ރިޝްފާން އެނދުގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އެއޮތީ ލޮލަށް ނިދީގެ އަސަރު ވެރިނުވާތީއެވެ. ހީވާކަހަލައެވެ. އުފަން ރަށް ނޫން ރަށެއްގައި ފުރަތަމަ ފަހަރަށް ނިދަން ޖެހުމުން، ރަށުގެ ހަނދާންތަކުން އުނދަގޫވާތީ ނިދަން އުނދަގޫ ވަނީއެވެ. އެއީ ވަރަށްގިނަ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. ނިދާ ތަންމަތި ބަދަލުވުމުންވެސް ބައެއް މީހުންނަށް އެހެން ދިމާވެއެވެ.
މިއީ ރިޝްފާން އޭނާގެ އުފަން ރަށް ކަމުގައިވާ ސ. މަރަދޫއިން ބޭރަށް ކުރި ފުރަތަމަ ދަތުރެވެ. އެހެންކަމުން، އާއިލާއާއި ދުރުގައި، އޭނާގެ ރަޙުމަތްތެރި ޒަޔާންގެ ރަށް ކަމަށްވާ ލ. ފޮނަދޫގެ ހޭދަކުރާ ފުރަތަމަ ރޭ އޭނާއަށް ކުރެވެމުންދަނީ މުޅިން އާ ތަޖުރިބާ ތަކެކެވެ.
ޒަޔާނަކީ އައްޑޫ މުޙިއްބުއްދީން ސްކޫލުން ރިޝްފާނާއެކު ތަޢުލީމު ޙާޞިލުކުރި އެކުވެރިކެވެ. އޭނާ ތަޢުލީމު ޙާޞިލުކުރަމުންދިޔަ އިރު ހުރީ ވެސް ރިޝްފާންމެން ގޭގައި ރިޝްފާންގެ އާއިލާގެ ބެލުމުގެ ދަށުގައެވެ. އެހެންކަމުން ރިޝްފާނާއި ޒަޔާނާ ދެމެދު އުފެދިފައިވަނީ ވަރަށް ވަރުގަދަ އެކުވެރިކަމުގެ ގުޅުމެކެވެ.
“ރިޝްފާން… ލޮލަށް ނިދި ނާންނަނީތަ؟” ޒަޔާނަށް ހޭލެވުނު ވަގުތު ނިތްކުރި މަތީގައި އެއްއަތް ބާއްވާލައިގެން ސީލިންގުގައިވާ ފަންކާއަށް ނަޒަރު ހުއްޓައިގެން އޮތް ރިޝްފާން ފެނުމުން ޒަޔާން ތެދުވެ އެނދު ފަނޑީގައި ލެނގިލިއެވެ.
“އާނ ކީއްކުރާނީ އެއްގޮތަކަށްވެސް ލޮލަށް ނިދި ނައިސްގެން މިއޮތީ” ދެލޯ އުނގުޅާލަމުން ރިޝްފާން ވާހަކަ ދެއްކިއެވެ.
“ރަށްމަތިން މާބޮޑަށް ހަނދާން ވަނީދޯ؟” ޒަޔާން އެއްސެވެ. ރިޝްފާން ބޯޖަހައިލިއެވެ.
“ފުރަތަމަ ރޭ ވީމާ ތިހެންވެސްވާނެ. ތީ މާބޮޑު މައްސަލައެއް ނޫން. ޙަޤީގަތުގައި އެހާ ގިނަދުވަހު އުޅެފައި އައިސް މިރަށުގައި އުޅެން އުނދަގޫވެސްވާނެ. ދެން އަވަހަށް ނިދޭތޯ އުޅޭ. މާދަންވާނެއްނު ރަށުތެރެ ބަލާލަން ދުއްވާލަންވެސް” ޒަޔާން އަނެއްކާވެސް އޮށޯތެވެ.
“އަހަރެންގެ ލޮލަކު ނެތް ނިދީގެ ކަންފުޅެއްވެސް. ޒަޔާން ނިދާލާ” ރިޝްފާން ތެދުވެ މޭޒުމަތީގައި އޮތް ވާހަކަ ފޮތެއް ނެގިއެވެ. ފޮތް ކިޔުމަކީ އާދައަކަށް ނުވިޔަސް، ފޫހިވާ ހިނދު ފޮތެއް ކިޔާލުމަކީ އޭނާ މަދުން ނަމަވެސް ކުރާ ކަމެކެވެ.
ރިޝްފާނަކީ މިހާރު މަދުރަސީ ދައުރު ނިމި، ވަޒީފާގެ މައިދާނަށް ނުކުންނަން ތައްޔާރުވެހުރި ޒުވާނަކަށް ވުމުން، އޭނާ ލ. އަތޮޅުގެ ދަތުރަށް ފެށީ ވަޒީފާގެ ފުރުޞަތަކަށް އެދި ސަރުކާރުގެ ދާއިރާތަކަށާއި، އަމިއްލަ ބައެއް ކުންފުނިތަކަށް ސިޓީ ލިއެފައެވެ. ރިޝްފާނާއި ހިލާފަށް ޒަޔާނަކީ މިހާރުވެސް އައްޑުއަތޮޅުގެ ސަރަހައްދީ އިންޖީނުގޭގެ ވަރަށް ޒިންމާދާރު ވަޒީފާއެއްގައި އުޅޭ ޒުވާނެކެވެ.
ޒަޔާނަކީ ލ. އަތޮޅަށް ނިޞްބަތްވާ މީހަކަށްވިއަސް، އޭނާގެ މުސްތަޤުބަލުގެ ދިރިއުޅުން ރާވަން ގަސްދުކުރަނީ ބައިބޯ އައްޑުއަތޮޅުގައެވެ. ކުރިމަގަށް ބަލާއިރު އަވަސް ދުވެއްޔެއްގައި ތަރައްޤީގެ ކުލަވަރު ފެތުރެމުންދަނީ އެ ސަރަޙައްދުގައި ކަމުގައި އޭނާއަށް ގަބޫލު ކުރެވޭތީކަންނޭނގެއެވެ.
ޙަޔާތުގެ ބައިވެރިޔަކަށް ޒަޔާން ޚިޔާރު ކުރަން ބޭނުންވަނީ އައްޑުއަތޮޅުގެ އަންހެންކުއްޖެކެވެ. ވުމާއެކު، ޒަޔާން ވަނީ އޭނާގެ ހިތް އެދޭފަދަ ސިފަތަކުގެ ބައިވެރިޔާއަށް ފާރަލާން ފަށާފައެވެ. ނަމަވެސް، އެކުއްޖާއަކީ މަދުރަސީ ދައުރުގެ ފަހު މަރުޙަލާގައި އުޅޭ ކުއްޖެއްކަމުން، ޒަޔާން އަދި އެކުއްޖާއަކަށް އިޝާރާތެއް ނުކުރެއެވެ.
ރިޝްފާންގެ ހުރިހާކަމެއް ވެސް ޒަޔާނާއި މުޅިންހެން ތަފާތެވެ. މިހާރު އޭނާއަކީ މަދުރަސީ ދައުރު ނިމިފައިވާ ޢުމުރުން 21 އަހަރުގެ ޒުވާނެކެވެ. ނަމަވެސް އޭނާގެ މުސްތަޤުބަލުގެ ދިރިއުޅުމާ ދޭތެރެއަކު ނުވިސްނައެވެ. ރިޝްފާންގެ ގިނަ އާދަތައް 12 ވަރަކަށް އަހަރުގެ ކުއްޖެކޭ އެއްފަދައެވެ. ވުމާއެކު، ރިޝްފާންގެ މަންމަމެން އޭނާ ސިފަކުރަނީ ތަންކޮޅެއް ކުރީގެ ހިންދީ ފިލްމް ކޮއިމިލްގަޔާގައި އުޅޭ ރިތިކް ރޯޝަންގެ ކެރެކްޓާއާއެވެ.
މިހެން ބުންޏަސް ރިޝްފާންގެ ސިކުނޑި އެހާ ޅައެއް ނޫނެވެ. ރިޝްފާންގެ އުނިކަމެއްގެ ގޮތުގައި ޒަޔާން ފާހަގަކުރަނީ އަންހެން ކުދިންނާ ދުރުކަމެވެ. ޒަޔާންއާއެކު ހިނގާފައިދާއިރު، ކިތަންމެ ރީތި ކުއްޖަކު ޒަޔާން ދެއްކިއަސް ރިޝްފާން އަޅައެއްނުލާނެއެވެ. އެކަނި އަޅާލަނީކީ ނޫނެވެ. ބަލައެއްވެސް ނުލާނެއެވެ. ބައެއްފަހަރު އެއީ އެ ހިއްސު މަސައްކަތް ނުކުރާ މީހެކޭވެސް ބުނެ ޒަޔާން ދިމާކުރެއެވެ. އެ ބުނުމަށް ރިޝްފާންދޭ ރައްދަކީ އޭނާގެ ހިތްއެދޭފަދަ ސިފަތަކެއްގެ ވެރިއަކު ދިމާވާހިނދު، އެއްވެސް އިޙުތިޔާރަކާނުލައި އޭނާގެ ޝައުގުވެރިކަންވެސް އެދިމާއަކަށް ހުއްޓޭނެކަމެވެ.
ފުރަތަމަ ރެޔަށްވުމުން، އެރޭ ރިޝްފާންގެ ލޮލަކަށް ހިނދުކޮޅަކަށް ވެސް ނިންޖެއް ނާދެއެވެ. އެރޭ ހަތަރުދަމު އޭނާ ހޭދަކުރީ ފޮތް ކިއުމުގައެވެ. އޭނާ ގެންގުޅުނު ފޮތް ތަކުރާރުކޮށް 3 ފަހަރު ކިޔާ ނިމުނު އިރުވެސް އޭނާ އަކަށް އެރޭ ކުރެއް ނުވިއެވެ.
ނިދޭތޯ ކުރި މަސައްކަތުން މަންފާއެއް ނުލިބުމުން، ފަތިސްވާން ކައިރިވުމުން، ގަޑިއަށް ބަލައިލުމަށްފަހު ރިޝްފާން ތެދުވެއްޖެއެވެ. އޭރު އާދަކާދައިގެ މަތިން އެއީ ކޮންކަހަލަ ވަގުތެއްކަން އަންގައިދޭ އަޑުތައް އެކި ދިމަދިމާއިން އިވެމުންދެއެވެ. އެހެންކަމުން، އެނދުން ތެދުވެ މޯޅިއަކަށް ދެމިލަމުން ރިޝްފާން ކޮޓަރިން ނުކުތީ ދޮރުމަތީގައިވާ ބަގީޗާ އަށެވެ.
ޒަޔާންގެ މަންމައަކީ ތަފާތު މާމެލާމެލި އަޅާ އެކި ވައްތަރުގެ ގަސްތައް ހެއްދުމަށް ޝައުގުވެރިކަން ހުންނަ މީހެއްކަން އެގޭ ގޯތިތެރެ ފެންނަ ކޮންމެ މީހަކަށްވެސް ދޭހަވާނެއެވެ. ގޭގެ ވަށައިގެން ބޮޑު ބަގީޗާއެއްގެ އޮވެއެވެ. އެހެންކަމުން ރަށުގެ ގިނަ ބަޔަކުވެސް ފޮޓޯނަގާ މަންޒިލަކަށް އެގޭ ގޯތިވެއެވެ.
ރިޝްފާން ބަގީޗާތެރެއަށްވަދެ އެތާނގެ އެއްފަރާތުގައި ހުރި ޖޯލިފަތީގައި އިށީނެވެ. އިރުއަރަންދެން އެތާނގައި އޮންނާނީއ ހިތާއެވެ. އެއީ ފަތިހުގެ ފިނިފައިބާ ވަގުތަށްވުމުން ޖޯލީގައި އޮށޯވެލުމާއެކު، ހިސާބެއްގެ ހަމަޖެހުމެއް އޭނާއަށް އިހުސާސް ކުރެވުނެވެ. ހަށިގަނޑުގައި ބީހިލީ، ކުރިން ދުވަހަކުވެސް އޭނާގެ ހަށިގަނޑުގައި ބީހިނުލާފަދަ އަރާމު ފިނި އިހުސާސެކެވެ. ޖެހިގެން ހުރި ޖޯލީގައި އޮވެމެ، މީހަކު ފިނިފިނި އަތަކުން އޭނާގެ ހަށިގަނޑުގައި ފިރުމާކަމުގެ އިހުސާސްވެސް ބައެއް ފަހަރު ކުރެވެއެވެ.
ހިތްގައިމު ނާނާއެއްގެ އަޑުވެސް ކަންފަތްބުޑުން ބައެއްފަހަރު އިވޭކަހަލައެވެ. އެހެންކަމުން، ރިޝްފާން ކުޑަކޮށް ސިހި، މީހަކު އުޅޭހެން ހީވެގެން ހޯދަން ފެށިއެވެ. ނަމަވެސް އޭނާއަށް ފެންނަފަށުގައި އެއްވެސް ސޫރައެއް ނެތެވެ.
“ކާކު….؟” ނާނާއެއްގެ އަޑުއިވެނީ ފިނިފެންމާ ގަސްތަކުގެ ތެރެއިންހެން ހީވާތީ، އެދިމާއަށް ރިޝްފާން މިސްރާބުޖެހިއެވެ.
ނުނިމޭ
5 Comments!
Comments are closed.

Feshun v raathi Masha Allah. Kuriyah huri baithakah v inthizaaru kuran. Vaahaka nimendhen medhukendumeh nethi genes dheyne kamah unmeedhu kuran.. best of luck☺️❤️
Varah Reethi. Welcome to Esfiya btw. Hope we can see one of your own stories one day. ❤️❤️
Heyy guys. Here’s my first story in this website. I’ll be uploading this story twice a week. Hope you guys like it❤️?
މޫސާ ސާއިދު ގާތުން ހުއްދަ ހޯދައިގެންތޯ މި ވާހަކަ ތި ލިޔަނީ؟
@zaina saalim yes