އިތުބާރެއް ނުކުރާނަމޭ
އަރައިގެން އައި އިރާއެކު މީހުންތައް މަގުމަތީގައި ހޭލަމޭލަވެ އުޅުނެވެ. ގިނައީ ގޭދޮށު ކުނިކަހަން އުޅޭ އަންހެންވެރިންނެވެ. އަހަރެންވެސް މަންމައާއެކު ގޭދޮށް ވަށައިގެން ހުރި ކުނިތައް ކަހާ ސާފުކުރުމުގައި އުޅުނީމެވެ. މާހައުލުގައި ތިބި އެންމެންގެ ހިތްތައްވެސް ވަނީ އަވަސްވެފައެވެ. ހުދު އަހަރެންގެ ހިތް ވެސް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތްތާއެވެ. މިއަދަކީ ދިހަ އަހަރުވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ލިބިގެންދާ ދުވަހެވެ. އެންމެންވެސް ހިތާއި ހިތުން ދުއާކުރަމުން ދިޔައީ އެމީހެއްގެ ދަރިއަށް ރަނގަޅު ނަތީޖާއެއް ލިބުމަށްއެދިއެވެ.
ކުނި ކަހާ ނިންމާލުމަށްފަހު ކޮޓަރިއަށް ވަދެ ފެންވަރައި ތާޒާވެލީމެވެ. ކޮޓަރިން ނިކުތްއިރު މަންމަ ސައިހެދުމުގައި އަވަދިނެތި އުޅުނެވެ. އަހަރެން ގޮސް ކާމޭޒުދޮށުގައި އިށީނދެލުމާއެކު ބައްޕައާއި މަންމަވެސް އައިސް ސަޔަށް އިންސާފުކުރަން ފެށިއެވެ. އަހަރެން އުއްމީދުކުރި ނަތީޖާ ނުލިބިދާނެތީ ހަމަ ހިތް ބިރުގަންނަނީއެވެ. އެހެންކަމާއެކު ރަނގަޅަށް ކެވޭގޮތްވެސް ނުވިއެވެ. މަންމާއާއި ބައްޕައަށް މިކަން ފާހަގަކުރެވުމުން ދަރިފުޅަށް އިރާދަކުރެއްވިއްޔާ ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް ބުނެ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ.
އަވަސްވެފައިވީ ހިތަކާއެކު އަހަރެން ގެއިން ނުކުމެ މިސްރާބު ޖެހީ އިސްކޫލާ ދިމާލަށް ދިޔުމަށެވެ. އިސްކޫލް ގޯތި ތެރެއަށް ވަދެވުމާއެކު މީހާ އިތުރަށް ފިނިވާ ގޮތްވިއެވެ. ނަމަވެސް ﷲ އަށް ވަކީލުކޮށްލަމުން ހިތްހަމަ ޖައްސައިލީމެވެ. އަވަށް ފިޔަވަޅުތަކެއްގައި ގޮސް އިސްކޫލު އޮފީހަށް ވަދެ ނަތީޖާ ކަރުދާސް ލިބިގަތީމެވެ. އޮފީހުން ބޭރަށް ނުކުމެ ނަތީޖާ ކަރުދާސް ހުޅުވައި ބަލާލީމެވެ. އަހަރެންގެ ލޮލުން ކަރުނަ ނިރާލިއެވެ. ލިބިފައިވީ އުފާވެރިކަމުގެ ބޮޑުކަމުންނެވެ. އަހަރެންގެ ދުލުން ފުރަތަމަވެސް ނިކުތީ ﷲ އަށް ހަމްދުގެ ބަހެވެ. ވެފައިހުރި އުފަލާއެކު ދެވުނު އެންމެ ބާރަކަށް ހިނގާފައި ގެއަށް ދިއައީމެވެ.
ގެއަށް ވަދެވުނުއިރު ސޯފާގައި މަންމައާއި ބައްޕަ އިންތިޒާރުގައި އިނެވެ. އަހަރެންގެ އުޖާލާވެފައިވީ މޫނު ފެނުމާއެކު ޖީސީއިން ރަނގަޅު ނަތީޖާއެއް ލިބުނީކަން މަންމަ ދެނެގަތެވެ. މަންމައާއި ބައްޕަ ދުވެލާފައި އައިސް އަހަރެންގެ ގައިގައި ބައްދައިލިއެވެ. އަދި ދަރިފުޅަށް ދިނުމަށްޓަކައި ވަރަށް ރަނަގަޅު ހަދިޔާއެއް ގަނެފައި ވާނޭކަމަށް ބައްޕަ ބުންޏެވެ. ބައްޕަ ކޮޓަރިއަށްވަދެ ނުުކުމެފައި އައިސް އަހަރެންނަށް ދިނީ އެންމެފަހުގެ އައިފޯނެކެވެ. އަހަރެން މި ހޯދި ކާމިޔާބީގެ އަގު މިވަރުންވެސް ވަޒަން ނުކުރެވޭނެކަމަށް މަންމައާއި ބައްޕަ ބުންޏެވެ. އުފަލުން ފޮޅިފައިވާ އަހަރެން މަންމައާ ބައްޕައަށް ޝުކުރު އަދާކުރުމަށްފަހު ކޮޓަރިއަށް ވަނީމެވެ.
ކުރިއަށް އަންނަން އުޅޭ ކޮޅިގަނޑުގެ ހިލަމެއްވެސް ނުވާ ހާލު އަހަރެން ފޯނު ކުޅުމުގައި އަބަދު މަޝްޢޫލުވެ އުޅުނީމެވެ. ރެއެއް ދުވާލެއް ބެލުމެއް ނެތިއެވެ. ކުރީގައި ނުލާހިކު ސަކަ މިޒާޖެއްގެ ވެރި އަހަރެން ބަސް މަދުވާން ފަށައިފިއެވެ. ނުދަންނަ މީހުންނާ ޗެޓްކުރުމަކީ އާދައަކަށް ހަދައިފިއެވެ. މިހެން އުޅެނިކޮށް އަހަރެންނަށް ދިމާވީ ޒަޔާންއާއެވެ. ނޭނގި ހުއްޓާ އަހަރެންނަށް ޒަޔާންއާ ދިމާލަށް އެހެން ނަޒަރަކުން ބެލެންފަށައިފިއެވެ. ޝައިތާނާ ބޮލަށް ސަވާރުވީއެވެ. އިސްލާމްދީނުގައި ރައްޓެހި ވުމަކީ ހަރާމް ކަމެއްކަން މަންމަ ބުނެދީފާވީއިރުވެސް އަހަރެންގެ ހަނދާނުން އެކަން ކައްސާލިއެވެ. ލޯބީގައި ކަނުވެފައިވީ އަހަރެންނަށް ވިސްނުމެއް ފިކުރެއްނެތި އެތައް ކަމެއް ކުރެވިއްޖެއެވެ. ޒާތީ މައުލޫމާތު ހިއްސާ ކުރެވިއްޖެއެވެ. އެހެންނަމަވެސް ޒަޔާން އޭނާގެ އެއްވެސް މައުލޫމާތެއް ހިއްސާކުރާކަށް އެއްބަހެއް ނުވިއެވެ. ބައްދަލުވީމާ އިނގޭނެކަމަށް ބުނަމުންނެވެ. މި ހުރިހާ ގަނޑެއް އަހަރެން ގަންނަމުން ދިޔައިރު މަންމަމެންނަށް އެއްވެސް ކަމެއް ރޭކާނުލައެވެ. ވާނީވެސް އެހެންތާއެވެ. ވަޒީފާއާހުރެ މަންމަމެންނަށް އަހަރެންގެ ކަންކަމަށް ވެސް މާ ބޮޑު ސަމާލުކަމެއް ނުދެވޭވިއްޔާޢެވެ.
ރޭގަނޑު 8 ޖެހިއިރު އަހަރެން ހުރީ ޒަޔާންއާ ބައްދަލުކުރަން ދިއުމަށް ތައްޔާރުވެގެންނެވެ. މަންމަގާތު ރައްޓެހި ކުއްޖެއްގެ ގެއަށް ދަނީކަމަށް ބުނެ ގެއިން ނުކުތީމެވެ. ޒަޔާޏް ބަލައި އަންނާނޭ ކަމަށް ބުނެފައިވުމުން ގޭދޮރު މަތީގައި އަހަރެން މަޑުކޮށްލީމެވެ. އިރުކޮޅެއްނުވެ ކުރިމަތީ ހުރި ގެއިން ޖައުފަރުބެ ނިކުތުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެން އެހެން ފަރާތަކަށް އެނބުރިލަން އުޅުނުވަގުތު ޖައުފަރުބެ އައިސް އަހަރެންގެ ކައިރީ މަޑުކޮށްލިއެވެ. އަދި ޒަޔާންގެ ނަމުގައި އައިޑީއެއް ހަދައިގެން ޒީނާއަށް މެސެޖުކުރަނީ ޖައުފަރުބެ ކަމުގައި ބުންޏެވެ. އަހަރެން ބިރުން ތުރުތުރުލާ ގޮތްވިއެވެ. ޖައުފަރުބެ ބުނާ ކަމެއް ނުކޮށްފިނަމަ އަހަރެންގެ ހުރިހާ ޒާތީ މައުލޫމާތުތަކާއި ފޮޓޯތައް ލީކުކޮށްލާން ކަމަށް ބުންޏެވެ. ޖައުފަރުބެ ބުނީ މަންމަމެން އަތުން ވަގަށްނަގައިގެން ނަމަވެސް އޭނާއަށް ކޮންމެ މަހަކު ދިހަ ހާސް ރުފިޔާ ދިނުމަށެވެ. އެހެންނޫންނަަމަ އޭނާގެ އަމާޒުފަތްގަނޑަކަށް އަހަރެން ވެގެންދާނެކަމަށް ބުންޏެވެ. ހަދާނެ އެހެން ގޮތެއް ނެތުމުން ޖައުފަރުބެ ބުނި ގޮތަށް ކަންތައް ކުރަން އެއްބަސްވީމެވެ.
ގިސްލެވިފައިވާ ހާލު އަހަރެން ގެއަށް ވަދެ ކޮޓަރިއަށް ވަނީމެވެ. ކޮޓަރި ތެރެއަށް ވަދެވުމާއެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. ރޭގަނޑު އެތައް ދަމެއްވަންދެން ހޭލާ ރުއިމުގައި އިނީމެވެ. ގިނައިރު ރުއިމުގެ ސަބަބުން ލޮލުގައިވީ ކަޅު ދާއިރާއެއް ލެވިފައެވެ. އަހަރެންގެ މިލާފައިވި މޫނު މަންމަމެންނަށް ދައްކަން ބޭނުން ނުވާތީ ސައިބޯން ވެސް ނުނިކުންނަމެވެ. މަންމަމެން އޮފީހަށް ދިއުމާއެކު އަހަރެންގެ އިސް ވާޖިބެއް ކަމުގައިވީ ބައްޕަގެ ތިޖޫރީން ވަގަށް ރުފިޔާ ނެގުމެވެ. ތިޖޫރީ އަހަރެންނަށް ވަރަށް ފަސޭހާއިން ހުޅުވާލެވުނެވެ. ނަމަވެސް އަހަރެންގެ އަތް ދިޔައީ ތުރުތުރުލަމުންނެވެ. އަހަރެންގެ ހިތް ދިޔައީ އެތެރެއެތެރެއިން ރޯލަމުންނެވެ. ނަމަވެސް އެނޫންންގޮތެއް ނެތުމުން އަހަރެން އެފައިސާ ނެގީއެވެ. ޖައުފަރުބެއާ އެ ފައިސާ ހަވާލުކުރަންވުމުން އަހަރެންނަށް ފަސްޖެހެވޭ ގޮތްވިއެވެ. މި ވެވެނީ ކިހާ ބޮޑު ހިޔާނާތެއް ކަމާމެދު އަހަރެންނަށް ވިސްނެނީއެވެ. އަަހަރެން ހަދާނެ ގޮތް ހުސްވުމުން އަމިއްލައަށް މަރުވާންވެސް ހިތަށްއެރިއެވެ. ނަމަވެސް އަހަރެންނަށް އެހާ ބޮޑު ފާފާއެއް ކުރާކަށް ނުކެރުނެވެ. އަހަރެން ނިންމީ މަންމައާއި ބައްޕައަށް އެ ވާހަކަތައް ހިއްސާކުރުމަށެވެ.
މަންމަ ގެއަށް އައުމާއެކު އަލިފުން ޔާއަށް ވީ ހުރިހާ ކަމެއް ކިޔައިދިނީމެވެ. އަހަރެން ކުށަށް އިއުތިރާފުވެ މަންމައާ ބައްޕަގެ ކިބައިން މާފަށް އެދުނީމެވެ. މަންމައާއި ބައްޕަވެސް އަހަރެންނަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނީތީ މާފަށް އެދުނެވެ. އަދި ބައްޕަ ފުލުހުންނަށް ގުޅާ ޖައުފަރުބެގެ ކަންތައް ރިޕޯޓް ކުރިއެވެ. ކަނު ބަނދެވިފައިވާ ހާލު ނުދަންނަ މީހުންނަށް އިތުބާރު ނުކުރުމަށް އަހަރެންނަށް ފިލާވަޅެއް ލިބިގެން ހިނގައްޖެއެވެ.
One Comment
Comments are closed.

Maasha allah Vrh rythi mi stry…..n vrh iburehtheri…unmeedhu kuran vrh avaha ibaa ge ehn stry eh kiyaalan libeyne kamah