ކޮޓަރިތެރޭގައިވީ ހަމަހިމޭންކަން ނަގައިލަމުން ދިޔައީ އަހަރެންގެ ފޯނަށް އަންނަމުން ދިޔަ މެސެޖުތަކުގެ އަޑެވެ. އެހެނަސް އެކަމަކަށް އަހަރެންގެ އެއްވެސް ފަރުވާލެއް ނެތެވެ. އެ މެސެޖު ކުރަނީ ކާކުކަމާއި ކީއްކުރަންކަންވެސް އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.
ފޯނުގެ ރިންގު ކަނޑާލައިފައި އަހަރެން ތެދުވެ ހިނގައިގަތީ ކުޑަދޮރާ ދިމާލަށެވެ. އެތާ ކައިރީގައި ހުރި ކުނިވަށިގަނޑުގައި އޮތީ، އަހަރެން ވަރަށް ލޯބިވި އަދި އަހަރެންގެ ހިތުން އަހަރެންދެކެ ވެސް އެހާމެ ލޯބިވާ، ޖައިލަމް ދިން މާބޮނޑިއެކެވެ. ނަމަވެސް މިއަދު އެ މާތައް މިލައިމޯޅިވެއްޖެއެވެ. މަރުގެ ތުންފަތްމަތީގައި އޮވެ އޭތީގެ އާދޭހަކީ ކުޑަނަމަވެސް އަޅާލުމެއް އެއަށް ދިނުމެވެ. އަހަރެންނެކޭ އެއްފަދައިންނެވެ.
ފޯނު ހުޅުވައިލި އިރު ޖައިލަމްގެ ނަވާރަ މިސްޑް ކޯލާއި ހަތްދިހަ ވަރަކަށް މެސެޖު އޮތެވެ. ހުރިހާ މެސެޖެއްގައިވެސް އޮތީ މަޢާފަށް އެދިފައެވެ. އެކުގައި އެއް އަހަރު ހޭދަ ކުރެވުނު ނަމަވެސް ޖައިލަމްގެ ފަރާތުން ރޭގައި އަހަރެންނަށް ފެނުނީ އަހަރެންގެ ހިތް ކުދިކުދިވި މަންޒަރެކެވެ. އަނެއްކާވެސް ރޭގެ އެ ހާދިސާ ލޯކުރިމައްޗަށް ސިފަ ވާން ފެށިއެވެ.
އޮފީހުގެ ރޭގަނޑު ޑިއުޓީ ނިންމާފައި ގެއަށްދާން އަހަރެން މިސްރާބު ޖެހިއިރު ދިހައެއް ޖަހަނީއެވެ. މަޖީދީ މަގުން ހިނގައިފައި ދިޔައިރު އަހަރެންގެ ކުރިމަތިން ހުރަސްކަނޑާފައި ސައިކަލެއްގައި ދިޔައީ އަހަރެންގެ ހިތުގެ ވެރިޔާއެވެ. އެއީ ޖައިލަމް ނޫން ދެވަނަ އެހެންމީހެއް ނޫންކަން އަހަރެންނަށް ޔަގީނެވެ. އަހަރެންގެ ހިތުގައި ސުވާލުތައް ފުނިޖެހެން ފެށިއެވެ. އޭނާ ދިރިއުޅެނީ ރަށުގައެވެ. މާލެ އައި ވާހަކަ އަންގާވެސް ނުލައެވެ. އަނެއްކާވެސް އަހަރެންގެ ސުވާލުތަކަށް އިތުރު ބޮޅެއް އިތުރުވީ އޭނާގެ ފަހަތުގައި އެހެން އަންހެން ކުއްޖެއް އިނީމައެވެ. އެވެސް ޖައިލަމްއާ ނުހަނު ގައިގޯޅިކޮށެވެ.
ގެއަށް އާދެވުނުހާ އަވަހަކަށް އަހަރެން ޖައިލަމަށް ގުޅީމެވެ. ފޯނެއް ނުނެގިއެވެ. ދެވަނަ ފަހަރަށް ގުޅުމުން ފޯނު ބިޒީ ކޮށްލީއެވެ. ތިންވަނަ ފަހަރު ގުޅުމާއެކު އޭނާ ފޯނު ނެގިއެވެ. އަހަރެން އެއްޗެކޭ ބުނުމުގެ ކުރިން އެކޮޅުން އަންހެން ކުއްޖަކު ހަލޯއޭ ބުނުމުން އަހަރެންގެ ދުލުން ބަސް ހުސްވިއެވެ. ފޯނު ކަނޑާލީމެވެ. އަދި ވަރަށް ކުރުކޮށް ފޮނިކޮށް އަހަރެން ޖައިލަމްއާ ރުޅިވި ވާހަކަ މެސެޖު ކޮއްލީމެވެ. ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަތައް އޮހޮރެންފެށީ ދެނެވެ. އެރެއަކު އަހަރެންނަކަށް ޖައިލަމްގެ އެއްވެސް ޚަބަރެއް ނުވެއެވެ. ވެފައި ހުރި ވަރުބައްޔާއެކު އަހަރެންނަށް ނިދުނީ އެ ޙާލުގައި ރޮއިރޮއި އޮވެއެވެ.
ރޭގެ ހަލަބޮލި ކަމުގެ ހަނދާތަކުން އަހަރެންނަށް ނުކުތުމަށް މަޖުބޫރުވީ އަނެއްކާވެސް ޖައިލަމް ގުޅަން ފެށުމުންނެވެ. މިފަހަރު އަހަރެން ފޯނު ނެގީމެވެ. ”ސާރާ…“ އޭނާ އަހަރެންނަށް ގޮވާލިއެވެ. އަހަރެންނަށް އަނެއްކާވެސް ގިސްލެވެން ފެށިއެވެ. ”އަހަރެންނަށް މަޢާފު ކުރޭ. އަދި އެއް ފުރުސަތު ދީ… ޕްލީޒް ސާރާ!“ އަހަރެން ވިސްނީމެވެ. މީހުން ބުނާ އަޑުއަހަމެވެ. އެއް ފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅައްމަތިންވެސް ފުންމާލާނެއެވެ. އެކަމަކު އަހަރެމެންނަކީ އިންސާނުންނެވެ. ކުށްވެސް ކުރެވޭނެއެވެ. ވިސްނަން އިނދެފައި އަހަރެން ބުނީމެވެ. ”އޯކޭ! އެކަމަކު މީ އެންމެ ފަހު ފުރުސަތުކަން ހަނދާން ކުރާތި!“
އެރޭގެ ފަހުން އަހަރެންނަށް ޖައިލަމާއި މެދު ޝައްކު ކުރެވެންފެށިއެވެ. ދެމީހުން ދެ ރަށެއްގައި އުޅުނު ނަމަވެސް ކުރިން އޭނާއަށް އަހަރެން ލޯމަރާލައިފައި އިތުބާރު ކުރީމެވެ. އެކަމަކު މިއަދު އަހަރެން ލޯހުޅުވައި ވަށައިގެންވާ މަންޒަރު ބަލާލުމުން އެ ކުރެވުނީ ކުށެއްކަން އެނގިއްޖެއެވެ.
ޖައިލަމްގެ ފަރާތުން އަހަރެންނަށް ލިބެމުންދިޔަ ލޯތްބާއި އަޅާލުން ދުވަހެއް ދުވަހަކަށް ދިޔައީ މަދުވަމުންނެވެ. އަހަރެން އެކަމަށްވެސް ކެތްކުރީ އޭނާގެ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފާނެ ކަމުގެ އުންމީދުގައެވެ. އެހެނަސް ކުރިން ދުވާލަކު ހަތަރު ފަހަރު ގުޅާ މީހާ މިހާރު ދުވާލަކު އެއް ފަހަރުވެސް ނުގުޅާ ދުވަސް ދުވަސްވެސް ދެއެވެ. އަހަރެން ގުޅިޔަސް އަވަހަށް ފޯނު ނުބޭއްވިގެން އުޅުން އާންމުވެއްޖެއެވެ. މިގޮތުގައި ތިންމަސް ހޭދަވީއިރުވެސް އަހަރެން ކެތް ކުރީމެވެ. ކުރިން އުޅުނު އުފާވެރި ދުވަސްތައް އަނބުރާ އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
މިއަދަކީ އަހަރެންގެ ރަށުގައި އުޅޭ އެންމެ ގާތް އެކުވެރިޔާ، ރައިޝާ، މާލެ އަންނަ ދުވަސް ކަމުން އޭނާ ބަލައި ޖެޓީއަށް ދާން އަހަރެން ތައްޔާރު ވެލީމެވެ. އޭނާއާ ދިމާ ނުވާތާ ހަމަސް ވަރު ވުމުން އަހަރެން ނިންމައިގެން ހުރީ އޭނާ ގޮވައިގެން އެންމެ ފުރަތަމަވެސް ރެސްޓޯރެންޓަކަށް ދިޔުމަށެވެ.
ލޯންޗުން ފޭބުމާއެކު އަހަރެން ފެނުމުން އަވަހަށް އަހަރެންގެ ގައިގައި ބައްދާލުމަށް އޭނާ ދެއަތް ހުޅުވާލައިގެން އައެވެ. އެކަކު އަނެކަކުގެ ހަޔާތުގެ ވާހަކަތައް ބަދަލު ކުރަމުން ގޮސް އެތާ ކައިރި ރެސްޓޯރެންޓަކަށް ވަނީމެވެ. އެތަނުގައި އިށީނދެ ހަމަޖެހިލެވުމުން ރައިޝާ ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި ސީދާ އަހަރެންނާ ހަތަރު ކަޅި ހަމަކޮށްލުމުން ކޮންމެވެސެ ކަމެއް ވެއްޖެ ކަމުގެ އިހުސާސް އަހަރެންނަށް ވާން ފެށިއެވެ. އެ މޫނުގައި ވަނީ ސީރިއަސް ކަމެވެ. އަހަރެން އެއް ބޮމަ ހިއްލާލުމުން އޭނާ ބުންޏެވެ. ”އެއްޗެއް ދައްކާލަން އެބޮތް… އަސްލު މިފަހަރު މާލެ މި އައީވެސް ސާރާއާ ދިމާވެގެން މިވާހަކަ ދައްކަންވެގެން“
އަހަރެން އޭނާއާއި ކައިރިވެލީމެވެ. އޭނާގެ ފޯނު ނަގާފައި އަހަރެންނަށް ދައްކައިލީ ޗެޓުތަކެއްގެ ސްކްރީންޝޮޓު ތަކެކެވެ. އެއީ ހުސްވެސް އަހަރެމެންގެ ރަށު ކުދިންނާއި ޖައިލަމް ދައްކާފައި ހުރި ވާހަކަ ތަކުގެ ސްކްރީންޝޮޓުތަކެކެވެ. އެންމެ ކުއްޖެއް ނޫނެވެ. ފަސްހަތަރު ކުދިންނެވެ. ހުސްވެސް އަންހެން ކުދިންނާއެކު ލޯބީގެ މާފޮޅުވާފައެވެ. އަހަރެންގެ ހިތުގެ ވިންދުއަވަސް ވިއެވެ. ދެންވެސް ރައިޝާ އަހަރެންނަށް ދެއްކި ފޮޓޯތަކުން އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އެއީ ހަމަ ޖައިލަމްއެވެ. ރަށު އެހެން އަންހެން ކުއްޖަކާއި އެކު ސައިކަލު ބުރު ޖަހަން ގޮހެވެ. ދެވަނަ ފޮޓޯގައި ޖައިލަމްގެ ކޮނޑުގައި ބޯ އަޅައިލައިގެން އެހެން އަންހެން ކުއްޖަކު އިންއިރު ދެމީހުންވެސް ތިބީ ގޮނޑުދޮށުގައި ކުރުނބާއެއް ހިފައިގެންނެވެ. އަހަރެންގެ ހިތަށް ތޫނު ހަންޖަރެއް ހެރުނުހެން ހީވިއެވެ. ލޮލުން ކަރުނަ ފޭދިގެން ދިޔައީ އަހަރެންގެ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. ރައިޝާ އަހަރެންނަށް ހިތްވަރުދިނެވެ. އެހެނަސް އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. ވަގުތުން ޖައިލަމްއަށް ގުޅީމެވެ. ފޯނު ނުނެގުމުން އޭނާއަށް ހުރިހާ ފޮޓޯތަކާއި ސްކްރީންޝޮޓުތައް ފޮނުވާލުމަށް ފަހު ރުޅިވީމެވެ. އަދި އޭނާ އެ މެސެޖު ކިޔުމާއެކު ހުރިހާ އެއްޗަކުން އޭނާ ބްލޮކު ކޮށްލީމެވެ.
އޭގެ ދެތިން ހަފްތާ ފަހުން އަހަރެން ހަމައަކަށް އެޅުނެވެ. ޖައިލަމްގެ ހަނދާންތައް ހިތުގައި ވަޅުލެވިފައި ވިޔަސް އެއީ އަހަރެންގެ މުސްތަޤުބަލަށް ހުރަހަކަށް ވިޔަދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ޚިޔާލުތަކާ ދުރަށް ދިޔުމަށް އޮފީހުގައި ހޭދަކުރާ ވަގުތުތައް ގިނަކުރަން ފެށީމެވެ. އިޖާޒު ފާހަގަވާން ފެށީ ދެނެވެ. އޮފީހުގެ ސީނިއަރ މަޤާމެއް ފުރަމުން ދިޔަ އިޖާޒު އަހަރެންނަށް ޚާއްސަ ސަމާލު ކަމެއް ދޭކަން އޮފީހުގައި އުޅޭ އަހަރެންގެ ރައްޓެހިންނަށްވެސް ފާހަގަވިއެވެ. އަހަރެންގެ މަސައްކަތުގައި އެހީއެއް ބޭނުން ވޭތޯ ކޮންމެ ދުވަހަކުވެސް އަހައެވެ. އޮފީހުގެ ވާހަކައިގެ އިތުރުން އަހަރެންގެ ހާލުއަހުވާލު ބަލައި ސައިބުއިތޯ ޔަގީންކޮށް ހެދުން އާންމު ވާން ފެށިއެވެ. އަހަރެންނާ ވާހަކަ ދައްކާލުމަށް އިޖާޒު އަބަދުވެސް ކޮންމެވެސް އުޒުރެއް ދައްކައެވެ. އޮފީސް ގަޑީގެ އިތުރުން ފޯނުންވެސް އެކަކު އަނެކަކާ ގުޅުން ބަދަހި ކުރަން ފެށުނެވެ. ދެމީހުންގެ މެދުގައި ލޮލުގެ އިޝާރާތުން ފުން ވާހަކަތަކެއް ދެކެވެއެވެ. އެކަމަކު އެ ބަސްތައް ދުލާ ހަމަޔަށް ގެނައުމުގެ ހިތްވަރެއް ނުލިބެއެވެ.
ގަޑިއިރުތައް ދުވަސްތަކަށްވެ، ދުވަސްތައް ހަފްތާތަކަށް ވަމުން ދިޔައިރު އިޖާޒުގެ އަޅާލުމާއި އޯގާތެރިކަން ދިޔައީ އިތުރުވަމުންނެވެ. އަހަރެންނަށްވެސް އޭނާއާމެދު ލޯބީގެ ނަޒަރަކުން ބެލެން ފެށުނެވެ. ޖައިލަމްގެ ފަރާތުން އަހަރެން ބޭނުންވި ހުރިހާ ކަމެއް އިޖާޒުގެ ކިބައިން ލިބެން ފެށުމުން އަހަރެންގެ މޭގައިވި ފާރުގަނޑު ހެޔޮވާން ފެށިއެވެ. އިޖާޒުގެ އެ ތޫނު ކަޅިރަވައާއި މަސްތީ ހީލުމުން އަހަރެންގެ ހިތް އުތުރި އަރައެވެ. އަހަރެންނާއި މެދު ބަހައްޓާ ހިތްހެޔޮ ކަމާ އޯގާތެރިކަން ހިތުގައި ބިންވަޅު ނެގެން ފެށިއެވެ.
މިގޮތުގައި ދުވަސްތައް ވޭތުވަމުން ދިޔައިރު އިޖާޒުގެ ފަރާތުން ބަދަލުތަކެއް އަހަރެންނަށް ފާހަގަ ވާން ފެށިއެވެ. ކުރިން ވާހަކަ ދައްކާ ވަރަށްވުރެ ވާހަކަ ދެއްކުން މަދުވެ އަހަރެންނަށް ގުޅުންވެސް ހުއްޓާލިއެވެ. އިޖާޒަށް އެފަދަ ބަދަލެއް ކުއްލިއަކަށް އައުމުން އަހަރެންގެ ހިތުގައި ގިނަ ސުވާލުތަކެއް އުފެދުނެވެ. އެހެނަސް ހަޤީޤަތުގައި އަހަރެން މީ އިޖާޒުގެ ކާކު ހެއްޔެވެ؟ އޭނާއާއި އެ ސުވާލު ކުރުމުގެ އެއްވެސް ހައްޤެއް އަހަރެންގެ އޮންނާނެ ހެއްޔެވެ؟ އަހަރެމެންނަކީ ލޯބިވެރިންނެއް ނޫނެވެ. އޮފީހުގައި އެކުގައި މަސައްކަތް ކުރާ ދެމީހުންނަށް ވުރެ ގާތެވެ. އަހަރެމެންގެ ގުޅުމަކަށް ރަޙްމަތްތެރިކަމުގެ ނަން ދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ޚިޔާލުތަށް ބޮލުގައި ގިނަވާން ފެށުމުން އަހަރެން އެވާހަކަ އޮފީހުގައި އުޅޭ އެހެން ކުއްޖަކާ ހިއްސާ ކޮށްލުމަށް ނިންމީމެވެ.
”އަހަރެންނަށް ފެންނަނީ ސާރާ ތިކަމާ ގުޅޭ ގޮތުން އިޖާޒުއާ ވާހަކަ ދައްކާލަން…“ ޝާނީ އަހަރެންނަށް ލަފާ ދިނެވެ. އަހަރެން ބޯޖަހާލީމެވެ. އެ ދުވަހުގެ ހަވީރު އިޖާޒު އަހަރެންނަށް ގުޅިއެވެ. ”މިރޭ ބައްދަލު ކޮށްލެވިދާނެތަ؟“ އިޖާޒު އެދުނެވެ. އަހަރެން އެއްބަސްވީމެވެ. އަހަރެން ވެސް ދައްކާލަން ހުރި ވާހަކަ ތަކެއް ހުރުމާ އެކުގައެވެ.
ގަޑިން އަށެއް ޖެހިއިރު އަހަރެންގެ އިންތިޒާރުގައި އިޖާޒު އިނީ އާރޓިފިޝަލް ބީޗުގައެވެ. އެތާ މޭޒެއް ކައިރީގައި އިނދެފައި އޭނާއަށް އަހަރެން ފެނުމާއެކު ތެދުވިއެވެ. އަދި އޭނާގެ ފުރަގަހަށްލައި ކޮންމެވެސް އެއްޗެއް ފޮރުވިއެވެ. އޭނާއާ އަރާ ހަމަވުމުން އަހަރެން ހީލީމެވެ. އަދި ކޯޗެއްތޯ ފޮރުވަނީ ހިތަށްއެރުމުން ބޮމަ ހިތްލާލީމެވެ. އިޖާޒު އަހަރެންގެ އަތުގައި ހިފިއެވެ. އަދި އޭނާ ފުރަގަހަށް ލައިގެން ހުރި މާބޮނޑި އަހަރެންނަށް ދިއްކޮށްލިއެވެ. ”ސާރާ، ވިލް ޔޫ ބީ މައި ގާލްފްރެންޑް؟“ ލަދުރަކި ހިނިތުން ވުމަކާއެކު އޭނާ އެދުނެވެ. އަހަރެންގެ ދުލުން ބަސް ހުސްވިއެވެ. އަހަރެން އިޖާޒު ދެކެ ލޯބި ވަމެވެ. އެކަމަކު އެ ލޯތްބަށް ދޭނެ ނަމެއް އަހަރެންނަކަށް ނޭނގެއެވެ. ޔަގީނުންވެސް އިޖާޒުދެކެ އަހަރެން ރައްޓެއްސަކަށް ވުރެ ބޮޑަށް ލޯބިވަމެވެ. އަހަރެން އެ މާބޮނޑީގައި ހިފީމެވެ. އަދި އިޖާޒާއި ހަތަރު ކަޅި ހަމަކޮށްލީމެވެ. ”ސޮރީ…ވަރަށް ބޮޑަށް ސޮރީ..“ ކެނޑިކެނޑިގެން އައި އަޑަކާ އެކު އަހަރެން އިންކާރު ކުރީމެވެ. ތެދެކެވެ. އަހަރެން އިޖާޒު ދެކެ ލޯބި ވަމެވެ. އެހެނަސް ޖައިލަމްއާއި އަހަރެން ރުޅިވިފަހުން އަދި މިވީ މަދު ހަފްތާތަކެވެ. އެހާ އަވަހަށް އެހެން ފިރިހެނަކާ ރައްޓެހި ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ޚާއްސަކޮށް އިޖާޒު ދެކެ އަހަރެން ލޯބިވާ ކަމާމެދު ޝައްކު އުފެދިފައިވާތީއެވެ.
އަހަރެންގެ ޖަވާބާއެކު އިޖާޒުގެ ހިނިތުންވުން ފިލައިދިޔައެވެ. އެމޫނު މައްޗަށް ހިތާމައިގެ ކުލަވަރު އަރައިދާން މަދު ސިކުންތުކޮޅެއްވެސް ނުނަގައެވެ. އަހަރެން އިސްޖަހާލީމެވެ. އެ މިލާފައިވާ މޫނަށް ބަލަން އަހަރެންގެ ހިތަށް ކެތް ނުވީއެވެ. އެގޮތުގައި އިރުކޮޅެއް ހޭދަވިއެވެ. އަހަރެން އެ މާބޮނޑި އެތާ ކައިރީގައި ހުރި މޭޒުގައި ބޭއްވީމެވެ. އަދި އިސްދަށަށް ޖަހައިގެން ހުރެ ހިނގައިގަތީމެވެ. އެވަގުތު އިޖާޒު އަހަރެންގެ އަތުގައި ހިފިއެވެ. އަދި އަހަރެންގެ ދަތްދޮޅީގައި ހިފައި އިސް އުފުލާލިއެވެ. އަހަރެންގެ ލޮލުން އެވަގުތު ކަރުނަތަށް އޮހޮރެން ފެށިއެވެ. ކެތްތެރިކަން ކޮޅުންލައި އޭނާ އަހަރެންގެ ގައިގައި ބައްދައިގަތެވެ. އަހަރެންވެސް ބައްދާލީމެވެ. ހިތުގައި އަޅަމުންދިޔަ ވޭނުގެ ސަބަބުން އަހަރެންނަށް ގިސްލެވެމުން ބުނެވުނެވެ. “އާން… އަހަރެން އިޖާޒާއި ރައްޓެހި ވާނަން..”
އެރޭ ވެގެންދިޔައީ އަހަރެމެންގެ މެދުގައި ތަފާތު އިހުސާސްތަކަކާއި ޖަޒުބާތުތަކެއް ހިނގައިދިޔަ ރެއަކަށެވެ. އޭނާގެ އެ ފުން ހިނިތުންވުމަށް ގެއްލިފައި އަހަރެން އެތަށް އިރަކު އިނީމެވެ. ތަފާތު މަޖާ އަދި ހިތި ހަނދާންތައް އެކަކު އަނެކަކާ ހިއްސާކުރަމުން ދިޔައިރު، ޖެހެމުން ދިޔަ ފިނި ވައިރޯޅިތައްވެސް އަހަރެމެންގެ ލޯތްބަށް މަރުހަބާ ކިޔަމުންދިޔައެވެ.
“ސާރާ….” އަހަރެންގެ އަތުގައި ހިފައިގެން އިނދެ އިޖާޒު އަހަރެންނަށް ގޮވާލިއެވެ. އާރޓިފިޝަލް ބީޗުގެ އެ ހިތްގައިމު މާހައުލުގައި އަހަރެމެން އޭރުވެސް ތިބީ ޙަޔާތުގެ އެކިކަހަލަ ވާހަކަތައް ހިއްސާ ކުރުމުގައެވެ. “ސާރާ ތެލެސީމިއާ ޓެސްޓު ހަދައިފިންތަ؟” އިޖާޒުގެ އަޑުގައިވި ސީރިއަސްކަން އަހަރެންނަށް ފާހަގަވިއެވެ. “ނޫން އަދި ނުހަދަން.. އިންނަން ވީމަ ހަދަން ކަމަށް މިހުރީ..” އަހަރެން ޖަވާބު ދިނީމެވެ. އޭނާ ފުން ނޭވައެއް ދޫކޮށްލިއެވެ. ކޮންމެވެސް ގޯސްކަމެއް ވާން އުޅޭ ކަމުގެ ރަތް ސިގުނަލް އަހަރެންނަށް ލިބެންފެށިއެވެ.
“އަހަރެން މީ ޕިންކު ކާޑެއް ސާރާ..” އަހަރެންނަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. “އަހަރެން ބޭނުން ސާރާއާއެކު އަހަރެންގެ މުސްތަޤުބަލު ބިނާ ކުރަން…ތި ރީތި ހިނިތުން ވުމުން އަހަރެންގެ މުޅި ދިރިއުޅުން އުޖާލާ ކުރަން. އަބަދުވެސް ސާރާގެ ހިމާޔަތްތެރިއަކަށް ވާން.” އޭނާގެ ކޮންމެ ޖުމުލައަކުން އަހަރެންގެ ހަށިގަނޑުގެ އެންމެ ހިމަ ނާރަށްވެސް ލޮޅުން އަރަމުން ދިޔައެވެ. “އަހަރެން ސާރާއާ ރައްޓެހި މިވީ އިންނަން…ބޭނުން ކޮށްލާފަ އެއްލާލާކަށް ނޫން. ސާރާގެ ގަދަރު އަހަރެންނަށް އެއަށްވުރެ މާވެސް މަތި. ޕްލީޒް ސާރާ ޓެސްޓު ކުރައްޗެ އަވަހަށް. އަހަރެން ބޭނުމެއްނޫން ސާރާއަށް ކުލަ ނުޖެއްސޭނެ ހުވަފެންތަކެއް ދައްކާކަށް.” އޭނާގެ އެވާހަކަ ތަކުން އަހަރެންގެ ހިތުގެ ތަޅުން އަވަސްވިއެވެ. ލަނގޮޑިއަށް ބާރުވެ ދެލޯ ފެންކަޅިވިއެވެ. އަހަރެން އިޖާޒުގެ ކުރިމަތީގައި އަނެއްކާވެސް ރޯކަށް ބޭނުމެއްނޫނެވެ. ހީލާފައި އޭނާގެ އެ އެދުމަށް ބޯޖަހާލީ އެހެންވީމައެވެ.
އެގާރަ ޖެހުމުން އަހަރެން ގެއަށް ލާފައި އިޖާޒު ގެއަށް ދާން ހިނގައިގަތެވެ. އޭނާ ދިން މާބޮނޑިހިފައިގެން އަހަރެން ކޮޓަރިއަށް ވަނީމެވެ. ހިތާހިތާ ހިނިތުންވެލެވުނީ އިޖާޒުގެ ފޮނި ހަނދާން ތަކުންނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެ ހިނދުކޮޅު ފިލާދިޔައީ އޭނާއާއެކު މާ ގިނަ ދުވަހު ނޫޅެވޭނެކަން ހަނދާންވުމުންނެވެ. މޭޒުމަތީގައި އެ މާބޮނޑި ބޭއްވުމަށް ފަހު އަހަރެން އެނދުގެ ކަނުގައި އިށީނީމެވެ. ދެއަތުން މޫނު ފޮރުވާލައިގެން އިންއިރު ހިތުގައި ވި ފުން އުދާސްތައް ކަރުނައިގެ ޒަރީޢާއިން ބޭރުވަމުން ދިޔައެވެ. އަހަރެންގެ މުޅި އާއިލާއަކީވެސް ޕިންކް ކާރޑެވެ. ވީއިރު އަހަރެންގެވެސް ނުކުންނާނީ ހަމަ އެއް ނަތީޖާއެއް ނޫން ހެއްޔެވެ؟ ކުރިން ޖައިލަމްއާއެކު އުޅުންއިރު އަހަރެން ޓެސްޓު ނުކުރީ ޖައިލަމްއަކީ ވައިޓް ކާރޑެއް ވީމައެވެ.
އިޖާޒާއެކު އަހަރެންގެ ދިރިއުޅުން ބިނާކުރަން ކިތަންމެހާވެސް ބޭނުމެވެ. އޭނާގެ އެލޯބިން އަހަރެންގެ ހިތް ފުރާލަން ބޭނުމެވެ. އެ ދެއަތުގެ ހިމާޔަތުގައި އަބަދުވެސް ހުންނަން އެދެވެއެވެ. އޭނާގެ އެ އޯގާތެރި ކަމުގެ ނިވަލުގައި ފަރުދާވެ ހުންނަން އަހަރެންގެ ހިތް އާދޭސް ކުރެއެވެ. މި ހުރިހާ ކަމަކާ ހުރެ ތެލެސީމިއާ ޓެސްޓު ހަދަން އަހަރެން ފަސް ޖެހުނީމެވެ. ތެދެކެވެ. އެއްވެސް ކަމެއް އަބަދަކު ދެމިއެއް ނޯންނާނެއެވެ. އެހެންވީމާ އަހަރެން ބޭނުންވީ އިޖާޒާއެކު ހޭދަކުރެވޭ ކޮންމެ ހިނދުކޮޅަކީ ވެސް އުފަލާއި ލޯބިން ފުރިގެންވާ ވަގުތުތަކަކަށް ހަދާށެވެ.
ލޯބީގެ ގުލްޝަންގައި އަހަރެންނާއި އިޖާޒުގެ ހިތް ގުޅިލާމެހެމުން ދިޔައިރު އެ ފަރި ބަގީޗާގައި ފަރިވެ ފޮޅެމުން ދިޔައީ ކުލަގަދަ މާތަކެކެވެ. ކޮންމެ ރެއަކުވެސް ދެމީހުން އެކުގައި ފިނި ބުރުޖެހުން އާދައަކަށް ވެއްޖެއެވެ. ހަދިޔާއާއި ސަޕްރައިޒްތައް ގިނަވެ ފުނިޖެހެމުން ދިޔައެވެ. އިޖާޒުގެ އެ މިއުޒިކީއަޑަކީ އަހަރެންގެ ހިތުގެ އަރާމެވެ. އެ ވަރުގަދަ ދެއަތުގެ ތެރޭގައި އަހަރެންނަށް އެއްވެސް ބިރުވެރި ކަމެއްނެތެވެ. މަޑު މުށި އެ އިޝްޤީ ދެލޯ އޭނާގެ ދުލުން ބުނަން ނުކުޅެދޭ އެތަށް ވާހަަކަތަކެއް ކިޔާދެއެވެ. އަހަރެންގެ ޙަޔާތަށް އައި މި ބަހާރު މޫސުމުގައި އިޚްތިޔާރެއްނެތި، އިޖާޒުދެކެ ފުން ލޯތްބެއް ވެވިއްޖެއެވެ.
ދުނިޔޭގެ އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެންނާއި އިޖާޒުގެ ގުޅުމަށް އެއްމަސް ފުރުނެވެ. އާ ދުވަހަކަށް އިރު ފެނުން ތޮޅިލީ އަހަރެންނާއި އިޖާޒު އިރު އަރާ މަންޒަރު ބަލަން އަތިރިމަތީގައި ތިއްބައެވެ. އެ ހިތްގައިމު މާޙައުލުގައި، އެ ރީތި މަންޒަރަށް ބަލަން އިންއިރު އަހަރެންނަށް ހީވީ ދުނިޔެ ހިތަކަށް ލިބިފައިވީ ހެންނެވެ. “ސާރާ..” ވަށައިގެންވި ހަމަހިމޭންކަން ނަގާލަމުން އިޖާޒު އަހަރެންނަށް ގޮވާލިއެވެ. އަހަރެން އޭނާގެ ކޮނޑުން ބޯނަގާފައި އޭނާއާ ހަތަރު ކަޅި ހަމަކޮށްލީމެވެ. “އަހަރެންނަށް ފެންނަނީ ދެން ޓެސްޓު ކުރަން… މިހާރު މިއޮށް މަހެއް ހޭދަވީއެއްނުން. ޕްލީޒް ސާރާ!” އާދޭހާއެކު އޭނާ އެދުނެވެ. ނުބައި ގޮތަކަށް އަހަރެންގެ ހިތް ތެޅިލިއެވެ. އިޖާޒާއި ވަކި ވާން ޖެހޭ ދުވަސް ކައިރިވެއްޖެ ކަން އިހުސާސް ވުމުންނެވެ. އެހެނަސް އަހަރެންގެ ހިތްދަތިކަން ހިނިތުންވުމަކުން ފަރުދާ ކޮށްލީމެވެ. އޭނާގެ ހިތް ނުތަނަސްވާކަށް އަހަރެން ނޭދެމެވެ.
އެ ދުވަހުގެ މެންދުރު އަހަރެންނާއި އިޖާޒު ތެލެސީމިއާ ސެންޓަރަށް ދިޔައީމެވެ. ޓެސްޓު ހަދާ ނިންމާފައި އެކުގައި އައިސްކުރީމް ގަނެގެން ދެމީހުންވެސް ދުއްވާލަން ދިޔައީމެވެ. ބޭރު ފުށުން ކިތަންމެ ހަމަޖެހިފައި ކަން ދައްކަން މަސައްކަތް ކުރިނަމަވެސް އަހަރެންނަކީ މޮޅު އެކްޓަރެއް ނޫނެވެ. ވަރުބަލި ކަމުގެ ބަހަނާގައި އަވަހަށް ގެއަށް އަންނަން މަޖުބޫރުވީވެސް ހަމަ އެހެންވެއެވެ. ތިން ދުވަސް ފަހުން މިލިބޭ ނަތީޖާގެ ސަބަބުން އަހަރެންގެ ޙަޔާތަށް އަންނާނެ ބަދަލަކާ މެދު ވިސްނެނީއެވެ. އިޖާޒާއި އަހަރެންގެ ގުޅުމަށް ވާނެ ގޮތަކާމެދު ފިކުރު ބޮޑުވަނީއެވެ.
*ތިން ދުވަސް ފަސް*
އަހަރެންގެ ފޯނަށް ތެލެސީމިއާ ސެންޓަރުން މެސެޖެއް އައިސްފައި އޮތެވެ. ފުން ނޭވައެއް ދޫކޮށްލާފައި އަހަރެން ތައްޔާރު ވެލީ ނަތީޖާ ބަލައި ދިޔުމަށެވެ. ހުދު ކާރޑަކަށް ވުމަކީ ވަރަށް ނާދިރު ކަމެއް ނަމަވެސް ހިތާ ހިތުން އެކަމަށް ދުޢާ ކުރެވުނެވެ. އިޖާޒަކަށް އަހަރެން ނުގުޅަމެވެ. އޭނާއަށް އޭގެ ސަބަބުން ވާނެ ގޮތެއް ނޭނގޭތީއެވެ. އަވަސް ފިޔަވަޅުތަކަކާއެކު ހިނގާފައި ދިޔައިރު އެ ސެންޓަރާއި ކައިރި ވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތް ހީވަނީ މޭ ފަޅާލައިފައި ނުކުމެދާމެނެހެނެވެ. ލޯމަރާލައިފައި ފުން ނޭވަޔެއް ދޫކޮށް އަަހަރެން އެ ތަނަށް ވަނީމެވެ. ވަށައިގެން ބަލައިލިއިރު ވަރަށް މީހުން މަދެވެ. އެހަންކަމުން ނަތީޖާ ލިބެން މާގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ކެތްތެރި ކަން ކޮޅުންލާފައިވާ ޙާލު އަހަރެންގެ ނަތީޖާ އޮތް ސިޓީއުރަ ހުޅުވާލީމެވެ.
ހީކުރި ގޮތަށް ނަތީޖާއަކަށްވީ ޕިންކް ކާރޑެކެވެ. ކަން މިހެން ވާނެކަން ޔަގީނާއި ގާތް ވިނަމަވެސް، އެ ވަގުތު އައިސް ޖެހުމުން ހިތަށް ކެތް ނުވީއެވެ. ކުރި އަސަރެއްގެ ބޮޑު ކަމުން އަހަރެން ގަބުވެފައި އިނީމެވެ. ކަރުނަވެސް އަހަރެންނަށް ބޭވަފާތެރިވި ފަދައެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަހަރެން ފޯނު ނެގީމެވެ. ކޮންމެވެސް އިރަކުން އިޖާޒަށްވެސް އަންގަން ޖެހޭނެތާއެވެ. ދެތިން ރިންގާއެކު އޭނާ ފޯނު ނެގިއެވެ. “ހަލޯ، ސާރާ..؟” އޭނާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު އަހަރެންގެ ހަށިގަނޑުގެ އެންމެ ހިމަ ނާރުވެސް ތޮޅެލި ފަދައެވެ. “އިޖާޒް…އަހަރެންނަށް ލިބުނީ ޕިންކް ކާރޑެއް..” ކުރެހިފައިވާ އަޑަކާއެކު އަހަރެން ބުނީމެވެ. އޭނާގެ ޖަވާބަކަށް އަހަރެން އިންތިޒާރު ކުރީމެވެ. އެހެނަސް އެ ޖާދުވީ އަޑުގެ ބަދަލުގައި އަހަރެންނަށް އިވުނީ ފޯނު ކަނޑާލުމުން ގޮވާ ‘ބީޕް’އަޑެވެ. އަހަރެންގެ ހިތް ފުނޑުފުނޑުވި ފަދައެވެ. ވަށައިގެންވާ މާޙައުލަށް ފަރުވާލެއް ނެތި އަޑުން އަޑު ނަގާ އަހަރެންނަށް ރޮވެން ފެށީ ދެނެވެ.
އަހަރެން އިން ގޮނޑީގެ މައްޗަށް ފައި ނަގައި، ކަކުލުގައި ބޯ އަޅާލައިގެން އޮވެ އަހަރެން ރުއީމެވެ. އެގޮތުގައި ދިހަވަރަކަށް މިނެޓު ހޭދަވިއެވެ. އަހަރެންގެ ރުއިން ހުއްޓުނުނަމަވެސް ދޭތެރެއަކުން ގިސްލެވޭތީ އެއިންގޮތަށް އިނީމެވެ. އަހަރެންނާ ޖެހިގެން ކޮންމެވެސް އެހެން މީހަކު އިށީން ކަމުގެ އިހުސާސްވިއެވެ. އެހެނަސް ބޯހިއްލާ ބަލާލެވޭ ވަރަށް ވުރެވެސް އަހަރެންގެ ހާލު ދެރައެވެ. އިރުކޮޅަކުން އަހަރެންގެ ކޮނޑަށް އަތްލައި އަހަރެން ގައިގައި ކޮންމެސް މީހަކު ބައްދާލިއެވެ. އެއީ އަހަރެން ދަންނަ އަތެކެވެ. އެ އަތު ތެރޭގައި އަހަރެން އެތަށް ރެޔަކު ހިމާޔަތް ހޯދީމެވެ. އިސް އުފުލާ ބެލުމެއްނެތި އަހަރެން އިޖާޒުގެ މޭގައި ބޯއަޅާލީމެވެ.
އެގޮތުގައި އެތަށްއިރަކު ތިބުމަށްފަހު ދެމީހުންވެސްއެކުގައި ގެއަށް ދާން މިސްރާބު ޖެހީމެވެ. އޭރުވެސް ދެމީހުންގެ މަދަށް ވެރިވެފައިވަނީ މަރުގެ ހަމަހިމޭންކަމެވެ. ވާނީވެސް އެހެންތާއެވެ. އަހަރެމެން ދެމީހުންގެ ދިރިއުޅުން އަލި ކުރުމަށް ރޯކުރި ލޯބީގެ ހުޅުކުޅު މިހާރު މިވަނީ ބޮއްސުންލާފައެވެ. މިއަދު އެ ހުޅުކޮޅު ނިވާ ނުލައިފި ނަމަ އެ ހުޅުގަނޑުގެ ސަބަބުން ކުށެއްނެތް ފުރާނަތަކެއް ފިހިދާނެ ކަމުގެ ބިރު ބޮޑެވެ. އެހެނަސް ލޯބީގެ ހުޅުކޮޅަކީ ނިވާލަން ކިހާ އުނދަގޫ އެއްޗެއްކަންވެސް ގިނަ ބަޔަކު ދަންނާނެއެވެ.
އަހަރެންގެ ގެޔާ ހަމަވުމުން އަހަރެން އިޖާޒުގެ ފުން ދެލޮލަށް ބަލާލީމެވެ. އެ ލޮލުގައިވި ނުތަވަސްކަން ފިލުވާލުމަށް ހިނިތުންވެލަން އަހަރެން ކިތަންމެހާވެސް ބޭނުމެވެ. “އަހަރެން ސާރާ ދެކެ ވަރަށް ލޯބިވޭ…މީގެ ސަބަބުން އަހަރެން ބޭނުމެއް ނޫން އަހަރެމެންގެ މި ގުޅުން ނިންމާލާކަށް… ސާރާ އެއްބަހިއްޔާ، އަހަރެން ސާރާއާއެކު ދިރިއުޅުމެއް ބިނާކުރަން ބޭނުން.“ އޭނާގެ އެ ބަސްތަކުން އަހަރެންގެ ހިތަށް ފިނި ވައިރޯޅިއެއް ޖެހުނެވެ. މުސްތަގުބަލުގެ ބަދަލުގައި އަހަރެން ވިސްނީ މިހާރަށެވެ. އަހަރެންގެ އުފަލާ ހިތްހަމަ ޖެހުމަށެވެ. އަހަރެން ހީލީމެވެ. ބަދަލުގައި އޭނާވެސް ހީލިއެވެ. އެއީ ފޮނި ހިނިތުން ވުމެއް ނޫނެވެ. ހިތި ހިނިތުންވުމެކެވެ. ފުން މާނަތަކެއް އެކުލެވުނު ހިނިތުން ވުމެކެވެ. އެހެނަސް އެވަގުތަކު އަހަރެންނަކަށް އެކަމެއް ނޭނގުނެވެ.
ޖެހިގެން އައި ދެތިން ދުވަސް ވެގެންދިޔައީ ތަފާތު އިހުސާސްތަކުން ފުރިގެން ދިޔަ ދުވަސް ތަކަކަށެވެ. އެއްބައިފަހަރު ދެރަވެއެވެ. އަނެއްބައި ފަހަރު އުފާވެއެވެ. އަނެއްބައިފަހަރު އެއްވެސް އިހުސާސެއް ނުވެވެސް ހިނގައިދެއެވެ. ގިނަވަގުތު އިނދެވެނީ މިސްރާބެއްނެތް ހިޔާލަކަށް ގެއްލިފައެވެ.
ބެލްކަނީގައި ފިނި ވައިޖައްސާލަން ހުއްޓާ ފޯނަށް އިޖާޒުގެ މެސެޖެއް އައެވެ. ޓެސްޓުގެ ނަތީޖާ ލިބުން ފަހުން މިއަދަކީ ތިންވަނަ ދުވަހެވެ. ދެމީހުންގެ ގުޅުން ކުރިއަށް ވުރެ ހީނަރު ވެފައިވީއިރު އެކަމުގެ ޝަކުވާ ކުރާކަށް އަހަރެންވެސް ނެތީމެވެ. އެ ދުވަހު ލޯބީގެ ޖަޒުބާތުގައި ޖެހި، އެކު އުޅުމަށް ދެމީހުންވެސް އެއްބަސްވީ ސިނކުޑި އެއްފަރާތް ކޮށްފައި، ހިތަށް ވެރިކަން ދީގެންނެވެ. މުސްތަގުބަލުގެ މައްޗަށް ވަގުތީ އުފާ އިސްކޮށްގެންނެވެ. އިޖާޒުގެ މެސެޖު އަހަރެން ހުޅުވާލީމެވެ. “މިރޭ ހިނގާބަ ދުއްވާލަން ދާން…” އަހަރެން އެއްބަސް ވުމުން ދިހަ މިނެޓުތެރޭ ބަލައި އަންނާނަމޭ ބުނެ އޭނާ ވާހަކަ ކުރުކޮށްލިއެވެ.
ގޭ ދޮރުމަތީގައި އަހަރެންގެ އިންތިޒާރުގައި އިޖާޒު އިންއިރު އެ މޫނުގައި އުފާވެރިކަމުގެ އެއްވެސް ކުލަވަރެއް ނެތެވެ. ވާހަކަ ދެއްކުމެއް ނެތި އަހަރެން ސައިކަލު ފަހަތަށް އެރީމެވެ. ދުއްވަމުން ގޮސް އާރޓިފިޝަލް ބީޗާ ހަމަ ވުމުން އޭނާ މަޑުކޮށްލިއެވެ. އަދި އެތަނަށް ފޭބުމަށް އަހަރެންނަށް އިޝާރާތްކޮށްލިއެވެ. ސައިކަލު ޕާކަށް ޖެހާފައި އައިސް އިޖާޒު އަހަރެންގެ އަތުގައި ހިފައިގެން ބީޗުގެ ވަލިގަނޑުގައި އިށީނުމަށް ދިޔައެވެ. އަހަރެމެން އާންމުކޮށް އިށީންނަ ގޮތަށް އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން އަހަރެން އިންއިރު، އޭނާ އިނީ އަހަރެންގެ ކޮނޑަށް އެއް އަތް އެއްލައިގެންނެވެ.
“އިޖާޒް…” އަހަރެން ދައްކަން ބޭނުންވާ އެތަށް ވާހަކައެއް ހުރި ނަމަވެސް ފަށާނެ ހިސާބެއް ނޭނގުނެވެ. ފަށައިފި ނަމަ ނިމޭނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ޙަޔާތުގެ ބޮޑު ނިންމުމެއް ނިންމަން ޖެހިފައިވީއިރު ހިތާއި ސިކުނޑި އެއްގަލަކަށް ނާރާތީ ހުރިހާ އަސަރެއް ކުރަނީ ލޮލަށެވެ. ވާހަކައެއް ދައްކަން ބޭނުން ވިނަމަވެސް ކުރެވުނުހާވެސް ކަމަކީ ރުއިމެވެ. “ސާރާ، އަހަރެންނަށް ހީވަނީ ދެމީހުން ވަކިވުންހެން އެންމެ ރަނގަޅުވާނީ…” އެންމެ ފަހުން އިޖާޒު އަހަރެންނާ ދުރުވެލަމުން ބުންޏެވެ. އަހަރެންގެ ދުލުން ބަސް ހުސްވިއެވެ. އޭނާގެ މުށުތެރެއަށް އަހަރެންގެ ދެއަތްތިލަ ލައި ބޮޑިކޮށްލިއެވެ. “އަހަރެމެންގެ ކުރިމަގަށާ، ދަރިންނަށްވެސް ވިސްނަންވާނެ އެއްނުން؟ ސާރާ ވިސްނާލަބަ… އަހަރެމެންގެ އަމިއްލަ އެދުން ބޮޑުވުމުގެ ސަބަބުން އެ ކުދިންނަށް ގެއްލުންވާކަށް އަހަރެން ނޭދެން..” އަހަރެންވެސް އެކަމާ ވަރަށް ވިސްނީމެވެ. ކަރުނައިގެ ތެރެއިންވެސް އަހަރެން ބޯޖަހާލީމެވެ. ވަކިވުމަކީ އެންމެ ރަނގަޅުގޮތްކަން އަހަރެންގެ ހިތަށް ވިސްނައިދެމުންނެވެ.
*ފަސް އަހަރު ފަސް*
އާރޓިފިޝަލް ބީޗުގައި އަހަރެން އިންއިރު އަހަރެންގެ ހިޔާލުގެ އޮޑި ދަތުރު ކުރަމުން ދިޔައީ އިޖާޒުގެ ފޮނި ހަނދާންތަކުގެ ކަނޑުގައެވެ. އަހަރެމެންގެ ލޯބީގެ ދަތުރު ފެށުނީވެސް މިތަނުގައެވެ. ނިމުނީވެސް މިތަނުގައެވެ. އެހެނަަސް ލޯބީގެ މެހެމާނުންނަށް އަހަރެންގެ ހިތުގެ ދޮރު މިހާރު ވަނީ ބަންދު ވެފައެވެ. ލޯބީގެ ދާއިރާގައި އަހަރެންގެ އުންމީދެއް ނެތެވެ. އޭގެ ފޮނި ހަނދާންތަކުގައި ވޭނާ އުދާސްވާ މިހަޔާތަށް ކުލަ ގެންނަން އަހަރެން ދެން ނެތީމެވެ.
– މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.-
