“ކާކު….؟” ނާނާގެ އަޑުއިވެނީ ފިނިފެންމާ ގަސްތަކުގެ ތެރެއިންހެން ހީވާތީ، ރިޝްފާން އެދިމާއަށް މިސްރާބުޖެހިއެވެ.
ނުނިމޭ
»»«»»»
2 ވަނަ ބައި
“ޝަބްނަމް…” އަޑުއައީ ހަމަ ފިނިފެންމާ ގަސްތަކުގެ ތެރެއިންނެވެ. އެއީ ހިތްގައިމު އަޑެކެވެ. އެ އަޑުގައި ޖާދޫވީ ބާރެއްވާކަހަލައެވެ. ދެވަނަ ފަހަރަށް އަހާލުމަށް ބޭނުންވެފައި، ގަނޑުވެފައި ކަހަލަ ގޮތަކަށް ރިޝްފާންއަށް ހުރެވުނީއެވެ.
“ރިޝްފާން…” ދެންވެސް އިވުނީ އެ ހިތްގައިމު އަޑެވެ. ނަމަވެސް، އިތުރު ހައިރާން ކަމަކާއެކުގައެވެ. ރިޝްފާން މީހަކު ފެނޭތޯ ވަށައިގެން ހޯދަން ފެށިއެވެ. ނަމަވެސް، އިންސާނީ އަސަރެއް ފެންނާކަށް ނެތެވެ.
“އާނ.. ރިޝްފާން މިއީ… ފިލައިގެން ނުހުރެ އަހަންނަށް ފެނިބަލަ…. ކާކުތަ ތީ..؟” ފިނިފެންމާ ގަސްތަކާ އިތުރަށް ކައިރިއަށް ރިޝްފާން ޖެހިލިއެވެ.
“ޝަބްނަމް…” އަނެއްކާވެސް ތަޢާރަފު ލިބުނެވެ.
ރިޝްފާނަށް އެވަގުތު މާ ދުރުނޫން ހަނދާނެއްވިއެވެ. ދާދި ފަހުން އޭނާ ބެލި ބަސްފޮތެއްގެ ސަފްހާ އަކުން ޝަބްނަމްގެ ނަން ފެނިފައިވެއެވެ. ޝަބްނަމަކީ ފަތިހަށް ފައިބާ ފިންޏެވެ. ނަމަވެސް ދިވެހި ވަރަށްގިނަ ކުދިންނަށް އެނަން ކިޔާ އުޅެއެވެ. މި ހަނދާން ވުމާއެކު، ރިޝްފާންގެ ލޯ އަމާޒުވީ ފިނިފެންމާ ގަހުގައި ފޮޅިފައިވާ މާތަކުގެ ފިޔަތައް ފަޅުފިލުވަމުންދާ ޝަބްނަމްގެ ތިކިތަކަށެވެ. އެހިނދު އެ މާތަކުގައި އާދަޔާ ޚިލާފު ވިދުވަރެއްވެސްވާ ކަހަލައެވެ.
އޭނާ މަޑުމަޑުން ގަސްތަކުގެ ކައިރިއަށް ޖެހިލާ، މަލެއް ބިނދެލިއެވެ. އެއަށްފަހު، ނޭފަތުކުރީގައި އެ މާ ޖައްސައިލިއެވެ. ހަމައެއާއެކު އޭނާގެ ފަހަތުގައި، ޖެހޭނުޖެހޭ ހިސާބުގައި މީހަކު ހުރިކަމުގެ އިހުސާސް ކުރެވުމާއެކު، އޭނާ ފަހަތަށް އެނބުރެލިއެވެ. އެއާއެކު ރިޝްފާންގެ ދެލޯ ހީވީ ތަރަތަރަޖަހައިގެން ދިޔަހެންނެވެ.
ރިޝްފާންގެ ކުރިމަތީގައި އެހުރީ އާދަޔާޚިލާފު ރީތިކަމަކާއި ފުރިހަމަކަމެއް ލިބިފައިވާ އަންހެން ކުއްޖެކެވެ. ގައިމެވެ. މީގެކުރިއަކުން އެފަދަ ފުރިހަމަ ސިފަތަކެއް ލިބިފައިވާ ކުއްޖަކު އޭނާ ދެކެފައެއް ނުވެއެވެ.
“ތިޔައީތަ ޝަބްނަމް އަކީ…؟” ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު، ރިޝްފާން އެއްސެވެ.
“އާނ…އަހަންނަކީ ޝަބްނަމް…” އެއަންހެން ކުއްޖާ، ޝަބްނަމް ޖަވާބުދިނެވެ.
“ޝަބްނަމް…ތީ ދިވެހި އަންހެން ކުއްޖެއް..؟” ޝަބްނަމްގެ ރީތިކަމާއި ޗާލޫކަން ފެނި ރިޝްފާން ހުރީ ހައިރާންވެފައެވެ.
“އާނ…އެކަމަކު އަހަރެންގެ ބައްޕައަކީ އިންޑިއާއަށް ނިޞްބަތްވާ މީހެއް….” ޝަބްނަމް ހިނިތުންވެލިއެވެ.
“ހިނގާ ޖޯލީގައި އިށީންނަން…” ޖޯލިފައްޗާ ދިމާއަށް ރިޝްފާން ހިނގައިގަތެވެ. ފަހަތުން ޝަބްނަމް ވެސް ހިނގައިގަތެވެ.
“ރިޝްފާން އަލަށްދޯ މިރަށަށް އައިސްގެން ތިއުޅެނީ..؟” ޖޯލީގައި އިށީންނަމުން ޝަބްނަމް އެއްސެވެ. ބޮލުގެ އިޝާރާތުން ރިޝްފާން އާއެކޭ ބުނީ، ޝަބްނަމްގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.
މީގެކުރިން ދުވަހަކުވެސް އަންހެން ސޫރައަކާ ދިމާއަށް އޭނާގެ ނަޒަރު އެވަރަކަށް ނުހުއްޓެއެވެ. ނަމަވެސް މިހާރު އެކަން ވަނީ މުޅިން ބަދަލުވެފައެވެ. ޝަބްނަމްގެ މޫނުގައިވާ އަޖައިބެއްކަހަލަ ބާރުގަދަ ވިދުވަރު ސަބަބުން ރިޝްފާންގެ ކަޅި އަބަދުމެ އަމާޒުވެފައި ހުންނަނީ، ޝަބްނަމްގެ ހިތްގައިމު މޫނަށެވެ. އަޖައިބެކެވެ. ދާދި ހިނދުކޮޅެއްގެ ތެރޭގައި، ޝަބްނަމްގެ ހުރިހާ ހަރަކާތްތައްވެސް ރިޝްފާންއަށް ކަމުގޮސްފިއެވެ. އިސާހިތަކު އޭނާގެ އިޚްތިޔާރުންވެސް ބޭރުވެއްޖެއެވެ.
“ޝަބްނަމް….އަހަރެން ބޭނުން ޝަބްނަމްއާ ބައްދަލުކުރަން…ޝަބްނަމްގެ ގެ ހުންނަނީ ކޮންތާކު…؟” ހަމަ ޔަޤީނުންވެސް ޝަބްނަމްގެ އަހުރަވެތި ސޫރައިގެ ޖާދޫގައި ރިޝްފާން ޖެހިއްޖެއެވެ.
“އަހަންނާ ބައްދަލުކުރަން އަހަރެންގެ ގެއަށް ދިއުން އެހާ ރަނގަޅެއް ނުވާނެ…ކޮންމެ ދުވަހަކު ފަތިހުގެ ފިނި ފައިބާ ވަގުތު މިތަނުން އަހަންނާ ބައްދަލުވާނެ” މިހެން ބުނެފައި ޝަބްނަމް ބަލައިލީ ރިޝްފާންގެ މޫނަށެވެ. އޭރު ރިޝްފާން އިނީ ކަޅިވެސްޖަހާނުލާ ޝަބްނަމްއަށް ބަލަން ކަމުން އޭނާ ލަދުގަތެވެ.
“މިހާރު އަލިވިލެނީ….އަހަރެން ދެން ދަނީ….” ޝަބްނަމް އުޑުމައްޗަށް ނަޒަރު ހިންގާލަމުން ޖޯލިން ތެދުވެއްޖެއެވެ. ރިޝްފާން އަތްދިއްކޮށް ޝަބްނަމްއާ ސަލާމްކޮއްލިއެވެ. އެހިނދު ރިޝްފާނަށް ކުރެވިގެން ދިޔައީ، ކުރިން ނުކުރެވޭފަދަ އާދަޔާ ޚިލާފު އިހުސާސެކެވެ. މަޑުމަޑުން ދެލޯ މަރާލެވުނެވެ.
“ދެން ދަނީ….މާދަމާވެސް ބައްދަލުވާނެ…” ޝަބްނަމް ރިޝްފާންގެ އަތުން ދޫކޮށްލާފައި ހިނގައިގަތެވެ. ބަސްހުއްޓި އާގަމަވެފައި ރިޝްފާންއަށް ހުރެވުނީއެވެ. އިސާހިތަކު ޝަބްނަމް އޭނާގެ ލޯމަތިން ކަޝްފުވެއްޖެއެވެ. ރިޝްފާން ފުން ނޭވާއެއް ލުމަށްފަހު އަނެއްކާވެސް ޖޯލީގައި ބުރަކަށި ޖައްސާލިއެވެ.
ހެނދުނު ޒަޔާން ހޭލައިގެން އައިއިރުވެސް ރިޝްފާން އެ ޖޯލީގައި ޝަބްނަމާ ދޭތެރޭ ވިސްނަން އޮތެވެ.
“ރިޝްފާން… ރޭގައި ހަމަ އެއްގޮތަކަށްވެސް ނުނިދަނީތަ؟ ވަރަށް ހިތްގައިމު ބަގީޗާއެއްދޯ؟” ރިޝްފާނާ ޖެހިގެން ހުރި ޖޯލީގައި ޒަޔާން އިށީނެވެ.
“އާނ… ވަރަށް ހިތްގައިމު… ހަޔާތުގައި މީހާ ހިސާބަށް ކުރިން ލިބިފައިނުވާވަރުގެ ހިތްހަމަޖެހުމެއް މި ބަގީޗާއިން ލިބިއްޖެ…..” ރިޝްފާން އޭނާގެ އަތުގައި އޮތް މަލުގެ ވަސް ބަލާލި އެވެ.
“ތިބުނީ ކިހިނެއް ހިތްހަމަޖެހުން ލިބުނު ވާހަކަތަ؟” ޒަޔާން އެއްސެވެ.
ޒަޔާން މިހެން އެހުމުން އެ ބަގީޗާތެރޭން ދިމާވި އާދަޔާ ޚިލާފު ރީތި އަންހެންކުއްޖާ، ޝަބްނަމްގެ ވާހަކަ ޒަޔާނަށް ރިޝްފާން ކިޔައިދިނެވެ.
“މިގޭ ބަގީޗާތެރޭން!؟ ޝަބަނަމޭ!؟ ޝަބްނަމް ކިޔާ އަންހެން ކުއްޖަކަށް މިރަށުގައި އުޅޭނީ އެންމެ ކުއްޖެއް. އެއީ އިބްރާހީމްބޭގެ ހަސަންގެ ދަރިފުޅު… އޭނަ މިގޭ ގޯތިތެރެއަށް ވަންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ!” ޒަޔާން އިނީ ޤަބޫލުކުރަން ދަތިވެފައެވެ.
ޒަޔާން އެބުނީ ތެދެކެވެ. ޙަސަންގެ ޝަބްނަމް ފިޔަވައި އެހެން ޝަބްނަމްއެއް އެރަށަކު ނޫޅެއެވެ. ހަސަންގެ ދަރިފުޅަކީ ދުވަހަކުވެސް ހިސާބުގަނޑުގެ ގޭގެއަށް ގޮސް އުޅޭ ކުއްޖެއް ނޫނެވެ. އަމުދުން އެ ޝަބްނަމަކީ ރިޝްފާން އެ ސިފަކުރާފަދަ ރީތި ސިފަތަކެއް ލިބިފައިވާ ކުއްޖެއްވެސް ނޫނެވެ.
“ޒަޔާން ބުނަން… އެއީ ކޮންމެ އިބްރާހިމްބެގެ ދަރިއެއްގެ ދަރިއަކަސް، އެފަދަ ރީތިކަމަކާއި ޗާލޫކަމެއް، މީގެކުރިން އަހަންނެއް ނުދެކެން…..” ޝަބްނަމްގެ ރީތިކަމަށް އަނެއްކާވެސް ރިޝްފާން ތަޢުރީފުކޮއްލިއެވެ.
