާގެ އާއިލާގެ އެންމެންގެ ހަށިތައް ފެނިގެން އެމީހުން ނަގައިގެން ރަށަށް ގެންނަނީއެވެ.
ބަނދަރުމަތީގައި ހިތްއަވަސްވެފައިވާ ޚަދީޖާއަށް އޭނާގެ އާއިލާމީހުންގެ ހަށިތައް ފެނުމުން ހިތް ފަޅައިގެން ދިޔައެވެ.ވަގުތުން އެމީހުން ސިއްހީ މަރުކަޒަށް ރަށުގެ މީހުން ގެންދިޔައެވެ.ނަމަވެސް އެތަނަށް ގެންދިޔައިރުވެސް އެމީހުން ތިބީ މަރުވެފައެވެ.ޚަދީޖާގެ އާއިލާގެ އެންމެން މަރުވެފައިވާ ކަމުގެ ޚަބަރު އޭނާއަށް ލިބުމާއެކު ހީވީ، ދުނިޔެ އޭނާގެ ބޮލަށް ވެއްޓުނުހެނެވެ.މުޅިމީހާ އެކަނިވީ ކަމުގެ އިހުސާސް އެވަގުތު އޭނާއަށް ކުރެވުނެވެ.ހަމައެހެންމެ އެއްދުވަހެއްގެ އެއްވަގުތެއްގައި އެންމެން އެކީ ދުނިޔެއާ އަލްވަދާއު ކިޔުމުން އެހިތް ހީވީ ހުއްޓުނުހެނެވެ.
ކަންމިހެންއޮތަސް ޚަދީޖާ ކެތްތެރިކަން އިސްކުރިއެވެ.އޭނާގެ އާއިލާ ވަކިވެ، މުޅިން އެކަނިވެރި ވިއަސް އޭނާގެ އަޖަލު ހަމަވަންދެން ދުނިޔޭގައި އުޅޭނަން ކަމުގައި އަޒުމުކުރިއެވެ.އޭނާގެ މައިންބަފައިން ދަސްކޮށްދިން ރިވެތި ނަމޫނާގައ ހިފާ، އަމިއްލަ ފައިމައްޗަށް ތެދުވިއެވެ.ދިރިއުޅޭނެ އިތުރުތަނެއް ނެތުމުން، އޭނާގެ މައިންބަފައިންނާއި، އާއިލާ ކުދިންނާއެކު ދިރިއުޅުނު ގޭގައި ޚަދީޖާ އުޅެމުންދިޔައެވެ.އެގޭތެރޭގައި އުޅުނުވަރަކަށް އެމީހުންގެ ހަނދާން އިތުރުވިއަސްމެއެވެ. މައިންބަފައިންނެކޭ އެއްފަދައިން ފަންވިނދެގެންނާއި ރޯނުވަށައިގެން އަމިއްލައަށް އާމްދަނީ ހޯދަައިގެން ޚަދީޖާ އުޅެމުންދިޔައެވެ.
***********
އުމުރުން ދުވަހެއް ދުނިޔެއިން ދުވަހެއް ފާއިތުވަމުންގޮސް ޚަދީޖާގެ އުމުރުން ނަވާރަ އަހަރު ފުރުނެވެ.ޚަދީޖާ އޭނާގެ އާދައިގެމަތިން ދިރިއުޅެމުންދަނިކޮށް އެރަށަށް ޒުވާން ފިރިހެނަކު ދަތުރުކުރިއެވެ.ރަށުން ބޭރުމީހަކު ރަށަށް އެރުމުން އެމީހެއްގެ ވަނަވަރު އޮޅުންފިލުވާ މެހެމާންދާރީ އޭގެ އެންމެ ފުރިހަމަ ދަރަޖައިގައި އަދާކުރުމަކީ އެރަށުމީހުންގެ އާދައެކެވެ.އެހެންކަމުން އެޒުވާނާގެ ގާތުންވެސް ވަނަވަރު ކިޔައިދިނުމަށް ރަށުމީހުން އެދުނެވެ.
އޭނާ ކިޔައިދިން ގޮތުގައި އެއީ މާލެއަށް އުފަން މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިއެކެވެ.ނަމަކީ އަބޫބަކުރެވެ.އަބޫބަކުރަކީ ރަށްތަކަށް ދަތުރުކުރާ މީހެއްކަމުން، އެރަށަށްވެސް ދަތުރުވަރަކު އައިސްލީކަމަށް އޭނާ ބުންޏެވެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






Hiii… Finally anekkaves dhimaavydhw ….. Story vrh rythi vanehn hyvany ingey … Plot vrh thafaathu …. Loved the first part .. look forward to next part… So happy ur uploading interesting storiessss ☺️☺️☺️
Lysm n tc
hellooo…haan anehkaaves dhimaavy dhw hehe???
konme faharakuves thafaath vaahakaeh genesdheveytho mi try kurany’kurin biruveri and hithaama
mifaharu dheeny story…v ufaavehje first part kamudhiyaama…
v iburaiytheri reethi vaaahaka akah mi vaahaka vaane kamah unmeedh kurany???
thanks for the comment dear ayeshath amaana???
First part v reethi ❤️
Reethi vaahaka akah mi vaahakaves vaane kamah ummeedhu kuran
Hi