ދެފުށްކެހެރި 2
ޔުލާގެ ހިތުގައި އުފެދުނީ ނޭނގޭ ބިރުވެރި ކަމެކެވެ. އެންމެން އެންމެންހެން ދަންނަ މި ރަށުގައި މިފަދަ އަމަލެއް ހިންގަން ކެރުނީ ކާކަށް ބާއެވެ؟؟
…………………………………………………………………………………………………………………………………..
ކާމޭޒުމަތީ ފޯނަށް ގެއްލިފައިން ނޫހު ފޯނުން މޫނު އަނބުރައިލީ މާބާރަކަށް އޭނާގެ މަންމަ ހަޅޭއްލަވާ އަޑަށެވެ.
“ނާއިލް އަހްމަދް! ހަމަމިހާރު ތެދުވޭ!! މިބުނީނު ތެދުވާށޭ! ނުކުމޭ ކޮޓަރިން..” ބާރުބާރަށް ފާތުން ނާއިލްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހަމުން ދިޔައިރު ހީވަނީ ދޮރުފުނޑާލަން އުޅޭ ހެންނެވެ.
“މަންމާ ކިހިނެއްވީ؟؟”މާ އަޑުގަދަ ވުމުން ހިމޭނުން ނީދެވިގެން އެއްއަތުން ފޯނު އަނެއްއަތުން ކޮފީ ތަށި ހިފައިގެން ނޫހު ކާގެއިން ނުކުތެވެ. އޭރުވެސް އޭނާގެ މަންމަ ދިޔައީ ބާރުބާރަށް ނާއިލުގެ ކޮޓަރީގެ ދޮރުގައި ތަޅަމުންނެވެ.
“މަންމާ ކިހިނެއްވީތަ؟؟ ކިއްކުރަން ދޮންބެ ކޮޓަރީގަ ތިތަޅަނީ؟ ދޮންބެ…” ނޫހުގެ ބަސް މެދުކެނޑުނީ ފާތުންގެ މޫނު ފެނިފައެވެ. ރުޅިގަދަވެފަ ކަމެއް ހާސްވެފަ ކަމެއް ބުނާކަށް ނޭނގެއެވެ. ދެންމެ ދެންމެ ރޯން ފަށާ ފާނެހެންވެސް ހީވިއެވެ. ރަށުތެރޭ ހިނގައިގެން އުޅޭ ކަންތައް ހަނދާންވުމުން ނޫހުގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ކޮފީތަށި ބަހައްޓާފައި މަންމަ ހުއްޓުވަން ދާން އުޅެނިކޮށް ނާއިލުގެ ކޮޓަރި ދޮރު ހުޅުވޭ އަޑަށް ނޫހު މަޑުކޮށްލިއެވެ.
“ކިހިނެއްވީތަ ތިތަޅަނީ؟؟ އަދި އަށެއްވެސް ނުޖަހައޭ!!” އަދިވެސް ރަނގަޅަށް ނިދި ނުފިލާފަ ހުރި ނާއިލު ލޯ އުނގުޅަމުން ކޮޓަރި ދޮރު ހުޅުވިއެވެ. ނިދާފައި އޮއްވާ ނެގުމުން އޭނާ ހުރީ ރުޅިގަދަވެފައެވެ.
“ކިހިނެއްވީހޭ!! ރަށުގައި ކަމެއްހިނގައިގެން އުޅޭކަން އެނގޭތަ؟؟ އަދިވެސް އޮވޭ އަރާ ނިދާފަ..” ފާތުންނަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
“ނާއިލު ތެދަށް ބުނޭ މަންމަ ކައިރީ… އެކަމުގަ ނާއިލުގެ އެއްވެސް އަތެއް ވާނެތަ؟” ދެންވެސް ވާހަކަ ދެއްކި ފާތުންނެވެ. ނާއިލް އެއްޗެކޭ ނުބުނެ ހުރުމުން އޭނާގެ ހިތްބިރުގަތެވެ. ހީވިހީވުން ތެދަކަށް ވެދާނެތީއެވެ.
“ރަށުގައި ކޮންކަމެއްވީ؟” ނާއިލު އަދިވެސް ހުރީ ވާނުވާގައެވެ. އޭނާއަށް ޖަވާބެއްވެސް ދެވޭނީ ވީ ކަމެއް އެނގިގެންތާއެވެ.
“މާޖިދު ސާރ މަރާލާފައި އޮއްވަ ފެނިގެން އެބައުޅޭ….”ޖަވާބު ދިނީ ނޫހުއެވެ.
“އޭނ… މަރާލީއޭ! ކާކުކުރިކަމެއް؟؟ ކޮންއިރަކު ކިހިނެއްވީ ކަމެއް؟؟؟” ނާއިލް ދިޔައީ ސިއްސައިގެންނެވެ. ނިދިވެސް ވަގުތުން ފިލައިފިއެވެ. ކުއްލިއަކަށް ހީވެސް ނުކުރާ ކަހަލަ ހަބަރެއް އަޑުއިވުމުންނެވެ. ނާއިލުމެންނަށް ކިޔަވަދޭން މާޖިދު ސާރ ދުވަހަކު ނައި ކަމުގައިވިޔަސް އޭނާއަކީ މީގެ ދެއަހަރުކުރިން ނާއިލު ސުކޫލުގައި އުޅުނުއިރު ނާއިލްގެ ހައުސް ޓީޗާރ ކަމަށް ވުމުން ފުދޭ ވަރަކަށް ގުޅުން ރަނގަޅެވެ. އެހެން ކަމުން ނާއިލު ހުރީ އެހަބަރު ގަބޫލު ކުރަން ދަތިވެފައެވެ. އަދި އެމަރާ ގުޅުވައިގެން ފާތުން އެކަހަލަ ސުވާލެއް ކުރުމުންވެސް އޭނާ ހުރީ ޝޮކެއްގައެވެ.
“މަންމައަށް އެނގެއެއްނު މަ އެކަހަލަ ކަމެއް ނުކުރާނެކަން. މިއުޅެނީ މޮޔަވެގެންތަ؟” ފާތުން އެވަރަކުން ނާއިލު ހޭލެއްވީ މި ވާހަކަ އަހަންކަން އޭނާ އަށް ރޭކާލިއެވެ.
“އެކަމެއް ނޭނގެ….އެހެރަ ގާދިރު ފިހާރައިން ވައްކަން ކުރިއިރުވެސް މަންމަ ހިއެއް ނުކުރަން އެކަހަލަ ކަމެއް ކޮއްފާނެ ކަމަކަށް…” ނާއިލުގެ ކުށުގެ ރިކޯޑު ފާތުން އިއްވާލިއެވެ.
“އެކަމާ މިކަމަ އަދި ތަފާތު ދޯ….މިއުޅެނީ އުމުރުދުވަހަށް ޖަލަށްދާނެ ގޮތް ނޭނގިގެންތަ… ދެންހުރޭ ގަބޫލު ނުކުރަންޏާ..” ފާތުންގެ ޝައްކުތަކުގެ ސަބަބުން ނާއިލު ހުރީ ރުޅިގަދަވެފައެވެ.
“ގަބޫލު ކުރެވޭތަ ނާއިލު ބުނާހާ ވާހަކައެއް… ކިތައްފަހަރު މަންމައަށް ދޮގުހަދާނީ…. ބަލާބަލަ މިހާރުވެސް ތި ހުރި ގޮތް… ތި ކަރުގަޔާ އަތުގަ އަޅާފަ އޮތް ޗޭނުފައްގަނޑު ނަގާށޭ ކިތައް ފަހަރު ބުނެވިއްޖެ!!” ފާތުން ބޯ ހޫރާލިއެވެ. ކިތަންމެ ވަރަކަށް އުޅުނަސް ނާއިލުގެ ނުބައި އުޅުން ރަނގަޅު ކުރެވޭ ގޮތެއް އޭނާއަކަށް ނުވިއެވެ. ސްކޫލު ނިންމި ގޮތަށް އިތުރަށް ކިޔަވަނީކީ ނޫނެވެ. ވަޒީފާއެއް ހޯދަންވެސް އެތައް ފަހަރަކު ކިއިއްޖެއެވެ. އަބަދުވެސް އުޅެނީ ރަށުގެ އެންމެ ނުލަފާ ކޮށް އުޅޭ ގުރޫޕާ އެކުގައި ރަށުތެރޭ ވީއްލި ގެންނެވެ. ނަމާދެއް ކަމެއްވެސް ކުރަނީ ހާލަކުން ފަހަރަކު ފާތުން ހަޅޭއްލަވައިގެންނެވެ. އެހަކަށް ދުވަހަކުވެސް ވައްކަމުގެ މައްސަލައެއްގައި ގެންނަން ޖެހުނީ ޕޮލިސް ސްޓޭޝަނުންނެވެ.
ނާއިލްއާ ހިލާފަށް ނޫހުއަކީ ތަންކޮޅެއް ބަސްއަހާ ކިޔަވަންއުޅޭ ކުއްޖެކެވެ. ކިޔެވުމަށް ވުރެ ބޮޑަށް ކުޅިވަރަށް ޝައުގުވެރިކަން ހުރި ނަމަވެސް ނާއިލަށް ވުރެ އުޅުމާ ބަސްމަގު ރަނގަޅެވެ. އެންމެ ކުޑައިރުއްސުރެ އެކަނި ބަލާ ބޮޑުކުރި ދެދަރިން ތެރޭން އެކަކުވެސް ހަމަމަގުން ކައްސާލައިގެން ދިއުމަކީ ފާތުން އެދޭ ކަމެއްނޫނެވެ. އެހެންނަމަވެސް ނާއިލްގެ އުޅުން ހުންނަ ގޮތުން އެއްޗެކޭ ނުބުނެ ހުރެވެނިކީ ނޫނެވެ. ހިނގައިގެން އެއުޅޭ ހާދިސާ އާ ގުޅިގެން ފާތުންގެ ހިތުގައި ޝައްކުވެސް އުފެދުނީ އެހެންވެގެންނެވެ. ނަމަވެސް ފާތުންގެ އިލްޒާމަށް ނާއިލް ސީދާ ދެކޮޅު ހެދުމުން ފާތުން ހިތްހަމަ ޖެހުނެވެ. ހިތާހިތުން އެފަދަ ބޮޑުކަމެއް ނާއިލު ނުކުރާނެކަން އެނގުނަސް ނާއިލްއާ ވާހަކަ ދައްކާލުމުން އެކަން ޔަގީންވިއެވެ. ތެދަށް ބުނުމަށްފަހު މީހަކު އޭނާގެ ވާހަކަ ގަބޫލު ކުރިޔަސް ނުކުރިޔަސް އިތުރަށް ކިޔާދޭން ނާއިލު ބޭނުންނުވާނެކަން ފާތުންނަށް އެނގެއެވެ.
“މޫނު ދޮވެގެން އާދޭ ސައިބޯން …”ފާތުން އިތުރު އެއްޗެއް ނުބުނެ ކާގެއަށް ދިއުމުން ނާއިލްވެސް އަލުން ކޮޓަރިއަށް ވަނެވެ. ނޫހު ދިޔައީ ސިޓިންގްރޫމަށެވެ. ހަމަޖެހިލާފައި ޓީވީ ހުޅުވާލީ މިކަމާ ގުޅޭ އެއްވެސް ހަބަރެއް ޗެނަލްއަކުން ކަވަރު ކުރޭތޯ ބަލައިލުމަށެވެ. އޭނާ ހީކުރި ގޮތަށް ކުއްލި ހަބަރު ދަނީ އަންނަމުންނެވެ. ހަބަރު ބަލަން އިން އިރު ކުއްލިއަކަށް ފާހަގަވިކަމަކުން ނޫހު ހުއްޓުންއެރިއެވެ. އޭނާ އަވަސްއަވަހަށް ފޯނު ނަގާ ނަންބަރަކަށް ޑައިލް ކޮއްލިއެވެ.
“ހަލޯ… ޔުލާ!! ޓީވީން އަންނަ ހަބަރު ދެކުނިންތަ؟؟ އަހަރުންނަށް އެރޭ ފެނުނެއްނު މާޖިދު ސާރ އެއްކަލަތަން ކައިރިން….”
2 Comments!
Comments are closed.

ماشاءالله varah reethi ❤️
Thank you ♥️