“އާނ އެއީ ހަމަ އެސުހާ” ޖަވާބުގައި ހަނީފާއްތަ ބުނެލިއެވެ.
އަދިވެސް ނައިޝާއަށް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. ނައިޝާ ކަކުލާ ހަމައަށް އަރާ ހެދުން ބުރި ލާތީ ވައްތަރީ މުސްކުޅި ދައިތައަކާއޭ ކިޔާ މަލާމާތް ކުރި ސުހާ، މިއަދު އެއިނީ ހަމަ އެކަހަލަ ކަކުލާ ހަމައަށް އަރާ ހެދުމަކާއި ހަރުވާޅެއް ލައިގެންނެވެ.
“އަދިވެސް ސައިފް އުޅެނީ ސުހާ އާ އިނދެގެންތަ؟” ފަލަ މީހުންދެކެ ސައިފް ނަފްރަތު ކުރާ ވާހަކަ ނައިޝާ ކައިރި ބުނެފައިވާތީ ނައިޝާއަށް އަހާލެވުނެވެ.
“އާނ…އެމީހުން ކުރިން ކަނބުލޮ ފަލަކޮށް ހުރީމަ މަލާމާތް ކުރިއެއްނު…އެއްވެސް މީހަކަށް މަލާމާތް ކުރާކަށް ނުވާނެ…ފަލަޔަސް ހިއްކަސް ދޮނަސް ކަޅަސް އިންސާނުން ވާނީ އިންސާނުންނަށް….ދައްތަ މަލާމާތް ކުރަނީކީ ނޫން އެކަމަކު މިހާރު އެމީހުންނަށް އެހުރީ އެމީހުން ކުރި މަލާމާތް ޖެހިފައޭ ދައްތައަށް ބުނެވޭނީ” ހަނީފާއްތަ ބުންޏެވެ.
“އަދި ކަނބުލޮއަށް މަންޒަރު ނުފެނެއެއްނު….މިހިސާބަށް އާދެވުނީމަ ޖެހޭނެ އެވެސް ބަލައިލަން” އެހެންބުނެ ހަނީފާއްތަ ނައިޝާގެ އަތުގައި ހިފައިގެން ގޮސް، ސައިފްގެ ގޭ ކައިރީގައި ހުއްޓިލައިގެން ހުރީ ގޯތިތެރޭގައި ތިބޭ މީހުންނަށް އެދެމީހުން ނުފެންނާނެ ގޮތަކަށެވެ.
އެއްވެސްމީހަކު މަގުގައިވެސް ނެތް އެވަގުތު އެދެމީހުން ވަރަށް ރަނގަޅަށް ސައިފްގެ ގޭގެ ގޯތިތެރެއަށް ބަލަން ތިއްބެވެ.ސުހާ ކޮންމެވެސް އެއްޗެއް ކަމުން ފޯނާ ކުޅެމުން ދިޔައިރު ކައިރީގައި އޭނާގެ ދެދަރިން ވެއްޔާ ކުޅެން ތިއްބެވެ.
ނައިޝާމެން އެގޮތުގައި ތިން މިނެޓް ވަންދެން ތިއްބާ ސައިފްގެ މަންމަ އެގޭ ބަދިގެ ތެރެއިން ނިކުތްތަން ނައިޝާއަށް ފެނުނެވެ. “މަންމަ ދޯ އެނިކުތީ؟” ނައިޝާގެ އެސުވާލަށް އާނ އެކޭ ބުނުމުގެ ގޮތުން ހަނީފާއްތަ ބޯ ޖަހާލިއެވެ.
“އޭ….އަދިވެސް ކާން ނުހެދޭތަ؟…. މަ މިހާރު ބަނޑުހައި ވެގެން ގޮސް ހާންތިވެއްޖެޔޭ” ފިޔާތަކެއް ތައްޓަށް އަޅައިގެން އައި މައިދައިތަ އަށް ސުހާ ލޯއަޅާލުމަށްފަހު، ބާރަށް ބުނެލިއެވެ.
“އަދި ނުހެދިގެން މިއުޅެނީ ދަރިފުޅާ…..” މައިދައިތަ ދެރަވެލާފައި ބުނަން އުޅުނެެވެ.
“ކޮން ދަރިފުޅެއް ކިޔާކަށް…މިގޭގަ އުޅެން ބޭނުމިއްޔާ މަ ބުނާ ގޮތަކަށް ހަދައިގެން އުޅެވޭނީ…އެހެންނޫނިއްޔާ އެހުރީ ދޮރު ނުކުމެގެންދޭ…..ކޮންމެހެން މަށަށް ޖެއްސުން ކުރާނެ ކަމެއް ނެތް” މައިދައިތަގެ ވާހަކަ ކުރި މަރާލުމަށްފަހު ނުރުހުންތެރިކަމާއެކު ސުހާ ބުނެލި އަޑު ނައިޝާއަށް އިވުނެވެ.
ވެރިއަކަށް ތަބާވާހެން އެއްވެސް އެއްޗެކޭ ނުބުނެ އިސްދަށަށް ޖަހާލައިގެން މައިދައިތަ ހުއްޓެވެ.
“ދޭ ހަމަ މިހާރު މިދެމީހުން ފެންވަރުވަން…ދޭ ދޭ…ކަލޭމެން ވެސް ދޭ ކަލޭމެންގެ މާމަ އާއެކު ފެންވަރަން” ސުހާ އަމުރުވެރި ރާގަކަށް ބުނެލުމާއެކު މައިދައިތަ ވަގުތުން އެދެކުދިން ފެންވަރުވަން އެތެރެއަށް ގޮވައިގެން ދިޔައީ ރައްދުގައި އެންމެ ބަހެއްވެސް ބުނެނުލައެވެ.
“އަޅެ ހާދަ ގޯހޭ…ނައިޝާ އަކަށްވެސް ނުކުރޭނެ އެހެން ހަދާލާކަށް” ނައިޝާ ދެރަވެލާފައި ބުނެލިއެވެ. “ކަނބުލޮ ތީ ވަރަށް ރަނގަޅު ކުއްޖެއް…ހުރިހާ އެންމެން ކަނބުލޮ ހެނެއް ނުވާނެއެއްނު” ހަނީފާއްތަ ބުނެލިއެވެ.
“ދެން ސައިފް ނުބުނޭތަ އެއްޗެކޭ އޭނަ މަންމައާ ދޭތެރޭގައި ސުހާ އެގޮތަށް ކަންތައް ކުރާއިރު؟….ރަށު މީހަކަށް ވެސް ނުފެނޭތަ؟” ނައިޝާއަށް އަހާލެވުނެވެ.
“ދައްތަ ބުނީމެއްނު ކަނބުލޮއަށް އެމީހުން ކަންތައް ކުރިގޮތުން ރަށުމީހުން އެހާ ގުޅުމެއް ނުބާއްވައޭ އެމީހުންނާ…ދެން ސައިފް ދޯ….އޭނައަށް އެހުރީ ގޮތް ހުސްވެފަ” ހަނީފާއްތަ އެހެންބުނުމުން އެއީ ކީއްވެތޯ ނައިޝާ އަހާލި ނަމަވެސް، ނައިޝާގެ އެސުވާލަށް ހަނީފާއްތައަށް ޖަވާބު ދެވުމުގެ ކުރިއަށް ފާއިޒް ނައިޝާއަށް ގުޅިއެވެ.
ފާއިޒްގެ ކޯލަށް ނައިޝާ ޖަވާބު ދިނެވެ.ކުޑަ މަސައްކަތެއް އޮތުމުން ފިހާރަދޮށަށް އައުމަށް ފާއިޒް ނައިޝާ ގާތު އެދުނެވެ. “ދެން އެހެން ފަހަރަކުން އަންނާނަން ކުޑަ ކަމެއް ޖެހިގެން ދާން ޖެހިއްޖެ” އެހެން ބުނެ ނައިޝާ ދާން ހިނގައި ގަންނަން އުޅުނެވެ. “އަދި މަޑުކޮށްބަލަ މިއަދު ހަވީރު އަންނައްޗެ ސައިބޯން ދައްތަ ގެއަށް ތިބުނާ ފާއިޒް ވެސް ގޮވައިގެން” ނައިޝާ އަށް ހަނީފާއްތަ ބުންޏެވެ.
********
ހަވީރު ހަތަރެއް ޖެހުމުން ނައިޝާ އާއި ފާއިޒް ހަނީފާއްތަ ގެއަށް ދާން ހިނގައިގަތެވެ. “ސޯ މިއަދު ނައިޝާ ބުނިހެން ޔުއާ ޑިވޯސްޑް؟” ފާއިޒް އެހެންްބުނުމުން ނައިޝާ ބޯޖަހާލިއެވެ.
“ފާއިޒް ހީކޮށްގެން މިހުރީ ނައިޝާ އަދި މެރީ ނުކުރާ ކަމަށް….އެކަމް މިއަދު ނައިޝާގެ ކުރީގެ ފިރިމީހާ އަކީ މިރަށު މީހެއްކަމާ އޭނަ ގޯސްވެގެން ވަރިވި ވާހަކައާ މިރަށުގަ ނައިޝާ ވަރަށް ހާލުގަ އުޅުނުއިރު ހަމައެކަނި އެހީވި ހަނީފާއްތައޭ ބުނީމަ ވަރަށް ސަޕްރައިޒް ވެފަ މިހުރީ….އަސްލު ތެދުތެދަށް ބުނާނަމަ ނައިޝާއަށް ބަލާލާފަ ހިއެއްނުވޭ އެހާބޮޑު ޓްރޯމާއެއްގަ އުޅެފަވާހެނެއް…އެހެންވެ ކަންނޭނގެ ސަޕްރައިޒް މިވީ” ފާއިޒް ބުނެލިއެވެ.
**********
ފާއިޒާ ނައިޝާ ހަނީފާއްތަގެ ގެއިން ސައިބޮއެގެން ނިކުތެވެ. “ވަރަށް މީރު ހުރިހާ އެއްޗެއްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ” ހަނީފާއްތައާ ސަލާމް ކޮށްލަމުން ފާއިޒް ބުނެލިއެވެ.
“އަދި އަންނާތި މެންދުރު ކެއުމެއް ވެސް ދޭން ބޭނުންވޭ…މާދަން ނޫން އަނެއް ދުވަހުދޯ ފުރަނީ؟” ހަނީފާއްތަ އަހާލިއެވެ. ހަނީފާއްތައަށް ނައިޝާ ބޯޖަހާލިއެވެ.އެވަގުތު ފާއިޒް އެއްޗެކޭ ބުނަން އުޅުނެވެ.
“އަސްލު ކުރިން އޮތީ އެގޮތަށް…އެކަމަކު ބޮޑުމީހާ އެދިލައްވައިފި އަދި ފަސްދުވަހަށް މަޑުކޮށްލަން ފިހާރައިގެ ކަންތައްތައް މުޅިއަކު ހަމައަކަށް ނޭޅޭތީ” ފާއިޒް އެހެންބުުނުމުން ނައިޝާއަށް އޭނާއާ ދިމާލަށް ބަލައިލެވުނެވެ.
“އަޅެ ނޫން…ކީއްވެ ކުރިން ނުބުނީ…ނައިޝާ ބޭނުންވޭ ވީހާވެސް އަވަހަކަށް ދާން” ނައިޝާ ބުނެލިއެވެ. “ސޮރީ ހަމަ މިއަދު ބޮޑުމީހާ ވެސް ބުނުއްވީ…ނައިޝާ ކައިރި މިވާހަކަ ބުނަން އުޅެފަ ފުރުސަތެއް ނުލިބިގެން މަޑުކުރީ ނުބުނެ” ފާއިޒް އެހެންބުުނުމުން ނައިޝާގެ މޫޑް އެއްކޮށް ގެއްލުނެވެ.
ހަނީފާއްތައަށް އަދިއެއްފަހަރު ޝުކުރު އަދާކުރުމަށްފަހު، ފާއިޒު އެތަނުން ދިޔައިރު ނައިޝާ މަޑުކުރިއެވެ. ހަނީފާއްތައާ އެކު ނައިޝާ ހަނީފާއްތަގެ ގެއަށް ވަނެވެ.ސޯފާގައި އިށީނުމަށްފަހު ވެގެން އުޅޭގޮތް ހަނީފާއްތައަށް ނައިޝާ ކިޔައިދިނެވެ. “އެހެންވެ އަވަހަށް ހުޅުމާލެ ދާން ބޭނުންވަނީ….މިހާރު އައްކިޔުން އުޅޭނެ ގޮތެއްވެސް ނޭނގެ” ނައިޝާ ބުނެލިއެވެ.
“ކަނބުލޮ ދެރަނުވޭ ތިބުނާ ކުއްޖާއަށް އަދި ކަނބުލޮއަށް ގުޅޭނެ…އެކުއްޖާގެ ފޮޓޯއެއް އެބައިންތަ ދައްތަ ވަރަށް ބަލައިލާ ހިތްވެއްޖެ” ނައިޝާއަށް ހަނީފާއްތަ ބުނެލިއެވެ.
އެވަގުތު ފޯނުން އައްކިޔުންގެ ފޮޓޯއެއް ނައިޝާ ދައްކާލިއެވެ. “މާޝާﷲ ކަނބުލޮ ކަހަލަ ރީތި ކުއްޖެއް….ތިދެކުދިން އަބަދުވެސް އުފަލުގަ ލަހައްޓަވާށި…ދައްތަ ވަރަށް އުފާވޭ ކަނބުލޮވެސް އުފަލުގަ އުޅުނީމަ” ހަނީފާއްތަ ބުނެލިއެވެ.ހަނީފާއްތަގެ އެޖުމުލައިން ނައިޝާއަށް ހިނިތުންވެވުނެވެ.އަދި ސައިފާ ޚިލާފަށް އައްކިޔުންގެ ރަނގަޅު ވާހަކަ ހަނީފާއްތައަށް އޭނާ ކިޔައިދިނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





