Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ޔާރާ ފެނުނީމާ 3

Ali Alsham Level 110 Stories
February 24, 2022 5 Mins Read
0 Comments

އިރާ ތިއުޅެނީ ކުއްޖަކާ ރައޓެހިވެގެންތަ؟ ކޮންމެ ރެއަކު ކައިރާއާއެކު އެއުޅެނީ ކޮންކުއްޖެއް؟”

ކައިރާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ފަރީދާކޮށްލި ސުވާލުން އަނގަޔަށްލި ކާއެތިކޮޅުވެސް ސައިފޮދަކާ ނުލައި ދިރުވުންވީ އުނދަގޫ ކަމަކަށެވެ. ފަރީދާ މާފާޑަކަށް ހުންނަނީ މިވާހަކައެއ އަހަންތާއެވެ.
ދެމީހުންގެ ދެމެދުގައި އޮތީ ހަމައެކަނި އެކުވެރިކަމުގެ ގުޅުންކަން ކައިރާ އަންގައިލުމުން ފަރީދާގެ ހިތުގައި އުފެދިފައިވާ ޝައްކު ފިލައިގެން ދިޔައީ ކައިރާގެ މޫނުގައި އެކަހަލަ އެއްވެސް ކުލަވަރެއް ނެތީމައެވެ. ބައެއްފަހަރު މީހާ ބުނާ ބަސްތަކަށްވުރެ އެމީހާގެ މޫނުގެ ކުލަވަރާއި ވާހަކަ ދެއްކުމުގެ ރާގު ހުންނަ ގޮތުން އޭގެ ތެދު ދޮގު ހާމަކޮށްދެއެވެ.
****** ****

ސާދަވިލޭރޭގެ ފުރިހަމަ ހަނދު އޭގެ ވާޖިބު އަދާކުރަމުން ދިޔައީ އޭގެ ރިހިއަލިން ފަޒާ އަލިކުރުވަމުންނެވެ. އުޑުގައިވާ އެތައްހާސް ތަރިތަކެއްގެ ވިދާ ބެބުޅުމުގެ ސަބަބުން އެރޭގެ ޗާލޫކަން ކިތަންމެހާވެސް ފުރިހަމަވެއެވެ. ދުރުން ބަނަ ވިލާތައް އުޑުގައި ދައުރުވާންފެށީ ރޭ ދެބައިވި ފަހުންނެވެ.
ދެއަތަށް ފުރޮޅި ފުރޮޅި އޮތުމަށްފަހު ކައިރާ އެނދުން ތެދުވިއެވެ. މިރޭ ހަމަ އެއްގޮތަކަށްވެސް ނިދި އަންނަ ގޮތެއް ނުވިއެވެ. ކުޑަކޮށް ހުޅުވިފައިވާ ކުޑަދޮރު އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތުގައެވެ. ކުޑަދޮރު ލައްޕާލުމަށް އެތާކައިރިއަށް ޖެހިލި ކައިރާ ބޮޑަށް ދޮރު ހުޅުވާލީ ބޭރު ބަލާލުމަށެވެ. ޖެހެމުންދިޔަ މަޑު ފިނި ވައިރޯޅި ގައިގައި ބީހިލުމާއެކު އޭނާއަށް ދެލޯ މަރާލެވުނެވެ. ލޯ ހުޅުވާލުމުން އޭނާއަށް އުޑުގައު ޝާއްބަކަމާއެކު ރަސްކަން ކުރަމުންދިޔަ ހަނދަށް ބަލާލެވުނެވެ. އެއާއެކު ބޭއިޚްތިޔާރުގައި އޭނާއަށް ހިނިތުންވެލެވުނީ ކުޑައިރުގެ ހަނދާންތައް އާވުމުންނެވެ.
” އަޔާން.”
ކައިރާގެ ތުންފަތް ހަރަކާތްކުރިއިރު މަޑު ތުރުތުރުލުމެއް ވެސްވިއެެވެ. އެއާއެކު އޭނާގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. އަނެއްކާވެސް ލޯ މަރައިލީ ކުޑައިރުގެ އެހަނދާންތަކަށް ފީނައިގަތުމަށް ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ.

އެއީ މީގެ އެގާރަ ވަރަކަށް އަހަރު ކުރިއެވެ. ކޮންމެ ރެއަކު އީޝާ ނަމާދުން އަވަދިވުމަށްފަހު ކައިރާ އޭނާގެ ބައްޕަ އަފީފްއާއެކު އަޔާންމެންގެ ގެއަށްދެއެވެ. ރޭގަނޑުގެ އެވަގުތުގައި އެގޭގައި ތާސްކުޅުން އޮވެއެވެ. ހަރު އުމުރުފުރައިގެ ފިރިހެނުން ފޯރިއާއެކު އެކުޅިވަރު ކުޅެމުންދާއިރު އަފީފްވެސް ހިތްހަމަ ޖައްސާލުމަށް އޭނާގެ އެކުވެރިންނާއެކު އެވަގުތު ހޭދަކުރެއެވެ. ކައިރާ ގޮވައިގެންދަނީ އޭނާ އެކަމަށް އެދޭވަރުންނެވެ.
އާދައިގެ މަތިން އެރޭވެސް ބައްޕަމެން ތާސްކުޅެން ފެށުމުން ކައިރާއާއި އަޔާން ގޭ ގޯތިތެރެއަށް ނުކުމެ ތިއްބެވެ. ފުރިހަމަ ހަނދުވަރެއް ދީފައި އޮތް އެރޭގެ ހަަމަހިމޭކަން ނެނގިގެންދަނީ އިރުއިރުކޮޅާ އިވޭ ކާޅެއްގެ ގޮވުމުގެ އަޑުންނެވެ. މިއަޑު މާގިނައިން އިވެން ފެށުމުން ކައިރާ ބިރު ގަންނަ ގޮތްވިއެވެ.
“(ކީއްވެ ކާޅު މާވަރަކަށް އެގޮވަނީ؟)” ކައިރާ އަތުން ހަރަކާތްކުރަމުން އަޔާންއަށް ބަލާލިއެވެ.
” ހޫމް. ކާޅުދޯ. ކައިރާއަށް އެނގޭތަ؟ ކާޅު އެގޮތަށް ގޮވާނީ ރަށުތެރެ ވަރަށް ވަރަށް ބޮޑަށް ނަމާންވީމަ. މިރޭ ޖިންނިތައް މާގިނައިން އެއުޅެނީ. ކަނޑުންވެސް އަރާނެ ފުރޭތަ ކަހަލަ އެއްޗެހި. ދެން ކޮންމެވެސް ބިރުވެރިކަމެއް ދިމާވާނެ މިރޭ”
ކައިރާ ބިރުން ހުރިގޮތް ފެނުމުން އަޔާން ބޭނުންވީ އިތުރަށް އޭނާ ބިރުގަންނަވާލާށެވެ. އަނދިރީގެ ތެރޭގައި ތަންކޮޅެއް ދުރުގައި ހުރި ދިގު ގަހެއްގައި އިން ކާޅެއް ގޮވައިލީ އެވަގުތުގައެވެ. ހަނދުވަރުގެ އަލި ކޮންމެވެސް ވަރަކަށް އެޅިފައިވުމުން އެގަހުގެ ގޮފިތައް ފެންނަނީ ނިކަން ބިރުވެރިކޮށެވެ. ބިރުން ހުރެ ލޮލުން ކަރުނަ ހިލޭ ހާލު ކައިރާ އަޔާންގެ އަތުގައި ބާރަކަށް ހިފައިލަމުން އެތެރެއަށް ވަނުމަށް އެދުނެވެ.

” ސާބަސް ކައިރާއަށް. އެއްނޫނޭ ވާގޮތަކީ. ބަލާބަލަ އެހެރެ ހަނދަށް. ފެނޭތަ؟ ބޮޑެއްނު ދޯ ވަރަށް. މީހުން ބުނާނެ ހަނދު ބޮޑުވާ ރޭތަކުގަ ކާޅު ގޮވާނެޔޯ. އެހެންވެ ކަންނޭނގެ އެގޮވަނީ. ކައިރާއަށް އެނގޭތަ؟ އެހަނދު ހީވަނީ ހަމަ ކައިރާހެން. ކައިރާގެ މޫނު ގޮތަށް ވަށްކޮށެއްނު އެހެރީ. ހެހެހެ. އައި ލައިކް ފުލް މޫން….”
އެއްއަތުން ކައިރާގެ އަތުގައި ހިފައިގެން އަނެއް އަތުން ހަނދާއި ދިމާލަށް އިނގިލި ދިއްކުރަމުން އަޔާން ވާހަކަ ދައްކަމުން ދިޔައެވެ. ކައިރާގެ ހިތު ތެރޭގައިވި ބިރުވެރިކަން ފިލައިގެން ދިޔައީ އަޔާން ދެން ދައްކަންފެށި މަޖާ ވާހަކަތަކުންނެވެ.

ލޯ ހުޅުވާލެވުމާއެކު ކައިރާއަށް އެހަނދާންތަކާ ދުރަށް ދެވުނެވެ. ދިރިއުޅުމާއިމެދު ވިސްނާލެވުނީ އެހެން ހުއްޓައެވެ. އޭލެވެލްއާ ހަމަޔަށް ކިޔަވައިފައިވާއިރު ދެން އިތުރަށް ކިޔަވާނީ މާލެ ބަދަލުވުމަށްފަހުގައި ކަމަށް ފަރީދާ ބުނެފައިވެއެވެ. ސިއްޚީ ދާއިރާގެ ވަޒީފާއެއް އަދާކުރުމަކީ ކައިރާ އެންމެ ބޭނުންވާގޮތެވެ. ޚާއްސަކޮށް ނަރުހަކަށްވެ ޤައުމަށް ޚިދުމަތް ކުރުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ. ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެހުވަފެން ވިއްސިވިހާލެވިގެން ހިނގައިދާނެކަމުގެ ބިރު އޭނާގެ ހިތުގައި އަށަގަނެފައި އޮވެއެވެ.
އަޔާންއާ ވަކިވުމަށްފަހު ކައިރާގެ އެންމެ ގާތް އެކުވެރިއަކަށް ވެގެން ދިޔައީ އީނާއެވެ. އެންމެ ފަހުން އޭނާއަށް އަޔާން ފެނުނީ މީގެ 5 ވަރަކަށް އަހަރު ކުރިންނެވެ. އެއީ އަޔާން ޗުއްޓީއަކަށް ރަށަށްއައި ފަހަރުގައެވެ. އޭރުއްސުރެ އޭނާގެ ހިތުން އަޔާންއަށްވަނީ ޚާއްސަ މަޤާމެއްދީފައެވެ. އެނޫން މީހަކު ހަޔާތަށް ގެންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. އަބަދުވެސް އަޔާންގެ ހަނދާންތަކުން އޭނާ ވަށާލެވިފައިވެއެވެ. ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން އެދަނީ އަޔާންއާ ބައްދަލުވާނެ ދުވަހަކަށެވެ.

” އަހަރެން އަޔާންދެކޭ ވާލޯބި އަޔާންއަށް އެނގޭނަމަ އައި ނޯ ޔޫ ވިލް ނެވާ ސޭ ނޯ ޓޫ މީ.”

ކައިރާ ހިތާހިތުން ކިޔާލިއެވެ. އޭނާ އަޔާންއާމެދު އެއްވެސް ޝައްކެއް ނުކުރެއެވެ. އަޔާން އޭނާ ޤަބޫލުކުރާނެ ކަމުގެ ޔަޤީންކަން އެހިތުގައި އޮވެއެވެ. ނަމަވެސް ތަޤުދީރުގައި އެކަން އެގޮތަށް ހަމަޖެހިފައި އޮންނާނެ ހެއްޔެވެ؟
ކުޑަދޮރު ލައްޕާލުމަށް އަވަސްވެގަތް ވަގުތު އެންމެ ފަހުފަހަރަށް އޭނާ ހަނދާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް އެ ފުރިހަމަ ހަނދެއް މިހާރު ފެންނާކަށް ނެތެވެ. ކަޅު ބޯ ވިލާތައް އެކީ އެކައްޗަކަށްވެ ހަނދު އޭގެ ފަހަތުގައި މަޑުމަޑުން ފަރުދާވަމުން ދިޔައެވެ. އެބަނަ ވިލާތަކުގެ ނިވަލުގައި ހަނދުގެ ބަކީ ފެންނަން ހުރި ފަޅިވެސް ފޮރުވައިލީ ކައިރާ ބަލަން ހުއްޓައެވެ. އަނެއްކާ އޭނާގެ ދިރިއުޅުމަށްވެސް ވާނީ އެކަހަލަ ގޮތެއް ހެއްޔެވެ؟ އުއްމީދު ކުރަމުން އަންނަ އުފާވެރި ދިރިއުޅުން ނުލިބި، ވޭނާއި ހިތާމަތަކާއި ހިތްދަތިކަމުގެ ނިވަލަށް އެދިރިއުޅުން ވަންނާނެ ހެއްޔެވެ؟
***** *****

ފުރަމެންދަމުގެ ވަގުތުކަމުން ބަގީޗާގެ މާމެލާމެލި މޯޅިވެފައިވީ ނަމަވެސް އެމާތަކުގެ މީރުވަސް ކޮންމެސް ވަރަކަށް އެތަނުގައި ހަރުލާފައި ހުއްޓެވެ. ހަނދުވަރުގެ އަލިކަން ފިޔަވައި އިތުރު އަލިކަމެއްނުވާ އެފަޅު ބަގީޗާގެ ތެރެއިން އިރުއިރުކޮޅާ ދޫނިތަކާއި ފަނިފަކުސާތަކުގެ އަޑު އިވިލައެވެ. އެތަނަށް އިތުރު ހަލަބޮލިކަމެއް ގެނުވީ ބަގީޗާ ތެރެއަށް ވަދެގެންއައި ޒުވާން އަންހެންކުއްޖާގެ ފިޔަވަޅުތަކުގެ އަޑުންނެވެ. އެއް ދިމާލަކަށް ހުއްޓި އަތުގައިވާ ފޯނުގެ ގަޑިއަށް ބަލަބަލާ ހުރީ އިންތިޒާރުގެ ވަގުތުތައް ގުނާ ފަދައިންނެވެ. މާހައުލުގެ ނާޒުކު ކަމާއި ވަށައިގެންވި އަނދިރިކަމާއި ފަޅުކަމަކަށް އޭނާގެ ފަރުވާލެއް ނެތެވެ. ލައިގެން ހުރި ބޮޑު ރަތް ކުލައިގެ ހެދުމުގެ މެދުބައި ރިބަން ފަށަކުން ވަށާލެވިފައިވެއެވެ. ކުދި ރޫތަކެއް އެތަނުން ނެނގިފައިވާއިރު ހެދުން ޒީނަތްތެރި ކުރެވިފައިވަނީ ރިހި ކުލައިގެ އެސްތަކުންނެވެ. އިސްތަށިގަނޑުގައި ކަންފަތާއި ވާ ދިމާލުގައި ރަތް ކުލައިގެ ކުޑަ ފިނިފެން މަލެއް ހަރުކުރެވިފައިވާއިރު، އަތުގައިވެސް ބޮޑު ރަތް ފިނިފެންމަލެއް އޮތެވެ.

އެބަގީޗާ ތެރެއަށް ވަދެގެންއައި ޒުވާން ފިރިހެން ކުއްޖާ އެ އަންހެން ކުއްޖާ ކައިރިއަށް އައިސް ހުއްޓިލިއެވެ.
” ކީއްވެ މިގަޑީގަ މިތަނަށް އަންނަން ބުނީ؟ ދެންމެ ވިއްޔަ ސެރެމޮނީ އެނިމުނީ”
ކަޅު ކުލައިގެ ކޯޓު ފަޓުލޫނު ލައިގެން ހުރި ޒުވާނާ މާހައުލަށް ބަލާލަމުން އަހައިލިއެވެ. އެމީހުން ލައިގެން ތިބި ހެދުމުން އެއަންނަނީ ޚާއްސަ ހަފްލާއަކުންކަން އެނގޭހާވެއެވެ.
” މިތަން ސަޅިއެއް ނޫންތަ؟ ކިހާ ޕީސްފުޅް.” ކުރިޔަށް ޖެހިލަމުން އެއަންހެންކުއްޖާ ވާހަކަ ދެއްކިއެވެ.

” އައި ލަވް ޔޫ. ޔާން.”
ކަކޫ މައްޗަށް ތިރިވެ އިނދެ އަތުގައި އޮތް ފިނިފެންމާ ދިއްކޮށްލަމުން ފުޅާ ހިނިތުންވުމަކާއެކު އޭނާ ބުނެލިއެވެ.
” އައި ލަވް ޔޫ ޓޫ. އެލީޝާ ރަމީޒް.” ފިނިފެންމަލުގައި ހިފާލަމުން އެފިރިހެން ކުއްޖާ ބުނެލިއެވެ.
” މިހެންވެގެންތަ މަމިތަނަށް ގެނައީ؟.” ހިނިތުންވެލަމުން އޭނާ އަހާލިއެވެ.
” ޔެސް..ދެން ….” އެއްމިޔަކަނުން ހީލަމުން އެލީޝާ އެޒުވާނާގެ އަތުގައި ހިފާލަމުން ގާތަށް ޖެހިލިއެވެ.
****** *****
” އެލީޝާ. ކޮންތާކު އުޅެފަ.؟”
ދޮރުހުޅުވައިގެން ހުރެ ތާނިޔާ އެލީޝާއަށް ބަލައިލިއެވެ. އިސްތަށިގަނޑު ހޭވިފައިވާއިރު މީހާގެ ތާޒާކަން މުޅިންހެންވަނީ ގެއްލިފައެވެ.
” ތާނީ. ދެން މަ ވަންނަން ތަން ދައްކަބަލަ. އެބަހުއްޓޭ އަދި ދޮރު މަތީގަ.”
ތާނިޔާ ފަހަތަށް ކޮށްޕާލަމުން އެލީޝާ އެތެރެއަށް ވަދެ ސޯފާގައި އިށީނދެލިއެވެ.
” އަހަރެން އޭރުވެސް ބުނީމެއްނު ޔާން ލިބޭނީ އަހަންނަށޭ. ހީ ލަވްސް މީ. އެއްކަލަ ގާޑެންގަ ޔާންއާ އެއްކޮށް ޓައިމް ސްޕެންޑްކޮށްފައޭ މިއައީ.” އެލީޝާ ފަޚުރުވެރިލާފައި ވާހަކަދެއްކިއެވެ.
” ޓައިމް ސްޕެންޑްކޮށްފައޭ؟ އެލީއަށް އެނގޭތަ މިހާރު ގަޑިންވީ ކިހާ އިރެއްކަން؟ އެއޮށް ހެނދުނު ނުވައެއް ޖެހީ. އާސިފައްތަ ވަރަށް ގުޅި. އެލީ ފޯނު ނުނަގައޯ. ތާނި ބުނިން ކޮލެޖްގެ އަހަރީ ޖަލްސާއަށޯ ދިޔައީ. އަދި ގެއަކަށް ނާދެއޭ. އެކަމް މިހާރު ޖަލްސާވެސް ނިމިއްޖެޔޭ” އެލީޝާގާތު އިށީންނަމުން ތާނިޔާ ވާހަކަދެއްކިއެވެ.

” ޑޭމިޓް.. މަންމަ ހާދަ ވަރަކަށޭ ގުޅާފަ މިއޮތީ. ޝީ ކާންޓް ޖަސްޓް ލީވް މީ އެލޯން. އެންޑް ޔޫ މިސިސް ތާނިޔާ. ކީއްވެ ނުބުނީ ގޭގައޭ ހުރީ. އޭރުން ހާސްވެގެން އެމީހުން ނުތެޅޭނެއެއްނު.”

އެލީޝާ ފޯނުގަ ހުރި މިސްޑް ކޯލްސްތަކަށް ބަލަމުން ވާހަކަދެއްކިއެވެ. ތާނިޔާ ތެދު ހާމަކުރީތީ އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ.
” އެލީ ބުނަން. ދޮގު ހެދުން އިޓްސް ނޮޓް މައި ޓައިޕް. އުޅޭނެތާކު އުޅޭނެ ގޮތަކަށް އުޅޭއިރު އެލީއަށް ނުވިސްނެނީތަ އެއީ ރަނގަޅުކަމެއް ނޫންކަން. އާސިފައްތަމެން މެލޭޝިޔާއަށް އެލީ ފޮނުވީ މިހެން އުޅޭތަން ދެކޭކަށް ނޫންދޯ” ތާނިޔާ އެލީޝާގެ އުޅުން ހުންނަ ގޮތާއިމެދު ނުރުހުނެވެ. ތާނިޔާއަކީ މެލޭޝިޔާގައި ދިރިއުޅެމުންދާ އެލީޝާގެ ތިމާގެ ކުއްޖެކެވެ. ގާތްގަނޑަކަށް އެއް އުމުރެއްކަމުން ދެމީހުންގެ ދެމެދުގަ ބޮޑަށް އޮންނަނީ ގާތް އެކުވެރިކަމުގެ ގުޅުމެވެ.
“ހެވޭ ދެން.” އެލީޝާ ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ.
**** *****
” މާޝާﷲ. ޔޫ ލުކް ބިއުޓިފުލް ކައިރާ”
ކަޅު ދޫ ހެދުމާއި އަދި ކަޅު ބުރުގަލެއް އަޅައިގެން ހުރި ކައިރާއަށް ބަލާލަމުން އީނާ ބުނެލިއެވެ.
” އައި ވިލް މިސްޔޫ އަ ލޮޓް. ދެން ހަމަ އެއްކޮށް ދަނީތަ؟ އަސްލުކޮށްވެސް ބުރުގާ އެޅީ؟ ދިގު ހެދުންތަ ދެން ލާނީވެސް؟” އީނާ ގޮސް ކައިރާގެ ގައިގައި ކުޑަކޮށް ބައްދާލުމަށްފަހު ސުވާލުކުރަން ފެށިއެވެ.

” އަހަރެމެންނަކީ މުސްލިމުން. މުސްލިމުން އުޅެންވާނީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން. އަންހެން ކުދިން ޢައުރަ ނިވާކުރުމަކީ ދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް. އީނާވެސް ދެން ރަނގަޅުވާނީ ބުރުގާ އަޅައި އައުރަ ނިވާކޮށްލީމަ. ބުރުގަލެއް އެކަނި އެޅީމަ އެނިމުނީކީނޫން. ދައްތައަށް ކަމަކުނުދޭ މިހާރު ބުރުގާ އަޅައިގެން ތިބޭ ބައެއް ކުދިން ހެދުން އަޅާގޮތް. ބުރުގާ އަޅައިގެންވެސް ގަޔަށް ބާރުކޮށް ވަނާތައް ހާމަވާނެހެން ހެދުން އެޅުމަކީ ރަނގަޅުގޮތެއް ނޫން. ”

އީނާގެ ބުރަކަށީގައި ފިރުމާލަމުން ފަރީދާ ވާހަކަދެއްކިއެވެ.
” އޭތް ފަރީދާ. ބުނެވެސްނުލާ މާލެ ފުރައިގެން ދަނީތަ؟” ބަނދަރުމަތީގައި ފުރަން ތައްޔާރުވެގެން ތިބި ފަރީދާމެންނާއި ދިމާލަށް އަންނަމުން ޚަދީޖާ އަހާލިއެވެ.
” އާން. ޑޮކްޓަރަށް ދައްކަންވެގެން ދާން އުޅޭތާ ކޮން ދުވަހެއް. އަދި މަގޭ ކުޑަހުޅުގެ ހުޅުގެ އޮޕަރޭޝަންވެސް ކުރަންޖެހޭ. އެހެންވެ މިދަނީ. ދެން އެހެން ނޫނަސް ކައިރާ ދެން އުޅެން ޖެހެނީ ރަމީޒްގާތު. އަހަންނަކީ އަދުތޯ މާދަންތޯ ވެފަ ހުރި މީހެއް. ” ޚަދީޖާއަށް ބަލާލަމުން ފަރީދާ ވާހަކަ ދެއްކިއެވެ.
” އެމަންޖެގެ މަންމަ ޚަބަރެއް ނުވޭތަ؟ އަޑުއެހިން ވާހަކައެއް. އޭނާގެ ދަރިއެއް ހުރެއެއްނު ފިރިހެން ދަރިއެއް. އެކުއްޖާ މިރަށަށް އައިސް އުޅުނޯ މިދޭތެރެއަކުން ޢީދުގަ. ނޭނގޭތަ އެކަމެއް.؟” ޚަދީޖާ އެވާހަކަތައް ދައްކަމުން ދިޔައީ އޭނާ ހިތުން ނިކަން ސިއްރުންނެވެ.
” އަހަންނަކަށް ނޭނގެ. އެނގޭކަށް ބޭނުމެއްވެސް ނޫން.” އެވާހަކައަކީ ފަރީދާ މާގަޔާވި ވާހަކައެއް ކަމުގައި ނުވިއެވެ.
އެންމެންނާ ވަދާޢީ ސަލާމްކުރުމަށްފަހު ފަރީދާއާއި ކައިރާއާއި ދެމީހުން ލޯންޗަށް އެރިއެވެ. އަމާން ދަތުރަކަށްފަހު މަންޒިލަށް ވާސިލްވީ ޢަސުރުވަގުތުވީ ފަހުންނެވެ.
***** *****ދޮރުގައި ބެލް ޖަހާލި އަޑު އިވިގެން ބަދިގެ ތެރޭގައި ހުރި އާސިފާ ގޮސް ނިކަން އަވަހަށް ދޮރު ހުޅުވާލިއެވެ.
“އަނހަ. މަންމާ ވަދޭ ވަދޭ.”
ފަރީދާއަށް ބަލާލަމުން އާސިފާ ހިނިތުންވެލިއެވެ. އާސިފާއަކީ ފަރީދާގެ ދަރިފުޅު ރަމީޒްގެ އަންހެނުންނެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Alsham

Level 110 Stories

Other Articles

Previous

ޔާރާ ފެނުނީމާ 2

Next

!މިއީ ދުނިޔެއޭ

Next
February 24, 2022

!މިއީ ދުނިޔެއޭ

Previews
February 24, 2022

ޔާރާ ފެނުނީމާ 2



All Right Reserved!