ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 19
ޒިޔާން މެންގޭ ކުރިމައްޗަށް ސައިކަލް ހުއްޓާލަމުން ނުކްޝާން ފޭބިއެވެ. އޭރު ކުޑަ ކުއްޖެއް ރޯއަޑު އިވުމުން ދިޔައެވެ.”އައްސަލާމް ޢަލައިކުމް..” ނުކްޝާން ސަލާމް ގޮވާލިއެވެ. އަންހެނެއް ސަލާމް ބަލައިގަންނަމުން އެތެރެއަށް އައުމަށް އެދުނެވެ. އޭރު ހަ ވަރަކަށް އަހަރުގެ ފިރިހެން ކުއްޖާ ރޮމުން ދިޔަ ތުއްތު ކުއްޖެއް ކައިރީގައި ހުއްޓާލެވޭތޯ ބަލަން އިނެވެ. ހީވާގޮތުން އެއީ ޒިޔާންގެ ދެކުދިންނެވެ.”ނުކްޝާން ދޯ.. އާދޭ..” ހިނިތުންވަމުން ކޮޓަރިއަށް އައުމަށް ޒިޔާން އިޝާރާތް ކޮށްލިއެވެ.”ވަރަށް ބޮޑަށް ސޮރީ އިނގޭ އެގަޑީގަ ހަޅޭއްލަވައި ގަނެވުނީމަ.. އަސްލު ނިޝްފާ މަރުވުމުގެ ކުރިން ނުކްޝާން އަށް ދޭށޭ ކިޔާފަ ދިން ކުޑަ ގަނޑެއް އެބަ އޮތް.. އޭގަ ލިޔެފަ އޮތީ އޭނަ ކުރިކަންތައް.. އަހަރެން ކައިރީ ބުނި ނުކްޝާން އަށް ކިޔާދޭށޭ.. އަސްލު ހީކުރީ ނިޝްފާ ކިޔާދީފަ ކަމަށް އޮންނާނީ..” ޒިޔާން ކަބަޑުން ގަނޑުކޮޅެއް ނަގައި ނުކްޝާން އަށް ދިނެވެ.”ނިޝްފާ އަކީ އަނިޔާވެރި އެއް..” ޒިޔާންގެ ދުލުން ބޭރުވި ބަސް އަޑު އިވުމުން ނުކްޝާން ދެލޯ ބޮޑުވިއެވެ.
**19 ވަނަ ޕާޓު**
“ވަޓް..” ނުކްޝާން އަށް ތަންކޮޅެއް ބާރަށް އަހާލެވުނެވެ.”އިނގޭ ވަރަށް އުނދަގޫ ވާނެކަން ޤަބޫލު ކުރަން.. އެކަމް ނިޝްފާ އަކީ ކުރިން ވަރަށް ގޯސް ކޮށް އުޅޭ މީހެއް.. ނިޝްފާ އަށް މެރީ ކުރާނެ މީހަކު ނުހޯދެނީސް ނިޝްފާގެ މައިންބަފައިން އާޒިމް ހޯދައިފި.. އާޒިމް ލޯބިވަނީ އެހެން އަންހެން ކުއްޖެއް ދެކެކަން އިނގޭ.. އެކަމަކު އޭނަ އެއްބަސް ވީ ތިމަންނައަށް އޯކޭއޭ ކިޔާފަ.. ރަށު މީހުންނަށް ވެސް ވަރަށް އުނދަގޫ ކުރާނެ ނިޝްފާ.. ނުކްޝާން ލިބުނީމަ ވެސް އެގޮތުގަ ހިފަހައްޓައިގެން ހުރީ.. އާޒިމްއަށް ޖެހުނީ ނުކްޝާން ބަލަން.. ދެން އެއް އަހަރު ވަނިކޮށް ނަވްޔާމެންގެ މަންމަ އާއި ބައްޕަ މަރުވީމަ އެމީހުން ވެސް ބަލަން ޖެހުނީ އާޒިމްއަށް.. ނިޝްފާ އެހެން އުޅޭތީ އާޒިމް ހިތުގަ ނަފްރަތު އުފެދެންފެށީ… ނިޝްފާ އަނިޔާ ވެސް ކުރޭ އާޒިމްއަށް.. އެންމެ ފަހުން ނަވްޔާ އާއި ނީކިޔާ އާއި ނުކްޝާން ވެސް ބަހައްޓާފަ އާޒިމް ރާއްޖެއިން ބޭރަށް ފުރީ.. އާޒިމް ދިޔައީމަ ވެސް ވިސްނޭކަށް ނޫޅުން.. ނުކްޝާން މެން އެކަނި މާ އެކަނި ގޭގައި އޮންނައިރު ވެސް ނިޝްފާ އަޅައެއް ނުލާނެ.. ދެން އާޒިމްގެ އެކުވެރިންތަކެއް އައިސް ނިޝްފާގެ އަތުގައި ހުރި ލާރިކޮޅު ހިފައިގެން ދިޔައީ.. ނިޝްފާއަށް އޭނާގެ ޑްރަގްތައް ބޭނުން ނުކުރެވޭތީ މީހުން ކައިރިން ރުފިޔާއަށް އެދެންފެށި.. އެކަމަކު އެމީހުންނަށް ނިޝްފާ އެއީ ނެތްމީހެއް ފަދަ.. އެހާހިސާބުން އެއްޗެއް ވިސްނިގެން މިރަށަށް އައިސް އެއުޅެނީ.. ވަރަށް ވަރުން އަނެއްކާ ވެސް ގެއެއް ގަނެ ރުފިޔާ ގިނަކޮށްފަ އެހެރީ..” ޒިޔާން ކިޔައި ދިނެވެ.
“މަގޭ މަންމަ އެހާ ގޯސްތަ..” ނުކްޝާން އަރުތެރެ ބެދުނެވެ.”ހޫމް.. މަ ވެސް ވަރަށް ރުޅި އާދޭ ނިޝްފާ ދެކެ އެކަމް މަރުވެފަ އޮތް މީހެއްތާ ދޯ އެއީ..” ނުކްޝާން އާއި ދިމާއަށް ހަމްދަރުދީގެ ނަޒަރަކުން ބަލާލަމުން ޒިޔާން ބުންޏެވެ. ނުކްޝާން އެ ގަނޑުކޮޅު ނަގައި ކިޔަން ފެށިއެވެ. އޭގައި ވަނީ ދެންމެ ޒިޔާން ކީ އެއްޗެއްސާއި އެއާއި ގުޅުން ހުރި ވާހަކަތަކެވެ.”ދެން ވީ ކަމެއް ނުވާކަމަކަށް ނުހެދޭނެތާ.. އެކަން މަތިން ހަނދާން ނައްތާލާފަ ލައިފް އަށް ސަމާލުކަން ދޭންވީ..” ޒިޔާން ނުކްޝާންގެ ކޮނޑުގައި ޖަހާލިއެވެ. ލޯ ފެންކަޅިވެފައި ހުރުމުން ދެތިންފަހަރު އެސްފިޔަ ޖަހާލަމުން ނުކްޝާން ވާހަކަ ދެއްކިއެވެ.”ދެން ދަނީއޭ..” ހިނިތުންވުމެއް ހަދިޔާ ކޮށްފައި ނުކްޝާން ނިކުތެވެ. އޭރު ބޮލަށް އެނބުރުން އަރަން ފަށައިފިއެވެ. އެވަގުތު އޯކަށް ދަމައިގަނެ ނުކްޝާން އަށް ހޮޑު ލެވެން ފެށިއެވެ. ކަރުނަތައް ވެސް ފައިބައިގަތީ އެވަގުތެވެ. ކިތަންމެ ބަނޑު ހައިވެފައި ހުރި ނަމަވެސް އެއްޗެއް ކާކަށް ނުކްޝާން ބޭނުމެއް ނުވިއެވެ. ގެއިން ނިކުތް ޒިޔާންއަށް ނުކްޝާންގެ ހާލަތު ފެނުމުން އަވަހަށް އައިސް ކޮނޑުގައި އަތް އަޅާލިއެވެ.
“އެބަ އަންނަން ފެން ހިފައިގެން.. މަޑު ކޮށްލާ..” ޒިޔާން އެހެން ބުނެ ގެއަށް ވަދުނެވެ. އިރުކޮޅެއް ނުވެ ފެންތައްޓަކާއި ފެން ފުޅިއެއް ހިފައިގެން އައިސް ނުކްޝާންގެ އަށް ދިނެވެ. ފެންބޮއި ނިންމާފައި މޫނަށް ފެން ބުރުއްސާލަމުން ޝުކުރުއަދާކޮށް ނުކްޝާން އަނެއްކާ ވެސް ހިނގައިގަތީއެވެ.”ނުކްޝާން ކައިގެން ދާންވީނުން.. ނުކައި ހުރެގެން ވާ ގޮތޭ ތީ.. މޫނަށް ބަލާލާފަ ވެސް އެބަ އިނގޭ..” ޒިޔާން އެދުނެވެ.”ނޫނޭ އޯކޭ ވާނެ..” ނުކްޝާން އިންކާރު ކުރަން އުޅުނެވެ. ނަމަވެސް ޒިޔާން މާވަރަކަށް އެދެން ފެށުމުން އެންމެފަހުން އެއްބަސްވެގެން ޒިޔާން އާ އެކީ ހިނގައިގަތެވެ. ކުޑަކޮށް ކައިލުމަށްފަހު ފެންތައްޓެއް ބޯލައިގެން ނުކްޝާން ގެއިން ނިކުތެވެ. އޭރު އެގާރަ ޖަހަން ކައިރިވަނީއެވެ. ޒިޔާންގެ ދަރިފުޅު ގޭމް ކުޅޭ ހިތުން މަޑު ކޮށްލުމުން ފޯނު ވެސް ޗާޖު ގޮއްސިއެވެ.
“ހާދަ ލަހަކުންނޭ..” ޓީވީ ކައިރީގައި އިން ނީކިޔާ ޝަކުވާ ކޮށްލިއެވެ.”ހޫމް އަ.. އަހަރެން.. އާނ ސޮރީ…” ހޮޑު ލެވުނު ވާހަކަ ބުނަން އުޅެފައި ވެސް ނުކްޝާންގެ ޚިޔާލު ބަދަލުވީ ޔަމްހާ އިނީމައެވެ.”އުހުނ ކޮންމެވެސް ކަމެއް ވެއްޖެއޭ.. ނުކް ކިހިނެއް ވެފަ ތިހިރީ.. ހާދަ ވަރު ބަލިހެން ހީވެޔޭ.. ބުނެބަލަ.. ހަމްނާ މެންގެއިންތަ ތި އައީ..” ނީކިޔާ އިތުރަށް ސުވާލު ކުރަން ފެށިއެވެ.”ނޫނޭ ދެން..” ޔަމްހާއަށް ބަލާލަމުން ނުކްޝާން ފޯނު ހިފައިގެން ކޮޓަރިއަށް ވަނެވެ. އެވަގުތު ފިލްމް ވެސް ނިމުނެވެ.”ދަނީ ނިދަން.. ނަވް އުޅޭނެ މަ ނެތިގެން މިހާރު.. ނިދާފަ އޮތަސް އޭނައަށް އިނގޭނެ މަ ނެތިއްޔާ..” ޒާއިފް އާފުރެމުން ކޮޓަރިއަށް ވަނެވެ. ޔަމްހާ ވެސް އިތުރު އެއްޗެއް ނުބުނެ ދިޔައެވެ. އެރޭ ދެފަހަރަށް ހޮޑުލުމުގެ ސަބަބުން ވަރުބަލި ވެފައި ހުރި ނުކްޝާން ފޯނު ޗާޖަށް ޖަހަމުން މޭޒު ކައިރީގައި އިން ގޮނޑިއެއްގައި އިށީނެވެ. އޭރު ވެސް ނުކްޝާން އިނީ ފެންކަޅިވެފައެވެ.”މަންމާ.. ކީއްވެ..” މޭޒުގައި ބޯ އަޅާލަމުން ނުކްޝާން އަށް ރޮވުނެވެ. މަންމަ މަރުވީ އަމިއްލަ ކުރި ކަމަކުންކަން އިނގުމުންނެވެ. ޒިޔާންމެންގެއިން ނުކެވުންނަމަ މިހާރު އޮންނާނީ ދެމިފަ ކަންނޭނގެއެވެ. މާދަމާ ޑިއުޓީއަށް ދާންޖެހޭނެ ކަން އިނގުމުން މޫނު ފުހެލާފައި ސޯފާގައި އޮށޯތެވެ.
“އޭއި ތެދުވޭ.. މިއޮއް ކަންނެތް ފިރިހެނެއް..” ނަވްޔާ ޒާއިފްގެ ކަންފަތުގައި ހިފާ ދަމަމުން ހަޅޭއްލަވައި ގަތެވެ. ދެންވެސް ޒާއިފް ނުތެދުވުމުން ފާޚާނާއިން ފެން ކޮޅެއް ހިފައިގެން އައިސް ޒާއިފްގެ މޫނުގައި އުނގުޅާލިއެވެ.”ހޫނ ކާކުތަ މޮޔަ ވެގެން މިއުޅެނީ..” ހިތްހަމަ ނުޖެހިފައި ޒާއިފް ލޯ ހުޅުވާލިއެވެ. ކުރިމަތީގައި ދަތްޕިލަ ދައްކާލައިގެން ހެވިފައި ހުރި ނަވްޔާ ފެނިފައި ޒާއިފް ދެބުމަ ކައިރިކޮށްލާފައި ފުންމައިގެން ތެދުވިއެވެ.”މީނަ ކުރާ ކަންތަކޭ މީ….” އަރާމް ނިދީގައި އޮށްވައި ހޭލެއްވުމުން ޒާއިފް ބޭނުންވީ ނަވްޔާ ތަޅުވާލަންށެވެ.”ޒާއިފް..” ނަވްޔާ ހާސްވިއެވެ. ޒާއިފް އެއްޗެއް ނުބުނެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. އޭރު ނަވްޔާ ހަމަ ރަނގަޅަށް ވެސް ދެރަ ވެއްޖެއެވެ. ނަވްޔާ އެހުރި ގޮތަށް ހުއްޓައި ފަސްވަރަކަށް މިނިޓް ފަހުން ޒާއިފް ފާޚާނާއިން ނިކުތެވެ. ތުވާލި އަނދެގެން ހުރި އިރު މޭމަތީގައި ފެންތިކިތައް ބަބުޅަމުން ދިޔައެވެ.”ޒާއިފް ރުޅި އައީތަ.. އަ..އަހަރެން މަޖަލަކަށް އެހެން ހެދީ.. ސޮރީ.. ޒާއިފް..” ފެންކަޅިވެފައި ނަވްޔާ ޒާއިފް އަތުގައި ހިފާލިއެވެ. ޒާއިފް ނަވްޔާގެ އަތް ފޮޅުވާލާފައި ރީތިވާ މޭޒު ކައިރިއަށް ދިޔައެވެ.”ޒާއިފް..” ރޮވިފައިވާ އަޑަކުން ނަވްޔާ ގޮވާލިއެވެ.
“އައްދޭ ޑާލިންގ ރޮނީތަ.. ތަޅުވާލާ ހިތްވީއޭ އުނދަގޫ ކުރީމަ.. ދެން އެއީ ރޯވަރު ކަމެއް ނޫނޭ..” މޫނުމަތިން ރުޅިވެރިކަން ދައްކަން އުޅުނު ނަމަވެސް ނަވްޔާ ރޯތަން ފެނުމުން ޒާއިފް ދެރަވިއެވެ. އަދި ގޮސް ނަވްޔާ ގައިގައި ބައްދާލިއެވެ. ޒާއިފްގެ ކަރާ ހިސާބަށް ކިރިޔާ އަރާ ނަވްޔާ އެ މޭމަތީގައި ބޯ އަޅާލިއެވެ.”އެކަހަލަ ސަމާސާއެއް ކޮށްލިޔަސް ނަވް ނުރޮއްޗޭ.. ” ނަވްޔާގެ ބޮލުގައި ޒާއިފް ދަތްދޮޅީ ވިއްދާލިއެވެ.”އެކަމް ހާދަ ހާސްވިއޭ..” ލަދުން އިސްޖަހާލަމުން ނަވްޔާ ފަހަތަށް އެނބުރުނެވެ. އަދި އަލަމާރިން ނޫކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖީންސް އެއް ޒާއިފް އަތަށް ދިނެވެ.”ދެން ވާހަކަ ވެސް ނުދައްކާނަންތަ ނޭނގިގެން އެކަހަލަ ކަމެއް ކުރެވުނީމައެއް.. ޕިސް މާ ލަދުރަކި މަންޖެއަކާ މަށަށް މި މެރީ ކުރެވުނީ..” ޓީޝާޓު ލަމުން ޒާއިފް ހޭންފެށިއެވެ.”ޝަޓް އަޕް..” ނަވްޔާ ތުން ދަމާލިއެވެ.
ނަވްޔާ މެން ތިބި ފްލައިޓް ނައްޓާލުމުން ނުކްޝާން އެއާޕޯޓުން ނިކުމެ ނީކިޔާ އާ އެކީ ސައިކަލަށް އެރިއެވެ.”ޔަމް ގެއަށް ލާފަ ދާންވީނުން..” ނީކިޔާ ބުންޏެވެ.”ދެން އޯކޭ ވާނެ އޭނަ އަށް އިނގޭނެ މިރަށުގަ ހިނގަން..” ނުކްޝާން ފަރުވާކުޑަކޮށް ލާފައި ސައިކަލް ދުއްވާލިއެވެ. ފެންކަޅިވެފައި ޔަމްހާ ދެލޯ ފުހެލިއެވެ. އަދި ހިނގައިގަތީ ގެއަށް ދިއުމަށެވެ. މިއަދު ޔޫޝައުއަށް ނާދެވުން އެއީ ޔަމްހާގެ ނަސީބެއް ކަންނޭނގެ އެވެ. ގެއަށް ގޮސް ޔަމްހާ ދޮރު ހުޅުވާލިއެވެ. ދުވާލު ގަޑީގައި ދެން އަބަދު އުޅެންޖެހޭނީ މި ގޭގައި އެކަނި މާ އެކަންޏެވެ. ދޮރު ތަޅުލާފައި ޔަމްހާ ފޯނާއި ހެޑްސެޓް ހިފައިގެން ސޯފާގައި އޮށޯތީ ލަވައެއް އަޑު އަހަންށެވެ.
ޔަމްހާ އަށް ލޯ ހުޅުވާލެވުނީ ފެންބޮވައިގަނެގެންނެވެ. ގަޑި ބަލާލީރު ރޭގަނޑު ނުވައެއް ޖަހަނީއެވެ. އެހާ ގިނައިރު ވަންދެން ނިދުމުން އަމިއްލަ ނަފްސަށް ކުދިކިޔާލީ ނުކްޝާން އާއި ނީކިޔާ އަންނަން ވާއިރަށް ކާއެއްޗެއް ނުހެދުނީތީއެވެ. އަވަސް އަވަހަށް ބަތް ކައްކާފައި ޔަމްހާ ބަދިގެ އިން ނިކުތް އިރު ނީކިޔާ ކޮޓަރިން ނިކުންނަނީއެވެ.”ނުކްޝާން ނާންނާނެ..” ކޮޓަރިއާއި ދިމާއަށް ޔަމްހާ ބަލަން ފެށުމުން ނީކިޔާ ބުންޏެވެ. އެހެން ދޯ އޭ ބުނެފައި ޔަމްހާ ހިނިތުންވެލިއެވެ.”ޔަމް ފޫހި ވާނެ ދޯ ދެން.. ނަވް އެއް ވެސް ނުހުންނާނެ ވިއްޔަ.. ޔޫޝައު ގެންނަން ވީތަ ފޫހި ވާތީ؟..” ނީކިޔާ އެއްސެވެ.”އެ..އެ..ނޫން އޯކޭ ވާނެ… ގޭގަ ކުރަން ހުންނާނެތާ މަސައްކަތް ދޯ..” ހިތް ނުތަނަވަސް ވީ ވަރުން ޔަމްހާ އަށް ވާހަަކަ ދެއްކުނީ އުނދަގުލުންނެވެ.”އޯކޭ.. އަސްލު އަހަރެން މީ ޔަމް ނަމަ ނޫޅެވޭނެ އެކަންޏެއް..” ނީކިޔާ ބުންޏެވެ.”ހެހެ.. މާލެގަ އެހެން އުޅޭތީ ކަންނޭނގެ ދޯ.. ދޮންބެ އުޅެނީ މިރަށުގަ މެރީ ކޮށްގެން.. ކޮއްކޮ މަހަކު ނޫނީ ހަފްތާއަކު އެކި ރަށްރަށަށް ދާނެ…މިފަހަރު ވީ ސްރީލަންކާއަށް ގޮސް.. ދެން މަންމަ ވެސް އުޅޭނީ ގިނައިން އޮފީހުގަ އެހެންވެ އަހަރެން ގިނަ ވަގުތު ގޭގަ އެކަނި އުޅެނީ..” ޔަމްހާ ވާހަކަ ދެއްކިއެވެ.
“އޭއި މި ދޮރު ހުޅުވާ..” ހަމްނާ ސިހުނީ ފިރިހެނެއްގެ އަޑު އިވުމުންނެވެ. ފުން ނޭވާއެއް ލަމުން ހަމްނާ ދެލޯ މަރާލިއެވެ. އެންމެ ކުރިއްސުރެ ވެސް އެމީހުންގެ ޖެއްސުމާއި ކުރިމަތިލާން ހަމްނާއަށް ޖެހެއެވެ. ނަމަވެސް މިހާރަކަށް އައިސް އެމީހުން އުޅެނީ ހަމްނާ ގަޔަށް އަތް ލާންށެވެ.”ނުހުޅުވާނަން..ދޭ..” ހަމްނާ ހަޅޭއްލަވައި ގަތެވެ. “ހަޅޭއްލެވީމަ ހިތުން އަހަރެމެން ބިރު ގަންނާނެ ދޯ..” އެމީހާ ރައްދު ދިނެވެ. ހަމްނާ އަށް ރޮވެން ފެށިއެވެ. އެމީހުންގެ މައްސަލަ ކިތަންމެ ފަހަރަކު ރިޕޯޓް ކޮށްފިއެވެ. އެތަށް ކުދިންނަކާ ބެހުމުން ޖަލަށް ވެސް އެތަށް ފަހަރަކު ލައިފި އެވެ. ނަމަވެސް ވީ ކަމެއް ނެތެވެ. ޚުދު ހަމްނާ އަކީ ފުލުހެއް ނަމަވެސް އެ ބިޔަ ފަސް ފިރިހެނުން ކައިރިން ސަލާމަތެއް ނުވާނެކަން އިނގެއެވެ. އެވަގުތު ހިތަށް އައީ ނުކްޝާންގެ ނަމެވެ. ދެވަނަ ސިކުންތުގައި އަބަދު ގުޅަންޏާ ނުކްޝާން ވެސް ހިތްހަމަ ނުޖެހޭނެއޭ ހަމްނާގެ ހިތަށް އެރިއެވެ.
“ތަޅު ހަލާކު ކޮށްލަން ވީތަ..” އެމީހާ އެހެން ބުނުމުން ހަމްނާ ދެލޯ ބޮޑުވިއެވެ. ދެފަހަރެއްގެމަތިން އެމީހުން ވަނީ ތަޅު ވެސް ހަލާކު ކޮށްފައެވެ. ނަމަވެސް ނުކްޝާން އާ ހެދި ކޮންމެ ފަހަރަކު އޭނަ ސަލާމަތް ވެއެވެ.”ހެޔޮ ނުވާނެ ކަލޭމެން ބޭނުންވަނީ ކޮން ކަމެއްތަ..” ހަމްނާ އަށް އަހާލެވުނެވެ. އެތަނުން ހަމަ އެކަކު ޖަވާބެއް ނުދިނެވެ. އިރުކޮޅެއް ނުވެ ތަޅު ތެޅެން ފެށިއެވެ. ހަދަންވީގޮތް ހުސްވުމުން ހަމްނާ ފަހަތަށް ޖެހުނެވެ. ބިރުން ތުރުތުރު އަޅަމުން ދިޔަ ހަމްނާ އަވަސް އަވަހަށް ނުކްޝާން އަށް ގުޅާލިއެވެ.”ހެލޯ..ނު.. ނުކްޝާން..އެމީހުން..ތަޅު ހަލާކު..” އެހާ ހިސާބަށް ބުނެވުނުތަނާ އެ އެންމެން ކޮޓަރިއަށް ވަދުނެވެ. އެއާއި އެކު ހަމްނާ ހަޅޭއްލަވައި ގަތެވެ.
ނުކްޝާން އަވަސް އަރުވާލާފައި ގެއިން ނިކުތެވެ. ހަމްނާ މެންގެއަށް ދިޔަ އިރު ހަމްނާ ރޯ އަޑު ކޮޓަރިން އިވެއެވެ.”ނިކުމޭ މިގެއިން..” ނުކްޝާން ހަރުއަޑުން ހަޅޭއްލަވައި ގަތެވެ. އެއާއި އެކު ކުޑަ ވަގުތުކޮޅަކަށް އެތަނަށް ހިމޭންކަން ވެރިވިއެވެ.”ތީ ކާކުތަ..” އެކަކު ރުޅިއައިސްފައި އަހާލިއެވެ. ނުކްޝާން ވަރަކަށް ހަޅޭއްލަވައި އަޑުގަދަ ކުރުމުން އެމީހުން ނިކުތީ ދެލޯ އަޅައިގެންނެވެ.”ހަމް.. ހާސް ނުވޭ.. އަނެއް ކޭސް ނިންމާފަ އެމީހުންނަށް ގޮތެއް ހަދާނަން..” ބިރުން އިން ހަމްނާއަށް ބަލާލަމުން ނުކްޝާން ބުންޏެވެ.”ނުކް.. ނޭނގެ ޝުކުރު އަދާ ކުރާނެ ގޮތެއް.. އެކަމް..” ހަމްނާ އިސްޖަހާލިއެވެ.”އޯކޭ ވާނެ އޭ.. މި މައްސަލަ ރިޕޯޓް ކުރިޔަސް ވާނެ ފައިދާއެއް ނޯންނާނެ.. މަ އަމިއްލައަށް އިސްނަގައިގެން ހެކިތަކާ އެއްޗެހި ހޯދާނަން ހަމް..” ނުކްޝާން ފުން ނޭވާއެއް ލިއެވެ.”މި އަންނަނީ އިނގޭ ލޮކެއް ގަނެގެން.. މަޑު ކޮށްލާތި..” ހިނިތުންވަމުން ނުކްޝާން ގެއިން ނިކުތެވެ.
“އެކްސްކިއުޒް..” ނުކްޝާން އާއި އެކީގައި އިން ނީކިޔާ އަށް ފޯނެއް އަންނަން ފެށުމުން ހިނިތުންވަމުން ގޮނޑިން ތެދުވިއެވެ. އޭރު ދެތިން މީހުން ނީކިޔާގެ ބިޓޭ ކިޔައިގެން ދިމާކުރަމުން ދިޔައެވެ. “ހާއި ނީކް..ލުކް.. އަމް.. ވާހަކަ އެއް ބުނަން ބޭނުން.. ރުޅި ނާންނާތި ޕްލީޒް..” ލަމާން ފުން ނޭވާއެއް ދޫކޮށްލިއެވެ.”ހޫމް މާނު ބުނެބަލަ..” ކޮން ވާހަކަ އެއްކަން ނޭނގޭތީ ނީކިޔާގެ ހިތް ނުތަނަވަސް ވިއެވެ.”ވަރަށް ވިސްނާފަ މި ވާހަކަ ބުނަން ނިންމީ.. ނީކް..އައި..” ލަމާންއަށް ވާހަކަ ފުރިހަމަ ނުކުރެވެނީސް ފޯނު ނިވުނެވެ.”ޑޭންގް އިޓް..” އަމިއްލަ ނަފްސު ދެކެ ރުޅިއައިސްފައި ނީކިޔާ ހިނގައިގަތީ ފޯނު ޗާޖަށް ޖަހަންށެވެ. ލަމާން ހީކުރާނީ ކީކޭ ބާއެވެ؟ އޭނަ ރުޅި އައިސްގެން ފޯނު ކަނޑާލީ ކަމަށް ހެއްޔެވެ؟ ނޫނެކެވެ. ލަމާން އަކީ އެކަހަލަ ގޮތަށް ވިސްނާ ކުއްޖެއް ނޫނެވެ. އެކަމަކު އެހެން ހިތަށް އަރާފައި އޭނަދެކެ ހިތްހަމަ ނުޖެހިއްޖެޔާ ދެން ހަދާނީ ބާއެވެ؟
“ޕޮއް.. ކޮންކަމާ ރުޅި ހަދައިގެން..” ފައިލްތަކެއް ހިފައިގެން ނުކްޝާން އައެވެ.”މާނު ވާހަކަ ދައްކަ ދައްކާ ހުއްޓާ ފޯނު ނިވިއްޖެ..” ތުންކޮޅު އޫކޮށްލަމުން ނީކިޔާ ބުންޏެވެ.”ސޯ ސޭޑް..” ނުކްޝާން ދެރަވާ ކަމަށް ހެދެމުން ހޭންފެށިއެވެ.”ހީބަލަ ދެން…މީހަކަށް ދެރަކަމެއް ވާއިރަށް ހޭނެ އަދި.. އަސްލު ވެސް އޭނާ ދައްކަން އުޅުނީ ބޮޑު ވާހަކަ އެކޭ.. ކޮން ވާހަކަ އެއްކަން ނޭނގެނީސް ފޯނު ކެނޑިއްޖެ.. ދެން…” ނީކިޔާ ގޮނޑީގައި އިށީނެވެ.”ޑިއުޓީގަ އިނަސް ބިޓު.. ހޭލާ ގަޑީގަ ވެސް ބިޓު.. ނިދާ ގަޑީގަ ވެސް ބިޓު.. ސަލާމަތެއް ނެތެއްނު..” ނީކިޔާގެ ބޮލުގައި ޖަހާލަމުން ނުކްޝާން ދިމާ ކޮށްލިއެވެ.”ސަރ.. ކްރިމިނަލްގެ މޫނު ސާފު ވެއްޖެ..” އެވަގުތު ފުލުސް މީހަކު އައިސް ބުނި ވާހަކަ އިން ނުކްޝާން ހިތްވަރު އާވިއެވެ. ލަސްތަކެއްނުވެ މި ކޭސް ނިންމޭނެހެން ހީވުމުންނެވެ.”ޔެސް..” ނީކިޔާ ވެސް ވަގުތީގޮތުން ހިތްހަމަ ޖެހުނެވެ. އަދި ނުކްޝާން އާއި އެކީ ހިނގައިގަތެވެ.
“މި އެބަ ޖަހާތަ ނުލަފާ މީހެއް ވައްތަރު..” އެމީހާ ފެނުމުން ނުކްޝާން ގާތަށް އައީ ހިންޏެވެ. ނާންނަންވީ ސަބަބެއް ނެތެވެ. އެ ފިރިހެން މީހާ ތަންކޮޅެއް ފަލަކޮށް ، ބަނޑެއް ލާފައި ހުރި އިރު ތުނބުޅި ވެސް ފުދޭވަރަކަށް ދިގެވެ. އިސްތަށިގަނޑު ތުނިކޮށް ކޮށާފައި ވާއިރު އެއީ މީހުން މަރާ މީހެކޭ އެއްވެސް މީހަކު ނުބުނާނެއެވެ. ކުއްލިއަކަށް އެއީ އެމީހައޭ ބުނުމުން ނުކްޝާން އަށް ޤަބޫލު ކުރަން ދަތިވީއެވެ.”ތެދޭ.. އުހުނ ކިތަންމެ ނުލަފާ މީހަކު ވެސް އުޅެދާނެ ބަޔަކު ލޮލުގަ އަނދުން އަޅުވަން މީހުންނަށް ދެއްކެން..” ނީކިޔާ ކޮމްޕިއުޓަރަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ”ހްމްމް ވޭދާނެ..” ނުކްޝާން ވިސްނާލިއެވެ.”ސާރ އޭނަ މި އަތޮޅަކު ނެތް..” ކައިރީގައި ހުރި ފުލުސް މީހާ އެހެން ބުނުމުން ނުކްޝާން ޗޮކެއް ކަނޑާލިއެވެ.”ހާސް ނުވޭ.. ބަލާނަން އޭނަ ހޯދޭތޯ އިންޝާ ﷲ.. އެހެން ނޫނަސް ވަރަށް ބޭނުން ވީހާވެސް އަވަހަކަށް މި ކޭސް ނިންމަން… އެއީ އަމިއްލަ އަށް ނިންމަންޖެހޭ ވަރަށް މުހިންމު ކޭހެއް އެބަ އޮތް..” ނުކްޝާން ގޮނޑީގައި ލެނގިލިއެވެ.”ތިހެންވީރު ސަރ މި ކޭސް ދޫކޮށްލަން ވީ ނޫންތޯ..” އެމީހާ އަހާލިއެވެ.”ނޫނޭ އޯކޭ ވާނެ..” ނުކްޝާން އެހެން ބުނި އިރު އެ ކޭސް ދޫކޮށްލަން ވެސް ހިތަށް އެރިއެވެ. އެއީ ހަމްނާ އަށް އިތުރަށް އުނދަގުލެއް ވާން ނޭދޭތީއެވެ. ނަމަވެސް އެހާ ބުރަ މަސައްކަތްތުން މިހާ ހިސާބަށް އައިސްފައި ދޫކޮށްލާކަށް ނުކްޝާން ހިތް އެppއްބަހެއް ނުވިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



When nukiyaanan and yamha will love each other??……… By the way the story is fantastic ???
vrh avahah or maybe vrh las vx vedhaane ehnu??? nd thanks laisha ?✨☺️
Love the story… Kon irakun tha nukshaan aa yamha ge love story start waanee
hingaa balan dhw hehe ?✨?☺️ thanks star fire ❤️
konthaakattha navyaa men e furee rashah hama aisfa? I got confusedly
loving the amazing storyyyy