ނޫރޭ ތިއީ މިހިތް އެދޭ ( ދެވަނަ ބައި )
ކާރު ދިޔަ ގޮތަށް ގޮސް ހުއްޓާލީ ބްލެކް ރޯސް ޕްރައިވެޓް ސުކޫލްގެ ގޭޓް ކުރިމައްޗަށެވެ.
********
” ދަރިފުޅާ މުދައްރިސުންގެ ބަސްއަހާތި އިނގޭ. ބައްޕަ މިދަނީ. ސްކޫލް ނިމޭ ގަޑިއަށް ޑުރައިވަރު ޞާދިޤު ފޮނުވާނަން ދަރިފުޅު ބަލާ. “ ރައިނާ ކާރުން ފޭބުމުން، ޒާހިދު ކާރު ދުއްވާލަމުން ބުނެލި އެވެ. ހިނިތުން ވެލާފާ ރައިނާ ބޯޖަހާލިއެވެ.
މަޑުމައިތިރި ހިނގުމެއްގާ ގޭޓުން އެތެރެއަށް ވަދެގެން އައި ރައިނާ ސިއްސައިގެން ދިޔައީ ފަހަތުން އައިސް ކުއްޖަކު އޭނާގެ ކަނާއަތުގާ އޮޅުލައި ގަތުމުންނެވެ. ” ސަޕްރައިސް!!! “
” ރަޝް… ތީ ހަމަ ރަޝް ތަ؟ ހުވަފެނެއް ނޫންދޯ މީކީ؟ “ 3 އަހަރު ފަހުން ރައިނާއަށް އޭނާގެ އެންމެ ގާތް އެކުވެރިޔާ، ރަޝްކާ ފެނުމުން ރައިނާ ހުރީ އުފަލުން ގޮސް މޮޔަވާ ވަރު ވެފައެވެ. ” ހުމްމް… ސާބަސް، ދެން މާ ޑްރަމެޓިކް ނުވެ ބަލަ. “ ހެމުން ހެމުން ރަޝްކާ ބުނެލިއެވެ. ” ރައީއަށް އެނގޭތަ އައި މިސްޑް ޔޫ ސޯ މަޗް…. މިފަހަރު ބްރޯ ވެސް އައޭ… އަމް ސޯ ހެޕީ….. މިއަދު ހަވީރު އަޅުގަނޑުމެން ގެއަށް އަންނާއްޗޭ… އައި ހޭވް އަ ގިފްޓް ފޯޔޫ… “ ރަޝްކާ ހުރިހާ އެއްޗެއް އެއް ފައްޗަކަށް އަމުނާލި ގޮތުން ރައިނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ”އޭތް އޭތް… ތި ނޭވާއެއް ލާބަލަ. ތިހާވަރު ނުވިއަސް ދާނަމޭ…. “ ހުނުން ހުއްޓާލުމަށް ފަހު ކުލާހަށް ދާން ހިނގައި ގަންނަމުން ރައިނާ ބުނެލިއެވެ.
ކުލާސް ރޫމްތައް ހުރި އިމާރާތާ ދިމާއަށް ހިނގަމުންދިޔަ ރައިނާއާއި ރަޝްކާއާއި ދިމާއަށް ނުބަލާ ހަމަ އެކަކު ވެސް ނެތެވެ. ވާނީ ވެސް އެހެންތާއެވެ. އެ ދެކުދިން ހީވަނީ ދުނިޔޭގައި ވަނިއްޔާ ވާހާ ރީތިކަމެއް ހުސްކޮށްގެން ތިބި ދެ ޙޫރުލްޢީނުން ހެންނެވެ.
އުމުރުގެ ގޮތުން ރައިނާއަށް ވުރެ 1 އަހަރު ހަގަކަސް، ގުދުރަތުން ރަޝްކާއަށް ދެއްވަވާފައި ވަނީ ރައިނާއާއި ވާދަކޮއްލެވޭނެ ފަދަ ރީތިކަމެކެވެ. ހަންގަނޑު ދޮން ލޫޅާފަތި ހަށިގަނޑެކެވެ. ބައްޓަން ރީތި މޫނަކާއި ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. އަޅި ކުލައިގެ ބޮޑު ދެލޮލާ، ކަޅުކަން ގަދަ ދިގު އެސްފިޔަ ތަކެކެވެ. އަދި ގުދުރަތީ މުށި ކުލައިގެ ކޮނޑާ ހަމައަށް އަރާ ބުޅި އިސްތަށިގަނޑެކެވެ.
ހިނގަމުން ގޮސް ރައިނާއާއި ރަޝްކާ ވަކިވީ ރަޝްކާގެ ކުލާސް ރޫމް ދޮރުމަތިންނެވެ. ރައިނާ ވެސް ހިނގާފައި ގޮސް ވަނީ އޭނާގެ ކުލާހަށެވެ.
*******
ސްކޫލަށް ދިޔުމުގެ ކުރިން ނިންމާލަން ޖެހޭ ބައެއް ލިޔުންތައް ހުރުމުން ރަޔާން ހިނގާފާ ދިޔަގޮތައް ގޮސް ވަނީ ބްލެކް ރޯސް ޕްރައިވެޓް ސުކޫލްގެ ޓީޗަރުންގެ އޮފީހަށެވެ. ” އައްސަލާމް އަލައިކުމް. “އޮފީހުގެ ދޮރު ހުޅުވާލާފައި ރަޔާން ސަލާމް ގޮވާލިއެވެ. ”ވަޢަލައިކުމުއް ސަލާމް! “ހުރިހާ ޓީޗަރުން އެއްފަހަރާ ކަހަލަ ގޮތަކަށް ސަލާމް ބަލައިގަތެވެ. ހުރިހާ ޓީޗަރުންގެ ތެރެއިން ތަންކޮޅެއް ދުރުގައި އިން ބުރުގާ އަޅާފާ ހުރި އަންހެން ޓީޗަރެއް ރަޔާންއައް ހަނާ އަޅާލިއެވެ. ރަޔާން އެ ޓީޗަރުގެ ކައިރިއަށް ދިޔައެވެ. ” އަހްމަދު ރަޔާން ތަ ކިޔަނީ ؟ “ ޓީޗަރު ރަޔާންއަށް ރީތި ހިނިތުންވުމެއް ހަދިޔާ ކުރަމުން އަހާލިއެވެ. ” ލައްބަ. “ ރައްދުގައި ހިނިތުންވެލަމުން ރަޔާން ބުނެލިއެވެ. ”މީ ރަޔާންގެ ކުލާސް ޓީޗަރު ލައިޝާ އިނގޭ. އަން… މި ފޯމްތައް އަވަހަށް ފުރިހަމަ ކޮށްލާ. އޯކޭ. އެހެންވީމާ މާދަމާ އިންފެށިގެން ސްކޫލަށް ހާޒިރުވާން ވާނެ އިނގޭ. “ ރަޔާން އަތަށް ފޯމް ތަކެއް ދެމުން ލައިޝާ ބުންޏެވެ. އެތާގައި ފުރިހަމަ ކުރަން ހުރި މަސައްކަތްތައް ފުރިހަމަ ކުރުމުން ރަޔާންގެ ކުލާސް ޓީޗަރު ލައިޝާ ، އޭނާއަށް ސުކޫލް ތެރެ ބަލާލުމުގެ ހުއްދަ ދިނެވެ.
ރަޔާން ދިޔައީ މަޑުމަޑުން ސުކޫލްގެ އެކި ތަންތަން ބަލަމުންނެވެ. ކުއްލިއަކަށް ރަޔާންއަށް މަޖުބޫރުވީ ހުރި ފިޔަވަޅު މަތީ ހުރުމަށެވެ. ހީވީ ނޭނގޭ ބާރަކުން އޭނާ ހިފެހެއްޓި ހެންނެވެ. އޭނާއަށް އިވެމުން ދިޔައީ އަންހެންވަންތަ އަޑަކުން ކީރިތި ޤުރުއާނުގެ ކީރިތި މޫރިތި އާޔަތްތައް ރިވެތި ރާގަކަށް ކިޔަވަމުން ދިޔަ އަޑެވެ.
ޤުރުއާން ކިޔަވަމުންދާ ކުއްޖާ ދެކެލުމަށްޓަކައި އެތާނގައި ހުރި ކުޑަ ދޮރުން އެތެރެއަށް ރަޔާން އޭނާގެ ނަޒަރު އެތެރެއަށް ހިންގާލިއެވެ. ރަޔާންއަށް ހިތާ ހިތުން ބުނެވުނެވެ. މާތް ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ. އިވެމުން ދިޔަ ރާގާއި އެއްވަރަށް ކުއްޖާވެސް އެހާ ރީއްޗެވެ. އެކުއްޖާ ކިޔަވާ ނިމެންދެން ރަޔާން އެކުއްޖާއާއި ދިމާއަށް ބަލަން ހުއްޓެވެ. އެހެން މީހަކަށް ނުފެންނާނެހެންނެވެ. އެ ކުޑަ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި ރަޔާންއަށް އެއް ކަމެއް ޔަގީން ވެއްޖެއެވެ. އެއީ އެ އަންހެން ކުއްޖާ އޭނާގެ ހިތުން ޖާގައެއް ހޯދައިފިކަމެވެ.
********
އާދައިގެ މަތިން ކުލާސްތައް ނިމިގެން ގޮސް ގަޑިނިމޭ ރަނގަބީލު ޖަހައިފިއެވެ. ރައިނާ އޭނާގެ ދަބަހަށް ފޮތްތައް އަޅަން އަވަސްވެގަތީ އަވަހަށް ކުލާހުން ނިކުންނާށެވެ. އޭރު ރަޝްކާ ކުލާސް ރޫމް ދޮރު ކުރިމަތީގާ ކުދި ކިޔާލަ ކިޔާލަ ހުއްޓެވެ. ” މީ ތަތް މީހެއް އިނގޭ… ތި އަވަސްކޮށް ބަލަ. “ ލަސްވެގެން ރަޝްކާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ” ހޫން ދެން މި ނިމުނީއޭ… ކެތްތެރި ކަމެއް ނެތް މީހެއް އެނގޭމީ. “ ދަބަސް ހިފައިގެން ދުވެފައި އައިސް ރައިނާ ބުންޏެވެ. ” އެކަމެއް ނޭނގެ.. ހީވަނީ ފިނިހަކައެއް މަސައްކަތް ކުރާހެން. އެހާ ވެސް ލަސް. “ ރަޝްކާ ރައިނާއަށް ދިމާކޮށްލިއެވެ. ” ދެން ހެޔޮ. ކިޔާނެ އެއްޗެއް ކިޔާ.. “ ރައިނާ ހިނގައި ގަންނަމުން ބުންޏެވެ.
ރައިނާ ގެއަށް އައިސް އަވަހަށް ފެންވަރާލާ މެންދުރު ނަމާދު ކޮށްލިއެވެ. އަދި ތިރިޔަށް ފޭބީ މަންމަ ކޮބާތޯ ބަލާލުމަށެވެ. ” މަންމާ! “ ”ލައްބަ ދަރިފުޅާ… އަވަހަށް އާދޭ ކާން. މިހާރު ހުންނާނީ ބަނޑުހައި ވެފައެއްނު… “ ރައިނާ ކާގެއަށް ވަންތަން ފެނުމުން ރަޒިއްޔާ ރައިނާގެ ކައިރީ ކާން އިށީނުމަށް ބުންޏެވެ.
” މަންމާ. އޯކޭތަ މިއަދު ހަވީރު އަޅުގަނޑު ރަޝްކާމެން ގެއަށް ދިޔަޔަސް.. “ ރައިނާ ކާންއިނދެފާ އޭނާގެ މަންމަ ގާތު ރަޝްކާ ކައިރިއަށް ދާން ހުއްދައަށްއެދުނެވެ. ” ރަޝްކާމެން ރާއްޖެ އައީ ތަ؟ އެހެންވިއްޔާ މަންމަ ވެސް ދަރިފުޅާއެކު ދާނަން. ރަޝްކާގެ މަންމައާއި ވާހަކަ ދައްކާ ނުލެވޭތާ ވެސް ހާދަ ދުވަސް ވެއްޖެޔޭ.. މިއަދު ހަވީރު ކޮންމެހެން ވެސް ވާނެ އެގެއަށް ދާން… “ ރަޒިއްޔާ އޭނާގެ ދަރިފުޅުގެ ބޮލުގައި ލޯބިން ފިރުމާލަމުން ބުންޏެވެ.
ގަޑިން ބަރާބަރު 3:45 ވީއެވެ. ރައިނާ ހުރީ އޭނާގެ ކޮޓަރީގާ ހުންނަ އޭނާގެ އިސްކޮޅާ އެއްވަރު ލޯގަނޑު ކުރިމަތީގައެވެ. އޭނާ ލައިގެން ހުރީ ކަނޑު ނޫކުލައިގެ ކަކުލާއި ހަމައަށް އަންނަ އަތްދިގު ވައްތިރި ހެދުމަކާއި ހުދުކުލައިގެ ޓައިޓެކެވެ. ހެދުމުގެ މޭމަތި ވަނީ ރިހިކުލައިގެ އެސް ތަކަކުން ޖަރީކޮށްފައެވެ. އޭނާގެ ކަކުލާއި ހަމައަށް އަންނަ ކަޅުފޮއެ ރޭގަނޑެއްފަދަ އިސްތަށިގަނޑު ވަނީ މިނިވަންކަމާއި އެކު ދޫކޮށްލާފައިއެވެ. މޭކަޕެއްގެ އެއްވެސް ނިޝާނެއް ނުވާ އެ މޫނު މޭކަޕަކާ ނުލާ ވެސް ވަރަށް ވެސް ފުރިހަމައެވެ. ” ދަރިފުޅާ ރައީ…. އަވަހަށް އާދޭ ދާން. “ ރަޒިއްޔާގެ އަޑަށް އަވަހަށް ރައިނާ އޭނާގެ ރިހި ކުލައިގެ އަތް ދަބަސް ކޮނޑުގައި އަޅުވާލައިގެން ނުކުތެވެ.
ރައިނާ މެންގެ ފެމެލީ ވޮލްވޯ ކާރު ގޮސް ހުއްޓާލީ ” ކްރިސްޓަލް “ ގޭގެ ގޭޓް ކުރިމައްޗަށެވެ. ބޭރުގާ ހުރި ސެކްރެޓަރީ ގާޑު ގޭޓް ހުޅުވާ ދިނުމުން ކާރު ގޭޓް ތެރެއިން ލާފައި ގޮސް ގޭގެ ދޮރުމައްޗަށް ހުއްޓާލިއިރު ރަޝްކާ ހުރީ އެމީހުންގެ އިންތިޒާރުގައިއެވެ. ”ރައީ ދޭ ރަޝް އާއި އެކު އެތެރެއަށް. މަންމަ އެބަ އަންނަން ކާރު ޕާކު ކޮށްފައި. “ ކާރު ދުއްވާލަމުން ރަޒިއްޔާ ބުންޏެވެ. ރައިނާއަށް ކާރުން ފޭބުނުކަމެއް ނޭނގެ ރަޝްކާ ރައިނާގެ އަތުގާ ހިފައިގެން ގޮސް ގޭތެރެއަށް ވައްދައިފިއެވެ.
ސިޓިންރޫމް ސޯފާގާ ފޮތެއް ކިޔަން އިން ރަޔާންއަށް ކުއްލި ސިހުމެއް ލިބުނީ އޭނާގެ ކަންފަތުގައި ޖެހުނު އަޑަކުންނެވެ. ހަމަ އެ ސިކުންތުގައި ގޭގެ ބޮޑު ދޮރާ ދިމާއަށް ރަޔާންއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައިއެވެ. އޭނާއަށް އިތުރު ސިހުމެއް ލިބުނީ އޭނާގެ ކޮއްކޮއާއި އެކު ވަދެގެން އައި ޙޫރުޕަރީ ފެނިފައިއެވެ.
= ނުނިމޭ =
2 Comments!
Comments are closed.


Hey guys this is the 2nd part of the story.. Hope you like it ❤️?❤️☺️
Story up koh dhevunu leh lasviithii vrh bodah sryy